ހިތުގެ ދުއާ އަކީ ކޮންމެވެސް ދުވަހަކުން އޭނަގެ ހަޔާތަށް މިލާން އައުމެވެ. ކޮންމެ ކަމަކަށް ކުޅަދުންވަންތަ ފަރާތުން ހިތުގައި ލޯބި ލެއްވިގޮތަށް އެ ލޯބި ކާމިޔާބު ކުރަން ވެސް އިރާދަކުރައްވަފާނެއެވެ. ދާނިޔަލް އިރުކޮޅެއް ވާންދެން މިލާންގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު މިލާން ރަކިވެ ކޯތާފަތުން ރަތްކުލަ ފާއްދާލައިފި އެވެ.
"އެކައްޗެއް ނުލައި ދާން ކެރޭނެތަ؟" ދާނިޔަލް ގަސްތުގައި މިލާން އިތުރަށް ލަދުގަންނަވާލަންވެގެން ބުނެލައިފިއެވެ. މިލާން ލަދުގަތީމަ ވަކިން ރީތިކަމަށް ދައްކައެވެ. އަންހެންކުދިންގެ އެންމެ ރީތި ސިފައަކީ ލަދުވެތިކަންބާވައެވެ.

"ޑެނީ......." މިލާން އެތަނުން ދުވެ ފިލަން ބޭނުންވިއެވެ.
"ހެހެ....އޯކޭ، ފަހަރެއްގައި މޫދަށް އެރިލާނީ... ރަތްކުލައިގެ ޓީޝާޓަކާއި ކަޅު ސްކިނީއެއް ރީތިވާނެ............." ދާނިޔަލް ވިސްނާލާފައި ބުނީ މިލާންއާއި އެންމެ ގުޅޭއެއް ކުލައެވެ. ކަޅު އަދި ރަތްކުލައިގައި އެ ދޮންކަން ވަކިން ބޮޑަށް ފާޅުވާހެން ދާނިޔަލްއަށް ހީވެއެވެ.

މިލާން ހެދުން ބަދަލުކުރަން ވެގެން އަވަސްއަރުވާލައިގެން ދަމުންވެސް އިރާގެ ޚަބަރެއް ބަލައިލަން ބޭނުންވިއެވެ. އިރާ އިނީ އެކަނިމާ އެކަނި ކާކޮޓަރީގައި ރޯޒާލައްވާ ކޮފީއެއް ހައްދުވައިގެން ބޯން ކުޑަދޮރު ކާރީގައެވެ. މަންޒަރުތައް ނުފެނުނަސް ވާރޭގެ އަޑުއަހައިލަން ބޭނުންވަނީކަން ނޭގެއެވެ. މުށިކުލައަށްދާ އެ ބޯ އިސްތަށިގަނޑު މޫނުގެ ވަށައިގެން އޮތްއިރު ދޭތެރެއަކުން ވިހުރުވިގެންދާތަން ފެނެއެވެ. ވައިގެ ކުޑަ ގޯނާއަކުންވެސް އެ އިސްތަށިކޮޅުގެ ފަންކަމުން ނަށާލަނީއެވެ. މިލާން ފަހަތުން ގޮސް އިރާގެ ކައިރީގައި ހުއްޓުނެވެ.

"އިރާ، ކޮފީ ބޯކަށް ނުވާނެ އިނގޭ، އެބޯޓްވެދާނެ...." މިލާންގެ ޖުމްލައިން އިރާ ދެލޯބޮޑުކޮށްލައިފިއެވެ.
"އަސްލުތަ؟" އިރާ ވަގުތުން ކޮފީތަށި ބިއްލޫރި މޭޒުމަތީގައި ބެހެއްޓިއެވެ.
"ހޫމް، އަހަރެން އާޓިކަލްއެއް ކިޔާލިން، ކެފެއިން ބޭނުންކުރުން އެހާ ރަނގަޅެއްނޫން، މަދުމިންވަރަކަށް ބޭނުންކުރިޔަސް އޯކޭ އެކަމަކު އަނެއްހެން ގިނައިން ބޯކަށް ނުވާނެ، އިރާ އެއްވެސް މީހެއްގެ ގާތުގައި ޕްރެގް ވާހަކަ ނުބުނާނީތަ؟ " މިލާން ވާހަކަ ދެއްކީ ތަންކޮޅެއް މަޑުންނެވެ. ނަމަވެސް ކާކޮޓަރީގެ ދޮރުމައްޗަށް އެރިމީހެއްގެ ކަންފަތް ތޫނުވެއްޖެއްޔާ އެހިސާބަށް އެ އަޑުއިވޭނެކަން ގައިމެވެ. މިލާން އިރާ އާއި އިރުކޮޅަކަށް ވާހަކަދައްކަން އިނުމަށްފަހު ބޭރަށް ދާންޖެހޭކަމަށް ބުނެފައި އަވަހަށް ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ. އޭރު ހިތް އަވަސްވެފައިވާވަރުން މޭ ފަޅާލާފައި ނުކުމެދާނެހެން ހީވެއެވެ. ދާނިޔަލް އިންތިޒާރުގައި ބަހައްޓާފައި އޭނަ މިހިރީ ކިހިނެއްވެފައި ހެއްޔެވެ؟ މަތީބަޔަށް އެރިތަނާހެން ދީނާ ބެލްކަނީގައި ހުރެފައި އަންނަތަން ފެނިފައި މިލާން ކަންބޮޑުވެ އިސްޖެހިއްޖެއެވެ. އެއް ޒަމާނެއްގައި މަންމަ ކިޔައިގެން އުޅުނު އަންހެންމީހާ މިހާރު މިލާންއާއި ދޭތެރޭގައި އެއްވެސް އޯގާވެރިކަމެއް ނުބަހައްޓާތީ ހިތަށް ތަދު ވޭމެއެވެ. ބީރައްޓެއްސެކޭ އެއްވަރުވެއްޖެއެވެ. އެމީހުންގެ ފެންވަރުގެ ތަފާތުކަމުން ވާހާކަންތަކެވެ. ދީނާ މިލާންގެ ފަހަތުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއިރު ތުންފަތް މަތީގައި ވަނީ މާނަވީ ހިނިތުންވުމެކެވެ.

