މިލާންގެ އެކަނިވެރި ވަގުތު ކޮޅު މެދުކަނޑާލީ މީހަކު މާ ބާރަށް ދޮރުގައި ތަޅައިގަތުމުންނެވެ. މިލާން އަވަސް އަވަހަށް އަލަމާރި ތަޅުލާފައި ދޮރުހުޅުވައިލި އިރު ހުރިހާ ދަތްތައް ފެންނަވަރަށް ހީލައިގެން ހުރީ ސުދާ އެވެ.

"މިލާން އައި ހޭވް ގުޑް ނިއުސް... ތިއްތިމެން ޔޫރަޕް ޓްރިޕެއްގައި ދާން އުޅުމުން މަ ބުނީ ފްރެންޑެއް ގެންދަން ބޭނުމޭ، އޭރުން މަޖާކޮށް ލެވޭނީވެސް، މަންމަ ބުނި މިލާން ގެންދިޔަސް ހެވޭ، ޔޫ އާރ އެލޯން އެންޑް އޯލް ދެޓް، އެހެންވެ މިލާންއަށް ސަރޕްރައިޒެއް މިދިނީ... އަވަހަށް ތެންކިއު އޭ ބުނެބަލަ ޑާލިން....." ސުދާ މިލާންގެ ގައިގައި ބައްދައިލަމުން ޖޯޝުން ފުރިގެންވާ ގޮތަކަށް ބުނެލީމަވެސް މިލާން އުފަލެއް ނުވިއެވެ. އޭނަ ތަންތަން ބަލައިލަން ދާހިތުން އުޅޭ ކުއްޖަކަށްވިޔަސް ސުދާގެ އާއިލާ އާއި އެކީގައި ދާކަށް ބޭނުމެއް ނޫނެވެ. މިދުވަސްކޮޅު މަޖާކޮށްލަން ދާހިތެއް ނެތެވެ.

"ތެންކިއު...އެކަމަކު...." މިލާން ގަދަކަމުން ހިނިތުންވެލިއެވެ.

"ވީކެއްގެ ތެރޭގައި ޝެންއެން ވިސާ ނަގަން ލަންކާއަށް ދާންޖެހޭ.... މިއީ ގޯލްޑެން އޮޕޮޗުނިޓީއެއް، ތިންކް އެބައުޓް އިޓް މިލާން، ދެނެއް ޗާންސެއް ނުލިބޭނެ......." ސުދާގެ މަގުސަދަކީ އޭނަގެ ތިއްތިބެ އާއި މިލާން ގުޅުވުމެވެ. ދާނިޔަލް އާއި މިލާން ގުޅިއްޖެއްޔާ އޭނަގެ ގައިން ހުޅުރޯވާނެކަން އޭނައަށް ޔަގީނެވެ. ދާނިޔަލް ފެނުނީމަ އޭނަ ހަމަ މޮޔަވަނީއެވެ. އެ ހުވަފެންތަކުގައި ކުލަ ޖެއްސެން އަންނަނީ ދާނިޔަލްގެ ހަޔާތަށް އަންނަ އަންހެންކުދިން މަގުން އެއްފަރާތް ކޮށްލައިގެންނެވެ. އައިޒާ އާއި އޮތް ގުޅުން ކެނޑުނު ފަހުން އެވަރލޭންޑަށް ވަނުމުގެ ނަސީބު ވަނީ ގެއްލިފައެވެ. އެއީ ހަޔާތުގައި ކުރެވުނު އެންމެ ބޮޑު މޮޔަކަމެވެ. އެހެންނޫންނަމަ އިރާ ނައްތާލިތާ ކޮން ދުވަހެއް ހެއްޔެވެ؟ އެކްސިޑެންޓްވެފައި މަރުވާކަށް ނޫޅުނެވެ. މިހާރު ހުރީ މިލާންއެވެ. މިލާން ދުރުކޮށްލެވިއްޖެއްޔާ ހަމަޖެހިގެން ނޭވާއެއް ލެވިދާނެއެވެ.

ސުދާ ހިޔަނިފަދައިން ފަހަތުން އުޅުނީމަ ދެވަނަފަހަރަށް އަލަމާރި ހުޅުވާލާނެ ފުރުސަތެއް މިލާން އަކަށް ނުލިބުނެވެ. އެންމެ ފަހުން ދިމާވީ ދެރަގޮތެކެވެ. މިލާން ތަޅުދަނޑި ހިފައިގެން އުޅެފައި ބޭއްވުނު ތަނެއް ހަނދާނަކަށް ނައެވެ. މިލާން ހީކުރީ އޭނަ ޖިންސްގެ ޖީބަށް ތަޅުދަނޑިލީ ކަމަށެވެ. ގެއަށް އައުމަށްފަހު ތަޅުދަނޑި ނެތްކަން އެނގުމުން ދެވަނަފަހަރަށް ދާނެ ހިތްވަރެއް ނުލިބުނެވެ. އެހެންނޫނަސް ސާރާދެކެ ގަންނަ ބިރަކުން އަލުން ނިކުންނާކަށް ނުކެރޭނެއެވެ. މިލާން އައީ ގެ ތަޅުލާފައިކަމުން އެހެން މީހެއްގެ އުދަގޫ ނުފޯރާނެކަމުގައި މިލާން ޔަގީންކުރިއެވެ. މާދަން ކޮލެޖް ނިމިގެން އަންނަމުން ގެއަށް ވަދެލާނީއެވެ.

އެރޭ މިލާން ވަރަށް ވިސްނިއެވެ. އޭނަގެ މަންމަ އާއި ނަދީމްގެ އޮތީ ކޮން ގުޅުމެއްބާވައެވެ. މިލާންގެ ގާނޫނީ އަދި ދީނީގޮތުން ބައްޕަ ކިޔާނެމީހެއް ނެތަސް އެމީހަކީ ކާކުކަން އެނގެން ބޭނުމެވެ. ނޫނީ އެމީހަކު މިލާންއަކީ ދަރިއަކު ކަމުގައި ގަބޫލެއްނުވެސް ކުރާނެއެވެ. ވީއިރު މާމަ އެހާ ޔަގީންކަމާއި އެކުގައި ބައްޕަގެ ގާތަށް ދާށޭ ބުނީ ކީއްވެ ހެއްޔެވެ؟ އޭނަގޮސް ބުނެލާއިރަށް ދަރިއެއްކަމުގައި އެމީހަކު ގަބޫލުކުރަންވީ ސަބަބަކީ ކޮބާހެއްޔެވެ؟ ނަމަވެސް މިލާންގެ ހިތުގައި ނަދީމް އާއި މެދު ޝައުގުވެރި ކަމެއް އުފެދުނެވެ. މަންމަ އާއި އެކު އެންމެ ފޮޓޯއެއް ނަމަވެސް ނަގާފައި ހުރުމުން ނަދީމް އާއި މަންމަ އެއް ޒަމާނެއްގައި ގުޅުމެއް އޮތްކަން ކިތަންމެ ރީއްޗަށްވެސް އެނގުނެވެ.

