މިލާންގެ ޚަބަރެއް ނުވުމުން ދާނިޔަލް މިލާންގެ ފޯނަށް ގުޅަން ފެށިއެވެ. މިލާން ފޯނު ނެގީ އިރުކޮޅެއް ފަހުންނެވެ.

"އިރާ ގާތުގައި މިރޭ ހުރެދީފާނަންތަ؟ އަހަރެން ބޭރަށް ދާންކަމަށް... ޝީޒް ސިކް...." ދާނިޔަލް ޔަގީންކޮށްގެން ހުރީ މިލާން ވީ ކޮޓަރީގައި ކަމަށެވެ. އެހެން ތަނަކަށް މިލާން ގޮސްދާނެ ކަމަކަށް އޭނަ ފަހަރެއްގައި ވެސް ހީކޮށްފައެއް ނެތެވެ.

"ސޮރީ ޑެނިއަލް، އަހަރެންވެސް ގެއަކު ނެތިން... މިރޭ ދެން ގެއަކަށް ނުދެވޭނެ، އައިމް ރިއަލީ ސޮރީ. އިރާއަށް ކިހިނެއްވީތަ؟" މިލާންގެ ޖުމްލައިން ދާނިޔަލްގެ ބުމަ ވަގުތުން ގޮށްޖެހި އަތް މުށްކަވައިލެވިއްޖެއެވެ. ޔަގީނެވެ. ކޮންމެ ރެއަކު ސިއްރުން އެކުއްޖާ ގެއިން ބޭރުވަނީއެވެ. ރީތި އަންހެންކުއްޖެއް ވިއްޔާ ނިކަން ކާމިޔާބު ވާނެއެވެ. ރުޅިގަދަވެގެން ގޮސް މުށްކަވާލި އަތުން ފާރަށް ވީއްލާލި އެތިފަހަރުން ފާރު ގުގުމާލިހެން ހީވިއެވެ. 

ދާނިޔަލް މިލާންގެ ސުވާލަށް ޖަވާބެއް ނުދީ ފޯނު ކަނޑާލާފައި ހިނގައިގަތީ އޭނަގެ ކޮޓަރި އާއި ދިމާލަށެވެ. ނަމަވެސް އެހާ ހިތްހަރުކޮށްލާފައި ގޮސް އަރާމުގައި ނިދާކަށް ނުވާނެއެވެ. އިރާފަދަ ބަލިކުއްޖަކަށް ވެދާނެ ގޮތެއް ލަފާކުރާކަށް ނޭގެއެވެ. އެކުއްޖާއަށް ކޮންމެވެސް މީހެއްގެ އެހީތެރިކަން މިރޭ ބޭނުންވާނެއެވެ. ދާނިޔަލް އިރާގެ ކޮޓަރި ހުޅުވައިލީ ސިއްރުންނެވެ. އެތާ އޭނަ ހުރިކަން ކޮންމެހެން އިރާއަށް އެންގުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ނޫނީ ބޭކާރު ވާހަކަ ދައްކަން ޖެހިދާނެއެވެ. އެހެންނޫނަސް އޭނަގެ ތޮބީއަތުވެސް ވަނީ އިންތިހާއަށް ގޯސްވެފައެވެ. ލޮލުގައި ނިދީގެ އަސަރެއްނެތެވެ. މިރޭ ނިދޭނެ ކަމެއްވެސް ނޭގެއެވެ. މިލާންގެ ސަބަބުން މޫޑު ޚަރާބުވީ ވަކިވަރަކަށް ނޫނެވެ. ދާނިޔަލް ފޯނު ސައިލެންޓަށް ލައިގެން އޮތްއިރުވެސް އޭނަގެ އެކުވެރިން ފަހަރަކު މީހަކު ގުޅިއެވެ. 

ދާނިޔަލް ފޯނު ނިވާލާފައި ސޯފާގައި ހަމަޖެހިލާފައި ނިތްކުރީގައި ފިރުމާލިއެވެ. އޭރު އިރާ އޮތީ ކަންފަތުގައި ހެޑްސެޓްއަޅައިގެން ލަވަ އަޑުއަހަންކަން ނޭގެއެވެ. ދޭތެރެއަކުން ލަވައިގެ ތަންކޮޅެއް ކިޔާލައެވެ. އެގޮތަށް ލަވަކިޔާލެވޭނީ ބަލިވެ އުޅުނަސް ހިތްވަރުހުރި ކުއްޖަކަށެވެ. އިރާ ބޯދަށަށް ދެތިން ބާލީސް ލައިގެން އޮތްއިރުވެސް ނޭވާއަށް އުދަގޫވެފައިވާކަން އެނގެނީ ބައެއްފަހަރު ކެއްސާލާ ގޮތަށް އެތައް އިރެއްވާންދެން ކެއްސުންގަނޑު ނުކެނޑޭތީއެވެ. އެންމެ ފަހުން ކަންފަތުން ހެޑްސެޓް ނައްޓާލާފައި އިރާ އެނދުމަތިން އަތް ކާއްތަމުން ގޮސް ފޯނުނަގަން އުޅެނިކޮށް ފައިން ޖެހިފައި ފޯނު އެނދުގެ ފާލާކޮޅުން ބިންމައްޗަށް ވެއްޓިއްޖެއެވެ. އިރާ އެނދުން ފުންމާލި ގޮތަށް މާބްލްޖެހި ތަޅުންމަތީގައި އިނދެ ފޯނުގައި އަތް ޖެހޭތޯ އަތްކޭއްތިއެވެ. 