"މިލާން، އިރާ ޕްރެގްތަ؟ " ދީނާ ގެ ސުވާލުން މިލާން ސިހިއްޖެއެވެ.
"އަހަންނަށް އެނގެން ޖެހޭނެ ދޯ، މިލާން އިރާއަށް ދަސްކޮށްދީގެން ފޮރުވައިގެން އުޅެނީތަ؟ ޑެނީއަށް އެނގޭނަމަ އޭނަ ނުހުންނާނެ ތިކަން ސިއްރުކޮށްގެނެއް، ޑެނީގާތުގައި ބުނުންވެސް އިރާއަށް މުހިއްމު ނުވީތަ؟ ޓެލްމީ މި......އިޒް ޝީ ޕްރެގް؟ " ދީނާ ހިތްހަމަނުޖެހޭ ގޮތްވެފައި ތަންކޮޅެއް ބާރަށް އަހާލައިފިއެވެ.
"އިރާ ބުނީ އެއްވެސް މީހެއްގެ ގާތު ނުބުނާށޭ......" މިލާން ކަންބޮޑުވެފައިވާ ނަޒަރަކުން ދީނާގެ މޫނަށް ބަލައިލުމަށްފަހު ތުންފަތުގައި ދަތްއަޅައިލި އެވެ. މިލާން ވިސްނައިލުމާއިއެކު ދީނާއަށް އެނގުނީ ކިހިނެއްކަން ޔަގީންވިއެވެ. މިލާން ކާކޮޓަރީގައި ވިސްނާނުލައި އެ ވާހަކަ ދައްކަން ހަދައިގެން ދީނާގެ ކަންފަތާއި ހަމަޔަށް ފޯރީއެވެ. އިރާގެ ރުޅީގެ އަމާޒަކަށް އޭނަ ނުވެނުދާނެ ގޮތަކީ ނެތްގޮތެކެވެ. އަނގަގަދަ މިތުރަށްވުރެ އޭނަގެ ކަންތައް ކުޑައެއްނޫނެވެ. ހިމޭންކަން ރަނުގެ މިސާލުގައި ޖަހަނީ އެހެންވީމައެވެ.

ދީނާ ވަގުތުން ފޯނު ކަންފަތުގައި ޖެހުމުން މިލާން ނޭވާ ހިފަހައްޓައިގެން ހުރެފައި ނޭވާ ދޫކޮށްލިއެވެ. އޭރު އެ ދޮންމޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައަށް ކަންބޮޑުވެފައި ހުރިކަމުގެ ނިޝާންތަކެވެ. ދީނާ އެގުޅީ ކާކަށް ކަމެއް މިލާންއަކަށް ނޭގުނެވެ. ދީނާ ކޮޓަރިން ބޭރަށް ނުކުތުމުން މިލާން އެނދުގެ ކައިރިފަށުގައި އިށީނދެލި ގޮތަށް ނިޔަފަތީގައި ދަތްއަޅާލައިގެން އިންއިރު އެ ސާފު ދެލޮލުގައި ކަރުނައިގެ އަސަރުވިއެވެ. ދާނިޔަލް އާއިއެކު މިރޭ ބޭރަށް ދިޔުމުގެ މާނައެއްނެތެވެ. އިތުރު ހަނދާންތައް ބިނާކޮށް ވަކިވުމުގެ ވޭން އިތުރުވުން ނޫންކަމެއް ނުވާނެއެވެ. އަމިއްލަ ނިކަމެތި ކަމާއި އާރެއް ބާރެއްނެތް ވަރު ހިތަށް އަރާފައި މިލާންގެ ބޮލުގައި ރިއްސާލިއެވެ. އެންމެ ފަހުން މިރޭ ބޮލުގައި ރިއްސާތީ ބޭރަށް ނުދެވޭނެކަމަށް ބުނެފައި ދާނިޔަލްއަށް މެސެޖެއް ފޮނުވައިލުމުން އެކަނި "އޯލްރައިޓް، ގުޑްނައިޓް" އޭ ކިޔާލާފައި ފިނި ޖަވާބެއް ދިނުމުން މިލާން ހިތްދަތިވީވަރުން އިނީ ޝޮކެއްގައެވެ. ދާނިޔަލް އޭނަދެކެ ލޯބިވާކަމަށް ހީކުރެވުނީ ރަނގަޅަކަށް ނޫނެވެ. ދާނިޔަލް އެންމެފަހުން އޭނަގެ މަތިން ފޫހިކޮށްލީއެވެ. މިހުރިހާ ދުވަސްވާންދެން އޭނައާއިއެކު ހަމަ ޑްރާމާއެއް ކުޅެލީކަމަށް ވެދާނެއެވެ. އެހެންނޫންނަމަ މިލާންގެ މެސެޖުން ދެރަވެގެން ދާނިޔަލް އާދޭސްކުރާނެއެވެ. ޝަކުވާކުރާނެއެވެ. 

