ދާނިޔަލް އިރާގެ އޮމާން ކޮލުގައި ދެމެމުންދިޔަ ކަރުނައިގެ މުތީތައް ފޮހެލަދީފައި ހިތްހަމަޖައްސައިދޭން ބޭނުންވިއެވެ. އިރާ ރުއިމުން ދާނިޔަލްގެ ހިތް ކޮންމެ ފަހަރަކު ރަހުމުން ފުރެނީ އެދެލޮލުގައި އަލިކަމެއް ނުވާކަން އެނގޭތީއެވެ. އެހިތަށް ކުރާނެ އަސަރު ދާނިޔަލްއަށް އިހުސާސް ކުރެވޭވަރުންނެވެ.

"ނުރޮއި ގާލް، އަދި ރޮވޭވަރުގެ ކަމެއް ނުވެއެއްނު... އެއީ ކާކުތަ؟ ކާކު އިރާ ގާތުގައި ތިހާ ވަރުގެ ކަމެއް އިއުލާންކުރީ، ލެޓް މީ ގެސް.... ރޯޒާތަ؟ ނޫނީ ދި އަދަރ ގާލްތަ؟ " ދާނިޔަލް ހުރީ ސަމާސާ މޫޑެއްގައި ކަމުގައި ވިޔަސް ހިތަށް ނުބައި ގޮތެއްވިއެވެ. މިލާން އިރާގެ ގާތުގައި އޭނަދެކެ ލޯބިވާ ވާހަކަ ބުނީބާވައެވެ. އެހާ މޮޔަކަމެއް މިލާންކޮށްފާނެ ބާވައެވެ. އިރާ އާއި މިލާން ހުރިހާ ސިއްރުތައް ހިއްސާކުރަނީހެއްޔެވެ؟ އެދެކުދިން އެކަނިވެއްޖެއްޔާ ކިހާވަރަކަށް އޭނަގެ ވާހަކަ ދައްކާހެއްޔެވެ؟

"މިލާންގެ ޑައިރީ އިން ހުރިހާ އެއްޗެއް އެނގުނީ، މިލާންގެ ދުނިޔެއަކީ ތިއީކަމަށްވަނީ...." އިރާ އެ ޑައިރީގައި ހުރި ބައެއް ލިޔުންކޮޅު ކިޔާދޭން ފެށުމުން ދާނިޔަލް ހޭންފެށިއެވެ.

"މިލާން އުޅެނީ މެރީ ކުރާކަށްނު..." ދާނިޔަލް އޮޅުންފިލުވަން ބޭނުންވިއެވެ.

"އަހަރެން ގާތަކު ތިކަހަލަ ވާހަކައެއް ނުބުނޭ، މިލާންފަދަ ކުދިން ތިބޭނީ މަޖުބޫރުވެފައިކަމުން ހިތް ނޭދޭ ބައިވެރިޔަކާއިއެކު މެރީކުރަން ޖެހިދާނެ، އެކަމަކު އޭނަ ލޯބިވަނީ އެކަނި ޑެނީދެކެ، އައިމް ހެޕީ ފޯރ ޔޫ......" އިރާ އަތުގެ ކުޑަވާ އިނގިލީގައި ދަތްއަޅައިގަތެވެ.

"އަމިއްލަ ނަފުސަށް އަނިޔާނުދީ މަގޭ އިނގިލި ކާލަބަލަ...." ދާނިޔަލް ސަމާސާއެއް ކޮށްލަން އިރާގެ އަނގަޔަށް އިނގިލި ލެއްވުމުން އިރާ ދާނިޔަލްގެ އަތް ދުރުކޮށްލިއިރު އެ ދޮންމޫނުން ލަދުގަތްކަމުގެ ކުލަވަރު ފާޅުވިއެވެ. މިލާންފަދައިން މޫނު ރަތްނުވިޔަސް ލަދުގަތީމަ އަންހެންކުދިން ހާދަ ރީތިވެދެއެވެ. މޫނުމައްޗަށް އެ އަންނަ ބަދަލުގެ ސަބަބުން ޚުދު ދާނިޔަލްގެ ހިތަށް ގޮތެއް ހަދާލައިފިއެވެ. އިރާގެ މޫނަށް އިރުކޮޅެއްވާންދެން ބަލަން އިނދެވުނީ އެމޫނު ދަސްކުރަން ބޭނުންވާފަދަ ގޮތަކަށެވެ. ނަމަވެސް އިރާގެ މޫނުމަތިން މިލާންގެ ރީތިކަން ފެނި އިރާގެ ބަދަލުގައި ކާރީގައި އިނީ މިލާންހެން ހީވި ވަގުތުކޮޅެއް އައެވެ. އެސްފިޔަޖަހައިލަން ނޭގި ބަލަހައްޓައިގެން އިނދެލާފައި ދާނިޔަލް އިރާ އަތުގެ ތެރެއަށް ގެނައެވެ. އިރާ ދުރަށް ދާން ބޭނުންވިނަމަވެސް އެފަދަ އިރުކޮޅަކަށް ގެއްލިފައި އިދެވުނެވެ. މީހަކު ދޮރުގެ ތަޅުގައި ހިފާލިހެން ހީވެގެން އިރާ އަވަހަށް ތެދުވެ ދުރަށްދާން އުޅުމުން އަރިއަޅާނުލީ ކިރިޔާއެވެ.

"ކެއަރފުލް...." ދާނިޔަލް ތެދުވެ ޖިންސްގެ ޖީބަށް އަތްޖަހާލައިފިއެވެ.

ކުއްލިއަކަށް ޓަކިޖެހުމެއްނެތި ޖުވޭދާ ދޮރު ހުޅުވާލިއިރު އަތުގައި ސައިތަބަކެއް ހުއްޓެވެ. އިރާގެ އެސްފިޔަތަކުގައި ކަރުނަ ހުރިތަން ދެކެފައި ޖުވޭދާ ހިތާހިތުން އަނދައިގަތްނަމަވެސް އޭނަ އެކަން ފެންނަކަމަކަށް ނެހެދިއެވެ.

"ޑެނިއަލް ދޮރު ތަޅުނުލާ އުޅޭތީ ވަދެވުނީ.... އެހެންނޫނަސް އިރާގެ ސައި ގަޑި، ހޫނު ޕައި އާއި އިރާގެ ފެވެރިޓް ޗީޒްކޭކު... ޑެނީ ދާންވީނު ސައިކޮޓަރިއަށް، އެންމެން އެބަތިބި....." ޖުވޭދާ މޭޒުމަތީގައި ސައިތަބައް ބެހެއްޓިއެވެ. އިރާ އަވަހަށް ކޯތާފަތް ފޮހެލައިފިއެވެ. މަންމަގެ ސުވާލު އަމާޒު ވެއްޖެއްޔާ ދައްކާނެ ވާހަކަތަކާއި މެދު އޭރު އިރާގެ ސިކުނޑި އަވަދިނެތި މަސައްކަތްކުރިއެވެ. އޭނަ ދާނިޔަލްދެކެ ލޯބިވިނަމަވެސް މިއަދަށްފަހު އެކަމެއް ނުދައްކާނެއެވެ. ދާނިޔަލް އޭނަދެކެ ނަފްރަތުކޮށްގެން ދުރަށް ދާ ވަރުކޮށްލާނެއެވެ. ދާނިޔަލް އެހާ ގޯހެއް ނޫނެވެ. އެހެންވެ އަނދިރި ކުއްޖަކަށްޓަކައި "ކުލުނު" ޖެހިގެން އޭނައާއިއެކު ހަޔާތް ބޭކާރުކޮށްލުމަކީ ދާނިޔަލްއަށް ދެވޭ އަނިޔާއެކެވެ. ދާނިޔަލް އާއި މިލާން ގުޅިއްޖެއްޔާ ނިކަން ލޯބިން އުޅޭނެއެވެ. ކޮންމެވެސް ދުވަހެއްގައި ފަހަރެއްގައި އޭނަ ދާނިޔަލްދެކެ ތެދުވެރި ލޯބިވީކަމާއި ގުރުބާންވީކަން އިހުސާސް ކުރެވޭނެއެވެ.

