ދެ ޒުވާނުންވެސް ހިތާހިތުން ހެއްދެވިފަރާތަށް ޝުކުރުވެރިވެފައި ސައިކަލަށް އެރިއިރު އެއްކޮށް ތެމިފައި ތިބުމުން ހަށިގަނޑުގެ ރީތިކަން ވަނީ ހާމަޔަށެވެ. އެތައް އަންހެންކުދިންގެ ސަމާލުކަން އެ ރީތިކަމަށް ހުއްޓުނެވެ. އިރުއޮއްސެމުން ދިޔައިރު ރަތްވިލާތަކުގެ ހިޔަނިއެޅި ދެ ޒުވާނުންގެ މޫނަށް ރަތްކުލަ ވެރިވެފައިވާއިރު އެހާ ނަލައެވެ. ރިވާންގެ ލޮލާއި ދާނިޔަލްގެ އިސްތަށިގަނޑަށް ރަތްވިލާތައް ގެނެސްދިން ކުލައަކުން ދުނިޔެމަތީގެ ކަމެއްހެން ހިޔެއްނުވެއެވެ. ހޮލީވުޑް ފިލްމެއްގެ މަންޒަރު ލައިވްކޮށް ކުރިމަތިން ފެނުނުހެން ހީވިއެވެ. އަންހެންކުދިން ސިއްރުން މޮބައިލް ފޯނުތަކަށް އެ މަންޒަރު ރައްކާކުރި އިރު ދާނިޔަލްމެންނަށް އެކަން ރޭކާލީކަމެއް ނޭގެއެވެ. ދެމީހުން ސައިކަލް ދުއްވާލާފައި ގޮސް ޖެހިގެން ހުރި ގޯޅިން ލަނބާލާފައި ލޯ މަތިން ގެއްލުނެވެ.

ރިވާން އޭރު ހުރީ މަޣުރިބު ނަމާދަށް ލަސްވެފައެވެ. ދެމީހުން އެކީގައި ގެއަށް ވަންގޮތަށް ރިވާން އަވަހަށް ތެތްއެއްޗެހި ބަދަލުކޮށްލައިގެން ދިޔައީ މިސްކިތަށެވެ. ދާނިޔަލް އިނީ އެވަރލޭންޑަށް ދާހިތްނުވެފައެވެ. ބޮޑުދައިތަގެ ގޭގެ މަތީބައިގެ ސިޓިންރޫމެއްގެ ގޮތުގައި ބޭނުންކުރާ ބައިގައި އިނދެފައި އޭނަ ބޯފޮތިގަނޑާއި ކުޑަދޮރުގެ ދޭތެރެއަށްވަދެހުރެ ދުރުގައިވާ މަންޒަރުތަކަށް ބަލަންހުރެފައި މިލާންއަށް މެސެޖެއްކޮށްލިއެވެ. ކޮޓަރީގެ ޗާންދަލިޔާގެ ފަނޑު އަލިކަމުގެ ސަބަބުން އޭނަ އެތާހުރިކަން އިތުރު މީހަކަށް އެނގޭނެހެން ހިޔެއް ނުވެއެވެ. ދާނިޔަލް އެތާ ހުއްޓިލީ މީހަކަށް ފިލަން ނޫނީ ޖާސޫސު ކުރާކަށް ނޫނެވެ. އަންހެންވެރިން ފަދައިން މީހުންގެ ސިއްރުތައް ކޮންނަން އޭނަ ފޯރިއެއް ނުހުރެއެވެ. ނަމަވެސް ދާނިޔަލްގެ ހަޔާތުގެ އެންމެ ބޮޑު އެއް ސިއްރު ހާމަވީ އެވަގުތު އެތާ ހުރެވުނު ކަމުންނެވެ. އޭނަގެ މަންމަ ދީނާ އާއި ސާރާ އެތަނަށް ވަނީ ކޮންމެވެސް ވާހަކަތަކެއް ދައްކަމުންނެވެ. 

"ސާރާ، އަހަރެން ޑެނީއަށް ލަނޑެއްދޭކަށް ނޫން އިރާއާއި ކައިވެނި ކުރުވީ، އަހަރެންވެސް ބޭނުންވި ޑެނީއަށް ޗޮއިސްއެއް ދޭން..... ޑެނީ ދިރިއުޅުމުގެ ބައިވެރިޔަކު އަމިއްލައަށް ހޯދުން އެއީ އަހަރެން ބޭނުންވިގޮތް، ސާރާ ތިވާހަކަ އަމިއްލަ ބޭބެގެ ގާތުން އަހާބަލަ. އަހަރެންވެސް އަހަރެންގެ ކުޑަ ދަރިފުޅުދެކެ ލޯބިވާނެއްނު، ސާރާއަށް އެނޫންގޮތަކަށް ހީވާ ސަބަބެއް ނިކަން ބުނެބަލަ......." ދީނާ ރުޅިވެރި ކަމާއިއެކު އެހެން ބުނަމުން ސޯފާއެއްގައި ޖައްސާލައިފި އެވެ.

"ޑެނީ ކިރުބޯ ތުއްތު ކުއްޖެއްގެ ގޮތުގައި އޮތްވާ އެއްލާލާފައި ދިޔައީ ދީނާ އެކުއްޖާ ދެކެ ލޯބިވާލެއް ބޮޑުކަމުންނޭ އަހަރެން ހީކުރަންވީތަ...." ސާރާ ގެ އަޑު ކުރެހުނެވެ.

"އައި ރިގްރެޓް ލީވިން މައި ފެމިލީ އޯކޭ..... ނަމަވެސް މަލީކް ބުނުއްވާފައި ވަނީ ސާރާ ޑެނީއަށް ފީޑްކުރި ވާހަކަ، މަންމަ ގާތުން ނުބުޔަސް ސާރާ ތިހިރީ ޑެނީގެ މަންމައެއްގެ ގޮތުގައި ހުރެދީފައެއްނު........" ދީނާ ހުރީ އެވާހަކަ އޮޅުން ފިލުވައިލަން ބޭނުންވެފައެވެ.

