"ޑެނީ... މާ ސިކްރެޓިވް ވެގެން ނޫޅެ ދޮންބެ ގާތުގައި ބުނެބަލަ....." ނަހުޔާން ހިނިތުންވެލީ ދާނިޔަލް ބުނަން އުޅެނީ ކިހާވަރެއްގެ ވާހަކައެއްކަން ނޭގިހުރެއެވެ. އާއްމުކޮށް ދާނިޔަލް އަކީ ސިއްރުތައް އެކުވެރިންނާއި ވެސް ހިއްސާކުރާ ފާޑުގެ ޒުވާނެއް ނޫނެވެ. ދާނިޔަލް އުޅުނީ އޭނަ އާއި އައިޒާގެ ގުޅުން ނަހުޔާން ގާތުގައި ހާމަކޮށްދީފައި މާފަށް އެދުމަށެވެ. އޭރުން އެދެމީހުން ގެ ދޭތެރޭގައި ފޮރުވިފައިވާ ކަންތައް ގަނޑެއް ނޯންނާނެއެވެ. ދާނިޔަލްގެ ސިކުނޑިއަށްވެސް ލުޔެއް ލިބިދާނެއެވެ. 

ނަހުޔާންގެ އޯގާތެރި ހިނިތުންވުމުން ދާނިޔަލް ފިނޑިވިއެވެ. އޭނަ އަށް ދޮންބެ ހާދަ އިތުބާރު ކުރާނެ އެވެ. ހާދަވަރަކަށް ޔަގީންކަން އޮންނާނެ އެވެ. އެ ވާހަކަ އެނގިއްޖެއްޔާ އެދޭތެރޭގައިވާ އިތުބާރު އަބަދުގެ އަބަދަށްޓަކައި ނެތިގެން ދިޔައީއެވެ.

"ވެލް...." ދާނިޔަލް ފަން އިސްތަށިގަނޑުގައި އަތް ހިންގާލާފައި ދައްކާނެ ވާހަކައަކާއި މެދު ވިސްނައިލި އެވެ. އަނގަޔަށް ހަދާލިގޮތުން ކޯތާފަތުގައިވާ އަޑިކޮޅު ފުންވިއެވެ. ނަހުޔާން ގާތުގައި ތަންކޮޅެއް ސީރިޔަސް ވާހަކައެއް ނުބުނެވިއްޖެއްޔާ އޭނަ ގަބޫލެއް ނުކުރާނެއެވެ. މިވީގޮތުން އެހެން ވާހަކައެއް ބުނެގެން ނަހުޔާންއަށް އޮޅުވައިލަންވީއެވެ. އޭނަ އާއި އައިޒާ އާއި ދޭތެރޭގައި ހިނގާފައިވާ ކަމެއް ނަހުޔާން އާއި އައިޒާ ހިއްސާކުރާނެ ހެން ހިޔެއްނުވެއެވެ. ފޮރުވިފައިވާ ކަމެއް ހާމަކުރުމުން އިތުރު މައްސަލަތަކެއް ނުކުތުން ނޫން ކަމެއް ނުވާނެއެވެ. އެ ސިއްރު އެ ދެމީހުން ކަށްވަޅަށް ގެންދާނީއެވެ.

"ޑެނީ ހާދަ އުދަގޫވެފައި ތިހިރީ، ވަޓް އިޒް އިޓް ބޭބީ ބްރަދަރ......." ނަހުޔާން ބުމަ ހިއްލައިލިއެވެ. 

ދާނިޔަލް ވަގުތުން އޮޅުވާލާފައި ފެށީ އިރާގެ ވާހަކައެވެ. ދޮންމަންމައަށް އިރާ އޮޅުވާލިޔަސް އެއީ ހަމަ ހިނގާފައިވަ ހާދިސާއެއް ކަމަށާއި އެރޭ އެކަން ހިގަން ޖެހުނު ގޮތް ތަފްސީލުކޮށް ކިޔައިދިނެވެ. ދާނިޔަލް ބުނިގޮތުން މައްސަލައަކީ އޭނައަށް އިރާ ދެކެ ލޯބިނުވެވޭކަމެވެ. އިރާ އާއި ގަޔާނުވެވޭކަމެވެ. އޭނައަށް އިރާގެ ގައިގައި އަޅައިގަންނަ ގޮތެއް ނުހުންނަނީ އެވެ. ނަހުޔާންގެ ގާތުގައި ބުނަން އުޅުނު ވާހަކަ ފަސްޖައްސާލާފައި އޭނަ ހާމަކުރީވެސް އަދި އެހެން މީހެއްގެ ގާތުގައި ނުބުނާ ވާހަކަ އެކެވެ. އެކުވެރިންނަށްވެސް އޭނައާއި އިރާގެ ގުޅުމެއް ނެތްކަމެއް އެނގިފައެއް ނުވާނެއެވެ.

އިރު ރަތްވިލާ ދޯދިތަކުގެ ތެރެއިން ފޮރުވެމުންދާއިރު ހީވަނީ ދުނިޔެއަށް ލޭފައިބަމުންދާހެންނެވެ. ކަނޑުގެ ސަތަހައާއިއެކު އެ ޒުވާނުންގެ ގަޔަށް ވެރިވެފައި ވަނީ އިންތިހާ ދަރަޖައިގެ ރީތި ކުލައެކެވެ. ގޮނޑުދޮށަށް ބީއްސަމުންދާ ކުދި ކުދި ރިބަން ފަދަ ރާޅުބާނިތައް ލުއި މިއުޒިކެއް އުފައްދާފައިވެއެވެ. ނަހުޔާން އެކަނިވުމުންވެސް ރުއްގަނޑުމަތީގައި އިށީދެލައިގެން މާ ދުރަށް ބަލަހައްޓައިގެން އިންއިރު އެ ރީތި ދެލޮލުން ހިތާމައިގެ ކުލަވަރު ފެނެއެވެ.

"އަހަރެންހާ ބަދުނަސީބު މީހަކު މި ދުނިޔޭގައި ވާނެހެން ހިޔެއް ނުވޭ.. ހަޔާތުގެ ބައިވެރިޔަކު ގާތުގައިވާ އިރުވެސް ހުރީ އެންމެ ދުރުގައި... ބައްޕައަކަށް ވާން އުޅޭއިރު ދަރިފުޅަކީ ކާކުގެ ކުއްޖެއްކަން ވަނީ ޔަގީން ނުކުރެވިފައި... މީހެއްގެ ފިރިޔެއްކަން އެނގިހުރެ ގަދަކަމުން ބެހުނީ ކާކުތަ؟ ނޫނީ އައިޒާ ހަމަ އޮޅުވާލަން ބުނި އެއްޗަކީ ތަ؟ " ނަހުޔާން ގެ ސިކުނޑިއަށް ތަފާތު ޚިޔާލުތަކެއް ވެރިވެ އުދަގޫކުރިއެވެ.

