"ހެނާ. އަހަރެން ހުރިހާކަމެއް ލޮލުން ދެކުނިން. އަހަރެން ބަލަން ހުއްޓާ އެ ނުލަފާ މީހާ ރާދް ރޭޕްކުރީ..." އަމީރާގެ ދެލޮލަށް ކަރުނަ ޖަމާވާންފެށިއެވެ.

"ކާކުތަ؟ އެމީ، އެ މޮންސްޓާ އަކީ ކާކު؟ އެގޭގައި އުޅޭ މާމަ ގަނޑުހެންވެސް ހީވޭ...... " ހެނާގެ ހިތް އަވަސްވިއެވެ. އެ ޚަބަރު އިވިފާ ހެނާވެސް ހާދަ ވަރަކަށް ކަރުނައޮއްސިއެވެ. ކަރުނަތައް ހުއްޓުނީ އެތައް މަސައްކަތެއް ކޮށްގެންނެވެ. އެމަޖާ ސަކަ އަންހެންކުއްޖާގެ ނިމުން އެއައި ބިރުވެރިގޮތުން އެކަމުގައި އެގޭގައި އުޅޭދައިތަގެ އަތެއް ނުވާނެ ބާވައޭ ހިތަށް އެރިއެވެ. އެދައިތަ ރާދްދެކެ ހުރީ މާ ވަރުގަދަ ރުޅިގަނޑެއް އައިސްފައެވެ. އެކުއްޖާގެ ގައިގާ އަސާއިންވެސް ޖެހިއެވެ. ސިހުރުވެރިއަކަށް ވެއްޖެއްޔާ މީހަކު މަރާލުމަކީ ފެންފޮދެއް ބޯލުންހާ ފަސޭހަކަމެކެވެ. ހެނާ އޭރުވެސް އިނީ އުނގުމަތީގައި ވާ ބާލީހުގައި ލެޕް ބަހައްޓައިގެން ރިފްރެޝްކޮށްލަ ކޮށްލައެވެ. އިތުރު ޚަބަރުތައްވެސް ގެނެސްދޭނެކަން އެނގޭތީއެވެ.

"ޒޯހަން....." އަމީރާ އެނަން ކިޔައިލިއިރުވެސް ހީވީ ހިތި ބޭހެއް ބޮވުނުހެންނެވެ. އަނގަޔަށް ނުބައި ގޮތެއް ހަދާލާފައި ބުމަވެސް ގޮށްޖަހާލައިފިއެވެ. ދޭތެރެއަކުން ކޮކަޓޫގެ އަޑުން މުޅި ސަރަހައްދުގެ ހިމޭންކަން މުގުރާލައެވެ. އެއަޑު އަލަށް އިވޭމީހެއްގެ ހިތުގައި އިންތިހާ ދަރަޖައިގެ ބިރުވެރިކަން އުފައްދާކަހަލަ ގޮތަކަށެވެ.

"ވަޓް؟ " ހެނާ ދެލޯ ތަންމިނަށް ބޮޑުކުރިއެވެ.

"އާން ޒޯހަން އެކަން ކުރީ...." ޒޯހަން ކަންތައް ކުރިގޮތުގެ ތަފްސީލުކިޔާދިން އިރު ހެނާގެ މޫނުމައްޗަށް ވެރިވެފައިވާ ކުލައިން އޭނަ އަނބުރައިގެންފާނެ ހެންހީވެ އަމީރާވެސް ކަންބޮޑުވިއެވެ. ހެނާއަށް ވަރަށް އަސަރުކޮށްފިއެވެ. ދެލޮލުގައި ކަރުނަ ގިނަވިއެވެ.

"ހެނާ. މިކަންތައްތަކުގައި އަޑިނޭގޭ ސިއްރުތަކެއް ފޮރުވިފައިވޭ، ނަވާއާއިވެސް މިމަރާއި ގުޅުމެއް އޮވެދާނެއޭ ހަމަ ހިތަށް އަރާ، ޒޯހަން އޭނަގެ ކޮއްކޮ ފެންވަރުވައޭ ބުނީމަވެސް ހިނި އަންނަނީ. ބޮޑު ސިންގާކުއްޖެއް އޭނަގެ ބޭބެ ފެންވަރުވަންވެއްޖެއްޔާ ސަލާމަތެއްނެތެއްނު. ބްރަދަލީ ލަވް. ހެހެ. އެވަރަށް ދޯ ދެން ބޭބެއަކަށް ލޯބި ދެވޭނީ. ދެން މިހާރު ރަގަޅަށް ފެންވަރުވާލައިފިއެއްނު. ހަމަ ޝޮކެއްގައި މިހިރީ، ހަވީރު ލޮލަށް ފެނުނީ ހާޓްޓަޗިން މަންޒަރެއް އެކަމަކު އޭނަގެ ސިފަ ބަދަލުކޮށްލީ ރޭގަނޑަށް. ދެން އިތުބާރުކުރަންވީ މީހަކުވެސް ނޭގޭ، އެއްފާޑުގެ ފިރިހެނުންތައް ހުސް މިއުޅެނީ......" އަމީރާ ދަތްތަކަށް ބާރުކޮށްލިއެވެ.

"ތަންކޮޅެއް ކުޑައިރު ފެންވަރުވާ ވާހަކަ ކަން ނޭގޭ، އެކަމަކު......." ހެނާ ބޯ ހޫރައިލިއެވެ.

