އާދައިގެ މަތިން ކޮޓަރީގެ ބޮކިތައް ހުރީ ނިވާލާފައެވެ. އޭމޮން އިށީނީ އެނދުގެ މަގަތުގައެވެ. އަމީރާ ކުއްލިއަކަށް ފުންމައިގެން ތެދުވެފާ ރަޖާ މެޔާއި ހަމަޔަށް ދަމާލަމުން ހެޑްބޯޑަށް ލެނގިލިއެވެ. އޭމޮން ނުލަފާގޮތަކަށް ހުނެވެ.

"ކަލޭ ކީއްކުރަން ތިއުޅެނީ؟ ކޮބާ ބޭނުމަކީ؟ "އަމީރާއަށް ވާހަކަދެއްކުނީ ވަރަށް ބާރަށެވެ.

"އަހަރެން މިއައީ ސިއްރެއް ބުނެލަން. ބޭނުންތަ އެނގެން...." އޭމޮންގެ ބަރު އަޑު ކޮޓަރީގެ ތެރޭގައި ގުގުމާލިއެވެ. ބިރުން އިންއިރުވެސް އަމީރާ އެކަން ނުދައްކާ ލޯ އަޅާލައިގެން އިނީ އެކަން ނުދައްކަންވެގެންނެވެ. ކިތަންމެ ނުލަފާވިޔަސް ހުރި ނުބައިކަން ދައްކަނީ އޭނައަށްތާއެވެ. ހެނާއާއި ދިމާލަށް ނުނިޔަތުގައި ބަލައިލިޔަސް އޭނަ މި ޝައިތާނާ އަންދާލާނެއެވެ. އޭމޮން ކުއްލިއަކަށް ހޭންފެށިއެވެ. ހީވީ އަމީރާގެ ސިކުނޑީގައިވާ އެއްޗެއް އެނގިގެން ޖެއްސުމެއްކޮށްލީ ހެންނެވެ.

"އަހަރެން އުޅުނީ އަސްލު ބުނަންކަމަށް. އޭރުންތާ އޮޅުމެއްގެ ތެރޭގައި ނުހުންނާނީ. އެކަމަކު މަގޭ އަންހެނުންނަކީ ކިހާވަރެއްގެ ކަމަނާއެއްކަމާއި ސިއްރުތައް ހާމަކުރާވަރުގެ މީހެއްނޫންކަން އެނގިއްޖެ. ދެން ތިހެން ނީދެ އާދެބަލަ މަގޭ އަތުތެރެއަށް. ހީކަރުވާފައެއްނު ތިއިނީ......." އޭމޮން ގެ ދެލޯ އަނދިރީގެ ތެރެއިން ވިދަނީ ބިރުވެރިކަމުން ފުރިފައިވާ ގޮތަކަށެވެ. އެއްފައި މައްޗަށް އަނެއް ފައި ލައިގެން އިށީދެލައިގެން އިނީ އަދި އެހާ ފޮނިކޮށެވެ. ޖިންނިންގެ ތެރޭގައިވެސް ތިމާއަށް ތިމާ ފެނިފައި ވާ ނުލަފާ މީހުން އުޅެނީތާއެވެ.

"ތިއީ ކާކުތަ؟ ފާޑެއްގެ ޑީމަންއެއް ރީތި އަންހެންކުއްޖަކު ހަމަ ފެންނައިރަށް އަވަލައިގެން ތިމާގެ އަންހެނުންނޭ ކިޔައިގެން އުޅުނީމަ ހީކުރަނީ މޮޔަކޮށްލެވޭނެ ކަމަށްތަ؟ އަހަރެންގެ ސިކުނޑިއަކާއި ނުކުޅެވޭނެ....."އަމީރާ ކިތަންމެ އެއްޗެއް ކިޔަސް އޭމޮން ބުނަން އުޅުނު ސިއްރު އަހާހިތުން ކެތްމަދުވިއެވެ. އޭނަގެ ހަގީގަތް ބުނެދޭން އުޅުމުން ރީއްޗަށް އަހާލެވުނުނަމައެވެ.

"ރޯންގް. އަހަރެން ބޭނުންގޮތެއް ތިކުއްޖާގެ ހަށިގަނޑަށް އަދި ސިކުނޑިއަށްވެސް ހަދާލެވިދާނެ. ބަލަން ހުންނައްޗޭ މިހެން އުޅެލާފައި އަހަރެންގެ ނަފުސް ކޮންޓްރޯލް ނުކުރެވޭ ދުވަހެއްވެސް އައިސްދާނެ. އެކަމުގެ ޒިންމާ މަށެއް ނުނަގާނަން. މިހާރުވެސް ބުނެފިން ތި ވައްތަރަށް ވާހަކަ ނުދައްކާށޭ. ތިހާ ފަރުވާކުޑަކޮށް ވާހަކަދައްކަންޏާ އަހަންނަށްވެސް ކެތެއް ނުކުރެވޭނެ. ވަރަށް ކެތްކޮށްލައިގެން މިހުންނަނީ. އަހަރެން މިއީ ކަމަކަށް ދެވި ހިފާފައި ހުރި މީހެއް، އެންމެ އަންހެނަކުން އަހަންނަށް ނުފުދޭ. އަންހެނުންގެ ވާޖިބު އަދާކޮށް ނުދެވެންޏާ ދޯ އެހެން މީހުންގެ ކައިރިއަށް ޖައްސާނީ........." އޭމޮން ފާޑަކަށް ހީހީ އިނދެ ކިޔާލިއެވެ. އަމީރާ ރުޅިއަރުވަން ކަމަށް ނޫނީ އެވާހަކައިގާ ހަގީގަތެއް ވާކަމެއް ދެނެގަންނާނެ ގޮތެއް ނެތެވެ.