މިލާން ހެދުންތައް ރީތިކޮށް ހަރެއްގައި އަޅުވާލާފައި ގޮސް ޝަވަރުދަށުގައި ހުއްޓިލުމާއިއެކު ވާރޭގެ ސައިލެއްފަދަ ބޯ ފެންތަކަކުން އެދޮން ހަށިގަނޑު ފޮރުވާލިހެން ހީވިއެވެ. ވާރޭގެ ފަރުދާގެ ތެރެއިން މިލާން ފެންނަލެއް ރީތިކަމުން ހީވަނީ އެހެންކަމެއްހެންނެވެ. ދެލޯމަރާލައިގެން ހުރެ ފިނިފެންތަކުގެ ބީހިލުމުން މިލާން ހިތްހަމަޖެހުން ހޯދަމުން ދިޔައެވެ. އިޒުނަ ހޯދުމެއްނެތި ކޮޓަރިއަށްވަން ދާނިޔަލް ފަހަރެއްގައިވެސް މިލާން އެގޮތަށް ހުއްޓާ ފެނިދާނެކަމަކަށް ހިޔެއް ނުކުރެއެވެ. މިލާންގެ ރީތިކަން ފެނުމުން ދާނިޔަލްއަށް ލިބުނީ ޝޮކެކެވެ. ރީތިވިޔަސް މިހާ ފުރިހަމަ ވެދާނެކަމަށް ހީނުކުރަނީއެވެ. ބޭނުންވާހާ ސިފަތައް އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިފައިވާ އަންހެންކުއްޖެކެވެ. ފެން ތިކިތައް އެ ދޮން ހަށިގަނޑުގައި ބޮސްދީފައި ތިރިއަށް ދެމެމުންދިޔައިރު ހީވީ ފިނިފެންމަލަށް ޝަބަންމް ފައިބަމުން ދިޔަހެންނެވެ. ރަތް ދެތުންފަތް ކުޑަކޮށް ހުޅުވިފައިވާއިރު ދައުވަތުދޭހެން ހީވިއެވެ. ހިތަށް ކެތްނުކުރެވިގެން އެއްފިޔަވަޅު ކުރިއަށް ޖެހިލާފައިވެސް އޭނަ އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރިއެވެ.

"ބޭބީ، މިހެން ކެތްކުރަންޖެހޭނީ ކިހާދުވަހަކަށްތަ؟ އިޓްސް ކިލިން މީ....ސޮރީ ބޭބީ މިއީ ކުށެއްކަން އެނގޭ އެކަމަކު....." ދާނިޔަލް މިލާންގެ ފޮޓޯ ފޯނުގައި ރައްކާކުރުމަށްފަހު އަވަސްއަވަހަށް ފަހަތަށް ޖެހުނުއިރު ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއްވިއެވެ. ބައެއްފަހަރު ހީއާއި ވަހުމަކީ އޮންނަ އެއްޗަކަށް ވުމުން މިލާން މަރާލި ދެލޮލުގެ ތެރެއިން ދާނިޔަލްގެ ތަސްވީރު ފެނިލިހެން ހީވިއެވެ. އެ ތޫނު ތޫނު ނަޒަރުން މިލާން ލަދުގަނެގެން މޫނު ރަތްވެލިއެވެ. ލޯ ހުޅުވައިލަން ނުކެރިފައި ހުރެފައި ކުއްލިއަކަށް އެސްފިޔަތައް ދުރުކޮށްލާފައި މޫނުން ފެންފޮޅަމުން ވަށައިގެން ހޯދާލިއިރު އެއްވެސް މީހަކު ފެންނާކަށްނެތެވެ. މިލާން އަވަހަށް ތުވާލި ދަމައިގަނެ ހަށިގަނޑު ފޮރުވުމަށްފަހު ލުއި ފިޔަވަޅުތަކެއްގައި ފާޚާނާއިން ނުކުމެގެން އައެވެ.

"އަހަންނަށް ހީވިގޮތް، ފެންވަރަން ހުންނައިރުވެސް ހީވަނީ ޑެނީ ބަލަން ހުރެދާނެއޭ، ނިދަން އޮންނައިރު އަތުގައި ހިފާލާހެން ހީވެގެން ހޭލެވޭ، އިޓްސް ނޮޓް ޕޮޒިބްލް އެއްނު، ޑެނީ މަގޭ ގާތު ނުބުނެ ރޫމަކަށް ނާންނާނެ، ޑެނީ ބުނާގޮތަށް އިންވައިޓް ކުރީމަ ވެމްޕަޔަރެއްހެން އަންނާނީ. އެކަމަކު އެފަދަ ދުވަހެއް އައިސްދާނެބާ، އެކީގައި ފެންވަރަންޖެހޭ ފަދަ ދުވަހެއް، ނޫން، ނޫން އަހަރެން ލަދުން ހަލާކުވެދާނެ....." މިލާން ތުވާލި މޫނުގައި ޖައްސާލައިގެން ހުރެ ކުޑަކޮށް ރަކިގޮތަކަށް ހުނެވެ. މިގޮތަށް ހުރެ ދުވަހަކުވެސް ދާނިޔަލްއަށް ފެންނާކަށް އޭނަ އަކަށް ނުކެރޭނެއެވެ. މިލާންގެ ފޮނި ފޮނި ޚިޔާލުތަކަށް ނިމުމެއް ގެނުވީ އިރާ ބަލިވެއިންކަން ހަނދާންވެފައެވެ. ވަގުތުން މޫނު މިލައިގެން ގޮސް ހިތާމަވެރި އަސަރުތައް ފެނުނެވެ. މިލާން ގަސްތުކުރީ މިރޭ ފިލާވަޅު ހަދާލާފައި ނުވެސް ކައި ނިދާލުމަށެވެ. ފިނިފިނި ރެއެއްގައި ކުރާން އެއަށްވުރެ ރަނގަޅުކަމެއް މިލާންއަކަށް ނުވިސްނުނެވެ. ބައިވެރިޔެއް ނެތް އަންހެންކުދިން އެކަނިވެރިކަން ފިލުވައިދޭ ބައިވެރިޔަކީ ނިންޖެވެ.

