މީހެއްގެ ހިލަމެއް ނުވުމުން މިލާން ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ ދުރުން ފެންނަން އޮތް މޫދާއި ދިމާލަށް ބަލަހައްޓައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިފައި އެތައް އިރެއްވާންދެން ހުއްޓެވެ.

ނަހުޔާން އާއި ދާނިޔަލް ބައްޕަގެ ނިންމެވުމާއި މެދު ހިތްހަމަނުޖެހިފައި ތިބުމާއި އެކުގައި ވެސް އަލަށް އިމާރާތް ކުރި ގެއަށް ބަދަލުވިއެވެ. ކުޑައިރުއްސުރެން އިންތިހާއަށް ލޯބިދީގެން ބަލާބޮޑުކުރި ބައްޕަގެ ހިތުގައި ޖައްސާފައި ދުރަށް ދާން ބޭނުންނުވީއެވެ. ނަމަވެސް ދެބެންވެސް މަންމައަށް މާފުދީފައި އަލުން ގުޅެން ޚިޔާލުކޮށްފައެއްނެތެވެ. 

މަލީކް ނިންމަވާފައިވާ ގޮތުން އެންމެން ކާގަޑިއަށް ކޮންމެ ގޮތެއްވިޔަސް ހާޒިރުވާން ޖެހޭނެ އެވެ. ނަހުޔާންމެން ނުރުހުންވެފައި ތިބެ ބައްޕަގެ އަމުރަށް ބޯލެނބިއެވެ. ހުރިހާ އެންމެން ގަޑިއަށް މެންދުރު ކެއުމަށް މޭޒުދޮށަށް ޖަމާވެފައިތިބި އިރު އެތަނަށް ވެރިވެފައިވާ ލަދުވެތި ހިމޭންކަން މުގުރައިލަނީ އެކަނި އުލާއި، ސަމުސާތައް ޗައިނާ ތަށިތަކުގައި ބީހިލާ އަޑުންނެވެ. މަލީކް ކޮންމެ މީހަކާއި ވަކިން ވާހަކަދެއްކެވީ އެ ނުތަނަވަސްކަން ފިލުވައިލާ ތަންކޮޅެއް އުފާވެރި މާހައުލެއް ގެނައުމަށެވެ. ޖުވޭދާގެ ތަށިން ހުސްވީ އެތިކޮޅެކެވެ. ދީނާ ހިނިތުންވުމެއް ހަދިޔާކޮށްލަން އުޅެއުޅެ އެކަކުގެ ސަމާލުކަމެއް ނުހޯދުމުން ތަށްޓާއި ދިމާލަށް ނަޒަރު ތިރިކޮށްލައިފި އެވެ. ދަރިންގެ ނަފްރަތުގެ ސަބަބުން ދީނާގެ ހިތަށް އުދަގޫވިއެވެ.

މިލާން ސިއްރު ނަޒަރަކުން ދާނިޔަލްގެ މޫނަށް ބަލައިލުމާއި އެކު ކޯތާފަތަށް ހޫނުވެގެންދިޔައެވެ. އެންމެ ލޯބިވާ އިންސާނާގެ ދިރިއުޅުން މިހާ ކާރިން ދެކެން ވުމުން ހިތަށް ވަނީ ބުނެދޭން ނޭގޭ ގޮތެކެވެ. އެކަނި ފެނިލާކަމީ އޭނަގެ ނަސީބު ނޫން ހެއްޔެވެ؟ ދާނިޔަލް އިނީ ހިތްހަމަނުޖެހިފައި ކަން އެނގުމުން މިލާން ކަންބޮޑުވެސްވިއެވެ. ދާނިޔަލްގެ އުލަށް ސްޕެގެޓީކޮޅެއް އޮޅާލާފައި ވެސް އަނގަޔާއި ހަމަޔަށް ދާ ވަގުތު މަދެވެ. ފަހަރަކު މީހަކު މޭޒުދޫކޮށް ދަމުން ގޮސް މަލީކް، ދީނާ އަދި މިލާން ބާކީވިއެވެ.

"އަހަންނަކަށް ހިޔެއްނުވޭ ދުވަހަކު އެކުދިން އަހަރެން ގަބޫލުކުރާނެހެނެއް، އަހަރެން ބޭނުމެއްނުވޭ ....." ދީނާ ފުންނޭވަޔެއް ލާފައި ތަށި އެއްފަރާތްކޮށްލައިފި އެވެ.

"އެކަމާއި ނުވިސްނަބަލަ ޑީ..... ދުވަސްކޮޅެއްވާއިރަށް ޑެނީމެންގެ ހިތް ބަދަލުވާނެ، އަހަންނަށް އެކުދިން ރަނގަޅަށް އެނގޭ......"މަލީކް ދީނާގެ ވާހަކަ މެދުކަނޑާލައިފިއެވެ. މިލާން ޖޫސީކޮށް އޮތް އަލަނާސިފޮތްޗެއް އަނގަޔަށް ލާފައި ކެއުން ނިންމާލުމަށްފަހު ނެޕްކިންއިން ތުންފޮހެލާ، ރީތިކޮށް ފަށްޖަހާލާފައި މޭޒުމަތީގައި ބޭއްވިއެވެ. އޭނަ އިނީ ލަދުންނެވެ. ކުރާނެކަމެއް ނެތް ބެލުމަކުން އޭނަ މަލީކް އަދި ދީނާގެ މޫނަށް ބެލުމުން މަލީކްއަށް ވިސްނިލެއްވިއެވެ. އެދެމީހުންނާއި އެކު އެކަނިވުމުން މިލާން އިނީ ކުރާނެކަމެއް ނޭގިފައެވެ.

"އަޅުގަނޑު ގޮސްލާނަން...." މިލާން ވާހަކަދެއްކީ އަދަބުވެރިކޮށެވެ.

"މިލާން ހާދަ ހާސްވެފައިހެން ހީވޭ، މިއީ ފެމިލީ... ހަމަޖެހިލައިގެން އަމިއްލަ ގެ ކަމަށް ދެކެގެން މިލާން ހަމަ އުޅެންވީ، މޫސުމް ކިހާރީތި ދުވަހެއް، ފަތާލަން ކަމުދާ ދުވަހެއް، އެއްވެސް މީހަކު މިގަޑީގައި ޓެރެސްގައި ނޫޅޭނެ، މިލާން ދާންވީނު ފަތާލާ އެންޖޯއިކޮށްލަން....." މަލީކް ދިން ޚިޔާލު ކަމުދިޔަކަން އެނގުނީ އެދޮން މޫނު އަލިވެގެން ދިޔަގޮތުންނެވެ.

"ސްވިމްސޫޓެއްލިޔަސް ރަނގަޅު ވާނެ....." ދީނާ ސަމާސާ ކޮށްލި އެވެ. މިލާން ގޮނޑިން ފުންމާލާފައި ދުއްވައިގަތްއިރު އަށާރައަހަރު ކުއްޖެއްހެން ހިޔެއްނުވެއެވެ. އޭނަގެ ހުންނަނީ އެހާ ޅަގޮތެކެވެ. އުޅުމާއި، މިޒާޖުގައި ހަރުގޮތެއް އަދި ނެތެވެ. ނަމަވެސް މިފަދަ ގެއަކަށް އައުމުން މިލާންއަށް ތަފާތު ތަޖުރިބާއެއްކުރެވި ކޮންމެވެސް ވަރެއްގެ ހިމޭންކަމެއް އައިސްފައިވާކަން ދީނާ ފާހަގަ ކުރިއެވެ. ދީނާއަށް ނުވިސްނުނީ މިލާންގެ ޅަހިތުގައި ލޯތްބެއް އުފެދިއްޖެކަމެވެ.

