ހެނާއަށް ހޭލެވުނުއިރު ދަންވަރު އެކެއްޖެހީއެވެ. އަމީރާ އެނދުގައި ނެތްކަން އެނގިފައި މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ފާޚާނާގެ ބޮކި ނުދިއްލާހުރިކަން ދޮރުގެ ހިންމިތަކުން ބަލާފައިވެސް ހެނާ ދެނެގަތެވެ. ކޮޓަރީގެ ދޮރު އެހެރީ އަޑާއަށް ހުޅުވާފައެވެ. ހެނާ ހޭކަނޑާލާފައި ދުވަމުންގޮސް މަންމަމެން ކޮޓަރީގެ ދޮރުގައި ތަޅަންފެށިއެވެ.
"މަންމާ. މަންމާ ތެދުވެބަލަ......" ހެނާ ގޮވިއެވެ. މަންމަ ނިދިގަދަމީހަކަށް ވުމުން ހޭނުލެވުނަސް ނަޝީދު ވަރަށް ނިދިމަޑުވާނެއެވެ. ދޮރުހުޅުވިއިރު އޭނަ ހުރީ ސޯޓުބުރިއެއް ލައިގެންނެވެ.
"ދަންވަރު މީހުން ނިދާފައި ތިބޭއިރުވެސް ދޮރުގައި ތަޅައިގަންނަން ޖެހޭތަ؟ "ނަޝީދު ބުމަ ގޮށްޖަހައިލިއެވެ.
"އެމީ ކޮޓަރިއަކު ނެތް....." ހެނާ ބުނެލިއެވެ.
"ކޮންތާކަށްބާ އެދިޔައީ؟ "ނަޝީދުވެސް އަވަސްއަވަހަށް ދޮރު ލައްޕާލިއެވެ.
"މަންމައަށް ގޮވާފައި އެހެން ކިޔައިގެން މަންމަ ހާސްކުރާނެކަމެއް ނެތޭ. ހެނާ ނިދަން ދޭ، އަހަރެން އަމީރާ ހޯދަން މިދަނީ...." ނަޝީދު އަވަހަށް ވާރޭ ކޯޓު ގަޔަށް މަހާލައިގެން އެވާރޭތެރޭގައި ބޭރަށް ނުކުތްތަން ފެނިފައި ހެނާވެސް ފަހަތުން ނުކުތީ އަމީރާއާއިމެދު ބިރުހީވެފައެވެ. އެހެންނޫންނަމަ މިދަންވަރު މިގޮތަށް ގެއިން ބޭރުވުމަކީ ހެނާ ދުވަހަކު ކުރާނެކަމެއް ނޫނެވެ. ހެނާގެ ލޮލުގައި އޭރު ކަރުނަ ޖަމާވެފައި ވެއެވެ. ދިގު އެސްފިޔަތައް ފޫދުއްވާފައި އޮހިގަތް ކަރުނަތައް ކޯތާފަތްމަތިން ދެމިގަތީ ހިތާމައާއި ބިރު އެކުވެގެންނެވެ. މިދަންވަރު އަމީރާ ނިދީގައި ހުރެ ހިނގާފައި ދިޔައީ ކޮންތާކަށް ބާވައެވެ. ކަނޑަށް ނޭރުނިއްޔާ ވެދާނެއެވެ. ހެނާ ދުޢާކުރީ އެފަދަ ދެރަގޮތެއްނުވެ އަމީރާ ސަލާމަތްވުމަށް އެދިއެވެ. ކުއްލިއަކަށް ކުރިމަތީގައި ހުރި ގޯޅިން ނުކުމެގެން އައީ އާސާ ފިޔަވާދެވަނަ މީހެއްނޫނެވެ. ދަންވަރު އާސާ މަގުމަތީގައި އުޅޭތަން ފެނިފައި ހެނާ ހައިރާންވިނަމަވެސް އެސުވާލެއްނުކުރެއެވެ. ވަގުތާއި ހާލަތުގެ ގޮތުންނެވެ.
"އެމީވެސް ބިޓެއްނަގައިގެން ދޯ އުޅެނީ؟ ދެކުދިން ފިރިހެނަކާއި އެކީގައި ބީޗާއި ދިމާލަށްދަނިކޮށް....." ސުވާލުނުކުރަނީސް އާސާ ބުނެލިއެއްޗަކުން ހެނާ ސިހޭގޮތްވިއެވެ.
"ފިރިހެނަކާއިއެކީ....." ހެނާއަށް ކިޔާލެވުނެވެ.
"އިސްތަށިގަނޑު ނިކަންދިގުކޮށް އޮތީ. އަންހެންކުއްޖެއްހެން. އެކަމަކު ފިރިހެންވަންތަ ފިރިހެނެއް..." އާސާވެސް ހެނާއާއިއެކު ކޮޓެޖްގެ އަނެއްފަރާތުގައި އޮތްމަގާއި ދިމާލަށް ހިނގައިގަތްއިރު އާސާގެ އަތުގައި އޮތް ޓޯޗު އެހީއަކަށްވިއެވެ. ނަޝީދުއަށްވުރެ ކުރިން އަމީރާ ފެނުނީ އާސާއާއި ހެނާއަށެވެ. ކޮޓެޖާއި ދިމާ ކުރިމަތީގައި އަމީރާ ގޮނޑުދޮށުގައި އޮށޯވެލައިގެން ނިދާފައި އޮތްއިރު ހީވަނީ އަމިއްލަ އެނދުގައި އަރާމުގައި އޮތްހެނެވެ. އޭނަ އުއްޑުން އަތްފައި ދަމާލައިގެންއޮތް އިރު ފިނީގެ އަސަރުކުރިހެނެއް ހިޔެއްނުވެއެވެ. އެކަމަކު އެހާވެސް ވައި ބާރެވެ. ފަޒާއޮތީ ތެތްފިނިކޮށެވެ. ހަނދު އަރާފައި އިނަސް ވިލާތަކުގެ ސަބަބުން ދުނިޔެއޮތީ އަނދިރިކޮށްފައެވެ. ވާރޭގެ ތިކިތައް މޫނުގައި ލުއިކޮށް ބީހެމުންދިޔައެވެ. ހެނާއާއި އާސާ ދުވެފައިގޮސް އަމީރާގެ މޫނަށް އަލިކޮށްފައި ގޮވަންފެށުމުން އަމީރާ ދެލޯ އުނގުޅަމުން ތެދުވުމުން އަރިއަޅާނުލީ ކިރިޔާއެވެ.
