ދެވަނަ ސިކުންތު ކޮޅުގައި ދާނިޔަލް ކޮންމެވެސް އެއްޗެއް ވިސްނާލާފައި އެމޫނުގައި އަތް ބީއްސާލާފައި ތިރިކޮށްލިގޮތަށް ލައިގެން ހުރި ސޯޓުގެ ޖީބަށް ދެއަތް ޖަހާލައިފިއެވެ.

"މިލާން، އަހަރެން މިއަދު މިލާން އާއި ބައްދަލު ކުރީ ވާހަކައެއް ބުނެލަން، އަހަންނަށް ފަސޭހަކަމެއްނޫން މިއީ، ހަޔާތުގައި ނަގަން އެންމެ އުދަގޫވި ޑިޒިޝަން، އަހަރެންގެ ވައިފް ޕްރެގްވީމަ މިހާރު އަހަންނަށް މިގުޅުން އިތުރަށް ކުރިއަށް ގެންދެވޭކަށް ނެތް، މިލާން ބުނިހެން އަހަރެމެން ޖެހޭނީ ވަކިވާން، މިލާންއަށް އަންޑަސްޓޭންޑް ވާނެކަމަށް ހީކުރަން، ކޮންމެވެސް ދުވަހަކުން ފަހަރެއްގައި ގޯޑް ވިލިން އަހަރެމެންނަށް ވެސް ދުވަހެއް އައިސްދާނެ ދޯ....." ދާނިޔަލް ހުރީ މިލާންގެ މޫނަށް ބަލައިލަން އުދަގޫވެފައެވެ.
"ވީއިރު ޑެނީ ތިއައީ ގުޑް ބައި ކިޔަން ދޯ......" މިލާން ގަދަކަމުން ހިނިތުންވެލިއެވެ.

"އައިމް ސޮރީ ބޭބީ... އަހަރެން ފުރަތަމަ ދުވަހުވެސް ނުޖެހޭނެކަން ނޭގޭ މިލާން ގެ ދިރިއުޅުމަށް ވަންނާކަށް، އެކަމަކު އެކުށްވެސް ކުރެވުނީ..." ދާނިޔަލް މާފަށް އެދެމުން މިލާން އާއި ދިމާލަށް އެނބުރުނު އިރު ތުންފަތްމަތީގައިވި ހިތާމަވެރި ހިނިތުންވުމަކީވެސް ހިތް ގެނބިގެންދާފަދަ ހިނިތުންވުމެކެވެ. އޭނަ ވަރަށް ކެތްކުރާކަހަލައެވެ. ދުނިޔެއިން އެންމެ ބޭނުންވާ އަންހެންކުއްޖާ އާއި ވަކިވުމަކީ ދާނިޔަލްއަށް މާ ފަސޭހަކަމެއް ނޫނެވެ. މިލާން ހުރީ އެ ރީތި ދެލޮލުގެ ތެރެއަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. މިހާ ރީތި ފުރިހަމަ ފިރިހެނެއް ދުނިޔޭގައި އުޅޭނެ ކަމަކަށް މިލާން ގަބޫލެއްނުކުރެއެވެ. ފިރިހެންވަންތަ ކަމުގެ ނަމޫނާ އެކެވެ. ނަމަވެސް މީހެއްގެ ހައްގެކެވެ.

"ޑެނީ، ސޮރީ އޭ ނުބުނޭ، އަހަރެން ވަރަށް އުފާވެއްޖެ ޑެނީއަށް ހެޔޮ ވިސްނުން ދެއްވީމަ، ކުޑަދުވަސް ކޮޅަކަށް ނަމަވެސް އަހަރެންގެ އެކަނިވެރި ހަޔާތަށް އައީތީ ތޭންކްސް، އެ މެމަރީސްތަކުގެ އެހީގައި ބާކީ އޮތް ދުވަސްތައް ހޭދަކޮށްލެވިދާނެ، ރިމެމްބަރ މީ ސަމްޓައިމްސް، އަބަދުގެ އަބަދަށް އަހަރެން ލޯބިވާނީ އެކަނި ޑެނީދެކެ، ނަމަވެސް އަހަރެންގެ ލޯތްބަކީ އެހާ އަމިއްލަ އެދުންބޮޑު އެއްޗެއް ނޫން، މިވަރަށް ލޯބިވާއިރުވެސް އަހަރެން ނިންމާފައި ވަނީ ޑެނީއާއި ދުރަށް ދާން، ޑެނީ، އަހަންނަށް ކަމެއްކޮށްދެންޏާ އަހަރެން ދެކެ ވާ ލޯބި އިރާ ދެކެ ވެދީ، އޭރުން އިރާދަކުރެއްވިއްޔާ ޑެނީއަށް ހެޕިނެސް ލިބޭނެ..... ޕްލީޒް ޑެނީ ޕްރޮމިސް މީ....." މިލާން ގެ ނާޒުކް އަތްތިލަ ދާނިޔަލް އާއި ދިމާލަށް ދިއްކޮށްލި އިރު އެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅާތަން ފެނެއެވެ.

