"މިސް އަމީރާ. ކުރަންވީކަމަކީ ތަނެއްގެ އިސްވެރިއަކާ އިންޓަވިއުއެއް ކޮށްލަންވީ......" ބޮސްގެ ފުން އަޑުއިވުމުން އަމީރާގެ ހިތުގެ އެންމެ ހިމަ ނާރުގައިވެސް ބީހިލިއެވެ. ހާދަ އަސަރުގަދަ އަޑެކެވެ. އިންސާނަކަށް އެހާ ރީތި އަޑެއް ލިބިފައިވެދާނެކަމަށް ގަބޫލުކުރާކަށްވެސް ފަސޭހައެއްނުވިއެވެ. އަމީރާ ތަލިން ކުޅު ހިކުނެވެ. އޭރު އަތްތިލަވެސް ގަނޑުފެންގަނޑަކޭ އެއްވަރެވެ. އަތްތިލަ ތެމޭގޮތްވިއެވެ. ދުވަހަކަށްވުރެ ދުވަހެއް އެ އަޑުގެ ސަބަބުން އަސަރުކުރަންވީ ކީއްވެކަމެއް އަމީރާއަކަށް ނޭގުނެވެ. ނޫނީ އަލަށް މީހަކާއި އިންޓަވިއު ކުރަންވުމުން ވީ ގޮތެއް ހެއްޔެވެ؟ އަނެއްކާ ރާއްޖޭގެ ރައީސް ނޫނީ މިނިސްޓަރަކާއި ބާވައެވެ. އެހާ މަތީ މީހަކާއި އިންޓަވިއު ކުރެވޭވަރުގެ ގާބިލުކަން އަދި އޭނަގެ އެއްނެތެވެ.

މައިކަލް އަދިވެސް ހުރީ ބުމަ ކައިރިކޮށްލައިގެންނެވެ. ނުރުހިފައެވެ.

އަމީރާ ހައިރާންވިއެވެ. މައިކަލް އެގޮތަށް ބަލަންވީ ކީއްވެހެއްޔެވެ؟ ހަސަދަވެރިވީ ހެއްޔެވެ؟ އޭނައަށް އެފަދަ ފުރުސަތެއް ނުލިބުމުން ކަމަށްވެދާނެއެވެ. ނޫނެކެވެ. މައިކަލްއަކީ ވެރިއެކެވެ. އޭނަ މީހުންގެ އިންޓަވިއު ނަގަން ދާކަށް ނުޖެހޭނެއެވެ. އެއީ ހަސަދައެއް ނޫނެވެ. އެހެން ޖަޒުބާތެކެވެ. އަމީރާ ތިރިއަށް ބަލައިލިއެވެ. އެރީތި ކަޅުކަންގަދަ އެސްފިޔަތަކަށް އިތުރު ދިރުމެއް ލިބިފައިވަނީ އަނދުނުގެ ސަބަބުންނެވެ. ހިތްތައް ހަލާކުވާފަދަ ރީތިކަމެއް އަމީރާގެ ވިއެވެ. އެ މޫނަށް އަރާފައިވާ ޖަންބުކުލައާއި އޮމާންކަމަކީވެސް ފިރިހެނުންގެ ހިތަށް އަސަރުކުރާފަދަ ސިފަތަކެވެ.

ބޮސް އަމީރާއަށް އިރުކޮޅެއްވާންދެން ވާހަކަދައްކަން އިނުމަށްފަހު ފޯނު ކަނޑާލިއެވެ. ނަސީބަކުން އިންޓަވިއު ނަގަންޖެހުނީ ސިޔާސީ މީހެއްގެ އެއްނޫނެވެ. އިސްވެރިއެކޭ ބުނުމުން އޭނަގެ ހިތް ބިރުން ވިރޭވަރުވިއެވެ. ނަމަވެސް ފަހުން އެނގުނީ އެއީ ހޮޓެލްތަކެއް ހިންގާ ވިޔަފާރިވެރިއެއްކަމެވެ. ފްލޯޓިން ރެސްޓޯރެންޓެއް ހުޅުވަން މިހާރު އޭނަ އުޅެއެވެ. ހާދަ މުއްސަދި މީހެކެވެ. ބޮސް ބުނިގޮތުން އިންޓަވިއު އޮންނާނީ ރިޒޯޓެއްގައެވެ. ހާދަ ވީއައިޕީކޮށޭ އަމީރާގެ ހިތަށް އެރިއެވެ. އެބުނާމީހަކަށް ވަގުތުވާނީ މާދަންކަމަށްވާތީ ތައްޔާރުވާނެ ވަގުތުވެސް އެބައޮތެވެ. އޭނަ ޖެހޭނީ ސުވާލުތައް ތައްޔާރުކުރާށެވެ.