"އާރ ޔޫ އޯލްރައިޓް؟ " ހެނާ އަހައިލިއެވެ.
"ނޫން، ހޫނުވާތީ މިއުޅެނީ. ކާކުތަ މިތާ އިނދެފައި ދިޔައީ؟ " އަމީރާ އަހައިލިއެވެ.
"އަހަރެމެން އައިއިރަކު މީހެއްނެތް ދޯ. އަހަރެމެންނަކަށް އެއްވެސް މީހެއް ނުފެނޭ. ޖިންނި ބިޓަކާއިއެކު ތަ އެމީ ތިއައީ..އެމީހާވަނީ އެހެރަ ގެއަށްހެންވެސް ހީވޭ..............." އާސާހުރީ ފާޑަކަށް ހިނިއައިސްފައެވެ. އާސާގެ އެ ސަމާސާ ހެނާއަކަށް ކަމަކުނުދިޔައެވެ. އަމީރާއާއި އެގޮތަށް ދިމާކުރުމަކީ މާ ރަގަޅުކަމެއްނޫނެވެ. ހެނާ ކޮޓެޖާއި ދިމާލަށް ބަލައިލިއިރު އެގެ ފެންނަލެއް ވަރަށް ހިތްގައިމެވެ. އޮރެންޖް އަލީގެ ތެރެއަށް ގެނބިފައިވާއިރު ވާރޭގެ ތިކިތަކުގެ ހަމަލާ ހުރިހާ ފަރާތަކުން އަމާޒުވަމުން ދިޔައިރު ބިރުވެރި އެއްވެސް ނިޝާނެއް ނުފެނެއެވެ. އާސާ އުޅެނީ ކޮންމެކަމެއް ބިރުވެރި ކުރަންވެގެންނެވެ. ރަގަޅަށްވިއްޔާ އިސްތަށިގަނޑު ދިގު މީހަކާއިއެކު ފެނުނޭ ކިޔާފައި އާސާ ވާހަކައެއް ހަދައިލީއެވެ. އާސާ އުޅޭހިތްވަނީ ޖިންނި ދުނިޔެއެއްގައެވެ.
"ބައްޕަވެސް ނުކުމެއްޖެ އެމީ ނުފެނިގެން ހޯދަން......" ހެނާ ބުނެލިއެވެ.
"ޝިޓް. ދެން ކީއްކުރަން ހެނާ ބުނަންވީ؟ މަންމަވެސް ހާސްވެފައިދޯ. ސްޓުޕިޑް......." އަމީރާ ކުއްލިއަކަށް ހިތްހަމަނުޖެހޭގޮތްވެފައި ހެނާމެންނަށްވުރެ ކުރީގައި ހުރެގެން އެއްގަމަށް އަރައިގެން ދާންފެށިއެވެ. އަމީރާ އެހާ ރުޅިގަދަވީމަ ހެނާގެ ހިތަށް އަސަރުކުރިއެވެ. ގެއާއި އަރާހަމަވެފައި ހެނާ އާސާއަށް ބަލައިލިއެވެ.
"އާސާ އެކަނި ދާކަށް ނުވާނެއްނު މިރޭ މިގޭގައި މަޑުކޮށްލާ...." ހެނާ އެދުނެވެ.
"މިތާ ކައިރީގައި ގެ މިހުންނަނީ. ޑޯންވޮރީ ނަތިން ވިލް ހެޕެން. ކަމެއްވެއްޖެއްޔާ ހެނާއަށް ގުޅާނަން އިނގޭ. ލަވް ޔޫ..........." އާސާ ހެނާގެ ބޮލުގައި ފިރުމާލާފައި އެއްފަރާތަކަށް ހިނގައިގެންފިއެވެ. ހެނާ ބަލަން ހުއްޓާ ގޯޅިން ގޮސް އޮބާލައިފިއެވެ. ބިރުކުޑަ އަންހެންކުއްޖެކެވެ. އެއީ އިންސާނެއްކަމާއިމެދު ޝައްކުވެ ގައިން ހީބިހި ހަލުވާލައިފިއެވެ. އަމީރާ ރުޅިއައި ސަބަބު އޭނަ ހާމަކުރީ ހެނާއާއި ދެމީހުން އެކަނިވުމުންނެވެ. އޭނަ މަރުވިޔަސް ދޮންބައްޕައަށް އަންގައިގެން ނުވާނެކަމުގައި އަމީރާ ބުނެލިއެވެ. އަމީރާ އެހާ ސީރިޔަސްވެފައި ހުރުމުން އެއީ ކީއްވެގެންހެއްޔޭ އަހާލަންވެސް ހެނާ ބޭނުމެއްނުވިއެވެ.
"އެކަމަކު ބައްޕަ މިދަންވަރު އަދިވެސް އެމީ ހޯދަން އުޅޭނެ. ބައްޕަ ކައިރީ ބުނެލުމަކީ އެންމެ ރަގަޅުކަމެއްކަން ނޭގޭ...." ހެނާ އަމީރާގެ ފަހަތުން ކޮޓަރިއަށް ވަދެފާ ކިޔާލިއެވެ. އަމީރާ އަނގައިން ބުނުމެއްނެތި ހިކި އެއްޗެހިލައިގެން އެނދަށް އެރިގޮތަށް ދެލޯ މަރާލައިފިއެވެ. ހުންގަދަވެގެންގޮސް ބުރާންތިވެގެން ކޮންމެވެސް ހަމަނުޖެހޭ އެއްޗެހިތަކެއްވެސް ކިޔަންފެށިއެވެ. އަމީރާގެ ބޮލުގައި ފެންފޮތިއަޅާއިރުވެސް ހުން މަޑުވާގޮތެއްނުވެ ހައްތަހާ ހުންގަދަވީއެވެ. އަމީރާ މާބޮޑަށް ހުންގަދަވެ ފިޓްޖެހިދާނެހެން ހީވުމުން ހެނާއަށް މަޖުބޫރުވިއެވެ. މަންމަމެންނަށް އެންގިއެވެ.
ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމްތަކުން ރޫމެއްގައި އަމީރާ އޮތްއިރު އެދޮންމޫނަށް ފިނިފެންމަލުގެ ކުލަ ވެރިވެފައިވިއެވެ. ތުންފަތްވެސް އަނދައަނދާހުރިހެން ހީވިއެވެ. ރޮޒާލިއާ ހަތަރުދަމުހެން އަމީރާގެ ކައިރީގައި ހުރެފައި އިރުއޮއްސުމުން ހެނާ އެކޮޓަރީގައި ބަހައްޓާފައި ގެއަށް ދިޔައެވެ. އަމީރާ އެދުނީ ބޮކި ނިވާލާފައި ބެހެއްޓުމަށެވެ. ބޮކި ދިއްލީމަ ލޮލަށް އުދަގޫވަނީކަމުގައި އަމީރާ ބުނެލިއެވެ.
"ބޭނުމިއްޔާ އުއްބައްތިއެއް ދިއްލާ. ކާންޓް ޓޮލެރޭޓް އެނީ ބްރައިޓް ލައިޓް ނިދާއިރު....." އަމީރާ އެދުނެވެ. ހެނާ ދެކޮޅު ހެދުމެއްނެތި އަމީރާ ބުނިގޮތަށް ކަންތައްކުރިއެވެ. އުއްބައްތި ގެނެސްދިނީ އާސާއެވެ. އުއްބައްތި ދިއްލުމުން އަމީރާ އޮތީ ކޮޓަރީގެ ކަނަކާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެގޮތަށް އޮންނަން ފެށުމުން އަމީރާގެ ސިކުނޑިއަށް ހުމުގެ އަސަރުކޮށްފައިވަނީ ކަމުގައި ހެނާ ޔަގީންކުރިއެވެ. އިރުކޮޅެއްފަހުން ހަމަޔަކަށް އެޅޭގޮތްވިއެވެ. ހެނާއާއި ވާހަކަ ދައްކަން ފެށިއެވެ. ބަޑުހައިވާކަމުގައި ބުނެގެން ކާއެއްޗެއް ގެނުވިއެވެ. ދަންވަމުން ދިޔަވަރަކަށް އަމީރާ އުޅުނީ ބޮލަށް ތަދުވެ އުދަގޫވާތީއެވެ. ހޫނުވާތީ އޭސީވެސް އެންމެ ފިނިކުރަން ޖެހުނެވެ. ރޫރޫއަޅަންފެށިޔަސް ހެނާ ކެތްކުރިއެވެ. އެހެންއުޅެނިކޮށް ހެނާގެ ލޮލަށް ނިދިސަވާރުވެ ނިންޖަށް ބަލިވުމުން އެނދުގައި ބޯއެޅިގޮތަށް އޭނަގެ ދެލޯމެރިއްޖެއެވެ. އެއާއިއެކު އަމީރާގެ ލޮލަށް ފެނުނީ ހައިރާންކުރުވަނިވި މަންޒަރެކެވެ. އުއްބައްތީގެ ހުޅުކޮޅު ދެއަތަކަށް ކިރިލާފައި ނިވުނެވެ. ކޮޓަރިތެރެއަށް ވައިޖެހުނީއެއް ނޫނެވެ. ހަމަހުރެފައި ހުޅުކޮޅު ނިވުމުން އަމީރާގެ ހިތަށް ބިރުވެރިކަން ވަނެވެ. އެވީ ކިހިނެއްބާވައެވެ. ދެން އަމީރާއަށް ފެނުނީ ކޮޓަރިތެރެއަށް ވަދެގެންއައި އިސްކޮޅުން ދިގު ބިޔަ މީހެކެވެ. އިސްތަށިގަނޑު އޮތީ އަންހެނެއްހެން ދިގުކޮށެވެ. ދޮރުފަތުގައި ބޯނުޖެހެނީ ކިރިޔާއެވެ. އަނދިރިކަމުން މޫނު ވަކިކުރަން އެނގެނީއެއް ނޫނެވެ. ޑޮކްޓަރެއް ކަމަށްވެދާނެއެވެ. އެކަމަކު ދަންވަރު މިގަޑީގައި މިތަނަށް އޭނަ އަންނަންވީ ސަބަބެއް އަމީރާއަކަށް ނޭގުނެވެ. އެމީހާ އައިގޮތަށް އަމީރާގެ ކައިރިއަށް ޖެހި ގައިގާ އަތްލާން އުޅުމުން އޭނަ ހަޅޭއްލަވައިގަންނާން އުޅުނެވެ. އެމީހާ އެކަމުންވެސް ޖެހިލުމެއްނުވިއެވެ. ގައިމަތީ އޮތް ފޮތިގަނޑު ނަގާފައި ގަޔަށް އަތްފޯރުކުރަމުން ދިޔައެވެ. އެތަންމިތާ އަތްލަނީއެވެ. ހޫނުކަން ހުރި އަތެކެވެ. ބާރުގަދަ އަތެއްގެ އިހުސާސްތަކެވެ. ފިނިވެފައި އޮތްވާ ހީފިލާންފެށިއެވެ. އަމީރާއަށް ހީވީ ނުފެންނަ ފަށްތަކުން ބަނދެފައި އަނގައިގާ ޓޭޕްއަޅާފައި އޮތްހެންނެވެ. އެމީހާ މަޖުބޫރުން ހުރިހާކަމެއް ކުރަމުން ދިޔައިރު އަތެއް ފަޔެއްވެސް ހަލުވައެއް ނުލެވުނެވެ. ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވަން އަނގަ ހުޅުވިޔަސް އަޑުބޭރެއްނުވިއެވެ. އެނުލަފާ މީހާ ހުއްޓުވަން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެއްވެސް އާރެއް ބާރެއްނެތް ގައިދީއެކޭ އޭނައެކޭ ތަފާތެއްނެތެވެ. އަމީރާއަށް އެނދުގައި ބޯ އަޅާލައިގެން އޮތް ހެނާވެސް ފެނުނެވެ. އަނދިރި ހިޔަންޏެއްހެން ހުރި އެމީހާގެ އަނިޔާތައް އިތުރުވިއެވެ. އެމޫނު އަމީރާއާއި ކައިރިކޮށްލުމުންވެސް އަނދިރިކަމުން ސިފަވަކިކުރާކަށް