ދިހަވަރަކަށް ދުވަސް ފާއިތުވެގެން ދިޔައިރު އެވަރލޭންޑްގެ މެމްބަރުންގެ ދުވަސްތައް މާޒީވެގެން ދިޔައީ އާދައިގެ ގޮތަކަށެވެ. ކޮންމެ މީހެއްގެ ދިރިއުޅުންވެސް އެއް ގޮތަކަށް ދާހެން ހީވެއެވެ. ނަހުޔާން އާއި ދާނިޔަލް ގިނަވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. ޖުވޭދާ ހުންނަނީ އާދައިގެ މަތިން ކޮންމެވެސް ކަމަކަށް ފާރަވެރިވެގެންނެވެ. މިލާން އާއި އިރާގެ ގުޅުން ބަދަހިވަމުން އައެވެ. މިލާން ކޮލެޖަށް ގޮސްފިއްޔާ އިރާ އެކަނިވެރިކަން އިހުސާސް ކުރެއެވެ. އެއްވެސް މީހަކު ނޫޅޭކަން ޔަގީންކޮށްލާފައި ދެކުދިން އެކީގައި ގޮސް ޕިއާނޯ ނޫނީ ޕޫލް ކުޅެލައެވެ. އިރާ ދެކޭގޮތުން ލޮލަށް ނުފެނުނަސް މަޖާކޮށްލެވިދާނެއެވެ. ދެކުދިން އެކީގައި އުޅޭވަގުތު ނޫނީ އިރާގެ ހުނުމުގެ އަޑު ގޭތެރެއިން އިވިގެން ނުދާނެއެވެ. އެތެރެހަށި ލޯބީގެ އަލިފާނުގައި ފިހެވެމުންދާއިރުވެސް ބޭރުފުށުން އެކަމެއް ނޭގެއެވެ. އެއް އުމުރުގެ ދެކުދިންކަމަށް ވާތީ ދެކުދިން ގެ ދެމެދުގައި އޮންނަނީ އެއްބަނޑު އެއްބަފާ ކުދިންގެ ދޭތެރޭގައިވާ ފަދަ ގުޅުމެވެ. ދެކުދިން ވެސް އެފަދަ ގާތްކަމަކަށް ބޭނުންވެފައި ތިއްބާ ހެޔޮއެދޭ ފަރާތެއް ލިބުމުން ގުޅުނީ މާވަރަކަށެވެ.

ދީނާ މާލެ އައި ރޭ މިލާން ގޭގައި ނޫޅޭކަން އެނގުމުން ދީނާ ހުރީ ހިތްހަމަނުޖެހިފައެވެ. ޖެހިގެން އައި ދުވަހު ހެދުނު ސައިގަޑީގައި އެ ވާހަކަ ފެށީ ޖުވޭދާއެވެ. މިލާން ކޮންމެ ރެއަކު ގެއިން ނިކުމެގެން ދާތަން ފެންނަކަމަށް ޖުވޭދާ ބުނެލިއިރު އޭނަގެ ތުންފަތްމަތީގައި މަލާމާތުގެ ހިނިތުންވުމެއްވިއެވެ.

"ދީނާގެ ދަރިފުޅު ގޮވައިގެން ފްރާންސަށް ދިޔަނަމަ.... އެހާ ރީތި ކުއްޖަކު މިނިވަންކޮށް ދޫކޮށްލަން ހަދައިގެން ލަނޑެއް ލިބިދާނެ...." ޖުވޭދާ ގެ ޖުމްލައިން ދީނާ ހީލީ މާނަވީ ގޮތަކަށެވެ. އެހެންނޫނަސް މިލާން ގެއިން ބޭރަށް ލާން ދީނާ ވިސްނާތާ ދުވަސްކޮޅެކެވެ. މިހާރު މިލާން ދަރިއަކަށް ހަދައިގެން ގެންގުޅުމުގެ މާ ބޮޑު ބޭނުމެއް އޭނައަކަށް ނުފެނެއެވެ. މުފީދާ ގާތުގައި މިލާން ހުއްޓަސް އެކުވެރިޔާއަށް ވީ ވައުދު ފުއްދަން ކޮލެޖް ފީ އޭނަ ދައްކާދޭނެއެވެ. މިލާންވީ އޭނަ ހީކުރިފަދަ ހިތްތިރިކުއްޖަކަށް ވެސް ނޫނެވެ. ގެއަށް ގެނައުމާއިއެކު އުޅުނީ ދާނިޔަލްގެ ހިތް އަތުލަންވެގެންނެވެ.

"ޖުވޭދާއަކަށް އަދި ނޭގޭތަ؟ މިލާންއަކީ އަހަރެންގެ ދަރިއެއް ނޫން، އެއީ މުފީދާގެ މާމަ ދަރިއެއް، އެހެންވެ އޭނަ ނިދަން މާމަ ގާތަށް ދަނީ. އެހެންނޫނަސް މިރެއިން ފެށިގެން މިލާން މިގެއަކު ނުހުންނާނެ، އިރާއަށް ޚިދުމަތް ކުރަން ޖުވޭވެސް އެހެން މެއިޑަކު ހޯދަންވީ...." ދީނާގެ ޖުމްލައިން ދާނިޔަލް ކުޑަކޮށް ސިހޭގޮތްވިއެވެ. މަންމަ އެ ޖުމްލަ ބުނެލިގޮތުން ހީވީ ގަސްތުގައި މިލާން ދަށްކޮށްލުމުގެ ގޮތުން ބުނެލި އެއްޗެއް ހެންނެވެ. މިލާންއަކީ ނޯކަރެއްގެ ދަރިއަކަށް ވީއިރު މަންމަ އެހާ ގާތްކޮށްލައިގެން ގެއިން ކޮޓަރިއެއް ދީގެން މިހުރިހާ ދުވަހު ގެންގުޅުނީ ކޮން ނިޔަތެއްގައި ހެއްޔެވެ؟ ޔަތީމު ކުއްޖަކަށް ދިން ސަދަގާތެއް ހެއްޔެވެ؟ އެހެންނޫނަސް މާ ވަރަކުން ދާނިޔަލްމެންގެ ކޮއްކޮ އަކަށް ހަދަން އުޅުނީ ކީއްވެބާވައެވެ.

"އޯ...." ޖުވޭދާ އަނގަ ވަށްކޮށްލިއެވެ.