މުޅިދުވަހު މިލާންގެ މޫޑު ޚަރާބުވެފައި ހުރެފައިވެސް މަލީކްގެ ޖުމްލައިން ލިބުނު ހިތްވަރަކުން ވަގުތުން ދުއްވައިގަނެވުނީ ކޮޓަރިއާއި ދިމާލަށެވެ. ގަޔަށް ފިޓް އަތްދިގު ސޫޓަކާއި، ކަކުލާއި ހަމަޔަށް އޮތް ސޯޓެއްލައިގެން އިސްތަށިގަނޑު މައްޗަށް ނަގާ އައްސާލާފައި ރިހި ދަތްޗަކުން ހައްޔަރުކޮށްލައިފި އެވެ. މިލާން ސިއްރުސިއްރުން ޓެރެސްއަށް އަރައިގެން ދިޔައިރު ގޭތެރެ ހީވަނީ ފަޅުތަނެއްހެންނެވެ. ކުޑަކުއްޖެއް ނެތީމަ ތަނުގައި ދިރުމެއްނެތީކަން ނޭގެއެވެ. ޓެރެސްގެ ދޮރުހުޅުވާލުމާއި އެކު އިރުގެ އަވި ދޯދިތައް މިލާންގެ މޫނުގައި ބީހިލި އެވެ. ފަތަން އެންމެ ރަނގަޅު އެއްދުވަސްކަން ޔަގީނެވެ. ޓެރެސްގެ ބަގީޗާގެ ރީތިކަމަށް ހިތާހިތުން ތައުރީފު ކުރަމުން ގޮސް މިލާން ޕޫލްގެ ކާރީގައި ހުއްޓުނެވެ. ފެންގަނޑަށް އިރުގެ ދަޅަތައް އެޅުމުން ރަންކުލައެއްގައި ފެނެއެވެ. މިލާން ފައިތިލަ ފެނުގައި ޖައްސާލުމާއިއެކު ތޫނުއަޑަކުން ހަޅޭއްލަވައިގެންފައި ފައި ދަމައިގަތެވެ. ހީކުރިވަރަށްވުރެ ފެންގަޑު ފިންޏެވެ. މިލާން އަމިއްލަ ފިނޑިކަމަށް މަލާމާތް ކުރަމުން ކުޑަކޮށް ހީގަނެފައި ފެންގަނޑަށް އަތްބާނައިގެން ކުޅެންފެށިއިރު އެމަންޒަރުދެކެން އެއްފަރާތުގައި މީހަކު މަޖާވެފައި އިންކަމެއް ނޭގުނެވެ.

ބަގީޗާ ތެރޭގައި އެކަނި އިންދާ މި ކުޑަ ޕަރީ އައިގޮތަށް ގަންނަ ގަނޑެއް ބަލައިލަން ދާނިޔަލް އިނެވެ. "ޕްރިޓީ...." ދާނިޔަލް ހިތާހިތުން ކިޔާލާފައި ނުތަނަވަސްވިއެވެ. އޭނަގެ ކޮއްކޮ އަކީ ގުދުރަތީ ރީތިކަމުގެ ނަމޫނާއެކެވެ. ކޮއްކޮއަކަށް ނުވިނަމައެވެ. ފަނަރަވަރަކަށް މިނިޓްވީއިރުވެސް މިލާން ފެންގަނޑަށް އެރެން ޚިޔާލެއްނުކުރިއެވެ. ފެންގަނޑާއި ކުޅެލަން އިނީ ބިރުންކަމެއް ނޫނީ ހަމަ ކަންނެތްވެފައިކަމެއް ނޭގުނެވެ. ދާނިޔަލް ސަމާސާއެއް ކޮށްލާހިތުން ފަހަތުން ގޮސް މިލާންގެ ބުރަކަށީގައި މަޑުމަޑުން އަތްޖައްސާލާއިރަށް މިލާން އަރިއަޅާލުމުން ހަޅޭއްލަވައި ގަނެވުނެވެ. އޭނަ ފެންގަނޑު ތެރޭގައި ޖެހުމާއިއެކު ތެޅިގަނެގެން އަތްފައި ހަލުވައިގަތެވެ. ދާނިޔަލް ފުރަތަމަ ހޭންފަށާފައި، މިލާންއަށް ފަތަން ނޭގޭކަން ޔަގީންވުމުން ދެލޯބޮޑުވިއެވެ. ޕަބްލިކް ފެންގަނޑު ތަކަށްވުރެ މާ ތިލަ ފެންކޮޅެއްގައި މިލާން މިއޮތް ގެނބެނީއެވެ. އޭނަގެ ނިޔަތަކީ މިފަދަ ނުރައްކާތެރި އެކްސިޑެންޓެއް ނޫނެވެ.

ދާނިޔަލް ފެންގަނޑަށް ޑައިވެއް އަޅާލިގޮތަށް ދާދި ފަސޭހަކަމާއިއެކު ގެނބެމުން ދިޔަ މިލާން މައްޗަށް ނަގައިފި އެވެ. އޭރު މިލާން އޮތީ ބިރުގެންފައެވެ. އޭނަ ކެއްސަން ފެށިގޮތަށް ނޭވާ ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ.

"ވަ..ވައި ވުޑް ޔޫ ޑޫ ދެޓް...." މިލާން ހަމަޔަކަށް އެޅުމުން އެ ރީތި އެސްފިޔަތައް ކުޑަކޮށް ހިއްލާލައިފިއެވެ. އެ ދޮންމޫނުގައި ފެންތިކިތައް މުތީތަކެއްފަދައިން ވިދައެވެ. ހީވަނީ ފިނިފެންމަލެއްގެ ފިޔައިގާ ޝަބްނަމް ވިދާހެންނެވެ. ރަތް ތުންފަތް އޮމާންކަމުން ދާނިޔަލްއަށް ކެތްކުރެވުނީ ވަރަށް މަސައްކަތުންނެވެ. ދާނިޔަލް އެ ރީތިކަން ހިތުން ފިލުވައިލަން މަސައްކަތް ކުރިއެވެ. ކޮއްކޮ އަކާއި މެދު މިހެން ވިސްނުމަކީ ފާފައެކެވެ. ދާނިޔަލް ހިނިއަންނަ ގޮތްވިއެވެ. އަމިއްލައަށް މާ މާތްމީހަކަށް ވާންއުޅޭނެ ކަމެއްނެތެވެ. އޭނަ ނުކުރަނީ ކޮންފާފައެއް ހެއްޔެވެ؟ ފަހަރި އާއި އެކު ނިދާލާފައި އަދި އެކުއްޖާއަށް ދަރިއަކުވެސް ދިނީއެވެ. އައިޒާ ފަކީރު ފިލައިގެން ދިޔައީ އޭނަ އިންޒާރު ދިނީމަކަން ނޭގެއެވެ. އޭނަގެ ހަޔާތަށް އައި އަންހެންކުއްޖަކަށް އަދި އުފަލުން އުޅެވިފައެއްނެތެވެ.

"އަހަރެން މިލާން ޕޫލަށް ބާލަން އެހީވީ، ހުރިގޮތަކުން ކުޑަ ޕުޝް އެއް ބޭނުންވެފައި ކަމަށް ހީކުރީ، ސޮރީ، އަހަރެން ހިޔެއްނުކުރަން މިލާންއަށް ފަތަން ނޭގޭކަމެއް...." ދާނިޔަލް ހިއްސުތައް ހަމަޔަކަށް އަޅުވައިލަން ކާރީގައި ހުރި ބީޗްޗެއަރތަކުން ގޮނޑިއެއްގައި ޖައްސައިލަމުން ތެމިފައިވާ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ. އިސްތަށިގަނޑު ތެމުނީމަ އޮތީ ގަދަ މުށިކުލައެއްގައިކަން މިލާންއަށް ފާހަގަކުރެވުނެވެ. ޑައިކޮށްފައިބާވައެވެ. ގަމީސް ގަޔާއި ތަތްލަވާފައި ހުރި އިރު އެ ކަސްރަތީ ހަށިގަނޑު ހާމަޔަށްވެއެވެ.

