ޒޯހަން އައި ސީ ޔޫއިން ނެރުނުނަމަވެސް އޭނައަށް އަދިވެސް ވާހަކައެއް ނުދެއްކެއެވެ. ހީވަނީ މީހަކު ދުލުގައި ހިފަހައްޓައިގެން ހުންނަހެންނެވެ. ރަފައެލް ފެނުމުން ޒޯހަންގެ ދެލޮލުން ބިރުވެރިކަން ފާޅުވެ އޭނަ ވަގުތުން ލޯ މަރައިލަނީ އެސޫރަ ނުދެކެންވެގެންނެވެ. ޒޯހަން ބާއްވާފައި އޮތް ޕްރައިވެޓް ރޫމްގައި އޭނަގެ މަންމައާއި ބައްޕަގެ އިތުރުން ބޭބެ އުމްރާންވެސް ތިބިއިރު އެންމެންގެ މޫނުތައްމަތިންވެސް ފެންނަނީ ކަންބޮޑުވެފައިވާކަމުގެ އަސަރުތަކެވެ. ސީޓީ ސްކޭން ހަދާފައިވެސް ސިކުނޑީގެ މައްސަލައެއްނެތެވެ. ކަރުންމަތީގެ ޑޮކްޓަރު ބުނެފައިވާގޮތުން އަޑުފޮށިވެސް ރަގަޅެވެ. ވީއިރު ޒޯހަންއަށް ވާހަކަ ނުދެއްކެނީ ކީއްވެބާވައެވެ.
ކުއްލިއަކަށް ޒޯހަންގެ ނަޒަރު ހުއްޓުނީ ކޮޓަރިތެރެއަށް ވަދެގެންއައި ހިޔަންޏަކަށެވެ. އުދުހިލާފައި އައިގޮތަށް ޒޯހަންގެ މޭމައްޗަށް އެރިގޮތުން އޭނަގެ ނޭވާ އެތެރެހަށީގައި ތާށިވިއެވެ. ބަރުވެގެންގޮސް މޭމަތީގެ ކަށިތައް ފުނޑާލިފަދަ އިހުސާސެއް ކުރެވުނެވެ.
"ކަލޭ އަހަންނޭ ކިޔައިގެން އަނގަ ހުޅުވާލިޔަސް ކަލޭގެ އަންހެނުން ހެނާއާއި ބަނޑުގައިވާ ދަރިވެސް ނައްތާލާނަން. އެކަން ހަނދާންކުރާތި. އަހަންނަކީ ކަލޭގެ ޑޮކްޓަރ. އަހަރެން އައީމަ ކަލޭ ފާޑުފާޑަށް ބަލަން ހަދައިގެން މީހުންނަށް މަށަށް ޝައްކުވާނެގޮތެއްވެސް ހަދައިގެންނުވާނެ. " އެ ހިޔަނި ޒޯހަންގެ ކަރުގައި ހިފުމުން ނޭވާނުލެވިގެން ޒޯހަން ތެޅިފޮޅިގަތެވެ. ހިޔަނީގެ ސިފައިގާ ހުރީ ރަފައެލްކަން ޒޯހަން ދެނެގަތެވެ. ނަމަވެސް ހިމޭނުން އޮންނާން އޭނައަށްވަނީ މަޖުބޫރުވެފައެވެ. ހެނާއާއި ދަރިފުޅުގެ ހައްގުގައެވެ.
ލޫސިއާން ސިޓިންރޫމްގެ ސޯފާއެއްގައި އޮށޯވެލައިގެން އޮތްވާ އަމީރާ އޮފީހުން އައިސްވަނެވެ. ފައިގާވާ ބޫޓު ކިބަ ބާލަންފެށިއެވެ. ލޫސިއާން އަތުގައިވާ ފޯނުން ފޮޓޯނަގަން ފެށިއެވެ. އަމީރާ ލޫސިއާންގެ މަގަތުގައި އިށީދެލާފައި މޭމަތީގައި ބޯ އަޅައިލިއެވެ. އޮފީހުން ނިމިގެން އައިއިރުވެސް އެހަށިގަނޑުގައިވާ މީރުވަހަކަށް ބަދަލެއްނާދެއެވެ.
"ބޭބީ ކިހިނެއްވެފަ؟ ހާދަ ވަރުބަލިވެފަ؟ "ލޫސިއާން އަމީރާގެ ގަނޑުފެންކޮޅެއްފަދަ ފިނިއަތްތިލަ އޭނަގެ އަތުގެ ތެރެއަށް ލިއެވެ.
