މިލާންގެ އަތުން އޮހެމުން ދިޔަ ލޭ ފެނާއި އެކުވެގެންދާތަން ބަލަން ހުރިއިރު ދާނިޔަލްއަށް އެކަން ނުފެންނަ ކަމަށް ހަދާލައިގެން ހުރެވުނީ ކިރިޔާއެވެ. އެހީތެރިވާން އެއް ފިޔަވަޅު ކުރިއަށް އަޅާލާފައިވެސް ފިނިވެފައިވާ އަތްތިލަ ޖަހައިލި އެވެ. މިލާން ކަންބޮޑުވީ ދީނާ މާ ބާރަކަށް ހިނިގަނޑެއް ޖަހައިލި އަޑުއިވުމުންނެވެ. މީހަކަށް ފޯނުން ގުޅައިގެން ހުރެ ވާހަކަ ދައްކަމުން އޭނަ އަންނަނީ މިދިމާލަށް ކަންނޭގެއެވެ. މިލާން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. މިއީ ދީނާއަށް މިލާން އެއްގޮތަކަށްވެސް ފެންނަން އެދޭ މަންޒަރެއް ނޫނެވެ. ނަސީބަކުން ދީނާގެ އަޑު މަޑުވަމުންގޮސް އަޑު ކެނޑުނެވެ. 

މިލާން އަވަހަށް ތެޅިފައިވާ ތަށީގެ ބައިތައް ޑަސްބިނަށް ލާފައި އަތުގައި ފޮތިކޮޅެއް އޮޅާލައިފި އެވެ. އެ ދޮން އަތްތިލައިގެ ނާޒުކްކަމާއި ހޯލިކަން ދާނިޔަލްއަށް ފެނުމުން ހިން ދިރުވައިލެވުނެވެ. އޭނަ ކޮންމެހެންވެސް މިލާން ކާމިޔާބުކުރަން ޖެހޭނެއެވެ.

"މިލާން....ރޯޒްއެއް..." ދާނިޔަލް ފިނިފެންމާ ދިއްކޮށްލީ ރީތި ހިނިތުންވުމަކާއި އެކުގައެވެ. ދަތްތަކުގެ ހުދުކަމުން ވިދުވަރުގެ އަލިހެން ވިދިއެވެ. މިލާން އާޝޯޚުވިއެވެ. ނަމަވެސް އޭނަގެ ހަނދާނަށް އައީ އޭނައަށް އައި މެސެޖެވެ. ދާނިޔަލް މިއުޅެނީ އޭނައަށް ވަރުގަދަ ކެއްސެއް ދޭންވެގެންނެވެ. ހިތްހަލާކުވާފަދަ ގޮތަކަށް އޭނަގެ ހިތާއި ކުޅެލަން މިއުޅޭ މީހާއަކީ އޭނަގެ ހިތް އެމީހަކަށްޓަކައި ވިންދުޖަހާ ޒުވާނާއެވެ. އެކަން ޔަގީން ކުރެވުނީ މިގޮތަށް ފްލާޓް ކުރަން ފެށީމައެވެ. މިލާންގެ ހިތަށް ހީވީ ޒަލްޒަލާއެއް އައިހެންނެވެ. ދެރަވިވަރުންގޮސް ފެންކަޅިވާގޮތްވިއެވެ. ނަމަވެސް މިލާން އެކަން ދެނެހުރިކަމަކަށް ހަދާނުލާނެއެވެ. ދެރައީ އޭނަގެ ހިތް މިފަދަ ޒުވާނަކަށް މުޅިން ހަދިޔާކުރެވުނީތީއެވެ.

"އަހަރެން މިއީ ސިސްއެއްކަން ނޭގެނީތަ؟ ހިތަށް އެއްޗެއް ނާރަނީތަ؟ " މިލާން ގެ ހިތުގެ ތެޅުން އަވަސްކަމުން ހީވަނީ ނޭވާ ނުލެވިދާހެންނެވެ. އެރީތި ދެލޮލާއި ހަތަރުކަޅި ހަމަކުރަން އޭނައަށް ފަސޭހައެއް ނޫނެވެ. 