"ދީނާ ދަރިފުޅު އެއްލާލާފައި ދިޔައީ އަހަރެންގެ ރިވާން އޮތީމަތަ؟ ޔޫ އާރ ޓޯޓަލީ ރޯންގް.... ދީނާއަށް އެނގޭތަ؟ ބޭބެ ޑެނީއަށް މެއިޑެއް ވަގުތުން ގެނެސްދެއްވި، ޑެނީ ބުއްފުޅި ނުބޮއިގެން ބޭބެ އަހަންނަށް ގުޅާފައި ބުނުއްވި އައިސް ބަލާށޭ، ޑެނީ ހުއްޓާނުލައިގެންނޭ، ބަނޑުހައިވެ ހަލާކުވާއިރުވެސް ބުއްފުޅި ނުބޮއިގެންނޭ އުޅެނީ، އަހަރެންގެ ހަޒްބެންޑަކީ ކްރުއެލްކަމުގެ އިންތިހާ، ބުނި ރިވާންއަށޭ އެ ހައްގު އޮންނާނީ، އެހެން ކުއްޖަކަށް ދީގެން ނުވާނެއޭ، އެކަމަކު އަހަރެން ދުވާލު ދެފަހަރު ސިއްރުން އެގެއަށް ދިޔައިން، ނަމަވެސް ގިނަވަގުތު ބޭބެ ޑެނީ ނުހުއްޓާލައިގެން އުރާލައިގެން ހުރެ ފޯނުކުރައްވާއިރު އަހަރެންނަށް އެގެއަށް ދިޔުން މަނާވެފައި އޮންނަނީ، ޑެނީ އެހާ ހިކި، އަހަރެންގެ ރިވާން ގެ އެހާ ލޯބިކޮށް އޮވެފައި ހެޕީ ފޭސްއެއް އިންނައިރު ޑެނީ މުޅިން މާޔޫސްވެފައި، ކިތަންމެ ފަހަރަކު ބުއްފުޅި ނުބޮއި ރޯތީ ބޭބެ އަހަންނަށް ގުޅުއްވާފައި އަންނަން އެދިލެއްވި، އެކަމަކު އަހަރެން ބަހަނާއެއް ދައްކާފައި ނުދިޔައީ އެ ނުލަފާ ފިރިހެނާ މަނާކުރާތީ، ޑެނީއަށް ހަ މަސްވީތަނާ ރިވާންގެ ބައްޕައަށް އެނގިއްޖެ އަހަރެން ސިއްރުން އެގެއަށް ގޮސް ބޭބީއަށް ފީޑްކުރާކަން، އެކަން އެގުނީމަ އަހަރެން ގޮވައިގެން އޭނަ ވަގުތުން ފްރާންސަށް ބަދަލުވީ.. އެދުވަހު އަހަރެން ހާދަވަރަކަށް ރުއީމޭ، ކާކަށް އެނގޭނީ އަހަރެން ޑެނީދެކެ ވީ ލޯބި، އަހަރެން ހިތާމަ ކުރިވަރު ދެނެވޮޑިގެންވަނީ އެކަނި ހެއްދެވިފަރާތް، ޑެނީގެ ދެވަނަ މަންމަވެސް އެކުއްޖާ ދޫކޮށްލާފައި ދިޔައީ އެންމެ ހަ މަހުގައި، ދީނާ ވިސްނާލަބަލަ، އެވަރުގެ ކުއްޖަކަށް ކުރާނެ އަސަރު...... ބޭބެ ބުނުއްވާނެ އަބަދު ޑެނީ ނުނިދައި ރޯ ވާހަކަ، ރުޅިގަދަ ވާހަކަ، ފަހުން ފަހަށް ގޮސް ޑެނީ ގެންގުޅުނީ ކުޑަ ބާލީސް ކޮޅެއް ކަމަށްވަނީ، އިނގިލިއަކީ ބުއްފުޅިއަކަށް ހަދައިގެން އެހެން އެއްޗެއް ނުކައި އެކަހަލަ ގޮތަކަށް އުޅެ އެކުއްޖާ ބޮޑުވީ، ދީނާއާއި އަހަރެންވެސް ފާފަވެރިވާނެ ތުއްތުކުއްޖަކާއި މެދު އިހުމާލުވީމަ...." ސާރާގެ ދެލޮލުގައި ގިނަވަމުން ދިޔަ ކަރުނަތައް ކޯތާފަތްމަތިން ދެމެން މާގިނަ ވަގުތުތަކެއް ނުނެގިއެވެ.

"ސާރާ ތިގޮތަށް ރޮއިގެން އަހަރެންގެ މާފެއް ނުލިބޭނެ، އަހަރެންގެ ދަރިފުޅާއި މެދު އެންމެން ކަންތައް ތިކުރީ ހާދަ އިހާނެތިކޮށް...." ދީނާ ތެދުވުނު އިރު މޫނުރަތްކަމުން ހީވަނީ އަލިފާން ކޮޅެއްހެންނެވެ.

"ދީނާ ތިއީ މަންމަކަމަށް ވާއިރު ދީނާ ކުދިން އެއްލާލާފައި ދިޔައީ އެވަރު ނުވިސްނާތަ؟ " ސާރާ ސުވާލުކުރިއެވެ.

"އައި ޓްރަސްޓެޑް ޔޫ، އަމިއްލަ ދަރިންފަދައިން ޑެނީމެން ގެންގުޅޭނެ ކަމަށް ވައުދުވީ ހަނދާނެއް ސާރާނެތީތަ؟ " ދީނާ ގެ ޖަވާބުން ސާރާގެ ހިތުގައިވާ ކުށްވެރި ކަމުގެ އިހުސާސް ބޮޑުވުންނޫން ކަމެއް ނުވިއެވެ.