"ހިޔެއްނުވޭ ސްޕައި އެއްހެން ޖުވޭ އުޅޭތީ މިލާންގެ ސިއްރު ނޭގި ހުންނާނެކަމަށް.... އެނީވެސް އިޓްސް އޯކޭ.. އަހަރެންވެސް ނޫޅެން މުޅި އުމުރަށް އެ ކަން ފޮރުވައިގެން ހުންނާކަށް....." ދީނާ އިނީ ހަމަޖެހިލައި ގެންނެވެ. މޫނުގެ އެއްފަޅީގައި ވާ ލަކުނުގެ ސަބަބުން އޭނަގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރުކުޑައެއް ނުވެއެވެ. އެހެންނޫނަސް އެ ލަކުނުގެ ސަބަބުން އެރީތިކަން ފަނޑުކޮށެއްނުލެވެއެވެ. ދޮން ކަނދުރާގެ އޮމާންކަމުން އަދިވެސް ޒުވާން ކުއްޖަކަށްވުރެ ރީއްޗެވެ. ޖުވޭދާ އިނީ ހަސަދައިން ފުރިގެންވި ލޮލަކުން ބަލާށެވެ.

"މިލާން ފޮނުވާލަން ބޭނުންވެފައި އަހަރެންވެސް ހުރީ، ދީން އެކުއްޖާ މިގޭގައި އިއްޒަތުގައި ބަހައްޓާ ޕްރިންސެސްއެއް ހެން ގެންގުޅެ ފައިސާއިން ފެންވަރުވާލީމަވެސް މިލާންގެ ހުރި ދަހިކަމުން އިރާ އާއި އެހީތެރިވެދިނީވެސް މަގޭއަތުން ފައިސާ ހޯދައިގެން ... އެހެންވެ އަހަންނަށް މިލާންއަކީ ކިހާވަރެއްގެ ކުއްޖެއްކަން އެނގުނީ.... އޭނަ ކޮށްދޭ ކޮންމެ ކަމެއްގެ އަގު ނަގާ..." ޖުވޭދާ މިލާންގެ އަގު ވައްޓާލަން ވެގެން ބުނެލިއެވެ. އައިޒާ އިނީ ހައިރާންވެފައެވެ. ޖުވޭދާ ހިންދީ ސީރީޒްތައް ބަލަމުންގޮސް އެފަދަ އަންހެނަކަށް ވެއްޖެއެވެ. ދޭތެރެ ޖެއްސުން ފަދަ ކަންތައްތަކަކީ މިފަދަ ޝާހީ އާއިލާއަކަށް ނިސްބަތްވާ ބަޔެއްގެ ގައިގައި ހުންނަން ޖެހޭނެ ސިފައެއް ނޫނެވެ. ނަމަވެސް ޖުވޭދާއަކީ އެ އާއިލާ މީހެއްކަމަށް ހީކުރެވިގެން ނުވާނެއެވެ. އެއީ މި އާއިލާގެ ފަހަރި އެކެވެ. މަލީކްމެން ރާއްޖެތެރެއިން އަންހެނުންގެނެސް ޚާންދާނު ފަސާދަކުރެއޭ އެކިޔަނީ ރަނގަޅު ވާހަކައެކެވެ.

"ޖުވޭ ތިބުނީ މުޅިން ރަނގަޅު ވާހަކައެއްނޫން، އެކަމުންވެސް މަށަށް އެގުނީ މިލާންގެ ރަނގަޅުކަން..." ދީނާގެ ހިނިތުންވުން ކުރިއަށްވުރެ ފުޅާވެގެން ހިނގައްޖެއެވެ.

"އެއީ ކީއްވެތަ؟ "ޖުވޭދާގެ ބުމަ ގޮށްޖެހުނެވެ.

"އޭނައަށް މި ފައިސާ ހަލާލު ނުވާނެކަން އަމިއްލައަށް ދެނެގަތީ، އަހަންނަށް އެނގޭ މިލާން އަހަރެން ދޭ ފައިސާގައި ނުހިފަންވެގެން މަސައްކަތެއް ކޮށްގެން ލާރި ހޯދަނީކަން، އޭނަ އަހަރެން ދޭ އެއްޗެއް ބޭނުމެއް ނުކުރޭ....." ދީނާ ހަނދާންވީ އޭނަ މިލާން އާއި ދިމާލަށް އެއްޗެހި ކިޔާފައި ނިކަމެތިކޮށްލި ދުވަހެވެ. ގާތް އެކުވެރިޔާގެ ދަރިފުޅު ހިތުގައި ޖެހޭނެފަދަ ކަމެއްކުރަން ދީނާއަށް ފަސޭހައެއްނޫނެވެ. ނަމަވެސް އެލަފުޒުތަކުން މިލާންގެ ހިތުގައި އެޅުނު ކޫރުން ދުވަހަކު ނުފިލާނެއެވެ. މަޑުމަޑުންގޮސް މިލާން މުޅިން ދުރުވެގަތް ސަބަބަކީ އެއީއެވެ.

މޭޒުދޮށުގައި ދެކެވުނު ވާހަކަތަކުން އެކި މީހުންގެ ހިތާއި ސިކުނޑިއަށް އެކިވަރުގެ އަސަރުތައްކުރިއެވެ. ޔަގީނުންވެސް ދާނިޔަލްގެ ހިތަށް ވެފައިވާ އުދަގޫތައް އެލޮލުން ހާމަކޮށްދެއެވެ. މިލާން މިގެއިން ކުއްލި އަކަށް ދިޔުމާއި، އެކުއްޖާގެ ނިކަމެތިކަން ހިތަށް އަރާފައި ހަމްދަރުދީވެވުނެވެ. ނަމަވެސް އާއިލާގެ މޮޅުކަމާއި، ނިކަމެތިކަމުން ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟ ދީނާ ޔަގީންކަން ދިނީ އޭނަ މިލާންގެ ކޮލެޖްގެ ޚަރަދުތައް ބަލަހައްޓާނެ ކަމުގައެވެ. އެއީ ޔަގީނުންވެސް އެފަދަ ކުއްޖަކަށް ލިބޭނެ ބޮޑު ހިތްވަރަކަށް ވާނެއެވެ. ދާނިޔަލް ހިމޭނުން އިނދެ ނާސްތާ ކުރަމުން ދިޔައިރު ވިސްނަމުން ދިޔައީ މިލާން އާއި މެދުގައެވެ. އެގެ ހުރިތަނެއް ހޯދުމުގެ ޝައުގު ބޮޑުވިއެވެ. މިވީގޮތުން މިލާން އާއި ރައްޓެހިވުމަށް އެޅިފައިވާ ހުރިހާ ހުރަހެއްނެތިގެން ހިގައްޖެކަމަށް ދާނިޔަލް ހީކުރިއެވެ.