"ހިތް އެދޭހާ ގޮތަކަށް ނޫޅެވެންޏާ މަޖަލެއް ނުވާނެ، ލޯބިވުމަކީ މަގޭ ކުށެއްތަ؟ އެހެންނޫނަސް ސިސް އެއް ދެކެ އިޝްގީ ލޯތްބެއް ނުވެވޭނެ، އެހެންވީމަ ދުވަހަކުވެސް ކޮއްކޮއެއް ކަމަކަށް ގަބޫލުނުކުރަން...... ރިލެކްސް މިލާން ޑާލިން، ލޯބީގައި ތިހުރިހާ ކަމަކާއިމެދު ވިސްނާނެ ކަމެއްނެތް......" ދާނިޔަލްގެ މާނަވީ ހިނިތުންވުމަކާއި އެކު ބުނެލިއެވެ. މިލާން ދެލޯބޮޑުކޮށްލިއެވެ. ދާނިޔަލްއަށް އޭނަގެ ހަގީގަތް އެނގެނީބާވައެވެ. ދީނާ އެވަރުން ފޮރުވައިގެން އުޅެނިކޮށް ދާނިޔަލްއަށް ހުރިހާ ކަމެއް އެނގުނުގޮތެއްވެސް ނޭގެއެވެ. ނޫނީ ދާނިޔަލް އޭނަގެ މަންމަ އާއި ބައިވެރިވެގެން ގޭމެއް ކުޅެނީބާވައެވެ. މުއްސަނދިން ވިސްނާގޮތެއް ނޭގޭނެއެވެ. ޔަގީނުންވެސް އެނގޭކަމަކީ ހިތްތައް ހަލާކުކުރަން މޮޅުކަމެވެ.

"ދާނިޔަލް މަންމައަށް އެނގިއްޖެއްޔާ ވަރަށް ރުޅިއަންނާނެ، އަހަރެން ބޭނުމެއްނޫން އަހަންނާއި އެކީ ދާނިޔަލް ފެންނަން...." މިލާން ބާރުބާރަށް ހިނގާލާފައިގޮސް ސިޑިން ފައިބައިގެން ދާން ފެށުމުން ދާން ދާނިޔަލް ފަހަތުން ދިޔައެވެ. މިލާން ގޮސް ނުކުތީ ޖެހިގެން ހުރި އެވަރލޭންޑް އިމާރާތުގެ އަނބުގަސްހުރި ދިމާލަށެވެ. އެ ދެ އިމާރާތުގެ ކާރީގައި އޮންނަ ހުސް ބިމުގައި އެހާވަރަށް ގަސްތައް އިންދާފައިނެތަސް ބާބެކިއު ހެދޭނެ ތަންކޮޅަކާއި ވިނަގަނޑެއް އޮވެއެވެ.

"ހެހެ، ސިއްރުން މީޓްކުރަން މިތަނަށް އަންނާށޭ ނުސީދާކޮށް ތިބުނީ...." ދާނިޔަލް ޖިންސްގެ ޖީބަށް އެއް އަތްޖަހާލައިގެން ހުރިއިރު އެމޫނުމަތި ފެންނަނީ ނިކަން ތާޒާކޮށެވެ. އަވީގެ އަލި އެ މޫނުގައި ބޮސްދިނުމުން އަރާފައިވާ ކުލައިންވެސް ހިތާއި ކުޅެލާނެއެވެ. މިލާން ނުބަލަން ހުއްޓަސް އެ ރީތި ދެލޯ އަމާޒުކުރެވުނީ ދާނިޔަލް ގެ މޫނަށެވެ.

"މީގައި ހިފާބަލަ..." ދާނިޔަލް އަނެއް އަތުން ހިފަހައްޓާލައިގެން ހުރި ފިނިފެންމާ މިލާންއަށް ދިއްކޮށްލުމުން މިލާންއަށް ވަށައިގެން ހޯދައިލެވުނީ ބިރުވެރިގޮތަކަށެވެ. 

"ނޯ....." މިލާން އަށް ބުނެވުނީ ބާރަށެވެ.

"އެކްޓްކުރަން ނޫޅެބަލަ..... އަހަންނަށް އެނގޭ ތިއީ ކާކުގެ ދަރިއެއްކަން، މަންމައަށް ކިޔަނީ ނަދާއެއްނޫންތަ؟ އަހަރެން އެހާވަރަށް ހޯދައިފިން، ބޭނުން އެއްޗެއް ނުލިބިގެން އުޅޭއިރު އިންސާނުން ކޮންމެ ފަދަ އުދަގުލަކުންވެސް އެކަމެއް ހާސިލުކުރާނެ، އަހަރެން މިލާންގެ ހުރިހާ ހަގީގަތެއް ހޯދައިފިން.. މިހާ ލޯބިން ދިނީމަ ދެން ދެކޮޅުހަދާކަށް ނުވާނެ، އަހަރެން މި ނޫނީ އަދި ގާލްއަކަށް ހަދިޔާއެއް ނުދެން.... ރޯޒެސް.... އިޓް ރިމައިންޑްސް މީ އޮފް ޔޫ.... ޕްލީޒް...." ދާނިޔަލް ސީރިޔަސްވިއެވެ. މިލާންގެ މޫނު ރަތްވެގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ދާނިޔަލްގެ އެންމެ ބަލައިލުމަކުންވެސް ހިތުގެ ވިންދު އަވަސްކުރުވާތީވެސް ހައިރާންވެއެވެ. މިލާންގެ ބަސްނާހާ ހިތަށް ވިސްނާދޭން މަސައްކަތް ކޮށްކޮށް ވަރުބަލިވެއްޖެއެވެ. އެދެމީހުންގެ ފަރަގު ވިސްނައިދިނުމުން އެ މޮޔަ ހިތް އަޑުނާހަނީ ކީއްވެހެއްޔެވެ؟ އެހެން ނޫނަސް ދާނިޔަލްއަށް އޮސްކާރ އެވޯޑްދިނުން ހައްގެވެ. ހޮލީވުޑް ބަތަލެއްވެސް މިހާ މޮޅަށް އެކްޓެއް ނުކުރާނެ އެވެ.

