އާސާ ބުނީ ރެސްޓޯރެންޓަށް ޒޯހަން ކިޔާ ފިރިހެނަކު އަންނަކަމަށާއި ފިރިހެންވަންތަކަމުގެ މިސާލެއްކަމުގައެވެ. ޒޯހަން އަކީ ހީވާގޮތުން ހޮޓަލުގެ ބޮޑުމީހާގެ ދަރިފުޅުކަމުގައިވެސް ބުނެލިއެވެ. އަދި ހެނާ އުޅެފިއްޔާ ކާމިޔާބުވެދާނެކަމުގައި ބުނުމުން ހެނާއަށް މަޖާވިއެވެ.
"އޭރުން ބިއުޓީ އެންޑް ދަ ބީސްޓްކުޅެން ޖެހޭނީ. އާސާމެން ގެއާއި ކައިރިތަ؟ "ހެނާ ހުރީ މިތަނަށް ދާހިތުން ކެތްނުލަވާފައެވެ.
"މަގޭ ގެއަކީ އެއީ......" އާސާ ހިނިގަނޑެއް ޖަހައިލިއެވެ.
"ތިބުނީ އާސާއަކީ އެފެމިލީ ކުއްޖެކޭތަ؟ "ހެނާ ހައިރާންވިވަރުން ދެލޯ ބޮޑުވިއެވެ.
"ހުވަފެނުގައި އެކަނި ހަހަ. އެނގޭތަ؟ ޒޯހަން އުޅެނީ ކޮޓެޖްގައި. އޭނަ އިންސާނަކާއި ވައްތަރެއްނޫނޭ......" އާސާ ހެނާގެ ކަންފަތްކައިރީ ވައިއަޑަކުން ބުނެލީ އެހެން މަޚުލޫގަކަށް އިވިދާނެތީ ސިއްރުން ބުނާފަދައަކުންނެވެ. ހެނާގެ ގައިން ހީބިހިހަލުވައިލިއެވެ. ކޮޓެޖްއާއި ޒޯހަންގެ ނަން އިވުމާއިއެކު ޝައުގުވެރިކަން އެތައް ގުނަ މައްޗަށް ޖެހިލިއެވެ. ނޭގޭ ޖޯޝެއް ނާރުތަކުގައި ހިލުނެވެ. އެ ނަން ހިތުގެ އެންމެ ހިމަ ނާރުގައިވެސް ކޮށްޓާލިހެން ހީވިއެވެ.
"ތިހެން ބުނީ ކީއްވެތަ؟ "ހެނާގެ ހިތް އަވަސްވިއެވެ.
"ފެނުނީމަ އެނގޭނެ މިބުނި އެއްޗެއް...." އާސާ އެއް ލޯމަރައިލަމުން ހެނާގެ ކޮލުގައި ހިފާލިއެވެ. ގޯޅިން ލަނބައިލި ސަކީނާ އެކުދިންނާއި އަރާ ހަމަވެފައި ނުރުހިފައިވާ ކަހަލަގޮތަކަށް ބަލައިލިއެވެ.
"ސަކީނާ މަށާއި ހިތާވެފައި ހުންނަނީ. މިހާރު އެދިޔައީނު އެ މަކަރުވެރި ދެލޮލުން ބަލާފައި، ދެން މުޅި ރަށުގައި އޮންނާނީ ހެނާއާއި އަހަރެން ރައްޓެހިވެގެންނޭ އުޅެނީ ކިޔާފައި. ދެއަންހެނަކު އަތުގައި ހިފާލިޔަސް އެދެމީހަކު އަޅުވާކިޔާނެ. ވަރެއްގެ ދައިތަގަނޑެއް. ކުރީ ދުވަހު އެގޮތަށް އަޅުވާކީމަ އަންހެނަކު ރުޅިގަދަވެފައި އޭނައާއި ދިމާލަށް ބުނި ޖެހިޖެހީނުން ބާކީ ހުރި ދަތްކޮޅު ލުއްސާލަފާނަމޭވެސް. ބުނީމަ ރުޅިގަދަވެގެން އެތާހުރެ ޖެއްސި ވައްތަރު ފެނިފާ ވަރަށް ހެވުނު. ފުންމަ ފުންމާ ހުރެ ދުނިޔޭގައި ލެއްވިހާ ހަޑިއެއްޗެހި ކީއިރު ފޯރީގައި ހުރެ ކަނޑިކިގަނޑުވެސް ހިއްލައިގެންގޮސް ބޮލުގައި ނޭޅީ ކިރިޔާ......." އާސާ ކިޔާދިނުމުން ހެނާ ހީހީ ހަލާކުނުވީ ކިރިޔާއެވެ. ދެކުދިން އިރުގަނޑެއްވާންދެން އަނގަ ތަޅާލަން ތިއްބާ އަމީރާ އަންނަތަން ފެނިފާ އާސާ އަވަހަށް ދާން ހިނގައިގަތެވެ. އަމީރާއާއި ވާހަކަދައްކާ އެކުވެރިވާކަށް އާސާ މަސައްކަތެއް ނުކުރެއެވެ. ހެނާ އަމީރާއަށް އިޝްތިހާރު ދެއްކުމުން ވަޒީފާއެއް ހޯދަން ބޭނުންވަނީހެއްޔޭ އަހައިލިއެވެ. ހެނާ ޝައުގުވެރިވެފައި ހުރިވަރު އެކަނި އެމޫނަށް ބަލައިލި މީހަކަށްވެސް އޮޅުން ފިލާނެއެވެ. އެކަމަކު ހެނާ ދުލުން އެއްބަހެއްނުވިއެވެ. އެ އިޝްތިހާރު އެއްލާލާފައި ދަމުން ބުނީ ޝައުގެއްނެތް ކަމުގައެވެ. އޭނައަށް ވަޒީފާ ނުލިބޭނެކަން ޔަގީންވާކަމުގައެވެ. ތަޖުރިބާއަށްވެސް ބަލަންޏާ އޭނައަށް ދެއަތުން އެންމެ ޖޯޑެއް ހިފަހައްޓާލުންވެސް ފަސޭހައެއްނުވާނެއެވެ. ކޭޝިއަރަކަށް ހުރެވޭނީ ފައިސާ ފަރިތަކަމާއިއެކު ގުނަން އެނގޭމީހަކަށެވެ. އޭނަ ކިޔެވީ ސައިންސް މާއްދާތަކެވެ.
ހެނާ ލޯގަނޑުކުރިމަތީގައި ހުއްޓި މޫނަށް ބަލައިލިއެވެ. އޭނައަށް މާ ކަމުދާ ސިފައެއް މޫނަކު ނެތެވެ.