"ނުރޮއި ...." ދާނިޔަލް ގެ ގާތުގައި އެއިން ކޮންމެ މުތީއެއްގެ އަގު ކިތަންމެހާވެސް ބޮޑެވެ. އެލޮލުން އެންމެ ކަރުނަތިއްކެއް އައުމަކީ ދާނިޔަލްގެ ހިތަށް ކުޅަދާނަވާވަރުގެ ކަމެއްނޫނެވެ. ދާނިޔަލް މިލާންގެ އަތުގައި ހިފާ ފިތާލުމަށްފަހު ވައުދުތަކެއްވިއެވެ. ދާނިޔަލް އެދުނީ އޭނައަށްޓަކައި މިލާންވެސް އުފަލުގައި ހުރެ ދިނުމަށެވެ. ނުރުއިމަށެވެ. ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވައްޓާނުލަން ވައުދުކުރުވިއެވެ. ދެޒުވާނުން އެކި ވާހަކަތައް ދައްކަމުން ދިޔައިރު މިއީ އެންމެ ފަހުގެ ބައްދަލުވުންކަން މިލާންއަށް އެނގި ދާނިޔަލްގެ ފިރިހެންވަންތަ އަޑުން ދެއްކި ކޮންމެ ވާހަކައެއް ޝައުގުވެރި ކަމާއިއެކު އަޑުއެހިއެވެ. އެ ރީތި އަޑުން ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއްވެސް ލިބުނެވެ. އެންމެ ފަހުން މިލާން ރޯންފެށުމުން ދާނިޔަލް އަކަށްވެސް ކަރުނަތައް ނުހިފެހެއްޓުނެވެ.

ކުދި ރިބަން ރާޅުތައް މިލާންގެ ދޮން ފައިތިލައިގާ ބޮސްދީފައި ވެލިގަނޑުގައި ފިރުކިލާފައި އަންނަމުން ދިޔައީ މެދުކެނޑުމެއްނެތިއެވެ. ދުރުދުރުން ދޫންޏެއްގެ ލަވަޖެހުމުގެ އަޑު ފަޒާގެ ހިމޭންކަން ފުނޑުފުނޑުކޮށްލިއެވެ. ރަތްވިލާގެ އަސަރުތައް އުދަރެހުން ކެނޑި މިހާރު ކަޅު އަނދިރިކަން މާހައުލުގައި ގަދަކޮށްލައިފި އެވެ. އޭރުވެސް ދާނިޔަލް އާއި މިލާން ހިމޭނުން ދެތާ ތިބެގެން ކަރުނަ އޮއްސަނީ އެވެ. ވަކިވާކަށް ހިތް އެއްގޮތަކަށްވެސް ނޭގެއެވެ. ދެ ޒުވާނުންވެސް ހިތާއި ދެކޮޅަށް މަސައްކަތް ކުރާއިރު ހިތް ހަލާކުވެ ނިމިގެންގޮސްދާހެން ހީވިއެވެ. 