ދާނިޔަލް އެއްޗެކޭ ނުބުނެ ތެދުވެގެން ދާން ހިނގައިގަތެވެ.

"މަންމާ، ދާނިޔަލް އަހަރެންގެ އަތް އަނބުރާލީ، އިސްތަށިގަނޑަށްވެސް ދަމާ ވަރަށް އަނިޔާކުރި...." އިރާ ތުންފަތުގައި ބާރަށް ދަތްއެޅިއެވެ.
"އިރާ އޭނަ ރުޅިއަރުވާތީ ވާހާ ކަންތައް، އެއީ އިރާގެ ފިރިމީހާކަން ނޭގޭތަ؟ އަހަރެންގެ ގާތުގައި ކިޔާނެކަމެއްނެތް އިނގޭ..." ޖުވޭދާ ރުޅިއަންނަގޮތްވިއެވެ. އިރާއަކީ ހާދަ ނަސީބު ކުޑަ ދަރިއެކެވެ. އެފަދަ މަތިވެރި ނިއުމަތެއް ލިބުނީމަ ބަލައިގަންނާކަށް ނޭގުނެވެ.

"އަހަރެންގެ ހެއަރކަޓް ފެނުނީމަ އޭނަ ރުޅިއައީ، އަހަރެން ބުނިން މަންމަ ކުރިކަމެކޭ، އެކަމަކު އޭނަ އަށް އަނިޔާކުރަން އެނގުނީ އަހަންނަށް، ދިސް އިޒް ނޮޓް ފެއަރ، އަހަންނަށް އޭނައާއި އެކީގައި ނޫޅެވޭނެ، ބޭނުމީ ޑިވޯސްވާން...." އިރާގެ އެ ޖުމްލަ ރަނގަޅަށް ފުރިހަމަ ނުވަނީސް އިރާގެ ކޯތާފަތް މައްޗަށް ދެތިން ހޫނު އެތިފަހަރު އަރައިގެން ދިޔައެވެ. އިރާ ކޯތާފަތުގައި ފިރުމާލަން ހުރިއިރު އެތައް އިހުސާސްތަކުން ހިތް ގެނބުނެވެ. މަންމަ އެހާ ބޮޑަށް އަމިއްލަ ނަފުސް އިސްކުރީހެއްޔެވެ؟ ދާނިޔަލް ހަގީގަތުގައި އޭނައަށް ކިތަންމެ އަނިޔާކުރިޔަސް މަންމަ އަށް ވަރިހަމަކަން މިއެގުނީއެވެ. 

އިރާ ހިމޭނުން އިނދެ ސައިބޯން މަސައްކަތްކުރިއިރު ޖުވޭދާ ތަންތަން ސާފުކުރުމުގައި އަވަދިނެތިއުޅެއެވެ. އިރުކޮޅެއްފަހުން ޖުވޭދާ އިރާއަށް ލޯބިން ނަސޭހަތްދިނެވެ. "ވަރި" އެއީ ފާފަވެރިވާފަދަ ލަފުޒެއް ކަމަށާއި ފިރިމީހާ ކިތަންމެ އަނިޔާކުރިޔަސް ރަނގަޅު އަންހެންކުދިން ޗުއްޕު ކިޔާނުލާ ޚިދުމަތުގައި އުޅޭކަން ހަދާންކޮށްދިނެވެ. ޖުވޭދާ އެތައް ކުދިންނެއްގެ ނަން ކިޔައިފިއެވެ. މުޅީންވެސް ހިންދީ ނަންތަކެވެ. އެންމެ ފަހުން އެކުދިން ވީ މަންމަ ބަލާ އުޅޭ ސީރީޒްތަކުގައި އުޅޭ އަންހެންކުދިންނަށެވެ. އިރާ މަންމަގެ ވާހަކަތައް އަޑުއަހަން އިނީ ހައިރާންކަމާއި އެކުގައެވެ. މަންމަ ހިންދީ ސީރީޒްތައް ބަލާފައި އޭގައި އުޅޭފަދަ މަންމައަކަށްވީކަން ނޭގެއެވެ. އިންޑިއާ ކުދިންނަކީ މިސާލެއްކަމަށް ޖުވޭދާ ބުނީ އަޑަށް ބާރުލާފައެވެ. އިރާއަށް އިވުނީ މަންމެ ދެއްކި ވާހަކަތަކުގެ ތެރެއިން މަދު ވާހަކައެކެވެ.

އިރާ އެކަނިމާ އެކަނި އޭނަގެ އަނދިރި ދުނިޔޭގައި އިނދެ ވިސްނިއެވެ. ދުނިޔެއިން އެންމެ ލޯބިވާ ފަރާތަށް އުފަލެއް ލިބެން އަންނަނީ އޭނަ ދުރަށް ދިޔައިމައެވެ. ދާނިޔަލްވެސް މިލާންދެކެ ލޯބިވަނީކަމަށް ވެދާނެއެވެ. ފުރާނައަކީ އަމިއްލަ ހައްގަކަށްވާނަމަ މިވަގުތުވެސް އިރާ މަރުވެދާނެއެވެ. ނަމަވެސް އެފަދަ ބޮޑު ފާފައަކަށް އަރައިގަންނާކަށް ނުކެރޭނެއެވެ. ނަމަވެސް ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. އިރާ އައިޒާ ކޮޓަރިއަށް އައީމަ މިލާންއަށް ގުޅައިގެން ވަނީ ފާޚާނާއަށެވެ. މީހަކު ނެތްކަން ޔަގީންކަމާއިއެކު ބުނެވޭނީ ފާޚާނާ ތެރޭގައި އުޅޭއިރުގައެވެ. އިރާ މިލާންއަށް ގުޅާފައި ވަރަށް މުހިއްމުކަމަކު އިރުކޮޅަކަށް ނަމަވެސް އޭނައާއި ބައްދަލުކޮށްލަން މިއަދު އަންނަން އެދުނެވެ. މިލާން ފުރަތަމަ ބަހަނާތަކެއް ދައްކައިގެން އުޅެފައި އިރާ އާދޭސްކުރިވަރުން އަންނާނެކަމަށް ވައުދުވިއެވެ.

