މިލާން ޖެހިލުންވެފައި ހުރެ ރިވާންގެ ދެލޮލަށް ބަލައިލި އެވެ. ހަނދުވަރުގެ އަލި އެ ރީތި މޫނުގައި ކުޅެމުންދާއިރު ދެލޯ ފެންނަލެއް ރީތިކަމުން މިލާންގެ ހިތް ތައުރީފު ކުރިއެވެ. ނަމަވެސް އޭނަގެ ދޫ ހަރަކާތެއް ނުކުރިއެވެ. ލޮލުގެ ކުރިމަތީގައި ސިފަވަމުން ދިޔައީ ދާނިޔަލް އެވެ. ދާނިޔަލްގެ ގާތުގައި ވި ވައުދުތަކެވެ. ކައިވެންޏެއް ކުރަން އެއްބަސްވުމަކީ ކިހާބޮޑުކަމެއްކަން އޭނައަށް އެނގޭވަރުން އެހާ ފަސޭހައިން ޖަވާބުދެވޭނެ ހެއްޔެވެ؟ ހާދަ ވަރަކަށް ވިސްނަން ޖެހޭނެއެވެ.

"ޕްލީޒް މެރީ މީ ބޭބީ، ބީ މައިން...." ރިވާން ދެވަނަ ފަހަރަށް ބުނެލުމުން މިލާން ގެ ލޮލަށް ކަރުނަ އަތުވެއްޖެއެވެ. ނޫނެކޭ ބުނާކަށްވެސް ނުކެރުނެވެ.

ހަމަހިމޭންކަމުގެ ސުކޫތުކޮޅެއް ގެނެވުނުހެން ހީވިއެވެ. އެ ވަގުތު ދިގު ދެމިގެންދާން ފެށުމުން މިލާން ފުން ނޭވަޔެއްލިއެވެ. 

"ޔެސް ރިވާން....." ނޫނެކޭ ބުނެފާނެހެން ހީވި ވަގުތުތަކަށްފަހު މިލާންގެ ދުލުން އެ ލަފުޒު ނުކުތުމާއި އެކު ރިވާންގެ ފެހިދެލޯ ވިދާލިހެން ހީވިއެވެ. މިލާންގެ ދެއަތުގައި ހިފާލާފައި "ތެންކިއު" އޭ ބުނެލި އިރު ބަލަން ހުރިގޮތަކުން މިލާން ލަދުން ހަލާކުވާވަރުވިއެވެ. ރިވާން އަތުގައި ހިފާލުން ފިޔަވާ އިތުރު ކަމެއް ކުރާކަށް ނޫޅުނެވެ. ފަހަށް ލޯބި ރައްކާކޮށްފައި ވަނީ ކަން ނޭގެއެވެ. ނޫނީ ދީންވެރި ކަމުން ރިވާން ލޯބީގެ ކުޑަކުޑަ ގުޅުމެއްވެސް ނުބާއްވަން ނިންމާފައި ވަނީ އެވެ. މިލާންގެ ހިތުގައި ރިވާން އާއި މެދު އޮތް ގަދަރާއި އިހުތިރާމް އެތައް ގުނަ އިތުރުވިއެވެ.

މިލާން އޭނަގެ އެޕާޓްމެންޓަށް ދިޔައިރު އެތަނުގައި ދިރިއުޅެމުން ދަނީ ނުދަންނަ ބީރައްޓެހިންތަކެކެވެ. އެމީހުން ބުނި ގޮތުން އެތަނުގައި އުޅެނީ ކުއްޔަށެވެ. ވެރިފަރާތެއް ކަމުގައި އެމީހުން ދެކެނީ ސުދާ އެވެ. މިލާން ސުދާގެ ފޯނަށް ގުޅިއިރު އޭނަ ގެންގުޅެނީ ކުރީގެ ވެސް ނަމްބަރެވެ. މިލާންގެ އަޑު ކަންފަތުގައި ޖެހުމުން ސުދާ އުފަލުން ހަޅޭއްލަވައިގެންފައި ބައްދަލުކުރަން މިއަންނަނީއޭ ބުނެލާފައި ފޯނު ބޭއްވިއެވެ. ސުދާގެ މަންމަމެން ޖަލުން ދޫކޮށްލިފަހުން އުޅެމުން އައިސްފައި ވަނީ މަންމަގެ ގާތުގައެވެ. އޭނަ މިލާންގެ ކޮޓަރި ކުއްޔަށް ދޫކޮށްލައިގެން ލިބުނު އާމްދަނީ ބޭނުންކުރި އިރު މިލާން އެކަމާއި ސުވާލުކޮށްފާނެއޭ ހިތަކަށް ނާރައެވެ. އަންގާނުލައި މިލާން މާލެއައިސްދާނެއޭ ވެސް ސުދާ ހީކޮށްފައެއްނެތެވެ. ސުދާ މިލާން ގާތު ކިޔައިގެން ސަބްމެރިން ކާން ދިޔައެވެ. އޯޑަރު ދީފައި ދެކުދިން އަނދިރި ހިސާބެއްގައިވާ މޭޒެއްގައި ޖައްސާލިއެވެ. އޭރުވެސް ސުދާގެ ލޯ ވަށައިގެން ހޯދަމުންދިޔައީ ހިތްކިޔާ ޒާތުގެ މީހެއް ފެނިލުމުގެ އުއްމީދުގައެވެ.

