މިލާން ދުވެލާފައިގޮސް ފެންޑާއާއި އަރާހަމަވެފައި އެތަން ތެމިދާނެތީ އެތެރެއަށް ވަންނާކަށް ނުކެރުނެވެ. މިލާން ހުރި ފިޔަވަޅުމަތީގައި މީހެއްގެ އިންތިޒާރުގައި ހުރީ ވާރޭގެ ތެރޭގައި ބަހައްޓާފައިވާ ހިލައިގެ ބުދެއްހެންނެވެ. އޭރު ހިތް ބިރުގަނެ ނުބައިގޮތެއް ވެފައިވެއެވެ. މީހަކު ނުފެންނަނީސް މިތަނުން ދުވެ ފިލަން ހިތް މަޝްވަރާދިން ނަމަވެސް މާމަގެ ވަސިއްޔަތް ހަނދާންވެފައި ހުރި ފިޔަވަޅުމަތީގައި ގުޑާނުލާ ހުރެވުނީއެވެ. ކޮންމެގޮތެއް ވިޔަސް މި ނޫނީ މާލެއިން ރައްކާތެރިކަން ލިބިދާނެ އެހެން ތަނެއް ހުރިކަމާއިމެދު މިލާން ޝައްކެވެ.

"އަނހަ މިލާން...ކިހިނެއްވީ......." ޖުވޭދާ ދޮރުމައްޗަށް އަރާފައި ކުޑަކޮށް ބުމަގޮށް ޖަހާލީ ބޭ އިޚުތިޔާރުގައެވެ. މުފީދާ މަރުވުމާއިއެކު އަނެއްކާ މިލާން މިގެއަށް އައުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ މިލާންފަދަ ރީތި އަންހެންކުދިންނަކީ ފިރިންނަށް ނުރައްކާވެދާނެ ބަޔެކެވެ. ނަހުޔާން އާއި ދާނިޔަލްގެ ހިތް އަތުލައިގަންނާނެއެވެ. ނަމަވެސް ރޯޒާގެ މަންމަ ބަލިވެގެން ކުއްލިއަކަށް ފުރަން ޖެހުމާއިއެކު އޭނަވަނީ ރަނގަޅު އަންހެންކުއްޖަކަށް ބޭނުންވެފައެވެ. ދީނާވެސް ނެތި މިދުވަސްކޮޅު ގޭގެ ހުރިހާ މަސައްކަތެއް ކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ވުމާއިއެކު މިލާން ފޮނުވައިލުމަކީ ރަނގަޅު ކަމަކަށް ނުވެ ހިނގައިދާނެއެވެ.

"ވަދޭ، އެތެރެއަށް ވަދޭ، ހީކަރުވައިގެން ހަލާކުވަނީއެއްނު، އެއްޗެހި ބަދަލުކޮށްގެންގޮސް ހޫނު ޗޮކްލެޓެއް ބޯލާ......" ޖުވޭދާ ކުއްލިއަކަށް ހުރިހާ ދަތްތައް ދައްކާލަމުން ހީލައިފިއެވެ.

"މުފީދާ މަރުވުމުގެ ދުވަސްކޮޅެއް ކުރިން އަހަންނާއި ދިމާވި، އަހަރެން މާފަށްވެސް އެދުނިން، މުފީދާ ބުނި މިލާން ގެންގުޅެދޭށޭ، މިސްއަންޑަސްޓޭންޑިން އަކުން މުފީދާ ގެއިން ފޮނުވާލަން ޖެހުނަސް އަހަރެމެން އެކަންތައްކުރީ މިލާންގެ މާމައަށް ދެރަވާނެ ގޮތަކަށް ނޫން އިނގޭ، މަލީކް ހުންނެވީ މުފީދާއަށް މަހުން މަހަށް މުސާރަވެސް ދޭގޮތަށް، ބައްޔެއް ވެއްޖެއްޔާ ފަރުވާކޮށްދޭގޮތަށް، އަހަރެމެންނަށް މުފީދާ ބަލިކަމާއި އެޑްމިޓްކުރީ އައިޖީ އެމް އެޗް ގައިކަން އެނގުނީ މާ ފަހުން... އައިމް ސޮރީ...." ޖުވޭދާގެ ވާހަކަތަކުން މިލާންގެ ލޮލުން ކަރުނަ އޮހިގަންނަން ތައްޔާރުވިއެވެ. ނަމަވެސް އޭނަ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ.

"ރޯޒާ ނެތީމަ އަހަރެން މިހުންނަނީ އެކަނި މަސައްކަތްތައް ކުރަން ވީމަ އުދަގޫވެފައި، މިލާން އައިކަމީ މަގޭ ނަސީބު..." ޖުވޭދާ ބުނަމުން ދިޔައެވެ.

މިލާންއަށް އުޅެން ލިބުނީ އޭނަ އެންމެ ކުރިން މިގޭގައި އުޅުނު ހިތްގައިމު ކޮޓަރިއެވެ. ސަދުވާތައް ދަމާފައިވާ އެނދާއި ކޮޓަރީގެ ފިނިކަމާއި އަރާމުކަން އިހުސާސް ކޮށްލާފައި ހިތަށް އުދަގޫވިއެވެ. އޭނަގެ މާމަ ދުނިޔޭގައި ހުރިއިރު މިފަދަ އަރާމެއް ހޯދައިނުދީ އޭނަ މިފަދަ ތަންތަނުގެ ބޭނުން ކުރުމަކީ އިންސާފެއް ހެއްޔެވެ؟ އޭނަ ހިތްއެދެނީ މިތަނުން ދުވެ ފިލުމަށެވެ. ނަމަވެސް މާމަ އަބަދުވެސް އޭނަ އުފަލުގައި އުޅެން ބޭނުންވާކަން ހިތަށް އަރާފައި އެނދުގައި ބޯ ޖައްސާލިގޮތަށް ކަރުނަ އޮހިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. އެކަނިވެރިކަން އޭނަ ވަށާލާ ފިތާލިކަމުގެ އިހުސާސް ކުރެވުނެވެ.

ރޮއި ރޮއި ހަލާކުވީއިރުވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްލާނެ އެއްވެސް މީހަކުނުވިއެވެ. 

ހެދުނުއްސުރެ އެއްޗެއް އަނގަޔަށް ނުލާ ހުރުމުން ބަނޑުހައިކަމުގެ އުދަގޫތައް އެހާ ބޮޑުވިއެވެ. ފްރިޖްތައް ބަރާވެފައި ކާއެއްޗެއްހި ހުންނާނެކަން އެނގޭއިރު ވެސް ބަދިގެއަށް ދާނެ ހިތްވަރެއް އޭނަގެ ނެތެވެ. ހޫނު ޗޮކްލެޓަކަށް ޖުވޭދާ ދައުވަތު ދިންނަމަވެސް އެކަމެއް ނުކުރެވުނެވެ. ކާހިތެއް ނުވިއެވެ. މާމަ ހުރިނަމައެވެ. މިލާން އޭނަގެ މާމަ މަތިން ހަނދާންވެ ހިތުގައި ޖެހިގެން ރޮއި ރޮއި އޮތްވާ ނިދުނުއިރެއްވެސް ނޭގެއެވެ.

ފަތިހު މިލާން ނަމާދަށް ތެދުވެގެން އުޅެނިކޮށް ޖުވޭދާ ގުޅާފައި އަވަހަށް ކާކޮޓަރިއަށް އައުމަށް އެދުނެވެ. މިލާން ނަމާދުކޮށްލައިގެން ނިކުތުމާއިއެކު ކުރަންވީ މަސައްކަތުގެ ލިސްޓެއް ދައްކާލައިފި އެވެ. މިލާން ގަސްތުކުރީ ހިތާމަތައް ހަނދާންނައްތާލުމަށް މަސައްކަތުގެ ތެރޭގައި ގެނބިގެން އުޅުމަށެވެ. ނޭވާލާނެ ފުރުސަތެއް ނުދީ މަސައްކަތްތައް ކޮށްލުމުން ހިތާމަތައް ހަނދާން ނެތޭނެއެވެ. ނަމަވެސް ބަދިގޭގައި އުޅުމުން ވަކިން ބޮޑަށް މާމަމަތިން ހަނދާންވެ ދޭތެރެއަކުން ކަރުނަ އޮހިގަނެއެވެ. ރޮއިރޮއި ދުޅަވެފައިވާ ދެލޮލުން ކަރުނަ ހިކޭނެ އިރެއް ނާންނާނީކަން ނޭގެއެވެ. އެހާލުގައި އުޅެމުން ދޭތެރެއަކުން ދާނިޔަލްގެ މަތިން ހަނދާންވެ އިތުރަށް ހިތް ޒަޚަމްވެއެވެ.