"ޗީ. ޖިންނި ޕްރޮސްޓިޓިއުޓް......" އަމީރާގެ އެ ލަފުޒުން އޭމޮންގެ ހިތުގައި ޖެހުނީކަން ނޭގެއެވެ. ކުއްލިއަކަށް އެތަނުން ގެއްލުނީ ދުންކޮޅެއްފަދައިންނެވެ. ވައިގެ ތެރެއަށް ތަހައްލުލުވެގެން ދިޔައީހެން ހީވިއެވެ. އަމީރާގެ ގައިން ހީބިހިނެގިއެވެ. ދެންސިކުންތުކޮޅެއް ނުވަނީސް އަމީރާގެ ފަހަތުން އައިސް މޫނާއި ދިމާލަށް ގުދުވެލުމުން އަމީރާއަށް ހަޅޭއްލަވައިގަނެވުނީ ބާރަކަށެވެ. ހެނާވެސް ނިދަން އޮވެފާ ކުއްލިއަކަށް ދެލޯ ހުޅުވާލާފައި އަމީރާއާއި ދިމާލަށް ބަލައިލިއެވެ. އަދި ވެގެން އުޅޭގޮތެއް އަހައިލިއެވެ. އޭރު އޭމޮން ފެންނާކަށްނެތެވެ. އަމީރާ ތެދުވެ ބޮކި ދިއްލާލައިގެން ކޮޓަރީގެ ހުރިހާތަނެއް ހޯދަންފެށިއެވެ.

"އެމީ ކީއްތިކުރަނީ؟ އާރ ޔޫ އޯލްރައިޓް؟ "ހެނާ ބިރުގެންފާ ސުވާލުކުރިއެވެ.

"ނައިޓްމެއަރ އެއް ފެނުނީ. ވަރަށް ރިއަލްކޮށޭ ހެނާ. ހަމަ ހޭލާ އިންދާ......" އަމީރާ ނިތުގައި އިނގިލިތަކުން މަސާޖުކޮށްލީ ބޮލުގައި ރިއްސާގޮތްވުމުންނެވެ. އޭނަ އެނދަށް އަރާ ދެފައި ވަށްކޮށްލައިގެން އިށީދެއްޖެއެވެ. ހެނާއަށް ކިޔާދޭން އުޅެފައިވެސް އޭމޮންގެ އިންޒާރުގެ މަތިން ހަނދާންވުމުން ހުއްޓާލަން މަޖުބޫރުވިއެވެ. އެކަނިމާއެކަނި އެފަދަ މަޚުލޫގަކާއި ހަގުރާމަކުރުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. ހެނާ އޮޅުންފިލުވަން އުޅެއުޅެވެސް އަމީރާގެ ފަރާތުން އެކައްޗެއްވެސް ސާފެއްނުވިއެވެ. ހެނާ އެންމެފަހުން ދެލޯ މަރާލުމުން އަމީރާ އޮތީ ނިދަންވެސް ނުކެރިފައެވެ. އޭމޮން އޭނަ ނިދަން އޮތްވާ އުދަގޫ ނުކުރާނެ ބާވައެވެ. ރޭގަނޑު ފެންވަރާއިރުވެސް އެމީހާ ސިއްރުން ބަލަން ހުންނާނެއޭ ހިތަށް އަރާފައި ރޭގަނޑު ފާޚާނާއަށް ނުވަންނަން އޭނަ އަމިއްލަ ނަފުސަށް ވަޢުދުވިއެވެ.