"އަހަންނަށްވެސް އެގޮތަށް ނެހެދުނީ ފިރިމީހާ މަޖުބޫރުކުރީމަ.. ދީނާ ބޭބެ ގާތުގައި އެއްޗެކޭ ނުބުނާތި ޕްލީޒް، ބޭބެވެސް އަހަންނަށް މާފެއް ނުކުރާނެ، އަހަންނަކީ ކުށްވެރިޔެއް......." ސާރާ އިތުރަށް ވާހަކަދައްކަން އުޅެނިކޮށް ދީނާ ލޮލުގައިވާ ކަރުނަތައް ނުކުޅަދާނާ ވެގެން އެސްފިޔަތަކުން ފޫދުއްވާލުމުން ދީނާ މަޑުކޮށްނުލާ ދާން ހިނގައިގަތުމުން ސާރާ ސޯފާއަށް ތިރިވިގޮތަށް މޫނު ދެއަތުން ފޮރުވާލައިފިއެވެ. މަޑު ގިސްލުމެއްގެ އަޑު އެތަނުގެ ހިމޭންކަން ދުއްވާލިޔަސް ދާނިޔަލް ހުރީ ހުރި ފިޔަވަޅުމަތިން ގުނޑާލަން ނޭގިފައެވެ. ތަގުދީރުގެ ސަމާސާދެކެ ބަލާށެވެ. ބައެއްފަހަރު ކަމެއް ބޭޒާރުވާންވެއްޖެއްޔާ ކޮންމެވެސް ސަބަބެއް މެދުވެރި ކުރައްވާނެއެވެ. އެ އަޑު އިވެންވީ މީހާއަށް އިވުމުގައި ލަހެއް ފަހެއް ނުކުރައްވާނެއެވެ. ދާނިޔަލްގެ ކުޑައިރުގެ ހިތާމަވެރި ސަފުހާތައް ހުޅުވިގެން ދިޔުމުން އޭނަ އަމިއްލަ ދަރިފުޅާއިމެދު ވިސްނައިލަން އެ ހިނދުކޮޅު މަޖުބޫރުވިއެވެ. ދާނިޔަލް ފަހަރެއްގައިވެސް އެ ދަރިފުޅު މަންމަ އާއި ބައްޕަގެ ލޯތްބާއި ހިޔާވަހިކަމުން ދުރުކުރާކަށް ބޭނުމެއްނޫނެވެ. އެދަރިފުޅުގެ މޫނުމަތިން އަބަދު ހިނިތުންވުމާއި އުފާވެރިކަން ގެނެސްދޭން އޭނަ މަސައްކަތް ކުރާނީ އަމިއްލަ ނަފުސްވެސް ގުރުބާންކޮށް ލައިގެންނެވެ. 

ދާނިޔަލްގެ މައިންބަފައިން ވަކިވުމުން އޭނަ އުޅުނު ހިތާމަވެރި ހާލާއި މެދު އޭނަގެ ހިތްވެސް ސަހަރޯވެރިވެއްޖެއެވެ. ބޮޑުދައިތަ އެހާވަރުން އޭނަ އާއި ގެން އުޅޭ ސަބަބު އޮޅުން ފިލައިފިއެވެ. އަދިވެސް ނުވިސްނެނީ މަންމަ އޭނަ ދޫކޮށްލާފައި ދާން މަޖުބޫރުވި ސަބަބެވެ. ނަމަވެސް މިއަދު ދާނިޔަލްގެ ލޮލަށް ކަރުނައެއް ނައެވެ. އެދުވަސްތައް މާޒީއާއި އެކުވުމުން މިއަދު އެންމެން އެކަމާއި ހިތާމަކުރިޔަސް އަލުން އެ ދުވަހެއް ނާންނާނެއެވެ. އޭނަގެ ޅައިރު އިއާދައެއްނުވާނެއެވެ.

ދާނިޔަލްގެ ލޮލުގައި ގިނަވެގަތް ކަރުނަތައް އޮހެންފެށީ އޭނަ ކާރަށް އަރާ ހުންގާނުގައި ބޯ އަޅާލައިގެން އިންދައެވެ. އެއީވެސް އަމިއްލަ ނަފުސަށްޓަކައެއް ނޫނެވެ. މަންމަ އާއި ބޮޑުދައިތަގެ ހާލަށްޓަކައެއް ނޫނެވެ. އެކަނި އޭނަގެ ފުރާނަފަދަ ލޯބިވާ މިލާންއަށް ޓަކައި އޮހިގެން ދިޔަ ކަރުނަތަކެވެ. މިލާންގެ ގާތުގައި ލޯބީގެ އެތައް ވާހަކަތަކެއް ދައްކާ އިންތިޒާރު ކުރަން ބުނިކަމުގައި ވިޔަސް މިއަދު އޭނަގެ ހިތް މިވަނީ ބަދަލުވެފައެވެ. އިރާ ބަލިވެ އިނީމަ އަމިއްލަ ލޯބި ދަރިފުޅަށްޓަކައި ގުރުބާންކުރަން ޖެހިފައެވެ. އޭނަ މިލާންގެ ގާތަށް ދެން ނުދާނެއެވެ. އެހެންނޫނަސް އޭނަފަދަ ރުޅިގަދަ މީހަކާއި އެހާ ރަނގަޅުކުއްޖަކަށް އެކީގައި އުޅެން ފަސޭހައެއްނުވާނެއެވެ. މިލާން އާއި އެކަށީގެންވަނީ އެހެން ބައިވެރިޔެކެވެ.

