ދާނިޔަލް ގެ އަނގަ ފާޑަކަށް ހަދައިލެވުނީ އެމީހަކީ އައިޒާކަން އެނގުނީމައެވެ. 

"ސޮރީ....." ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. ދާނިޔަލް ޖިންސްގެ ޖީބަށް އަތް ޖަހައިލަމުން ފަހަތަށް ބަލައިލެވުނީ އެ މަންޒަރު އެކަކަށްވެސް ނުފެންނާނެ ކަމުގައި ދުއާ ކުރަމުންނެވެ. އޭނަ ބަލާލިއިރު ޖުވޭދާ ފަހަތުން އައިސް އަރާ ހަމަވެލާފައި ނުބައިގޮތަކަށް ދާނިޔަލްއަށް ކަޅިއަޅާލައިފި އެވެ. މިގޭގައި އުޅޭ ތިން އަންހެންކުދިންގެ ފަހަތުން ނައްޓާނުލެވިގެން އުޅޭ ފިރިހެނެކެވެ. ހިސާބަށްވުރެ ރީތި ފިރިހެނަކަށްވީމަ ވާންވީ ގޮތަށް މިވަނީއެވެ. އަންހެންކުދިންނަށްވެސް ހިތާވާން މިއޮތް ބޮޑު ދުނިޔެއިން މިނޫން މީހަކު ނުފެނޭ ވިއްޔާއެވެ. އައިޒާވެސް އެ ރީތި ފައިގެ ބައްޓަން ހާމަޔަށް ހުރި ޓައިޓަކާއި އެހާ ބާރު ޓޮޕެއް ލައިގެން އުޅެނީވެސް ސަމާލުކަން ހޯދަން ކަމުގައި ޖުވޭދާ ދެކުނެވެ. ހިންދީ ފިލްމުތަކުން ފެންނަ އަންހެންކުދިން މާ އަޚުލާގު ރަނގަޅުކަމަށް ޖުވޭދާ ނިންމިއެވެ. އެކުދިން ޕާކިސްތާނު ހެދުން އަޅައިގެން ތިބޭއިރު އަންހެންވަންތަ ވެފައި މާތްގޮތެއް ހުރެއެވެ. އައިޒާމެން މިއުޅެނީ އެންމެ ހުޅަނގުގެ ސްޓައިލަށެވެ.

"ދާނިޔަލް، އަދިވެސް ތިކަން ހުއްޓާލާކަށް ނުވޭތަ؟ " ދާނިޔަލް ގެ ފަހަތުން ސިޑިން އަންނަން ފެށުމުން ދާނިޔަލް ހުރީ ހިތްހަމަނުޖެހިފައެވެ. މިހާ ހެނދުނެއްގައި މައިދައިތަގެ ބޭކާރު ވާހަކަ އަހަން ވެއްޖެއްޔާ އޭނަގެ މޫޑު އޮފްވެދާނެއެވެ. ޖުވޭދާއަކީ ކާކުކަން ދާނިޔަލް ރަނގަޅަށް ދަނެއެވެ. ރީތިކޮށް ވާހަކަދައްކާނީ ބޭނުމެއް އޮތިއްޔާއެވެ. ކިރިޔާ ކުށެއް ފެންނައިރަށް ބައްޕަގެ ގާތުގައި ކުޓުވާނެއެވެ. ބައްޕަގެ ރަނގަޅު ކަމަކީ ދާނިޔަލްގެ ގާތުން ރަނގަޅަށް އަހާފައި ނޫނީ ގޮތެއް ނުނިންމާކަމެވެ. ޚަބަރު ބަލާލާއިރު ދުވަހަކުވެސް ބައްޕަގެ ގާތުގައި ދާނިޔަލް ކުށްވެރިއެއްނުވާނެއެވެ.

"ކޮންކަމެއްތަ ސްޓެޕްމަމް..." ދާނިޔަލް އަހާލިއެވެ.
"ލިސެން ޑެނިއަލް، ތިއީ ވަރަށް ދެރަކަމެއް، އިރާގެ ހާލާއިމެދު އެންމެ ފަހަރަކުވެސް ވިސްނާލަބަލަ، އެކުއްޖާގެ ހިތަށް އަސަރުކުރާނެކަން ހަމަ ނޭގެނީތަ؟ މީހެއްގެ ފިރިއަކަށްވެހުރެ ދާނިޔަލް ތިހެން އެހެން އަންހެންކުދިންގެ ފަހަތުން އުޅުނީމަ އިރާ ކިހާ ހިތާމަކުރާނެ، އެހެން ކުދިންނާއި އިރާ ކިހާ ތަފާތު، ބްލައިންޑް ކުއްޖަކަށް ދެވޭ ބޮޑު އަނިޔާއެއް ތިއީ.... އެކުއްޖާއަކަށް ދާނިޔަލް ތިޖަހާ ސަކަރާތްގަނޑެއް ނުފެންނާނެ، އަހަންނަށް އެނގޭ މިލާންއާއި ދެމީހުންގެ އޮތް ގުޅުން. އައިޒާގެ ގައިގާ ޖެހިގަނެފައި ނޫނީ ޑެނިއަލްއަށް ހިނގޭކަމަކަށް ނުވޭ، އަހަރެމެން ފިލްމުތައް ބެލީމަ އެނގޭ ތިއީ ގަސްތުގައި ވާ އެކްސިޑެންޓްތައްކަން..... ޑެނިއަލް..... ޕްލީޒް ތިކަން ހުއްޓާލާ...." ޖުވޭދާ ގަސްތުކުރީ މިފަހަރު އެހެން ގޮތަކުން ދާނިޔަލްގެ ހިތަށް ވާސިލުވުމެވެ. އެހެން ގޮތެއްނެތްކަމަށް ހިތް ބުނީއެވެ. ހަރުކަށިކަން އިސްކޮށްގެން ދާނިޔަލް ބުނާގޮތަކަށް ނަހަދާނެއެވެ. އެއަށްވުރެ ބޯ ހަރުވާނެއެވެ.