މިލާން އައުމުން އިރާގެ އެދުމުގެ މަތިން އޭނަ ގޮވައިގެން ދިޔައީ އެގޭގެ ސްޓަޑީއަށެވެ. އެތަނުގެ ހަރުތަކުގައި އެންސައިކްލޮޕީޑިއާއި އިން ފެށިގެން އެތައް ވައްތަރުގެ ފޮތެއް ހުރުމުން މިލާން ހުރީ ހާވާލާހިތްވެފައެވެ. ހާދަ ބައިވަރުފޮތްތަކެވެ. ފޮތާއިހެދި މޮޔަވާކުއްޖަކަށް ވުމުން ކޮންމެ ފަދަ އެއްޗެއްވެސް އޭނަ ކިޔާލަފާނެއެވެ. މާމަ އެވަރލޭންޑްގައި ވަޒީފާ އަދާކުރިއިރު ދޭތެރެއަކުން ދަބަހަށް ލައިގެން ފޮތެއް ގެނެސްދޭނެއެވެ. ބައެއްފަހަރު ފްރެންޗް ވާހަކައެއް ގެނެސްދިނީމަ މިލާން މާމަ ދެރަވެދާނެތީ އެއީ މިލާން ނުދަންނަ ބަހެއްކަމަކަށް ނުބުނެ ފޮތް އަތުލައެވެ. އިރާ މިލާން ލައްވާ އެތަން ތަޅުލާފައި މީހަކު ނެތްކަން ޔަގީންކުރުވާފައި ވަރަށް ބޮޑު ސިއްރެއް ބުނަން ބޭނުންވާކަމަށް ބުނެލިއެވެ.

"މިލާން، އަހަންނަށް ދުވަހަކު ކަމެއްކޮށްދެންޏާ އަހަރެން ބުނާ ކަމެއްކޮށްދީފާނަންތަ؟ " އިރާގެ އަޑުގައިވަނީ އާދޭހެވެ.
"އެނީތިން ފޯރ ޔޫ..." މިލާން އިރާގެ ގާތުގައި އިށީދެލިއެވެ.
"މިލާންއަށް އެނގެއެއްނު މިއީ ލަވް މެރިޖެއް ނޫންކަމާއި އަހަރެން ޑެނީދެކެ ލޯބިނުވާކަން، އަހަރެން ބޭނުމެއްނުވޭ އޭނަ މަގޭގައިގާ އަތްލާކަށް، މަންމަ ކާރީގައި އަބަދު ބުނަން ޑެނީ އަހަރެންގެ ގައިގާ ތަޅަނީއޭ، އެވަރުންވެސް މަންމަމެން ނޫޅޭ އަހަރެމެން ދުރުކުރުވާކަށް، އަހަރެން ބޭނުމީ ޑިވޯސްވާން، ކުރީދުވަހު މިލާންގެ ގާތުގައި ބުނީމެއްނު އަހަރެން ލޯބިވެޔޭ، އައި ތޯޓް އައި ލަވްޑް ހިމް، އެކަމަކު އަހަންނަށް ޔަގީންވީ އަހަންނަށް ލޯބިވެވެނީ ރިވާން ދެކެކަން، ރިވާން އުޅެނީ މިލާން ގެ ގޭގައިދޯ، އޭނަގެ ގޯޖަސް ދެލޯ ފެނުނު ދުވަހުން ފެށިގެން އަހަރެން ހުންނަނީ މޮޔަވެފައި، އަހަރެން ބޭނުމީ އެކަނި ރިވާން....." އިރާ ވިސްނާލާފައި ހަދަހަދައިގެން ވާހަކަ ކުރިއަށް ގެންދިޔައިރު މިލާން އިނީ ހައިރާންވެފައެވެ. އޭނަގެ ކަންފަތަށް އިވެމުންދާ އަޑު ގަބޫލުކުރަން ދަތްޗެވެ. އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ދާނިޔަލް އާއި އިރާ ވަކިވެދާނެހެއްޔެވެ؟ ނޫނެކެވެ. އެހެންވެގެން ނުވާނެއެވެ. ރިވާންދެކެ އިރާ ލޯބިވާއިރު ރިވާންވެސް އުޅެނީ އިރާ އާއި ހެދި ހެއްޔެވެ؟

"އިރާ.....އެކަމަކު...." މިލާން އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ.
"މިލާން ޕްލީޒް، އަހަންނަށް ހެލްޕްވެދީ، އަހަންނަށް ރިވާ ލިބެން އޮތީ ދާނިޔަލް އެހެން ގާލްއެއްދެކެ ލޯބިވީމަ، މިލާން ކޮންމެ ގޮތެއް ހަދާފައިވެސް ދާނިޔަލް އާއި ރައްޓެހިވެދީފާނަންތަ؟ ނޫނެކޭ ނުބުނާތި ޕްލީޒް......." އިރާ ގެ އާދޭސްކުރުމަކުން މިލާން ގެ ޚިޔާލު ބަދަލެއްނުވިއެވެ. އޭނަ އިނީ ބިރުގެންފައެވެ. އިރާއަށް އިތުބާރުކުރަން އުދަގޫވެފައެވެ. އެންމެންވެގެން އޭނަގެ ނިކަމެތިކަމާއި ކުޅެނީކަމަށް ހީކުރެވުނެވެ.

"އަހަރެން ވަރަށް ލޯބިވޭ ރިވާ ދެކެ، ދުނިޔޭގައި ނެތް އެހާ ލޯބިވާ މީހެއް، ޑެނީ އާއިއެކުގައި އެއްގޮތަކަށްވެސް ނޫޅެވޭނެ، އެހެންނޫނަސް ޑެނީ ރުޅިގަދަކަމުން ކެތެއްނުކުރެވޭނެ، މިލާން އަހަންނަށް ހެލްޕުނުވަންޏާ އަހަރެން ގެ ލައިފް އެކީ ހަލާކުވެގެން ހިގައިދާނެ. އައި ސްވިއަރ ޓު ގޯޑް އަމިއްލައަށް މަރުވެދާނަން މިލާން ޔެސް އޭ ނުބުނިއްޔާ، އަހަރެން މިލާން ބުނި ކޮންމެ އެއްޗެއް ދޭނަން.....ޕްލީޒް ޕްލީޒް...." އިރާ މިލާންގެ އަތުގައި ހިފާލިއެވެ.

"ވެލް...." މިލާން ގެ ހިތް އޭރު ހީވަނީ ދިރޭ ރަހަ ފޮދެއްހެންނެވެ.
"އައި ބެގް ޔޫ...." އިރާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ.
"އެކަމަކު ޑެނީ ކިހާ ދެރަވާނެ..." މިލާން ގެ ޒަމީރު އެކަމަށް ހުއްދައެއް ނުދިނެވެ. ދާނިޔަލްއަށް ހަގީގަތް އެނގޭ ދުވަހަކުން ވާނީ ކިހިނެއް ހެއްޔެވެ؟ އިރާ ބޭނުންވެގެން ރައްޓެހިވީކަން އެނގިއްޖެއްޔާ އޭނައަށް ދުވަހަކު މާފެއްނުކުރާނެކަން ޔަގީނެވެ.
"މިލާންއަށް ޑެނީގެ ހިތް ނޭގޭތީ ތިހެން ބުނަނީ، ހީ ހޭޓްސް މީ، އޭނަގެ ޑެޑީދެކެ ބިރުން އަހަންނާއި މެރީކުރިޔަސް އެ ފިރިހެނާ ހުންނަނީ ސަލާމަތްވާނެ ގޮތެއް ނޭގިފައި، އަދި ސިކްރެޓެއް ބުނަންތަ؟ އެކްޗުއަލީ ވީ އާރ ޑިވޯސްޑް، ފެމިލީ މައްސަލަ ޖެހިދާނެތީ އަހަރެމެން މިއުޅެނީ ސިއްރުން، އެކަކަށްވެސް ނޭގޭނެ........" އިރާ އެތައް ވާހަކައެއް ދައްކައި ކަރުނަ އޮއްސައިގެން އެންމެ ފަހުން މިލާން އެއްބަސްކުރުވައިފި އެވެ. ދާނިޔަލް އާއި އިރާ ދެކޮޓަރީގައި އުޅޭ ސަބަބަކީ އެއީކަން މިލާންއަށް ޔަގީންކުރެވުނީ އިރާގެ އެ ވާހަކަތަކުންނެވެ. އެހެން މީހުންގެ ލޮލުގައި އަދުން އަޅުވަން އިރާގެ ކޮޓަރިއަށް ދާނިޔަލް ވަދެލަނީއެވެ. އެދެމީހުން އުޅެނީ ދެމަފިރިން އުޅޭފަދަ ގޮތަކަށް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް ހާދަ ތަފާތު ވާހަކައެކެވެ. ދިރިއުޅުމަކީ އަޖައިބުވާފަދަ ހާދިސާތަކަކުން އެމުނިފައިވާ އެއްޗެކެވެ. 