އޭރުވެސް މައިކަލް ކުރިމަތިން ދުރަށް ނުގޮސް ހުއްޓެވެ.

"ބޮސް އަބަދު އެމީއަށް ގުޅަނީ ކީއްވެތަ؟ " މައިކަލް ސުވާލުކުރިއެވެ.

"ނޭގޭ. މަސައްކަތް ހަވާލުކުރަންވެގެން. ސަރ އައި ހޭވް ލޮޓްސް އޮފް ވޯކް ޓު ޑޫ އަދި ......" އަމީރާ ކުޑަކޮށް ހީލާފައި ކޮމްޕިއުޓަރަށް ސަމާލުކަންދިނެވެ. މައިކަލް ޑެސްކްގައި އަތް ވިއްދައިލަމުން އަމީރާގެ މޫނަށް ބަލައިލިއެވެ.

"ރޯޒްދައްތަ އަހަރެންގެ ކައިރީގައި ބުނެފައިވޭ އެމީ މިތަނަށް ވަރަށް އާ ވާނެއޭ، އެމީ ރަގަޅަށް ބަލާދެއްޗޯ. އެހެންވީމަ އަހަރެންގެ ވާޖިބެއް އެމީއަށް މީހެއްގެ ފަރާތުން އުދަގޫކުރިމަތިވަންޏާ އެކަމަށް ފިޔަވަޅު އެޅުމަކީ. ވެރިމީހާއަށްވިޔަސް މަށަށް ހެވޭ. އަހަންނަށް ހީވަނީ އޭނަ އަމީރާއަށް މޮޔަވެގެން ފަހަތުން ނުނެއްޓިގެން އުޅޭހެން..." މައިކަލްގެ ލޮލުން ކަނިބުރައިލިއެވެ. އަމީރާއިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ކަޅިޖަހާލަންވެސް ނޭގިފައެވެ. އޭނައަށް ހީވަނީ މޮޔަވެގެން އުޅެނީ ބޮސް ނޫންހެނެވެ. މޮޔަވީ މައިކަލްއެވެ. އެބުނާ ބޮސް ދުވަހަކު އޭނަ ދުށީއެއް ނޫނެވެ. ދެން އޭނައަށް މޮޔަވާންވީ ކީއްވެހެއްޔެވެ؟ މައިކަލް އުޅޭ ވައްތަރަކުން އަމީރާ ވަރަށް ފޫހިވިއެވެ. މަންމަވެސް އޭނައަށް ސިއްރުން މައިކަލް ކައިރީގައި އޭނަ ބަލާދޭށޭ ދެން ބުނަންވެއްޖެހެއްޔެވެ. އޭނައަކީ ތަސައްރަފު ފުދިފައި ހުރި ބޮޑު އަންހެނެކެވެ. ހެނާ ފަދައިން ކުޑަކުއްޖެއްނޫނެވެ. އޭނަގެ މިނިވަންކަމަކާއި މައިކަލްއަކަށް ނުބެހެވޭނެއެވެ.

"މަންމަ ބޮޑީގާޑެއް ހަމަޖެއްސި ވާހަކައެއް ނުވެސް ބުނޭ. އެނީވޭސް ތޭންކްސް، ބަޓް މިވަގުތު އަޅުގަނޑު ކުރަން ހުރި މަސައްކަތްވިޔަދީ........" އަމީރާ އިތުރު ވާހަކަދައްކާ ހިތް ނުވެފައި އޭނަގެ މަސައްކަތްފެށިއެވެ. މައިކަލް އޭނަގެ މަންމައަށް ގުޅައިގެން ކޮންމެވެސް ވާހަކަތަކެއް ދައްކަން ހުރެފައި އަމީރާއަށް ބަލައިލާފައި ހީލުމުން އަދި އަމީރާ ވަކިން ގަދަޔަށް ރުޅިއައެވެ. މައިކަލް ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ ފާޑުފާޑަށް ބަލަންޏާ އޭނަ ގޮސް މައިކަލްގެ މޫނުމަތީގައި ޖަހާފާނެއެވެ.