"ޝިޓް...." އުދަގޫވީ ދާނިޔަލް އަށެވެ. ތެދުވެގެން ގޮސް ފޯނު ނަގާދޭން އުޅެފައިވެސް އިރާގެ ހިތްވަރު ހުރި ވަރު ބަލައިލަން އޭނަ ހިމޭނުން އޮތީއެވެ. ވެގެން ދިޔައީ އޭނަ ހިތަށް ނާރާގޮތަކަށެވެ. އިރުކޮޅެއްވާންދެން އިރާ ބިންމަތީގައި އަތް ކާއްތާލާފައި ކުއްލިއަކަށް ބިންމަތީގައި މޫނުޖައްސާލި ގޮތަށް ދެއަތުން ބިންމަތީގައި ތަޅަތަޅާފައި އެންމެ ފަހުން މަޑުމަޑުން ރޯންފެށިއެވެ. މަޑު ގިސްލުމުން ދާނިޔަލްގެ ހިތަށް ޔަގީނުންވެސް އުދަގޫވިއެވެ. އަންހެންކުއްޖަކު އެހާ ވޭނީކޮށް ރޮނިކޮށް އޭނަ ދެކެފައެއްނެތެވެ. އިރާ ގަދަޔަށް ކެއްސައި ނޭވާ ކުރުވުމުން ބިންމަތިން ތެދުވެގެން ގޮސް އެނދަށް އަރާ ކަކޫމޭގައި ޖައްސާލައިގެން ދެލޯމަރާ ތަގުޅިކޮށްލައިގެން އޮތީ ކުޑަކުއްޖެއްފަދައިންނެވެ. ދާނިޔަލްގެ އުމުރުގައިވެސް އެހާ މޮޅިވެރި ސޫރައެއް ފިލްމަކުން އަދި ތަސްވީރަކުން ފެނުނު ހަނދާނެއްވެސް ނުވިއެވެ. އޭނަ އަށް ބަލަހައްޓައިގެން އޮންނަން އުދަގޫވެގެން ފޯނު ޖައްސާލައިގެން ކުޅެންފެށިއެވެ.

"ޕުއަރ ލިޓްލް ތިންގް..." ދާނިޔަލްގެ ސިކުނޑީގެ އެއްކަނަކުން އެދުނީ އިރާ ގެނެސް މޭގައި ޖައްސާލާފައި އެ ތެމިފައިވާ ކޯތާފަތް ފޮހެލަދިނުމަށެވެ. ތުންފަތުގައި ދަތްއަޅާލައިގެން އޮތްއިރު ބައެއްފަހަރު ރުޅިއަންނަ ގޮތްވެސް ވިއެވެ. އާރެއް ބާރެއްނެތް އަންހެންކުއްޖެއްގެ ޒިންމާ އޭނަ އަކަށް ނޫފުލޭނެއެވެ. ޖުވޭދާ އޭނަގެ ބޮލުގައި ހުރިހާކަމެއް އަޅުވާލާފައި އުފަލުން މިހާރުވެސް ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލާފައި ހިންދީ ސީރީޒް ބަލަން އިންނާނެއެވެ. އަމިއްލަ ދަރިފުޅު އުޅޭ ހާލާއިމެދު ވިސްނާލާކަށް އެ އަންހެނާ ބޭނުމެއް ނޫނެވެ. އަޖައިބެކެވެ. މަންމަ ކަމާއި މެދުވެސް އޭނައަށް ޝައްކުވާންފެށިއެވެ.

ދަންވަރު ތިނެއްޖަހާ ބޮޑުވިއިރު މިލާން އޮތީ ގޮދަޑިމަތީގައި ނުނިދިފައެވެ. އޭނަ މާމަ އާއި އެކު ހިއްސާކުރާ ކޮޑަ ކޮޓަރިގަނޑުގައި އޮތްއިރު ހޫނުގަދަކަމުން ހީވަނީ ފިހިދާނެ ހެންނެވެ. ފަންކާގައި މައްސަލައެއް ހުރުމުގެ ސަބަބުން ފުލްކޮށްލާފައި އިންއިރުވެސް ކިރިޔާ އެނބުރޭ ކަމެކެވެ. ކުރަތްޕެއް އެއްޗެއް ވަދެދާނެ ކަމުގެ ބިރުން ވައިކޮޅެއް ވައްދަންވެސް ދޮރު ހުޅުވާލަން ނުކެރެއެވެ. އެހެންނޫނަސް މިހިސާބަކީ ވެސް ޕާޓޭންނާއި މަގުމަތީގައި ގިނަވެފައިވާ ޒުވާނުން ދިރިއުޅޭ ހާއްޔެކެވެ. ދޮރުހުޅުވައިލުމުން ފެންނަން އޮންނަ ޕާކްގައިވެސް މިދަންވަރު އިސްތަށިގަނޑު ދިގުކޮށްލާފައި އުޅޭ ޒުވާނުން މަގާމު ހަދައިގެން ތިބެއެވެ. ބޮކީގެ އައްޔަށް އަންނަ ކުދި ޕަރުވާނާ ތަކަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު މިލާންގެ ލޯވަނީ ތެމިފައެވެ.

"އަހަރެން ކިތަންމެ ވަރަކަށް ޑިނައި ކުރިޔަސް މިއީ ލޯބި ނޫން ދެން ކޯޗެއްތަ؟ އެހެންނޫންނަމަ އަބަދާ އަބަދު ޑޭންގެ މަތިން ހަނދާންވާންވީ ކީއްވެތަ؟ އަހަންނަށް އެނގޭ ޑޭން ޕާރފެކްޓް ނޫންކަން، އޭނަ އެހާ ރަނގަޅު ނޫންކަން ވެސް އެނގޭ، ރަނގަޅުނަމަ ފަހަރި ކާރިއަކަށް ނުޖައްސާނެ... މީހުންގެ ހިތް ހަލާކު ކުރަން ގޭމެއް ނުކުޅޭނެ، އެކަމަކު ލޯތްބަކީ ހިތަށް ތަދުކުރާ ބިޓަރ އެއްޗެކޭ ބުނެ އުޅޭ.... އެހެންވެކަން ނޭގޭ އަހަންނަށް ޑޭން ފަދަ ޒުވާނެއް ދެކެ ލޯބި މިވެވެނީ، އަހަންނާއި ބަލާއިރު ޑޭން ހުރިހާ ގޮތަކުންވެސް ކިހާ މޮޅު، އެކަށީގެންވާ މީހަކު ދެކެ ލޯބިވާންވީމަ އަހަރެންގެ ބަސްނާހާ ހިތް ހާދަ މައްޗަކަށް އަރަން އުޅުނީ، އެހެންވެ މިވަރަށް ހާޓްވީ.... އަހަރެން ޖެހޭނީ މިކަން ހަނދާން ނައްތާލަން، އެހެންނޫނަސް މީހެއްގެ ފިރިއެއް ދެކެ ލޯބިވުމަކީ ކޮންފަދަ ވިޔާނުދާކަމެއް......" މިލާން ދެއަތަށް ފުރޮޅި ފުރޮޅި އޮތްއިރު ތަފާތު ޚިޔާލުތައް ކުރެވުނެވެ. މިރޭވެސް ދާނިޔަލްގެ އަޑު ކަންފަތުގައި ޖެހުމުން ކަނދުރާގައިވާ ލޯލިތައްވެސް ކޮޅަށް ޖެހުނެވެ. ހީވީ ދުނިޔޭގެ އެންމެ ރީތި ރާގު ކަންފަތް ކައިރީގައި ކުޅެލެވުނު ހެންނެވެ. އެ އަޑުގައި ހުރި ޖާދޫއިން މިލާންގެ ހިތަށް ލިބުނު ވަގުތީ ފިނިކަން ބުނެދޭކަށްވެސް ނޭގެއެވެ.

