ލޯތްބަކީ މިއީ ކަމަށް ވާނަމަ އޭނައަށް މިލާން ދެކެ ލޯބިވެވިއްޖެއެވެ. އެހާވަރަށް ހިތުގެ ވިންދު އަވަސްވެ، ބުނަން ނޭގޭފަދަ ގޮތްތަކެއް ހިތަށްވަނީ އެހެންވީމަ ކަން ނޭގެއެވެ. ދާނިޔަލްގެ އަތްތިލަ ފިނިވާން ފެށުމުން އޭނަ ޖިންސްގެ ޖީބަށް އަތް ޖަހާލައިފިއެވެ. ދާނިޔަލް އިންތިޒާރުގައި ހުރެ ހުރެ ދިހަ މިނިޓްވީއިރުވެސް މިލާންގެ ޚަބަރެއް ނުވިއެވެ. ހިތް ބޭގަރާރުވިޔަސް ނަމާދު ކުރަން ހުއްޓާ އުދަގުލެއްކޮށްލާކަށް ދާނިޔަލް ބޭނުމެއް ނުވިއެވެ. އިރުއިރުކޮޅާ ފޯނުން ގަޑިއަށް ބަލައިލެވެއެވެ. ދާނިޔަލް ސިހުނީ ކުއްލިއަކަށް އެތަނަށް އައިޒާ އައިތަން ފެނިފައެވެ. ދެމީހުންނަށް ހައިރާންކަމާއިއެކު އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީ ކިޔަންވީ އެއްޗެއް ނޭގިފައެވެ. އެ މަންޒަރު ދެކެން ބެލްކަނީގައި ޖުވޭދާ ހުރެފައި ހީލިއެވެ. ގަޑިކިޔާފައި ދެމީހުން ގޭގެ ވަލުފަރާތަށް އައިސް ބައްދަލު ކުރުމަކީ ކިހާ ރީތިކަމެއްހެއްޔެވެ؟ ޖުވޭދާ ފޮޓޯއެއް ނަގާލާފައި އަވަހަށް ނިވާވެލައިފިއެވެ.

ދާނިޔަލް އައިޒާ ފެނުމުން ބާރަކަށް ހިނގާލާފައި ފަހަތު ފެންޑާއިން ގޭތެރެއަށް ވަނެވެ. ސާރާގެ ގެއަށް ވުމުން ދާނިޔަލްއަށް މިގޭގައި ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން ލިބިފައިވެއެވެ. ބައެއްފަހަރު ސާރާ އަމިއްލަ ދަރިންނަށް ވުރެން ދާނިޔަލްއަށް ޚާއްސަގޮތެއް ބަހައްޓާކަމުގައި ހީކުރެވޭފަހަރު އާދެއެވެ. ދާނިޔަލްގެ އެހެން ބޮޑުބޭބެއިންނާއި ބޮޑުދައިތަމެންނަށްވުރެ ސާރާ ޚާއްސަވެފައިވަނީ އެހެންވީމަކަން ނޭގެއެވެ. ނަމަވެސް ސާރާގެ ކުރީގެ ފިރިމީހާ ދާނިޔަލް ދެކެ ނަފްރަތު ކުރާކަން ދާނިޔަލް ދަނެއެވެ. ސާރާގެ އާއިލާ އާއި ދާނިޔަލް ދުރުން އުޅުނު ސަބަބަކީ އެއީއެވެ. ނަމަވެސް ސާރާ ނަދީމް އާއި ކާވެނި ކުރުމަށްފަހު ދާނިޔަލް މިގެއަށް އައުން ތަންކޮޅެއް ގިނަކޮށްލީއެވެ. އެހެންނޫނަސް މިލާން އުޅެންޏާ ނައިސް ހުރެވޭނެހެއްޔެވެ؟ 

ދާނިޔަލް ކާކޮޓަރިއަށް ވަދެ ފްރިޖް ހުޅުވައިލިތަނާހެން ސާރާ ކޮޓަރިއަށްވަދެ އުފާވެރިކަމުން ފުރިފައިވާގޮތަކަށް ހީލައިފިއެވެ. ފްރިޖް ބަރާވެފައިވަނީ ތަފާތު ވައްތަރުގެ ކާއެއްޗެއްސާއި ޗޮކްލެޓް، އައިސްކްރީމްފަދަ ތަކެތިންނެވެ.

"ޑެނީ، އެކަނިތަ؟ އިރާ ގެނައިނަމަ... ބްލައިންޑްވިޔޭ ކިޔާފައި އެކުއްޖާ ރޫމްގައި ބައިންދާކަށް ނުވާނެ..." ސާރާ ބަލަހައްޓައިގެން އިނީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ސާރާގެ އެ ލޯބި ދާނިޔަލް ކުޑަކުޑައިރުވެސް އިހުސާސްކުރެވެން ފެށިއެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް ދާނިޔަލް އަކަށް ނޭގެއެވެ. ނަމަވެސް ކޮންމެވެސް ކަމެއް އުޅޭކަން ދާނިޔަލް ދަނެއެވެ. އެހެންނޫންނަމަ ސާރާ ވަކިން ޚާއްސަ ނަޒަރަކުން އޭނައާއިމެދު ދެކެންވީ ސަބަބެއް ނޭގެއެވެ. ބައެއްފަހަރު ސާރާ އޭނައާއި ވާހަކަދައްކަމުން ގޮސް ފެންކަޅިވާތަން ފެނުމުން ދާނިޔަލް ހައިރާންވެއެވެ. އެހާ ޖަޒުބާތީ ވަނީ ކޮން ހަނދާންތަކެއް އާކޮށްފައިކަމެއް އޭނައަކަށް ލަފާކުރާކަށް ނޭގެއެވެ.

"ޝީ ހޭޓްސް މީ......" ދާނިޔަލް ސާރާ އާއި ވާހަކަދައްކާ އުޅެނީ ތަންކޮޅެއް ގާތްކޮށެވެ. ސާރާ ދާނިޔަލްއަށް ކޮފީހަދާދޭން ފެށިއެވެ. ނަދީމް ދުރުވީ ރިޒޯޓަކަށް ކަމަށާއި ރިވާންވީ ޑިއުޓީގައި ކަމަށް ވާތީ މިއަދު ގޭގައި ހަވީރު ސައިބޯނެ މީހެއް ނެތެވެ. އެހެންކުދިން ވީ ކާފަގެ ގޭގައެވެ. މިގޭތެރެ މިހާ ހިމޭންކޮށް ފެނުނު ސަބަބަކީ އެއީކަން ދާނިޔަލްއަށް އެނގުނެވެ. ހާދަ ރީތި ފުރުސަތެކެވެ. މިލާން އަދިވެސް ނަމާދުކޮށް ނުނިމެނީ ހެއްޔެވެ؟ އައިޒާ އެވަރލޭންޑަށް ދިޔައީބާވައެވެ. އޭނަ މިގޭގައި އުޅޭކަން އެނގުމާއިއެކު މިނިޓެއްވެސް ނަގާނުލައި އައިޒާ ފިލާނެކަން ޔަގީނެވެ. އޭނަގެ ހިތުގައިވާ އެއްޗެއް ނޭގެންޏާ އައިޒާ އޭނައަށް އިތުބާރު ކުރަންވީ ސަބަބެއްނެތެވެ.