އެންމެން އެކީގައި ކާންތިބިއިރު އަމީރާ އޭނަގެ މަންމަ ކައިރީގައި މާދަން ރިޒޯޓަކަށްދާން ޖެހޭ ވާހަކަ ބުނުމުން ރޮޒާލިއާ ބުނީ މައިކަލް ދަންޏާ ހުއްދަދެވިދާނެ ކަމުގައެވެ. އަބަދާ އަބަދު މައިކަލްގެ ނަމެވެ. ރަގަޅަށްވެސް އޭނަގެ މަންމަ އެހެރީ މައިކަލް އޭނަގެ ހަށިފާރަވެރިއަކަށް ލާފައެވެ. އެރިޒޯޓުގެ ބޮޑުމީހާގެ ވާހަކަ އަހާފައި ނަޝީދު އެމީހާގެ ފޮނިކަމުގެ ވާހަކައާއި ނުލަފާކަމުގެ ވާހަކަދެއްކިއެވެ. އަމީރާ އިންޓަވިއުއަށް ނުދާންވެސް ހިތަށް އެރިއެވެ. ނަމަވެސް ވަޒީފާއަށް ދަންޏާ ހަވާލުކުރާ މަސައްކަތަށް ފަރުވާތެރިވާން ޖެހޭނެއެވެ. އާދައިގެ މަތިން ހެނާއިނީ ވަރަށް މަޑުންނެވެ. އޭނަ ހުރީ ޓީޝާޓު ފޮތިން ފަހާފައިވާ ތަންކޮޅެއް ދިގު ހެދުމަކާއި ނޫ ޖިންސެއްލައިގެންނެވެ. ކަޅުކުލައިގެ ޝޯލެއް އަޅައިގެން އިނުމުން އެދޮންމޫނު ފެންނަލެއް ހިތްގައިމެވެ. ސަތާރައަހަރުވީއިރުވެސް ހެނާގެ އިސްކޮޅުގައި ކިރިޔާ ހުންނަނީ ފަސްފޫޓެވެ. އެކަމުގެ ސަބަބުން އޭނަ ފެންނަނީ ކުޑަކުއްޖެއްހެންނެވެ. ހެނާ ޝޯލް ނާޅާ ކޮޓަރިން ބޭރަށްވެސް ފިޔަވަޅެއް ނާޅާނެއެވެ.

އަމީރާއާއި ހެނާ ހެދުން އަޅާގޮތް މާބޮޑު ތަފާތެއްނެތަސް އަމީރާ އަދި ބުރުގާ ނާޅާކަމެވެ.

"މިއަދު ސަކީނާ ބުނި އަދިވެސް އޭނަގެ މާމަދަރިފުޅު ނަވާގެ ޚަބަރެއްނުވެޔޯ......" ކުއްލިއަކަށް ރޮޒާލިއާ މައުޟޫ ބަދަލުކުރިއެވެ.

"ކޮންތާކަށް ގޮސްފައިތަ؟ " އަމީރާ ސުވާލުކޮށްލިއެވެ.

