"ހެހެ......" ދާނިޔަލްގެ ހުނުމުގެ އަޑު އިރާއަށް ހީވީ މާ ދުރުން އިވުނުހެންނެވެ. އޭރު ހަށިގަނޑުގައި އަޅާ ވޭނަކުން ކެތްނުކުރެވޭވަރު ވަމުން ދިޔައެވެ. އަނދިރިކަން ފުންވަމުން ދިޔަވަރަކަށް ދާނިޔަލްގެ މޫނު ފުސްވެ، ފަނޑުވަމުން ދިޔައެވެ. އަދި ދާނިޔަލްގެ އަތުތެރެއިން އޭނަ ދޫކޮށްލި ފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ.

އިރާ ދެލޯ ބޮޑުކޮށްފައި ވަށައިގެން ލޯ ހިންގައިލުމުން ހަގީގަތް ހާމަވެ، ސިކުނޑި ރަނގަޅަށް ހޭލައިފި އެވެ. މިއޮވެވުނީ ރިޒޯޓެއްގެ ގޮނޑުދޮށުގައި ނޫންކަމާއި އަމިއްލަ ކޮޓަރީގައި ދޫލަމަތީގައި ކަން ޔަގީންވުމުން އިރާއަށް ހެވިއްޖެއެވެ. އޭނަ ނިދީގައި އޮވެ މާ ގަދަޔަށް ފުރޮޅޭތީ ކުޑައިރުވެސް އެނދުން ވެއްޓުމުގެ ބިރު އޮންނަ ވާހަކަ މަންމަވަނީ ބުނެފައެވެ. އޭނަ ނިދަން އޮވެ ޖަހައިލި ސަކަރާތުގެ ސަބަބުން އެނދުން ބަންޑުންވީ ކަންނޭގެއެވެ. އެނދުގެ މަޑުކަމުގެ ބަދަލުގައި ދޫލައިގެ ހަރުކަމުން އޭނަގެ ގައިގައި ކޮންމެވެސް ވަރަކަށް ރިއްސައެވެ. ދޮރުގެ ފަރުދާތައް ކަހާލާފައި ހުރުމުން އިރުގެ ގަދަ އަލި ހުރަހެއްނެތި ކޮޓަރިތެރެއަށް ފުރާނާލާފައިވެއެވެ.

އިރާއަށް އެފެނުނީ ހާދަ ވަރުގަދަ ހުވަފެނެކެވެ. ހީވީ ހަގީގަތެއް ހެންނެވެ. ހާދަސާފުކޮށް އެއިން ކޮންމެ ތަނަކާއި ހަރަކާތެއް ފެނިގެން ދިޔައެވެ. އަދިވެސް ސިކުނޑީގައި ފިލްމެއްގެ މަންޒަރުތައްހެން ރީތިކޮށް އެ ހާދިސާ ރައްކާކުރެވިފައިވެއެވެ. ހުވަފެނަކީ ބިލާހެކެވެ.

"ޑެނީ އެހާ ނުލަފައެއް ނުވާނެ، މަންމަ ބުނާގޮތުން ޑެނީ އޭނަގެ ބައްޕަގެ އިއްޒަތާއި މެދު ވިސްނާނެ، އެހެންވެ ބޭރުތެރޭގައި އެހާ ޑީސެންޓްކޮށް އުޅެނީ، ގޭގައި އެއުޅޭ ގޮތަކުން ބައެއްފަހަރު މަންމަ ބިރުގަންނަވާލިޔަސް ޑެނީއަކީ ޗާމިންގް ހެންޑްސަމް ޕްރިންސްއެއް، އަހަރެން އޭނައަށް ހުވަފެން ކިޔާދޭންވީ ކަންނޭގޭ، ޑެނީއަށް އެ ޑްރީމް ކިޔާދީފިއްޔާ ވަރަށް މަލާމާތް ކުރާނެ ކަންނޭގޭ، ބުނާނެ ހުވަފެނެއްގައި ވެސް އިރާ ރޭޕް ނުކުރާނަމޭ، ހަދަހަދައިގެން ޑްރީމްތައް ކިޔާދެނީއޭ، އެކަމަކު ޑެނީ ކިހާ ރިއެލްކޮށް އެއައީ......." އިރާ އަމިއްލަ ޚިޔާލުގައި އިނދެފައި ހޭންފެށިއެވެ. އޭނަ ފުންމައިގެން ތެދުވެ ކުޑަދޮރު ހުޅުވައިލި އިރު އެ ރީތި ދެލޮލުގައި ވަނީ އުފާވެރި ކަމެވެ. ހުވަފެނުގައި ދާނިޔަލް އާއި އެކު އެހާ ގާތްކޮށް އުޅެވުމުން ހިތަށް ބުނަން ނޭގޭފަދަ ފޮނި އިހުސާސް ތަކެއް ކުރުވައިފި އެވެ. އެހަނދާން އާވަނިކޮށް ދާނިޔަލްގެ ކުރިމައްޗަށް ދާންކެރިދާނެ ހެއްޔެވެ؟ އޭނަގެ ހުވަފެނުގައިވެސް ދާނިޔަލް ފެންނަން ފެށީއެވެ. ހުވަފެނުގެ ޕްރިންސްއެއް ފަދައިންނެވެ.

އިރާގެ ތުންފަތުގައިވި ރީތި ހިނިތުންވުން ފަނޑުވެގެން ދިޔައީ އައިޒާ އާއި ދާނިޔަލްގެ ގުޅުމެއް އޮންނަކަން ހިތަށް އަރާފައެވެ. އެއީ އޭނައަށް ކުރެވުނު ކުށްހީއެއް ބާވައެވެ. ދާނިޔަލްގެ ކޮޓަރިއަށް އައިޒާ އެގޮތަށް ވައްދާފައި ދާނިޔަލް ކުރީ ކީއްހެއްޔެވެ؟ އެއެއް ބަލާހިތުން އިރާއަށް ކެތްނުކުރެވިގެން ކޮޓަރި ތެރޭގައި ދެކޮޅަށް ހިގަން ފެށިއެވެ.