"ތީ ކޮންކަހަލަ ކައިވެންޏެއްތަ؟ ހޭޓްކުރަންޏާ ތި ކައިވެނި ވަރަށް އަވަހަށް ރޫޅޭނެހެން ހީވޭ، ޑެނީއަށް އިރާ ކަމުނުދަނީތަ؟ އެހެންކުއްޖެއް ދެކެ ލޯބިވަނީތަ؟ ކޮއްކޮމެން ވެސް ފިލްމުކުޅެނީހެން ހީވޭ، ބޭބެއާއި ކޮއްކޮއަކު އެއް އަންހެންކުއްޖަކު ދެކެ ލޯބިވުމަކީ ރަނގަޅު ކަމެއްނޫން، ޑެނީ ތިކަން ހުއްޓާލާ....." ސާރާގެ ވާހަކަތަކުން ދާނިޔަލް ހުރީ ޝޮކެއް ލިބިފައެވެ. ޖުވޭދާ އެންމެން ގާތުގައި އޭނައާއި އައިޒާގެ ވާހަކަ ދައްކާ މުޅި އާއިލާއަށް އޭނަ ބަދުނާމު ކޮށްލައިފި އެވެ.

ދާނިޔަލްގެ ދެލޮލުން އަލިފާން ކަނި ބުރާލިއެވެ. ކޮފީ މަގުގައި ހިފެހެއްޓުނީ ތަންކޮޅެއް ބާރަށެވެ. ދާނިޔަލް އެއްޗެކޭ ބުނަން އުޅެނިކޮށް ޖުވޭދާ ދޮރުމައްޗަށް އެރިއިރު ހީވަނީ ކޯލްގެޓް އިޝްތިހާރެއްހެންނެވެ. 

"ޑެނީ، އަހަރެން ދެކުނިން އައިޒާ އާއި ދެމީހުން ވަލުފަރާތު މާގަހެއްގެ ދޮށުގައި ތުން ގުޅާލައިގެން ތިއްބާ. ޑެނީ އެކަން ހުއްޓާލަން ނުވޭތަ؟ އެނީވޭސް އަހަރެމެން ދެން މި މަންޒަރުތައް ނުފެންނަ ކަމަށް ހަދައިގެން ދެލޯމަރާލައިގެން ތިބެންވީ، އިރާ ޕްރެގް...... ލޯ އަނދިރިކުއްޖަކު ޕްރެގްކޮށްލާފައި ދާނިޔަލް ހުރިހާ އަންހެނުންގެ ފަހަތުން ދުވެ ދުވެ ހުރޭ........" ޖުވޭދާ އެހާ ބޮޑަށް ހިނިއައިސްފައި ހުރީ މިއަދު އިރާ ހޮޑުލަވާތީއެވެ. ދެތިން ފަހަރު ހޮޑުލެވުނު ގޮތަށް އެއްޗެއް އަނގަޔަކަށް ނުލިއެވެ. އެހެންނޫނަސް ޖުވޭދާއަށް ފަހުން ވަނީ ހަގީގަތް އެނގިފައެވެ. ރޭޕް ނުކުރާކަމަށް އިރާ ބުނީ ދާނިޔަލް ދިފާއުކުރަންކަން އެނގުނެވެ. އިރާ ބަލިވެއިންކަން އެނގުމުން ޖުވޭދާއަށް ހީވީ ދުނިޔޭގެ ރަސްކަން ލިބުނުހެންނެވެ. އިރުކޮޅެއްގެ ތެރޭގައި ޖުވޭދާވަނީ އާއިލާގެ އަންހެންވެރިންނަށް އެ ޚަބަރު އިއްވާފައެވެ. ދީނާ ހުރީ ހިތްހަމަނުޖެހިފައެވެ. އިރާ ދޮގުހަދާތީ ފޫހިވެފައެވެ. އިރާގެ ގައިގާ ދާނިޔަލް އަތްނުލާ ބަލިވެއިނީމަ ހައިރާންވާކަމަށް ދީނާވަނީ ޖުވޭދާ ގާތު ބުނެފައެވެ.

ދާނިޔަލް އަތުގައި ހުރި ކޮފީތަށި ފާރުގައި ޖެހުމުން ޑިޒައިންކޮށްފައިވާ ފާރުގައި ކޮފީކުލައިގެ ޗާޓެއްހެދުނެވެ.

"ޑެނީ......" ސާރާ ކަންބޮޑުވިއެވެ. 
"އައިމް ސޮރީ ....." ދާނިޔަލް ދާން ހިނގައިގަތްއިރު އަތް މުށްކެވިފައިވާތަން ސާރާއަށް ފެނުނެވެ.

"މައްސަލައެއްނެތޭ ޑެނީ ކޮންމެކަމެއް ކުރިޔަސް، އެކަމަކު ރުޅިމަޑުކޮށްބަލަ ޑާލިން....." ސާރާ ހުރީ ޖުވޭދާ އެގޮތަށް ވާހަކަ ދެއްކީތީ އިންތިހާއަށް ނުރުހިފައެވެ. ދޮންމަންމަ ކަމުގައިވިޔަސް ތަންކޮޅެއް ރީތިކޮށް ކުދިންނާއި ވާހަކަދައްކާނަމަ އެކުދިންވެސް އަދަބުވެރިވާނެކަން ޔަގީނެވެ. އެހެންމީހުންނަށް އިހުތިރާމް ކުރަން ނޭގޭމީހާއަށް އެހެން މީހުންގެ އިހުތިރާމެއް ނުލިބޭނެއެވެ. ޖުވޭދާއަކީ ސާރާގެ ރަހުމަތްތެރި އަކަށްވިޔަސް މިހާ ދުވަސްވީއިރު އެބައިވަނީ އޭނައަށް ނޭގިފައެވެ. ޖުވޭދާގެ މި ދިގު ދުލުގެ ސަބަބުން އާއިލާ ގަޑުބަޑުކޮށްލައިފި އެވެ. ދީނާގެ ރުޅިގަނޑަށްވުރެ ޖުވޭދާގެ ކަންތައް މާ ނުބަޔެވެ.

ދާނިޔަލް ބޮޑުދައިތަ ގޮވާލީމަ މަޑުކޮށްނުލާ ބާރަށް ހިނގާލަފައިގޮސް ކާރަށް އަރައިގެން ދުއްވާލައިފިއެވެ.

"ޖުވޭ، ޑެނީ އާއި އެގޮތަށް ވާހަކަ ދައްކައިގެން ނުވާނެއްނު..." ސާރާގެ މޫނުވަނީ ރަތްވެފައެވެ.