ނޭގެއެވެ. އެމީހާގެ ތުންފަތްވެސް ހީވަނީ އަނދައަނދާވާހެންނެވެ. ހުންއައިސްފާ ރަތް އަނގުރުކޮޅެއްހެންވެފައި ހުރިހެންނެވެ. އަނގައިގާ ހިފެހެއްޓިގޮތަކުން އަނގަމައްޗަށް ތަދުވެ ދިލަނެގިއިރު ހާސްވާގޮތްވިއެވެ. ލޭރަހަވެސް ލިއެވެ. ނޭވާހުސްވެ ކުރިމަތީގައި މަރުހިޔަނިވީއިރުވެސް އިޝާރާތުން ބުނެވޭނެގޮތެއް ނެތްތާ އިނގިއްޔެއްވެސް ގުޑުވައެއްނުލެވުނެވެ. އެއްވެސް އާރެއްބާރެއް ނެތެވެ. އަމީރާގެ ލޮލުގެ ކުޑަކޮޅުން ކަރުނަތިކިތައް ފައިބާ ބާލީހަށް ވަންނަންފެށިއެވެ. އަމީރާގެ ކަރުނަތަކުން ހިތްހަމަޖެހުނު ލިބި ހީލަހީލާ ހުރިހެން ހީވިއެވެ. އިސްތަށިގަނޑަށް ވާންކޮށް ލައްކިއެއް ޖަހާފައި އެމީހާ ނުކުތުމާއިއެކު އުއްބައްތި ދިއްލިއްޖެއެވެ. އަމީރާ ހެނާއަށް ގޮވަން އުޅުމުންވެސް އަޑުނުނިކުތެވެ. އޭނައަށް ވީ ކީއްހެއްޔެވެ؟ މަންމަންވީބާވައެވެ. ހަރަތާކެއް ނުކުރެވެއެވެ. އޮޕަރޭޝަނަކަށް އައްސިކޮށްފައި އޮތްމީހެކޭ އޭނަ އެއްވެސް ތަފާތެއްނެތެވެ.
އަމީރާ ހޭލެވުނީ ޑޮކްޓަރާއި ނަރުހުން އައިސް ގޮވަންފެށީމައެވެ. އޭރު ކޮޓަރީގެ ކުޑަދޮރުގެ ފަރުދާތައް ފުރާނާލާފައި އިރުގެ ރަންއަލި ފަތުރާލާފައިވިއެވެ.
"އެތަން މިތަން ރަތްވެފައި މިހިރީ ކީއްވެ؟ މޫނުމަތިވެސް ދުޅަވެފައި.........." ޑޮކްޓަރުވެސް އަމީރާގެ މޫނުމައްޗަށް ވެފައިވާރު ފެނިފައި ސުވާލުކުރިއެވެ. އަމީރާ ކަންހިނގިގޮތް ކިޔާދޭން މަސައްކަތްކުރިއެވެ. މިތަނަށް މީހަކު ވަދެ އޭނައަށް އަނިޔާކުރި ވާހަކަ ބުނަން އުޅުނެވެ. ހެނާ ބުނިގޮތުން އޭނަ އޮތީ ކޮޓަރި ތަޅުލައިގެންނެވެ. ދޮރުހުޅުވީ ޑޮކްޓަރު ދުރުވީމައެވެ. އެހެން މީހަކަށް ވަދެވޭނެ އެއްވެސް ފުރުސަތެއްނެތެވެ.
"މާ ހުންގަދަވީމަ ބައެއްފަހަރު ހެލުސިނޭޓްވާނެ. ނެތްމީހުން ފެނި އަޑުތައް އިވޭނެ. ޑޯންޓްވޮރީ މައި ޑިއަރ. ދެވުނު ބޭހަކަށް އެލާޖިކްވެސް ވެފައި މިހިރީ....." ޑޮކްޓަރ ހިނިތުންވެލަމުން އަމީރާގެ ހިތްހަމަޖައްސާދޭން މަސައްކަތްކުރިއެވެ. އޭރު މަންމަމެންވެސް އެތަނަށް އައިސް ތިއްބެވެ. ނަޝީދުއަކީ ނަފްސާނީ ޑޮކްޓަރެއްވީމަ އޭނަ އަދި އެވާހަކަތައް އަހަން ހުރެފައި ނިންމީ ސްލީޕް ޕެރެލިސިސްކަމަށެވެ. އަމީރާ ރުޅިގަދަވެގެންގޮސް ފަޅަފަޅައިގެންދާވަރުވިއެވެ. މިތަނަށްވަނީ ޑޮކްޓަރެއްކަމާއިމެދު އޭނަ ޝައްކެއްނުކުރެއެވެ. އޭނަގެ ގަޔަށް އެމީހުން ޖެހި އިންޖެކްޝަނެއް ޖަހާ އައްސިކޮށްލައިގެން ބާރު ކަނޑުވާލާފައި އެތައް އަނިޔާތަކެއް ދީފިއެވެ. އޭނަ ދޮންކުއްޖެއް ވީމަ މީހަކު ބާރަށް އަތްލިޔަސް އެތައް އިރެއްވާންދެން އެތާކަށް ރަތްކުލަ އަރާފައި ހުރެއެވެ. އެމީހާ ކުރިކަންތައް ތައް އެހެރީ ދިމާލަށް ފެންނާށެވެ. އަމީރާ ހޮޑުލަވާގޮތްވިއެވެ. އެއީ ކާކުހެއްޔެވެ؟ އިންސާނެއްނޫނީ ހެއްޔެވެ؟ ދެން އޮތީ ހެނާ އެކަން ގަބޫލުނުކުރި މައްސަލައެވެ. ދޮރުތަޅުލާފައި ހުރިކަމަކަށްވެސް އަމީރާ ގަބޫލެއްނުކުރެއެވެ. ހެނާވެސް އޮތީ ނިދާށެވެ. އެކަމަކު އުއްބައްތި ފަހުން ދިއްލުނީ ކީއްވެހެއްޔެވެ؟ އެއީ އޭނަގެ ލޮލަށް ފެނުނު ގޮތެއްހެއްޔެވެ؟
ހުކުރުދުވަސްކަމުން ހެނާ ސްކޫލަށް ދާކަށް ނުޖެހެއެވެ. މަންމަ ހުކުރަށް ކައްކާ ގޭގެ ކަންތައް ކުރަންޖެހޭނެތީ މަންމަ އަންނަންދެން އަމީރާ ކައިރީ ހުރެދޭން ހެނާ އެއްބަސްވިއެވެ. ކެމިސްޓްރީ ފޮތްހިފައިގެން އައިސް ފިލާވަޅުހަދަން އޭނަ ޖެހިގެން ހުރި އެނދަށް އަރާ އޮތްތަން ފެނިފައި އަމީރާ ގޮވައިލިއެވެ.