"އޯ.... އައި ކެން އެކްޗުއަލީ ސްވިމް.... ޝޮކެއް ލިބުނުވަރުން އެވަގުތު ފަތަން ނޭގުނީ، މިތާގައި އެހެން މީހަކު ހުރެދާނެކަމަށް ހިޔެއްނުކުރަން، ހީކުރީ ގޯސްޓެއްކަމަށް....." މިލާން ހެމުން ވާހަކަދެއްކި އިރު މަޖާވެފައި ހުރީ ދާނިޔަލްގެ އަމިއްލަ ސްޓަންޓް އާއި މެދު އޭނަ ހާސްކުރުވުނީތީއެވެ. ދާނިޔަލްވެސް މިލާން އާއި ބައިވެރިވެގެން ހޭންފެށިއެވެ. މިލާން އޭނަގެ ދިގު ދެފައިގާ ދެއަތުން ބައްދާލައިގެން އިންގޮތުން ހީވަނީ ފިނިވެފައިވާ ހެންނެވެ. ދާނިޔަލްގެ ނަޒަރު އެ ދޮންފަޔާއި، ފައިތިލަ އަދި ހަށިގަނޑަށް ދަތުރުކުރިތަން ފެނުމުން މިލާންގެ ބަސްހުއްޓުނެވެ. ކިޔަންވީ އެއްޗެއް ނޭގުނެވެ. މިލާން ރަކިގޮތަކަށް ހީލިއެވެ. ދާނިޔަލްވެސް އިތުރު ވާހަކައެއް ދައްކަން ނަހަދާ ތެދުވެގެން ދާން ހިނގައިގަތުމުން މިލާންގެ ހިތަށް އުދަގޫވިއެވެ. އޭނަ މިހާވަރުން ދެރަވަނީ ކީއްވެހެއްޔެވެ؟ ހިތުގައިވާ ރިހުމަށް ލުޔެއް ނުލިބެނީ ކީއްވެހެއްޔެވެ؟ 

މިލާން ފެންގަނޑަށް ފައި ލައިގެން ހަލުވަން އިންދާ ބޯމައްޗަށް ފަށުވިކޮޅެއްފަދަ މަޑު އެއްޗެއް ވައްޓައިލެވުނުހެން ހީވެގެން ބަލައިލިއިރު ތުވާއްޔެކެވެ.

"ތޭންކްސް...." ދާނިޔަލް ތެތްއެއްޗެހި ބަދަލުކޮށްލައިގެން އައިސްފައި ހުރިތަން ފެނުމުން މިލާން ހިނިތުންވެލިއެވެ.

'ޑޯންޓް މެންޝަން އިޓް... އަހަރެމެން ފެމިލީއަށްވެސް ވީމަ...." ދާނިޔަލް އެހެން ބުނެފައި ހިމޭންވިއެވެ. އޭނައަށް މިލާން އާއި މިގޮތަށް ލޭގެ ގުޅުން އޮތުމުން ނުރުހެވެނީ ކީއްވެހެއްޔެވެ؟ 

"އަހަރެން ދާނިޔަލްގެ ކޮއްކޮއެއްގެ ގޮތުގައި ދެކެން ބޭނުމެއްނޫން..." ހިތުގައިވާ އެ ޖުމްލަތައް ދުލާއި ހަމަޔަށް ގެންނާން ނުކެރުމުން މިލާން ވެސް ހިމޭންވިއެވެ. އޭނަގެ މަންމަގާތުގައި އެ ވާހަކަ ބުނަންވީ ހެއްޔެވެ؟ ހަގީގަތް ދާނިޔަލްމެންނަށް އެނގުމުގެ ހައްގު އޮންނަން ވާނެއެވެ. ދާނިޔަލް އޭނައާއި މެދު ކޮއްކޮއެއްގެ ނަޒަރުން ދެކުނީމަ އޭނަގެ ހިތް ހަލާކުވެގެން ދާ ވާހަކަ މަންމަ ގާތުގައި ބުނަންވީ ހެއްޔެވެ؟ މިއީ އޭނަގެ އުފާތަކަށް އެޅިފައިވާ ހުރަހެކެވެ.

"އެނގޭތަ؟ އަހަރެން މިއުޅެނީ ވަރަށް އަވަހަށް އިރާ އާއި މެރީ ކުރަން، އަހަރެން އެހާ ބޭނުންވެގެނެއްނޫން، އެރެންޖް މެރިޖެއް....." ދާނިޔަލް ހިމޭންކަން މުގުރާލާފައި އޭނަގެ ޒާތީކަންތައް މިލާންއާއި ހިއްސާކުރަންފެށި ސަބަބެއް އަމިއްލަ ހިތަކަށްވެސް ނުވިސްނުނެވެ. ދާނިޔަލްގެ އެ ޖުމްލައިން މިލާންގެ ހިތަށް ތޫނު ކަށިތަކެއް ހަރައިލެވުނުހެން ހީވިއެވެ. ކަކޫ މޭގައި ޖައްސާ ބާރުކޮށްލައިގެން އިންއިރުވެސް ހިތުގެ ތެޅުންމަޑެއް ނުވިއެވެ. ފެންކަޅިވިނަމަވެސް މޫނު ތެމިފައިވާތީ ދާނިޔަލްއަށް އެކަން ފާހަގަ ކުރެވޭނެހެން ހިޔެއްނުވެއެވެ. ދާނިޔަލް ކޮންމެވެސް ވަރަކަށް މިލާން އާއި ވާހަކަދައްކާފައި އެކުވެރިކަން ބަދަހިކުރިއެވެ.

"މިލާންއަށް އެނގޭތަ؟ މިލާން އާއި ވާހަކަދައްކަން ވަރަށް އީޒީ، އަދި ބައެއް އެހެން އަންހެނުންފަދައިން އެހާ ޓޯކެޓިވް އެއް ނޫން..އައި ލައިކް ޔޫ......" ދާނިޔަލްގެ ރީތި ހިނިތުންވުމުން ފެނުނީ މުތްތަކެއްހާ ހުދު ދަތްތަކެވެ. 

"ޑޭޒްލިން....." މިލާންގެ ހިތަށް އެރިއެވެ. އެ ރީތިކަމުންވެސް މިލާންގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. 

ދާނިޔަލް މިލާންއަށް ޝައުގުނެތްނަމަ މިލާންގެ ވާހަކަތައް އަހަން އެހާ މަސައްކަތެއް ނުކުރާނެއެވެ. އެއިން ކޮންމެކަމަކުން ވެސް އިތުރަށް ލިބުނީ ހިތްދަތިކަމެވެ. ދާނިޔަލް އެތަނުން ދިޔައީ އޭނަގެ އެކުވެރިޔަކު ފޯނުކޮށްލުމުން މިލާން އާއި ދިމާލަށް އަތްހޫރާލުމަށްފަހުގައި އިތުރަށް މިލާންގެ ހިތް އެތޫނު ނަޒަރުން ކަތިލުމަށްފަހުގައެވެ. އެލޯބި ރަނގަޅަށް ނުފެށެނީސް ނިމިއްޖެކަމުގައި މިލާންގެ ހިތް ބުނުމުން ރޮވޭގޮތްވިއެވެ.

"ހައު ޕޮއެޓިކް...." މިލާން ތުވާލި މޫނުގައި އޮޅައިގަތުމުން ދުވީ ދާނިޔަލްގެ މީރުވަހެވެ. މިއީ ދާނިޔަލްގެ ތުވާލިބާވައެވެ.

ނަހުޔާން މިދުވަސްކޮޅު އަބަދުހެން ހުންނަނީ ތަބީއަތު ގޯސްވެފައެވެ. އޭނަގެ ބައްޕައަށް އިހުތިރާމް ކުރާ ވަރުން ނޫންނަމަ އެންމެ ހިދުކޮޅަކަށްވެސް އެގޭގައި މަޑުކުރަން ބޭނުން ނުވީހެވެ. މަލީކް ނަހުޔާންގެ އެ ރުޅިއަށް ފަރުވާލެއްނެތި ފެންނައިރަށް ސަމާސާއެއް ކޮށްލައްވައެވެ. ނަހުޔާން ހުންނަނީ އެއްޗެކޭ ނުބުނަން ކެތްތެރިވެލައިގެންނެވެ. އެންމެ ފަހުން މަލީކް ނަހުޔާންއަށް ދިން ޚިޔާލަކުން ނަހުޔާން ހައިރާންވެ އަންތަރީސްވިއެވެ. އައިޒާ ގެ ބޭވަފާތެރި ކަމަށްޓަކައި ދެރަނުވެ މިލާން އާއި ކައިވެނި ކުރަން އެދިލެއްވީއެވެ.

"ޑޭޑް..." ނަހުޔާންގެ މޫނުމަތި ރަތްވިއެވެ.