މިދެތިން ދުވަހު ޖުވޭދާ ހުރީ ދާނިޔަލް މާ ރަނގަޅު މީހަކަށް ހަދައިގެންނެވެ. މިހުރިހާ ދުވަސްވާންދެން އިރާގެ ކަންތަކުގައި އިތުބާރު ނުކުރާއިރު ދާނިޔަލް އާއި ހަވާލުކޮށްލާފައި ބޭރަށް ދާން ޖުވޭދާ ފަހެއް ނުޖެހެއެވެ. ނަމަވެސް އިރާ ގެ މިޒާޖަށް ކުއްލިއަކަށް އައި ބަދަލެއް ނޭގެއެވެ. އޭނަ އުޅެނީ ކޮޓަރިން ބޭރަށް ނުނިކުމެ ފިލައިގެންނެވެ. ދާނިޔަލް ކުޅިވަރެއް ކުޅެލަން އެދުނަސް އިރާ ކޮންމެވެސް ބަހަނާއެއް ދައްކާތީ ދާނިޔަލް ފަހުން ބުނާކަށް ނޫޅުނެވެ. ގޮތެއް ހުންނަ ފިރިހެނަކީ ކަންނޭގެއެވެ. އެވަރުން އާދޭސްކުރުވައިގެން ކަމެއް ކުރުވާކަށް ނޫޅޭނެއެވެ.

އިރާ "ބިއުޓީ އެންޑް ދަ ބީސްޓް" ގެ މަންޒަރުތަކަށް ގެއްލިފައި އޮތްއިރު ޖުވޭދާވެސް ދޭތެރެއަކުން ސްކްރީނަށް ނަޒަރު ހުއްޓާލައެވެ. ޖުވޭދާ އިނީ އަތާއި ފައިގައި ހީނާފަތް އަޅައިގެން ކައުޗްގައި އޮށޯވެލައިގެންނެވެ. އޭނަވެސް މިދުވަސްކޮޅު ފޭޝަލް ހަދައި ރީތިވުމުގެ ހުރިހާ އުކުޅެއް ބޭނުންކުރެއެވެ. ޒުވާންކަމުގައި ދަރިފުޅާއި ވާދަކުރާހެން ހީވެއެވެ. ކުއްލިއަކަށް މީހަކު ނޫނީ އެއްޗެއް ކަންފަތްފަޅައިގެން ދާފަދަ ވަރުގަދަ އަޑަކުން ހަޅޭއްލަވައި ގަތުމާއި އެކު އިރާވެސް ހަޅޭއްލަވައި ގަތެވެ. ޖުވޭދާ ފުންމައިގެން ތެދުވުނުތަނުން ހީނާފަތް ސޯފާ އާއި ހެދުމުގައި ހޭކި ކުރިހާ މަސައްކަތް ބޭކާރުވެއްޖެއެވެ. އެއިވުނު ތޫނު އަޑަކީ ދާނިޔަލް ގެނައި ކޮކަޓޫއެއްގެ އަޑުފަށްގަޑެވެ. އޭރު އިރާވެސް އިނީ ބާލީސް މޭގައި ޖައްސައި ބާރުކޮށްލައި ގެންނެވެ.

"ދާނިޔަލް ކުރާކަންތައް....." ޖުވޭދާގެ މޫނު އަދިވެސް ހީވަނީ ހުދުކަމުން ކަފަކޮޅެއްހެންނެވެ.

"މަމް މެން ބިރުގަތީތަ؟ މިއީ އިރާއަށް ދޭން ގެނައި ހަދިޔާއެއް، ޕެރޮޓްތަކާއިގެން މޮޔަވާކުއްޖެއްނު، އެކަމަކު އިރާ ހަޅޭއްލަވައި ގަތީމަ ކުކީ ވެސް ބިރުގަތީ......" ދާނިޔަލް އެ ކޮށި ފެންޑާގެ އެއްފަރާތުގައި ބެހެއްޓި އިރު އިރާގެ ފިނޑިކަމާއި ހެދި އޭނަ ހުރީ ހީލަ ހީލައެވެ. ކުކީ ކޮށިތެރޭގައި ދެފަރާތަށް ހިނގަ ހިނގާ ހުރެ އަނެއްކާ ކަންފަތުގެ ތޫރި ފަޅައިގެންދާހާ ބާރަށް ހަޅޭއްލަވަން ފެށުމުން އިރާ ކަންފަތުގައި ބާލީސްއެޅިއެވެ.

"ކިތަންމެ ރީއްޗަސް ތިހާ ހުތުރު އަޑެއް އިން އެއްޗެއް ގެންގުޅެވޭތަ؟" ޖުވޭދާ ބޮލަށް އުދަގޫވި ނަމަވެސް ކެތްކުރަން މަސައްކަތްކުރިއެވެ. ނަމަވެސް ކޮކަޓޫ މިގޭގައި ގިނަދުވަހު ބައިންދައިފިއްޔާ ޒަހަރުދީގެން ނަމަވެސް އޭނަ މި ދޫނި މަރާލާނެ އެވެ. މާލޭ މީހުންނަށް ކޮކަޓޫ ގެންގުޅެން ދަތިވެ ބައެއްފަހަރު ފުލުހުންނަށް ރިޕޯޓްކުރާ ހިސާބަށްދަނީ މިއޮންނަ އަޑަކުންކަން ޖުވޭދާއަށް ރޭކާލީ އަދި ކިރިޔާއެވެ.

"ޑެނިއަލް ތި ގެނައި ތަނަކަށް ގެންގޮސްދީފާނަންތަ؟ ޕެރޮޓްދެކެ ލޯބިވެއޭ ބުންޏަސް ތިހާ ބާރަށް ސްކްރީމް ކުރާ އެއްޗެއްގެ ވާހަކަ ނޫން އެއީ.........." އިރާ ބާރަކަށް ބުނެލި ނަމަވެސް ދާނިޔަލްގެ ހިތް ވިރޭފަދަ ހިނިތުންވުމުން އިރާގެ ހިތް މަޑުވާން އުޅުނެވެ.

