މިލާން ތެޅިތެޅިވާ ހިތަކާއި އެކުގައި ދޮރު ތަޅުގައި ހިފާ އަނބުރާލާފައި ރަކި ހިނިތުންވުމެއްގައި ހުރެ ނިކުތުމާއި އެކު މިލާންގެ ތުންފަތްމަތީގައިވި ހިނިތުންވުން ވަގުތުން ފިލައިގެން ހިނގައްޖެއެވެ. އެ މުށި ދެލޯ ބޮޑުކޮށްލަމުން ވަށައިގެން ހޯދައިލެވުނީ ކަންބޮޑުވެފައިވާ ފަދަ ގޮތަކަށެވެ.

"ވެއަޒް ހީ...." މިލާންގެ ހިތުގެ ތެޅުން މަޑުވެއްޖެ އެވެ. އެއީ ހޭލާ ހުރެގެން ފެނުނު ހުވަފެނެއް ބާވައެވެ. ދާނިޔަލް ދެކެ ލޯބިވާލެއް ބޮޑުކަމުން ހޭލާ ހުރެގެން ވެސް ހަގީގަތެއްހެން ހީވާ ފަދަ ގޮތަކަށް ދާނިޔަލް ކައިރިއަށް އައީކަން ނޭނގެއެވެ. ނަމަވެސް ސުދާގެ ސެންޓްގެ ގަދަވަހުގެ ތެރެއިން ވެސް ދާނިޔަލްގެ މީރުވަސް މިލާންގެ ނޭފަތާއި ހަމަޔަށް ފޯރިއެވެ. އެއްފަރާތުގައި ހުރި ފިހިގަނޑުން ވެސް ހެކިދެނީ ދާނިޔަލް އައިކަމެވެ.

"މިލް ދެލޯ ތަންމިނަށް ހުޅުވާލައިގެން ބަލާގޮތުން ހީވަނީ ޔޫ ވެންޓް ކްރޭޒީހެން...އާރ ޔޫ އޯކޭ ޑާލިން..." ގެއަށް ވަން ސުދާ ދަބަސް އެއްފަރާތުގައި ބެހެއްޓިއެވެ. އަރާފައިވާ ހައިހީލްގެ ސަބަބުން ދެތިން އިންޗި ދިގުކަމަށް ދައްކާއިރު މޭކަޕްގެ ސަބަބުން މަސްނޫއީ ގޮތެއް މޫނުމަތީގައިވެ އެވެ. 

"އަމް....އައިމް އޯކޭ އެކަމަކު.....ސުދާ ވަންއިރު ދޮރު ހުރީ ހުޅުވާފަތަ؟" މިލާން ހިންދިރުވާލި އެވެ.
"ލޮކްޑް....ލުކްސް ލައިކް ޔޫ ހޭވް ސީން އެ ގޯސްޓް....." ސުދާ ހޭން ފެށިއެވެ. ސުދާ އިނގިރޭސިކަމުން ބޮލަށް އުނދަގޫ ވެފައި ހުރެ މިލާން އެތާހުރި ސޯފާ ސެޓްގައި އިށީންދެއްޖެ އެވެ. މިވެސް ދީނާ ހަދިޔާކޮށްފައިވާ ސޯފާއެކެވެ. ގޭތެރޭގައި ޒަމާނީ ފަރުނިޗަރެއް ވާނަމަ އެކަމުގެ ޝުކުރު ދީނާއަށް އަދާކުރުން ހައްގެވެ. މިލާން މޮޅިވެރި ގޮތަކަށް އިންއިރު އޭނަ އިނީ ކަމެއް ކުރާހިތް ނުވެފައެވެ. ސާރާގެ ގެއަށް ދާހިތް ވެސް ނުވެފަ އެވެ. މިހާރު މިގޭގެ ތިރީބައިގައި އުޅޭ މީހުންގެ ސަބަބުން ގެ ވަނީ ތަންކޮޅެއް އަމާން ތަނަކަށް ވެފަ އެވެ. އެންމެ ތިރީބައިގެ ކޮޓަރިއެއްގައި ސިފައިންގެ ކުދިންކޮޅެއް އުޅޭތީ ސުދާ ބުނާގޮތުން ވަރަށް ރައްކާތެރި އެވެ. އޭނަ މަގުން ފެންނައިރަށް ދޮރުމަތީގައި ތިބެ އެކުދިން ބެހިލާކަމަށް ސުދާ ފޮނިވެލާފައި ބުނެލައެވެ. ސުދާ އެހާ މޭކަޕަށް ލޯބިކުރަނީ ފިރިހެންކުދިންގެ ޝައުގު އަތުލަން ބާވައެވެ. މިލާން ވިސްނައިލި އެވެ. އޭނަ ހާދަ ތަފާތެވެ. އޭނަގެ ރީތިކަން ދާނިޔަލް ފިޔަވާ އެހެން މީހަކަށް ދައްކަން ބޭނުމެއް ނުވެއެވެ. މޭކަޕްކޮށްލާ ރީތި ހެދުން އަޅާލާހިތް ވަނީ ހަމައެކަނި ދާނިޔަލްއަށް ޓަކައެވެ.