"ޒޯހަން. ޒޭން. ހެން ހެނާ......ޒޯހެން ހެނާ މިދެނަން ހާދަ ގުޅެއޭ...." ކުއްލިއަކަށް ހެނާގެ ހިތަށް އަންނަންފެށީ ޒޯހަންގެ ޚިޔާލެވެ. އާސާ އޭނަ އުޅެނީ ކޮޓެޖުގައޭ ބުނީއްސުރެން ހިތުން އެނަން ފިލައިގެނެއްނުދެއެވެ. ކޮޓެޖެކޭ އެއްފަދައިން އެތާ ދިރިއުޅޭ މީހަކުވެސް ސިއްރުވެރިވާނެއޭ ހިތަށް އަރަނީއެވެ. އެނަމުގެ ވެރިޔާ ދެކޭހިތުން ކެތްތެރިކަން ކޮޅުންލާންފެށިއެވެ. އެހާ ރީތި މީހަކާއިމެދު ވިސްނމުގެ މާނައެއް ނެތެވެ. އެމީހާ ދެވަނަފަހަރަށް ހެނާއަށް ބަލައިލާނީއެއް ވެސް ނޫނެވެ. ރަގަޅަށްވިއްޔާ ޒޯހަންގެ އަންބަކާއި ދަރިންވެސް ތިބޭނެއެވެ. ދެކިލާހިތްވުމަކީ މައްސަލައެއް ނޫނެވެ. އޭނައަކީ އަދި ކުޑަކުއްޖެކެވެ. ފިރިހެނަކާއިމެދު އެފަދަ ރޮގަކުން ބަލައިލަންވެސް ވިސްނާ އަންހެންކުއްޖެއް ނޫނެވެ. ގިނަމީހުން އޭނަ ދެކެފާ ހީކުރަނީ ބާރަ ތޭރައަހަރުގެ ކުޑަކުއްޖެއް ކަމުގައެވެ.
ބައެއްފަހަރު ނުވެސް ފެންނަ މީހަކަށްވެސް ހިތްކިޔާފާނެއެވެ. ލޯބިވަނީ އެކަނި މީހާގެ ސިފަ ފެނިފައި ގަޔާވެގެނެއް ނޫނެވެ. އެމީހާގެ ނަންއަޑުއަހާފައިވެސް ނޫނީ ނެޓުންވެސް ލޯބިވެވޭލެއް މަދެއްނޫނެވެ. މީހެއްގެ ބޭރުފުށުގެ ސިފަތައް ކޮންމެގޮތަކަށް ހުއްޓަސް މިޒާޖުގައި ހުރި ކަމެއްގެ ގޮތުންވެސް އަޅައިގަނެވިދާނެއެވެ. ޒޯހަންއަކީ ހެނާއަށް އަބަދުވެސް ރީތި ނާދިރު ނަމެކެވެ. އެނަމުގެ ވެރިޔާއަށް ޚާއްސަގޮތެއް ބެހެއްޓި ހިތުގައި އެނަން އަޅައިގަތްގޮތަށް ނުފިލާ ހުރީއެހެންވެއެވެ. އެރޭ ނިދަންއޮތްއިރުވެސް ދޭތެރެއަކުން އާސާ އެބުނި ފިރިހެނާ އޭނަގެ ސިކުނޑިއަށް ގޯނާކުރިއެވެ.
މީހެއްގެ ހަޔާތް ބަދަލުވާން އާކަމެއްވާން ބައެއްފަހަރު ނަގާނީ ސިކުންތުކޮޅެކެވެ. ޖެހިގެން އައިދުވަހު އިރުއެރީ ހެނާގެ ހަޔާތުގައި އާކުލައެއް ޖައްސަމުންނެވެ. ބީޗްމައުންޓް ހޮޓަލަށް އިންޓަވިއުއަށް އައުމަށް ހެނާއަށް މެސެޖް ލިބުނެވެ. އިންޓަވިއުއަކަށް ބުނާނީ އެހާ ކުރު މުއްދަތެއްގެ ތެރޭގައިވެސް ހާދަ ގިނަކުދިން އެދިގެންނެވެ. ވަޒީފާގެ ދަތިކަން އެންމެނަށްވެސް ކުރިމަތިވެފައިވީމަ އެފަދަ ކޮންމެ ފުރުސަތަކަށް ބަލަބަލާ ކިތަންމެ ކުދިންނެއް ތިބޭނެއެވެ. އޭނައަށް ކާމިޔާބެއްނުވާނެއެވެ.
"ވާއު. ސީރިޔަސްކޮށް އާސާ އަހަންނަށް ހެލްޕްވަނީ. ލައިކް އެ ގާޑިއަން އެންޖެލް. އެހެންނޫންނަމަ މިގޮތަށް މެސެޖް އަންނަންވީ ކީއްވެތަ؟ ނޫނީ ހަގީގަތުގައިވެސް އެއީ އާސާމެންގެ ފެމިލީ ބިޒިނަސްތަ؟ އާސާ އުޅޭލެއް ސިމްޕަލް ކަމުންނާއި ނުކިޔަވާ ހުރީމައޭ ބުނީމަ އެފަދަ އާއިލާއަކާ ނުއެއްގުޅޭ. ނުކިޔަވާތިބޭނީ އެފަދަ ރަގަޅު ފުރުސަތެއް ނުލިބޭ ނިކަމެތި ކުދިންތާ. ކޮންމެގޮތެއްވިޔަސް އާސާގެ އެހުންނަ ސިއްރުވެރިގޮތަކުން ހިތަށް އަރާ ފޮރުވަނީ ކޮންކަމެއް ބާވައޭ. ދެން ދާންވީބާ. ލާނެ ހެދުމެއްވެސް ނެތް. ބޮސްއަށް އަހަރެންގެ ސޫރަ ފެންނައިރަށް އަހަރެން ބޭރުކޮށްލާނެކަން ނޭގޭ. ސަތާރަ އަހަރުވީމަ ވަޒީފާވެސް ނުދޭނެއްނު. އެނީވޭސް އެއިޓީން ވާކަށް ދެން ނެތެއްނު މާ ގިނަ ދުވަހެއް......." ހެނާ ހާސްކަމާއިއެކު ފޯނަށް ބަލަން އޮތްއިރު އަމީރާ އުޅުނީ އޮފީހަށްދާން ތައްޔާރުވާށެވެ. ސްޓައިލިޝްކަމާއި އަންހެންވަންތަކަމާއި ފަރިކަމުގެ މިސާލެކެވެ. އެތަން މިތަނަށް ސެންޓު ޖަހައިލުމުން މުޅިތަނުގައި ލުއި ވަހެއް ހިފާލައިފިއެވެ. އޭނަ އަމީރާއަށް ވާނެނަމައެވެ.