"ސޮރީ ޑާލިން، އަހަރެން ބަގުރޫޓުވެގެން ކުރާނެ ކަމެއް ނޭގިގެން މަންމަގެ ގާތުގައި ވަރަށް ދަތިކޮށް އުޅެމުން މިތަން ކުއްޔަށް ދީފައި މިއުޅެނީ.... މިލާން ޔޫ ލުކް ސްޓަނިން، އޮސްޓްރޭލިއަން ކުއްޖަކާއި ތަފާތެއްނެތް... މަ ހަމަ ޖޭވެފައި މިހިރީ......." ސުދާ ދެތިން ފަހަރު މިލާންގެ ގައިގައި ބައްދާލައިފި އެވެ. މިލާން ހިތްހަމަނުޖެހިފައި ހުރިނަމަވެސް ހިމޭންވިއެވެ. ސުދާ މިލާން ގެ ގާތުން އެކި ޚަބަރު އޮޅުންފިލުވިއެވެ. މިލާން އެކި ވާހަކަތައް ކިޔައިދިނަސް ޒާތީ އެއްވެސް ކަމެއް ހިއްސާނުކޮށް ފޮރުވިއެވެ.

"މަވެސް އަދި މެރީއެއްނުކުރަން، ރަގަޅުކުއްޖަކާއި ދިމާނުވާތީ ވަރަށް ފޫހިވޭ..... ބައެއްފަހަރު ހިތަށް އަރާ ފްރޮގަކާއި ކިސްކޮށްލާނީއޭ، ކިހިނެއް އެނގޭނީ މެޖިކް ހަދައިގެން ޕްރިންސަކު ފްރޮގަކަށް ބަދަލުކޮށްފައި ނީންނާނެކަން...." ސުދާގެ ވާހަކަތަކުން މިލާން ބާރަށް ހޭންފެށިއެވެ.
"ކެރޭނެތަ؟ "މިލާން އެއް ބުމަ އަރުވާލިއެވެ.
"ޑެސްޕެރޭޓްވެއްޖެއްޔާ އެގޮތަށްވެސް ހަދަން ޖެހިދާނެ. އުމުރު ހުސްވީއިރުވެސް އިންނާނެ މީހަކު ނުވި... ބޭނުންވާ ޒާތުގެ މީހާއާއި ދިމާނުވަނީ މަގޭ ބަދުނަސީބުންބާވައޭ ހިތަށް އަރާ، އެވަރުން ޑޮކްޓަރ ޑެނިއަލްއަށް ފޯލްވީމަ އޭނަ ވެސް މެރީކުރީ..... އެހެން މީހަކު ދެކެ އެހާ ފަސޭހައިން ލޯބިވާނެތަ؟ " ސުދާ ފެށި ވާހަކަ އަކުން މިލާންގެ މޫޑު ޚަރާބުވިއެވެ. ދާނިޔަލްގެ އަޑު އިވުނީމަވެސް ހިތަށް ފިނިވެގެން ދިޔައެވެ.

"މިއީ އެންގޭޖްމެންޓް އަނގޮޓިތަ؟ " މިލާންގެ އަތުގައި ވިދަވިދާއޮތް އަނގޮޓި ފެނުމުން ސުދާގެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. މިލާން އޭނައަށް ކަންތައް ސިއްރުކުރަނީތާއެވެ. އެހާ އަގުބޮޑު އަނގޮޓިއެއް މިލާންގެ އަތުގައި އަޅުވާދޭނީ މުއްސަދި ލޯބިވެރިޔަކުކަން ޔަގީންވެފައި ހަސަދައިން ސުދާގެ ހިތް ފުރިއްޖެއެވެ. 
މިލާން ހީލާފައި ހަގީގަތް ހާމަކުރިއެވެ. އޭނައާއި ރިވާންގެ ކައިވެނި ކުރެވެން އުޅޭ ވާހަކަ ބުނުމުން ސުދާ ކޮށިއަރާގޮތްވިއެވެ. މިލާން އޮސްޓްރޭލިއާއަށް ފުރާ ވާހަކަ ބުނުމުންވެސް ސުދާގެ ހިތަށް މިހާ ނުބައިގޮތެއް ނުވެއެވެ. ހީވީ މުޅި ހަށިގަނޑުގައި ހުޅުފަޅާލިހެންނެވެ. ރިވާންއަކީ ދާނިޔަލްގެ ދެބެންގެ ދެދަރި ޒުވާނެކެވެ. އެ މުއްސަނދި ޝާހީ ޚާންދާނުގެ ޕްރިންސެކެވެ. މިލާން ނަސީބު ރަނގަޅުވަނީ ކީއްވެ ހެއްޔެވެ؟ އޭނައަށް އެފަދަ އެންމެ ނަސީބެއްވެސް ލައްވާނުލައިގެން އުޅެނީ ކީއްވެހެއްޔެވެ؟ މިއިވުނު ޚަބަރަކުން އޭނަގެ ހުރިހާ އުފާތައް އެއްފަހަރާ ފެނަށްވެގެން ހިގައްޖެއެވެ. ނޫނެކެވެ. މިހެން ވެގެން ނުވާނެއެވެ. އެއްގޮތަކަށްވެސް އެ ކައިވެނި ވިޔަދީގެން ނުވާނެއެވެ. މިލާން އިންނަން ޖެހޭނީ އޭނަގެ ތިއްތިބެއާއެވެ.

ރިވާން ކައިވެނިކުރަން އުޅެނީ މިލާން އާއިކަން އެނގުމުން ނަދީމް އުފާވިއެވެ. އެއީ ރިވާން އާއި އެކަށީގެންވާފަދަ ބައިވެރި އެކެވެ. އެކުއްޖަކު ފެނުމުން ނަދީމް އައިޒާގެ މަތިން ހަނދާންވާފަދަ ގޮތެއް ހުރެއެވެ. އަމިއްލަ ދަރިއެއް ފަދައިން އިހުސާސް ކުރެވެއެވެ. އެއީ ކޮންކުއްޖެއްކަން ދެނެގަތުމުގެ ޝައުގު ނަދީމް އަދިވެސް އެބަހުއްޓެވެ. މިއޮތީ މިލާންގެ ހަގީގަތް ދެނެގަންނަން ފުރުސަތު ލިބިފައެވެ.