މިލާން ގެ ސިކުނޑިވަނީ އެތައް ޖަޒުބާތުތަކުން ފުނިޖެހިފައެވެ. ބައެއްފަހަރު އުފަލުންގޮސް އެ ރީތި ދެލޮލުގެ ވިދުވަރުގަދަވެއެވެ. މޮޔައެއްފަދައިން ހޭން ބޭނުންވިއެވެ. ތަގުދީރުގެ ސަމާސާ ދެކެބަލާށެވެ. އެއްވެސް މީހެއްގެ ހިތަށް އަނިޔާ ނުދީ ލޯބިވެރިންނަށް ފުރުސަތު ލިބުނީއެވެ. އިރާ އާއި ރިވާން އެކަކު އަނެކަކު ދެކެ ލޯބިވަންޏާ އެދެލޯބިވެރިންގެ ހަޔާތް ބާއްޖަވެރިވާނެއެވެ. ވީއިރު ރިވާން ކުރާ ހިތާމައަކީ އެއީތާއެވެ. ގެއްލިފައި ހުންނަ ސަބަބަކީ އެއީއެވެ.

މިލާން އިރާ ކޮޓަރިއަށް ގެންގޮސްދީފައި ގެއަށް ދާންކަމަށް ގަސްތުކޮށް ދަބަސް އަޅުވާލައިގެން ނިކުތްތަނާހެން ދީނާއާއި ދިމާވިއެވެ. ދީނާ އާދައިގެ މަތިން ވާހަކަދެއްކީ ނިކަން ރީތިކޮށެވެ. އެގެއަށް ނާންނާތީ ސުވާލުކުރިއެވެ. މިލާން ހިނިތުންވެލާފައި ބުނީ ވަގުތު ނުވަނީކަމުގައެވެ. ނަމަވެސް މިހާރު ގިނަގިނައިން އެގެއަށް އަންނާން ބޭނުމެވެ. ދާނިޔަލް ދެކެލާހިތުން ހުރެވެނީއެއް ނޫނެވެ. އެ ރީތި ސޫރަ އަބަދާއަބަދު ހިތުން ނުފިލައިގެން އުޅެނިކޮށް އޭނައަށް މި ލިބުނީ ކޮންފަދަ ބޮޑު އުފަލެއްހެއްޔެވެ؟ ހީވީ ކާއިނާތުގައި އެތައް ހާސް އުއްބައްތިތައް ދިއްލި މުޅި ދުނިޔެ ރީތިވެފައިވާހެންނެވެ. ކޮންމެ ތަނެއް މިލާންއަށް ފެނުނީ އެތައްގުނަ ރީތިކޮށެވެ. ހުވަފެނެއްގައިވާ ކުއްޖެއްހެން ހެވިލާފައި ހުރެ މިލާން ކުރިއަށް ފިޔަވަޅުތައް ނަގަމުން ދިޔައިރު މީހަކު އެ ރީތިކަން ދެކެން ހުރިކަމެއް މިލާންއަކަށް ނޭގުނެވެ.

ހެނދުނު ފަތިހާ މިލާން އަވަހަށް ޑިއުޓީއަށް ދާންވެގެން ސާރާމެންގެއަށް ގޮސްފައި ޚިޔާލު ބަދަލުކުރިއެވެ. ހޮސްޕިޓަލަށް ގޮސްފިއްޔާ ދާނިޔަލްގެ ސުވާލުތައް އެންމެންގެ ކުރިމަތީގައި އަމާޒުވެދާނެއެވެ. ޑިއުޓީއަށް ދާން ތައްޔާރުވިގޮތަށް މިލާން ދިޔައީ އޭނަގެ އަމިއްލަ ގެއަށެވެ. ގެއަށް ވަދެ ކޮޓަރި ސާފުކޮށް ހަދާލާފައި މިލާން އަނެއްކާވެސް އަލަމާރި ހުޅުވާލައިގެން މާމަގެ އެއްޗެހި ބަލާ މާޒީ ހަނދާންކުރަން އިންއިރު ފެންކަޅިވިއެވެ. ބައެއްފަހަރު ކަމަކާއި އަވަދިނެތި އުޅުނީމަ ހިތާމަތައް ހަނދާންނެތިދާނެތީ މިލާން ގަސްތުކުރީ އަލަމާރި ސާފުކޮށްލުމަށެވެ. މިލާން ހުރިހާ އެއްޗެހި ވަކިވަކިން ނަގާފައި ސާފުކުރަނިކޮށް އަލަމާރިތެރެއަށް ވެއްޓިފައި އޮތްއެއްޗެއްގެ ދަޅަ އެޅެމުން ގުދުވެފައި އެއްޗެއް ނެގިއިރު ދުވަހަކު ނުދެކޭހާ ރީތި ކެވެލިކޮޅެކެވެ. މިއީ މަންމަގެ އެއްޗެއް ބާވައެވެ. ރަތްކުލައިގެ އެސްތައް ވިދާތަން ފެނުމުން މިލާން އަތުކުރީގައި އަޅާލައިފިއެވެ.