ހެދުނުގެ މަސައްކަތްތައް އަށެއް ޖަހާއިރަށް ނިންމާލިތަނާ ޖުވޭދާ އޭނައަށް ސައިހަދައިދޭން އެދުނެވެ. މިލާން އަކީ ގޭގައި ގެންގުޅޭ ކުއްޖެއްގެ ގޮތުގައި ޖުވޭދާ ނުދެކޭކަން އެންގުމުގެ ގޮތުން ޖުވޭދާ އެދުނީ އޭނައާއި އެކީގައި ސައި ބުއިމަށެވެ. މިލާން އެތަނުގައި އިށީންނަން ފަސްޖެހުނެވެ. ޖުވޭދާ އެކި ވާހަކަ ދައްކަމުން ގޮސް ފެށި ވާހަކައަކުން މިލާންގެ ހިތުގައިވާ ހިތާމަތައް އިތުރުވުން ނޫންކަމެއް ނުވިއެވެ. 

"މިލާންއަށް އެނގޭތަ؟ އަހަރެންވެސް މިލާން ފަދައިން ބޮޑުވީ ފަގީރު އާއިލާއެއްގެ ތެރޭގައި، ނަސީބަކުން ރަނގަޅު އާއިލާ އަކަށް ނިސްބަތްވީ، އެކަމަކު އެހާ ލާރި ނެތީމަ މޮޅު އާއިލާއަކުން ކުރާނީ ކޮންކަމެއްތަ؟ އެހެންވެ އާދައިގެ ގޮތުގައި އުޅެ ބޮޑުވީ، ޒުވާންވުމަށްފަހު ވަރަށް މަސައްކަތުން ކިޔަވައިގެން ކައިވެނި ކުރީ މުއްސަންޖަކާއި، އެކަމަކު އެއީ މީހެއްގެ ފިރިއެއްކަމުން އެގޮތަށް މީހެއްގެ ހައްގެއް އަތުލައިގަތީމަ ވާންވީގޮތްވީ، ދުވަސްކޮޅަކުން ފިރިމީހާ އަހަރެން ދޫކޮށްލާފައި ކުރީގެ އަންހެނުން ކާރިއަށް ދިޔައީ..... އިރާގެ ބައްޕައަކީ އެއީ... ބުނަން މިއުޅޭ ވާހަކައަކީ މިލާންވެސް މީހެއްގެ ފިރިއަކާއި ހެދި ނޫޅޭށޭ، ކޮންމެވެސް ދުވަހަކުން އަނބިމީހާގެ ދުއާގެ އަސަރުކުރާނެ...." ޖުވޭދާގެ ވާހަކަތަކުން މިލާން ގެ މޫނު ރަތްވިއެވެ. 

ޖުވޭދާ ރީތިގޮތުގައި ވިސްނައިދިނީ ދާނިޔަލްގެ ފަހަތުން ނޫޅެންކަން ނޭގޭހާ މިލާން ގަމާރެއް ނޫނެވެ.

"އިރާގެ ބައްޕަ އަރީޝް ފުރަތަމަ އަނބިމީހާ ދެކެ އޭރު ލޯތްބެއް ނުވޭ..... އެވެސް ރޭވިގެން ކުރެވުނު ކައިވެންޏެއްވީމަ އެގޮތަށް ދިމާވީ، ލޯބިވާން ވަގުތު ނަގާނެ، މާ ފަހުން އަރީޝް އަނބިމީހާ ދެކެ ލޯބިވެގެން އަހަރެން ދޫކޮށްލީ... އަހަންނަށްވެސް ލިބުނީ އިބުރަތެއް. ދެމަފިރިންގެ ދޭތެރެއަށް ވަންނަ މީހަކަށް ރަނގަޅުގޮތެއް ނުވެ ހިނގައިދާނެ......" ޖުވޭދާގެ މޫނުމަތިން ފެނުނީ އިންތިހާ ދަރަޖައިގެ ސީރިޔަސްކަމެވެ. މިލާން އިނީ އެ ވާހަކަތައް ފަރުވާތެރިކަމާއިއެކު އަޑުއަހާށެވެ.

އިރާއަށް ފެންނަ ހުވަފެންތައް އަދި ފެންނަނީ ކުލަކޮށެވެ. ނަމަވެސް ލޮލަށް ނުފެނި ދުވަސްވީމަ ފަހަރެއްގައި މަޑުމަޑުންގޮސް ކަޅާއި ހުދަށް ބަދަލުނުވާނެ ކަމެއް ނޭގެއެވެ. ރޭގައިވެސް އިރާއަށް ފެނުނީ ރީތި ކޯރެއްގެ ކާރީގައި އުޅެނިކޮށެވެ. ފެހިކަން ގަދަ ވިނަގަނޑާއި ކޯރުގެ ކުލަވެސް ސާފުކޮށް ފެނުނެވެ. އެއީ ރަނގަޅު ފާލެއްކަމަށް ދެކި އިރާ ހުންނަނީ އޮޕަރޭޝަން ކާމިޔާބުވާނެ ކަމުގެ ޔަގީންކަމުގައި ނިކަން އުފަލުންނެވެ. ޖަރމަނީގެ ތަންތަން ބަލަން ދާހިތުން ކެތްކުރެވެނީއެއް ނޫނެވެ. ޚަރީފުގެ ކުލަތައް ރީތިވާނެވަރު އިރާގެ ޚިޔާލަށް ގެނެވެއެވެ. ކުރިން ތަސްވީރުތަކާއި ފިލްމުގެ މަންޒަރުތައް ފެނިފައި ހުރީމަ އެ ހަނދާންތައް ރަނގަޅަށް އެބަހުއްޓެވެ. ގަސްތައް ކުލަކުލައިގެ ފޭރާން އަޅާލާފައިވާތަން ހަމަ ލޮލުން ފެންނައިރު ހާދަ ޗާލުވާނެއެވެ. ރަތާއި ރަންފަދަ ކުލަތަކުން ގަސްތައް ޖަރީވެފައިވާއިރު ބަލައިލަން ކޮންފަދަ ފުރިހަމަވާނެހެއްޔެވެ؟ އެ މަންޒަރުތައް ބަލާހިތުން ކުޑައިރުއްސުރެ މޮޔަވާ ކުއްޖާ މިވަނީ އެ ހުވަފެންތައް ފުރިހަމަކުރުމާއި ދާދި ކާރިއަށް އައިސްފައެވެ. މިހާރު އޮތީ ލޮލުގެ އަލިކަން އަނބުރާ އައުމެވެ. އިރާ ބޭގަރާރު ކަމާއި އެކު އިންތިޒާރުކުރީ އޮޕަރޭޝަނަށެވެ. އިރާ އޮޕަރޭޝަން ކުރަން ވެއްދުމުގެ ކުރިންވެސް އޭނަ ދާނިޔަލްއާއި ވާހަކަދެއްކީ ވަރަށް އުއްމީދުން ފުރިގެންވާ ގޮތަކަށެވެ.

"ހޮސްޕިޓަލުން ދޫކޮށްލާއިރަށް ތަންތަން ބަލައިލަން ގެންދާނަންތަ؟ " އިރާ ހިނިތުންވެލިއެވެ.

"ފޫހިވާވަރަށް ޔޫރަޕް ދައްކާލާފައި މާލެދާނީ.........." ދާނިޔަލް އިރާގެ ކުޑަ އަތަށް ފިތައިލިއެވެ.

"ރިއަލީ؟ ހެހެ، ތެންކިއު....... އެހާ އަވަހަށް ފިލްމު އެއްޗެއްސެއް ނުބެލޭނެތަ؟ ފޮތްތައް ކިޔައިލެވޭނެތަ؟ ހާދަ ބައިވަރު އެއްޗިއްސެއް ކެޗްއަޕް ކޮށްލަން ޖެހޭ..... " އިރާ ސުވާލު ކުރިއެވެ.

