އޭނަ ރޭ އެކޮޓަރިއަށް ވަންއިރުވެސް ހެނާއޮތީ މަޑުމަޑުން ނިދާފައެވެ. ޒޯހަން އެގަތްގަނޑަށްފަހުވެސް ހެނާއަށް ހޭނުލެވޭނީ ކޮންމެވެސް ކަމެއްވީމަ ނޫންހެއްޔެވެ؟
މާތްކަލާކޯއެވެ. ހެނާ ސަލާމަތްކުރެއްވުމަށް އެދި ދުޢާކޮށްފައި އެކޮޓަރީގެ ދޮރުގައި އޭނަ ތަންކޮޅެއް ބާރަށް ޓަކިދިނެވެ. ޚަބަރެއް ނުވުމުން ދެއަތުން ދޮރުގައި ތަޅައިގަތެވެ.
"ހެނާ. އޯޕެން ދަ ޑޯ........ޕްލީޒް..." އަމީރާ ހުރީ ހިތްއަވަސްވެފައެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި މައިކަލް ނުކުތްއިރު އޭނަގެ މޫނުވަނީ ރުޅިއައިސް ރަތްވެފައެވެ. އަމީރާ ދޮރުން އެތެރެއަށް ވަންނަން އުޅުމުން އަތުގައި ހިފާ އެއްފަރާތަށް ޖައްސާލިގޮތުން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. މައިކަލް އެދޮރު ތަޅުލިއެވެ. އަމީރާ ހައިރާންވިވަރުން އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް ލައްޕާލިއެވެ. މައިކަލް އޭނަގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފެހެއްޓިގޮތަށް ގެނެސް އަމީރާ ނިދާ ކޮޓަރިއަށް ވެއްދިއެވެ.
"މޮޔަވީތަ؟ ކީކޭ ހިތަށް އަރައިގެންގޮސް ނިދަން ތިއްބާ ދޮރު ތަޅަނީ. ތަނެއްގައި ރޯވީތަ؟ އަމީރާ ތީ ކުޑަކުއްޖެއް ނޫނެއްނު ދެމަފިރިއަކު ކޮޓަރީގައި ތިއްބާ ގޮސް ދޮރުގައި ތަޅައިގަންނަން......." މައިކަލްގެ ދެލޮލުން އަދިވެސް ނިދީގެ އަސަރުނުފިލައެވެ. އިސްތަށިގަނޑުއޮތީ ހޭވިފައެވެ. ގަދަނިދީގައި އޮތްވާ އަމީރާ ދޮރުގައި ތަޅައިގަތުމުން ހޭލެވުނީކަމަށް ވެދާނެއެވެ. އެހާ ރުޅިގަދަވީ އެހެންވެއެވެ. މައިކަލް ކޮޓަރީގައި ހުރިކަން އެނގޭނަމަ އޭނަ ފަހަރެއްގައިވެސް މިގޮތަށް އުދަގޫނުކުރާނެއެވެ. އޭނަ ހާސްވީ ހެނާގެ ހާލަތާއިމެދުގައެވެ. ހެނާ ދިރިއޮތްކަންވެސް އޭނައަށް ޔަގީންނުވާތީއެވެ.
"ސޮރީ މައިކަލް. އެކަމަކު ހެނާ........" އަމީރާ އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ.
"އަމީރާ މާ މައްޗަށް ދަނީ. ރައްކާތެރިކަން ދޭންވެގެން މިގެއަށް ގެނައީމަ އަހަންނަށް ހުރިހާ އުދަގުލެއް މިޖެހުނީ. ތިގޮތަށް އިންޓަފިއާ ކުރަންވެއްޖެއްޔާ އަމީރާއަކަށް މިގޭގައި ނުހުރެވޭނެ. އަޑުއިވޭތަ މިކިޔާ އެއްޗެއް؟" މައިކަލް ހުރީ ދަތްކުނޑިވިކާލައިގެންނެވެ.
އަމީރާ ހިމޭންވިއެވެ. އެންމެ ރަގަޅުވާނީ ދެން އަޅާނުލުމެވެ. މައިކަލްއާއި ހެނާގެ ދޭތެރޭގައި މައްސަލައެއް ޖެހޭކަށް އޭނަ ބޭނުމެއްނޫނެވެ.
ހެނާ ގަދަކަމުން ލޯ ހުޅުވައިލީ މީހަކު މާބާރަށް ދޮރުޖެހި އަޑަށެވެ. އެއަޑު ކޮޓަރީގައި އިރުކޮޅަކު ގުގުމާލާފައި ހުއްޓެވެ. މައިކަލް އެއްޗެކޭ ބުނިއަޑު ފަނޑުގޮތަކަށް އިވުނެވެ. ހެނާ އެހާ ކަންނެތްވެފައި އޮވެފައިވެސް ފުންމައިގެން ތެދުވުނީ އޭނަގެ ގައިގާ އެއްވެސް ފޭރާމެއްނެތުމުން ރުޅިގަދަވެފައިހުރެއެވެ. ރަޖާގައިގާ އޮޅާލައިގެން އަވަސްވެގަތީ ފާޚާނާގެ ހިމާޔަތް ލިބިގަތުމަށެވެ. އޭނަވަނީ މައިކަލްދެކެ ވަރަށް ބޮޑަށް ފޫހިވެފައެވެ. ކޮންމެ ރެއަކު މައިކަލް އޭނަ ނިދަންއޮތްވާ މިގޮތަށް އޭނަގެ ފަރާތުން އުފާހޯދަނީ ކީއްވެބާވައޭ ހިތާހިތުން ސުވާލުކުރެވުނެވެ. އޭނަ އެހާ ނިދިގަދައީ ހެއްޔެވެ؟ ނޫނީ މައިކަލްވެސް އޭނައަށް އެއްޗެއް ބޯންދެނީހެއްޔެވެ؟ ރޭގަނޑު އޭނައަށް ގެނެސްދޭ ކޮފީއަށް އެއްޗެއް އަޅާކަމާއިމެދު ވަރަށް ޝައްކެވެ. އަމިއްލަ ނިކަމެތިކަމާއި ބަލިކަށިކަން ހިތަށް އަރާފައި ދެލޯ ފުރި ބާރުވީ ހޫނު ކަރުނައިންނެވެ. ޝަވަރުދަށުގައި ހުއްޓިލާފައި އިސްކުރަށް ދޫކޮށްލީ ކަރުނަތައް ފޮރުވަންވެގެންނެވެ. އެއްވެސް މީހަކަށް އެކަރުނަތައް ދެއްކުމުގެ މާނައެއްނެތެވެ. ހަމްދަރުދީވާނެ އެއްވެސް މީހަކު ހުރީއެއްނޫނެވެ. މައިކަލް އޭނައަށް ކަމޭހިތާ ކަމުގައި ހެދިގެން ހުއްޓަސް އޭނައާއި ދޭތެރޭ ކަންތައް އެކުރަނީ އެންމެ އަނިޔާވެރިކޮށެވެ. އެހާ ބޮޑު ނިކަމެތިކަމެއް އަންހެންކުއްޖަކަށް ނުލިބޭނެއެވެ.
