ޖުވޭދާ ދޮރާއި ހަމަޔަށް ކުރިއަށް ޖެހިލަމުން މަލީކްގެ ނަމްބަރު ތަކަށް ފިތާލައިފި އެވެ. ނަމަވެސް ޖުވޭދާ ވިސްނައިލުމުން މިކުރަން އުޅެނީ މާ ރަނގަޅު ކަމެއް ނޫންކަން ވިސްނިގެން އެ މަސައްކަތް ހުއްޓާލާފައި ކޮޓަރިއާއި ދިމާލަށް ދާންފެށިއިރު ނިތްކުރިއަށް ރޫތައް އަރުވާލާފައިވެއެވެ. ދާނިޔަލްއާއި މިލާންގެ ގުޅުމެއް އޮތްކަން އެނގިއްޖެއްޔާ އެ ދެމީހުންގެ ކައިވެނިކުރުވާފައި އިރާއާއިއެކު އެމެރިކާއަށް ފޮނުވާލަން މަލީކް އަދި ދީނާވެސް ފަހެއް ނުޖެހޭނެއެވެ. އެންމެ ރަނގަޅުގޮތަކީ ދާނިޔަލްމެން ފުރަންދެން ކެތްކޮށްލައިގެން ހުރުމެވެ. އެއަށް ފަހު މިލާންއަށް ދަތިކުރުމުގެ ފިޔަވަޅު އެޅިދާނެއެވެ. ދޮރުގައި މޫނު ޖައްސާލައިގެން ހުރެފައި އެތެރެއިން މަންޒަރެއް ނުފެންނާނެކަން ޔަގީންވުމުން ޖުވޭދާ އަނބުރާލާފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއިރު ހިތާހިތުން މިލާންއާއި ދިމާލަށް އެއްޗެހި ކިޔެވެ.

ޖުވޭދާ ދޮރުފޮތިގަނޑު ކައްސާލައިގެން އޮވެ ބަލަމުން ދިޔައީ ދާނިޔަލްގެ ހިޔަނި ދޮރަށް އެޅޭނެ ވަގުތަކަށެވެ. އެކޮޓަރީގައި ދާނިޔަލް ހޭދަކުރާ ގަޑި އެނގެން އޭނަ ބޭނުމެވެ. ލޯމެރެމުން ދިޔައިރުވެސް ޖުވޭދާ ނިންޖާއި ހަނގުރާމަކޮށް ދެލޯ ބޮޑުކޮށްލައިގެން އެއް އަތް ބޯދަށަށް ލައްވައިގެން ބަލަހައްޓައިގެން އޮތެވެ. ބައެއްފަހަރު ތާއްޔާ ޖެހުމުން ތެދުވެގެންގޮސް ދެލޮލުގައި ފެންލައިގެންވެސް ޖުވޭދާ ނުނިދާ ފާރައަށް އޮތެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލާލާފައި ޗޮކެއް ކަނޑާލައެވެ.

"އަހަންނަކަށް ނޭގޭ އެހާ ގިނައިރުވަންދެން މީހުން މާ ފޮޅުވަން ތިބޭކަމެއް، އެ ދާނިޔަލް އަކީ ވަރެއްގެ މީހެއްނު...." ޖުވޭދާ ނުނިދުނީމަ ރުޅިގަދަވިއެވެ. އެހެންނޫނަސް އިރާ އާއި ވާދަކުރަން އުޅޭތީ މިލާންދެކެ ޖުވޭދާވަނީ އިންތިހާއަށް ރުޅިއައިސްފައެވެ. މިލާންއަށް ބަދު ދުއާވެސް ކުރެވުނެވެ. ޖުވޭދާއަށް ނުވިސްނުނީ އެންމެ އެއްޗެކެވެ. ހެއްދެވިފަރާތުން އިންސާނަކަށް ނިއުމަތެއް ދެއްވައިފިއްޔާ އެކަމަށް ހުރަސް އެޅޭނެ އެހެން ފަރާތެއް ނުވާނެކަމެވެ. ހަސަދަވެރިވުމުން ހަލާކު ހުރީ އެމީހަކަށެވެ. ޖުވޭދާއަށްވެސް އެފަދަ ގޮތެއް ވެ މިލާން އާއި މެދު ހިތުގައި އުފެދުނު ހަސަދައިގެ ސަބަބުން ގެއްލުން ލިބެންފެށީ އޭނަގެ އަމިއްލަ ނަފުސަށެވެ. ނިދި ނަގާލައިގެން ޖުވޭދާ އޮތްއިރު ދާނިޔަލްއާއި މިލާން ތިބީ އުފާކުރާށެވެ. ފަތިސްވެ ނަމާދަށް ބަންގިގޮވާ އަޑު އިވުމުން ވުޟޫކޮށްލައިގެން ނަމާދުކުރިގޮތަށް މިލާންއަށް ބަދު ދުޢާކުރެވުނެވެ.