މިލާން ސްވެޓަރފާޑުގެ ހެދުމަކާއި ލޫޅާފަތި ފަޔަށް ފިޓް ޖިންސެއް ލުމަށްފަހު ކޮޓަރީގައި އުއްބައްތިއެއް ދިއްލާލިއެވެ. ކޮޓަރި ރީތިކުރުމާއި ސާފުކޮށްގެންގުޅުމުގެ އިތުރުން އުއްބައްތި އަދި މާފަދަ އެއްޗެހިން ޒީނަތްތެރި ކުރުމަކީ މިލާން ގެ އާދައެކެވެ. ކޮޓަރީގައި މީރުވަސް ދުއްވާނުލެވެންޏާ މިލާންގެ ހިތަށް ހަމަޖެހުމެއްނުލިބޭނެއެވެ. އޭނަ ދާނިޔަލް ދެކެ އެހާ ވަރަށް ލޯބިވީވެސް މީރުވަހުގެ ސަބަބުން ހިތް ޖެހިގެން ކަން ނޭގެއެވެ. އެ ފިރިހެންވަންތަކަން ފުރިހަމަވަނީ މީރުވަހުންނެވެ. މިލާން ތައްޔާރުވެ ނިމިގެން ނިދަން އުޅެނިކޮށް ދާނިޔަލްގެ މެސެޖެއް ލިބުނެވެ.

"މިހާރު ކިހިނެއްތަ؟ ދޮރު ހުޅުވަފާނަންތަ އެންޖެލް... ޕްލީޒް ޕްލީޒް. ކޮންމެހެންވެސް މިރޭ ބައްދަލުކުރަން ބޭނުން، ނޫނީ މިރޭ ނިދިނާންނާނެކަން ޔަގީން....ނޫނެކޭ ނުބުނައްޗޭ....." ދާނިޔަލްގެ މެސެޖު ނުފެންނަކަމަށް ހަދާލާފައި ޖަވާބެއްނުދީ ހުންނާނެފަދަ ހިތްވަރެއް މިލާންއަކަށް ނުކުރެވޭނެއެވެ. ދާނިޔަލްދެކެ މިވަރަށް ލޯބިވާއިރު އަމިއްލަ ހިތަށް އެހާބޮޑު އަނިޔާއެއް ދޭކަށް ނުކެރޭނެއެވެ. ލޯތްބަކީ އާދަޔާ ޚިލާފު ޖަޒުބާތެކެވެ. އެހާ ބާރުގަދަ އިހުސާސްތަކުގެ ތެރޭގައި ގެނބި ގިނަފަހަރު ވާނުވާ ނޭގޭފަދަ ހާލަތަކަށް ގެންގޮސްދާނެއެވެ. ކިތަންމެ ވަރަކަށް ހިތަށް ވިސްނާދިނަސް ބަސްނާހާ މޮޔަހިތަށް އަޑުއިވޭނެގޮތެއް ނެތެވެ. އެންމެފަހު ފަހަރަށް ބައްދަލު ކުރަންކަމަށް ޔަގީންކޮށްލައިގެން ހުރެ މިލާން ބޯ ދޫލަމަތިން ހިނގާލާފައި އައިއިރު ފިޔަވަޅަށް އަރާމުވިއެވެ. ދޮރުމަތީގައި ހުރި ދާނިޔަލް ފެނުމުން މިލާން ބަލަހައްޓައިގެން ހުރީ ތަފާތު ނަޒަރަކުންނެވެ. ހިތް ފުރެންދެން ދެކެލަން ބޭނުންވިކަމުގައި ވިނަމަވެސް ދާނިޔަލްގެ ދެލޮލާއި ދިމާލަށް ބަލައިލެވުމާއިއެކު އިސްޖަހައިލަން މަޖުބޫރުކުރުވިއެވެ.

"އަދިވެސް ބޮލުގައި ރިއްސާތަ؟ މަސާޖްކޮށްލަދޭން މިއައީ......" ދާނިޔަލް ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހުރިއިރު ހިތަށް ވަނީ ކެތްނުކުރެވޭ ވަރުވެފައެވެ. އެ މޫނުގައި ބީހިލަން ހިތް އާދޭސްކުރަނީއެވެ. 

މިލާން އާއިއެކު އެތައް ރޭ މި ކޮޓަރީގައި ވޭތުކޮށްފައިވާއިރު މިލާން ހުއްދަދީފައިވަނީ ހާދަ ކުޑަމިންވަރަކަށެވެ. އަތުގައި ހިފާލުން މިލާންއަށް ވެފައިވަނީ ބޮޑު ބިރަކަށެވެ. އެންމެ ރެއެއްގައި ދެމީހުން މަގު ނޯޅުނީ ކިރިޔާއެވެ. އެކަކު އަނެކަކުގެ އަތުތެރެއަށް ވަންގޮތަށް ކެތްތެރިކަމެއްނެތި މޫނުގައި ބޮސްދެވުނު އިރުގަނޑަކަށްފަހު ނޭވާ ހުސްވާން ކާރިވިފަހުން މިލާން އޭނަ ހުއްޓުވިއެވެ. މިލާން ނިންމީ އެއީވެސް ފާފައެއް ކަމުގައެވެ. އެވަރުކަމެއް ފާފައަކަށް ވެދާނެކަމަކަށް ދާނިޔަލް ގަބޫލެއްނުކުރެއެވެ. އޭނަގެ ގާތުގައި ލޯބިންކުރާ ކޮންމެ ކަމެއް ހުއްދަވާނެއެވެ. ނަމަވެސް މިލާން ހުއްޓުވިކަން ރަނގަޅެވެ. ހައްދެއްގެ ތެރޭގައި ނޫޅޭނަމަ ޚުދު އޭނައަށް އަމިއްލަ ނަފުސް މައިތިރި ނުކުރެވޭނެކަން ނޭގެއެވެ. އެހެންނޫނަސް މިލާންދެކެ ވާ މަތިވެރި ލޯބީގެ ސަބަބުން ދާނިޔަލްވަނީ އެގޮތަށް ކައިވެނިން ބޭރުގައި އެފަދަ އެއްވެސް ގުޅުމެއް ނުހިންގަން ވައުދުވެފައެވެ. އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑަށް މިލާން ދާނިޔަލްއަށް އިތުބާރުކުރާ ވާހަކަ މިލާން ވަނީ ބުނެފައެވެ.