ބައެއްފަހަރު އިންސާނާގެ ނަސީބު އަތުގައި ހިފާލާނީ އެމީހަކު ހިތަށް ނާރާ ގޮތަށެވެ. ޖެހިގެން އައިދުވަހު މިލާންއަށް ނަދީމްގެ ހޮސްޕިޓަލުން ވަޒީފާ ލިބިފައިވާކަން ސާރާ އެންގިއެވެ. އެއީ ދީނާ އެދިގެން ހޯދަދިން ވަޒީފާއެއްކަން އޭރު މިލާންއަކަށް ނޭގެއެވެ. މިލާން ހީކުރީ ސާރާގެ އިހުސާންތެރި ކަމުން ވަޒީފާއެއް ހޯދަދިނީކަމުގައެވެ. ސުދާއަށް އެ ޚަބަރު ލިބުމުން ހިތަށް ބިރުވެރިކަން ވަނަސް އޭނަ މިލާންގެ އުފާވެރި ކަމުގައި ބައިވެރިވާކަމަށް ހެދި މިލާންއަށް މެސެޖް ކުރިއެވެ. ދެރަވަނީ އެމީހުންނާއިއެކު ޔޫރަޕް ދަތުރުގައި މިލާން ބައިވެރި ނުކުރެވޭނެތީ ކަމަށް ބުނެލިއެވެ. ވަޒީފާއަށް ވަންނަ ތަނުން ޗުއްޓީއެއް ނުނެގޭނެއެވެ.

މިލާންއަށް ވަޒީފާ ލިބުމުން ހިތަށް ލިބުނީ ބަޔާން ނުކުރެވޭފަދަ މަތިވެރި އުފަލެކެވެ. އެއީ އެންމެ ހިތް އެދޭ ވަޒީފާއެވެ. ދާނިޔަލް ގިނަގިނައިން ފެންނާނެއެވެ. ރިސެޕްޝަނިސްޓަކަށް ވުމުން އެތާ އިންނައިރު ދާނިޔަލް ވަދެގެން ދާތަން ފެނުނީމަ ޔަގީނުންވެސް ހިތަށް ފިނިކަން ލިބޭނެއެވެ. އެހެންނޫނަސް ދާނިޔަލް ދޭތެރެ އަކުން ހުސްވަގުތު ކޮޅަކަށް ނިކުންނައިރު ފެނުމުގެ ނަސީބު އެދުވަހު ލިބުނެވެ. ދެމީހުން ގަޑިކިޔާފައި ކޮފީއަށް ދިޔައީ އެކީގައެވެ. އެހެންމީހުންނަށް ދެމީހުންގެ ގުޅުމެއް އޮތްކަން ފާހަގަ ނުކުރެވުނަސް ކައިރި ކައިރީގައި ހުރި މޭޒުތަކުގައި އެހާ ރީތި ޒުވާނަކާއި އަންހެންކުއްޖަކު ތިބުމުން ލޯތައް އެދިމާލަށް ހުއްޓުނެވެ. އެއީ މިލާންއާއި ދާނިޔަލްގެ އެކުވެރިކަމުގައި އާކުލަތަކެއް ޖެހުނު ދުވަހެކެވެ. ޑިއުޓީ ނިންމާލާފައި މިލާން ނިކުތްތަނާހެން ފަހަތުން ދާނިޔަލް އައެވެ. އަތްދިގު ގަމީހަކާއި ފަޓުލޫނެއްލައިގެން ހުރިއިރު ދާނިޔަލް ސްމާޓްކަމުން މިލާން ހުރީ ބަލައިލަން ނުކެރިފައެވެ. އެ އަސަރުގަދަ މޫނަށް ބަލާލާ ކޮންމެފަހަރަކު މިލާންގެ ހިތަށް ވާގޮތެއް ބަޔާން ކުރަން އުދަގުލެވެ. 

"އަހަންނާއި އެކު ކާރުގައި ދާންވީނު، ކިހާ ވިއްސާރަ...." ދާނިޔަލް ކާރުގެ ދޮރު ހުޅުވާލި އިރު ބައެއް މުވައްޒަފުން ގޭޓުކައިރީގައި ބަލަން ތިއްބެވެ. އޭރު ކަޅުވިލާތަކުން އުޑުމަތި ބައްދާލާފައިވެއެވެ. ދެންމެ ދެންމެ ވެހިގެންފާނެކަމުގެ އަލާމާތްތައް ފެނެއެވެ. ޖެހިލި ވައިރޯޅިއާއިއެކު މިލާން ލައިގެން ހުރި ހެދުން ހިއްލުމުން މިލާން ހަޅޭއްލަވައިގެންފައި ހެދުމުގައި ހިފުމުން ދާނިޔަލް ހުރީ ހިނިއައިސްފައެވެ. މިލާން އުޅުނުގޮތް ހާދަ ލޯތްބެވެ. އެހެންނޫނަސް އެ ދޮން މޫނަށް ވެރިވި ރަތްކުލައާއިއެކު މިއަދު އުފާވެފައި ހުރިވަރުން ވަކިން ރީތިކަމަށް ދައްކައެވެ.

"ވަޔާއިއެކު ގެންގޮސްދާނެތީ އޭ އަހަރެން އެހެންބުނީ، އެކަމަކު ދޯ. ވައިރޯޅިތައް ކުރާ ސަމާސާ ދެކެބަލަ، މިލާން އަންޑްރެސް ކޮށްލަން ވިއްޔަ އުޅުނީ، ލައިކް އެން އިންވިޒިބްލް ގޯސްޓް، އަހަރެން ޖޭ ކޮށްލައިފި، އަހަރެން އުރާލާފައި ކާރަށް ނާރުވަނީސް ޕްލީސް......" ދާނިޔަލް ކާރުގެ ކުރީ ސީޓަށްއަރާ ބިއްލޫރި ތިރިކޮށްލުމުން މިލާން ކުރާނެކަމެއް ނެތިފައި ކާރަށް އެރިއެވެ. އޭރު މިލާން އިނީ ލަދުން ހަލާކުވާވަރުވެފައެވެ. ދާނިޔަލް އެގޮތަށް އަމަލުކުރީމަ އެހެން މީހުން ނުބައި މާނައެއް ނަގާފާނެއެވެ. ނަހުޔާންމެން މީހަކަށް ފެނުނަސް އޭނަ ކުށްވެރިވެދާނެއެވެ. ދީނާގެ ކަންފަތާއި ހަމަޔަށް އެ ޚަބަރު ދާއިރަށް އޭނަގެ ވަޒީފާ ގެއްލިދާނެއެވެ. މިލާން ކާރަށް އެރުމާއިއެކުހެން ވާރޭގެ މުތީތައް ކާރުގެ ބިއްލޫރިގަނޑުގައި ބޮސްދޭންފެށުމުން މިލާން އަށް ހިތްގައިމުވިއެވެ. ދާނިޔަލް ކާރުދުއްވާލަމުން ޖައްސާލީ ވަގުތާއި އެކަށީގެންވާފަދަ ލޯބީގެ ލަވައެކެވެ. 

"ކިހިނެއް މިއަދު ޖޮބް ދިޔައީ..." ދާނިޔަލް އާދައިގެ މަތިން އެކި ވާހަކަތައް ދެއްކިއެވެ. 

"ހާދަ މަޑުން ތިއިންނަނީ؟ ކޮންމެވެސް ވާހަކައެއް ދައްކަބަލަ..." ދާނިޔަލް ބަލައިލީ ހިތް ކަތިލާލާފަދަ ނަޒަރަކުންނެވެ.

"ބުނަންވީ ކީކޭތަ؟" މިލާން ފިނިވެފައިވާ ދެއަތްތިލަ އުގުޅައިލިއެވެ. އެއަތުގައި އަދިވެސް ވަނީ ޝޮޕިންސެންޓަރުން ދާނިޔަލް އާއި ދިމާވި ދުވަހު މިލާން އަޅައިގެން ހުރި ކެވެލިކޮޅެވެ. އެ ދޮން އަތާއި ހާދަ ގުޅެއެވެ. ޔާގޫތު، އަލިމަސް އަދި ރަންމުތްފަދަ ގަހަނާތައް އެ ރީތި ހަށިގަނޑުގައި އަޅުވާލީމަ އަދި ހާދަ ރީތިވާނެއެވެ. މިލާންއަށް ދޭން އެންމެ ރަނގަޅު ހަދިޔާތައް ވިސްނުމަށް އައީ އަދި ކިރިޔާއެވެ. ދާނިޔަލް ފުންނޭވަޔެއްލިއެވެ.