"ހަގީގަތުގައި މިލާންއަކީ ދަރިފުޅުމެންގެ ކޮއްކޮއެއް ނޫން، ދީނާ އެޑޮޕްޓްކޮށްފައިވާ ކުއްޖެއް، އަހަރެންނަށް އެނގިގެން ސުވާލުކުރީމަ ދީނާ އެދުނީ އެހެން މީހެއްގެ ގާތުގައި ނުކިޔަން، ޚާއްސަކޮށް ދޮންމަންމައަށް އެނގިއްޖެއްޔާ މިލާން މިގެއިން ނެރެލަފާނެކަމަށް ބުނި، ކޮންމެގޮތެއްވިޔަސް އާއިލާއަށް ނިސްބަތް ނުވާކުއްޖަކަށް ވެއްޖެއްޔާ އަހަރެމެން ކޮންމެހެން ފައިސާ ޚަރަދުކޮށްގެން ގެންގުޅޭކަށް ނުޖެހޭނެ، އެކަމަކު މިލާންގެ ރަނގަޅު ކަމާއި، ބަސްއަހާވަރުން ބައްޕަގެ ހިތަށް އެރީ ދަރިފުޅާއި އެކަށީގެންވެއޭ، އެހެން ނުބުނެހުއްޓާ މިލާން ގެއްލިގެން ގޮސްދާނެތީ މި ބުނެލީ...." މަލީކް ފުރަތަމަ ދުވަހުން ފެށިގެން މިލާން ޅީދަރިއަކަށް ހަދަން ނިންމެވިއެވެ. އެފަދަ ގެވެހިކުއްޖެއް މަދުން ނޫނީ ނުފެންނާނެއެވެ.

"ވިސްނާނަން..." ނަހުޔާންގެ ޝައުގެއް ނެތެވެ.

"ޔޫ މަސްޓް ޑޫ ދިސް...." މަލީކްގެ މޫނުމަތީގައިވާ ހިނިތުންވުން ފަނޑުވިއެވެ. ބައްޕަގެ އަމުރަށް ނަހުޔާން އެގޮތަށް ދެކޮޅުހެދުމުން ހިތްހަމަޖެހި ނުލެއްވީއެވެ. މަލީކް މަޖުބޫރުކޮށްފިއްޔާ ނުކޮށް ވާނެގޮތެއްވެސް ނެތެވެ. ނަމަވެސް ދެވަނަފަހަރަށް ކައިވެންޏެއް ކުރަން ނަހުޔާން ނުވިސްނައެވެ. ކަރުބުޑުން ހިތި ރަހަ ނުކެނޑެނީސް ދެވަނަފަހަރަށް އެފަދަކަމެއް ކުރާނެ ހިތްވަރެއް ލިބޭނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް މިލާންއަކީ ކޮއްކޮއެއް ނޫންކަން އެނގުމާއިއެކު ތަފާތު ނަޒަރަކުން ދެކެން މަޖުބޫރުވެސް ވެއްޖެއެވެ. މައްސަލައަކީ އޭނަގެ ހިތުގައި ލޯބީގެ އަސަރު ނުހޭލާތީއެވެ. މިލާން ކިތަންމެ ރީތިކުއްޖަކަށް ވިޔަސް އޭނަގެ ޓައިޕެއް ނޫނީކަން ނޭގެއެވެ. އޭނަ ބޭނުމީ ތަންކޮޅެއް ހަރު ކުއްޖެކެވެ. އައިޒާ..... އައިޒާގެ ނަން ހިތަށް އަރާފައި ނަހުޔާންގެ އަތް މުށްކެވުނެވެ.

ދީނާ ކޮންމެވެސް މީހަކަށް ސިއްރުން ގުޅައިގެން ހުންނަތަން ފެނުމާއި، މަލީކް ފެނިލާއިރަށް ފޯނު ބާއްވާތީ ދީނާގެ މާޒީގެ ކޮންމެވެސް ސިއްރެއް މަލީކްއަށް ފޮރުވައިގެން އުޅޭކަން މަލީކްގެ ތޫނު ސިކުނޑި ދެނެގަތެވެ. އަދި ދީނާގެނައި އަލްބަމްގައިވާ ފޮޓޯތަކަށް މާ ގިނައިން ބަލާތީ އެއިން ސިއްރެއް ދެނެގަންނަން މަލީކް މަސައްކަތް ކުރެއްވިއެވެ. އެއަލްބަމުގައި ވަނީ ދީނާގެ މަންމައާއި ކޮއްކޮ އާއި ކުދިންނެވެ. އިތުރު ފިރިހެނަކާއި ގުޅުންއޮވެދާނެ ކަމަށް ޝައްކުވިޔަސް އެފަދަ އެހެން ކަމެއް ނުފެނުނެވެ. ނަމަވެސް މަލީކްއަށް ކުރެވުނު ކުށްހީއަކުން އޭނަގެ އުފާވެރިކަމަށް ކުޑަ ފަނޑުކަމެއް އަތުވެއްޖެއެވެ.

ދާނިޔަލް ކޮންސަލްޓިން ރޫމުން ނިކުމެ ފިރިހެންވަންތަ ހިނގުމެއްގައި އައިއިރު ދިމާވި އެއްވެސް މީހަކަށް އެ ރީތި ޒުވާނާގެ ގައިން ނަޒަރުވަކި ކޮށްލުމަކީ ފަސޭހަކަމަކަށް ނުވިއެވެ. ދޮރުން ނިކުމެވުމާއި އެކު އަވިއައިނުން އެރީތި ދެލޯ ފޮރުވައިލުމަށްފަހު ގޮސް އޭނަގެ ކާރަށް އަރާ ދުއްވާލައިފި އެވެ. އޭނަ ފުރަތަމަވެސް ދިޔައީ ކައިވެނި ކުރަން ފޯމެއް ބަލައެވެ.

އިރާއާއި ކައިވެނިކުރަން އޭނަގެ ޟަމީރު ދެކޮޅުހެދިޔަސް ކުރެވެން އުޅޭ ފާފައިން ސަލާމަތްވާން މިފަދަ ފިޔަވަޅެއް އަޅަން އޭނައަށް މަޖުބޫރެވެ. އެހެންނޫނަސް އޭނަގެ މަންމަ ބައްޕަ ގާތުގައި ދާނިޔަލް އިރާ އާއި އިންނަން ގަބޫލުނޫންކަމަށް ބުނެ ވާހަކަދެއްކި އަޑު އޭނަވަނީ އަހާފައެވެ. އެއީވެސް އޭނަ ގެ ހިތް މިކައިވެނި ކުރަން ބާރު އެޅި އަނެއް ސަބަބެވެ. އޭނަގެ ހަޔާތުގެ އެއްވެސް ކަމެއް ބައްޓަން ކުރަން މަންމަ އުޅުމަކީ އޭނަ ބޭނުންވާ ގޮތެއް ނޫނެވެ. ހިތް ނުރުހޭކަންތައް ކުރަން މަޖުބޫރުވަނީ މިފަދަ ހާލަތުގައެވެ. އެންމެ ދެރަވަނީ އޭނަގެ ބަސްނާހާ ހިތް ކޮއްކޮ އަކަށްޓަކައި ވިންދުޖަހަން ފެށީމައެވެ. ދާނިޔަލް އެކަމާއި ކަންބޮޑުވެއެވެ. އެހެން މީހަކަށް އެ ސިއްރު އެނގިދާނެތީ އޭނަ ހުންނަނީ ފިކުރު ބޮޑުވެފައެވެ. ދެލޯ މަރާލާއިރަށް އެސްފިޔަތަކުގެ ދޭތެރެއިންވެސް ފެންނަނީ މިލާންގެ ރަކި ހިނިތުންވުމެވެ. އެ ރީތިކަމެވެ.

"ޑެނިއަލް، މޮޔަވީތަ؟ ކޮއްކޮ އަކާއި ހެދި އުޅޭއިރު ލަދެއްނުގަނޭތަ؟ ތިކަން ޖެހޭނީ ހަމަ މިހާރު ހުއްޓާލަން، ފާފަތަކަށް އަރަމުންގޮސް މިހާރު ކުރަން ތިއުޅެނީ ކިހާބޮޑުކަމެއްތަ؟ އެކީގައި އުޅެ ބޮޑުނުވީމަ ކަން ނޭގޭ މިފަދަ އިހުސާސް ތަކެއް ކުރެވެން ފެށީ، ހިތެއްގައި ލޯބި ލައްވަނީ ވަކި ފަރާތަކުންކަން ޔަގީން، ޔަގީނުންވެސް އަހަރެން ގެ ހިތުގެ މައްޗަށް އަހަރެންގެ އިޚުތިޔާރެއްނެތް، ޑެލިބެރޭޓްކޮށް ކުރާކަމެއްނަމަ މަށެއް ޔަގީނުންވެސް މިލާންގެ މަތިން ހަނދާން ނުކުރާނަން، ނަމަވެސް މިހިތަށްވަނީ ކިހިނެއްތަ؟ އަވަހަށް އިރާ އާއި މެރީކުރަންވީ ކަންނޭގޭ، އޭރުން މިކަމަށް ނިމުމެއް އައިސްދާނެ...." ދާނިޔަލް އުނގުގައި ބާއްވައިގެން އިނދެ ފޯމުގައި ސޮއިކުރިއިރު އެރީތި ދެލޯވަނީ ފެންކަޅިވެފައެވެ. ގަލަމުގެ ތުޑު ޖައްސާލައިގެން އިރުކޮޅަކު އިނދެލާފައި ސޮއިކުރުމަށްފަހު ދެއަތުގެ ތެރޭގައި މޫނު ފޮރުވައިގެން އިނދެ ވިސްނީ ކޯޗެއްކަމެއްވެސް ނޭގެއެވެ.