"ސާރާ، އަހަރެން ހުވާކޮށްފައި މިބުނީ އަހަރެންގެ ލޮލުން ދުށިން އެދެމީހުން އެއްތަނެއްގައި ތިއްބާ، މިފޯނުގައި މިހިރީ ހެކި....." ޖުވޭދާ ފޯނު ހުޅުވައިލުމުން ސާރާ މޫނު އަނބުރާލައިފިއެވެ. ދާނިޔަލް އާއި އައިޒާގެ ގުޅުމެއް އޮތަސް ނެތަސް އޭނައަށް ފަރުވާލެއްނެތެވެ. އޭނަ ބޭނުމީ ދާނިޔަލް އުފަލުން އުޅުމެވެ. އެހެންނޫނަސް ދާނިޔަލްގެ އަގު ވައްޓާލާފަދަ ގޮތަކަށް ވާހަކަދައްކައިގެން ސާރާއަށް ދެން ކެތެއްނުކުރެވޭނެއެވެ.

ދާނިޔަލް ކޮޓަރިއަށް ވަންއިރު ދީނާ އިނީ އިރާގެ ގާތުގައި ކުރުނބާތަށްޓެއް ބޯންދޭށެވެ. އިރާ ބާލީސްތައް ޖަހާލައިގެން އިށީދެލައިގެން އިންއިރު މޫނުވަނީ މިލާފައެވެ. އެ މުށިކުލައިގެ އިސްތަށިގަނޑު ހުޅިއެއް ޖަހާލާފައި އޮތުމުން އެކުޑަމޫނު ފެންނަލެއް ވަކިން މައުސޫމެވެ. ރީދޫކުލައިގެ ޓޮޕްކޮޅަކާއި ކަޅުކުލައިގެ ސޯޓެއްލައިގެން އިންއިރު ބާބީއެއްފަދަ ހިމައަތާއި ފައި ވަނީ ހާމަޔަށެވެ. އެހާ ވިދައެވެ. ދީނާ ދާނިޔަލްގެ މޫނަށް ނަޒަރު ހިންގާލުމާއިއެކު ދާނިޔަލް ހުރީ ރުޅިއައިސްފައިކަން އެނގުނެވެ. އިރާގެ ހާލު ފެނުމުން މިއަދު ދާނިޔަލްގެ ހިތަށް ރަހުމް ވަދެ އެ ގަދަ ރުޅި ފިނިވާން އިރުކޮޅެއް ނުނެގިއެވެ. ނިތްކުރީގައިވާ ރޫތައް ފިލާ ކުޑަކޮށް ހަމަޖެހިލިހެން ހީވިއެވެ.

"އިރާ ބަލިވީތަ؟ "ދާނިޔަލް އެނދުގެ ކާރީގައި ހުއްޓިލިއެވެ.
"ޖުވޭ ބުނީމަ އެނގުނީ އިރާ ޕްރެގްކަން، އިރާއަކަށް އެކަމެއް ޔަގީނެއް ނުވެޔޭ މިހާރު ބުނަނީ، އިރާ ކޮންފިއުޒްވެފައި ދޯ...." ދީނާގެ ހިތަށް ކުޑަކޮށް ހަމްދަރުދީވިއެވެ. އިރާއަށް ތާރީޚާއި ރޭދުވާ ވަކިވާކަމަކަށް ނުވެއެވެ. ދީނާ އެ ވާހަކަ ފަށާއިރަށް އެ ނޫ ދެލޮލުގައި ކަރުނަތިކިތައް ވިދަންފެށިގޮތުން ހިތަށްކޮށްފައިވާ އަސަރު ހާމަވިއެވެ.

"ކޮންމެ ދުވަހަކު މޯނިންގައި ހޮޑުލަވާހެން ހީވާތާ ޓޫ ޑޭސް އޭބުނިން، މިއަދު މާ ގަދަޔަށް ވޮމިޓްވާންފެށީ، ޕްރެގްކަމެއް ނޭގޭ... އަބަދު ކޮންޓްރަސެޕްޓިވް ޕިލްތައް ކަމުން އައީ...... އައިޒާ ގާތު ބުނެގެން ފަހުން ބޭސް ހޯދީ......" އިރާ އެނދުގެ އެއްފަރާތުގައި ވާ ވައްގަނޑެއް ހުޅުވައިލުމަށްފަހު ބޭސް ކާޑެއްނެގިއެވެ. ކޮންމެ ދުވަހަކު ކާކަމަށް ބުނެ އިރާ ދެއްކީ ވޮވެރަން ކިޔާ ތަދުކަނޑުވާލާ ބޭހެކެވެ. އައިޒާ ބޭސްގެނެސްދިނުމުން ވައްގަނޑުގައި ބަހައްޓާފައި އިރާއަށް ކާންފެށުނީ އޮޅިގެން ނުބައި ބޭހެވެ. ތަދުކަނޑުވާ ބޭސްގެނެސްދިނީ އިރާ ބޮލުގައި ރިއްސައިގެން އުޅުނު ދުވަހެއްގައެވެ.

"މި ބޭސްކެއީމަ ގޭސްޓްރިކް ވީކަން ނޭގޭ.." ދާނިޔަލް ގުދުވެލާފައި ބޭސްކާޑު އޮތްތާ ބޭއްވިއެވެ.

ދީނާ ގޮތްހުސްވެފައިވާފަދަ ގޮތަކަށް ބުމަ އަރުވައިލި އިރު ޒުވާން ފިރިހެން ދަރިފުޅާއި މެދު ހަމްދަރުދީވިއެވެ. އިރާފަދަ ލޯފަން ކުއްޖަކާއިއެކު މުޅި އުމުރު ހޭދަކުރަން ޖެހިފައިވާއިރު ހާދަ އުދަގޫވާނެއެވެ. އެހެންނޫނަސް ދަރިއެއް ލިބިއްޖެއްޔާ ދެން ވާނެގޮތެއް އެނގެނީއެއްނޫނެވެ. އިރާއަށް ދަރިއަކު ބެލޭނީ އަމިއްލަ ނަފުސަށް އަޅާލެވިގެން ނޫންހެއްޔެވެ؟ މިޒަމާނުގައި މެއިޑަކަށް އިތުބާރުކުރަން ހެޔޮނުވާނެއެވެ. ތިމާގެ މީހުންނާއިއެކު ދަރިން ދޫކޮށްލަން ބިރުގަންނަ ޒަމާނެކެވެ. އަބަދު ނޫސްތަކުން ފެންނަނީ ކޮންމެވެސް ކުޑަކުއްޖަކާއި ބެހިގެން އުޅޭ ވާހަކައެވެ. ގިނަފަހަރު ދަންނަ މީހުންނެވެ. އަމިއްލަ އަންހެންދަރި އަކަށް އެފަދަ ގޯނާއެއް ލިބެން އެދޭނީ ކޮން މަންމައެއް ހެއްޔެވެ؟ އަންހެން ދަރިއަކު ރަނގަޅު ގޮތުގައި ބަލާ ބޮޑުކުރި މަންމައަކު ސުވަރުގެ ވައްދަވާނެކަމަށް އޮންނަ ސަބަބަކީ އެއީއެވެ. އެއީ މިޒަމާނުގައި ނިކަން ބުރަ މަސައްކަތެކެވެ.