"މަންމަ އަހަރެމެން ދެމީހުން ގުޅިދާނެތީ ބިރުން އުޅޭ ސަބަބެއް ބުނެބަލަ، ދެމީހަކު އެޓްރެކްޓްވަންޏާ ގުޅުމަކީ މައްސަލައެއްވެސް ނޫނެއްނު...." ދާނިޔަލް ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ޔޫ އާރ މެރީޑް، އަހަރެމެންގެ ފެންވަރުގެ ތަފާތުކަމުން، އަދި އަހަރެންގެ ބައްޕައެއް ނުހުރޭ....." މިލާން އަސަރުކޮށްފައިވާ ގޮތަކަށް ބުންޏެވެ.

"ބައްޕައެއް ނެތި ދުނިޔެއަށް ފޮނުއްވީ އެކަނި ޕްރޮފެޓް އީސަ......" ދާނިޔަލް ބުމައަރުވާލިއެވެ.

"ތިކަން އެނގޭ.... އެކަމަކު މެރީނުކޮށް ލިބުނީމަ އަހަރެން މިއީ ބައްޕައެއްނެތް މީހެކޭ ދޯ ބުނާނީ..." މިލާން އިސްޖަހާލައިގެން އިންއިރު ލޮލުގައި ކަރުނަ ގިނަވެފައިވެއެވެ. އެއީ ހިތަށް ހާދަ ތަދުކުރުވާ މައުޟޫއެކެވެ. އައިޑީ ފެނުނަސް އޭނަ ގެ ހިތަށް ބުނަންނޭގޭ ފަދަ އަސަރެއް ކުރެއެވެ. ދުނިޔެއަށް ގެނައި ބަޔަކާއި މެދު ޝަކުވާ ކުރެވެއެވެ. ޚާއްސަކޮށް މަންމައަށް ލަނޑުދީފައި ފިލި ފިރިހެނާދެކެއެވެ. ބަދުނާމު ވާނީ އަންހެންކުއްޖާއެވެ. އޭނަގެ މަންމަ އެހާ ރައްކާތެރި ކަމާއިއެކު އޭނަ ގެންގުޅުނީ އެހެންވީމަކަން ނޭގެއެވެ.

"މިލާން، އިޓްސް ނޮޓް ޔޯރ ފޯލްޓް، ދެން ޕޭރެންޓުންގެ ހޯމޯންތައް އޮބިނޯވެގެން ކުރިކަމެއްގައި މިލާން ކުށްވެރިވެގެންނުވާނެ އެއްނު.... ތި ނޫން އެކްސްކިއުޒެއް ނެތްތަ؟ މިބުނީ މަންމަ އެހާ ރުޅިއަންނަން...." ދާނިޔަލްއަށް މިލާން ކަރުނަތައް ފޮހެލިތަން ފެނުނެވެ.

"ޕްލީޒް އާސްކް ޔޯ މަމް، އެއްގޮތަކަށްވެސް އަހަންނަކަށް ނޭގޭ..." މިލާން އެހެން ބުނުމާއިއެކު ކަރުނަތައް ނުހިފެހެއްޓިގެން މޫނުގައި ދެއަތް އަޅާފައި ރޮވިއްޖެއެވެ. ދާނިޔަލް ކާރުގެ ބްރޭކް ހިފާލިގޮތަށް މިލާންއާއި ދިމާލަށް އެނބުރުނީ އެ މަންޒަރުން ހިތަށް އަސަރުކޮށްފައި އިނދެއެވެ. މިލާން ގާތުގައި ނުރޯށޭ ބުނަމުން ގެނެސް މޭގައި ޖައްސައިލެވުމާއިއެކު މިލާން އެ ތަނަވަސް މޭމަތީގައި ބޯއަޅާލިގޮތަށް އެތައް އިރެއްވާންދެން ކަރުނަ އޮއްސިއެވެ. ދާނިޔަލްގެ ގަމީސް އެ ކަރުނަތަކުން ތެމުނެވެ.

"އަދި މާބޮޑުކަމެއް ނުވެއެއްނު، މީހަކު އެއްޗެކޭ ބުންޏަސް އަހަރެމެން ނުވެސް ހުއްޓުވޭނެދޯ، ބައްޕަނެތް ކުދިންނަށްވެސް އުފަލުން އުޅުމުގެ ހައްގު އޮންނާނެ، އަހަރެން އަބަދު މިލާން އާއި އެކުގައި ވާނަން، ޑޯންޓް ކްރައި އިނގޭ......" ދާނިޔަލް މިލާންގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ. އޭރު ވާރޭ އިތުރަށް ބޯކޮށްލައިފި އެވެ. ކާރުގެ ފުރާޅަށް ވާރޭގެ ހަމަލާތައް މެދުކެނޑުމެއްނެތި ދެމުންދާއިރު ދުރު ފެންނަނީ ފުސްގަނޑެއްހެންނެވެ. ފަޒާގެ ފިނިކަން ގަދަކަމުން މިލާންއަށް ވަނީ ފިނިވެފައެވެ. ނަމަވެސް ދާނިޔަލްގެ ހަށިގަނޑުގެ ހޫނުކަމާއި މީރުވަހުން އަރާމުވިއެވެ. މުޅި އުމުރަށް އެއަތުތެރޭގައި ބޮނޑިވެގެން އިންނަން ބޭނުންވިއެވެ. ދާނިޔަލްގެ ހިތް ވީއްލިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. މާހައުލުގެ ނުފޫޒު އެހާ ބޮޑެވެ.

އެހާ އިޝްގީ ވަގުތުކޮޅެއްގެ ނާޖާއިޒު ފާއިދާ ދާނިޔަލް ނަގަން ބޭނުންނުވީ ކީއްވެކަމެއް އޭނައަކަށް ނޭގުނެވެ. އޭނަ މަސައްކަތްކުރީ މިލާންގެ ކަރުނަތައް ހުއްޓުވާށެވެ. 

ލޯބީގެ ވާހަކަތައް ދާނިޔަލް ނުދެއްކިޔަސް އަމަލުތައް ހުންނަނީ ލޯބިވެރިޔަކު ފަދައިންނެވެ. ހެދުނާއި ރޭގަނޑަށް މެސެޖްކޮށް ދޭތެރެއަކުން ހާލު ބަލައިލާ، ފިނިފެންމާފަދަ ހަދިޔާތައް ދޭނީ ހިތުގައި ކޮންމެވެސް އެއްޗެއް އޮތީމަ ނޫންހެއްޔެވެ؟ އެކަމުގެ އަސަރުގައި ޖެހި ޔަގީނުން މިލާންގެ ހިތްވަނީ ދާނިޔަލްއަށް މުޅިން ހަދިޔާކުރެވިފައެވެ. އެހިތުގައި އެހެންމީހަކަށް ކުޑަ ޖާގައެއްވެސް ނެތެވެ. މިލާންގެ ހިތުގެ ކޮންމެ ވިންދެއް ޖަހަނީ ދާނިޔަލްއަށް ޓަކައިކަން ނޭގެއެވެ. ދާނިޔަލްގެ ދުލުން ލޯބިވާ ވާހަކަ ނުބުނިކަމުގައި ވިޔަސް މިލާންއަށް ދާނިޔަލް އޭނަދެކެ ލޯބިވާކަމުގައި ހީކުރެވެއެވެ. ދާނިޔަލް އާއި އިރާގެ ކައިވެންޏަކީ މަޖުބޫރު ކައިވެންޏަކަށް ވާއިރު އެކައިވެނި ކުރިއަށް ގެންދަން ދާނިޔަލް އަދި އިރާވެސް ބޭނުން ނުވާކަން އެނގެއެވެ. ރޭގައި އިރާ ގުޅާފައި ބުނީ ދާނިޔަލް ގާތުން ވަރިވާން ބޭނުންކަމުގައެވެ. އެދެމީހުންގެ ގުޅުމެއް ނެތްކަމަށާއި އެއްވެސް މީހަކަށް އުދަގޫ ޖައްސަން ބޭނުން ނޫންކަމުގައެވެ.