އަމީރާގެ ކައިރީ އިންޓަވިއުގެ ވާހަކަ ނުބުނެ އޭނަ ތައްޔާރުވާންފެށީ އަމީރާ ޑިއުޓީއަށް ނިކުތްފަހުންނެވެ. އަތުގައި އޮތް އެންމެ ރީތިހެދުން އަޅާ އަމީރާގެ ހައިހީލްއަކަށް އެރުމުން އިސްކޮޅުން ދެތިން އިންޗުދިގުކަމަށް ދެއްކިއެވެ. އަމީރާއާއި ދެމީހުން އިސްކޮޅު ތަފާތުވިޔަސް ފައިތިލަ އެއްވަރުކަން ނަސީބެކެވެ. ސިއްރުން އަމީރާގެ މޭކަޕް ސާމާނުން ލިޕްސްޓިކްކޮޅެއް ޖައްސައިލީ ތުންފަތުގައިވާ ހިކިކަން ކުޑަކޮށްލުމަށެވެ. އެހާކުޑަ ބަދަލަކާއެކުވެސް ސިފަ ތަންކޮޅެއް ރީތިވެލާ ހަރުވައްތަރު ޖެހުމުން ހެނާ އުފާވިއެވެ.
ކާރަށް އަރާފައި ބީޗްމައުންޓް ހޮޓެލްއަށް ދާން ބުނުމުން ޑްރައިވަރު ފާޑަކަށް ހިނިއައިސްފާ ބުނެލީ މިހާ ކައިރީގައި ހުރި ތަނަކަށްދާން ކާރަކަށް ގުޅަންނުވެސް ޖެހޭކަމުގައެވެ. އެއީ ދޮގެއްނޫނެވެ. ކާރުދުއްވާލުމާއިއެކުހެން ކާރުއޮތީ ބީޗްމައުންޓް ހޮޓެލާއި ރެސްޓޯރެންޓުގެ ކުރިމަތީގައެވެ. ހެނާގެ ހިތް އަވަސްވެލިއެވެ. ފިނިވެގެންގޮސް ދެފައިވެސް ގަނޑުފެންކޮޅަކަށް ބަދަލުވިހެން ހީވިއެވެ. އަނބުރާލާފައި ދާންއުޅެފައިވެސް ހިތަށް އެރީ އާސާ ދެއްކި ވާހަކަތަކެވެ. އޭނަ މިނިވަންކަމާއި އަމިއްލަ ފައިމައްޗަށް ތެދުވާން މަޖުބޫރުވާ މިންވަރެވެ. ހެނާގެ ފިޔަވަޅުތައް އަޅަމުން ދިޔައީ ކުރިއަށެވެ. ދެން އޭނަ ހަޔާތުގެ ދަތުރުގައި ފަހަތަކަށް ނުބަލާނެއެވެ. އޮފީސް އިމާރާތް ރީތިވެފައި އަރާމުކަމުގެ އިންތިހާއެވެ. މޮޅު ފަރުނީޗަރުތަކުން ފެށިގެން ފައިދަށުގައިވާ މަޑުފުށްކޮޅެއްފަދަ ރަގްއަކީވެސް ތަނުގެ ހައިބަތު އުތުރުކުރުވާ އެއްޗެއްކަމުގައި ނޫނީނުވެއެވެ. ބޯމަތީގައިވާ ބޮޑެތި ޗާންދަލިއާތައް ރޭގަނޑަށް ދިއްލައިލާއިރު އަދި ކޮންފަދަ ފުރިހަމަވާނެހެއްޔެވެ؟ ވޭޓިން އޭރިއާގައި އެތައް އަންހެންކުދިންނެއް ތިބިއިރު ކޮންމެ އަންހެންކުއްޖަކު މޭކަޕްކޮށްފައިވާ ގޮތުން ފެޝަންޝޯއަކަށް އަރަން ތައްޔާރަށް ތިބި ކުދިންކޮޅަކާއި ވައްތަރެވެ. ހެނާ އަރާމު ސޯފާއެއްގައި ޖައްސައިލިގޮތަށް އިސްޖެހިފައި އިނެވެ. ކާމިޔާބުނުވާނެކަން ޔަގީނެވެ. މިހާ ރީތި އަންހެންކުދިން ތިއްބާ އޭނަ ހޮވަން ބޮސްއަކީ މޮޔައެއްނޫނެވެ. ވޭޓަރުންނަށްވެސް ބައިތިއްބާނީ ރީތި މީހުންނެވެ.
ފަހަރަކު އަންހެންކުއްޖަކު އޮފީހަށް ވައްދަމުންގޮސް އޭނައާއި ޖެހުނެވެ. އެތަނަށް ވަދެފައި ހެނާގެ ހިތް ހަމަޔަކަށް އެޅުނެވެ. ޒޯހަންއަކީ މިއީ ބާވައެވެ. ހީކުރިގޮތަކަށް ފާހަގަކުރެވޭފަދަ ސިފައެއް ނެތެވެ. ހަމަ އާދައިގެ އިންސާނެކެވެ. ނަން ރީއްޗަސް ވަކި ޚާއްސަކަމެއް ނުފެނުނެވެ. ކުރަންފެށީވެސް މޮޔަ ސުވާލެވެ.
"ތިހާ މޮޅަށް ކިޔަވައިގެން ހުރި ކުއްޖަކު ރެސްޓޯރެންޓެއްގެ ވޭޓަރަކަށްވީމަ ދެން މީހުން ކިޔާފާނެ އެއްޗަކާއިމެދު ނުވިސްނަންތަ؟
"ކީއްވެ މޭކަޕް ނުކުރަނީ؟ ހުރިހާ ގާލްސްއިންވެސް ކޮންމެވެސް ވަރަކަށް މޭކަޕްކުރާކަން ފާހަގަކުރެވޭ"
"ސްމޯކްކުރަންތަ؟ މިސާލަކަށް ޝީޝާ ކަހަލަ އެއްޗެހި ބޮއިއުޅެންތަ؟ ގާލްސްއިން ފެޝަނަކަށް ކުރާކަމެއް އެއީ"
ހެނާއިނީ މިހާ ޕްރޮފެޝަނަލްކަމެއް ނެތް މީހަކާއި ވާހަކަދައްކަންވީމަ ފޫހިވާގޮތްވެފައެވެ. ނަމަވެސް ވަޒީފާ ބޭނުންވެފައިހުރިލެއް ބޮޑުކަމުން އޭނަ ވާހަކަދެއްކީ ރީތިކޮށެވެ. އިންޓަވިއު ނިންމާލަމުން އެމީހާ ބުނީ ވަރަށް އަވަހަށް ޖަވާބުލިބޭނެ ކަމުގައެވެ. އާސާބުނިހެން އެމީހުން އެތިބީ އެ މަގާމަށް މީހަކު ހޮވަން ލަސްވެފައެވެ. ކޮންމެކަހަލަ ބޮސްއަކަށްވިޔަސް އޭނައަށް ވަރިހަމައެވެ. ވަޒީފާ އިންތިހާއަށް ބޭނުމެވެ. އެހާ ރީތި ހޮޓަލެއްގެ ރެސްޓޯރެންޓްވެސް އަރާމުވާނެއެވެ. އެކަމަކު ހާދަ ގިނަމީހުންނާއި ކުރިމަތިލާންޖެހޭނެއެވެ. ތަފާތު ވައްތަރުގެ މީހުންނާއި ވާހަކަދެއްކޭ ފެންވަރުގެ މީހަކަށް އޭނަ ވެދާނެހެއްޔެވެ؟ އެންމެންވެސް ބުނާގޮތުން ހެނާގެ ހިނިތުންވުން ވަރަށް ހިތްހެޔޮވެފައި ލޯތްބެވެ. ކުފިދަތްތައް ހުރެފައި ތަފާތުވީމަ މީހުން ކިޔާ އެއްޗަކީ ކަމަށް ވެދާނެއެވެ.