މިލާން ގާޑެނިއާ ގަސްތަކުން މާ ބިންނަން ފެށިއެވެ. ވާރޭ ވެހުމުން ފަތްތަކާއި މާތައް ދޮވެވިފައިވާއިރު ހުރިހާ ތަނެއްފެންނަނީ ވަކިން ތާޒާކޮށެވެ. މިލާން މަލެއް ބިނދެލާފައި ވަސްގަނެލުމާއިއެކު ދާނިޔަލްގެ މަތިން ހަނދާންވިއެވެ.

"އަހަރެން ގެ ބަދުނަސީބުކަން...... ލޯބިވާ މީހަކާއި މެރީކުރެވޭނީ ހާދަ ލަކީ އަންހެންކުއްޖަކަށް، އަހަރެން މިއީ ސުންޕާކުއްޖެއްކަން ނޭގޭ، އަހަރެންގެ ފެމިލީގެ އެކަކުވެސް މިދުނިޔޭގައިނެތް، ބައްޕައަކީ ކާކުކަމެއް ނޭގޭ، މަންމައާއި މާމަ އަހަރެން ދޫކޮށްލާފައި ދިޔައީ. އެންމެ ފަހުން މެރީކުރަން މިޖެހުނީ ލޯބިވެރިޔާ އަކާއި ނޫން، އަހަރެންގެ ނަސީބުގައި ލޯބި މިންވަރު ކުރައްވާފައި ނެތީމަކަން ނޭގޭ އިރާ ޑެނީގެ ލައިފަށް އައީ......" މިލާން އެހެން ހުރެ ގާޑެނިއާގެ ފިޔަތައް އަތުން ނޮޅަން ފެށިތަނާހެން ޖުވޭދާގެ އަޑު ދާދިގާތުން އިވިފައި ހިތް ތެޅިލިއެވެ. ޖުވޭދާ މިފެނުނީ ހާދަ ދުވަސްކޮށްލާފައެވެ. ޖުވޭދާއަކީ ސާރާގެ މާ ގާތް އެކުވެރިއެކެވެ. މިކައިވެނީގެ ޚަބަރު އިވިފައި ކޮންމެވެސް ނުބަޔެއްހަދަން އައީކަން ނޭގެއެވެ. މިލާންއަށް ހެވެވެ. އޭނަ މިގެއިން ދާން ޖެހުނިއްޔާ ގޮސްދާނެއެވެ. 

"މިލާން، އަހަރެން މިއައީ މިލާންގެ އެއްޗެއް ހިފައިގެން......" ޖުވޭދާ ހުރީ މޭކަޕްކޮށްލާފައި ރީތިވެލައިގެންނެވެ. ޑައިކޮށްފައިވާ އިސްތަށިގަނޑާއި ލާފައި ހުރި ހެދުމުގެ ސަބަބުން ޒުވާންކަމަށް ދައްކައެވެ. މިލާން އެނބުރި ބަލައިލިއިރު ޖުވޭދާގެ އަތުގައި އޮތީ ރީތިކޮށް ހަދާފައިވާ ޕާރުސަލެކެވެ. މިލާންގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފުންވިއެވެ.

"ތިންއަހަރު ކުރީގައި މިލާންއަށް ޕޯސްޓުން އައި އެއްޗެއް، އެގަޑީގައި މިލާން ގޭގައި ނޫޅޭތީ އަހަރެން އަލަމާރީގައި ބޭއްވި ގޮތަށް ހަނދާންނެތިފައި ހުއްޓާ މިލާން އޮސްޓްރޭލިއާއަށް ފުރީ، ކޮންމެވެސް ފިރިހެނަކު ފޮނުވި އެއްޗެއްހެން ހީވަނީ......" ޖުވޭދާގެ ޖުމްލައާއި އެކު މިލާންއަށް ކުރެވުނީ ފޮނި އިހުސާސްތަކެވެ. ފިރިހެނެކޭ ބުނީމަވެސް އެއީ ދާނިޔަލް ފޮނުވި އެއްޗެއްކަމަށް ހީކުރެވުނީ ކީއްވެކަމެއް ނޭގެއެވެ. މިލާންގެ ހިތް ތެޅެންފެށިލެއް ބާރުކަމުން ޖުވޭދާއަށް އަޑުއިވޭނެކަމުގައި ހީކުރެވުނެވެ. އޭނަ ބޭނުންވީ ޕާރުސަލް ޖަހައިގެން ދުވެފައިގޮސް އަވަހަށް ކަނޑާފައި ބަލައިލުމަށެވެ. 

"އިޓްސް އޯކޭ.........." މިލާން ހުރީ އިރާގެ ވާހަކަ އޮޅުން ފިލުވާހިތުންނެވެ. ނަމަވެސް އެފަދަ ހިތްވަރެއް ނުކުރެވުނެވެ. ޖުވޭދާ މިވަގުތު ކިތަންމެ ރީތިކޮށް ހިނިތުންވެލައިގެން ހުއްޓަސް ހިތް ރަނގަޅުވާނެ ކަމެއް ނޭގެއެވެ. އެހެންނޫނަސް އޭނަ ގަސްތުގައި އިރާއާއި ގުޅުން ކަނޑާލީއެވެ. ދާނިޔަލްއާއި އިރާގެ ހަޔާތާއި އަބަދުގެ އަބަދަށް ދުރަށް ދާންވެގެން އޭނަ އެގޮތަށް ކަންތައްކުރިޔަސް އިރާގެ މަތިން ފަހަރެއްގައިވެސް ހަނދާން ނައްތައެއް ނުލައެވެ. ދެކުދިން އެކީގައި އުޅުނީ ކިހާ އުފާވެރިކޮށް ހެއްޔެވެ؟ ނަމަވެސް މިލާންއަށް އިރާގެ ފިރިމީހާދެކެ ލޯބިވުމުން އެދޭތެރޭގައި ވާ ގުޅުމަށް އޭގެ ނޭދެވޭ އަސަރުކުރީއެވެ. ބޮޑު އޮޅުން ބޮޅުންގަނޑަކުން ސަލާމަތްވީ ހަމަ ކިރިޔާއެވެ.