"ހެނާ. ސްޓިލް ކާންޓް ބިލީވް. ސްލީޕް ޕެރެލިސިސްއެއް ނޫނޭ އެއީ، ހެނާ ނިދާފައި އޮތްވާ މިތަނަށް މީހަކު ވަނޭ........" އަމީރާ އެވާހަކަފެށީ ހިތަށް ކެތްނުވެގެންނެވެ. އަމިއްލަ ނަފުސަށް ޔަގީންކަމެއްދޭން އޭނަ ބޭނުންވީއެވެ.
"އެމީ. އައި ސްވިއަރ އަމިއްލަ ދެއަތުންނޭ ދޮރު ތަޅުލީ. ދެން ކޮޓަރީގައި ފަންކާއެއް ނެތް. ވައިޖެހުނު ރެއެއްނޫން. އުއްބައްތިވެސް ރޯކުރިގޮތަށް ހުރީ. ކިހިނެއް އެދޮރުން މީހަކު ހިނގާފައި ވަންނާނީ. އިންސާނަކަށް ނުވަދެވޭނެ..........." ހެނާ ޔަގީންކަމާއިއެކު ބުނެލާފައި ހީލީ އަމީރާއަށް ޔަގީންކަންދޭށެވެ.
"ޖިންނި....." އަމީރާއަށް ކިޔާލެވުނެވެ.
"ހެހެ. ދެން ޖިންނިން އިންސާނުންނަށް އެހާ އުދަގޫކުރާ އެއްޗެއްނޫނޭ...." ހެނާގެ ހިތަށް ހޫނުފެންއެޅި ކަމުގެ އިހުސާސް ކުރެވުނަސް އެހާ ފަސޭހައިން އެކަން ގަބޫލުކުރަން އޭނަ ތައްޔާރެއްނޫނެވެ. އެމީހާ ކުރިހާ ކަންތައްތައް އެހެންމީހުންނަށް ކިޔާދޭކަށް އަމީރާއަކަށް ނުކެރުނެވެ. ޖެހުނުތަނެއް ވިއްޔާ ރަތްވެފައި ހުރިއިރު ޑޮކްޓަރުވެސް އެލާޖީކަމަށް ނިންމީއެވެ.
"އިޓްސް ސްޕޫކީ....." އަމީރާގެ ހިތަށް ބިރުވެރިކަމެއް ވަންނާންފެށިއެވެ.
"އިޓްސް ނޯމަލް. މަންމަވެސް ބުންޏެއްނު މަންމަ ސްލީޕް ޕެރެލިސިސް ވާ ވާހަކަ. ނިދީގެ ވަކި ސްޓޭޖެއްގައި ވާގޮތެކޭ. ގޫގުލްކޮށްބަލަ. އިންޓެރެސްޓިން ސްޓޯރީސްތައް ފެންނާނެ. އެމީ. މިރޭ އެކަހަލަ ކަމެއް ވިޔަކަނުދޭނަން. އައި ޕްރޮމިސް ހޭލާކަން މިރޭ އިންނާނީ....." ހެނާ ހީލިއެވެ.
ހެނދުނު ހުން ފިނިވިގޮތަށް އަމީރާގެ ހާލު ރަގަޅެވެ. އެކަމަކު ޑޮކްޓަރުބުނީ ގެއަށް ފޮނުވާލާނީ އަދި އެއްދުވަހަށް ބަލާފައިކަމުގައެވެ. އަމީރާ އެތާ އެންމެ ހިނދުކޮޅަކަށްވެސް އޮންނާކަށް ބޭނުމެއްނޫނެވެ. މިއީ ހަންޑިއަވަލާފައިވާ ބިރުވެރި ތަނެކެވެ. ރޭގެ ހާދިސާއަށްފަހު އެއްގޮތަކަށްވެސް މިތާ އޮތުމަކީ އޭނައަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ. އޭނަ ގެންފައިވާ ބިރާއި އިހުސާސްތައް މީހަކަށް ބަޔާންކުރާކަށް ފަސޭހައެއް ނުވާނެއެވެ. މިވީހާތަނަށް އަމީރާއަކީ ޖެހިލުންކުޑަ ކެރޭ އަންހެންކުއްޖަކަށް ވިޔަސް ރޫހާނީ ކަމަކާއި ޖެހުމުން އޭނަގެ ހުރިހާ ބާރެއް ފޭރިގެންފިއެވެ. ޑޮކްޓަރުންނަށް އޭނަގެ އިހުސާސްތައް އެނގޭނެނަމައެވެ. ކޮންމެކަމަކީ ނަފްސާނީ ކަމަކަށް ހަދަން ނޫޅޭނެނަމައެވެ.