އޭނަ ދާނިޔަލް ކިޔާއެއްޗަކަށް ސީރިޔަސްވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ މިއީ ގޭމެއްކަން ރަނގަޅަށް އެނގޭއިރު އޭނަވެސް ވީ ދާނިޔަލްއާއި އެކީގައި އެ ކުޅިވަރުގައި ބައިވެރިވާށެވެ. ދީނާއަށް ސިއްރުން ދާނިޔަލް ކިޔާ އެއްޗަކާއި ބައިވެރިވެގެން ކުޑަދުވަސްކޮޅަކަށް ހުރެވިދާނެއެވެ. ނަމަވެސް އިރާގެ ހައްގަކަށް ދާނިޔަލް ވުމަށްފަހު އޭނަ މިގެއިން ދާނީއެވެ. މިހާރުއްސުރެ އެހެން ތަނަކުން ވަޒީފާގަނޑެއް ނަމަވެސް ލިބޭތޯ ބަލައިލަންވީއެވެ.

"އާވް. ތެންކްސް......" މިލާން ކުއްލި އަކަށް މައުސޫމް ހިނިތުންވުމަކާއިއެކު މަލުގައި ހިފަން އަތްދިއްކޮށްލި އިރު އޭނައަށް ފެނުނީ ދީނާ އެތަނަށް ނުކުތްތަނެވެ. ހަންޑިއެއް ފެނުނަސް އެހާ ބިރުގަންނާނެ ކަމެއް ނޭގެއެވެ. ހަމަ ރަނގަޅަށް ވެސް އަނބުރައިނުގަތީ ކިރިޔާއެވެ. ދެލޯބޮޑުކޮށްލެވި ފަހަތަށް ޖެހިލުމުން ދާނިޔަލް އެނބުރި ބަލައިލި އިރު ފަހަތުގައި ޖައްސާލާފައި ހުރީ އޭނަގެ މަންމައެވެ. މިވަގުތު މަންމަ ހުރީ ޓޮޕަކާއި ޖިންސެއްލައިގެން އެ މުށި އިސްތަށިގަނޑު މައްޗަށް ނަގާފައި ދަތްޗަކުން އައްސާލާފައެވެ. 

"މިލާން....." ދީނާ ގޮވާލީ ދަތްތަކަށް ބާރުކޮށްލަމުންނެވެ. އެ ނަޒަރުންވެސް އޭނަ ފިއްސާލާނެހެން ހީވިއެވެ. ހީވީ މިލާން އާއި ދިމާލަށް ފުންމައިގެންފާނެ ހެންނެވެ.

"މަންމަ އަހަރެން ކޮއްކޮއާއި ވާހަކަ ދެއްކީމަ ރުޅިއަންނަނީ ކީއްވެތަ؟ އަހަރެމެން ދެމީހުން ކްލޯޒްވުމަކީ މަންމަ ހިތްހަމަނުޖެހޭ ކަމަކަށްވަނީތަ؟ މަންމަގެ ގާޑްން އިން ކޮއްކޮއަށް ދޭން މަލެއް ބިނދެލައިގެން އައީމަ ކޮއްކޮ އެހެރީ ހާސްވެފައި، މަންމަ އަހަރެން މަރާލާނެޔޭވެސް ބުނި ދޯ ސިސް...." ދާނިޔަލް "ސިސް" އެ ލަފުޒަށް ބާރުލާފައި ކިޔާލިގޮތުން މަލާމާތުގެ އަސަރު ހުރިނަމަވެސް ދީނާއަކަށް އެކައްޗެއްވެސް ނުވިސްނުނެވެ. ދީނާގެ މޫނަށް ވެރިވި ކުލަވަރުދެކެން އޭނަ ހުރީ މަޖާވެލާފައެވެ. މަންމަ އޭނައަށް އޮޅުވާލިޔަސް ހަގީގަތްވަނީ ޖުވޭދާގެ ފަރާތުން އޮޅުން ފިލާފައެވެ. އަންހެންވެރިން އަނގަތަޅާވަރުން އެއްވެސް ދުނިޔޭގައި ސިއްރެއް ފޮރުވާފައެއް ނުބޭއްވޭނެއެވެ.