މިލާން އަތުގައި އޮތް ނޯޓުފޮތެއްގައި "ޑޭން" ގެ ނަން ލިޔަމުން ދިޔައީ ބޭ އިޚުތިޔާރު ގައެވެ. މިއީ ކުޑަކުދިން ކުރާފަދަ މޮޔަކަމެއްގެ ގޮތުގައި ހިތަށް ފެނުނަސް ލޯބީގައި ދީވާނާވެ ކޮންމެފަދަ މޮޔަކަމެއްވެސް އަތުން ކުރެވިދާނެއެވެ.

ފޮނި ފޮނި އިހުސާސް ތަކުގެ ތެރެއިން މޭގައި ވޭނެއްނެތް ރިހުމެއް އުފެދިއްޖެއެވެ. ހަމަ ރޮވެނީއެވެ. ހިތަށް ތަދުވަނީއެވެ. މިލާންއަށް މޭގައި ފިރުމާލެވުނެވެ. ދާނިޔަލް އެހާ ގޯސްކަން އެނގޭއިރުވެސް ލޯބިވެވުނީ ކީއްވެހެއްޔެވެ؟

މިލާން އާއި އިރާ ތިބީ ބެލްކަނީގައެވެ. ހޫނުގަދަ ދުވަހަކަށްވިޔަސް ހިތްގައިމު ވައިރޯޅިތަކެއް ޖެހެމުންދާތީ އަވީގެ އަސަރު ކުޑަކޮށްލާފައިވެއެވެ. އޭރު އިރުވެސް އޮރެންޖްކުލައިގެ ބޯޅައެއްހެން އުޑުމަތީގައި ދިއްލާލާފައި އިނެވެ. ރަން ދޯދިތަކުން ޖަރީކޮށްލާފައިވާ ބެލްކަނީގައި އިންއިރު މިލާން އިރާގެ ރީތި ދެލޮލާއިމެދު ވިސްނިއެވެ. އިރާގެ އެންމެ ރީތި ސިފައަކީ އެއީއެވެ. ބައެއްފަހަރު ނޫކުލަ ގަދަވާހެންހީވެއެވެ. ސެފެއަރ ނޫނީ ފީރޯޒްކުލައިގެ ދޭތެރޭގައި ހުންނާނީ މިކުލަކަން ނޭގެއެވެ.

މިލާން ފެންތަށްޓާއިއެކު ބޭސްގުޅަ ގެނެސްދިނުމުން އެ ބޭސް ނުކާނެ ކަމަށް އިރާ ބުނުމުން މިލާން ސިހުނެވެ. އިރާގެ ޚިޔާލު ބަދަލުވެ ދަރިއަކު ހޯދަން ބޭނުންވީހެއްޔެވެ؟

"މިލާން، ޑެނިއަލް އާއި އަހަރެންގެ އެއްވެސް ގުޅުމެއް ނޯވޭ، އޭނަ ބޭނުމެއްނުވޭ އަހަންނާއި އެކު ސްލީޕްކުރަން...." އިރާގެ ޖުމްލައިން ރަތްވެގެން ދިޔައީ މިލާންގެ މޫނެވެ. އެ ދޮން ކޯތާފަތަށް މަޑުމަޑު ރަތްކުލައެއް ވެރިވެގެން ދިޔައެވެ. އޭރު ޖުވޭދާ ބެލްކަނީގެ ފޮތިގަނޑު ދުރުކޮށްލާފައި ބަލަހައްޓައިގެން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އިވުނު އަޑު ގަބޫލުކުރަން ބޭނުން ނުވެފައެވެ. އިރާގެ އެ ޖުމްލައިން ޖުވޭދާވެސް ދެރަވީކަންނޭގެއެވެ.

"އޯހް..." މިލާން ކިޔާނެ އެއްޗެއް ނޭގުނެވެ.
"އަހަރެން ބުނީމެއްނު އޭނަ ރައްޓެހިވެގެން އުޅެނީ އައިޒާ އާއޭ...." އިރާ އިތުރަށް އެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. މިލާން އިނީ ޖުވޭދާ ހުރިކަން އިރާއަށް އަންގާނެ ގޮތެއް ނޭގިފައެވެ. މަންމަ ހުރިކަން ނޭގި ދައްކަން ނުޖެހޭފަދަ ވާހަކަތަކެއް އިރާ އަދިވެސް ދައްކާނެކަން އެނގޭތީ މިލާން އަވަހަށް ތެދުވެގެން ދާން ހިނގައިގަތީ އެބައަންނަމޭ ބުނެފައެވެ.

"އަދިވެސް ބަނޑެއް ނުހުރޭތަ؟ ފިގަރ ރީތިކަމުން އައިޒާގެ ބަނޑެއް ނުލާނެހެން ހީވަނީ، މިހާރު ހިތަށް އަރަނީ އައިޒާގެ ބޭބީ ޑެނިއަލްގެ ކުއްޖަކަށް ވެދާނެއޭ........" އިރާ ދުލުގައި ދައިގަތެވެ. އެގޮތަށް ޝައްކުކުރުން ހެޔޮނުވާނެއެވެ. ނަމަވެސް ހިތަށް އަރާ އެއްޗެހި އޮންނަނީ ގިނަވެފައިވާވަރުން އިރާއަށް އެބަސްތައް ބޭރުކޮށްލެވެނީއެވެ. 