މިލާން ގެއަށް އައީ ޑިއުޓީ ނިމުނުތާ ދެގަޑިއިރު ފަހުންނެވެ. އޭނަ ހުރީ ދައްކާނެ ބަހަނާއެއް ނިންމާފައި ކަމުގައިވިޔަސް ހިތް ބިރުގެންފައެވެ. އޭނަ ދާނިޔަލް އާއި އެކީގައި ކާރަށް އަރަނިކޮށް މީހަކަށް ފެނިގެން ސާރާގެ ގާތުގައި ޝަކުވާކޮށްފައި އޮވެދާނެއެވެ. މިލާން ވާރެ އާއި ތެމިގެން ވަލުދޮރާށިން ވަންގޮތަށް ކޮޓަރިބަރި އާއި ދިމާލަށް ދުވެފައިގޮސް ދޮރު ހުޅުވާލައިފިއެވެ. އެއާއިއެކު މިލާންގެ ހިތް ބިރުން ރޫރޫއަޅައިގަތެވެ. އެނދުމައްޗަށް އެއްލާލާފައިވާ ޑައިރީއިން އެފެނުނު މީހަކަށް ވަރަށް ގިނަކަންތައް އެނގޭނެއެވެ.

"އޯމައިގޯޑް...." މިލާން ހުރީ ހިލައިގެ ބުދެއްހެން ހަރަކާތެއްނެތިފައެވެ. އޭނަ މުޅިން ބޭޒާރުވީއެވެ. ދާނިޔަލްއަށް ޓަކައި އޭނަގެ ހިތުގައިވާހާ އިހުސާސްތަކެއް އެމީހަކަށް އެނގުނީއެވެ. ނަމަވެސް އަލަމާރި ހުޅުވާނީ ކާކުހެއްޔެވެ؟ އެމީހަކު އެދިޔައީ ފާސްކުރިކަން އަންގަން ޑައިރީ އެނދުމައްޗަށް އެއްލާފައެވެ. ނޫނީ މިލާން ހެނދުނު ޑިއުޓީއަށް ދާން އަވަސްކުރަން ހަދައިގެން ބޭއްވުނުތަން ހެއްޔެވެ؟ މިއީ އޭނަ ހާދަ ރައްކާތެރި ކަމާއިއެކު ގެންގުޅޭ އެއްޗެކެވެ. އެކަނި ހުރެވެސް އޭނަގެ މޫނު ރަތްކަމުން އަލިފާންކޮޅެއް ހެންވިއެވެ. މިއީ ދުނިޔޭގެ އެއްވެސް މީހަކަށް އޭނަ އަންގަން ބޭނުންވި ސިއްރެއް ނޫނެވެ. ހިތުގެ އެންމެ ފުނުގައި ރައްކާކުރަން ބޭނުންވި ސިއްރެކެވެ.

މިލާން ކޮޓަރިން ނިކުންނަން ނުކެރި ލަދުން އިންއިރު އެތައްވަނީ ކާކުކަން ދެނެގަންނަން އިންތިހާއަށް ބޭނުންވިއެވެ. އެދުވަހު ސާރާއާއި ދިމާވުމުން އޭނަގެ މޫނުމަތިން ތަފާތު އަސަރުތަކެއް ނުފެނުނެވެ. ގޭގައި އުޅޭ އެހެން މެމްބަރުންނާއި ދިމާވާނެ ގޮތެއް ނެތެވެ. ބަދިގެ ފަރާތަށް އައުން އެގޭ ކުދިންނަށް މަނަލީކަން ނޭގެއެވެ. ސާރާ ތަންކޮޅެއް ހަރުކަށިކޮށް ކުދިން ތަރުބިއްޔަތު ކޮށްފައިވަނީކަން ނޭގެއެވެ. މިލާންގެ ހިތުގައި ޝަކުވާ އުފެދުނެވެ. މި އާއިލާ މީހުންގެ ހިތް މިހާ މޮޅީ ކީއްވެބާވައެވެ. އެހެން މީހުންނާއިމެދު އެހާ ދަށްކޮށް ދެކެނީ ކީއްވެބާވައެވެ. އެންމެ ރަނގަޅެވެ. މިއޮތީ ބޭޒާރުވެފައެވެ. އޭނަ އާއި ދާނިޔަލްގެ ގުޅުން އެނގުނު މީހަކު މުޅި އާއިލާ ތެރޭގައި އޭނަގެ ވާހަކަ އިޝްތިހާރު ކުރާނެއެވެ. ޖޫލިއެޓް ހެދިގެން އުޅެނީއޭ ކިޔާފައި އެންމެނަށް އަންގާނެއެވެ. ނަމަވެސް ދާނިޔަލް އޭނައާއި ގުޅެން ހުރިއްޔާ އޭނަ ފަހަތަކަށް ނުޖެހޭނެއެވެ. ލޯބިވަންޏާ ފިނޑިވެގެން ކަމަކުނުދާނެއެވެ. އާ ނިޔަތެއް ކަނޑައެޅުމަށްފަހު މިލާންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

ސުދާ ލަންކާއަށް ފުރިކަން މުޅި ހޮސްޕިޓަލްއަށް އިއުލާންކުރިއެވެ. އެފްބީގައި އޭނަވަނީ ދާން އުޅޭހުރިހާ ތަނެއްގެ ވާހަކަ ބުނެ ފޮނިކަނޑާލާފައެވެ. ހީވަނީ ސުދާއަކީ ދުނިޔޭގައިވާ އެންމެ އުފާވެރި އަންހެންކުއްޖާ ހެންނެވެ. ނަމަވެސް ހިތާހިތުން ސުދާ ހަސަދައިގެ އަލިފާނުގައި އަނދަނީއެވެ. މިލާންއަށް ލަނޑު ދޭނެގޮތަކާއިމެދު އޭނަ ދުވާލު ހަތަރުދަމު ވިސްނައެވެ. މިލާންގެ ރީތިކަން ނެތިދިޔުމަށް ދުއާކުރެވުނު އަދަދެއްވެސް ނޭގެއެވެ. ދާނިޔަލްއާއި އިރާ ވަކިވުމަށް އެދެނީ އެހާވަރަށެވެ. އެހެން އުޅެން ހަދައިގެން ހަގީގީ އުފަލެއް ހިތަކަށް ނުލިބެއެވެ.

ސުދާ ފުރިދުވަހު މިލާން ގެއަށް ދިޔައިރު އޭނަގެ މާމަގެ އަލަމާރީގެ ދޮރުތަޅު ހަލާކުކޮށްލާފައިވާތަން ފެނުމުން މިލާން ސިހުނެވެ. އަލްބަމްފަދަ ބައެއް ސާމާނުވަނީ ގެއްލިފައެވެ. އެކަން ކުރީ ކާކުހެއްޔެވެ؟ ވަގަކުވަދެ އަލްބަމް ގެންދަންވީ ކީއްވެހެއްޔެވެ؟ މިލާން ސުދާއާއިމެދު ޝައްކުކުރެވުނަސް އެހެން އަހާލާކަށް ނުކެރޭނެއެވެ. އެނބުރި އައިދުވަހަކުންވެސް ސުވާލުކުރަން ކެރޭނެހެއްޔެވެ؟ އޭރުން ސުދާ ރުޅިއަތުވެދާނެއެވެ. އޭނަގެ ބޮލުގައި ވައްކަން އަޅުވަނީކަމަށް ހީކޮށްފާނެއެވެ.