"ނޭގޭ، ދޭތެރެއިން އެކުއްޖާ ގެއިން ފިލައިގެން ކޮންމެވެސް ތާކަށްދާނެ. އޭނަގެ މަންމަގެ ރަށަށްވެސް ގޮސްއުޅޭނެ. މިފަހަރުވެސް ދިޔައީ މަންމަމެން އުޅޭ ރަށަށް ކަމަށް ސަކީނާ ހީކޮށްގެން ހުއްޓާ އެނގުނީ އެކުއްޖާ އެރަށަށްވެސް ނުދާކަން. ފިރިހެންކުދިންނާއި ގުޅިގެން އުޅޭ ކުއްޖެއް އެއީ. ކިތަންމެ ބޮޑު ދެރަގޮތެއްވެސް މެދުވެރިވެދާނެ. ނަވާގެ އޮންނަނީ އަމީރާކަހަލަ ރީތި ދިގު އިސްތަށިގަނޑެކޭވެސް ސަކީނާ ބުނި......" ރޮޒާލިއާގެ އެ ޖުމްލައާއިއެކު އަމީރާގެ ހަނދާނުގެ މަޑިކިލަބުގައި ކޮންމެވެސް މީހަކު ކޮށްޓާލިހެން ހީވިއެވެ. ހަނދާނަށް އައީ ދަންޖެހިފައި ހުރި އަންހެންކުއްޖާއެވެ. އޭނަގެ ލޯ ދިން ކެއްސެއްބާވައެވެ. ޔަގީނުންވެސް އެންމެ ފުރަތަމަ އޭނަ އާޒްއާއިއެކު ދިޔައިރު އެކުއްޖާގެ އިސްތަށިގަނޑު ދިގުކަމުން ލޮލުގައި އަޅައިގަތެވެ. ފަހުން ބުދެކޭ ކިޔާފައި ފެނުނު އަންހެންކުއްޖާގެ އިސްތަށިގަނޑު އެހާ ދިގެއް ނޫނެވެ. އާޒްވެސް އެދުވަހު އެހެންބުނި ހަނދާނެއްވިއެވެ. އަމީރާ ކައިކައި އިނދެފާ ކޮށިއަރާގޮތްވިއެވެ. އަމީރާ އެކަމާއި ބެހޭގޮތުން ސުވާލުނުކުރިޔަސް ހިތުގައި އެތައް ޝައްކެއް އުފެދުނެވެ. ނަމަވެސް އެސުވާލުކޮށްފިއްޔާ އޭނަ ބިރުންހުރިވަރުން ލޮލަށް ފެންނަ މަންޒަރުތަކޭވެސް ބުނެފާނެއެވެ. އޭނައަށް ޔަގީންވަނީ ދަންޖެހިފައި ހުރި އަންހެންކުއްޖާގެ އިސްތަށިގަނޑު ދިގުކަމާއި ފަހުން ފެނުނުއިރު ބައެއް މަދުކަމެވެ. މީހަކު ކޮށައިލީ ހެއްޔެވެ؟

ހެނާ އަމީރާއަށް ފެންތަށްޓެއް ފޯރުކޮށްލަދިނެވެ.

"ތެންކިއު....." އަމީރާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރިއެވެ.

އަމީރާ ކައި ނިމިގެން ބޫޓަށް އަރައިގެން ބޭރަށް ނުކުތެވެ. ޖިންސަކާއި އަތްދިގު ޓީޝާޓެއްލައިގެން ކިތަންމެ ސާދާކޮށް ހުއްޓަސް މީހުންގެ ސަމާލުކަން ހުއްޓޭހާވެއެވެ. އަމީރާގެ މަންޒިލަކަށްވީ އެއަންހެންކުއްޖާ ދަންޖެހިފައި ހުރި ދިމާލެވެ. ކައިރިއަށްގޮސް ވިސްނުންތެރިކަމާއިއެކު އެބުދަށް ބަލައިލިއެވެ. ކިލަޔާއި ތަތްތެޅިފައި ހުރިއިރު އެ ބުދު ފަހަތުން ފެންނަނީ ހަމަ އިންސާނެއްގެ ސިފައިގައެވެ. އަމީރާ މޮބައިލަށް ފޮޓޯނަގަން ހުއްޓާ އެދިމާލަށް ނުކުތް ޒުވާނުންތަކެއް އޭނަހުރި ދިމާލަށް އަންނަތަން ފެނިފައި ވަރަށް ސިހުނެވެ. ދުއްވައިގަންނަން ހިތަށް އެރިޔަސް މިމީހުންގެ ފަރާތުން ސަލާމަތް ނުވެވޭނެކަން އެނގުނެވެ. އެމީހުން މާ ހުޝިޔާރުވާނެއެވެ. އެކަމަކު އަމީރާ ބިރުގަންނަކަމުގެ އެއްވެސް ކުލަވަރެއް ނުދެއްކިއެވެ. ޑްރަގަށް މޮޔަވެފައިތިބޭ މި ޒާތުގެ މީހުންގެ އެހާ ބާރެއް ނުހުންނާނެކަމުގައި ހިތަށް ވިސްނާދީ ހިތްވަރުދިނެވެ. ކުއްލިއަކަށް ގަހެއްގައި އިން ކުޅަނދުރު ހަތާއެއްގައި ވި އެތައް ކުޅަނދުރުތަކެއް އެމީހުންނާއި ދިމާލަށް އުދުއްސައިގަތީ އެހިސާބުގަނޑު ކަޅުކޮށްލާފައެވެ. އަމީރާގެ ފިޔަވަޅުތައް ގަނޑުވިއެވެ.