ޖުވޭދާގެ ވާހަކަތަކުން ދާނިޔަލްގެ މޫނުމަތިން ރުޅިވެރިކަމުގެ އަސަރެއް ނުފެނުނަސް ޖިންސްގެ ޖީބުގައިވާ އަތް މުށްކެވުނެވެ. ފުންނޭވަޔެއްލަމުން އަމިއްލަ ނަފުސްގެ ކޮންޓްރޯލް ދޫނުކުރާން އޭނަ މަސައްކަތްކުރިއެވެ. 

"ޑެނީ ދެކެ ރުޅިއައިސްގެން ދައްކާ ވާހަކައެއް ނޫން، މަގޭ ދަރިއެއް ތިއީ، އަހަރެން ޑެނީ ކުޑައިރުއްސުރެން ބެލީތީވެސް ކުޑަކޮށްނަމަވެސް ރެސްޕެކްޓް ކޮށްފާނަންތަ؟ "ޖުވޭދާ ރުޅިއަންނަ ގޮތްވިއެވެ. ދާނިޔަލްގެ ކިބުރުވެރިކަމުން މީހަކަށް ކެތްކުރެވޭނީ ވަކިވަރަކަށެވެ. ހަގީގަތުގައި އޭނަގެ ދަރިފުޅުގެ މުޅި ހަޔާތް އަނދިރިކަމުގެ ތެރެއަށް ވައްޓާލީ ދާނިޔަލްގެ ދެއަތުންނެވެ. އެކަމުގެ ޒިންމާ ދާނިޔަލް ނަގަން ޖެހޭނެއެވެ.

ދާނިޔަލް ޖަވާބެއްނުދީ ގޮނޑިއެއް ދަމާލައިގެން އިށީދެ ފޯނާއި ކުޅެން ފެށިއެވެ. އޭރު އައިޒާ އުޅުނީ ބަދިގޭގައި ނަހުޔާންއަށް ނާސްތާ ތައްޔާރު ކުރަންކަން ނޭގެއެވެ. އައިޒާއަށް ދާނިޔަލް ފެނުމުން ކޮފީހަދަން އުޅެފައި ދާނިޔަލްއަށް ކޮފީތަށްޓެއް ގެނެސް ބެހެއްޓީ ރީތިކޮށްލުމަށެވެ. އެދޭތެރޭގައިވާ ގުޅުން އެހެން ގޮތަކަށް ގެންދެވޭނީ އައިޒާ އަކީ ފަހަރިއެއްގެ ހައިސިއްޔަތުން ދާނިޔަލް ބަލައިގަތީމައެވެ. އެކަމަށް އައިޒާވެސް ހިތްވަރު ދޭން ޖެހޭނެއެވެ.

"ތޭންކްސް..." ދާނިޔަލް ކުޑަކޮށް ހީލާފައި ބުނެލިއިރު ބުމަގޮށްޖަހާލައިގެން އިންގޮތުން އޭނަ އިނީ ހިތްހަމަނުޖެހިފައި ކަން ކޮންމެ މީހަކަށް އެނގޭނެއެވެ. އޭނަ މިއައީ މިލާންގެ އަތުން ކޮފީ ބޯށެވެ. ނަމަވެސް ޖުވޭދާ އިރުއެރުމާއިއެކު ފަށައިގަތް ވާހަކައަކުން ތޮބީއަތު މުޅިން ގޯސްވެ މުޅި ދުވަސް ހަލާކުވެއްޖެކަމަށް ދާނިޔަލް ނިންމިއެވެ. ދީނާ ކޮޓަރިއަށް އައުމުންވެސް ޖުވޭދާ އެވާހަކަ ހުއްޓާލިނަމަވެސް ދާނިޔަލް އިނީ ރުޅިގަދަވެފައެވެ. އެހެންނޫނަސް މިލާން ފޯނަށް ޖަވާބު ނުދީގެން އުޅެނީ ކީއްވެހެއްޔެވެ؟ އަދިވެސް ނިދާފައި ހޭނުލަނީބާވައެވެ. ނޫނީ ހުންއައީކަން ނޭގެއެވެ. އެކޮޓަރިއަށް ގޮސް މިލާންއާއި ބައްދަލުކުރާހިތުން ދާނިޔަލްގެ ހިތަށް ކެތްކުރެވުނީއެއް ނޫނެވެ. ނަމަވެސް ހެދުނު ޑިއުޓީއަށް ދިޔުމުގެ ކުރިން މިލާން ދެކިލަން ކުރި އުއްމީދު ފެނަށްވެގެން މިދަނީއެވެ.

