ލިއޯން މަޑުމަޑުން ގޮވާލި ގޮތަކުން ދީނާގެ ކަނދުރާއިން ހީބިހި ނަގައިގެން ދިޔައެވެ. އެތުއްތު ދެއަތުން ދީނާގެ ގައިގައި ބާރަށް ބައްދާލައިގެން ހުރި އިރު އެ ކުޑަހިތުގެ ތެޅުމުން ބިރުގެންފައިވާވަރު ދީނާއަށް ރަނގަޅަށް އިހުސާސް ކުރެވުނެވެ. އޭރުވެސް ދާނިޔަލް ހުއްޓާނުލައި ރޯއަޑު ވާރެ އާއި އެކުވެފައިވެއެވެ. ރުއްސަންވީ ކޮން ކުއްޖެއްކަން ނޭގޭ ހާލުގައި ހުއްޓާ ދީނާގެ ފޯނުގައި އަތްލެވުނުކަން ނަސީބެކެވެ. ފޯނުން އަލިކޮށްލައިގެން ހުރެ އުއްބައްތިތައް ދިއްލާލުމުން ހުޅުކޮޅުތައް ކޮޓަރި ތެރޭގައި ނަށަން ފެށިއެވެ. ދީނާ އެތައް އުއްބައްތިތަކެއް އެއްފަހަރާ ދިއްލައިލީ ދަރިންކޮޅުގެ ބިރު ކެނޑުވުމަށެވެ. އޭރުވެސް ލިއޯން އާއި ނަހުޔާން ދީނާގެ ހެދުމުގެ ފަސްބައިގައި ދެފަރާތުން ހިފަހައްޓާލައިގެން ތިއްބެވެ. އުއްބައްތީގެ ހިތްގައިމު އަލީގައި ކުދިންކޮޅުގެ ބޮޑެތި ކަޅިތައް ވިދާއިރު އެކުދިންގެ މައުސޫމް ކަމާއި ބިރުގެންފައިވާވަރު ފެނިފައި ދީނާގެ ހިތް ބަންޑުންވާވަރުވި އެވެ. އޭނަގެ ގާތުގައި ކުށްވެރިވީ މަލީކްއެވެ. އެއްވަރެއްގެ ތިންކުދިންނާއި އެކު އޭނަ ހާދަ ވަރަކަށް ކެތްކޮށްފިއެވެ. އެތައް ދުވަސްވާންދެން އޭނަ މިހިރީ ހިމޭނުން މާ ބޮޑު މައްސަލައެއް ނުޖައްސާމި ބުރަ އުފުލުމުގައެވެ. ދާނިޔަލް ވިހެއީއްސުރެ ލޮލު ފިޔަޖަހައިލެވެނީއެއް ނޫނެވެ. ދާނިޔަލްގެ ރުއިން ނޫންކަމެއް ނޯވެއެވެ. ނިދަނީ އެހާ ކުޑަކޮށެވެ. އެވެސް ދުވާލުގައެވެ. ރޭގަނޑަށް ހޭލާ އޮވެގެން ދީނާ އަކަށް ނިދޭ ގޮތެއްނުވެއެވެ. ބޮޑަށް އެހެން އެވަނީވެސް ލިއޯންގެ ސަބަބުން އާލާކެނޑެންދެން ދަރިފުޅަށް ގާތުން ނުދެވޭތީއެވެ.

ކަރަންޓް އައުމުންވެސް ލިއޯންގެ ކޫސަނިކަން ގަދަވިވަރުން ދާނިޔަލް މަސަލަސް ކުރެވޭކަށް ނެތެވެ. އެތުއްތު ފުރާނާ ރޮއިރޮއިހަލާކުވީއިރުވެސް ދީނާއަށް ޖެހުނީ ލިއޯން މައިތިރި ނުވެގެން ފަހަތުން އުޅޭށެވެ. ދާނިޔަލް އުރާލިތަން ފެނިފައި ގޮސް ޕޮޓެއް ތަޅުވައިގަތްގަތީނުން ބަންޑުންކޮށްލައިފި އެވެ. އެކި ވައްގަނޑުތަކަށް ދަމާހެދިއެވެ. 

"ލިއޯން....." ދީނާ ރުޅިގަދަވެ ފަޅަފަޅައިގެން ދާވަރުވިއެވެ. ނަސީބަކުން އެވަގުތު މަލީކް ދުރުވެއްޖެއެވެ. ދީނާ އެދިޔަ ބާރުމިނުގައި ގޮސް މަލީކް ގައިގައި ތަޅައިގަތީ ކުޑަ ސިންގާއެއް ފަދައިންނެވެ. އަތުގައި ދަތްއަޅައިގަނެގެން އެކިގޮތްގޮތަށް ރުޅި ބޭލިއިރު ނަހުޔާން އޮތީ ރަޖާ ގައި ދައިގެން އެ މަންޒަރަށް ބަލާށެވެ. ދީނާ އެނދާއި ހަމަވާއިރަށް މަލީކް އަތުގައިވާ ފޯނު ހޫރާލުމުން ލިއޯންގެ ގައިގައި ނުޖެހުނީ ކިރިޔާ އެވެ.

"ސޮރީ ސްވީޓްހާރޓް... ސޮރީ. ސޮރީ ބައްޕަގެ ކުޑަ ދަރިފުޅާ...." މަލީކް ލިއޯން އުރާލާފައި މޭގައި ޖައްސާ ބާރުކޮށްލަމުން ނުރުހުމާއި އެކު ދީނާއަށް ބަލައިލި އެވެ. އެދެލޮލުގައިވާ މެސެޖަކީ ކުށްވެރިޔަކީ އެކަނި ދީނާކަމެވެ.

ކަރަންޓްދިޔަ ރެއަށްފަހު މަންމަ އާއި ބައްޕަގެ އަރައިރުން ފެނުމުން ލިއޯންގެ މިޒާޖަށް އޭގެ ނޭދެވޭ އަސަރު މާބޮޑަށް ކުރިއެވެ. އޯޓިޒަމް ކުއްޖަކަށްވެފައި ޅަ ސިކުނޑިއެއްކަމުން އެފަދަ ކަންތައް ފެނުމުން ހައްތަހާ ބޮޑަށް އުދަގޫވެ ނުކުޅަދަނާވީ ކަންނޭގެއެވެ. ލިއޯން ރޭގަނޑު ނުނިދުމާއި "ހައިޕަރ" ވެގެން ގޮސްފައި ބަލަން އުދަގޫވެ، ދީނާ ބަލިވެ ލޮޑުވާވަރުވިއެވެ. ފެންވަރުވާ، ކާންދީ، ނިންދެވުމަކީވެސް އެހާ ބުރަ މަސައްކަތެކެވެ. ހަތަރުކުދިންނެކޭ ލިއޯން އެއްވަރެވެ. ސްކޫލަކަށް ލުމުން ރޮއި ބޮޑާ ހާކައިގެން އެކަންތައް ހުއްޓާލަން މަލީކްއަށް މަޖުބޫރުވިއެވެ. ތިމާގެ ގެއަކަށްވެސް ނުގެންދެވެނީއެވެ. ލިއޯންއަށް ދޭންޖެހޭ ފަރުވާތައް ދެއްވުމުގައި މަލީކް ފަރުވާކުޑަކުރެއްވި ނަމަވެސް ގަވައިދުން ސްޕީޗް ތެރަޕީ ދޭ މީހަކު ގެންނަން ފެށުމުން ލިއޯން ވާހަކަދެއްކުން ވަރަށް ބޮޑުތަން ރަނގަޅުވިއެވެ. ގަވައިދުން މީހަކު އައިސް ލިއޯން ލައްވާ ތަފާތު ހަރަކާތްތައް ކުރުވާ ފުންމުވާ ހަދަންފެށީވެސް ޑޮކްޓަރުގެ އިރުޝާދުގެ ދަށުންނެވެ. އެގަޑީގައި ދީނާއަށް ހަމަޖެހިގެން ޓީވީ ބަލާ ވާހަކަފޮތެއް ކިޔައިލެވޭވަރުވާތީ ދީނާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބެން ފެށިއެވެ. 