ދާނިޔަލްއަށް ގުޅާލަން ނުކެރި ފޯނަށް ބަލަހައްޓައިގެން އިންދާ މެސެޖެއް ލިބުމުން މިލާންގެ ހިތް ފުންމައިގަތެވެ.
"ސޮރީ ގާލް، ސަމްތިން ކޭމްއަޕް އެހެންވެ އައީ، ވިލް ކޯލް ޔޫ ބެކް..." ދާނިޔަލްގެ ކުރު މެސެޖް މިލާން ހިތުގެ ފުންމިނުގައި ރައްކާކުރި އެވެ.

ސުދާ ފާޚާނާ އަށް ވަނީމަ މިލާން އަލަމާރި ހުޅުވާލާފައި ވަތްގަނޑުތައް ދެވަނަ ފަހަރަށް ޗެކް ކުރިއެވެ. މަންމަގެ ލިޔުންކޮޅެއް ފެނޭތޯ އެތަންމިތަން ހޯދިއެވެ. ސުދާ އިރުކޮޅަކުން ޕެޓީ އަކާއި ސޯޓްކޮޅެއް ލައިގެން ހުރެ ދޮރު ހުޅުވައިލި އިރު ޖެހިގެން ހުރި ގޭގެ ބެލްކަނީގައި ކިތަންމެ ބަޔަކު އުޅުނަސް ސުދާ އަށް ފަރުވާލެއް ހުންނަ ކަމަކަށް ނުވެއެވެ. ދޮރު ހުޅުވާލާފައި ހުއްޓަސް އޭނަ ހެދުން ބަދަލުކުރަން އުޅެފާނެ އެވެ. މިލާން ހުންނަނީ ސުދާ އުޅޭގޮތުން ހައިރާން ވެފައެވެ.
"ޑާލިން ކޮންމެވެސް އެއްޗެއް ކައްކަދީފާނަންތަ؟ ހައިވެފައި މިހިރީ، މިއަދު މިލާ އޮފްވީމަ އަހަންނަށް އެނގޭ އަރާމުގައި ކާލެވޭނެކަން..." ސުދާ ތެލިތަކުގެ މަތި ހިއްލާލުމާއި އެކު މޫނު އަލިވެގެން ދިޔައެވެ. ސުދާ އަމިއްލަ އަތުން ކެއުމުގެ ބަދަލުގައި މުޅިން ވެސް އުޅެނީ މިލާންގެ ފަރާތުން އެއްޗެހި އަތުލައިގެންނެވެ. ފަހުން ދޭން ލާރި ހޯދި އަދަދެއް ނޭނގެ އެވެ. 

ސުދާ މާ ވަރަކުން އޭނަގެ ދަބަސް ތަޅުލައިގެން އުޅޭކަން މިލާން ފާހަގަކުރި އެވެ. އަނެއްކާ އޭގައި ޑްރަގް ހުރެދާނެ ބާވައެވެ. ސުދާގެ އާއިލާގެ ނުރައްކާތެރިކަން އެނގިފައި އޮތީމަ ފާޑު ފާޑުގެ ޝައްކު ކުރެވޭތީ މިލާން ދެރަވެ އެވެ. ސުދާގެ އާއިލާ ނުބައިވިޔަސް ރަނގަޅު ކުއްޖެއް ހުރެދާނެތާ އެވެ. ނަމަވެސް ސުދާގެ އުޅުން ހުންނަ ގޮތުން މިލާން ހުންނަނީ ބިރުގެންފަ އެވެ. ރޭގަނޑު ގެއަށް ފިރިހެނުން ގެންނަ ކަމާއި މެދުގައިވެސް އޭނައަށް ޝައްކެވެ. އެގޭގައި ސުދާ އާއި އެކުގައި ނޫޅެވޭނެ އެންމެ ބޮޑު ސަބަބަކީ އެއީއެވެ. މިލާން ކޮނޑުގައި ދަބަސް އަޅުވައިގެން ބޭރަށް ދާން ތައްޔާރުވި އެވެ.

"މިލާ، އަމިއްލަ ގެއެއް ހުއްޓާ މުއްސަދިން ކައިރީގައި އަޅުވެތިވެގެން ހުރުމަށް ވުރެ ނިކަމެތި ގެ ގަނޑެއްގައި އިއްޒަތުގައި އުޅުނީމަ މާ ހިތްހަމަޖެހޭނެ، މިގޭގައި މިލާއަށް ވެރިކަން ކުރެވޭނެ.. މިއީ މިލާގެ އޯން ޕްލޭސް....." ސުދާ ހީގަނެފައި ބުނެލިއެވެ. މިލާން ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައި ހިމޭންވި އެވެ. ސުދާގެ ގާތުގައި ހުރިހާ ވާހަކަ ތަކެއް ބުނާކަށް އޭނަ ނުޖެހޭނެ އެވެ. އިރުކޮޅެއް ފަހުން ފެނުނީ ސުދާ ވީޓް ހެއަރ ރިމޫވް ކްރީމް ހިފައިގެން އައިސް ފައިގާ ހާކަން ފެށިތަނެވެ.