"މިހާރު އޯކޭ، ކުޑަކޮށް ފިނިވީކަން ނޭގޭ...." މިލާން އަމިއްލަ މޭގައި އަތް ބޮނޑިކޮށްލަމުން ހިނިތުންވެލި ލޯބިގޮތަކުން ދާނިޔަލްގެ ގައިން ހީބިހި ހަލުވައިލިއެވެ. ކޮޓަރީގެ ތެރޭގައި ދިއްލާފައިވާ ރަތް އުއްބައްތިތަކުގެ އަލީގައި އެ ރީތިކުއްޖާ ފެންނަނީ ހާދަ ފުރިހަމަކޮށެވެ. ގުދުރަތުގެ ކުޅަދުންވަންތަކަމާއެވެ.

"ބޭބީ މާވަރަކަށް ފެންވަރާލީމަވާނީ އެހެން.. އަހަންނަށް ކޮށްދެވޭނެކަމަކީ ހޫނުކޮށްލަ ދިނުން.. އާދޭ ކާރިއަށް ހަގްކޮށްލަން...ހީފިލާވަރަށް ހަގްކޮށްލަދީފާނަން އެންޖެލް............." ދާނިޔަލް މިލާންއަށް މިފަހަރު ބަލައިލިއިރު ހީވީ ފެންވަރަން ހުރި މަންޒަރު ލޮލުގެ ކުރިމަތިން ފެނިލިހެންނެވެ. ސިއްރުން އޭނަވަނީ ނުބަލަންވާ މަންޒަރު ބަލާފައެވެ. މިލާންއަށް އެކަން އެނގިއްޖެއްޔާ ލަދުންގޮސް މޮޔަވާނެކަން ޔަގީނެވެ. ޔޫރަޕްގައި އުޅުނުއިރު އޭނަވަނީ ކިތަންމެ އަންހެންކުދިންގެ ނިވާކަމެއްނެތް ހަށިގަނޑު ބީޗްތަކުން ދެކެފައެވެ. އެއީ އާކަމަކަށްނުވެއެވެ. ފެނިފެނި ބާވެފައިވާ މަންޒަރުތަކެވެ. ނަމަވެސް ފޮރުވިފައިވާ ޖަވާހިރެއްފަދަ ކުއްޖަކު އެގޮތަށް ފެނުމުން ދާނިޔަލްއަށް ވީގޮތް ބަޔާންކުރުން ދަތްޗެވެ. އެއިހުސާސްތަކަކީ ލޯބީގެ ބާރުހެއްޔެވެ؟ އިރާއާއިއެކު ގައި ވަގުތު ހޭދަކުރާއިރު އެހާބޮޑަށް އިރާއަށް ބޭނުންނުވަނީ ކީއްވެ ހެއްޔެވެ؟ އިރާއަށްޓަކައި ހިތުގައި ވިންދު ނުޖަހަންވީ ކީއްވެހެއްޔެވެ؟ އެތައް އަންހެންކުދިންނެއް ހާމަކަމެއްނެތި ފެނުމުން ގޮތްގޮތް ނުވި ސަބަބަކީ އެއީ ކަން ނޭގެއެވެ.

"ޑެނީ....ތިގޮތަށް ވާހަކަނުދައްކަބަލަ...ޕްލީޒް......" މިލާން ލަދުން އޮޅެމުން އަނެއްފަރާތަށް އެނބުރުނެވެ. އޭނަގޮސް މަޑުކޮށްލީ ރީތި ވާ މޭޒުކާރީގައެވެ.

"އެންޖެލް ލަދުގަތީތަ؟ ޑޯންޓް ބީ......ލުކް އެޓް މީ...." ދާނިޔަލް ފަހަތުން އައިގޮތަށް ހިފަހައްޓާލާފައި އޭނައާއި ދިމާލަށް އަނބުރައިލަމުން މޫނުގައި ދެއަތުން ހިފަހައްޓާލި އިރުވެސް މިލާން ހުރީ ލަދުން ލޯ ހުޅުވައިލަން ނުކެރިފައެވެ. އެހާ ކާރީގައި ވުމުން ދެހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައިރު މިލާންގެ ހިތުގައި އިރާ ފިޔަވާ އެހެން އެއްޗެއް ނެތެވެ. އޭނަ މިއުޅޭ ގޮތަކުން އިރާއަށް އެދެވޭ އަނިޔާ ހިތަށް އަރާފައި ހިތް ހަލާކުވާވަރުވިއެވެ. 

އޭރު ދާނިޔަލް ވިސްނަމުން ދިޔައީ މިލާންގެ ގާތުން ކައިވެންޏަށް އަހާނެ ގޮތަކާއި ދޭތެރޭގައެވެ. މަންމަމެން ފަދައިން އައިފުލް ޓަވަރގެ އެންމެ މަތީގައި ތިބެގެން ނޫނީ ބޮޑުދައިތަ ފަދައިން ބީޗެއްގައި ހުރެގެން އަނގޮޓި އަޅުވާލަދިނީމަ ހާދަ ރޮމެންޓިކް ވާނެއެވެ. އެހެންނޫނަސް މިލާން ގެ ހުވަފެނީ މަންޒިލަކީ ޕެރިސްއެވެ. ދެމީހުން އެކީގައި ޕެރިހަށްގޮސްފައި ތަންކޮޅެއް ހަނދާނީގޮތަކަށް ކައިވެންޏަށް އެދޭނީއެވެ. އެދުވަސް ގެނެވޭލެއް ލަސްކަމުން ހިތަށް ކެތްވަނީއެއް ނޫނެވެ. ދާނިޔަލް ނިންމާފައި ވަނީ އިރާގެ ލޮލަށް ރަނގަޅުވީހާ އަވަހަކަށް މިލާން އާއި ކައިވެނި ކުރުމެވެ. ތަގުދީރުގައި ރޭވިފައިވާކަންތައް ނޭގިހުރެ ދާނިޔަލް ޕްލޭންތައް ރާވަމުން ދިޔައެވެ. އެހެން މީހުން ދެ އަންބަށް އިންނައިރު އޭނައަށް އެ ހައްގު ނޯންނަންވީ ކީއްވެހެއްޔެވެ؟ މައިންބަފައިން ފަދައިން އޭނައަށްވެސް އަމިއްލައަށް ބައިވެރިޔަކު ހޮވުމުގެ މިނިވަންކަން އޮންނަން ވާނެއެވެ. މިލާންއަކީ އޭނަގެ ލޯތްބެވެ. ހިތުގެ ވިންދެވެ. ފުރާނައެވެ.