"އެމީހަކު އަހަންނަށް ބައްޕައަކީ ކާކުކަން އަންގަން ބޭނުންނުވަނީ ކަމަށްވާނީ.... އަނެއްކާ ސާރާމެންގެ ކޮޓަރިއަށްވަނީވެސް އެމީހަކުތަ؟ ސުދާކަމަކަށް ނުވާނެ.... ސާރާމެން ފެމިލީ މީހެއްތަ؟ " އޭނަގެ ބައްޕައަކީ ކާކުކަން އެނގޭނެ ހުރިހާ ހެއްކެއް އެމީހަކު ގެންދިޔައީކަން ނޭގެއެވެ. ދީނާ ގެ ކަމަކަށް ނުވާނެބާވައެވެ. ނޫނީ ދާނިޔަލް ބާވައެވެ. މަލީކްކަމަށްވެސް ވެދާނެއެވެ. ނޫނެކެވެ. އެމީހުން އެހާ ދަށް ފެންވަރަކަށް ވެއްޓިއެއް ނުގަންނާނެއެވެ. މިލާން ގެ ސިކުނޑި ސުވާލުތަކުން ބަރާވެ ބޮލުގައި ރިހެންފެށިއެވެ. ސައިކޮލޮޖީ ކިޔަވަމުންގޮސް އޭނަ މޮޔަވާންފެށީ ކަންނޭގެއެވެ. މިލާން ކޮޓަރި ތަރުތީބުކުރަން ފެށިތަނާހެން ފޯނު ރިންގުވާން ފެށުމާއި އެކު ހިތް ތެޅިގަތީ ގޮތެއް ބަލާފައެއް ނޫނެވެ. ދުވެލާފައިގޮސް ފޯނު ނެގީ އެއީ ދާނިޔަލްކަން ޔަގީންވާތީއެވެ. 

އޮކްޓޫބަރ މަސްވެގެން ދިޔައީ ވާރޭވެހުން ގިނަ މަހަކަށެވެ. ހީވަނީ ތޫފާނެއް އައިސްގެން އުޅޭ ދުވަސްކޮޅެއް ހެންނެވެ. ކޮންމެ ރެއަކަށް މޫސުމް ގޮސްވެ ބޯ ވާރެއިން ފަޒާ ފުސްކޮށްލައެވެ. ނާނާއެއް އަޅުވާ އެންމެންގެ އެސްފިޔަތައް ނިދިން ބަރާކޮށްލާވަރުވެއެވެ. ވާރެއާއިއެކު އަންނަ ވައިރޯޅިތަކުގެ ސަބަބުން އިތުރަށް ފިނިކަން ގަދަވެ އެންމެންވެސް ރަޖާތަކުގެ ނިވަލުގައި ތިބެން ބޭނުންވާނެއެވެ. ކޮންމެހެން ދާން ޖެހިގެން ނޫނީ މީހަކު ބޭރަށް ނިކުންނަން ބޭނުންނުވާފަދަ މޫސުމެކެވެ. ދާނިޔަލް ހައިރާންވަނީ މިދެތިން ދުވަހު އޭނަގެ ބޭބެ އޭނައާއި ދުރުން އުޅޭތީއެވެ. ހީވަނީ ކަމަކާއި ހިތްހަމަނުޖެހިފައި ހުންނަހެންނެވެ. ފަހަރެއްގައި އޭނަ ޑިއުޓީއަށް ފަރުވާކުޑަކުރާތީ ކަންނޭގެއެވެ. ސީރިޔަސްކަމުން ބައެއްފަހަރު ސަމާސާކުރުން ދާނިޔަލްއަށް އުނދަގޫވާ ފަހަރު އާދެއެވެ. އެއީ އެފަދަ ދުވަސްކޮޅެކެވެ. ދާނިޔަލް މިރޭ އެކުވެރިންނާއި އެކު ޑިނަރއަކަށް ގޮސް ޝެމްޕެއިން ބޮއިގެން ފާޑެއްގެ ފިލްމެއް ބެލިއެވެ. އެ ބެލުމަށްފަހު ގެއަށް އައިއިރު ދާނިޔަލްގެ ސިކުނޑީގައިވަނީ މުޅިން އެހެން ކަންތައްތަކެވެ.

ދާނިޔަލް ކޮޓަރިއަށް ވަންއިރު ރޭގަނޑު އެގާރަ ޖަހައިފިއެވެ. ވިއްސާރަ ރެއަކަށްވާތީ އިރާ އޮތީ ނުނިދައެވެ.

"ޑެނިއަލްތަ؟ ފުރާޅުމައްޗަށް އެއްޗެއް ވެއްޓުނުހެން ހީވެގެން ބިރުން މިއޮތީ، ގަޑިން ކިހާ އިރެއްވީ؟ " ދާނިޔަލްގެ އެހީތެރިކަމާއި އަޅާލުން ލިބޭ ދުވަސްކޮޅަކަށްވާތީ އިރާ އާއި ދާނިޔަލް އާއި ދޭތެރޭގެ ގުޅުންވަނީ ފުދޭވަރަކަށް ރަނގަޅުވެފައެވެ.

"އަހަރެން މިއައީނު ބޭބީ، ބިރުނުގަނޭ، އަހަރެން ހުއްޓާ ގޯސްޓަކަށްވެސް ކާރިއެއް ނުވެވޭނެ...." ދާނިޔަލް ކޮޓަރީގައި ދިއްލާފައިވާ ޗާންދަލިޔާތައް ނިވާލާފައި ނިދާބޮކި ދިއްލައިލަމުން އިރާއަށް ބަލައިލީ ފުން ނަޒަރަކުންނެވެ. އިރާ އޮތީ ފިޔާތޮށި ޕިޖާމާއެއް ލައިގެންނެވެ. އެ ދޮން ބަނޑުވަނީ ހާމަޔަށެވެ. މިލާން އާއި އައިޒާގެ އެހުންނަ ހިތްދަމައިގަންނަ ގޮތް ނެތަސް މިރޭ ދާނިޔަލް ވަނީ ކޮންމެވެސް އަންހެން ކުއްޖަކަށް ބޭނުންވެފައެވެ. ދާނިޔަލް އެނދުގެ މަގަތުގައި އިށީދެލާފައި އިރާގެ ހާމަޔަށްވާ ބަނޑުގައި އިނގިލިތައް ޖައްސާލުމުން އިރާ ފުންމައިގެން ތެދުވިގޮތން އޭނަ ބިރުގެންފައިވާވަރު ހާމަވިއެވެ. އެފަދަ ގުޅުމަކަށް އޭނަ އަދި ތައްޔާރެއްނޫނެވެ.

"އިރާ، އައިމް ޔޯރ ހަޒްބެންޑް، އަހަރެންގެ ރައިޓް ހޯދަން ބޭނުންވީމަ ތިހެން އުޅެން ޖެހޭތަ؟ ބުނާގޮތަށް ހަދާ ނޫނީ........" ދާނިޔަލް ކުޑަކޮށް ހަރުކަށިވެލިއެވެ. އެކަކަށްވެސް އޭނަ ކާރީގައި އެގޮތަށް ނޫނެކޭ ބުނެވިގެންނުވާނެއެވެ.

"ނޫން ނޫން...." އިރާ އެނދުން ފޭބިގޮތަށް ދުރަށް ދާން އުޅުނެވެ.