ޖުވޭދާ އެ ޕާރުސަލް ދީފައި އިތުރު ވާހަކައެއް ނުދައްކާ ގެއަށް ވަދެގެން ދިޔުމުން މިލާން އޭގައިވާ އެޑްރެހަށް ބަލާލައިފިއެވެ. ނުދަންނަ ފިރިހެންކުއްޖެއްގެ ނަމެވެ.
މިއީ ކޯންޗެއްހެއްޔެވެ؟ ނޭގޭ މީހަކުދިން އެއްޗެއް ކަނޑާލާކަށް އޭނަ ބޭނުމެއްނޫނެވެ.

މިލާން ކޮޓަރިއަށްވަދެފައި ފެންވަރާލައި ތައްޔާރުވެލަން ހުރިއިރު ރިވާން ކިތަންމެ މެސެޖެއްކޮށްފިއެވެ. މިލާން ހުންނަނީ ދޭނެ ޖަވާބެއް ނޭގިފައެވެ. ރިވާން ފެނުނީމަ ވަރަށް ޖެހިލުންވެ ލަދުގަންނަ ގޮތެއް ވާން ވެސް ފަށައިފިއެވެ. ނޭގިހުއްޓާ މިހާ އަވަހަށް ކައިވެނި ހަމަޖެހޭތީކަން ނޭގެއެވެ. މިހާ ހިސާބަށް ދިޔުމުން ދާނިޔަލްއަށް އަންގަން އޭނަ ޖެހޭނެކަން ނޭގެއެވެ. އެތައް އަހަރުތަކެއް ކޮށްލާފައި މިލާން އޭނަގެ މެއިލް ހުޅުވުމަށްފަހު ދާނިޔަލްއަށް ދިގު މެއިލްއެއް ލިޔުނީ އަލްވަދާއު ކިޔުމުގެ ގޮތުންނެވެ. އެ މެއިލް ލިޔަން އިންއިރު ދޭތެރެއަކުން ޓިޝޫއިން ލޯ ފޮހެލަން މަޖުބޫރުވިއެވެ.

"ޑެނީ، އަހަރެން މެރީކުރުމަށްފަހު އެހިސާބުން ފެށިގެން ހަޒްބެންޑަށް ވަފާތެރިކަންމަތީގައި މަރުވާންދެން ދެމިހުންނާނަން، މިއީ އަހަރެމެންގެ ޑެސްޓިނީގައި ވާގޮތް، އެކަކަށްވެސް މިކަމެއް ބަދަލެއް ނުކުރެވޭނެ، އެހެންނޫންނަމަ ލޯބިވާ ދެމީހަކު ގުޅޭނެކަން ނޭގޭ، އަހަރެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޑެނީއާއި އިރާ އުފަލުގައި އުޅޭތަން ފެނުން. އަހަރެންވެސް މަސައްކަތް ކުރާނަން އުފަލުގައި އުޅެން، ޑެނީ އަހަރެންގެ ހަޔާތުން ދިޔަ ދުވަހުން ފެށިގެން ހިތުގައި ވާ ހުސްކަން އަބަދަށް އެގޮތުގައި ވާނެކަން ނޭގޭ... ތި ހަނދާންތައް ދުވަހަކު ހިތުން ފިލައިގެންނުދާނެ....... ލަވް ޔޫ ޑެނީ......." މިލާން ކަރުނަތައް ފޮހެލާފައި ތެދުވެގެންގޮސް ފާޚާނާއަށްވަދެ އެތައްފަހަރަކު މޫނު ދޮވެލިއެވެ.

ރިވާން ކޮޓަރިއަށް ވަދެފައި އެނދުމަތީގައި ޕާރުސަލެއް އޮތުމުން ބޭރަށް ބަލާލާފައި ވަރަށް ހައިރާންވިއެވެ. މިލާންއަށް ހަދިޔާ ފޮނުވާ ފިރިހެނުންވެސް އުޅޭހެއްޔެވެ؟ މިލާންގެ ބޭބެ އަކަށް ވެދާނެއެވެ. މިލާންފަދަ ރަގަޅު މައުސޫމްކުއްޖަކު ވަފާތެރިވާނެ ކަމާއިމެދު އޭނަ ޝައްކެއް ނުކުރެއެވެ.