"އިރާ ޕްރެގްނުވިނަމަ....." ދާނިޔަލް އެވަގުތުވެސް އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ.
"ޑެނީ، ލެޓްސް ގޯ ބެކް.... ނަމާދު ގަޑި ފާއިތުވެދާނެ...." މިލާން ދެލޯ ފޮހެލާފައި ކުރީގައި ހުރެގެން ދާން ހިނގައިގަތެވެ. ދާނިޔަލް ހުރީ ދާހިތަކުންނޫނެވެ. މިލާން އާއި އެކީގައި އަދިވެސް ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވިއެވެ. އެދޭތެރޭގައި ފުރަތަމަ ދުވަހުން ފެށިގެން ނޭގޭފަދަ ބާރެއް ވިއެވެ. ދަގަތްފާނަށް ދަގަނޑު ދަމާފަދައިން ދާނިޔަލް މިލާންގެ ފަހަތުން އުޅުނެވެ. އެ ލޯބި ލިބިދާނެކަމުގެ ޔަގީންކަން ލިބުނު ދުވަހެއްވެސް އައެވެ. ނަމަވެސް މިހާރު މިއޮތީ ދެމީހުން ދެ މަންޒިލަށް ދަތުރުކުރާ ހިސާބަށް އާދެވިފައެވެ. އެހާބޮޑަށް ދެރަވަނީ އެހާ ކާރިއަށް އައިސްފައި ނުލިބުނީމައެވެ.

ދާނިޔަލް އާއި މިލާން އެކީގައި ގޮސް ލޯންޗަށް އެރިއިރުވެސް ދެ ލޯބިވެރިން ތިބީ ހިމޭނުންނެވެ. ލޯންޗުގެ ޑްރައިވަރަށް ދާނިޔަލްއަކީ ކާކުކަން އެނގުނަސް މިލާންއަކީ އެގޮތަށް އާއިލީ ދަތުރުތަކުން ފެންނަ ކުއްޖެއްކަމަށް ނުވާތީ އޭނަ ވަރަށް ސިއްރުން މިލާންއަށް ބެލިއެވެ. ދާނިޔަލް ފަދަ މުއްސަނދި ޒުވާނުންގެ އަނބިން ތިއްބަސް މިގޮތަށް ލޯބިވެރިން ގެންގުޅޭނެ ކަމާއި އޭނަ ހުންނަން ޖެހޭނީ އެ މަންޒަރުތައް ނުފެންނަކަމަށް ހަދައިގެން ކަން އެނގޭތީ ހުރިހާ އެންމެން އޭނައަށް އިތުބާރު ކުރެއެވެ. މާލެ ފޭބުމަށްފަހު ދެމީހުން ހިނގާފައި ދިޔައީ ތަންކޮޅެއް ދުރުގައި ތިބެގެންނެވެ.

މަލީކް އެދިލައްވައިގެން ދަތުރު ފަސްކުރެވުނު ކަމާއިމެދު ދާނިޔަލް ހިތާމަކުރިއެވެ. ދުވަހަކު މާލެއަށް ނާދެވުނު ނަމައޭ ހިތަށް އެރިއެވެ. އޭނަ ދަތުރު އަވަސްކުރަންވެގެން ޓިކެޓް ގަތުމަށްފަހު ފުރުމުގެ ތައްޔާރީތައް ކުރަމުން ދިޔައީ ހިތާހިތުން ކަރުނަ އޮއްސަމުންނެވެ. ނަމަވެސް ދާނިޔަލް އެކަމެއް އެހެން މީހަކަށް ނުދައްކައެވެ. އެންމެނަށް ފެންނަނީ އުފާވެރި ރީތި މޫނެކެވެ. މިދުވަސްކޮޅު ދާނިޔަލް އާއި އޭނަގެ މަންމަގެ ގުޅުންވަނީ ދުވަހަކު ނުވާހާ ރަނގަޅުވެފައެވެ. ދާނިޔަލް ބޭރުން އަންނައިރު ބައެއްފަހަރު މަންމައަށް ޗޮކްލެޓެއް ނޫނީ މާތަކެއް ގެނެސް ހަދިޔާކުރާނެއެވެ. ދީނާވެސް ދަރިފުޅަށް ޓަކައި ފިދާވަނީއެވެ. މަންމަގެ ލޯބިން މަހުރޫމްވެފައި އެތައް ޒަމާނެއްވުމަށްފަހު އެފަދަ ލޯތްބަކަށް ނޭދޭނީ ކާކުހެއްޔެވެ؟ ބައެއްފަހަރު ދީނާ އާއި ދާނިޔަލް އެކަނި ރާޒުވާ ނޫނީ ޓެނިސްފަދަ ކުޅިވަރެއް ކުޅެން ހީހީފައި ތިބޭ މަންޒަރު ފެނުމުން މަލީކްގެ ހިތަށްވެސް ފިނިކަމެއް ލިބެއެވެ.