ފެންވަރާ ނިމިގެން ޝަވަރު ބަންދުކޮށްލާފައި ކޮޓްން ތުވާލި ގައިގާ ޖައްސާއިރަށް ފެންތައް ތުވާއްޔަށް ވަދެ އަރާމުކޮށް ހިއްކާލަދިނެވެ. ކޮނޑުގައި އަޅުވާފައި އޮތް ހެދުމާއި ދޫކޮށް އޮތް ހަރުވާޅުލުމަށްފަހު އޭނަ މެރޫންކުލައިގެ ޝޯލް އޮޅާލައިގެން ނުކުތްއިރު މައިކަލް ހުރީ ޝޭވްކުރާށެވެ. އޭނަ އަންނަންދެން މަޑުކުރަން އަންގާފައި ފާޚާނާއަށް ވަންގޮތަށް ވަރަށް އަވަސްއަރުވާލައިގެން ފެންވަރާ ހަދާލައިގެން ނުކުތްއިރު ފެންނަނީ ވަރަށް ތާޒާކޮށެވެ.
"ހެނާ. މިއުޅެނީ ރިޒޯޓަކަށް މިއަދު ދާން. ދެތިންދުވަސްވަރު ވެދާނެ. ހަނީމޫނަށް އަދި ނުދެވިއޮތީމަ ހިތަށް އެރީ ހަނީމޫން ހަދާލަންވާނެއޭ. ތައްޔާރުވޭ......" މައިކަލް ބުނެލިއެވެ.
"މަންމަ އެކަނިވާނެއްނު...." ހެނާ ބަހަނާއެއް ދައްކަން އުޅުނެވެ. އޭނަ އެއްގޮތަކަށްވެސް މައިކަލްއާއިއެކު ހަނީމޫން ހަދާކަށް ބޭނުމެއްނޫނެވެ.
"ހެނާ. މަންމަ އެކަނިކޮށްލާފައި އަހަރެން ނުދާނެކަން އެނގެއެއްނު. މަންމައަށް އެހީވާނެ މީހުން ބައިތިއްބާފައި ދާނީ. އަހަރެމެން އިންޑިއާއަށް ދިޔަ ފަހަރު މަންމައާއިމެދު ހެނާ ނުވިސްނިވަރަށް މިހާރު ތިވިސްނަނީ. މައިދައިތަދެކެ ލޯބިން އުޅޭ އަންހެންކުދިން ވަރަށް މަދުވާނެ. އައިމް ސޯ ޕްރައުޑް އޮފް ޔޫ ހެނާ...." މައިކަލް ހުރީ ލާނެތްގޮތަކަށް ހިނިއައިސްފައެވެ. އޭނަ ހެނާގެ އަލަމާރި ހުޅުވާލާފައި ނަގަންފެށީ އޭނަ އިންޑިއާއިން ހެނާއަށް ގަނެދީފައި ހުރި ނިދާ ހެދުންތަކެވެ. ލޭސްފޮތީގެ ތުނި ހެދުންތައް ކިތަންމެހާވެސް އަންހެންވަންތައެވެ. ކުރު ސޯޓުކޮޅުތަކާއި ހަމަށް ހިފާފައިވާ ބާރު ޓޮޕްތައްވެސް ނަގާފައި ދަބަހަށް ލާންފެށިއެވެ.
"މިފަހަރު ތަންކޮޅެއް ރޮމެންޓިކްކޮށް ރޭގަނޑު ޑްރެސްކުރާނީ އިނގޭ. މި އެއްޗެހިގަތީ ރީއްޗަށް ބަހައްޓާކަށް ނޫނޭ ހެނާ. އަހަރެން މިއީ ރިޕީޓްކޮށް ކަންތަކު ކިޔާމީހެއްވެސްނޫން ހެނާ ވީމަ ވަރަށް ބޮޑަށް ބަލައިގެން މިއުޅެނީ.............." މައިކަލްއަށް ފެންނަހާ ހެދުންތަކެއް ނަގާދީފައި އޭނަ އެންގީ މޭކަޕް ސާމާނުތައްވެސް ގެންދިޔުމަށެވެ. ހެނާ ހުރީ ޖެހިބުދެއް ފަދައިން ހުއްޓުންއަރާފައެވެ. މައިކަލްއާއިއެކު ރޮމެންޓިކް ހަނީމޫނެއް ކީއްކުރަން ދަތުރުދާކަށްވެސް ހެނާގެ ހިތް ނުރުހެއެވެ. ފިރިމީހާގެ ހައިސިއްޔަތުންވެސް ދެކެވެނީއެއް ނޫނެވެ. މައިކަލް އުޅޭގޮތުން ގިނަފަހަރު ހީވަނީވެސް ބޭބެއެއް ހެންނެވެ. ދުވާލު އޮޅިގެންވެސް ގައިގާ އަތްލުން އޭނައަށް މަނަލެވެ. ކުރާކަމެއް ކުރަނީ އޭނަ ނިދީމައެވެ. އަޖައިބެއްކަހަލަ ފިރިއެކެވެ.