ހެނާ ގެއަށް ވަންއިރު ފެނުނީ ސަކީނާ އެގެއިން ނިކުމެގެން ދިޔަތަނެވެ. ސަކީނާއާއި މަންމައާއި ދެމީހުން އެއްތަންވެއްޖެއްޔާ މީހުންގެ ވާހަކަދެއްކުންނޫން ކަމެއް ނޯވެއެވެ. ރަށުތެރޭގައި ހިނގާ ކޮންމެ ޚަބަރެއް ސަކީނާ މަންމައަށް ފޯރުކޮށްދޭނެއެވެ. ރަށްކުޑަވެފައި ކުރާނެ މާ ބޮޑު މަސައްކަތެއް ނެތީމަ އަންހެންވެރިން ރަނބަ ހިލާ އުޅެނީއެވެ. މަންމަ އުޅުނީ އަނބުގަހުގެ ދަށަށް ވެރިވެފައިވާ ފަތްތައް ނެގުމުގައި އަވަދިނެތިއެވެ. ޖެހެމުންދާ ބާރު ވައިރޯޅިތަކުގެ ސަބަބުން އިރުއިރުކޮޅާ ބަލިކަށިވެ ދޮންވެފައިވާ ފަތްތައް އެކިގޮތްގޮތަށް އުދުހިގަނެއެވެ. އެމަންޒަރުވެސް ހެނާއަށް ރީއްޗެވެ. އެންމެ ފަތެއް ފޮޓޯނަގާފައިވެސް އޭނަ އެއަށް ބަލަން އިނދެދާނެއެވެ. މަންމަ ހެނާއަށް ގޮވާ ގާތަށް ގެނުވިއެވެ.
"ހެނާ ވާހަކަދައްކަން ތިހުންނަ ބަބުރުކުއްޖާއާއި މީގެ ފަހުން ވާހަކަދައްކައިގެން ނުވާނެ......" މަންމަ ކުރީ އަމުރެކެވެ.
"ކީއްވެ މަންމާ...." ހެނާގެ ހިތަށް ނުބައިގޮތެއްވިއެވެ. ކަންތައް މިވީ އާސާ ލަފާކުރިގޮތަށެވެ. އެކުވެރި އަންހެންކުއްޖަކާއި އަނގައިން ބުނަން މަނާކުރެވެންވީ މަގުބޫލު ސަބަބެއް އޮންނަންވާނެއެވެ. އެއީ ފިރިހެނެއްނޫނެވެ. ފިރިހެންކުއްޖަކާއި ރައްޓެހިނަމަ ގުޅުން ކަނޑާލާން އެންގިދާނެއެވެ. އެކަމަކު ގެންގުޅެންވީ އެކުވެރިންވެސް ނިންމަންވީ މަންމަހެއްޔެވެ؟ އާސާއަކީ ކިތަންމެ ގޯސްމީހަކަށްވިޔަސް އޭނައަށް ހާދަ ހެވެވެ. އާސާއާއިއެކު އުޅޭވަގުތު އޭނައަށް ހަމަޖެހިލައިގެން ސަމާސާކޮށް ސަކަރާތްޖަހައިލެވެއެވެ. އެހެންމީހުންނާއިއެކު އެގޮތަށް އުޅެން އޭނައަށް ފަސޭހައެއްނޫނެވެ.
"އެކުއްޖާއަކީ ހަށިވިއްކާ ކުއްޖެކޯ ސަކީނާ ބުނި، ނުވެސްކިޔަވާ ހުރި މިލަ މަންޖެއެއް. އެހުންނަނީނު ފުނާނާޅާ ބޯ ހާމުންޑިއެއްހެން ހާވާލައިގެން. މީހަކުރުޅިއައިސްގެން އެއްޗެކޭ ބުނެފިއްޔާ ފީކުކުޅެއްހެން އެމީހެއްގެ ގަޔަށްވެސް އަރައިގަންނާނެޔޯ. ދަތްޕިލާ އަތްމައްޗަށް ލައިގެން ހެނާ ފަހަތުން އެއުޅެނީ ހެނާ ބަދުނާމުކޮށް އަގުވައްޓާލަން. ހެނާވެސް ވިއްކާލާފައި އޭނަ ހުއްޓާލާނީ. އަދި ދަންވަރުވެސް އޭނަ އަބަދު މަގުމަތީގައި އުޅޭކަމަށް ސަކީނާ ބުނި....." ރޮޒާލިއާ ހުރީ ދެބުމަ ކައިރިކޮށްލައިގެންނެވެ. ހެނާ ގެއިން ނުކުތުން މަނާކުރަންވެސް ހިތަށް އެރިއެވެ. މިއަދު ހެދުނުވެސް މާ ރީތިވެލައިގެން އެދިޔައީ ކޮންތާކަށްކަމެއްވެސް ނޭގެއެވެ. އަމީރާއަށް އިތުބާރުކުރެވުނަސް ހެނާގެ ހުންނަ މިޒާޖަކުންނާއި ސިއްރުވެރިގޮތަކުން އެއްގޮތަކަށްވެސް އެކަނި ދޫކޮށްލާކަށް ނުކެރޭނެއެވެ.
"ކީއްވެ ހެނާ އަނގައިން ނުބުނެ ތިހިރީ؟ " ރޮޒާލިއާ ސުވާލުކުރިއެވެ.
"މަންމަ ތިބުނީނު ގޯސް ކުއްޖެކޭ، ދެން ބުނާނެ އެއްޗެއްނެތް...." ހެނާ އެނބުރުނީ އެތަނުން ދާންވެގެންނެވެ.