އެ ވާހަކަތައް އަހައިގެން ދެލޯ ތަންމިނަށް ހުޅުވާލައިގެން ޖުވޭދާ ހުރިއިރު ހީވީ އަނބުރައިގެންފާނެ ހެންނެވެ. އޭނައަށް ހެޔޮވަރުގެ ޝޮކެއް ލިބިއްޖެއެވެ. ދަރިފުޅު ހަވާލު މިކުރެވުނީ ބޮޑު ފުރޭތައަކާއެވެ. އެއްވެސް އަގެއްހުރި މީހަކާއެއް ނޫނެވެ. ރީތި ސިފައިގެ ނިވަލުގައި ފޮރުވިފައިވަނީ ޝައިތާނެއްކަން ނޭގެއެވެ. މިއީ އަދި ޖުވޭދާ ދާނިޔަލްގެ ދެކެފައިނުވާ ފަރާތެކެވެ. ފަހަރި އަކާއި ގުޅުން ބާއްވައިގެން ބަނޑު ބޮޑުކޮށްލާނީ އިންސާނިއްޔަތު ކަމެއް ނެތް މީހެކެވެ. ތިމާގެ ބޭބެގެ އަންހެނުން ގަޔަށް އަރަން ވެދާނެހެއްޔެވެ؟ ދީނާގެ ކުދިންވެސް ވާނީ ހަމަ ދީނާ އަށެވެ. އޭނަގެ ނުބައި ޚަސީލަތް ވާރުތަވީއެވެ. ދާނިޔަލް އޭނަގެ މަންމަ ހިނގިމަގުން ހިގަން ފެށީއެވެ. އަމިއްލަ ދަރިފުޅު ވައްޓާލެވުނީ އަރައިނުގަނެވޭނެފަދަ ފުން ވަޅުގަނޑަކަށްކަން ޖުވޭދާއަށް ރޭކާ ލާންފެށީ ކިރިޔާއެވެ. ދާނިޔަލް އަށް އޭނަގެ ދަރިފުޅު ކަމުނުދިޔައީ ކޮންކަމެއް މަދުވެގެން ބާވައެވެ. 

"މިލާން، އަހަރެންގެ މޫނުގައި ލަކުނުތައް ހުރީތަ؟ ވަރަށް އަގްލީ ދޯ.... އެހެންވީމައެއްނު ޑެނިއަލްއަށް އަހަރެން ކަމުނުދާނީ.........." އިރާއަށް ނޭގިހުރެ ހިތް ހުޅުވުނީ މިލާން ގެ ގާތަކު ނޫނެވެ. އޭނަގެ މަންމަގެ ގާތުގައެވެ. މިލާން ޖަވާބެއް ނުދިނުމުން ދެތިން ފަހަރަކު މިލާންއަށް ގޮވާލާފައި އިރާ ކުރުކޮށްލާފައިވާ ކަކޫމަތީގައި ބާލީސް ބާއްވައިގެން މޫނު ޖައްސާލިއެވެ. އެހެން އޮތްއިރު އެ ބިއްލޫރި ކޮޅެއްފަދަ ނޫ ދެލޮލުގައިވާ ވޭން މިފަހަރު ޖުވޭދާގެ ހިތުގެ ފުންމިނަށް އަސަރުކުރުވާ ލޮލުން ކަރުނަ ހިލުވާލައިފިއެވެ.

އިރާ އޭރު ވިސްނަމުން ދިޔައީ ދާނިޔަލް އޭނައާއި ދުރުން އުޅެން ބޭނުންވި ސަބަބަކާއި މެދުގައެވެ. ދާނިޔަލް އެފަދަ ނިންމުމެއް ނިންމީތީ ހިތާހިތުން އުފާކުރާއިރު އިރާ ދެރަވެސްވެއެވެ. ދާނިޔަލް އޭނައަށް ވުރެ އައިޒާގެ ފަރާތަށް ހިތް ލެނބިފައިވާކަން އެނގޭތީ ހަސަދަވެރިވެސްވެއެވެ. ނަފްރަތާއި ބިރުވެސް އިހުސާސް ކުރެވެއެވެ. ދާނިޔަލްއަށް ޓަކައި އޭނަގެ ހިތުގައިވާ ޖަޒުބާތުތައް ގިނަކަމުން އެ ހުރިހާ އިހުސާސްތަކަށް ޖާގަ އޮތީ ކީއްވެބާވައޭ ސުވާލު އުފެދެއެވެ.

އިރުކޮޅެއްފަހުން ކޮޓަރިން ޖުވޭދާ ދިޔަކަން ޔަގީންކޮށްލާފައި މިލާން އައުމުން އިރާ އަނެއްކާ ސުވާލުކުރަން ފެށީ އޭނަގެ މޫނުގައި ހުރި ލަކުނުތަކާއި މެދުގައެވެ. ދާނިޔަލްއަށް އޭނަ ކަމުނުދަނީ މޫނު ހުތުރުވީމަ ކަމަށް އޭނަހީކުރިއެވެ. މިލާން ޔަގީންކަން ދިނީ އިރާ ލޯބިކަމުގައެވެ. ލަކުނުތައްވެސް މުޅިންހެން ފިލަމުންދާކަމެވެ. ލަކުނުތައް ހުއްޓަސް އައިބު ނޫންކަމެވެ. ހަނދުގައި ލައްތައް ޖެހިފައިވާއިރު ހަނދަށް އީބަ ބުނާ މީހަކު އުޅޭހެއްޔެވެ. މިލާން މިސާލެއް ޖަހާފައި ހިނިތުންވެލިއެވެ. މިލާންގެ ހިތަށް މިއަދު ނޭގޭ ފިނިކަމެއް ލިބުނެވެ. ދާނިޔަލް އާއި އިރާ އެކަކު އަނެކަކު ދެކެ ނަފްރަތު ކުރާކަން ޔަގީންވީމަ ހިތަށް ބަޔާން ކުރަން ދަތި ތަސައްލީއެއް ލިބިއްޖެއެވެ. މަޖުބޫރު ކައިވެންޏެއް ދެމި އޮންނާނެ ކަމާއި މެދު ޝައްކެވެ. އެހެންނޫނަސް ދޮންބައްޕަގެ ދަރި އަކާއި އިނުމަކީ އެހާ ރަނގަޅު ކަމެއްވެސް ނޫނެވެ. 