އިރުކޮޅެއްފަހުން އެންމެންހެން މޭޒު ދޮށަށް ޖަމާވިއެވެ. މަދުވީ މިލާން އާއި އިރާއެވެ. ދާނިޔަލްގެ މޫޑު ހައްތަހާ ގޯސްވިއެވެ. ކާއެއްޗެހިވެސް އަރުތެރެއިން އެތެރެކުރަން ޖެހުނީ ގަދަކަމުންނެވެ. މިލާންގެ ވާހަކަ އެކަކުވެސް ނުދައްކަނީ ކީއްވެބާވައެވެ. އެއްވެސް އަންހެންކުއްޖަކު އެހާ ނިކަމެތި ކޮށްލާކަށް ނުވާނެއެވެ. އިރުގެ މަޑު އަލިކަން ކޮޓަރީގެ ބިއްލޫރި ދޮރުތައް ފާއްދާލާފައި ކޮޓަރީގައި ރަސްކަން ކުރަމުން ދިޔައިރު އެންމެންގެ މޫނުތައް ފެންނަނީ ވަކިން އުޖާލާކޮށެވެ. އެންމެން ހިތްހަމަޖެހިގެން ތިބެ ވާހަކަދައްކަމުން ދިޔައިރު ޓެރެސްގައި ޓެލެސްކޯޕެއް ހަރުކުރާ ވާހަކަ ދެކެވުނެވެ. އާ އަހަރަށް ކޮންމެވެސް ކަމެއް ބާއްވަން ވާހަކަ ދެކެވުނެވެ. ޚާންދާނުގައި ބާއްވަން އުޅޭ ކައިވެނިތަކަށް އަލި އަޅުވައިލެވުނެވެ.

މިލާން އެތައް އިރެއްވާންދެން ކަރުނަ އޮއްސުމަށްފަހު ހިތަށް އެތައްވަރަކަށް ވިސްނައިދިނެވެ. އިރާއާއި ދާނިޔަލްގެ ގުޅުމުގައި ކޮންމެވެސް މައްސަލައެއް އުޅޭކަމީ ހަގީގަތެއްކަމަށް އޭނަ ގަބޫލުކުރަން ޖެހެއެވެ. ވަރިކުރިކަން އެއީ ހަގީގަތަކަށްވެ ހިނގައިދާނެއެވެ. ނަމަވެސް އެކީގައި ރޭކުރުމުން ކައިވެނި ރުޖޫއަ ކުރެވިދާނެއެވެ. ދާނިޔަލް އިރާ ދޫކުރަން ބޭނުންނުވީމަ އެހިސާބުން އެގުޅުން ކުރިއަށް ގެންދިޔުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް މިލާންގެ ހިތުގައި އެޅުނު ކޫރުން ދުވަހަކު ނުފިލާނެއެވެ. އެވަރުގެ އަނިޔާއެއް މިވީހާތަނަށް ހިތަކަށް ލިބިފައެއްނެތެވެ.

"މިލާން، ޑެނީއަކީ ދުނިޔޭގައި ހުރި އެންމެ ރީތި ފިރިހެންކުއްޖާ، އިއްޒަތްތެރި ޚާންދާނެއްގެ ޕްރިންސެއް، ޑޮކްޓަރެއް، އަނެއްކާ އެހާ މުއްސަދި، އެންމެން ބޭނުންވާނެހާ ސިފަތައް ފުރިހަމަޔަށް އެބަހުރި، އެހެންނޫނަސް އެއީ ޑެނީ އާއި އެކަށީގެންވާފަދަ އަންހެންކުއްޖެއްގެ ފިރިމީހާ، މިލާންއަށް އިހުސާންތެރިވެދިން އަންހެންކުއްޖެއްގެ ދިރިއުޅުމުގެ ތެރެއަށް ވަނުމަށްވުރެ ވިޔާނުދާކަމެއް ކުރެވޭނެތަ؟ ޔޫ ހޭވް ޓު ލީވް......" މިލާން ހިތަށް ވިސްނާދިނުމަށްފަހު ގަސްތުކުރީ އަވަހަށް ޑިއުޓީއަށް ނުކުތުމަށެވެ. މިހެން ކޮޓަރީގައި ފިލާ އިންދާ ދާނިޔަލް މިތަނަށް ވަދެ ކަންތައް ކުރާނެ ގޮތް އެނގެނީ އެއް ނޫނެވެ. އެތައް ސަތޭކަ ފަހަރު ގުޅާފައި މެސެޖްކުރީމަ އޭނަ މިއިނީ ޖަވާބެއް ނުދީއެވެ. އޭނައަށް ފެނުނު މަންޒަރަކުން ހިތް ހަލާކުވެއްޖެ ކަމަށާއި ވާހަކަދައްކަން ބޭނުންނުވާކަމަށް ބުނަންވީ ހެއްޔެވެ؟ އޭނަ ހާދަ މޮޔައެވެ. ދާނިޔަލް އެންމެ ފަހަރަކުވެސް ލޯބިވާ ވާހަކައެއް ނުބުނެއެވެ. އެއީ ހަމްދަރުދީއެވެ. ކުރިންވެސް ހިތަށް ވިސްނައިދިންގޮތަށް ހިތް ހަމަޔަކަށް އެޅުމުގައި މިލާން ކާމިޔާބުކުރިއެވެ. އެންމެނަށް ވުރެ ކުރިން ތައްޔާރުވެގެން ޑިއުޓީއަށް ދާނީއެވެ. ރޮއިފަހުރިކަން އެނގިދާނެތީ މިލާން ލޮލުގެ މޭކަޕެއްކުރިއެވެ.