ދާނިޔަލް ކިތަންމެ ނުބައިކޮށް އުޅުނަސް ހިތަކުން އެ ފިރިހެނާ ފިލައިގެން ދަނީއެއް ނޫނެވެ. ވީމަ ރުޅި ދެއްކުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އިރާ ރުޅިއައިސްގެން މޫނު ބަނަކޮށްލި ނަމަވެސް ރުޅިވެރިގޮތެއް ނުފެނުނެވެ. އެހާ މަޑު ފީޗަރސްތަކެއް ހުރުމުން އެ ދޮންމޫނަށް އިތުރު ބަދަލެއްނައެވެ. އިރާ ރިމޯޓުން ޓީވީ ނިވާލާފައި ތެދުވެގެންގޮސް ކޮށި ކައިރިއަށް ގުދުވެލިއެވެ. އޭރު ކުކީ އިނީ އިރާ އާއި ދިމާލަށް އެ ކަޅު ދެލޮލުން ބަލަހައްޓައި ގެންނެވެ. އެހާ ބޮޑުވެފައި ރީދޫކުލައިގެ ހުޅިއެއްލާފައި އިނުމުން އެ ދޫނި އިންތިހާއަށް ރީއްޗެވެ.

ޖުވޭދާއަށް ފޯނެއް އައުމުން ކަންފަތުގައި ޖަހައިގެން އޭނަ ދިޔައީ އެތެރެއަށް ވަދެގެންނެވެ. ކުރިން އެގޮތަށް ދާނިޔަލް އާއި އިރާ މިނިޓަކަށް އެކަނިކޮށްލާފައި ދިޔުމަކީ ޖުވޭދާގެ ހަމަހޭ ހުރެގެން ކުރާނެކަމެއް ނޫނެވެ.

އިރުކޮޅެއްނުވަނީސް ދާނިޔަލްގެ އެކުވެރިއަކު ފޮށިގަނޑެއް ހިފައިގެން އައެވެ. އޭތި ރާވައިލުމުން އިންނަނީ ކުކީއަށް އަރާ އިނދެވޭނެ ދަގަނޑު ގަޑަކާއިއެކު ތިރީގައި ވަށްކޮށް އޮތް އޮމާން ތަށްޓެއް ފަދަ އެއްޗެއް އިންނަ ގޮތަށެވެ. ކުކީ އެންމެ ދަހިކޮށް ކާލަނީ ދޮން ފަޅޮލާއި ބިސްކޯދެވެ. އިރާ އެދުވަހު ގިނަ ވަގުތުތައް ކުކީ އާއިއެކު ހޭދަކޮށްލިއެވެ. ކުކީގެ ނަން އަމިއްލަ އަކަށް ކިޔާލާއިރު އަޑުއަހާމީހަކު ލޯބިން ހިތް ފުރިދާނެއެވެ. އެހާ ރީތި ހަދިޔާއެއް ދާނިޔަލް ގެނެސްދިނީމަ އިރާ ހުރީ ނިކަން ހިތްހަމަޖެހިފައެވެ. ފުރަތަމަ އެހާ ބިރުން އުޅުނު ކުއްޖާ އިރުކޮޅެއް ނުވަނީސް ކުކީދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. މައްސަލައަކީ ދޭތެރެއަކުން ކަންފަތް ބައްކޮށްލާހާ ބާރަކަށް ކުކީ އަޑުލައްވާތީއެވެ. ގެއަށް އަންނަ މެހުމާނަކު ބިރުން ސިއްސުވައިލާނެކަން ޔަގީނެވެ.

އިރާ އެހެން އުޅުނު އިރު ދާނިޔަލްގެ މަތިން ހަނދާންވިއެވެ. ދާނިޔަލް އާއި އައިޒާގެ ހަރަކާތްތަކަށް ފާރަވެސް ލެވެއެވެ. އައިޒާ ފެންނަނީ ސީރިޔަސްވެލާފައި ހުންނަތަނެވެ. ދާނިޔަލް އައިޒާއަށް ޖެއްސުން ކޮށްލާހެން ހީވާފަހަރުވެސް އާދެއެވެ. އެދެމީހުންގެ ކޮންމެ ހަރަތާކަށް ފާރަލައިގެން ހުންނަ މީހަކަށް ވެއްޖެއްޔާ ކަންތައް ދެނެގަނެވޭނެއެވެ. ދާނިޔަލްގެ އެހުންނަ ސިއްރުވެރި ގޮތަކުން އެހިތާއި ހަމަޔަށް އެކަކަށްވެސް ވާސިލުނުވެވޭނެ ކަންނޭގެއެވެ.

އައިޒާއަށް ކުރެވުނު ކުށުން ސަލާމަތްވާން ދެންވެސް ކުރެވުނީ ކުށެކެވެ. ހިތް ވިސްނައިދިނީ ނަހުޔާން އާއި ދާނިޔަލްގެ ހަޔާތުން ދުރަށް ނުގޮސް ނަހުޔާންގެ ހިތް ކާމިޔާބުކުރަން މަސައްކަތް ފެށުމަށެވެ. އެހެން ނޫނިއްޔާ އޭނައަށް ނަހުޔާންވެސް ގެއްލިގެން ހިގައިދާނެއެވެ. ނަހުޔާންގެ ދަރިއަކަށް ބަލިވެ އިނދެއްޖެއްޔާ އޭނަ ދޫކޮށްލާފައި ދުރަށް ދާން ނަހުޔާންއަށް ފަސޭހައެއް ނުވާނެއެވެ. އަމިއްލަ ކޮއްކޮއަށްވުރެ ދަރިފުޅަށް އިސްކަން ނުދޭނީ ކާކުހެއްޔެވެ؟ އެ ޚިޔާލު އައުމާއި އެކު އައިޒާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލިއްޖެއެވެ. އޮފީހުގައި އިނދެވެސް އައިޒާއަށް ކުރެވެނީ އެކަނި ނަހުޔާންގެ ޚިޔާލުތަކެވެ. ނަހުޔާން އާއިއެކު އެންމެ ރެއެއް ނަމަވެސް ހޭދަކޮށްލާނެ ގޮތެވެ. އިސްނަގަން ހަދާނެ ގޮތެކެވެ. މީހަކާއި އިނުމަށްފަހު އުފާވެރި ދިރިއުޅުމެއް ލިބިއްޖެއްޔާ އަންހެންކުއްޖަކު މިގޮތަށް ގެއްލި، މާޔޫސްވެފައި އިންނަތަން ނުފެންނާނެއެވެ. ނަމަވެސް އައިޒާ ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް އޭނަގެ ދިރިއުޅުން އެހާ ހަމަނުޖެހޭކަން ވިސްނައިލި މީހަކަށް ދެނެގަނެވޭނެއެވެ.