ދާނިޔަލް ދާނިޔަލް ހުޅުވިފައިވާ ދޮރުން ކުޑަކޮށް އެތެރެއަށް ބަލާލިއިރު އޭނަގެ މަންމަ ބައްޕަގެ ގައިގާ ބައްދައިގަނެގެން ރޯތަން ފެނުމުން ދާނިޔަލް ގެ ފިޔަވަޅުތައް ގަނޑުވިއެވެ.

"މި ފޮޓޯތައް ފެނުނީމަ އަހަރެންގެ ހިތް ހަލާކުވެއްޖެ، ޕުއަރ ޑެނީ އަހަރެންގެ ކުޑަ ދަރިފުޅު... އަހަރެންހާ ހިތް ހަރު މަންމައެއް ދުނިޔޭގައި ހުންނާނެތަ؟ ލިއޯންވެސް........ އެހާ އިނޮސެންޓް ބަލިކުއްޖަކު ދުނިޔެ ދޫކުރީ އަހަރެންގެ ސަބަބުން..... އައި ޑިޒާވް ޓު ބީ ޕަނިޝްޑް....." ދީނާ ގެ އެ ޖުމްލަ އާއި އެކު ދާނިޔަލް ފަހަތަށް ޖެހި އަވަހަށް ނިވާވެލައިފި އެވެ. ދާނިޔަލްގެ ހިތުގައި އެތައް ސުވާލު މާކްތަކެއް ޖެހުނެވެ. މަންމަ އެބުނީ އޭނަ ތުއްތުއިރު ދޫކޮށްލާފައި ދިޔައީމަ އެވާހަކަކަން ޔަގީނެވެ. ލިއޯން މަރުވީ ހެއްޔެވެ؟ ސަބަބަކީ ކޮބާހެއްޔެވެ؟ މަންމަ އެމީހުން ދޫކޮށްލާފައި ދިޔައީ ކޮންފަދަ ކަމެއް ދިމާވީމަ ހެއްޔެވެ؟

ދާނިޔަލް ހައިރާންވަނީ ޖާސޫސެއް ފަދައިން އޭނައަށް އެފަދަ ކޮންމެ ސިއްރުވެރި ވާހަކައެއް ދެކެވޭ ތަނަކަށް ކޮންމެވެސް ގޮތަކަށް އާދެވޭތީއެވެ. އަޑުނާހަން ޖެހޭފަދަ ވާހަކައެއް ނީވުނުކަން ރަނގަޅެވެ. ދެމަފިރިން މާ އިޝްގީ ވާހަކައެއް ދެއްކިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ލަދުގަންނާނީ ދާނިޔަލް ކަން ނޭގެއެވެ. ދާނިޔަލް އިސްތަށިގަނޑުގައި އަތް ހިންގާލާފައި ކޮރިޑޯއިން ހިނގާލާފައި ދިޔައިރު މިލާންގެ ކޮޓަރި އާއި ދިމާލަށް ބަލައިލެވުނެވެ. ދަގަތްފާނު ދަނގަޑަށް ދަމާ އުސޫލުން ދަމައިގަތަސް އޭނަ ކެތްތެރިކަން އިސްކޮށްލައިގެން ހުރެ ކުރިއަށް ދިޔައެވެ. އެރޭ ދާނިޔަލް އާއި އޭނަގެ ބައްޕަ އެކަނިވީމަ ލިއޯން މަރުވި ގޮތަކާއި މެދު ދާނިޔަލް ސުވާލުކޮށްލައިފި އެވެ. އޭރު މަލީކް ބައްޕަ އިންނެވީ ބެލްކަނީގެ ސޯފާއެއްގައި ނޫސް ކިޔުއްވާށެވެ.