މިލާން ހެދުނު ޑިއުޓީއަށް އައުމާއި އެކުހެން އެތަނުގައި ދެކެވެން ފެށީ ހޮސްޕިޓަލުގެ އަހަރީ ދުވަހު ބާއްވަން އުޅޭ ހަފްލާގެ ވާހަކައެވެ. ލަވަ ކިޔުމާއި ނެށުމުގެ އައިޓަމްތައް ބާއްވަން އުޅޭއިރު ހުރިހާ ކުދިން ބައިވެރިވުމަށް އިންޗާޖު އެދުނެވެ. މިލާން ވިސްނާލާފައި ލަވައެއް ކިޔާލަން ގަސްތުކުރީ ދާނިޔަލް އަށްޓަކައެވެ. މިލާންގެ ލަވަ ކިޔުމުގެ ހުނަރު ފޮރުވައިގެން ހުންނަތާ އެތައް ޒަމާނަކަށް ފަހު ދާނިޔަލް ފުރާތީ ލަވައެއް އިއްވާލަން ބޭނުންވީއެވެ. 

ހޮސްޕިޓަލުގެ އަހަރީ ދުވަހުގެ ހަފްލާއަށްޓަކައި އެތަނުގައި އޮންނަ ހުސްބިމުގައި ސްޓޭޖެއް ހަދާ ވަރަށް ފުރިހަމަޔަށް ތައްޔާރުކޮށްލައިފިއެވެ. ބޮކިތަކުގެ ސިހުރުވެރި އަލިން ތަން އަލިކޮށްލާފައިވާއިރު ހަފްލާއަށް އަންނަ ބައިވެރިންނަށްޓަކައި އެތައް ގޮޑިތަކެއް އަތުރާލާފައިވެއެވެ. ކުޅުދިޔާވާފަދަ މީރު ކާ އެއްޗެހީގެ ބުފޭއަކަށްވެސް އެއްފަރާތުގައި ތައްޔާރުވަމުން ދިޔައެވެ. މިލާން އާއި ދާނިޔަލް އެ ވަގުތާއި ހަމަޔަށްވެސް މެދުކެނޑުމެއްނެތި މެސެޖް ބަދަލުކުރިއެވެ. މިލާންގެ ރީތި ދެލޯ ބޭގަރާރުކަމާއިއެކު ހޯދީ އެންމެ ފަރާތެކެވެ. މިލާން ރަތްކުލައިގެ ދިވެހި ހެދުމެއް ލައިގެން ހުރިއިރު އަންހެންވަންތަ ކަމާއި ރީތިކަމުން ދެކޭ ކޮންމެ މީހަކު ހައިރާންވާހާ ވެއެވެ. އެތައް ޒުވާން ޑޮކްޓަރުންނެއް ދެވަނަފަހަރަށް ބަލައިލަން މަޖުބޫރުކުރުވިއެވެ. މިލާން އޭނަގެ އެކުވެރިންގާތުގައި ހުއްޓާ އެންމެ ފަހުން ދާނިޔަލްގެ އާއިލާ އަންނަތަން ފެނުނެވެ. މަލީކްއާއި ދެ އަނބިކަބަލުން އަދި ނަދީމްގެ އާއިލާވެސް އައީ އެކީގައެވެ. ނަހުޔާން އާއި އައިޒާއައީ އެކީގައި ހިގާލާފައި އައިއިރު ތަންކޮޅެއް ގާތުގައި ތިބެ މަޑުމަޑުން ވާހަކައެއްދައްކަމުން ހީލަމުން އައިއިރު ހާދަ ގުޅޭ ދެމަފިރިންނޭ ހިތަށް ނާރާ މީހަކު ނެތެވެ. ދާނިޔަލް އައީ އިރާގެ އަތުގައި ހިފާލައިގެންނެވެ. އެ މަންޒަރު ފެނުމުން މިލާންގެ ހިތަށް އާދަޔާ ޚިލާފުގޮތެއްވިއެވެ.

އެންމެން ގޮނޑިތަކުގައި އިށީދެ ހަމަޖެހުމާއިއެކު ސްޓޭޖް މަތިން އައިޓަމްތައް ފެންނަން ފެށިއެވެ. މިލާންއާއި ޖެހުނުއިރު މިލާން ފިނިވެގެންގޮސް ސްޓޭޖަށް ނާރަން ގަސްތުކޮށްފައި ވެސް އެންމެން އާދޭސްކުރަން ފެށުމުން ސްޓޭޖާއި ދިމާލަށް ދާން ހިނގައިގަތެވެ. އޭރު މިލާން ހުރީ ކަޅުކުލައިގެ ސްކިނީއަކާއި ކުލަކުލައިގެ ގޮޅިތަކެއްޖެހި ޓީޝާޓެއް ލައިގެން ކުޑަކޮށް މޭކަޕްކޮށްލާފައެވެ. މިލާން މައިކުގައި ހިފާލިއިރު އެ ހޯލި އިނގިލި ތަކުގައި ކުޑަ ކުޑަ ތުރުތުރުލުމެއްވިއެވެ. ސްޓޭޖަށް އެޅިފައިވާ އޮރެންޖްއަލީގައި އެދޮން މޫނު ފެންނައިރު ހީވަނީ އެހެންކަމެއް ހެންނެވެ. މިލާންއާއި ދާނިޔަލްގެ ހަތަރުކަޅި ހަމަވުމުން މިލާންގެ ހިތް މާ ބޮޑަށް ފިނިވެ ރީއްޗަށް ރަކިވިއެވެ. އެތަނުން ދުވެފިލަން ހިތް އެދުނެވެ. އެ ބައި ސިކުންތުކޮޅުގެ ތެރޭގައި ހަށިގަނޑުގައި ހިގާލި އަސަރުތަކުން ފިނިވެ ހޫނުވެ މިލާން ކިޔަން އައި ލަވަ ހަނދާންނެތި ގަނޑުވެފައި ހުރެވިއްޖެއެވެ. މުޅިތަނަށް ވެރިވެފައި އޮތީ ހިމޭންކަމެކެވެ.