"ލެން. އައިމް ސްކެއާޑް. އަހަންނަކަށް ނޭގޭ، ޒޯހަންއަށްވެސް ވެގެން އުޅޭގޮތެއްވެސް މިހާރަކު ނޭގޭ. މައިކަލްއާއި ދިމާވީމަ އޭނަ ބުނި އެއްޗެއް އެނގޭތަ؟ ޒޯހަންއެއް ނޫނޯ ކިޔާރާއާއި ރާދް މަރައިލީ. ކޮންމެވެސް އެއްޗެއް ޒޯހަންގެ ހަށިގަނޑުގެ ތެރެއަށް ވަދެ އެކަން ކުރުވީޔޯ. އެކަން ކުރި މީހާ ހުންނާނެޔޯ ކޮޓެޖްގައި. އަމީރާ އެހާ މޮޅީޔާ އެކަންތައް ހޯދާށޯ. އަހަންނަށް އެނގޭ ލެން އެހާ ގޯސްކަމެއް ނުކުރާނެކަން. ދެން ހުރީ ރަފައެލް. އެއީ ދުނިޔޭގައި ހުރި އެންމެ ކައިންޑް ހާޓެޑް ޕާސަން. އެކަމަކު..................." އަމީރާގެ ރީތި ދެލޯ ލޫސިއާންއާއި އަމާޒުވިއެވެ.
ލޫސިއާންގެ މޫނުގެ ކުލަ ފަނޑުވާގޮތްވިއެވެ.
"އެކަމަކު ކީކޭތަ؟ ބޭބީ ބުނަން އުޅުނު އެއްޗެއް ފުރިހަމަކޮށްބަލަ....." ލޫސިއާން އަމީރާގެ ނިތްކުރިއަށް ގޯނާކުރަމުން ދިޔަ އިސްތަށިތައް އެއްފަރާތްކުރަމުން ޖާދުވީގޮތަކަށް ބަލަންއިނެވެ.
"ލެން ބުނީމެއްނު ޖިންނި ދެބޭބެއިން އުޅޭ ވާހަކަ......" އަމީރާ އޮޅުން ފިލުވަން އުޅުނެވެ.
"ބޭބީ. ޕާސްޓްމަތިން ހަދާންނައްތާލާފައި މޫވްއޮން ކުރިއްޔާ މާ ރަގަޅު. އެމީ އެކަންތަކާއި އުޅެން ހަދައިގެން އެންމެން ގެ ހަޔާތަށްވެސް އޭގެ އަސަރުކޮށްފާނެ. ވެދިޔަ ކަންތައް ވެގެން ދިޔައީ. އޮވެއެއްނު ފޮގިވްކުރުމާއި ހަދާން ނައްތާލުން. މިސާލަކަށް އަހަރެންގެ ބޭބެއެއް ޒޯހަންގެ ހަށިގަނޑު ތެރެއަށް ވަދެ އެކަން ކުރުވީޔޯ. ދެން އެމީ އެކަންތައް އަދި ބަސްޓްކުރީމަ އެމީހުންނާއިވެސް އެމީ ޖައްސާލުން ނޫންކަމެއް ނުވާނެ، ސޯ ބޭބީ. ޕްލީޒް ލީވް އިޓް. މިއީ އަހަރެމެންގެ ފެމިލީއާއި ގުޅޭކަމެއް. ކުރިންވެސް މި ދެއާއިލާ ދޭތެރޭގައި ބޮޑު ކޯޅުންގަނޑެއް ހިގާ ކިރިޔަ ކިރިޔާ ހުޅުނުހިފާ އޮތީ.......... " ލޫސިއާންގެ ލޮލުގައިވި އަސަރަކުން އެވަގުތަށް އަމީރާ އެވާހަކަ ހުއްޓާލިޔަސް އޭނަގެ ސިކުނޑިވަނީ ތަފާތު ވާހަކަތަކުން ފުނިޖެހިފައެވެ. ޒޯހަންގެ ބޮލުގައި އެޅިފައިވާ އެހާ ބޮޑު ތުހުމަތަކުން އޭނަ ސަލާމަތްކޮށް އޭނަގެ ކިލަބުވެފައިވާ ނަން އަލުން ސާފުކޮށްދޭންވެސް އަމީރާ ބޭނުމެވެ. ލޫސިއާންއަކީ އޭނަގެ އާއިލާކަމުގައި ވިޔަސް ނުބައި މީހަކު ކުރިކަމަކުން ޒޯހަންދެކެ އެންމެންގެ ހިތުގައި ނަފްރަތު އުފެދިގެނެއްވެސް ނުވާނެއެވެ.