ނަސީބަކުން އެދުވަސްކޮޅުގެ ތެރޭގައި މަލީކްގެ މައިންބަފައިން އޭނަ ގެއަށް އަންނާން ދައުވަތުދިނެވެ. އެވަރލޭންޑްގެ އިމާރާތުގެ ތެރޭގައި ހުންނަ ދެގެއިން އެއްގޭގައި އުޅުއްވީ މަލީކްގެ ބޭބެ އެކެވެ. ބޭބެ އާއިލާ ގޮވައިގެން ލަންޑަނަށް ފުރުއްވުމުން އެގެ މަލީކްއަށް އެކަނިމާ އެކަނި ހުންނަން ލިބުނީއެވެ. އަނެއް ގޭގައި ދިރިއުޅެނީ މަލީކްގެ މައިންބަފައިންނާއި ކޮއްކޮމެންނެވެ. މަލީކްމެންނަށް ލިބުނީ ދެބުރިއަށް ނަގާފައިވާ ގެއަކަށްވުމުން ދީނާއަށް ހީވީ އޭނަގެ މަސައްކަތް ދެގުނައަށް އިތުރުވިހެންނެވެ. ލިއޯން އާއި ނަހުޔާން އަށް ސިޑި ވެފައިވަނީ ކުޅިވަރު ކުޅޭތަނަކަށެވެ. އެތަނުން އެރުމާއި ފޭބުމަކީ އެންމެ ކުރާހިތްވާކަންތަކެވެ. ކުދިންނަށް އަނިޔާއެއް ވެދާނެތީ އެކުދިންގެ އަތުގައި ހިފައިގެން ހަތަރުދަމު އުޅެން ހަދައިގެން ބާކީވީ ތުއްތު ދާނިޔަލް އެވެ. ރޮއިފައިވެސް ތަންމަތީގައި އޮންނާނީ ތުއްތު ކުއްޖާވިއްޔާއެވެ. ދީނާ ޝަކުވާކޮށްލައިގެން މަލީކް ބޭބީ ކެރިއަރ އެއް ގެނެސްދިނުމުން ދީނާއަށް ދަރިން ބަލަން ފަސޭހަވިއެވެ. ދާނިޔަލް ކެރިއަރ އަށް ލައިގެން ބުރަކަށީގައި އޮންނައިރު ނަހުޔާން އުރާލައިގެން ލިއޯން އަތުގައި ހިފާލައިގެން އުޅެން ފެށުމުން ދީނާއަށް ތަންކޮޅެއް ފަސޭހަވިއެވެ.

ދީނާގެ ރުޅިގަދަކަމާއި ނަފްސާނީ މައްސަލަވެސް ބޮޑުވަމުން ދާވަރުން މަލީކް ގަސްތުކުރެއްވީ ނަފްސާނީ މާހިރަކަށް ދެއްކުމަށެވެ. އެޕޮއިންޓްމެންޓް ވެސް ހެއްދެވިއެވެ. ދީނާ ދެކޭގޮތުން އޭނަގެ މައްސަލައެއް ނެތެވެ. މައްސަލައަކީ އުޅެންޖެހޭލެއް ބުރަކަމެވެ. ޅަދަރި މަޔަކަށް ވި މީހަކަށް އޭނަގެ ބުރަކަމާއި އުޅެންޖެހޭ ހާލު ވިސްނި ހަމްދަރުދީވާނެއެވެ. މަލީކް އެވަރު ނުވިސްނާ އޭނައަކީ ދަރިން ޖަހާ މެޝިނަކަށް ހަދައިފިވިއްޔާއެވެ. ދެމީހުން ޒުވާބުކުރަމުންގޮސް އެންމެ ފަހުން ކުދިން ބަލަން އުދަގޫވުމުގެ ހައްލު ހޯދަން މަލީކް ލަފާދެއްވިއެވެ.

"ދީނާ، ކީއްތަވާނީ މަންމަމެން ކައިރިއަށް އެއްކުއްޖަކު ގެންދިޔައްޔާ...." މަލީކް ހުރީ ނުތަނަވަސް ވެގެން ހަލާކުވާވަރުވެފައެވެ.

"ނޫން، މަގޭ ދަރިން ބަލާނީ އަހަރެން، ހެޔޮ ކޮންމެ ހާލެއްގައިވިޔަސް.... ނަފްސާނީ މީހަކަށްވެސް ދައްކާނެ ކަމެއް މަގޭ ނެތް، އަހަރެން އަމިއްލައަށް ހުރިހާކަމެއް ރަނގަޅު ކުރާނަން....." ދީނާ ވަގުތުން ދެކޮޅުހެދިއެވެ.

ދަތި އުދަގޫ ދިރިއުޅުމަކަށް ވިޔަސް ދަރިން ބޮޑެތިވުމުން ފަސޭހަވާނެކަން ދީނާ ދަނެއެވެ. އޭނަގެ ފުރާނަފަދަ ލޯބިވާ ތިން ފިރިހެން ދަރިން އެކީގައި އުޅެ ބޮޑުވުމަށްފަހު އެ އާއިލާއަށް އުފާވެރިކަމާއި ހަމަޖެހުން ލިބޭނެއެވެ. އެއީ ދީނާގެ ފޮނި ހުވަފެނެވެ. އެހުވަފެނަކީ ދީނާ ކުރިއަށް ދާން ލިބުނު ހިތްވަރެވެ. ބުރަކޮށް އުޅެމުންވެސް ހަމަޖެހުމެއް ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރަނީ ކެތްތެރިކަމާއި އެކުގައެވެ. ލިއޯންފަދަ ބަލިކުއްޖަކު ހުރުމުން ދިރިއުޅުން ތަންކޮޅެއް އުދަގޫވިޔަސް ދީނާ މަޑުމަޑުން އެކަންތަކަށް ހޭނިދާނެއެވެ. އެހާބުރަކޮށް އުޅުމަށްފަހު އެހެން މީހުންގެ އެހީ ހޯދުމުގެ މާނައެއް ދެން ނެތެވެ. އެންމެ ބޭނުންވީ ދުވަހު އެންމެން އޭނަ އެކަނިކޮށްލީއެވެ.

އެއީ ދީނާގެ ހިތުން ދުވަހަކު ފިލައިގެން ނުދާނެފަދަ ހާދިސާއެއް ހިނގި ދުވަހެކެވެ. އެދުވަހު ދާނިޔަލްއަށް ވެކްސިންދީގެން ގެނައުމަށްފަހު ދަރިފުޅު އޮތީ މާބޮޑަށް ކޫސަނިވެފައެވެ. މަލީކް މާ އަވަދިނެތް ދުވަހެކޭ ކިޔާފައި ހެދުނު ބޭރަށް ދުރުވިގޮތަށް ޚަބަރެއްނުވިއެވެ. ރޭގަނޑު ގެއަށް ދުރުވިގޮތަށް ކޭންބައްލަވައިގެން އާއިލާގެ ޕާޓީއަކަށް ދުރުވަނީއޭ ބުނުމުން ދީނާ އަޅާނުލީ މަލީކް ނުހުއްޓުވޭނެކަން ރަނގަޅަށް އެނގިހުރެއެވެ. އާއިލީ ޕާޓީއަކަށް އޭނަ ނުދާނެކަން ޔަގީންވާތީ މަލީކް ނުބުނުއްވީ ކަމަށް ބުނުއްވާފައި ދައުވަތު ކާޑު ދެއްކެވީމަ ދީނާ ދަތްތަކަށް ބާރުކޮށްލައިގެން އޮތީއެވެ. މަލީކް ގެއަށް ދުރުވީ ހެދުނު އިރުއަރާ އަލިވީފަހުންނެވެ. ހުކުރުދުވަސް ކަމަށްވާތީ މަލީކް ޑިއުޓީއަށް ދުރުވާކަށް ނުޖެހޭނެތީ އެގޭގައި ނިދަން އޮތީކަމަށް ބުނުއްވިއެވެ.

"ގަބޫލެއް ނުކުރާނަން، ކިހިނެއް ޔަގީންކުރާނީ..... ބުނޭ، މަލީކް، ދިޔައީ އަންހެންކުއްޖެއްގެ ގާތަށް ދޯ... ބުނޭ...ބުނޭ...." ދީނާ މަލީކްގެ ގަމީހުގައި މޫނު ޖައްސާލިއިރަށް އަންހެންވަންތަ ސެންޓެއް ނޭފަތުގައި ޖެހުނެވެ.