މިލާން އާދައިގެ މަތިން ހެދުނު ކޮލެޖް ނިންމާލާފައި އައީ އެވަރލޭންޑަށެވެ. މަލީކްގެ ދެމަފިރިން ޕެރިހުން ގެނައި ހަދިޔާ ބަހަން ފޮށިތައް ހުޅުވާލައިގެން ތިއްބާ މިލާންއަށް ބޮޑު ކޮޓަރިއަށް ވަދެވިފައި ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. ދީނާވެސް ހުރީ ފާޑަކަށެވެ. އެއްޗެހި ބަހާ ނިމިގެން ބާކީ ހުރީ ޗޮކްލެޓާއި މެޓާފަދަ އެއްޗެއްސެވެ. މިލާންއަށް ހަދިޔާއެއް ގެންނަން އޭނަ އެއްގޮތަކަށްވެސް ހަނދާނެއް ނުވިއެވެ.

"މިލާން.... އަހަރެން މިލާންއަށް ގިފްޓެއް ގެނައިން، އެކަމަކު ކޮންތާކުން ތިއައީ...... ރޭގައި ގޭގައި ނެތީމެއްނު..." ދީނާ ގެ ޖުމްލައިން މިލާންގެ ދޮންކޯތާފަތް ރަތްވިއެވެ.

"މާ..މާމަ...." މިލާން އެއްޗެކޭ ބުނަން އުޅެފައި ތުންފަތުގައި ދަތްއަޅާލައިފި އެވެ. ޖުވޭދާ އާއި އައިޒާގެ ލޯވަނީ މިލާންގެ މޫނަށް ހުއްޓިފައިވާއިރު ޖުވޭދާ އިނީ ނުބައި ފާޑަކަށް ހިނިއައިސްފައެވެ. ނަހުޔާން ސޯފާގައި މެގަޒިންއެއްގެ ސަފުހާތައް އުކާލަ އުކާލާއިންއިރު އެ މޫނުމަތީގައި ވަނީ އާދައިގެ މަތިން ސީރިޔަސް ގޮތެކެވެ.

"އިޓްސް އޯކޭ، މާމަ ބަލިވީތަ؟ ޝީ ނީޑްސް ޔޫ މައި ޗައިލްޑް.... މިލާން އެގެއަށް ބަދަލުވުމުގައި އަހަރެންގެ މައްސަލައެއް ނެތް، އެހެންނޫނަސް ކޮލެޖްގައި އުޅެމުން ކިޔަވަން ވަގުތު ބޭނުންވާނެ، އެހެންވެ މިއަދުން ފެށިގެން އިރާގެ ކަންތައް ކޮށްދޭން އެހެން ކުއްޖަކު ގެންނާނީ، މިލާން ދޭތެރެއަކުން މިގެއަށް އަންނަންވާނެ، ނޯވޮރީސް މިލާން، އެންމެނަށް އަހަރެމެން ފޮރުވައިގެން އުޅުނު ސިއްރު އެނގިއްޖެ، މިލާންއަކީ މަގޭ ބެސްޓްފްރެންޑްގެ ދަރިފުޅުކަން އެންމެނަށް އެނގޭނެ...." ދީނާ މިލާންގެ އިސްތަށިގަނޑުގައި ފިރުމާލާފައި އޭނަ ގޮވައިގެން ހިނގައިގަތީ ސިޑި އާއި ދިމާލަށެވެ. ދަބަސް ޕެކްކުރުވަން ކަންނޭގެއެވެ. ޖުވޭދާ ހިތާހިތުން އުފާކުރިއެވެ. މިލާންގެ ރީތިކަމަކީ ވިހައެކެވެ. ދާނިޔަލްގެ ހިތް އަތުލައިގަންނަން ފަހެއް ނުޖެހޭނެއެވެ. ފިރިހެނުން އުޅޭ ގެއެއްގައި އެހާ ރީތި އަންހެންކުއްޖަކު ހުރުމަކީ ނުރައްކަލެކެވެ. މިޒަމާނުގައި ސާލިހުވެގެން އުޅޭ މީހަކަށް ވެސް އިތުބާރުކުރަން ހެޔޮނުވާނެއެވެ.

މިލާން ހުރީ ގަނޑުވެފައެވެ. އޭނަ ހުރީ އެއްގޮތަކަށްވެސް އެވަރލޭންޑުން ދާން ޖެހިދާނެ ކަމަކަށް ނޫނެވެ. އިރާ އާއި ވަކިވާން ޖެހުނުކަމުގެ ހިތާމަ މިލާންގެ ލޮލުން ކަރުނަ ހިލުވާލިއެވެ. ދީނާ އާއިއެކު ކޮޓަރިއަށް ގޮސް ދަބަހަށް އެއްޗެހި އަޅަންވީ ވަގުތު މިލާން ހުރީ ހުއްޓުން އަރާފައެވެ. ދީނާ ހިނިތުންވެލައިގެން ހުރެ އެކި ވާހަކަތައް ދެއްކިއިރު ހިތުގައިވާ އެއްޗެއް މިލާންއަކަށް ނޭގުނެވެ. ބޭރުފުށުން އޯގާތެރިކަމަށް ހެދިގެން ހުރެ އޭނައަށް އަދަބެއް ދިނީކަމަށް ހީކުރެވުނެވެ. ކުޑަކުއްޖަކު ސިއްރުން ކުކީ ޖަގަށް އަތް ބޭނިކަން ފަޅާއެރުމުން ކުރެވޭނެ ފަދަ ނުބައި އިހުސާސް ތަކެއް މިލާންއަށް ކުރެވުނެވެ. ހިތަށް ބާރުކޮށްފައި ހުރެވެސް އޭނަ އަލަމާރީގައި ހުރި އެއްޗެހިތައް އަޅަންފެށިއެވެ.