"މިލާގެ ފައި ތިހާ އޮމާންވީ ކޯންޗެއް ލައިގެންތަ؟ ހާދަ ރީއްޗޭ، އިންކްރެޑިބްލް.....ވެކްސްކުރީތަ؟ މަވެސް ބޭނުން ފުލް ބޮޑީ ވެކްސްއެއް...." ސުދާ ހުވަފެނީގޮތަކަށް ބުނެލައިފި އެވެ. ސުދާގެ ދުވާލު ހުރިހާ ވަގުތެއް ހޭދަކުރަނީ ރީތިވުމުގެ ކޮންމެވެސް ކަމެއް ކުރުމުގަ އެވެ. ޓްވީޒަރ ހިފައިގެން މޫނުގެ ބިހިތައް ކޮށްޓަން ނޫނީ ނިޔަފަތީގައި ކިއުޓެކްސް ޖައްސަން ފަދަ ކަމެއްގައި އިންދާ ނޫނީ މީހަކަށް ނުފެންނާނެ އެވެ. މިލާންގެ ރީތިކަން ފެންނަ ކޮންމެ ފަހަރަކު ހަސަދައިގެ އަލިފާންގަނޑު ހިތުގައި އަނދަން ފަށައެވެ.

މިލާން ސުދާއާއި ވާހަކަދައްކާލަން އިނދެފައި ގެއިން ދާން ނުކުތް އިރު ފޯނަށް ބަލައިލެވުނެވެ. ފޯނު ޗެކްކޮށްލެވުނު އަދަދެއް ވެސް ނޭނގެ އެވެ. މަގުމަތިން ކާރެއް ފެނުނަސް ބަލައިލެވެނީ ދާނިޔަލް އަށް ވެދާނެ ކަމަށެވެ. އިސްކޮޅުން ދިގު ސްމާޓް ޒުވާނެއް ވެއްޖެއްޔާ ބަލައިލެވެ އެވެ. ނަމަވެސް އެއީ ދާނިޔަލް އަށް ނުވާނެކަން އެނގެއެވެ. ދާނިޔަލްގެ ހުންނަނީ ޚާއްސަ ރީތި ކަމެކެވެ. ކޮޓެޖްގެ މަގު ކައިރިން ލާފައި ދަމުން މިލާންގެ ފިޔަވަޅުތައް ކުޑަކޮށް މަޑުޖެހުނެވެ. އެމަގުން ދާން ހިތަށް އަރާފައި އެ ހިތްވަރެއް ނުކުރެވުނެވެ.

މިލާން ގޭގެ ދޮރާށި ހުޅުވާލާފައި މަޑުމަޑުން ގެއަށް ވަންއިރު ޖުވޭދާ އާއި ދީނާ ގަސްތައް ކާރީގައި ކޮންމެވެސް ވާހަކައެއް ދައްކާފައި ހޭން ތިބިތަން ފެނުނެވެ. ދެމީހުންގެ އެކަނި ޝައުގަކީ ގަސްތައް އިންދުންކަން ނޭނގެއެވެ. ސާރާ ރީތިކޮށް ހެދުން އަޅައިގެން މަދު ގަހަނާއެއް ބޭނުންކޮށްލައިގެން ތިބިއިރު ޝާހީގޮތެއް ހުއްޓެވެ. ކަންފަތުގައި އެންމެ ޕާލްއެއް ވިދާއިރު ކަރުގައިވެސް އޮތީ އޭގެ ފަށެކެވެ. މިލާން ފެނުމުން ޖުވޭދާ އޭނަ އައުމަށް އެދި އަތުން އިޝާރާތް ކޮށްލައިފި އެވެ.
"މިލާން، ތެދަށް ބުނެބަލަ، އެ ބްރޭސްލެޓް ފެނުނީ ކޮންތާކުންތަ؟ " ޖުވޭދާ ސުވާލުކުރިގޮތުން ހީވީ ޑިޓެކްޓިވް އެއް ހެންނެވެ. މިލާންގެ ހިތް ތެޅިގަތެވެ. އޭނަ އެދުވަހު ޖުވޭދާ ގާތުގައި ބުނީ ކީކޭހެއްޔެވެ؟ ދޮގުހެދުމަކީ އޭނައަށް ފަސޭހަކަމެއް ނޫނެވެ. އެއްފަހަރު ބުނި އެއްޗެއް ފަހުން ހަނދާން ކުރަން ނުޖެހޭނީ ތެދުހަދާ މީހުންނެވެ. މިހާރަކަށް އައިސް އޭނަ އެކި މީހުން ސަލާމަތްކުރަން ހަދައިގެން ކުދި ދޮގުހަދަން މަޖުބޫރުވާ ފަހަރު އާދެއެވެ.