އެވަރލޭންޑުން ޖުވޭދާއަށް ލިބިފައިވަނީ ދެވަނަ އަނބީގެ މަގާމުކަމާއި މަލީކްގެ ލޯބި ޚާއްސަވެފައި ވަނީ ދީނާއަށްކަން އިހުސާސް ކުރެވުމުން ކުރީކޮޅު އެކަމާއި ޝަކުވާނުކޮށް އެނގޭކަމަކަށް ހަދާނުލައި ޖުވޭދާ އަމިއްލަ ކަންކަމުގައި މަޝްޣޫލުވެގެން އުފާވެރިކޮށް އުޅެން މަސައްކަތް ކުރިއެވެ. އެންމެ ހިންދީ ސީރީޒްއެއް ވައްޓާނުލައި ބަލަމުންގޮސް އިނގިރޭސި ސީރީޒްތައް ބަލަން ފެށުމުން ދެވިހިފީ އަދި މާ ވަރަކަށެވެ. ދެ ސިލްސިލާއެއް އެކީގައި އަތުވެއްޖެއްޔާ ރިކޯޑްކޮށްގެންވެސް ބަލަނީއެވެ. އެހެން އުޅުނަސް އަމިއްލަ ޒީނަތްތެރި ކަމަށް ކޮންމެގޮތެއް ހަދާފައިވެސް ވަގުތު ހުސްކުރެއެވެ. ސެލޫންއިން އިސްތަށިގަނޑު ޑައިކޮށް ރީތިވުމުގެ ހުރިހާ ކަމަކަށް ސަމާލުކަން ދިނުމުގެ ސަބަބުން ޖުވޭދާގެ ޒުވާންކަން ވިދައެވެ. ދޮންކަމާއި އިސްކޮޅުން ދިގުކަމުން ފިރިހެންކުދިން ގެ ސަމާލުކަން އެ އުމުރުގައިވެސް އޭނަ ހޯދައެވެ. ޖުވޭދާގެ ހިތުގައިވަނީ މަލީކްއަށް ގޮންޖަހައިލެވޭވަރުގެ ފިރިޔަކު އަދި ހޯދުމެވެ. އެހެން އުޅެނިކޮށް އަރީޝްއާއި ޖުވޭދާ ދިމާވީ ފިހާރައެއްގެ ތެރެއިންނެވެ. އޭރު ޖުވޭދާހުރީ ސެންޓު ފުޅިއެއްގެ ވަސްބަލާށެވެ.

"އަދިވެސް ޖުވޭއަށް ކަމުދަނީ ޖޫޕްތަ؟ "އަރީޝްގެ އަޑުއިވުމުން ޖުވޭދާގެ ހިތް ފުންމައިގެންދިޔައެވެ. ޖުވޭދާ އުޅުނީ ވާހަކަ ނުދައްކައި ދުރަށް ހިނގައިގަންނާށެވެ. ނަމަވެސް އަރީޝް ވާހަކައެއް ދައްކަން ބޭނުންވާކަމަށް ބުނުމުން ޖުވޭދާ ކުރީގެ ފިރިމީހާއަށް ވީތީ ވަގުތުކޮޅެއްދޭން ނިންމިއެވެ. އަރީޝް ޝަކުވާކުރީ ޖުވޭދާ އިރާ ފޮރުވައިގެން ގެންގުޅޭތީއެވެ.

"މަހީކުރީ އަދިވެސް ޖުވޭމެން މާލެ ނާންނަކަމަށޭ، އަހަރެންވެސް އޮސްޓްރޭލި އާއިން މާލެއަށް ބަދަލު މިވީ ވައިފް ނިޔާވީމަ، ދެކުދިން މެރީޑް އަދި އެތާގައި ސެޓްލްވީ... އެނބުރިދާންކަމަށް އުޅުނީ ނަމަވެސް މިހާރު ހިތަށް އަރަނީ މާލޭގައޭ ދެން އުޅެންވީ.. އެތާހުރީމަ ވަރަށް އެކަނިވެރިވޭ......" އަރީޝް އަނެއްކާވެސް އިރާގެ ވާހަކަ އަހަން ފެށުމުން އިރާ އެކްސިޑެންޓެއްވެފައި ލޮލަށް ނުފެންނަ ޚަބަރު ޖުވޭދާ ހިއްސާކުރުމުން އަރީޝްއަށް ޝޮކެއް ލިބުނެވެ. އަރީޝްގެ އަންހެނުން ނިޔާވި ޚަބަރުން ޖުވޭދާގެ ހިތަކަށް އަސަރެއް ނުކުރިއެވެ. އޭގެ ބަދަލުގައި ނޭގޭ ފަދަ ފިނިކަމެއް ލިބި ހިތުގައި ވިންދެއް ޖަހައިލުމުން ޖުވޭދާ ލަދުގަންނަގޮތްވިއެވެ. އޭނައާއި މެދު އެހާ ނިކަމެތިކޮށް ހަދާލަފައި ދިޔަ ފިރިހެނާއާއި ދޭތެރޭގައި އަދިވެސް ހިތުގައި އިހުސާސް ލައްވާފައިވާކަން ޔަގީންވިއެވެ. އެހެންނޫނަސް އަރީޝް ހުސްހަށިބައިކަން އެނގުމުން ޖުވޭދާގެ ހިތުގައި އަރީޝް ހާސިލްކުރުމުގެ އުއްމީދު އާވިއެވެ. އަރީޝްއާއި އެކުގައި އެކަނި ގެއެއްގައި އުޅޭއިރު ހާދަ އަރާމުވާނެއެވެ.

