ހުޅަނގު މޫސުމްގެ ވިއްސާރަ ގަދަޔަށް ހަދާލާފައި އޮތުމުން ފަޒާވަނީ ފުސްވެފައެވެ. ބާރަށް ވައިޖެހެން ފެށިގޮތުން ހީވަނީ ގަސްތަކާއި، ފުރާޅުތައް އެއްލާލަފާނެ ހެންނެވެ. މުޅި މާހައުލުގައި ހަރުލާފައި ވަނީ ވައިގެ ބޫން އަޑުފަށްގަނޑެވެ. "އެވަރލޭންޑް" ގައި ބޭއްވުނު ކައިވެނީގެ ޕާޓީއަށް އައި މެހުމާނުންތައް ވާރޭ އޮއްސައިގަތުމުން ކުރިން އެމީހެއްގެ މަންޒިލަކަށް ދާންވެގެން ބޭރަށް ނިކުންނަން ފެށިއެވެ. ފަހަރަކު ކާރެއް ދުއްވަން ފެށުމުން މަގުމަތީގައިވާ ކާރުގެ ކިޔޫ ހުސްވެ މަގުމަތިވެސް ކޮންމެވެސް ވަރަކަށް ފަޅުވެއްޖެއެވެ.

މި ތޫފާނީ ރޭގައި ކުރެވުނީ އެވަރލޭންޑް ކުންފުނިތަކާއި، ރިޒޯޓްވެރިޔާ މުހައްމަދު މަލީކްގެ ދަރިފުޅު ނަހުޔާން އާއި އޭނަގެ ގާތް އެކުވެރިޔާ ނަދީމް ގެ ދަރިފުޅު އައިޒާގެ ކައިވެންޏެވެ. މެހުމާނުން ގޮސް އަވަދިވުމުން ބޭއްވި ފޮޓޯ ސެޝަނަކަށްފަހު އެދެމަފިރިން ކާންވެގެން ކާކޮޓަރިއަށް ދިޔައެވެ. ޕާޓީގައި ރަހަމީރު ކާއެއްޗެހި ހުއްޓަސް ދެކުދިން ކެއުމަށް އެހާ ޝައުގުހުރިހެން ހިޔެއް ނުވެއެވެ. އާއިލާގެ އެހެން މެމްބަރުން ކޮންމެވެސް އެއްޗެކޭ ކިޔައިގެން ދިމާކުރަން ފެށުމުން ދެއްކުންތެރި ހިނިތުންވުމެއް ވެރިކޮށްގެން ތިއްބަސް އެހާ އުފާވެފައި ނެތްކަން އެދެ ޒުވާނުންގެ ލޮލަށް ބަލައިލުމުން ހާމަކޮށްދެއެވެ. އެހެން މީހުންނަށްޓަކައި ހޭން މަޖުބޫރުވެފައިވާ ފަދައެވެ. 

ކާކޮޓަރިއަށް ވަދެ ކާން ފެށިތާ އިރުކޮޅެއް ނުވަނީސް ވާރޭގެ ބޮޑެތި ތިކިތައް ފުރާޅުގައި ބޮސްދޭން ފެށިއެވެ. ކުޑަދޮރާއި ދިމާލުން ފެންނަން ހުރި ހުވަދު، ގުލޭނޫރަންފަދަ ވެލާތަކުގެ ނާޒުކް ގޮފިތައް އެ ބޮޑެތި ވާރޭގެ ތިކިތަކުގެ ގޯނާއަށް ކެތްނުކުރެވިގެން ތެޅިފޮޅިގަތެވެ. ގަސްތަކުގެ ފަތްތައްވެސް ރޫރޫ އަޅާގޮތުން ހީވަނީ ކޮންމެވެސް ފަރާތެއްގެ ހިމާޔަތަށް ބޭނުންވެފައިވާހެންނެވެ. ފުރާޅުމައްޗަށް ހިޔާއަޅާފައިވާ އަނބުގަހުގެ އަނބުކޯނިތައް ފުރާޅުމަތީގައި ތެޅޭ އަޑުފަށްގަނޑުން މާހައުލު ގުގުމާލާއިރު ސިއްސައިގެންދާ ގޮތްވާނެއެވެ. އަންނަން އުޅޭ ތޫފާނެއްގެ އިންޒާރު ހުރިހާ ފަރާތްތަކުން ދެނީއެވެ.

ނަހުޔާން އާއި އައިޒާގެ ކައިވެންޏަކީ އެދެމީހުންގެ މާބޮޑު ރުހުމެއްނެތި އާއިލާއަށް ފެނިގެން ކުރެވުނު ކައިވެންޏެކެވެ. ދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯތްބެއް ނުވެއެވެ. ނަހުޔާން ކިޔަވައިގެން މާލެ އައިއިރު ބައްޕަވަނީ އޭނައަށްޓަކައި ބައްޕަގެ އެކުވެރިއެއްގެ ދަރިއަކު ހޯދާފައެވެ. އެކައިވެންޏާއި ދެކޮޅުހަދަން ނަހުޔާންއަށް ނުކެރުނެވެ. އެ ޒުވާން ހިތުގައި އަދި ޚާއްސަ އަންހެންކުއްޖަކު ނެތަސް ކޮންމެވެސް ދުވަހަކުން މީހަކު ދެކެ ލޯބިވެވޭނެކަމަށް އޭނަ ގަބޫލުކުރެއެވެ. ލޯތްބަކީ ދުނިޔޭގައި ލައްވާފައިވާ އެއްޗެއްކަން ދަނެއެވެ. އިޝްގީ ޒުވާނަކަށްވާތީ އެހިތްވެސް ލޯތްބަށްޓަކައި އިންތިޒާރު ކުރެއެވެ. އެފަދަ ފޮނި ލޯތްބެއް އިހުސާސްކުރަން ހިތް އެދެއެވެ. މުއްސަނދި އެހެން ޒުވާނުން ފަދައިން ބޭނުންހާ އެއްޗެއް ލިބިގެން އުޅެ ބޮޑުވިއިރުވެސް ނަހުޔާންއަށް ނުލިބުނީ މައިވަންތަކަމުގެ ލޯތްބާއި، ލޯބިވާނެ ޚާއްސަ "އަންހެން ކުއްޖާ" އެވެ. އޭނަގެ ހުވަފެންތަކުގައި ވަނީ ކޮންކުއްޖެއްކަން ނަހުޔާން އަކަށް ނޭގެއެވެ. މިވީހާތަނަށް އޭނަގެ ފައި ބިމުން ކަޓުވާލަފާނެ އަންހެންކުއްޖަކާއި ދިމާވެފައެއް ނުވެއެވެ. އެކުއްޖާ ދުނިޔޭގެ ކޮންމެވެސް ތަނެއްގައި އުޅޭނެކަން އެނގި އެކުއްޖާއަށްޓަކައި ހިތް އިންތިޒާރު ކުރަނިކޮށް މި ދިމާވީ ހީނުކުރާފަދަ ކަމަކާއެވެ.