"ހެން. އައި ސްވިއަރ. އަހަރެން ކޮންމެހެން ޒޯހަންގެ ބޮލުގައި އެކަން އެޅުވުމުގެ ބޭނުމެއް ހެނާ ބުނެބަލަ. އަދި ހެނާ ކައިރީ ނޫނީ ނުވެސްކިޔަން. ފުލުހުންނަށްވެސް އޮޅުވައިލީ، އެމީހުން ޒޯހަން ހައްޔަރުކޮށްގެން އެވަގުތު ގެންދިޔައީމަ އެނގޭ ދެން ހެކި ހުންނާނެކަމާއި ޒޯހަން ބެދޭނެކަން. އެހެންވެ އަހަރެން އެއްޗެކޭ ނުބުނީ އަމިއްލަ ފެމިލީއަށްވެސް ވިސްނާފައި. އެއީ މުއްސަދިމީހުން. އެމީހުންގެ އާއިލާއިންވެސް އަހަރެމެންނަށް ދުއްތުރާ ފޯރާނެ. ސޯ ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފައި ސިފައިން އެމީހުންގެ މަސައްކަތްކުރާނެ ކަމުގެ އުއްމީދުގައި މިހިރީ....." އަމީރާ ތަންކޮޅެއް ތަފުސީލުކޮށް ކިޔައިދިނެވެ. ހެނާ އޭރުވެސް ވިސްނަމުން ދިޔައީ ޒޯހަންއާއި މެދުގައެވެ.

"މިހާރު ހެނާ ވިސްނަނީ ކޮންކަމަކާ؟ " އަމީރާ އަހައިލިއެވެ.

"އެމީ ރޭގަނޑު އެތަނަށް ދިޔައީ އަނެއްކާ ސްލީޕް ވޯކް......"

ކަޓް ދަ ކްރެޕް ހެނާ...." އަމީރާ ގަދަޔަށް ރުޅިއަންނަ ގޮތްވިއެވެ.

"އަހަންނަކީ އެހާ ބޮޑު ގަމާރެއްނޫން، ހޭލާ ހުރެގެންނޭ އެތަނަށް ދިޔައީ. ހަމަހޭގައި ހުއްޓާ އޭނަ އެ ޖަރީމާ ހިންގިތަން ފެނުނީ. ސްލީޕްވޯކްގައި ވީކަމެއްނަމަ ކިޔާރާއާއި ރާދް މަރުވެގެންވެސް ނުވާނެ. ލަދުގެ ކަންފުޅެއްވެސް ނެތް މުޑުދާރު މީހާގަނޑެއް. ހެނާ އެމީހާގެ ބައްޕަގެ ހޮޓަލަކަށްވީމަ އެޖޮބަށްވެސް ދިޔުން ހުއްޓާލާ. އެކަހަލަ ލާއިންސާނީ ބަޔެއްގެ ކައިރީ ވޯކްކުރުމަކީވެސް ކުށެއް. ޑެތް ޕެނަލްޓީ ނޫން އެހެން އެއްޗެއް އެމީހާއަށް ހައްގެއްނޫން. ލޮލުން ނުފެނުނުނަމަ އަހަންނަށްވެސް ގަބޫލެއްނުކުރެވޭނެ. އެހާ ކާމިޔާބު ރީތި މީހަކު އެކަހަލަ ކަމެއްކޮށްފާނެއޭ ހިތަށް އަރާނީވެސް ކާކުތަ؟ މަދީ ކޯންޗެއްތަ؟ ހުރިހާ ނިއުމަތެއް ދެއްވީމަ އެ ވެއްޓިގަންނަނީ ކޮންފަދަ ދަށް ފެންވަރަކަށްކަން ނޭގޭ. ހުރިހާ ރީތި މުއްސަދިންގެ ވެސް އެކަހަލަ ކަޅުހިތްކަން ނޭގޭ ލިބިފައި ވާނީ. ދެން ހިތަށް ހަމަޖެހުމެއްލިބޭނީ އޭނަ ދަންޖައްސާ ދުވަހަކުން...."

"އަހަރެންގެ އަތުން އެމީހާގަނޑު މަރާލަން ބޭނުމީ...އަދި އެމީހުންގެ ބޭބެވެސް ބުނެފިއެއްނު ނުކުރާނެއޭ. " އަމީރާ އަށް އެނދުގައި ނޯވެވިގެން ތެދުވެ އިށީދެލިއެވެ.

"ނުކުރާނެ..." ހެނާގެ ހިތްވެސް ސިއްރުސިއްރުން ބުނުމާއިއެކު ޒޯހަން އޭނައަށް ބަވާލިގޮތް ހަދާންވިއެވެ. އުމްރާން ކިތަންމެ ވަރަކަށް ޒޯހަންގެ ދިފާއުގައި ވާހަކަދެއްކިޔަސް އެއީ ރަގަޅުމީހެއް ނޫނެވެ. ކޮޓެޖާއި ގުޅިފައިވާ ސިއްރުތައް ހައްތާ އިތުރުވީއެވެ.

ހެނދުނު ހޭލިގޮތަށް އަމީރާއާއި ހެނާވެސް ތައްޔާރުވެލައިގެން އޮފީހަށްދާން ނުކުތެވެ. އެތަން މިތާ ބޮނޑިވެލައިގެން މީހުންތައް ދައްކަންތިބީ އެވާހަކައެވެ. ޒަމާނެއްގެ ކޮޅުންވެސް މިކަހަލަ ޚަބަރެއް ލިބޭނެކަމެއް ނޭގެއެވެ. ކަމެއްނެތި އެހެން ތިބޭއިރު ފޫހިފިލުވައިލަން ބުރަދަން ހުރި ވާހަކައެއް ލިބުނީއެވެ. އެމީހަކަށް ފެނުނުގޮތަކަށް ކިޔަމުންދާއިރު އެކަމުގެ ތެރެއަށް އަމީރާވެސް ލައިގެން އުޅޭކަން އެނގެނީ އެމީހުންގެ ތޫނު ބެލުންތަކުންނެވެ. އަމީރާ ފުލުހުން ގެންދިޔަ ޚަބަރުވެސްވަނީ އެންމެނަށް އެނގިފައެވެ. އޭނައާއި އެ ފިރިހެންކުއްޖާ ރައްޓެހިވެގެން އުޅެނީއޭ ކިޔާފައިވެސް ދެއްކިއެވެ.