ދާނިޔަލް ޑިއުޓީއަށް ދާން ތައްޔާރުވި ނަމަވެސް އެންމެ ފަހު ވަގުތު ތަނަކަށް ދާނެ ހިތްވަރެއް ނުލިބި ސަލާމް ފޮނުވާލާފައި ވަނީ އަމިއްލަ ކޮޓަރިއަށެވެ. އެ ކޮޓަރީގެ ބެލްކަނީގައިވާ ސޯފާއެއްގައި އިށީދެލާފައި ދާނިޔަލް ދެލޯމަރާލިއެވެ.

"އައިމް ސަފަރިން ސޯ މަޗް.... ޑެނީއަކަށް ނޭގޭނެ، އަހަރެންގެ ހިތް ހަލާކުވަނީ..." އިރާ ރޮމުން ބުނެލި ޖުމްލަތައް ކަންފަތުގައި ގުގުމަން ފެށުމުން ދާނިޔަލް ދެލޯ ހުޅުވާލައިފިއެވެ. އެ އަޑުން ދާނިޔަލްގެ ހިތަށް އަސަރު ކުރަންވީ ކީއްވެ ހެއްޔެވެ؟ ނަމަވެސް އެ ޖުމްލައިގާ ވަރަށް އެހެން ކަހަލަ ބުރަދަނެއް އެބަހުއްޓެވެ. ހިތާއި ކުޅެލައިފިއެވެ. އިރާ އެ ފާޑަށް ވާހަކަ ދައްކަނީ ކީއްވެހެއްޔެވެ؟ މާ ނިކަމެތި ކުއްޖެއްކަން އިއުލާން ކުރާވަރަކަށް އޭނަގެ ހިތްވެސް މަޑުވާނީތާއެވެ.

އުޑުމަތި ފެންނަނީ އަޖއިބެއްފަދަ ރީތި ކުލައެއްގައެވެ. އިރާގެ ލޮލުގެ ކުލައާއި މާބޮޑު ތަފާތެއްނެތެވެ. އިރާ، އިރާ އަބަދު އިރާއާއިމެދު ދެން ވިސްނަން ޖެހޭހެއްޔެވެ؟ މައްސަލައަކީ ޖުވޭދާ ދެއްކި ވާހަކަތަކެވެ. ޖުވޭދާގެ ވާހަކަތަކުގައި ހަގީގަތް އެކުލެވޭ ކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. އޭނައަކީ އަންހެންކުދިންގެ ފަހަތުން އުޅޭ މީހެއްނޫނެވެ. އިރާ އާއި އޭނަގެ ކައިވެނީގެ ގުޅުން ވަނީ ކިހާ ނާޒުކް ފައްތަރެއްގައި ކަން ދަންނާނީ ކާކުހެއްޔެވެ؟ އޭނަ ހުންނަން ޖެހެނީ ހުރިހާ އުފާތަކުން މަހުރޫމް ވެގެންނެވެ. ގަދަކަމުން ހޯދާ އުފަލެއްގައި ހުންނާނީ ކޮން ރާހަތެއް ހެއްޔެވެ؟ މިއަދު އޭނަގެ ހިތް މިވަނީ ލޯތްބަށް ބޭނުންވެފައެވެ. މިލާންދެކެ ހިތުގައިވަނީ ލޯބި ނޫން ކޯންޗެއް ހެއްޔެވެ؟ އެނޫން ނަމެއް އެ އިހުސާސް ތަކަށް ނުދެވޭނެއެވެ. ދުލުން އެއްބަސްނުވިޔަސް އޭނަ މިލާން ދެކެ ލޯބިވެއެވެ.

ދާނިޔަލް ކޮރިޑޯއިން ދަމުން މިލާންގެ ކޮޓަރީގެ ތަޅުގައި ހިފާލިއިރު އަދިވެސް ދޮރުހުރީ ތަޅުލާފައެވެ. އެހެން މީހަކަށް ފެނިދާނެތީ ޖެހިލުމެއްނުވެ ދާނިޔަލް ދެތިން ފަހަރު ދޮރުގައި ޓަކިދިނެވެ. އެ މަންޒަރު ފެނުނީ ދާނިޔަލްގެ މަންމަ އަށެވެ. ދާނިޔަލްގެ ހިތަށް ނުބައި ގޮތެއްވިއެވެ. މަންމަ މިލާން އެގެއިން ބޭރަށްލާން ކޮންމެފަދަ ބަހަނާއެއްވެސް މިވީގޮތުން ދައްކާނެކަން ޔަގީނެވެ. މުޅިންވެސް އޭނަގެ ކެތްތެރިކަން ކުޑަކަމުގެ ހިތިކަން ފެންނަނީއެވެ.