"އަހަރެން ނޫޅެމޭ ނުބައިކަމެއް ކުރާކަށް، އެހެންނޫނަސް އަހަރެން ގެ ވާހަކަ އިރާ އެންމެން ގާތު ކިޔައިފީމެއްނު، އަތްނުލާތީ އުދަގޫވެގެން ވާހަކަ ދައްކާފައި ފޭކް އެކްޓް ނުޖައްސާ، އެވަރަށް ބޭނުންވާއިރުވެސް......" ދާނިޔަލް އެ ދެއަތުގައި ހިފާފައި ދަމައިގަތުމުން އިރާގެ އަތަށް ތަދުވިއެވެ. ހަރުކަށިކަމުގެ ހައްދެއްނެތެވެ. އަބަދާއަބަދު ދާނިޔަލްގެ އަނިޔާވެރިކަން އޭނަ ތަހައްމަލުކުރަން ޖެހޭހެއްޔެވެ؟ އޭނަގެ ހާލާއިމެދު ދާނިޔަލް ވިސްނައިނުލާނީ ހެއްޔެވެ؟ ދާނިޔަލް ދެކެ ބިރުން އިރާ އިތުރަށް ދެކޮޅުހަދާކަށް ނޫޅުނެވެ. ނަމަވެސް އިރާއަށް ދެވުނީ އަނިޔާއެއްކަން ދާނިޔަލްއަށް ޔަގީންވީ ތަންކޮޅެއް ފަހުންނެވެ. ބައެއްފަހަރު އެފަދަ އަނިޔާ ލިބޭކުދިންނަށް ނަފްސާނީ ގޮތުން މައްސަލަ ޖެހި އެފަދަ ގުޅުމަކަށް ހަށިގަނޑު އެއްބަސްނުވާފަދަ ހާލަތްތައް މެދުވެރިވެއެވެ.

ދާނިޔަލް ހޭލިއިރު ރޭގެ ތޫފާން ވަނީ މައިތިރިވެފައެވެ. ނަމަވެސް ދޭތެރެއަކުން ބެލްކަނީގެ ދޮރުގައި ވައިއަޅުވާލާހެން ހީވިއެވެ. އިރާ ނިދާލާފައި އޮތްއިރު މައްޗަށް ލެނބިފައިވާ އެސްފިޔަތަކުގައި ހިކިފައިވަނީ ކަރުނައެވެ. ފަންގަނޑެއްފަދަ އިސްތަށިގަނޑު ބާލީސް މައްޗަށް ފަތުރާލައިގެން އޮތްއިރު ހީވަނީ އެއްލާލާފައިވާ ބުދެއްހެންނެވެ. ދާނިޔަލް އިރުކޮޅެއްވާންދެން ވިސްނުމެއްގައި އިނދެފައި ހިނގައިގަތީ ފާޚާނާއާއި ދިމާލަށެވެ. ރޭގައި އޭނަ ޝެމްޕެއިން ބޮއިގެން އިރާއާއި ދޭތެރޭގައި ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން ވިސްނުނެވެ. ޝަރާބު ފަދަ ނަންތައް ދެވިފައިވިޔަސް ހުއްދަނޫން އެއްޗެހި ބޮންޏާ އަތްފައިން ގޯސްހެދުން ފިޔަވާ އެހެން ކަމެއް ނުކުރެވޭނެއެވެ.

ދެލޯ ހުޅުވާލުމާއިއެކު އިރާ ފެށީ ރޯށެވެ. ދާނިޔަލް އެކަން ހުއްޓުވާކަށް ވާހަކައެއް ނުދައްކައެވެ. ފަރުވާކުޑަގޮތަކަށް ބަލާލާފައި އެއްޗެކޭ ބުނަން އުޅެފައި އޭނަ ހިމޭންވިއެވެ. ލެޕް ހުޅުވާލައިގެން އޭނަ އިނީ އަމިއްލަ މަސައްކަތެއްގައެވެ. އިރާ ބޭނުންވީއިރަކުން ހުއްޓާލާނެކަން ދާނިޔަލްއަށް އެނގެއެވެ. ޖުވޭދާ ހެދުނު ސައި ހިފައިގެން އައިސް ދާނިޔަލްއާއި ދިމާލަށް އަލިފާނުގެ ބެލުމަކުން ބަލައިލިކަން ދާނިޔަލްއަށް އެނގުނެވެ. ޖުވޭދާފަދަ މަންމައެއް ދާނިޔަލް ނުދެކެއެވެ. އޭނަ އަށް އަމިއްލަ ދަރިފުޅުގެ އިހުސާސްތައް އެއްގޮތަކަށްވެސް ރޭކާނުލައެވެ. ހީވަނީ މަޖުބޫރުވެގެން ކަންތައްކޮށްދޭ ހެންނެވެ. ޚާއްސަ މެއިޑަކު ނުހޯދައިގެން ދާނިޔަލް ކުށްވެރިވެފައިވާ ހެންނެވެ. އިރާ ސައިބޮއިގެން ނުކުތީ ބޭރަށެވެ. ކޮޓަރިއަށް އައީ ގަޑިއެއްހާއިރު ފަހުންނެވެ. އިރާ އޭރު ހީކުރީ ދާނިޔަލް ނޫޅޭކަމަށެވެ. އެހެންދުވަހު ޑިއުޓީއަށް ދާމީހާ ނުގޮސް ހުންނާނެކަން އެނގޭނީ ކިހިނެއް ހެއްޔެވެ؟

"އިރާ އަދިވެސް ރިލެކްސް ނުވަނީތަ؟ އަހަންނަށް އެނގޭ އިރާގެ މައްސަލަ..... ވީއިރު އެހެން މީހަކާއި މެރީކޮށްގެން އިރާއަށް އުޅެން ފަސޭހައެއްނުވާނެ... އަމިއްލައަށް އިރާ ޖެހޭނީ ތިކަންތައް ރަނގަޅުކުރަން....." އިރާ އެނދުގައި އިށީދެލުމުން ދާނިޔަލް ވާހަކަދެއްކިއެވެ.

"އަހަރެން ބޭނުމެއްނޫން އެ ވާހަކަ ދައްކަން.. ޔޫ ހޭޓް މީ އެހެންވެ ބޭނުމީ އަހަންނަށް......." އިރާގެ ހިތަށްވަނީ އަސަރުކޮށްފައެވެ.

"އިރާއަށް ހާދަ ނުވިސްނެއޭ، މެޗުއަރ ނުވަނީތަ؟ ފިރިހެނެއް ވެއްޖެއްޔާ ބޭނުންވާ ކަންތައް ހުންނާނެ، އަހަރެން ޕްރޮސްޓިޓިއުޓުން ގާތަށް ދާހިތެއްނުވޭ، ވައިފް ހުރީމަ އަހަރެން ނުޖެހޭނެކަން ނޭގޭ އެހެން މީހުންގެ ގާތަށް ދާކަށް، އެހެންވީމަ މިބުނީ ރޭގޮތަށް އަހަރެން ބޭނުންވާ ދުވަހެއްވެއްޖެއްޔާ އެވެއިލަބްލްވާން ޖެހޭނެއޭ، އިރާ ބޭނުން ނުވިޔަސް އެކަން އޮންނާނީ އެގޮތަށް ދޯ..... ނޫނީ ދެވަނަ އަންބެއް ގެންނަންވީތަ؟ " ދާނިޔަލް އިރާ ރުޅިއަރުވާލަން ގަސްތުގައި ބުނެލިއެވެ. ނަމަވެސް އިރާގެ ހާލާއިމެދު ހިތް ހަމްދަރުދީވިއެވެ.