"ޑެނީއަށް މަންމަ ދަސްނުވަނީ، މަންމަ އަންހެންދަރިއަކު ބޭބެއާއި އެކީގައި ވެސް އެކަނިވިޔަކަ ނުދޭނަން، އެކަން ދަނެގެން އުޅެންވާނީ، މަންމަ ގެ ޔޫރަޕް ލޭ ހުއްޓަސް ނިކަން ދީންވެރިވާނެ އިނގޭ....." ދީނާ ދާނިޔަލްގެ މޫނަށް ބަލައިލީ ހިނިތުންވަމުންނެވެ. އޭނަ ގެ ކުޑަ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވާއިރުވެސް މިއުޅެނީ ލޯބިވާ ވާހަކަ އާއި އަޅާލާވަރު ބުނެނުދެވިގެންނެވެ. ދާނިޔަލް ތުއްތުއިރު ދޫކޮށްލާފައި ދެވުނުކަމުގެ މޮޔަ ހީވިއެވެ.

އައިޒާ ވަޒީފާއިން ކެނޑުނީ ހިތާއި ދެކޮޅަށެވެ. އަދާކުރަން އެންމެ ބޭނުންވި ވަޒީފާއަށް ވިޔަސް ކައިވެނި ސަލާމަތް ކުރުމަށްޓަކައި މިއަދު އައިޒާ ހުރިހާ އެއްޗެއް ގުރުބާން ކޮށްލަފާނެއެވެ. އައިޒާގެ ވަޒީފާ އާއި ވަގުތީގޮތުން ހަވާލުވީ ނަހުޔާން އެވެ. އޭނައަކީ ހޮސްޕިޓަލުގައި ހިތުގެ ޑޮކްޓަރެއްގެ މަގާމު އަދާކުރަމުންވެސް ހީވާގި ކަމާއިއެކު ކޮންމެފަދަ ކަމެއްކުރަން އެކަށީގެންވާފަދަ ހަރުދަނާ މިޒާޖެއްގެ ވެރިއެކެވެ. މަޖުބޫރު ކައިވެންޏެއްގައި ތާށިވެ ހިތްހަލާކުވެފައި ހުއްޓަސް އޭނަ އުޅޭގޮތުން މީހަކަށް ނަހުޔާންގެ ޕާސަނަލް ދިރިއުޅުމާއި ބެހޭގޮތުން މާގިނަ އެއްޗެއް ނޭގެއެވެ. އޭނަ ހުންނަނީ ފުދޭވަރަކަށް ހަމަޖެހިލައިގެންނެވެ. ބައްޕަގެ ރީތިކަމާއި ހައިބަތު ނަހުޔާން މިލްކުކޮށްލައިގެން ހުރުމުން އެތަނުގައި އޭނަ މަޝްހޫރުވެފައިވަނީ ދާނިޔަލް އަށްވުރެ ބޮޑަށެވެ. މީޑިއާ އާއިވެސް ފުދޭވަރަކަށް ނަހުޔާން ރައްޓެއްސެވެ. ދާނިޔަލް އުޅެނީ ފިލައިގެންނެވެ.

ނަހުޔާން އެތަނުގެ މެނޭޖިން ބަޔާއި ހަވާލުވުމަށްފަހު ހޮސްޕިޓަލް ކުރިއަރުވަން މަސައްކަތްކުރިއެވެ. މުވައްޒަފުންގެ ފެންވަރު ރަނގަޅުކޮށް ތަނުން ދެވޭ ޚިދުމަތްތައް ބަލިމީހުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ލިބުމަކީ ނަހުޔާންގެ އަމާޒެވެ. ނަމަވެސް ނަހުޔާން މުވައްޒަފުންނާއި މެދު އެހާ ހަރުކަށިކޮށް ކަންތައް ކުރުމުގެ ބަދަލުގައި އޯގާތެރި ހިތްހެޔޮ ވެރިއަކަށްވިއެވެ. ހޮސްޕިޓަލުގައި އޮންނަ ހުސްބިމުގައި މުވައްޒަފުންނަށް ކުޅިވަރު ކުޅޭނެ އިންތިޒާމް ހަމަޖައްސާދިނުމުން އެންމެންގެ ތައުރީފު އޭނައަށް އޮހުނެވެ. އެހެންނޫންނަމަ އެބިމަކީ ބޭކާރު ގޮތުގައި އޮންނަ ތަންކޮޅެކެވެ. ބުރަ މަސައްކަތުގެ ތެރެއިން މުނިފޫހިފިލުވާނެ ގޮތްތަކެއް ހަމަޖެހިގެން ދިޔުމަކީ މަސައްކަތަށް ލިބޭ ހިތްވަރެކެވެ.