"ބޭބީ، ވެޑިން ގިފްޓްތަ؟ "ރިވާން އަހާލިއެވެ.
"ރިވާ ކަނޑާލާފައި ޗެކްކޮށްލަދީފާނަންތަ ނުދަންނަ މީހަކު ފޮނުވި އެއްޗަކަށްވީމަ އަތްލާހިތް ނުވެފައި އޮތީ....." މިލާން ހީވަނީ ރޮއިފަހުރިހެންނެވެ.
"ސްނޭކެއް ކަމަށްވާނީ....." އާދައިގެ މަތިން ރިވާންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ކުލަވަރެވެ.
"އިޔޫ......" މިލާން ފަކުރުން ހަލާކުވާވަރުވިއެވެ.
"ސްނޭކް ދެކެ ބިރުގަނޭތަ؟ އަހަރެން ހުންނާނެ ޕައިތަން އެއްޗެހި އުފުލާލައިގެން ޕިކް ނަގާފައި.... ވީއިރު އަހަންނަށް އަދި މަގޭ ގާލް އެނގެނީ ހާދަ ކުޑަކޮށޭ، ސްޓިލް ގިނަ އަންހެންކުދިން އެކަހަލަ ފޯބިއާތައް ވަރަށް ހުރޭ ދޯ...." ރިވާން އެ ޕާރުސަލް ކަނޑާލުމާއިއެކު ސިޓީތަކަކާއި ފޮޓޯއަދި ޑައިރީއެއް އެނދުމައްޗަށް ފައިބައިގަތުމުން ރިވާން އެހާވަރުން ޗެކްކުރާކަށް ނޫޅުނެވެ. އެހަވާލުކުރީ މިލާންއާއެވެ. މިލާން ޝައުގުވެރި ކަމާއިއެކު އެއިން ސިޓީއެއް ނަގާފައި ކިޔަން ފެށުމާއި އެކު ދެލޯބޮޑުވެގެން ދިޔައެވެ. މިއީ ހަގީގަތެއް ހެއްޔެވެ؟ ނޫނެކެވެ. އެހެނެއްނުވާނެއެވެ.

"ބޭބީ ކިހިނެއްވީތަ؟" ރިވާން ބުމަކާރި ކޮށްލި އެވެ.

"މިއީ އަހަރެންގެ މަންމަގެ..." މިލާންގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. މިލާން އިރުކޮޅެއްވާންދެން ރޮއިފާ ކަރުނަތައް ފޮހެލާފައި ރިވާން އާއި ދިމާލަށް ބަލައިލި އިރު ދެލޯވެސް ހިނިތުންވާހެން ހީވިއެވެ. 

"ރިވާއަށް އެނގޭތަ؟ ޔޯރ ސްޓެޕް ޑޭޑް އިޒް މައި ފާދަރ... އަހަންނަކީ ނަދީމްގެ ކުއްޖެއް ކަމަށް މަންމަ ބުނަނީ، މަންމަމެން ގެ ކައިވެނި ކުރެވުނީ އިންޑިއާގައި ކަމަށްވަނީ، މިއޮތީ ކާވެނި ކުރިކަމުގެ ލިޔުން. މި އެއްޗެހި ނެތްނަމަ ގަބޫލުކުރާނެ ގޮތެއްވެސް ނޯންނާނެ، ވަރަށް ސަޕްރައިޒްވެއްޖެ.. އެހާ އުފާވެސްވެއްޖެ...." މިލާންގެ ޖުމްލައިން ރިވާންފަދަ ހަމަޖެހޭ ޒުވާނެއްގެ މޫނަށްވެސް ވެރިވީ ހައިރާންކަމުގެ ކުލަވަރެވެ. މިލާން ރިވާންގެ އަތަށް އެ ސިޓީ ދިނުމުން ރިވާން ހީލިއެވެ. ދިވެހިން ލިޔެފައިވާ އެއްޗެއް ކިޔުން އޭނައަށް ފަސޭހައެއްނޫނެވެ. ކުޑައިރުއްސުރެ ބޭރުތަންތާ އުޅެމުން ދިވެހި ބަސް އެހާ ރަނގަޅަށް ދަސްކުރާނެ ފުރުސަތެއް ނުލިބުނީއެވެ. ވާހަކަ ދައްކަން އެނގޭ ކަމާއި މެދު މަންމައަށް ޝުކުރުހުއްޓެވެ.

"ރިވާ، އިހަށް މިވާހަކަ ސިއްރުކޮށްދޭތި ޕްލީޒް.... އަހަރެން މިގޭތެރޭގައި އުޅޭއިރު ބައްޕައަށް އަހަރެން ފެނި އެއްވެސް ކަހަލަ ފީލިންގްސްއެއް އަހަންނަށް ޓަކައި ވޭތޯ ބަލަން ބޭނުމީ، ބުނެއެއްނު ޕޭރެންޓުންނަށް އިހުސާސް ކުރެވޭނެއޭ... އެންމެފަހުން އައިޒްވެސް މިވީ ހާފް ސިސް އަކަށް....." މިލާން ވާހަކަ ދެއްކި އިރުވެސް ރިވާން ފުން ނަޒަރަކުން މިލާންގެ މޫނަށް ބަލަން ހުރުމުން އޭނަ ހުރީ ރަކިވާގޮތްވެފައެވެ.

"ތޭންކް ގޯޑް، މިހާރު މަންމަމެންނަށް މިލާން އެކްސެޕްޓްކުރުން ފަސޭހަވާނެ، ނޭގިވެސް އަހަރެމެން ފެމިލީއެއްނު ބޭބީ.. ހާދަ އުފާވެއްޖެ......" ރިވާން މިލާން އަތަށް ޓިޝޫއެއް ދިއްކޮށްލިއިރު އެ ކަރުނަތައް ފޮހެދޭން ބޭނުންވިއެވެ. ނަމަވެސް އަދި ދުވަސްކޮޅެއްވާންދެން ކެތްކުރަން ޖެހެއެވެ. ތިންއަހަރުވާންދެން ކެތްތެރިވި މީހަކަށް އިރާދަކުރެއްވިއްޔާ އެކަމުގެ އިނާމުލިބޭނެއެވެ. 