އޭނަވެސް ސަލާމަތްވާނެކަމުގެ އުއްމީދެއް އޭނަ ނުކުރެއެވެ.

"އައިމް އެލާޖިކް ޓު ބީސް...." އަމީރާގެ މޫނު ދަލުން ފެންވެރުނެވެ. ތަންކޮޅެއް ޅައިރު ކުޅަދުރެއް އޭނަގެ ލޮލަށް ކަށިޖެހި ދުވަހު އޭނަ މަރުނުވެ ސަލާމަތްވީ ހަމަ ކަރާމާތަކުން ކަމުގައި މަންމަވަނީ ބުނެފައެވެ. އޭނަ ކައިރީގައި ގަސްތައް ގިނަ ތަންތަނަށް ނުވަންނަން މަންމަވަނީ އިންޒާރުދީފައެވެ. ނަސީބެކެވެ. އެއިން އެންމެ ކުޅަނދުރެއްވެސް އޭނައާއި ވީފަރާތަކަށް އަންނަތަނެއް ނުފެނުނެވެ. އަމީރާ ހެއްދެވިފަރާތަށް ޝުކުރުވެރިވިއެވެ. އޭނަ ޖެހޭނީ ތަންކޮޅެއް ވިސްނައިގެން އުޅޭށެވެ. ކޮންމެ ފަހަރަކު މިގޮތަށް ނަސީބު ނުލެއްވުމަކީ އެކަށީގެންވާކަމެކެވެ. ހަގީގަތުގައި އެ ކުޅަނދުރުތަކަށްވުރެ އެ ފިރިހެނުންވެސް މާ ނުރައްކާތެރިވާނެއެވެ. އެއިން މީހަކު އޭނަގެ ނުރުހުމުގައި އޭނަގެ ގައިގާ އިނގިލިކުރި ޖައްސައިލަންވެސް އަމީރާގެ ހިތެއްނޭދެއެވެ. އާދައިގެ އަންހެންކުއްޖަކަށްވިޔަސް އޭނަގެވެސް އިއްޒަތާއި ގަދަރެއްވެއެވެ.

އިރުއޮއްސޭ މަންޒަރު ބަލަހައްޓައިގެން ހެނާ ހުރީ ކުޑަދޮރު ކައިރީގައެވެ. ރަތްކުލައިގެ އެކިކުލަތަކުން އުޑުމަތި ފެވިފައިވާއިރު އެފެންނަ ޗާލުކަން ގަލަމަކުން ބަޔާންކޮށެއް ނުދެވޭނެއެވެ. އިރުގެ ރަތްކުލަ ކޮޓެޖަށް އެޅިފައިވާއިރު އެގެވެސް ފެންނަލެއް ހިތްގައިމުކަމުން ކުރެހުމެއްގެ ސިފައިގާ ގެންނަން ހެނާ ބޭނުންވިއެވެ. ކޮޓެޖް މޫދާއި ދިމާލަށް މޫނުލާފައި ހުރުމުން އެގޭގައި ދިރިއުޅޭ ބަޔަކުވިއްޔާ ފުރަތަމަ ނިކުމެވޭނީވެސް މޫދު ކައިރިއަށެވެ. ކޮޓެޖްގެ މިފަރާތުގައި އޮންނަ ހިސާބު އެހެން ހިސާބަށްވުރެ އުސްކޮށް ފަރުބަދަ ފަޅިއެއްހެން އޮތުމުން އެދިމާލުން މައްޗަށް އަރާފައިބާކަށް ފަސޭހައެއްވެސް ނުވާނެއެވެ. އެހެންނޫނަސް މިކޮޅުގައި އެއޮންނަނީ ވާގަނޑެއްހެން ގަސްތަކެވެ. އެގަސްތަކުގެ ދޭތެރެއިން އެރުމަށްވުރެ މޫދުކައިރިން ހިނގާފައިގޮސް އޭގެ އަނެއްފަރާތުގައި އޮތްމަގުން މާ ފަސޭހައިން މައްޗަށް އެރޭނެހެން ހީވެއެވެ. އެގޭގައި ބަޔަކު އުޅުނަސް އެމީހުން ނުފެންނަނީ އެފަރާތުގައި އޮންނަ މަގުން އެމީހުން ހިނގާ އުޅޭތީކަމަށް ވެދާނެއެވެ.