"ކާކޮޓަރިތެރެއިން ކަން ނޭނގޭ، އެހާ ރަނގަޅަކަށް ހަނދާނެއް ނުވޭ...." މިލާން ހިމޭނުން ހުރިއިރު ޖުވޭދާއާއި ސާރާ ބަލަހައްޓައިގެން ތިބިގޮތުން ހީވަނީ މިލާން ދަސްކުރަން މަސައްކަތްކުރާ ހެންނެވެ. ބިން ފަޅާލާފައި އަޑިޔަށް ދާނެނަމައޭ އޭނަގެ ހިތަށް އެރިއެވެ. މި އަންހެނުންގެ ކުރިމަތީގައި އޭނަގެ އެއްވެސް އަގެއް ނެތްކަން ހިތަށް އަރާފައި ހިތަށް އަސަރުކުރިއެވެ. ނިކަމެތި ކުއްޖެއްގެ ވެސް އިއްޒަތަކާއި އަބުރެއް ވާނެއެވެ.

"މިލާން، ވީ އާރ ވެރީ އަޕްސެޓް ވިތް ޔޫ...މިލާން ތިހާ ވިޔާނުދާ ކަމެއް ކޮށްފާނެ ކަމަކަށް އެކަކު ވެސް ހިޔެއްނުކުރޭ، އަހަރެން ހުރީ ގެއިން މިލާން ނެރެލަން ކަމަށް، ނަމަވެސް ދީނާގެ އެކުވެރިއެއްގެ ދަރިފުޅަށް ވީތީ އެންމެ ފަހު ޗާންސް މިދިނީ، މިގޭގައި ހުރެގެން ބޭކާރު ކަންތައް ކުރަން ނޫޅެ މިލާން ޑިޔުޓީއަށް ގޮސްފައި ކިޔެވުމާއިގެން އުޅެންވީ، އެހެން ކަމަކާއި އުޅޭތަން ފެނިއްޖެއްޔާ އަހަރެމެން މިލާން މިގެއިން ބޭރުކޮށްލާނަން...." ޖުވޭދާގެ އިންޒާރުން މިލާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރުކޮށްލައިފި އެވެ. ޖުވޭދާމެންގެ ފަރާތުން އެހީތެރިކަމެއް ނުލިބެންޏާ އެނބުރި ދާންޖެހޭނީ އަމިއްލަ ގެއަށެވެ. އެންމެ ކޮޓަރީގެ ކުޑަ ތަންކޮޅެއްގައި ސުދާ ފަދަ އަންހެންކުއްޖަކާއި އެކު އުޅުމަށް ވުރެ މިގޭގައި ނޯކަރުންގެ ބައިގާ އުޅުނަސް މާ ހިތަށް ފަސޭހަ ވާނެއެވެ. އޭނަ ޖުވޭދާމެންގެ ގާތުން މާފަށް އެދުނެވެ. ދެވަނަ ފަހަރަށް އެފަދަ ކުށެއް ތަކުރާރު ނުވާނެކަމުގެ ޔަގީންކަން ދިނެވެ.

ޖުވޭދާ އެގެއިން ދިޔަފަހުން ސާރާ މިލާން އަށް އަދި އެހެން އިންޒާރެއް ދިނެވެ.
"މިލާން، އަހަންނަށް އެނގޭ މިލާން ދާނިޔަލްގެ ފަހަތުގައި އަޅުވައިގެން އުޅޭކަން، އެކަން ހުއްޓާލާ، ނޫނީ މިލާން ހީނުކުރާ ފަދަ ދެރަގޮތެއް ވެގެން ދާނެ އިނގޭ...." ސާރާގެ އިންޒާރުން މިލާންގެ އުފާވެރި ތަބީއަތު މުޅިން ނެތިގެން ހިނގައްޖެ އެވެ. އެންމެ ދުވަހަކަށް ލިބުނު އުފާކޮޅު ފެނަށް ވެގެން ދާން ކުޑަ ސިކުންތު ކޮޅެއް ވެސް ނުނެގި އެވެ. ސާރާ އެހެން ބުނެލިއިރު އެ ރީތި މޫނުމަތިން ފެނުނު ހަރުކަށި ކަމާއި، ރުޅިވެރިކަމުން މިލާން ހުރީ ފިނިވެފަ އެވެ. ސާރާ ދިޔުމަށް ފަހު އެނދުގެ މަގަތުގައި ބާލީހުގައި ބައްދާލައިގެން އިންއިރު ވިސްނަމުން ދިޔައީ ދެން ހަދާނެ ގޮތެކެވެ. އޭނަގެ ހިތަށް ދުވަހަކު ވެސް އުފާވެރިކަމެއް ނުލިބޭނެ ހެއްޔެވެ؟ އުފަލަކީ ހަމަ އެކަނި ދާނިޔަލް އަށް ވާތީ ވާ ގޮތެއް ހެއްޔެވެ؟ އެހެން ދިމާލަކުން އުފާވެރިކަން ހޯދަން އޭނަ ބޭނުން ނުވަނީ ކީއްވެ ބާވައެވެ. ނޫނީ އުފަލަކީ ނިކަމެތިންގެ ހައްގަކަށް ނުވަނީ ހެއްޔެވެ؟