"ޑެނީ އިޓްސް އޯކޭ، މަންމައަށް ހެޔޮ ޑެނީ މިލާންގެ ރޫމަށް ދިޔަސް، ޔޫ ކެން އެންޖޯއި، އެކަމަކު އިރާއަށް ދެރަގޮތެއް ނަހަދާތި އިނގޭ......" ދީނާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިފިއެވެ. އޭނަގެ މަންމައަކީ މިނިވަން ޚިޔާލެއްގެ މީހަކަށްވާތީ އެގޮތަށް ދުށުމަކީ ދާނިޔަލް ހައިރާންވާވަރުގެ ކަމެއް ނޫނެވެ. މަންމައަކީ މުސްލިމެއް ކަމާއިމެދު ތަންކޮޅެއް ކުރިން އާއިލާ މީހުން ޝައްކުކޮށްގެން އުޅުނު ކަން އޭނައަށް ވަނީ އެނގިފައެވެ.

"އެހެނެއް ނޫނޭ މަމް، ޝީ ވޯޒް މައި ޕޭޝަންޓް، މިލާން ޑެންގީ ހުން ޖެހިގެން އެޑްމިޓްކޮށްފައި އޮތްއިރު އަހަރެން ޓްރީޓްކުރީ، އެހެންވެ ތަންކޮޅެއް ކްލޯޒްވީ...." ދާނިޔަލް ކުޑަކޮށް ހީލިއެވެ.

"ޑެނީ..... މަންމައަށް ހެޔޮ ތި ރިލޭޝަންޝިޕް ކޮންމެ ހިސާބަކަށް ދިޔަސް އެކަމަކު ދަރިފުޅު ވިސްނަންވީ އެންމެ ކަމެއް އޮތީ، ޑޯންޓް ފޯލް އިން ލަވް ވިތް ހާރ، ބައްޕަ ދުވަހަކުވެސް ހުއްދަ ނުދެއްވާނެ ޑެނީ އެކުއްޖާ އާއި އިންނާކަށް، އެއީ ޑެނީގެ ފެންވަރެއްނޫން، ބައްޕަގެ އިއްޒަތަށްވެސް ބަލަންވާނެ ދޯ....." ދީނާ ދެއްކި ވާހަކަތަކުގެ ސަބަބުން ދާނިޔަލްގެ ހިތަށް އިތުރު ހިތްދަތިކަމެއް ލިބުނުހެން ހީވިއެވެ. ދީނާ މިލާންގެ ކޮޓަރީގެ ތަޅުދަނޑި ދީފައި ބުނީ ދާނިޔަލް ބޭނުން އިރަކުން އެ ކޮޓަރިއަށް ދިޔަސް އެންމެ ރަނގަޅު ކަމުގަޔާއި އެ ގުޅުން ވަކި ހިސާބެއްގައި ބޭއްވުމަށެވެ. މަންމަ ނުސީދާކޮށް އެ ހުއްދަދިނީ ކޮންކަމަކަށްކަން ދާނިޔަލްއަށް އެނގުމުން ހައިރާންވިއެވެ. މަންމަމެން މިތިބީ ކޮންމެފަދަ ފާފައެއް ކުރުވަންވެސް ތައްޔާރަށެވެ. މަންމައަށް އޭނަގެ ހިތް އެނގޭނެނަމައެވެ. އޭނަ މިލާންގެ ފަރާތުން ބޭނުންވަނީ އެންމެ ކަމެއް ނޫނެވެ. ދާއިމަށް އޭނަގެ ހަޔާތުގެ ބައިވެރިޔަކަށްވުމެވެ.

އޭނަ މިލާން އާއި ކައިވެނި ކުރަން ބޭނުންވެއްޖެއްޔާ ބައްޕަވެސް ހުއްދަ ދެއްވާނެއެވެ. ބައްޕަ ދެއަންބަށް މީހުންނާއި ކައިވެނިކުރެއްވި އިރު ޖުވޭދާ ނޫނީ އަންހެނަކު ފެނިނުލެއްވީ ހެއްޔެވެ؟ ބައްޕަ ޖުވޭދާއާއި ކައިވެނި ކުރިއިރު ޖުވޭދާގެ ދަރިއެއްވެސް ހުއްޓެވެ. ވީއިރު އޭނަގެ ހޮވުމާއި ބައްޕަ ދެކޮޅުހަދަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެއެވެ.