"އެ އަންހެނާ މިމަގުން ފެނިއްޖެއްޔާ ދެން ހެނާއަކަށް ލާހިކެއްނޫން މިގެއިން ބޭރުގައި ފައިއަޅަން. ސަމާސާއަކަށް ބުނާ އެއްޗެއްނޫން. ހެނާގެ ބައްޕަގެ އަގުވެސް ވެއްޓޭނެ. ބައްޕައަކީ މިރަށު އެންމެން ދަންނަ މަޝްހޫރު މީހެއް. އެހެންވީމަ ތިމާމެންގެ އަގުހިފަހައްޓަން ދަސްކުރައްޗޭ. އެކުވެރިވާންވާނީ ތިމާއާއި އެއްފެންވަރެއްގެ މީހުންނާކަން ހެނާ ދަންނަން ޖެހޭނެ....." ރޮޒާލިއާގެ ވާހަކަތަކުން ހެނާ ފޫހިވިއެވެ. މަންމަ އެހާ ކިބުރުވެރިވާން ފެށީ ކޮންއިރަކު ހެއްޔެވެ؟ ނިކަމެތިން ލޭބަލް ކުރަން މަންމައަށް އެނގެނީއެއް ނޫނެވެ. އޭނައަކީ އެންމެ ނިކަމެތި އަންހެންކުއްޖާއެވެ. އެކަމަކު މަންމަ ބުނި ވާހަކަތަކާއިމެދު ވިސްނާލުމުން އާސާ ދަންވަރު ގެއިން ބޭރުގައި އުޅޭކަން އޭނައަށްވަނީ ޔަގީންވެފައެވެ. އެއީ މަންމަ ބުނިފަދައިން ނާސި އަންހެންކުއްޖެއް ހެއްޔެވެ؟ ކޮންމެފަދަ އަންހެންކުއްޖެއްވިޔަސް އެކުވެރިއެއްގެ ގޮތުގައި އޭނައަށް އާސާ ވަރަށް މުހިއްމެވެ.
ކަޅުފޮއި ރެއެކެވެ. އެހާ ވައިބާރެވެ. ކަރަންޓު ނެތުމުން އުއްބައްތި ދިއްލާލައިގެން ތިބެފައި އަމީރާ ފެންޑާއަށް ނުކުތްއިރު އަނދިރިކަމުން ޖެހިގެން ހުންނަމީހާވެސް ވަކިވާވަރެއްނޫނެވެ. ކޮފީތަށި ހިފައިގެންގޮސް އެތާހުރި ތިރިގޮނޑިއެއްގައި އިށީންގޮތަށް ދުރަށް ބަލަންއިންއިރު ޚިޔާލަށް އެތައްކަމެއް އަންނަމުން ދިޔައެވެ. އޭނަގެ އުމުރުން މިވީހާތަނަށް އައިއިރު އެތައް ފިރިހެންކުދިންނެއް އޭނަ ރީތިވެގެން އެވާހަކަ ދައްކާފައިވެއެވެ. އޭނަ ފެންނަ ކޮންމެ މީހަކު ބަލާވަރުންވެސް އެކަން ހާމަވެއެވެ.
އޭނަފަދަ ރީތި އަންހެންކުއްޖަކަށް މިހާރު މިދިމާވެގެން އުޅެނީ އަރަތެއްފަދަ ކަމަކާއިއެވެ. ނިދުމުން ހުވަފެނުގައި ފެންނަނީ ބިރުވެރި މަޚުލޫގެކެވެ. އޭނައަށް އަނިޔާކުރަން އުޅޭ މީހެކެވެ. ނިދަން ބިރުގަންނާންވެސް ފަށައިފިއެވެ. ޚާއްސަކޮށް އެނދަށް އަރައިފިއްޔާ ލޮލަށްވެސް ކަންތައް ފެންނަނީއެވެ. އަބަދު އަންނަނީ ކޮޓަރި އަނދިރިކޮށްލާފައި ހުންނަ ވަގުތުގައެވެ. އަނދިރިކަމުން ސިފަވަކިވާވަރެއް ނޫނެވެ. އޭނައަށް އަނިޔާކޮށް ބިރުދައްކައިގެން އެމީހަކު ހިތްހަމަޖެހެނީއެވެ.
"އެއީ ކީއްވެބާ. މިހާރު މިއިނީ ހޭލާ ބޭރުގައި. ކީއްވެ ނައިސްގެން އެއުޅެނީ. ކޮޓަރީގައި ނިދަން އޮތްވާ އެކަނިތަ އަންނަންޖެހެނީ. އެކަނި ނިދާގަޑީގައި އުދަގޫކުރަނީ ކީއްވެކަމެއްވެސް ނޭގޭ. އެންމެން އެބުނާހެން އެއީ ލޯމައްޗަށް ފެންނަގޮތަކީބާ...." އަމީރާ ކޮފީތަށި ތުނބުގައި ޖެހިއެވެ. ކުއްލިއަކަށް އޭނަގެ ލޮލުގައި އަޅައިގަތީ މަތިން ފެނުނު އަލިގަނޑެކެވެ. ގޭގެ މެދުގޯތީގައިވާ ފަތްތަކާއި ވެލިގަނޑުމަތީގައި އުޅޭ ކުދި ކަނޑާ ތައްވެސް ފެންނަހާ ވަރަށް އަލިކޮށްލީ ބިގަރެއްފަދައިންނެވެ. ގައިގާވިހާ ލޯލިތައް ކޮޅަށް ޖެހިލިއެވެ. ޔޫއެފްއޯއާއި އަލިގުޅައިގެ ވާހަކަ އަޑުއަހާފައިވިނަމަވެސް މިނޫނީ އެފަދަ ކަމެއް ހަމަލޮލަށް ފެނިފައެއްނުވެއެވެ. އޭނައިނީ ގަނޑުވެފައެވެ. ހިރިލާކަށްވެސް ނުކެރުނެވެ. ތަފާތުގޮތަކަށް ވިދުވަރުގެ އަލި އެޅުނީބާވައެވެ. ނޫނީ އޭލިއަން ޝިޕެއް އެހިސާބު ހުރަސްކޮށްލީހެއްޔެވެ؟ އެދިއްލުމެއް ދެމިގެން ދިޔައީ މާ ގިނަވަގުތުތަކަކަށް ނޫނެވެ. ކުއްލިއަކަށް މުޅި ހިސާބު އަނދިރިވެ ހިމޭންކަން ފުންވިއެވެ.
އަމީރާގެ ބިރުވެރިކަން އިތުރުވެގެން ދިޔައީ އާޒްގެ ތޫނު ހަޅޭކާއެކުގައެވެ. އެއާއިއެކު ދޮންބައްޕައާއި މަންމަ ވާހަކަދައްކާ އަޑު އިވުނެވެ. އޭނައިނީ ވާކަމެއް އޮޅުން ނުފިލައިގެންނެވެ. ދޮންބައްޕައާއި މަންމަ އާޒް މަސަލަސް ކުރަން އުޅުނެވެ. އިރުކޮޅަކުން މަންމަ ނުކުމެލާފައި އަމީރާއަށް އެންގީ އަވަހަށް ދޮރު ތަޅުލާފައި ގެއަށް ވަނުމަށެވެ. އިތުރު ތަފްސީލެއް މަންމަ ނުދިނެވެ. އާޒް ފެންނަން ނެތުމުން އަމީރާއަށް އަހާލާނެ ފުރުސަތެއްވެސް ނުލިބުނެވެ. ކޮޓަރިއަށް ވަންއިރު ހެނާ ދޮރުމަތީގައި ހުރިއިރު ދެލޮލުން ބިރުވެރިކަން ފާޅުވާން ހުއްޓެވެ.