އަމީރާ ކެބިންއަށްވަދެފައި ލޮލުގައި އަޅާފައިވާ އަވިއައިނުނެގިއެވެ. އާދައިގެމަތިން ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލުމާއިއެކު މިއަދު މޫދުވެސް އޭނައަށް ސިފަކުރެވުނީ ބިރުވެރި މަޚުލޫގެއްގެ ގޮތުގައެވެ. އެހެންދުވަހަށްވުރެ ރާޅުތައް ބިޔަވެފައި އެއްގަމަށް ބުރުއްސާލަނީ ރުޅިވެރިކަމާއިއެކުގައެވެ. އަޅިކުލައިގެ ވިލާތައް އުދަރެހަށް ޖަމާވަމުންދަނީވެސް އަންނަން އުޅޭ ތޫފާނެއްގެ ނުރައްކާ އިއުލާންކޮށްދެމުންނެވެ. އީޝާ އަމީރާއަށް ހެދުނުގެ ސަލާމްކޮށްލުމަށްފަހު ފެށީ އެ ކުއްލި މަރުގެ ވާހަކައެވެ. އެންމެންގެ ދުލުކުރީގައިވެސް އޮތީ އެވާހަކައެވެ. ޚާއްސަކޮށް އަމީރާ އެ މަންޒަރު ލޮލުން ދެކެފައިވާތީ އޭނަގެ ކައިރިން ސުވާލުކުރުން އެންމެނަށް މުހިއްމުވިއެވެ.

"މައިކްވެސް ސަލާމުގައި މިއަދު އެކަމަކު ބޮސް އެބަހުންނެވި. ހީޒް ސޯ ސްމާޓް....." އީޝާ ވައި އަޑަކުން އަމީރާގެ ކަންފަތްކައިރީ ކިޔާލައިފިއެވެ. އަމީރާގެ ހިތުގެ ވިންދުއަވަސްވިއެވެ. ރަފައެލް އޮފީހަށް ދުރުވާނީ މި ދިމާވެގެން އުޅޭ ހާދިސާގެ ބޮޑުކަމުން އެޚަބަރުގެނެސްދޭލެއް ކައިރިން ދެކެލަން ބޭނުންވީމައެވެ. އަމީރާގެ ހިތް ވަގުތުން އޭގެ މަގާމު ދޫކޮށް އުދުއްސައިގެން ދިޔައެވެ. ހިތްއެދި ގޮވީ ރަފައެލްއާއި ވަގުތުން ބައްދަލުކުރުމަށެވެ. ރަފައެލްއަށް އޭނަގެ ހިތުގެއަޑު އިވުނުލެއް އަވަސްކަމުން ޚުދު އަމީރާވެސް ހައިރާންވިއެވެ. އޭނަގެ ކެބިންއަށް ރަފައެލް އައުންވެސް ލިބުނު ޝަރަފަކަށްވިއެވެ. އަމީރާގެ ތުންފަތްމަތީގައި ރަކި ހިނިތުންވުމެއްވިއެވެ.

ރަފައެލްގެ އަތުގައި ހުރީ އާވިއަރަ އަރާހުރި ކޮފީއެކެވެ. އޭގެ ދެވިހިފާ ވަހުން އަމީރާގެ ސިކުނޑި ތާޒާވެލިއެވެ. ހުދުގަމީހަކާއިއެކު ޓައީއެއް އަޅާފައި ކަޅު ފަޓުލޫނެއްލައިގެން ހުރުމުން ފިރިހެންވަންތަކަމުގެ ނަމޫނާއެއްފަދައެވެ.

"ސަރ...." އަމީރާއަށް ކިޔާލެވުނެވެ. އީޝާ މާފަށް އެދިފައި އެތަނުން ނުކުންނާން ހިނގައިގަތީ ރަފައެލްގެ ފަރާތުން އިޝާރާތެއް ނުލިބުމުންނެވެ.

"އޭނަ އަހަންނާއިއެކު އެންމެ ރެއަކު ނިދާލަންވެގެން ފުރާނަވެސް ގުރުބާންކޮށްފާނެ...." ރަފައެލް ކުޑަދޮރުކައިރީގައި ހުއްޓި ބޭރަށް ބަލަންފެށިއެވެ. އޭނަގެ މޫނުމަތިން ލާނެތްކަމުގެ އެއްވެސް ކުލަވަރެއްނެތެވެ. އެހާ ސީރިޔަސްއެވެ.

"އެކަމަކު ކީއްވެ އެހެން....." އަމީރާ ހައިރާންވިއެވެ.