މިލާން ކުޑައިރު ގުރުއާން ކިޔަވަން ސްޓޭޖަށް އަރާފައި އެގޮތަށް އެކިމީހުން މޫނަށް ބަލަބަލާފައި ފޭބިވާހަކަ މަންމަ ވަރަށް ހިނިއައިސްފައި ކިޔާދެއެވެ. މިވަގުތުވެސް ވާން މިއުޅެނީ އެފަދަގޮތެކެވެ. ލަދުން ހަލާކުވާނެއެވެ. މިލާން ގޮތްހުސްވެފައިވާފަދަ ގޮތަކަށް ދާނިޔަލްގެ މޫނަށް ބަލައިލުމާއިއެކު ދާނިޔަލް ކުޑަކޮށް ހިނިތުންވެލާފައި ލޮލުގެ އިޝާރާތުން ހިތްވަރުދިނެވެ. މިލާންގެ ހިތަށް ލިބުނީ ބަޔާންނުކުރެވޭފަދަ ފިނިކަމެކެވެ. ލޯބިވެރިޔާގެ އެފަދަ ކުޑަ އަދާއަކުންވެސް އެލިބެނީ ކޮންފަދަ ބޮޑު ހިތްވަރެއްހެއްޔެވެ؟ އެ ތޫނު ދެލޮލުގެ ރީތިކަން އެކަނި ހަނދާންކޮށްލާފައިވެސް މިލާންއަށް ހިނިތުންވެވިއްޖެއެވެ. 

"މިއީ އަޅުގަނޑުގެ މަންމައަށްޓަކައި ކިޔާ ލަވައެއް، މަންމަގެ ފެވެރިޓަށްވެފައި ޓައިޓޭނިކްއަކީ މަންމަގެ ޚާއްސަ ފިލްމަކަށްވީމަ......." މިލާން ހަމަޖެހިލާފައި އެ ބަސްކޮޅު އިއްވާލުމުން ތަރުހީބުގެ އަޑުން މުޅިހިސާބު ގުގުމާލައިފިއެވެ.

"އެވްރީ ނައިޓް އިން މައި ޑްރީމްސް އައި ސީ ޔޫ...
އައި ފީލް ޔޫ....."
އެތައްބަޔެއްގެ ގައިން ހީބިހިހަލުވައިލާ ފަޒާގައި އިޝްގުގެ އަސަރުތައް ހިންގާލާހާ އަސަރުގަދަކޮށް މިލާން ލަވަކިޔަމުން ދިޔައެވެ. ބައެއް މީހުންގެ ލޮލަށް ކަރުނަ އައެވެ. އެންމެ ފުން އަސަރެއްކުރުވި އެކަކީ ނަދީމްއެވެ. މާޒީގެ ހަނދާންތަކުގެ ތެރެއަށް އިރުކޮޅަކަށް ނަމަވެސް ގެއްލުނެވެ. ނަދީމް ސާރާގެ އިތުރުން އަންހެނަކު ދެކެ ލޯބިވިއެވެ. އޭނަގެ ލަވަކިޔުމުގެ ހުނަރު ހުރެފައި ނަދީމްއަށް ކިތަންމެ ރެއަކު ލަވަކިޔައިދީފައިވިއެވެ. މިލާން އެ ލަވަކިޔާލިލެއް ފުރިހަމަކަމުން ނަދީމް އިނީ ހައިރާންވެ ކަޅިވެސް ޖަހާލަން ނޭގިފައެވެ. ނަހުޔާންވެސް އައިޒާގެ އަތަށް ފިތާލިއެވެ. ދާނިޔަލްގެ ރީތި ދެލޮލަށް ކަރުނަ ޖަމާވިއެވެ. އޭނަ މިހާ ޖަޒުބާތީ ވީ ކިހިނެއް ހެއްޔެވެ؟ ދާނިޔަލް އަވަހަށް ކަރުނަތައް ދިރުވައިލި ނަމަވެސް ފެންކަޅިވެފައިވާ ދެލޮލުން މިލާން އާއި ދިމާލަށް ބަލައިލުން އުދަގޫކަމަކަށްވިއެވެ. މިލާން ލަވަ ނިންމާލުމުން އަޑުއަހަން ތިބި އެތައްބަޔަކު އޭނަ އިތުރު ލަވައެއްކިޔާދޭން އެދެމުން ދިޔައެވެ. ނަމަވެސް މިލާންގެ އައިޓަމް ނިމުނީމަ އޭނަ އަވަސްއަވަހަށް ސްޓޭޖުން ފޭބިއިރު އެތައް ބަޔެއްގެ ތަރުހީބުގެ އަތްތިލަބަޑީގެ އަޑު އަނެއްކާ ފަޒާގައި ގުގުމާލިއެވެ. ޔަގީނުންވެސް މިލާންގެ އެ ލަވައިން އޭނަ ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންގެ ހިތް އަތުލައިފިއެވެ.