އައިޒާ ބާތުރޫމަށްވަދެ ބިލިގާއަށް އެރި ފެންވަރާލަން އޮތްއިރު ނަހުޔާން އެތަނަށް ވަންނާނެނަމައޭ ހިތަށް އެރިއެވެ. ތަންކޮޅެއް ކުރީ ޒަމާނުގެ ގޮތަށް ހަދާފައިވާ ބިލިގާއެއް ނަމަވެސް މަރުމަރުހިލަ އެތެރޭގައި ޖަހާފައިވެއެވެ. ދެމީހަކަށް ދަތިކަމެއްނެތި ފެންވެރިދާނެއެވެ. ވަށައިގެން ދިއްލާފައިވާ ރީދޫކުލައިގެ ކުދި އުއްބައްތިތައް ވިރެމުންދާއިރު އެ ދޮންމޫނު ފެންނަނީ ހުވަފެނީކޮށެވެ. ބައިގަޑިއެއްހާ އިރުވުމުންވެސް ނަހުޔާންގެ ޚަބަރެއް ނުވުމުން އައިޒާ ތެދުވެގެން ގޮސް ދޮރުން ބޯދިއްކޮށްލައިފި އެވެ. ނަހުޔާން އިނީ އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން ލެޕުން ކޮންމެވެސް މަސައްކަތެއް ކުރާށެވެ. އެކަނި ޖިންސްލައިގެން އިންއިރު އިޝްތިހާރެއް ފަދައެވެ.

"ނަހުޔާން، ތުވާލި ގެނެސްދީފާނަންތަ؟ " އައިޒާގެ ތުންފަތްމަތީގައި ކުޑަ ހިނިތުންވުމެއްވިއެވެ. ނަހުޔާން ކަންނެތް ގޮތަކަށް ތެދުވެގެންގޮސް އާއްމުކޮށް ތުވާލި އަޅުވާތަންތަން ބަލައިލުމަށްފަހު ނުފެނުނު ކަމަށް އަންގާފައި އެނދާއި ދިމާލަށް ފިޔަވަޅެއް އެޅިއެވެ. ހާދަ ވިސްނެއެވެ. ހިތް ކިޔާފާނެތީ އެއުޅެނީ ބިރުންނެވެ. ބަލައިލަން ޖެހިލުން ވަނީ އެހެންވީމައެވެ.

"އޯލްރައިޓް، ލޯ މަރާބަލަ، ނޭކެޑްކޮށް މިހިރީ......." އައިޒާ ނަހުޔާންގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ނުކުތީ ޓޫރިސްޓެއްފަދައިން އެތެރެއިން ލާ އެއްޗިއްސާއި އެކުގައެވެ. ކޮޓަރިއަށް ވެރިވެފައިވާ ރަންކުލައިގެ އަލީގެ ތެރޭގައި އެ ހަށިގަނޑުގައި ވިދާފެންތިކިތައް ހުދު ޖަވާހިރު ފަދައިން ބަބުޅައެވެ. އޮމާންކަމުގެ އިންތިހާއެވެ. ނަހުޔާން އޮތީ އޭސީ ސޯޅައަށް ލައިގެން ކަމަށްވާތީ މިނިޓެއްގެ ތެރޭގައި އައިޒާ ހީކަރުވައިގެން ރޫރޫއަޅަންފެށިއެވެ.

"އަހަންނަށް ހީވަނީ މިވަގުތު ކުއިލްޓްގެ ދަށަށް ނުވަދެއްޖެއްޔާ ހީކަރުވައިގެން މަރުވެދާނެހެން..." އައިޒާ ނަހުޔާންގެ ފައިމަތިން އެނދަށް އަރާފައި ކުއިލްޓް ގައިމަތީގައި ފަތުރާލިއެވެ. ނަހުޔާން އިނީ ސީރިޔަސްވެފައެވެ. އެ ވާހަކައަށް ޖަވާބެއްދިނުން ބޭނުންކަމަކަށް ނުވިއެވެ. ނޫނީ އައިޒާ ކުޅެނީ ޑްރާމާއެއްކަން އޭނަގެ ވިސްނުން ތޫނުކަމުން ދެނެގަތީއެވެ. އައިޒާ ނަހުޔާން އާއިދިމާލަށް އެނބުރިލަމުން އެ އަތުގައި ހިފާލި ގޮތަށް އެ ދޭތެރޭގައިވި ބީރައްޓެހިކަމުގެ ފާރު އެއްފަހަރާ ކުދިކުދިވެގެން ފައިބާ ބިމާ ހަމަވެއްޖެއެވެ. ނަހުޔާންގެ ރީތިކަން އައިޒާގެ މިލްކަކަށް ވެއްޖެއެވެ. ނަމަވެސް ނަހުޔާންއަށް މިރޭ ޔަގީންވި ކަމަކުން އައިޒާ އާއިމެދު ހިތުގައި އޮތް ގަދަރާއި އިއްޒަތް މުޅިންހެން ނެތިގެން ހިގައްޖެއެވެ. މިފަދަ އަންހެންކުއްޖަކާއި އެކު މުޅި އުމުރަށް ތެދުވެރިވެގެން އުޅެވިދާނެ ބާވައޭ ހިތާއި ހިތުން ސުވާލު ކޮށްލެވުނެވެ. ނަމަވެސް ނަހުޔާން ގެ ޝުޢޫރުތައް ފޮރުވަން ކުޅަދާނަކަމުން އޭނަ އެކަނަ އެނގުނު ކަމަކަށް ނެހެދިއެވެ. ސުވާލު ކުރުމަކީ ބޭނުންކަމަކަށް ނުވިއެވެ.