"އަންހެންކުދިންގެ ލޮލުގައިވާ މެސެޖް ތަރުޖަމާކުރަން އެނގޭނީ ފިރިހެނުންނަށް، އެކުއްޖާގެ ހިތުގައިވަނީ ކީކޭކަން އެހާވެސް އޮބްވިއަސް. ހޫމް ބައިދަވޭ މިސް އަމީރާ. އަހަރެން އަޑުއެހިން އަމީރާއަށޯ ފެނުނީ އެކުދިން ރޭޕްކުރަނިކޮށް، އިޒް އިޓް ޓުރޫ...." ރަފައެލްގެ ތޫނު ބަލައިލުމުން ހިތްވެސް ފޫއަޅުވާލިއެވެ. އަމީރާ މޭޒަށް ކުޑަކޮށް ލެނގިލީ ފައިން ވާގިދޫވެ ބިންމައްޗަށް ތިރިވެދާނެކަމުގެ ބިރަށެވެ. ރީތި މީހަކު ފެނުނަސް މިހާވަރުވާކަށް ނުވާނެއެވެ. ފިރިހެނުންގެ ރީތިކަމަށް މޮޔަވެއްޖެއްޔާ ލިބިދާނެ ލަނޑެއް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ. ރަފައެލްވެސް އެހާ ސިއްރުވެރިއެވެ. އެފޮތުގެ ސަފުހާތައް ހުޅުވުންވެސް މަނާކަހަލައެވެ. އެކަމަކު އޭނަ ބޭނުންވަނީ އަމީރާގެ ހުރިހާ ސިއްރެއް ދެނެގަންނާށެވެ. ދެންމެ އީޝާއާއި ދިމާލަށް އޭނަ އެބުނީވެސް ކީކޭހެއްޔެވެ؟ ވީއިރު އަމީރާއާއި ބެހޭގޮތުން މިފިރިހެނާ ހިތަށް އަރުވާނީ ކޮންފަދަ ކަމެއްކަންވެސް ނޭގެއެވެ. ހަގީގަތަކީވެސް އަންހެންކުދިން އަޅައިގަންނާނެހާ ފިރިހެންވަންތަގޮތެއް ރަފައެލްއަށް ދެއްވާފައިވެއެވެ. އެވަރު އޭނައަށްވެސް އިހުސާސްކުރެވޭނެ ނޫންހެއްޔެވެ؟

"ހޭވް އެ ސީޓް، ނޫނީ ފެއިންޓްވެދާނެ. ބްރޭކްފާސްޓް ނެގިންތަ؟ ނޫނީ އަހަރެމެންނަށް މި ކޮފީވެސް ޝެއަރ ކުރެވިދާނެ...." ރަފައެލް ކުޑަދޮރަށް ލެނގިލައިގެން ހުރިއިރު އެދެލޯ ހުއްޓިފައިވަނީ އަމީރާއަށެވެ. އަމީރާއަވަސް އަވަހަށް ގޮނޑިއަށް ތިރިވިއިރު މޫނަށްރަތްކުލަ ވެރިވެ އެމޫނުގެ ރީތިކަން އިތުރުކުރުވިއެވެ.

"ނޯ ތޭންކްސް. ސައި ބޮއިގެން މިއައީ....." އަމީރާ ހިނިތުންވެލީ އިހުސާސްތައް ފޮރުވުމަށެވެ.

"ކިޔާދީ. ކިހިނެއްވީ. އަމީރާއަށް އެކަން ކުރި މީހަކު ނުފެނުނުކަން ދެރައީ...." ރަފައެލްއަށްވެސް ފެންނާނީ ނޫހުގައި ހުރި ޚަބަރެއްތާއެވެ. ހުރިހާ ލިޔުމެއްގައިވަނީ އަމީރާއަށް އެކަންކުރި މީހަކު ނުދެކޭކަމަށެވެ. އޭނައަށް އެތަނަށް ދެވުނުއިރު އެމީހަކުވަނީ އެތަން ދޫކޮށް ފިލާފައެވެ.

"އަޅުގަނޑު ދެކުނިން....." އަމީރާ އަމިއްލަ ނަފުސަށްވެސް ނީވޭހާ މަޑުން ބުނެލި ޖުމްލައާއިއެކު ރަފައެލްގެ މޫނަށްވެސް ހައިރާންކަމުގެ ކުލަވެރިވިއެވެ. އަމީރާ ތަފުސީލުކިޔާދެމުން ދިޔައިރު ރަފައެލް ހުރީ ވިސްނުންތެރިކަމާއިއެކު އަޑުއަހާށެވެ. ކޮޓެޖްގައި ދިރިއުޅެނީ ކޮންމެ ބަޔަކަށްވިޔަސް އެގޭގައި ސިއްރުން ފުރިފައިވާކަންތައް ތަކެއް ހިނގާކަމުގައި ބުނެލިއިރު އަމީރާ އޭމޮންގެ މަތިންވެސް ހަދާންވިއެވެ. ރަފައެލްއަށް ކޮންމެވެސް ވަރަކަށް އެވާހަކަވެސް ކިޔައިދޭންވީއެވެ. ރަފައެލްގެ ފަރާތުން ހަމްދަރުދީގެ އެންމެ ޖުމްލައެއް ނަމަވެސް އަހާހިތުން ހުރި އަމީރާ ރަފައެލްއަށް އޭމޮންގެ އުދަގޫތައް ކޮންމެވެސް ވަރަކަށް ކިޔައިދިންއިރު އަމީރާއަށް ރަގަޅަށްވެސް ރޮވެންފެށިއެވެ. ލޮލުގައި ގިނަވެގަތް ކަރުނަތައް އެސްފިޔަތައް ފޫދުއްވާލާފައި ތިރިއަށް ދެމިގަތްއިރު އަނދުންވެސް ފޭވުނެވެ. ރަފައެލް ޓިޝޫއެއް ނަގާދިއްކޮށްލުމަށްފަހު މޭޒުމަތީގައި ކުޑަގޮތަކަށް އިށީދެލުމުން އަމީރާއާއި ދެމީހުންގެ ދޭތެރޭގައިވާ ދާއިރާ ތަންކޮޅެއް ހަނިވިއެވެ.