އެއީ މިލާންގެ ހިތުގައި ލޯބީގެ ބައްތީގެ ހުޅުކޮޅު އިތުރަށް އަލިގަދަވި ރެއެކެވެ. ދާނިޔަލް މެސެޖެއް ފޮނުވާލާފައި އޮތްތަން ފެނުމުން މިލާންއަށް އެ މެސެޖް ކިޔައިލެވުނު އަދަދެއްވެސް ނޭގެއެވެ. އިނގިރޭސިން ލިޔެފައިވާ ކުރު ފޮނި އިބާރާތްކޮޅަކުން މިލާންގެ ހިތް ބަންޑުންކޮށްލާ ވަރުވިއެވެ. ދުވަހަކު އެހާބޮޑު އުފަލެއް ހިތަށް ލިބުނު ހަނދާނެއް މިލާން ނުވެއެވެ. އަދި މީހެއްގެ ތައުރީފުން އެހާ ބޮޑު އުފަލެއް ނުލިބެއެވެ. ހީވީ ހިތާއި ޖިސްމުވެސް އާސްމާނުގައި އުދުހިލާފައި އެނބުރި އައިހެންނެވެ. މިލާން ކުޑަ އެތިކޮޅެއް ކާލާފައި އެނބުރި ގެއަށް އައިއިރު ތުންފަތްމަތިން ހިނިތުންވުން ފިލައިގެނެއް ނުދެއެވެ.

ނަދީމް އާއި ސާރާ ކާރުތެރޭގައި ތިބިއިރު ކާރުތެރެއަށް އިރުކޮޅެއްވާންދެން ހިމޭންކަން ފެތުރިފައިވެއެވެ. ސާރާ އިނީ ނަދީމްގެ ހަރަކާތްތަކާއި މެދު ކުޑަކޮށް ހިތުގައި ޝައްކު ހިނގާލާފައި ނަމަވެސް ފިރިމީހާ ކާރިން އެގޮތަށް ކަންކަމާއި ސުވާލުކޮށް ޝަކުވާކުރުމަކީ ސާރާ ކުރާނެކަމެއްނޫނެވެ.

"ގުޑް ޝޯއެއް ދޯ ނަދީމް...." ސާރަ ކުޑަދޮރުން ބޭރަށް ބަލަން އިނދެލާފައި ކުޑަކޮށް ހިނިތުންވެލައިފިއެވެ.

"ހޫމް..." ނަދީމް ހުވަފެނެއްގައި އިން މީހެއްފަދައިން އެއްޗެކޭ ބުނެލާފައި މިލާން އާއި ބެހޭގޮތުން ސުވާލުކޮށްލަން އުޅުނެވެ. އެހާ ރީތިކޮށް ލަވަކިޔާލުމުން ނަދީމް ހުރީ އެކުއްޖާގެ ހަގީގަތް ދެނެގަންނާން ބޭނުންވެފައެވެ. ނަމަވެސް ސާރާ ޝައްކުކޮށްފާނެތީ އަހާލާކަށް ނުކެރުނީއެވެ. މާޒީގެ ހަނދާންތައް ސިކުނޑީގެ ކަނެއްގައި ފިޔަ ޖަހާލަން ފެށުމުން ހިތަށް އުދަގޫތަކެއްވެ ނުބައިގޮތެއް އިހުސާސް ކުރެވުނެވެ. ބައެއްފަހަރު މާޒީގެ ދުވަސްތައް ކޮންމެވެސް ޒަމާނެއްގައި އަބުރާ އިއާދަވެ ދިރިއުޅުން ނަރަކައަކަށް ހަދާލަފާނެއެވެ. ނޫނީ އުފަލުން ހިތް ފުރުވަފާނެއެވެ. ކުރީގެ ހަނދާންތަކެއް ހިތުގައި ކޮށްޓާލިނަމަވެސް ވަރަށް އަވަހަށް ނަދީމް އެ ޚިޔާލު އެއްފަރާތްކޮށްލައިފިއެވެ. އެހެން އަންހެނެއްގެ ހަނދާންތައް އާކޮށްގެން އޭނަ ސާރާއަށް ބޭވަފާތެރިއެއް ނުވާނެއެވެ.

އައިޒާ އަލަމާރި ސާފުކުރަމުން ދަނިކޮށް އޭނަގެ ގެއްލިފައިވާ ކެވެލިކޮޅު ފެނުމުން ހިތުގައި ވަރަށް ގިނަ ސުވާލު އުފެދުނެވެ. މިލާންގެ އަތުގައި އޮތީވެސް ތަފާތެއްނެތް ކެވެލިކޮޅެކެވެ. އެހެންވާންވީ ކީއްވެހެއްޔެވެ؟ އޭނަގެ ބައްޕަގެ ގާތުން އަހާލަންވީކަން ނޭގެއެވެ. ނަމަވެސް އެހާ ބޮޑާވާކަށް ނުވާނެއެވެ. އެއްވައްތަރެއްގެ ކިތަންމެ އެއްޗެއް ދުނިޔޭގައި ވެދާނެއެވެ. އެއީ މައްސަލައަކަށް ހަދައިގެން ބައްޕައާއި ސުވާލުކުރާކަށް ނުޖެހޭނެއެވެ. އެ ފަށް ލިބުނުގޮތެއް އޭނަ އަހައިލާނީ ސީދާ މިލާންގެ ގާތުންނެވެ. އައިޒާ ކޮޓަރި ރަނގަޅަށް ސާފުކޮށްލައި ނިމުނުއިރު ކޮޓަރީގެ ކޮންމެ އެއްޗަކުން އޮފްއަރައެވެ. މާބްލް ތަޅުން މަތި ވިދާވަރުން ހީވަނީ އެހެން ކަމެއްހެންނެވެ. ލުއި މީރުވަހަކުން ތަންވަނީ އެއްވަސްވެލާފައެވެ. އައިޒާއަށް މިފަދަ ކޮންމެ ކަމަކުން ހިތަށް ހަމަޖެހުމެއްލިބެއެވެ. ކުރާ ކޮންމެ ކަމެއް އޭނަ ކުރަން ބޭނުންވަނީ އެކަކަށްވެސް ފާޑުނުކިޔޭހާ ފުރިހަމަޔަށެވެ. އެއަށްވުރެ ބޮޑަށް ބޭނުންވަނީ ނަހުޔާންއަށްޓަކައި އެންމެ ފުރިހަމަ އަންބަކަށް ވުމެވެ. ކޮޓަރީގެ ދޮރު ލައްޕާލާފައި މިލާންއަށް ގުޅައިލިއިރު މިލާން ހުރިކަމަށްވަނީ ސްޓަޑީ ރޫމްގައެވެ.