އައިޒާ ފަތިސް ނަމާދު ކޮށްލައިގެން ބޭރަށް ނުކުތީ ނަހުޔާންއަށް ކޮފީއެއް ހަދައިލަންވެގެންނެވެ. ނަހުޔާންއަށް ރަނގަޅު އަންބެއްގެ ޚިދުމަތްކޮށް، އެހިތުން ޖާގަ ހޯދުމަށްވުރެ މުހިއްމު އެހެންކަމެއް މިވަގުތު އައިޒާގެ ނެތެވެ. އެހާ މޮޅަށް ކިޔަވައިގެން ހުއްޓަސް ނަހުޔާންއަށް ޓަކައި ވަޒީފާ ދޫކޮށްލަންވެސް އޭނަ ފަހެއް ނުޖެހޭނެއެވެ. ދުނިޔޭގެ ހުރިހާކަމަކަށް ވުރެ އައިޒާއަށް މުހިއްމު ވެފައިވަނީ ނަހުޔާންގެ ހިތް މިލްކުކުރުމެވެ. އައިޒާ ކާކޮޓަރިއަށް ވަދެ ބޮކި ދިއްލާލާފައި ފެން ހޫނުކުރަން ޖައްސައިފިއެވެ.

"ހެލޯ....." ދާނިޔަލްގެ އަޑު އިވުމުން އައިޒާ ސިހުނު ވަރުން އަތުން ތަށިދޫނުވީ ކިރިޔާއެވެ.

"ސޮރީ ސިއްސުވައި ލެވުނީމަ، ހާދަ ޚިދުމަތްތެރި އަންބެކޭ، އެކަމަކު އެންމެ މެޖިކް ވޯޑެއް އަޑުއިވޭއިރަށް ނަހުޔާން އައިޒާ އެހެން ޕްލެނެޓަކަށް ވެސް ފޮނުވާލާނެ އިނގޭ...." ދާނިޔަލް ކައުންޓަރުގައި އަތް އަޅުވައިލަމުން ހިނިތުންވެލިއެވެ. ނިދާ ހޭލިނަމަވެސް ދާނިޔަލް ފެންނަނީ ނިކަން ރީތިކޮށެވެ. ރީތިކަމުގެ ރޭހުން ނަހުޔާން ބަލިކޮށްލެވިދާނެ ފަދަ ފުރިހަމަކަމެއް ދެއްވާފައިވާތީ އަމިއްލަ ނަފުސަށް އޮންނަނީ ހާދަ ވަރުގަދަ އިތުބާރެކެވެ. ފޮނި ނުވާވަރެއްނޫނެވެ. ނަމަވެސް ދާނިޔަލްއަށް ލިބިފައިވަނީ ކޮންފަދަ އަޚުލާގެއް ހެއްޔެވެ؟ ލަދުގެ ކަންފުޅެއްވެސް ނަހައްދަވައެވެ. ހޮސްޕިޓަލުގައި އުޅޭއިރު ސްމާޓް، ވަރުގަދަ ޝަޚުސިއްޔަތެއްގެ ގޮތުގައި ބަލިމީހުންނަށް ފެނިފައި، ގޭގެ ހަތަރުފާރުން އެތެރޭގައި އޭނަ "މޮންސްޓަރ" އަކަށް ބަދަލުވަނީއެވެ. 

"ކިތަންމެ ރީއްޗަސް ދޮންބެ ހައްލާނުލެވޭނެ...." ދާނިޔަލް ގެ ތަރުތީބެއްނެތި ހޭވިފައިވާ އިސްތަށިގަނޑު އެ ތަނަވަސް ނިތުމައްޗަށް ފައިބައިގަތެވެ. އައިޒާގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. ނަހުޔާންގެ ހަރުދަނާކަމާއި، މާތް އަޚުލާގު އައިޒާގެ ހިތުން މަގާމެއް ހޯދާފައިވެއެވެ. އަދި ރޭގެ ހާދިސާއަށްފަހު އައިޒާގެ ހިތާއި ފުރާނައިން ނަހުޔާންއަށް ބޭނުންވާންފެށިއެވެ. ދުވަހަކުވެސް އޭނައަށް އެހާ ރަނގަޅު ފިރިޔަކު ލިބޭނެކަމަށް ގަބޫލުނުކުރެވެނީއެވެ. ދާނިޔަލް އޭނަގެ އުފާތަކަށް ހުރަސް އަޅަން އުޅެނީ ކީއްވެހެއްޔެވެ؟ ކުޑަ ކުޑަ އުފަލެއް އޭނައަށް ލިބެން ނޭދެނީހެއްޔެވެ؟

"ދާނިޔަލް، ތިގޮތަށް އުދަގޫ ކުރުމުގެ ބޭނުމަކީ ކޮބާތަ؟ " އައިޒާގެ ދެލޮލުން ކަންބޮޑުވުމުގެ އަސަރު ފެނުނެވެ. ބޮޑު ހޮސްޕިޓަލެއްގެ ވެރިމީހާއަށް ވެފައި ހިތްވަރު ގަދަ ކުއްޖަކަށް ވިނަމަވެސް ދާނިޔަލްގެ ކުރިމަތީގައި އޭނަ ހިތްވަރުބަލިވެދެއެވެ. ދާނިޔަލްގެ ކުރިމައްޗަށް އައުމުން އޭނަ އެއްވެސް މީހަކަށް ނުވެއެވެ. އަގެއްނެތެވެ. ފިރިހެނުން ބޭނުން ވާކަންތައް ކުރެވުނީމަ އެކުދިން ބިމުގައިވާ ވެއްޔަށްވުރެ ނިކަމެތި ކޮށްލާނެއެވެ. ދާނިޔަލްގެ އަވައިގާ ޖެހުނުކަމުގެ މޮޔަ ހީވިއެވެ.