ދާނިޔަލް އޭނަގެ އެކުވެރިންކަމަށްވާ މިކާއިލް، އައިކަން އަދި ކައިލާންއަށް ގުޅާފައި އޭނަ މީހަކާއި އިންނަން އުޅޭކަމަށާއި ޕާޓީއަށް މާލެ އަންނަން ބުނިއިރު އެންމެން ހީކުރީ އޭނަ ހުރީ އުފަލުންކަމަށެވެ. ދާނިޔަލްގެ ސިއްރުވެރިކަމުން އޭނަގެ ގާތް އެކުވެރިންނަށްވެސް ހަގީގަތެއް ނޭގުނެވެ.

ދާނިޔަލް އާއި އިރާގެ ކައިވެނީގެ ކަންތައް "އެވަރލޭންޑް" ގައި ހަމަޖެހެމުންދާއިރު ނަހުޔާން ވީ ހަފްތާއެއްގެ ދަތުރެއްގައި ބޭރު ގައުމެއްގައެވެ. ދާނިޔަލް ގެއަށް ވަންނަ ހިތްނުވެ ގިނަވަގުތު ގެއިން ބޭރުގައި ހޭދަކުރާއިރު މިލާން ހުންނަނީ މިލާމޯޅިވެފައެވެ. ކައިވެންޏަކީ އުފާވެރި މުނާސަބާއެއް ކަމުގައި ވިޔަސް މިލާންއަށް މި މަންޒަރު ފެންނާނީ ޖަނާޒާއެއްގެ ގޮތުގައިކަން އޭނައަށް އެނގެއެވެ. އޭނަގެ ހިތް އެމީހަކަށް ހިބަކޮށްދެވިފައިވާ ޒުވާނާ އެހެންމީހެއްގެ މިލްކަކަށްވެގެން މިދަނީއެވެ. ހުއްޓުވޭނެ އެއްވެސް ގޮތެއްނެތެވެ. އެހެންނޫނަސް ލޯ އަނދިރިވެފައިވާ ކުއްޖަކަށް އަނިޔާވެރިވާން ކެރިދާނެ ހެއްޔެވެ؟ މިލާންއަށް މި ރީތި ގޭގެ ސަބަބުން ލިބުނީ ވަގުތީ އުފަލެކެވެ. ކިތަންމެ މުއްސަދިކަން ލިބުނަސް އަދި ދުނިޔޭގެ ހުރިހާ އުފާތަކެއް މިލްކު ނުވެ ހިގައިދާނެކަން މިލާއަށް ދުނިޔެ ދައްކުވާދީފިއެވެ.

މިލާން ފުރަތަމަ ދުވަސްކޮޅު ކޮޓަރީގައި ފިލައިގެން އުޅުނަސް އެއީ ރަނގަޅުގޮތެއް ނޫންކަން ވިސްނިގެން ފަތިސް ނަމާދަށްފަހު ރޯޒާއާއި އެހީވާން ބަދިގެއަށް ވަދެއެވެ. ދީނާވެސް އެކަމަށް ބާރުއަޅައެވެ. ގެވެހި ރަނގަޅުކުދިން ވެއްޖެއްޔާ ބަދިގެއަށް ވަދެވެން ޖެހޭނެއެވެ. މިލާން ހަދާއެއްޗެހި މީރުވެގެން އެންމެން ކާ ގަޑީގައި އެވާހަކަ ދައްކައެވެ. ކެއުމަށްފަހު ތަށިތައް ނަގާއިރު މިލާން ބައިވެރިވެއެވެ. ޓެރެސްގެ ބަގީޗާއަށް ފެންދީ ގަސްތަކަށް އަޅާލައެވެ. އިރާ އާއި ތަފާތުކޮށް މިލާން އަބަދުހެން ފެންނަނީ ކޮންމެވެސް މަސައްކަތެއްގައި އުޅޭތަނެވެ. ޖުވޭދާ ދެކެނީ އެއީ ދެއްކުންތެރިކަން ކަމުގައެވެ. މަލީކްގެ ހިތް އަތުލައިގަން މުދާގަނޑަށް ވެރިވެގަންނަން މިލާން ކުރާހާ މަސައްކަތެވެ. ނޫނީ ދީނާ އާއި ދެމީހުންގެ ރޭވުމުން ޖުވޭދާގެ ދެމައިން މިގެއިން ބޭރުކޮށްލަން އުޅެނީއެވެ.

ޖުވޭދާ ރީތިވާ މޭޒުދޮށުގައި ބައިގަޑިއެއްހާ އިރު ހޭދަކުރީ މޭކަޕް ކުރުމުގައެވެ. އަގުބޮޑު ސާމާނުތަކުން މޫނު ހަދާ ނިންމާލި އިރު ޔަގީނުންވެސް އެތައް ގުނަ ރީއްޗެވެ. ދީނާއަށް ވުރެ އޭނަގެ އުމުރުން މާބޮޑުތަން ހަގުވުމުން އޭނަ އެކަމާއި ކޮންމެވެސް ވަރަކަށް ފަޚުރުވެރިވެއެވެ. ބައެއްފަހަރު ދީނާއަށްވުރެ އޭނަ މާ ރީއްޗޭ ހިތަށް އަރާފަހަރުވެސް އާދެއެވެ. އެހެންނޫނަސް މަލީކްގެ އާއިލާ އާއި އަދިވެސް ގުޅުން އޮތީ އޭނަ އާއެވެ. އެމީހުން ދީނާއަކަށް އެހާ ގަދަރެއްނުކުރެއެވެ. ޚާއްސަކޮށް މަލީކްގެ ކޮއްކޮ ސާރާ ހުރީ ދީނާ އެގެއަށް އަލުން އައުމުން އެކަމާއި ނުރުހިފައެވެ.

ޖުވޭދާ އެހެން ލާފައި ދަމުން މިލާންގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ބަލައިލި އިރު މިލާން ފެންނާކަށްނެތެވެ. ޖުވޭދާ އެތެރެއަށް ވަނީ މިލާން އާއި ވާހަކަ ދައްކާލުމަށެވެ. ހިތް ކޮންމެ ގޮތަކަށް އޮތަސް އޭނަ ބޭރުފުށުން އެކަމެއް ނާންގައެވެ. މިލާންގެ ޕާރސް ރީތިވާ މޭޒުމަތީގައި އޮތުމުން ޖުވޭދާ އެ ނަގާފައި ހުޅުވައިލީ ވަކި މަގުސަދެއްގައެއް ނޫނެވެ. ނަމަވެސް މިލާންގެ އައިޑީ ފެނުމާއިއެކު ދީނާ ފޮރުވައިގެން އުޅޭ ސިއްރު ބޭޒާރުވެ އޭނަގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. މިލާން ދީނާގެ ދަރިއަކަށް ނުވެއްޖެއްޔާ ބޭނުމަކީ ކޮބާހެއްޔެވެ؟ ޔަގީނެވެ. ދާނިޔަލް ޖަހައިގަންނަން އެކުއްޖާ އުޅޭނެއެވެ. މަލީކްމެންގެ ހިތް ބަދަލުވާނެ އިރެއް ނޭގެއެވެ. އިރާއަކީ އަނދިރިކުއްޖަކަށް ވުމުން ދާނިޔަލް ގެ ހިތުގައިވާނީ ކޮން ލޯތްބެއް ހެއްޔެވެ؟ މިހާރުވެސް ކައިވެނި އެކުރަނީ ތިމާއަށް ކުރެވުނު ކުށުގެ ބަދަލުދޭންވެގެންނެވެ.