އަމީރާ ފަތިހު ހޭލިތަނުން ރަފައެލް މެސެޖެއްކޮށްލާފައި އޮތްތަން ފެނިފާ އަމީރާގެ މޫޑު ރަގަޅުވިއެވެ. ކުޑަދޮރުން ކޮޓެޖާއި ދިމާލަށް ބަލައިލާފައި އޭމޮން އުޅެނީ އެރީތި ގޭގައި ބާވައޭ ހިތަށް އެރިއެވެ. ބީސްޓްފަދައިން އެހާ ރީތި ގެއެއް މިލްކުކޮށްލައިގެން އެފިރިހެނާ އުޅެންޏާ ދެން ހާދަ ދެރައެވެ. އޭމޮންދެކެ ރުޅިއަންނަވަރަށް ހިތުގައި ހަސަދަވެސް އުފެދުނެވެ. އެއީ އޭނަގެ ހުވަފެނީ ގެއެވެ. އޭނައާއި ހިތުގެ ވެރިޔާ އެކަނި އުޅެން އެންމެ ބޭނުންވާފަދަ ހިތްގައިމު ތަނެކެވެ. އަމީރާ އެގެއާއި ދިމާލުން ބީޗަށް އެކަނި ފައިބައިގެން އުޅުނުކޮށް އެގޭތެރެއިން މީހަކު ނުކުތްތަން ފެނުނެވެ. އެ މުސްކުޅި އަންހެނާ އަސާ ބިންމަތީގައި ވިއްދާލައިގެން އުދަގޫގޮތަކަށް ހިނގާލާފައި އަންނަތަން ފެނުމުން އަމީރާއަށް ބަލަން ހުރެވުނެވެ. ދެ ޚިޔާލުގައި ހުރެފައި އޭނަ ކައިރިވެލީ އެހީވާށެވެ.

"މާމަ އެކަނިތަ؟ ގޭގައި މީހަކުވެސް ނޫޅެނީތަ؟ ވަރަށް އަންސްޓޭބަލްކޮށް މިތަންމިއޮތީ. ފުރޮޅާލަފާނެ....." އަމީރާ އޯގާތެރިކަމާއިއެކު އަތުގައި ހިފާލިއެވެ.

"ގައިގާ އަތްނުލާތި. ކަލޭގެ މާމައެއް ނޫނޭ މިއީ....." މުސްކުޅިޔާ އަތްފޮޅުވާލިއިރު އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. އަމީރާ ހައިރާންވިއެވެ. ހާދަ ނުލަފާ މާމައެކެވެ. ނޫނެކެވެ. އެކަނިވެރިކަމުން ފަހަރެއްގައި މާޔޫސްވެ ތަބީއަތު ގޯސްވެފައި ހުރީއެވެ.

"އޯކޭ އޯކޭ......." އަމީރާ ލައިގެން ހުރި ޖިންސްގެ ޖީބަށް އަތްޖަހާލައިފިއެވެ.

"ކަލޭ ތިއުޅެނީ ބޮނޑިއެއް ބޮއިގެން ނޫނީ ނުހުއްޓަންވެގެންހެން ހީވެއޭ. ކަލޭމެން މިގެއާއި ހިސާބަށް ވައިއެޅޭކަށްވެސް ބޭނުމެއްނޫން. ހުސްވަގުން. ގެއިން މާތައް ބިނދެ ހުސްކޮށް މޭވާއެއް ގައުގައި ހަރުލާކަމަކަށްވެސް ނުވޭ. ފެއްސިގެން ދޭ....." ކުއްލިއަކަށް މާމަ އަސާ ހޫރައިގަތުމުން ނުވިސްނާހުރި އަމީރާގެ އަތަށް ހަމަލާއެއް އެރިއެވެ.

"އައުޗް...." އަމީރާއަށް ކިޔާލެވުނެވެ.

"ދޭ، ދޭ ނޫނީ ދަންޖައްސާފައި ގަހުގާ އެލުވާނީ....." މާމަ ތުންފިތާލަމުން އިންޒާރުދިނެވެ.

"މާމާ. އެންމެ ދުވަހަކުއޭ މިގެއިން މާ ބިނީ. އެކަމާ ވަރަށް ބޮޑަށް މާފަށް އެދެން. އޭގެ ބަދަލުގައި މާގަސްތައް ގެނެސްދޭންވެސް ތައްޔާރަށް މިހިރީ. ސޮރީ. ވަރަށްބޮޑަށް ދެރަވެއްޖެ އެކަހަލަ ކަމެއް ކުރެވުނީތީ. އެގެ ކިހާ ރީތި، އަދި މާގަސްތައްވެސް މިރަށުން ނުފެންނަހާ ލޯބި. އެހެންވެ މާތަކަށް މޮޔަވީވަރުން ބިނދެލެވުނީ. މާމަ އެކަނިތަ އެގޭގައި ދިރިއުޅެނީ؟ " އަމީރާ އެއިންޒާރުތަކަށް ފަރުވާލެއްނެތި ވާހަކަދެއްކީ ވަރަށް ގާތްކޮށެވެ. މާމަގެ ރުޅި ވަކިން ގަދަވެ އަނދައިގަތްހެން ހީވިއެވެ. އަމީރާގެ މޫނުމަތީ އަސާ ހޫރަމުން ފަހަތުން ދާން ހެދުމުން މާމަ ވެއްޓި އަނިޔާއެއް ވެދާނެތީ ކަންބޮޑުވެފައި އަމީރާ ގަސްތުކުރީ އެތަނުން ދާށެވެ. މުސްކުޅިޔާގެ މިލްކުވެރިކަން އޮތް ހިސާބަކަށް އޭނަވަނުން ގާނޫނީ ގޮތުންވެސް ކުށަކަށްވެދާނެއެވެ. މަންމަވެސް މަނާކުރާނީ ކޮންމެވެސް ސަބަބެއް އޮތީމައެވެ. މަންމައަށްވެސް މި މުސްކުޅިޔާ އެނގެނީހެއްޔެވެ؟ މިމީހާއަކީ ކާކުހެއްޔެވެ؟ އެކަނި އެހާ ރީތި ގެއެއްގައި ދިރިއުޅެނީ ވަރަށް މުއްސަދިވީމަ ކަމަށްވެސް ވެދާނެއެވެ. އަމީރާ ބީޗްގައި ހިނގާލަންކަމަށް އައްސޭރިފަށުން ދިޔައިރު އޭނަ ހުރީ ވަރަށް ސާދާކޮށް ހެދުން އަޅައިގެން އިސްތަށިކޮޅު އައްސާލައިގެންނެވެ. އަތްދިގު ހުދު ޓީޝާޓަކާއި ނޫޖިންސެއްލައިގެން ހުރިއިރު އަތްތިލަ ޖީބަށް ޖަހާލައިގެން ހުރިއިރު ރީތިކަމުގެ ނަމޫނާއެކެވެ. މާވަހަރެއް ފެންނާނެނަމައެވެ. މުއްސަދިވާނެނަމައެވެ. އޭނަގެ ހުވަފެންތައް ގިނަކަމުން އެހުރިހާކަމެއް ކުރެވޭނީ ފުދޭވަރަކަށް ފައިސާވެސް ލިބިގެންނެވެ. ފޯނަށް މެސެޖެއް އައުމުން ބަލައިލިއިރު މައިކަލްއެވެ.