"މިލާން އަށް އިރާ ބަލަމުން ނުކިޔެވޭނެ، މަންމަގެ ޑްރީމް އިރާ ކިޔަވައިގެން މޮޅުކުއްޖަކަށް ވުމަކީ. އެހެންނޫނަސް މާމަ އެކަނިކޮށްލަން ނުވާނެ، މުސްކުޅި ވީދުވަހުން އެކަނިކޮށްލުމަށްވުރެ މިއަދު ކޮމްޕެނީ ބޭނުންވާނެ، އުފާވާނެ މިލާން މާމަ ގާތުގައި ވަގުތުކޮޅެއް ހޭދަކޮށްލާ ވާހަކަ ދައްކާލީމަ، އޭރުން މާމަ މަރު ދުވަހަކުން ރީތި ހަނދާންތަކެއް ހުންނާނީ، އަހަންނަށް ވަނީ އެ ތަޖުރިބާ ކުރެވިފައި، އަހަރެން ޓައިމް ދިނީ ފްރެންޑުންނާއި ކުޅިވަރުތަކަށް، އޭރު މިލާން ފަދައިން އަހަންނަކީވެސް ޓީން އެއް.... އެކަމަކު އަހަރެންގެ މަންމަ ނިޔާވީ، މަންމަ ބޭނުންވާނެ އަހަންނާއި ޓޯކް ކުރަން، އެކަމަކު އަހަރެން ހުންނާނީ ކޮންމެވެސް ކަމަކަށް ލަސްވެފައިކަމުން މަންމަ އާއި ވާހަކަ ދައްކާލަންވެސް ނީދެވޭ، ވާހަކަފޮތެއް ހިފައިގެން ގޭގައި އޮންނާނީ، ނޫނީ ބަލަން ޖެހޭ ސީރީޒް އަކަށް ގެއްލިފައި. މަންމަ ބައްޔެއްވެސް ނުވޭ، ކުއްލިއަކަށް އެއްދުވަހު މަންމަ ނިޔާވީ........ އައި ވޯޒް ލައިކް ..އެއްކޮށް ފްރީޒްވީ.... ރޮވުނީވެސް ހަފްތާއެއް ވީފަހުން. އަހަރެން އަދިވެސް އެކަމާ ރިގްރެޓް ކުރަން، މަރުވެގެންދާނީ ވެސް އެގޮތުގައި ކަންނޭގޭ، މަރުވީމައެއްނޫން ލޯބިވާ މީހުންނަށް ޓައިމް ދޭންވާނީ......." ދީނާ މާޒީ ހަދާންކޮށްލި އިރު ފެންކަޅިވި އެވެ. މިލާން ހުރީ ދީނާގެ މޫނަށް ބަލަހައްޓައިގެންނެވެ. ދީނާ އެދެއްކީ ޔަގީނުންވެސް ރަނގަޅު ވާހަކަ އެކެވެ. ހިތުގެ އަޑިން ބުނާ ވާހަކައެކެވެ. ނަމަވެސް ދީނާގެ އިޚުލާސްތެރި ކަމާއިމެދު ކޮންމެވެސް ވަރެއްގެ ޝައްކެއްވިއެވެ. ނޫނީ ހަގީގަތުގައިވެސް ދީނާ މިލާން ފޮނުވާލަނީ މާމަ އެކަނިވެރި ވެދާނެތީ ހެއްޔެވެ؟ މާމަ މިލާންއަށް ބޭނުންވާނެ ވަރު ވިސްނުނީމަ ހެއްޔެވެ؟ މާމަ އުފާވާނީ އޭނަ އެވަރލޭންޑްގައި ހުރީމައެވެ. މިއަދު އެގެއިން ބޭރުކޮށްލިކަން އެނގިއްޖެއްޔާ މާމަގެ ހިތަށްވާނެ ގޮތެއް ނޭގެއެވެ. މިލާން އިސްޖަހައިލި އެވެ.

ދީނާ އަކީ މަންމަގެ ބެސްޓްފެރްންޑްވީމަ ދީނާ ގެ ހިތުގައި ކޮންމެވެސް ވަރެއްގެ ކުލުނެއް އޮވެދާނެއެވެ.

"އަހަންނަކަށް ނޭގޭ ވިސްނަންވީ ކިހިނެއް ކަމެއް... ޔަގީނުންވެސް ދީނާ އެ ބުނީ ރަނގަޅު ވާހަކައެއް، އުމުރުދުވަހު ވެސް އަހަރެން މި ވާހަކަ ކޮޅު ހަނދާން ނައްތައެއް ނުލާނަން...." މިލާންގެ ހިތުގައި އުފެދުނު ޝަކުވާތަކެއް ފިލަން މާ ގިނައިރުތަކެއް ނުނަގައެވެ. މިލާންގެ ދަބަސް ތައްޔާރުކޮށް ނިމުމުން އެންޑީ ދަބަސް ތިރިއަށް ގެންގޮސް ކާރަށް އެރުވުމުން މިލާން އެނބުރި ގެއަށް ވަންނަން ގަސްތުކުރީ އެކަނި އިރާ ގާތުގައި އޭނަ މިގެއިން ދާ ވާހަކަ ބުނެލުމަށެވެ. އެހިތްވަރެއް ނުކުރެވުނެވެ. އެހެންނޫނަސް އިރާ ދެރަވާނެ ވަރު ރަނގަޅަށް އެނގި ހުރެ އެ މޫނަށް ވެރިވާ ކުލަވަރު ދެކެން ބޭނުންނުވީއެވެ. އޭނަ މިގޭގެ ދޮރާށިން ނުކުތުމަށްފަހު އަލުން ވަދެވޭނެ ކަމާއި މެދު ޝައްކެވެ. މިލާން އެންމެ ފަހު ފަހަރަށް ގެއާއި ދިމާލަށް ބަލައިލަމުން ލޮލުގައިވާ ކަރުތައް ފޮހެލި މަންޒަރު ޑްރައިވަރަށް ފެނުނެވެ.

ހެދުނު ނާސްތާ ހިފައިގެން ކޮޓަރިއަށް އައީ ރޯޒާ އެވެ. މިލާން ކޮލެޖުން އަންނައިރެއްގެ އިންތިޒާރުގައި ހިތް ބޭގަރާރުވެފައި ހުއްޓަސް ގަޑިން ވާއިރެއް އިރާ އަކަށް ނޭގުނެވެ. ގަޑި ކިރިޔާ އަންދާޒާ ކޮށްލެވެނީ އެވެ. ގޭތެރޭގައި މީހުން ގިނަޔަސް އޭނަ އެކަނިވެރިކަން ފިލުވައިދޭނެ ބައިވެރިޔަކު މިއޮތް ބޮޑު ގޭގައި އުޅޭކަމަކަށް ނުވެއެވެ. އަނގަ ތަޅުވާލަން އަޔަސް އޭނަގެ ހިތް ހަމަޖެހޭނެއެވެ. އޭނަ އެކަނިވެރިވާނެ ވަރު ވިސްނާލާފައި ކޮންމެވެސް މީހަކު މަޖާކޮށްލަން އަންނާނެ ނަމައެވެ. އައިޒާވެސް ވަދެލާނީ މަދު ފަހަރެއްގަ އެވެ. އެހެން ވަދެލިޔަސް ތަނުގެ ވެރިމީހާ ފަދައިން ހާލު އަހާލާފައި ނުކުމެގެން ހިގައިދާނެ އެވެ. އިރާ ނިންމީ އައިޒާ ފޮނިކަމުން ކަމަށެވެ. އިރާ ބާތުރޫމުން ނިކުމެ ދޮރު ލައްޕާލި އިރު މީހަކު އަލަމާރި ލައްޕާލި އަޑު އިވުނެވެ. މިލާން ހުންނަނީ ކޮޓަރި ތެރޭގައި ހިނގާނެ މަގު ދައްކާދީފައެވެ. ތަރުތީބުން ފަރުނިޗަރުތައް ބަހައްޓަނީ އިރާއަށް ފަސޭހަ އަކަށެވެ. ލޯފަން ކުދިންގެ ކޮޓަރި ތަކުގައި ކޮންމެ އެއްޗެއް މަގާމުގައި ހުރުމުގެ މުހިއްމުކަން މިލާން ދަނެއެވެ.