"ނޫން، ލައިފް ޓައިމްގައިވެސް މަނާކުރާނެ.. ހުރިހާ އެއްޗެއް ބެލުން މަނާވާނެ........." ދާނިޔަލް ސަމާސާ ކޮށްލި އިރުވެސް އޭނަ ހުރީ ހިތްހަމަޖެހިފައެވެ. އޭނަގެ ފަރާތުން އިރާއަށް ލިބުނު ގެއްލުން ރަނގަޅުވާން ބާކީ އޮތީ މަދު ވަގުތުތަކެވެ. އިރާގެ ލޮލަށް ފެނުނީމަ އޭނަގެ ޒިންމާވެސް އެހިސާބުން ގޮސް އޭނަ މިނިވަންވީއެވެ. ނޭގުނަސް އިރާގެ ޒިންމާ ނެގުނީ އޭނަގެ ސަބަބުން އިރާގެ ލޮލުގެ ފެނުން ދިޔަކަމަށް ޚުދު އޭނަވެސް ގަބޫލުކުރާތީއެވެ. 

ހުރިހާ އެންމެން އިރާއަށް ހިތްވަރުދީ ދީފައި އެންމެ ފަހުން އިރާ ތިއޭޓަރަށް ވައްދައިފިއެވެ. އެންމެން ގަޑިތައް ގުނަން ތިބިއިރު ދާނިޔަލް ބޭރަށް ނުކުތްއިރު ޓެމްޕެރޭޗަރ އުޅެނީ ދިހަ ޑިގްރީގައެވެ. ފިނިގަދަކަމުން ކަށިގަނޑުގެ ތެރެއަށް ފިނިކަން ވަންނަހެން ހީވިއެވެ. ދާނިޔަލް ޖިންސްގެ ޖީބަށް އަތްޖަހާލައިގެން އެތާހުރި ގަހެއްގެ ގޮފިގަނޑެއްގައި ދަތްދޮޅި ޖައްސާލައިގެން ވިސްނުމެއްގައި ހުރިއިރު ތަންކޮޅެއް ދުރުން ހިނގާލާފައި ދިޔަ އަންހެންކުއްޖަކު ލޮލުގައި އަޅައިގަތެވެ. މިލާންއާއި ވައްތަރުގޮތެއް ހުއްޓެވެ. މިލާންއަށް ގުޅާވެސް ނުލެވެއެވެ. އެކުއްޖާގެ ހާލަކީ ކޮބާހެއްޔެވެ؟

މިލާން މަތިން ހަނދާންވުމާއިއެކު ދާނިޔަލްގެ ހިތް އަވަސްވެލައިފިއެވެ.

"ގޭމެއް ކުޅޭއިރު ކޮންމެހެން މިގޮތަށް މިލާންގެ މަތިން ހަނދާންވާން ޖެހޭތަ؟ އަހަންނަށްވެސް ލޯބިވެވުނީތަ؟ އިރާ އާއި މިލާންދެކެވެސް ލޯބިވާން ފެށީކަން ނޭގޭ، އަހަރެން ހޯޕްކުރަން ޑިފިކަލްޓް ސިޗުއޭޝަނަކަށް އަހަރެން ނުވެއްޓޭނެ ކަމަށް......" ދާނިޔަލް ޕާކްތެރޭގައި ހުރި ހިލައިގެ ގޮނޑީގައި ހަމަޖެހިލައިގެން އިށީދެ ލޯބީގެ ލަވައެއް އަޑުއަހަން ފެށިއެވެ.

ދާނިޔަލްގެ އުފާވެރިކަން ނިގުޅައިގަތީ މަންމަ ދިން ޚަބަރަކުންނެވެ. އިރާގެ ބޭސްގަނޑު ނެއްޓިއިރު އޭނަ އެތަނުގައި ނެތީވެސް ހިތް އަވަސްވިވަރުންނެވެ. ނަމަވެސް މަންމަ އެވާހަކަ ބުނުމުން ދާނިޔަލް ހުރީ ބުނާނެއެއްޗެއް ނޭގިފައެވެ. އިންތިހާއަށް ދެރަވެފައެވެ. ނަމަވެސް އެރީތި ދެލޮލުގައި ކަރުނައިގެ އަސަރެއްނެތެވެ.

"ޑެނީ ގޮސް އިރާ އާއި ވާހަކަދައްކާ ހިތްހަމަޖައްސާދީބަލަ، ޕުއަރ ގާލް...... އެ އޭޖްގެ ކުއްޖަކަށް އެއީ ކެތްކުރެވޭނެފަދަ ހިތާމައެއް ނޫން... ހުރިހާ ހޯޕެއްވިއްޔާ އެ ދިޔައީ، ދުވަހަކު އިރާގެ ލޮލަށް ނުފެންނާނެ، ވަރަށް ދެރަގޮތަކަށް މިދިޔައީ.. އިރާ ހިސްޓެރިކަލް ވެގެން ރޮއި ހަޅޭއްލަވާތީ އެންމެ ފަހުން ނިންދަވާފައި އޮތީ.........." ދީނާ ދާނިޔަލްގެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. ދާނިޔަލް އިނީ އިސްޖަހާލައިގެންނެވެ. އިރާ އާއި ބައްދަލުކުރުމުގެ މާނައެއް އޮތްކަމަކަށް އޭނަ ނުދެކުނެވެ. އޭނަ ދާނީ މާލެއަށެވެ. މަންމަމެން އިރާ އާއި ވާހަކަ ދައްކާ ކައުންސިލިން ދިނުމަށް ދާނިޔަލް އެދުނެވެ. އޭނަދެކެ އިރާ ކުރާ ނަފްރަތު ދެގުނަ އިތުރުވެގެން ދާނެކަމަށާއި އުއްމީދުގެ ހުޅުކޮޅު ނިވުމުން އޭނަ ކުށްވެރިވާނެވަރު އިތުރުވާނެ ކަމަށް ދާނިޔަލް ޔަގީންކުރިއެވެ.

ހަގީގަތަކީ އެއީއެއް ނޫނެވެ. އިރާ ގެ ލޮލަށް ނުފެންނާނެކަން ޔަގީންވުމުން އޭނަގެ ގާތުގައި ހުންނަން އެންމެ ބޭނުންވި ފަރާތަކީ ދާނިޔަލްއެވެ. މަޑުމަޑުންގޮސް އިރާގެ ހިތުން ދާނިޔަލް ވަނީ މަގާމެއް ހޯދާފައެވެ. ދާނިޔަލް ނޭގިނަމަވެސް ކޮށްދޭ ކުދިކުދި ކަންތައް އިރާ ބަލައިގަތީ އެހާ ލޯބިންނެވެ. އޭނަ ގޮވައިގެން އޮޕަރޭޝަން ކުރުވަން ދާނިޔަލް އައިކަމީވެސް އިރާގެ ހިތުން ޖާގައެއް ހޯދިކަމެކެވެ.

ދާނިޔަލް އެކަކަށްވެސް ނާންގާ މާލެ ދާން ޓިކެޓް ނެގިއެވެ. އޭނަ ބައްޕަ ގާތުގައި ފުރާ ވާހަކަ ބުނީ ފްލައިޓަށް އަރާ އިނދެފައެވެ. ހިތާމަތަކުން ސަލާމަތްވާން ދާނިޔަލް އެކުރީ ކޮށްގެންވާނެ ކަމެއް ނޫނެވެ. މިވަގުތު އިރާ ދާނިޔަލްއަށް ބޭނުންވާނެވަރު އޭނަގެ ބައްޕައާއި މަންމައަށް އިހުސާސް ކުރެވުނެވެ. ދާނިޔަލް އެގޮތަށް ވަކިވެގެން ދިޔުމުން އިރާގެ ހިތް އިތުރަށް ހަލާކުވާނީއެވެ. އެކުއްޖާގެ ހިތަށް ހާދަ އަސަރެއް ކުރާނެ އެވެ. ވީމަ އިރާ ކާރީގައި ކޮންމެވެސް ބަހަނާއެއް އެމީހުން ދެއްކުން ނޫންކަމެއް ނެތެވެ.

ދާނިޔަލް ޖަރމަނީއިން ފުރައިގެން ފުރަތަމަ ދިޔައީ ލަންޑަނަށެވެ. ލަންޑަނުގައި އެކުވެރިންނާއިއެކު ދެދުވަސް ހޭދަކޮށްލާފައި ފުރަން ދާންވީއިރު ފަހަރެއްގައިވެސް މިލާން ބުނި ވާހަކަތައް ހަނދާންނައްތައެއް ނުލައެވެ. އެންމެ ފަހު ވަގުތު އޭނަ ލެވެންޑަރ މާ ގަންނަން އުޅުނީމަ ނުލިބުނީ މޫސުމްގެ ގޮތުންކަން ނޭގެއެވެ. ޚަރީފު މޫސުމްގައި ލަންޑަނުގައި އެމީހުންގެ އާއިލާތައް އުޅޭ ގެއަކުންވެސް ލެވެންޑަރ މާ ފެނިފައެއްނުވެއެވެ. ފްލޮރިސްޓް ބުނީ ލޯބިވެރިޔަކަށް ހަދިޔާއަކަށް ކާނޭޝަން ނޫނީ ލިލީ މާ ރަނގަޅުވާނެ ކަމުގައެވެ. އެހެންވެ ދާނިޔަލް ހޮވީ ލިލީ މާބޮނޑިއެކެވެ. އެއަރޕޯޓަށް އައި މަގުމަތީގައި ފިހާރައަކަށްވަދެ އެހެން ކުޑަ ހަދިޔާއެއްވެސް ގަނެލީ މިލާންއަށް ޓަކައެވެ. 