"ވާއު، މި ހާދަ ރީއްޗޭ، އެކަމަކު މިހުރިހާ ދުވަސްވީއިރު މަންމަ މި ފޮރުވައިގެން އުޅުނީ ކީއްވެތަ؟ ފަހަރެއްގައި ބައްޕަގެ ލޯބީގެ ހަދިޔާއަކަށް މަންމައަށް ދިން އެއްޗަކަށްވާނީ.... ކޮންމެ މީހެއްގެ އެއްޗަކަށްވިޔަސް މާމަވަނީ އަލަމާރީގައި ހުރި ހުރިހާ އެއްޗެއް އަހަންނަށް ދީފައި......." މިލާން ހިނިތުންވެލިއެވެ. އޭނަ ސްޓޯންތަކަށް ލޯބިކުރެއެވެ. އޭނައަށް ވެވޭނެނަމަ މީގެ ކަލެކްޝަނެއްހެދީހެވެ. ޔާގޫތު، އަލިމަސް، ފީރޯޒް، އަދި ރަންމުތްފަދަ ތަކެތި ފޮރުވާފައި ބަހައްޓަން ބޭނުންވަނީއެވެ. ބަލައިލަން އެހާ ރީއްޗެވެ. އޭނަގެ ފެންވަރު ނެތީމަ ރައްކާކުރެވޭނީ މަސްނޫއީ އެއްޗިއްސެވެ. މިވެސް ވާނީ މަސްނޫއީ ބިއްލޫރިކޮޅުތަކަށެވެ. މިލާން އެ އަތުގައި އެޅިއިރު އަދި ފަހުން ބޮޑު މައްސަލަގަނޑެއް ހިލިދާނެއެކޭ ހިތަކަށް ނާރައެވެ. މިއީ މުޅިން މަނާ އެއްޗަކަށް ވެދާނެކަން މިލާންއަށް އެނގޭނީ ކިހިނެއްހެއްޔެވެ؟

މިލާން އެވަރލޭންޑަށް މިއަދު އައީ ތަންކޮޅެއް ރީތިވެލައިގެންނެވެ. ކްރިމްސަން ކުލައިގެ ހެދުމަކާއި، ޖިންސެއްލައިގެން އަތުކުރީގައި ކެވެލިކޮޅު އަޅާލައިގެންނެވެ. އެވަރލޭންޑަށް އައިސްފައި ދީނާ ބުނެގެން އިރާ ގޮވައިގެން ސައިބޯން ކާކޮޓަރިއަށް ދިޔައިރު ދާނިޔަލް ފިޔަވާ އެންމެން މޭޒުދޮށުގައި ތިއްބެވެ. މިލާން އިނީ ކުޑަކޮށް ލަދުގެންފައެވެ. ގޭގެ ސާހިބުންނާއި އެކީގައި ކާން އެރީމަ ކުރެވެނީ އެހެން ކަހަލަ އިހުސާސެކެވެ. ޖުވޭދާގެ ތޫނު ނަޒަރުން ފިއްސާލަފާނެހެން ހީވާ ފަހަރު އާދެއެވެ. މިލާންގެ އަތުކުރީގައި އޮތް ޖަވާހިރު ފަށް ލޮލުގައި އަޅައިގަތުމާއިއެކު އައިޒާ އިނީ ނުތަނަވަސްވެފައެވެ. ތަފާތެއްނެތް ފަށެއް އޭނަގެ އަތުންވަނީ ގެއްލިފައެވެ. އެއީ މިގެއަށް އައި ފަހުންނެވެ. އެކަން ދެނެގަތީ ޖުވޭދާއެވެ.

"މިލާން، ރޫބީ ބްރޭސްލެޓެއް ގަތީ ކޮންތާކުންތަ؟ ތި ހާދަ ރީއްޗޭ، އަހަރެން ގަނެލާހިތްވެއްޖެ..." ޖުވޭދާގެ ސުވާލުން މިލާން ސިހޭގޮތްވިއެވެ. 

"މިއީ ރޫބީއެއްނޫން......" މިލާން ކެވެލިކޮޅާއި ކުޅުނުއިރު އައިޒާ އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. މިލާންފަދަ ފަގީރު އަންހެންކުއްޖަކަށް އެހާ އަގުބޮޑު އެއްޗެއް ގަންނަން ނުލިބޭނެކަން ޔަގީންވިއެވެ. ނަމަވެސް އެންމެންގެ ތެރޭގައި މިލާންގެ އަގު ވައްޓައިނުލާންވެގެން އޭނަ އިނީ ހިމޭނުންނެވެ. މިލާން އަށް އެ ކެވެލިކޮޅު ލިބުނީ ކިހިނެއްކަން އެނގެން ޚުދު އޭނަވެސް ބޭނުންވިއެވެ.

"މިއީ ރިއަލް ޑައިމަންޑް އަދި ރޫބީ އާއި ހުދުރަނުންވާ ފަށެއް......" ދީނާ ޝައްކުގެ ނަޒަރަކުން މިލާންގެ މޫނަށް ބަލައިލިއިރު ޖުވޭދާ އިނީ ނުބައިގޮތަކަށް ހިނިއައިސްފައެވެ.

"އައިޒާގެ އަތުގައި އޮތް ކެވެލިކޮޅު ކޮބާތަ؟ ކުރީ ދުވަހެއްގައި ކެވެލިކޮޅު ގެއްލިގެން އެ ވާހަކަ ދެއްކި ހަނދާނެއްވޭ... އަހަންނަކަށް ހިޔެއްނުވޭ އެ ވައްތަރުގެ އެހެން ކެވެލިކޮޅެއް މާލެއިން ފެނިދާނެއޭ، އައިޒާގެ ބައްޕަ ގެނެސްދޭނީ އަގުބޮޑު ޑިޒައިނަރ ބްރޭސްލެޓް، މިލާން ދޮގުނަހަދާ ތިނެގި ތަނެއް ބުނޭ، ނޫނީ އެންމެ ފަހުން ޕޮލިސްކޭސް އަކަށްވާނީ......" އައިޒާ އާއި ދިމާލަށް ނަޒަރު ހިންގައިލަމުން ޖުވޭދާ އަކުރުތަކަށް ބާރުލާފައި ބުނެލިއެވެ. އޭރު އައިޒާ އިނީ ހަދާނެގޮތް ހުސްވެފައި މިލާންއަށް ބަލާށެވެ. މިލާންގެ ޖަވާބަކަށް އިންތިޒާރު ކުރަނީހެން ހީވިއެވެ. މިލާންއަށް ކުނިގޮޑުންވެސް އެ ފެނިދާނެއެވެ. މިގެއިން އުކާލި އެއްޗެހިތަކުގެ ތެރެއިން ހޮވިކަމަށް ބުނެފާނެއެވެ. މިލާން ވައްކަން ކުރާނެއެކޭ އައިޒާގެ ހިތެއް ނުބުނެއެވެ. އެކަށީގެންވާ ރަނގަޅު ސަބަބެއް އޮންނާނެކަން ޔަގީނެވެ.

މިލާންގެ މޫނު ހުދުވެއްޖެއެވެ. އޭނަ ގެ ނިތްކުރީގައި ކުދި މުތީތަކެއްފަދައިން ދާތިކިތައް ވިދަންފެށިއެވެ. އިސްޖެހުނީ ކުށްވެރިއެއް ފަދައިންނެވެ. އޭނަގެ މާމަވަނީ މިގެއިން އެގޮތަށް ކިތަންމެ އެއްޗެއް ގެންގޮސްފައެވެ. ފަހަރެއްގައި މިއީ ބިއްލޫރި އެއްޗެއްކަމަށް ހީކޮށް ގެންދިޔައީކަމަށް ވެދާނެއެވެ. އެންމެ ރަނގަޅެވެ. އޭނަ އަމިއްލައަށް ބަދުނާމުވިޔަސް މާމަގެ ސިއްރު ހިފަހައްޓާނެއެވެ. އަމިއްލައަށް ގުރުބާންވެގެންވެސް އޭނަގެ މާމައަށްޓަކައި ދޮގުހަދާކަށް މިލާން ފަހެއް ނުޖެހުނެވެ. އޭނަ ވައްކަން ނުކުރާކަން އެންމެ ފަރާތެއް ދެނެވޮޑިގެންވާނެއެވެ.