"މިލާން...." އިރާގެ ދޮންމޫނު ވަކިން އަލިވެގެން ދިޔައެވެ. މޫނު ދޮވެލާފައި ފެން ނުހިއްކާ ހުރުމުން ފެންތިކިތައް ބަބުޅަނީ ދިރޭލާލުތަކެއް ފަދައިންނެވެ. ދާނިޔަލް އަލަމާރި ހާވާލާފައި އިރާ ކުޑައިރު ހަދާފައި އޮތް ޕާސްޕޯޓް ނެގުމަށްފަހު ރީތިވާ މޭޒު ކައިރީގައި ހުރި ގޮނޑި ދަމާލައިގެން އިށީދެ ޕާސްޕޯޓް ފޯމު ފުރާށެވެ. ޖުވޭދާ ނުދާކަމުގައި ވަންޏާ އޭނަ މިހިރީ އިރާ ގޮވައިގެން ޖަރމަނީއަށް ދާން ތައްޔާރަށެވެ. އިރާގެ ހާލާއި މެދު ހިތްދަތިވާ ގޮތްވާތީ އެ މަންޒަރު ކޮންމެ ދުވަހަކު ތަކުރާރުކޮށް ދެކެން އޭނަ ބޭނުމެއް ނޫނެވެ. އަނިޔާވެރި މީހެއްގެ ގޮތުގައި ލޭބަލްވިޔަސް ޔަގީނުންވެސް އިރާއަށްޓަކައި ބައެއްފަހަރު ހިތް ކަފަކޮޅެއްހާ މަޑުވެއެވެ. ދާނިޔަލް ކުޑަގޮތަކަށް އިރާއަށް ބަލާލައިފި އެވެ. އެއްޗެކޭ ނުބުނަން ހިތަށް އަރާފައިވެސް ހަމްދަރުދީވިއެވެ.

"މިލާން ނޫޅޭ....." ދާނިޔަލްގެ ޖާދުވީ އަޑުން އިރާގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ބައެއްފަހަރު އެ އަނިޔާވެރިޔާގެ އެންމެ ލަފުޒަކުންވެސް އިރާގެ ހިތާއި ކުޅެލައެވެ.

"ވަޓް އާރ ޔޫ ޑުއިން ހިއަރ..." އިރާ ބުނެލީ ތަންކޮޅެއް ބާރަށެވެ. އާއްމުކޮށް ކޮޓަރިއަށް ވަދެނުލާ ދުރުން އުޅެފައި މިގަޑީގައި ދާނިޔަލް ވަދެ އަލަމާރި ހޭވުމުން އިރާ ބިރުގަތެވެ. ކުޑައިރު ކޮށްފައި ހުންނަ މޮޔަކަންތައްވެސް ބޭޒާރުވެދާނެއެވެ. ޑައިރީވެސް ކިޔާފާނެއެވެ. އެހެންނޫނަސް އޭނަ ތަޅުދަނޑި ފޮރުވާފައި އޮތްވާ ފެނުނީ ކިހިނެއް ހެއްޔެވެ؟ އެފްބީއައި އެޖެންޓަކަށްވުރެ ދާނިޔަލް ކުޅަދާނައީ ކަންނޭގެއެވެ.

"އަހަރެން ކުރާކަމެއް އިރާ އަކަށް ނުފެންނަންޏާ އިޓްސް ނޮޓް މައި ޕްރަބްލަމް..." ދާނިޔަލް ގެ ދުލުން ބޭރުވަނީ ހިތުގައިވާ އެއްޗަކާއި މުޅިން ދެކޮޅަށެވެ. އޭރު އިރާ ހުރީ ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހަށަން ބަދެލައިގެންނެވެ. ރީދޫކުލައިގެ ކުރު ޓޮޕްކޮޅަކާއި ކަކުލާއި ހަމަޔަށް އޮތް ހުދު ސޯޓެއްގައި އެ ބާބީ ޑޯލްއެއްހާ ތުނި ހަށިގަނޑު ފެންނަލެއް ނިކަން ލޯތްބެވެ. އުނަގަނޑަށް ހިމަވިޔަސް އަތާއި ފައިކުރި އެހާ ހިއްކެއް ނޫނެވެ. މޮޑެލް ކުރަން އެންމެ އެކަށީގެންވާ ފަދަ އަންހެންކުއްޖެކެވެ. އޭރު ދާނިޔަލް އިނީ އާދައިގެ މަތިން ފައި ދަމާލައިގެން ރީތިވާ މޭޒުގައި ބުރަކަށި ޖައްސާލައިގެންނެވެ. އިރާ ހިނގައިގަތުމާއި އެކު ދާނިޔަލްގެ ފައިގައި އަޅައިގެންފައި ވެއްޓެން ދިޔަ ވަގުތު ދާނިޔަލް ހުޝިޔާރު ކަމާއި އެކު އިރާގެ އަތުގައި ހިފާ ސަމާލުކޮށްލަދިނެވެ.

"ބީ ކެއަރފުލް ސްވީޓްހާރޓް..." ދާނިޔަލްގެ ޖުމްލައިން ކުޑަކޮށް ބުމަ ގޮށްޖަހާލައިގެން ހުރެ ގޮސް އޭނަ އެނދުގައި އިށީދެ ބޮލުގައިވާ ވޫލްކޮޅު ނައްޓާލައިފި އެވެ.

"ބުރުސް ދީފާނަންތަ؟" އިރާ އިސްތަށިގަނޑުގައި ފުނާ އަޅަން ވެގެން ތެދުވެއްޖެއެވެ.

"ސޮރީ.... މަށަކީ މެއިޑެއްނޫން.." ދާނިޔަލް ގަސްތުގައި ބުނެލީ އިރާގެ މޫނަށް ވެރިވާކުލަވަރު ދެކިލުމަށެވެ. އިރާ ތުންކޮޅު އޫކޮށްލާފައި ހިނގައިގަތީ ބެލްކަންޏާއި ދިމާލަށެވެ. ދާނިޔަލް މޭޒުމަތިން ބުރުސް ނަގާފައި އިރާގެ އަތަށް ދޭން ތެދުވެފައިވެސް ފިޔަވަޅުތައް ހުއްޓުނެވެ.

"އިރާ، އެނދު ހަޑިވެފައި އެހެރީ، އެއްޗެހި ބަދަލުކޮށްލަންވީނު...." ދާނިޔަލް މަޑުމަޑުން ބުނެލުމުން އިރާ އެނބުރި ބަލާލި އިރު ހީވަނީ ޝޮކެއްގައި ހުރިހެންނެވެ.