"އައި ވިލް ކިލް ދެޓް ބިޗް....." ދީނާ ކުދިންކޮޅާއި މެދު ވިސްނާނުލައި އަޑުގަދަކުރިއިރު ލިއޯން އިނީ އޭނަގެ ބައިސްކަލަށް އަރައިގެން ދުއްވާށެވެ. ނަހުޔާން އެއިން އެއްޗެއްގައި އަތްލިޔަސް ބައެއްފަހަރު ލިއޯން ނަހުޔާންގެ ގައިގައި ތަޅަން އަތް މަޅައިގެން ދުވާނެއެވެ. އެދެކުދިން ތޮޅޭއިރު ހީވަނީ ނަހުޔާން ލިއޯންއަށް ދޫކުރާހެންނެވެ. އުމުރުން ހަގުވިޔަސް ހުރިހާ ވާހަކައެއް ދައްކަން އެނގޭތީއާއި މާ ވިސްނޭތީ ކަން ނޭގެއެވެ. ދެކުދިން އުޅޭގޮތުން ހީވަނީ ބޮޑުކުއްޖަކީ ނަހުޔާން ހެންނެވެ.

"ދީނާ، ތިއުޅެނީ ކިހިނެއްވެގެންތަ؟ ކުދިންނަށް އަޑުނީވޭ ހިސާބުގައި ތިގޮތަށް އުޅުނިއްޔާ ކީއްތަވާނީ. މޮޔަވީތަ؟ އަހަރެން މަޑުން ހުންނާތީ ހިތަށް އެރިގޮތަކަށް ތިހަދަނީ....." މަލީކް ދީނާގެ ދެއަތް ގަމީހާއި ވަކިކޮށްލީ ދާދި ފަސޭހައިންނެވެ. އަމިއްލަ އާރެއް ބާރެއްނެތްވަރުހިތަށް އަރާފައި ދީނާގެ ލޮލަށް ކަރުނަ އައެވެ. ހުރިހާ ކަމަކަށްވެސް ދީނާ ކެތްކޮށްފާނެއެވެ. ނަމަވެސް މަލީކް އާއި އަންހެންކުއްޖެއްގެ ގުޅުމަކަށް ކެތެއް ނުކުރެވޭނެއެވެ. ދީނާ އެބުނި އެއްޗެއް އަޑުނާހާ ހައްތަހާ ބާރަށް ރޮއި އެއްޗެހި ހަލާކުކޮށް މޮޔައެއްފަދައިން އުޅެން ފެށުމުން ނަހުޔާން އިނީ ތުންފިއްތާލައި ގެންނެވެ. ލިއޯން ހީވީ ފިލާވަޅެއް ދަސްކުރަން ބަލަހައްޓައިގެން އިންހެންނެވެ. އެދުވަހު ދީނާ ގެ ރުޅި ފިނިވާނެ ގޮތެއްނުވިއެވެ. އެންމެ ފަހުން ކަތުރެއް ހޯދައިގެން މަލީކްގެ ގަމީސް ކަފާ ކުދި ކުދިކުރިއެވެ. ހީވީ އެ ކަތުރު މަލީކްގެ ލޮލަށް ހަރާލާނެ ހެންނެވެ.

ލިއޯން ވަގުތު ބަލާފައި ކުޅޭ އެއްޗެއް ހިފައިގެން ދުއްވައިގަތީ ދާނިޔަލް ނިދަން އޮތް އެނދާއި ދިމާލަށެވެ. ދީނާއަށް ފަހަތުން ދުވެގޮސް ލިއޯން އާއި އަރާހަމަވީއިރު ލިއޯން އެތުއްތު ދަރިފުޅުގެ ބުރަކަށްޓަށް އަތުގައި އޮތް އެތި ހަރާލަން ހުރީ ފަޅިސިކުންތުކޮޅެކެވެ. ދީނާ ލިއޯން ދަމައިގަތުމުން ލިއޯން ގޮސް ޖެހުނީ ދޫލަމަތީގައެވެ. ދީނާ ލިއޯން އާއި ދިމާލަށް އެއްޗެހި ކިޔާލުމުން ހިތުގައި ޖެހިފައި އިންފަދަ ގޮތަކަށް ރޮވިފައި އިނީއެވެ. ދީނާ މާފަކަށް ނޭދުނެވެ. ދާނިޔަލް އުރާލައިގެން ހުރެ ބުނީ ލިއޯން އާއި ރުޅިކަމުގައެވެ. ކޮއްކޮއަށް އަނިޔާ ކުރާ ކުއްޖަކު ލާނީ ގެއިން ބޭރަށް ކަމުގައެވެ. ކުޅޭއެއްޗެއްވެސް ނުލިބޭނެ ކަމަށާއި އެކީގައި ނިދަންވެސް މަންމަ ނުދާނެ ކަމުގައެވެ. ލިއޯންއަށް އަސަރުކުރިއެވެ. އެބޮޑު ދެލޮލުގައި މުތީތައްފަދައިން ކަރުނަ ބަބުޅަންފެށިއެވެ.

"އައި ވޯންޓް ޓު ކްރައި.. އައި ނީޑް ޓު ކްރައި... އައި ނީޑް ޓު ކްރައި...." ލިއޯން ހުއްޓާނުލައި ކިޔަންފެށިއެވެ.

"ދެން ރޮއިބަލަ، ލިއޯން ބޭނުން ވަރަކަށް ރޮއިފަ ހުއްޓާލަންވީނު. މަންމައަށް ހެވޭ ލިއޯން ހުއްޓާނުލައި ރުޔަސް... ބަސްނާހާ ކުއްޖެކޭ.... މަންމަ ނޫޅެން ލިއޯން ހުއްޓުވާކަށް......" ދީނާ ދާނިޔަލް ނެޕީ ނައްޓުވާލީ ފެންވަރުވައިލާ ރީތިކުރުވުމަށެވެ. ދާނިޔަލްގެ ތުއްތު ހިނިތުންވުމުން ފާޅުވެގެން ދިޔަ އަޑިކޮޅުން ދީނާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ދީނާ އަބަދު އިންނަނީ ލިއޯންކޮށްފާނެ ސިޔާސަ ކަމަކާއި މެދު ފާރަވެރިވެގެން އެލާޓްގައެވެ. އެވަގުތު ދީނާގެ ޚިޔާލުތައް އެހެން ދިމާލަށް ދިޔަ ސަބަބެއް ނޭގުނެވެ. ދީނާ ހޭވެރިކަންވީ ލިއޯން ކޮންމެވެސް އެއްޗެއް އެއްލާލުމާއި އެކު ދާނިޔަލްގެ ބޮލާއިދިމާލުގައި ޖެހި ދާނިޔަލް ބާރުބާރަށް ރޮއިގަތުމުންނެވެ. ހީވީ ނޭވާވެސް ހުއްޓިދާނެ ހެންނެވެ. ދީނާގެ ހިތް ފަޅައިގެންދާވަރުވިއެވެ. ބޭބީއަށް ކަމެއްވީބާވައެވެ. ބޮލަށް ގެއްލުމެއްވީކަން ނޭގެއެވެ.

"މަލީކް....." ކަރުފަޅައިގެންދާހާ ބާރަށް މަލީކްއަށް ގޮވަމުން ދާނިޔަލް މޭގައި ޖައްސާ ބާރުކޮށްގެން ހުރެ ދާން ހިނގައިގަތް ވަގުތު އަދި ލިއޯން އުޅުނީ ދާނިޔަލްގެ ފައިގައި ހިފާ ދަމައިގަންނާށެވެ.