ކޮޓަރިއަށްވަދެ ވުޟޫކޮށްލައިގެން ނަމާދުކުރުމަށްފަހު ލޯގަނޑު ކައިރީގައި ހުރެ އަމީރާ ފުނާއަޅަންފެށިއެވެ. އެހެންހުރިއިރުވެސް އޭނަ ވިސްނަމުން ދިޔައީ ޒޯހަންގެ ހާލާއިމެދުގައެވެ. އޭނަވަނީ ޒޯހަންގެ މަންމަމެންނާއިވެސް ބައްދަލުވެފައެވެ. އެ އެންމެންވެސް ހާދަ ރަގަޅެވެ. އެމީހުން ޒޯހަންދެކެ ލޯބިވާމިންވަރު ފެނިފާ އަމީރާގެ ހިތަށް އަސަރުކުރިއެވެ. އެމީހުން އަމީރާއަށް ވިސްނައިދޭން މަސައްކަތްކުރީ ޒޯހަން އެފަދަ ނުބައި އަމަލެއް ނުކުރާނެކަމުގައެވެ. މީހުން އަމީރާއަށް އިންޒާރުދޭއިރު އެކަމާއި އެމީހުންނާއި އެއްވެސް ގުޅުމެއް ނެތްކަމުގައި އެމީހުންވަނީ ބުނެފައެވެ. ޒޯހަންގެ ނަން ސާފުކުރަން އެމީހުން އަމީރާ މެދުވެރިއަކަށް ހަދަން އުޅުނު ފާޑު ޖަހައެވެ. ކުއްލިއަކަށް ވިސްނާނުލާ ހުއްޓާ ފަހަތުން އައިގޮތަށް ލޫސިއާން އަމީރާގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލިއެވެ.
"އެމީ. ބުނަން ވާހަކައެއް. އެމީ ތިކަންތައް ހޯދަން އުޅެފިއްޔާ އަހަރެމެން ވަކިވެދާނެ...." ލޫސިއާން މަޑުމަޑުން ބުނެލިއެވެ.
"އެއީ ކީއްވެތަ؟ ލެންއަށް ޒޯހަން ލައްވާ އެކަން ކުރުވިމީހާ ރަގަޅަށް އެނގެޔޭ އަހަރެންގެ ހިތް ބުނަނީ. ދެން ވެދާނެ އެއީ ލެންގެ މީހެއްކަމަށް. ދެން މިސާލަކަށް އަހަރެން އެމީހެއްގެ ހަގީގަތް ހޯދާފައި ނޫހުގައި ޖެހީޔޯ. ލެން އަހަންނަށް ހާޓްކޮށްފާނަންތަ..." އޭރު އަމީރާގެ ހިތުގެ ތެޅުން ބާރުކަމުން ބޭރަށް އިވޭނެކަން އޭނައަށް ޔަގީނެވެ.
"ޑެމިޓް. އައި ލަވް ޔޫ. ކީއްވެތަ އަދިވެސް އެކަން ގަބޫލުނުކުރަނީ............." ލޫސިއާން ހަޅޭއްލަވައިގެންފާ މޭޒުމަތީގައި ގޮށްމުށުން ޖެހިލެއްބާރުކަމުން މޭޒުމަތީގައިވާ ބައެއް އެއްޗެހި ބުރުއްސައިގެން ދިޔައެވެ. އެދެލޯ ދިއްލިގެން ދިޔަތަން އަމީރާއަށް ފެނުނެވެ. އިންސާނެއްގެ ގޮތުގައި އުޅެން މަސައްކަތްކުރާއިރުވެސް ޖިންނީގެ ބާރާއި ރުޅި ލޫސިއާންގެ ގައިގާ ހަރުލާފައިވަނީ ފިލާފަދަ ގޮތަކަށް ނޫނެވެ. އަމީރާ ހިންދިރުވައިލި ގޮތަށް ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. އެ ދޮންމޫނުގައި ބަރިއަކަށް އެތުރިފައި ހުރީ ކުދި ދާތިކިތަކެވެ. ލޫސިއާންގެ ރުޅީގެ ސަބަބުން ހަނދާންވީ އޭމޮންގެ މަތިންނެވެ. އަމީރާގެ މޫނަށްވެރިވި ކުލަވަރު ފެނިފާ ލޫސިއާންގެ ރުޅިފިލާ ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. ތަރުޖަމާކުރުން ދަތި އަސަރުތަކެއް ލޮލަށް ވެރިވިއެވެ.