"އެމީ. އާޒް ކުޑަދޮރުން ބޭރަށް ބަލައިލިތަނާ ފެނުނީޔޯ އަލިފާންކުލައިގެ ބޯޅައެއްހާ ވަރުގެ އެއްޗެއް އުދުހިފައިދަނިކޮށް. އާޒް ބިރުން ސްކްރީމްކުރިގޮތަށް މަގޭ ކަންފަތްވެސް ހަލާކުނުވީ ކިރިޔާ، އަދި އަހަރެން އެނދުގައި އޮތްވާ ގައިމައްޗަށް ޖެހިގަތްގޮތަށް ބާރަކަށް ބައްދައިގެން އޮތީ، ހީ ވޯޒް ރިއަލީ ސްކެއާޑް. ނީޑްސް ކައުންސެލިން...." ހެނާ ކިޔާދިނެވެ. އަދިވެސް އޭނަގެ މޭމައްޗަށް ހާދަވަރަކަށް ތަދުވެއެވެ. އާޒް އެހާ ކުޑައެއްވެސް ނޫނެވެ. އެއުމުރުގެ ކުއްޖަކު އެގޮތަށް ފުންމައިގެން އެރީމަ މޭމަތިން ކަށިގަނޑެއް ބިންދައިގެން ނުދާކަމެއްވެސް ނެގެއެވެ.
"ނޯ ވޮރީސް، އާޒްގެ ޑެޑީއަކީ އެކަމަށް އެންމެ އެކަށީގެންވާމީހާ. ކައުންސެލިންވެސް ދޭނެއްނު. އެކަމަކު ކަރަންޓު ނެތީމަ ހާދަ ހޫނޭ. ކިހިނެއް ނިދާނީ؟ " އަމީރާ ބޭނުންވީ ކުޑަދޮރުތައްވެސް ހުޅުވާލުމަށެވެ. ވައިވަންނަ އެހެންގޮތެއް ނެތުމުން ކޮޓަރި ވަރަށް އުދާހެވެ. އުއްބައްތީގެ ހުޅުކޮޅުތައް ވަޔާއި ހެލިލާއިރު ކޮންމެ އިރަކުވެސް ނިވިދާނެކަހަލައެވެ. ހެނާގެ ހިޔަނި ފާރަށް އެޅިފައިވާތަން ފެނިފައިވެސް އަމީރާ ހުރީ ސިހޭގޮތްވެފައެވެ. ހިތަށް މިހާ ބިރުވެރިކަން ވަންނަނީ ކީއްވެބާވައެވެ. އޭނަ ހަނދާންވީ މިގޮތަށް އުއްބައްތިތައް ދިއްލާފައި ހުރިރެއެއްގައި އޭނަކައިރިއަށް ވަތް މީހާއެވެ.
އަމީރާ ކުޑަދޮރު ހުޅުވާލިއިރު ކޮޓެޖާއި ދިމާލުން ވެއްޓިފައި އޮތް ގަސްގަނޑެއްގެ މަތީގައި މީހަކު އިށީދެލައިގެންއިނެވެ. އަނެއްފަރާތަށް މޫނުލައިގެން އިނަސް ދިގު އިސްތަށިގަނޑާއި ބިޔަކަންފާހަގަވިއެވެ. އެމީހަކު އެތާ އިނދެ ސިގިރެޓް ބޮނީހެއްޔެވެ؟ އެދިމާލުން ދުންއަރާތަން ފެނެއެވެ. ސިގިރެޓު ބުއިމުން ދުންކޮޅު ދާގޮތަށް ރޮގަކަށެވެ.
"ކޮޓެޖްގައިވެސް ކަރަންޓުނެތް. އެގޭތެރޭގައި އެހެރި ފާނޫޒު ދިއްލާފައި ދޯ. ކޮންފަދަ ރީތި އައްޔެއް ވެރިވެފައި އެހެރީ. ހެނާ. ލުކް. މީހެއް އެބައިން......." އަމީރާއަށް ބުނެލެވުނެވެ. ހެނާއާއި ދިމާލަށް ބަލައިލަމުން އެހެން ބުނެފާ އަނެއްކާވެސް އެނބުރި އެދިމާލަށް ނަޒަރު ހުއްޓައިލިއެވެ. ފަޅި ސިކުންތުކޮޅެއް އެދެމެދުގައި ނުވާނެއެވެ. އެހާ އަވަހަށް އެނބުރުނުއިރު އެގަސްގަނޑު ކައިރީގައި ކީއްކުރަން އެހިސާބުންވެސް މީހެއްގެ ހިލަމެއްނުވިއެވެ. އެރީ ހަވާއަށް ހެއްޔެވެ؟ ނޫނީ ބިމަށް ވަނީހެއްޔެވެ؟ އަމީރާގަތީ އަމަށަކު ބިރެއްނޫނެވެ. ހެނާ އަމީރާގެ ކައިރީގައި ހުއްޓިހުރެ ބޭރަށް ބަލާލާފައި އެމީހަކާއި ބެހޭގޮތުން ސުވާލުކުރީ މީހަކު ނުފެނުމުންނެވެ. އަމީރާގެ މޫނަށް ބަލައިލިއިރު ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ހެނާ ބިރުގެންފާނެތީ ހިނިގަނޑެއް ޖަހާލާފައި އޭނަ ބުނީ ބިރުގަންނަވާލަން ބުނި އެއްޗެއްކަމުގައެވެ. ހެނާ ވަރަށް ފަސޭހައިން ހެއްލުނެވެ.
"ބުނާނީ ވެސް ކީކޭ؟ ހަމަ އެ މީހާ އެތާ އިން. ލޮލަށް ފެނުނުކަމެއް ނޫން. އެއީ ކާކުތަ؟ ހާދަ ބިރުވެރިކަމެކޭ ދިމާވެގެން މިއުޅެނީ. އެހެން މީހުން ގަބޫލެއްވެސް ނުކުރާނެ. ކޮޓެޖާއި ގުޅިފައިވާ ކަމެކޭވެސް ހިތަށް އަރާ. ކިހިނެއް މިކަންތައް ސޯލްވް ކުރާނީ؟ ބިރުން ހަލާކުވާއިރުވެސް މިވާހަކަ ޝެއަރކުރާނެ މީހަކުވެސް ނެތް. އެނގޭހާ އެއްޗަކީ ދުވަހަކަށްވުރެ ދުވަހެއް މިކަންތައް ގޯސްވަމުންދާކަމާއި އެކަމުން ނަފްސާނީގޮތުން އަސަރުކުރަންފެށިކަން. ހިތް ބިރުގަންނަކަން...." އަމީރާ ކުޑަދޮރު ލައްޕާލިއިރު ތަފާތު ޚިޔާލުތައް ސިކުނޑީގައި ފުނިޖެހެމުން ދިޔައެވެ.