"މިގެ އެހާ ސިއްރުވެރިގޮތަކަށް ފެންނަނީ ކީއްވެ؟ އެހާ ހިތްގައިމު ތަނެއްގައި އެންމެ އަންހެނެއްތަ އުޅެނީ؟ މިހާ ގިނައިން އެގެއަށް ބަލާއިރުވެސް އެ ދައިތަ ނޫން މީހަކު ނުފެނުނީމަ ވަރަށް ސްޓްރޭންޖް. އެއްވެސް އަޑެއްވެސް ނީވެނީއޭ. ހިމޭންކަމުގެ އިންތިހާ. ހޯންޓެޑް ތަނަކާއި ވައްތަރު. އެގޭގައި އުޅޭ އަންހެންމީހާވެސް އެހާ ހިމޭނުން އުޅެނީ ކީއްވެބާ........."ހެނާ ގެ ޚިޔާލު އެހިސާބަށް ފޯރިތަނާ އެގޭތެރެއިން އަންހެނަކު ހަޅޭއްލަވައިގަތްކަހަލަ އަޑެއް ފަޒާގެ ތެރެއަށް އަރައިގެން ދިޔައެވެ. ހީވީ އޭނަގެ ހިތުގައިވާ އެއްޗެއް އެގޭގައި އުޅޭ ބަޔަކަށް ފަހުމްވެގެން ރައްދު ދިންހެންނެވެ. ކޮންފަދަ ބިރުވެރިހެއްޔެވެ؟ ހެނާގެ ހަށިގަނޑުގައިވާހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އޭނަ އަވަސްއަވަހަށް ފަރުދާތައް ދަމައިލިއިރުވެސް އެކުޑަކުޑަ ހިތް ތެޅޭއަޑު ބޭރަށްވެސް އިވޭނެކަން ޔަގީނެވެ. ބިރުންގޮސް އޭނަ އަވަދިވާވަރުވިއެވެ.

"ދުވަހަކު މިހާ ބިރެއް ނުގަނޭ. އެމީ ކައިރީ ބުނަންވީ ކަންނޭގޭ......" ހެނާ އަވަސްވެލާފައި ކޮޓަރިން ނުކުތްއިރު އަމީރާ އިނީ ކާކޮޓަރީގައި ސައިބޯށެވެ. ކުރިމަތީގައި ހެދިކާތަށްޓެއް ހުއްޓެވެ.

"ހެނާ އާދޭ ސައިބޯން.." އަމީރާ ދައުވަތުދިނެވެ. އެތަނަށް ވެރިވެފައިވާ ރަތްއަލީގައި އަމީރާގެ މޫނު ދިއްލިފައިވާލެއް ހާދަ ނަލައެވެ.

"މާކުރިން ސައިބޮއިގެން މިހިރީ...." ހެނާ ފްރިޖް ހުޅުވާލާފައި ފެންފުޅިއެއް ނެގިއެވެ.

"ބިސްކޯދަކާއި ދޯ. ހެދިކާ ނުކަނީ ހެނާ ނުބުންޏަސް މޫނުގައި ބިހި ނަގާތީ ކަން އެނގެޔޭ. ޓީން ދުވަސްވަރު އިޓްސް ކޮމަން އޭ ހެނާ. މީރުކޮށް ކައިގެން މަޖާކޮށް އުޅެންވާނީ. މިދުވަސް ދެން އަލަކުން ނާންނާނެ. ހޭވް ޓު އެންޖޯއި......" އަމީރާ ވާހަކައަށް ހެނާ އެއްބަސްނުވިޔަސް އެއީ ހަގީގަތެކެވެ. ހެނާ ހާސްވަނީ މޫނުގައި ބިހިނަގާތީއެވެ. ތެޔޮވާވަރުންނެވެ. ހޯމޯންވެސް މައިތިރިނުވަންޏާ ކީއްކުރާނީހެއްޔެވެ؟

"ކަމަކާ ހާސްވެފަތަ؟ "އަމީރާ ސުވާލުކޮށްލިއެވެ.