ހެނާ ސައިބޯން ކާކޮޓަރިއަށްގޮސް ބިސްގަނޑުކާހިތުން މިރުހާއި ފިޔާކޮށަން ހުއްޓާ އަމީރާ އައެވެ. ހެނާގެ މޫނަށް ބަލައިލާފައި ހެނާ ހުރީ ރޮއިފާކަން އަމީރާ ދެނެގަތެވެ. ހުދުކަޅީގައި ކުޑަރަތްކަމެއް ވާއިރު ލޮލުގެ ބޮނޑިވަނީ ދުޅަވެފައެވެ. އަދި ފިޔާކޮށަން ފެށުމުން ދެލޮލުގައި ފެންގިނަވިއެވެ.
"ރޮއިފަތަ ތިހިރީ؟ ކިހިނެއްވީ؟ " އަމީރާ ސުވާލުކޮށްލިއެވެ.
"އުހުން. ލޮލަށް ޝޭމްޕޫ އެޅުނީ. ފިޔާކޮށަންޏާވެސް ފެން އަންނާނެއްނު......." ހެނާ ގަދަކަމުން ހިނިތުންވެލިއެވެ. މައިކަލްއާއިއެކު ރިޒޯޓަށްދާން އުޅޭ ވާހަކަ ބުނެފައިވެސް ހެނާހިމޭންވިއެވެ. އަމީރާމެންނާއި ޒާތީވާހަކަ ހިއްސާކުރުމުގެ މާނައެއް ނެތެވެ. އޭނަ މި އަނދަވަޅަށް ވައްޓައިލި ބަޔަކީވެސް އާއިލާ މީހުންނެވެ. އޭނަ ހިތާމަކޮށްކޮށް މަރުވިޔަސް ސުވާލުކުރާނެ ކަމެއްނެތެވެ. އޭނަ މަރުވިޔަސް އެހެން މީހުންގެ ކައިރީގައި ޗުއްޕުވެސް ނުބުނާނެއެވެ.
"ވެލް އޯކޭ........" އަމީރާ ދެން އިތުރަށް އަހާކަށް ނޫޅުނެވެ. އޭނަ ކޮފީ ހަދަންވެގެން ފެން ހޫނުކުރަން ޖައްސައިލިއެވެ. އަމީރާ ދައްކަންފެށީ އޭނައާއި ލޫސިއާންގެ ވާހަކައެވެ. ވަރަށް އަވަހަށް ކައިވެނިކުރަން ގަސްތުކުރާކަމުގައިވެސް ބުނެލިއެވެ. ހެނާ ސުވާލުނުކޮށް އަޑުއަހަން ހުރެ ދޭތެރެއަކުން ހީލައެވެ. އަމީރާއަށްޓަކާ އޭނަ އުފާވިއެވެ. ލޯބިވާ މީހާ ލިބުމަކީ ކޮންމެ އަންހެންކުއްޖެއްގެ ނަސީބުގައިވާ ކަމެއް ނޫނެވެ.
އަމީރާ އޮފީހުގައި ހުރެފާ ގެއަށް އައިއިރު މައިކަލްއާއި ހެނާވެސް ނެތުމުން ސުވާލުކުރިއެވެ. މަންމަ ބުނީ މައިކަލްއާއި ހެނާ ހަނީމޫނަށް ރިޒޯޓަކަށް ދިޔަވާހަކައެވެ. އަމީރާ ސޯފާއަށް ވެއްޓިގަތީ ހަގުރާމައަކުން ބަލިވެފައިވާ މީހެއްފަދައިން މާޔޫސްވެފައި ހުރެއެވެ. ހެނާއަށް އެވަރުވެސް ނޭގުނީހެއްޔެވެ؟ ނޫނީ ހެނާ ގަސްތުގައި އަމީރާ ކައިރީގައި އެވާހަކަ ނުބުނީބާވައެވެ. އަމީރާ ވަރަށް ދެރަވިއެވެ. ހެނާ ކުރިންވެސް މަޑުމަޑުން ހުންނަ ކުއްޖެކެވެ. މިދޭތެރެއިން ގަނޑުފެން ވިރެން ފަށާފައި އަނެއްކާވެސް ކުރިން ހުރިގޮތަށް އިއާދަވީއެވެ.