"އެމީއަށް އަހަރެން ހާޓްކޮށްފާނެކަމަށް ހީކުރީތީ ވަރަށް ދެރަވެއްޖެ. އެމީއަށް އަހަރެން އެހާ ޚާއްސަނުވިޔަސް ޔޫ އާރ މައި އެވްރީތިންގް ބޭބީ....." ލޫސިއާން އަމީރާ ގަދަކަމުން ކަހަލަ ގޮތަކަށް ގެނެސް މޭގައި ޖައްސާ ބޮނޑިކޮށްލިއެވެ. އޭރުވެސް އެހިތުގެ ތެޅުމުގެ އަޑު އޭނައަށް ރީއްޗަށް އިވެއެވެ. ލޫސިއާން އަމީރާ ގެންގޮސް އެނދުގައި ބޭންދިއެވެ. އޭނަ ބޭނުންވީ މިރޭ ހުރިހާ ކަމއް އަމީރާއަށް އެންގުމަށެވެ. އަމީރާއަށް އޭނަގެ ހަގީގަތް ކިޔައިދިނުމުން ރުޅިއަޔަސް އޭނައަށް އިތުރަށް ފޮރުވައިގެނެއް ނުހުރެވޭނެއެވެ. އޭނައަކީ އަމީރާގެ ކުށްވެރިޔާއެވެ. ފުރަތަމަ އަމީރާގެ ހަޔާތަށް އޭމޮންގެ ސިފައިގާ އައުމަށްފަހު އޭނަވަނީ އަމީރާ ފިރިހެނުންމަތިން ފޫހިވާވަރުކޮށްފައެވެ. އެހާ އަނިޔާދީފައެވެ. އެކަން އެނގުމަށްފަހުވެސް އަމީރާ އޭނަދެކެ ވާ ލޯބި ސާބިތުކޮށްދިނީ އެހުރިހާ ކަމަކަށް މާފުކޮށްދީގެންނެވެ. ވީއިރު ޒޯހަންގެ މައްސަލައިގާ އަމީރާ މާ ފަސޭހައިން މާފުކުރާނެއެވެ.
ލޫސިއާން އެންމެ ފުރަތަމަވެސް ދެއްކި ވާހަކައަކީ އޭނަ އަމީރާއަށް އޮޅުވާލައިގެން ޝެއިޚެކޭ ކިޔާފައި ގެންގޮސް ބައްދަލުކުރުވީ އާލިފްއާއިކަމެވެ. އެކަން އެނގުމުން އަމީރާއިނީ އަޖައިބުވެފައެވެ. ވީއިރު މައިކަލް އެބުނީ ދޮގުވާހަކައެއް ނޫނެވެ. ލޫސިއާން މަކަރުވެސްހެދީއެވެ. ނަމަވެސް ދެން ބުނެލި ޖުމްލަތަކުން އެތާގައި ކުޑަވަރެއްގެ ގިޔާމަތެއްވިހެން ހީވިއެވެ.
"ބޭބީ. އަހަންނަށް އެނގޭ މިހެންބުނީމަ އަހަރެން ދެކެ ރުޅިއަންނާނެކަން. އަހަރެން ކުރީ އާދައިގެ ކުށެއް ނޫން. އެއީ ކިހާވަރެއްގެ ބޮޑުކަމެއްކަން އެނގިހުރެވެސް ބަދަލުހިފަން އެކަން ކުރި މީހަކީ އަހަރެން. ޒޯހަންގެ ހަށިގަނޑުގެ ތެރެއަށް ވަދެ ޒޯހަން ލައްވާ އޭނަގެ އަންހެނުންނާއި ކޮއްކޮ ރޭޕްކުރުވީ. އޭނަ ހޭހުރެގެން އެކަހަލަ ކަމެއް ނުކުރާނެ. ޒޯހަންއަކީ ގޯސްމީހެއްނޫން، ރަގަޅުމީހެއް. އެކަމަކު އޭނަގެ ބައްޕަ ކުރި ކުށުގެ ބަދަލުހިފީ ދަރީގެ ފަރާތުން. ޒޯހަންގެ ބައްޕަ އަހަރެންގެ މަންމައަށް ދިން އަނިޔާތައް ހިތަކުން ނުފިލާނެ. އެހެންވެ ޒޯހަންގެ ބައްޕަގެ ދެލޮލުން އެވަރަށް ކަރުނަ އަންނަތަން ދެކެން ބޭނުންވީ. އޭނަގެ ދަރިންތައް މަރުވެ ހުރި އެންމެ ފިރިހެންދަރި މުޅި ގައުމަށް ބަދުނާމުވުމުން އޭނަ ހުރީ ހޭބުއްދި ފިލާފައި. ބޭނުންވިހާ ކަންތައް ވެ ނިމިއްޖެ. އެމީ އަހަންނަށް މާފުކުރޭ. އައިމް ސޮރީ އެބައުޓް ދެޓް. ޒޯހަންއަކީ ކޮއްކޮގެ ފިރިމީހާ. އެހެންވެ އަހަރެން މާފަށް އެދެން މިޖެހުނީ..............." ލޫސިއާން އަމިއްލަ ކުށަށް އިއުތިރާފުވިއެވެ.