ނަހުޔާން ގެ ދެލޯ ހުއްޓިފައި ވަނީ ކުޑަދޮރުގައި ތަޅަމުން ދިޔަ ގަސްތަކުގެ ގޮފިތަކަށެވެ. އޭނަ ޚިޔާލަކަށް ގެއްލިފައި އިންދާ އައިޒާ ފޮނި އެއްޗެއް ކާލާފައި އެތަނުން ނުކުމެގެން ދިޔައީ ފަރި ހިނގުމެއްގައެވެ. އައިޒާގެ ހުދުކުލައިގެ ހެދުމުގެ ފަސްބައި އޮތީ ދޫލަމަތީގައެވެ. އައިޒާގެ އެކުވެރިޔާ ސުދާ ފަސްބައި ހިއްލާލައިގެން ހުރެ ދޮރުހުޅުވާލަދިނެވެ.

"ބިރެއް ނުގަނޭތަ؟ " ސުދާ އެއްލޯ މަރާލުމުން އައިޒާ ހުރީ ސީރިޔަސް ވެލާފައެވެ.

"ކޮން ކަމަކާ ބިރުގަންނަންވީ؟ ފިރިހެނަކަށް އަހަރެންގެ ގަޔަކު އަތެއް ނުލެވޭނެ......" އައިޒާ ޔަގީންކަން ދިނެވެ.

"އަމިއްލަ ހައްގަކަށް ވީމަ ބާރު ހިންގާލާނެ.... ބީ ކެއަރފުލް އިނގޭ......." ސުދާ އައިޒާގެ އޮމާން ކޯތާފަތުގައި ހިފާލައިފި އެވެ.

"ޑޯންޓް އަންޑަރއެސްޓިމޭޓް މީ، އަހަންނަކީ އެހެން ކުދިންނާއި ތަފާތު މީހެކޭ، އެހެންނޫނަސް ސުދާއަށް ރަނގަޅަށް އެނގޭނެ މިއީ އެރެންޖް މެރިޖެއްކަން، ޓައިމް ބޭނުންވާނެކަން، ވީމަ އަހަންނާއި ދިމާކުރަން ނަހަދަބަލަ...." އައިޒާ ކުޑަ ހިނިތުންވުމެއް ދިނެވެ. އޭނަގެ ހިތުގައިވާ އެއްޗެއް އެހެން މީހަކަށް އެންގުމަކީ އައިޒާ މިވީހާތަނަށް ކޮށްފައިވާ ކަމެއް ނޫނެވެ. ހިތުގައިވާ އެއްޗެހި ފޮރުވަން އައިޒާ ނިކަން ކުޅަދާނަވާނެއެވެ.

ދެމީހުން އެކީގައި ހޯލެއްފަދަ ބޮޑު ކޮޓަރި ކަޑައްތުކޮށްލާފައި ގޮސް އަނބުރައިލީ ވައަތްފަރާތުގައިވާ ފުޅާ ކޮރިޑޯއަށެވެ. އެންމެ ފަހަތުގައި ހުރީ ނަހުޔާންގެ ކޮޓަރިއެވެ. ދެމީހުން އެކީގައި އެތަނަށް ވަދެފައި ސުދާ ދެލޯ ބޮޑުކޮށްލިއެވެ. ކޮޓަރި ތަންކޮޅެއް އާސާރީގޮތަކަށް ހަދާފައި ހުއްޓަސް މިރެއަށް ޒީނަތްތެރި ކުރެވިފައިވާއިރު ފުރިހަމަ ކަމުން ލޯ ތަރަތަރަޖަހައިގެން ދާހާވެއެވެ. އުއްބައްތިތަކުގެ ފަނޑު އަލީގެ ސަބަބުން ކޮޓަރީގައި އިޝްގީ ކުލަ ޖައްސާފައިވާއިރު ކިންގްސައިޒް އެނދުވަނީ ފިނިފެންމަލުގެ ފިޔަތަކުން ޒީނަތްތެރި ކޮށްލާފައެވެ. ތަން އެއްވަސްވެފައި ވަނީ ވިރެމުންދާ ފްރީޝިއާ އުއްބައްތިއެއްގެ ހިތްގައިމު ވަހުންނެވެ. ސުދާ ކޮޓަރި ތެރޭގައިވާ އެއްޗެހި ހާވައި އުޅެން ފެށިގޮތަކުން އައިޒާއަށް އެއްޗެކޭ ނުބުނެ ހުރެވުނީ ކެތްގަދަކަމުންނެވެ. ނަހުޔާން އަލަމާރި ތަކާއި ވައްގަނޑުތައް ތަޅުލާފައި ހުރިކަމީ ނަސީބެކެވެ.

"އާހް، ނަހުޔާން އަށް އޭނަގެ ރީތި ވައިފް ފެނުނީމަ ފެއިންޓްވާނެކަން ޔަގީން، އަޅެ މަގޭ ވެޑިން މިހާ ފުރިހަމަވާނެތަ؟ އަހަރެންވެސް ބޭނުން މަގޭ ރޭގައި މިގޮތަށް ފުރިހަމަ ކޮޓަރިއަކާއި ބޯކޮށް ވާރޭ ވެހެން......." ސުދާގެ ލޯ އަނެއްކާވެސް ހުއްޓުނީ އައިޒާގެ މޫނަށެވެ. ހާދަ އޮމާނެވެ. ދެލޮލުގައި ހުރި މުށިކުލައާއި، އެސްފިޔަތަކުގެ ބޯކަމުން އެ ލޮލުގެ ހިޔާވަހިކަން ބޭނުން ނުވާނީ ކާކުހެއްޔެވެ؟ ހުރިހާކަމަކަށް ވުރެ ރީތިކުރަނީ އޭނަގެ ފުރިހަމަ ވަނާތައް އެޅިފައިވާ ރީތި ހަށިގަނޑެވެ. ސުދާ ދެކޭގޮތުގައި އަންހެންކުދިންވެސް މަރުދަން ޖެހޭނެއެވެ. ވީއިރު ފިރިހެނުންނަށް ކިހާ ވަރެއްވާނެ ހެއްޔެވެ؟ ސުދާ އަނގަ ތަޅުވާވަރުން އައިޒާ ހުރީ އުދަގޫވެފައެވެ. އޭނަ މިހިރީ މި ބަރު ހެދުން ބާލާފައި މި އަރާމު ރޭގައި އެނދުގެ ރަޖާދަށުގައި ފޮރުވިގަންނަ ހިތުން ކެތްނުލަވާފައެވެ.

"މިހާރު ނަހުޔާން އަންނަން އުޅޭނެ އިނގޭ...." އައިޒާ ރީތިވާ މޭޒުދޮށުގައި ހުރެ ގަހަނާތައް ބާލަން ފެށިއެވެ. ނުސީދާ ބަހުން ސުދާ ގާތުގައި މިތަނުން ދާން ބުނެވުނު އަދަދެއްވެސް ނޭގެއެވެ.

"މޭކަޕް ރިމޫވް ކޮށްދެންތަ؟ ނެޗުރަލްކޮށް ހުރީމަ ހަޒްބެންޑް އެޓްރެކްޓް ވާނީ......" ސުދާ ކައިރިވުމުން އައިޒާ ދުރަށް ޖެހިލިގޮތުން ސުދާއަށް ހީވީ ހިތުގައި ލައްކިއެއްޖެހިހެންނެވެ.