މިލާން ފޮތް ހަރުގަނޑު ކާރީގައި ހުރިއިރު އެ މޫނުމަތި ރަތްވެފައިވާވަރުން އައިޒާއަށް ކޮންމެވެސް ޝައްކުތަކެއް ކުރެވުނެވެ. ދާނިޔަލް ނިކުމެގެން ދިޔައީ މިތަނުގައި ހުރެފައިބާވައެވެ. ޖުވޭދާ ބުނާފަދައިން އަދިވެސް ދާނިޔަލްއާއި މިލާންގެ ގުޅުމެއް އޮތީހެއްޔެވެ؟ އެހެން އޮތްކަމުގައިވާނަމަ ދެރަވާނީ މިލާންއަށެވެ. ނަމަވެސް އެއްވެސް ބަޔެއްގެ ދޭތެރެއަށް ވަނުމަކީ އައިޒާގެ ޒަމީރު ގަބޫލުކުރާކަމެއް ނޫނެވެ. މިލާންއަކީ ހެޔޮނުވިސްނޭވަރުގެ ޅަކުއްޖެއް ނޫނެވެ.

"މިލާން، މިއޮތީ މިލާންގެ ބްރޭސްލެޓް....." އައިޒާ ދިއްކޮށްލުމުން މިލާން ހުރީ އޭގައި ނުހިފަންވެގެންނެވެ.
"ނޫން، ތިއީ އަހަރެންގެ އެއް ނޫން..." މިލާން ކަންބޮޑުވެފައިވާ ގޮތަކަށް ހީލިއެވެ.
"އަހަރެންގެ ގެއްލުނު ބްރޭސްލެޓް ފެނިއްޖެ، އަހަރެން ވަރަށް ދެރަވެއްޖެ، ސޮރީ މިލާން، މިލާންގެ އެއްޗެއް އަހަރެންގެ އަތުގައި ބޭއްވުނީތީ ވަރަށް ދެރަވެއްޖެ، މިލާންއަށް މި ފެނުނީ ކޮންތާކުންތަ؟" އައިޒާ ގަދަކަމުން މިލާންގެ ނާޒުކް މުށް ހުޅުވާލާފައި އަތުގެ ތެރެއަށް ލެއްވުމުންވެސް މިލާން އޭގައި ހިފާކަށް ބޭނުމެއްނުވިއެވެ. ހަގީގަތުގައި މިހާ އަގުބޮޑު އެއްޗަކާއި އޭނައަކާއި އެކަށީގެނެއްނުވެއެވެ. މިލާންއަށް ބިއްލޫރި އެއްޗެއްސާއި ހަގީގީ ޖަވާހިރުތައް ދެނެގަނެވޭވަރު ވުމުން މިހާރު އެ ކެވެލިކޮޅަށް ބަލައިލުމާއިއެކު އޭގެ ޝާހީކަމާއި ވިދާވަރު އެނގުނެވެ. މިފަދަ އެއްޗެހި އަޅަންވާނީ ޝާހީ ކުދިންނެވެ. ޕްރިންސެސްއިންނެވެ. އޭނަ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.

"އައިޒާ އަހަރެންވެސް ފެނުނުތަނެއް އެހާ ހަނދާނެއް ނެތް، އެކަމަކު އައި ނޯ ވަން ތިންގް، މިއީ އަހަރެންގެ އަމިއްލަ އެއްޗެއް ނޫން...... ޕްލީޒް ކީޕް އިޓް... އެހެންނޫނަސް އައިޒާ މާފަށް ނޭދިބަލަ، އޭރުވެސް އައިޒާ އެއްޗެކޭ ކިޔައިގެން އަހަރެންގެ އަގު ވައްޓާލާކަށް ނޫޅޭ. އެހެންމީހުން މައްސަލަ ޖެއްސީ... އަހަރެން އެކަން ހަނދާން ނައްތައެއް ނުލާނަން، ތޭންކްސް ފޯރ އެވްރީތިން، އެކަމަކު އަހަރެންގެ ނޫން އެއްޗެއްކަން ޔަގީންވެހުރެ މި ބްރޭސްލެޓް ޔޫޒްކުރާކަށް ނުކެރޭނެ......" މިލާން އެ ކެވެލިކޮޅު ދިއްކޮށްލިއެވެ. 