"ހެޑް އިންޖަރީ...." މަލީކް ގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ.
"އެކްސިޑެންޓެއްވީތަ؟ " ދާނިޔަލް އިތުރަށް އޮޅުން ފިލުވައިލަން ބޭނުންވިއެވެ.
"ހޫމް ދަރިފުޅާ، ތި ސިޑިބަރި މަތިން ވެއްޓިފައި...." މަލީކް ދާނިޔަލް އާއި ދިމާލަށް ނުބައްލަވަން މަސައްކަތް ކުރައްވާކަން އެނގުނެވެ. ދަރިއެއްގެ މަރުގެ ސަބަބުން މަންމަ ނޫނީ ބައްޕަ އަކަށް ކުރާނެ އަސަރު އިހުސާސް ވާނީ އެކަން ތަޖުރިބާކުރި މީހެކެވެ. ދާނިޔަލް އެހެން ހީކޮށްފައި އިތުރަށް ވާހަކަ ނުދައްކާ އެހެން މައުޟޫއަކަށް ވާހަކަ ގެންދިޔަ ނަމަވެސް ބައްޕަ ޝައުގުވެރިވިހެން ހިޔެއްނުވެއެވެ. ހީވަނީ މަނާ ސުވާލެއް އޭނަ ކޮށްގެން އުޅޭހެންނެވެ. އެހެންނޫނަސް ލިއޯންގެ މަރާއި މަންމަ އާއި ގުޅުމެއް ހުރިކަން ދާނިޔަލްއަށް ވަނީ ޔަގީންކުރެވިފައެވެ. މަންމަގެ ގާތުގައި ހުއްޓާ ސަކަރާތެއް ޖަހަމުން ގޮސް ލިއޯން ވެއްޓުނީކަން ޔަގީނެވެ. އެހެންވެ މަންމަ އަމިއްލަ ނަފުސް ކުށްވެރި ކުރީއެވެ. އެކަމަކު ހާދިސާތައް ހިގާނީ ދަރިން ބަލާމީހުންގެ އަތުންނެވެ. ނޫނެކެވެ. އެހެން ވެގެން ނުވާނެއެވެ. މެއިޑެއްގެ އަތުން އެފަދަ ހާދިސާއެއް ހިގައްޖެއްޔާ އެކަން ގަބޫލުކުރެވޭނެ ހެއްޔެވެ؟ ބުނެވޭނީ ފަރުވާކުޑަކަމުން ރަނގަޅަށް ނުބަލާތީ ކަމަށެވެ. ސިޔާސަ ކުއްޖަކު ގޭތެރޭގައި އުޅޭއިރު ސިޑި ކާރީގައި ދޫކޮށްލެވިގެން ނުވާނެއެވެ. ދާނިޔަލް ގެ ސިކުނޑިއަށް ފެންނަން ފެށީ އޭނަގެ ލިބެން އުޅޭ ދަރިފުޅެވެ. ދަރިފުޅު ހުންނާނެ ސިފައެވެ. އޭނަގެ ދަރިފުޅުވެސް ބަލަން ޖެހޭނީ މެއިޑެކެވެ. އިރާގެ ލޮލަށް ފެނުން މުހިއްމު ވަރު އިހުސާސް ކުރެވި ދާނިޔަލްގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް ދަތުރުކޮށްލިއެވެ.