"އިރާ ސްވީޓީ، ކޮންޓްރަސެޕްޓިވް ޕިލްކަމަށް ހީކޮށް ކެއީ ތަދުކަނޑުވާ ބޭހެއް، އެހެންވީމަ އަމިއްލައަށް ބޭސްނުކައި ޑެނީގެ ހެލްޕް ހޯދާނަމަ، ނޫނީ ޔޫ ޝުޑް އާސްކް މީ... ޑެނީ ދެން މަމް ދަނީ، އިރާއަށް ޓްރީޓްކުރުން ދަރިފުޅާއި ހަވާލުވީ......." ދީނާ ތެދުވެ ދާނިޔަލްގެ އަތުގައި މަޑުމަޑުން ފިރުމައިލިއެވެ. ތުއްތު ދާނިޔަލްއަށް މަންމަ ފެނުނުއިރު މިވަނީ މަންމައަށްވުރެ އެތައް ތަނެއް ދިގުވެ ޒުވާން ފިރިހެނަކަށްވެފައެވެ. ރީތިކަމުން އެސްފީނާޖެހޭ ވަރުވެއެވެ. ދީނާ ފަޚުރުވެރި ކަމާއިއެކު ދަރިފުޅަށް ބަލާލާފައި ހިނިތުންވެލުމަށްފަހު ނުކުމެގެން ދާން ހިނގައިގަންނަމުން އައުމަށް އަތުން އިޝާރާތް ކޮށްލި އެވެ. ދާނިޔަލް މަންމަގެ ފަހަތުން ގޮސް އެ ފުޅާ ކޮރިޑޯރގައި މަޑުކޮށްލީ ރެއިލިންއަށް ލެނގިލަމުންނެވެ. ކޮރިޑޯރގެ ބިއްތަކުގައި ހަރުކޮށްފައިވާ ބައްތިތަކުގެ ރީދޫ އަލިން މުޅި ހިސާބު ހިސާރުކޮށްލާފައިވާއިރު މީރުވަސްދުވާ އުއްބައްތިއެއް ވިރެމުންދާ ވަހުން މީރުވަހެއް ނޭފަތުގައި ހިފައިލިއެވެ.

"ޑެނީ، މަންމަ ދުރަށް މިގެނައީ އިރާއަށް ނީއްވާ އެއްޗެކޭ ބުނެލަން، އިރާ ކިހާ ވަލްނަރަބްލް، އެކުއްޖާގެ ފީލިންގްސްތައް މަންމަމެންނަށް އަންޑަސްޓޭންޑްވާނީ އެ ހާލުގައި އެގޮތަށް އިނީމަ، އިރާ ބޭނުންވާނެ އެހެންމީހުންގެ އަޅާލުމާއި ލޯބި އަދި ސަޕޯޓް، މަންމަ ބުނަން މިއުޅޭ ވާހަކައަކީ އިރާއަށް ދެރަގޮތެއް ނަހަދާށޭ، އެކަމަކު ޔޫ ޝުޑް އެންޖޯއި ޓޫ، ޑެނީ ލޯބިވާ އަންހެންކުއްޖަކާއި އެކު އުޅުނަސް އެއީ މައްސަލައެއްނޫން، މިސްޓްރެސްއިން ގެންގުޅެވިދާނެ...." ދީނާގެ ފަލްސަފާއިން ދާނިޔަލްގެ ހިތަށް ލުޔެއް ނުލިބުނެވެ. މަންމަ ކިތަންމެ ހަމަޖެހިލާފައި އެކަން ހުއްދަކުރަން ހިތްވަރުދިނަސް އޭނަ ދެކޭގޮތުގައި އެއީ ބޭވަފާތެރިވުމެވެ. ތެދުވެރި މީހަކަށް ނުވެވުމެވެ. ނަމަވެސް އެބުނާހެން ލޯބިވާ އަންހެންކުއްޖާ ނުލިބުނީމަ އެހެން ފަރާތަކަށް ތެދުވެރިވެވިދާނެ ހެއްޔެވެ؟ މަންމަ ވާހަކަ ދައްކަން އިރުކޮޅަކު ހުރެލާފައި ދިޔުމުން ދާނިޔަލް ހުރީދުރުން ފެންނަން ހުރި އިމާރާތްތަކުގެ އަލިކަމަށް ބަލަހައްޓައިގެން މާޔޫސްވެފައެވެ.

އެންމެ ފަހުން ދާނިޔަލް ދެލޯމަރާލީ ހިތަށް ލިބިފައިވާ ނުތަނަވަސް ކަމަކުންނެވެ. މިލާން ހެދިގޮތާއިމެދު ހިތުގައި ޝަކުވާ އުފެދުނެވެ. ލީޑްކޮށްކޮށްފައި އެންމެފަހުން އެގޮތަށް ދުރަށްގޮސްގެން ވާނެހެއްޔެވެ؟ ބޭނުންނޫނިއްޔާ ރީތިކޮށް ޖަވާބެއްދެވިދާނެއެވެ. މިހާ އަވަހަށް ނާކާމިޔާބުވީ ކަމަށް ގަބޫލުކުރާކަށް އޭނަ ބޭނުމެއްނޫނެވެ. އޭނަ މަސައްކަތް ކުރާނެއެވެ. ބައެއްފަހަރު އަގުބޮޑު އެއްޗެއް ހާސިލުކުރަން އިތުރު ހިތްވަރު ބޭނުންވާނެއެވެ. ދާނިޔަލް ފުން ނޭވަޔެއް ދޫކޮށްލުމަށްފަހު އިރާގެ ކޮޓަރިއަށް ވަންއިރު މަންމަ ދެއްކި ވާހަކަތަކާއިމެދު ވިސްނައިލިއެވެ.

"އިރާ، ޕްރެގްވީމަ މުޅި ދުނިޔޭގައި އިއުލާން ކުރަމުން ހިނގަން ޖެހޭތަ؟ އަހަރެން ހީކުރީ އަހަރެމެންގެ ޕާސަނަލް ވާހަކައަކަށް ކަން ވާނީ....." ދާނިޔަލް އޭރު ރުޅިފިނިވެފައި ހުރުމުން ވާހަކަދެއްކީ ތަންކޮޅެއް ރީތިކޮށެވެ.

"ޑެނީ އައިމް ސޮރީ، އެކަމަކު ކޮންކްލޫޝަނަށް އައީ އަހަރެން އަމިއްލައަކަށް ނޫން، އަހަންނަށް ނޭގޭ އެންމެފަހަށް ޑޭޓް ޖެހުނު ދުވަހެއް، މަންމަ ޔަގީންކޮށްގެން އުޅުނަސް އެއްގޮތަކަށްވެސް އެނގެނީއެއް ނޫން ޕްރެގްކަން...." އިރާ އިނީ ނޭވާ ނުލެވިފައިކަން ދާނިޔަލްއަށް ފާހަގަ ކުރެވުނީ އެވަގުތުއެވެ. ބާލީސްތައް ޖަހައިގެން ކޮޅަށް އިނީ އެހެންވެއެވެ. ލޯއަނދިރިކުއްޖަކު އެހެން ބައްޔެއްގައި އުޅެންޏާ ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ބަލިކަށިވެދާނެއެވެ. 

"އިންހޭލަރ ޔޫޒް ނުކުރަނީތަ؟ " ދާނިޔަލް އެ ވާހަކަ ދައްކަން ޝައުގެއްނެތެވެ.