ނަހުޔާން ވަޒީފާ އާއި ހަވާލުވުމަށްފަހު ތިންދުވަސްވީއިރު ކަންފަތަށް ފޯރާފައި ވަނީ އެންމެ މުވައްޒަފެއްގެ ޝަކުވާއެވެ. އެއީ އޭނަގެ ކޮއްކޮ ދާނިޔަލް ފިޔަވާ ދެވަނަމީހެއް ނޫނެވެ. ނަހުޔާން އަތްދިގު ގަމީހަކާއި އެކު ކަޅު ފަޓުލޫނެއްލައިގެން ހުރުމުން ފިރިހެންވަންތަކަމާއި އެކު މާތްގޮތެއް ދައްކުވައިދެއެވެ. އޭނަ ކެބިން އިން ނުކުމެގެން އައިއިރު އެތައް އަންހެންކުދިންނެއްގެ ސަމާލުކަން ހުއްޓުނުކަން އެނގުމުން ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. ނަހުޔާން ދާނިޔަލް ބަލިމީހުން ބަލާ ކޮޓަރި ހުޅުވާލި އިރު ބޮޑު ގޮނޑީގައި ހަމަޖެހިލައިގެން ދެލޯމަރާލައިގެން ލަވަ އަޑުއަހަން ދާނިޔަލް އިނެވެ. ނަހުޔާން މޭޒުމަތީގައި އަތުން ޖެހުމުންވެސް ދާނިޔަލްއަށް އަޑެއް ނީވޭނެކަން އެނގުމުން ކަންފަތުގައި ހުރި ހެޑްސެޓް ދަމައިގަތެވެ. ދާނިޔަލް އެއް ލޯ ހުޅުވާލީ ހިތްގައިމުގޮތަކަށެވެ.

"ޑެނިއަލް، މިތަނަށް އަންނަނީ ލަވައަޑުއަހަންތަ؟ " ނަހުޔާން ސީރިޔަސްވިއެވެ.

"ޕޭޝަންޓުން އަހަރެންދެކެ ލައިކެއް ނުވޭ، އެހެންވީމަ ދެން ކީއްކުރާނީ ބްރޯ. އައިމް ޖަސްޓް ކިލިން ޓައިމް......" ދާނިޔަލް ކުޑަކޮށް ހީލާފައި މޭޒުމަތީގައި އަތް ބޭއްވިއެވެ.

"ޑެނީ މިތަނަށް މީހަކު ވަންނައިރަށް ބަލާނުލާ ރިފަރ ކުރަންޏާ ކާކު އަންނަން ބޭނުންވާނީ، ޑެނީ ގެ ކޮމްޕްލެއިން އަންނަލެއް ގިނަކަމުން މިތަނުގެ ބްލެކްލިސްޓްގެ އެންމެ ކުރީގައި އޮތީ ޑެނިއަލް ގެ ނަން، ދުވަހަކު ގަޑިއަކަށް ނާދެވޭ، ބައިގަޑިއިރު ލަސްނުވާ ދުވަހެއްނެތް، ޕޭޝަންޓުންގެ ޝަކުވާ އެހާ ގިނަ........" ނަހުޔާން ހުރީ މޫޑު ގޯސްވެފައެވެ. އެހެން މީހުންގެ ކާރީގައި ކިތަންމެ ވަރަށް ޖަޒުބާތުތައް ފޮރުވާލައިގެން ހުންނަން އޭނަ ކުޅަދާނައެވެ.

"ސޯ...." ދާނިޔަލް ލޮލަށް ގޮތެއް ހަދައިލިއެވެ.

"އަހަރެން ބޭނުމީ ޑެނީ ތަންކޮޅެއް ޒިންމާދާރުކޮށް މަސައްކަތް ކުރުން، އަހަންނަށް އެނގޭ ޑެނީ ވިސްނުން ހުންނާނެގޮތް، ބައްޕަމެން އަތުގައި އުމުރަށް މަސައްކަތަކާއި ނުލައި އުޅެވޭނެ ފައިސާ އެބަހުރި، ޖޮބެއްނެތި ގޭގައި ހުއްޓަސް ޑެނީގެ ހުރިހާކަމެއް ފުރިހަމަވެފައި ހުންނާނީ.... ނަމަވެސް ބައްޕަ ބޭނުންލައްވަނީ އަހަރެމެންވެސް ޖޮބެއްގައި ތިބެ އަމިއްލަ ފައި މައްޗަށް ތެދުވެއުޅޭތަން ފެނުން...." ނަހުޔާން ފުރަތަމަ ފަހަރަށް ދާނިޔަލްއަށް ނަސޭހަތް ދިނެވެ. ދާނިޔަލް ބޭބެއަށް ވީތީ ހިމޭނުން އިނެވެ. އަޑުއެހިއެވެ. އެކަންތައް ރަނގަޅު ކުރަން މަސައްކަތް ކުރާނެކަމަށް ވައުދުވިއެވެ.