"އަހަންނަށް ކޮންމެ ކަމެއް ކުރިޔަސް މާފުކޮށްފާނަން. އެކަމަކު ތީ ދުވަހަކު މާފުކުރާނެ ކުށެއްނޫން...." އަމީރާގެ ސާފު ދެލޮލުގައި ކަރުނަތައް ވިދަންފެށިއެވެ. ބޮޑެތި މުތީތަކެއް ފަދައިން ކަރުނަތައް އެސްފިޔައިގާ ހަރުލާންފެށިއެވެ.
ލޫސިއާން ކުރިއަށް ޖެހިލިއެވެ. އަމީރާ އަތުތެރެއަށް ގެންނާން އުޅުނެވެ.
"ގައިގާ އަތްނުލާތި. އޮޅުމެއްގެ ތެރޭގައި ބަހައްޓައިގެން ކައިވެނިވެސް ތިކުރީ މިކައިވެނިވެސް ހުއްދައެއް ނޫން......." އަމީރާ ރޮމުން ރޮމުން ދުއްވައިގަތުމުން ލޫސިއާން ޖިންސްގެ ޖީބަށް އަތް ޖަހާލައިގެން ބަލަންހުރީ ހިތާމައިގެ ތަސްވީރެއްހެންނެވެ. އެލޮލުގައިވެސް ކަރުނަ ވިދަންފެށިއެވެ. އަމީރާ އަށް ގޮވާ ހުއްޓުވަން ހިތް އާދޭސްކުރިއެވެ.
އަމީރާ އޭނަދެކެ ނަފްރަތުކުރާން ފަށާފާނެހެއްޔެވެ؟ ދެން ވާނީ ކިހިނެއްބާވައެވެ.
އަމީރާ ގަދަކަމުން ގެއަށް ގެނެސް ސިކުނޑިއާއި ކުޅެގެންވެސް އޭނަ ބޭނުންކަންތައް ކުރުމުގެ ބާރު ލޫސިއާންއަށް ލިބިފައިވެއެވެ. ނަމަވެސް އޭނަގެ ހިތުގައި މިއަދުވާ މަތިވެރި ސާފު ލޯބި އެކަމަކަށް ފުރުސަތެއް ނުދިނެވެ. އޭނަ އެއްވެސް ހާލެއްގައި އަމީރާއަށް މަޖުބޫރެއް ނުކުރާނެއެވެ. ނަމަވެސް އަމީރާ އޭނަދެކެ ލޯބިވާކަން ލޫސިއާންއަށް އިހުސާސްކުރެވެއެވެ. އެލޯބީގެ ސަބަބުން އަމީރާ އޭނަގެ ކައިރިއަށް އަންނާނެއެވެ. ކޮންމެވެސް ދުވަހަކުން މާފުކުރާނެއެވެ. އަމީރާ އަބަދުގެ އަބަދަށްޓަކާ ގެއްލިގެން ދިޔައީކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. ކިތަންމެ ދެރަވިޔަސް އޭނައަށް ހަގީގަތް ހާމަކުރުމުގެ ހިތްވަރު ލިބިއްޖެއެވެ. އެކަމުގެ ސަބަބުން ސިކުނޑީގައިވާ އެތައް ޓަނެއްގެ ބުރަދަންވެސް ލުއިވެގެން ހިގައްޖެއެވެ.