"ހެޔޮ ސަތޭކަ މީހުންނާއި އިނަސް، ބަޓް ޕްލީސް ސްޓޭ އެވޭ ފްރޮމް މީ...." އިރާގެ ކަރުނަތައް އަނެއްކާ އޮހެންފެށުމުން ބާލީސްމައްޗަށް ވެއްޓިގަތެވެ. އިރާ އެހާވަރަށް ހިތުގައި ޖެހިގެން ރުއީ އަމިއްލަ ހާލާއިމެދު ހަމްދަރުދީވެގެންނެވެ. ދާނިޔަލްދެކެ ހިތުން ލޯބިވާއިރުވެސް އޭނަ ދާނިޔަލްއަށް އެއްވެސް ކަމަކަށް ހުއްދަނުދޭން ބޭނުންވާ ސަބަބެއް ނޭގުނެވެ. އެގޮތަށް ދެކޮޅުހެދުނީ ހިތް ބިރުގަންނަ ވަރުންނެވެ. 

"ވަޓްއެވަރ...." ދާނިޔަލް ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

ހަވީރު ދާނިޔަލް ބޭރަށް ދިޔަތަނާހެން މިލާން އެގެއަށް އައެވެ. އޭރު ބޯކޮށް ވެހެމުންދިޔަ ވާރޭ ތުނިކޮށްލައިފިއެވެ. ނަމަވެސް އުޑުމަތީގައި ބޯވިލާތައް ކޮޅުކޮޅަށް ދަތުރުކުރަމުންދާތަން ފެނެއެވެ. ވާރޭގެ ސަބަބުން ފަނޑުވެފައިވާ އަލިކަމުގެ ތެރެއިން އެވަރލޭންޑް ފެންނަނީ ރީތިކޮށެވެ. މިލާން ކާރުން ފޭބުމަށްފަހު އެގެއާއި ދިމާލަށް ބަލައިލުމާއިއެކު ހިތް ތެޅިގަތީ ބާރަކަށެވެ. ހިތްއެދޭ ސޫރަ ފެނިއްޖެއްޔާ ވާނެގޮތެއް އެނގެނީއެއްނޫނެވެ. ނަމަވެސް ހިތްވަރުކޮށްލައިގެން މިހިސާބަށް އައީ ލޯބީގެ ބާރުގައެވެ. ދީނާ އެއްޗެކޭ ބުންޏަސް ތަގުދީރުގައި އޭނަ އާއި ދާނިޔަލް ގުޅެން ހުރިކަމުގައިވާނަމަ އެކަން އިންސާނަކަށް ނުހުއްޓުވޭނެއެވެ. މިލާން މިގެއަށް އައީ އިރާއަށް ޒިޔާރަތްކުރުމުގެ ބަހަނާގައެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. ދުނިޔޭގެ ހުރިހާ އެއްޗަކަށްވުރެ އޭނަގެ ގާތުގައި ދާނިޔަލް ޚާއްސައެވެ.

"ޑެނިއަލް ފޯނު ނިއްވާލާފައި އޮތް ސަބަބެއް ނޭގޭ، ޑެނީއަށް ކަމެއްވީތަ؟ " މިލާން ވިސްނުމެއްގެ ތެރޭގައި ހުރެ ފަތްތަރު މަތިން އަރައިގެން ގޮސް ސަލާމް ގޮވާލުމުން ޖަވާބުދޭނެ މީހަކުވެސް ނުވިއެވެ. އޭނަ ހިނގައިގަތީ ލިފްޓާއި ދިމާލަށެވެ. ގޭތެރެ މިއަދު ފިނިގަދަކަމުން މިލާން ހީކަރުވައިގަނެއްޖެއެވެ. މިހާ ފިނިއިރުވެސް އޭސީ ޖައްސާފައި ހުންނަން ވާނެހެއްޔެވެ؟ މިލާން އިރާގެ ކޮޓަރީގައި ޓަކިދީފައިވަންއިރު އިރާ އޮތީ ރަޖާގެ ދަށުގައި ފޮރުވިގެންނެވެ. ފެންނަން އޮތީ އެކުޑަކުޑަ މޫނު އެކަންޏެވެ. އިރާ ބުނީ ހީކަރުވާވަރުން ކަންނެތްވެފައި އޮތީކަމަށާއި އޭނަފަދަ ކުއްޖަކަށް މިނޫނީ އެހެން ގޮތެއްނެތްކަމުގައެވެ. ނިދުމާއި ޚިޔާލީ ފޮލާކެއްކުމެވެ. އޭނަ ހޭލާ އޮވެގެން ދެކެނީ ދާނިޔަލްގެ ފޮނި ހުވަފެންތަކެވެ. ލިބޭ އަނިޔާތަކާއި އެކުގައިވެސް އެ ފިރިހެނާ ދެކެ ލޯބިވެވިއްޖެއެވެ. މިހުރިހާއިރުވާންދެން ދެއަތަށް ފުރޮޅި ފުރޮޅި އޮތީ އެ ހަނދާނުގައެވެ. މިލާން ފެނުމުން އެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެކި ވާހަކަދައްކަމުން ގޮސް ކުއްލި އަކަށް އިރާ ރޯންފެށިއެވެ.

"މިލާން، އަހަރެން ސިކްރެޓެއް ބުނަން ބޭނުން، އަހަންނަށް އެނގޭ ބެޑްރޫމް ސިކްރެޓްސްތައް އެހެން މީހަކަށް ކިޔާދޭކަށް ނުވާނެކަން، އަހަރެން ބުނީމެއްނު ޑެނީ އާއި އަހަރެންގެ ގުޅުމެއް ނެތް ވާހަކަ.... އެކަމަކު ރޭ އެހުރިހާ ކަމެއް ނިމުމަކަށް އައީ، އައި ވޯޒް އެފްރެއިޑް، އެތައް ވަރަށް ބުނިން އަދި އަހަރެން ބޭނުމެއް ނުވެޔޭ، ހީ ޑިޑްންޓް ލިސެން، އެހެންވެ ވީގޮތަކީ......" އިރާ ވާހަކަ ދައްކަމުން ދިޔައިރު މިލާން އިނީ ދެލޯބޮޑުވެފައެވެ. ނޭވާލާކަށްވެސް ހަނދާނެއްނެތެވެ. ދެރަވެގެންގޮސް އިރާގެ ލޮލުން އޮހިގަތް ކަރުނަތައް ފަދައިން މިލާންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ދާނިޔަލް އޭނަ އާއި އެކުގައި ކުޅުނީ ގޭމެއްކަން ޔަގީންވީއެވެ. އެހެންނޫނަސް އެއީ ހަގީގަތެއް ނަމަވެސް މިވަގުތުން ފެށިގެން އޭނަ ދާނިޔަލް އާއި އޮތްހާ ގުޅުމެއް ކަނޑާލީއެވެ. ދާނިޔަލް އޭނައަށް ފެންނާނީ އެކަނި އިރާގެ ފިރިމީހާގެ ގޮތުގައެވެ. މިހުރިހާދުވަހު އޭނަ ހީކުރީ އިރާއާއި ދާނިޔަލްގެ ކައިވެންޏަކީ ދެމީހުންގެ މަޖުބޫރުގައި އާއިލާއިން ކުރުވި ބޭކާރުކަމެއްގެ ގޮތުގައެވެ. ކޮންމެ ވަގުތަކުވެސް އެ ކައިވެނި ރޫޅިދާނެކަމުގައެވެ. ނަމަވެސް ދާނިޔަލް އާއި އިރާގެ ކައިވެނީގެ ގުޅުން ފެށިކަން އިރާގެ ވާހަކައިން ޔަގީންވީއެވެ.