"ފޮނިކުއްޖާގަނޑު........" ސުދާ އައިޒާގެ ކޯތާފަތުގައި ބޮސްދިން ވަގުތު ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފި އެވެ. ސުދާ ސިހިފައި ދުރަށް ޖެހިލި ގޮތުން މީހަކަށް ނުބައި ޝައްކެއް ނުކުރެވޭވަރެއް ނޫނެވެ. އޭނަ އަވަސްވެލާފައި ދާން ހިނގައިގަތް ގޮތުން މޭޒުމަތީގައި ހުރި އުއްބައްތިއެއްގައި އަޅައިނުގަތީ ކިރިޔާއެވެ. ދޮރުމަތީގައި ހުއްޓިލައިގެން ހުރި ނަހުޔާން އެއްޗެކޭ ބުނަން އުޅެލާފައިވެސް ސަމާލުކަން ދިނީ އައިޒާ އަށެވެ.

އައިޒާ އަލަމާރި ހުޅުވާލާފައި ނިދާހެދުމެއް ނަގައިގެން ފާޚާނާއާއި ދިމާލަށް ހިނގައިގެންފިއެވެ. ނަހުޔާން ދޮރު ލައްޕާލާފައި ތަންޑު އެޅުވިއިރު އައިޒާގެ ފަރާތުން އެއްވެސް އުފަލެއް ހޯދަން ޚިޔާލެއް ނުކުރެއެވެ. އައިޒާއަށް ވަގުތުދޭން އޭނަ ބޭނުންވެއެވެ. އެހެންނޫނަސް އޭނަގެ ހިތުގައި އައިޒާއަށް ޓަކައި ވިންދު ނުޖަހާއިރު އެފަދަ ގުޅުމެއް ބާއްވަން ހިތް ނޭދުނީއެވެ. ނަހުޔާން ގެ ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލިގޮތުން އޭނަ ހުރީ ވިސްނުމެއްގައިކަން އެނގެއެވެ. ނަހުޔާން ފުޅާ ކުޑަދޮރެއް ހުޅުވައިލުމުން ވާރޭގެ ތިކިތައް ބުރައިގެން އައިސް އެ ރީތި މޫނުގައި ލުއިކޮށް ބޮސްދިނެވެ. 

"ނަހުޔާން...." އައިޒާ މަޑުމައިތިރި ކަމާއިއެކު ގޮވާލުމުން ނަހުޔާން އެނބުރުނެވެ. ފަނޑު އަލީގެ ތެރެއިން އެ ރީތި މޫނު ފެންނަނީ ފިރިހެންވަންތަ ކޮށެވެ. އައިޒާ ފުންނޭވަޔެއްލިއެވެ.

"ސޯފާގައި ނިދާލަފާނަންތަ؟ އަހަންނަކަށް ނުކެރޭނެ މާ ތިރިތަނެއްގައި އޮންނަން، ބިޗުލެއް އަރާފާނެ..." އައިޒާ ޖެހިލުންވެފައި ހުރެފައިވެސް ހީލިއެވެ. ނަހުޔާން ކުޑަދޮރު ހުޅުވާލައިގެން ހުރުމުން ހުރަހެއްނެތި ވަންނަމުން ދިޔަ ވައިރޯޅިތަކުގެ ހަމަލާއިން ލޭޔަރސްކޮށް ކޮށާލާފައިވާ އިސްތަށިގަނޑު ވަޔާއިއެކު އެގޮތް މިގޮތަށް އުދުހެން ފެށިއެވެ. އުއްބައްތިތަކުގެ ހުޅުކޮޅުތަކަށްވެސް ކެތްނުވެގެން އުޅޭތަން ފެނުމުން ނަހުޔާން ދޮރު ލައްޕާލައިފި އެވެ.

"އޯކޭ ވާނެ..." ނަހުޔާން ކުޑަކޮށް ހިތްހަމަނުޖެހޭ ގޮތްވި ނަމަވެސް އެކަން މޫނުމަތިން ނުދައްކައެވެ. 

"ތެންކިއު..." އައިޒާ އޭނަގެ ލެޕް ދަބަހުން ނެރެގެން ގޮސް އެނދުމަތީގައި ޖައްސާލި ގޮތަށް އެފްބީއަށް ވަދެއްޖެއެވެ. ނަހުޔާން އުޅޭލެއް ބީރައްޓެހިކަމުން އައިޒާއަށް މިނޫން ގޮތެއް އެބައޮތް ހެއްޔެވެ؟ އިސްނަގަން ޖެހޭނީ ފިރިމީހާ އެވެ. އެކަމަކު ނަހުޔާން ހާދަ ރަސްމީއެވެ. އައިޒާ ތުންފަތުގައި ދަތްއަޅާލި އިރު ހިތަށް އުދަގޫތަކެއްވެފައިއެވެ. އަމިއްލަ ނަފުސަށް އިތުބާރު ކުރަމުން އަޔަސް މިރޭ އެ އިތުބާރަށް ކުޑަ ލޮޅުމެއް އަރައިފި އެވެ. ނަހުޔާންގެ ހިތުގައި އޭނަގެ މައްޗަށް ކުޑަ ނަމަވެސް ޝައުގެއްނެތްކަން ޔަގީންވުމުން ހިތަށް އަސަރުވެސް ކޮށްފިއެވެ.

ނަހުޔާން ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ސޯފާގައި ދިގު ދަމާލި ނަމަވެސް ލޮލަށް ނިންޖެއް ނައެވެ. އޭނައަކީ އަބަދުވެސް ބޮޑު އެނދެއްގައި އެކަނި ނިދަން ހޭނިފައިވާ ޒުވާނަކަށް ވާތީ މިހާ ދަތިކޮށް އޮތުމުން ހަމަޖެހިލައިގެން ނިދަން ނޯވެވުނީއެވެ. އައިޒާއަކީ މާ ބޮޑަށް ފިނިވާ ކުއްޖަކީ ކަންނޭގެއެވެ. އޭނަ އޭސީ ކަނޑާލައިގެން އޮތުން ނަހުޔާންއަށް ވީ އަޒާބަކަށެވެ. ހޫނުވާން ފެށީ އިންތިހާ އަށެވެ.

ނަހުޔާން ވިސްނުމެއްގެ ތެރޭގައި އޮތްވާ ނިދުނު އިރެއްވެސް ނޭގެއެވެ. އިރުއިރުކޮޅާ ހޭލެވޭތީ އުނދަގޫވެގެން އޭނަ އޭސީ ޖައްސަންވެގެން ރިމޯޓް ހޯދަންފެށިއެވެ. އެކަމުގައި އުޅެމުން އެނދަށް ބަލައިލެވުނު އިރު އައިޒާ އެނދުގެ ހުރަހަށް ކަހަލަ ގޮތަކަށް ނިދާލާފައި އޮތްތަން ފެނުނެވެ. ލެޕް ހުޅުވާފައި ހުރުމުން ނަހުޔާން އަށް ވިސްނުނީ އޭނަ ޗެޓްކުރަން އޮތްވާ ނިދިގެން ވެއްޓުނީކަމެވެ. ކިރިޔާ އަތުން ޖެހުނަސް ލެޕް ދޫލަމައްޗަށް ވެއްޓިދާނެތީ ނަހުޔާން ތެދުވެގެން ގޮސް ލެޕް ނަގާފައި މޭޒުމަތީގައި ބަހައްޓައިފިއެވެ. "ލަވް" ޖަހާލާފައި ހުރި ފޯލްޑަރ އެއް ފެނުމުން ހުޅުވައިލީ ހިތުގައި އުފެދުނު ޝައުގަކުންނެވެ. އައިޒާގެ ލޯބިވެރިޔަކު ހުރީބާވައެވެ. އެހެންވެއްޖެނަމަ އެކަން އޭނައަށް އެނގެން ޖެހޭނެއެވެ. ނަހުޔާން އެ ފޯލްޑަރ ހުޅުވާލުމާއިއެކު ފެންނަން ފެށީ އަންހެންކުދިންގެ ތަސްވީރުތަކެވެ. މުޅިންވެސް ބިކިނީގައި ތިބި މޮޑެލް ކުދިންނެވެ. އަންހެންކުއްޖަކު މިހާވަރަށް އަންހެންކުދިންގެ ނިވާކަން ކުޑަ ފޮޓޯތައް ބަލާނީ ކޮންމެވެސް ނިޔަތެއް އޮވެގެންތާއެވެ.