ދާނިޔަލް އެއްގޮތަކަށްވެސް މިލާން ޑިއުޓީއަށް ގޮސްދާނެ ކަމަކަށް ހިޔެއްނުކުރެއެވެ. އޭނަވަނީ މިލާން ހޮސްޕިޓަލަށް ނުދާން އަންގާފައެވެ. ދުވަސްކޮޅަކަށް އަރާމުކޮށްލަން ސެޓްފިކެޓް ދީފައިވާތީ އެގޮތަށް މިލާން އަމަލުކުރާނެ ކަމަށް އޭނަ ޔަގީންކުރިއެވެ. މިލާން ކޮޓަރިން ނުނިކުމެ ފޯނަށް ޖަވާބުނުދޭތީ ވިސްނަންވީގޮތެއް ނޭގި ބޯ ގޮވާފައި ހުރުމަށްފަހު އިރާގެ ކޮޓަރިއަށް ދިޔައީ ހިތްހަމަޖައްސާލުމަށެވެ. އިރާ ކުރާ މޮޔަކަންތައްތަކުން ފަހަރެއްގައި ހިތަށް އަރާމެއް ލިބިދާނެއެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމުން އަނދިރިކަން ދާނިޔަލް ވަށާލިއެވެ. ބެލްކަނީގެ ފަރުދާތައްވެސް ހުރީ ދަމާލާފައިކަމުން އަދިވެސް މިތަނަށް ހީވަނީ ރޭގަނޑުވެފައިވާހެންނެވެ. ދާނިޔަލްގެ ލޯ އަނދިރިކަމުގެ ތެރެއަށް ހޭނެން އިރުކޮޅެއް ނެގިއެވެ. އިރާ ނުކުތީ ފާޚާނާގެ ތެރެއިންނެވެ. ޕެޓީއަކާއި ނޫކުލައިގެ ސޯޓެއްލައިގެން ހުރިއިރު ފެނުނީ ކުޑަކުއްޖެއް ފަދައިންނެވެ.

"ޑެނީ....." އިރާ ކުއްލި އަކަށް ގޮވާލީމަ ދާނިޔަލް ހައިރާންވިއެވެ. އިރާއަށް އެނގުނީ ކިހިނެއްހެއްޔެވެ؟
"ހޫމް..... އަހަރެން ހުރިކަން އެނގުނީ ކިހިނެއްތަ؟ އިންވިޒިބްލް ގޯސްޓަކަށްވެގެން އުޅޭއިރުވެސް ދެން ހަމަ ތިކުއްޖާއަށް ފީލްވާން ޖެހޭތަ؟ " ދާނިޔަލް ސަމާސާގޮތަކަށް ހީލަމުން ބުނެލިއެވެ.
"ވަން މިލިއަން ސެންޓްވަހުން އެނގުނީ... މައި ފެވެރިޓް... ދެރައީ އެލާޖިކް ވާތީ......" އިރާ އެކުޑަ ނޭފަތް ގުރުޑުކޮށްލިއެވެ. އިރާގެ ކޮންމެ ހަރަކާތެއްގައި ހުންނަނީ ލޯބިގޮތެކެވެ.

"އިރާ މިލާން ނާންނަނީތަ؟" ދާނިޔަލް އަހާލިއެވެ. އެ ޖުމްލައިން އިރާގެ މޫނު ކުޑަކޮށް މިލާގޮތް ވި ނަމަވެސް އޭނަ ވަރަށް އަވަހަށް އެ އަސަރުތައް ފޮރުވާލާފައި ހިނިތުންވެލިއެވެ.

"މިލާން އަށް ގުޅީމަ ބުނި މިއަދު މާ އަވަހަށް ޑިއުޓީއަށް ދިޔައީއޭ...." އިރާގެ ޖުމްލައިން ދާނިޔަލް ސިހުނެވެ. މިލާން އެހާވަރަށް އޭނަ ބުނީމަވެސް ބޭކާރު ގޮތެއްގައި ޑިއުޓީއަށް ދިޔައީ ހެއްޔެވެ؟ މި އަންހެންކުދިން ދުވަހަކު ދަހެއް ނުވާނެއެވެ. މިލާންދެކެ އައި ރުޅީގެ ސަބަބުން އެވަގުތު ދާނިޔަލް ހުރީ ހަދާނެގޮތެއް ނޭގިފައެވެ. 

އިރާ ވަކި މިސްރާބެއްނެތި ދަނިކޮށް ދާނިޔަލްގެ ގައިގާ އަޅައިގަތެވެ. ދާނިޔަލްވެސް ދުރަށް ދާކަށް ނޫޅުނެވެ. އިރާ މިފަހަރުވެސް ކުރީ ދާނިޔަލް ހިތަށް ނާރާވަރުގެ ކަމެކެވެ. ރީތިކޮށް ދެއަތުން ދާނިޔަލްގެ ގައިގާ ބައްދާލަމުން މޭގައި މޫނު ޖައްސާލައިފިއެވެ. އެފަދަ ކުޑަ ހަރަކާތަކުންވެސް ބައެއްފަހަރު ހިއްސުތަކުގައި ކުޅެލައެވެ.
"ޑެނީ، އަހަރެން ބޭނުން ތި ރޫމަށްދާން، ގެންދެބަލަ ޕްލީޒް..." އިރާ އާދޭސްކުރިއެވެ.
"އެއީ ކީއްކުރަންތަ؟ އެ ރޫމަށް ވަން ކުއްޖަކު ސަލާމަތެއްނުވާނެ، އިރާގެ ފިނޑިކަން ފިލީމަ އާދޭ..... ޖަސްޓް ކިޑިން އިނގޭ، އަހަރެން ގެ ރޫމްއަށް ވަނުމެކޭ ޕާރފިއުމް ޝޮޕަކަށް ވަނުމަކާ އެއްގޮތްވާނެ، އިރާ އެލާޖީ މައްސަލަ ރަގަޅުވީ އިރަކުން ގެންދާނަން، އައި ޕްރޮމިސް.........." ދާނިޔަލް އިރާގެ ގަނޑުފެންކޮޅެއްފަދަ އަތުގައި މަޑުމަޑުން ހިފާލިއެވެ.