ދިގު ދަތުރަކަށްފަހު ވަރުބަލިވެފައިވާތީ ގެއަށް ވަދެ ޖައްސާލުމާއިއެކު ގަދަޔަށް ނިދުނެވެ. ހޭލެވުމަށްފަހު ފެންވަރާލައިގެން އަޅިކުލައިގެ ޓީޝާޓަކާއި ދިގު ސޯޓެއްލައިގެން އޭނަ މާ ބޮނޑި ހިފައިގެން ބޭރަށް ނުކުތެވެ. ލިލީ މާކޮޅު އޭރުވަނީ މިލާގޮތްވެފައެވެ. ދާނިޔަލް ސިޑިން ފައިބައިގެން ތިރިއަށް އަންނަމުން ކާކޮޓަރިއަށް ވަދެލީ އެއްޗެއް ބޯލުމަށެވެ. އޭރު މިލާން ޗޮކްލެޓް ކަޕްކޭކެއް ދަހިކޮށް ކާލަން އިނެވެ. ތުންފަތުގައި ޗޮކްލެޓް ހޭކިފައި ހުއްޓެވެ. ރަތްކުލައިގެ ޓޮޕްކޮޅަކާއި ޖިންސެއްލައިގެން އިސްތަށިގަނޑު މައްޗަށް އޮމާންކޮށްލާފައި އައްސާލައިގެން އިންއިރު ސާދާކަމާއި ރީތިކަމުގެ ނަމޫނާއެކެވެ.

"ހޭއި މިލާން..." ދާނިޔަލް ހައިރާންވީ މިގެއިން މިލާން ފެނުނީމައެވެ.

"ޑެނިއަލް...." މިލާންވެސް އިނީ ދެލޯ ބޮޑުކޮށްލައިގެން ރަކިވެފައެވެ. ކުއްލިއަކަށް ދާނިޔަލް ފެނިދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ލަދުގަތްވަރުން އަވަހަށް ޓިޝޫއަކުން އަނގަމަތި ސާފުކޮށްލިއިރު އެ މޫނަށް އަނގުރު އަލިފާނުގެ ކުލަވެރިވެއްޖެއެވެ.

"ހީކުރީ ގޯސްޓެއް ކަމަށްތަ، މިލާން ބުނީމެއްނު މާ ގެނެސްދޭށޭ، ލެވެންޑަރ މާ ލިބެން ނެތީމަ ފެނުނު އެންމެ ރޮމެންޓިކް މާ މި ގެނެސްދިނީ، ފެރްގްރެންޓް ޕްރިޓީ ފްލާވަރސް ޖަސްޓް ލައިކް ޔޫ..." ދާނިޔަލް މާ ބޮނޑި ދިއްކޮށްލުމުން މިލާން އޭގައި ހިފިއިރު ހިތް ތެޅޭވަރުން އޮބިނޯންނަ ވަރުވިއެވެ. އޭރު އެތަނުގައި މޭޒުމަތީގައިވާ އުއްބައްތި ޖަހާ އެއްޗެހީގައި ހުރި އުއްބައްތިތަކުގެ ހުޅުކޮޅުތައް ވަޔާއި ނަށާ ފާރަށް ދިގު ހިޔަނިތައް އަޅުވާލާފައިވެއެވެ. އެ އޮރެންޖްއަލީގައި ދެ ޒުވާނުން ފެންނަލެއް އިންތިހާއަށް ރީއްޗެވެ.

"ތޭންކްސް.....ހާދަ ރީއްޗޭ...." މިލާން ހުރީ ގުޑިލާން ނުކެރިފައެވެ.

"ޔަގީނުންވެސް މިއަށްވުރެ ރީތި މަލެއް މި ދުނިޔެއަކު ނުވާނެ... ހާދަ ލޯތްބޭ... މަށަށް ލިބޭނެތަ؟" ދާނިޔަލް މިލާންގެ އޮމާން ކޯތާފަތުގައި ބޮޑުވާ އިނގިލި ޖައްސާލި ގޮތަކުން މިލާން ލަދުން މަރުވާވަރުވިއެވެ. މިލާން ރަކިވީމަ އަދި ވަކިން ރީއްޗެވެ. އެސްފިޔަޖަހައިނުލާ ދާނިޔަލް ހުރީ ބަލަހައްޓައިގެންނެވެ. މިލާން އެ ބްރައުން ދެލޮލުން ބަލައިލިގޮތަކުން ހިތް ވިރިދާނެއެވެ. ދާނިޔަލްގެ ހިތް އަތުން ވީއްލިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެވަގުތު މީހެއްގެ ހިލަންވިހެން ހީވެގެން ބަލައިލިއިރު ދޮރުމަތީގައި ހުރީ ރިވާން އެވެ. ރިވާން ބަލަން ހުރީ ނުރުހުމުގެ ނަޒަރަކުންނެވެ. ކަޅުކުލަގަދަ ބުމަކާރިކޮށްލައިގެން ހުރިއިރު ދެލޮލުން ތޫނުކަމުން ހިތްތައް ފޫއަޅުވާލާނެއެވެ. 

"މިލާން މާމަ ރަނގަޅުތަ....." ދާނިޔަލް ރިވާން އޮޅުވައިލަންވެގެން މައުޟޫ ބަދަލުކުރިއެވެ. މިލާންގެ ރީތި ދެލޮލުގައި ކަރުނަތައް ބޮނޑިވެގަތެވެ. މިލާން މާމަ މަރުވީއޭ ބުނެފައި ތެދުވެގެން ހިނގައިގަތީ ސިޑިއާއި ދިމާލަށެވެ. ދާނިޔަލް ކުރީކޮޅު ފަރުވާކުޑަކޮށްނުލާ ރަނގަޅު ފަރުވާއެއް ދިންނަމަ މާމަ ސަލާމަތްވީސްކަން ނޭގެއެވެ. މިއަދު އޭނަ ދުނިޔެއަށް ގިނަވެ އަނެއްކާ މިގޭގެ ނޯކަރެއްގެ ގޮތުގައި ހުންނަން ޖެހުނު ސަބަބަކީ ދާނިޔަލްއެވެ. ނަމަވެސް އެގޮތަށް ޝަކުވާކުރާކަށް ބޭނުމެއް ނޫނެވެ. ފަހަރެއްގައި ކަން ހިނގީ އަދި އެގޮތަށް ނޫންކަމަށް ވެދާނެއެވެ. މިލާންގެ ލޮލުގައިވާ ކަރުނަތަކުން ރިވާންގެ ހިތަށް ޔަގީނުންވެސް އުދަގޫވިއެވެ. ދާނިޔަލް ހުރީ ހީލަހީލައެވެ.

"ޖޭވީތަ ސްވީޓްހާޓް، އެކަމަކު އެކަމެއް ނުވާނެ އިނގޭ، ރިވާ މަމްއަށް އެނގިއްޖެއްޔާ މިލާން ފޮނުވާލާނެ ދުނިޔެއިން ބޭރަށް......" ދާނިޔަލް ރިވާންގެ ކޮނޑުގައި އަތް ބާއްވާލަމުން ސަމާސާ ގޮތަކަށް ބުނެލިއެވެ.

"އަހަރެން ނޫޅެން މޮޔަވެގެނެއް، އެކަމަކު ޑެނިއަލް އިރާ އަދި މިލާންގެ ލައިފްވެސް ހަލާކުކޮށްލާފައި ނޫނީ ނުހުއްޓާނީތަ؟ ތިގޮތަށް އަންހެންކުދިންގެ ހިތާއި ކުޅުމަކީ ރަނގަޅު ކަމެއްނޫން.. ތިހެން އުޅެމުން ގޮސް އެންމެ ފަހުން ޑެނިއަލްގެ ހިތަށް ދާއިމީ އަނިޔާއެއް ލިބިދާނެ އިނގޭ......" ރިވާން ނުތަނަވަސްވެފައި ހުއްޓަސް ހީލިއެވެ. ދާނިޔަލްއަށް މީހަކު ދޭ ނަސޭހަތެއް ގަބޫލުކުރާނީއެއް ނޫނެވެ. އޭނަ އިސްލާހުވާނީ ކޮންއިރަކުން ކަމެއް ނޭގެއެވެ.