"މިއީ ކިހާ ބޮޑުވެއްޖެ ކަމެއްތަ؟ މިކުއްޖާގަނޑު ދެކެ ބައެއްފަހަރު ރުޅިއަރައިގެން މޮޔަވާވަރުވޭ......." ދީނާ ލިއޯންގެ އަތުގައި ހިފާ ދުރަށް ފޮނުވައިލި އިރު ކުރިމަތީގައި ހުރީ ސިޑިކަމާއި މެދު ވިސްނައެއް ނުލެވުނެވެ. ލިއޯން ވެއްޓެން ދިޔުމުން ސިޑީގައި ހިފަން އަތްދިއްކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. އާއްމުކޮށް އެފަދަ ކުއްޖަކަށް އެފަދަ ހަރަކާތެއް ކުރާކަށް ނުވެސް އެނގޭނެއެވެ. ސަލާމަތްވާން އެގޮތަށް ނޫޅެވޭނެއެވެ. އެމަންޒަރު ފެނިފައި ދީނާ ގަނޑުވިއެވެ. ފިނިވެލުމާއިއެކު ހީވީ ހުރިހާ ތަނެއް އަނދިރިވާން ފެށިހެންނެވެ. ދީނާ ހަޅޭއްލަވައިގަންނަން އުޅުނީމަ ކަރުތެރެއިން އަޑުބޭރެއްނުވިއެވެ. ހީވީ މީހަކު ކަރުގައި އަތްއަޅާ ބާރުކުރަމުންދާހެންނެވެ. ދީނާ އަށް ހަމަހޭވެރިކަންވީ މިނިޓް ކޮޅެއްފަހުންނެވެ. ދީނާ އުދުހިލާފައި ކަހަލަ ގޮތަކަށް ސިޑިން ތިރިއަށް ފޭބިއިރު މަލީކް ލިއޯން ސޯފާގައި ބާއްވައިގެން އިންއިރު ނަހުޔާން ހުރީ ގަނޑުފެން ބޯތަށްޓައް އަތް ބާނައިގެންނެވެ. ނަހުޔާން އަކަށް އެކައްޗެއް ނުވިސްނުނަސް އެގޭގައި ގެންގުޅޭ މީހާ ހުރީ ފެންކަޅިވެފައި އެއްފަރާތުގައި ބަލަހައްޓައިގެންނެވެ. ލިއޯން އޮތީ ދެލޯމަރާ ތަގުޅިކޮށްލައިގެންނެވެ. ހީވަނީ ސަމާސާ އަކަށް ހަދައިގެން ނިދާކަމަށް ހެދިގެން އޮތްހެންނެވެ.

"މައި ޗައިލްޑް... މައި ޕުއަރ......" ދީނާ ރޮމުން ގޮސް ލިއޯން ނަގަން އުޅުނު އިރު މަލީކްގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފެނުމުން ދީނާ ބިރުންގޮސް ހަލާކުވާވަރުވިއެވެ. 

"ދުރުގައި ހުރޭ، އަހަންނަށް ފެނުނޭ، ދީނާ އަހަރެންގެ ދަރިފުޅު ސިޑިން ވައްޓާލީ، މިގެއިން ނުކުމޭ... ހަމަ މިހާރު މިގެއިން ނުކުމޭ.. ތިއީ މަގޭ އަންބެއްނޫން. ދޭ.. އަހަންނަށް ފެންނަ ހިސާބަށް އައިސްގެން ނުވާނެ. ޔޫ ކިލްޑް މައި ސަން......." މަލީކް ހަޅޭއްލަވައިގަތްއިރު އެމްބިއުލެންސްގެ ސައިރެންގެ އަޑު އިވިއްޖެއެވެ. މަލީކް އެމްބިއުލެންސަށް ގުޅުއްވީކަން ނޭގެއެވެ.

"މަގޭ ދަރިފުޅަށް ވީ ކީއްތަ؟ ބުނޭ މަލީކް، ބުނޭ ކިހިނެއްވީތަ؟ މަލީކް ކޮންމެވެސް ކަމެއްކޮށްބަލަ...... ކޮންމެވެސް ކަމެއްވެއްޖެ...... ބޭބީއަށް މިއޮތީ ކިހިނެއްވެފަތަ؟ ދަރިފުޅާ...... ލޯ ހުޅުވާލަބަލަ، މަންމަގެ ފުރާނަޔާ...... ދަރިފުޅާ...... ވާހަކަ ދައްކަބަލަ... މަންމަ އެހެން ބުނި އެއްޗެއް ނޫނޭ. މަންމަގެ ލޯބި ދެކެ މަންމަ ދުވަހަކު ރުޅިއެއް ނާންނާނެ. މަންމަގެ ސްވީޓްހާޓް....... " ދީނާ ބާރުބާރަށް ރޮއިގެންފާ ލިއޯންގެ އަތުގައި ހިފާފައި ތަޅުވައިގަތެވެ. އެންމެ ފަހުން ލިއޯންގެ ގައިމައްޗަށް ވެއްޓެން އުޅުމުން މަލީކް ހިފެހެއްޓެވިއެވެ. ދާނިޔަލްވެސް ހުއްޓުމެއްނެތި ރޮނީއެވެ. ގޭތެރޭގައި ކުޑަ ގިޔާމަތެއްވި ކަހަލައެވެ. އޭރު އެތައްބަޔަކު އެތަނަށް ޖަމާވެއްޖެއެވެ. ކޮންމެވެސް މީހަކު ދާނިޔަލް މަސަލަސްކުރަން އުޅުނެވެ. އެތައްކަމެއް އެއްފަހަރާ ހިގަމުންދިޔައިރު ދީނާއަށް އޭނަގެ ފުރާނަފަދަ ލޯބިވާ ދަރިފުޅު މިދުނިޔެއަށް އެންމެ ފަހު ނޭވާ ދޫކޮށްފިކަން ޔަގީންވިއެވެ. ދީނާ ގަބުވެފައި ހުރިއިރު ފަހުން ރޯކަށް ނޭގުނެވެ. ޖެހުނުތާ އިށީދެލައިގެން އިންއިރު އެމްބިއުލެންސަށް ލިއޯން ލައިގެން އާއިލާމީހުންވީ ހޮސްޕިޓަލަށް ގޮސްފައެވެ. ދާނިޔަލް އަދި ނަހުޔާންވެސް ފެންނާކަށްނެތެވެ. އެގޭތެރޭގައި ގަދަކޮށްލާފައި އުޅުނީ މަލީކްގެ ޚާންދާނުގެ އެތައް ބަޔެކެވެ. އެކި އުމުރުގެ މީހުންނެވެ. އެންމެންވެސް ހިމޭނުން ތިބިއިރު ދީނާ އާއި ދޭތެރޭގައި ހިތްހަމަނުޖެހިފައިވާކަން ހާމަވެއެވެ. އެންމެންވެސް ތިބީ ފެންކަޅިވެފައެވެ. މިއީ ހަގީގަތެއްކަމަށް ދީނާ ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. މިއީ އޭނައަށް ފެނުނު ބިރުވެރި ހުވަފެނެކެވެ. ހޭލެވޭއިރު ހުރިހާކަމެއް ހުންނާނީ ރަނގަޅަށެވެ. 