އާއަހަރު ފެށުން ފާހަގަކުރަން އާއިލާގެ އެންމެން ރިޒޯޓަށް ދިޔުމުން މިލާން އެވަރލޭންޑްގައި އެކަނިވެރިވިއެވެ. ގޭގައި އެކަކު ނޫޅޭތީ ކަންބޮޑުވެފައި ހުރެވެސް އޭނަ ޕޫލްކުޅޭރޫމަށްވަދެ އެކަނިމާ އެކަނި ހުރެ ކުޅެންފެށީ ހިތުގައިވާ ހިތާމަތައް ފޮރުވާށެވެ. މިފަދަ ޚާއްސަ ރެއްގައި ގާތުގައި ވާނެ ލޯބިވެރިޔަކު ނެތެވެ. ދާނިޔަލް އާއި އޭނަގެ ގުޅުންވަނީ މުޅިންހެން ކެނޑިފައެވެ. އޭނަހާ ބަދުނަސީބު އަންހެންކުއްޖަކު މިއޮތް ބޮޑު ކައުނުގައިވާނެކަމެއް ނޭގެއެވެ. އޭނަ ހާދަ އެކަނިވެރި ވެއްޖެއެވެ. ހަޔާތަށް މިއައީ ބުނަންނޭގޭފަދަ ފަޅުކަމެކެވެ. ހިތާމައިގެ ތެރެއަށް ހަޔާތް ގެނބިއްޖެއެވެ. ހިތަށް ބުނަން ނޭގޭފަދަ އަސަރުތަކެއް ކުރުވަން ފެށުމުން މިލާން ތުންފަތުގައި ބާރަށް ދަތްއަޅައިލުމުން ތުންފަތުން ލޭ ނައީ ކިރިޔާއެވެ. މިލާން ތަންކޮޅެއް ބާރަށް ބޯޅަތަކުގައި ޖަހާލާފައި ހިންދެމިލި ތަނުން ރިވާން އަންނަތަން ފެނުމުން ހަރަކާތެއްކުރަން ނޭގި ބަލަހައްޓައިގެން ހުރެވުނެވެ. ރިވާންގެ ފެހިދެލޮލުގެ ރީތިކަން ފުރަތަމަ ފަހަރަށް ފާހަގަ ކުރެވުނީ އެވަގުތު ކޮޅުގައެވެ. ރީތިކަމުގެ އިންތިހާއެވެ. އެތަނުގައިވާ ފަނޑު އަލީގެ ތެރެއިން އެ ފިރިހެންވަންތަ ޒުވާނާ ފެންނައިރު ދުނިޔެމަތީގެ ކަމެއްހެން ހިޔެއްނުވެއެވެ. ކަޅުފެހިކުލައިގެ ޓީޝާޓާއި ޖިންސެއްލައިގެން ހުރިއިރު އެލޮލާއި ކުލަ ގުޅުވާލާފައި ހުރުމުން ވަކިން އަޅައިގަންނަ ގޮތެއް ހުއްޓެވެ.

"މިލާން އެކަނިތަ؟ ކޮބާ އެހެން މީހުން..." ރިވާންގެ މޫނުމަތީގައި މާތްކަމެއްވެއެވެ. ތުންފަތްމަތީގައިވާ ފަނޑު ހިނިތުންވުން އެ ރީތިކަން ވަކިން އިތުރުކުރުވާހެން ހީވެއެވެ. ރިވާން ފެންނަ ކޮންމެ ފަހަރަކު އުފާވެރި އިންސާނެއްކަމަށް މިލާންއަށް މިފަހުން ހީކުރެވެއެވެ. އުފާވެރި ކަމާއި އަމިއްލަ ނަފުސަށް އިތުބާރު ކުރާފަދަ ގޮތެއްހުރެއެވެ. އަބަދާ އަބަދު ހިނިތުންވުމެއް ތުންފަތުގައިވެއެވެ. އާދައިގެ ދިވެހިންނަށް ވުރެ ދިގުވެފައި ބިޔަކޮށް ހުންނަނީ އޭނައަކީ ބޭރުކުއްޖަކަށްވީމަކަން ނޭގެއެވެ. ރިވާންގެ ބައްޕައަކީ ކާކުކަމެއް މިލާން ނުދަނެއެވެ.

"ރި..ރިޒޯޓަށް...." މިލާން ކުޑަކޮށް އަޅައިގަންނަ ގޮތްވިއެވެ.

"މިލާން ނުދިޔައީ ކީއްވެތަ؟ "ރިވާން ގެ އަޑުގައި ވަނީ ޖާދުވީގޮތެކެވެ. އެފެހިދެލޮލުން އަންހެންކުދިންގެ ހިތަށް ސިހުރުހަދާލާނެކަން ޔަގީނެވެ. އަބަދުވެސް ދާނިޔަލް އާއި ރިވާން ވައްތަރު ގޮތެއް ހުންނަކަން މިލާންއަށް އެނގެއެވެ. ދެމީހުން ފަހަތުން ފެންނައިރު އަދި ވަކިން މީހަކަށް އޮޅޭނެއެވެ.