"ރިވާއަށް އެނގޭތަ؟ އެންމެ އުފާވި ސަބަބަކީ އަހަރެންގެ ބައްޕައެއް ހުރީމަ، ބައްޕަ ނެތޭ ކިޔައިގެން ވާހަކަދައްކާ އަޑުއިވުނީމަ ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވޭ......" މިލާން ގެ ލޮލުގައި މިހާރު ވިދަނީ އުފާވެރިކަމުގެ ކަރުނައެވެ. ރިވާން މިލާން ގެނެސް މޭގައި ޖައްސާލާފައި ލޯބިން ވާހަކަދެއްކުމަށްފަހު އެ ކޮޓަރިން ނުކުމެގެން ދިޔުމުން މިލާން ދެވަނަފަހަރަށް އެ ސިޓީ ކިޔަންފެށިއެވެ. 

މިލާންގެ ހަގީގަތްއެގުމުން ރިވާން ހުރީ އޭނަގެ މަންމައާއި ހިއްސާކުރަން އިންތިހާއަށް ބޭނުންވެފައެވެ. ނަމަވެސް މިލާންގެ ސިއްރު އެންމެ ގާތްމީހާގެ ގާތުގައި ބުނަން ވެސް ރިވާން ފަސްޖެހުނެވެ. އޭނަގެ މަންމަ މިކައިވެންޏާއި ހިތްހަމަނުޖެހޭކަން ރިވާން ރަނގަޅަށް ދަނެއެވެ. މަންމަގެ މަސްނޫއީ ހިނިތުންވުމާއި ގަދަކަމުން އުފާވެރިކަން މޫނަށް ގެނެސްގެން ހުންނައިރު އާއިލާގެ އެހެން މީހުންގެ ފަރާތުން ލިބުނީ އެހާ ފިނި މަރުހަބާއެކެވެ. އެކައިވެންޏާއި ގަބޫލު މީހަކު އާއިލާގައި ހުރިކަމަކަށްނުވެއެވެ. އެއީ އެކަނި މިލާން ނިކަމެތިކުއްޖަކަށްވީމަ ހެއްޔެވެ؟ ޝާހީ އާއިލާއެއްގެ ކުއްޖަކަށް ކޮންމެހެން ވާންޖެހޭނެބާވައެވެ. މިލާންއަކީ މުއްސަނދި މީހެއްގެ ދަރިއެއްކަން އެނގުމާއިއެކު އެންމެންދެކޭގޮތް ބަދަލުވާން ސިކުންތު ކޮޅެއްވެސް ނުނަގާނެއެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް ވަގުތެއް ކަނޑައަޅުއްވާފައިވާއިރު އެކަމެއްގެ ވަގުތު ޖެހުމުން އެކަން ދުނިޔެއަށް ހާމަވާނެއެވެ. 

މިލާންގެ ރަނގަޅު ކަމުން އެންމެން ލޯބިވާނެ ދުވަހެއް ފެންނާނެ ނަމައޭ ރިވާންގެ ހިތަށް އެރިއެވެ. މީހާގެ ޝަރަފާއި މަތިވެރިކަމަކީ މީހާ ރަނގަޅުކޮށް ތަގުވާވެރި ކޮށްދޭ ތަތްގަނޑެއްނޫނެވެ.

ރިވާންއާއި މިލާންގެ ކައިވެނީގެ ކަންތައް ހަމަޖެހެމުން ދިޔައިރު އެގޭތެރެއަށް ކޮންމެވެސް ވަރެއްގެ ހަލަބޮލި ކަމެއްވެރިވެފައި ވެއެވެ. މިލާންގެ ހިތަށް އެކަމުން އުފަލެއް ނުލިބެއެވެ. އޭނަ އިންނަނީ ނެގި މަޑުވެފައެވެ. ސާރާގެ ދެލޮލުން ފެންނަ ކުލަވަރުން މިލާން ގެ ހިތް ތެޅެން ފަށާ ސަބަބެއް އޭނަ އަކަށް ނޭގެއެވެ. ސާރާގެ ސިކުނޑީގައިވާ އެއްޗެއް ދެނެގަންނަން މިލާން މަސައްކަތްކުރީމަ ކާމިޔާބެއް ނުވިއެވެ. ދޭތެރެ އަކުން ނަދީމް ފެނިއްޖެއްޔާ މިލާންއަށް ތަފާތު ނަޒަރަކުން ބަލަހައްޓައިގެން ހުރެވެއެވެ. ބައްޕައެއްގެ ލޯތްބަށްޓަކައި އެހިތުގައި ބުނަން ނޭގޭފަދަ ބޭގަރާރު ކަމެއް އުފެދެންފެށިއެވެ. ނަދީމް އައިޒާ އާއި ވާހަކަދައްކާތަން ފެނިއްޖެއްޔާ މިލާންގެ ހިތަށް މާ އުދަގޫވެއެވެ. އޭނައަކީވެސް އައިޒާފަދައިން ބައްޕަގެ ދަރިއެއްކަން އެނގޭނެ ނަމައެވެ. 