"ރިވާ އަހަންނަށް ސިމްޕަތީވާންވީމަ އަދި އަންހެންކުދިންނާއި އެއްބައި ތިވީ، މަޖުބޫރުން ބްލައިންޑް ކުއްޖަކާއި މެރީކުރުވީމަ އަހަރެން ސަފަރ ކުރާވަރު ރިވާއަކަށް ނޭގޭނެ.... އަންހެންކުދިންނަކީ ފޭކް ބަޔެއް، އެހެންވެ އަހަރެންވެސް އެ ފޭކް ޑޯލްތަކާއި ކުޅޭހިތްވަނީ. ހިގާ ކޮފީއެއް ބޯލަން......." ދާނިޔަލް ސީރިޔަސްވާކަށް ނޫޅުނެވެ. އޭނަ ކޮފީ މެޝިނުން ދެތަށި ކޮފީ އަޅާފައި ރިވާންއަށް އެއްތަށި ދިއްކޮށްލައިފި އެވެ. އެވަގުތު ޖުވޭދާ ކާކޮޓަރިއަށް ވަދެފައި ސިހިފައި ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ.

"ދާނިޔަލް އައީތަ؟ ކޮބާ އިރާ...." ޖުވޭދާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލީ ނުރުހުމާއި އެކުގައެވެ. 

"އިރާގެ ސާޖަރީ ކާމިޔާބެއްނުވި، އެހެންވެ އަހަރެން ރާއްޖެ އައީ.... މަންމަމެން އިރާ ގޮވައިގެން އަންނާނީ އަދި ތަންކޮޅެއް ފަހުން..." ދާނިޔަލް އަސަރެއް ނެތްގޮތަކަށް އެ ޚަބަރު ޖުވޭދާގެ ކަންފަތާއި ހަމަޔަށް ފޯރުކޮށްލުމުން ޖުވޭދާ ދެރަވުމުގެ ބަދަލުގައި އައީ ރުޅިއެވެ.

"އަހަންނަށް އެނގޭ އެންމެންވެގެން ގޮސް ފާޑެއްގެ ކްލިނިކަކަށް ދައްކައިގެން އިރާގެ ލޯ ހަލާކުކޮށްލީކަން، އަހަންނަށް ޖެއްސުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްލެވިދާނެ..... އަހަރެމެންނަށް ވެސް އެނގޭ ހަނދާނެ ގޮތް......" ޖުވޭދާ ރުޅިއައިވަރުން އިންޒާރެއް ދިނެވެ. ޖުވޭދާ އެބުނި އެއްޗެއްގެ މާނަ ކިތަންމެ ރަނގަޅަށްވެސް ދާނިޔަލްއަށް އެނގުނެވެ. ނަމަވެސް ދޮންމަންމަ އެގޮތަށް ދޭ އިންޒާރަކުން އޭނަ ޖެހިލުމެއްނުވިއެވެ. އެގޮތަށް ކަންތަކާ ފިކުރު ބޮޑުވަންޏާ އުފާވެރިކަން ނެތިގެން ދިޔުން ނޫންކަމެއް ނުވާނެއެވެ. އޭނަ ޖުވޭދާއާއި ބޭޒާރުކޮށް ބޭކާރު ވާހަކަ ދައްކަން ބޭނުން ނުވުމުން ހިމޭންކަން ޚިޔާރުކުރިއެވެ. އެހެންނޫނަސް ދާނިޔަލްގެ ވިސްނުން މިހާރު ވަނީ އެހެން ގޮތަކަށް އެނބުރެން ފަށާފައެވެ. އިރާގެ ލޮލުގެ ފެނުން އަނބުރާ ނައިއްޔާ އޭނަ މުޅި އުމުރު ހޭދަކުރާނީ އިރާގެ މީހެއްގެ ގޮތުގައެވެ. އިރާއަށް ދެރަގޮތެއް ނަހަދަން ދާނިޔަލް ވަނީ ހިތާހިތުން ވައުދުވެފައެވެ. ބޭބެ އަދި ރިވާންފަދަ އެކުވެރިންގެ ސަބަބުން ދާނިޔަލް ރަނގަޅު މަގަށް އަނބުރުވާލީކަން ނޭގެއެވެ.

ޖުވޭދާ ދެތިން ޖުމްލަ ބުނެލާފައި ނިކުމެގެން ދާން ހިނގައިގަތުމުން ދާނިޔަލްއާއި ރިވާން ފެށީ އަމިއްލަ ވާހަކައެކެވެ.

ދިރިއުޅުމުގައި އިންސާނުން ހިތަށް ނާރާ ރާސްތާ ކަޑައްތުކޮށް ހީނުކުރާފަދަ އިއްތިފާގު ތަކާއި ދިމާވެއެވެ. އައިޒާގެ ކޮއްކޮ އިނާހުއަށް ރަނގަޅު ފަރުވާއެއް ލިބޭނީ ބޭރުތަނެއްގައި ހުރެގެންކަމަށް ނީރާ ކިޔާތާ ދުވަސްކޮޅެއްވިތަނާ ނަދީމް ނީރާއާއި ކުދިން އޮސްޓްރޭލިއާއަށް ފޮނުވާލިއެވެ. ދެން އިވުނީ އައިޒާ ސިއްސުވައިލި ޚަބަރެކެވެ. އޭނަގެ ބައްޕަ ނަދީމް އެހެން މީހަކާއި މަޝްވަރާކުރުމެއްނެތި ސާރާ އާއި ދެ އަންބަށް ކައިވެނި ކުރީއެވެ. ނަދީމްއަކީ ސާރާގެ ފުރާވަރުގެ ކްރަޝްއެކެވެ. ބޭބެގެ އެކުވެރިއަކަށް ވީތީ އެކަން ސިއްރުކުރިޔަސް އޭރުއްސުރެ ނަދީމްގެ ހިތުގައިވެސް ސާރާ ހާސިލުކުރުމުގެ އެދުން އޮވެއެވެ. ނަމަވެސް އެ ޝާހީ އާއިލާއިން ގަބޫލު ނުވާނެތީއާއި މަލީކްއާއި ދެމީހުންގެ ގުޅުމަށް އެކަމުގެ އަސަރުކޮށްފާނެތީ ނަދީމްވެސް ކެތްކުރީއެވެ. އެހެންނޫނަސް ނަދީމްއަކީ އޭރުއްސުރެ ޒުވާން އަންހެންކުދިންގެ ތެރޭގައި މަޝްހޫރު ރީތި މީހެކެވެ. ލޯބިވެރިންވެސް ގިނައެވެ. ސާރާ ހުވަފަތްވުމުން ނަދީމްވެސް ހުރީ އެފަދަ ފުރުސަތަކަށް ބަލަބަލައެވެ. އެއާއިލާ އިން މިއަދު ދެކޮޅުހަދަންވީ ކީއްވެހެއްޔެވެ؟ ނަދީމްއަކީވެސް ޑޮކްޓަރަކަށް ވުމަށްފަހުގައި މިހާރު ހޮސްޕިޓަލެއް ހިންގާ މުއްސަދި މަހުޖަނެކެވެ. ރާއްޖޭގައި ހުރި އެންމެ މުއްސަދި މީހާއެވެ.