"ޕްލީޒް މިލާން....." އައިޒާ ވަރަކަށް އާދޭސްކޮށްފައި އައިޒާގެ އަތުން މިލާންގެ އަތުގައި އެކެވެލިކޮޅު އަޅުވާލަދީފިއެވެ. އައިޒާ ޔަގީންކޮށް ދިންގޮތުން އެއީ އޭނަގެ އެއްޗެއްވެސް ނޫނެވެ. މިލާން ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ވީއިރު މާމަގެ އަލަމާރިން އެހާ އަގުބޮޑު އެއްޗެއް ފެންނަންވީ ކީއްވެހެއްޔެވެ؟ މާމައަށް މީހަކު ހަދިޔާކުރީބާވައެވެ. ނޫނީ މަންމައަށް ލިބުނު އެއްޗެއްކަމަށް ވެދާނެއެވެ. މަންމައަށް އެފަދަ އެއްޗެއް ހަދިޔާކުރާނީ ކާކުބާވައެވެ. ދީނާއެވެ. ޔަގީނެވެ. އެވާނީ ދީނާ ކަމަށެވެ. އެހާ މުއްސަދި އެކުވެރިއަކު މަންމަގެ ހުރި ހަނދާންވުމާއިއެކު މިލާން އެ ކެވެލިކޮޅުގައި ފިރުމާލިއެވެ. ދީނާ މަންމަގެ އުފަންދުވަހު ހަދިޔާކުރީކަން ނޭގެއެވެ. ނަމަވެސް ދީނާ އެކަން އެނގުނުކަމަކަށް ހަދައިނުލީ ގަސްތުގައި މިލާން ބޭޒާރުކޮށް އެންމެންގެ ތެރޭގައި ލަދުގަންނަވާލަން ބާވައެވެ. މިފަދަ ކަމެއް ދިމާވުމުން ހާދަ ގިނަ ސުވާލުތައް ހިތުތެރޭގައި އުފެދިއްޖެއެވެ. އޭނަގެ އަތުން މި ފެނުމުން ޖުވޭދާ އޭނަ ރޮލާ ކާކަށް ފަހެއްނުޖެހޭނެއެވެ.

ޖެހިގެން އައި ދުވަހު އެންމެން މެންދުރު ކާންތިއްބާ އައިޒާ އެ ކެވެލިކޮޅުގެ ވާހަކަފެށިއެވެ. އެ ވާހަކަ އިވުމާއިއެކު ޖުވޭދާގެ މޫނަށް ނުބައި ކުލައެއް ވެރިވެގެން ދިޔައެވެ. ނަމަވެސް އޭނަ އެކަމާއި ބެހޭގޮތުން އެއްޗެކޭ ނުބުނެ ހިމޭނުން އިނުމުން އައިޒާ ހައިރާންވިއެވެ. އެންމެނަށް މިލާންގެ ކުށެއްނެތްކަން ސާފުކޮށްދެވުނީއެވެ. ދީނާ ހައިރާންވީ މިލާންވެސް އޮޅުވައިލަން އުޅުނީތީއެވެ. މިލާން އެހާ ކަންބޮޑުވެފައި ހުރެ މިގޭތެރެއިން ފެނުނު ފަށެއްކަމަށް އެއްބަސްވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ ކޮންމެ މީހެއްގެ ހިތުގައި އެތައް ސުވާލު މާކްތަކެއް ޖެހުނެވެ.

"ވީއިރު މިއީ މިސްޓީރިއަސް ފަށެއްތާ...މިލާން އާއި އިރާއާއި ދެކުދިން ކޮބާތަ؟ " ދީނާ ހިނިގަނޑެއް ޖަހާލައިފިއެވެ. 

"ލަވަ ބާޒީ ކުޅެން ތިބި. ދެކުދިންވެސް ޓޭލަރ ސްވިފްޓްއަކަށް ވުރެ ދެރައެއް ނޫން.. އަދިވެސް މިލާން ލަވަކިޔައިލެއް ހަނދާންވީމަ ގައިން ހީބިހި ހަލުވައިލާ..ޝީ ވޯޒް ގްރޭޓް، އެމެރިކާ ކަހަލަ ތަނެއްގައި އުޅެ ބޮޑުވިނަމަ އިންޓަރނޭޝަނަލް ލަވަ ކިޔުންތެރިއަކަށް ވާނެކަން ޔަގީން......" އައިޒާ ވާހަކަދެއްކިއިރު ނަހުޔާން އިނީ ލޯބިން ފުރިގެންވާ ނަޒަރަކުން އައިޒާގެ މޫނަށް ބަލާށެވެ. ނަހުޔާން އާއި އައިޒާގެ ދެމެދުގައިވާ ލޯތްބާއި އެކަކު އަނެކަކަށް އަޅާލާވަރު އެވަރލޭންޑްގައި ތިބި އެންމެނަށް ފާހަގަކުރެވޭހާ މިހާރުވެއެވެ. ދާނިޔަލް އޭރު އިނީ އުލާއި ސަމުސަލާއި ކުޅެލަ ކުޅެލައެވެ. މިފަހަކަށް އައިސް އޭނަގެ ސަމާސާ މިޒާޖު މުޅިން ބަދަލުވެ ހަރުދަނާކަމާއި ސީރިޔަސްކަން ފެންނަން ހުރެއެވެ. ޒުވާންވަމުންދާ ވަރަކަށް އޭނަގެ ސިފަތައް ފިރިހެންވަންތަ ވަނީކަން ނޭގެއެވެ. ދާނިޔަލް އެހެން އިންއިރުވެސް ވިސްނަނީ މިލާންއާއި ދޭތެރޭގައިކަން ޔަގީންވެ ޖުވޭދާގެ މޫނު ކުރިއަށް ވުރެ ބަނަވެލައިފިއެވެ.