"އަޅުގަނޑަކަށް.. އިންވައިޓެއް ނުކުރޭ...." މިލާން ހުރީ ކަންބޮޑުވެފައެވެ. ރިވާން އަދި އެހެން ފިރިހެންކުއްޖަކާއި ވާހަކަދެއްކުމުންވެސް ބޭވަފާތެރިވެވޭކަމަށް ހީކުރެވެނީއެވެ. އޭނަ ބޭނުމީ އަބަދު ހުސްހަށިބައިކޮށް ހުރުމެވެ. މަރުވާންދެން ދާނިޔަލްގެ މީހެއްގެ ގޮތުގައި ހުރުމަށެވެ. މަރުވާނީވެސް އެގޮތުގައި ހުރެކަމަށް އަމިއްލަ ނަފުސަށް ވައުދުވިއެވެ. އެހެން ޒުވާނަކަށް އެއްގޮތަކަށްވެސް އޭނަގެ ހިތުން ކުޑަ މަގާމެއްވެސް ދެވިގެން ނުވާނެއެވެ. ނަމަވެސް ސުދާ ބުނާހެން މި އާއިލާގައި އުޅެނީ ޖިންނި ދުނިޔޭގެ ކަމެއްހެން ހީވާފަދަ ރީތި ޒުވާނުންނެވެ. ޓްވައިލައިޓް، ވެމްޕަޔަރ ޑައިރީސްފަދަ ވާހަކަތަކުގައި ސިފަކޮށްދީފައިވާ ރީތި ވެމްޕަޔަރުން ފަދައިން އާދަޔާ ޚިލާފު ރީތިކަމެއް ދެއްވާފައިވާ ބަޔެކެވެ. ކުރިމަތިން ރަނގަޅަށް ފެނުމުން ވަކިންބޮޑަށް އެކަން ފާހަގަކުރެވުނެވެ. ރިވާން ތަންކޮޅެއް ކާރިވެލުމުން އަދި ދުވަންފެށީ އެހާ މީރުވަހެކެވެ. ދާނިޔަލް ބޭނުންކުރާ ޒާތުގެ ސެންޓެއްނޫނެވެ. ތަފާތު މީރުވަހެކެވެ.

"ވީމަ އަހަރެމެން ދެމީހުން މިރޭ ސެލެބްރޭޓް ކޮށްލަން ހިނގާ، އަހަންނަށްވެސް ވީގޮތަކީ މިރޭ ޑިއުޓީއަށް ދިޔަގޮތަށް ދެންމެ މިއާދެވުނީ، އެކުވެރިން ރުޅިވެސް އަންނާނެ އެކަމަކު އަހަރެން ހިތަށް އެރީ މިރޭ ނުދާނީއޭ، މިގެއަށް މިއައީ ތަރިތައް ބަލާލަން.... އަހަންނާއިއެކު ޓެރެސްއާއި ހަމަޔަށް ގޮސްދީފާނަންތަ؟ " ރިވާން ބަލަހައްޓައިގެން ހުރީ އެހެން ކުއްޖެއްނަމަ ހިތް ބަންޑުންވާފަދަ ބެލުމަކުންނެވެ. "ހީޒް ފްލާރޓިން ވިތް މީ..." މިލާންގެ ހިތް އިންޒާރު ކުރިއެވެ. ރިވާން މިގެއަށް އައީ އޭނަ އެކަނި ހުރިކަން އެނގިގެން ބާވައެވެ. ކުއްލިއަކަށް މިލާންގެ ހިތުގައި ނުބައި ޝައްކުތަކާއި ވަހުމްތައް އުފެދި ހިތް ބިރުގަންނަން ފެށިއެވެ. ރިވާން ގެ މަގުސަދަކީ ކޮބާ ހެއްޔެވެ؟ މިލާން އަޖައިބުވީ އެލޮލަށް ބަލައިލުމުން އިތުބާރުކުރެވޭފަދަ ގޮތެއްހުރީމައެވެ. ދާނިޔަލްއަށްވުރެ މާ މާތްގޮތެއް ރިވާންގެ ހުރެއެވެ. ނޫނީ އެކަނި މޫނަށް ބަލާލާފައި އެފަދަ ގޮތެއް ހުރުމުން އިތުބާރު ކުރަން ޖެހޭނެ ހެއްޔެވެ؟ ޝައިތާނާވެސް ހުންނަނީ މަގުފުރައްދަން ރީތި ސިފައެއްގައެވެ. ރިވާންއަކީ މިލާންއަށް އަދި އެހާ ދަސްވެފައިވާ ޒުވާނެއްނޫނެވެ. މިލާން ހައްތަހާބޮޑަށް ފިނިވިއެވެ.