"އެ ހުސްވެފައި އޮތީ....." އިރާ ކުޑަކޮށް ކެއްސާލައިފި އެވެ. ޖުވޭދާއަކީ ކެތްގަދަ މީހެކެވެ. އިރާ އެހާ ބަލިވެއުޅެނިކޮށް ޚަބަރުހިފައިގެންގޮސް އެއިނީ ބޮޑުދައިތަ ކާރީގައެވެ. ޖުވޭދާ ނަފްސާނީ މައްސަލައެއް ހުންނަނީކަން ނޭގެއެވެ. އެހެންނޫންނަމަ އެ ފާޑަކަށް ޖުވޭދާ ނޫޅުނީހެވެ. ހިންދީ ސީރީޒްތައް ބަލަމުންގޮސް އެކަމަށް ދެވި ހިފާ ސިކުނޑީގެ މައްސަލައެއް ޖެހުނީކަމަށް ދާނިޔަލް ނިންމިއެވެ. ދާނިޔަލް އިރާ ނެބިއުލައިޒް ކުރުވާފައި އިރާ ޑޮކްޓަރަށް ދައްކަން ގެންދިޔައީ އެންމެ ބޭނުމެއްގައެވެ. ލޭ ޓެސްޓެއް ހައްދާއިރު ބަލިވެއިންކަން ޔަގީންކުރެވިދާނެއެވެ. އޭރު ދާނިޔަލްގެ ހިތްއޮތީ ތެޅިތެޅިއެވެ. ލޭ ޓެސްޓް ހަދަން ދީފައި އައިގޮތަށް ދާނިޔަލް އެކިކަންތަކުގައި އުޅުނުއިރު ދޭތެރެއަކުން މިލާންގެ ރީތި ސޫރަ އޭނަގެ ސިކުނޑިއާއި ކުޅެލާ އެފަރާތަށް އަނބުރުވާލައެވެ. މިލާން ކާމިޔާބުކުރެވިގެން ނޫނީ މިލާން އޭނަގެ ހިތުން ފިލައިގެން ނުދާނެއެވެ.

ދާނިޔަލް ސިޑިން އަރައިގެން އައިއިރު ކޮޓަރިއެއްގެ ތެރޭގައި މަންމަ އާއި ބައްޕަ އަދި ނަހުޔާންގެ ދެމަފިރިން ކޮންމެވެސް ކުޅިވަރެއްކުޅެން ތިބެ މާވަރަކަށް ހީފައި ވާހަކަދައްކާ އަޑުއިވެއެވެ. އެންމެންގެ ދިރިއުޅުން ހާދަ އުފާވެރިއެވެ. ދާނިޔަލް ބާކީވެފައި ހުންނަކަމުގެ އިހުސާސް ކުރެވުނެވެ. މަންމަ އާއި ނަހުޔާން އުޅެނީ މާ ގާތްކޮށެވެ. އެދޭތެރޭގައިވިހާ ގަނޑުފެންތައް ވިރިއްޖެއެވެ. ބައްޕަވަނީ މަންމަ ގެ "ކުށް" ހަނދާންނައްތާލާ މާފުދީފައެވެ. ނަހުޔާން އާއި އައިޒާ އުޅެނީ އަބަދު ލޯބިވެރިންފަދައިން އަތުގުޅުވާލައިގެންނެވެ. އެ އާއިލާ ތެރެއަށް ފިޓްނުވަނީ އޭނަ އެކަންޏެވެ. ދޮންމަންމަ ގެ އާއިލާ ތެރެއަށް އޭނަ ވައްދާފައި ބައްޕަވެސް އޭނަ ދުރުކޮށްލެއްވީއެވެ. ދޮންބެ އޭނަ އާއި އަނގައިން ބުނަނީއެއް ނޫނެވެ. ދާނިޔަލް ކޮޓަރިއަށް ވަންގޮތަށް ސޯފާގައި ދެފައި ދަމާލައިގެން އިންއިރު ސޯފާގެ އެއް އަތްގަނޑުމަތީގައި އަތް ވިއްދާލައިގެން ދަތްދޮޅީގައި އަޅުވާލާފައިވެއެވެ. އެ ރީތި ދެލޮލުން ކަރުނައިގެ އަސަރު ކޮންމެވެސް ވަރަކަށް ފެނުނެވެ.

އިރާ ފާޚާނާގައި ހުރެފައި ނުކުމެގެން އައިއިރު ދާނިޔަލް އެތާ އިށީދެލައިގެން އިންކަމެއް ނޭގުނެވެ. ދާނިޔަލް އާއި އަރާ ހަމަވީއިރު އޭނަ ދެފައި ދަމާލައިގެން އިނުމުން އިރާ އަޅައިގަތީ ފައިގައެވެ. އިރާ ލޯ އަނދިރިކަން ދާނިޔަލްއަށް ހަނދާން ނައްތައިލެވުނީއެވެ. އިރާ ބަންޑުން ގޮސް މާބްލް ތަޅުންމަތީގައި ޖެހުނުތަނާހެން ދާނިޔަލް ވަރަށް ފަސޭހައިން އިރާ ބިންމަތިން ނަގާފައި ސޯފާގައި ބޭންދިއެވެ. ދާނިޔަލް ހާސްވުމެއްނެތި އައިސްޕެކް ގެނެސް އިރާގެ ނިތްކުރީގެ ދުޅަވެފައިވާ ތަނުގައި އަޅާލަދޭންފެށިއެވެ. ދާނިޔަލް އެހާ ކާރީގައި އިނުމުން އިރާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ނިތްކުރީގެ ބަދަލުގައި ހިތުގައި ގަނޑުފެން އަޅާ ތެންމަމުންދާހެން ހީވިއެވެ. 

"ހީ ކެއަރސް އެބައުޓް މީ...." އިރާ ހިތާހިތުން ކިޔާލި އެއްޗެއް ނަމަވެސް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެއާއިއެކު ރަކިވިވަރުން ދުލުގައި ދައިގަނެވުނެވެ. ދާނިޔަލް ފެށީ ހޭށެވެ.

"ޕްރިޓެންޑް ކުރަނީކަން އަހަންނަށް އެނގޭ. އެހެންނޫނަސް ޑޮކްޓަރަކަށްވީމަ އަހަރެންގެ މަގާމުގައި ރޯޒާ ހުރިނަމަވެސް ކަންތައްކުރާނީ ތިހެންކަން އެނގޭ....." އިރާ ލަދުގަތްވަރު ފޮރުވަންވެގެން ވާހަކަ އޮޅުވާލިއެވެ.