އަމީރާ ދަންނަގޮތުން ޖިންނިން އަވަލިޔަސް އުޅެނީ ނިކަން ލޯބިންނެވެ. އޭނަ ކިޔާފައިވަނީ އެފަދަ ވާހަކަތަކެވެ. ޖިންނިން ރީތި އަންހެންކުދިންނާއި ހިތާވާ ވާހަކައެވެ. ކައިވެނިކޮށްގެން ދަރިންވެސް ލިބޭ ވާހަކަތަކެވެ. ނޫނެކެވެ. އޭގެ ދިމާ އިދިކޮޅުވެސް ހުރެއެވެ. ބައެއްފަހަރު ނުލަފާ ޝައިތާނެއް އަޅައިގެންފިއްޔާ މޮޔަވެސް ކުރަނީ ނޫންހެއްޔެވެ؟ މަރާވެސް ލާފާނެއެވެ. އެފަދަ އެއްޗެއްގެ މުށުތެރޭގައި އިންސާނަކު ވެއްޖެއްޔާ އެއީ ނިމުމުގެ ފެށުމެވެ. އަމީރާގެ ޚިޔާލުގައި އެނޫން އެހެންކަމެއް ނެތެވެ. އަތުގައި އޮތް ލޯގަނޑަކުން ބެލެނީ ހަށިގަނޑުގައިވާ މާކްތަކަށެވެ. އެމީހާ އުޅުނީ ލޯބިއަކުންނޫނެވެ. ތަދުކުރަންވެގެން އަނިޔާކުރަން ވެގެންނެވެ. ބިރުގަންނަވަން ވެގެންނެވެ. އިންސާނުންގެތެރޭގައި "ބޭޑްބޯއިސް" އުޅޭފަދައިން ޖިންނިންގެ ނަސްލުގައިވެސް އެކަހަލަ ބަޔެއް އުޅެނީބާވައެވެ.
މައިކަލް އާއި އޮފީހުގެ އެހެން މުވައްޒަފުން އަމީރާއަށް ޒިޔާރަތްކުރިއެވެ. އެންމެން ހަދިޔާގެނައެވެ. މައިކަލް ގެނައީ އާފަލާއި އޮރެންޖެވެ. އަވަހަށް ރަގަޅުވެގެން އައުމަށް އޭނަ އެދުނެވެ. އަމީރާ ނެތުމުން އެތަން ފަޅުވެފައިވާ ވާހަކައާއި ހަނދާންވާ ވާހަކަ ބުނުމުން އަމީރާއޮތީ ހިތުން ވަރަށް ރުޅިއައިސްފައެވެ. މައިކަލް ހުރީ ހީލަ ހީލައެވެ. އަމީރާ ރުޅިއަރުވާ ހިތްވަނީ ހެއްޔެވެ؟ އެންމެން ގުޅިއިރުވެސް ބޮސް ނުގުޅުމުން އަމީރާގެ ހިތަށް ނޭގޭފަދަ އަސަރުތަކެއް ކުރިއެވެ. ހާދަ ފޮނި މީހެކެވެ. އޭނަ ބަލިވީމަ އަޅާނުލީމަ ހާދަ ދެރަވެއެވެ. ބޮސްއަށް ނޭގެނީބާވައެވެ. އާއެކެވެ. އެނގޭނަމަ ބޮސް ނުގުޅާ ނުހުންނާނެއެވެ. އެންމެފަހުން ކެތްނުކުރެވިގެން މެސެޖެއްވެސް ކޮށްލައިފިއެވެ. އޭނަ ބަލިކަމަށް ބުނެ ކުރު ކުރު މެސެޖެކެވެ. އެވަރުންވެސް ޖަވާބެއް ނުދިނެވެ. ހަވީރާއި ހަމަޔަށް ބެލިއިރުވެސް އަމީރާގެ ޓެމްޕްރޭޗާ ރަގަޅަށް ހުރުމުން ޑޮކްޓަރު އަމީރާ ގެއަށް ފޮނުވާލަން ނިންމިއެވެ. އަމީރާ ދޫނުކޮށް ގެއަށްދާން ކިޔާވަރުން އެހެންގޮތެއް ނެތީއެވެ.
އެހާ ބޯކޮށް ވާރޭވެހުމަށްފަހުވެސް އުޑުމަތިން ވިލާ ކެހިގެނެއް ނުދިޔައެވެ. ދުނިޔެމަތި އޮތީ އަނދިރިކޮށްލާފައެވެ. ހަވީރަށް ވިއްސާރަ ހަދާލީ ހަމަ ކުއްލިއަކަށެވެ. މައިކަލް ދުންއަރައަރާހުރި ކަޅު ކޮފީއެއް ހިފައިގެން ފެންޑާގެ ގޮނޑިއެއްގައި އިނީ ލެޕުން ކޮންމެވެސް މަސައްކަތެއްކުރާށެވެ. އެހެން އިނދެފައި ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަގޮތަކަށް އޭނަގޮސް ނެގީ ގޭގެ ތަޅުދަނޑިފަތްޗެވެ. އިހުޒަމާނުގެ ގޮތަށް އަދިވެސް ގެ ހަދާފައި ހުންނަކަމުން ކޮޓަރިތަކުގައި ހުންނަނީ ބޮޑު ތަޅު އަޅުވާފައެވެ. މައިކަލްގޮސް ވަނީ އެންމެ އެތެރޭގައި ހުރި ކޮޓަރިއަކަށެވެ. އެތަނުގައި ހިރަފުހުގެ އަސަރު ހުރުމުން ދެތިން ކިނބިހި އެއްފަހަރާ އެޅުނެވެ. ފަރުނީޗަރުތައް މުސްކުޅިވިޔަސް ވަރުގަދަކަން އެނގެއެވެ. މައިކަލް އެތާހުރި އަލަމާރިއެއް ހުޅުވާލުމުން އެތައް ފޮތްތަކެއް ލޮލުގައި އަޅައިގަތެވެ. ދުވަސްވުމުގެ ސަބަބުން މުށިކުލަ އަރާފައިވާ ފޮތްތައް ފެނުމުން މައިކަލްގެ ލޮލުގެ ވިދުވަރުގަދަވިއެވެ. އޭނަ ގޮނޑިއެއް ކައިރިކޮށްލައިގެން ފޮތެއް ހުޅުވާލުމަށްފަހު ފޯނުން އަލިކުރިއެވެ. ފޯނުގެ އަލި މޫނަށް އެޅިފައިވުމުން ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. އެތައް އިރެއްވާންދެން މައިކަލް އެކޮޓަރިން ނުނިކުމެ އެމަސައްކަތުގައި އިނެވެ.