"މި ފެނުނީ މިގޭ ގާޑްން ތެރެއިން... އަޅުގަޑު ހީކުރީ އާދައިގެ ބިއްލޫރި އެއްޗެއްކަމަށް... އައިމް ސޮރީ....." މިލާންގެ އެސްފިޔަތަކުގައި ކަރުނަ ބަރާވިއެވެ. މިލާން އިނީ ލަދުން މަރުވާވަރުވެފައެވެ. އޭނަ ތުރުތުރުއަޅާ އިނގިލިތަކުން އެ ފަށް ނައްޓާލާފައި މޭޒުމަތީގައި ބާއްވައިފިއެވެ. 

"އާދައިގެ ބިއްލޫރު އެއްޗެއްކަމަށް ހީކުރިޔަސް މިގޭތެރެއިން ފެނުނީމަ މީހުން ކާރިން އަހާލަންވާނެ ކަންނޭގޭ... ވަގުތުން މިލާންގެ އެއްޗަކަށް ހަދައިގެން ޔޫ ޖަސްޓް ކާންޓް ވެއަރ އިޓް އެއް ނު.... ރޯޒާވެސް މާ ރަނގަޅު، ކުރީ ދުވަހު އަހަރެންގެ އަނގޮޓި ބިންމަތިން ފެނުނީމަ ގެނެސްދިން، އޭނަވެސް ދެން ބިއްލޫރިކޮޅަކަށް ހަދައިގެން ވަގުކޮށްލިނަމަ...... މިލާންއަކަށް އަހަރެމެންނަށް ދެން ޓްރަސްޓެއް ނުކުރެވޭނެ... ރީތި ސިފައެއްގައި ހުރެގެން މިލާން ވައްކަން ކުރަނީއެއްނު....." ޖުވޭދާ ރީތި ގޮތުގައި އެއްޗެހި ގޮވާލިއިރު ދީނާވެސް އިނީ ސީރިޔަސް ނަޒަރަކުން މިލާންގެ މޫނަށް ބަލަހައްޓައިގެންނެވެ. މިލާންގެ ދިފާއުގައި އެންމެ ޖުމްލައެއް ބުނެލާނެނަމައެވެ.

މިލާން ކުއްލިއަކަށް ތެދުވެގެން ދާން ހިނގައިގަތުމުން އައިޒާ ގޮވާލާފައި ފަހަތުން ދާން އުޅުމުން ދީނާ އެކަން ހުއްޓުވިއެވެ. މިލާން އެކުރީ އެހާ ފަސޭހައިން ހަނދާންނައްތާ ނުލެވޭނެފަދަ ކަމެއްކަމަށާއި އެފަދަ އެއްޗެއް ފެނުމުން ގޭގެ ވެރިންކުރެން ނާހާ އަތުގައި އެޅިގެން ނުވާނެކަމަށް ދީނާ ބުނެލީ ނުރުހުމާއި އެކުގައެވެ. ސާރާވެސް ވިސްނައިގެން އުޅެން އޭނަ އަންގާނެއެވެ. މިލާންފަދަ ކުދިންގެ ރީތިކަމާއި އެކުގައިވެސް އެފަދަ އަޚުލާގު ދަށް ސިފަތައް ހުންނާނެކަން އޭނަ ސާބިތުކޮށްދީފިއެވެ.

ބޮޑުކޮޓަރީގައި މަލީކްގެ ދެމަފިރިންނާއި ނަހުޔާން އަދި ދާނިޔަލް ތިބިއިރު ދޭތެރެއަކުން އުފާވެރި ހުނުމެއްގެ އަޑު އިވިލައެވެ. ދާނިޔަލް ފޯނު ހުޅުވާލައިގެން މަޖާ ޖޯކުތަކެއް ކިޔާދިނީމަ ދީނާމެން ހީހީ ހަލާކުވާވަރުވިއެވެ. އައިޒާ އެތަނަށް ނޫކުލައިގެ މޮކްޓެއިލް ތަބައް ހިފައިގެން އައިއިރު ދާނިޔަލް އިންތަން ފެނުމުން ކުޑަކޮށް އުދަގޫވިނަމަވެސް ކޮންމެ މީހެއްގެ އަތަށް މޮކްޓެއިލް ތަށްޓެއް ދިއްކޮށްލައިފިއެވެ. އައިޒާ ދާނިޔަލްއަތަށް ދިއްކޮށްލި ތަށީގައި ހިފާލަން އުޅެނިކޮށް ދާނިޔަލްގެ އަތުން ތަށި ދޫވެ މަޑު ރަގްމަތީގައި ޖެހުނު އަޑާއިއެކު އައިޒާގެ ހިތަށް ހީވީ ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ. ލަދުންގޮސް މޫނު އެކަށް ރަތްވިއެވެ. ނަހުޔާން ހީކުރާނީ ކީކޭހެއްޔެވެ؟

"އައިމް ސޮރީ...." އައިޒާ ކަންބޮޑުވެލާފައި ފަހަތަށް ޖެހިލިއެވެ.
"އިޓްސް އޯކޭ..... އަހަރެން ފޯނާއި ކުޅެން އިނދެ ބަލާނުލެވުނީމަ...." ދާނިޔަލްވެސް އިނީ އުނދަގޫވެފައެވެ. އެންމެން އެއްވާއިރަށް މިފަދަ ނުތަނަވަސްކަމެއް ވެރިވާންޖެހޭހެއްޔެވެ؟ ދާނިޔަލް ކުޑަކޮށް ހިނިތުންވެލީ މަންޒަރު ރީތިކޮށްލުމަށެވެ. އޭނަ ތެދުވުނުއިރު ލައިގެން ހުރި ދިގު ސޯޓާއި ޓީޝާޓުވަނީ ތެމިފައެވެ. ނަހުޔާން އިނީ ހިމޭންވެފައެވެ. އެދޭތެރޭގައި ހިނގި އެ ކުޑަ ހާދިސާއިންވެސް ހިތަށް ނުބައި އިހުސާސެއް ކުރުވައިފި އެވެ. ނުދެނެހުރިކަމަށް ހަދާލައިގެން އިނަސް އޭނަގެ ހިތުގައި އެތައްކަމެއް ހިނގިއެވެ. އައިޒާ އަވަހަށް އެތެރެއަށް ވަދެގެން ދާން ހިނގައިގަތީ އެތަން ސާފުކުރަންވެގެންނެވެ. އެކަން ދަނެގެން ދީނާ ބުނީ ރޯޒާގާތުގައި ބުނުމަށެވެ. އައިޒާ ލައްވާ އެފަދަ މަސައްކަތެއް ކުރުވަން ދީނާ ހިތްހަމައެއްނުޖެހެއެވެ.

"ދަރިފުޅު އިރާއާއި އެކުގައި އުޅެމުންގޮސް ނުބަލާ އުޅެން ޕްރެކްޓިސްކުރީކަން ޔަގީން..." ދީނާ ހިނގަނޑެއް ޖަހައިލިއެވެ.