"އެމީ. ގެއަށް އާދެވިދާނެތަ؟ ފްރައިޑޭވީމަ ހިތަށް އެރީ ބްރޭކްފާސްޓް ނަގާނީ މިގެއިންނޭ. ރޯޒްދައްތަ ބުނި އެމީ ވަރަށް މީރުކޮށް ކުޅިމަސް ހަދާފައި ހުރި ވާހަކަ...." މައިކަލްގެ މެސެޖް ލިބުމުން އައި ރުޅީގައި އަމީރާ ގަސްތުކުރީ ގެއަށް ނުދާށެވެ. ކިހާ ދެރަވެއްޖެ ކަމެއް ހެއްޔެވެ؟ ފަހަތުން ގެއަށް އަންނަންވެސް ފެށީއެވެ. އެހެން ނޫސް އެޖެންސީއަކުން ވަޒީފާ ލިބޭނެނަމަ އޭނަ އެތަނުން ކެނޑިގެން ދިޔަތާ ކިތަންމެ ދުވަހެކެވެ. މައިކަލް އޭނައާއިހެދި އުޅޭކަން ޔަގީންވާތީ ހާދަ ފޫހިވެއެވެ. މައިކަލް އެބުނީ ރޭގައި އޭނަ ހެދި ކުޅިމަހުގެ ވާހަކައެވެ. ބާކީ ހުރުމުން ހެދުނަށް އެކަނި މަންމަ ރޮށިފިހީކަމަށް ވެދާނެއެވެ. އަމީރާ ޖަވާބެއްނުދީ ފޯނު ޖީބަށް ޖަހާލާފައި ބަބްލީ ޕެކެޓެއް ނަގައިގެން ފަހަރަކު އެތިކޮޅެއް އަނގަޔަށް ލާންފެށިއެވެ. ހެނދުނު މިގަޑީގައި ދިޔަވަރު ކުޑަކަމުން ފަރުމަތީގައި ހުރި ގާތަކަށް ދާންދެން އޮތީ ހިކިފައެވެ.

"ގުޑް މޯނިން....." ދާދި ކައިރިން މައިކަލްގެ އަޑު އިވުމުން ލިބުނު ސިހުމާއިއެކު އަމީރާ އެނބުރި ބަލާލައިފިއެވެ. އޭނަ ހުރީ ވަރަށް ނުރަސްމީކޮށެވެ. ހަށިގަނޑަށް ޓީޝާޓު ހިފާލާފައި އޮތްގޮތުން ހަށިގަނޑުގެ ކަސްރަތީކަން ހާމަކޮށްދެއެވެ. ސޯޓުގެ ޖީބަށް އަތްޖަހާލައިގެން ހުރިއިރު ފޮނިގޮތެއްވެސް އެބަހުއްޓޭ ހިތަށް އެރިއެވެ.

"ހޫމް........." އަމީރާ ކިޔާލައިފިއެވެ.

"އެކަނިމާ އެކަނި ރަށުތެރޭގައި ހިނގުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން އެމީއަށް އެނގޭބާވައޭ ހިތަށް އަރައިފި. މުސާރަ ދީފިއްޔާ ބޮޑީގާޑެއްގެ ގޮތުގައި ހުރެދީފާނަން...." މައިކަލް ހުރީ ކުޑަކޮށް ސަމާސާ މޫޑެއްގައެވެ.