"ދީނާ އެކުއްޖާ ގެނައީ ދާނިޔަލްއާއި ގުޅުވަންކަން ޔަގީން، އަހަރެން ފުރާނަ ގުރުބާން ކޮށްލައިގެންވެސް އެކަން ވިޔަކަނުދޭނަން، ދާނިޔަލްގެ ނުބައިކަމުން އިރާ އާއި ކައިވެނިކޮށްފައި ވަރިކޮށްލަންވެސް ފަހެއް ނުޖެހޭނެ. އެކަމަކު ލާހިކެއްނޫން މިލާން އަކާއި އިންނަން، އަހަރެން ދުނިޔޭގައި ހުރެގެން އެ ކައިވެނި ވިޔަކަ ނުދޭނަން، ކޮންމެހެން އަހަރެން ނުބައި މީހަކަށް ވެގެނެއް ނޫން، ނަމަވެސް އަހަރެންގެ ހުރި އެންމެ އަންހެން ދަރިފުޅުގެ ހަޔާތް ބަރުބާދުވެގެން ދާތަން ބަލަން އަހަރެން ހުރެގެން ވާނެތަ؟ އެހެނެއް ނުހުރެވޭނެ، އަހަރެން ޖެހޭނެ ގޮތެއް ހޯދަން...އަހަރެން ކޮންމެހެން މިލާންއަށް ދެރަގޮތެއް ވާކަށް ނޭދެން، އަހަންނަށް ހެޔޮ މިލާން ނަހުޔާން އާއި ކައިވެނި ކުރިޔަސް، އެކަމަކު ދާނިޔަލް އާއި އިރާ އާއި ދޭތެރެއަށް މިލާންއަކަށް ނުވަދެވޭނެ.. އަހަރެން އެކަން ވިޔަކަނުދޭނަން............" ޖުވޭދާ އަވަސްއަވަހަށް އައިޑީކާޑު އޮތްތަނަށް ލާފައި ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން ގޮސް ޓެރެސްއަށް އެރިއެވެ. ފުންނޭވާތަކެއް ދޫކޮށްލެވުނެވެ. އޭނަގެ ސިކުނޑީގައި އެތައް ޓަނެއްގެ ބުރަދަންވާކަމުގެ އިހުސާސްކުރެވުނެވެ.

ޖުވޭދާ ޕޮޓްތަކުގައިވާ އަޒާލިޔާ، ލިޕްސްޓިކް އަދި ބްލީޑިންހާޓްފަދަ ގަސްތަކުގައި ފިރުމަން ހުރެފައި ދެލޮލަށް ޖަމާވި ކަރުނަތައް ފޮހެލައިފިއެވެ.

އިރާ ހޭއެރުމަށްފަހު ކުރީކޮޅު ހަޅޭއްލަވާ ރޮއި ހަދާވަރުން އޭނަ ނިންދަވާފައި ބޭއްވިނަމަވެސް ފަހުން ހަމަޔަކަށް އެޅުނެވެ. އިރާ ޑިސްޗާޖްކުރި ދުވަހު ޑޮކްޓަރު ދުރުވުމުން ހީލާފައި ވާހަކަދެއްކިއިރު އިރާގެ ދެލޮލަށް ނުފެންނަ ހަނދާނެއް އޭނަ ހުރިހެނެއް ހިޔެއްނުވެއެވެ. އިރާ އޮތީ މަޖާވެލާފައިކަމަށް ހެދިގެންނެވެ. ނޫނީ ޑޮކްޓަރު އިރާގެ އޮޕަރޭޝަނަށްފަހު ރަނގަޅުވާނެ ކަމުގެ ޔަގީންކަން ދިނުމުން ހިތަށް ލިބުނު އުފާ ހަމަ ބޮޑީއެވެ. އިރާ އަތުލަފިކޮށްގެން ގޮސް ކާރަށް އެރުވީ މަލީކްއެވެ. މަންމަ ގާތުގައި ފެންކަޅިވެފައި ހުއްޓަސް އެކަމެއް އިރާއަކަށް ނޭގުނެވެ. ޖުވޭދާވެސް ހީހީފައި އިރާ އާއި ވާހަކަ ދައްކާތީ އިރާ ހުރީ އުފަލުންނެވެ.

"މިއާދެވުނީ ގެއަށް...." އޭރުވެސް އިރާ އިނީ ދެލޯ މަރާލައިގެން ސީޓުގައި ލެނގިލި ގޮތަށެވެ. ލޯ ހުޅުވާލައިގެން އިނަސް ތަނެއްދޮރެއް ނުފެންނައިރު އެސްފިޔަތައް މަރާލައިގެން އިނުމުން ލޮލަށް ލިބޭ އަރާމު މާ ބޮޑުވާނެއެވެ. ދެލޯތަންމިނަށް ހުޅުވިޔަސް ތަނެއް ދޮރެއް ފެންނަނީއެއް ނޫނެވެ. ޖުވޭދާ އިރާ ކާރުން ފޭބުމުގައި އެހީތެރިވެދިނެވެ. އަދި ލޮލުގައި އަވިއައިނު އަޅުވާލަދިނުމުން އިރާގެ ލޮލުގެ އެސްފިޔަތަކުގައި ކަރުނައިގެ މުތީއެއް ވިދައިގަތެވެ. އިރާއަށް ނުފެނުނު ކަމުގައި ވިޔަސް އޭނަގެ ހަށިގަނޑުގައި ބީހިލި ފިނި ވައިރޯޅިއާއިއެކު ވަށައިގެންވާ މަންޒަރު ދެކޭހިތުން ކެތްކުރެވުނީ އެއްނޫނެވެ. އިރާ އަށް މި އާދެވުނީ އެހެން ތަނަކަށް ކަމުގެ އިހުސާސްކުރެވުނީ ލިފްޓަކުން އަރަން ޖެހުނީމައެވެ. މަންމަ ބުނެދުނީ އެވަރލޭންޑްގެ އާއިމާރާތް ކަމުގައެވެ. އިރާ ހުރީ ތުން ފިތާލައިގެންނެވެ. މަންމަ ގެންގޮސް އޭނަ އެނދުގައި ބާއްވާފައި ވަށައިގެން ބާލީސްތައް ޖަހާލަދިނެވެ. އަދި ރަޖާއަޅާލަ ދިނުމަށްފަހު އިރާގެ ގާތަށް ކުއްޖަކު ފޮނުވާނެކަމަށް ބުނެލާފައި ޖުވޭދާ ނުކުތީ ބޭރަށެވެ.

ޖުވޭދާ މިލާން ހަދަން ގަސްތުކުރީ އިރާގެ "ޕާސަނަލް މެއިޑް" އަށެވެ. މިލާން މާ ހިތްހެޔޮހެދިގެން އުޅެންޏާ އޭނަ އެކަމުގެ ފައިދާ ނަގާނެއެވެ. ދީނާ އެއްޗެކޭ ކިޔަން ނިކަން އަނގަ ހުޅުވަބަލާށެވެ. ޖުވޭދާ މިހިރީ ކަންތައްކުރަންވީގޮތް ކިތަންމެ ރަނގަޅަށްވެސް ހިތުލައިގެން ޕްލޭންތައް ކާމިޔާބު ކުރުމުގައި އަޒުމް ކަނޑައަޅައިގެންނެވެ. އޭނަ ބޭރުފުށް އޮމާންކޮށްލައިގެން ހުންނައިރު ހީވަނީ ދީނާއަށްވުރެ މިލާންއަށް ހެޔޮ މަންމައެއް ހެންނެވެ. މިލާންގެ ގާތުގައި ޖުވޭދާ އާދޭސްކޮށްފައި އެދުނީ އިރާގެ ކަންތަކުގައި އޭނައާއި އެހީތެރިވެދިނުމަށެވެ. މަންމައަކަށް ވުރެ އޭނަގެ އުމުރު ކުއްޖަކު ރަގަޅުވާނެކަމަށާއި އުޅެއުޅެ އަދި އިތުބާރު ކުރެވޭފަދަ ކުއްޖަކު ނުފެނިގެން އުޅެނީކަމަށާއި، މިލާންއަކީ އިރާއަށް ލެއްވި ހެޔޮ ރަހުމަތެއްކަމަށް ޖުވޭދާ ދެކޭކަމަށްބުނިއިރު ޖުވޭދާގެ ލޮލަށް ކަރުނަ އަތުވެއްޖެއެވެ. 