"ވެލް.. ކިސްއެއް ދިނީމަ އަހަރެން އިތުރަށް ގޯނާއެއް ނުކުރާނަން...." ދާނިޔަލް ގަސްތުގައި އައިޒާ ހާސްކުރުވަން މަސައްކަތްކުރިއެވެ. އައިޒާ ތުންފަތުގައި ބާރަށް ދަތްއަޅައިލި އެވެ. ރޭގައި ލިބުނު އުފާކޮޅު ފެނަށްވެގެން ހިގައްޖެއެވެ.

"އަހަރެންގެ ވިކެޑް ބޮސް އަށް ލެސަންއަށް ދޭނަމޭ ހިތަށް އަރާތާ ކޮން އިރެއް......" ދާނިޔަލް އަތްދިއްކޮށްލާފައި އައިޒާގެ މޫނަށް ފައިބައިގަތް އިސްތަށިކޮޅު އެއްފަރާތްކޮށްލަދިނެވެ.

"ދާނިޔަލް....." އައިޒާއަށް ހަޅޭއްލަވައި ގަނެވުނެވެ. ޖުވޭދާ ދޮރުން ބޯދިއްކޮށްލި ވަގުތު ދާނިޔަލްވެސް ފަހަތަށް ޖެހިލައިފި އެވެ. ދާނިޔަލް ހުސްގަޔާ ހުރިތަން ފެނުމުން ޖުވޭދާ ގެ ހިތުގައި ސުވާލު އުފެދުނެވެ. ދާނިޔަލް ސޯޓުގައި ހުރިއިރު އައިޒާހުރީ ހަރުވާޅަކާއި، ގަޔަށް ބާރު ޓީޝާޓެއްލައިގެންނެވެ. އިރާމެންނާއި ޚިލާފަށް އައިޒާއަކީ އަންހެންވަންތަ ކަމުގެ މިސާލެއްނެތް ފަދަ ހަށިގަނޑެކެވެ. އެހާ ބާރު ހެދުމެއްލާފައި ވަނާތައް ހުރަހެއްނެތި ފެނުމުން އަސަރު ނުކުރާނެ ފިރިހެނަކު ވާނެކަމެއް ނޭގެއެވެ.

"މޯނިން މަމް. ކޮފީއެއް ބޭނުންތަ؟ " ދާނިޔަލްގެ ހިތްގައިމު ނަޒަރު ޖުވޭދާގެ މޫނަށް ހުއްޓުނެވެ. އެ ވިދާ ދެލޮލުގެ ރީތިކަމުން މީހުންގެ ޅަ ދަރިންވެސް ހައްލާލަނީއެވެ. ޖުވޭދާ ހިނިއަންނަ ގޮތްވިއެވެ.

"ހާދަ ރަނގަޅޭ، ދާނިޔަލް ކޮފީއެއް ހަދާދީފިއްޔާ ބޯން މަޖުބޫރުވާނެ...." ޖުވޭދާ ސަމާސާ ކޮށްލިއެވެ. އާއްމުކޮށް ހެދުނު އިރުއަރާފައި އެތައް އިރެއް ވާންދެން ޖުވޭދާ ހުންނާނީ މޫނު ބަނަކޮށްލައިގެންނެވެ. ކޮންމެވެސް ކަމަކާއި މުފީދާ ނޫނީ ރޯޒާއާއި މައްސަލަ ނުޖައްސާނެ އިރެއް ނުދާނެއެވެ. ކިތަންމެ ރަނގަޅަށް މީހަކު ކުރާކަމަކުން ވެސް ޖުވޭދާއަށް މައްސަލަތައް ފެންނާނެއެވެ. ފުރިހަމަކޮށް ނުވަންޏާ ކަންތަކާޖެހުނީއެވެ. ކުޑަ ހިރަފުސްކޮޅެއް، މަކުނުވާކޮޅެއް ފެނިލިޔަސް ޖުވޭދާ އެމީހުންނާއި ދިމާލަށް އެއްޗެހި ކިޔައިގަން މަސައްކަތް ފުރިހަމަ ނުކުރާކަމަށް ކިޔާނެއެވެ.
"ބްލެކް އޯރ ވައިޓް؟ " ދާނިޔަލް ދެ މަގު ނަގާފައި މޭޒުމަތީގައި ބެހެއްޓިއެވެ.
"ބްލެކް" ޖުވޭދާ ހިނިތުންވެލިއެވެ.

"ދޮން ކުދިން ކަޅު ކޮފީ ބޯކަށް ނުވާނެ..." ދާނިޔަލް ގެ އެ ޖުމްލައިން އައިޒާ ހިނި ނައީ ކިރިޔާއެވެ. ދާނިޔަލް ނުލަފާކަމުން "ދޮންކުދިން" އެ މާނަ ކުރީ ދޮންމަންމައަށް ވީމަ ކަމަށް ވެދާނެއެވެ. ނުލަފާކަމެއް ދެއްވާފައި ހުރި ފިރިހެނެކެވެ. މިތަނުން އަވަހަށް ދާންވީއެވެ.

"ފަހަރިއަށް އަހަރެން ހަދާދޭ ކޮފީކަމަކު ނުދާނެ، އަހަރެން ކޮށްދޭކަމެއް ރަނގަޅެއްވެސް ނުވާނެ، އެހެންނޫނަސް އަހަރެމެންގެ ބޮސްވީމަ ދެން ރެސްޕެކްޓް ކުރަން ޖެހޭވަރުން ޕަނިޝްކޮށްލާކަށްވެސް ނުކެރޭނެ، ކުޑަކުއްޖަކު ބޮސްއަކަށް ހުރީމަ ނުވެސް ގުޅޭ........." ދާނިޔަލް ގެ ވާހަކަތަކުން އައިޒާގެ ހިތް ގުޑާލިއެވެ. މި ފިރިހެންކުއްޖާ ހުއްޓާލާނީ އޭނަ ބޭޒާރު ކޮށްފައިކަން ނޭގެއެވެ. އައިޒާ ޖަވާބެއްނުދީ އަވަހަށް ކޮފީމަގު ހިފައިގެން ދާން ހިނގައިގަތެވެ. ދާނިޔަލް ކަތި ނަޒަރަކުން ބަލާލާފައި ކޮފީހަދަން އުޅުނުއިރު ލަވައެއް ކިޔައިލިއެވެ. ޖުވޭދާ މާ ހިތްހެޔޮވެގެން އުޅޭތީ އެކަމާއި ދާނިޔަލް ވިސްނާކަށް ބޭނުމެއްނުވިއެވެ. އެއަށްވުރެ ދާނިޔަލް މާ ހަމަޖެހޭ މީހެކެވެ.