"ބިރުގަނޭ، ވަރަށް ބިރުގަނޭ، ޑްރީމްއަކުން ހީވާކަހަލަ ގޮތަކަށް އެކަމަކު މިހާރު ޔަގީންވޭ، އެއީ ހަގީގަތް. އެމީހާ ވަރަށް އުދަގޫކުރޭ. އަތްލާތަނެއް ވެއްޖެއްޔާ ރަތްވެ ދުޅަވެފައިހުރޭ، ސްޓޯރީތަކުން ޖިންނިން ކިހާ ލޯބިން އުޅެނީ، އެމީހާ ވަރަށް ބިރުވެރި. ދިގުވަކިތައް އަނގަޔަށްވެސް ވައްދާލާނެ. އެއިނގިލިތައްވެސް ކަރުތެރެއަށް ބާނާނެ. ތޫނުދަތުން އެތަން މިތާ ދަތްއަޅަނީވެސް ތަދުކުރަން ރޮއްވާލަން ވެގެންކަން އެނގޭ. ގިނަފަހަރު އޯކަށް ދަމަމުންގޮސް ހަލާކުވާވަރުވޭ. އެ ޑީމަން އެންމެފަހުން ހުއްޓާލާނީ ރޭޕްކޮށްފައިކަން ޔަގީން. ސޭޑިސްޓިކް ޖިންނިގަނޑު ބުނީ މަރުވެދާނެތީއޯ އިތުރުކަމެއް ނުކުރަނީ. އެހާވެސް ނުލަފާ ޖައްބާރު އެއްޗަކުން ސަލާމަތްނުވެވިގެން މިއުޅެނީ. ފަންޑިތަ ހަދާ ކަމެއްކޮށްފިއްޔާވެސް ފެމިލީ މީހުން މަރާލާނަމޭ ކިޔާފައި ތްރެޓްކުރީ. އައިމް ސޯ ސްކެއާޑް. އެނގޭ. ވަރަށް އަވަހަށް އޭތި އަޅުގަނޑު މަރާލާނެ......." އަމީރާ ރޮމުން މޫނުގައި އަތްއެޅިއެވެ. ރަފައެލް އަމީރާގެ އަތުގައި ހިފާފައި މަޑުމަޑުން ކައިރިކޮށްލުމުން ހުރެވުނީ ރަފައެލްގެ ދެފައި ދޭތެރޭގައި ކަހަލަ ގޮތަކަށެވެ. ރަފައެލް އިށީދެލައިގެން އިނުމާއިއެކު ގެނެސް މޭގައި ޖައްސައިލުމުން އެ ފުޅާ މޭމަތީގައި ބޯ އަޅައިލެވުނެވެ. ވަކިން ބޮޑަށް ގިސްލެވުނެވެ. އެއޮތް ހިތްވަރުގަދަ އަންހެންކުއްޖާ ރަފައެލްގެ ކުރިމަތީގައި ހިތް ބަންޑުންކޮށް ބަލިކަށި ކުއްޖަކަށްވެއްޖެއެވެ. ރަފައެލް އަމީރާގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމައިލިއެވެ.

"އިޓްސް އޯކޭ، އިޓްސް އޯކޭ، ސްޓްރެސް ފިލުވައިލަން ކަރުނަތައް ވަރަށް މުހިއްމު. ބޭނުންވަރަކަށް ރޮއި..ގުޑް ފޯ ޔޫ..........."ރަފައެލް އަދިވެސް ބޮޑަށް އަމީރާ ގަޔާއި ކައިރިކޮށްލުމުން އަމީރާ ރޮއިރޮއިހުރެވެސް އެރީތި ހަށިގަނޑުގެ ވާންކަމާއި ބާރު ފާހަގަކުރެވުނެވެ. އަބަދާއަބަދު އެގޮތަށް އެ ވަރުގަދަ މުލައްދަނޑީގެ ހިމާޔަތުގައި ހުރެވޭނެނަމައެވެ. ކަސްރަތުކުރަމުންގޮސް ލިބިފައިވާ ބާރަކާއި މަސްތަކުގެ ވަރުގަދަކަން އަމީރާގެ ލޭގެ ހިނގުންވެސް އަވަސްކުރުވިއެވެ. އެދެހިތުގައި ހިގަމުންދިޔަ އިހުސާސްތައް އޮޔާނުލީ ހަމަ ކިރިޔާއެވެ. ގިނައިރުތަކެއް ވިނަމަވެސް އަމީރާވެސް ވިރިގެން ހިނގައިދާނެއެވެ. އިތުރުކަމެއް ނުކުރިއިރުވެސް އަމީރާގެ ހިތާއި ހަށިގަނޑަށް ބުނެދޭން ނޭގޭފަދަ އަރާމާއި ހަމަޖެހުން އިހުސާސްކޮށްދީފިއެވެ. އަތްލައިފިއްޔާ ވާނީ ދެން ކިހިނެއްހެއްޔެވެ؟ ކުއްލިއަކަށް މީހަކު ކަރުކެހިލުމުން ނަސީބަކުން އަމީރާއަށް ދުރުވާން މަޖުބޫރުވިއެވެ. އޭރު ރަފައެލްގެ ގަމީހުގެ މޭމަތިން ބޮޑުބައިވަނީ އޭނަގެ ކަރުނާއި އަނދުނުން ތެމިފައެވެ. އަދި އެއޮތް ހުދު ގަމީހުގައި އޭނަގެ ލިޕްސްޓިކްގެ އަސަރުވެސް ހުއްޓެވެ. އަމީރާ ލަދުންގޮސް މޮޔަވާވަރުވިއެވެ.

ތަން ސާފުކުރާ މީހާއަށްވެސް ވަންނަން އެނގުނީ މިގަޑީގައި ހެއްޔެވެ؟ އެވެސް އަދި ބޮސް އިންދައެވެ. ލަދެއްވެސް ނުގަންނަ މީހެކެވެ. ރަފައެލް އަމީރާއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ދާން ހިނގައިގަތުމުން އަމީރާ މޭޒުދޮށުގައި އިށީދެ ދަތްދޮޅީގައި އަތް ވިއްދާލައިގެން އިނީ މަސައްކަތްކުރާ ހިތްނުވެފައެވެ. ރަފައެލް ކައިރީ ހިތް ބަންޑުންކުރުމަކީ އެންމެ ރަގަޅުކަމެއް ހެއްޔެވެ؟ ޒޯހަންގެ ވާހަކަ ސިއްރުކުރާނެ ހެއްޔެވެ؟ ކޮންމެވެސް ސަބަބަކާއިހުރެ ރަފައެލް އަށް އިތުބާރުކުރެވިއްޖެއެވެ.