ފޫހިވެގެން ގޭތެރޭގައި އެނބުރި އެނބުރިފައި ލެޕް ހިފައިގެން ފެންޑާގައި އިށީންގޮތަށް އޭނަ ރިޕޯޓެއް ތައްޔާރުކުރަން ފެށިއެވެ. މައިކަލް ނެތީސް މި ރިޕޯޓް ކޮންމެހެންވެސް އޭނަ ނޫހުގައި ޖަހަން ޖެހޭނެއެވެ. އޭނަ ލިޔުނީ ބޮޑެތި ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލެވިފައިވާތީ އެކަމާއި ބެހޭގޮތުންނެވެ. އެފަދަ މީހުންގެ ޑީއެންއޭ ޓެސްޓުން ކުށަށް ހެކި ލިބިފައިވާއިރުވެސް ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން ދޫކޮށްފައިވާތީ އަދުލު އިންސާފު ލިބޭނީ ކިހިނަކުންތޯ އޭނަ ސުވާލުކުރިއެވެ. މަސްތުވާ އެއްޗެހީގެ ވަބާއިން ސަލާމަތްވާން އެންމެން މަސައްކަތްކުރާއިރު ވިއްކާ މީހުން ވީއްލިފައި ތިބުމުން އެއީވެސް މައްސަލައެއްކަމުގައި އޭނަ ލިޔުނެވެ. ރޭޕިސްޓުންނާއި ޖިންސީ ގޯނާކުރާމީހުން ދެވަނަ ފަހަރަށް އެކަން ތަކުރާރުކުރަން ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި އެކަމަށްޓަކާ ގާނޫނު ވީހާވެސް ހަރުކަށިކުރުމަށް އޭނަ ގޮވައިލިއެވެ. ޒޯހަންއާއި ބެހޭގޮތުން ނުސީދާކޮށް ލިޔުނަސް އޭނަގެ ވާހަކަކަން އެންމެނަށް އެލިޔުން ކިޔާލާފައި އެނގޭނެއެވެ. ދާދިފަހުން ފިރިހެނަކު އޭނަގެ އަންހެނުންނާއި ކޮއްކޮ އަނިޔާވެރިގޮތަކަށް މަރާލުމުން އެމީހުންނަށް އިންސާފު ނުލިބުނު ވާހަކަވެސް ލިޔުނެވެ. އެރިޕޯޓް ލިޔެވުމުން އަމީރާ އިނީ އިންތިހާއަށް ހިތްހަމަޖެހިފައެވެ.
ގަޑިއެއްހާއިރު ވާންދެން އެކަނިމާ އެކަނި މަސައްކަތުގައި އިންއިރު އޭނަ ދެތިންތަށި ކޮފީ ހުސްކޮށްލިއެވެ. މާހައުލު އަރާމުކަމުންނާއި ހިމޭންކަމުން އަމީރާގެ ސިކުނޑިވަނީ އިތުރަށް ހުޅުވިފައެވެ.
"މައިކަލް ހުރިނަމަ ވަގުތުން ބުނާނެ މިލިޔުން ނޫހުގައި ޖަހައިގެން ނުވާނެއޭ. އެކުވެރިޔާ ދިފާއުކުރަން މައިކަލް އެހާވަރުވަނީ ކީއްވެތަ؟ ދެން ރަފައެލްވެސް މައްސަލަ ނުޖައްސައިފިއްޔާ ރަގަޅު. އެމީހުން މި އާޓިކަލް ޖަހަން ގަބޫލުނުވިއްޔާ ކެނޑިގެން އެހެން އޮފީހަކަށްވަންނާނީ. ވޯހް އަދި ރަގަޅަށޭ މިވީ. މައިކަލް ދިޔަކަން ކިހާ ރަގަޅު. މައިކަލްގެ ކޮޓަރީގައި ފޮރުވައިގެން އުޅޭ އެއްޗެއްވެސް ބަލައިލަން ރަގަޅު ފުރުސަތެއް މިލިބުނީ....." އަމީރާ ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ފުންމައިގެން ތެދުވުނުއިރު އެހެން ކަހަލަ ޖޯޝަކާއި ފޯރިއެއް އައިސްފާ ހުއްޓެވެ. އޭނަ ތެދުވެގެންގޮސް ގެއަށް ވަންއިރު އާޒްއިނީ ވަރަށް މަޖާވެލާފައި ގޭމް ކުޅޭށެވެ. އެ ބޮޑު ދެލޯ ސްކްރީނަށް ހުއްޓިފައިވާއިރު އޭގެ ތެރެއަށް ގެއްލިފައި އިނީ މާވަރަކަށެވެ. އަމީރާ ކޮއްކޮގެ އިސްތަށިގަނޑުގައި ފިރުމާލީ ވަރަށް ލޯބިންނެވެ. އަބަދު އާޒް އުފަލުގައި ހުންނަތަން ދެކެން އަމީރާ ބޭނުމެވެ. މަންމައާއި މޫމިނާއްތަ އުނދޯލި ބައިގާ އޮލަ ވާހަކައެއްގައި ތިއްބެވެ. މިހާ ރަގަޅު ފުރުސަތެއް ދުވަހަކު ލިބޭނެކަމެއް ނޭގެއެވެ. އަމީރާ ތަޅުދަނޑިތައް ނަގައިގެންގޮސް އެކި ތަޅުދަނޑިތަކުން މައިކަލްގެ ކޮޓަރީގެ ތަޅު ހުޅުވަން މަސައްކަތްކުރިއެވެ. އުޅެ އުޅެ އެއިން ތަޅުދަނޑިއެއް ލައްވާލާގޮތެއްނުވިއެވެ. އޭނަވެސް ހާދަ މޮޔައެވެ. މައިކަލް އޭނަގެ ކޮޓަރީގެ ތަޅުދަނޑިތައް އެއްލާލާފައި އެހާ ދުރަކަށް ނުދާނެއެވެ. އޭނަ ދާނީ ތަޅުދަނޑި ހިފައިގެންނެވެ. އަމީރާ މާޔޫސްވިއެވެ. އެކޮޓަރިއަށް ވަންނާނެ އެހެން ގޮތެއް ނެތްބާވައެވެ.
ތަޅުދަނޑި ފަތިތައް ހުރިތާ ބެހެއްޓުމަށްފަހު ފުޅާކޮށް ހަދާފައިވާ ކޮރިޑޯއިން ހިނގައިގަތްތަނާ މައިކަލް ބެކްޕެކް އަޅުވާލައިގެން ހުރެ ވަތްތަން ފެނުނެވެ. އަމީރާގެ މޫނަށް ކުޑަ ކުޑަ ހާސްކަމެއް ވެރިވާން އުޅެފައިވެސް އޭނަ ފާޑަކަށް ދެލޯ ބޮޑުކޮށްލިއެވެ.