ދާނިޔަލް މިލާން ނިކުންނަންވާ އިރަށް ނުހުރެ ގެއަށް ދިޔައީ އިރާ މާ ބޮޑަށް ނޭވާލާން އުނދަގޫ ވެގެން ދާނިޔަލް އަށް ގުޅާފައި އެވާހަކަ ބުނީމަ އެވެ. އިރާ ގޮވައިގެން އެތެރެހަށީގެ ޑޮކްޓަރަކަށް ދައްކާފައި ގެއަށް އައުމަށް ފަހު އިރާ އޮތީ ބަލި ގޮތަކަށް އެނދުގައި އޮށޯވެލައިގެންނެވެ. ދެލޮލުގައި އޮހެން ތައްޔާރުވެފައިވާ ކަރުނަތައް ފޮރުވުފައިވާހެން ހީވިއެވެ. އެންޓިބައޮޓިކް ކާންވީމަ އެތައް މައްސަލައެއް ޖައްސާ އޯކަށް ދެމިއެވެ. އެންމެ ފަހުން ހޮޑުވެސް ލީއެވެ. ދާނިޔަލް ބުނީ ގަސްތުގައި އިރާ ހޮޑު ދުއްވާލީ ކަމަށެވެ. އިރާ ފިނިވަނީއޭ ކިޔާފައި އޭސީ ކަނޑާލުމުން ދާނިޔަލް އަށް ހޫނުވިއެވެ. ދުވަހަކީ ފުދޭ ވަރަކަށް ހޫނުގަދަ ދުވަހަކަށް ވެފައި ދޮރުތައް ހުޅުވާލުމުން އަންނަ ވައިރޯޅިތައް ވެސް އަންނަނީ ހޫނުވެލާފަ އެވެ. އިރާ ފާޚާނާއަށް ވަދެލާފައި އައީ ކުރު ސޯޓަކާއި ޕެޓީއެއް ލައިގެންނެވެ. ކުރު ހެދުން ތަކުގައި އުޅުނަސް ދާނިޔަލް އަށް އިރާ ފެންނަނީ ބާބީއެއް ހެންނެވެ. ތަންކޮޅެއް ކުޑަކުއްޖެއްގެ ހަށިގަނޑެވެ. އިސްކޮޅުން ދިގު ނޫން ނަމަ ބާރަ އަހަރުގެ ކުއްޖެކޭ ބުނެވިދާނެ އެވެ.

"އިރާ އިމްމެޗުއަރ ކަމުން ވަރަށް ފޫހިވޭ....ދުވަހަކު ތި ބޭބީ ގޮތް ނުފިލާނީތަ؟ އަށާރަ އަހަރުވީމަ ދެން ބޮޑު މީހެއްހެން އުޅެން ވެއްޖެއެއްނު....." ދާނިޔަލް ހުރީ ޑްރެސިން ޓޭބަލް އަށް ލެގިލައިގެންނެވެ. އޭނަ ހުރީ މިލާން އާއި ބައްދަލުކުރަން ނުދެވުނީމަ އިންތިހާއަށް ހިތްހަމަނުޖެހިފަ އެވެ. ނަމަވެސް އިރާ ބަލިވީމަ އޭނަގެ ޒިންމާއެއް ކަމަށް ހިތް ބުނާތީ އިރާ އާއި އަޅާނުލައި ދާން ނުކެރުނީ އެވެ. އެހެންނޫނަސް އިރާގެ މޭމަތީގައި އިންފެކްޝަން ހެދުމުގެ ސަބަބުން ފުދޭވަރަކަށް ނޭވާ ކުރުވެ ބަލިކަމަށް ދައްކައެވެ.

"އައިމް ސިކް...." އިރާ އަނެއް ފަރާތަށް އެނބުރުނެވެ. ލޯބިން އެއްޗެކޭ ދުވަހަކު ނުބުނާނީ ހެއްޔެވެ؟ ދާނިޔަލްގެ ރީތި އަޑު ކަންފަތުގައި ޖެހުނީމަ ވެސް ހައްތަހާ ހިތަށް އުނދަގޫ ވަނީއެވެ. އަބަދާ އަބަދު އެއަޑު އަހާލަން ހިތް އެދޭއިރު އެނަސީބު ލިބެނީ މަދު ފަހަރެއްގަ އެވެ. ކޮޓަރީގައި ދާނިޔަލް އިނަސް ގިނަވަގުތު އިންނާނީ އަމިއްލަ މަސައްކަތެއްގަ އެވެ. އިރާގެ އަތް ޖެހުނީ އެނދުމަތީގައި އޮތް ފޮތެއްގަ އެވެ. އެ ވާހަކަ ކިޔާލާ ހިތުން އުޅޭތާ ކޮން އިރެއްހެއްޔެވެ؟ މިލާންއަށް ގުޅީމަ ބުނީ މިއަދު އަވަދިނެތި އުޅޭތީ އާދެވެން ނެތް ކަމުގައެވެ. އައިޒާއަކީ ވާހަކަ ކިޔާހިތުން އުޅޭކުއްޖެއް ނޫނެވެ. ނަހުޔާން އާއި އެކުގައި ވާހަކަތައް ކުޅެންޏާ އެހެން ކަމަކަށް ވަގުތު ނުވާނެތާ އެވެ. އިރާގެ އަތް ޖައްސައިލެވުނީ ފޮތުގަ އެވެ.

