"ބައްޕަ ކީއްވެ ބޭސްދޭން ނޫޅެނީ؟ އެމީ ނުކާފާނެހެން ހީވާތީތަ؟ " ހެނާ ކަންބޮޑުވީ އަމީރާ މިފަހަކަށް އައިސް އަބަދާއަބަދުހެން ރުޅިގަދަވެފައި ހުންނަތަން ފެނިފައެވެ. ކުރިން ކިހާ މަޖާ އުފާވެރިކުއްޖެއް ހެއްޔެވެ؟ އެއްވެސް ޚިޔާލެއް ފިކުރެއްނެތި އުޅުނު އަންހެންކުއްޖާއަށް މިވަނީ ކީއްބާވައޭ ހެނާގެ ހިތަށް އެރިއެވެ.
"މޮޔައެއް ނުވެއޭ އޭނަ ލައްވާ ބޭސްކުރުވާކަށް. މަރުވާންވީމަ މަރުވާނީވެސް. ދެން ވާހަކަނުދައްކަބަލަ ހެނާ، ގުރުއާން ކިޔަވަން މިއިނީ......." އަމީރާ ހެނާއާއި ދިމާލަށް ފާޑަކަށް ބަލާލިއެވެ.
"ސޮރީ އަސްލުވެސް ގުރުއާންކިޔަވަން އިންދާ އުދަގޫކުރާކަށް ނުވާނެ..." ހެނާ މަޑުމަޑުން ބުނެލިއެވެ. އަމީރާވެސް މިފަހަކަށް އައިސް އޭނަދެކެ ލޯބިވާހެނެއް ހިޔެއްނުވެއެވެ. ކުރީގައި އަބަދު ހީހީ ހުންނަ އަމީރާ ގެއްލުނުކަން ދެރައެވެ.
އަމީރާ ހުދުކުލައިގެ އަތްދިގު ގަމީހަކާއި ނޫޖިންސެއްލައިގެން ހުރިއިރު އެރީތި އިސްތަށިގަނޑު އޮތީ އައްސާލާފައެވެ. އެއްވެސް ވަރަކަށް މޭކަޕްކޮށްފައި ނެތަސް އަންހެންވަންތަކަމުގެ މިސާލެކެވެ. އޭނަ ކޮޓެޖާއި ދިމާލުން ވެއްޓިގައި އޮތް ގަސްގަނޑެއްގެ މަތީގައި އިށީނުމާއިއެކު ހަނދާންވީ ކުރީ ރޭގައި މިތާ އިށީދެގެން އިން ބޯދިގު ޒުވާނާއެވެ. އެދިމާލުގައި ސިގިރެޓް ގުލުތައް ފިޔަވާ ދެން ހުރީ ގަސްތަކުން ވެރިވެފައިވާ ފަތްތަކެވެ. މަތިމައްޗަށް ފަތްތައް ވެހެމުންގޮސް އެތައް ފަށަލައެއްގެ ފަތްތަކުގެ ދޫލައެއް މުޅި ހިސާބުގައި ވާއިރު ކުނިކަހާނެ މީހަކުވެސް ނެތެވެ. އެކަމަކު ދެން ވަލުތެރެ އޮންނާނީ މިކަހަލަގޮތަކަށް ނޫންހެއްޔެވެ؟ ފަޒާގައި ހިފާފައިވަނީ ތެތްފަތްތަކުގެ މީރުވަހެވެ. ފޯނު ދިއްލެން ފެށުމުން އަމީރާ ބަލައިލުމާއިއެކު ހިތް ތެޅިގަތްލެއް ބާރުވެފައި ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ. އެ ސިއްރުވެރި ބޮސް ނުގުޅައިގެން އޭނަ އުޅޭތާ ވީ ދުވަހެއްވެސް ނޭގެއެވެ.
"މިސް އަމީރާ. މިހާރު ހާލު ކިހިނެއްތަ؟ " ބޮސްގެ އެ ސުވާލުން އަމީރާ ތުންފަތުގައި ދަތްއަޅައިލިއެވެ. ލޯބިވެރިޔާއަށް ނުވިޔަސް ހިތް ޝަކުވާއިން ފުރުނެވެ. އޭނަ މަރުވާ ހިސާބަށް ދިޔައިރުވެސް ހާލު ބަލައިނުލާ މިހާރު އެހެން އެހުމުން ޒާތަކަށް ރުޅިއަންނަ ގޮތްވިއެވެ.
"އޯކޭ....." އަމީރާ ބުނެލިއެވެ.
"ހެހެ........" ބޮސް ހީލި ސަބަބެއް އަމީރާއަކަށް ނޭގުނެވެ. އަނގަޔަށް ގޮތެއް ހަދައިލެވުނެވެ. އޭނައަށް މަލާމާތްކޮށްފައިހެއްޔެވެ؟ މެސެޖް ފޮނުވާފައި ޖަވާބުނުދިނީމަ އަމީރާ ރުޅިއައިކަން ބޮސްއަށް އެނގުނީހެއްޔެވެ؟ އެނގޭކަށް ނުވެސް ޖެހޭނެއެވެ. އޭނައަށް އަމީރާގެ މޫނަށް އައި ކުލަވަރެއް ފެންނާނީއެއް ނޫނެވެ.
"ކުރީ ދުވަހު ބުނީމެއްނު އިންޓަވިއުއެއްގެ ވާހަކަ. މާދަންރޭ ހަތެއްޖަހާއިރު ރިސޯޓަށްދާން ތައްޔާރުވައްޗޭ......." ބޮސް އެހެން ބުނެލާފައި ކަނޑައިލީ އަމީރާއަށް ޖަވާބުދިނުމުގެ ފުރުސަތުވެސް ނުދީއެވެ. އަމީރާ ފޯނު ބިންމައްޗަށް ޖަހާލަންވެސް ހިތަށް އެރިއެވެ. ކަމަކާނުލައި އޭނަ ރުޅިވެސް އަންނަނީއެވެ. މިޒާޖަށް މިއަންނަ ބަދަލާއިމެދު އަމިއްލައަށްވެސް ހައިރާންވިއެވެ. ކުއްލިއަކަށް މީހެއްގެ ހިލަންވެގެން އިސްއުފުލައިލިއިރު ކުރިމަތީގައި މައިކަލް ހުރިތަން ފެނިފާ ސިހޭގޮތްވިއެވެ. މައިކަލް ދިއްކޮށްލީ ކެޑްބަރީ ޗޮކްލެޓެކެވެ. އިންކާރުކުރަން އުޅެފައިވެސް ޗޮކްލެޓަށް ދަހިވެފައި ހުންނަ ކުއްޖަކަށްވާތީ އަވަސްއަވަހަށް އަތުލައިގެން ކެނޑިގޮތުން ހީވީ ބަނޑަށް ޖެހިފައިވާ ކުއްޖެއްހެންނެވެ. އަމީރާ ޝުކުރު އަދާކުރިއެވެ.
"އެމީ ވަރަށް ޗޭންޖުވެފައި ތިހިރީ....." މައިކަލް ބުނެލިއެވެ.