"މާގަދަޔަށް ބްލީޑްވަނީތަ؟ ނެޕްކިން ޔޫޒްކުރީމަވެސް........" ދާނިޔަލްގެ އެ ޖުމްލައިން އިރާ ރަކިވިއެވެ. ނަމަވެސް އެ ދޮންމޫނުގެ ކުލަ ތަފާތެއް ނުވިއެވެ. ދާނިޔަލް ލޯބިކުރަނީ "ބްލަޝް" ވާ ކުދިން ދެކެއެވެ. އޭނަގެ ބޮޑު ޚާންދާނުގައި އަންހެންކުއްޖެއް ވެއްޖެއްޔާ ދޮންވެފައި މޫނުރަތްވުމަކީ ޚާއްސަ ސިފައެކެވެ. އިސްކޮޅެއްލާފައި ގަދަ ބުމަ އާއި، ހަތަރެސްކަން މޫނު އަދި ކޯތާފަތަށް އަޑިކޮޅު އެޅުމަކީ އެ ޚާންދާނުގެ ފިރިހެންކުދިންގެ ރީތިކަން އިތުރުކުރުވާ ބައިތަކެވެ. ހިތްގައިމު ހުރިހާ ސިފަތައް އެކުލެވޭ ދެ ޖިންސްގެ ޒުވާނުން އުޅޭތީ އެ ޚާންދާނު ރީތިކަމުގެ ގޮތުންވެސް މަޝްހޫރުވެފައިވެއެވެ.

"ޑެނިއަލް، މިލާންއަށް ގޮވާދީފާނަންތަ؟ ޕްލީޒް..." އިރާ ހުރީ ގޮތް ހުސްވެފައެވެ. އޭނަ ހުރި ގޮތުން ހީވަނީ ދެންމެ ދެންމެ ރޮއޮގެންފާނެ ހެންނެވެ.

"މާ ބޮޑުކަމެއް ނުވެއެއްނު އިރާ..... އަހަރެން ރޯޒާއަށް ގޮވާފާނަން ބެޑްޝީޓް ބަދަލު ކުރުވަން، ޑޭޓް ޖެހުނީމަވެސް އިރާއަށް ނޭގުނީ ދޯ....." ދާނިޔަލް ފަރުވާކުޑަގޮތަކަށް ބުނެލައިފި އެވެ.

"ރޯޒާ އަކަށް އަހަރެންގެ އެއްވެސްކަމެއް ފެންނާކަށް ބޭނުމެއް ނުވޭ..... މިލާން އަންނަނީ ކޮންއިރަކުންތަ؟ ޓޫ ލޭޓް، މިލާންގެ ނަމްބަރަށް ގުޅާދީބަލަ....." އިރާ ތުންފަތުގައި ދަތްއަޅާލަމުން އެސްފިޔަތައް ތިރިކޮށްލާފައި އެ ނޫ ދެލޯ ފޮރުވާލައިފި އެވެ.

"ޝީޒް ފަޔަރޑް...... މިލާން އިރާ އަކަށް ހެލްޕްވާން ދެން ނާންނާނެ، އޭނަވެސް ކޮލެޖަށް ދާން ޖެހޭނެ... ގެންނާނެ މެއިޑެއް، ސޯ ނޯ ވޮރީސް..... އިރާ ބޭނުންވިޔަސް ނުވިޔަސް އެހެން ގޮތަކަށް މިކަންތައް ވާނެހެން ހިޔެއްނުވޭ....." ދާނިޔަލްގެ ވާހަކަ ތަކުން އިރާއަށް ކުރި އަސަރު އެނގުނީ އިރާގެ އެސްފިޔަތަކުގައި ވިދަން ފެށި ކަރުނައިގެ މުތީތަކުންނެވެ. އިރުކޮޅެއް ނުވަނީސް އެސްފިޔަތަކަށް ކުޅަދާނަނުވެގެންއެ މުތީތައް ތިރިއަށް ދެމިގަތެވެ. އޭނަ ކާރިން އަހާވެސް ނުލައި މިގޮތަށް ނިންމީ ކާކު ހެއްޔެވެ؟ އޭނަގެ އުފަލާއި މެދު އެކަކުވެސް ނުވިސްނަނީ ހެއްޔެވެ؟ ކިރިޔާވެސް ހިތަށް ފިނިކަމެއް ލިބި އަނދިރިކުއްޖެއްކަން ހަނދާން ނެތެނީ މިލާން އާއިއެކު ވާ ވަގުތުގައެވެ. އެކަކަށްވެސް ނޭގުނީ އޭނަގެ އެންމެ ގާތް އެކުވެރިޔާ އެގޮތަށް ދުރަށް ފޮނުވާލައިގެން އޭނަގެ ހިތަށް ލިބޭނެ އަނިޔާއެވެ. އެކަނިވެރި ވާނެވަރެވެ. ބެޑްޝީޓް ބަދަލުކުރަން އޭނަ ބޭނުންވީ މިލާންގެ އެހީއެވެ. އޭނަގެ މަންމަވެސް މިލާން ދެކެ ފޫހިވާކަން އިރާ ދަނެއެވެ. މަންމަވެސް ދުވަހަކު މިލާންއަށް ތައުރީފުގެ ބަހެއް ރައްދުކުރިކަމެއް ނޭގެއެވެ. ދާނިޔަލްގެ ކޮއްކޮ އަކަށް މިލާން ހުންނަނީ ނަމެއްގައެވެ. 

އިރާ ފާޚާނާއަށް ވަދެ އެތައް ފަހަރު މޫނު ދޮވުނީމަވެސް ތާޒާ ކަރުނަތައް ގިނަވެދެއެވެ. ހިތާމައިގެންގޮސް ހީވަނީ ހަށިގަނޑުގެ ހުރިހާ ހަކަތައެއް ހުސްވެ އޮހޮރިދާނެ ހެންނެވެ. އެ އަޑު އަހާނީ ކާކު ހެއްޔެވެ؟ އެންމެ ހެޔޮއެދޭކަމަށް އޭނަ ހީކުރީ މިލާން އެވެ. މިލާން ދަމުން އޭނަ ގާތުގައި ބުނުމަކީ ބޭނުންކަމެއް ކަމަކަށް ނުދެކުނެވެ. އޭނަފަދަ ނުކުޅެދޭ ކުއްޖަކަށް އެއްވެސް މީހަކު އަޅާނުލާނީ ކަންނޭގެއެވެ. މިލާން އޭނަ ދެކެ ކޮއްކޮއެއްގެ ގޮތުން ލޯބިވިކަމަށް އިރާ ހީކުރި އެވެ. ނަމަވެސް މިލާން ވަކިވުމުގެ ސަލާމްކޮށްނުލާ އެދިޔައީއެވެ.