ނަހުޔާންގެ ސިކުނޑީގައި ޖެހުނު އެއްޗަކުން އޭނަގެ ނިތުގައި ރޫތައް ގިނަވިއެވެ. އޭނަގެ އެކުވެރި ފިރިހެނެއްގެ ކައިވެނި ރޫޅެން ދިމާވީ އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް އެފަދަ އަންހެންކުއްޖެއް އައުމުންނެވެ. އައިޒާ އެފަދަ ނުބައި ކުއްޖަކަށް ވެދާނެބާވައެވެ. ފިރިހެނުންނާއި އެހާ ދުރުން އުޅެނީ އެހެންވީމަ ހެއްޔެވެ؟ ސިއްރަކީ ކޮބާހެއްޔެވެ؟ މި ފޯލްޑަރ ދައްކާލާފައި ސީދާ ސުވާލު ކުރަންވީ ކަންނޭގެއެވެ.

ނަހުޔާން އަވަހަށް ލެޕް ނިވާލުމަށްފަހު ސޯފާގައި ހަށިގަނޑު ދަމާލިޔަސް ނިދީގެ އަސަރެއް އެ ލޮލުގައި ނެތެވެ. އަންހެން ކުދިންނާއި މެދު ވިސްނި ވަރަކަށް ހިތުގައި ފޫހިކަމެއް އުފެދެން ފެށިއެވެ. އޭނަ އަންހެނުންނަށް އިތުބާރު ކުރަންވީ ކީއްވެހެއްޔެވެ؟ އޭނައާއި ކޮއްކޮ ދާނިޔަލް ކުޑައިރު ދޫކޮށްލާފައި ދިޔަގޮތަށް މަންމަގެ ޚަބަރެއް ނުވިއެވެ. މަންމަގެ ނަން ފިޔަވާ އެހެން އިތުރު މައުލޫމާތެއް ނޭގެއެވެ. ދުނިޔޭގައި ހުރިކަމެއްވެސް އެނގެނީއެއް ނޫނެވެ. އުމުރުން ހަތާވީސް އަހަރު މި ފުރުނީ މަންމަގެ ލޯބިން މަހުރޫމްވެފައި ހުރެ، ނުފޫޒުގަދަ ދޮންމަންމައެއްގެ ގާތުގައެވެ.

ހެނދުނު ނަހުޔާން ލޯހުޅުވައިލީ އިރުގެ އަވި މޫނަށް އެޅެން ފެށުމުންނެވެ. އައިޒާ ކުޑަދޮރުގެ ފޮތިތައް ކަހާލާފައި ހުރުމުން އިރުގެ އަވި އެއްވެސް ހުރަހެއްނެތި ކޮޓަރި ތެރެއަށް ފަތުރާލާފައިވެއެވެ. އައިޒާ ރީތިވާ މޭޒުދޮށުގައި ލޮލުގައި އަނދުން އަޅަން ހުރެފައި ނަހުޔާންއަށް ބަލައިލި އެވެ. 

"މޯނިން ނަހުޔާން......" އައިޒާ ރަސްމީ ވާޖިބު އަދާކުރުމުން ނަހުޔާން ހިތާހިތުން ހީލިއެވެ. އެދެމީހުން ހޮސްޕިޓަލުގައި އުޅޭއިރު އޮންނަ ރަސްމީ ގުޅުން ކޮޓަރި އާއި ހަމަޔަށްވެސް އައިސްފައިވާހެން ހީވިއެވެ.

ނަހުޔާން ގަދަކަމުން ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވާފައި ތުވާލި ހިފައިގެން ހިނގައިގަތީ ފާޚާނާ އާއި ދިމާލަށެވެ. ޝަވަރަށް ދޫކޮށްލުމާއިއެކު ފިނިފެން އެ ކަސްރަތީ ހަށިގަނޑުގައި ބޮސްދޭން ފެށިނަމަވެސް ހިތުގައިވާ އުދާސްކަން ފިލައިގެނެއް ނުދިޔައެވެ. ކައިވެންޏަށް އެންމެ ދުވަހެއް ނުވަނީސް ކައިވެނި ރޫޅިދާނެކަމުގެ ސިގްނަލް ހިތުގެ ކަނަކުން ދޭންފެށިއެވެ. 

ނަހުޔާން ބޭރަށް ނިކުތީ ކަޅުކުލައިގެ ޖިންސަކާއި ޓީޝާޓެއް ލައިގެންނެވެ. އިސްކޮޅުން ދިގުވެފައި ބާމަތިފުޅާކަމުން އޭނަ ފެންނަލެއް އިންތިހާއަށް ރީއްޗެވެ. އެހާ ސްމާޓެވެ. ގަވާއިދުން ޖިމަށްދާކަން ހަށިގަނޑުގެ މަސްތައް ރީތިކަމުން ހާމަކޮށްދެއެވެ. މޫނުމަތީގެ ކޮންމެ ސިފައަކުން ދައްކަނީ ފިރިހެންވަންތަ ކަމެވެ. 

"ދަތުރު ނަހަދަންތަ؟" ނަހުޔާން ގަމީހުގެ ގޮށްތައް އަޅަންފެށިއެވެ.

"އަހަރެން ބޭނުމެއް ނޫން ހަނީމޫންގައި އެއްވެސް ތަނަކަށް ދާން....." އައިޒާ ހުރީ ފޫހިވެފައެވެ. ނަހުޔާން އޭނައަކީ އަންހެނުން ކަމަށް ނުދެކި އެހާ ދުރުން އުޅެންޏާ ހަނީމޫންގެ ބޭނުމެއް އޮންނާނެ ކަމަކަށް އައިޒާ ނުދެކެއެވެ. ފޫހިވެގެންގޮސް އޭނަ މަރުވެދާނެއެވެ. އެފަދަ ގާތްކަމެއް އޮތް ދުވަހަކުން ހަނީމޫން ހެދިދާނެއެވެ. 

"އެއީ ކީއްވެތަ؟ ބައްޕަމެން ޓްރިޕެއް ދެއްވީމަ އެންމެ ރަނގަޅެއްނު ގޮސްލަން..." ނަހުޔާން ވެސް ހުރީ ދާ ހިތަކުންނޫނެވެ. އައިޒާ ދެކޮޅު ހެދީތީ ނަހުޔާން ހިތުގެ އަޑިން އުފާކުރިއެވެ.