"ހޫމް......" އަމީރާ އިތުރު އެއްޗެކޭ ބުނަން އުޅެފައި ހިމޭންވިއެވެ. މައިކަލްއާއި އެއްވެސް ޒާތީ ވާހަކައެއް ހިއްސާކުރަން އޭނަ ތައްޔާރެއްނޫނެވެ. މައިކަލް އެގަސްގަނޑުގެ އަނެއްކޮޅުގައި އިށީނުމުން ދުވީ ސިގިރެޓްގެ ވަހެވެ. އަމީރާ ނޭފަތް ގުރުޑުކޮށްލިގޮތުން އެވަހާއިމެދު ހިތްހަމަނުޖެހުނުކަން އެނގޭވަރުވިއެވެ. މައިކަލް މާފަށް އެދުނެވެ.
"ސޮރީ. މަންމަ ބަލިވިފަހުން ސިގިރެޓް ބޯންފެށުނީ. ޝީޒް މައި އެވްރީތިންގް...." މައިކަލް އެޖުމްލަ ބުނެލި ވަގުތު އެދެލޮލުން ފެނުނު ހިތްދަތިކަންފެނި އަމީރާގެ ހިތަށް ހަމްދަރުދީވަނެވެ. މައިކަލްއާއި އޭނަގެ މަންމަގެ އޮތް ގާތް ގުޅުން އެޖުމްލައިން ހާމަކޮށްދީފިއެވެ. އަމީރާ އިނީ ބޮޑުދައިތަގެ ވާހަކަ އަހާލަން ބޭނުންވެފައެވެ. އޭގެ ކުރިން މައިކަލް ހަނދާކޮށްދިނީ މާދަންރޭ އޮފީސް އަހަރު ފުރުވުން އޮތްވާހަކައާއި އަމީރާވެސް އަންނަންވާނެކަމުގައެވެ. އަމީރާ އޭނަ އިންޓަވިއުއަށް ދާންޖެހޭ ވާހަކަ ސިއްރުކުރިއެވެ. އޭރުން މައިކަލްގެ މޫޑު ޚަރާބުވެދާނެއެވެ. މިހާރުވެސް އޭނަ އެއިނީ މަންމަ ބަލިވުމުގެ ހިތާމައިގައެވެ. ފިރިހެންކުއްޖަކު މަންމަދެކެ މިހާ ބޮޑަށް ލޯބިވުމަކީ ވަރަށް ރުހެވޭ ސިފައެކެވެ.
އަމީރާގެއަށް އައިގޮތަށް މަންމަ ކައިރީ އެދުނީ ހެދުމެއް ފަހާ ދިނުމަށެވެ. ވަރުގަދަ ޝަޚުސިއްޔަތަކާއި އިންޓަވިއުކުރަން ދާއިރު އެކަށީގެންވާ ގޮތަކަށް ހެދުންއަޅަން ޖެހޭނެއެވެ. މަންމަ ހީލާފައި ބުނީ އަމީރާގެ އުފަންދުވަހަށާއި އެއްކޮށް ހެދުމެއް ފަހާދޭނެކަމުގައެވެ. އަމީރާ މަންމަގެ ޑިޒައިން ފޮތް ގެނެސްގެން ދެމައިން ވެގެން ރީތި ހެދުމެއް ހޮވަން އުޅެގަތެވެ. އޭރު ހެނާވެސް ކާކޮޓަރީގައި ސައިބޯން އިނެވެ. އަމީރާއާއިމެދު ހިތުގައި ހަސަދަވެރިކަމެއް ނެތަސް މަންމަ އެގޮތަށް ތަފާތުކުރާތީ ހެނާގެ ހިތަށް އަސަރުކުރިއެވެ. ހެނާގެ އުފަން ދުވަސް މަންމަ ދުވަހަކު ހަނދާނެއް ނުހުރެއެވެ. އެއީ ކީއްވެހެއްޔެވެ؟ އަމީރާ ފިޔަވާ ދެން އެވަރަށް އޭނައާއި އަޅާލާ މީހަކަށް މިދުނިޔޭގައި ހުރީ އާސާއެކަނިއެވެ. މަންމައަށްވުރެ ދަރިންދެކެ ލޯބިވާނެ މީހެއް ނުހުންނާނެއޭ އެބުނާ ބަހުގެ މާނަ ހެނާއަކަށް ނަގައި ގަނެވޭނެ އެއްވެސް ގޮތެއްނެތެވެ. އެފަދަ ދުވަހެއް އަދި އޭނައަކަށް ފެނިފައެއްނެތެވެ. ބައްޕަ ކިތަންމެ ދުރުން އުޅުނަސް އޭނައަށް ރަންފަށެއް ދިނުމުން އެކަމާއި އަދިވެސް ހެނާގެ ހިތް އެކަމާއި ޝުކުރުން ފުރިފައިވެއެވެ.
އަމީރާ ހެނާގެ ކައިރިންވެސް ރީތި ޑިޒައިނެއް އަހަންވެގެން ދެއްކިއެވެ. ހެނާއަށް ރީތިވި ދެހެދުން މަންމައަކަށް ކަމަކުނުދިޔައެވެ. އޮފީސްހެދުން ތަފާތުވާނެއެވެ. ޕާޓީއަށް ލާންޖެހެނީވެސް އެހެން ކަހަލަ ހެދުމެކެވެ. އަދި ދެކަމަށް އެންމެ އެކަށީގެންވާ ހެދުމެއް ހެނާއަކަށް ނޭގޭނެއެވެ. ހެނާއަށް ހެދުމުގެ ވައްޓަފާޅިއާއި ރީތިކަމާއި ބެހޭގޮތުން ގޮތްކިޔަން ނޭގޭކަމަށް ބުނުމުން ހެނާ ހީލުމަކުން ފުއްދާލިއެވެ. އެހިތުގައި އެވަގުތު ލީ ޒަޚަމްވެސް އެހެން މީހަކަށް ނުފެންނާނެއެވެ. އެތައްފަހަރު ކޫރުން އެޅި ހަލާކުވެފައިވާ ހިތެކެވެ.
ހެނާ ކޮޓަރިއަށްވަން ގޮތަށް ޤުރުއާން އަޑުއަހަން ފެށީ ހިތަށް ލިބޭ އެކަނި ޝިފާއަކަށް ވާތީއެވެ.
"ތިނޫން އެއްވެސް ފަރާތެއްނުވޭ. އެހާވެސް އެކަނިވެރި، ހެލްޕް މީ ޕްލީޒް...." ހެނާ ފެންކަޅިވެފައިވާ ދެލޯ ފޮހެލަމުން ހިތާހިތުން ދުޢާކުރިއެވެ.