ކަންކަމާއި ބިރުގަނެ ހާސްވުމަކީ ކުރިން އޭނަގެ މިޒާޖުގެ ބަޔެއްނޫނެވެ. އާޒްއާއި އަމީރާއަށްވެސް މިރޭ އާދަޔާ ޚިލާފު އެއްޗެއް ފެނިފައިވާތީ އެކަނި ތިބުމަކީ ރައްކާތެރިކަމަކަށް ނުވެވެސް ހިނގައިދާނެއެވެ.
އަމީރާ އޮތީ ވާނުވާ ނޭގިފައެވެ. ހަގީގަތާއި ހުވަފެނާއި ދޭތެރޭގައި އޭނަމިވަނީ ތާށިވެފައެވެ. ބައެއްފަހަރު އޭނައަށް އިހުސާސްކުރެވެނީ ހަގީގަތާއި އެއްގޮތް ހުވަފެނެއް ފެނުނީކަމުގައެވެ. ބައެއްފަހަރު ހީވަނީ އަސްލަށް ފެންނަހެންނެވެ. އިންސާނާގެ ސިކުނޑި ވަރަށް ކޮމްޕްލެކްސްވާނެއެވެ. އެބައި ކިޔަވައިގެން އެތިނަ ނަފްސާނީ އިލްމުވެރިންނަށް އެކަމުގެ އިލްމު ކުޑަވަރަކަށް ނަމަވެސް ހުންނާނެއެވެ. ނަޝީދުގެ އެހުންނަ މިޒާޖަކުން ނޫންނަމަ އަމީރާ މިވަގުތު އެންމެ ވާހަކަދައްކާލަން ބޭނުންވާ ފަރާތަކީ އެއީއެވެ. އޭނައަށް އެހީތެރިވެވޭނީ އެފަދަ މޮޅު މީހަކަށެވެ. ނަފްސާނީ އިލްމުވެރިއަކަށެވެ.
އަމީރާއާއި ހެނާ ނިދަން އެނދަށް އެރިތަނާހެން އަމީރާގެ ދެލޯބަރުވާންފެށިއެވެ. ގަދަކަމުން ލޯ ހުޅުވަން މަސައްކަތްކުރަމުން ދިޔައިރު ކޮންމެވެސް މީހެއްގެ ހޫނު ނޭވާތައް މޫނަށް އެޅުނުކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. އަތްދަނޑި މައްޗަށް ލީހެން ހީވިއެވެ. އެމީހާ އަމީރާ ނަގައިގެންގޮސް ދޮރުގައި ފައިން ޖަހާ ދޮރު ހުޅުވި އަޑުވެސް ރީއްޗަށް އިވުނެވެ. ދެން އިވެނީ ބާރަކަށް ގުންފައިޖަހަމުން މީހަކު ހިނގާކަހަލަ އަޑެކެވެ. ކޮންމެވެސް ވަރަކަށް އަލިވިހެންވެސް ހީވިއެވެ. ދެން މީހަކު އުނގުގައި ބޭންދިއެވެ. ހޫނު ހަށިގަނޑެކެވެ. ދެއަތް ވަނީ އޭނަގެ މޭމަތީގައި ވަށާލެވިފައެވެ. އަމީރާގެ ލޮލަށް ނިދި ސަވާރުވެފައިވާލެއް ބޮޑުކަމުން ދެލޯ މަރާލުމާއިއެކު ކަރު އެއްފަރާތަކަށް އެލުވާލެވުނުއިރު ކޯތާފަތް ބީހިލީ މީހެއްގެ އަތުގައެވެ. ބޯ އަޅައިލެވުނީ އެއަތުގައެވެ. މޫނުގައި އިސްތަށިތަކެއް ބީހިލިހެން ހީވިއެވެ.
"ލޯ ހުޅުވާ. ނިދާކަށް ނުވޭ....." ބަރު ބަރު އަޑެކެވެ. އަމީރާ ސިހިފައި ދެލޯ ހުޅުވައިލިއިރު އޭނަ އިނީ ކޮންމެވެސް މީހެއްގެ އުނގުގައިކަން އިހުސާސްކުރެވުނެވެ. ދެފޫޓެއްހާ ދުރުމިނުގައި އަނދައަނދާ ހުރީ އަލިފާންގަނޑެކެވެ. އެހިސާބު ހުޅުދާންކޮށްފައިވާއިރު އޭނަގެ ހަށިގަނޑަށް އެކަމުގެ ހޫނުކަން ފޯރާފައިވެއެވެ.
"ތިއީ ކާކުތަ؟ "އަމީރާ އެއަތުގެ ތެރެއިން ނުކުންނަން ގަދަ ހަދަމުން ބުނެލީ ބިރުގެންފައިވާ ކަހަލަ ގޮތަކަށެވެ.
"އެއެއް ބަލާކަށް ނުޖެހޭ. ވާހަކަނުދައްކާ.." އަމުރުވެރިގޮތަކަށް އެމީހާ ކިޔައިލިއެވެ.
"ނޯ ވޮރީސް. މިއީ ހުވަފެނެއް. ހޭލެވޭނެ. ހޭލާއިރު އޮންނާނީ އެނދުގައި....." އަމީރާ ބުނެލީ އަމިއްލަ ނަފުސާއި މުޚާތަބުކޮށެވެ.
"ދޮންބައްޕަގެ ގަމާރުކަމުން ކިޔާހާ އެއްޗެހި ގަބޫލުކޮށްގެން އީމާންވެގެންތަ ތިހިރީ. ނަފްސާނީ ޑޮކްޓަރުން ގަބޫލުނުކުރިޔަސް މިއީ ހަގީގަތެއް. ހުވަފެނެއްނޫން. ތިއޮތީ ނިދާފައެއްވެސް ނޫން. އަހަރެން ތިގެއަށް ވަދެ އަތްމައްޗަށް ނަގައިގެން މިއައީ. އެވަރު އެނގޭނެ. މިހާރު ތިއޮތީ މަގޭ އުނގުގައި. މަގޭ ބާރުދަށުގައި. މަބޭނުން ކޮންމެކަމެއް ކުރާނީ. އެނގޭތަ؟ ތީ އެކަނި މަގޭ. މަގޭ މިލްކެއް. މަގޭ ހަށިގަނޑެއް. މަގޭ އަންހެނުން. ޝުކުރުކޮށްބަލަ އަދި މަ ދުރުން އުޅޭތީ...." އެމީހާ ވާހަކަދައްކާއިރު ހީވަނީ ގުގުމައިގެންދާހެންނެވެ. އަމީރާގެ ބިރުވެރިކަން އިންތިހާއަށް ދިޔައެވެ. ހިތުގެ ތެޅުން އެތައް ގުނަ އިތުރުވެ ހިތް ހުއްޓިދާނެހެން ހީވިއެވެ. އަމީރާ ސިކުނޑި ކޮންޓްރޯލްކުރަން ފުން ނޭވާތަކެއްލިއެވެ. ހާސްވެއްޖެއްޔާ އަދި އިތުރު މައްސަލަތައް ނިކުންނާނީއެވެ. އޭނަޖެހޭނީ ބިރު އެއްފަރާތްކުރާށެވެ. ކަނޑުވުމުންވެސް ބިރުވެރިކަން ނެތިގެންދާ އުސޫލުންނެވެ.