މިލާން އެ ކަޅުދެލިކޮޅެއްފަދަ އެސްފިޔަތައް ލަސްލަހުން ދުރުކޮށްލާފައި ދާނިޔަލްގެ ލޮލާއި ހަތަރުކަޅި ހަމަކުރިތަނާ ދާނިޔަލްގެ ފޯނު ވައިބްރޭޓް ވާންފެށިއެވެ. އެފަދަ ޖާދުވީ ވަގުތުކޮޅެއް ފުނޑުފުނޑުކޮށްލީތީ ނިތްކުރިއަށް ރޫތަކެއް އެރިނަމަވެސް ގުޅީ އިރާކަން އެނގުމުން ކޮންމެވެސް ވަރަކަށް ހަމަޖެހިލައިފިއެވެ.

އިރާ ގުޅީ އާދައިގެ މަތިން ނޭވާނުލެވިގެން އިންހޭލަރ ވީތަނެއް ނޭގިގެންނެވެ. މަންމަވީ މާމަގެ ގޭގައިކަމުން ގުޅާނެ ފަރާތަކަށް އިރާއަށް ފެނުނީ ދާނިޔަލްއެވެ.

"ޑެނީ އައި ކާންޓް ބްރީތް...." އިރާ އުނދަގޫ ގޮތަކަށް ބުނެލުމުން ދާނިޔަލްގެ މޫނުމަތީގައިވާ ހިނިތުންވުން ފަނޑުވެގެން ހިގައްޖެއެވެ. އޭނައާއި މިލާން ގާތްވާ ކޮންމެ ފަހަރަކު އިރާ މިގޮތަށް އުދަގޫކުރާނެބާވައެވެ. 

"ސޮރީ ބޭބީ، އަހަރެން އަދި އަންނާނަން، ނުނިދާ އޮންނާތި އިނގޭ..." ދާނިޔަލް މިލާންގެ މޫނުގައި މަޑުމަޑުން އަތްބީއްސާލާފައި އަވަސްއަވަހަށް އެތަނުން ނިކުތްއިރު ކޮންމެވެސް ވަރަކަށް ރުޅިގަދަވާގޮތްވިއެވެ. އިރާ އަށް ކަމެއް އެނގިގެން ގަސްތުގައި ޖެއްސުން ކުރަނީ ނޫންކަމެއްވެސް ނޭގެއެވެ. ދާނިޔަލް ދުރުގައި ފިޔަވަޅުތައް އަޅަމުންގޮސް ދޮރުހުޅުވައިލަން އުޅުނީ ތަންކޮޅެއް ބާރަށެވެ. އޭރު އަލިކޮށްފައިވާ ކޮޓަރި ތެރޭގައި ދީނާ އިރާގެ މޭގައި ފިރުމައިލަދޭން އިނެވެ.

"ޑެނިއެލް.. ޖުވޭދާ ގެ މަންމަ ބަލިވެގެން އެގެއަށް ގޮސްފައިވީ، އިރާ މިއުޅެނީ ނޭވާލާން އުދަގޫވެގެން އިންހޭލަރ އޮތްތަނެއް ނުފެނިގެން، މަންމަ ވަރަކަށް ހޯދައިފިން. ޑެނީ ކޮންތާކު ހުރެފައި ތިއައީ......." ދީނާ ދާނިޔަލްގެ މޫނަށް ވިސްނުންތެރި ކަމާއިއެކު ބަލައިލި އިރު ދާނިޔަލްގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ ކުލަވަރު ފެނުނެވެ. ދާނިޔަލް އާއިމެދު ކޮންމެވެސް ވަރަކަށް ހަމްދަރުދީވިއެވެ. ދާނިޔަލް އެއައީ މިލާންގެ ގާތުގައި އުޅެފައިކަމާއި، ދާނިޔަލްގެ ހިތްއެދެނީ ކާކުކަން އެނގޭތީ ދީނާގެ ހިތަށް ނިކަން އުދަގޫވިއެވެ. 

"ވެލް............" ދާނިޔަލް އެ ވާހަކައަށް ސީދާ ޖަވާބެއްނުދީ މަންމަގެ މޫނަށް ބަލާލާފައި މާނަވީ ހިނިތުންވުމެއް ހަދިޔާކޮށްލައިފިއެވެ. އެދޭތެރޭގައި އެފަދަ ގުޅުމެއް އުފެދެން ފެށުމުން ދީނާއަށް ބުނަން ނޭގޭފަދަ ހިތްހަމަޖެހުމެއް ލިބިފައިވެއެވެ. މަންމައަކާއި ފިރިހެން ދަރިއެއްގެ ގުޅުން ހާދަ މާތްވާނެއެވެ. އެގުޅުން ހީނަރުވުމަކީ ދީނާގެ ހަޔާތަށް ލިބުނު ބަނަކަމެކެވެ. ދާނިޔަލް ވައްގަނޑުތައް ހުޅުވާލައިގެން އިންހޭލަރ ހޯދިއެވެ. އޭރު އިރާއިނީ ބާލީސްތަކަށް ލެނގިލައިގެންނެވެ. ނޭވާކުރުވެފައިވާވަރު މޫނަށް ބަލައިލިޔަސް އެކަނި އެނގޭނެއެވެ. އިރާ ގަދަޔަށް ކެއްސައިގަނެ ހައްތަހާ ނޭވާއަށް އުދަގޫވާން ފެށުމުން ދީނާ ފެންތަށްޓެއް ބަލާ މޭޒުކައިރިއަށް ޖެހިލިއެވެ. ދާނިޔަލްވެސް އިރާއަށް އެހީވާން ކައިރިވެލިތަނާ އިރާއަށް ހޮޑުލެވި ދާނިޔަލްގެ ޓީޝާޓްވެސް ހަޑިވިއެވެ.