މިހުރީޒްއާއި ނަބީލާ އެނބުރި އައިއިރު ލޫސިއާންގެ ހިތާމައިގެ ސަބަބުން އޭނަ އޮތީ އެނދުންވެސް ނުތެދުވެއެވެ. އެއޮތް ރީތި މޫނުގެ ކުލަ ފަނޑުވެ ކޯތާފަތް ވަޅުވަދެ ދެލޮލުގައިވާ ދިރުން ގެއްލިއްޖެއެވެ. ލޫސިއާންއަށް އައިސްފައިވާ ބަދަލުގެ ސަބަބުން މަންމަ ސުވާލުކުރަން ފެށުމުން މަންމަގެ އުނގުގައި ބޯ އަޅައިލިގޮތަށް ލޫސިއާން ކުޑަކުއްޖެހެން ރޯންފެށިއެވެ. ނަބީލާ ލޫސިއާންގެ އިސްތަށިގަނޑުގައި ފިރުމަ ފިރުމާފައި ރުއިން ހުއްޓާލަން އެދުނެވެ.
"މަންމާ. އަމީރާ ހިގައްޖެ....." އެންމެފަހުން ލޫސިއާން ހިތްހަލާކުވެފައިވާ ފަދަ އަޑަކުން ބުނެލިއެވެ.
"ކީއްވެތަ ދަރިފުޅާ....." ނަބީލާ އަހައިލިއެވެ.
"އަހަންނަށް ކުށެއް ކުރެވުނީ. ޒޯހަންގެ ފަރާތުން ބަދަލުހިފަންވެގެން ޒޯހަންގެ ހަށިގަނޑުގެ ތެރެއަށްވަދެ......ވެލް މަންމާ. އައިމް ސޮރީ، މަންމަގެ ކައިރީ މިފަދަ ކުށަކަށް އިއުތިރާފުވާކަށް ނޫން ހުރީ. އެކަމަކު މިއަދު މަންމައަށް ހަގީގަތް ހާމަކުރަން ޖެހުނީ އެހެން ގޮތެއްނެތިގެން. މަންމަ ހިތަށް އަރާނެ ކީއްވެގެން ހޭ މިގޭގައި ހުރި މެހުމާނަކަށް އެފަދަ ބޮޑު މުސީބާތެއް ޖައްސަންވީ. އެކަމަކު ޒޯހަންއަށް އަނިޔާކުރީ އޭނަގެ ކުށެއް އޮވެގެނެއް ނޫން. އޭނަގެ ބައްޕައަށް ހިތުން ނުފިލާވަރުގެ ލަނޑެއްދޭން ހުރީ. މަންމަ ހަދާން ހުރިކަމެއްވެސް ނޭގޭ. މަންމައާއި ދިމާލަށް ނުނިޔަތެއްގައި ބަލައިލި މީހަކަށްވެސް އެކަން ދައްކާފައި ހުންނާނީ........." ލޫސިއާންގެ ވާހަކަތަކުން ނަބީލާގެ ހިތަށް އުދަގޫވިއެވެ. އޭނަގެ ބައްޕަ ސިހުރު ހަދައިގެން އިންސާނުންނާއި ޖިންނިން އެކުވެ އޭގެ ސަބަބުން ދަރިންގެ ހަޔާތަށް ބަނަ ވިލާގަނޑެއް އެޅިއްޖެއެވެ.
"ދަރިފުޅާ، މަންމަގެ ދުޢާއަކީ ލޫސިއާންއާއި އަމީރާވަކި ނުވުން...." ނަބީލާ ބުނެލިއެވެ.
"މަންމާ. މިހާ އުދަގޫ ލޯތްބެއް ދުނިޔެއަކު ނުވާނެ......." ލޫސިއާން ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފާ އެކަން ސިއްރުކުރިއެވެ. އެވާހަކަ އަމިއްލަ ނަފުސަށްވެސް އޭނަ މިހުންނަނީ ސިއްރުކޮށްގެންނެވެ. އަމިއްލަ ހިތަށްވެސް އޭނަ ހާމަކޮށްދޭން ބޭނުންވަނީ އެއީ ތެދެއްނޫންކަމެވެ. ނަމަވެސް މި ލޯބި އެހާ "އުދަގޫ" ވުމުގެ އަސްލަކީ އެއީއެވެ. ހަގީގަތަކީ ރަފައެލްގެ ހިތުގައިވާހާ ހުރިހާ އެއްޗެއް ލޫސިއާން ދަންނަކަމެވެ. ލޫސިއާންއަށް ރަފައެލްގެ ހިތް ހުޅުވާލާފައިވާ ފޮތެކޭ އެއްވަރެވެ. އެހިތުގައި އަމީރާއަށްޓަކާ ވާ ލޯބި ފަނޑުވުމެއްނެތި ކުރިއަށް ދަނީ ފެންފައްވާރާއަކުން ފެންފައިބައިގެންދާހާ ބާރުމިނުގައެވެ. ހިތަށް އެންމެ އުދަގޫވަނީ އެއީ ރަފައެލްއަށް ވީކަމަށްޓަކައެވެ.