"ނަމެއްގައި ކުރެވުނު ފޭކް މެރިޖަކުން ހަނީ މޫން ނެހެދިޔަސް ރަނގަޅުވާނެ، ލާރި ވޭސްޓް ވުން ނޫންކަމެއް ނުވާނެ........" އައިޒާ ފޯނާއި ކުޅެލަން ހުރިއިރު ތުންފަތްމަތީގައި ހިނިތުންވުމެއް ވިއެވެ. އައިޒާގެ ސިއްރުވެރި ކަމުން ނަހުޔާންގެ ހިތް ގޯސްވުން ނޫންކަމެއް ނުވިއެވެ. ނަމަވެސް ކުށްހީއެއްގެ މައްޗަށް ވާހަކަދެއްކިގެން ނުވާނެއެވެ. އައިޒާ އަތުގައި އަންހެންކުދިންގެ ފޮޓޯ ހުއްޓަސް އަދި އެފަދަ ނުބައި ކުއްޖަކަށް ވެދާނެހެން ހިޔެއްނުވެއެވެ. ސުދާ އައިޒާގެ މޫނުގައި ބޮސްދިނަސް އެއީ މައްސަލައެއް ނޫނެވެ. ނަހުޔާން ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"އައިޒާ ލަވް މެރިޖެއް ބޭނުންވަނީތަ؟ ހުރޭތަ ޚާއްސަ ކުއްޖެއް؟ " ނަހުޔާން ސެންޓު ޖަހައިލުމުން ހިތްގައިމު ވަހެއް ކޮޓަރިތެރޭގައި ހިފާލައިފި އެވެ.

އައިޒާ ކުއްލިއަކަށް ހޭންފެށިއެވެ. އެއީވެސް ކޮންމެހެން އެދެމީހުންގެ ވާހަކައި ގައެއް ނޫނެވެ. ފޯނުން އައިޒާ ވާހަކަދައްކާ މީހަކު މާ ލާނެތްވަނީ ކަންނޭގެއެވެ. ނަހުޔާން އެވާހަކަ އޮޅުން ފިލުވަން އުޅެލާފައި ހިމޭންވިއެވެ. އައިޒާ ކޮންމެ ގޮތަކަށް އުޅުނަސް އޭނަ އަޅާނުލާންވީ ކަންނޭގެއެވެ. އައިޒާ އެހާވަރުން މުހިއްމުވެގެން ނޫޅޭއިރު އޭނަ ކޮންމެހެން އައިޒާ ކުރާހާ ކަމަކަށް ޝައުގުވެރިވާން ޖެހޭނެ ހެއްޔެވެ؟ 

"ސައި ބޮއިފިންތަ؟ " ނަހުޔާން ދާން ހިނގައިގަންނަމުން އަހާލައިފި އެވެ.

"ނޫން....." އިތުރަށް އެކަމާއި ބެހޭގޮތުން ވާހަކަ ދެއްކުން އައިޒާއަށް މުހިއްމެއް ނުވިއެވެ. އޭނަ އިނީ އޭނަގެ އަމިއްލަ ދުނިޔެއެއްގައެވެ. ނޫނީ ގަސްތުގައި ޑްރާމާއެއް ކުޅެލަނީއެވެ. އައިޒާ ނަހުޔާން އަށް ބަލައިލީ ސިއްރުންނެވެ.

ނަހުޔާން ކޮރިޑޯއަށް ނުކުތްއިރު އޭނަ ވިސްނީ އައިޒާގެ އުޅުން ހުރިގޮތާއި މެދުގައެވެ. އޭނަގެ ބައްޕައަށް އައިޒާ އެހާ ރަނގަޅު، މާތް ކުއްޖަކަށް ވީގޮތެއް އޭނަގެ ވިސްނުމަކަށް ނައެވެ. އައިޒާގެ އުޅުން ވަރަށް ތަފާތެވެ. އެހާ ރަނގަޅު ކަމެއް އޭނަ އަކަށް ނުފެނުނެވެ. އައިޒާ އަކީ އަންބަކަށް ވާން އެހާ ކަމުދާ ކުއްޖެއް ކަމަކަށް ނަހުޔާން ނުދެކެއެވެ. ކިޔަވައިގެން ހުރި މޮޅު ކުއްޖަކަށްވީމަ އޭނަ އިސްކަން ދެނީ ކެރިއަރ އަށެވެ. ހެލްތް މެނޭޖްމެންޓުން ޑިގްރީއެއް ހަދާފައިވާ އައިޒާ ހޮސްޕިޓަލް އެމްޑީއަކަށް ހުރިއިރު ނަހުޔާންގެ "ބޮސް" އަކަށްވެފައި ވަނީ އައިޒާ އެވެ. ނަހުޔާން ބޭނުމީ ގެވެހި އަންބެކެވެ. ނަމަވެސް އޭނަ ބޭނުންވި ގޮތަކަށް ދިރިއުޅުމުގެ އެއްވެސް ކަމެއް އެބަދޭހެއްޔެވެ؟

ނަހުޔާންގެ ދޮން މަންމަ ޖުވޭދާ އޮންނަނީ "އެވަރލޭންޑް"ގައި ގަވާއިދުތައް ހަދާފައެވެ. ކާގަޑިއަށް އެންމެން ކޮންމެ ގޮތެއް ހަދާފައިވެސް މޭޒުދޮށަށް ޖަމާވާން ވާނެއެވެ. އެހެންނޫނީ އެމީހަކު އަމިއްލައަށް ރޯޒާއަށް ގޮވައިގެން ސައި ހަދުވާނީއެވެ. އެއީ އާދައަކަށް ނަހަދަން ދޮންމަންމަ ވަނީ ގަދަޔަށް އަމުރުކޮށްފައެވެ. އެ ގަވާއިދުތަކަށް ނަހުޔާންމެން އަމަލުކުރަނީ ބައްޕައަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުންނެވެ. އެހެންނޫންނަމަ ޖުވޭދާއަށް ކިޔަމަންތެރި ވާން ޖެހޭނެ ހެއްޔެވެ؟

ކެއްކުމާއި ސާފުކުރުމުގެ މަސައްކަތުގައި ރޯޒާގެ އިތުރުން އުޅެނީ ދެބައި އުމުރުގެ އަންހެނެކެވެ. މުފީދާގެ ހީވާގިކަމާއި، ދިވެހި ކެއުން ތައްޔާރުކުރަން މޮޅުކަމުން ޖުވޭދާ އޭނަ ދޫކޮށްލަން ބޭނުމެއްނުވިއެވެ. އެދެމީހުންވެގެން ފާޚާނާވެސް ސާފުކޮށްލާއިރު އޮފުއަރުވައިލައެވެ. ގެއިން ހިރަފުސްކޮޅެއް ނުފެންނަނީ މުފީދާމެންގެ މޮޅުކަމުންނެވެ.

ނަހުޔާން ކާކޮޓަރިއަށް ވަންތަނާ ފްރިޖް ހުޅުވާލައިގެން ހުރި މުފީދާ ސިހޭގޮތްވެފައި އަވަހަށް އޭނަ ނެގި ޗީޒް ޕެކެޓް އޮތްތާ ބާއްވާފައި ބާރަކަށް ރޯޒާއަށް ގޮވަން ފެށިއެވެ. ނަހުޔާން ކޮފީއެއް ހިފައިގެން ގޮސް ގޮނޑިއެއްގައި ޖައްސާލި ތަނުން ޖުވޭދާ ދޮރުން ބޯދިއްކޮށްލައިފި އެވެ.