އަރީޝް ޖުވޭދާ އާއި އިރާ އޭނަގެ ގެއަށް އަންނަން ދައުވަތު ދިނެވެ. ޖުވޭދާ ސެންޓުފުޅި ގަނެލައިގެން ޕްރާޑާ ދަބަސް ކޮނޑުގައި އަޅުވާލައިގެން އެތަނުން ނިކުތްއިރު ލޮލުގައިވަނީ މިއިން ޒަމާނެއްގައި ނުފެންނަވަރުގެ ވިދުވަރެކެވެ. އެ ލިބުނު ދައުވަތުގެ ސަބަބުން އެ ކުޑަހިނދުކޮޅުގެ ތެރޭގައި ޖުވޭދާގެ ހިތް އެތައްކަމެއް ރާވާލައިފިއެވެ. އޭނަގެ ފަޅުވެފައިވާ ހަޔާތަށް އަރީޝް އައުމުން ކުރީގެ އުފާވެރިކަން އިއާދަވެދާނެކަން ނޭގެއެވެ. މަލީކް ހާ އަރީޝް މުއްސަދި ނުވިޔަސް އެއީވެސް ގަދަރުވެރި އާއިލާއެއްގެ މެމްބަރެކެވެ. އަމިއްލަ ގެއެއް މާލޭގައި ހުރިއްޔާ ނުވާނީ ކޮންކަމެއް ހެއްޔެވެ؟ ކުދިން ބޮޑެތިވެ މީހުންނާއި އެކު ދިޔުމުން ބޭނުންގޮތަކަށް ގޭގައި ރަސްކަން ކުރެވިދާނެއެވެ.

ޖުވޭދާ ދިން ޚަބަރަކުން އިރާއަކަށް އުފަލެއް ނުލިބުނެވެ. އިރާ އިނީ ނިޔަފަތީގައި ދައިގެންނެވެ. މަންމަ އިރާގެ ސިކުނޑިއަށް ވައްދާފައިވަނީ ބައްޕަ އިރާއަށް ޚަރަދުނުކޮށް އަޅާނުލައި ހުރީކަމުގައެވެ. އިރާގެ އުމުރުން އަށާރައަހަރުވެ ކާފަދަރިއަކު ލިބެން އުޅެނިކޮށް އޭނަގެ ހަޔާތަށް ބައްޕަ އައުމުގެ މާނައެއްނެތެވެ. ބައްޕައެއްގެ ލޯބި މަލީކްގެ ފަރާތުން ލިބި އިތުރުވީ ޒަމާނެއް އައެވެ. މިހާރު ބައްޕައެއްގެ ލޯބި އޭނަ ބޭނުމެއްނޫނެވެ.

"ބޭނުމެއްނޫން ޑެޑީއާއި ބައްދަލުކުރާކަށް....." އިރާ ދެކޮޅުހެދިއެވެ.

"ބަލަ އެއީ އިރާގެ ބައްޕައޭ... ދީނުގައި ބައްޕައަށް އިހުތިރާމް ކުރަން އޮންނަކަން އިރާއަށް ނޭގެނީތަ؟ މައިންބަފައިން ކޮންމެގޮތެއް ހެދިޔަސް ދަރިން ޖެހޭނެ ހައްގު އަދާކުރަން.. އިތުރު އެއްޗެކޭކިޔާ އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން. އިރާ އެގެއަށް ދާން ތައްޔާރުވޭ....." ޖުވޭދާ އިރާ ލާންވީ ހެދުން ނަގައިދިނެވެ. އިރާ އިނީ ހައިރާންވެފައެވެ. މިއީ ހަމަ އޭނަގެ މަންމަ ހެއްޔެވެ؟ ބައްޕައާއި މެދުގައި ހިތުގައި ނަފްރަތު އުފައްދަން މަންމަ ނުދައްކާކަށް ވާހަކައެއްނެތެވެ. ބައްޕައަކީ "ޕްލޭބޯއި" އެކޭ ބުނިދުވަހު ލަދުގަތީ ޚުދު އިރާއެވެ. މިއަދު މަންމަ ގެ ޚިޔާލު އަނބުރާލީ ކީއްވެގެންކަމެއް އިރާގެ ވިސްނުމަކަށް ނައެވެ. އިރާ ހިތާއި ދެކޮޅަށް ތައްޔާރުވާން ހުރިއިރު މިއަދު ލޮލަށް ނުފެންނަކަމީ ނަސީބެކޭ ހިތަށް އެރިއެވެ. ބައްޕަގެ ސޫރަ ދެކޭކަށް އިރާ ބޭނުމެއް ނޫނެވެ. މަޖުބޫރުވީމަ ބައްޕަގެ ގާތަށް ދާން ޖެހުނަސް ދަރިފުޅަކީ ލޯ އަނދިރި ކުއްޖެއްކަން އެނގުނީމަ ބައްޕަވެސް ފޫހިވާނެއެވެ.

އިރާ ހީކުރިގޮތަކަށް އެއްވެސް ކަމެއްނުދިޔައެވެ. އަރީޝް އިރާފެނުމުން ވާހަކަދެއްކި ގޮތުން އިރާގެ ހިތުގައި ލޯބި އުފެދުނެވެ. ލޮލުން ނުފެނުނު ކަމުގައިވިޔަސް އެ އަތުގެ ހިމާޔަތާއި އޯގާތެރި އަޑުން އިރާގެ ހިތް ފަތަހަކޮށްލަން އަރީޝް މާގިނަ ވަގުތެއް ނުނަގައެވެ. އަރީޝް ގެ އަތުން އިރާގެ އަނގައިގާ ލައްވާ ކާން ދިނެވެ. ހީވަނީ މިހުރިހާދުވަހު ނުވެ ހުރިކަންތައް ފޫބައްދައިދޭން ބައްޕަ މަސައްކަތް ކުރާހެންނެވެ. މަންމަގެ އަޑުން މިއަދު އުފާވެފައިވާވަރު އިރާއަށް އެނގުނެވެ. އަބަދާ އަބަދު މޫޑީވެ ހަޅޭއްލަވާ މަންމަ މިއަދު އިރުއިރުކޮޅާ ހިނގަނޑު ޖަހާލާގޮތުން އެކަމުގެ ހެއްކަކަށް ފުދެއެވެ. އިރާގެ ހަމަހިމޭންކަން ކޮންމެވެސް ވަރަކަށް ކެނޑި ބައްޕައާއި ތަފާތު ސުވާލުތައްކޮށް އެކުވެރިކަމާއިއެކު ވާހަކަދައްކައިލެވޭ ހިސާބަށް އެ ގުޅުންދިޔައެވެ. ކިތަންމެ ޒަމާނެއްވިޔަސް ލޭގެ ގުޅުން ކެނޑިގެން ނުދާނެކަން އިރާއަށް ގަބޫލުކުރެވުނީ އެދުވަހުއެވެ. މާފުކުރުމަށްފަހު އަލުން ގުޅުން ބަދަހިކުރުމަކީ ހިތަށް ހާދަ ހަމަޖެހުން ލިއްބައިދޭކަމެކެވެ.