"ނޫނޭ. އަހަންނަށްވުރެ ރައްކާތެރިކަން ބޭނުންވާ އަންހެންކުދިން މިދުނިޔޭގައި އެބަތިބި. އަހަންނަކީ ތިހީކުރާހާ ބަލިކަށިމީހެއްވެސް ނޫނޭ. އަމިއްލަ ދިފާއުގައި ކުރާނެ ކަންތައްވެސް އެބަހުރި. ބައިދަވޭ ރަފައެލްއާއި ދިމާވި ކުރީ ދުވަހު. ހާދަ ނައިސް ބޮސްއެކޭ......" އަމީރާ އިތުރަށް ބުނެދޭން އުޅެފާ ހުއްޓާލައިފިއެވެ. މައިކަލް ހަސަދަވެރިކޮށްލަން ނޫނީ ރުޅިއަރުވާލަންވެސް ރަފައެލްގެ ސިއްރެއް ފާޅުކުރުމަކީ ރަގަޅުކަމެއްބާވައެވެ. އޭނަގެ މޮޔަކަމުން ރަފައެލްއާއި ސިއްރުން ބައްދަލުކުރާކަން އެނގުނީއެވެ. މައިކަލް ވަރަށް ނައްޓާނެއެވެ. އެދާގޮތަށްގޮސް މަންމަ ކައިރީގައި ކުޓުވާނެކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. މައިކަލްގެ ދެލޮލަށް ހަދާލިގޮތުން އޭނައަށް އަމީރާގެ އެވާހަކައިން އުދަގޫވެ ހަސަދަވެރިވީވަރު ފެނުނެވެ.

"އެމީއަށް ތިހިރީ ރަގަޅަށް އޮޅިފައި. އަދި އޭނަގެ ބައްޕަގެ ނޫސް އެޖެންސީއަކަށްވިޔަސް އޭނައެއް ނޫނޭ އެތަން ހިންގަން ހުރީ. އަހަރެން. އެމީގެ ބޮސްއަކީ އަހަރެން. ކިހިނެއް ހެދީމަ އެކަން ގަބޫލުކުރާނީ؟ " ކުއްލިއަކަށް މައިކަލް އަމީރާގެ އަތުގެ މުލައްދަނޑީގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރުވާލުމުން އަމީރާ ސިހުމާއިއެކު އަތްދަމައިގަންނަން މަސައްކަތްކުރިއެވެ. ނަމަވެސް އެބާރުގަދަ އަތް ވީއްލުވާލުމަކީ ކުޅަދާނަކަމަކަށް ނުވިއެވެ.

"ބުނަން ވާހަކައެއް. އެމީގެ މަންމަ ބޭނުމީ އަހަރެން އެމީއާއި އިންނަން......." މައިކަލް އަމީރާގެ ލޮލާއި ލޯ ސީދާކުރިއެވެ. އެދެލޮލުން ފެނުނު ސީރިޔަސްކަން އަމީރާގެ ހިތް ތުރުތުރުލާވަރުވިއެވެ. މައިކަލް އޭނައަށް ފެންނަނީ ބިރުވެރި އިންޒާރެއްގެ ގޮތުގައެވެ.

"އެކަމަކު އަހަރެން ބޭނުމެއްނޫން، ގަދަކަމުން ނުވާނެ ތިކަމެއް.....ސޮރީ." އަމީރާގެ ޖަވާބު މައިކަލްގެ ކަންފަތުގައި ޖެހުމުން އޭނަގެ މޫނުމައްޗަށް ބޭލި އެތިފަހަރެއްގެ ގޮތުގައި މައިކަލްއަށް ހީވިއެވެ. މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ.

"އަމީރާ ރުހުނަސް ނުރުހުނަސް މިކަން ވާނެ. އަޑުއިވިއްޖެތަ؟ މިހާރުއްސުރެން ބޮޑާ ނުދައްކާ ހުރެއްޖެއްޔާ ފަހުން ލަދުގަންނާނެ ވަރު ކުޑަވާނެ......." މައިކަލް ދެން ކުރިކަމަކުން އަމީރާގެ ގައިގާ ހުޅުރޯވިއެވެ. އެގޮތަށް އޭނަގެ ގަޔަށް އަތްލުމުގެ ހިތްވަރެއްލިބުނީ ކިހިނެއްހެއްޔެވެ؟ ދެވަނަ ސިކުންތުކޮޅުގައި އޭނަގެ އަތް މައިކަލްގެ މޫނުމަތީގައި ހިންގާލެވުމާއިއެކު މައިކަލް އަދި ދެރަވެ ބަލިގަބޫލުކުރީއެއް ނޫނެވެ. ދެވަނަފަހަރަށްވެސް އެކަން ތަކުރާރުކޮށް އޭނަގެ ކައިރީގައި އަމީރާއަށް ގަދަނުދެއްކޭނެކަން އެންގިއެވެ. ރުޅިއައިލެއް ގަދަކަމުން އަމީރާގެ ދެލޯ ކަރުނުން ފުރި ބަންޑުންވާންފެށިއެވެ. އިންސާނެއްގެ ސިފައިގާ އޭނަގެ ކައިރިއަށް ރޭގަނޑުވަންނަ ޝައިތާނަކީ މައިކަލްކަން އޭނަގެ ހިތާއި ފުރާނައިންވެސް ޔަގީންކުރިއެވެ. އަމީރާ މައިކަލްގެ މޭމަތީގައި އަތްއަޅާ ކޮށްޕާލާފައި ބާރުބާރަށް ހިނގައިގަތީ ގެއާއި ދިމާލަށެވެ. ކޮޓެޖާއި ދިމާލަށް ބަލައިލެވުނުއިރު ދުރުދުރުން މާމަ ހިނގާފައިދާތަން ފެނުނެވެ.