"އޯނޯ މައިކަލްގެ ޑޮޕްލްގޭންގާ ތަ........." އަމީރާ ދެލޯ ހަނިކޮށްލިއެވެ.
"މަޖާ ނުވޭ އަމީރާ. އެއްޗެއް ބާއްވާފައި އާދެވުނީމަ ބަލާ މިއައީ......." މައިކަލް ބުނެލިއެވެ.
"ހީކުރީ މިގެ ގާޑްކުރަން އުޅޭ ޖިންނިއެއް މައިކަލްގެ ސިފަޖެހިގެން އައީ ކަމަށޭ. އެނީވޭސް އެންޖޯއި ޔޯ ހަނީމޫން......" އަމީރާ ހިނިތުންވެލީ ކުޑަކޮށެވެ. މައިކަލް ތެންކިއު އޭ ބުނެލާފައި ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމުން އަދި އަމީރާއަށް ނުހުރެވިގެން މަޑުމަޑުން ދޮރުގެ ތަޅުގައި ހިފާލެވުނެވެ. އޭނަގެ ނަސީބު މިވަގުތު އެހީވެދިނީ ހައިރާންވާކަހަލަ ގޮތަކަށެވެ. ދޮރުން ބޯ ދިއްކޮށްލިއިރު މައިކަލް ވަނީ ފާޚާނާއަށެވެ. އަމީރާ ވިދުވަރެއްހާ ހަލުވިކޮށް ގޮސް ދޮރުގައި ދަމާފައި ހުރި ބޯ ފަރުދާގެ ފަހަތަށްވަދެ ނިވައިވެލިތަނާ މައިކަލް ނުކުތްތަން ފެނުނެވެ. އެދޭތެރޭގައި މިނިޓެއްވެސް ނުވާނެއެވެ. މައިކަލް ދޮރު ތަޅުލާފައި ދިޔުމަށްފަހުވެސް ފަސްވަރަކަށް މިނިޓްވާންދެން އަމީރާ ހުރީ ގުޑިލަންވެސް ނުކެރިފައެވެ. ހިތް ތެޅޭވަރުން އެ ހިމޭންކަމުގައި މާ ދުރަށް އެއަޑި އިވޭނެކަމުގައި ހީކުރެވުނެވެ. އެހެން ހުރިއިރު އަމިއްލަ ނަފުސަށް ތައުރީފުވެސް ކުރިއެވެ. އަމީރާ ފަރުދާ ދުރުކޮށްލާފައި ބަލައިލިއިރު ލޮލުން ފެނުނީ ވިދުވަރެކެވެ. ތުންފަތުގައި ފުޅާ ހިނިތުންވުމެކެވެ.
"މައިކަލް ހިތުން މާ މޮޅުމީހެއްކަމަށް ހެދިގެން ހުއްޓަސް މިފަހަރު މިއޮތީ ވަރުގަދަ ލަނޑެއް ލިބިފައި....." އަމީރާ ފުރަތަމަވެސް ހުޅުވައިލި ވައްގަނޑުން ފެނުނީ ތަޅުދަނޑި ފަތްޗެކެވެ. މުށިކުލަ އަރާފައިވާތީ އިހުގެ ތަޅުތަކަށް ބޭނުންކުރާ އެއްޗެއްކަން އެނގުމުން އަމީރާގެ ހިތް އުފަލުން ނަށައިލިއެވެ. ހީވާގޮތުން މިކޮޓަރީގެ ޑަބަލްވެސް މީގައި އެބައޮތެވެ. އަމީރާ އަވަސްކަމާއިއެކު އެތާހުރި ފޮތްތަކާއި އެއްޗެހި ހާވަންފެށިއެވެ.
"ސިހުރުވެރިއެއް. އޯ ނޯ. މައިކަލް ގެންގުޅޭ ޖިންނިގޮސް މައިކަލް ކައިރީ އަހަރެންގެ ވާހަކަ ކުޓުވާނެކަން ޔަގީނޭ. އެކަމަކު ދެން ހެޔޮ އަހަރެން ހުއްޓާލާނީ އޭނަގެ ސިއްރުތައް އެއްކޮށް އެނގުނީމަ. ކަންނުވެ ނަންވާކަށްވެސް ބޭނުމެއްނޫން........." އަމީރާ އަވަސްކަމާއިއެކު އަލަމާރިތައް ހުޅުވަމުން ފޮތްތައް ފާސްކުރިއެވެ. ފައިލްތައް ބެލިއެވެ. މައިކަލްގެ އަލްބަމުން ފެނުނު ފޮޓޯތަކުގެ ތެރޭގައި އޭނަގެ ބައްޕަގެ ފޮޓޯ ހުރުމުން ކުޑަ ހައިރާންކަމެއް ލިބުނެވެ. ބައްޕައާއި މައިކަލްއޮތީ ކޮން ގުޅުމެއްހެއްޔެވެ؟ މައިކަލް ކުޑައިރު އުރާލައިގެންވެސް އެބަހުއްޓެވެ. އެހާ ކުޑައިރުވެސް އެކުއްޖާ މައިކަލްއާއި ވައްތަރުކަމުން އެއީ އެހެން ކުއްޖަކަށް ނުވާނެކަން އަމީރާ ޔަގީންކުރިއެވެ. އެކި އެއްޗެހި ހާވަމުންގޮސް އެހެން ވައްގަނޑެއް ހުޅުވާލުމާއިއެކު ކައިވެނީގެ ސެޓްފިކެޓެއް ފެނުމުން އަމީރާ އެ ނެގުމާއިއެކު ހައިރާންވެ އަންތަރީސްވިއެވެ. ދެލޯ ބޮޑުކޮށްގެން ހުރީ ގަބޫލުނުކުރެވިފައެވެ. ފޮރުވާފައިވާ އެންމެ ކަރުދާސްގަނޑަކުން ހަގީގަތް ފަޅާއެރީއެވެ. ހެނާއާއި މައިކަލްގެ ކައިވެންޏަށޭ ކިޔާފައި އިންޑިއާއަށް ގޮސްފައި މައިކަލް މިއޮތީ ޒޯހަންއާއި ހެނާގެ ކައިވެނި ކުރުވާފައެވެ. ދެހެކިވެރިން ގެތެރެއިން އެކަކަށް އޮތީ މައިކަލްގެ ނަމެވެ. މިވަރުގެ މަކަރުވެރި ބަޔަކު ދުނިޔޭގައި އުޅޭނެ ހެއްޔެވެ؟ ހެނާ ޒޯހަންއާއިހެދި މޮޔަވެގެން އުޅުމުން އާއިލާއިން ގަބޫލުނުވާނެކަން އެނގޭތީ ހެނާވެސް އެމީހުންނާއި ބައިވެގެން އިންޑިއާއަށް ދިޔައީއެވެ. ކުރީކޮޅު ހެނާ ރޮއިފާ އުޅޭނީ އަދި އިންނަން އުޅޭ މީހާ ނޭގޭތީއެވެ.