"އައުޗް، އިޓް ހާޓްސް...... އަހަރެން އެހާ ނުލަފާތަ؟ އިރާވެސް އަހަންނާއި މެދު ދެކެނީ ތިގޮތަށްތަ؟ ހިތެއްނެތް އަނިޔާވެރިއެއް ކަމަށް........ " ދާނިޔަލް އޭރު އިނީ އިރާގެ ކުޑައަތްތިލަ އަތުގެތެރޭގައި ހައްޔަރުކޮށްލައިގެންނެވެ. އޭރު ވާރޭ ކުރިއަށްވުރެ ބޯކޮށްލައިފިއެވެ. އޮކްޓޫބަރ މަހުގެ ރޭތައް ވާރޭގެ ތެރޭގައި ނިމިގެންދަނީއެވެ. އިރާ ހަނދާންވީ ދާނިޔަލް އޭނައާއިމެދު ކަންތައްކޮށްލި ނިކަމެތިގޮތެވެ. އެހާ ވަރަށް އަނިޔާދީފައި ދާނިޔަލްގެ އަންބަކަށް ހެދުމަށްފަހުގައި އަދިވެސް ދާނިޔަލް ލޯބިވަނީ އެހެން މީހަކު ދެކެއެވެ. ދުވަހަކު އޭނަދެކެ ދާނިޔަލް ލޯބިނުވާނީހެއްޔެވެ؟ ވާރޭގެ ސަބަބުން އިރާ ބިރުވެރި ރެއެއްގެ ހަނދާން އާކުރިއިރު ދާނިޔަލްގެ ހިއްސުތައް ކޮންމެވެސް ވަރަކަށް ހޭލިއެވެ. މި ފިނިރޭގައި އޭނަ ބޭނުންވަނީ ބައިވެރިޔާ އާއި އެކުގައި ހިތްހަމަޖައްސައިލުމެވެ.

"އަހަންނަށް އިރާ ޗާންސެއް ދީބަލަ، އޭރުން އެނގިދާނެ އުފަލާއި ހިތްހަމަޖެހުމަކީ ދުނިޔޭގައި ލެއްވި އެއްޗެއްކަން..." ދާނިޔަލް އިރާގެނެސް އުނގުތެރެއަށް ލިއެވެ. އިރާ ކަންބޮޑުވެފައި ދާނިޔަލްގެ މޭގައި އަތްއަޅާފައި ކޮށްޕާލަން އުޅުނަސް އެ ބާރުގަދަ އަތުގެ ތެރެއިން ގުޑިއެއްނުލެވުނެވެ.

"ޑެނީ، އަހަރެންގެ މައްސަލައެއް އުޅޭކަން އެންމެ ރަނގަޅަށް އެނގޭނީ ޑެނީއަށް...... ޕްލީޒް..." އިރާ ލޯތްބާއި އަޅާލުން މާނަކުރަނީ އެގޮތަކަށް ނޫނެވެ. ދާނިޔަލް ހީކުރުވަން އުޅެނީ އެހެން އެއްޗެކެވެ. ދާނިޔަލް އިރާގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ހިމޭންވާން އެންގިއެވެ. އިރާ އެވަރުންވެސް ދާނިޔަލްގެ ޓީޝާޓުގައި ހިފާ ދަމައިގަތުމުން އިރާގެ މޫނަށް ހޫނު އެތިފަހަރެއް އަރައިގެން ދިޔުމުން އިރާއަށް ޝޮކެއްލިބުނެވެ. ދާނިޔަލް އެހާ އަނިޔާވެރި ވެދާނެ ކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ދާނިޔަލް އެހާ ރުޅިގަދަވާވަރުގެ ކަމެއް ކުރެވުނީއެއް ނޫނެވެ. ވީއިރު އޭނައަށް ޖިސްމާނީ އަނިޔާދިނުމުގެ ހައްގެއް ދާނިޔަލްއަށް ލިބިފައެއް ނުވާނެއެވެ.

"ތެދަށް ބުނަންޏާ ޔޫ އާރ ޔޫޒްލެސް، އަހަރެން ނޫން މީހަކު އިރާއާއި އެކީގައި އެންމެ ދުވަހެއްވެސް ވޭސްޓް ނުކުރާނެ، ފިރިޔަކަށް ކޮށްދޭންޖެހޭ އެއްވެސް ކަމެއްނުކުރެވޭއިރު އަހަރެން ބޭނުންވާ ކަމެއްކޮށްދެވެނީ އެއްނޫން، ތިއަށްވުރެ މާ ރަނގަޅުވާނެ އަމިއްލައަށް މަރުވިޔަސް......" ދާނިޔަލް ރުޅިގަދަވެފައި ހުރެ އިރާ އެނދުމައްޗަށް ހޫރާލާފައި ނުކުމެގެން ދާން ހިނގައިގަތުމުން އިރާއޮތީ ހިރިލާން ނުކުރިފައެވެ. ދާނިޔަލް އަށް އެހާ ނުވިސްނެނީ ކީއްވެބާވައެވެ. އިރާ ހިތްވަރުކުރިއެވެ. ލޮލުން އެންމެ ކަރުނަތިއްކެއް ވައްޓާނުލާ ސީލިންއާއި ދިމާލަށް އެރީތި ދެލޯ ހުއްޓާލައިގެން އޮވެވުނީ ކިހާއިރެއްވާންދެން ކަމެއް ނޭގުނެވެ. ދާނިޔަލް އަށްޓަކައި އެ ހިތުގައި ވިންދު ޖެހިނަމަވެސް ބައެއްފަހަރު ދާނިޔަލްދެކެ ނަފްރަތު ކުރެވޭހެން ހީވެއެވެ. ދާނިޔަލްއާއި ދުވަހަކު އަނގައިން ނުބުނާނަމޭ ހިތަށް އެރިއެވެ. މިގެއިން ނިކުމެގެން ފިލައިގެން ދާންވީއެވެ. އޭނައާއި ހެދި އެއްވެސް މީހަކަށް އުދަގުލެއްނުވާ ހިސާބަށް ގޮސް އެކަނިމާއެކަނި ފަޅުރަށެއްގައި މަރުވާންދެން އުޅޭނީއެވެ.

ގަޑި ވޭތުވެގެން ދާގޮތެއް ނޭގުނެވެ. ވާރޭ ހުއްޓާލުމަށްފަހު އިވެމުން ދިޔައީ އޭސީގެ މަޑު އަޑެވެ. ތަންކޮޅެއް ދުރުން ލަވައެއް ޖަހާލާއަޑު އިވުނެވެ. އެހެންއޮންނަތާ ގަޑި ދެގަޑިއިރު ނުވާކަމެއް ނޭގެއެވެ. އެކިއަޑުތަކަށް ކަންފަތް ހުޅުވާލައިގެން އޮތްވާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ދާނިޔަލްގެ ފިޔަވަޅުގެ އަޑުއިވުނެވެ. ދާނިޔަލް މަޑުމަޑުން އައިސް އެނދާއި އަރާހަމަވިއިރު އިރާ އޮތީ ދެލޯ މަރާލައިގެން ނިދާކަމަށް ހެދިގެންނެވެ. ދާނިޔަލް އިރާގެ ގައިމަތީގައި ކުއިލްޓް ރީތިކޮށް އަޅާލަދީފައި "ސޮރީ އިރާ" އޭ މަޑުމަޑުން ބުނެލިއެވެ.