މަލީކް އާއި ދީނާ ލަންޑަނާއި ޕެރިހަށް ކުރާ ދަތުރެއްގައި ފުރުމާއި ގުޅިގެން ޖުވޭދާ އަލިފާންވިއެވެ. ޕެރިހަކީ ދުނިޔެމަތީގެ ސުވަރުގެއޭ ބުނާއަޑު އޭނަ އަހައެވެ. އަދި ލޯބިވެރިންނަށް އެއީ ކޮންފަދަ އުފާވެރި މާހައުލަކަށްވާނެކަން ޖުވޭދާ ދަނެއެވެ. ގޫގުލްއިން ތަސްވީރުތައް ފެނުމުން ޖުވޭދާގެ ހިތް ހަސަދައިން ފުރުނެވެ. އެފަދަ ތަނަކަށް މަލީކް އާއި އެކު ނުދެވެނީ ތިމާގެ ބަދުނަސީބު ކަމުންނެވެ. ލާރި ހުރެފައިވެސް އެގަންނަ ބިރަކުންނެވެ. ދިހަވަރަކަށް ގަޑިން ދެވޭތަނަކަށް ދާން ކެރޭނީ ކިހިނެއްހެއްޔެވެ؟ މަލީކް އާއި ދީނާގެ އުފާވެރިކަމުން ޖުވޭދާގެ ހިތުގެ ހަމަޖެހުން ފޭރިގެންފިއެވެ. ކުރިއަށް ވުރެ ބޮޑަށް ރީތިކަމަށް އިސްދެވި ބިއުޓީ ސެލޫންގައި ގިނަވަގުތު ހޭދަކުރެވެން ފަށައިފިއެވެ. ގޭގައި ހުންނަ ޖިމަށް އިންސްޓްރަކްޓަރއެއް ގެނެސްގެން އޭނަ ގެ ހަށިގަނޑުގައިވާ ބޭކާރު މަސްތައް ވިރުވުމުގެ މަސައްކަތް ފެށިއެވެ. ދިރިއުޅުމުގެ ބާޒީއިން ބަލިވާކަށް ޖުވޭދާ ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއް ހަދާފައިވެސް މަލީކްގެ ހިތުގައިވާ މަގާމު ވަރުގަދަކުރަން ޖެހެއެވެ. އެހެންނޫނަސް ޖުވޭދާ ހުންނަނީ އިރާގެ ހާލާއިމެދު އިންތިހާއަށް ކަންބޮޑުވެފައެވެ. އިރާގެ މޫނުގައިވާ ލަކުނުތައް ނުފިލާތީވެސް އޭނަ އެތައް ޑޮކްޓަރުންނަކާއި މަޝްވަރާކޮށްލައިފިއެވެ.

ޖުވޭދާ ބާޒާރުކޮށްލައިގެން ކާރުގައި އަންނަނިކޮށް އާއިލީ ގެއެއްގެ ކާރިން ފެނުނު މަންޒަރަކުން ބިރުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ދާނިޔަލް އަންހެންކުއްޖަކާއި މާ ކާރީގައި ހުރެގެން ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކައެވެ. ދެމީހުން ތިބިލެއް ކާރިކަމުން ޖުވޭދާ ރަގަޅަށް ދެލޯ ހުޅުވާލާފައި ބެލިއެވެ. އެއީ ޒޯޔާ އެވެ. ރީތިކަމުގެ މިސާލެއް ނެތްފަދަ އަންހެންކުއްޖެކެވެ. ޖުވޭދާއަށް ނޭގުނީ އެތާހުރި ގަހުގެ ނިވަލުގައި ޒޯޔާގެ ފިރިމީހާ ޒިހާމް ހުރިކަމެވެ. ފެނުނު މަންޒަރުން ހިތް ގޯސްވެފައި ހުރި ޖުވޭދާގެ ހިތުގައި ދާނިޔަލް އާއި މެދު އޮތް ނަފްރަތު ބޮޑުވިއެވެ. މަލީކް އައުމާއިއެކު އޭނަ މިގޭގައި އަލިފާން އަންދާވަރު ކުރާނެއެވެ. ކުޑަވަރެއްގެ ގިޔާމަތެއް ގެނެސް އެންމެންގެ އުފާތަކުގައި ހުޅުޖަހާނެއެވެ. ނަހުޔާންގެ އަންހެނުންނާއި އޮތް ގުޅުމުގެ ވާހަކަ ބުނާނީ އެންމެން މޭޒުދޮށަށް ޖަމާވި ގަޑިއެއް ބަލާފައެވެ. ޖުވޭދާ ދެކޭގޮތުގައި ކުށްވެރިޔަކީ ދާނިޔަލްއެވެ. ދާނިޔަލްގެ ކުށް ފޮރުވައިގެން ހުރުމުން ހުރިހާ ނިކަމެތިކަމެއް ލިބެނީ އިރާ އަށެވެ. ދާނިޔަލް އަންނަ ރުޅީގައި އިރާ ވަރިކޮށްލިޔަސް މިއަދު ޖުވޭދާގެ މައްސަލައެއް އޮތީއެއް ނޫނެވެ. އެހެންނޫނަސް އިރާއަށް ބޭސްކުރެވޭނެ ގޮތެއް ވީ އެއް ނޫނެވެ. ޝައިތާނާ ބޮލަށް އެރިފައި ހުރި އެ ފިރިހެންކުއްޖާ އިރާ ގޮވައިގެން ޖަރމަނީއަށް ދާން އޮތީ ފާޅުގައި ދެކޮޅުހަދާފައެވެ.