އާސާ ފެންފުޅި ގެނެސްދިނުމުން ހެނާ ޝުކުރުވެރިވިއެވެ. އެކަނި ފެންފުޅިއެއް ނޫނެވެ. މަދުތަކާއި ރަތްކުންނާރު އަދިވެސް ވަލުތެރޭގައި ހެދޭކަހަލަ އެއްޗެހި އޭނަ ގެނެސްދިނުމުން ހެނާގެ ހިތް ތައުރީފުކުރިއެވެ. އެއްވެސް މީހަކު ހެނާއަށްމިހާ ދީލަތިކަމާއިއެކު އެއްޗެހި ގެނެސްދިން ހަނދާނެއް އޭނަނުވެއެވެ. އާސާ ބުނީ ހެނާ ތަންކޮޅެއް ގިނައިން ކަންޏާ އަމީރާފަދައިން އިސްކޮޅުން ދިގުވެ ފިޓްވާނެކަމުގައެވެ.
"ތިގޭގައި ތާގީއެއް ހުރިއިރުވެސް ހެނާ ކީއްވެތަ އަހަރެމެން ގެއިން ފެންފުޅިއެއް މި ހޯދަނީ؟ " އާސާ ހުރީ ފާޑަކަށް ހެވިފައެވެ.
"މިގެއިން އެހާ ރަގަޅަށް ފުރާޅު ނުދޮވެ ނަގާތީ. އެނގެއެއްނު ކެޓްސް މިހިސާބުގައި ގިނަކަން. ޓޮކްސޯ ބަލިޖެހިދާނެތީ ބިރުގަނޭ....." ހެނާ ބުނީ މުޅިން ދޮގެއްނޫނެވެ. ހަގީގަތް އާސާ ކައިރީގައި ފާޅުކޮށްފިއްޔާ ނަޝީދުގެ ކަންފަތަށް ފޯރަފާނެއެވެ. ފާރުގައިވެސް ކަންފަތް ހުރެއޭ ބުނެއެއް ނޫންހެއްޔެވެ؟ އޭނަ ސިއްރުން ފެންފުޅި ގެންނަގޮތަށް ކިރުއަދި ޖޫސްވެސް ހަދަނީ މިފެންފުޅިންނެވެ. ދޮންބައްޕަ އެކުރިކަމަކަށްފަހު ގެއިން ތައްޔާރުކުރާ އެއްޗަކަށް އޭނަގެ އިތުބާރެއްނެތެވެ. މެންދުރު ނޫޑުލްސްކާތީ މަންމަވެސް މިހާރު ސުވާލުކުރަން ފަށައިފިއެވެ. ޚަރަދު މާބޮޑުވާކަމަށްވެސް ބުނެފިއެވެ.
"އަމީރާ ރަގަޅުތަ؟ " އާސާ އެއްލޯ މަރައިލިއެވެ. އާސާކުރާނީ މުޅިންވެސް އެކަހަލަ ތަފާތު ކަންތަކެވެ. ކޮންމެހެން "ވިންކް" ކުރަން ނުޖެހޭތަނެއްގައި އެކަން ކުރުމުގެ ބޭނުމެއް ހެނާއަކަށް ނުވިސްނުނެވެ. އާސާއާއިމެދު ޝައްކުތައް ކުރެވުނަސް އާސާ ހެނާއަށް ހާދަ ރަގަޅެވެ. މިވީހާތަނަށް ހެނާގެ ހަޔާތަށް އެހާ ރަގަޅު އެކުވެރިއަކު އައިސްފައެއްނެތެވެ. އާސާ ރައްޓެހިވީވެސް އަމިއްލައަށް އެދިގެންނެވެ. ދުވާލު ފެންނަ ކުއްޖަކު ދެން ހަންޑި އަންހެންކުއްޖަކަށް ނުވާނެތާއެވެ. އެކަމަކު ވަރެއްގެ އަންހެންކުއްޖެކެވެ.
"ފިޓް އޭޒް އެ ފިޓް މޮޑެލް........"ހެނާގެ ޖަވާބުން އާސާ ހިނިގަނޑެއްޖަހައިލިއެވެ.
ފެންފުޅި ފޮރުވައިގެން ގެއަށް ވަދެވުނުކަމަށްޓަކާ ހެނާ ހަމްދުކުރިއެވެ. ކާކޮޓަރިއަށް ދިޔައިރު މަންމައާއި ދޮންބައްޕަވެސް ކާކޮޓަރީގައި ތިއްބެވެ. އަމީރާވެސް ސައިބޯން އިންއިރު މޫނުމަތިން ބަލިކަމުގެ އަސަރު ފެންނަން ހުއްޓެވެ. އެކަމަކުވެސް އަމީރާގެ ރީތިކަން ފަނޑެއްނުވެއެވެ. ފިނިފެންމަލެއް މިލާފައިވިޔަސް ރީތިކަމާއި މީރުވަހަކަށް ބަދަލެއް ނާންނާނެއެވެ. ހަނދުފަދައިން ވިދާ މޫނެކެވެ.