ޖުވޭދާ މަލީކް އާއި ކައިވެނި ކުރިއިރު ޖުވޭދާ އާއި ކުރީގެ ފިރިމީހާގެ ދަރިފުޅު އިރާއަށް އެންމެ އަހަރެކެވެ. ނޫކުލައިގެ ބޮޑު ދެލޯ ލިބިފައިވާ ކުޑަ އިރާ ފެނުމާއިއެކު މަލީކްގެ ހިތް އެ ކުޑަ އަންހެންކުއްޖާ އަތުލިއެވެ. މަލީކްގެ އަންހެންދަރިއެއް ނެތުމުން އަމިއްލަ ދަރިއެއްފަދައިން ލޯތްބާއި ކުލުނު ޖެހުނެވެ. އޭރު މަލީކްގެ ދެބެންކަމަށްވާ ދާނިޔަލް އާއި ނަހުޔާންއަކީ އެންމެ ސަކަރާތްޖަހާ އުމުރުގެ ދެކުދިންނެވެ. ދޮންމަންމައެއް ގެނައުމުން ބަލައިގަތުން ދާނިޔަލްއަށް ފަސޭހަކަމަކަށް ނުވީ އޭނަގެ މިޒާޖުގެ ސަބަބުންނެވެ. އިރާއާއި ތޮޅުމަކީ ދާނިޔަލްގެ އާދައެކެވެ. އިރުއިރުކޮޅާ ކޮންމެވެސް ގޯނާއެއްކޮށް އިރާ ރޮއްވާލުމުން ދާނިޔަލްގެ ހިތަށް އުފަލެއް ލިބޭހެން ހީވެއެވެ. ޖުވޭދާގެ ހިތުގައި ދާނިޔަލްގެ މައްޗަށް އޭރުއްސުރެ ޝަކުވާ އުފެދި ރުޅިއަންނަ ގޮތްވާން ފެށިއެވެ. ޖުވޭދާގެ ހުރި އެންމެ ދަރިފުޅާއި އެއްވެސް ކުއްޖަކު ތޮޅޭތަން ބަލަން އޭނައަށް ކެތްކުރެވިދާނެ ހެއްޔެވެ؟ ނަމަވެސް ޖުވޭދާ އިންތިހާއަށް ކެތްކުރިއެވެ. އެހެން އުޅެނިކޮށް ދާނިޔަލް އިރާ އުދޯއްޔަކުން ކޮށްޕައި ވައްޓައިލުމުން ވެއްޓި ތުންފަތް ފަޅައިގެން ގޮސްފައި ބޮޑު އަނިޔާ އަކަށްވިއެވެ. ދާނިޔަލްއަށް ލިބޭ ކޮންމެ ފުރުސަތެއްގައި އިރާ ރޮއްވާލުން އާދަކުރިއެވެ. އޭނަގެ ބައްޕަ އެކަން ހުއްޓުވަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. ސިއްރުސިއްރުން ނަމަވެސް ދާނިޔަލް ހުންނަނީ ޖުވޭދާއަށް ފާރަލައިގެންނެވެ. އިރާ ކުޅެން ގެންގުޅޭ ބުދުތައް ހަލާކުކޮށްލުން ފަދަ ކަންތައް ކޮށްގެންވެސް އިރާގެ ރުޅިވެރިކަން ދާނިޔަލް ހޯދައެވެ.

ޖުވޭދާ ފްލައިޓަށް އަރާފައި ޕެނިކް އެޓޭކް ޖެހިގެން ލަންޑަނާއި ހަމަޔަށް ފޯރުމަށްފަހު ދުވަހަކު އެހެން ތަނަކަށް ނުދާން އަޒުމް ކަނޑައެޅިއެވެ. ނަމަވެސް ދެތިން އަހަރުފަހުން ޖުވޭދާގެ މަންމަ މާ ބޮޑަށް ބަލިވެގެން ރަށަށް އަންނާން މަޖުބޫރުވިއެވެ. ޖުވޭދާ މާލެއައީ އިރާ ގޮވައިގެންނެވެ. އެފަހުން ޖުވޭދާ އަދި ރާއްޖެއިން ބޭރަކަށް ނުދެއެވެ. ދަރިފުޅު އިރާއަށްވެސް އޭނަގެ ބިރާއިހެދި ވަނީ އެއްވެސް ތަނަކަށް ދިޔުމުގެ ނަސީބެއް ނުލިބިފައެވެ. އެހެންނޫންނަމަ އިރާ ހުންނަނީ އެތަންމިތަނަށް ދަތުރުކުރާހިތުން މޮޔަވެފައެވެ. ކެބިންކްރޫއަކަށް ވާންވެސް ހިތް ބޭނުންވިއެވެ. ނަމަވެސް މަންމަ ހުއްދައެއްނުދޭނެއެވެ. ނުވީތާކަށް އޭނަގެ ހައްގުގައިވެސް މަންމަ ފްލައިޓަށް އަރަން އެއްބަހެއްނުވާނެއެވެ.