"ނަހުޔާން މީހަކާއި އިނީމަވެސް ޚިދުމަތްކޮށް ދެނީ ރޯޒާތަ؟ އައިޒާ ކާން ނަހަދަނީތަ؟ " ޖުވޭދާގެ ސުވާލުން ނަހުޔާން ގެ މޫނަށް ނުރުހުމުގެ ކުލަވަރު ވެރިވެގެން ދިޔައެވެ. ޖުވޭދާ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އަވަހަށް ދިޔުމުން ނަހުޔާން ކޮފީތަށި ތުބުގައި ޖެހިއެވެ.

ނަހުޔާން ދެކޭގޮތުގައި އެފަދަ އެއްވެސް ކަމަކާއި ބެހުމުގެ ހައްގެއް ދޮންމަންމައަށް އޮވެގެން ނުވާނެއެވެ. ބައްޕަގެ ފައިސާއިން ނޯކަރުން ހޯދާފައި ތިބޭއިރު އެމީހުން ބޭނުންވާ ކޮންމެ ޚިދުމަތެއް ކުރުވުމުން ޖުވޭދާ ފާޑުކިޔާކަށް ނުޖެހޭނެއެވެ. ނަމަވެސް ޖުވޭދާ މާ "މަންމަ" ހެދިގެން ނަހުޔާންމެންގެ ޒާތީ ކަންތަކަށް ނުފޫޒު ފޯރުވާތީ އެކަން ވަނީ ނަހުޔާންއަށް ބޮޑު އުދަގުލަކަށް ވެފައެވެ. އޭނަކުރާ ކޮންމެ ކަމަކަށް ޖުވޭދާ ފާޑުކިޔަން ޖެހޭ ހެއްޔެވެ؟

ނަހުޔާން އަތުގައިވާ ފޯނާއި ކުޅެން އިންދާ ރޯޒާ މޭޒުމައްޗަށް ކާއެއްޗެހި އެރުވިއެވެ.

"އެވަރލޭންޑް" ގެ މެމްބަރުން އެހާ ގިނައެއްނޫނެވެ. މަލީކްގެ އަންހެނުންނާއި ދެ ދަރިން އަދި ދޮންދަރިފުޅު އިރާ ފިޔަވާ އެހެން ބަޔަކު އެ ބޮޑުގޭގައި ދިރިއެއް ނޫޅެއެވެ. ގެ ހުންނަނީ ތަންކޮޅެއް އާސާރީ ކޮށެވެ. ހައިވަކަރު ބޮޑެތި ދޮރުފަތްތަކާއި ދިގު ކުޑަދޮރުތައް ލާފައިވާއިރު ކޮޓަރިތައް ފަރުމާކޮށްފައި ވަނީ އިހުގެ ގޮތަށެވެ. ފަރުނީޗަރުތައް ތަންކޮޅެއް ޒަމާނީ ވިނަމަވެސް ގޭތެރެއަށް ވަނުމުން އާސާރީ ގޮތެއްވެސް ހުރެއެވެ. ދެބައި އެކުވެފައިވުމުން ހައިބަތު އިތުރުވާކަމަށް ބައެއް މީހުންނަށް ފެންނާނެއެވެ. މަލީކްގެ މުއްސަނދި ކަމުން ބޭނުންހާ އެއްޗެއް ލިބޭއިރުވެސް އޭނަގެ ކުޑައިރުގެ ހަނދާންތައް އާކުރުވާ މިގެއަށް މާ ބޮޑު ބަދަލެއް ގެންނަން ބޭނުންނުވީއެވެ. އެހެންނޫނަސް މާޒީއިން ލިބުނު ހިތި ފިލާވަޅާއި މެދު ވިސްނާލާފައި އޭނަ ކުދިންނަށް ހޯދަދޭން ބޭނުންވީ މެދުމިނުގެ ދިރިއުޅުމެކެވެ. އެކަނި އޮތީ ދުނިޔެ ނޫންކަމާއި ކޮންމެ ވަގުތެއްގައި ވެސް އާޚިރަތަށް ދަތުރު ހަދަން ޖެހިދާނެކަން ހަދާންކޮށް ދެއްވުމަކީ އޭނަގެ ވާޖިބެކެވެ. މާ މުއްސަނދިކޮށް އުޅުމުގެ ބަދަލުގައި އަމިއްލަ މަސައްކަތް ކޮށްގެން ދުނިޔޭގައި އުޅެން މަލީކް ވަނީ ދަސްކޮށްދެއްވާފަ އެވެ. އަމިއްލަ ތަންތަކުން ދަރިންނަށް ވަޒީފާ ލިބެން އޮތްއިރު އޭނަގެ އެކުވެރިޔާ ނަދީމްގެ ހޮސްޕިޓަލުން ދަރިންނަށް ވަޒީފާ ހޯދަދިނީ ވެސް ޒިންމާދާރު ކުރުވުމަށެވެ. މަސައްކަތް ހީވާގި ކަމާއި އެކު ކޮށްގެން އެހެން ފަރާތަކުން އާމްދަނީ ލިބުނީމަ އެކުދިންނަށްވެސް ބައްޕަގެ މުއްސަނދިކަމުން ނޫޅެ އަމިއްލަ ފައިމައްޗަށް ތެދުވެވޭނެތީއެވެ. 

ނަހުޔާން ވީ މަލީކް ފަޚުރުވެރިވާފަދަ ހަރުދަނާ، ޒިންމާދާރު ދަރިއަކަށެވެ. ދާނިޔަލް އަދި ކިޔަވައިގެން އައިގޮތަށް ވަޒީފާއަށް ނުނިކުމެއެވެ. އެހެންނޫނަސް ދާނިޔަލްގެ މިޒާޖާއި، އުޅުން ތަންކޮޅެއް ތަފާތުކަން މަލީކް ދެނެލައްވައެވެ. ކުދިންގެ މަންމަ ދިޔުމުން އެންމެ އަސަރުކޮށްފައި ވަނީ ދާނިޔަލް އަށެވެ. އެހެންވުމުގެ ސަބަބުން މަލީކް ދާނިޔަލްއަށް ޚާއްސަގޮތެއް ބަހައްޓަވައެވެ. ދޮންމަންމައަކީ އޭނައަށް ނުބައިމީހެއް ނޫންކަން ދައްކަވަންވެސް މަލީކް މަސައްކަތް ކުރައްވައެވެ.

މަލީކްގެ ދޮން ދަރިފުޅު އިރާއަށް ލިބިފައި ވަނީ ތަފާތު ރީތި ކަމެކެވެ. އިރާގެ ހަމުގެ ދޮންކަމާއި، ނޫކުލައިގެ ރީތި ދެލޯ އަދި މުށިކުލައިގެ ފަން އިސްތަށިގަނޑުގެ ސަބަބުން އޭނަ ބޮޑަށް ވައްތަރީ ބޭރުކުއްޖަކާ އެވެ. ތަންކޮޅެއް ޅަ އަންހެންކުއްޖަކަށް ވެފައި އެއްވެސް ފިކުރެއް ޚިޔާލެއްނެތި އޭނަ އުޅޭއިރު އެއީ ކޮންމެ އަންހެންކުއްޖެއްގެ ހުވަފެނީ ދިރިއުޅުން ކަމަށް ވެދާނެއެވެ. ޕިއާނޯ ކުޅުމުގެ އިތުރުން ލަވަ އަޑުއަހަންވެސް އިރާ އެހާ ފޯރި ހުރެއެވެ. ޓީވީއިން ދައްކާހާ އިނގިރޭސި ސިލްސިލާއެއް ބަލައެވެ. ވާހަކަފޮތްތައް ކިޔުމާއި ނެޓަށް ވަންނަންވެސް އިރާ އެހާ ފޯރިހުރެއެވެ. އެ އުމުރުގެ ކުދިން ގޭގައި ތިބެގެން ކޮށްއުޅޭނެ ހުރިހާކަމެއް އިރާ ކުރާތީ ފޫހިވާކަށް ވަގުތެއް ނުލިބެއެވެ. ނަމަވެސް އެހުރިހާ އުފާތަކަކާއި އެކުގައި ވެސް އިރާގެ މިނިވަންކަން ގެއްލިފައިވާތީ އިރާ މިހާރަކަށް އައިސް ފޫހިވާވަގުތު އާދެއެވެ. ވަކި އުމުރުކަށް އެޅުމުން މިނިވަންކޮށް އުޅެން ކޮންމެ ކުއްޖަކު ބޭނުންވަނީއެވެ.