މިވީގޮތުން ދާނިޔަލް އާއި އިރާގެ ދިރިއުޅުމަށް އޭނަގެ ހިޔަނި އެޅިޔަދޭކަށްވެސް އޭނަ ބޭނުމެއްނޫނެވެ. ދާނިޔަލްދެކެ އޭނަ ރުޅިއެއްނާދެއެވެ. އެއީ ބޭވަފާތެރިވުމެއް ނޫނެވެ. ދާނިޔަލްގެ އަންހެނުންނަށް އޭނަ ވަފާތެރިވާން ޖެހޭނެއެވެ. ތެދުވެރި މީހަކަށް ވާންޖެހޭނެއެވެ. އެހެންނޫނަސް ލޯ އަނދިރިކުއްޖަކަށް ހަޔާތުގެ ބައިވެރިޔާގެ ފުރިހަމަ އަޅާލުމާއި ލޯބި ބޭނުންވާނެއެވެ.

"އިރާ ރޮނީ ކީއްވެތަ؟ ކީއްވެ ބިރުގަންނަންވީ، އައި ޑޯންޓް އަންޑަސްޓޭންޑް..." މިލާން ދެކޭގޮތުގައި އެއީ ކޮންމެ އަންހެންކުއްޖަކު ކެތްތެރިކަމެއްނެތި އިންތިޒާރުކުރާ ރެއެވެ. ލޯބިވެރިޔާއާއިއެކު އާ ހަޔާތެއް ފެށި ކައިވެނީގެ މާތް ގުޅުމުން ގޮށްޖަހައިލެވޭނެ ދުވަހަކީ އެންމެ ޚާއްސަ ދުވަސްކަމުގައި ވާނެއެވެ. ބައެއް ހާލަތްތައް ފިޔަވައެވެ. އޭނަގެ ބަދުނަސީބުކަމުން އެ ހުވަފެންތައް ފުރިހަމަނުވީއެވެ. އިރާ ކަންބޮޑުވެގެން އުޅެންވީ ސަބަބެއް މިލާންގެ ވިސްނުމަކަށް ނައެވެ.

އިރާގެ މައްސަލައަކީ ރޭޕް ވިކްޓިމްއިންނަށް ބައެއްފަހަރު ދިމާވާ ހާލަތެވެ. ނޫނީ ކުޑައިރު ކޮންމެވެސް ބަޔެއްގެ ގޯނާތައް ލިބިފައިވާ ކުދިންނާއި، ގެއްލުމެއްވެފައިވާ ކުދިންނަށްވެސް ކައިވެނީގެ ހަޔާތުގައި އެފަދަ ހިތާމައާއި ކުރިމަތިލާން ޖެހިދާނެއެވެ. އިރާ މިލާން ގާތުގައި ކިޔާދޭން އުޅެފައި ފަސްޖެހުނެވެ. އެ ވާހަކަ އެހެން މީހަކާއި ހިއްސާކުރިކަން އެނގިއްޖެއްޔާ ދާނިޔަލް އޭނަ މަރާލަންވެސް ފަހެއްނުޖެހޭނެއެވެ. އެހެން ހިތަށް އަރާފައި އިރާ ގަސްތުކުރީ އެ ވާހަކަ ސިއްރުކުރުމަށެވެ. މިލާން ގާތުގައި އެދުނީ އޭނަ ގޮވައިގެން ޓެރެސްއަށް ދިޔުމަށެވެ.

"މިލާން އައީމަ މަޖާކޮށްލަން ވީމަ ބޭކާރު ޝަކުވާތައް ކުރާކަށް ނުވާނެ، އަހަރެން ބޭނުން ވާރެޔާއި ތެމިލަން، ޓެރެސްއަށް ގެންގޮސްދީފާނަންތަ؟ "އިރާ ހިނިތުންވެލިއެވެ. މިލާންވެސް ހުރީ ވާރެޔާއި ތެމިލާހިތުންނެވެ. ކަރުނަތައް އެންމެ ފަސޭހައިން ފޮރުވާލެވޭނީ ވާރޭގެ ތެރޭގައެވެ.

ދެކުދިން ޓެރެސްއަށް އެރިތަނާ ބޯކޮށް ވާރޭވެހިގަތެވެ. ވާރޭގެ ފިނިތިކިތައް ހަށިގަނޑުގައި ބީހިލަން ފެށީ ލޯބިވެރިޔެއްގެ ފިރުމުންތައް ފަދައިންނެވެ. ޓެރެސްގައިވާ ފަތާފެންގަނޑުގައި އެތައް މިލިއަން ތިކިތަކުގެ ސަބަބުން ކުދި ބާނިތަކެއް އުފެދިފައިވާއިރު ނިކަން ހިތްގައިމެވެ. ފަތްތަކާއި މާތައް ވާރޭގެ ތެރޭގައި އެއް ހަމަޔަކަށް ނަށަމުން ހިނިތުންވާފަދައެވެ. މިލާން ހިމޭނުންހުރިއިރު އިރާ ވާރެޔާއި ދިމާލަށް މޫނު އުފުލައިލަމުން މަޖާވެލާފައި ހުއްޓެވެ. އިރުކޮޅެއްފަހުން އިރާ ފަތާފެންގަނޑަށް އެރުނެވެ. އިރާއަށް ކަމެއްވެދާނެތީ މިލާން ހުރީ ވިސްނައިގެންނެވެ. އޭރުވެސް މިލާންގެ ލޮލުން ކަރުނަ ނުހިކެއެވެ. ހިތަށް ވަނީ ބާރުކޮށްފައެވެ. ދާނިޔަލްގެ މަކަރުވެރިކަން ހިތަށް އަރާ ކޮންމެ ފަހަރަކު ތާޒާ ކަރުނަތައް ލޮލުގައި ގިނަވެއެވެ.

މިލާން ފަތާފެންގަޑު ކާރީގައި ހަށަން ބަދެލައިގެން ހުއްޓާ ފަހަތުން ފިޔަވަޅުގެ އަޑުނީއްވާ އައިމީހަކު މިލާންގެ ކޮނޑުގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރައިލުމުން މިލާންއަށް ހަޅޭއްލަވައިގަނެވުނެވެ. ކުރިމަތީގައި ހުރީ ދާނިޔަލް ފިޔަވާ ދެވަނަ މީހެއްނޫނެވެ. ޓީޝާޓަކާއި ދިގުސޯޓެއްލައިގެން ހުރިއިރު ފަންއިސްތަށިގަނޑު ވަނީ އެ ތަނަވަސް ނިތުމައްޗަށް ފައިބާފައެވެ.

"މިލާން، ކިހިނެއްވީތަ؟ " މިލާން ހަޅޭއްލަވައިގަތީމަ އިރާ ކުޑަކޮށް ކަންބޮޑުވެލާފައި އަހާލައިފިއެވެ. ބޯކޮށް ވާރޭވެހެމުންދާތީ އަޑުގަދަކަމުން އިރާ ޖެހުނީ ހަޅޭއްލަވާށެވެ.

"ނަތިން...އިރާ....ކުއްލިއަކަށް މީހަކު އަތްލިހެން ހީވީ....." މިލާން ހަމަކުރީ ހަގީގަތެވެ. ދެން މިލާން ދާނިޔަލްގެ ލޮލަށް ބަލައިލުމާއިއެކު އޭނަ ހުރީ ދާނިޔަލްގެ ލޮލުގެ އަސަރުގައި ޖެހިފައި ހިރިލާން ނޭގިފައެވެ. އިރުއޮއްސެމުންދާތީ ދުނިޔެއަށް ވެރިވެފައިވާ ރީތިކުލައިގާ ދެ ޒުވާނުން ފެންނަނީ ރީތިކަން ހުސްކޮށްލާފައި ވަނިކޮށެވެ. މިލާން ދާނިޔަލް އާއި ދުރަށް ދާން އުޅެނިކޮށް ދާނިޔަލް ކުރިކަމަކުން ހީވީ މިލާންގެ ފުރާނަވެސް އުދުހިގެންދިޔަހެންނެވެ. 

ކޮމެންޓް 0