ޖުވޭދާ މާލެއައުމުން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ "އެވަރލޭންޑް" އޭނައާއި އިރާއަށް ހިތަކަށް ލިބުނުކަމެވެ. އެކުޑަ ދާނިޔަލްގެ އުދަގޫތަކުން ސަލާމަތްވި ކަމަށްޓަކައި ޖުވޭދާ އޭރު ހަމްދުކުރިއެވެ. ސަދަގާތްވެސް ކުރިއެވެ. އޭނަ މަތިންދާބޯޓު ދަތުރުކުރަން ބިރުގަންނަކަން ބަހަނާ އަކަށް ހަދާލާފައި ދާނިޔަލް މެންނާއި ވަކިން މާލޭގައި އުޅުނު އަހަރުތަކަކީ ޖުވޭދާގެ ހަޔާތުގައި އެންމެ ހަމަޖެހިގެން ވޭތުކޮށްލެވުނު އަހަރުތަކެވެ. މިހާރު އެދެބެން ކިޔަވައިގެން އައުމުން މާޒީ އިޢާދަވީއެވެ. ކުޑަކުދިންހެން ތޮޅުމުގެ ބަދަލުގައި ދާނިޔަލް އެހެންގޮތަކަށް އިރާއަށް ގޯނާނުކޮށް ނުހުންނާނެއޭ ޖުވޭދާގެ ހިތްބުނާވަރުން އެކަން ނަފްސާނީ މައްސަލަ އަކަށް ވާ ހިސާބަށް ހިގައްޖެއެވެ.

މިހާރު ޖުވޭދާ ކިރިޔާވެސް ދާނިޔަލްއަށް ހެޔޮއެދިގެން އުޅެނީ އޭނަގެ ހިތުގައި ދާނިޔަލް ދަނބިދަރިއަކު ކަމަށް ހަދަން ނިންމި ހިސާބުން ފެށިގެންނެވެ. މަލީކް އެހެން އަންބަކު ގެންނަން މަސައްކަތް ކުރާއިރު މަލީކް އޭނަ ވަރިނުކުރާނީ މިފަދަ ގުރުބާނީއެއް ވެގެންނެވެ. ދާނިޔަލް އާއި އިރާގެ ކައިވެނި ކުރެވިއްޖެއްޔާ ޔަގީނުންވެސް އެ ގުޅުން ދަމަހައްޓަން މަލީކްވެސް ވިސްނަވާނެކަން ޔަގީނެވެ. ދެވަނަ އަންބެއްގެ މަގާމުގައި ހުންނަންވެސް ޖުވޭދާއަށް އެންމެ ރަނގަޅެވެ.

ނަހުޔާން ދާނިޔަލްގެ ކޮޓަރިއަށް ވަންއިރު އޭނަ އޮތީ ބަންޑުން ކަހަލަ ގޮތަކަށް އެނދުގައި އޮށޯވެލައިގެން ފޯނު ދޫލަމަތީގައި ބާއްވައިގެން އެއްއަތުން ކުޅެލަ ކުޅެލައެވެ. ކުޑަދޮރުތައް ހުޅުވާލާފައި ހުރުމުން އިރުގެ އަލިން މުޅިތަން ފެންވެރިފައި އޮތެވެ. ދޮރާއި ދިމާލުން އިންދާފައިވާ ހުވަދުމާގަސްތަކުގެ މީރުވަސް ނަހުޔާންގެ ނޭފަތަށް ގެނެސްދިނީ ހިތްފަސޭހަ ވައިރޯޅިތަކެވެ. ވައިރޯޅިއަކަށްފަހު ވައިރޯޅިއެއް ކޮޓަރިތެރެއިން ވަންނަމުންދާތީ ކޮންމެވެސް ވަރަކަށް ފިނިވެލާފައިވެއެވެ.

"ޑެނިއަލް....." ނަހުޔާން ދާނިޔަލްގެ ފައިތިލައިގާ ހިފަހައްޓާލުމުން ދާނިޔަލް ހީލިއެވެ.

"ހޫމް...." ދާނިޔަލްގެ ރީތި ދެލޯ އޭނަގެ ބޭބެއާއި އަމާޒުވިއެވެ. އެ ސީރިޔަސްކަމާއި، ހަރުދަނާކަން ފެނުމުން ޚުދު ދާނިޔަލްގެ ހިތަށްވެސް ގޮތެއްވިއެވެ. އައިޒާއަށް މިހާރު އުދަގޫކޮށްގެން ނުވާނެކަމަށް ހިތުގެ ކަނަކުން އިންޒާރު ދިނުމުން ނަހުޔާން އާއި ހަތަރުކަޅިހަމަކޮށްލަން އުދަގޫވިއެވެ. އައިޒާ ކިތަންމެ ނުބައި އަންހެންކުއްޖަކަށް ވިޔަސް ފަހަރިއަކަށް ވުމުން އޭނަ ގެ ވިސްނުން ބަދަލުކުރަން ނުޖެހޭނެ ހެއްޔެވެ؟ ނަހުޔާންއަކީ ކުޅޭ މިޒާޖުގެ ޒުވާނެއްނޫނެވެ. ހަރުދަނާ ފިރިހެނެކެވެ. އޭނަ ގެންގުޅޭ ހުރިހާ އެއްޗެއް ދޮންބެއާއި ހިއްސާކުރުމުގެ އުސޫލު މިފަދަ ކަމެއްގައި ނަހުޔާން ގަބޫލެއް ނުކުރާނެއެވެ.

"ޑިއުޓީއަށް ނުދާތީ ވީގޮތެއް ބަލާލަން އައީ... އަބަދު ފޯނު އެންގޭޖްކޮށްގެން ތިއުޅެނީ އަހަންނަށް ނާންގާ ކަމެއް ހިންގަނީތަ ބްރޯ......." ނަހުޔާން ސަމާސާ ރާގަކަށް ބުނަމުން އެނދުމަތީގައި އޮތް މެގަޒީންއެއް ނަގާފައި އޭނަ ހުޅުވައިލީ އެއްގޮތަކަށްވެސް އެއްޗެއް ފެނުމުގެ އުއްމީދުގައެއްނޫނެވެ. މެގަޒިންގެ ސަފުހާއެއްގެ ތެރެއިން ސޮއްސާލައިގެން އެނދުމައްޗަށް ވެއްޓުނު ތަސްވީރު ފެނުމުން ނަހުޔާންގެ މޫނުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލުވެގެން ދިޔަތަން ދާނިޔަލްއަށް ފެނުނެވެ.

ކޮމެންޓް 0