"ސިކްވީމައެއް ނު ބުނާ ގޮތަށް ހަދަން ޖެހެނީ...." ދާނިޔަލް ރުޅި މައިތިރިކުރަން މަސައްކަތްކުރި އެވެ. އިރާއަށް ޓަކައި އޭނަ ގެ އަމިއްލަ އުފާތައް ގުރުބާންކޮށްލުމުން ވެސް ބޮޑާ ހާކާވަރުން ކުޑަކުއްޖެކޭ އެއްގޮތެވެ. މޫނުމަތީގައި އެތިފަހަރެއް އަޅަން ހިތަށް އަރާފައި އެކަން ނުކުރެވުނު ސަބަބެއް ނޭނގުނެވެ. އިރާ ބަހެއް ނުބުނެ ތުންފަތުގައި ދަތްއަޅާލައިގެން އޮވެ ކަރުނަތައް ކޮންޓްރޯލްކުރަން މަސައްކަތްކުރި އެވެ.

"ނެބިއުލައިޒް ކުރީމަ ރަނގަޅުތޯ ބަލާލާނަން، ލެޓް މީ ޗެކް......." އިރާއަށް ކުޑަކޮށް ރަނގަޅުވީމަ ބޭރަށް ދާންކަމަށް ގަސްތުކޮށްފައި ދާނިޔަލް ލިޓްމަން ސްޓެތޯ ނެގިއެވެ. 

"ނޯ، އައިމް ފައިން...އެހެންނޫނަސް އަހަރެން މިގޮތަށް ދުނިޔޭގައި އުޅޭކަށް ބޭނުމެއްނޫން......" އިރާ ދާނިޔަލްގެ އަތް ދުރަށް ލުމުން ދާނިޔަލް ފޮތް ޖަހައިގެންފައި އަތުކޮޅަށް ހޫރާލައިފި އެވެ.

"ހަމަ ކުޑަ ކުޑަ......" ދާނިޔަލް ފްރެންޗް ބަހުން ކޮންމެވެސް އެއްޗެކޭ ކިޔާލައިފި އެވެ.

"އައި ހޭޓް ޔޫ....." އިރާ ހަޅޭއްލަވައިގަތަސް ހިތުގެ ފުންމިނުގައި ވަނީ އެހެން ވާހަކައެކެވެ. ދުލުން ބޭރުވަނީ ހިތާއި ދެކޮޅު އެއްޗެއްސެވެ. ދާނިޔަލް ދެކެ އިންތިހާ އަށް ލޯބިވާއިރު އެކަން ބަޔާންކުރަން އިރާއަށް ވަނީ ނުކުޅެދިފަ އެވެ. ދާނިޔަލް ޖަވާބެއް ނުދީ ބާރަކަށް ހިނގާލާފައި ގޮސް ކޮޓަރީގެ ދޮރު ބަންލާފައި ޖެހި އަޑު އިވުމުން ހީވީ އިރާގެ ހިތުގައި ހިފާ ޗިސްކޮށްލިހެންނެވެ. ނުބައިގޮތެއް ވެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ބާލީސްދަށުގައި އޮތް ގަނޑަކާއި ރަތްކުލައިގެ މާކަރެއް ނަގައިގެން" ޑެނިއަލް އިޒް މައިން" އެހެން ޖަހާލުމާއި އެކު ހިފެހެއްޓުމެއް ނެތި ކަރުނަތިކިތައް އޮހިގަތުމުން އިރާ ބާލީސްތަކުގެ ތެރެއަށް ތިރިވި އެވެ. ހިތް ކުދިކުދިވަނީ އެވެ. ނަމަވެސް ދާނިޔަލް އޭނަދެކެ ލޯތްބެއް ނުވެއެވެ. އޭނަ ހުރިހާ ތަނެއްގައި އެގޮތަށް ލިޔުނަސް ދާނިޔަލްގެ ހިތަކީ އޭނަގެ ހައްގެއް ނޫނެވެ.

ދާނިޔަލް ސިޓިންރޫމާއި އަރާހަމަވި އިރު ޖުވޭދާ އިނީ ޕޮޕްކޯން ތަށްޓެއް ކުރިމަތީގައި ބަހައްޓައިގެން ނިކަން މަޖާވެލާފައި ހިންދީ ޑްރާމާއެއްގެ ތެރެއަށް ގެއްލިފައެވެ. ޖުވޭދާ ގެ ލޮލުން ވެސް ކަރުނަ އައިސްފައި ހުއްޓެވެ. މާ ޖަޒުބާތީ މަންޒަރެއް ދައްކަނީކަން ނޭގެއެވެ.