ކެއުން ނިމިގެން އެންމެނަށްވުރެ ކުރިން ޖުވޭދާ ނިކުމެގެން ގޮސް އިރާމެން ތިބި ކޮޓަރިއަށް ވަންއިރު އެކޮޓަރިތެރެއަށް އިރުގެ އަލިކަން ފެތުރިފައިވެއެވެ. އިރާ މާބްލް ތަޅުންމަތީގައި ފާރުގައި ބުރަކަށިޖައްސާލައިގެން އޭނަ ގެންގުޅޭ ޓެޑީބެއަރ ގައި ބައްދާލައިގެން އިންއިރު އަނދިރިކުއްޖެއްހެނެއް ހިޔެއްނުވެއެވެ. ވަރަކަށް ހިނިއައިސްފައި އިންއިރު މާ ވަރެއްގެ އުފަލެއް ލިބިފައިވާހެން ހީވެއެވެ. މިލާން ޖުވޭދާއަށް ފުރަގަސްދީގެން އިދެ ލަވައެއް ކިޔާލާއަޑުއިވިފައި އަރައިގަތް ރުޅީގައި ގޮސް ކަރުގައި ހިފާފައި މަރާލަން ބޭނުންވިއެވެ. އިރާއަށް އެކައްޗެއްވެސް ފެންނާނީއެއް ނޫނެވެ. ނުބައި ނުލަފާކުއްޖެކެވެ. އޭނަގެ މައުސޫމް ދަރިފުޅުގެ ދިރިއުޅުމަށް ހެރިފައިވާ ކަށްޓަކަށްވާއިރުގައިވެސް އެކުއްޖާއަކަށް ރޭކާލަނީއެއް ނޫނެވެ. އެއިންނަނީ ކުޑަކުއްޖެއްފަދައިން ހެވި ދިއްލިފައެވެ. އިރާ ކިހާ މޮޔަހެއްޔެވެ؟ ހެޔޮއެދޭ އެކުވެރިއެއްގެ މަގާމު ދީގެން ގާތްކޮށްލައިގެން އުޅެނީ ދުޝްމަނެކެވެ. އެވާހަކަ ގޮވައިލަން ހިތަށް އަރާފައި ޖުވޭދާ ކެތްތެރިވެލިއެވެ. އަޑުގަދަކޮށްގެން މޮޅެއް ނުލިބޭނެއެވެ. ބާކީ އޮތީ ކުޑަދުވަސްކޮޅެކެވެ. މިލާން މީހަކާއި ދެވާފައި އެމީހުންގެ މަގުން އެއްފަރާތްކޮށްލާނީއެވެ. 

މިލާންއާއި އިރާ އެހާ ވައްތަރު ނޫންކަން ޖުވޭދާއަށް އެވަގުތު ޔަގީންވިއެވެ. ދެކުދިންގެ އެއްގޮތް ސިފަތަކަކީ ލޫޅާފަތިކަމާއި، ދެކުދިންވެސް އިންތިހާއަށް ދޮންކަމުންނެވެ. ނަމަވެސް ކުލަވެސް އެއްގޮތެއް ނޫނެވެ. ދެކުދިންގެ ވަނީ ރީދޫ އަދި ފިޔާތޮށި ދޮންކުލައެވެ. ސިފައިގާ އެއްގޮތްކަމެއް ހުރެފައި ދެކުދިންނަށް އެއް ހުނަރެއްލިބިފައިވެއެވެ. އެއީ ލަވަކިޔުމުގެ ހުނަރެވެ. އޭނަ ހީކުރިގޮތަކަށް މިލާންއަކީ އަރީޝްގެ ދަރިއަކަށް ނުވިއެވެ. އަރީޝްއަކީ ޒުވާން އިރު ދާނިޔަލް ފަދައިން ޕްލޭބޯއިއެއްހެން އުޅުނު މީހަކަށްވާތީ އެންމެ ފުރަތަމަ މިލާން ފެނުނީމަ އެއީ އަރީޝްގެ ދަރިއަކަށް ވެދާނެކަމަށް ޖުވޭދާ ހީކުރިއެވެ. ނަމަވެސް މިހާރު އެހެން ނޫންކަން ޔަގީންކުރެވިއްޖެއެވެ.