ގެއަށްވަންއިރު މަންމަ މޭޒުމަތި ތައްޔާރުކުރުމުގައި އަވަދިނެތި އުޅެއެވެ. ހުކުރު ދުވަހު ގޭ އެންމެންވެސް ތެދުވެ ސައިބޯނީ އެހާ ލަހުންނެވެ. މަންމައަކީ މިގަޑީގައި ތެދުވެ މިހާވަރުން މޭޒުތައްޔާރުކުރަން އުޅޭމީހެއްނޫނެވެ. މައިކަލް ރުއްސަންވެގެން މަންމަވެސް މިވަނީ ހާދަ ވަރެކެވެ.

"މަންމާ...." އަމީރާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

"ކިހިނެއްވީތަ؟ ކޮބާ މައިކަލް. އަމީރާ ނުފެނިގެން ހޯދަހޯދާފައި އެނުކުތީ....." ރޮޒާލިއާ ފޯރިއައިސްފާ ހުރިވަރުން އަމީރާގެ މޫނުމަތީގައިވި ކުލަވަރެއް ނުފެނުނެވެ.

"މިއޮތް ގިނަމީހުން އުޅޭ ގެއިން އޭނަ އެކަނި އަހަރެންގެ ފަހަތުން އަންނަން ޖެހޭ ސަބަބެއް ނޭގޭ، މަންމަ އަހަރެންގެ ގާތުން އަހާލުމަކާއިނުލައި އޭނަގެ ކައިރީގައި އަހަންނާއި އިންނާށޭ ބުނާކަށް ނުޖެހެއެއްނު. ނޫޅެން އިންނާނެ މީހަކު ނުވެގެން. އަދި މީހަކާއި އިންނަން ހިތަށް އެރީއެއްވެސް ނޫނޭ. މައިކަލް ފާޑުފާޑު ވާހަކަދައްކާތީ މިހާރު އެ އޮފީހުގައި އުޅޭހިތެއްވެސް ނުވޭ. އޭނަ ކައިރީ މަންމަ ބުނޭ އެހެން މީހަކު ހޯދާށޭ، އެކަމެއްނުވާނެއޭ. އައިމް ނޮޓް އެ ޗައިލްޑް އެނީ މޯ......." އަމީރާ ރުޅިއައިސްފާ ހުރިލެއް ގަދަކަމުން އެއްނޭވާއިން ހުރިހާ އެއްޗެއް ކިޔާލައިފިއެވެ. ރޮޒާލިއާގެ އަތްމަތި ލަސްވިއެވެ. ކޮފީ ގިރަން ހުރެފާ ބަލައިލިއިރު އެދެލޮލުން ފެނުނީ ނުރުހުމުގެ ކުލަވަރެވެ.

"އަމީރާއަށް ވެގެން ތިއުޅެނީ ކިހިނެއްތަ؟ ތިއީ ކުރިން ތިހެން އުޅުނު ކުއްޖެއްނޫން. ވަޒީފާއަށް ދާންފެށިޔަސް އަދި ފިޔަފަޅައިގެން އުދުހޭވަރެއްނުވޭ. އަހަރެމެން ކިހާ މަސައްކަތުން ކިޔައްވާ ހުރިހާކަމެއް ކޮށްފައި ތިހިރީ. މިހާރު ތިއުޅެނީ އަހަރެމެން ބޮލުގައި ފައިން ޖަހާފައި ހިތަށް އެރިގޮތަކަށް އުޅެންދޯ. އަމީރާއަކަށް ނޭގޭނެ، އަހަންނާއި ދައްތަ އެތައް މައްސަލަތަކެއް ޖެހިފާ އޮތްވާ އެދިފައި މިއޮތީ މިކައިވެނިކުރުވަން. ދެމީހުންގެ ގުޅުން ބަދަހިކުރަން ލިބުނު ފުރުސަތު ގެއްލުވާލާކަށް އަހަރެން ނެތިން، އަމީރާ ޖެހޭނީ މައިކަލްއާއި އިންނަން. އަހަރެން ލަދުގަންނަވަން އުޅޭނެކަމެއްނެތް. މިކަން ނުކޮށްފިއްޔާ ދުވަހަކު ހިތްހެވެއް ނުކުރާނަން........" ރޮޒާލިޔާގެ އެންމެ ފަހު ޖުމްލައިން އަމީރާގެ ހިތަށް އަސަރުކުރުވައިފިއެވެ. މަންމަގެ ހެޔޮދުޢާނެތި އޭނައަށް ދިރިއުޅުމެއް ލިބޭނީ ކިހިނެއް ހެއްޔެވެ؟

"މަންމައަށް މައިކަލް ކާކުކަން ނޭގޭތީ ތިހުރިހާ އެއްޗެއް ކިޔަނީ...." އަމީރާގެ ދެލޯ ތެމޭގޮތްވިއެވެ.