އަމީރާގެ ލޮލުން ކަރުނަ އައެވެ. ދުވަހަކު ދެރަނުވާހާ ބޮޑަށް އަމީރާ ދެރަވެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފޭބިއެވެ. އަމިއްލަ ކޮއްކޮވެސް އާއިލާއަށް މަކަރުހެދީއެވެ. އެނުބައި ނުލަފާ ގާތިލުއާއި ކައިވެނިކުރީއެވެ. މައިކަލް އެހާވަރަށް އޭނަގެ އަމިއްލަ މަންމަވެސް ވާ ވައްދާލައިގެން އެއުޅޭގޮތްވެސް ދެކެބަލާށެވެ. މޫމިނާއްތައަށް މާމަ ދަރިއަކު ހޯދާށޭ ކިޔާފައި އެހާ އޮޅުވާލަން ހެޔޮނުވާނެއެވެ. މި ސެޓްފިކެޓް ހިފައިގެންގޮސް މައިކަލްގެ މަންމައާއި އޭނަގެ މަންމައަށް ދައްކާފައި ބޭޒާރުކުރަންވީއެވެ. މިހާރު ވިސްނިއްޖެއެވެ. ހެނާ މައިކަލްގެ ކޮޓަރީގައި ނުނިދާ އެހެން ކޮޓަރިއެއްގައި އޮންނަނީ އޭނަގެ ފިރިމީހާއަކީ ޒޯހަން ކަމުގައިވާތީއެވެ. ޒޯހަން ހެނާގެ ކައިރިއަށް ވަނުމަކީ ހުއްދަކަމެކެވެ. އޭނަ ގޮސް ދެމަފިރިންގެ ނިދާ ކޮޓަރިއަކަށް އެގޮތަށް ވަނުމުގެ އެއްވެސް ހައްގެއްނެތެވެ.
"ހެނާދެކެވެސް ވަރަށް ފޫހިވެއްޖެ. މަކަރުވެރި އަންހެންކުއްޖެއް. އެހާވަރަށް ހެނާ ދެކެ ލޯބިވީމަވެސް އެހެދީ ކިހިނެއް. ހެނާއަށްޓަކާ ކުރި އުއްމީދުތައް އެކުއްޖާ ވަޒަން ނުކުރި. އަދި އެކްޓްކުރަންވެގެން މާ މަޑުމަޑުން ހުންނަނީ އެހެން މީހުންގެ ލޮލުގައި އަނދުން އަޅުވަން. އެންމެ ހިނދުކޮޅަކަށްވެސް މި ދޮގުވެރި ކެހިވެރިން އުޅޭތާގައި މަޑުކުރާކަށް ބޭނުމެއްނޫން. އެކަމަކު އޭގެ ކުރިން ޖެހޭނީ މައިކަލްގެ އަނެއް ދެކޮޓަރިވެސް ބަލައިލަން. އޭނަ ސިހުރުހަދަނީ އެތާގައި ކަމަށްވާނީ. ރަގަޅަށްވިއްޔާ ހެނާއަށްވެސް އެހެރީ ސިހުރު ޖެހިފައިކަމަށްވާނީ. ގޯޑް. ކޮންކަހަލަ ނުބައި ބަޔެއް..." އަމީރާ ކޯތާފަތް ފޮހެލާފައި ދެން އަވަސްވެގަތީ އަތުގައި އޮތް ތަޅުދަނޑިހިފައިގެން އެތަނުން ނުކުންނާށެވެ. ނަސީބަކުން އަދިވެސް ގޭތެރެ އޮތީ ހިމޭންކޮށެވެ. އަމީރާ އެތަނުން ކޮޓަރިއެއް ހުޅުވައިލިއިރު އެއީ އިހުގެ ގޮތަށް ހަދާފައިވާ ތަނެކެވެ. އެންމެ ލޮލުގައި އަޅައިގަތީ ފޮތް ހަރުގަނޑެވެ. ގިނައީ ފަންޑިތަ ފޮތްތަކެވެ. އަރަބިބަހުން ލިޔެފައިވާ ފޮތްތަކުގެ އިތުރުން އިނގިރޭސި ފޮތްތައްވެސް މަދެއް ނޫނެވެ. އަމީރާއަށް އެފޮތްތައް ބަލާނެ ވަގުތެއް ނެތެވެ. ނަމަވެސް އޭނަ ދެތިން ފޮތްނެގިއެވެ. އެއަށްފަހު އެކޮޓަރީގެ ދޮރުވެސް ލައްޕާލާފައި ދެން ގޮސް ހުޅުވައިލީ ވަނުން މަނާކުރި އަނެއް ކޮޓަރިއެވެ. އެކޮޓަރިއަށްވަދެފާ އަމީރާއަށް ކުއްލި ބިރުވެރިކަމެއް އިހުސާސްކުރެވި ލޯލިތައް ހުރީ ކޮޅަށެވެ. އެއީ މައިކަލް ފަންޑިތަ ހަދާ ކޮޓަރިއެވެ. ބިންމަތީގައި އަކަތައް ކުރަހާފައިވާއިރު އުއްބައްތިތަކާއި ފަންޑިތަ ހަދަން ބޭނުންކުރާ ފާޑުފާޑުގެ ސާމާނުތައް އެކި ތަންތާ ހުއްޓެވެ.