އިރާ ދާނިޔަލްގެ ކޮޓަރިއަށް ވަނީ އޭނަގެ ފޯނުގައި ކުޑަ މައްސަލައެއް ޖެހިގެން ދާނިޔަލް ލައްވާ ފޯނު ހައްދާށެވެ. މަންމަ ބަލަހައްޓައިގެން ހުރިކަން އިރާއަށް އެނގުނީ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ދެމިގަތް ވަގުތު އެނބުރި ބަލައިލެވުނީތީއެވެ. ޖުވޭދާ މާ ބާރަކަށް އިރާއަށް ގޮވަންފެށުމުން އިރާ ބޭރަށް ނިކުތްއިރު އޭނަ ހުރީ ތުން ފިތާލައިގެންނެވެ. ދާނިޔަލް ދޮރު ބަންލާފައި ޖެހީ އޭނަ އެކަމާއި ރުޅިގަދަވެފައި ހުރިކަން ޖުވޭދާއަށް އަންގަންކަމަށް ވެދާނެ އެވެ. ހީވީ ފާރާއިއެކު ބިންގަނޑު ގުޑާލައިގެން ދިޔަހެންނެވެ. އިރާގެ ހިތް ރޫރޫއަޅައިގަތެވެ. ދާނިޔަލްގެ ޝައިތާނީ ރުޅިގަނޑު އޭނަވަނީ ދެތިން ފަހަރު ދެކެފައެވެ. މުޅިންވެސް މަންމަ ބުނާ އެއްޗެހިންނެވެ. އެވަރު ދަނެގެން މަންމަ ދާނިޔަލްގެ ކަންތަކާއި ނުބެހޭނެ ނަމައެވެ.

"މަންމާ، ކިހިނެއްވީތަ؟ ސިއްސައިގެންނޭ ދިޔައީ.... " އިރާއަށް އޭނަގެ މަންމަ އެހާ ބާރަށް އޭނަގެ ނަމުން ގޮވި ސަބަބު ރަނގަޅަށް ޔަގީންވި ނަމަވެސް އަހައިލި އެވެ. ޗުއިންގަމެއް ހަފަމުން ދިޔައިރު އަނގަމަތި ރަތްވެފައިވެއެވެ. ނޫކުލައިގެ ޓީޝާޓަކާއި ކަކުލާއި ހަމަޔަށް އޮތް ސޯޓެއްގައި ހުރުމުން ޖުވޭދާ ވަކިން ރުޅިއައެވެ.

"ކިތައްފަހަރު ބުނާނީ ދާނިޔަލްގެ ރޫމަށް ނުވަންނާށޭ، ހިލޭ ފިރިހެނުންގެ ކޮޓަރިއަށް އަންހެންކުދިން ވަނީމަ ވާނެ ގޮތް އިރާ އަކަށް ނޭގޭތަ؟ އަދި ތިހިރީ ލާފައި ހުރި ހެދުން، ދޭ ހެދުން ބަދަލުކުރަން........" ޖުވޭދާ އެއްޗެހި ކިޔައިގަތުމުން އިރާއަށް ނުރޮވުނީ ކިރިޔާއެވެ.

"މަންމާ، ޕްލީޒް މަޑުން ވާހަކަ ދައްކަބަލަ، ދާނިޔަލްއަށް އަޑުއިވިއްޖެއްޔާ ހިތަށް އަރާނީ ކީކޭތަ؟ ދާނިޔަލް ދެކެނީ ސިސްއެއްގެ ގޮތުގައޭ މަންމާ......" އިރާ އޭނަ އެ ކޮޓަރިއަށް ދިޔަ ސަބަބު މަންމައަށް އޮޅުންފިލުވައި ދިނީމަވެސް ޖުވޭދާގެ ރުޅި މަޑެއްނުވިއެވެ.

"ކޮއްކޮއެއްގެ ގޮތުން ބަލާފައޭ މީހުން ނުބައި ކަންތަކަށް އަރައިގަންނަނީ، އިރާ ޓީވީ އާއި ނޫސްތައް ބެލީމަ އެނގޭނެ ތިގޮތަށް ކުދިން ހައްލާލައިގެން ކޮޓަރިތަކަށް ގެންގޮސް ބޭބެމެންގެ ނަމުގައިކަން ބެހެނީ، ތިއީ ކުޑަކުއްޖެއް، މަންމަ އިރާއަށް ރަނގަޅަކަށް މިހެން ބުނަނީ، މަންމަ ބުނާ ވާހަކަ ގަބޫލުކޮށްބަލަ، އެހެންނޫނަސް ދާނިޔަލްގެ ރީތިކަން ފިޔަވާ އޭނަގެ ހުރީ ކޮންކަމެއްތަ؟ އޭނަގެ ބައްޕަ ލޯބިން ގޮސް ހަލާކުކޮށްލާފައި ހުރި މީހެއް، ދެންމެވެސް އަހަރެން ގޮވާލީމަ ހުރި ލަދުކުޑަކަމުން ދޮރު ބާރަކަށް ޖެހީ، އެހެން ކުއްޖެއްނަމަ އަހަރެން އެހާވަރުން ބަލާބޮޑުކުރީމަ އެހެން ހަދާނެތަ؟ އެއްޗެކޭ ބުނާއިރަށް އެއްޗެހި ތަޅާލަން ޖެހޭތަ؟ ކުރީ ދުވަހު ކޯކް ބޯން އިނދެފައި ކާކޮޓަރީގެ ފާރުގައި ފުޅި ޖެހީ، ނަސީބެއް ރޯޒާމެންނަށް އެ މަންޒަރުތައް ނުފެންނަކަން......" ޖުވޭދާ އިރާގެ އަތުގައި ހިފާ ދަމައިގެން ކަހަލަ ގޮތަކަށް ގޮސް ޖުވޭދާގެ ކޮޓަރިއަށް ވައްދައިފި އެވެ.