ހުކުރުދުވަސް ކަމަށް ވާތީ މިލާން އުޅުނީ ވަރަށް އަވަދިނެތިއެވެ. އޭނަ ހެދުންތައް ދޮވުނު އިރު މާމަގެ ހެދުންތައް ދޮވެ އިސްތިރިކޮށް އަލަމާރީގައިވާ ހަރުތަކުގައި އަޅުވާލި އެވެ. މުޅިގެ މޮޕްކޮށް ފެންފޮތިލުމުން ހިރަފުސްކޮޅެއްގެ އަސަރު ފެންނަން ނެތެވެ. ކިތަންމެ އާދައިގެ ތަންކޮޅަކަށް ވިޔަސް ތަރުތީބު ކަމާއި ސާފުތާހިރު ކަމުގެ ނަމޫނާ އެކެވެ. އެބައިގައި ހިފާފައިވަނީ ސައިބޯނީގެ ލުއި މީރުވަހެވެ. މިލާން މަސައްކަތް ކޮށް ނިމިގެން ފެންވަރާލައިގެން ނިކުތް އިރު މޫނު ތާޒާކަމުން ހީވަނީ އެހެންކަމެއް ހެންނެވެ. އިސްތަށިގަނޑު ނިއުޅުވާލާފައި ވާއިރު ދުވާ މީރުވަހުން ސެންޓް ފިހާރަ އަކަށް ވަދެވޭހެން ހީވެއެވެ. މިލާން ކުޑަދޮރު ކައިރީގައި ހުރެ ހަނިގޯޅިގަނޑަށް ބަލާލިއިރު ދާނިޔަލް އާއި އެހެން ދެތިން ޒުވާނުން ހިނގާލާފައި ދާތަން ފެނުމުން ހީވީ ހިތް ފުންމައިގެން ދިޔަހެންނެވެ. ހިތް ބާރުބާރަށް ތެޅިގަތުމުން މިލާން މޭގައި ހިފަހައްޓާލީ ބިރުންހުރެއެވެ.

"މިވަނީ ކިހިނެއްތަ؟ ޑެނިއަލްއަކީ އަހަރެންގެ މީހެއްނޫންކަން ހިތަށް ވިސްނާދީ ދީ މި ނުކިޔަމަންތެރި ހިތަށް އަޑު ނީވެނީ ކީއްވެތަ؟ އަހަންނާއި އެކަށީގެންވާ މީހަކު ދެކެ ލޯބިވާންވީނު..." މިލާން ފެންކަޅިވެފައިހުރެ އަދިވެސް ބޮޑަށް ގުދުވެ ދާނިޔަލްމެން ހިގާފައިދާތަން ބަލަން ހުއްޓެވެ. މިގެއާއި ޖެހިގެން ހުންނަ ގޯޅިގަނޑަކީ މާލޭގައި އޮންނަ އެންމެ ހިތްފަސޭހަ މަގެވެ. ހީވަނީ ޚަރީފުމޫސުމް އައިސްފައި އޮންނަ ވަކި ދުނިޔެއެއް ހެންނެވެ. ބޯގަސްތަކުން ހިޔާއަޅާފައިވާއިރު ދުވާލުވެސް އެމަގުފެންނަނީ ތަންކޮޅެއް އަނދިރިކަން ގަދަކޮށެވެ. އެމަގުގައި ހުންނަ "ކޮޓެޖް"ގައި އުޅޭ ދެމަފިރިންނަކީ ލޯބިވެރިންގެ މިސާލެކެވެ. އެދެލޯބިވެރިންނަކީ މިލާން ދުނިޔެއިން ދުށް އެންމެ ރީތި ޖޯޑެވެ. އެހާ ގުޅެއެވެ. ނަމަވެސް އެހިސާބުގެ އެންމެން ބުނާގޮތުން ކޮޓެޖްއަކީ ޖިންނި އަވަލާފައިވާ ތަނެކެވެ. ދުވާލު ވަގުތެއްގައިވެސް މުފީދާ އެމަގާއި ދިމާލަށް އޮޅުމަކުންވެސް ބަލައެއްނުލާނެއެވެ. މާމަ އޭނައަށް ވެސް އަމުރުކޮށްފައިވަނީ އެމަގުން ނުހިގުމަށެވެ.

މިލާން ދިގުމަގުން ލާފައިދާއިރު އަބަދުވެސް އެ ގޯޅިގަނޑަށް ބަލައިލައެވެ. ފަހުން މިލާންއަށް އެގުނު ގޮތުގައި ކޮޓެޖްއަކީ ދާނިޔަލްމެންގެ ޚާންދާނަށް ނިސްބަތްވާ ޒުވާނެއްގެ ގެއެވެ. ވީއިރު ދާނިޔަލްމެން އެދިޔައީ އެގެއަށް ބާވައެވެ. އެމީހުން މިމަގުން ލާފައި ދިޔައީ ކަންމަތީގައި ހުންނަ ކަޑާއިން ބީޑާ ގަނެގެން ކަމަށް ވެދާނެ އެވެ. މިލާން ހިލައިގެ ބުދެއްފަދައިން ހިރިލާން ނޭގި ހުރެ އިންތިޒާރު ކުރީ ދާނިޔަލްމެން މިކޮޅަށް އަތުވެދާނެ ކަމުގެ އުއްމީދުގަ އެވެ. އެ ރީތި ދެލޯ ބޭގަރާރު ވެއެވެ. އެސްފިޔަ ޖަހާލަން ނޭގި ހުރި އިރު މިލާންއަށް ނޭގުނީ އޭނައަށް ރޮވުނު ކަމެވެ. ކޯތާފަތް ތެމެން ފެށުމުންވެސް މިލާން ހުރީ އޭނަގެ ހިތަށް ވާގޮތާއި މެދު އިންތިހާއަށް ދެރަވެ އަސަރުކޮށްފައެވެ. ޔަގީނެވެ. އޭނައަށް ދާނިޔަލް ދެކެ ލޯބި ވެވިއްޖެއެވެ. ވަރަށް ބޮޑަށްވެސް ލޯބިވެވިއްޖެއެވެ. 

މިލާން އެތެރެއަށް ވަނީ ކުރިމަތީގައި ހުރި ބެލްކަނީއަށް ނުކުތް ޒުވާނަކު އޭނަގެ ސަމާލުކަން ހޯދަން އުޅޭތަން ފެނި ފޫހިވީވަރުންނެވެ.

"މިލާން...... ޓަކިދެނީ ކާކުތޯ ބަލާލަބަލަ، މިގަޑީގައި މިގެއަށް އަންނާނީވެސް ކާކުކަމެއް ނޭގޭ......" މުފީދާ ނަމާދު ދޮޅިލައިގެން އިނދެފައި ގޮވާލުމުން މިލާންގެ ހިތް ހީވީ އުދުއްސައިގަތް ހެންނެވެ. 

ކޮމެންޓް 0