ފަތްތަކުގެ ތަންމަތީގައި އޭނަ ބާއްވާފައި އެމީހާ އަމީރާއާއި ދިމާލަށް ގުދުވިއެވެ. އެބިޔަ މީހާއާއި ބިންގަނޑާއި ދޭތެރޭ ފިތުނުއިރު ކަށިތައް ފުނޑުފުނޑުވެ މަރުވަނީއޭ ހީކުރެވުނެވެ. ކަރުނުން ފުރުނު ލޮލުގެ އެސްފިޔަތައް ކުޑަކޮށް ހުޅުވައިލުމާއިއެކު މޫނާއި ދާދި ކައިރިން ފެނުނީ އަލިފާނުގެ ހުޅުކޮޅުހެން ހީވާ ދެލޮލެވެ. ބިރުވެރިކަން އިންތިހާއަށް ދިޔުމާއިއެކު ސިކުނޑިއާއި ހިތަށް ނުކުޅަދާނަވެ އޭނަ އަނބުރައިގެންފިއެވެ.
އަމީރާ ހަމަހޭވެރިކަން ވީއިރުވެސް އޮވެވުނީ ފިނިހިފާފައިވާ ތެތް ބިންގަނޑުގައެވެ. ކައިރީގައި ހުރި އަލިފާންގަނޑު ނިވެން ކައިރިވެ ފިނީގެ އަސަރުކުރަން ފެށިއެވެ. އަމީރާ ތެދުވުނުގޮތަށް ދެފަޔަށްބާރު ލާފައި ދުއްވައިގަތީ ގެއާއި ދިމާލަށެވެ. އޭރު ލިބިފައިވަނީ އާދަޔާ ޚިލާފުބާރެކެވެ. ގެއަށް ވަދެ ދޮރުލައްޕާލާފައި ބަލައިލިއިރު ހެނާ އޮތީ އަރާމު ނިންޖެއްގައެވެ. އުއްބައްތިތައް ހުރީ ވިރި ހުސްވާން ކައިރިވެފައެވެ. އޭނަ ހެނާގެ ކައިރީގައި އޮތްއިރު ނިތްކުރީގައި ދާތިކިތައް މުތީތަކެއްފަދައިން ވިދާއިރު ހާސްވެފައިވާވަރު އެނގެއެވެ. މިރޭ އަމީރާއަށް ކަމެއް ޔަގީންވެއްޖެއެވެ. އޭނައަށް އެމީހާ ޒިޔާރަތްކުރަނީ ފެންނަނީ ހުވަފެނުގައެއް ނޫނެވެ. ހަގީގަތުގައިވެސް ޖިންނިއެއް އޭނައާއި އަވަލީއެވެ. އާދައިގެ ޖިންނިއެއްވެސް ނޫނެވެ. "ސޭޑިސްޓިކް" ޖިންނިއެކެވެ. އެއަށްވުރެ އެކަށީގެންވާ ނަމެއް އޭނަގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އަނިޔާކޮށްގެން އޭނައަށް ލިބޭ ހިތްހަމަޖެހުން އަމީރާއަށް ކިތަންމެ ރަގަޅަށްވެސް ފާހަގަވިއެވެ. އަދި އޭނައަކީ އަންހެނުން ކަމުގައިވެސް ހަދައިފިއެވެ. ފަހަތުން ގެއަށްވަދެ އުރާލައިގެން ބޭރަށްވެސް ގެންދަނީއެވެ. ޑޮކްޓަރުން އޭނަ ނިދީގައި ހިނގަނީކަމުގައި ބުންޏަސް ދެން އޭނަ ގަބޫލުކުރާނެ ގޮތަކީ ނެތްގޮތެކެވެ. ލޮލަށްފެނި ކަންފަތަށް އިވެނީވެސް އަސްލަށެވެ. މިރޭ އެކަން ޔަގީންކުރެވިއްޖެއެވެ.
ފަތިހު ހެނާ ނަމަދަށް ހޭލިއިރު އަމީރާ އިނީ މާ ކުރިން މުސައްލަމަތީގައެވެ. ރޭ ނުނިދުނުކަމަށް ބުނިއިރު އަމީރާއިނީ ވަރަށް ފާޑަކަށެވެ. ނުނިދާ ހުއްޓަސް އަމީރާ ފެންނަލެއް ކިތަންމެހާވެސް ތާޒާއެވެ. ހެނާ ވުޟޫކުރަން ވަންއިރު އަމީރާ ރޭ ނިދަން ލައިގެން ހުރި ހެދުން ބާސްކެޓްތެރޭގައި އޮތެވެ. ޗަކާއި ވިނަކޮޅުތައް ތަތްވެފައި ހުރުމާއިއެކު ހެނާއަށް ވިސްނުނެވެ. ނަމާދުކޮށް ނިމިގެން އޭނަ ތެދުވެފާ އަމީރާ ކައިރިން އެވާހަކަ އެހިއެވެ.
"އެމީ ސްލީޕްވޯކްކޮށްފައި ގޮސް މޫދަށް އެރިއްޖެއްޔާ. ޓްރީޓްމެންޓެއް ނަގަންވީނު. އަޅާނުލާ ދޫކޮށްލާވަރުގެ ކަމެއްނޫނެއްނު އެމީ.........." ހެނާ އަހައިލިއެވެ.
"ހޫމް......" އަމީރާ މޫޑު ގޯސްވާގޮތްވިއެވެ.
"ބައްޕަ ކީއްވެ ބޭސްދޭން ނޫޅެނީ؟ އެމީ ނުކާފާނެހެން ހީވާތީތަ؟ " ހެނާ ކަންބޮޑުވީ އަމީރާ މިފަހަކަށް އައިސް އަބަދާއަބަދުހެން ރުޅިގަދަވެފައި ހުންނަތަން ފެނިފައެވެ. ކުރިން ކިހާ މަޖާ އުފާވެރިކުއްޖެއް ހެއްޔެވެ؟ އެއްވެސް ޚިޔާލެއް ފިކުރެއްނެތި އުޅުނު އަންހެންކުއްޖާއަށް މިވަނީ ކީއްބާވައޭ ހެނާގެ ހިތަށް އެރިއެވެ.
"މޮޔައެއް ނުވެއޭ އޭނަ ލައްވާ ބޭސްކުރުވާކަށް. މަރުވާންވީމަ މަރުވާނީވެސް. ދެން ވާހަކަނުދައްކަބަލަ ހެނާ، ގުރުއާން ކިޔަވަން މިއިނީ......." އަމީރާ ހެނާއާއި ދިމާލަށް ފާޑަކަށް ބަލާލިއެވެ.