"އަހަރެން ނުޖެހޭނެ އެގޮތަށް އިރާގެ މޫނުމަތީގައި ޖަހާކަށް، އަހަންނަށް ބައެއްފަހަރު އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ނުކުރެވޭ، އެހާ ރުޅިގަދަވޭ، ބޭނުންވާކަމެއް ނުކުރެވުނީމަ އަހަރެން މޮޔަވަނީކަން ނޭގޭ، އައިމް ނޮޓް މައިސެލްފް...... ވެދާނެ އެ މިލާންގެ ފަރާތުން ޖަވާބެއް ނުލިބޭތީކަމަށް..." ދާނިޔަލް ހިތާހިތުން ވާހަކަދައްކާލާފައި ފާޚާނާއަށް ވަދެއްޖެއެވެ. އިރާ އަނެއްފަރާތަށް ފުރޮޅުނުގޮތަށް ލޮލުގައި ގިނަވިކަރުނަތައް ފޮހެލައިފިއެވެ. ދާނިޔަލް މާފަށް އެދުނީމަ ހިތަށް ނޭގޭފަދަ އަސަރެއްކުރުވިއެވެ. ދާނިޔަލް ރަނގަޅުވާނެ ނަމައެވެ. އޭނަދެކެ ލޯބިވާނެނަމައެވެ. އެފަދަ ދުވަހެއް އަތުވެއްޖެއްޔާ އެކަނި އެލޯބީގެ ބާރުގައި އޭނައަށް އުފަލާއި އެކު ދިރިހުރެވިދާނެއެވެ. ދުވަހަކު ތަނެއް ނުފެނުނަސް އޭނައަށް ހެޔޮއެވެ. ނަމަވެސް އެފަދަ ނަސީބެއް ލިބިދާނެބާވައެވެ. އޭނައަށް ލިބިފައިވާ ސައިކޮލޮޖިކަލް މައްސަލަ ރަނގަޅުވެ ދާނިޔަލް ބޭނުންވާ ކޮންމެ ކަމެއްކޮށްލަދެވޭނެ ދުވަހެއް އަންނާނެބާވައެވެ.

"އައި ލަވް ޔޫ ޑެނީ.. އަނިޔާކުރިޔަސް އަހަންނަށް ލޯބިވެވުނު އެކަނި އިންސާނަކީ ތިއީ، ކިހިނެއް ކެތްކުރާނީ؟ ޑެނީ އެންމެ ފަހަރަކުވެސް އަހަރެން ދެކެ ލޯބިވަމޭ ބުނެބަލަ، އަހަރެން ގަބޫލުކުރާނަން އަހަރެންހާ ނަސީބު ރަނގަޅު އަންހެންކުއްޖަކު މި އުޑު ހިޔާދަށުގައި ނުވާނެކަމަށް....." އިރާ ވިސްނިއެވެ. ވަރުބަލިވެ އެސްފިޔަތައް މެރެމުންދިޔައިރު ސިކުނޑީގައި ކުރެހިފައިވަނީ ދާނިޔަލްގެ ރީތި ސޫރައެވެ.

ދީނާ މިލާން ބަލާ އައުމުން މިލާން ހުރީ ކުރާނެކަމެއް ނޭގިފައެވެ. މިހާ ދުވަސްކޮށްލާފައި ދީނާ އޭނަގެ މަތިން ހަނދާންކުރަންވީ ސަބަބެއް ނޭގުނެވެ. ނަމަވެސް އެހާވަރުން އަމިއްލައަށް ކާރުގައި ބަލާ އައުމުން ތައްޔާރުވެލައިގެން ގޮސް މިލާން ކާރުގެ ކުރިއަށް އަރައިފިއެވެ. މިލާން ލައިގެން ހުރީ ތަންކޮޅެއް އާދައިގެ ލޯޝަނެއްކަމުގައި ވިޔަސް ކާރުތެރޭގައި ލުއި މީރުވަހެއް ހިފާލިކަން ދީނާ ފާހަގަކުރިއެވެ. ދީނާ ކާރުދުއްވަމުން ދިޔައިރު މިލާން ގާތުން ކޮލެޖްގެ ޚަބަރު އޮޅުން ފިލުވިއެވެ. ސައިކޮލޮޖީއަކީ ޝައުގުވެރިވާފަދަ އެއްޗެއްކަމަށާއި ދީނާ ޑިގްރީއެއް ހެދީ ސައިކޮލޮޖީއިންކަމަށް ބުނުމުން މިލާން ހައިރާންވިއެވެ. ދީނާ ކާރުމަޑުކޮށްލީ ޝޮޕިން ސެންޓަރަކަށެވެ. މިލާން ގޮވައިގެން ވަދެ އަންހެންކުދިންގެ ޑިޒައިނަރ ހެދުންތައް ހުރި ދިމާލަކަށްގޮސް ދީނާ އަމިއްލައަށް މިލާންއަށްޓަކައި ދެތިން ހެދުން ހޮވިއެވެ. އަތުކުރީގައި އަޅާ ކެވެލިކޮޅަކާއި ގަޑިއެއް ގަނެދިނެވެ. ދީނާގެ މި އަމަލުން މިލާންގެ ހިތް ބިރުގަންނަ ގޮތްވިއެވެ. ދީނާއަކީ އޭނަގެ މީހެއްނޫނެވެ. ހިލޭމީހެއްގެ އަތުން އެއްޗެހި ހޯދީމަ ފަހުން ދުވަހަކުން އޭގެ ބަދަލު ދޭންޖެހިދާނެއެވެ.

ދެމީހުން ބާޒާރުކުރަން އުޅެނިކޮށް ބޯކޮށް ވާރޭވެހިގަތުމުން ދީނާ މިލާން ގޮވައިގެން އަވަހަށް ގެއަށް ދާން ނިންމިއެވެ. އޭރު ރޭގަނޑު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ދީނާ ކާރު އެވަރލޭންޑަށް މަޑުކޮށްލުމުން މިލާން ފައިބާކަށް ނޫޅުނެވެ. ދީނާ އެންގީ މިރޭ މަޑުކުރާނީ މިގޭގައި ކަމަށެވެ.

"ސާރާ ރުޅިދުރުވާނެ......" މިލާން ބަހަނާއެއް ދެއްކިއިރު އޭނަގެ ހިތް ހީވަނީ ދިރޭރަހަފޮދެއްހެންނެވެ. މިގެ ފެނުނީމަ ހިތަށް ހާދަގޮތްގޮތްވެއްޖެއެވެ. ގަނޑުވަރެއްފަދަ މި ވަރުގަދަ ގޭގެ އިމާރާތުގެ ހައިބަވަންތަކަން އެއްފަރާތް ކޮށްލާފައި ވާރޭވެހެމެންދާއިރު ދުރުން ފެންނަނީ އަދި ހުވަފެނީކޮށެވެ. މިލާން ހިތަށް ވިސްނައިދޭން ބޭނުންވީ ގެ ފެނިގެން ވިގޮތެއްކަމުގައެވެ. ނަމަވެސް އެހެނެއްނޫނެވެ. ހުރިހާވެސް މައްސަލައަކީ ދާނިޔަލްއެވެ. ދާނިޔަލް އާއި ދިމާވެދާނެތީއެވެ. ދާނިޔަލްގެ ރުޅިއާއި ކުރިމަތިލާން ނުކެރޭނެތީއެވެ.