"ޕުއަރ ތިންގް....." ދީނާ ހަމްދަރުދީވެފައި އަވަހަށް އިރާ ސާފުކޮށްލަން ވެގެން އުޅުނެވެ. ރޯޒާއަށް ގުޅައިގެން ގެނެސް އެނދުގެ ބެޑްޝީޓް ބަދަލުކުރުވަން އުޅުނުއިރު ދާނިޔަލް ފާޚާނާއަށް ވަދެ ޓީޝާޓް ބަދަލުކޮށްލައިފި އެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ދިގު ސޯޓެއްލައިގެން ހުރިއިރު އޭނަ ފެންނަލެއް ވަރަށް ސްމާޓެވެ.

"އިރާ ވާރެޔާއި ތެމުނީތަ؟ " ދާނިޔަލް އިރާ އަށް ނެބިއުލައިޒަރ ޖަހާލަދީފައި އެނދުގެ ކާރީގައި ކޮޅަށްހުރި އިރު އަދިވެސް ވިސްނީ މިލާން އާއި ދޭތެރޭގައެވެ.

"ނޫން....." އިރާ ބޯ ހޫރާލިއެވެ. ދީނާ ދާނިޔަލް ކައިރީގައި އަންނަން އަތުން އިޝާރާތްކޮށްލާފައި ބޭރަށް ޖެހިލިއެވެ. ދީނާ ދިން ޚަބަރަކުން ދާނިޔަލްއަށް ހީވީ ވަށައިގެންވާހާ އެއްޗެއް އެނބުރެން ފެށިހެންނެވެ. އެހާ ނުބައި ޚަބަރެއް މިއިން ޒަމާނެއްގައި ލިބޭނެ ކަމެއްނޭގެއެވެ. ކޮންމެވެސް ވަރަކަށް ބުމަގޮށްޖެހުމާއިއެކު މޫނުމަތި ރީތިކޮށްލެވުނީ އަމިއްލަ ކުށް ގަބޫލުކުރާ ހާލުގައި އިންތިހާއަށް އަމިއްލަނަފުސް ކުށްވެރި ކުރަމުންނެވެ. މަންމައަށް އެނގުނު ގޮތެއް އަހައިލުން ދާނިޔަލްއަކަށް މުހިއްމެއްނުވިއެވެ. ދީނާ ތިރިއަށް ދިޔައީ މަލީކް ގޮވާން ފެށުމުންނެވެ. ދާނިޔަލް ރެއިލިންގައި ދެއަތުން ބާރަށް ހިފަހައްޓާލައިގެން މާދުރަށް ބަލަހައްޓައިގެން ހުރިއިރު ވަޔާއިއެކު ގަސްތަކުގެ ގޮފިތައް ހޫރިގަނެ، ފަޒާގައި ވަނީ ބޫންއަޑު ހަރުލައްވާފައެވެ. ދުނިޔެއަށް އަންނަމުންދާ ތޫފާން އެތެރެހަށީގައި ދައުރުކުރާހެން ހީވިއެވެ. ދާނިޔަލް ފެންކަޅިވިއެވެ. ހަދާނީ ކިހިނެއްބާވައެވެ.

ދާނިޔަލް ކޮޓަރިއަށް ވަދެ ދޮރުލައްޕާލި އިރުވެސް އިރާ އިނީ މާސްކްއަޅައިގެން ހިމޭނުންނެވެ. ދާނިޔަލް މަޑުމަޑުންގޮސް އެނދުގެ ވައްގަނޑެއްގައި ހުރި ބޭސްތައް ބަލައިލި އިރު އެބޭހުން ކޮންމެ ދުވަހަކު އިރާ ގުޅައެއްކާފައި ހުރިކަމުގެ ހެކި ފެންނަން ހުއްޓެވެ. ދެން އެހެން ވާންވީ ކީއްވެ ހެއްޔެވެ؟ އޭނަގެ ހުރިހާ ހުވަފެންތަކާއި، ފޮނި ފޮނި އުއްމީދުތައް ވިއްސިވިހާލިވެއްޖެއެވެ. އިރާ ދަރިއަކަށް ބަލިވެއިނދެއްޖެއްޔާ ދެން މިލާން އޭނަގެ ގާތަށް އަންނާނެ ހެއްޔެވެ؟ އިރާ ދޫކޮށްލެވޭކަށް ނޯންނާނެއެވެ. ދެ އަންހެނުން އިންސާފުން ގެންގުޅުންވެސް ފަސޭހައެއްނުވާނެއެވެ.

"އިރާ....މިހާރު ފަސޭހަތަ؟ " ނެބިއުލައިޒް ސޮލިއުޝަންކޮޅު ކުދިކުދި ބޮކިތައް އަރަމުންގޮސް ހުސްވެފައިވާތަން ފެނުމުން މާސްކް ނައްޓައިލަމުން ދާނިޔަލް ސުވާލުކުރިއެވެ. ދާނިޔަލް އުކުޅުގައި އަތްވިއްދާލައިގެން ހުރިއިރު ބައެއްފަހަރު ހިތަށް އަރަނީ އެއީ އޭނަގެ މަންމަ އޭނަ އާއި ކޮށްލި ނުލަފާ ސަމާސާއެއްކަމެވެ. މަންމަގެ ލާނެތް ބަޔެއް ހުންނާނެއެވެ. ކޮންމެފަދަ ސަމާސާއެއްވެސް މަންމަ ކޮށްލަފާނެއެވެ. 