ފަސްމިނިޓްފަހުން އަމީރާގެ ފޯނަށް މެސެޖެއް އައެވެ. ކޮފީއަކަށްދާން ދައުވަތުދީފައެވެ. އޭނަ އަމީރާދެއްކި ވާހަކަތަކަށް ރައްދުދޭނީ ކޮފީގައި ކަމުގައި ބުނެފައި ހިތްވަރުކުރަން ބުނެފައިވެއެވެ. އަމީރާގެ ހިތް އުފަލުން ނަށައިލިއެވެ. ހިތާމައިގެ މި ދަނޑިވަޅުގައިވެސް އޭނަގެ ހިތަށް ހަމަޖެހުން ގެނެސްދިންމީހަކީ އޭނަގެ ވެރިޔާއެވެ. ހާދަ ރަގަޅު ހިތްހެޔޮ މީހެކެވެ.

"މިއީ ލޯތްބެއް ނޫން. ރަގަޅުކަމުންނާއި ހިތްހެޔޮކަމުން އެކުގައި ވާން ހިތްއެދެނީ..." އަމީރާ ހިތަށް ޔަގީންކަން ދިނެވެ.

އަމީރާ ދެން ކުރަންފެށި މަސައްކަތަކީ ކިޔާރާ އަދި ރާދްގެ ދިރިއުޅުމާއި ބެހޭގޮތުން މައުލޫމާތުތައް އެއްކޮށް ރަގަޅު އާޓިކަލްއެއް ލިޔުމަށެވެ. މީހަކު މަރުވުމުން އެމީހާއަކީ ކާކުކަން ދެނެގެންނަން ދިރިތިބިން ބޭނުންވާ ސަބަބެއް ނޭގެއެވެ. ޚާއްސަކޮށް މިފަދަ މަރުގެ ކޭސްއެއްގައި ކިޔާރާއާއި ރާދްއަކީ ގައުމުގެ އެންމެނަށް އެނގޭ އެންމެ މަޝްހޫރު ކުދިންނަށް ވެއްޖެއެވެ. ޒޯހަންއާއި ކިޔާރާއަކީ މަޝްހޫރު ދެ ލޯބިވެރިންނަށް އެއް ޒަމާނެއްގައި ވީއިރު ޒޯހަން އެކުއްޖާ މަރާލަން ޖެހުނީ ކޮން ސަބަބަކާ ހެދިހެއްޔެވެ؟ މަރާލީއެއްވެސް ނޫނެވެ. ރޭޕްކުރީއެވެ. އެހާބޮޑު އަނިޔާއެއް ބޭރުފުށުން ލިބިފައެއްނެތެވެ. އެކަމަކު ތިމާގެ އަންހެނުން ރޭޕްކުރަންވީ ކޮންކަމަކާހެއްޔެވެ؟ އެ ދެ އަންހެންކުދިންނަކީ މީހުންނަށް އަނިޔާއެއްކުރާނެ ނުލަފާ ޒާތެއްގެ ބަޔަކީ އެއްވެސް ނޫނެވެ. ޒޯހަންއާއި އެސުވާލުތައް ކުރާހިތުންވެސް ކެތްވަނީއެއް ނޫނެވެ. އެ ސުވާލުގެ ޖަވާބު ދެވޭނެ އެކަނި އިންސާނަކީ އެއީއެވެ. އޭނަ އެ ޖަރީމާ ހިންގަން ޖެހުނު ސަބަބެއް އޭނަ ފާޅުކުރަން ޖެހޭނެއެވެ. ނަމަވެސް އޭނަ އެހެރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ހަމަ ހުރެފާ ސްކިޒޮފްރީނިއާ ބަލިމީހަކަށްވީ ކަމަށްވެސް ވެދާނެއެވެ. ޒޯހަން ކިތަންމެ ނުބައިވިޔަސް ހަމަ ހުރެލާފައި އެކަހަލަ ނުލަފާ އާވާރާ ކަމެއްކޮށްލާކަށް ނުކެރޭނެއެވެ.

އަމީރާ މަސައްކަތްކުރާ ހިތްނުވެފާ އިނދެ ފޭސްބުކް ހާވަންފެށިއެވެ. މުޅިންވެސް ފެންނަނީ ކިޔާރާއާއި ރާދްގެ ވާހަކައެވެ. އެވާހަކަތަކުން ފިލަން ދުވާނެ އެއްވެސް ތަނެއް ނެތްކަން އޭނައަށް ޔަގީންވިއެވެ.

ހެނާ ރެސްޓޯރެންޓަށް ވަންއިރު އެތަނަށްވެސް ވެރިވެފައިވަނީ ފަޅުކަމާއި ހިމޭންކަމެވެ. އެހެން ދުވަހު ހެނދުނުގެ ނާސްތާގަޑީގަވެސް ތަނުގެ ހަލަބޮލިކަމުން އެހެންކަމެއްހެން ހީވާއިރު މިއަދު އެންމެ ކަސްޓަމަރެއް ނޫނީ ޚިދުމަތް ހޯދަން އައިސްފައެއްނުވެއެވެ. އެންމެން ޒޯހަންގެ ރެސްޓޯރެންޓް ބޯއިކޮޓްކޮށް ލީބާވައެވެ. ހާދަ ދެރައެވެ. މިހެންވާކަށް ހެނާ ބޭނުމެއްނޫނެވެ. ޒޯހަން ހަރުކަށިވިޔަސް މިހާ ނުލަފާ މަޖުރިމަކަށްވެދާނެ ކަމަކަށް އޭނަ ހީކޮށްފައެއްނެތެވެ. އާސާއާއި ދިމާވުމާއެކު އޭނަވެސް ފެށީ ކިޔާރާމެންގެ ވާހަކައެވެ. ކިޔާރާއާއި ރާދްގެ ހަށިގަނޑު ޗާޓަރު ފުލައިޓެއްގައި ގެންގޮސްފި ކަމަށާއި ޒޯހަން އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފާ ކަމުގައި ބުނެލިއިރު އާސާވެސް ހުރީ ދެރަވެފައެވެ.