އެންމެ ފަހުން ރިވާން ކުރި ދިގު އިންތިޒާރު ނިމުމަކަށް އަތުވެއްޖެއެވެ. ރިވާންއާއި މިލާންގެ ޕާޓީ ބޭއްވުނީ ރިވާންމެންގެ އާއިލީ ރިޒޯޓެއްގައެވެ. ލެންޓަރންތަކާއި ޒީނަތްތެރިކުރެވިފައިވާ ރަށުގެ ރީތިކަމުން ތަނަށް އައިހާ މީހުން އާޝޯޚުވީއިރު ރިވާން އާއި މިލާން އާއި ރިވާން ފުރިހަމަކަމުން ދުނިޔެމަތީގެ ކަމެއްހެން ހިޔެއްނުވެއެވެ. ރިވާން ސޫޓެއްލައިގެން ހުރިއިރު މިލާން ހުދުކުލައިގެ އަލިމަސްތައް ވިދާ ހެދުމުގައި ފެންނަނީ ޕަރީއެއްހެންނެވެ. އިސްތަށިގަނޑުގައި ހަރުކޮށްފައިވާ ތާޖުގެ ސަބަބުން ވަކިން ޝާހީކަމަށް ދައްކައެވެ. ރިވާން އެންމެ ފަހަރަކުވެސް އެ އަތުން ދޫކޮށްލާކަށް ބޭނުމެއްނުވެއެވެ. އިރުކޮޅެއް ނުވަނީސް ރިވާން އަމިއްލަ ޚިޔާލެއްގައި އިންނަހެން ހީވާންފެށިއެވެ. ދޭތެރެއަކުން ނިތްކުރީގައި ފިރުމާލާގޮތުން ކަމަކާއި ހާސްވެފައި ހުރިހެން ހީވެ މިލާންގެ ހިތަށް ނުތަނަވަސްކަމެއް ލިބެންފެށިއެވެ. ރިވާން ކުރަނީ ކޮން ޚިޔާލެއްބާވައެވެ. އެ ރީތި ހިނިތުންވުމުގައި "ޕްލާސްޓިކް" ގޮތެއް ހުރީ ކީއްވެބާވައެވެ. ރިވާންގެ ކުރީގެ ލޯބިވެރިޔަކު ޕާޓީއަށް އައީބާވައެވެ. އެހެންނޫންނަމަ މިހާ ބޮޑު ބަދަލެއް އަންނާން ޖެހޭ ސަބަބެއް ނޭގެއެވެ. މިލާންގެ އަތް ގަނޑުފެންކޮޅެއްހާ ފިނިވެ ކަރުނަތަކާއި ހަނގުރާމަކުރަން މަސައްކަތްކުރިއެވެ.

"އަހަރެން މި ކައިވެންޏާއި އެއްބަސްވީ އަހަރެންގެ މޮޔަކަމުން.... ރިވާވެސް އެކްޓްކުރީ، ކިޔާނެ ޑެނީ ގޭމް ކުޅުނީއޭ..... ރިވާ މިރޭ ތިހަދާ ގޮތުން ވަރަށް އުދަގޫވެއްޖެ......" މިލާން ހިތުން ކުދި ކިޔައިގަތެވެ. އެންމެފަހުން ފޮޓޯ ސެޝަނުގައި ވެސް ރިވާން ހުރީ ބަސްމަދުވެފައެވެ. އެކުވެރިން ހީކުރީ މިލާން އާއި އެކަނިވެރި ވެވޭލެއް ލަސްކަމުން ކެތްނުކުރެވިގެން ކަމަށެވެ. އެމީހުން ދިމާކުރުމުން "ހޫމް" އެއް އަޅުވާލާފައި އެންމެ ފަހުން އެތާހުރެ ޓައީވެސް ބޭލީ ހާސްވެގެން އުޅޭފަދަ ގޮތަކަށެވެ. މިލާން އާއި ހެދި އެވަރުން އުޅުނު ޒުވާނާ މިލާންއާއި ދިމާލަށް ބަލައިލަންވެސް ފަހުން ނޭދުނެވެ. 

މެހުމާނުން ހުސްވުމުން ރިވާންގެ ފަހަތުން ކަހަލަ ގޮތަކަށް ގޮސް އެދެމަފިރިންނަށް ޚާއްސަކޮޓަރިއަށް ވަނެވެ. މިލާން ހުރީ އެތެރޭގައި ފައި އަޅަން ނުކެރިފައެވެ. ތަނުގެ ތަނަވަސްކަމާއި ޝާހީކަން އަދި ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމުން އެތަން ހަޑިކޮށްލާކަށް ބޭނުމެއްނޫނެވެ. އެނދުގެ ނައިޓްސްޓޭންޑް މަތީގައިވާ ބިއްލޫރި ބޯތަށްޓެއްގައި ސްޓްރޯބެރީއާއި ޗޮކްލެޓް ހުއްޓެވެ. ރަތްކުލައިގެ އުއްބައްތިތަކުން މިލާންގެ މޫނަށް ހިޔަނި އެޅިފައިވާތަން ފެނުމުން ރިވާން އިރުކޮޅެއްވާންދެން ބަލަހައްޓައިގެން ހުރިއިރުވެސް އެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމެވެ. އަބަދާއަބަދުހެން ފެންނަ ރީތި ހިނިތުންވުން މޫނުމަތިން ގެއްލިފައިވެއެވެ.

"މިލާން ބޭބީ، އަހަންނަކަށް ނޭގޭ، މިރޭ މާގިނައިން ކޮޅަށް ހުރީމަ ވީގޮތެއްކަން ނޭގޭ، އައިމް ނޮޓް މައިސެލްފް...." ރިވާން ނިތްކުރީގައި ފިރުމާލާފައި ބޮލުގައި ދެއަތުން ހިފަހައްޓާލަމުން އެނދުގައި އިށީނދެއްޖެއެވެ. ބޮލުގައި ރިއްސާތާ ކޮންއިރެއް ހެއްޔެވެ؟ އެކަމުގެ އުދަގޫ ބޮޑުވެގެން އުޅޭތާ ދުވަސްކޮޅެއްވުމަށްފަހު މިރޭ ރިއްސަންފެށީ މާގަދަޔަށެވެ. އެ ރިހުން އަންނަލެއް ގިނަވެ އިތުރުވަމުން އަންނާތީ ރިވާން ފިކުރުބޮޑުވިއެވެ.