ދީނާ ދާނިޔަލްގެ ކޮޓަރިއަށްވަނީ ކޮފީތަބައް ހިފައިގެންނެވެ. އޭރު ދާނިޔަލް އޮތީ ތެދުވާހިތްނުވެ ކަންނެތްވެފައި ހެޑްސެޓް ކަންފަތުގައި އަޅައިގެން ލަވަ އަޑުއަހާށެވެ. އިސްތަށިގަނޑު ހޭވިފައި އޮތަސް މޫނުގެ ތާޒާކަމަކަށް ބަދަލެއްނާދެއެވެ. ދޮރުގެ ފޮތިތައް ރިމޯޓުން ކަހައިލުމުން އިރުގެ ގަދަ އަލިން ދެލޯތަރަތަރަޖަހައިގެން ދާވަރުވުމުން ދާނިޔަލް "މަމް" އޭ ކިޔާފައި ގޮވާލިއިރު ނުރުހުމުގެ އަސަރެއް މޫނުމައްޗަކުން ނުފެނެއެވެ. ބާލީސްމަތީގައި އެއް އަތް ބާއްވާލައިގެން އޮތުމުން ދީނާގެ ހިތަށް އަސަރުކުރިއެވެ. ސާރާގެ ޖުމްލަތައް ހަނދާނަށް އައެވެ. ދާނިޔަލް ކުޑައިރު ބާލީހެއް ގެންގުޅުނީ ނަފްސާނީ ގޮތުން އަސަރުކޮށްފައި ހުރީމަކަން ނޭގެއެވެ.

"މޯނިން..... ދިހައެއްޖަހައިފިއޭ ދަރިފުޅާ...."ދީނާ ދާނިޔަލްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

"ތެދުވާން އުޅެނިކޮށް މަންމަ ކޮފީ ތިގެނައީ..." ދާނިޔަލް ކަޅުކުލަގަދަ ބުމަ އަރުވައިލަމުން ހިނިތުންވެލިއެވެ.

"މަންމައާއި ދެކުދިންނަށް ވާވަރަށް ކޮފީ ހަދާލައިގެން މިއައީ، ބެލްކަނީގައި ތިބެ ކޮފީ ބޯލާނީ..." ދީނާ ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. ސާރާގެ ފަރާތުން އިވުނު ވާހަކަތަކަށްފަހު ދީނާގެ ހިތްވަނީ ކުދިކުދިވާވަރުވެފައެވެ. ދާނިޔަލްގެ ޅަދުވަސްތައް އަނބުރާ ނުގެނެވޭނެކަން އެނގޭތީ ވަކިން ހިތާމަކުރިއެވެ. މިއަދު ދީނާ ބޭނުންވަނީ ހުރިހާ ދުވަހަކަށް ވާވަރަށް ދަރިފުޅަށް ލޯބި ދިނުމެވެ. ދާނިޔަލް ކުޑަކޮށް ތައްޔާރުވެލައިގެން ނުކުމެ ބެލްކަންޏަށް ނިކުތްއިރު މަންމަ ކޮފީ ޖަގުން މަގަށް ކޮފީ އަޅާ ތައްޔާރުކުރަނީއެވެ. ދާނިޔަލް މަންމައާއި ބޮޑަށް ދެއްކީ އެމެރިކާ ދަތުރާއި ބެހޭ ވާހަކަތަކެވެ. ކުދި ކުދި ވާހަކަތައް ދެކެވެމުންގޮސް ދީނާ މާޒީގެ ހަނދާން އާކުރިއެވެ.

"ޑެނިއެލް މަންމަ ގާތުން މަންމަ ދާން ޖެހުނު ސަބަބެއް ނުވެސް އަހަމެއްނު، މަންމަ ދިޔައީ ޑެނީމެން ދެކެ ލޯބިނުވާތީއެއް ނޫން، ވަރަށް އެހެން ކަހަލަ މަޖުބޫރީއެއް ދިމާވެގެން، އައިމް ސޮރީ ޑާލިން..... މަންމަ ވަރަށް ދެރަވޭ....." ދީނާ ދާނިޔަލްގެ ފަރާތުން މާފަށް އެދުނުއިރު ދީނާގެ ބޮޑު ދެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ.

"އިޓްސް އޯކޭ މަމް، ކޮންމެ މީހަކަށްވެސް މަޖުބޫރެއް ކުރިމަތިވެދާނެ، އައިކެން އަންޑަސްޓޭންޑް...ނައު......" ދާނިޔަލް އިނީ ހީލަ ހީލައެވެ. މަންމަމެން ކިތަންމެ ވަރަކަށް ފޮރުވިޔަސް ހަގީގަތް އެނގެއޭ ބުނަން އުޅެފައިވެސް ދާނިޔަލް ހިމޭންވިއެވެ. އެކަން ޖެހޭނީ ހިތުގައި ފޮރުވާފައި ބާއްވާށެވެ. މަންމަމެންނަށް ޓަކައި މިއަދު އޭނަގެ ހިތުގައި ނުރުހުމެއް ޝަކުވާއެއްނެތެވެ. އެއީ އޭނައަށް ލިބުނު އިބުރަތެކެވެ. އަމިއްލަ ދަރިފުޅާއިމެދު ލޯހުޅުވައިލަން ލިބުނު ފިލާވަޅެކެވެ. ކޮންމެ ކަމެއް ތަގުދީރުގައި ރޭވިފައިވާއިރު އޭގައި އިލާހީ ހިކުމަތެއްވާނެއެވެ. އިންސާނުންގެ ސިކުނޑިއަށް ނުވިސްނުނަސް ކޮންމެ ކަމަކަށް ސަބަބެއް ވާނެއެވެ.