"އިޓްސް އޯކޭ ޖުވޭދައްތާ، އަޅުގަނޑު އިރާއަށް ކޮންމެ ކަމެއް ހެޔޮހިތުން ކޮށްދީފާނަން، އަގެއް ބޭނުމެއްނޫން، އެހެންނޫނަސް އަޅުގަޑު ހުއްޓާ ކޮންމެހެން މެއިޑަކު ގެންނާނެ ކަމެއްނެތް، އެމީހުން އިރާއަށް ހެވެއް ނުވާނެ... މިފަދަ ވަގުތުގައި އިރާއަށް ބޭނުންވާނީ ފެމިލީ އަދި އެކުވެރިންގެ ސަޕޯޓް..." މިލާން އާއި އިރާއަކީ ކުރީގައި ދަންނަ ބަޔަކަށް ނުވިޔަސް އެކީގައި އުޅެން ފެށުމުން އެކުވެރިވެދާނެ ކަމަށް މިލާން އުއްމީދުކުރިއެވެ.

މިލާން ފުޅާ ކޮރިޑޯއިން ހިނގާލާފައި ދިޔައިރު ގޭގެ އިންޓީރިއަރ ޑިޒައިންގެ ފުރިހަމަކަމާއި މެދު އާޝޯޚުވެ ހުރިހާ އެއްޗިއްސަށް ފަރުވާތެރިކަމާއިއެކު ބެލިއެވެ. ފާރުގައިވާ މޮޅު ކުރެހުންތަކުން ފެށިގެން ޗާންދަލިޔާ ތައްވެސް ހާމަކޮށްދެނީ ގޭގެ ވެރިޔާގެ މުއްސަދިކަމާއި ފޯރުންތެރިކަމެވެ. އޭސީގެ ފިނިކަމުގައި ހިފާފައިވަނީ ލުއި މީރުވަހެކެވެ. މިލާން ކުޑަކޮށް ހީކަރުވާގޮތްވީ ދާނިޔަލްގެ ކޮޓަރިފެނިފައެވެ. އޭނަގެ ކޮޓަރި އެހާ ފުރިހަމައިރު އެތަން ކިހާވަރެއްވާނެހެއްޔެވެ؟ މިލާން ގެ ޅަހިތް އޭރު ތެޅެމުން ދިޔަގޮތުން ހީވީ މޭކަށިގަނޑު ފަޅާލާފައި ނުކުމެދާނެ ހެންނެވެ. ދާނިޔަލްގެ ނަން ހިތަށް އަރުވާލިޔަސް އޭނައަށްވަނީ ހާދަ ވަރެކެވެ. އުޑުގައި ވިދާ ބަބުޅާ ތަރިއެއް ބޭނުންވެގެން އުޅޭ ކުޑަކުއްޖެކޭ އޭނައެކޭ ތަފާތެއް ހުރިކަމަކަށް އޭނަ ނުދެކެއެވެ. އޭނައަކީ ދާނިޔަލްއާއި ބަލާއިރު ކާކުހެއްޔެވެ؟ ދެމީހުންގެ ފަރަގު އުޑާއި ބިމާހާ ތަފާތެވެ.

"އާހް...."މިލާންގެ ހިތުގައި ރިހުމެއް އުފެދުނެވެ. އޭނަ އަވަސްއަވަހަށް އިރާގެ ކޮޓަރި ތެރެއަށް ދެމިގަތީ ދާނިޔަލްގެ ކޮޓަރީގެ ދޮރުހުޅުވުނުހެން ހީވުމުންނެވެ. މިލާން ދޮރުލައްޕާލާފާއި ދޮރަށް ލެނގިލައިގެން ހުރެ މޭގައި އަތްއަޅާ ބާރުކޮށްލަމުން ފުންނޭވާތަކެއްލިއެވެ.

"ކާކުތަ؟ "ފިޔަވަޅެއްގެ އަޑުއިވިގެން ސިހިގެން އެނދުމައްޗަށް ތެދުވެއިން އިރާގެ އަޑުގައި ތުރުތުރެއްވިއެވެ. އިރާއަށް ނުފެންނަކަމާއި ގޮތްހުސްވާނެވަރު މިލާންއަށް އިހުސާސް ކުރެވުނީ ކިރިޔާއެވެ. ކިރިޔާ އަޑެއް އިވިލިޔަސް އިރާ ސިހޭނެއެވެ. މިލާން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އިރާގެ އެނދުގެ މަގަތުގައި އިށީދެ އެ ނާޒުކް ބިއްލޫރިކޮޅެއްފަދަ އަތުގައި ހިފާލަމުން އޭނަ އަމިއްލައަށް ތައާރަފުވެލިއެވެ. މެއިޑެއް ނުގެނަޔަސް އެކުވެރިއެއްގެ ހައިސިއްޔަތުން އިރާ ބޭނުން ކޮންމެކަމެއް ކޮށްދޭން ގާތުގައި ހުންނާނެކަމަށް ބުނެލިއެވެ.

އިރާ ހިމޭންކަމާއިއެކު އަޑުއަހަން އޮތްއިރު އެ ނޫކުލައިގެ ދެލޯ ކަރުނުން ފުރެންފެށިއެވެ. 

"ނޫން ނޫން ނޫން، އަހަރެން އެކެއްގެ ހެލްޕްވެސް ބޭނުމެއްނޫން، އަހަރެން ބޭނުމީ މަރުވާން..." އިރާ ބަންޑުންވަމުން އެނދުގައި ދެފައި ތަޅަތަޅާފައި ރޯން ފެށުމުން މިލާން އިނީ ހަދާނެގޮތް ހުސްވެފައެވެ. އެހާ އުފަލުން އުޅެނިކޮށް ހަޔާތް އަނިދިރިވުމަކީ ކޮންމެ އަންހެންކުއްޖެއްގެވެސް އެންމެ ބިރުވެރި ހުވަފެނަކަށް ވާނެއެވެ. އެހިތާމަ ބަރުދާސް ކުރެވޭނެ ގޮތެއް ނޯންނާނެއެވެ. އެހެން އިންސާނަކަށް އެހިތާމަ އިހުސާސެއް ނުކުރެވޭނެއެވެ. އުފަންވާއިރު އަނދިރިވުމާއި މިގޮތަށް ކުއްލިއަކަށް ކަމެއް ދިމާވުމާއި ހާދަ ތަފާތުވާނެއެވެ. އިރާގެ އުމުރުގެ ކުއްޖަކަށް މިލާންވާ ހިނދު އޭނައަކަށްވެސް ވިސްނައިދޭނެ ގޮތެއް ނޭގުނެވެ.

އިރާ އެތައް އިރެއްވާންދެން ރޮއިފާ ހިމޭންވިއެވެ. މިލާން ކާރީގައި އެގޮތަށް ބޮޑާހޭކުނީތީ ކުޑަކޮށް ލަދުގަންނަގޮތްވިއެވެ.

"މިލާން ދިޔައީތަ؟ އައިމް ސޮރީ... އެކަމަކު ކެތްނުކުރެވުނީ، މިލާން އަކަށް އަންޑަސްޓޭންޑެއް ނުވާނެ، ބްލައިންޑްވުމަށް ވުރެ އަހަރެން އެކްސިޑެންޓްގައި މަރުވިނަމަ މާ ހިތަށްފަސޭހަވާނެ..." އިރާ އުއްޑުން ވެލިއިރު އެ ދޮންކޯތާފަތްވަނީ ތެމިފައެވެ. ކުޑަކުއްޖެއްހެން ތުންފަތް ތުރުތުރުއަޅަން ފެށުމުން ބާރަކަށް ދަތްއަޅައިގަތެވެ. އިރާ ކިތަންމެހާވެސް ކެތްތެރިއެވެ.