"އަންނާނަން އެއްޗެހި ބަދަލުކޮށްލައިގެން.... އަދި ބައިވަރު ޖޯކު ކިޔާލަދޭންވެފައި އެބަހުރި..." ދާނިޔަލް މަންމަގެ ހުނުމުގައި ބައިވެރިވެލާފައި ތެދުވުނު ތަނުން ފޯނު ރިންގުވާން ފެށިއެވެ. އޭނަ ގަބޫލުކުރަން ދަތިފާޑަކަށް ސްކްރީނަށް ބަލަން ހުރިއިރު މޫނަށް ކުޑަރަތްކަމެއް ވެރިވިހެން ހީވިއެވެ. "ހީޒް އެކްޗުއަލީ ބްލަޝިން... ކާކުބާ އެގުޅީ؟" ނަހުޔާން ހިތާހިތުން ސުވާލުކުރިނަމަވެސް އަހާލާކަށް ބޭނުމެއްނުވިއެވެ. 

ދާނިޔަލް ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ ނުކުތީ ފެންޑާއަށެވެ. ރޭގަނޑުގެ ވަގުތުކަމުން ފުދޭވަރަކަށް ފިންޏެވެ. ބަގީޗާގެ ބޮކިތައް ނިވާލާފައިވާތީ ކުދި ތަރިތައް އަދިރީގައި ފިލާ ތިބުމަށްފަހު ސިއްރުސިއްރުން ނިކުމެ ފިޔަޖަހާތަން ފެނެއެވެ. ދާނިޔަލް ތަނބަށް ލެގިލައިގެން ހުރެ މިލާންއަށް ގުޅިއެވެ. ޕޮޓްތަކުގައިވާ ގަސްތަކުގެ މީރުވަހުން އެހިސާބު ހުވަދުވެފައިއޮތެވެ.

"ޑެނީތަ؟ "މިލާން ގެ އަޑު ކަންފަތުގައި ޖެހުމުން ދާނިޔަލް ހުރީ ގަބޫލުނުކުރެވިފައެވެ. އަންހެންކުދިންނަކީ ފާޑެއްގެ ބަޔެކެވެ. ލޯބިވެރިޔަކު ހުއްޓަސް ބޭވަފާތެރިވާން ސިކުންތުކޮޅެއްވެސް ނުނަގާނެއެވެ.

"އާން އަހަރެން، ވަޓް ޑޫ ޔޫ ވޯންޓް؟ " ދާނިޔަލްއަށް އަހައިލެވުނީ ތަންކޮޅެއް ހަރުކަށިކޮށެވެ.
"ޑެނީ ރުޅިތަ؟" މިލާންވެސް ކޮށްލީ ސުވާލެކެވެ.
"މިލާން އަމިއްލަ ހިތާއި ތި ސުވާލުކޮށްލިއްޔާ ރަނގަޅުވާނީ، އަހަންނަށް ގުޅީ ކީއްކުރަންތަ؟ އަހަންނަކަށް ޓައިމްއެއްނެތް، ބޭނުންވާކަމެއް ބުނެބަލަ..." ދާނިޔަލް ހުރީ ބުމަގޮށްޖަހާލައިގެންނެވެ. ކިތަންމެ ރުޅިންހުރެ ވާހަކަދެއްކިޔަސް ހިތް އިންތިހާއަށް ބޭނުންވެއެވެ. އެކަމަކު މީހެއްގެ ހައްގަކަށް އަރައިގަންނާކަށް އޭނަ ބޭނުމެއް ނޫނެވެ. މިލާންގެ ދުލުން އެ ވާހަކަ އިވުނުފަހުން ދާނިޔަލް ވަނީ އަމިއްލަ އިހުސާސްތައް ފިނިކުރަން މަސައްކަތްކޮށްފައެވެ. އެކަން އަދިވެސް ކާމިޔާބެއްނުވިޔަސް އޭނަ ޔަގީނުންވެސް މިލާންގެ ފަހަތުން ދުވާކަށް ޝައުގެއްނެތެވެ. ނަމަވެސް މިލާންގެ ނަން ހިތުން ފިލައިގެން ދާގޮތެއް ނުވެއެވެ. އެ ރީތި ހިނިތުންތައް ހުވަފެނުގައި ދާނިޔަލްއަށް އުދަގޫކުރެއެވެ. ހުވަފެނުގައިވެސް މިލާން އެގޮތަށް ފެންނާންވީ ސަބަބެއް ނޭގެއެވެ.

"ޑެނީ ބުނީމެއްނު ބައްދަލުކޮށްލަން ބޭނުމޭ، އައިމް ރެޑީ..." މިލާންގެ ޖުމްލައިން ދާނިޔަލް ހައިރާންވިއެވެ.
"އާރ ޔޫ ޝުއަރ..." ދާނިޔަލްގެ ހަށިގަނޑުގައި އިތުރު ވިންދެއް ޖަހައިލިއެވެ. އެފަދަ އެކަނިވެރި ބައްދަލުވުމަކަށްޓަކައި އޭނަވަނީ ކެތްމަދުވެފައެވެ. އުމުރު ދުވަހު އޭނަ އަންހެންކުއްޖަކު ބޭނުންވެގެން އުޅުނިއްޔާ އެއީ އައިޒާ އަދި މިލާންއެވެ. އައިޒާއަކީ މިހާރު މާޒީއެވެ. މިހާރު ހިތް ބޭނުންވާ ފަރާތަކީ އެކަނި މިލާންއެވެ.

"ވެލް...." މިލާން ފެންނަން ނެތަސް އޭނަގެ މޫނަށް ވެރިވާނެ ކުލަވަރު ދާނިޔަލްގެ ޚިޔާލަށް ގެނެވުނެވެ. އެ ދޮން ކޯތާފަތަށް ރަތްކުލަ ވެރިވެގެންދާއިރު އެއީ ހާދަ ރީތިމަންޒަރެކެވެ. މިފަހަރު މިލާން ރަގަޅަށް ރަކިކޮށްލަންވާނެއެވެ. އޭރު ދާނިޔަލް ވިސްނަމުން ދިޔައީ ބައްދަލުކުރާނެ ތަނަކާއިމެދުގައެވެ.
"އިތުރު ބަހަނާދައްކައިގެން އަހަރެން ތަޅުވާލަން ނޫޅެބަލަ މިލާން، ތިހިރީ ކޮންތާކު؟ "ދާނިޔަލް އަހާލައިފިއެވެ.
"އަހަރެން މިހިރީ ގޭގައި...." މިލާން އެވަގުތު އިނީ އަމިއްލަ ގޭގައެވެ. ނަމަވެސް މިރޭ ދާނިޔަލްއާއި ބައްދަލުކުރާކަށް އޭނަ ވިސްނާފައެއްނެތެވެ. މިލާން އަވަސްއަވަހަށް އެ ވާހަކަ ބުނެލާފައި މާދަން ރޭ ޑޭޓަކަށް ދާން ތަނެއް ކިޔާލިއެވެ. ހުޅުމާލޭ ބީޗްގައި ހިގާލަން ދާން އެއްބަސްވެ ރީތިކޮށް ވާހަކަދައްކަމުން ދިޔައިރު ދާނިޔަލް ހުރީ މަޖާވެލާފައެވެ. މިލާން މިރޭ ފޯނު ބާއްވާކަށް ނޫޅުނެވެ. އޭނަ އެކި ވާހަކަދައްކަމުން ދިޔައީ އެތައް ދުވަހަކުއްސުރެ ދެނެ ފަރިތަ އެކުވެރިއެއްހެންނެވެ. އެންމެ ފަހުން މިލާން ލޯބިވެރިޔެއް ނުހޯދާކަމަށާއި ދާނިޔަލްގެ މަންމަމެން ގަބޫލުނުވާނެތީ ބިރުން ދާނިޔަލްއަށް އޮޅުވާލަން ބުނި އެއްޗެއްކަމަށް އެއްބަސްވިއެވެ.