"ސްޓެޕްމަމް، އަހަރެން މިދަނީ ބޭރަށް، އިރާ އެހާ ރަގަޅެއްނޫން، އޭނަގެ ގާތުގައި ކޮންމެވެސް މީހަކު ހުންނަން ޖެހޭނެކަން ނޭގޭ....." ދާނިޔަލް ޖުވޭދާ ގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ދާން ހިނގައިގަތުމުން ޖުވޭދާ އައި ރުޅީގައި އެކަނިމާ އެކަނި އިނދެ ދާނިޔަލް އާއި ދިމާލަށް އެއްޗެހިތަކެއް ކިޔާލިއެވެ. އޭނަ ހަމަޖެހިލައިގެން ޓީވީ ބަލަން އިނީމަ އެ ފިރިހެންދަރި އެ ދިޔައީ ޖެއްސުމެއްކޮށްލައިފަ އެވެ. ދާނިޔަލް ބޭނުންހާ ގޮތްގޮތެއް އޭނައަކަށް ނުހެދޭނެ އެވެ. އޭނަގެ އުފާވެރިކަން ނިގުޅައި ނުގަނެވޭނެ އެވެ. ޖުވޭދާ ރޯޒާއަށް ގުޅާލާފައި އިރާގެ ހާލު ބަލައިލަދޭން އެދުނެވެ.

ދާނިޔަލް ކާރަށް އަރާފައި އިނގިރޭސި ލަވައެއް ޖައްސައިލުމުން ކޮންމެވެސް ވަރަކަށް ސިކުނޑިއަށް ކޮށްފައިވާ ބާރު ލުއިވެއްޖެ އެވެ. އެންމެ ފަހުން މިލާން އާއި ވާހަކަދައްކަން ފެށިޔަސް މިލާންގެ ފަރާތުން މާ ހިތްހަމަޖެހޭ ފަދަ ގޮތަކަށް ވާހަކަ ކުރިއަކަށް ގެންދެވޭ ގޮތެއް ނުވިއެވެ. މިލާން ބުނިގޮތުން އޭނަ އިނީ ކޮލެޖް ފަންކްޝަންއެއްގަ އެވެ. މި ދުވަސްކޮޅު ބިޒީކަމުން ތަނަކަށް ދެވޭނެ ގޮތެއް ނެތްކަމުގަ އެވެ.

"އޯކޭ އަހަރެން ވެއިޓްކުރާނަން ކޮލެޖުން ބޭރުގައި......ނިމުނީމަ ގުޅާލާ..." ދާނިޔަލްގެ މޫޑު ޚަރާބުވިވަރުން ތަންކޮޅެއް ބާރަށް ހުންގާނުގައި ހިފާލެވުނެވެ. ދާނިޔަލް މިލާން ގާތުގައި އެހެން ބުނެފައިވެސް އެންމެނަށް ފެންނަ ހިސާބުގައި މަގުމަތީގައި މިލާންގެ އިންތިޒާރުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. އެތަންމިތަނުގައި ބުރެއްޖަހާލާފައި އެކުވެރިއެއްގެ ގޭގައި ކޮންމެވެސް ކަހަލަ ކުޅިވަރެއް ކުޅެން އުޅެލާފައި ފިހާރައަކަށް ވަނީ މިލާންއަށް ދޭނެ ހަދިޔާއެއް ހޯދަންވެގެންނެވެ. އެންމެ ފަހުން ދާނިޔަލް ގަނެލީ ކަފަ ބުދެކެވެ.

ދާނިޔަލް ވަލުފަރާތު ދޮރާށިން ވަދެގެން ދިޔައިރު އެފަރާތް އޮތީ ހިމޭންކޮށެވެ. ގަހެއްގެ ފަތެއް ވެސް ހެލިނުލައެވެ. ނަމަވެސް ގަސްތަކުގައި ފޮޅިފައިވާ މާމެލާމެލީގެ ސަބަބުން ފަޒާގައި ހިފާފައި ވަނީ މީރުވަހެކެވެ. ރީތި އެއްޗެއް ނޫނީ މީރުވަހެއް ދުވިޔަސް މިލާން ރަމްޒުކޮށްދޭހެން ދާނިޔަލްއަށް ހީވިއެވެ. ދާނިޔަލް މިލާން އުޅޭ ކޮޓަރިއާއި އަރާ ހަމަވިތަނާ ކޮންމެވެސް މީހެއްގެ ލުއި ފިޔަވަޅުތަކުގެ އަޑު އިވުމުން ދާނިޔަލް އެނބުރި ބަލައިލިއެވެ.

"ހާދަ ވަރަކަށް އިންތިޒާރު ކުރަން ޖައްސައިފި...." ދާނިޔަލް ހިނިތުންވެލި އިރު ހުދު ހުދު ދަތްތަކުގެ ރީތިކަން އެހެން ފަދަކަމެއްހެން ހީވިއެވެ. ދާނިޔަލްގެ ރީތިކަމުން ކުރި އަސަރަކުން މިލާން ގެ ހިތް ހަލާކުވާވަރު ވިއެވެ. އިރުގެ އޮއްސެމުންދިޔަ އެންމެ ފަހުގެ ދޯދިތަކުގެ ސަބަބުން ޓޭން މޫނަށް ރަންކުލައެއް ވެރިވެފައިވާ އިރު އިސްތަށިގަނޑު ނިތުމައްޗަށް ފައިބާފައި އޮތެވެ. މިލާން ހުރީ ނޭވާލާން ނޭނގިފައެވެ. ދެލޯ ބޮޑުކޮށްލިގޮތަށް ހުވަފެނީގޮތަކަށް ދާނިޔަލްގެ މޫނަށް ބަލަން ހުރެވުނީ އެވެ.