"ދެރައީ އެދުވަހު އެ ޒޯހަންގެ އުނގަށް ކޮފީ ބަންޑުންވިގޮތަށް ނުވިރުނުކަން. ކާކު ހިތަށް އަރާނީ އެމީހާ އެކަހަލަ ކަމެއް ހިންގަފާނެއޭ، މުއްސަދިންގެ ދަރިންތައްވެސް އާއިލާގެ ނަން ބަދުނާމް ނުކުރަން މަސައްކަތްވެސް ކުރޭ ދޯ. އެހެނެއްވެސް ނުވި. ނޫނީ ހަމަ ޖިންނި އާއިލާއަކަށް ނިސްބަތްވާ ބަޔަކީތަ؟ ކޮޓެޖުގައި އެމީހުން ގެންގުޅޭ ކޮކަޑޫގެ އަޑު އިވުނީމަ ސަކީނާއްތަ ދެކަމު ހާޖަތަށް ދެވުނުވާހަކަ ވެސް ބުނި. ދެން އިނގިރޭސި ނޭގުނަސް އަހަންނަށްވެސް އެ ދޫންޏަށް ކިޔާ ނަން އެނގޭ. ކޮކަޑޫއަކީ ސަކީނާއްތަ ދިން ނަމެކޭ............" އާސާ ތަށިތައް އަތުރަން ހުރެފައި ކިޔާލައިފިއެވެ.

ހެނާ ކުޑަކޮށް ހިނިއަންނަގޮތްވިއެވެ. ދުވާލު މަޑުމަޑުން އެކަޅު ދެލޯ ބޭގަރާރުކަމާއިއެކު ހޯދަނީ އެންމެ މީހަކު ފެނިލުމަށެވެ. ޒޯހަންގެ ސޫރަ ދެކެލާހިތުންނެވެ. ނަމަވެސް އޭނަ އެހެރީ ބޮޑު ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައެވެ. އެވަރު މީހަކަށްޓަކާ ހަމްދަރުދީގެ ކުނޑިފަށެއްވެސް ހިތުގައި ވުމަކީ އިންސާނިއްޔަތާއި ޚިލާފުކަމެކެވެ. އޭނަ ޖެހޭނީ ޒޯހަންއަށްޓަކާ ހިލަގަނޑެއްފަދައިން ހިތްހަރުކުރާށެވެ. އެފަދަ މީހަކަށްޓަކާ ހިތުގައި އެއްވެސް ކަހަލަ އިހުސާސެއް ހުރެގެން ނުވާނެއެވެ. ވެރިޔާއަށްވިޔަސް ހެވެވެ. ފޫހިގޮތުގައި ޑިއުޓީ ހޭދަކޮށްލާފައި ގެއަށް ވަނުމަށްފަހުގައިވެސް ހެނާ އިނީ ނެގިމަޑުވެފައެވެ. ބައެއްފަހަރު ކަމަކާއި ނުލައި ލޯ ކަރުނުން ފުރިގެން އާދެއެވެ. އަމިއްލައަށްވެސް ހެނާ ވިސްނާދިނީ އޭނަގެ ހިތާމައަކީ އެންމެ ދުވަހަކަށް ނަމަވެސް އެކުވެރިވެވުނު ކުޑަ ކުޑަ އަންހެންކުއްޖާ ގެ ކުއްލި މަރެވެ. ކިޔާރާގެ ހިތްހެޔޮ ހިނިތުންވުންވެސް ހެނާގެ ހިތަށް އުދަގޫކުރިއެވެ. މޫނު ދެކެލަން ނުދެވުނުކަމަށްޓަކާ ދެރަވިއެވެ. ޒޯހަން ބަންދުގައި ހުރުމުން ދެރަނުވާކަމަށް ތަކުރާރުކޮށް އޭނަ ބުނަމުން ދިޔައެވެ. އޭނަ ހިތާމަކުރަނީ ޒޯހަން ކުށުގައި ބެދުނީމައެއް ނޫނެވެ. ކިޔާރާއާއި ރާދްއަށްޓަކައެވެ. އެކަމަކު އެންމެ ބޮޑަށް ވިސްނެނީ ޒޯހަންއާއި ދޭތެރޭގައެވެ.

"އަނދިރިކަމުން އެމީއަށް ޒޯހަން ވަކިކުރަން ނޭގުނީ ކަމަށްވާނީ. ޒޯހަން ރާދްދެކެ ކިހާ ލޯބިން އުޅުނީ. އެއީ ހަމަ އޭނަތަ؟ އެމީއަށް