އަމީރާ ލޯންޗަށް އެރިއިރު އެހިސާބުގައި ތިބި އެންމެންވެސް ކަޅިޖަހާނުލާ ބަލަން ތިބީ އަމީރާގެ ހުރި ރީތިކަމާއި ފަރިކަމުން އަސަރުކޮށްފައެވެ. އަމީރާވެސް ލަދުގަންނަހާވިއެވެ. ލޯންޗަށް އެރިއިރު ކަނޑުގަދަވުމުގެ ސަބަބުން ދެއަތަށް ކިރޭވަރުން އޭނަ އަވަހަށް އިށީދެލީ އެންމެ ކުރިން ޖެހުނު ސީޓުގައެވެ. އެއާއިއެކު ކައިރީގައި އިން ޒުވާނާއަށް ބަލައިލެވުނެވެ. އަވިއައިނު އަޅައިގެން އިންއިރު ލޯންޗުގައި ދިއްލާފައިވާ ބޮކީގެ އަލީގައި އެމޫނުފެންނަލެއް ވަރަށް ހިތްގައިމެވެ. ލޯންޗުދަތުރު ފެށުމާއިއެކު އަމީރާ އިނީ ބިރުން މަރުވާވަރުވެފައެވެ. އެއްފަހަރު ބަންޑުންޖަހާލާނެހެން ހީވުމުން އެމީހާގެ އަތުގައި ހިފާލެވުނެވެ. އެޒުވާނާ އަމީރާގެ އަތް ދުރުކޮށްލިގޮތުން އަމީރާ ލަދުގަންނަގޮތްވިއެވެ. އަތްލުން މަނާ އެއްޗެއްގައި އަތްލެވުނު ކަހަލަ އިހުސާސެއްކުރުވިއެވެ. ހާދަ ފާޑެއްގެ މީހެކޭވެސް ހިތަށް އެރިއެވެ. އޭނައަތްލީ ކޮންމެހެން ރީތިވެގެނެއްނޫނެވެ. އެތާ ކޮންމެ މީހަކު އިނަސް ބޭއިޚުތިޔާރުގައި ހިފިދާނެއެވެ.
"ކާމް ޑައުން. ލޯންޗު ނުފެތޭނެ. ސަލާމަތުން ދެވޭނެކަން ޔަގީނޭ......." އެޒުވާނާގެ އަޑުގައި ދެނެފަރިތަގޮތެއް ހުއްޓަސް އެކައްޗެއްވެސް ވިސްނުމަކަށް ނައެވެ. މި ފިރިހެނާ ފޮނިކަމުން ތެދުވެގެންގޮސް އެހެން ތަނެއްގައި އިށީންނަން ނިންމާފައި އަދި ތެދުވުމާއިއެކު އެރި ލޮޅުމަކާއިއެކު އެޒުވާނާގެ އުނގުގައި ޖެހުމުން އޭނަ ހޭންފެށިއެވެ.
"ހަމަ އެހާ ބޭނުންތަ؟ " އެޒުވާނާގެ ތުންފަތްމަތީގައި ވީ ނުލަފާ ހިނިތުންވުމެކެވެ.
އަމީރާ ރުޅިގަދަވެފައި ކުއްލިއަކަށް އެމީހާގެ މޫނުމަތީގައި ޖެހިއެވެ. ނަމަވެސް އޭގެ ކުރިން އެޒުވާނާގެ އަތުތެރޭގައި އެއަތްތިލަ ގައިދުވިއެވެ.
"އަދި ތިހާ ރުޅިއަންނާކަށް ނުވެއެއްނު. ރީތިކުދިން ރުޅިއައީމަ ރީތިކަމުން ހަމަ ރުޅިއަރުވާލާހިތުން ބުނެލީ، ބައިދަވޭ ރަތް ކުލައާއި ވަރަށް ގުޅޭ، ކުރިން އެއްވެސް މީހަކު އެހެން ބުނިތަ؟ " އެޒުވާނާ އޭރުވެސް އަވިއައިނު ނުނަގައެވެ. ލޮލަކީ މީހާގެ އެންމެ ރީތި ގުނަވަނެވެ. ފޮރުވައިގެން އުޅެނީ އެހެންވެކަން ޔަގީނެވެ. ރޭގަނޑު ކޮން އައިނެއް އަޅާކަށް ހެއްޔެވެ؟ އަދި އޭނަ ކޮންމެ ކުލައެއްގެ ހެދުމެއް ލައިގެން ހުއްޓަސް މިމީހާއާއި ބެހޭކަމެއް ނޫނެވެ. އެކީގައި ދަތުރުކުރަން ޖެހޭތީ އަމީރާ ގަސްތުކުރީ މައިތިރިވުމަށެވެ. އޭނަ މިހާ ރުޅިގަދަ އަންހެންކުއްޖަކަށް ވީވެސް ނަފްސާނީ ހަނގުރާމައިގެ ސަބަބުން ބަލިކަށިވަމުން ދާން ފެށި ފަހުންނެވެ.
"ނުބުނޭ....." އަމީރާ ދުރަށް ބަލަންފެށިއެވެ.
"ކީއްކުރަން މިހާ ވިއްސާރަ ރެއެއްގައި ރިޒޯޓަށް ދަނީ؟ ބޯއިފްރެންޑެއް ހުންނަނީތަ؟ ނޫނީ ކޮންމެވެސް އެހެން ކަމެއްގައިތަ؟ " އެޒުވާނާ އެހިއެވެ.
"ބުނާކަށް ނުޖެހޭ....." އަމީރާ ރުންކުރުވާގޮތްވިއެވެ.
"ވަރަށް މުހިއްމު މީހެއްގެ ކައިރިއަށް ނޫނީ ކަނޑުދެކެ ބިރުގަންނަ ކުއްޖެއް ކަނޑު ހުރަސްކޮށްފައެއް ނުދާނެތީ މިހެން މިއަހައިލީ. ނޫނީ އަލަށް ލޯންޗަކަށް އެރީމަތަ؟ " އެޒުވާނާ ސުވާލުކުރާގޮތުން ހީވަނީ އިންޓަވިއުއެއްކުރަނީ ހެންނެވެ.
"ހޫމް...." އަމީރާ ފަރުވާކުޑަގޮތަކަށް ހޫމްއެއް އަޅުވައިލިއެވެ. އެޒުވާނާ އަމީރާ ލައްވާ ވާހަކަދައްކުވަން މަސައްކަތްކުރިއެވެ. އޭނަ ދަންނަހެން ހީވާކުއްޖެއްކަމަށްވެސް ބުނެލިއެވެ. އެންމެފަހުން އަވިއައިނު ނެގިތަން ފެނިފައި އެދެލޮލަށް ބެލުމުން އަމީރާ ހައިރާންވިއެވެ. އެހާވެސް ތޫނު ދެލޮލެވެ. ކަނޑިއެއްގެ މިޔަފަދައެވެ. އެތައް އަންހެންކުދިންނެއްގެ ހިތުގައި ކޫރުން އަޅުވާފައިވާ ދެލޯކަން ޔަގީންވިއެވެ. އަމީރާވެސް އެޒުވާނާއާއި ވާހަކަދައްކާހިތްވާން ފެށީ އެލޮލުގެ އަސަރުގައި ޖެހިފައެވެ. އެކި ވާހަކަދައްކަމުންގޮސް އޮފީހުގެ ވާހަކަދެއްކިއެވެ. އޭނަދަނީ ބޮސް ބުނެގެން ވެރިއަކާއި އިންޓަވިއުކުރަން ކަމަށާއި މިރޭ ބާބެކިއުއެއް އޮތްވާހަކަވެސް ބުނެލިއެވެ. އެންމެފަހުން އެޒުވާނާއަށް ދަޢުވަތު ދިނީ ކީކޭ ހިތަށް އަރައިގެން ކަމެއްވެސް ނޭގުނެވެ. އަދި އޭނަގެ އުފަންދުވަސް މިރޭ ފާހަގަކުރާނެ ކަމުގައިވެސް އަމީރާ ބުނީ ހިނިތުންވުމަކާއި އެކުގައެވެ. އަމީރާ ދެން ދެއްކީ ބޮސްގެ ވާހަކައެވެ. އެންމެފަހުން އެއީ ވަރަށް ފޮނި މީހެއްކަމަށާއި އޭނަ ބަލިވެގެން މެސެޖްފޮނުވުމުން ޖަވާބު ނުދިންކަމަށްވެސް ބުނުމުން އެޒުވާނާވެސް އަމީރާއާއި ބައިވެގެން އެއްޗެހި ކިޔެވެ.