ނަމަވެސް ކުރިން އަމީރާ ހޯދިމީހަކީ އޭނައެވެ. ރަފައެލް އެއް ނޫނެވެ. ކުރި ލިބެންޖެހޭނީ އޭނައަށެވެ.
ރަފައެލް ފެންވަރާލައިގެން އުނުގައި ތުވާލި އޮޅާލައިގެން ނުކުތްތަނާހެން ކުއްލިއަކަށް ހީވީ ވައިރޯޅިއާއިއެކު ތުވާލި އެއްލައިލިހެންނެވެ. ދެތިން ފޫޓު ދުރަށް އުދުހިގެން ދިޔަ ތުވާލި ނަގަން އަވަސްވެލި ވަގުތު ކުރިމަތިން ލޫސިއާން ފެނިފައި ކަޅިއަޅައިލިއެވެ.
"ލޫސިއަން. ކޮންހާ ވިޔާނުދާކަމެއް......" ރަފައެލް ލޫސިއާންއަތުން ތުވާލި ޖަހައިގަތެވެ.
"އަންހެންކުއްޖެއް ނެތެއްނު...." ލޫސިއާން ހުރީ ސުޕާރީއެއް ކައި ކައިއެވެ. ދުނިޔޭގެ އެއްވެސް ފިކުރެއް ނެތްހެން ހީވިޔަސް އެދެލޮލުގައިވާ ހިތާމަވެރިކަމުން ހިތްތައް ރޫރޫއަޅާހާވެއެވެ. އެހާވެސް އެހިތުގެ ހާލު ބޮޑެވެ. ހިނިތުންވުންތަކުގެ ތެރޭގައި އޭނަ ހުންނަނީ އެކަން ފޮރުވައިގެންނެވެ.
"ހެވޭ. ލެން ކައިރީ ބުނަމެއްނު ހުއްދަ ނުހޯދާ ތިގޮތަށް ރޫމަށް ނުވަންނާށޭ. އަހަރެން ރުހޭކަމެއްނޫނޭ...." ރަފައެލް އިސްތަށިގަނޑުގައި ހާވަންފެށި ކްރީމްއަކުން މުޅިތަނުގައި ހިފައިލީ ނިކަން މީރުވަހެކެވެ. ބޮޑީސްޕްރޭއިން އެތަން މިތަނަށް ޖަހަންފެށިއެވެ. އެހެން އުޅެނިކޮށް އަތުން ޖެހިފައި ސެންޓްފުޅިއެއް ވެއްޓެން ދިޔަ ވަގުތު ހިފަން އަތްހޫރައިލި ނަމަވެސް ރަފައެލް އަށް ކުރެވުނުކަމެއް ނެތެވެ. ތަޅުމުގައި ޖެހުމުގެ ކުރިން ލޫސިއާން އެފުޅި ހުރިތާގައި ބެހެއްޓީ ދާދި ފަސޭހަކޮށެވެ. އެއިން ކޮންމެ ކަމަކީ އޭނައަށް ފެންފޮދެއް ބޯލުންހާ ފަސޭހަކަމެކެވެ.
"ސޮރީ ބްރަދަރ. އަހަރެން އެކަނިވެރިކަމުން ކުރާނެ އެހެން ކަމެއް އޮތީއެއްނޫން. ވާހަކައެއް ބުނެލާހިތުން ކެތްނުވެގެން މިއައީ. އެނގޭތަ؟ އަމީރާ އިޒް ގޯން. އޭނަ އަހަރެން ދޫކޮށްލާފައި ހިގައްޖެ. ޒޯހަންގެ ކަންތައް އެނގުނީމަ...." ލޫސިއާން ފަރުވާކުޑަގޮތަކަށް ބުނެލިއެވެ. އޭރު ރަފައެލް ޖިންސްލުމަށްފަހު އަތްދިގު ގަމީހެއް ލައިގެން ގޮށް އަޅުވާން ފަށައިފިއެވެ. ހީވާގޮތުން ރަސްމީކަމެއްގައި ދާން އުޅެނީއެވެ.