"އިރާ، މަންމަ ދަރިފުޅުގެ ރައްކާތެރި ކަމާއި މެދު ވިސްނާވަރު އެހެން މީހަކަށް ނޭގޭނެ، މިހުރިހާ ދުވަހު މަންމަ ބޮލަށް ފަސޭހަވެގެން އިރާ އުޅޭހާ ގޮތަކަށް މިގޭތެރޭގައި އުޅެން ދޫކޮށްލައިގެން ހުރީ ދާނިޔަލްމެން ރަށުގައި ނެތީމަ، އެކަމަކު އޭނަ މޮޅަށް ކިޔަވައިގެން ހުއްޓަސް މަންމަ އިތުބާރެއް ނުކުރަން، ފިރިހެނުންގެ ލޯތަކުން ސަލާމަތްވާން އޮތީ އެންމެ ގޮތެއް، މަންމަ މިހިރީ ސްކާފް ގަނެފައި....." ޖުވޭދާ އަލަމާރި ހުޅުވާލާފައި ގެނައި ކޮތަޅުތަކެއް އެނދުމަތީގައި ބެހެއްޓިއެވެ.

"މަންމާ....." އިރާގެ އަނގަމަތީގައި އަތްއެޅުނެވެ.

"އާނ، ގޭގައިވެސް އިރާ ބުރުގާ އަޅާފައި އުޅެން ޖެހޭނީ، ތި ސޯޓް އެއްޗެހިލާންވެސް އަހަރެން ހުއްދަ ނުދޭނަން..... ކޮޓަރިން ބޭރަށް ނިކުންނަން ވާނީ ފޮރުވިގެންހުރެ....." ޖުވޭދާގެ ވާހަކަތަކުން އިރާ އިނީ ރުޅިގަދަވެފައެވެ. ދާނިޔަލް ފަދައިން ފިރިހެނަކަށް ވިނަމަ އޭނައަށްވެސް މިހުރިހާ އެއްޗެހި ހޫރުވާލާނީ ކަންނޭގެއެވެ. 

"ހާދަ މުސްކުޅި ޚިޔާލެއްގެ މަންމައެއް......." އިރާ ހިތާހިތުން ކިޔާލައިފި އެވެ. އޭނަގެ އެކުވެރި ކުދިންތަކުގެ މަންމަމެން ފަދައިން އޭނަގެ މަންމަވެސް ތަންކޮޅެއް ޒަމާނީ ގޮތަކަށް އުޅޭނެ ނަމައެވެ. މަންމަމެން ކުޑައިރު މަޖާ ނެގި ހަދާން ނައްތާލާފައި ދަރިން ލިބުނީމަ އަސީރު ކޮށްލަނީ އެވެ. މިއީ އިންސާފެއް ނޫނެވެ.

އިރާ ސޯފާއަށް އެރިގޮތަށް ދެކަކޫ މޭގައި ޖައްސާލައިގެން ދެރަވެފައި އިނެވެ. އޭނަ ދާނިޔަލް އާއި އަނގައިން ބުނާ ކޮންމެ ފަހަރަކު މަންމަ އެހާ އެއްޗެހި ކިޔާ ބޮޑު ހައިޖާނުގަނޑަކަށް ހަދައިލައެވެ. ދާނިޔަލްއަށް އެކަން ފާހަގަ ނުކުރެވޭހާ ގަމާރެއް ނޫނެވެ. މަންމަ ހަދާގޮތުން ދާނިޔަލް އޭނަދެކެ ފޫހިވުން ނޫންކަމެއް ނުވާނެއެވެ. އެއްގެއެއްގެ ތެރޭގައި މުޅި އުމުރު ހޭދަކުރަން ޖެހިފައިވާއިރު އޭނައަށް އަނގަ މަޑުން ލައިގެން ހުރުން ފަސޭހައެއްނޫނެވެ. އޭނަގެ މިޒާޖާއި ކިރިޔާވެސް ގުޅޭ މީހަކަށް ހުރީ ދާނިޔަލްއެވެ. ދޮންބެ ނަހުޔާން ސީރިޔަސް ކަމުން ސަމާސާ ކުރަން ފަސޭހައެއް ނޫނެވެ. 

ސްކޫލުން ގެއަށް އަންނަގޮތަށް އިރާ ގެއިން ބޭރަށް ދިޔުމާއި، ގެއަށް އެކުވެރިން ގެނައުން އޮންނަނީ މަނާކޮށްފައެވެ. ޕާޓީއަށް ނޫނީ ދަތުރު ދާންޖެހިއްޖެއްޔާ މަންމަ ނުލައި ދެވޭކަމަކަށް ނުވެއެވެ. އެކުވެރި އަކާއި އެކު ބާޒާރުކޮށްލަންވެސް މަންމަ ފޮނުވަނީއެއް ނޫނެވެ. މަންމަ އޭނަގެ ކޮންމެ ހަރަކާތަކަށް ފާރަލައިގެން ހިޔަންޏެއްފަދައިން ހުންނާތީ އިރާ ފޫހިވެގެން ގޮސް ރޮވޭ ފަހަރު އާދެއެވެ. މިނިވަންކަމެއް ނެތުމުން އުފާވެރިކަމަށް ހުރަސް އެޅިފައިވާހެން ހީވެއެވެ. އެ އުމުރުގައި އެހެން ކުދިންގެ ލޯބިވެރިން ތިބޭއިރު އެފަދަ ނަސީބެއްވެސް އިރާއަކަށް ނުލިބެއެވެ. އިރާ އޭނަގެ މަންމައަށް ސިއްރުން ދާނިޔަލް އަށް މެސެޖް ކޮށްލާފައި ވެގެން އުޅޭގޮތް ކިޔައިދިނެވެ. ދާނިޔަލް ޖަވާބެއް ނުދިނުމުން އިރާގެ ހިތަށް ތަދުވިއެވެ. މަންމަގެ ސަބަބުން ދާނިޔަލް އޭނަ އާއި ރުޅިވީއެވެ.

އައިޒާ ކޮޓަރީގައި އުޅޭކަން އެނގޭތީ ވަންނަ ހިތްނުވެފައި ހުރެވެސް ނަހުޔާން ދޮރުގައި އަތުން ޖަހާލައިފި އެވެ. އިރުކޮޅެއް ނުވަނީސް އައިޒާ ދޮރުހުޅުވައިލި އިރު އޭނަ ހުރީ ގައިގައި ތުވާލި އޮޅާލައި ގެންނެވެ. އެތެތް އިސްތަށިގަނޑުން ތިރިއަށް ދެމެމުން ދިޔަ ފެންތިކިތައް އެ ދޮން ކަނދުރާގައި މުތީތަކެއްފަދައިން ބަބުޅައެވެ. ނަހުޔާން ދުރަށް ބަލަން ފެށިއެވެ.

"ނަހުޔާން...ވީ ނީޑް ޓު ޓޯކް...." އައިޒާ ހުރީ ކުޑަކޮށް ހާސްވާގޮތްވެފައެވެ.

"ބުނެބަލަ......." ނަހުޔާންގެ ފިރިހެންވަންތަ އަޑުން އައިޒާގެ ހިތް ތެޅިލި އެވެ. އަދި އޭނަގެ ގައިން ހީބިހި ހަލުވައިލީ އެ ތޫނު ދެލޮލުގެ ސަބަބުންކަމެއް ނޫނީ ފިނިވެގެން ކަމެއް ނޭގުނެވެ. އައިޒާ އިރުކޮޅެއް ވާންދެން ނޭވާ ހިފަހައްޓާލައިގެން ހުރެފައި ގޮސް އެނދުމަތީގައި އިށީދެ ފައިގާ ކްރީމް ހާކަން ފެށިއެވެ.

"އައިމް ޕްރެގް...." އައިޒާ ބުނި ޖުމްލައިން ނަހުޔާންއަށް ލިބުނީ ޝޮކެކެވެ.

ކޮމެންޓް 0