ލިއޯން ހޮސްޕިޓަލަށް ގެންދިޔައިރު ބޭރަށް އެއްވެސް ޒަޚަމެއް ފެންނަންނެތެވެ. ޖެހުނު ގޮތަކުން ސިކުނޑިއަށް ލޭ އެޅި ވަގުތުން އެންމެ ފަހު ނޭވާ ދުނިޔެއަށް ދޫކުރީއެވެ. މަލީކް އެހާވަރުން ބިނާކުރެއްވި އާއިލާ ރޫޅި ހުރިހާ އުއްމީދުތަކެއް ވިއްސި ވިހާލިވެގެން ދިޔައީއެވެ. ރުޅިއަކީ ޝައިތާނީ އަމަލެކޭ ބުނަނީ އެހެންވީމައެވެ. ކޮންމެ ފަދަ ހާލެއްގައިވެސް ރުޅިއިސްކުރުމުގެ ބަދަލުގައި މަޑުމައިތިރިވެ ކުޑަކުދިންނަކީ މޮޔަ ނުވިސްނޭ ބަޔެއްކަން އެނގި މައިންބަފައިން އެކުދިންނާއި މެދު ކެތްތެރިވާންވީ ކީއްވެކަން ދީނާއަށް މި ވިސްނުނީ ވަގުތު ފާއިތުވީފަހުންނެވެ. ލޮލުގައިވާ ކަރުނަތައް ހުސްވާންދެން އޮއްސިޔަސް އޭނަގެ ދަރިފުޅު ދެން މި ދުނިޔެއަށް ލޯ ހުޅުވައެއްނުލާނެއެވެ. ދީނާގެ ހިތް ކުދިކުދިވެ އެތައް ސަތޭކަ އެތިކޮޅުތަކަށްވެ ބުރައިގެން ކަރުނަތިކިތަކުގެ މިސާލުގައި އޮހެންފެށިއެވެ. ލިއޯންގެ ތުއްތު ހިނިތުންވުންތަކާއި ޅަ ހަރަކާތްތައް ލޮލުގެ ކުރިމަތިން ނިއުޅެންފެށިއެވެ. ދެން ދުވަހަކު އެ ލޯބި ހަރަކާތްތަކެއް ނުފެންނާނެއެވެ. ދުވަހަކު "މަންމީ" އޭ ކިޔާފައި ގޮވައެއް ނުލާނެއެވެ. ދުވަހަކު އުދަގުލެއް ނުކުރާނެއެވެ. ދަރިފުޅަށް ކާން ދިނުން ފެންވެރުން އަދި ނިންދެވުން ފަދަ ކޮންމެކަމެއް ބޮޑު ބުރައަކަށް ވެގެން އުޅެނިކޮށް ހުރިހާ ކަމަކުން ފަސޭހަވީއެވެ. ދީނާ ދަރިފުޅު ކުރާ އުދަގޫތަކާއި ހެދި އުޅެނިކޮށް އެންމެ ފަހުން އަނބުރާ ނާންނަ ދުނިޔެއަކަށް އެދިޔައީއެވެ. ދީނާ ރޮއިރޮއިފާ ހެއްދެވި ފަރާތަށް އާދޭސްކުރިއެވެ. މުއުޖިޒާތަކުންވެސް ދަރިފުޅު އަނބުރާ ދެއްވުމަށް އެދި އާދޭސްކުރިއެވެ. އެހެން ކޮންމެފަދަ ސަޒާ އަކަށްވެސް ކެތްކުރެވިދާނެ ކަމަށާއި މިހާ ބޮޑު ކަމެއް ހިތަށް އުފުލާން ކުޅަދާނަނުވާނެކަމަށެވެ. 

"ގޯޑް..... ޕްލީޒް ގިވް ހިމް ބެކް... ދުވަހަކު ދެން ބޭބީ އަކަށް އޮޅިގެންވެސް އަނިޔާއެއް ނުކުރާނަން....." ކިތަންމެ އާދޭހެއްކުރިޔަސް ދީނާގެ ދުއާތަކުންވެސް ދަރިފުޅު އަނބުރާ ލިބުމެއްނުވިއެވެ. ދީނާއަށް ކިތަންމެ ފަހަރަކު ފުރުސަތު ލިބުނެވެ. ކިތަންމެފަހަރަކު އެހެން ނަހަދާން ވައުދުވެފައި ކޮންމެ ފަހަރަކު ރުޅި އިސްކުރެވުނީއެވެ. ކެތްތެރިނުވެވުނީއެވެ. އެފަދަ ބަލިކުއްޖަކަށް އިތުރު ލޯތްބާއި އަޅާލުން ލިބެންވާނެކަން އެނގިހުރެ އިހުމާލުވެވުނީއެވެ. 

އެހިސާބަށް ކިޔައިދީފައި ދީނާ ދާނިޔަލްގެ ގައިގައި ހިފައިގެން ބާރުބާރަށް ރޯންފެށިއެވެ. އޭރު ދާނިޔަލްގެ ލޮލުގައިވެސް ވިދަވިދާހުރީ ކަރުނަތިކިތަކެވެ.

"ޑެނީ، ކިހިނެއް މަންމަ އަމިއްލަ ނަފުސަށް މާފުކުރާނީ، ކިހިނެއް ކެތްކުރާނީ... އެންމެ ފަހު ވަގުތުވެސް ލިއޯން ބޭބީ ހީކުރާނީ މަންމަ ހުރީ ރުޅިއައިސްފައި ކަމަށް. މަންމަގެ ދަރިފުޅު ދުނިޔެ ދޫކުރީ އެ ކުށްހީގައި ހުރެކަން ނޭގޭ، ކިހާ އިނޮސެންޓް ކުއްޖެއް، އެހެން ކުދިންނާއި އެހާ ތަފާތު، އެކައްޗެއްވެސް ނުވިސްނޭ މޮޔަކުއްޖަކަށް މަންމަގެ ރުޅިގަނޑު ބޭލުނީ، މަންމައަކީ ކިހާ ނުބައި މީހެއް......." ދީނާގެ ހިތުގައިވާ ހާ އުދާސްތައް އެތައް ދުވަހަކަށްފަހު ބޭރުކުރިއެވެ.

"މަންމާ، ނުރޮއި ޕްލީޒް، ލިއޯން އަށް އޭރު ނުވިސްނުނަސް ފަހުން އެނގޭނެ މަންމަ ރުޅިން ބުނާއެއްޗެއް ނޫންކަމާއި ހިތުގެ އަޑިން ލޯބިވާވަރު، ލިއޯންވާނީ އެންޖެލްސް އިންނާއިއެކު ސުވަރުގޭގެ މާތް ނިއުމަތުގައި، އެއީ އަހަރެމެން ފެމިލީއަށް އައި ކުޑަ އެންޖެލްއެއް، ވިންގްސްކޮޅެއް ނެތްކަން އެކަނި، މިހާރުވެސް މިތާގައި ލިއޯން އަޑުއަހަން ނެތްކަން ނޭގޭ، ލިއޯން ބޭނުމެއް ނުވާނެ މަންމަ ހިތާމަކުރާކަށް....." ދާނިޔަލް ހިތްވަރުކޮށްލާފައި ވާހަކަދެއްކިއެވެ.

"ހޫމް ދަރިފުޅާ، ހީ ވޯޒް ލައިކް އެން އެންޖެލް، ރީތިކަމުން މީހަކު ލޯބިން ފުރިދާނެ، އެހާ ރީތި ކުދިން ދުނިޔޭގައި އުޅޭބާވައޭ މީހުން ހިތަށް އަރާނެ، ލިއޯން ފެނުނީމަ ހައިރާންވެވެފައި މީހުން ބަލަން ތިބޭ، މަންމަ ބިރުގަނޭ ލިއޯންއާއި އެސްފީނާޖެހިދާނެތީ....." ދީނާ ކަރުނަތައް ފޮހެލާފައި ވަރުބަލި ގޮތަކަށް ތެދުވެ އުޑާއި ދިމާލަށް ބަލާލަމުން ހެއްދެވިފަރާތަށް ދުއާކުރީ ލިއޯން އުފަލުގައި ލެހެއްޓެވުމަށެވެ. އެރީތި ހިނިތުންވުންތަކުން ސުވަރުގޭގެ އަހުލުވެރިންގެ ހިތްތައްވެސް އުފާވާނެކަން ޔަގީނެވެ. ދީނާ އެ ދުވަސްފަހުން އަބަދު އެދެނީ މަރުވެގެން ދަރިފުޅާއި ބައްދަލުވުމަށެވެ. ދަރިފުޅާއި އެކު ނުވަނީސް ދީނާގެ ހިތުގެ ވަކި ބަޔަކަށް ދުވަހަކު ލުޔެއް ނުލިބޭނެއެވެ. ލިއޯންގެ މާފު ނުލިބި ދީނާގެ ހިތަށް ދާއިމީ ހަމަޖެހުމެއް ނުލިބޭނެއެވެ. ހިޔަ ހާސް އަހަރަށް ހުއްޓަސް ދީނާގެ ހިތުން ލިއޯންގެ ހަނދާންތައް ފިލައިގެން ނުދާނެއެވެ. މަލީކް ވަރި ކުރެއްވުމުން ދީނާގެ ހިތަކަށް ކުރާނެ އިތުރު އަސަރެއްނެތެވެ. އެހެންނޫނަސް މަލީކްގެ މާފު އޭނައަށް ހައްގެއްނޫނެވެ. ދަރިންނާއި އަނބިމީހާއަށް ޓަކައި މަލީކް ބުރަ މަސައްކަތް ކުރެއްވި އިރު ދީނާ ކުރީ ޝަކުވާއެވެ. އަންހެނެއްގެ ގާތަށް ނުދާއިރުވެސް ޝައްކު ކުރީއެވެ. ޝަކުވާކުރުން ނޫންކަމެއް ދީނާއަށް އެނގުނީއެއް ނޫނެވެ.