"ދިޔައީއޭ؟ ގަބޫލެއްވެސް ނުކުރެވޭ......" ރަފައެލްގެ ހިތް އަވަސްވެލީ ސަބަބެއްވެސް ނޭގެއެވެ.
"މަންމަ އެހާ ލޯބިވާ ޅީދަރިއެއް ނުވެސް ހޯދޭނެޔޭ މަންމަ ބުނީ. ވީއިރު ކޮޓެޖަށް ގެންނަން އެހާ ބޭނުންވާ އަންހެންކުއްޖެއް ނުވެސް ނެތް. އެކަމަކު ދެން އެދިޔައީ. ބްލޭމް ކުރާނެ އެހެން މީހެއް ނެތް އައިމް ގިލްޓީ. އެނގެއެއްނު ކޮށްފައި ހުރި ހާ ނުބައިކަމެއްވެސް............" ލޫސިއާން ކުޑަކޮށް ހީލިއެވެ.
"ލެން އިސްލާހުވޭ. ޝީ ވިލް ބީ ބެކް. މިހާރު ތަނަކަށް ދާން ލަސްވެގެން މިއުޅެނީ........" ރަފައެލް ހުރީ އެވާޙަކަ ދައްކާހިތަކުން ނޫނެވެ. އަދި ކޮއްކޮއާއި އަމީރާގެ ވާހަކަ ހިއްސާކުރަންވީމަ އެހިތަށް ވާ އުދަގޫތަކާއި ނުކުޅެދުންތެރިކަން ހާމަކުރާނެ ދުލެއްނެތެވެ. އޭނަގެ ކޮއްކޮގެ އަނބިމީހާއާއިމެދު އެހެން ނަޒަރަކުން ދެކެން ބޭނުންނުވިޔަސް އޭނަގެ ހިތުގެ މައްޗަށް ބާރެއް ނުފޯރެއެވެ.
ޒޯހަން އޮތީ ހައިރާންވެފައެވެ. ރަފައެލް ހަވީރުގަޑީގައި އޭނައާއި ވާހަކަދެއްކިއިރު "ޖިންނި" އެއްކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށްނެތެވެ. އޭނަގެ ކައިރީގައި ގުރުއާން ޖަހާލާފައިވީއިރުވެސް ރަފައެލް އައިސް ހުއްޓުނީ ދާދި ކައިރީގައެވެ. އެ އޯގާތެރި ހިނިތުންވުމެވެ. ޒޯހަން އޭނަ ފެނުމުން ނުތަނަވަސްވާކަން ރަފައެލް އަށް އެނގޭބާވައެވެ. ޒޯހަން އެކަން ފޮރުވަން ކިތަންމެހާވެސް މަސައްކަތްކުރެއެވެ.
ޒޯހަން ބަލިވެގެން އައިސީޔޫގައި އޮތުމަށްފަހު ޕްރައިވެޓްރޫމަކަށް ޝިފްޓްކުރާންދެން ހެނާ އުޅުނީ ނަމާދުކޮށްގެން ދުޢާކުރުމުގައެވެ. ޒޯހަންއަށް ޝިފާލެއްވުމަށް އޭނަ ރޮއިފާ ދުޢާކުރިއެވެ. ފިރިމީހާ ނޫން އެހެން މީހަކަށް އެހިތުން ޖާގައެއް އޮތަސް އެކަން ހަދާންނެތުމަށްވެސް އޭނަ ދެންނެވިއެވެ. އޭނަ ޒޯހަންގެ މަތިން ހަދާން ނައްތާލާ މައިކަލްއަށް އިޚުލާސްތެރިވާން ކުރާ މަސައްކަތް ދެނެވޮޑިގެންވަނީ މާތްﷲއެވެ. އެހެން ހުއްޓާ މައިކަލްއާއިއެކު ޒޯހަންގެ އާއިލާ އެގެއަށް އައެވެ. މައިކަލް ދައުވަތުދީގެން މެންދުރު ކެއުމަށެވެ. ހެނާ މޭޒުމަތި ތައްޔާރުކުރުމަށްފަހު ކުޑަކޮށް ރީތިވެލިއެވެ. އެއަށްފަހު ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުތުމާއިއެކު ފެނުނު ސޫރައަކުން ހަތަރެސްފައި ފިނިވާގޮތްވިއެވެ.