"ނު....ނޫނޭ...." ހެނާ ބޯ ހޫރައިލީ ދެޚިޔާލެއްގައި ހުރެއެވެ. އަމީރާ ކައިރީ ބުނެފިއްޔާ ޖާނަލިސްޓަކަށް ވުމުން އެގޭގެ ސިއްރުތައް ހޯދަން އެގެއަށްދާކަށްވެސް ފަހެއްނުޖެހޭނެއެވެ. އެއީ ބިރުވެރިތަނަކަށް ވެއްޖެއްޔާ އަމީރާއަށް ކޮންމެފަދަ ނުރައްކަލެއް ވެެސް ކުރިމަތިވެދާނެއެވެ. އަމީރާއަށް ގެއްލުމެއްވާކަށް ހެނާގެ ހިތާއި ހަށިވެސް ނުރުހެއެވެ. އެހާވަރުން ހެނާ ހިއްސާކުރަން އުޅުނު ވާހަކަ އެންމެ ފަހު ވަގުތުގައި ފޮރުވާފައި އޭނަ ސުވާލުކުރީ އޮފީހުގެ ވާހަކައިންނެވެ. އަމީރާ ބުނީ އޮފީސް މަޖާކަމުގައެވެ. ޓީވީ ޗެނެލްއެއް ހުޅުވުމުން ފަހަރެއްގައި ޓީވީއަށް އަރަން ޖެހިދާނެތީ ތަންކޮޅެއް ގިނަ ހެދުން ގަންނަން ޖެހޭނެކަމުގައި ބުނެލީ ވަރަށް އުފާވެފައެވެ. އަމީރާގެ އަތުގައި ހެދުންތައް ގިނައެއްނޫނެވެ. ދެކުދިން ހެދުން ގަންނަން ދާ ވާހަކަދެއްކިއެވެ. ބަންދުދުވަހެއްގައި ބާޒާރުކޮށްލަން ދާންވެގެން ޕްރޮގްރާމް ރޭވިއެވެ. އެރޭ ހެނާ ނިދަންއުޅެނިކޮށް އަމީރާ ފެންފުޅިއެއް ގެނެސްދޭށޭ ބުނުމުން ކާކޮޓަރިއާއި ދިމާލަށް ދިޔައިރު ފެނުނު މަންޒަރަކުން ހިތްގުޑާގޮތްވިއެވެ. ފްރިޖްގައި ހުރިފެންފުޅީގެ މަތި ހުޅުވާލާފައި ކޮންމެވެސް އެއްޗެއް އެޅުމަށްފަހު ނަޝީދު ފުޅި ހުރިތާގައި ބަހައްޓައިފިއެވެ. ޑްރަގް ހުންނާނީ އެގޮތަށް ހިމުންކޮށްލާފައިބާވައެވެ. ނަޝީދުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ދެވަނަ ފެންފުޅިއެއް ފްރިޖްގައި ހުރީއެއްވެސް ނޫނެވެ. ނަޝީދު ހުރިހާ އެއްޗެއް ކޮޓަރިއަށް ލައިގެން ވެރިކަން ކުރާގޮތަށް ވޯޓާކޫލަރވެސް ބަހައްޓާފައި ހުންނަނީ ކޮޓަރީގައި ބަހައްޓާފައެވެ. އަމީރާއާއި ހެނާއަށް ފެންއަޅާފައި ފްރިޖްގައި ބަހައްޓަދެނީ މަންމައެވެ.

ނަޝީދު ފަހަތަށް ބަލައިލަފާނެހެން ހީވެފައި ހެނާ އަވަހަށް އެއްފަރާތަކަށް ޖެހިލިއެވެ. ފަހަތަށް ޖެހެމުންގޮސް އޭނަ ސިޓިންރޫމަށް ނުކުމެ ދޮރުގައި ދަމާފައި ހުރި ބޯ ފަރުދާގެ ފަހަތުގައި ފިލާހުރިއިރުވެސް މޭތެޅެމުންދާލެއް ބާރުކަމުން ކަށިގަނޑު ފަޅާލާފައި މޭ ބޭރަށް ނުކުމެދާނެހެން ހީވިއެވެ. ފަނަރަވަރަކަށް މިނިޓްފަހުން އެތަނުން ނުކުމެގެން އައިއިރު އޭނައަށް ފެނުނީ އަދި އަމީރާ ފެންފުޅި ހިފައިގެން ކޮޓަރިއަށް ވަންތަނެވެ. ހެނާ ދުވެފައިއައި ގޮތަށް އެ ފެންފުޅި އަތުލިއެވެ.

"އެމީ ފެންބުއީތަ؟ "ހެނާ ދެލޯ ބޮޑުކޮށްގެން ހުރީ ބިރެއްފެނިގެން އުޅޭފަދަ ގޮތަކަށެވެ.