މަލީކް ޖަރމަނީގައި ހުއްޓާ އެ ޚަބަރު ލިބުމުން މަރުހަބާ ކިޔެވެ. އެންމެ ފަހުން މަލީކްއާއި ނަދީމްގެ ގުޅުން ކުރިއަށްވުރެވެސް ގާތްވެގެން ދިޔައީއެވެ. ދެ އާއިލާގެ ގާތްކަން ބޮޑަށް ބަދަހިވީއެވެ. ނަދީމްގެ ގެއަށް ބަދަލުވާން ސާރާގެ ކުދިން ދެކޮޅު ހެދުމުން ނަދީމް ސާރާގެ ގެއަށް ބަދަލުވިއެވެ. އަންހެނުންނާއި ކުދިން އޮސްޓްރޭލިއާއަށް ފޮނުވާލިފަހުން ނަދީމް ހުރީ އެކަނިވެރިވެ އާއިލާއެއްގެ ގާތްކަމަށް ބޭނުންވެފައެވެ. ސާރާގެ އުފަލަށްޓަކައި ހުރިހާ ކުދިންވެސް މަންމަ އަލުން ކައިވެންޏެއް ކުރަން ހުއްދަދިނީ ހިތުން ރުހުމުންނެވެ. އެއީ ބައްޕައަށް ވެވުނު ބޭވަފާތެރި ކަމެއްކަމަށް އެކުދިން ނުދެކެއެވެ. މަންމަގެ އުމުރުން ސާޅީސް ފަހެއްވުމުން އުމުރު ހުސްހަށިބަޔަށް ހޭދަކޮށްލަން ދޫކޮށްލުމަކީ އިންސާފަކަށް ނުވާނެއެވެ. ކޮންމެ އުމުރެއްގައިވެސް އެކީގައި އުޅޭނެ ބައިވެރިޔަކަށް ބޭނުންވުމަކީ އިންސާނީ ފިތުރަތުގައި ލައްވާފައިވާ ކަމެކެވެ.

ސާރާމެންގެ ހުންނަނީ ދެބުރިއަށް ނަގާފައެވެ. ކުރިމަތީގައި ކުޑަ ބަގީޗާއެއް ހައްދާފައިވާ އޮވެ އެވެ. ސާރާއަކީ މީރުވަސްދުވާ ޒާތުގެ މާތަކަށް ލޯބިކުރާ އަންހެނަކަށްވާތީ އެގޭގައި ގިނައީ ގާޑެނިއާ ޖެސްމިން ދެތަނޑިރަތްމާ އަދި ފިނިފެންމާފަދަ މީރުވަސްދުވާ މާތެކެވެ. ރޭގަނޑަށް މެދުގޯތީގައި ހިފާލާފައިވާ މާމެލާމެލީގެ ވަސް ވައިރޯޅިއާއިއެކު ގޭތެރެއަށްވެސް ވަދެލައެވެ. ބޮނޑި ބޮނޑިއަށް ހެދިފައިވާ ގާޑެނިއާ ގަސްތަކުގެ ފެހިފަތްތަކުގެ ތެރެއިން އެތައް ސަތޭކަ ހުދު މާތައް ފޮޅިފައިވާއިރު އެއީ ބަލާބަލާ ފޫހިނުވާހާ ރީތި މަންޒަރެކެވެ. ފެންޑާވެސް އެހާ ބޮޑެއް ނޫނެވެ. ނަމަވެސް ފުދޭވަރަކަށް ހިތްގައިމުވެފައި ހުސްވަގުތުކޮޅު ހޭދަކޮށްލަން އެކަށީގެންވާ މާހައުލެކެވެ. ބޮޑުކޮޓަރީގައިވާ އަގުބޮޑު ދޫލައާއި ގަނބައިގެންދާފަދަ މޮޅު ސޯފާސެޓްތަކާއި ކްރިސްޓަލް ޗާންދަލިޔާވެސް ދައްކުވައިދެނީ ގޭގެ ހައިބަތެވެ. ގޭގެތަންތަން ކްރީމް އަދި ރަންކުލަ ގުޅުވާލައިގެން ހަދާލާފައިވާހެން ހީވިއެވެ.

"ކުޑަވެފައި ކޮމްފީ.... އަހަރެންވެސް ބޭނުމީ މިގޮތަށް ގާޑްންއެއް ލާފައިވާ ކުޑަ ގެއެއް...." މިލާން ހިތާހިތުން ކިޔާލިއެވެ.

ޖުވޭދާ މިލާން ބޮޑުކޮޓަރީގެ ސޯފާގައި ބައިންދާފައި ސިޑިން އަރައިގެން ދިޔައީ މަތީބަޔަށެވެ. ސާރާ ކޮޓަރިން ނިކުތްއިރު ހުރީ ނައިޓްގައުން އެއް ލައިގެންނެވެ. އޭރު ނަދީމްވެސް ކޮޓަރީގައި އުޅެއެވެ.

"މާ އާޖެންޓްކޮށް ޖުވޭ އަހަންނާއި ބައްދަލުކުރަން ތިއައީ ކިހާވަރެއްގެ ކަމަކުތަ؟ ރޭގަނޑު ދިހައެއް ޖެހީމަ ދެން ބޮޑުކަމެއް ޖެހިގެން ނޫނީ ފަހަރިއެއްކަމަކު ވިޒިޓް ނުކުރާނެކަން އެނގޭ....." ސާރާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލަމުން ޖުވޭދާގެ އަތުގައި ހިފާލިއެވެ. 

"މާދަންރޭ ބޭބެމެން މާލެ އެބަ ދުރުވޭ، ދީނާ އައުމުގެ ކުރިން އަހަރެން ކޮންމެހެންވެސް އެބަޖެހޭ މިލާން މިގޭގައި ބަހައްޓަން، ދީނާ ހުންނަނީ މިލާން މާ އިނޮސެންޓް ކުއްޖަކަށް ހަދާފައި ގޭގެ ރަނިކަން ކުރުވަން ބަހައްޓާފައޭ މަ ބުނަމެއްނު، މިހާރު އެކުއްޖާ އުޅެނީ ދާނިޔަލްގެ ހިޔަނިހެން ފަހަތު އަޅުވާލާފައި، އެހެންވެ އަހަރެން ބޭނުމެއްނުވޭ އެއްގޮތަކަށްވެސް އެގޭގައި މިލާން އިއްޒަތުގައި ބަހައްޓާކަށް، ނޫނީ ނަހުޔާން ނުވަތަ ދާނިޔަލް އެ ސިހުރުގައި ޖައްސާނެކަން ޔަގީން، ސާރާގެ ކުދިންނަކަށް ނުކެރޭނެ ސާރާ ބުނާ މީހަކާއި ނޫނީ އިންނާކަށް، އެންމެ ކުރީ ބައިގާވެސް ރިވާންމެންނަށް އެކަން އަންގާ...." ޖުވޭދާގެ ވާހަކަތަކުން ސާރާގެ މޫނުގެ ކުލަވަރުވެސް ބަދަލުވެއްޖެއެވެ.

"ތިހާ ނުރައްކާތެރި އަންހެންކުއްޖެއް މިގޭގައި ބަހައްޓަން އަހަރެންވެސް ބިރުގަނޭ، އޭނަގެ މާމަ މަރުވިޔަސް އަދި އާއިލާ އޮންނާނެއްނު ޖުވޭ، ވާރުތަވެރިން އުޅޭނެއްނު، ނޫނީ ތިކަހަލަ ކުދިން ލާން މާލޭގައި ތަނެއް ނުހުރޭތަ......" ސާރާ އެކަމާއި ހަވާލުވާކަށް ބޭނުމެއްނުވިއެވެ.

"ނޫން، ދީނާ ގެ ބެސްޓްފެރެންޑްގެ ދަރިއަކަށްވީމަ އޭނަވެސް އެގޮތަށް ދޫކޮށެއްނުލާނެ، އަހަރެމެންގެ ގޭގައި އޭނަ ބަހައްޓައިގެން ތަން ފިތުނަވެރިވުމުގެ ކުރިން އެކަމުން ގެ ސަލާމަތްކުރަން އަހަރެން ބޭނުން، ޕްލީޒް ސާރާ އަހަންނަށް މިކަންކޮށްދީ.... ދުވަސްކޮޅަކަށް ނަމަވެސް މިގޭގައި ބަހައްޓަދީ......" ޖުވޭދާ އެދުނެވެ.

"އޯކޭ އޯކޭ......." ސާރާ ހޭންފެށިއެވެ. ސާރާ އަމިއްލަ ދަރިންނާއިމެދު ވަރަށް ޔަގީންކަން އޮތެވެ. ޚާއްސަކޮށް ރިވާން އެއްގޮތަކަށްވެސް އޭނަގެ މަންމަގެ ރުހުމާއި ދެކޮޅަށް އެއްވެސް ކަމެއް ނުހިންގާނެއެވެ. ރައްޓެހިވުމުގެ ކުރިން ސާރާގެ ހުއްދަ ހޯދަން ސާރާވަނީ އަންގާފައެވެ. އެއީ ކޮންކަހަލަ އަންހެންކުއްޖެއްކަން ބަލާފައި ނޫނީ ސާރާ ހުއްދައެއް ނުދޭނެއެވެ.