މިލާން ގެ ހެދުމުގެ ފަސްބައި އޮތީ ޓައިލްސްމަތީގައި ފެތުރިފައެވެ. ފައިދަށުވަމުން ދިޔައީ ފިނިފެންމާ ފިޔަތަކެވެ. އޭނަ ހުރީ ހިނގައިގަންނަން ނޭގިފައެވެ.

"އޫ....." ރިވާން ވޭނީ ގޮތަކަށް ކިޔާލިއެވެ.
"ވަޓް ހެޕެންޑް..." މިލާންގެ ސަމާލުކަން ރިވާންއަށް ހުއްޓުނެވެ.
"ރިވާ....." މިލާން އެނދާއި ގާތަށް ދިޔައިރު ހިތަށް ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަދެއްޖެއެވެ. ރިވާންއަށް ކިހިނެއްވީބާވައެވެ. މިރޭ ރިވާން ބަލިވެއްޖެއްޔާ އެއީ އޭނަގެ ސުންޕާކަން ކަމަށް ސާރާމެން ކިޔާނެކަން ޔަގީނެވެ. އެހެންނޫނަސް ރިވާންއަށް ދެރަގޮތެއްވާކަށް މިލާން ނޭދެއެވެ. މަޖުބޫރީ ކައިވެންޏަކަށްވިޔަސް އެ ކައިވެނި ރޫޅުމަކަށް މިހާރު މިލާން ނޭދެއެވެ. ކައިވެނި ކުރެވުމަށްފަހު އޭނަ ރިވާންއަށް ތެދުވެރި ރަނގަޅު އަންބަކަށްވާން ނިންމާފައިވެއެވެ. އޭނަ މިހިރީ ބުރުގާ އަޅަންވެސް ގަސްތުކޮށްގެންނެވެ. ދުނިޔެއިން އެންމެ ބޭނުންވާ ނަސީބު ނުލިބުނަސް އޭނައަށް ލައްވާފައިވާ ރަހުމަތްތަކަށް ޝުކުރުކޮށް ދިރިއުޅުން ރީތިކޮށް ފަށައިގެން ރިވާންގެ ޚިދުމަތުގައި މުޅި އުމުރު ހޭދަކޮށްލަން ނިންމިތަނުން މިވާން އުޅެނީ ކިހިނެއްބާވައެވެ.

"ޓޮލެރޭޓް ނުވާހާ ގަދަޔަށް ބޮލުގައި ރިއްސަނީ........." ރިވާން އުޅުނީ ކެތްނުކުރެވިގެންނެވެ. "ސަމްތިން އިޒް ރޯންގް، އަހަންނަށް އެނގޭ މިއީ އާދައިގެ ކަމެއްނޫންކަން، އަހަންނަށް ރަނގަޅަކަށް ނުފެނޭ، އަހަރެންގެ ލޮލަށް އަނދިރިވަނީބާ..... އެހާ ވަރުބަލިވެއްޖެ، އަނެއްކާ ކެންސަރ ރިޓާން ވީ ބާ... އިޓް ހެޕެންސް.... އެކަމަކު މަންމަމެންނަށް އެނގިއްޖެއްޔާ ހައްތަހާ ކަންބޮޑުވާނީ......." ރިވާން ހިތާހިތުން ކިޔާލިއެވެ. 

"މަސާޖްކޮށްލަދެންތަ... ނޫނީ ޑޮކްޓަރަށް ދައްކަން ދާނީތަ؟ " މިލާން ހަދާނެގޮތް ހުސްވެފައި ހުރެވެސް ރިވާންގެ ގާތުގައި އެނދުގެ މަގަތުގައި ހުއްޓިލަމުން ބޮލުގައި އެ ނާޒުކް އަތް ޖައްސާލީ ފިރުމާލަދިނުމަށެވެ. ރިވާން އެއިންގޮތަށް އިނދެ މިލާންގެ ތުނި ހަށިގަނޑުގައި ބައްދާލަމުން މޭގައި ބޯ އަޅާލާފައި ދެލޯމަރާލިއިރު ރިވާންގެ ބަރު އެސްފިޔަތަކުގައި ކަރުނަ ވިދާން ފަށައިފިއެވެ. އެ މަންޒަރު ފެނިފައި މިލާންގެ ހިތަށް އަސަރުކުރިއެވެ. ރިވާން ބަލިކަމުގެ އިހުސާސް ކުރެވި ހިތުގެ ހިގުން މަޑުޖެހިލިހެން ހީވިއެވެ. މިލާންއަށް ކުރެވުނުކަމަކީ ރިވާންގެ އިސްތަށިގަނޑުގައި ފިރުމާލަދިނުމެވެ.

"ނޫން ނޫން ނޫން...." މިލާންއަށް ހީވީ ސިކުނޑި ތެރެއިން ހަޅޭއްލަވައިގަނެވުނު ހެންނެވެ. ނަމަވެސް ދުލުން އެންމެ ލަފުޒެއްވެސް ބޭރެއްނުވިއެވެ. ދޫ ބަރުވެ ހަރަކާތްކެނޑި މިލާން މުޅިން ފިނިވިއެވެ. މިފަދަ އިމަރޖެންސީއެއްގައި ހަދާނެގޮތެއް އޭނައަށް އެނގިފައިނެތީއެވެ. މިލާންގެ ހިތް އިންޒާރު ދިނީ ރިވާން ވަރަށް ބަލިކަމަށެވެ. އެހެންނޫންނަމަ ކައިވެނީގެ އުފާވެރި ރޭ ރިވާން މިގޮތަށް ބަލިކަމުގެ އެކްޓެއްނުކުރީހެވެ. 

ކޮމެންޓް 0