މިލާންގެ އުމުރުން ދިހައަހަރުގައި އޭނަ ގޭގައި ކައްކާ ހެދިއެވެ. ތަންމަތި އަޅާ މޮޕްކޮށްހެދީވެސް އޭނައެވެ. ގޭގައި ކުރަންޖެހޭ ކޮންމެކަމެއް މިލާން ފަރިތަކަމާއިއެކު ކުރާތީ އޭނަގެ ބަލި މަންމައަށް ލިބުނު ނަސީބަކަށް އެ ދަރިފުޅުވިއެވެ. ކުޑަދަރިފުޅު ލައްވާ ބުރަ ކަންތައް ކުރަން ޖެހުމުން ބައެއްރޭ އޭނަގެ މަންމަ އެކަމާއި ދެރަވެ ރޮއިހެދިއެވެ. ނަމަވެސް ނަދާވެސް ބަލިކަމުން އެނޫން ގޮތެއް ނެތީއެވެ. އެވަރލޭންޑަށް އައުމަށްފަހު މިލާންއަށް މިއީ މާ ބުރަކަންތައްތަކަށް ނުވި ސަބަބަކީ އޭނަގެ ހިތްދަތި މާޒީއެވެ. ރޯޒާގެ އެހީއަކަށްވެސް އޭނަ ބޭނުމެއް ނުވެއެވެ. އިރާގެ ހުރިހާ ޚިދުމަތެއްގައި ވަރުބަލިވުމެއްނެތި މިލާން ދުވާލާއި ރޭގަނޑު ހުރެއެވެ.

މިލާން ދޮރުގައިވާ ފަރުދާތައް ކަހާލުމުން އިރުގެ ގަދަ އަލިން ކޮޓަރި އުޖާލާކުރިއެވެ. ދުވަހުގެ ރީތިކަމާއިމެދު އެއްޗެއް ބުނަން އުޅެފައިވެސް މިލާން ހިމޭންވީ އިރާގެ ހާލަތު ވިސްނިފައެވެ. އޭނަ އިރާ ފެންވެރުމުގައި އެހީތެރިވެ ސައިދިނެވެ. އެއަށްފަހު އިރާގެ ހެދުންތައް ދޮވެ އިސްތިރިކޮށްލާފައި އައިއިރު އިރާ އޭރު އިނީ ޓެޑީގައި ބައްދައިލިގޮތަށް ނިޔަފަތީގައި ދައިގެންނެވެ. މިލާން ގެ ލޮލުން ކަރުނަ ހިލުނީ އިރާގެ ހިތަށް ކުރާނެ އަސަރު ވިސްނިފައެވެ. އޭނަ އެފަދަ މަގާމެއްގައި އިންނަމަ ހާދަ އެކަނިވެރިވާނެއެވެ. މިހާރު މިދުނިޔޭގައި އޭނަގެ މާމަ ފިޔަވާ އެއްވެސް މީހަކު ނެތެވެ.

މިލާން އިރާ ފޫހިފިލުވައިލަން ކުރާނެ ކަމެއް ވިސްނާލާފައި ހަންޑި ވާހަކަ ކިޔައިދޭން ގަސްތުކުރިއެވެ. ބައިގަޑިއެއްހާއިރު ވާންދެން އިރާ ޝައުގުވެރި ކަމާއިއެކު މިލާންގެ ވާހަކަތައް އަޑުއަހަން އިންއިރު އޭނަގެ ނުކުޅެދުމުގެ މަތިންވެސް ހަނދާނެއްނެތެވެ. އިރާ އިނީ އެހާ މަޖާވެލާފައެވެ. މިލާންއަށް އެނގޭ ވާހަކަތައް ކިޔައިދޭ ނިމުނުއިރު މިލާންވެސް އިނީ ފާޑެއްގެ ބިރެއް ގެންފައެވެ. 

"މިލާން، އަހަރެން ހަންޑިއަށް ވުރެ ޑެނިއަލް ދެކެ ބިރުގަނޭ، މިލާންގެ ބްރަދަރ އަށް ވީމަ އަހަރެން ހުރިހާ ވާހަކައެއް ކިޔައެއްނުދޭނަން، މިލާން ޓެލް މީ، ޑެނިއަލްދެކެ ވަރަށް ލޯބިވޭތަ؟ ލޯބިވަންޏާ އޭނަ ނަރަކައަށް ދާތަން ބަލަން ނުހުރެވޭނެ، މިލާން އޭނަ ރަނގަޅުކުރަން ވާހަކަ ދައްކަބަލަ....." އިރާ ފެށި ވާހަކައަކުން މިލާން އިނީ ބުނާނެއެއްޗެއް ނޭގިފައެވެ.