"ނޯކަރުން އުޅޭބައިގާ ގެންގުޅެންވާނީ އިނގޭ، އެއްގޮތަކަށްވެސް ރިވާންމެންގެ ކުރިމައްޗަށް އައުން މަނާކުރާތި.. ގޭގައި ގެންގުޅޭ ކުދިން ހީކުރަނީ އެމީހުންވެސް ކައިބޮއި އުޅެންވާނީ ވެރިންނާއި އެކުގައިކަމަށް ވާތީ މިހުރިހާ މައްސަލަތަކެއް ނިކުންނަނީ........." ޖުވޭދާ ހުރިހާކަމަކަށް އިރުޝާދު ދީފައި މިލާން ގެނެސް ސާރާއާއި ހަވާލުކުރިއެވެ.

މިލާން ހުރީ ދެރަވެފައެވެ. ބާޒާރުގައި ނީލަން ކިޔޭ ކުއްޖަކާއި އޭނައާއި ތަފާތެއްނެތެވެ. ފަހަރަކު ގެއަކުން ދަމަމުން ގޮސް އޭނައާއި ދޭތެރޭގައި ކަންތައްވާނެގޮތް ނޭގޭ ހިސާބަށް ހިގައްޖެއެވެ. މިގެއަކުން ރައްކާތެރިކަން ލިބޭނެކަމުގެ ކުޑަ އުއްމީދެއްނެތި ހިތުގައި ބިރުވެރިކަން އުފެދުނެވެ. އެވަރލޭންޑް މީހުން ކޮންމެފަދަ ގޮތަކަށް ހެދިނަމަވެސް އަބުރު ރައްކާ ކުރެވިދާނެކަމުގެ ޔަގީންކަން އޮތެވެ. ނަމަވެސް މިގޭގައި އެހެން ވެދާނެބާވައެވެ. ގޭގައި ގެންގުޅޭ ކުދިންނާއި ވެރިމީހާ ބެހޭ އަޑުތައް ނޫހުން ފެންނަވަރުން ވެސް ހާދަ ބިރުގަނެއެވެ. މިލާން ފުރާނަ ދުއްވާލައިގެންވެސް އަމިއްލަ ނަފުސް ހިމާޔަތް ކުރާނެއެވެ. މިގެއިން ކިރިޔާ ގޯނާއެއް ކުރިމަތިވާއިރަށް އޭނަ ނިކުމެގެން ދާނީއެވެ. އެކަމަކު ކޮންތާކަށް ހެއްޔެވެ؟ އަންހެންކުދިންނަކީ ހާދަ މަޖުބޫރީ ބަޔެކެވެ. ބައްޕަ ފިރިމީހާ ނޫނީ ބޭބެއެއްގެ ހިމާޔަތް ނަމަވެސް ލިބެންޖެހޭ ބަޔެކެވެ. އެހެންނޫންނަމަ ނުބައި ނުލަފާ އިންސާނުންގެ ދަހިވެތި ނަޒަރުން ސަލާމަތެއް ނުވެވޭނެއެވެ.

ސާރާ މިލާން ގޮވައިގެން ގޭގެ ފަހަތު ފެންޑާއިން ނިކުމެގެން ހަނިމަގަކުން ހިނގާލާފައިގޮސް އަނެއްފަރާތުގައި ވާ ކޮޓަރި ބަރިތަކުގެ ތެރެއިން ކޮޓަރިއެއްގެ ދޮރު ހުޅުވާލައިފިއެވެ.

"މިލާން ޔޫ ކެން ސްޓޭ ހިއަރ.... އަނެއް ދެކޮޓަރި ހުންނާނީ މިވަގުތު ހުހަށް......." ސާރާ ހުރީ ސީރިޔަސްވެފައެވެ. ޖުވޭދާއަށްވުރެ ހަރުކަށި މީހެއްކަން ނޭގެއެވެ. ހީލުމުންވެސް އޭނަގެ މާތްކަމާއި ޝަޚުސިއްޔަތަށް އަސަރުކޮށްފާނެތީ އެވަރުކޮށްލަންވެސް ބޭނުމެއް ނުވީއެވެ. ސާރާ ދިޔުމުން މިލާން ހުރީ ބިރުގެންފައެވެ. ގެއާއި ދާދިކާރީގައި ކޮޓަރިތައް ހުއްޓަސް ގެއިން ނިކުމެގެންގޮސް ވަންނަންޖެހޭ ބަޔަކަށްވާތީ މިއީ މެހުމާނުން އުޅެން ހަދާފައި ހުރި ތަނަކަށްވުރެ ނޯކަރުންގެ ބަޔަކާއި ވައްތަރުވިއެވެ. މިލާން ސްވިޗްތަކަށް ފިތާލިއެވެ. ކޮޓަރި ފެންނަނީ ސާފުކޮށެވެ. ހޮޓަލެއްގެ ކޮޓަރިއެއްފަދައެވެ. އެނދަކާއި އަލަމާރިއަކާއި ކުޑަ މޭޒެއްގެ އިތުރުން އިށީންނަން އަތްގަނޑުލާފައި ހުރި ގޮޑިއެއް ހުއްޓެވެ. މިވަރުވެސް ރަނގަޅެވެ. މިލާން އެނދުގައި އިށީދެ ވިސްނަމުން ދިޔައީ ހަދާނެގޮތަކާއި މެދުގައެވެ. މާމަ މަރުވުމަށްފަހު އޭނަގެ ހަޔާތަށް މިއައީ ހާދަ ވަރުގަދަ ތޫފާނެކެވެ. އޮޔާއި ބެހެމުންގޮސް ލައްގާނީ ކޮން މަންޒިލެއްކަން ނޭގިވާ މުސާފިރެކޭ އޭނައެކޭ ތަފާތެއް ނެތެވެ.

ދާނިޔަލްއާއި އެކީގައި އެއްގެއެއްގައި އުޅުމުގެ ނަސީބުވެސް އޭނައަށް ލިބެން ނެތީއެވެ. މިލާން އެނދުގައި އިށީންގޮތަށް ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވިއެވެ.

ހެދުނު ހޭލައިގެން މިލާން ބަދިގެއަށް ވަދެފައި ބަދިގޭގައި އުޅޭ ކުއްޖާއާއި އެކީގައި މޭޒުމައްޗަށް ކާއެއްޗެހި އަރުވަން އުޅުނެވެ. ސާރާއާއި އާއިލާ ސައިބޮއި ނިމުމުން އޭނަވެސް ކައިގެން ކޮލެޖަށްދާން ނިކުތީ އެގޭގެ ވަލުދޮރާށިންނެވެ. ގޭގެ މައިދޮރާށިން އޭނަ ވަނުމުގެ ހުއްދަ ނެތް ސަބަބެއް އެއްގޮތަކަށްވެސް މިލާންއަކަށް ނުވިސްނުނެވެ. ސާރާގެ ބޮލަށް ޖުވޭދާ ވައްދާފައިވަނީ ކިހާވަރެއްގެ ވާހަކަތަކެއްކަމެއް މިލާންއަކަށް ރޭކާނުލިއެވެ. 

ދާނިޔަލް ބެލްކަނީގައި ބަލަން ހުއްޓާ އެންމެން ކާރުތަކުން ފޭބިއެވެ. ދީނާ އިރާގެ އަތުގައި ހިފައިގެން އައިއިރު އިރާ ގެ ލޯ ފޮރުވިފައިވަނީ ރޭބަން އައިނަކުންނެވެ. ކަޅުކުލައިގެ ޖިންސަކާއިއެކު ސެވްޓަރ ފޮތީގެ ރަތްކުލައިގެ ޓީޝާޓެއްލައިގެން ހުރިއިރު އިރާ ހީވަނީ މޮޑެލްއެއްހެންނެވެ. އިސްކޮޅުން ފުދޭވަރެއްވާތީ ހިކިވިޔަސް އެހާ ކުޑަކޮށެއް ނުދައްކާކަމީ ނަސީބެކެވެ. "ޕުއަރ ލިޓްލް ތިންގް" ދާނިޔަލްގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ދުވަހަކުވެސް އިރާގެ ލޮލަށް ނުފެންނާނެއޭ ހިތަށް އަރާފައި ދާނިޔަލްގެ ހިތް ތެޅިގެން ދިޔައެވެ.