މަންޒިލަށް ވާސިލުވެވުނުއިރު ދެޒުވާނުން ތބީ އެކުވެރިންނަށް ވެފައެވެ.
"ދެން އަހަރެންދަނީ، ގުޑްލަކް....." ލޯންޗު ރަގަޅަށް މަޑުނުވަނީސް އެޒުވާނާ ފުންމާލާފައި ދަމުން އަމީރާއަށް އަތް ހޫރާލިއެވެ. އަމީރާ މަޑުކުރަން ބުނެބުނެ ހުއްޓާ ލޯމަތިން އޮބާލައިފިއެވެ. ނަމްބަރުވެސް ނޭހެނީސް އެދިޔައީ މާ ލަސްވެފައި ހުރީމަކަމަށް ވެދާނެއެވެ. ނަންވެސް އަހާލެވުނީއެއްނޫނެވެ. އިރުކޮޅަކަށް ދިމާވި ބީރައްޓެއްސަކާއި އޭނައާއި ދޭތެރޭގައި އޮތް ކެމިސްޓްރީއާއިމެދު އޭނަވެސް މިހިރީ ހައިރާންވެފައެވެ. އޭނައަކީ ފިރިހެނަކު ފެންނައިރަށް ހިތްކިޔައިގެން އެކުވެރިވާ ވައްތަރު އަންހެންކުއްޖެއްވެސް ނޫނެވެ.
ސާދަވިލޭރޭގެ ހަނދު ފަލަކުގައި ވިދަވިދާހުރިއިރު ރީތިކަމުން އާޝޯޚުވާވަރުވިއެވެ. ހިތްގައިމު ވައިރޯޅިތަކެއް ޖެހެމުންދާއިރު ފަޒާގައިވަނީ ނިންދަވާލާފަދަ ނާނާއެއް އަޅުވާލާފައެވެ. ކޮންފަދަ ހިތްގައިމު ރެއެއްހެއްޔެވެ؟ އަމީރާ މަޑުމަޑުން ހިނގާލާފައިދިޔައީ ބޮސް އޭނަގެ އިންތިޒާރުގައި ހުރި ދިމާލަށެވެ. ގޮނޑުދޮށުގައި ބަހައްޓާފައިހުރި ބީޗްޗެއަރއެއްގައި މޫދާއި ދިމާލަށް މޫނުލައިގެން އިނުމުން މޫނު ފެންނަވަރު ނުވިޔަސް އަމީރާއަށް އެނގުނީ އެއީ ރީތި މީހެއްކަމެވެ. ބާމަތި ފުޅާވެފައި ސީދާކަން އިށީދެލައިގެން އިންގޮތުންވެސް ހާމަކޮށްދިނެވެ. އަޑާއި ގުޅޭކަން ޔަގީނެވެ.
"ސަރ......" އަމީރާ ހުއްޓުނީ ފަހަތުގައެވެ.
ބޮސް އެނބުރި ބަލައިލުމާއިއެކު މޫނުގެ އެއްފަޅިންވެސް އެއީ ކާކުކަން އެނގި އަމީރާއަށް ލިބުނު ޝޮކްގެ ސަބަބުން އަތުގައިވާ ފައިލު ދޫނުވީ ހަމަކިރިޔާއެވެ. ލަދުންގޮސް މޫނު ރަތްވާގޮތްވިއެވެ. ހިތްވެސް އަވަސްވިއެވެ. މިއީ އޭނައާއިއެކު ދެންމެ ލޯންޗުން ދިމާވެގެން ވާހަކަދެއްކި މީހާއެވެ. ބޮސްއާއި ދިމާލަށް އޭނަ އެއްޗެހިކީއިރު އެއީ ކާކުކަމެއް ރޭކާނުލިއެވެ. އޭނަގެ ވަޒީފާވެސް ދިޔައީއެވެ. ދުވެފިލަން ހިތަށް އަރާފައިވެސް ބޮސް އިޝާރާތްކޮށްލުމުން ބޮސްގެ ކައިރީގައި އެ ދިގު ގޮނޑީގައި އިށީންނަން ޖެހުނެވެ. ދެމީހުން އެކަނި މިކަހަލަ ތަނެއްގައި ތިބުމަކީ ރަގަޅުކަމެއްވެސް ނޫނެވެ. މިއީ ކޮންކަހަލަ މީހެއްހެއްޔެވެ؟
"މިސް އަމީރާ....." ބޮސް ގޮވާލިގޮތަކުން އަމީރާގެ ހިތުގައި ވިކައިލިހެން ހީވިއެވެ. އަދި ދެލޮލުގެ ތޫނުކަން ޚަންޖަރެއް ފަދައިން ހިތް ފޫއަޅުވާލައިފިއެވެ. އެދެލޮލާއި ދިމާލަށް ބަލަން ފަސޭހަކަމަކަށްނުވިއެވެ.
"ކެޓް ގޮޓް ޔޯ ޓަންގްތަ؟ އަންހެންކުދިންނަށް އަހަންނާއި ވާހަކަދައްކަން ފަސޭހަކަމަކަށް ނުވާތީ މިކަހަލަ މާހައުލެއް ޚިޔާރުކުރީ، ހިމޭން އަނދިރިތަނެއްވީމަ ކޮމްފޮޓަބްލްވާނެކަމަށް އަހަރެން ނިންމީ، ރެޑީތަ؟ "ބޮސް އިނީ އެތެރެ އެތެރެއިން ހީލަ ހީލާކަން ޔަގީނެވެ. މިރޭ އޭނަ މިއިނީ އަނދަ އަނދާހުރި އަލިފާންގަނޑެއްގެ މަތީގައެވެ. ސަލާމަތްވާނެކަމުގެ ޔަގީންކަމެއް ނެތެވެ. އަމިއްލައަށް ފިހެންވެގެން އޭނަ ފުންމާލީ ނޫންހެއްޔެވެ؟ ހަގީގަތުގައި ނުދަންނަ މީހުންނާއި އެގޮތަށް އަނގަ ތަޅާ އަމިއްލައަށް ބޭޒާރުވުމަކީ މޮޔައިންގެ ކަމެކެވެ. އަމިއްލަ ވެރިމީހާއަށް ޣައްދާރުވީ މީހަކަށް އޮންނާނެ އަދަބެއްވެސް އެނގެނީއެއް ނޫނެވެ.
"ލައްބަ އަހަރީ ދުވަހުގެ އެޑިޝަން އެންމެ ޚާއްސަވާނީ އަޅުގަނޑުމެންގެ ވެރިޔާގެ އިންޓަވިއުއެއް ގެނެސްދެވުނީމަ. ވަރަށް އުފާވެއްޖެ ބައްދަލުވެވުނީމަ....." އަމީރާ ރަކި ހިނިތުންވުމަކާއިއެކު އިންޓަވިއުފަށަން އުޅުނެވެ.