މަންމަ ބުނެގެން ހެނާ ކުނިކަހަން އަނބުގަސް ހުންނަ ދިމާލަށް ނުކުތްއިރު ޖެހެމުންދާ ވަޔާއިއެކު ދޮންވެފައިވާ ފަތްތައް އިރުއިރުކޮޅާ ފައިބައިގަނެއެވެ. އޭނަ ހުރީ ކަމެއްހުރާ ހިތް ނުވެ ކަންނެތްވެފައެވެ. ސަކީނާއާއި މަންމަ ޖޯލީގައި ވާހަކަދައްކަން ތިބިއިރު އާޒް ތަންކޮޅެއް ދުރުގައި ބޯޅައަކާއި ތޮޅޭތަން ފެނެއެވެ. ސަކީނާ ވަރަށް ފޯރިއާއިއެކު އޭނައަށް ވިސްނޭގޮތަކަށް އެ މަރުގެ ވާހަކަ ކިޔެއެވެ. އޭނަގެ ރައުޔު އެހެން އެންމެނާ ތަފާތެވެ. ސަކީނާ ދެކުނުގޮތުން ދެކުދިންވެސް މަރުވެގެން ވެއްޓުނީއެވެ. އެކުދިންނަށް ހާނިއްކައެއްވެފައެއް ނެތެވެ. ބޭރުފުށުން ގެއްލުމެއްނުވެއެވެ. މީހަކު ބެހުނުކަމަށް ކިޔަސް އޭގައި ހަގީގަތެއްވާނެކަމަކަށް ސަކީނާ ގަބޫލެއްނުކުރިއެވެ.

"ނޫނީ ސިހުރުގެ ކަމެއް. އެގެއަށް ގެނެސްފާ އެއިން ކޮކަޑޯއަކީވެސް ޖިންނިއެއްޗަކާއި ވައްތަރީ. އެގޮތަކަށް އާދައިގެ ދޫންޏެއް ނުހޭރޭނެ. މަރުވި ކުދިން ވަޅުލުމުގެ ކުރިން މަރުވިގޮތެއް ހޯދަން ފަޅާވާހަކަވެސް ކިޔާއަޑުއިވޭ. މަރުވީމަ މަރުވީ. ދެން ފެޅިޔަސް މަރުވީގޮތެއް ހޯދިޔަސް މަރުނުވާ ކަމަކަށް ނުވާނެ. އެކުދިންގެ ބޭބެ ދެން އެހާ ނުބައިކަމެއް ނުވެސްކުރާނެ. އެކަމަކު އެކުއްޖާ ފާޚާނާފައި ފެންވަރަން އޮތްވާ ފުލުހުން ދޮރު ވައްޓާލާފައި ވަދެޔޯ ބިޑި އަޅައިގެން ގެންދިޔައީ......." ސަކީނާގެ ވާހަކަތަކާއި ރޮޒާލިއާ އިނީ ގަޔާވެފައެވެ. ސަކީނާ ތާޒާކޮށް ޚަބަރުތައް ގެނެސްދޭތީ އޭނައަށް ކިތަންމެހާވެސް ކަމުދެއެވެ. އާޒް އަދި ސަކީނާއަށް ކުށްރަގަޅުކޮށް އެދޫންޏަށް ކިޔާ ނަން ބުނެދިނެވެ. ދޭތެރެއަކުން ކޮކަޓޫ ހަޅޭއްލަވާ އަޑުއިވޭ ކޮންމެފަހަރަކު ސަކީނާ ވަރަށް އަނގަ ތައިކޮށްފައި ޝަހާދަތް ކިޔާނެއެވެ. ހެނާ ހުރީ މޮޅިވެރިވެފައެވެ. ސަކީނާމެން ފަދަ ބަޔަކު ޒޯހަންގެ ކުށެއްވާކަމަށް ގަބޫލެއްނުކުރިޔަސް ގިނަމީހުން ޒޯހަންދެކެ ނަފްރަތުކުރާނެއެވެ.

ހެނާ ގިނަފަހަރު އިންނަނީ ޚިޔާލަކަށް ގެއްލިފައެވެ. މޮޅިވެރިވެފައެވެ. ގިނަފަހަރު ދެލޮލުގައި ކަރުނައެވެ. އޭނަ އެހިތާމަކުރަނީ ރާދްގެ މަރާއިމެދުކަމަށް އެންމެން ޔަގީންކުރިއެވެ. އަމީރާ ބިރުގަންނަނީ ކޮއްކޮ ނަފްސާނީ މައްސަލައެއްގެ ޝިކާރައަކަށް ވެދާނެތީއެވެ. ރާދްއާއި އެކު ކުޑަވަގުތުކޮޅެއް ހޭދަކޮށްލިކަމަށްޓަކާ ހިތްހެޔޮ ހެނާ އެކުއްޖާއަކީ ގާތް އެކުވެރިއެއްގެ ގޮތުގައި ބަލައިގެންފާ ވެއެވެ. އެހާ ދެރަވެ ހިތާމަކުރާ ސަބަބަކީއެއީއެވެ. އަމީރާ ބުނީ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމަށެވެ.

އަމީރާއެކިގޮތް ގޮތަށް ޚިޔާލުކުރުމަށްފަހު ނިންނީ ފުލުހުންގެ އޮފީހަށް ދިޔުމަށެވެ. ޒޯހަންއާއި ބައްދަލުކުރުމުގެ ހުއްދައަށް އެދެން އޭނަ ބޭނުމެވެ. އެތަނަށް ދިޔައިރު ތަނުގެ މާހައުލު ނުތަނަވަސްކަމުން ހުޅުހިފާނެހާވެއެވެ. ޒޯހަން ރުޅިގަދަވެގެންގޮސް އަލިފާންވެފައި ހުރެ ފުލުހުންނާއި ދިމާލަށް އެއްޗެހި ކިޔަނީއެވެ.

"މިބުނަނީނު އަހަންނެއް ކިޔާރާމެން މަރައެއް ނުލަމޭ. ބޭނުމޭ މޫނުދެކެލަން ދާން......" ޒޯހަން އަތްމުއްކަވާފައި މޭޒުމަތީގައި ޖެހުމުން ކަރުދާސްތައް ބުރަބުރައިގެން ދިޔައެވެ. އެދެލޮލުން ފެންނަނީ އަލިފާނުގެ ކުލައެވެ. އެހާވެސް ރުޅިގަދައެވެ.

ކޮމެންޓް 0