"މައިކަލްހާ ރަގަޅު ފިރިޔެއް އަމީރާއަކަށް ނުލިބޭނެ......" ރޮޒާލިއާ އަޑަށް ބާރުލާފައި ކިޔާލިއެވެ.

"މައިކަލް މައިކަލް. އެއީ މަލާއިކަތެއްތަ؟ އަހަންނަށް އެނގޭ އެހެން ނޫންކަން. އެހާ ގޮތްކުޑަ ވިޔާނުދާ މީހެއް މިއުޑުހިޔާ ދަށަކުނެތް މަންމަމެން މަޖުބޫރުން ތިކައިވެނިކުރުވިޔަސް ދުވަހަކު މިހިތުން އެމީހާއަކަށް ޖާގައެއް ނުލިބޭނެ......" އަމީރާ ރުޅިއައިސް ރަތްވެފައި ހުރެ އެތަނުން ނުކުންނަން އެނބުރިލިއިރު މައިކަލް ދޮރުމަތީގައި ހުރިތަން ފެނުނެވެ. އަމީރާ މަޑުވެސްކޮށްނުލާ އެތަނުން ދިޔައިރު ރޮޒާލިއާ ހުރީ ލަދުން މަރުވާވަރުވެފައެވެ.

"މައިކަލް. މާފުކުރައްޗޭ. އަމީރާ ޅަކަމުން އަދި ނުވިސްނެނީ. ކައިވެނިކުރީމަ ހުރިހާކަމެއް ހަމަޔަކަށް އެޅިދާނެ. އެގޮތަށް ކިތަންމެ ކުދިންނެއް އުޅޭ. އަވަހަށް އިށީދޭ ސައިބޯން...." ރޮޒާލިއާ ހިނިތުންވެލާފައި ބުނެލުމުން މައިކަލް އިށީނަސް އޭނައިނީ ވިސްނުމަކަށް ގެއްލިފައެވެ.

ނޮވެމްބަރުގެ ފިނިރޭތަކުގެ ތެރެއިން ރެއެކެވެ. ރީތިވަރަކަށް ވައިޖެހެމުން ދިޔައެވެ. އަމީރާ ކައިރީގައި ހުރި ފިހާރައަކަށް ވަދެލާފައި ނުކުމެގެން އައީ ޗުއިންގަމެއް ހަފަމުންނެވެ. ފޯނާއި ކުޅެމުން ކުރިއަށް ގޮސްގޮސް ހުރެފާ ބަލައިލިއިރު އަދި ދެވެނީ ބީޗްކައިރީގައި އޮންނަ ވަލުމަގުންނެވެ. ދެފަރާތުގައި ބޯކޮށްގަސް ހެދިފައިވާއިރު ނާމާންކޮށްދައްކައެވެ. ނަމަވެސް މަގުގެ އަލިގަދަކަމުން ބޮއްކެއް ދިއްލާލާފައިވާގޮތަކަށް ފެންނަން ހުއްޓެވެ. ހަނދު އަރާފައި ހުރުމުން ބާވައެވެ. ނޫނީ ރޫހާނީކަމެއް ހެއްޔެވެ؟ ތަފާތުގޮތެއް ހުއްޓެވެ. ކުއްލިއަކަށް ވާރޭ އޮއްސައިގަތުމުން އަމީރާ ދުއްވައިގަތުމާއިއެކު ވާރޭވެސް ހުއްޓާލައިފިއެވެ. އެވިލާގަނޑު އަމީރާ ތެންމާލާފައި އެދިޔައީއެވެ. ކޮންމެވެސް މީހަކު ގަސްތަކުގެ ތެރޭގައި ހުރެގެން މަލާމާތުގެ ގޮތަކަށް ހީގަތްއަޑު އިވިފާ އަމީރާގެ ފިޔަވަޅުތައް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްފައި އެދިމާލަށް ބަލައިލެވުނެވެ. ގަހެއްގެ ފަތެއްވެސް ހިރިލާތަނެއް ނުފެނުނެވެ. ކަށްވަޅުފަދަ ހިމޭންކަމެއް ވެރިވެފައިވިއެވެ. ސޫތްޕެއްވެސް ގޮވާނުލައެވެ. އަމީރާ އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. ތުންފަތުގައި ލޮނުރަހަދޭތީއާއިއެކު އޭނައަށް ޔަގީންވީ އެއީ ލޮނުފެނުގެ ހަމަލާއެއްކަމެވެ. އެކަމަކު އެހެންވާންވީ ކީއްވެހެއްޔެވެ؟ ވާރޭވިލާއަކުން ލޮނުފެނެއް ނުވެހޭނެއެވެ.