"ހެނާ. އަހަރެން ވެސް ހުންވައްތަރުވެގެން މިއުޅެނީ. މިހާރު އާޒް ފުޓްބޯޅަ ނިމޭނެ. އާޒް ގޮވައިގެން އަންނަންވީނު......" ރޮޒާލިއާ އެދުނެވެ. އާޒްދެކެ މަންމަ ލޯބިވާވަރުން އާޒް ބުނާކޮންމެ ކަމެއްކޮށްދެވޭތޯ ބަލަމުންގޮސް އެކުވެރިންނާއިއެކު ދަނޑަށް ފޮނުވަންފެށީއެވެ. އެހިސާބުގައި ޕާޓޭންވެސް އުޅޭނެއެވެ. މަންމަ އޮންނަނީ އަމީރާ އެހިސާބަށް ދާން މަނާކޮށްފައެވެ. ހެނާ އާދައިގެ ކުއްޖަކަށްވީމަ ފިރިހެނުން ނުފޮށޭނެކަން މަންމައަށްވެސް އެނގެނީކަމަށް ވެދާނެއެވެ. ހެނާގެ މޫނުގެ ކުލަ ބަދަލުވިއެވެ. އެއްޗެކޭ ނުބުނެ ދަނޑަށްދާން ނުކުތްއިރު ނަސީބަކުން އާސާ އަދިވެސް ފާރަށް ލެނގިލައިގެން ހުއްޓެވެ. އަނގަފުރެންދެން ދުފާ އެއްޗެހިލައިގެން ހުރިއިރު މުޅިތަނުގައި ހީރާޕަންނާގެ ވަސް ހިފާލާފައިއޮތުމުން ހެނާވެސް ކުޅުދިޔާވިއެވެ.
"އާސާ ގެއަށް ނުދަނީތަ؟ ތިއީ ލަސްވެގެން އުޅުނުމީހާ......" ހެނާ އަތުކުރީގައިވާ ގަޑިއަށް ބަލައިލިއިރު އިރުއޮއްސެނީއެވެ. ހެނާގެ ހިތަށް ކުއްލިއަކަށް ބިރުވެރިކަންވަނެވެ. ރޭގަނޑަށް އާސާގެ ސިފަޖެހިގެން ހަންޑިކުއްޖެއް އޭނަގެ ގާތަށް އަންނަނީހެއްޔެވެ؟ ކޮޓެޖްއާއި ބެހޭގޮތުން ވާހަކަދެއްކި ކުއްޖަކީވެސް އާސާއެވެ. އޭނަވަނީ ސިހުރުގެ ވާހަކަވެސް ހެނާއަށް ކިޔާދީފައެވެ.
"ކީއްވެ ފާޑަކަށް ބަލަން ތިހުންނަނީ....." އާސާ ދޫނެރެލިއެވެ. ހެނާ ދެންވެސް ހުރީ ބަލާށެވެ.
"ބުޅާ އަޑުގެންދިޔައީތަ؟ " އާސާ ހީގަތެވެ.
"ޓު ބީ އޮނެސްޓް އާސާ ތިއުޅޭގޮތުން އަހަރެން ބިރުގަނޭ...." ހެނާ އެހެން ބުނުމާއިއެކު އާސާގެ ޓްރޭޑްމާކް ހިނިގަނޑު ޖަހައިލިއެވެ.
"އަހަރެން މިހިރީ އަރާކާ އެއްޗެއްހެން ދޯ. މަށަކީ ބަބުރުމަންޖެ. މިހެން އުޅެލާފައި ހެނާވެސް ކާލާނަން...." އާސާ ހީހީފައި ކިޔާލައިފިއެވެ. މުސްކުޅިއެއްހެން ދުފަމުން ރަތްކުޅުގަނޑު ޖެހުމުގެ އާދަދެކެ ހެނާ ކިތަންމެ ފޫހިވިޔަސް އޭނަ އާސާކުރާ އެއްވެސް ކަމަކާއި ފާޑުކިޔާކަށް ނޫޅެއެވެ. އާސާ އޭނައާއި އެއްހަމައެއްގައި ހުރެ ހިނގާފައި އައިއިރު އާޒްހާ ހަލަނިއެވެ. އޭނަ އުޅެނީ އެއުމުރުގެ އަންހެންކުދިން އުޅޭ ވައްތަރަކަށް ނޫނެވެ. އެހެންމީހުންނަށް އާސާ ފެނޭބާވައޭވެސް ހެނާގެ ހިތަށްއެރިއެވެ. އާސާގެ ސަބަބުން ދުފުމުގެ އާދަ އޭނަވެސް ހިފާގޮތްވިއެވެ. އާސާފެންނައިރަށް ހެދިބިލެތްގަނޑެއްގެ ވާހަކަ އަހައިލެވެންފެށީ އެނުބައި އާދަ އޭނަވެސް ހިފާތީ ނޫންހެއްޔެވެ؟ އާސާ ހުންނަނީ ހެނާ ބުނާ ކޮންމެ އެއްޗެއްދޭން މަރުދަންޖެހެން ތައްޔާރަށެވެ. އޭގެ ސަބަބެއް ހެނާއަކަށް ރޭކާނުލައެވެ.
އިރުއޮއްސުނުގަޑިއަށް އާދައިގެ މަތިން އަމީރާ ފެންވަރަން ވަނެވެ. ހެދުންތައް ހަށިގަނޑާއި ވަކިކޮށްލާފައި ޝަވަރުދަށުގައި ހުއްޓުމާއެކު ހަށިގަނޑަށް ފިނިވާގޮތްވިއެވެ. ހީކަރުވައިގަތީ ގޮތެއް ބަލާފައެއްނޫނެވެ. މިހުރިހާއިރުވަންދެން އޭނަ ހުންމަޑުވެފައި ހުއްޓަސް ފެނާއި ހަމަޔަށް ވާސިލުވުމާއިއެކު ހުންގަދަކޮށްލީކަމަށް އަމީރާ ނިންމިއެވެ. އެވަރުންވެސް އަމީރާ ގަސްތުކުރީ ފެންވަރާލުމަށެވެ. ޝަވަރަށް ދޫކޮށްލުމުން ފެނުގެ ސައިލެއް އޭނަގެ ހަށިގަނޑުގައި ބޮސްދޭންފެށިގޮތަށް ތިރިއަށްދެމެން ފެށިއެވެ. ކުއްލިއަކަށް ހީވީ ކަންފަތްބުޑުގައި ވައިއަޑަކުން މީހަކު އެއްޗެކޭ ކިޔައިލިހެންނެވެ.