ދީނާގެ ކުޑަ ދެކުދިންގެ މަންމައެއްގެ ގޮތުގައި ހުންނާކަށް ދީނާ ބޭނުމެއް ނުވިއެވެ. އެކުދިންނަށް ދެވޭނީ ކޮން ލޯތްބެއް ހެއްޔެވެ؟ އެ ލޯބި ފުށްގަނޑެއްފަދަ ދެކުދިންގެ މަންމަ އަކަށް ވުން އޭނަ ލާއިގެއް ނޫނެވެ. ދީނާ ގަބޫލުކުރީ އެގޮތަށެވެ. އެހެން މީހުން ދީނާ ބަދުނާމު ނުކުރަންވެގެން ސިޑިން ދަރިފުޅު ވެއްޓުނީ އެކްސިޑެންޓަކުން ކަމަށް ބުނިއިރު ދީނާ ޕޮލިހުން ގާތުގައި އެއްބަސްވީ އޭނަ ގަސްތުގައި ލިއޯން ވައްޓާލީ ކަމަށެވެ. ދީނާ ބޭނުންވީ އަމިއްލަ ނަފުސަށް ކުށުގެ ސަޒާ ދިނުމަށެވެ. ހައްގު އަދަބު ލިބިގަތުމަށެވެ. ދީނާއަށް ޖަލުގެ ހުކުމެއް އައެވެ. ފަހުން ނަފުސާނީ މައްސަލަ ބޮޑުވެ ދީނާ މޮޔަނުވީ ކިރިޔާއެވެ. ނަމަވެސް ދީނާގެ އާއިލާއިން ބޭސްކުރުވުމާއި އެހެން ފިރިހެނަކު ހަޔާތަށް އައުމަށްފަހު ދީނާ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ. ހަތަރު ފަސްއަހަރު ފަހުން އެވަރލޭންޑާއި ހަމަޔަށް ދީނާ ފޯރިއިރު އެ ބިމުގައި އެމީހުން ދިރިއުޅުނު ގެ ވަނީ ތަޅާލާ ބިމާއި ހަމަކޮށްލާފައެވެ. އެގޭގެ ސިޑިން ލިއޯން ވެއްޓުނީމަ އެގެއަކީ ސުންޕާ ތަނެއް ކަމަށް ނިންމަވާ އެގޭ ވުޖޫދުން ނައްތާލަން މަލީކް ނިންމެވީކަން ނޭގެއެވެ. އެ އިމާރާތުގެ ތެރޭގައި ހުރީ އެވަރލޭންޑްގެ މުސްކުޅި ގެއެވެ. މަލީކްގެ މައިންބަފައިން ދިރިއުޅުއްވި ގެއެވެ. މިހާރު އެ ގެވަނީ ފަޅަށެވެ. އެމީހުން ރާއްޖޭގައި އޭރު އުޅޭކަމަކަށް ނުވިއެވެ.

ދީނާ އެންމެ ފަހު ފަހަރަށް ލިއޯންގެ މަހާނަ ކައިރިއަށް ގޮސްފައި އެތައްވަރަކަށް ކަރުނަ އޮއްސުމަށްފަހު އަލްވަދާއު ކިޔާފައި ރާއްޖެއިން ބޭރަށް ފުރި ދުވަހަކު އެއްވެސް މީހަކަށް މޫނު ނުދައްކަން ހުވާކޮށްގެން ހުރެއެވެ.

ދީނާގެ ހަޔާތަކީވެސް އިބުރަތެކެވެ. ހަޔާތުގައި ދިމާވާ އެފަދަ ކޮންމެ ހާދިސާއަކުން އެހެން މީހުންނަށް އިބުރަތެއް ލިބިގަނެވިދާނެއެވެ. ދާނިޔަލް އަށްވެސް މަންމަގެ ދިރިއުޅުމުން އެއްޗެއް ވިސްނައިގަނެވުނެވެ. ބައްޕަގެ ތެދުވެރިކަން ޔަގީންވިއެވެ. މަންމަ ބައްޕަ އެހެންމީހަކާއި ރައްޓެހިވެގެން އުޅުނުކަމަށް ޝައްކުރިޔަސް އެއީ ހަގީގަތެއްނޫނެވެ. ދަރިންނަކީވެސް ކިހާބޮޑު އަމާނާތެއް ހެއްޔެވެ؟ އަދި ދަރިން ބަލާއިރު ހާދަ ބޮޑެތި ގުރުބާނީ ތަކެއް ވާން ޖެހޭނެއެވެ. އިރާ އަށް ނޯކަރުން ހޯދައިދިނުމުގެ އިތުރުން އަޅާލައި ކަންތަކާއި އެހީތެރިވެ ވަގުތު ދޭން އެވަގުތު ދާނިޔަލް ނިންމިއެވެ.

ދީނާ އާއި ދާނިޔަލް ވަރަށް ގިނައިރުވާންދެން ވާހަކަދައްކަން ތިބިއިރު ދާނިޔަލް މަންމަގެ ހިތްހަމަޖައްސައިދޭން އެތައް ވާހަކަތަކެއް ދެއްކިއެވެ. ލޯބިވާފަރާތެއްގެ އެހީތެރިކަމުން ހިތަށް ލުއިވިޔަސް މަންމަގެ ހިތް އެކީ ހަމަޖައްސައި ނުދެވޭނެކަން ދާނިޔަލްއަށްވެސް އެނގުނެވެ. އޭނަ ކުޑައިރު ދޫކޮށްލާފައި ދާން ޖެހުނު ސަބަބު އެނގުމަށްފަހު މިއަދު ދާނިޔަލްގެ ހިތުގައި މަންމައަށްޓަކައި އޮތް ލޯބި އިތުރުވެއްޖެއެވެ. މަންމަ ނޫން އެހެން މީހަކު ނަމަވެސް ވާނީ އެހެން ކަން ނޭގެއެވެ. 

ދާނިޔަލް ކޮޓަރިއަށް ވަންއިރު އިރާ ހުރީ ފެންވަރާލައިގެން ތައްޔާރުވެލާށެވެ. އޭރު އަދި ގަޑިން ހަތަރުގަޑިބައި ވީއެވެ. ގަޑިންވީއިރެއް ޔަގީންނުވާތީ އިރާ އަބަދުވެސް އެގޮތަށް ގަޑި އޮޅުވާލައިގެން ކަންތައް ކުރާކަން ދާނިޔަލް ދަނެއެވެ. އޭރު އިރާ ހުރީ ޖިންޖަރ ބިސްކޯދެއް އަނގައިގައި ޖަހާލައިގެންނެވެ. މޭނުބައިކުރާތީ މަންމަ ބުނެދިން ފަރުވާއެކެވެ. އެއީ އިރާއަށްވެސް ކަމުދާ އެއްޗަކަށްވެ ހެދުނު އެންމެ ފުރަތަމަ އެއްޗަކަށް ކާލެވެނީ ބިސްކޯދެވެ.

"ޑެނީ..ހެޕީ ނިއު ޔިއަރ....." އިރާ އަށް ދާނިޔަލް ޖަވާބުދިނީ ކުޑަ ހިނިތުންވުމަކާއި އެކުގައެވެ.

"އަހަރެން ހިގާލަން ދިޔަސް ހެޔޮތަ؟" އިރާ މިފަހަކަށް އައިސް ކޮންމެ ކަމަކަށް ދާނިޔަލްގެ ފަރާތުން ހުއްދަ ހޯދާކަން ދާނިޔަލް ފާހަގަކުރެއެވެ.