މިލާން ފޯނުން ވާހަކަދައްކަން ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާހުރިއިރު މީހަކު އައިސްދާނެތީ އެކަމަށްވެސް ކަންފަތް ހުޅުވާލާފައިވެއެވެ. މިގޭގައި އެކަނި އިރުކޮޅަކަށް ހުންނަން އޭނަ ބިރުގަނެއެވެ. މާމަވަނީ ދީނާ ނޫނީ އޭނަގެ ބައްޕަގެ ގާތަށް ދާން ވަސިއްޔަތްކޮށްފައެވެ. ނަމަވެސް މާމަ ގެނައި ކެވެލިކޮޅުގެ ސަބަބުން ޖެހުނު މައްސަލައަށްފަހު މިހާރު އޭނަވަނީ އެވަރލޭންޑަށް ނުދާން ހިތާހިތުން ވައުދުވެފައެވެ. ނަމަވެސް ސާރާމެން ގޭގައި ނޯކަރެއްގެ ގޮތުގައި އުޅުނަސް ސަލާމަތްކަން ލިބޭނެތީ އެގެއިން އޭނަ ދުރަށް ދާނީ ދަމާބޭރަށް ލީމައެވެ. މިހާރު އޭނަ ކޮންމެވެސް މީހެއްގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. ސާރާގެ ގެއިން އެހެން އެއްޗެއް ނުލިބުނަސް ރައްކާތެރިކަން ލިބިފައިވެއެވެ. ސުދާ މިގޭގައި އުޅުނަސް މިއަދު އޭނަވީ ޑިއުޓީގައިކަމަށްވާތީ މިލާން މިހިރީ އެކަނިވެރިވެފައެވެ. މިލާން ގޭތެރޭގައި އުޅޭތީ ހުރީ ތަންކޮޅެއް ކުރު ޓޮޕްކޮޅަކާއި ސޯޓެއްލައިގެންނެވެ. ނިމުމެއްނެތް ދެފައި އޮމާންކަމުން ހީވަނީ އިޝްތިހާރެއްހެންނެވެ. އިސްތަށިގަނޑު މައްޗަށް ނަގާފައި އައްސާލާފައި އޮތްއިރު މޫނުގައި ދާތިކިތައް ވިދާ ބަބުޅައެވެ. އެހާ ހޫނުގަދައެވެ.

"އައިމް އިން ލަވް......" މިލާން ފޯނު ބާއްވާފައި ކުޑަކޮށް ނަށާލިއެވެ. ދާނިޔަލްއާއި ވާހަކަދައްކައިލެވުމުން ހިތަށް ފިނިކަމެއް ލިބިއްޖެއެވެ. އިރާއާއި ދާނިޔަލް ވަކިވެފައިވާތީ ހިތުގައިވާ އުއްމީދުގެ ބައްތި ކަނި ޖަހާލާފައި އަނެއްކާ ހުޅުގަނޑު ބޮޑުވެއްޖެއެވެ. މިލާން ކުއްލިއަކަށް ސިއްސައިގެން ދިޔައީ މީހަކު ފަހަތުގައި ހުރިހެން ހީވެގެންނެވެ. މިލާން ހަޅޭއްލަވައިގަތުމާއި އެކު އަވަހަށް ނެގީ ކުނިފޮހެން ގެންގުޅޭ ފިހިގަނޑެވެ. އެނބުރި ބަލައިލުމާއިއެކު ދާނިޔަލް ހެވިލާފައި ހުރިތަން ފެނިފައި މިލާން ދެލޯ ބޮޑުކޮށްލައިގެން ހުރެފައި ދުވެފައިގޮސް ބެޑްޝީޓު ގައިގާ އޮޅައިގަތެވެ.

"ވާއު، ޔޯރ ލެގްސް ލުކް ގްރޭޓް، ޕާރފެކްޓް...." ދާނިޔަލް ހިނިތުންވެލިއިރު އެހުދު ހުދު ދަތްތަކުގެ ފުރިހަމަކަން ހާމަޔަށް ނެތި ފެނުމުން މިލާންހުރީ އާޝޯޚުވެފައެވެ. އެއީ ކޮންމެ އަންހެންކުއްޖަކު ގުރުބާންވާނެފަދަ ހިނިތުންވުމެކެވެ. އެބަލައިލުމުންވެސް މިލާންގެ ގައިން ހީބިހި ހަލުވާލައިފިއެވެ.

"ޔޫ އާރ ހިއަރ...ނުވެސް ބުނެ...." މިލާން ގެ މޫނު ހީވަނީ ރަތްކަމުން އަލިފާންކޮޅެއްހެންނެވެ. އެ މުށި ކުލައިގެ ދެލޮލުގައިވަނީ ސިހުމެވެ. ލަދުންގޮސް މިލާން މަރުނުވީ ކިރިޔާއެވެ.

"މިލާން އެހާ ފަރުވާކުޑަކުރާކަށް ނުވާނެކަން ނޭގޭ، އަހަރެން ނޫން އެހެން މީހަކު އައިނަމަ ވާނެގޮތް އިމޭޖިންކޮށްލަބަލަ.. ދޮރު ތަޅުލާން ހަނދާންކުރާތި އިނގޭ......." ދާނިޔަލް ބުމަ އަރުވާލިއެވެ.

"ޑެނީ، އަހަރެން ހެދުން ބަދަލުކޮށްލައިގެން އަންނާނަން، އެހެންނޫނަސް ސުދާ އުޅެނީ މިގޭގައި، މިހާރު އޭނަ އަންނަ ގަޑި މިއޮތް ކައިރިވަނީ... އަހަރެމެން މިތަނުން ފެނިއްޖެއްޔާ މާދަން ހޮސްޕިޓަލުގައި މިނޫން ވާހަކައެއް ނޯންނާނެ....." މިލާން ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ހިތް އަވަސްވެފައިވާވަރުން މިލާންއަށް ޖިންސް ލެވުނީ އެތައް ވަރަކުންނެވެ. އެކިކުލައިގެ ސްޓްރައިޕް ހެދުމެއް ބޮލުން ވައްޓާލައިގެން އަވަހަށް މޫނު ދޮވެލާފައި މޮއިސްޗަރައިޒްކޮޅެއް އުގުޅާލުމުން މޫނު ވިދަންފެށިއެވެ. ލޯގަނޑުން ބަލާލާފައި މިލާން ކުޑަކޮށް ރަކިވިއެވެ. އަތްތިލަ ހީވަނީ ގަނޑުފެންކޮޅެއްހެންނެވެ. ހިތް އެހާ އަވަހެވެ. ދާނިޔަލްގެ ކުރިމައްޗަށް ދާން އޭނަ ލަދުގަންނަނީއެވެ. ޖެހިލުންވަނީއެވެ. މި ލޯބީގެ ޚަބަރު އެހެން ފަރާތްތަކަށް ލިބުމުން ދެން ވާނެގޮތެއްވެސް ޚިޔާލުކުރާކަށް ނޭގެއެވެ.

ކޮމެންޓް 0