ދާނިޔަލް އާއި އެކުވެރިންތައް ފެންޑާގައި ރާޒުވާ ކުޅެންތިބިއިރު ތުނިކޮށް ވާރޭވެހެމުންދާތީ ވަރަށް ހިތްގައިމެވެ. ފަޒާވަނީ ފިނިހިފާފައެވެ. ދާނިޔަލް އިންނަނީ ގިނަފަހަރު ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ.

"ރޮމެންޓިކް ވެދަރ އެއްވީމަ ވައިފްއާއިއެކު ބެޑްގައި ސްޕެންޑް ކުރާހިތުންތަ؟ " ދާނިޝް ގެ ރީތި ދެލޮލުގައިވީ ލާނެތް ވިދުވަރެކެވެ. ޚުދު އޭނަވެސް މިފަދަ މޫސުމްގައި މާ އިޝްގީވެ އަލީޒާ އާއި އެކު ކޮޓެޖްގައި އެކަނިމާއެކަނި ވަގުތުތައް ހޭދަކުރާހިތްވެއެވެ. ފުރާނަފަދަ ލޯބިވާ އަންހެނުންނާއިއެކު އަރާމު ހިތްފަސޭހަ ދިރިއުޅުމެއް ވޭތުކުރިޔަސް ހަޔާތުގެ ބަޔެއް އެކުވެރިންނާއިވެސް އޭނަ ހިއްސާކުރެއެވެ. އެކުވެރިންނާއިއެކު ދޭތެރެއަކުން ކޮފީ އަދި ބާބެކިއު ހެދުމަކީ އެޒުވާނުންގެ އެކުވެރިކަން ބަދަހިކޮށް އުފާވެރިކަން އިތުރުކުރުވާ ކަމެކެވެ. ޚާއްސަކޮށް މީރާން ފަދަ ޒުވާނުންގެ ސަބަބުން ޚާންދާނީ ޒުވާނުންގެ ދިރިއުޅުމުގައި ރީތި ކުލަތައް ޖެހި އުފާވެރިކޮށް ދުވަސްތައް ހޭދަކުރެވެއެވެ. އެ އެންމެން އެއްތާކުން ފެންނައިރު ހީވަނީ ދުނިޔޭގެ ހުރިހާ ރީތި މީހުން އެއްތަންކޮށްލާފައި ވާހެންނެވެ. 

އެންމެން ދާނިޔަލް އާއި ދިމާކުރަން ފެށުމުން ދާނިޔަލް އެމީހުންނާއި ބައިވެރިވެގެން ލާނެތް ވާހަކަތަކެއްގައި ތިބެފައި ގެއަށް ދާން ނުކުތީ ރިވާންއާއި އެކުގައެވެ. ދެމީހުން އެކީގައި ގޮސް ކާރަށް އެރިއިރު ވާރޭ ތަންކޮޅެއް ބޯކޮށްލައިފިއެވެ.

"ރިވާ އަހަރެން އަދި މިހިރީ ރިވާ ގާތުގައި ވާހަކައެއް ބުނަން ހަނދާންނެތިފައި، އިރާ ޕްރެގް...." ދާނިޔަލް ފުންނޭވަޔެއްލިއެވެ. ރިވާން ދާނިޔަލްއަށް މަރުހަބާ ކިޔާލީ ކުޑަކޮށް ބައްދާލާފައެވެ. އެ ޚަބަރުން ހަގީގަތުގައިވެސް ރިވާންއަށް އުފަލެއް ލިބުނެވެ. 

"މަންމަ ބުނިއެއްޗެއް އެނގޭތަ؟ ކޮންމެ ގޮތެއް ހަދާފައިވެސް ޑެނީ އާއި މިލާން ދުރުކުރުވާށޭ، މަންމަ ބޭނުމެއްނުވޭ ޑެނީއަށް ހާޓްވާން..... އަންކަލް ފަހަރެއްގައި ގަބޫލުވެލެއްވިޔަސް ކާފަ ވަގުތުން މައްސަލަޖައްސަވާނެ، އެނގޭތަ ރީޒަން....... "ރިވާން ގެ ފެހިދެލޮލުގައި ވީ ސީރިޔަސްގޮތެކެވެ.

"މިލާންގެ ބައްޕައެއް ނެތީމަ...." ދާނިޔަލް ގެ ހިތަށް ތަދުވިއެވެ.

"މިލާންއަށްވެސް ރަނގަޅު ވާނީ މިހާރުއްސުރެ ޑެނީ ވަކިވެގެން ދިޔައްޔާ.... އަދަރވައިސް ޑެނީ ފެމިލީ ދޫކޮށްލާފައި ދާންޖެހިދާނެ ދުވަހެއް އައިސްދާނެ، އެހެންނޫނަސް އިރާ ޕްރެގްއިރު ޑެނީ އިރާއާއި ދޭތެރޭގައި ވިސްނާންޖެހޭނެ......" ރިވާން އެކިގޮތްގޮތަށް ވާހަކަދައްކާ ވިސްނައިދިނީ ދާނިޔަލްއަށް ހެޔޮއެދޭތީއެވެ. ދީނީ ވާހަކަތަކެއްވެސް ރިވާން ދެއްކުމުން މިއަދު ދާނިޔަލް އަޑުއަހަން އިނީ ޝައުގުވެރި ކަމާއި އެކުގައެވެ. ޒުވާން އުމުރުގައި ވެސް ދުނިޔެދޫކޮށް ދާން ޖެހިދާނެތީ ތައްޔާރުވެގެން ތިބުން ބުއްދިވެރިއެވެ.