"ރަނގަޅުވާނެ......." ދާނިޔަލް ގަޑިބުނާކަށް ނޫޅުނެވެ. އޭނަވެސް ގަޔަށް ފަސޭހަ ޓީޝާޓަކާއި ސޯޓެއް ވައްޓާލައިގެން އިރާގެ ފަހަތުން ނުކުތެވެ. އޭރު މާހައުލުވަނީ ނިކަން ހިމޭންކޮށެވެ. ފަޖުރުގެ ތަރި އުޑުގައި ވިދަވިދާހުރިއިރު ރީތިކަމުން ހިތްތަކަށް ހަމަޖެހުން ގެނެސްދޭނެއެވެ. ކަނޑުން އަންނަ ފިނިތެތް ވައިރޯޅިތައް އިރާގެ ހާމަޔަށްވާ އަތުގައި ބީހިލުމުން ހީކަރުވައިގަނެގެން ދެއަތް މޭގައި ޖައްސާލިތަން ފެނުމުން ދާނިޔަލް ހަމްދަރުދީވިއެވެ. އިރާއަށް އެފަދަ ކޮންމެ ވަގުތެއްގައި އެހީތެރިވެދިނުމަކީ އޭނަގެ ހައްގެކެވެ. ދާނިޔަލް ކައިރިއަށް ޖެހިލާފައި އިރާ ގެނެސް ގައިގައި ޖައްސާލައިގެން ހުރެ ހިގަން ފެށިއެވެ. އެއަތުގެ ހިމާޔަތް ލިބުމުން އިރާ ހުރީ ގަބޫލުނުކުރެވިފައެވެ. އަނެއްކާ މީހަކަށް ދައްކަންވެގެން ދާނިޔަލް ޖައްސާ އެކްޓެއްހެއްޔެވެ؟

"ބައިވަރު މީހުން އެބަތިބި ތަ؟ "އިރާ އަހާލައިފިއެވެ.

"ދެމީހުން ނޫނީ ދިރޭ ފުރާނައެއް ނެތްހެން ހީވަނީ...... އަދި އިރު ނާރައޭ......" ދާނިޔަލް ވާހަކަދެއްކީ އޯގާތެރިކޮށެވެ.

"އަހަރެން ހީކުރީ މީހަކަށް ދައްކަން ކައިރިވީ ކަމަށް، އެހެންނޫނީ ޑެނީ އަހަންނަކާއި ތިގޮތަށް ކާރިއެއް ނުވާނެ، އެންމެ ބޭނުމެއް ނެތިއްޔާ..............." އިރާ މަޑު ހުނުމަކާއިއެކު ބުނެލުމުން ދާނިޔަލް އަށް އެއީ ތެދެއްކަމަށް ގަބޫލުކުރެވުނެވެ. އަނިޔާއެއް ކުރަން ނޫނީ އަމިއްލަ ނަފުސްގެ ބަނޑުހައިކަން ފިލުވައިލަން ނޫނީ މިފަދަ އޯގާތެރި އަތެއް ދިއްކޮށްލި ހަނދާނެއް ޚުދު އޭނަވެސް ނުވިއެވެ.

"އިރާ ތިބުނީ ދޮގެއްނޫން، އެކަމަކު އަހަރެންވެސް އަބަދު އެއްގޮތެއް ނުވާނެ ދޯ، އަހަންނަކީ އިރާ ހީކުރާހާ ގޯސް މީހެއްނޫން، ލޯބިވާންވެސް އެނގޭ، އަޅާލާންވެސް އެނގޭ، ނަމަވެސް ދެމީހުން އެކީގައި އުޅެންޖެހުނު އިރުވެސް އަބަދު ފައިޓްކުރުން އޮތީމަ އެހެން ކަމެއް ކުރެވޭނެތަ؟ އެމެރިކާއަށް ދިޔައިމަ ދެން އެކަންތައް ބަދަލުވެދާނެކަން ނޭގޭ، އަހަރެންވެސް ބޭނުމެއްނޫނޭ އަބަދު އިރާ ރޮއްވާކަށް، ކުރިން އުޅުނު އިރާ ދެކެން ބޭނުމީ....." ދާނިޔަލް ގެ ހިތުގައި ކޮންމެފަދަ އެއްޗެއް ވިޔަސް ވާހަކަ ދެއްކީ އިރާ ހިތް އުފާވާނެފަދަ ގޮތަކަށެވެ.

"ބްލައިންޑްވިޔަސް އައި ކެން ބީ ހެޕީ.... އެކަމަކު..." އިރާ ކޮންމެވެސް އެއްޗެއް ބުނަން އުޅެފައި ހުއްޓާލިއެވެ.

"ރޭ އެންމެން އެހާ މަޖާކުރިއިރުވެސް އިރާވެސް ސެލެބްރޭޝަންގައި ބައިވެރިވިނަމަ.... އަހަރެން ވަރަށް އެކަނިވެރިވި، އިރާ އަހަރެން އެކަނިކޮށްލަންވެގެން ނިދާލީވިއްޔަ، ވީއިރު މިގަޑީގައި އަހަރެމެން ނިއު ޔިއަރ ސެލެބްރޭޓް ކުރާނީ......" ދާނިޔަލް ފިޔަވަޅުތައް މަޑުކޮށްލީ ރާޅުތައް ބީއްސާލާހިސާބުގައެވެ. ދުރުދުރަށްދާންދެން އޮބާލާފައިވާ ނޫކުލައިގެ ކަނޑު މިގަޑީގައި ފެންނަލެއް އަމާންކަމުން އެއީ ނުރައްކާތެރި ތަނެކޭ ހީވާނީ ކާކަށް ހެއްޔެވެ؟ ނޫކުލައިގެ ސާލެއް އޮޅާލައިގެން ނިދާލާފައިވާހެން ހީވެއެވެ. ދާނިޔަލްގެ މުށުތެރެއަށް ލެވިފައިވާ އިރާގެ ނާޒުކް އަތަށް ކުޑަކޮށް ފިތާލެވުމުން އިރާ އިސްއުފުލާލާފައި ބަލާލައިފި އެވެ.

"ޑެނީ، ފަތާލަންތަ؟ " އިރާ ދާނިޔަލްގެ އަތަށް ކުޑަކޮށް ދަމާލައިފިއެވެ. ހީވީ އޭނައާއިއެކު އައުމަށް ދައުވަތުދިންހެންނެވެ.
"މިގަޑީގައި...." ދާނިޔަލްއަށް ބުނެވުނެވެ. އިރާ ސުވާލުކުރަން ފެށުމުން ދާނިޔަލް ގަޑި ބުނެދިނެވެ. އިރާއަށް މާބޮޑަށް ފިނިވާންފެށީ ގަޑި އެނގުމުންނެވެ. ހީކަރުވައިގެން ރޫރޫއަޅަން ފެށުމުން އޭނަ ދާނިޔަލްގެ ޓީޝާޓުގެ ތެރޭގައި މޫނު ފޮރުވާލިއެވެ. އެވަގުތު ކުދި ކަކުންޏެއް އިރާގެ ފައިގާ ދަތްއަޅައިލުމުން އިރާ ތޫނުއަޑަކުން ހަޅޭއްލަވައިގެންފާ ދާނިޔަލްގެ އުރަށް އެރިއެވެ. ބިމުގައި ފައި ޖައްސާލަން އިރާ ދެކޮޅުހެދީ ގަސްތުގައެވެ. ބިރުގަންނަކަމަށް ހެދުނީ އެހިތް އަބަދު ދާނިޔަލްގެ އަތުތެރޭގައި ވާން އެދޭތީއެވެ.