ޖުވޭދާ ފެންޑާގައި ވާހަކަފޮތެއް ކިޔަން އިންދާ ނަހުޔާން އާއި ދާނިޔަލް އެކީގައި ގޭޓުން ވަދެގެން އަންނަ ތަން ފެނުނެވެ. ގަމީހާއި ފަޓްލޫނުގައި ރަސްމީކޮށް ތިބުމުން ދެބެންވެސް ފެންނަނީ ނިކަން ޝަޚުސިއްޔަތު ވަރުގަދަކޮށެވެ. ސްމާޓްކަމުން ފެންނަ ކޮންމެ އަންހެންކުއްޖަކުގެ ހިތަށް އަސަރުކުރުވާނެކަން ޔަގީނެވެ. ނަހުޔާން ހީލާފައި ސަމާސާއެއް ކޮށްލަމުން ދާނިޔަލްގެ އިސްތަށިގަނޑު ހާވާލިއެވެ. ދެބެން އެކަކު އަނެކަކުދެކެ ލޯބިވާކަން އެ އުޅޭގޮތުން ރަނގަޅަށް ދައްކުވައިދެއެވެ. އެ އެކުވެރިކަމާއި ލޯބި ދެން އޮންނާނީ ދުވަސްކޮޅަކަށޭ ހިތަށް އަރުވާލާފައި ޖުވޭދާގެ ތުންފަތް މައްޗަށް ވިހަ ހިނިތުންވުމެއް ވެރިވިއެވެ. ސިއްރު ބޭޒާރުވުމުން ދެމީހުން ދުޝްމަނުންނަށް ވެގެން ދާނެކަން ޖުވޭދާއަށް އެނގެއެވެ. އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެއެވެ.

ދެމަފިރިންނަށް ވުމާއިއެކުގައިވެސް ނަހުޔާން އާއި އައިޒާ އާއި ދޭތެރޭގައި ލެވިފައިވާ ބީރައްޓެހިކަމުގެ ފަރުދާ ބޯވަމުންދާތީ އައިޒާ އިންތިހާއަށް ހިތާމަކުރެއެވެ. ނަހުޔާން އަނގައިން ބުނެލާނެކަމުގެ އުއްމީދުގައި ހުރެ ދުވަސްތައް މާޒީވަމުން ދިޔައެވެ. އައިޒާ ހިތްހަލާކުވެފައި ހުންނައިރުވެސް ހިނިތުންވުންތަކުން ޖަޒުބާތުތައް ފޮރުވާލައިގެން ހުރެއެވެ. ކުރިން އެހާ ސީރިޔަސްކޮށް އުޅުނު އަންހެންކުއްޖާ މިހާރު ފެންނަނީ ހިނިތުންވެލާފައި ހުންނަ އުފާވެރި ކުއްޖެއްގެ ގޮތުގައެވެ. އެހެން ހުންނައިރު ދީނާގެ ހިތް އަތުލަންވެސް އައިޒާ މަސައްކަތް ކުރިއެވެ. ދީނާގެ ގަސްތަކަށް ފެންދީ ބޭސްޖެހުމުގައިވެސް އެހީތެރިވެދީހަދައެވެ. ބަލިވެއިނީމަ ވަރުބަލިވާގޮތް ވިނަމަވެސް އޭނަ އޮށޯވެލައިގެން އޮތުމުގެ ބަދަލުގައި ކޮންމެވެސް ކަމެއް ކުރުމާއިގެން އުޅޭތަން ފެނެއެވެ. ދީނާ ކާރީގައި ވަގުތުހޭދަކޮށް އެކި ވާހަކަދައްކާލަން އިނދެއެވެ. ދީނާ ފްރާންސަށް ގޮސްފައިވެސް ގަވާއިދުން އައިޒާއަށް ގުޅާ ހާލު ބަލައެވެ. އަދި އައިޒާއަށް ގެނެސްދޭންވީ ހަދިޔާ އަކާއި ބެހޭގޮތުން ސުވާލުކުރިއެވެ. އައިޒާ ވިސްނާލާފައި ބުނީ ޕެރިހުން ހެދުން ގެނެސްދިނުމަށެވެ. ދީނާއަކީ ފެޝަނަބްލް އަންހެނަކަށްވާތީ ސްޓައިލިޝް ހެދުންތައް ގެނެސްދޭނެކަން އައިޒާއަށް އެނގުނެވެ. ބަލިވެއިނަސް ރީތި ހެދުންތައް އަޅައިގެން ނަހުޔާންގެ ސަމާލުކަން ހޯދަން އޭނަ ބޭނުންވީއެވެ.

އެވަރލޭންޑްގެ ޓެރެސް ހީވަނީ ބަހާރުގެ ރީތި މަންޒަރެއްހެންނެވެ. ތަފާތު ވައްތަރުގެ ނާދިރު މާތަކުން ބަރާވެފައިވާ އެކުޑަ ބަގީޗާތެރެއަށް އިރުގެ ރަންދޯދިތައް ފަތުރާލާފައިވާއިރު ވަކިން ނަލައެވެ. އައިޒާ އެތަނުގައި ހުރިއިރު ޕަރީއެއް ގަސްތަކުގެ ތެރެއަށް ތިރިކޮށްލާފައިވާހެން ހީވިއެވެ. ރަތްކުލައިގެ ބާރު ޓޮޕްގެ އަތްކުރުކަމުން އޮމާން އަތްވަނީ ހާމަޔަށެވެ. އައިޒާ އެގޭގައި ބަގީޗާ ހައްދަން އަންނަ އެންޑީ ގާތުގައި ގަސްތަކަށް ބޭސްޖަހަން ބުނުމުން އެންޑީ މާސްކް އަޅައިގެން އެ މަސައްކަތްފެށިއެވެ. އައިޒާ އުޅުނީ ފިނިފެންމާގަސްތަކަށް ފެންދިނުމަށެވެ. ޕޮޓެއްގައި އިންދާފައި ހުރި މާ ވަށިގަނޑެއްގައި މާތައް ފޮޅިފައިވާއިރު ރީތިކަމުން ބަލާބަލާ ފޫއްސެއްނުވާނެއެވެ. ފެންދީ ނިމިގެން ބަލާލިއިރު ފަތްތަކާއި މާތައްމަތީގައި ޝަބްނަމްގެ ތިކިތައް ވިދައެވެ. އައިޒާ އިށީދެލައިގެން އިނދެ ފޮޓޯއެއް ނެގީ އިންސްޓަގްރާމަށް ލާށެވެ.