"ސާރާއަކީ ގާޑިއަންތަ؟ ޑޯންޓް ވޮރީ މައި ޑިއަރ، ސާރާ އަހަރެން ގުޅާފައި ބުނާއިރަށް ހުއްދަދޭނެ....." ދީނާ މިލާންގެ އަތުގައި ހިފާފައި ކާރުން ބޭލުވުމުން އޭނަ މަޖުބޫރުވެގެން ފޭބިއިރު ހަށިގަނޑު ފިނިވެގެންގޮސް ހީވަނީ އެހެންކަމެއްހެންނެވެ. ބެލްކަންޏާއި ދިމާލަށް ބަލައިލެވުނީ ކޮންފަދަ ބާރެއްގެ ސަބަބުންކަމެއް ނޭގެއެވެ. ކުޑަކޮށް އަނދިރިކޮށްފައިވާ ބެލްކަނީގައި ހިޔަންޏެއްގެ ގޮތުގައި ފެނުނަސް އެއީ ދާނިޔަލްކަން މިލާން ދެނެގަތެވެ. އޭނަގެ ހިޔަނިވެސް އެހާ ރީއްޗެވެ. އަނިދިރީގެ ތެރެއިންވެސް އެ ލޮލުގެ ތޫނުކަން މިލާންގެ ހިތް ފޫއަޅުވައިލިއެވެ. ފައި އޮޅޭގޮތްވުމުން މިލާން ހަށިގަނޑު ސަމާލުކޮށްފައި ފުން ނޭވަޔެއްލިއެވެ. ދާނިޔަލް ފެނުނީމަ އޭނަގެ ހިއްސުތަކަށް ބާރު ފޯރުވޭވަރެއްނުވެއެވެ. ހީވަނީ ވެމްޕަޔެއް ފަދައިން ވިސްނުމާއި ކުޅެލާހެންނެވެ. މިލާންގެ ކޯތާފަތުގައި ބީހުނު ވާރޭގެ ތިކިތަކާއިއެކު ލޮލުގައި ކަރުނަ ހިނގާލިއެވެ. ދީނާ އޭނަ ދެވަނަފަހަރަށް މިގެއަށް ގެންނަނީ ކޮންކަމެއް ތަކުރާރުކުރުވަން ހެއްޔެވެ؟ އޭނަ ކުށްވެރިކުރަންބާވައެވެ. އޭނަ މިދިރިއުޅުމުގެ ތެރެއަށް ވައްދައިގެން ތޫފާނެއް އުފައްދަން ބާވައެވެ. ބާރު ވަޔާއިއެކު ވަށައިގެންވާ ގަސްތަކުގެ ގޮފިތައް ވިހުރުވިގަތެވެ. އަނބުގަހުގެ ގޮފިތަކާއި، އަނބުކޯނިތައް ފުރާޅުމަތީގައި ތެޅިގަތުމާއިއެކު ކިޔާލި އަޑުފަށްގަނޑަކުން މިލާން ބިރުން ދެލޯ ބޮޑުކޮށްލައިފި އެވެ.

މިލާން ލިފްޓުން މަތީބަޔަށް އަރާ ބެލްކަންޏަށް ނަޒަރުހުއްޓާލިއިރު އެތަން ވަނީ ހުހަށެވެ. ދީނާ ކޮތަޅުތަކުގައިވާ ހެދުންތައް ޗެކްކޮށްލަން އެދުނެވެ. އަދި ތިރިއަށްގޮސް ކެއުމަށްފަހު ހޫނު ޗޮކްލެޓެއް ނަމަވެސް ބޯލައިގެން ރަނގަޅަށް ނިދާލަން އެދިފައި ދީނާ ތިރިއަށް ދާން ހިނގައިގަތެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި ދުވަސްކޮޅަކަށް މިލާން މިގޭގައި ހުރެއްޖެއްޔާ ދާނިޔަލްގެ ހިތަށް ލިބޭ ހަމަޖެހުމަކަށް ވެދާނެއެވެ. ހަގީގަތުގައި ދާނިޔަލްގެ ހަޔާތަށް އައިސްފައިވާ ދެއަންހެންކުދިން ކަމަށްވާ އިރާ އަދި މިލާން އަކާއި ދީނާ ނުރުހެއެވެ. އެކުދިންގެ ހުރިހާ ޝަރުތުތައް ފުރިހަމައެއް ނޫނެވެ. އަލީޒާ ނޫނީ މަހާ ފަދަ ކުއްޖަކާއި ގުޅުނުނަމަ ދީނާ އުފަލުން މޮޔަވީހެވެ. މިލާންފަދަ ބައްޕައެއްނެތް އަންހެންކުއްޖަކާއި ދާނިޔަލް ކައިވެނި ކުރުމަކީ ދީނާ ފުރާނަ ހުރެގެން ހުއްދަ ދޭނެކަމެއް ނޫނެވެ.

މިލާން އިރުކޮޅެއްވާންދެން ވާރޭގެ ހިތްގައިމު އަޑުއަހާލަން އޮވެފައި ބޭރަށް ނިކުމެ އަނދިރިކޮށްފައިވާ ކޮރިޑޯއާއި ދިމާލަށް ބަލަންފެށިއެވެ. ދާނިޔަލްގެ ހިލަމެއްނުވިއެވެ. ހީވަނީ މުޅިގެ ނިދާލާފައިވާހެންނެވެ. މިލާން ދެތިން ފިޔަވަޅުކުރިއަށް އެޅިތަނާ ދާނިޔަލް ގެ ކޮޓަރީގެ ދޮރު ހުޅުވައިލުމުން މިލާން ސިހުނުވަރުން ކުޑަކޮށް ހަޅޭއްލަވައިގެންފާ ދުއްވައިގަނެވުނީ ކޮޓަރިއާއި ދިމާލަށެވެ. ދާނިޔަލް މާ ހުޝިޔާރެވެ. މިލާން ކޮޓަރީގެ ދޮރު ލައްޕާލަންވާއިރަށް އެދޭތެރެއަށް އަތްލައްވާ ދާނިޔަލް ދޮރުލެއްޕުނަނުދީ ހިފެހެއްޓިއިރު އެ ރީތި ދެލޮލުގައި ނަށަނަށާހުރީ ލާނެތްކަމެވެ. ފަނޑު އަލީގެ ތެރޭގައި ދާނިޔަލް ފެންނަނީ ވަކިން ރީތިކޮށެވެ. ގަމީހުގެ މަތީގޮށްތައް ނާޅުވާ ހުރުމުން އެ ތަނަވަސް މޭމަތީގެ ރީތިކަން ވަނީ ހާމަޔަށެވެ. އިސްތަށިގަނޑު ވިހުރުވެމުންދާ ގޮތަކުން އަތް ހިންގާލަން ނޭދޭނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ ސެންޓުގެ މީރުވަހުން މިލާންގެ ހިއްސުތައް ހަލަބޮލިކުރުވިއެވެ.

"ޑެނިއަލް، މީހަކަށް ފެނިދާނެ... ގޯ އަވޭ ޕްލީޒް...." މިލާން ހުރީ ފިނިވެފައެވެ. 

ކޮމެންޓް 0