އިރުކޮޅެއްފަހުން ފައި ބިމުގައި ޖައްސާލާފައި ދުވެދުވެފައި އުޅުނު އިރު ދާނިޔަލްވެސް ބޭނުންވީ އިރާ ހެއްވާލާށެވެ. އެއީ ދާނިޔަލް އަށް މާ އުދަގޫވި ކަމަކަށްނުވިއެވެ. އިރާ ހީވީ އަލުން ލޮލުގެ އަލިކަން ލިބުނުހެންނެވެ. ބަލިވެއިނުމުން ވެފައިވާ ވަރުބަލިކަންވެސް ހަނދާން ނެތުނުހެންނެވެ. އެ ދޮން މޫނަށް ލިބިފައިވާ އުޖާލާކަމާއި ތުންފަތުގައިވި ހިނިތުންވުންތަކުގެ ސަބަބުން ހީވީ އެހެން ކުއްޖެއް ފެނުނުހެންނެވެ. މި އުފާވެރިކުއްޖާގެ ގައިގައި މާ އަޅައިގަންނަގޮތް އެބަހުއްޓެވެ. މޫދަށް އެރި ފެންވަރާލައިގެން ކޮޓަރިއަށް އައިގޮތަށް ފާޚާނާއަށް ވަންއިރު ދޭތެރެއަކުން މިލާންގެ މަތިން ހަނދާންވިއެވެ. އެ ހަނދާންތައް އުދަގޫކުރަން ފެށުމުން ދެވުނީ އިރާގެ ގާތަށެވެ. ވަރުބަލިވެފައި ހުރުމާއިއެކުގައިވެސް ދާނިޔަލް ކުރާކަމަކަށް ނޫނެކޭ ބުނެގެން ދާނިޔަލްގެ ހިތް ގޯސްކުރާކަށް އިރާ ބޭނުމެއްނުވިއެވެ. އިރާއަށް މިއަދު ލިބިފައިވަނީ ދުވަހަކު ހިތަށް ނުލިބޭފަދަ ފިނިކަމެކެވެ. ދާނިޔަލްގެ ރީތި މޫނު ފެނުމުގެ ނަސީބެއް ނުލިބުނަސް އެ ރީތި ހަށިގަނޑުގައި ބޭނުންވަރަކަށް ބީހިލުމުގެ ފުރުސަތު ލިބުނެވެ. އެ ފަށުވި އިސްތަށިގަނޑުގައި ފިރުމާލުމުން ތަފާތު އިހުސާސްތަކެއް މިއަދު ކުރެވުނެވެ. ކައިވެންޏަށްފަހު ދާނިޔަލްގެ ފަރާތުން މިހާ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ހާސިލުވި ފުރަތަމަ ދުވަހަކީ އެއީއެވެ.

އިރާ މެން މާލެއައީ މެންދުރުވާން އުޅެނިކޮށެވެ. އޭރު މަންމަ ގަދަޔަށް ކައްކައިގެން އެންމެންގެ އިންތިޒާރުގައި އިނެވެ. ކާންތިބެ ޖުވޭދާ އިއްވާލި ޚަބަރަކުން އެންމެ ބޮޑަށް ހައިރާންވީ އިރާއެވެ. މަންމަ މަލީކް ދޫކޮށްލާފައި އެހެން މީހަކު ޚިޔާރުކުރާނެ ދުވަހެއް ނުފެންނާނެކަމުގައި އިރާ ވަނީ ޔަގީންކޮށްލާފައެވެ. މިއަދު މަންމަ އެއެދުނީ ވަރިއަށެވެ. މަލީކް ބުނުއްވީ އެކަމާއި މެދު ވިސްނާނެކަމުގައެވެ. ޖުވޭދާގެ ހަޔާތަށް އައީ ކިހާވަރެއްގެ ބައިވެރިޔެއް ބާވައޭ މަލީކް ހިތާހިތުން ސުވާލުކުރެއްވިއެވެ. ޖުވޭދާ އަށް މާ ރަނގަޅު ބައިވެރިޔަކު ނުލިބެނީސް އޭނަ ދޫކޮށްލާފައި ގޮސްނުދާނެކަމުގެ ޔަގީންކަން އޮތީއެވެ.

"އެނަސީބު ވެރިއަކީ ކާކުތަ؟ "މަލީކް ސަމާސާ ގޮތަކަށް ސުވާލުކުރެއްވިއެވެ.

"އިރާގެ ބައްޕަ.... ހީ ޕްރޮޕޯސްޑްޓު މީ...." އަތުގެ ކަށި އިނގިލީގައި އޮތް އަނގޮޓީގައި އަތް އުގުޅައިލަމުން ޖުވޭދާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިގޮތުން އޭނައަށް ލިބިފައިވާ އުފާވެރިކަން އެންމެނަށް އަންދާޒާ ކުރެވޭވަރުވިއެވެ. ހީވަނީ ޖުވޭދާއަށް އަލަތު ލޯތްބެއް ލިބިގެން ދުނިޔެ ރަންވެފައިވާހެންނެވެ. ޅަ ދުވަސް އަލުން އައިސްގެން އުޅޭހެންނެވެ. 

"މީހުންގެ އަނބިންނަށް ޕްރޮޕޯސްކުރަން ޖެހޭތަ؟ އެނީވޭސް އަހަރެން ތިކަމާ ވިސްނާނަން....." މަލީކްގެ އެ ލަފުޒުތަކުން ޖުވޭދާގެ ހިތުގައި ފިނި ރާޅެއް ދުވެލީ ސަބަބެއްނެތިއެއް ނޫނެވެ. ދީނާ ފަހަރެއްގައި މަލީކްގެ ސިކުނޑިއަށް ސަވާރުވެ ޖުވޭދާ ދިޔަނުދީ ހިފަހައްޓަފާނެއެވެ. އޭނަ މިގޭގައި ދެވަނަ އަންބެއްގެ ގޮތުގައި ގެންގުޅެން ދީނާ ބޭނުންނުވާކަން އެގެނީ ކާކަށްހެއްޔެވެ؟ ޖުވޭދާގެ މޫނުމަތި ބަނަވެލައިފިއެވެ. ނަމަވެސް އޭނަ ވިސްނާލާފައި ހިމޭންވިއެވެ. ދަރިންގެ ކުރިމަތީގައި އެ މައުޟޫއަށް އަރައިރުންވުން ރީތިކަމެއްކަމަށް ޖުވޭދާވެސް ގަބޫލެއްނުކުރިއެވެ. އެހެންނޫނަސް މިހާރު ޖުވޭދާގެ ޚިޔާލުގައި ވަނީ އެކަނި އަރީޝްގެ ގެއާއި މުދާ މިލްކުރުމެވެ. 

އިރާ މެންދުރު ނަމާދަށްފަހު މުސައްލަމަތީގައި އޮވެވެސް ދުއާކުރީ އެންމެކަމަކަށް އެދިއެވެ. ލޮލުގެ އަލިކަންވެސް އޭނަ ބޭނުމެއްނޫނެވެ. ހަޔާތުގައި ލިބުމަށް އެދޭ އެކަނި އުފަލަކީ އޭނަގެ ފިރިމީހާގެ ލޯތްބެވެ. ދާނިޔަލްގެ ލޯބި ފިޔަވާ މިދުނިޔެއިން އޭނަ އެދޭ އެހެން ނިއުމަތެއް ނެތެވެ. ފިރިމީހާއާއި ދަރިފުޅާއި އެކު ވޭތުކުރަން ލިބިއްޖެއްޔާ އޭނަ އަބަދުވެސް އަނދިރި މީހެއްގެ ގޮތުގައި ހުރެދާނެއެވެ. ދާނިޔަލްގެ ލޯތްބަށްޓަކައި އެހިތްވަނީ ބޭގަރާރުވެފައެވެ. ހިތުގެ ހުރިހާ ދުއާއަކީ އެއީއެވެ. 

ރިވާން މިލާންއަށް މެސެޖަކަށްފަހު މެސެޖެއް ފޮނުވީ މިލާންގެ ފަރާތުން ޖަވާބަކަށް އެދިއެވެ. އެއިން ކޮންމެ ޖުމްލައެއްގެ ފޮނިކަމާއި ރީތިކަމުން އެހެން އަންހެންކުއްޖެއްގެ ހިތަށް އަސަރު ނުކޮށެއްނުދާނެއެވެ. މިލާންއަށް ކުރާ ތައުރީފާއި ލޯބިވާވަރު ހާމަކޮށްދޭން ބޭނުންކުރާ ލަފުޒުތައް ރީތިކަމާއެވެ. އިނގިރޭސިން އެހާ ފަށުވިކޮށް ލިޔަނީ ރިވާން ޕޮއެޓެއްހެއްޔެވެ؟ ޅެންވެރިއަކަށްވެސް ކުޅަދާނަނުވާނެހާ ފުރިހަމަ އިބާރާތްތަކެވެ.

މިލާން ބެލްކަނީގައި ހުއްޓާ ކޮންމެވެސް މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުމުން ސިހިފައި ބަލާލައިފިއެވެ.

ކޮމެންޓް 0