"އައިޒާ....ކޮޓަރިއަށް ދޭ...." ނަހުޔާންގެ އަޑު އިވުމުން އައިޒާ ސިހިފައި ބަލާލިއެވެ. ނަހުޔާން ޖިންސްގެ ޖީބަށް އެއް އަތްޖަހާލައިގެން ހުރިއިރު މޫނުމަތިން ނުރުހުމުގެ އަސަރެއްވެސް ނުފެނެއެވެ. ނަހުޔާން ހިތްހަމަނުޖެހޭވަރުގެ ކަމަކަށް ކުރެވުނީ ކޮންކަމެއްބާވައެވެ. އަމުރުކުރި ގޮތުން ހީވީ އިންތިހާއަށް ނުރުހުންވެފައި ހުރިހެންނެވެ. ނަހުޔާން އެބުނިއެއްޗެއް ޔަގީން ނުވެފައި އެ މުށިކުލައިގެ ބޮޑު ދެލޮލުން ބަލަހައްޓައިގެން އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ނަހުޔާން ހިތްހަމަނުޖެހުނީ އޭނަ އެންޑީ ގާތުގައި ޓެރެސްގައި ހުރީމަހެއްޔެވެ؟ އައިޒާ އަޖައިބުވިއެވެ. ނަހުޔާން ފަދަ ރީތި ޒުވާނަކު ހުއްޓާ އޭނަ އެންޑީފަދަ ކުޑަކުއްޖަކާއިއެކު ވަގުތު ހޭދަކުރަން ބޭނުންވާނެ ހެއްޔެވެ؟

"ކެމިކަލް ބޭނުންކުރާއިރު އައިޒާ ތިހުންނަނީ މާސްކެއް ނާޅާ، އެކްސްޕޯސްވިޔަދޭން ގަސްތުގައި ބޭނުންވީ ދޯ...." ނަހުޔާންގެ ޖުމްލައިން އައިޒާ ހޭވެރިކަންވިއެވެ. އެބުނާހެން އޭނަ މިއިނީ ބަނޑުގައިވާ ދަރިފުޅުމަތިން ހަނދާން ނައްތާލާފައެވެ. ކަރުތެރެއިންނާއި ހަމުން ދިލަނަގާކަން އިހުސާސްކުރެވުނީ އަދި ކިރިޔާއެވެ. ނޫނީ އެހެން ހީވީއެވެ. އައިޒާ ވިދުވަރެއްހާ ހަލުވިކޮށް ސިޑިއާއި ދިމާލަށް ދިޔައީ ނޭވާ ހިފަހައްޓާލައިގެން ހުރެއެވެ. އޭނަ ޝެލްޓަކްސް، ޕެޓްރޯލްފަދަ އެއްޗެހީގައި މީރުވަސް ދުވައިގެން އޭގެ ވަސް ބަލާތީ ކުރިން ބައްޕަވެސް އެހާ މައްސަލަ ޖައްސާނެއެވެ.

"ހީ ކެއަރސް..." އައިޒާ ތިރިއަށް ފޭބިއިރު އޭނަހުރީ މާނޭވާލެވިފައެވެ. މިނިޓަކަށް ނަމަވެސް ހިތަށް ފިނިކަމެއް ލިބުމާއިއެކު ހަގީގަތުގައި ނަހުޔާން ވިސްނީ އޭނަ އާއި މެދުގައި ނޫންކަން ޔަގީންކުރެވި ހިތަށް ތަދުވިއެވެ. ނަހުޔާން ބޭނުމީ ދަރިފުޅެވެ. ދަރިފުޅަށް ގެއްލުމެއް ވެދާނެތީ ދެރަވީއެވެ. އައިޒާ ނަހުޔާންގެ ތަނަވަސް ބޮޑު ކޮޓަރިއަށް ވަނުމާއިއެކު ފިނިކަމާއި މީރުވަސް އެކީގައި މަރުހަބާކިޔުމުން މޫނުމަތީގައިވި ދާތިކިތައް ފިލާ ތާޒާވިއެވެ.

އައިޒާގެ ކުޑަ ފިރިހެންކޮއްކޮ އިނާހު އޯޓިޒަމް ހުރިކަން އެނގުމުން މަންމަ އާއި ބައްޕަ އަށް ޝޮކެއް ލިބުނެވެ. މަންމަ ބަލިވެއިންއިރު ކެމިކަލްއެއްގެ އަސަރުކުރިކަން ހަނދާންވީވެސް ދަރިފުޅު އެ މައްސަލަ ހުރިކަމަށް ޑޮކްޓަރ ޔަގީންކޮށްދިނީމައެވެ. މަންމަމެން އިނާހު އާއިގެން ބޭރު ގައުމެއްގައި އެތައް އަހަރެއް ވޭތުކުރިއެވެ. އައިޒާއަށްވެސް ކުރެވުނީ އެފަދަ ނުބައި ތަޖުރިބާއެކެވެ. މާ ފޮޅުވަން ޖަހާ ބޭހާއި ސޫފިތައް މަރަން ބޭނުންކުރާ ބޭހުގެ ތަފާތާއިމެދު ވިސްނައިނުލެވުނީއެވެ. އެއީ ކެމިކަލްކަން ހަދާން ނައްތައިލެވުނީއެވެ. އޯޓިޒަމްއާއިމެދު އައިޒާ ހޭލުންތެރިވެފައިވާއިރުވެސް އެފަދަ ތަންކޮޅެއް ސިކުނޑިން ކައްސައިލެވުނީއެވެ.

އައިޒާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެސްފިޔަތަކުގައި ގިނަވެގަތް ކަރުނަތަކަށް ނުކުޅަދާނަވެގެން ކޯތާފަތްމަތިން ތިރިއަށް ދެމެން ފެށިއެވެ. ދަރިފުޅަށް ކަމެއްވެއްޖެއްޔާ ނަހުޔާން ފަހަރެއްގައިވެސް އޭނައަށް މާފެއްނުކުރާނެއެވެ. އެވެސް ނަހުޔާންގެ ދަރިއަކަށް ވެއްޖެއްޔާއެވެ. އެކަމުގެ ޔަގީންކަމެއް އައިޒާއަކަށް ނުދެވޭނެއެވެ. ދަރިފުޅުގެ އަސްލު ދެނެވޮޑިގެންވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ.
އައިޒާ ހާސްވިވަރުން އޭނަގެ ބައްޕަ ޑޮކްޓަރ ނަދީމްއަށް ފޯނުން ގުޅުމާއިއެކު ރޮވުނު ވަރުން ވާހަކައެއްވެސް ނުދެއްކުނެވެ.

"ދަރިފުޅާ، ކިހިނެއްވީތަ؟ ނުރޮއި ވެގެން އުޅޭގޮތެއް ބުނެބަލަ..." ނަދީމް ކަންބޮޑުވާނެވަރު އައިޒާއަށް ވިސްނުނީ މާ ފަހުންނެވެ. އައިޒާއަކީ އަބަދުވެސް ހިތްވަރުގަދަ ޖެހިލުންކުޑަ އަންހެންކުއްޖެކެވެ. އެހާ ފަސޭހައިން އޭނަގެ ލޮލުން ކަރުނައެއް ނާންނާނެއެވެ. ނަހުޔާންވެސް ކޮޓަރިއަށްވަނީ އެވަގުތުއެވެ. އައިޒާ އަވަހަށް އަނެއް ފަރާތަށް އެނބުރުނަސް އައިޒާގެ ލޮލުގައި ގިނަވެފައިވާ ކަރުނަތައް ފެނި އައިޒާ ރޮނީކަން ނަހުޔާންއަށް ނޭގިއެއް ނުދާނެއެވެ. އައިޒާ ބެލްކަންޏަށް ނުކުތީ އޭނަ ގެ ވާހަކަތައް ނަހުޔާންއަށް ނީއްވަންވެގެންނެވެ. ކުޑަކުއްޖެއްހެން ބައްޕަ ގާތުގައި ބޮޑާ ހާކާކަން އެނގިއްޖެއްޔާ ނަހުޔާން ހީކުރާނީވެސް ކީކޭހެއްޔެވެ؟ އެކުރެވުނީވެސް ނަހުޔާންއަށް ޝައްކުވާފަދަ ކަމެއްކަން އައިޒާއަށް ރޭކާލުމުން އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. ރެނދުލާފައިވާ ގުޅުމެއްކަން އެނގޭއިރުވެސް ހައްތަހާ އައިޒާއަށް ހެދެނީ ގޯހެވެ.

އައިޒާ އޭނަގެ ބައްޕަ އާއި ވާހަކަދެއްކުމުން ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އެފަދަ ކުދި އެކްސިޑެންޓްތައް ހިނގާނެކަމަށާއި އެކަންތައް ހަނދާން ނައްތާލާ އުފާވެރި ޕްރެގްނެންސީ އަކަށް ހެދުމަށް ބައްޕަ މަޝްވަރާ ދިނެވެ. ކެމިކަލް އަދި ދުންފަދަ ތަކެތިން ދުރުވާން ޖެހޭނެކަމާއި ނަމަވެސް ދުނިޔޭގެ ކަންތައް ހުންނަގޮތުން އެހާ ފޮރުވިގެން ނޫޅެވޭނެކަން ވިސްނައިދިނެވެ.

ނަހުޔާން އާއި ދާނިޔަލް ރިޒޯޓަށް އައީ އެކުވެރިންތަކާއި އެކީގައި މަޖާކޮށްލުމަށެވެ. ހަވީރުވާންދެން މޫދުގައި ތަފާތު ކުޅިވަރުތަކެއްގައި އުޅުމަށްފަހު ބީޗް ވޮލީ ގޭމަކުން ދުވަސް ނިންމާލާފައި އެންމެން ހަވީރަށް ތާޒާވެލައިގެން އިރުއޮއްސޭ މަންޒަރުތައް ބަލަން އައެވެ. ގިނައީ ދެމަފިރިންކަމަށްވާތީ ނަހުޔާން ގަސްތުކުރީ އެކަނި ހިނގާލަން ދިޔުމަށެވެ. އެކަނިމާއެކަނި ޖީބަށް އަތްޖަހާލައިގެން ގޮނޑުދޮށަށް ނިކުތްއިރު ދާނިޔަލްވެސް އެދިމާލަށް ނުކުތެވެ.

"ބްރޯ.......އެކަނިތަ؟ " ދާނިޔަލް އެވަގުތުވެސް ހަނދާނަށް އައީ މިލާންއެވެ. އެހެން ލޯބިވެރިން އަތު ގުޅުވާލައިގެން ދާތަން ފެނުނީމަ ދާނިޔަލްއަށް އުދަގޫވިއެވެ. އޭނަގެ ހިތްވެސް އެފަދަ ދާއިމީ ގުޅުމަކަށް ބޭނުންވާން ފެށީހެއްޔެވެ؟ ނަހުޔާން އާއި ދާނިޔަލް ވާހަކަދައްކަމުން ގޮސް މަޑުކޮށްލީ ވެއްޓިފައިވާ ރުކެއްގެ ކާރީގައެވެ. ތަފާތު ވާހަކަތަކެއްގައި ތިބެފައި ދާނިޔަލް ގަސްތުކުރީ ނަހުޔާން ގާތުގައި އޭނަ މިވީހާތަނަށް ފޮރުވާފައި އޮތް ވާހަކައެއް ބުނުމަށެވެ. އެހެން ނޫނީ އެވަރލޭންޑްގައި ހަމަޖެހިގެން އުޅެން ފަސޭހައެއް ނުވާނެއެވެ.

"އަހަރެން ބޭނުން ވާހަކައެއް ބުނަން..ހިތަށް އަރާ މިއީ ރަގަޅުކަމެއް ބާވައޭ...." ދާނިޔަލް ނަހުޔާން އާއި ހަތަރުކަޅިހަމަކޮށްލިއެވެ. 

ކޮމެންޓް 0