"އޮފްކޯސް. ފެންފުޅިބަލާ ދިޔަކުއްޖާ އެތާ އޮވެ ނިދީކަމަށް ހީކޮށް ދިޔައީ. ވަޓްސް ރޯންގް؟ ދެލޯ ތިއަށް ވުރެ ބޮޑުވެއްޖެއްޔާ ދެން ފުންމާލަފާނެ...." އަމީރާ ހެނާގެ އަތުން ފެންފުޅި ޖަހައިގެންފާ އަދި ކަރުތެރެއަށް އޮއްސާލިއެވެ. އަމީރާއާއިމެދު ކަންބޮޑުވެ ބިރުން ހުރެފައިވެސް އަމީރާއަށް އެފުޅީގައި ހުރި ފެންބޮއިގެން މާބޮޑުކަމެއްވި ތަނެއް ނުފެނުނެވެ. ކުއްލިއަކަށް ހެނާ ހަނދާންވީ އޭނަ އެއްދުވަހު މާ ގިނައިން ފާޚާނާއަށްދެވެން ފެށީމަ މަންމަ ފެންފުޅިއަކަށް ކުނޑިކޮށް ހުރި އެއްޗެއް އަޅާފައި ބޯންދިން ހަނދާނެވެ. ބައްޕަވެސް އެފަދަ މައްސަލައެއް ދިމާވެގެން ބޯންވެގެން ލޮނުއެޅީކަމަށް ވެދާނެއެވެ. ބައްޕަވެސް އަމިއްލަ ދަރިންނަށް ޑްރަގްދޭކަށް ނޫޅޭނެއެވެ.

ހެނާ އޮތީ ނުނިދިފައެވެ. ދެއަތަށް ފުރޮޅި ފުރޮޅިއޮތްވާ އަމީރާ އެނދުގައި ޖެހުމާއިއެކު ތަންޑާއެރިއެވެ. އަމީރާ ނޭވާލައިތޯ ބަލަން ހެނާ އޭނަގެ މޭމަތީގައި އަތް ޖެއްސިއެވެ. އެކިކަހަލަ ޚިޔާލުތަކެއްގައި އޮޔާ ބެހެމުންދަނިކޮށް ހެނާގެ ސިކުނޑި އެލާޓްވީ މީހަކު ތަޅުގައި ހިފިހެން ހީވެފައެވެ. ހީއެއްނޫނެވެ. ޔަގީނެވެ. ކޮންމެވެސް މީހަކު ތަޅުގައި ހިފާ އަނބުރާލައިފިއެވެ. ހެނާ ދެލޯ މަރާ ތަގުޅިކޮށްލައިގެން އޮތްއިރު އެވަން މީހެއްގެ ފިޔަވަޅުގެ އަޑު އެނދާއި ހަމަޔަށް އައިކަން ޔަގީންވިއެވެ. އެމީހަކު ހެނާގެ ގައިގާ އަތްޖައްސައިލުމުން ހަޅޭއްލަވައިނުގަނެވުނީ ހަމަ ކިރިޔާއެވެ. އެވަރުންވެސް އޭނަ އަމިއްލަ ނަފުސަށް ބާރުފޯރުވައިގެން މަޑުމަޑުން އޮތީ އެމީހަކު ކުރާކަމެއް ބަލައިލަންވެގެންވެ. އެމީހަކު ދެން ޖެހިލީ އަމީރާ އޮތްފަޅިއަށެވެ. ހެނާ އެއްލޯ ކުޑަކޮށް ހުޅުވައިލިއިރު އެނދުގައި އިށީދެލައިގެން އިނީ ދޮންބައްޕަ ނަޝީދު ފިޔަވާ ދެވަނަމީހެއްނޫނެވެ. އޭނަ އަމީރާގެ ނިދާހެދުމުގެ ގޮށްތައް ނައްޓާތަން ފެނިފައި ހެނާ ކުއްލިއަކަށް ފުންމައިގެން ތެދުވެ އެނދުމަތީގައި އިށީނެވެ.

"ކީއްތިކުރަނީ؟ "ހެނާއަށް ބުނެލެވުނީ ބާރަކަށެވެ. ހީވީ ހަޅޭއްލަވައިގަތްހެނެވެ.

ކޮމެންޓް 0