"އެކަހަލަ ގޮތަކަށް ދޯ ދެން މީހަކަށް ވެރިޔާއާއި ބައްދަލުވެވޭނީވެސް. ވެރިޔާއާއި ދޭތެރޭ ސްޓާފުން ދެކޭގޮތް އެންމެ ރީއްޗަށް އެނގޭނީވެސް އެގޮތަށް ބައްދަލުކުރީމަ. އެނގިއްޖެ އަހަރެން މިއީ ފޮނިމީހެއްކަން ދެކޭކަމާއި ނުފެންނައިރުވެސް ރުޅިއަރާވަރު. ހޫމް. ތޭންކްސް......." ބޮސް އިނީ ވަރަށް ހަމަޖެހިލައިގެންނެވެ. އެންމެން ރުޅިއަޔަސް މަށަށް ފަރުވާލެއްނެތޭ ބުނާ ނަޒަރެކެވެ. އޭނައަކީ ވެރިޔާއެވެ. އެހެން މީހުން ރުޅިއަޔަސް ޖެހޭނީ އޭނަގެ އަމުރަށް ކިޔަމަންވެގެން ތިބޭށެވެ. މިހާރު އަމީރާވެސް އެއިނީ ކުޑަވެފައިތާއެވެ.
އަމީރާގެ މޫނުމަތިން ރަކިވީކަމުގެ އަސަރު ފެނިގެންދިޔައެވެ. އެބަލާގޮތުންވެސް މީހަކު ލަދުގަންނަވާލާނެއެވެ. ކޮންފަދަ ތޫނު ބެލުމެއްހެއްޔެވެ؟ ލޮލުން ހެދުން ބާލުވާފަދައެވެ.
"ސޮ...ސޮރީ. އައިމް ރިއަލީ ސޮރީ. އަޅުގަ...ޑު ހިތަކަށް ނާރާ....." އަމީރާ އަޅައަޅައިގެންފާ ވާހަކަދެއްކިގޮތުން އޭނައަށް ވެފައިވާ ވަރު ހާމަކޮށްދިނެވެ.
"ހަމަޖެހިބަލަ. ނޫޅެމޭ އަދަބެއްދޭކަށް...." ތޫނު ދެލޮލުން ބަލަން އިންއިރު ލާނެތްގޮތެއް މޫނުމަތިން ފެނުނެވެ.
"ތެންކިއު ސަރ..." އަމީރާ އެސްފިޔަތައް ތިރިކޮށްލިއެވެ. މިހާވަރަށް އެމީހާ ބާރުފޯރުވާތީ އަމީރާ އިނީ އުދަގޫވެފައެވެ. އޭނަގެ ބޮސްއަށްވިޔަސް މިހާ އަދި ބިރުގަނެގެން ދެރަވެގެން ކަމަކުނުދާނެއެވެ. އޭނައަކީ އެހާ އަޅުވެތިވެ ދަށްވާ މިޒާޖުގެ އަންހެންކުއްޖެއްނޫނެވެ.
"އަދި އަޅުގަނޑަށް ނަމެއްވެސް ނޭގޭ....." އަމީރާ އެންމެ ބޭނުންވީ ސުވާލުކޮށްލިއެވެ.
"ރަފައެލް......" އޭނަ ކުރުގޮތަކަށް ބުނެލިއެވެ. ކޮންފަދަ ބާރުގަދަ ނަމެއްހެއްޔެވެ؟ ތަނެއްގެ ވެރިޔަކާއި އެކަށީގެންވާ ނަމެކެވެ. ސީއީއޯއަކަށްވުރެ ރޭމްޕްމޮޑެލްއެކޭ ބުނާވަރުގެ މީހެކެވެ. އެކަމަކު ޝަޚުސިއްޔަތު ވަރުގަދަވާނީވެސް ކިޔަވައިގެން މިހާ މަތީ މަގާމެއްގައި ހުރީމަކަމާއިމެދު ޝައްކެއްނެތެވެ. ރީތިކަން އިޝްތިހާރުކުރަން ދެކޮޅަށް ހިނގާ މީހުންނަށްވުރެ ގަދަރާއި އިއްޒަތް މަތިވެރިވާނީ އިލްމު ލިބުނުވަރަކުންނެވެ. ނޫނީ ފައިސާއަކީ ހުރިހާ އެއްޗެކޭ ހިތަށް އަރާފަހަރުވެސް އާދެއެވެ. އަމީރާވެސް ރީތިވެފައި ބޭނުންވެއްޖެއްޔާ އެފަދަ ގޮތަކުން މަޝްހޫރުކަން ހޯދޭނެއިރުވެސް އޭނަ ކިޔަވައިގެން މޮޅުވާން ބޭނުންވާ ސަބަބަކީ އެއީއެވެ.
"ހަގީގަތުގައި މިއައީ އިންޓަވިއު އެއް ދޭކަށްނޫން. ކުއްޖަކު އަހަންނާއި މީޓްވާހިތުން އުޅޭލެއް ބޮޑުކަމުން ހަމަ ފެނިލަން އައީ، އަހަރެންގެ ބައްޕަގެ ވިޔަފާރީގެ އެއްބައި ވީމަ ކުޑަކޮށް އެހީވިޔަސް އަހަރެންގެ ޕްރޮފެޝަނަކީ މިއީއެއްނޫނޭ، ސަޕްރައިޒެއް ދޭން އެއީ ކޮންކަމެއް ކަން ނުއެއްބުނާނަން، އެކަމަކު ވަރަށް އަވަހަށް ދިމާވާނެ........" ރަފައެލް ގެ ވާހަކައިން އޭނަގެ އެހެރަ ސިއްރުވެރިގޮތް ގަނޑު ހާމަކޮށްދިނެވެ. އިންޓަވިއު ނުދިނަސް އިތުރަށް އެހެން މައުލޫމާތެއް ނުދިނަސް ރަފައެލްގެ މޫނަށް ބަލަން އިނުމުން ހިތަށް ލިބުނު ހަމަޖެހުން ބުނާކަށްވެސް ނޭގުނެވެ. ނަމަވެސް އޭނަ އެކަން އަންގާކަށް ބޭނުމެއް ނޫނެވެ. ރަފައެލް ކްލައިންޓަކާއި ބައްދަލުކުރަން ލަސްވާތީ ދިޔުމުން އެނބުރި އައިއިރު ރަފައެލް ނެތުމުގެ ފަޅުކަން އިހުސާސްވިއެވެ. މީހަކާއި ކައިވެނިކުރަން މަންމަ ބާރުއަޅާ ދުވަސްވަރެއްގައި ރަފައެލް ފަދަ ހިތްގައިމު ބައިވެރިޔަކު ފެނުމުން އެއީ އެމީހާއަށް ވެދާނެބާވައޭ ހިތަށް އަރާފައި އަމީރާ ކަންބޮޑުވާގޮތްވިއެވެ. ރަފައެލްއަށް އޭނަގެ ވިސްނުން އެނގިއްޖެއްޔާ ހާދަ މަލާމާތްކުރާނެއެވެ. އަމީރާ ކަނޑުގެ ރާޅުތަކަށް ބަލަންއިންއިރުވެސް ރަފައެލްގެ ޚިޔާލުތައް ކޮންމެވެސް ވަރަކަށް އުދަގޫކުރިއެވެ.