"އައި ކެން އަންޑަސްޓޭންޑް، އިރާއަށް ކުރިމަތިވި ޓެސްޓަކަށްވެސް ވެދާނެ، އެހާއަވަހަށް ފެއިތް ގެއްލުވާލާކަށް ނުވާނެ، ހިތްވަރުކުރަންވާނެ އެއްނު.... އިރާދަކުރެވިއްޔާ ރަނގަޅު ވާނެ، ޖުވޭ ދައްތަވެސް ބުނި ވަރަށް އަވަހަށް އޮޕަރޭޝަން ކުރުވާނީއޭ، އެކަމަކު އިރާ މިފަހުން އެހާ ބޮޑު ސާޖަރީއެއް ހަދާފައި ހުރީމަ ދެތިން މަސް ދުވަސްވާންދެން މަޑުކޮށްލާފައޭ، އެހެންވީމަ ހޯޕް އޮތީނު......" މިލާން ވިސްނައިދިނެވެ. ޔަގީނުންވެސް އިރާގެ ބަދަލުގައި އޭނަ އެ މަގާމުގައި ވާނެނަމަ މާ ނަސީބު ރަނގަޅޭ މިއަދު އޭނަގެ ހިތަށް އެރި އަދަދެއްވެސް ނޭގެއެވެ. އަނދިރިކުއްޖަކަށް ވެގެން ވެސް ދާނިޔަލްގެ ބައިވެރިޔަކަށް ވެވޭނީ އޭނަ ދެކޭގޮތުގައި ދުނިޔޭގައި ހުރި އެންމެ ނަސީބު ރަނގަޅުކުއްޖާއެވެ.

"އައި ފީލް ސޯ ހެލްޕްލެސް...އަމިއްލަ ރޫމް ނަމަ ފަހަރެއްގައި އެކަނި އުޅެންވެސް އެނގިދާނެ، މިލާން އަހަންނަށް މި ރޫމް ޑިސްކްރައިބް ކޮށްދީބަލަ..." އިރާ މޫނު ފޮހެލާފައި ތެދުވެ އެނދުމަތީގައި އިށީނުމުން މިލާން އެ ނީލަމްކުލައިގެ ރީތި ދެލޮލަށް ބަލާލައިފިއެވެ. ނީލަމާއި ފީރޯޒްއާއި ދޭތެރޭގެ ކުލައެއްގައިވާ ދެލޮލުގައި ދިރުމެއްނެތެވެ. ހަތަރުކަޅި ހަމަކުރާކަށްވެސް ނޭގެއެވެ. އެސްފީނާޖެހޭހާ ރީތި ލޮލެކެވެ. މީހެއްގެ ވިހަލޮލުގެ އަސަރުކުރީ ނޫންކަމެއް ނޭގެއެވެ.

މިލާންއަށް ވިސްނުނީ އިރާއަށް މި ގެ އާ ތަނަކަށް ވާނެ ކަމެވެ. ކުރިން އެމީހުން ދިރިއުޅުނީ އެވަރލޭންޑްގެ މުސްކުޅި އިމާރާތުގައެވެ. އެހެންވީމަ އިރާއަކަށް އަދި މި ކޮޓަރި ފެނިފައި ނުވަނީކަން ނޭގެއެވެ. މިލާން ކިތަންމެހާވެސް ރަގަޅަށް ކޮޓަރީގެ ފަރުނީޗަރުތަކާއި ކުލަތަކަށް ދާންދެން ބަޔާންކުރިއެވެ.

"ވާއު ކެނޮޕީ ބެޑް...ޕްރިންސެސްއެއްގެ ހެން ދޯ....ފެންނާނެނަމަ....މިލާން ބުނެދިންގޮތުން ހާދަ ރީއްޗޭ......" އިރާ ކުޑަކުއްޖެއްހެން ހީލިއެވެ. މިލާން އިރާގެ އަތުގައި ހިފައިގެންގޮސް ބެލްކަންޏަށް ވެސް ނުކުތެވެ. މާމަލުގެ މީރުވަސް ނޭފަތުގައި ޖެހުމުންވެސް އިރާގެ އެސްފިޔަތަކުގައި ކަރުނައިގެ މުތީތައް ވިދާލިއެވެ.

"މިލާންއަށް އެނގޭތަ؟ މާދަން ނޫން އަނެއް ދުވަހަކީ އަހަރެންގެ އުފަންދުވަސް، އަހަންނަށް އެއިޓީންވަނީ....." އިރާ ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ ފުން ނޭވައެއްލިއެވެ. މިލާން ގެ ގާތުގައި އިރާ އެކި ވާހަކަދައްކަމުން ގޮސް ބައެއްފަހަރު ކުޑަކޮށް ހީލައެވެ.

"މިލާންއަކީ ނަހުޔާންމެންގެ ހާފް ސިސް ދޯ...." އިރާ ކުއްލިއަކަށް އެހެން ބުނެލީމަ މިލާން ހަގީގަތް ބުނެލާހިތުން ކެތްކުރެވުނީ އެއްނޫނެވެ. ނަމަވެސް މަންމަގެ އަމުރު ހަދާންވުމުން ދޮގުހަދަން މަޖުބޫރުވިއެވެ. ނަހުޔާން އާއި ދާނިޔަލްގެ ކޮއްކޮއަކަށް ވުމުން އޭނައަށް ކުރާނެ ފައިދާއެއްނެތެވެ. މަންމަ އެވަރުން ފޮރުވަން އުޅެނީ ކޮންކަމެއް ހެއްޔެވެ؟ އޮޅުވައިލުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ އޭނަގެ ގާތުގައި އައިޑީ ތަޅުލި ތަނަކަށްލައިގެން ގެންގުޅެން މަންމަ ހަނދާންކޮށްނުދޭ ގަޑިއެއް ނުވާނެއެވެ. ބައެއްފަހަރު އޮޅިގެން ޕާރސްނަގާފައި އޮތްތަން ފެނިއްޖެއްޔާ މަންމަ އަޑުލާނެއެވެ.

"މިރޭ މިލާން މި ރޫމްގައި ނިދަން އޮންނާތި، އެކަނި އޮންނަންވީމަ އަހަރެން ވަރަށް ބިރުގަނޭ...." އިރާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

މިލާން އިރާ ފެންވަރަން ވުމުން ފާޚާނާއަށް ގެންގޮސް ހުރިހާ ތަކެއްޗެއް ކާރިކޮށްލަދީފައި ބާތުރޫމްގެ ތެރޭގައި އުޅެންވީގޮތް އެނގޭވަރުކޮށްލަދިނެވެ. އެއަށްފަހު އިރާ ނިމެންދެން ބޭރުގައި މަޑުކޮށްލަދިނެވެ. ހަވީރު ސައި ތަބައް ހިފައިގެން ގެނެސްދިނީ ވެސް މިލާންއެވެ. އެތަން ފެނުމުން ދީނާ ސުވާލުކޮށްލުމުން މިލާން ބުނީ ކުރާހިތުން ކޮށްދެނީކަމުގައެވެ. އެރޭވެސް އިރާ ނިދެންދެން މިލާން އިރާ ކިޔަން ފަށާފައިއޮތް ވާހަކައެއް ކިޔައިދޭން އިނެވެ. މިލާންފަދަ ރަނގަޅުކުއްޖަކު މިދުވަސްކޮޅު ގެއަށް އައިކަމީ ހަގީގަތުގައިވެސް ލެއްވި ރަހުމަތެއްކަމަށް އިރާވެސް ގަބޫލުކޮށްފިއެވެ. މެއިޑަކު ގެނައިކަމުގައި ވިޔަސް މިހާ އެހީވާނެކަމެއް ނޭގެއެވެ.

ހެނދުނު ނާސްތާއަށްފަހު އިރާ އިނީ ބެލްކަނީގައިވާ ގޮދަޑިޖެހި ގޮނޑިއެއްގައި އޮށޯވެލައިގެން ނިތްކުރީގައި އަތް ބާއްވާލައިގެންނެވެ. ޖުވޭދާ އެތަނަށް ވަންއިރު އޭނަގެ މޫނުމަތިން ފެނުނީ ހަމަޖެހޭކަމުގެ ކުލަވަރުތަކެވެ.

"ދަރިފުޅާ، މަންމަ މިއައީ ވާހަކައެއް ބުނަން، އެނގޭ މިއީ އިރާއަށް ކުރަން ފަސޭހަވާނެ ކަމެއްނޫންކަން، އެކަމަކު މަންމައަށްޓަކައި މިކަން ކޮށްދޭންވާނެ...." ޖުވޭދާ އިރާގެ އަތުގައި ފިރުމައިލިއެވެ. އިރާގެ ހިތް ފިނިވިއެވެ. މަންމަ ބުނަން އެއުޅެނީ ކޮންވާހަކައެއްކަން އޭނައަށް މާ ކުރީއްސުރެ އެނގިއްޖެއެވެ. ނޫނެކެވެ. އޭނައަކަށް އެކަމެއް ނުވެވޭނެއެވެ. އެވާހަކަ އަޑުއަހާކަށްވެސް އިރާ ބޭނުމެއްނޫނެވެ.

ކޮމެންޓް 0