ދާނިޔަލް އެމެރިކާއަށް ދިޔުމުގެ ކުރިން މިލާން ގާތު އޭނައަށް އިންތިޒާރު ނުކުރާން ބުނާނެ ގޮތަކާއިމެދު ވިސްނިއެވެ. މިލާންގެ ހިތަށް ލިބޭނެ އަނިޔާ ކުޑައެއް ނުވާނެއެވެ. އޭނަގެ ހިތް ހަލާކުވާ ފަދައިން މިލާންގެ ހިތް ކުދިކުދިވެގެން ހިނގައިދާނެއެވެ. ނަމަވެސް ލޯބިވާ ބައިވެރިޔަކު ލިބުނީމަ މިލާން އެކަން ހިތުން ފިލުމަކީ އެކަށީގެންވާކަމެކެވެ. ދާނިޔަލް އެކި ރޮގުރޮގުން ވިސްނާއިރު އެމެރިކާއަށް ދާގޮތަށް އެނބުރި ނާންނަންވެސް ނިންމިއެވެ. އެހެންނޫނަސް ކިޔަވާ ނިމޭއިރު އެތައް އަހަރެއް ނަގާފާނެއެވެ. މިވީގޮތުން އިރާގެ އޮޕަރޭޝަން ފަސްކޮށްލަން ޖެހޭނެއެވެ.

އިރުއޮއްސެމުންދިޔައިރު ދާނިޔަލް އާއި މިލާން ބީޗްގެ ދޮންވެލިގަނޑުމަތިން ގޮނޑުދޮށަށް ފިޔަވަޅުގެ އަސަރުދޫކުރަމުން ދިޔައިރު ދެ ޒުވާނުންގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރެއް ނުފެނެއެވެ. ހީވަނީ ދެމީހުންގެ ހަޔާތަށް އިރުއޮއްސެން އުޅޭތީ ކަންބޮޑުވެފައިވާހެންނެވެ. އުޑުމަތީގައި ފެވެމުންދާ ކުލަތަކަކީ ކުރެހުންތެރިއެއްގެ ފިހިގަނޑުން ސިފަކުރެވޭ ވަރަށް ވުރެ މާ ފުރިހަމަ މަންޒަރެކެވެ. މިލާން ޖިންސްގެ ފައިކުރި އޮޅާލައިގެން ހުރިއިރު އެ ދޮންފައިކުރީގެ ރީތިކަމުން ދާނިޔަލްގެ ހިތް އެތައްފަހަރު ތައުރީފުކުރިއެވެ. އެމޫނަށް މިވަގުތު ވެރިވެފައިވާ ރަތްކުލައިން ރީތިކަން އެތައް ގުނަ އިތުރުކުރުވައެވެ.

"މިލާން، ލޯތްބަކީ ބައެއްފަހަރު ދިގު އިންތިޒާރުކޮށްގެން މުސްކުޅިވާ ދުވަހުންވެސް ލިބިދާނެ އެއްޗެއް، އަހަންނަށް މިވަގުތު މިލާންއާއި ގުޅެވޭކަށް ނެތް، އެކަމަކު ތެދުވެރި ލޯބި ކާމިޔާބުވާނެއޭ ބުނެއެއްނު ދޯ، ބޭބީ އަހަންނަށްޓަކައި އުމުރު ދުވަހު ހުހަށް ހުރެދީފާނަންތަ؟ އަހަރެންގެ އިންތިޒާރުގައި އަބަދަށް ހުންނާނަންތަ؟ އޭރުން ކޮންމެވެސް ޒަމާނެއްގައި އަހަރެމެންގެ ލޯބި ކާމިޔާބުވާނެ......" ދާނިޔަލްގެ ހިތުގައިވާ ޖުމްލަތައް ދުލާއި ހަމަޔަށް ނައެވެ. އެހާ އަމިއްލަ އެދުން ބޮޑުކޮށްލައިގެން މިލާންގެ އުމުރު އޭނައަށްޓަކައި ހުސްކުރުވަން ބުނަންވީ ހެއްޔެވެ؟

"ވަޓް...." ދާނިޔަލް ބަލާވަރުން މިލާން ރަކިވެގެންގޮސް ހެވިއްޖެއެވެ.

"ރީތިކަމުން ބެލެނީ، އަހަރެން ފުރީމަ ދެން ނުފެންނާނެވިއްޔަ، މިހާރު ބޭނުންވަރަކަށް ބެލިޔަދީ...." ދާނިޔަލް މިލާންއާއި ދިމާލަށް އެނބުރެމުން ކުރި ބައްދައިލި ގޮތަކުން މިލާންއަށް ހިފައިލެވުނީ ދާނިޔަލްގެ ޓީޝާޓުގައެވެ. މިލާން ރަކިވެފައިހުރެ އެސްފިޔަތައް ހިއްލާލާފައި ދާނިޔަލްގެ އަސަރުން ފުރިފައިވާ ފިރިހެންވަންތަ މޫނަށް ބަލައިލުމުން ހިތް ހަލާކުވާވަރުވިއެވެ. އޮއްސެމުންދިޔަ އިރުގެ ރަތްދަޅަތަކުން ދާނިޔަލް ޖަރީވެފައިވާއިރު ރީތިކަމުން އެ މޫނުގައި ފިރުމާލާހިތްވާވަރުވިއެވެ. ދާނިޔަލް މިލާންގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. 

ކޮމެންޓް 0