އެރޭ ޕާޓީއަށް ރަފައެލް އަންނާނެކަމަށް ބުނެފައި އޮތަސް ނައެވެ. އަމީރާގެ ލޯ ބޭގަރާރުކަމާއިއެކު ހޯދީ އެރީތި ސޫރަ ފެނިލުމަށް އެދިއެވެ. އެކަމަކު މިރޭވެސް އޭނަގެ ކައިރީގައި ހުރީ އެންމެ ހިތްނޭދޭ ފަރާތެވެ. މައިކަލް ފަހަތުން ނުފިލާ ހިޔަންޏެއް ހެން ހުރުމުން އަމީރާ ހުރީ ނިކަން ރުޅިގަދަވެފައެވެ. އޭނަގެ އުފަންދުވަސްވެސް މައިކަލް ޚަރާބުކުރާނެއެވެ. ބާރަނުޖަހަނީސް އޭނަ ގަސްތުކުރީ ގެއަށް ދިޔުމަށެވެ. ހަނދު އަރާފައި އިނުމުން މަގު އޮތީ ނިކަން އަލިކޮށެވެ. ބޮޑުދައިތައެއްގެ ދަރިއަކަށް ވީމަ އެކަނި ފޮނުވާލަން ނުކެރޭނެއޭ ކިޔާފައި އަދި މައިކަލް ގެއާއި ހަމަޔަށް ލާދިނެވެ.
އަމީރާ ކޮޓަރިއަށް ވަންއިރު ހެނާ އޮތީ އަރާމުކޮށް ނިދާލާފައެވެ. އެވަގުތު ރަފައެލްގެ މެސެޖެއް ލިބުނެވެ.
"މިދިމާލަށް ބީޗަށް އަންނަން ކެރޭނެތަ؟ އައިމް ވެއިޓިން..." އެ މެސެޖް ލިބުމާއިއެކު ކޮންފަދަ ބާރެއް ލިބިގެންކަމެއްވެސް ނޭގުނެވެ. އަމީރާ ވަގުތުނަގާނުލާ ދުއްވައިގަތީ ހިތްއެދޭ އިންސާނާއާއި ބައްދަލުކުރުމަށެވެ. ރަފައެލް ހުރީ ބީޗްގައި އަނެއްފަރާތަށް އެނބުރިގެންނެވެ. އަމީރާ ދޮންވެލިގަނޑުމަތީގައި މަޑުމަޑުން ފިޔަވަޅުއަޅަމުން ގޮސް ފަހަތުގައި ހުއްޓުމާއިއެކު ރަފައެލް އެނބުރިލާފައި ދިއްކޮށްލީ ރަތްފިނިފެންމަލުގެ ގުލްދަސްތާއެކެވެ. ރީތިކަމުންގޮސް އަމީރާ މޮޔަވާވަރުވިއެވެ. ޝުކުރުއަދާކުރާނެ ގޮތެއްވެސް ނޭގުނެވެ.
"ބާތުޑޭ ވިޝްކޮށްލަން ހިތަށް އެރީ އަންނާނީއޭ، ވަގުތެއްނެތަސް ރީތި އަންހެންކުއްޖަކު ދައުވަތު ދިނީމަ އަންނަންވާނެ ދޯ....." ރަފައެލް ހުރީ ޖިންސްގެ ޖީބަށް އަތްޖަހާލައިގެންނެވެ.
"މިރޭ ޕާޓީ ވަރަށް ފަޅު ސަރ ނެތީމަ..." އަމީރާއަށް ބުނެލެވުނެވެ.
"ޕާޓީއަށްވުރެ މުހިއްމު އެހެން ކަންތައް ހުރީމަ ނާދެވޭނެއްނު. އެކަމަކު އަމީރާ ދެރަވާނެތީ ހިތަށް އެރީ ކުޑަ ގިފްޓެއްދޭން އަންނާނީއޭ. މިއަށްވުރެ ރަގަޅު އެއްޗެއް ތައްޔާރެއްނުކުރެވުނު. ދެން ފަހަރަކުން ތަންކޮޅެއް ރަގަޅު އެއްޗެއް ގެނެސްދޭނީ. މިރަށަށް މިއާދެވުނީވެސް މުހިއްމުކަމަކު. އައިތަނާ އަދި ހަނދާންވީ. މަސައްކަތަށް ކަމޭހިތާ ކުދިންނަށް ޚާއްސަގޮތެއް ބަހައްޓަންޖެހޭނެ ކަމަށް އަހަރެން ގަބޫލުކުރަން......" ރަފައެލް ހީލިގޮތުން ހުދުހުދު ދަތްތައް ވިދައިލިއެވެ. އަންހެންކުދިންގެ ހިތް ފަތަހަކުރާނެ ހުރިހާ ރީތި ސިފަތަކެއް އޭނައަށް ލިބިފާވެއެވެ. އަމީރާފަދަ އަންހެންކުއްޖަކުގެ ހިތާއިވެސް ކުޅެލާކަށް ރަފައެލްއަށް ދަތިކަމެއްނެތެވެ.
އަމީރާ ހީލިއެވެ. ކިޔާނެ އެއްޗެއް ނޭގިފައެވެ. ރަފައެލްގެ ފަރާތުން އެހެން ހަދިޔާއެއް ލިބޭނެކަމުގައި އަމީރާ ހީކުރިއެވެ. އެހެނެއްނުވިއެވެ. ރަފައެލް އަށް އަމީރާ ވެފައި ހުރިވަރު އެނގޭއިރުވެސް އެންމެ ފިޔަވަޅެއްވެސް ކުރިއަކަށް ނޭޅިއެވެ. އަމީރާގެ ގައިގާ އިނގިލިކުރި ޖައްސާލާކަށްވެސް ނޫޅުނެވެ. އޭނަ ބޭނުންކަމެއް ކޮށްނުދޭނީ ކާކުހެއްޔެވެ؟
"މިހާރު ލޯންޗު ލަސްވެގެން އުޅޭނެ. އަހަރެން ދަނީ. އެކަމަކު ގެއާއި ހަމަޔަށް ގެންގޮސްދޭނަން. ގެއްލުމެއްވެގެން ގިލްޓީވާކަށް ބޭނުމެއްނޫން......" ރަފައެލް އަމީރާއާއިއެކު ހިނގައިގަތްއިރުވެސް ހުރީ ޖިންސްގެ ޖީބަށް އަތް ޖަހާލައިގެންނެވެ. އަމީރާގެ ގެ ފެނިފައި ރަފައެލް އެގޭގައި އުޅޭ މީހުންނާއި ބެހޭގޮތުން ސުވާލުކުރިއެވެ. ރަފައެލް އަމީރާއަށް ޝައުގު ހުރީ ބާވައެވެ. އެހާވަރުން އޮޅުންފިލުވަނީ އެހެންވީމަތާއެވެ. އަމީރާގެ ހިތުގައި އާ ވިންދެއް ޖަހާލައިފިއެވެ.
"ގުޑްނައިޓް މިސް އަމީރާ...." ރަފައެލް ދަމުން އަތް ހޫރާލިއެވެ.