"މަންމަ ބޭބެގެ ގޮތުގައި އިންޓްރޮޑިއުސް ކޮށްދިނީ އިހަށް ދުވަހު، ވީއިރު އަހަންނަށްވެސް ޑެނިއަލް އެހާ ބޮޑަށް ނޭގޭ، އިރާ ތިބުނާގޮތުން ހީވަނީ އޭނަ ވަރަށް ގޯސްމީހެއްހެން، ޑެނިއަލް ކީއްކުރީތަ؟ " މިލާންގެ ހިތް އޭރު ހީވަނީ ބޭރަށް ނިކުމެދާނެހެންނެވެ. ބައެއްފަހަރު ދާނިޔަލްގެ ވާހަކަ ދެއްކުމުން ހިތަށް ގަނޑުފެން އަޅާހެން ހީވެއެވެ. ބައެއްފަހަރު ކަށިތަކެއް ހަރާލާހެން ހީވެއެވެ. އެނގެނީ ދާނިޔަލް އޭނަގެ ހިތަށް ބާރު ފޯރުވާ މިންވަރެވެ. 

"ބުނީމެއްނު..... މިލާން، އަހަރެން ދެކުނިން ދާނިޔަލް އާއި އައިޒާ ރޫމްގައި ތިއްބާ.... އައިޒާއަކީ ދާނިޔަލްގެ ލޯބިވެރިޔެއް..." އިރާގެ ޖުމްލައިން ސިހިފައި އިން މިލާން އެސްފިޔަވެސް ޖަހާނުލައެވެ. 

"ނަހުޔާންގެ ވައިފް...." މިލާން ވެސް ނުތަނަވަސްވެފައި އިން ވަރުން ސޯފާގައި މަޑުން ނީދެވުނެވެ. އޭނަ ބައެއްފަހަރު ދެކޮޅަށް ހިނގާލައެވެ. ނޫނީ މޭޒުމަތީގައި ހުރި ތަކެއްޗާއި ކުޅެލައެވެ. ހިތްދަތިވެގެންގޮސް ހީވަނީ އަރުތެރެ ބެދިފައިވާ ހެންނެވެ. ދާނިޔަލްގެ އަނދިރި ސިއްރުތައް ނޭގުނުނަމައެވެ. އަދި އެފަދަ ކިތައްކަންތައް ފޮރުވިފައިވޭބާވައެވެ.

"ފަހަރި ކާރިއަށްވެސް ވަންނަނީ، އެހެންވެ އަހަރެން ބޭނުމެއްނޫން އެމީހާ ގަނޑަކާއި އިންނަން، އެކަމަކު އަހަރެންހާ ބަދުނަސީބުކުއްޖެއް މިލާން ދެކުނިންތަ؟ ނޫނެކޭ ބުނީމަ މަންމަ މޫނުމަތީގައި ޖެހީ ހާދަ ބާރަކަށޭ، އަހަރެން ބްލައިންޑް، އެކަމަކު......" އިރާ މޫނުގައި އަތްއެޅިއެވެ.

"އޯވް......އިރާ...." މިލާން ކަންބޮޑުވެގެން ދުވެލާފައި އައިގޮތަށް އިރާ ގެނެސް މޭގައި ޖައްސާލިއެވެ. 

"މިލާން، އަހަރެންދެކެ އެކަކުވެސް ލޯތްބެއްނުވޭ، މަންމަވެސް.... ބައްޕަވެސް އަހަރެން ދޫކޮށްލާފައި ދިޔައީ.... ވަރަށް ލޯންލީވޭ، މިލާން ނެތްނަމަ...." އިރާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އިނގިލިތަކުގެ ދޭތެރެއިން ލާފައި އޮހިގަތެވެ.

"އިރާ... މަންމަވެސް ލޯބި ނުވަނީއެއްނޫން، އެކަމަކު އެކި މީހުން ލޯބި ދައްކާނީ އެކިގޮތްގޮތަށް، ޑެނީވެސް އިރާދެކެ ކެއަރ ކުރާކަން އެނގޭ، އޭނަ އެކަން ނުދައްކާ ހުންނަނީ ކަމަށް ވާނީ، މެރިޖްގެ ފަހުން ހުރިހާ ކަމެއް ޗޭންޖްވާނެ، ޑެނީ އިރާއާއި އަޅާލާނެ، އޭނަ އެހާ ގޯހެއްނުވާނެ...." މިލާން ތުންފަތުގައި ދަތްއަޅާލިއެވެ. އޭނަގެ ހިތުގައި ދާނިޔަލްގެ ލޯބި ކިތަންމެ ވަރަކަށް އުފެދިފައިވި ނަމަވެސް އޭނަ މިހިރީ އިރާއަށްޓަކައި ލޯބި ގުރުބާން ކުރުމަށެވެ. ނުކުޅެދޭކުއްޖަކަށް އޭނަ އެއްގޮތަކަށްވެސް ދެރަގޮތެއް ނަހަދާނެއެވެ. މިލާން ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ.