"ޑެނީ، އަހަރެންގެ ލޮލަށް ދުވަހަކު ނުފެންނާނެތަ؟ "އިރާ ކުއްލިއަކަށް އަހާލައިފިއެވެ.
"މިރެކްލްސް ޑޫ ހެޕެން އެހެންވީމަ ނުފެންނާނެކަމުގެ ޔަގީންކަން ދެވޭނެ އެއްވެސް މީހަކުނެތް، އަހަންނަށް އެނގޭ އިރާ މި ދުނިޔެއިން އެންމެ އެދޭނެކަމަކީ ލޮލުގެ ފެނުން އަނބުރާ އައުންކަން، އެހެންވީމަ ޑޯންޓް ގިވް އަޕް.....އިނގޭ..." ދާނިޔަލް ވާހަކަ ދެއްކީ އިރާއަށް ހިތްވަރުދޭފަދަ ގޮތަކަށް މޫނުގައި ދެއަތުން ހިފަހައްޓާލަމުންނެވެ.
"އަހަރެން ދުނިޔެއިން ބޭނުންވާ އެކަނި އުފަލަކީ ތިއީ ޑެނިއަލް..." އިރާ ދާނިޔަލްގެ އަތުގައި ބޮސްދިނެވެ. 
"ދެން ޕްރޫވް އިޓް......" ދާނިޔަލް ހީލާފައި ބުނެލިއެވެ. އިރާ ދައްކާވާހަކަ ސީރިޔަސްކޮށް ނެގުމުގެ ބަދަލުގައި ހީކުރެވެނީ ކުޑަކުއްޖަކު ސަމާސާއަކަށް ދައްކާ ވާހަކައެއްހެންނެވެ. 
"ކިހިނެއްތަ؟ " އިރާއަކަށް ނޭގުނެވެ.
"އަހަރެން ހިތްހަމަޖައްސައިދޭން ކޮންމެ ކަމެއްކޮށްފާނަންތަ؟ އެއީ ލޯބިވުމަކީ...." ދާނިޔަލް ހީކުރީ މިފަހަރުވެސް އިރާއަކަށް ނުކެރޭނެ ކަމުގައެވެ. އިރާ އޭނަ އެދޭ ކޮންމެ ކަމެއްކޮށްދޭން ފަސްނުޖެހި ހިގައިދާނެކަމަކަށް ހިޔެއްނުކުރެއެވެ. އިރާ މިއަދު ސާބިތުކޮށްދިނީ ދާނިޔަލްދެކެ ލޯބިވާކަމެވެ. ހިތް ނޭދޭ ކަމެއްވެސް ދާނިޔަލްއަށްޓަކައި ކޮށްދޭން ތައްޔާރަށް ހުރިކަމެވެ. ފަހުން ދާނިޔަލް އެކަމާއި ހިތާމަކުރިއެވެ. މިގޮތަށް އިރާއާއި ގާތްކޮށް އުޅެން ހަދައިގެން އިރާގެ ހިތަށް އަނިޔާއެއް ވެއްޖެއްޔާ ހާދަ ދެރައެވެ. އެހެންނޫނަސް އޭނަގެ ހިތުގައި ވިންދުޖަހަނީ އެކަނި މިލާންއަށްޓަކައި ކަމަށް ވިއްޔާ ވަގުތީ އުފާތައް އިރާގެ ފަރާތުން ހޯދައިގެންނުވާނެއެވެ. އޭނަގެ ހިތާއި ފުރާނަ އަދި ހަށިގަނޑަކީވެސް މިލާންގެއެވެ. 

ދާނިޔަލް އެދުވަހު ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. އިރާގެ ހިތުގައި ހައްތަހާ އުއްމީދުގެ ހުޅުކޮޅު ބޮޑުކޮށްލަދެވޭއިރު އޭނަގެ ހަގީގީ ލޯބި އުޅޭ ހާލެއް އެނގެނީ އެއްނޫނެވެ. މުޅި ދުވަހު މިލާންގެ ފޯނު އޮތީ އޮފްކޮށްލާފައެވެ. ދާނިޔަލް އިންތިޒާރު ކުރީ ރޭގަނޑުގެ އެކަނިވެރި ވަގުތަކަށެވެ. މިލާން އޭނަ ތަޅުވާލީތީ ކުޑަ އަދަބެއް ދޭނީއެވެ. ހިތަށް އަރާއިރަށް ފިލައިގެން އުޅެންވެއްޖެއްޔާ ދާނިޔަލްގެ ހިތް ހަލާކުވެދާނެއެވެ. މިލާން އޭނަގެ ހަޔާތަށް އައިއިރުވެސް އޭނައަކީ އިރާގެ ފިރިމީހާކަން ރަގަޅަށް އެނގޭނެތާއެވެ. އެކަމުން މިލާންގެ ހިތް ގޯސްވެގެން ނުވާނެއެވެ. މިލާން އޭނައާއި ދުރުހެލިވާން ޖެހޭ އިތުރު ސަބަބެއް ނެތްއިރު މިހެން ހަދަންޏާ އޭނައަށް ކެތެއްނުވާނެއެވެ.