"ސިހުރުވެރި ކަލޭގެ. ދަންޖައްސާ މަރާލަން ޖެހޭނީ. ރަގަޅަށްވިއްޔާ ކޮޓެޖް ފަޅުކޮށްލީވެސް މިމީހާ. އަދި ކޮޓެޖުން ހަންޑި ފެންނަނީވެސް އެހެންވެ. އެ އޭމޮންއެއް ގެނެސްގެން އުޅެނީވެސް މީނާ. މިގޭގައި މިހިރީ މި ޖިންނިންގެ މާސްޓަރ. ސުބުހާނަﷲ. ހެއްދެވި ފަރާތަށް ބިރެއްވެސް ނުގަނެއެއްނު. ދުވަހަކު ނަމާދަށް އަރަން މިސްކިތަށް ދިޔަތަނެއްވެސް ނުފެނޭ. އެކަހަލަ މީހުން ނަމާދުކުރާނީވެސް ޝައިތާނާ ރުހޭގޮތަށޭ ކިޔާއަޑު އިވޭ. އަ މިގެ ގާޑްކުރަން ހަވާލުކޮށްފައިވަނީވެސް ޝައިތާނުންނާ. އެއީވެސް ބޮޑު ޝިރުކެއް. މައިކަލްގެ ކާފަރުކަމުން ހަމަ ހައިރާންވެއްޖެ. އައިހޭޓް ހިމް. ޒޯހަންއާއި ދެމީހުންނަކީ އެއްކަހަލަ ދެ ޝައިތާނުންކަން ޔަގީންވެއްޖެ. މިގެއިން އަވަހަށް ދާންވީ. ބައެއްފަހަރު ރަގަޅު މީހުންގެ ސަބަބުން ނޫނީ ދީނީ ވާހަކައެއް ފިލްމަކުން އިންސްޕަޔާ ވަނީ. މިފަހަރު ނުބައި މީހުންނާއިއެކު އުޅެގެން ތެދުމަގު މިފެނުނީ. ރަގަޅުވާން ބޭނުން މިވީ. ދުޢާއިން ސިހުރާއި ޖިންނިންވެސް ބަލިކުރެވިދާނެ. ބަގަރާ ސޫރަތް ގަވާއިދުން ކިޔަވަންޏާވެސް ޖިންނިއެއް ކައިރި ނުވާނެ. މިހާރު ބޭނުމީ ލޯބިވާ ލޫސިއާން އާއި ކައިވެނިކޮށްގެން ރަގަޅަށް އުޅުން......." އަމީރާގެ ޚިޔާލުތަކުން ހިތަށް ގަނޑުފެން އެޅުމުން ވާފަދަ ފިނިކަމެއް ލިއްބާދިނެވެ. އެތަންތަން ތަޅުލާފައިގޮސް މައިކަލްގެ ކޮޓަރީގައި އޮތް ތަޅުދަނޑިފަތިވެސް އޮތްތާ ބޭއްވިއެވެ. ތަޅުދަނޑިފަތިން ވަކިކޮށްލީ އެކަނި ކޮޓަރީގެ ތަޅުދަނޑިއެވެ. ކޮންމެގޮތެއްވިޔަސް އޭނަ އެނބުރި އަންނައިރު ތަޅުނުލާ ހުރެއްޖެއްޔާ ހުރިހާކަމެއް ފަޅާއެރީއެވެ.
އަމީރާ ކޮޓަރިއަށް ވަންގޮތަށް ހުރިހާ އެއްޗެއް ޕެކްކުރިއެވެ. އޭނަ މޫނުދޮވެ ތައްޔާރުވެލުމަށްފަހު އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލާފައި ލޯގަނޑުން ބަލައިލިއެވެ. މޫނަށް ވެރިވެފައިވަނީ މަޑު ރަތްކުލައެކެވެ. އިރުގެ އަލިއެޅިފައިވާ ގޮތުން އިސްތަށިގަނޑުވެސް ހައިލައިޓްކޮށްލާފައި ވެއެވެ. އެކިކުލައިގެ ހުރަސްރޮގު ދެމި އަތްދިގު ޓީޝާޓަކާއިއެކު ޖިންސެއްލައިގެން ހުރިއިރު އޭނަގެ ހަށިގަނޑުގެ ރީތިކަން ވަނީ ހާމައަށެވެ. އޭނަ ދެން ހެދުންވެސް އަޅާނީ އިސްލާމީގޮތަށެވެ. ބުރުގާވެސް އަޅާނެއެވެ. މި ޖިންނިންނާއި ޝައިތާނުންގެ ކިބައިން ސަލާމަތްވެ ރަގަޅު ދިރިއުޅުމެއް ފެށޭނީ ހެއްދެވިފަރާތަށް ހިތާއި ފުރާނަވެސް އަނބުރާލީމައެވެ. ހެނާފަދައިން ރަގަޅު ހެދުމެއްގެ ނިވަލުގައި ފިލާހުރެގެން އެހެން މީހުންނަށް ކެހިދީ މަކަރުހަދާކަށް އޭނަ ނޫޅެއެވެ. ހަގީގަތުގައި ހެނާގެ ސަބަބުން އޭނަގެ ހިތަށް އީމާންތެރިކަން ވެރިވީ ވަރަށް ބޮޑަށެވެ. ހެނާގެ ރަގަޅުކަމާއި ދީންވެރިކަމުން ހިތުގައި ގަދަރެއް ދެވިފާވެއެވެ. މިއަދު އެހުރިހާ އެއްޗެއް ނެތިގެން ހިނގައްޖެއެވެ. ހެނާއަކީ ރަގަޅުކަމަށް ބޭރުފުށުން ހެދިގެން ހުރި ދެފުށްކެހެރިއެކެވެ. ދުވަހަކު އިތުބާރެއް ނުކުރެވޭނެއެވެ. ކޮއްކޮއަށްވުމުން ހިތުގައި ކުލުނު އުފެދެންވެސް އުޅުނެވެ. ނަމަވެސް މިވަރުގެ ކަމެއްކުރި ނުލަފާ ކުއްޖަކާއި ގުޅުން ބާއްވަންވީ ކީއްވެހެއްޔެވެ؟ އޭނަ އެހާވަރުން ޒޯހަންއާއި ވާހަކަނުދައްކާށޭ ބުނެ ވިސްނައިދިނީމަ ސިއްރު ސިއްރުން ކައިވެނިކުރީއެވެ. ނޫނެކެވެ. އޭނަ ހިތް ހިލައަށްވުރެ ހަރުކުރާނެއެވެ. ހެނާއަށް ދުވަހަކު މާފެއް ނުދޭނެއެވެ.