"އަހަރެން މިއައީ ކުޑަ ގިފްޓެއް ހިފައިގެން، މިފެނުނީމަ މިލާން މަތިން ހަނދާންވީ....ޔޫ ލައިކް އިޓް؟ " ދާނިޔަލް މިލާންގެ މޫނުގައި ކަފަ ބުދުން ބީއްސާލިއެވެ. އެ ބީހިލުމުން ލިބުނު އަރާމަކުން މިލާންގެ ބަރު އެސްފިޔަތައް މަރައިލެވުނެވެ.

"ތެންކިއު..." މިލާންގެ ލޮލަށް ކަރުނަ އައީ އުފަލާއި ހިތާމަ އެކީގައި އިހުސާސްކުރަން ޖެހުނީމައެވެ.
"މިލާން ބުނެބަލަ، އަހަރެން ގާތުގައި މީޓްކުރަން އަންނާށޭ ބުނީ ކީއްވެތަ؟ " ދާނިޔަލް ބުމަ އަރުވާލި އެވެ. އޭރު މިލާން ހުރީ ކަފަ ބުދު މޭގައި ޖައްސާލިގޮތަށް ދާނިޔަލް އާއި ހަތަރުކަޅި ހަމަކުރަން ނުކެރިފަ އެވެ.
"އެކަމަކު....އެކަމަކު އަހަރެން ނޫން މީޓްކުރަން ބޭނުންވީ...ޑެނީ އަމިއްލައަށް...." ރަން އަވީގެ ދޯދިތައް މިލާންގެ މޫނާއި ކުޅެމުންދާ އިރު އެހެރަ ޗާލު ކަމަކުން ދާނިޔަލް ހުރީ އެސްފިޔަ ޖަހައިލަން ހަނދާންނެތިފަ އެވެ. 
"މިލާން ބިރެއް ނުގަނޭތަ؟ " ދާނިޔަލް ކޮށްލި ސުވާލާއި އެކު މިލާން ދާނިޔަލް އާއި ހަތަރުކަޅި ހަމަކޮށްލައިފި އެވެ. އެ ލޮލުގެ ފުންކަމުގެ ތެރެއަށް ގެނބި ބޯ ހިއްލައިނުލެވޭވަރުވި އެވެ. ދާނިޔަލް ކުރީ ކޮން ސުވާލެއްކަން އޭނަ ހަނދާން ނެތުނެވެ.

"ކުރިން މިލާން ބިރުން އުޅުނު ހަނދާން ވޭ، އަހަރެމެން އެކީގައި ފެނިއްޖެއްޔާ އުނދަގޫވާނެ މީހުން މަދެއް ނުވާނެ، އެހެންނޫނަސް އަހަރެން އަމިއްލަ ނަފުސަށް ވެސް އިތުބާރުކުރުން އުނދަގޫވާ ފަހަރު އާދޭ، އަހަރެން އަމިއްލައަށް ޓްރަސްޓް ނުކުރާ އިރު މިލާން އަހަންނަށް ޓްރަސްޓްކޮށްފާނަންތަ؟" ދާނިޔަލް ދައްކަމުން ދިޔަ ވާހަކަ އާއި މެދު މިލާން ވިސްނައިލި އެވެ. ލޯތްބާއި އިތުބާރަކީ ގުޅި ލާމެހިފައިވާ ދޭއެއްޗެވެ. އޭނަ ދާނިޔަލް ދެކެ ލޯބިވެއެވެ. މުޅި ދުނިޔެ އާއި ދެކޮޅަށް އެގުޅުން ކުރިއަށް ގެންދަން އޭނަ އެހުރީ ތައްޔާރަށެވެ. ނަމަވެސް ދާނިޔަލް އޭނައާއި އެކުގައި ވާނެ ނަމައެވެ. އެވަގުތު އޭނަގެ ހަނދާނަށް އައީ ސާރާގެ އިންޒާރެވެ.

"ޑެނީ އަހަރެން ޓްރަސްޓް ކުރަން....އެކަމަކު..." މިލާން އެއްޗެކޭ ބުނަން އުޅުމުން ދާނިޔަލް ހުރީ މަޖާވެލާފަ އެވެ.
"ލޯބިވާނަމަ ބިރުގަންނާކަށް ނުޖެހޭނެ، މިލާން އަހަރެން ދެކެ ލޯބިވާ ވާހަކަ އަހަރެންގެ ގާތުގައި ނުބުނެ އެހެން މީހުން ގާތުގައި ކޮންފެސްކުރާތީ ހައިރާންވޭ....." ދާނިޔަލްގެ މަޑުމަޑު ހުނުމުގެ އަޑު މިލާން އަށް އިވުނީ މިއުޒިކެއް ފަދައިންނެވެ.
"ވަޓް...." މިލާން ހައިރާންވިއެވެ.

"އައިމް ނޮޓް ރިޕީޓިން..." ދާނިޔަލް އެއްބުމަ އަރުވާލިއެވެ. 

ކޮމެންޓް 0