ދާނިޔަލް ހީކުރީ އިރާ މިހާރު ހަމަޔަކަށް އެޅިދާނެކަމަށެވެ. އެންމެންގެ ވާހަކަތަކުން ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބިފައި ހުންނާނެކަމުގައެވެ. ދާނިޔަލް ބެލްކަންޏާއި އަރާހަމަވުމުން ގޮވާފައި ހުއްޓުވިއެވެ. ދީނާ ދާނިޔަލްއާއި އިރާ ހަވާލުކުރުމަށްފަހު ސިޑިން ތިރިއަށް ދިޔުމާއިއެކު އިރާ ކުއްލިއަކަށް މޫނުގައި ދެއަތް އަޅައިގެން ބާރަކަށް ރޯންފެށިއެވެ. ދާނިޔަލް ހުރީ ކިޔަންވީ އެއްޗެއް ނޭގިފައެވެ. މިގޮތަށް އިރާ ރޮއިފާނެކަމަކަށް އޭނަ ހީނުކުރެއެވެ. 

"ވަޓް ހެޕެންޑް...." ދާނިޔަލް އިރާ ގެނެސް މޭގައި ޖައްސާލާފައި ބުރަކަށީގައި ފިރުމާލިއެވެ.

"އެމީހުން ބުނީ ދުވަހަކު ނުފެންނާނެއޭ....." އިރާގެ ހިތް ހީވީ ކުދިކުދިވެދާނެހެންނެވެ.

"އެހެން ބުނާނީ މޮޔައިންތަކެއް.... ޑޮކްޓަރުންނަކަށް އެކައްޗެއްވެސް ނޭގޭނެ، މިރެކްލްސް ޑޫ ހެޕެން އިނގޭ، އެއްދުވަހުން ހޭލާއިރު އިރާގެ ލޮލަށް ފެނުމަކީ އެކަށީގެންވާކަމެއް، ޕޮޒިޓިވްކޮށް ވިސްނަބަލަ......" ދާނިޔަލް އެގޮތަށް ބައްދައިލުމުން އިރާގެ ހިތާއި ހަށިގަނޑަށް ލިބުނީ ބުނަން ނޭގޭފަދަ ފިނިކަމެކެވެ. އެ ބާރުގަދަ އަތުގެތެރޭގައި ބޮނޑިކޮށްލި ގޮތަކުން އިރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ހަގީގަތުގައި މިހާވަރުން އަންހެންކުއްޖަކު ރުއްސަން އުޅުމަކީ ދާނިޔަލްގެ އާދައެއް ނޫނެވެ. ނަމަވެސް އިރާގެ ހާލަތު ދެކެން އޭނައަށް ކުޅަދާނަ ނުވީއެވެ. ބެލްކަނީގައި ލެނގުނުގޮތަށް އިރާގެ އަތުގައި ހިފާލައިގެން ހުރެ ދާނިޔަލް "މިރެކްލްސް" ތަކުގެ ވާހަކަ ކިޔައިދިނެވެ. ސިއްހީ ދާއިރާގައި ހިނގާފައިވާ ބޮޑެތި ހާދިސާތައް ކިޔާދިނުމުން އިރާހުރީ ޝައުގުވެރިކަމާއިއެކު އަޑުއަހާށެވެ. 

ނަހުޔާން އާއި އައިޒާގެ ގުޅުން ހަފްތާއެއްވީއިރު ވަރަށް ބޮޑުތަން ރަގަޅުވެ ދެމީހުން އެކީގައި ރިޒޯޓަކަށް ދިޔައެވެ. ސީދާ ލޯބިވާ ވާހަކަ ދެމީހުން ނުބުނިކަމުގައިވިޔަސް އެދުވަހު އިރުއޮއްސޭ މަންޒަރު ބަލަން މޫދު ކާރީގައި ތިބެފައި ހޭދަކުރެވުނު ލޯބީގެ ވަގުތުކޮޅަށްފަހު އެދޭތެރޭގައިވާ ހުރިހާ ދުރުމިނެއް ކާރިވިއެވެ. އެކީގައި ހަޔާތުގެ ބާކީ އޮތްބައި ވޭތުކުރަން ދެމަފިރިން ނިންމިއެވެ. ރިޒޯޓްގައި އުފާކޮށްލުމަށްފަހު ދެމީހުން މާލެއައިގޮތަށް ކާރުން ފޭބުމަށްފަހު ނަހުޔާން އައިޒާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ވަދެގެން އައި މަންޒަރު ބަލަން ޖުވޭދާ ހުރީ ރުޅިއައިސް ރަތްވެފައެވެ. އެހާ ބޮޑަށް އޭނަގެ ތޮބީއަތު ގޯސްވީ މިރޭ ދާނިޔަލް މިލާންއަށް ފޯނުން ވާހަކަދެއްކި އަޑުއަހާފައި ހުރީމައެވެ. އޭނަގެ ދަރިފުޅުގެ ހަޔާތް ބަރުބާދުކުރުމަށްފަހު އެހެންމީހުންނަށް އުފަލުގައި ތިބެވިގެން ނުވާނެއެވެ. ދާނިޔަލް ބޭޒާރުވާން ޖެހޭނެއެވެ.

ޖުވޭދާ އަވަސްއަވަހަށް ތިރިއަށް ފޭބިއެވެ. ނަސީބުވެސް އޭނައާއި އެހީވީކަން ނޭގެއެވެ. އައިޒާ ސިޑިން އަރައިގެން ދިޔައިރު ނަހުޔާން ގޮސްވަނީ ކާކޮޓަރިއަށެވެ. ފްރިޖުން ފިނިކުރި އޮރެންޖް ޖޫސްތަށްޓެއް ތުނި ބިއްލޫރިތަށްޓަކަށް އަޅައިގެންގޮސް ޖައްސާލީ ގޮނޑިއެއްގައެވެ. ޓޭންވެފައިވާ ރީތި މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ޖުވޭދާ އިރުކޮޅެއްވާންދެން ބަލަން ހުރެފައި ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެ ކަރުކެހިލިއެވެ.

"ނަހުޔާން، ކުރީދުވަހު އަހަރެން ދެއްކީމެއްނު އައިޒާ ކުރިން ގުޅުން އޮތްމީހާ އަހަންނަށް އެނގެޔޭ ކިޔާފައި ވާހަކައެއް، އެދުވަހު ނަހުޔާން އެވަރަށް އެނގެން ބޭނުންވީމަ މައްސަލަހަތަށްޓަކައި ނުބުނާނަމޭ އަހަރެން ބުނީމެއްނު، އައިޒާ އެންމެ ކުރިން ރައްޓެހިވެގެން އުޅުނީ ކާކުކަން ނަހުޔާންއަށް ގެސްކުރެވޭތަ؟ އެހިސާބުން އެ އެފެއަރ ނިންމާލީއެއް ނޫން، އައިޒާ ބަލިވެ އިނީވެސް ކުރީގެ ލޯބިވެރިޔާގެ ދަރިއަކަށް، އައިޒާ ދޮގުހަދައިގެން ދަރިފުޅު އެބޯޓްކުރުވީ ބޭޒާރުވެދާނެތީ... އެ ލޯބިވެރިޔަކީ ކާކުކަން އެނގޭތަ؟ ނަހުޔާންއަށް އަޑުއަހާނެ ހިތްވަރު އެބަހުރިތަ؟ އެމީހަކީ ނަހުޔާން އެންމެ ޓްރަސްޓްކުރާ ފަރާތްކަން ޔަގީން.... އައިޒާގެ ލޯބިވެރިޔަކީ ދާނިޔަލް..... ޔޯރ އޮވްން ބްރަދަރ ބިޓްރެއިޑް ޔޫ......." ޖުވޭދާގެ އެންމެ ފަހުގެ ޖުމްލަތައް ބޭރުން އައިސް ދޮރުފަތާއި ނިވާވެލި މީހަކަށް އަޑު އިވުނުކަމެއް ޖުވޭދާއަކަށް ނޭގުނެވެ. އޭރު ނަހުޔާން އިނީ ޝޮކެއްގައެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. ޖުވޭދާ ގެ ވާހަކަތައް ގަބޫލުކުރަން ދަތިވެފައެވެ. ނަހުޔާންގެ އެސްފިޔަތައް ތެމިގެން ދިޔުމާއިއެކު ހުރިހާ ބާރެއްލެވުނީ އަތުތެރޭގައި ހުރި ނާޒުކް ބިއްލޫރިތަށްޓަށެވެ. އެ ތަށިވެސް ކުދިކުދިވެ ލޭގަނޑު އޮހިގަތީ އޭނަގެ ހިތްފަދައިންނެވެ.

"އައިމް ސޮރީ...." ޖުވޭދާ ދެރަވީކަމަށް ހެދުނެވެ.

ކޮމެންޓް 0