އަމީރާގެ ސިކުނޑިއާއި ހިތަށް ވަނީ ބަޔާންކުރަން ނޭގޭފަދަ ނުބައި އަސަރެއްކޮށްފައެވެ. ސިކުނޑި ފަޅައިގެން ގޮސްދާނެހެން ހީވިއެވެ. ބޮލަށް ވާން ވާ ކަހަލަ ގޮތެއް ވުމުން އޭނަ ވޫލްކޮޅުވެސް ނައްޓާލައިފިއެވެ. އެރީތި އިސްތަށިގަނޑު ކޮނޑުމައްޗަށް ވިހުރިގެން ދިޔައީ ފަށުވިގަނޑެއް ހެންނެވެ. ގަޑި ބަލައިލިއިރު އިރުއޮއްސޭކަށް މާ ގިނައިރެއް ނެތެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުން އަމީރާ ހެޑްސެޓް ކަންފަތުގައި އެޅިއެވެ.
"ލޫސިއާން. ބޭބީ ކޮންތާކު ތިހިރީ. ވަރަށް މިސްވޭ....." އަމީރާގެ ކަންފަތުގައި ލޫސިއާންގެ އަޑު ޖެހުމުން ވަރަށް ލޯބިން އަހައިލެވުނެވެ.
"މިސް ޔޫ ޓޫ ފުރާނަޔާ. ނިކުމެބަލަ. ދޮރާށި ކައިރީ މިހިރީ. ބޭބީމަތިން ހަނދާންވާވަރުން ހަމަ ކެތްނުކުރެވިގެން މިއައީ............" ލޫސިއާން ބުނެލިއެވެ. އަމީރާ ބުރަކަށީގައި އަޅުވާފައި ހުރި ބެކްޕެކްވެސް ނުނަގާ ދުވެލާފައި ކަހަލަ ގޮތަކަށް ނުކުތީ ލޫސިއާން ދެކޭހިތުން ބޭގަރާރުވެފައި ހުރެއެވެ. އިރުއޮއްސެމުން ދިޔައިރު ރަންދޯދިތައް އެމޫނާއި އިސްތަށިގަނޑަށް އެޅިފައިވާއިރު ނަލަކަމުން ލޫސިއާން ހުރީ ކަޅިވެސް ޖަހާނުލާ ބަލާށެވެ. އޭނަގެ ހިތުގައި އަމީރާއަށްޓަކާ ވާ ލޯބި މަޑުމަޑުން ގަދަވަމުންގޮސް މިހާރު މޮޔަވާވަރަށް ލޯބިވެވިއްޖެއެވެ. އަމީރާއަކީ ދިރިހުރުމުގެ އެއްބައިކަމުގައި ވެގެން ހިނގައްޖެއެވެ.
އަމީރާ ދުވަމުން އައިސް ލޫސިއާންގެ ކުރިމަތީގައި ހުއްޓިލަމުން އެދެއަތުގައި ހިފައިލިއެވެ. ލޫސިއާންއާއި އަމީރާގެ އިނގިލިތައް ލާމެހި ގުޅިގެން ހިގައްޖެއެވެ. އަމީރާއަށް ލޫސިއާންގެ ދެލޮލަށް ބަލައިލެވުނުއިރު އެލޮލަށް މާމުއި ނުވަތަ ރަންކުލަވެރިވިހެން ހީވިއެވެ. ތުންފަތުގެ ރީތިކަމާއި މަޑުކަމުން ދުރުގައި އުޅެން ކެތްނުވާވަރު ކުރުވައެވެ. ކުޑަކޮށް ދިގުކޮށްލެވިފައިވާ އިސްތަށިގަނޑުގެ ސަބަބުން ތަފާތު ގޮތެއްހުއްޓެވެ. ބޮޑަށް ވައްތަރުވަނީ ފިލްމުތަކުން ފެންނަފަދަ ވެމްޕަޔަރަކާއެވެ. ކޮންފަދަ ފުރިހަމަ މޫނެއްހެއްޔެވެ؟ އަމީރާއަށް އެފިރިހެންވަންތަ މޫނުގައި ފިރުމައިލެވުނެވެ. ދެން ވިސްނާލާފައި އޭނަ ކުޑަކޮށް ދުރަށް ޖެހިލިއެވެ. އޭނަ ކައިވެނިކުރަންދެން އުޅޭނީ ދުރުންނެވެ.