މިލާން ހަވީރު ނިދިފައި ހޭލެވުނުއިރު ކޮޓަރިތެރެ ވަރަށް ފިންޏެވެ. މުޅި ހަށިގަނޑު ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ބޮލަށް އެނބުރުން އަރާފައިވެއެވެ. އާއްމުކޮށް ދުވާލު ނުނިދާތީ ވީގޮތެއްކަން ނޭގެއެވެ. އެހެންނޫނަސް ދާނިޔަލް ފުރަން ކާރިވާތީ މިހާރުއްސުރެ ވަކިވާތީ ހިތް އެކަމާއި ރޮނީއެވެ. އިންތިހާއަށް ހިތް ބޭނުންވާ ފަރާތަކާއި ވަކިވާން ޖެހުމުން މުޅި ހަށިގަނޑަށް އެކަމުގެ އަސަރުކޮށްފައިވެއެވެ. ރޭގަނޑު ނިދެނީއެއްނޫނެވެ. ރަގަޅަށް ކެވޭކަމަކަށްނުވެއެވެ. ދާނިޔަލް އެވަރަށް ވިސްނައި ނުދޭނަމަ އޭނަ މަރުވެއްޖައީސްކަން ނޭގެއެވެ. ވަކިވުމަކީ ހިތަށް ތަދުކުރުވާ ދުޝްމަނެކެވެ. މިލާން ހަށިގަނޑުން ހެދުންތައް ވަކިކޮށްލާފައި އަވަހަށް ބާތްރޫމަށްވަދެ ފެންވަރާލަން ޝަވަރު ދަށުގައި ހުއްޓުނެވެ.

"އަހަރެން ބޭނުންވެގެން ޑެނީ އަހަންނާއި ވަކިވެގެން އެދަނީ، އެކަމަކު އަހަންނަށް މިވަނީ ކިހިނެއްތަ؟ މިވަރަށް ހިތަށް ތަދުވަނީ ކީއްވެތަ؟ ޑެނީ ފުރުމަށްފަހު ކޮންމެ ދުވަހަކު ރޮއި ރޮއި ހަލާކުވާނެކަން ޔަގީން، ޑެނީ ބުނާނެ އުފަލުގައި ހުންނާށޭ، އިންތިޒާރުކުރާށޭ، އަހަރެން މިހިރީ ގަރުނެއްވިޔަސް އިންތިޒާރުގައި ހުންނަން، އަހަރެން ޑީޕްކޮށް ތިންކްކުރުމުން އެނގޭ އަހަރެން މިކުރަނީ ރަގަޅުކަމެއްނޫންކަން، މިހެން ވެގެން ނުވާނެކަން، އިރާގެ ފިރިމީހާދެކެ ލޯބިވުމަކީ ކުށެއްކަން، އެކަމަކު އަހަރެން ކިހިނެއް ހިތަށް ބާރު ފޯރުވާނީ، އަހަރެން ބޭނުން ޑެނީގެ މަތިން ހަނދާން ނައްތާލަން، ޑެނީއާއި އިރާ ގުޅިގެން އުޅެންވީ، ނަމަވެސް އަހަރެން ޑެނީއާއި ނުލައި އުޅޭނެގޮތެއް ބުނެދީބަލަ، އައި ލަވް ޔޫ ސޯ މަޗް ޑެނީ...އިޓް ހާރޓްސް އެލޮޓް، ހީވަނީ ހިތުގެ ކޮންމެ ވިންދެއްގައި ޑެނީގެ ނަން ވާހެން.....ނަމަވެސް އަހަރެން މިއަދު ގޮތެއް ނިންމައިފިން، ޑިގްރީ ހަދަން ސްކޯލަރޝިޕް ލިބިއްޖެއްޔާ އަހަރެން އަބަދުގެ އަބަދަށްޓަކައި ދުރަށް ހިނގައިދާނަން....އަހަންނާއިމެދު ތަގުދީރުގައި ލިޔުއްވާފައިވާ ގޮތެއް ނޭގޭ، މަންމައާއި މާމަ ނިޔާވެ ބައްޕައަކީ ކާކުކަމެއް ނޭގި ހުރި އެކަނިވެރިއަކަށްވީއިރުވެސް އަދި މިވީހާތަނަށް ހިތްވަރުކޮށްލައިގެން އުޅެވިއްޖެ، ލޯބިވެވުނީ މީހެއްގެ ހައްގެއްދެކެ....ދިސް އިޒް ސޯ ރޯންގް...." މިލާން ތަފާތު ޚިޔާލުތަކެއްގައި ހުރެ ފެންވަރާ ނިމިގެން ކުޑަކޮށް ތައްޔާރުވެލައިގެން ބޭރަށް ނުކުތެވެ. އޭރު ކޮރިޑޯގައި ބޮކިތައް ނުދިއްލާ ހުރުމުން އަނދިރިކަން ވެރިވެފައި އޮތަސް ވައިރޯޅިތައް ޖެހެމުން ދިޔައެވެ. މީރުވަހެއް ހިފާލާފައިވުމުން ސިކުނޑި ތާޒާވާހާވެއެވެ. ވަން މިލިއަންގެ މީރުވަސް ބާވައެވެ. ދާނިޔަލް ހުރީ ރެއިލިންގައި އަތް އަޅުވާލައިގެންނެވެ. މިލާން ފަހަތުންގޮސް އެ ރީތި ހަށިގަނޑުގައި ބައްދާލައިފިއެވެ.

"ޑެނީ، މާދަން މިއީ އަހަރެމެން ވަކިވާ ދުވަސް، ދެރަވެގެންގޮސް ހިތް ހަލާކުވަނީ، މިއަށް ވުރެ މާރަގަޅުވާނެ މަރުވިޔަސް، ޑެނީގެ ގާތުގައި އަހަރެން ބޭނުން ވާހަކައެއް ބުނެލަން....." މިލާން މަޑުމަޑުން ވާހަކަދައްކަން ފެށުމުން ދާނިޔަލް އެނބުރި ބަލާލައިފިއެވެ. 

ކޮމެންޓް 0