"ވަރަށް ވަރުބަލިވޭ..." އިރާ ބާލީހުގައި ބައްދާލައިގެން އޮތީ ކުޑަކުއްޖެއް ހެންނެވެ. ދާނިޔަލް ކޮންމެވެސް ވަރަކަށް އޭނަގެ ޅައިރުގެ ހަނދާންތައް އާވިއެވެ. ނިދާއިރު އިނގިލި ޖަހައިގެން އޮތުމުގެ އާދައާއި ކުޑަ ބާލީހެއް ގެންގުޅުން އެއީ ޅައިރާއި ގުޅިފައިވާ ހަނދާންތަކެވެ. ކުޑައިރު އޭނަގެ ނަފްސާނީ މައްސަލައެއް ހުރީކަން ނޭގެއެވެ. ނޫނީ މަންމަ އާއި ވަކިވުމުން ކުރި އަސަރު ނޫންކަމެއް ނޭގެއެވެ. ކުޑައިރު ނަގާފައި ހުންނަ ފޮޓޯތަކުން ފެންނަނީ އެގޮތަށް އިނގިލި އަނގަޔަށް ލައިގެން ހުންނަތަނެވެ. ނަހުޔާން ދިމާކުރާނީ އަންހެންކުއްޖެކޭ ނޫނީ ސަކްތަމްބް އޭ ކިޔައިގެންނެވެ. ފާޑުފާޑުގެ ނަން ހަދައިގެން ދާނިޔަލް ރުޅިއަރުވާލާފައި އިރުކޮޅަކުން އުޅޭނީ އެހާ ލޯބިންނެވެ.

"އައި ނޯ، އެކަމަކު އިރާ ކީއްވެ އަހަރެން ގާތުގައި ރަނގަޅަށް ވެގެން އުޅޭގޮތެއް ނުބުނަނީ، އަހަންނަށް ހީވަނީ އެހެންކަމެއް އުޅޭހެން، ނޫންތަ ސްވީޓްހާޓް..." ދާނިޔަލް އިރާގެ އަތުގައި ހިފައިލުމުން އިރާއަށް އެހެން ކަހަލަ އިހުސާސް ތަކެއްކުރެވުނެވެ. ގަނޑުފެންކޮޅެއްފަދަ ފިނި ނާޒުކްއަތް ދާނިޔަލްގެ ފިރިހެން އަތުގެ ތެރެއަށް ވިރިގެން ދިޔަހެންހީވިއެވެ. ކަރަންޓްގެ ރާޅުބާނިތައް ލޭގައި ދައުރުކުރިއެވެ. 

"ނޫން ނޫން، ޖަސްޓް ނޭވާއަށް އުދަގޫވީ...."އިރާ ތުންފަތުގައި ދަތްއަޅައިލިއެވެ.

"މޯނިން ސިކްނެސްގައިވާ ގޮތަށް ވޮމިޓްވެ، ވަރުބަލިވާތީ މިއެހީ، އަހަރެން ގާތުގައި ދޮގުނަހަދާ..." ދާނިޔަލް އިރާގެ އަތަށް ފިތާލިއެވެ.

"އަހަރެން ބޭސްކާއިރު ޕްރެގްވާން ޖެހޭތަ؟ ގަވައިދުން މަންމަ ބޭސްކާންދޭ..." އިރާ އެހެން ބުނުމާއިއެކު ދާނިޔަލް އެކަމާއި ހިތާމަކުރިއެވެ. އަމިއްލައަށް އެކަމުގެ ޒިންމާ ނެގުނުނަމައެވެ. ޖުވޭދާއަކީ އިރާ އާއި މެދު ފިކުރުކުރާ މީހެއްނޫނެވެ. އޮޅުވާލަންވެގެން އެބޭހުގެ ބަދަލުގައި އެހެން އެއްޗެއް ކާންނުދޭކަމެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟

އެކަމާއި ބެހޭގޮތުން އިތުރު ސުވާލެއް ކުރުމަކީ އެރޭ ދާނިޔަލްއަށް ބޭނުންކަމަކަށް ނުވިއެވެ. އިރާއަށް ކުރީފަހަރުހެން އޮޅިދާނެއެވެ. މަންމައަށް އޮޅުވާލާފައި ޖުވޭދާ އަނެއްކާ ދޮގު ޚަބަރެއް ފަތުރަމުން ހިނގަނީކަން ނޭގެއެވެ. ހެނދުނު ދާނިޔަލްގެ ޝައްކު އިތުރުވީ އިރާ ފާޚާނާއަށް ވަންގޮތަށް ތަޅުލައިގެން މާ ލަސްވީމައެވެ. ދާނިޔަލް ދެތިންފަހަރު ދޮރުގައި ޓަކިދީފައި އެންމެފަހުން ދޮރުގައި ތަންކޮޅެއް ބާރަށް އަތުން ޖެހިއެވެ.

"އިރާ މިބުނަނީނު ދޮރު ހުޅުވާށޭ، ނޫނީ ދޮރު ވައްޓާލަންވީތަ؟ " ދާނިޔަލް ދޮރުގައި އަތްޖައްސާލައިގެން ހުރިއިރު އެ ރީތި ދެލޮލުން ނުތަނަވަސްކަމާއި އެއްވަރަށް ރުޅިވެރިކަމުގެ އަސަރު ފެނެއެވެ. ދޮރު ވައްޓާލަންވިތާ ކިތަންމެ އިރެކެވެ. 

ކޮމެންޓް 0