މިވާހަކަދެއްކިޔަސް އެއްވެސް މީހަކު ގަބޫލުކުރާނީއެއް ނޫނެވެ. ނަފްސާނީ ޑޮކްޓަރެއްގެ އާއިލާއަކަށް ނިސްބަތްވުމުން ލިބޭ ގެއްލުން ކުޑައެއްނޫނެވެ.

ހެދުން ބަދަލުކޮށްލަން ހިކިހެދުން ހިފައިގެންގޮސް ފާޚާނާގެ ތަޅުގައި ހިފާލާއިރަށް ހަނދާންވީ އޭމޮންއެވެ. އޭނަ ރޭގަނޑު ފެންނުވަރާތީ އޭމޮން ހެދި އުކުޅެއްކަން ޔަގީންވިއެވެ. ހާދަ ވަރުގަދަ ކަމެކެވެ. ކުރި ލިބޭނީ ކާކަށް ކަން އެނގިދާނެތާއެވެ. އޭނަ ހީކަރުވައިގެން މަރުވިޔަސް މިރޭ ފެންވަރާނެ ގޮތަކީ ނެތްގޮތެކެވެ. އަމީރާ ކިތަންމެ ބިރުނުގަންނަކަމަށް ހެދިގެން ހުއްޓަސް ގައިން ހީބިހިނެގިއެވެ. އަތްފައިވެސް ފިނިވާގޮތްވިއެވެ. އޭނަ ހެނާއަށް ގޮވަމުން ކޮޓަރިން ނުކުތްއިރު މަންމައާއިއެކު ހެނާވެސް ކާން އިނެވެ. ހެނާ ގެއިން ކެއުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.

"މިރޭ ރެސްޓޯރެންޓް ބަންދު ރެއަކީތަ" އަމީރާ އަހާލައިފިއެވެ.

"ނޫނޭ. ގެއިން ކާހިތްވި ރެއަކީ. އެކަމަކު އެމީ މިއޮތް ފިނި ފިނި ރޭ މޫދަށް އެރިފަތަ؟ " ހެނާ ހައިރާންކަމާއިއެކު ސުވާލުކޮށްލިއިރު ރޮޒާލިއާ އިނީ ހިތްހަމަނުޖެހޭގޮތްވެފައެވެ. އަމީރާ ފިރިހެނާއެކު ތަންތަނަށް ދަނީހެއްޔެވެ؟ އޭނަ ކޮންމެގޮތެއް ހަދާފައިވެސް އެކަން ހުއްޓުވާނެއެވެ. ނަމަވެސް ރޮޒާލިއާ ފެށީ މުޅިން އެހެން ވާހަކައެކެވެ. އަމީރާ ބިސްގަނޑެއް އަޅާށޯ ކިޔާފައި އުނދުން ޖެއްސުމުން ހީފިލާގޮތްވިއެވެ. އަމީރާ މަންމަމެންނާއި ވާހަކަދައްކަން ހުއްޓާ އޭމޮން އެއައިގޮތަށް އޭނަގެ ގައިގާ ހިފާ ދަމައިގަނެގެން ބަދިގޭގައި ހުންނަ ވަލުދޮރާށިން ނުކުތީ ދާދި ފަސޭހަކަމާއިއެކުގައެވެ. ބަދިގޭ ފާރާއި ތާށިކޮށްލިގޮތަށް އޭމޮން އަމީރާގެ އިސްތަށިގަނޑަށް ދަމާ އަނިޔާކުރަން ފެށިއިރު ހީވީ ދިރުވާލަން އުޅުނުހެންނެވެ. އަމީރާގެ ދެލޯ ބޮޑުވެ ހަޅޭއްލަވަން މަސައްކަތްކުރިއެވެ. ފާޑެއްގެ އަޑެއް ލެއްވެމުން ދިޔައެވެ. މަންމައާއި ހެނާ ނުކުމެފާ އޭނައާއި ދިމާލަށް އައިކަން އެނގުނެވެ. އޭރު ތަދުވެގެންގޮސް އަމީރާގެ ހެޔަށް ގޮތެއްވެއްޖެއެވެ.

"ނަޝީދު، ނަޝީދު......." ރޮޒާލިއާ އަޑުކޮޅަށް ގޮވަންފެށިއެވެ. ހޭލެވުނުއިރު ކޮޓަރީގެ އެނދުގައެވެ. އޭނަ އޮތީ ކޮޓްން ޕިޖާމާއެއް ލައްވާފައެވެ. ހެދުން ބަދަލުކުރީ ކާކުބާވައޭ ހިތަށް އަރާފައި ހާސްވެގެންގޮސް އަމީރާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ.

"ހެނާ. ކާކު އަހަރެން މިތަނަށް ގެނައީ....." އަމީރާ ސުވާލުކުރިއެވެ.

ކޮމެންޓް 0