ރޭގަނޑު ކައިގެން އެންމެން އިރުކޮޅަކަށް ސިޓިންރޫމްގައި ވާހަކަދައްކާލަން ތިބުމަށްފަހު ފަހަރަކު މީހަކު ގެއަށް ވަންނަން ފެށިއެވެ. އެކި ކޮޓަރީގެ އަލި ފަނޑުވެ ހިމޭންކަން ވެރިވާންފެށިއެވެ. ދާނިޔަލް ކޮޓަރިއަށް ވަންގޮތަށް ބެލްކަނީގައި ލަވައަޑުއަހާން އިންއިރު ދޭތެރެއަކުން ގަޑިއަށް ބަލައިލެވެއެވެ. އެންމެފަހުން ތެދުވެގެން ގޮސް މިލާންގެ ކޮޓަރީގެ ދޮރުހުޅުވާލީ ބަރާބަރު ގަޑިން ބާރަޖެހިތަނާއެވެ.

އޭރު މިލާން އޮތީ ވަށައިގެން ސަދުވާ ދަމާފައިވާ އެނދުގައި ބާލީސްތަކުގެ ތެރޭގައި ވަރަށް ހިތްގައިމުކޮށް ހަށިގަނޑު ދަމާލައިގެންނެވެ. ދާނިޔަލްގެ ފިޔަވަޅުތައް އެނދާއި ކާރިވަމުން ދިޔައިރު މިލާން ދެލޯ ބޮޑުކޮށްގެން ބަލަން އޮތީ އެސްފިޔަޖަހައިލަން ނޭގިފައެވެ. ހޭލާ ހުއްޓާ ފެންނަ ރީތި ހުވަފެނެއްބާވައެވެ. ނަފްސާނީ މައްސަލައެއްގެ ޝިކާރައަކަށްވެ ހޭލާހުއްޓާ ކަންތައް ލޯމަތިން ފެންނަން ފެށީކަން ނޭގެއެވެ. މާބޮޑަށް ކަމަކާ ދެރަވީމަ އެހެން ދިމާވެދާނެއެވެ.

"މިލާން...." ދާނިޔަލްގެ ޖާދުވީ އަޑު މިލާންގެ ކަންފަތުގައި ޖެހުމުން ހީބިހި ނަގާގޮތްވިއެވެ.
"ޑެނިއަލް......." މިލާން ހައިރާންވިއެވެ. ދާނިޔަލްއަށް އެ ކޮޓަރީގެ ތަޅުދަނޑި ލިބުނީ ކިހިނެއްހެއްޔެވެ؟
"ރޫމްތަޅުލާފައި ހުއްޓާ ވަންނާނީ ވެމްޕަޔަރެއްވިއްޔާ ދޯ، ލޭކޮޅު ދަމާލާފައި ދޫކޮށްލާނީ..." ދާނިޔަލް ލާނެތްގޮތަކަށް ބުނެލިއިރުވެސް އެދޭތެރޭގައި ތުނި ފަރުދާއެއްވެއެވެ. 
"ޑެނީ، ކީއްކުރަންތަ ތިއައީ، އިޓްސް މިޑްނައިޓް...." މިލާން ކަންބޮޑުވެފައި ތެދުވެ ބާލީސްތަކަށް ލެނގިލައިފިއެވެ. ތެޅެމުންދާހިތް މައިތިރިކުރަން މޭގައި ކުޝަންއެއް ޖައްސާ ބާރުކޮށްލިއިރުވެސް ހަށިގަނޑު ގަޑުފެންކޮޅަކަށްވެއްޖެއެވެ.
"އެކަން ނޭގިގެނެއްނޫނޭ މިއައީ، މިލާން ހިތަށް އަރާއިރަށް އަހަރެން ދުރަށް ލާތީ....." ދާނިޔަލް ސަދުވާގައި ދެއަތުން ހިފަހައްޓާލައިގެން ހުރިއިރު އެ މޫނުމަތީގައި ވަނީ ސީރިޔަސް ގޮތެކެވެ. ޓީޝާޓަކާއި ދިގު ސޯޓެއްލައިގެން އޭނަވެސް ހުރީ ނިދަން ތައްޔާރުވެގެންކަން ނޭގެއެވެ. އެ ރީތިދެލޮލުގައިވާ އަސަރަކުން މިލާންގެ ހިތް ހާސްފަށުން ކަތިލެވުނެވެ. ކޮންފަދަ ބާރެއްހެއްޔެވެ؟ އެ ބަލައިލުމުން އެކަނިވެސް މިލާންގެ ހިތް ވިރެންފެށިއެވެ. އެންމެ އިޝާރާތަކުން މިލާން އެއަތުގެ ތެރެއަށް ވިރިގެން ދާނެކަން ޔަގީނެވެ. ވަގުތާއި ހާލަތު އެހާ ނާޒުކެވެ. ދާނިޔަލް އެނދުގެ މަގަތުގައި އިށީނެވެ. ކޮޓަރިއަށް ވެރިވެފައިވާ ރަތްއަލީގައި މިލާންގެ ދޮންމޫނު ފެންނަލެއް ސިހުރުވެރިކަމުން ދާނިޔަލްގެ ހިތުގައި ތަފާތު ވިންދެއް ޖަހާލައިފިއެވެ. ހާދަ ފުރިހަމައެވެ.

ކޮމެންޓް 0