"މަންމަމެންނަށް ކިހާ ނުވިސްނޭ، މެރީކުރީމަ ބޭބީއެއް ލިބިއްޖެއްޔާ ކިހާ އުދަގޫވާނެ....." އިރާ ދާނިޔަލްގެ ނުލަފާވަރު ހަދާންވެފައި އެކަމާއި ފިކުރުބޮޑުވިއެވެ. ދާނިޔަލް ހުއްޓުވަން އޭނަ ފަދަ މަޖުބޫރީ ކުއްޖަކަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެހެން ހިތަށް އަރާފައިވެސް ބިރުން ވިރެނީއެވެ.

"ކޮންޓްރަސެޕްޓިވް ޕިލްސް ހުރެއެއްނު.... އައިޒާ ގާތު ބުނެގެން ހޯދަންވީތަ؟ " މިލާން ޚިޔާލެއް ދިނެވެ.

"އަހަރެން އެއްގޮތަކަށްވެސް ޕްރެގްވާކަށް ބޭނުމެއްނޫން، ބޭބީއެއް ލިބިއްޖެއްޔާ ދަރިފުޅު ގެންގުޅޭނީ ކިހިނެއްތަ؟ އޭގެ ކުރިން މަންމަމެންނަކަށް ނޭގުނު އަހަރެންގެ ސާޖަރީ ހަދަން..... މިލާން އަހަންނަށް ބޭސް ހޯދަދީފާނަންތަ؟ " އިރާ މިލާންގެ އަތުގައި ހިފާލިއެވެ. މިލާން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލި އިރު އިރާއަށް ނުފެންނާނެ ކަމަށް ނުވިސްނުނެވެ. 

"މިލާން ދުވަހަކު އަހަރެން ދޫކޮށްލާފައި ނުދާތި.... ޕްރޮމިސް ކުރޭ..." އިރާގެ އެ ޖުމްލައިން މިލާން އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. 

މިލާން ހީކުރީ މާމަ ފިޔަވާ އެހެން މީހަކު އޭނަގެ ނެތްކަމަށެވެ. ނަމަވެސް ލޭގެ ގޮތުން ގުޅުމެއްނެތް ކުއްޖަކާއި ކޮންމެވެސް ވަރެއްގެ ގުޅުމެއް އުފެދިއްޖެއެވެ. އޭނަގެ ހިތުގައި އިރާއާއި މެދު އުފެދުނު ހަމްދަރުދީ އާއި ކުލުނު އެއަށްވުރެ ގާތް ކަމެއް ޚިޔާރުކޮށްފިއެވެ. މިހާ މުއްސަނދި އާއިލާއެއްގެ އަންހެންކުއްޖަކު އޭނަގެ އެންމެގާތް އެކުވެރިޔާއަށް ވެއްޖެއެވެ. އިރާއަށް އޭނައަކީ ބައްޕައެއްނެތް ނިކަމެތި އަންހެންކުއްޖެއްކަން އެނގޭދުވަހަކުން ވާނީ ކިހިނެއް ހެއްޔެވެ؟ އިރާވެސް އޭނަދެކެ ފޫހިވެދާނެއެވެ. އިރާ މިއަދު މާޔޫސްވެފައިވަނީ ލޮލުގެ ފެނުން ނެތީމައެވެ. އޮޕަރޭޝަނަށްފަހު ލޮލުގެ އަލިކަން ލިބުނު ދުވަހަކުން އޭނަ ކޮށްދިން ކަންތައް ފެންނާނެ ހެއްޔެވެ؟ ނޭގެއެވެ. އެހެންނޫނަސް އޭނައަކީ މި އާއިލާއަށް ދީނާގެ ދަރިއެއްގެ ގޮތުގައި ނަންކޮށްލާފައިވާ މީހަކަށް ވިޔަސް މެއިޑެކެވެ. މިގޭ ނޯކަރެކެވެ.

ޖުވޭދާ ކޮޓަރިއަށް ވަންއިރު ދެ އަންހެންކުދިން ތިބީ ސޯފާގައި ކޮންމެވެސް ވާހަކައެއްގައެވެ. މިލާން އާއި އިރާގެ އެއްގޮތް ސިފަތަކެއް ހުރިކަމުގައި ޖުވޭދާއަށް ފާހަގަކުރެވުނީ އެވަގުތުއެވެ.

ކޮމެންޓް 0