ކޮޓަރިއަށް ވަންގޮތަށް ތަށްޓަކަށް ފެންއަޅާފައި މާތައް ޖެހުމަށްފަހު ހެދުން ބަދަލުކޮށްލަން އުޅުނުނަތާހެން އަމީރާއަށް ފެނުނީ އަނދިރިކަނުގައި ބަލަން ހުރި މީހާއެވެ. އަމީރާ ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާލިއިރަށް އެމީހާ އުދުހިފައި ކަހަލަ ގޮތަކަށް އައިސް އަމީރާގެ އަނގަމަތީގައި އަތްއެޅިއެވެ. އެމީހާގެ ހަލުވިކަމުން ހައިރާންވިވަރަށް ވުރެ ބިރުގަތްލެއް ބޮޑެވެ. އަދި އެބޮޑު އަތްތިލަ އެޅިގޮތަކުން އޭނަގެ ނޭވާ އުފުރިނޭރީ ހަމަކިރިޔާއެވެ. ގަދަހަދަހަދާ އޮތްވާ އޭނަ އުރާލީ ކުޅޭ ބުދެއްފަދައިން ލުއިކޮށެވެ. އަދި މިސްރާބު ޖެހީ ވަލުތެރެއާއި ދިމާލަށެވެ. އޮފީސް ފަރާތުން ބާބެކިއު ބޭއްވިތަން މިހާރު ހީވަނީ ކުޑަ ޖާފަތެއް ތައްޔާރުކޮށްފައި ވާހެންނެވެ. އެތަންމިތާގައި ފާނޫޒުދިއްލާލާފައި ހުޅުދާންކޮށްލާފައިވިއެވެ. އެތާ ތިބިމީހުންތައް މޫނު ނިވާކޮށްގެން ތިބުމުން އެއީ ކޮންބަޔެއްކަމެއް ނޭގެއެވެ. އަމީރާ ބިރުން ދެލޯބޮޑުކޮށްލައިގެން ހުއްޓާ އޭނަގެންގޮސް ވެއްދީ ފަނުން ވިޔެފައިވާ ކުޑަ ޖިފުޓިއެއްކަހަލަ ތަނަކަށެވެ. އެތަނުގައި ހުރި ރަންކުލައިން ވާ އުނދޯއްޔެއްގައި އޭނަ ބޭންދުމަށްފަހު ކޮންމެވެސް ބަޔަކު އައިގޮތަށް އޭނަ ވަށާލައިފިއެވެ. އަދި ރަންކިޔުއްވަން އުޅުނެވެ. އަމީރާ ރޯންފެށިއެވެ. އެކަމަކު މަޖުބޫރުވެގެން އެތަނުން މީހަކު ބުނި އަގެއްވެސް އޭނަކިޔައިފިއެވެ. ރަންފައުނުން ރަންކިޔުއްވާފައި އެމީހުން އޭނަ ގެނައި މީހާއާއި ކައިވެނިކޮށް ދީފިއެވެ. އެންމެންގެ ތެރޭގައި އަޑުގަދަވިއެވެ. އުފާވެރިކަން އިތުރުވިއެވެ. ހުރިހާ އެންމެންވެސް މަރުހަބާކިޔާފައި އަދަބުއަދާކުރިއެވެ. އެކަމުން ނިމިގެން ކާންވެސް ގެނެސްދިނެވެ. ކައިވެންޏަށްފަހު ފަހަރަކު މީހަކު އެތަނުން ދަމުންގޮސް އޭނައާއި ފިރިމީހާ އެކަނިވިއެވެ. ކުއްލިއަކަށް ފާނޫޒުތައް ނިވި ކަނު އަނދިރިކަމުގެ ތެރެއަށް އެތަން ގެނބުނެވެ. އެޖިފުޓިއެކޭ ކަށްވަޅެކޭ ތަފާތެއްނެތެވެ.
"މިހާރު ރަސްމީކޮށް މަގޭ އަންހެނުންނަށް މިވީ. އެކަމަކު މިކަން އިތުރު މީހަކަށް އެނގިގެނެއްނުވާނެ...." އެމީހާ ބަރުއަޑުން ވާހަކަދައްކަމުން އަމީރާގެ އަތުގައި ހިފާލާއިރަށް އަމީރާ ހަޅޭއްލަވައިގެންފިއެވެ.
"ޚަބަރުދާރު، ގައިގާ ތި މުޑުދާރު އަތުން އަތްނުލާތި....." އަމީރާ ރުޅިގަދަވެގެންގޮސް ފަޅަފަޅައިގެންދާ ވަރުވިއެވެ. މިޖެހިގެން އުޅެނީ ކޮންފަދަ ކަމެއްބާވައެވެ. ނޫނެކެވެ. މިއީ ބިރުވެރި ހުވަފެނެކެވެ. އޭނައަށް ހޭލެވޭނެކަން ގައިމެވެ. މިއީ ނަފްސާނީ މައްސަލައެކެވެ. އޭނަގެ ލޮލަށް ފެންނަގޮތެކެވެ. އޭނަ މިކަހަލަ މާރިދެއްގެ އަންބަކަށް ނުވާނެއެވެ. ހަގީގީ ދިރިއުޅުމުގައި މިވީހާތަނަށް މިފަދަ ހާދިސާއެއް ހިނގިކަމެއް އެނގިފައެއްނެތެވެ. މިއީ އެކާވީސްވަނަ ގަރުނެވެ.
"ބުނަން ވާހަކައެއް. ތިކުއްޖާ އުފަންވިތަނުން އަހަންނަށް ހިބައިން ދީފައި ކައިވެނިކުރުވާނެ ކަމުގައި މަންމައަށް މީހަކު ވައުދުވެފައިވޭ. އެވައުދަށް ހުރުމަތްތެރިކޮށް ނުހިތާ އެހެން މީހަކަށް ދޭން އުޅުނީމަ އަހަރެން މަޑުން ހުންނާނެހެން ހީވޭތަ؟ އެކާވީސް އަހަރުފުރުނު ރޭ މަގޭ އަންބަކަށް ހަދާފައި ތިހިރީ. ބައިދަވޭ އަހަރެންގެ ނަމަކީ އޭމޮން......." އޭމޮން ނަން ބުނެލާފައި ނުލަފާ ގޮތަކަށް ހީލައިފިއެވެ. އަމީރާގެ އަރުތެރެ ހިކުނެވެ. މި ނުލަފާ އިފްރީތުގެ ކިބައިން އޭނަ ސަލާމަތްވާނީ ކިހިނެއްހެއްޔެވެ؟
"ކަލޭ ކީއްވެ އަހަންނާއި އަޅައިގެން ތިއުޅެނީ. ކަލޭކަހަލަ އެއްޗެއް ހޯދަންވީއެއް ނު...." އަމީރާ ސުވާލުކުރިއެވެ.
"ކަލޭ ކަލެއޭ ކިޔައިގެން ހުތުރުބަހުން ވާހަކަދައްކަންޏާ އަދަބު ލިބޭނެ. މަގޭ އަންހެނުންނަށް ވުމަކީ އާދައިގެކަމެއް ނޫން. ރާނީއަކަށްވެފައި ތިހިރީ. އިންސިންނަށްވެސް ނުލިބޭވަރުގެ ޝަރަފެއް ލިބިފައި ތިހިރީ. އެކަމަކު މިކައިވެނީގެ ވާހަކަ އެހެން މީހަކަށް އެނގިގެން ނުވާނެ. ކިޔައިފިއްޔާ ތި އާއިލާގެ ވަސް ދުނިޔެއިން ފޮހެލާނަން. ކޮއްކޮ މެން ދެކެ ވަރަށް ލޯބިވަމެއްނު. ހެނާއަކީވެސް ނުފޮޅި އިން މަލެއް. އަހަރެންގެ އައުވާނުން މި ބިންމަތީގައި ވަރަށް ގިނަވާނެ......." އޭމޮން އަމީރާ ގެނެސް އުނގުތެރޭގައި ހައްޔަރުކުރިއެވެ. އެ ކުރަކި އަތް ޖެހުމުން އަމީރާގެ ގައިން ދިލަނަގަންފެށިއެވެ.