"ނުދާނީތަ؟ ކުޑަކޮށް ކުޅެލާފައި ދާނީ ދޯ....." ރިވާން މިލާންގެ ގާތުގައި ހުއްޓިލުމުން މިލާން ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އާއަހަރުގެ ފެށުން އޭނަގެ ހަޔާތުންވެސް އާ ބާބެއް ހުޅުވައިދޭން އުޅެނީ ހެއްޔެވެ؟ އިރުކޮޅެއްފަހުން މިލާންއަށް ޔަގީންވީ ރިވާންގެ ރަނގަޅު ކަމާއި ހިތްހެޔޮކަމެވެ. އެކީގައި ޓެރެސްއަށް ދިޔައިރު ރޭގަނޑު އެގާރަގަޑި ބައިވެއްޖެއެވެ. ދެމީހުން އެތާ ތިބެގެން ޓެލެސްކޯޕުން ތަރިތައް ބަލަން އުޅުނު އިރު އޮޅިގެން ނަމަވެސް ރިވާންގެ ގައިގާ ޖެހިލެވޭ ވަގުތު މިލާން އަވަހަށް ދުރަށް ޖެހިލައެވެ. ރިވާން އަށް އެކަން ފާހަގަކުރެވޭކަން އެނގެނީ ބަލައިލާ ގޮތަކުންނެވެ. ލާނެތް އަދި ސީރިޔަސްކަމެއް އެ ނަޒަރުގައި އެކުލެވެއެވެ. މިހާ ރީތި ޒުވާނުން ދުނިޔޭގައި އުޅޭބާވައެވެ. ކުރިމަތިން ފެނުނީމަ ގަބޫލުކުރާން ޖެހެއެވެ. މިލާން އަށް ހީވީ މިރޭ މިއުޅެވެނީ ހުވަފެނެއްގައި ހެންނެވެ. އެއްވެސް މަޖުބޫރުކަމެއްނެތި އެކުވެރިއެއްގެ ހައިސިއްޔަތުން ރީތި ޒުވާނަކާއި އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރެވުމުން މިރޭ ނޭގިނަމަވެސް ހިތަށް ކުޑަ އުފަލެއްލިބިއްޖެއެވެ. އޭނަފަދަ ބަދުނަސީބު ކުއްޖަކަށް މިފަދަ އުފަލެއް ހައްގުވެދާނެކަން ނޭގެއެވެ. މިލާން ކަންބޮޑުވުން އެއްފަރާތްކޮށްލާފައި ހިނިތުންވެލަމުން ރިވާން އާއި ވާހަކަދައްކަން ފެށީ ތަންކޮޅެއް ހަމަޖެހިލައިގެން ހުރެއެވެ. ބާރަޖަހަން ކާރިވުމުން ރިވާން ހުރީ ރީތި އިނގިރޭސި ލަވައެއް އަޑުއަހާލާށެވެ.

"މިލަވަ ރީތިތަ؟ " ރިވާން ރެއިލިންގައި އަތްއަޅުވާލައިގެން ހުރެފައި ކުޑަކޮށް އެނބުރިލައިފި އެވެ.
"ވަރަށް ރީތި..." މިލާން ލަދުގަންނަ ގޮތްވިއެވެ. ލަވައިގެ ފުން މާނަ އާއި މެދު ވިސްނިފައި ރިވާން އާއި މެދު ކުރެވުނު ޝައްކު އިތުރުވިއެވެ. ރިވާންވެސް ގޭމެއް ކުޅެނީ ބާވައެވެ. އޭނަގެ ހިތާއި ކުޅެލަންވެގެން އާ ވައްތަރަކަށް އުޅެގަތީ ކަންނޭގެއެވެ.

ބާރަޖެހުމުން މިލާންއަށް އާއަހަރުގެ ހެޔޮ އެދުން ކިޔާލި މީހަކަށް ފުރަތަމަ ވީ ރިވާންއެވެ. އެކަމާއި މިލާން ހުރީ ހިތްހަމަނުޖެހިފައެވެ. މިރޭ އެންމެ ކުރިން ދާނިޔަލް ގުޅާނެ ކަމުގައި ސިއްރުސިއްރުން ފޯނަށް ބެލުނު އަދަދެއްވެސް ނޭގެއެވެ.

ކޮމެންޓް 0