"އަންހެނުން ކަމުގައި ވަންޏާ ތިހާ އަނިޔާކުރަނީ ކީއްވެތަ؟ " އަމީރާ ރުޅިގަދަވިޔަސް ވިސްނާލާފައި ތަންކޮޅެއް ރީތިކޮށް ވާހަކަދެއްކިއެވެ.
"ގިނަ ސުވާލުނުކުރޭ....." އޭމޮން ހަޅޭއްލަވައިގަތެވެ. އަދި އަމީރާ އަތުކޮޅަށް ނަގާފައި އުނދޯއްޔަށް ވައްޓާލިއެވެ. އުނދޯލީގައި ރަތްކުލައިގެ ގޮދަޑިޖަހާފައި އެތައް ބާލީސްތަކެއް ޖަހާފައި ހުރުމުން މާބޮޑު އަނިޔާއެއްނުވިޔަސް އެތެރެހަށްޓަށް ލޮޅުންއެރިއެވެ. މި ސުންޕާ މަޚުލޫގަކު އޭނައާއި އަވަލައިގެން އޭނަ އެމީހުންގެ ދުނިޔެއަށް ގެންދަން އުޅެނީއެވެ. ސަލާމަތްވާނެ ގޮތެއް ހޯދަން އެބަޖެހެއެވެ. އެހެން ހިތަށް އެރިތަނާ އަދި އޭމޮން އައިގޮތަށް އޭނަގެ ގައި މައްޗަށް ޖެހިގަތްގޮތުން އަމީރާގެ ހަށިގަނޑު ޗިސްވާނެކަމަށް އޭނަ ހީކުރިއެވެ. އެހޫނުގަދަ އަލިފާންކޮޅެއްފަދަ އަތުން އޭނަގެ ގައިގާ އަތްލާންފެށުމުން ފަކުރުން ހަލާކުވާވަރުވިއެވެ. އޭނަ އޯކަށް ދަމަންފެށިއެވެ. އެވަރުންވެސް އޭމޮން ދުލެއްނުކުރިއެވެ. ފިރުމާފައި ބޮސްދެމުން ދިޔައީ އަނިޔާކުރާ ވައްތަރަށް ހަރުކަށިކަމާއި އެކުގައެވެ. އެތަން މިތަނަށް ތޫނުތަދުތައް ވަންނަންފެށިއެވެ. ނަމަވެސް ވަކި ހިސާބަކުން އަމީރާގެ ގައިން ދޫކޮށްލާފައި އޭމޮން އެތަނުން ދުރަށް ދިޔައީ ކީއްވެކަމެއް އަމީރާއަކަށް ނޭގުނެވެ. ހޭލެވުނުއިރު އަމީރާ އޮތީ އޭނަގެ ކޮޓަރީގައެވެ. އެނދުގައެވެ. ދެލޯ ހުޅުވާލާފައި ބަލައިލީ އޭނަގެ އަތުގައި އޭމޮން އަޅުވާދިން އަނގޮޓި އޮތްތޯއެވެ. އޮތެވެ. އަދި ހަށިގަނޑުގައި ވާ ރަންތައް ފެނިފާ އަމީރާ ގަތީ އަމަށަކު ބިރެއްނޫނެވެ. ގައިގާ ނަންނުގަތި އޮޅިފައިވުމެކޭ އެރަންތަކެކޭ ތަފާތެއްނެތެވެ. ތެޅިފޮޅިގެންފައި އޭނަ އެރަންތައް ބާލުވަން އުޅުނުއިރު ދެލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ. އޭނަ ކުޑަދޮރުން ބޭރަށް އެހުރިހާ އެއްޗެއް އުކާލައިފިއެވެ.
"އޭމަން...." އެއީ ހަމަ ހަގީގަތެކެވެ.
އޭނަ ގަދަކަމުން އިފުރީތެއްގެ އަންބަކަށް ހަދައިފިއެވެ. އެވާހަކަ ބުނެފިއްޔާ އޭނަގެ އާއިލާ ނައްތާލާނެކަމުގެ އިންޒާރު ދީފިއެވެ. ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ އޭމޮންގެ އަންބަކަށް އޭނަ ރަގަޅަށްވެސް ވީހެއްޔެވެ؟ އެމީހުންގެ ސަގާފަތާއި އެއްގޮތަށް ރަންކިޔުއްވާ ކައިވެނިވެސް ކޮށްދީފިއެވެ. އެޖިންނި އޭނައަށް ހަދާލާނެ ގޮތެއް އެނގެނީއެއްވެސް ނޫނެވެ. މިކަންތަކާއި އެކަނި ކުރިމަތިލާނީ ކިހިނެއްކަމެއްވެސް ނޭގެއެވެ. އޭނަ ރަފައެލްއަށް ކިޔައިދޭނީއެވެ. އެކަމަކު އޭރުން އެނުލަފާ އިފްރީތު ބަދަލުހިފަންވެގެން އޭނަގެ އާއިލާއާއި ދިމާކޮށްލާނެއެވެ. މައުސޫމްކޮށް ނިދާފައި އޮތް ހެނާއާއި ދިމާލަށް ބަލާލާފައި އަމީރާ ހިންދިރުވައިލިއެވެ. އޭމޮން ހެނާ ރޭޕްކޮށްލާކަށްވެސް ފަހެއްނުޖެހޭނެއެވެ. ނުސީދާކޮށް އެބުނީ އެވާހަކައެވެ. އެކުޑަކުއްޖާ އަދި ކިހާ ބިރުގަންނާނެހެއްޔެވެ؟ އޭނަ ގުރުބާންވެގެންވެސް ހެނާ ރައްކާތެރިކޮށްދޭނެއެވެ. އެއީ އޭނަގެ ވާޖިބެކެވެ.
އަމީރާ އޮފީހަށް ދާން ތައްޔާރުވާންފެށިއެވެ. ލޯގަނޑުކައިރީގައި ހުއްޓިފައި ބަލައިލިއިރު ކަރުގައި ރަތްވެފައިވާ ދެތިން ތަނެއް ފެންނަން ހުއްޓެވެ. ރަފައެލްއަށް ފެނިއްޖެއްޔާ ހީކުރާނެގޮތެއްވެސް ނޭގެއެވެ.
"ހެނާ ނެތްތަ ބޭންޑްއެއިޑެއް..." އަމީރާ ރަތްވެފައިވާ ދެލޮލުގައި އަނދުން އަޅަންފެށިއެވެ.
ހެނާ އޭނަގެ އަލަމާރި ފަޅިކަމަށް ހީކޮށް އޮޅިގެން ހުޅުވައިލެވުނީ އަމީރާއަށް ވީ ފަޅިއެވެ.
"ވާއު..." ހެނާ ކިޔައިލިއެވެ.