އަމީރާ ހުންނަނީ މުޅިންގޮތް ހުސްވެ އޭނަގެ އަޅުވެތިކަމުގެ ދަށުގައެވެ. ލޯބިވާ މީހަކަށް ކަމެއްކޮށްފާނެތީ އަމީރާ ހާސްވާވަރުން އަމިއްލަ ހަށިގަނޑުވެސް ގުރުބާންކޮށްލަނީއެވެ. އޭމޮން ބީސްޓެއްހެން ހުއްޓަސް އޭނަދެކެ ލޯބިވާނެނަމަ ކެތްކުރެވުނީހެވެ. އަނިޔާނުކުރާނަމަ އެހާ އުދަގުލެއްނުވީހެވެ. ހިތާމައަކީ އޭމޮންގެ އަނިޔާވެރިކަމާއި ކުރާ ޖެއްސުންތަކެވެ. އޭމޮން އުފާވެރިކަން ލިބިގަންނަނީ އަމީރާއަށް ތަދުކޮށް ރޮއްވާލެވުނީމައެވެ.

ކޮލޮމްބޯއަށް އައުމަށްފަހު އަމީރާގެ ލޯ ބޭގަރާރުވީ ލޫސިއާން ދުށުމަށް އެދިއެވެ. ލޫސިއާން ކޮންމެފަދަ ގޮތަކަށް ކަންތައްކުރި ކަމުގައި ވިޔަސް ހިތް އޭނަގެ ފަރާތަށް ލެނބިފާވަނީ އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ. ލޫސއާންގެވެސް އަންބެއް ހުރީބާވައޭ ހިތަށް އެރިއެވެ. އޭނަ ލަންކާގައި ދިރިއުޅެނީ އެހެންވީމަކަމަށް ވެދާނެއެވެ. ހިތާމައިގެ ވިލާގަނޑުގެ ކޮޅި އެންމެ ބާރުވާ ދުވަސްކޮޅުވެސް ދޭތެރެއަކުން އިރު ފެނިލާ ފަދައިން ލޫސިއާން އޭނަގެ ދުނިޔެއަށްވެސް އަލިކޮށްލާ ހިދުކޮޅަކަށް އުފާވެރިކަން ގެނެސްދެއެވެ. އެހެންވާންވީ ސަބަބެއް އަމީރާއަކަށް ނުވިސްނުނެވެ.

ލަންކާއިން ފުރުމުގެ ކުރިން ލޫސިއާން ދެކެލާހިތުން މެސެޖެއްކޮށްލަން އުޅެފައިވެސް އަމީރާ އެކަން ހަނދާންނައްތައިލިއެވެ. އޭނައާއި ގުޅިގެން ލޫސިއާންއަށް ލިބޭނީ ކެއްސެކެވެ. ލޫސިއާންއަށް އެފަދަ ބޮޑު ސަޒާއެއް ހައްގެއްނޫނެވެ. ކުރި ކުށުގެ އަދަބަކަށް އެވަރުގެ ބޮޑު އަދަބެއް ދޭކަށް އަމީރާގެ ހިތެއް ނޭދުނެވެ. އެއީ ކީއްވެބާވައެވެ. އަދިވެސް އެ ލޯބި ހިތުން ނުފިލަނީކަމަށް ވެދާނެއެވެ.

އާސާގެ ޚަބަރެއްނުވެ ދުވަހުގެ ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް ހެނާގެ ހާސްކަން އިތުރުވެ އާސާއަށް ގުޅަން މަސައްކަތްކުރިއެވެ. އާސާ ގެންގުޅޭ ބައްތި ފޯނު އޮންނަނީ ނިވާލާފައެވެ. އާސާ އުޅޭނެހެން ހީވާހާތަނެއް ހޯދުނެވެ. އިރުއޮއްސުމުން ހެނާވަކިން ކަންބޮޑުވިއެވެ. ފުލުހުންނަށް ގުޅަންވީބާވައެވެ. އޭރުން އާސާ ބަދުނާމުވެދާނެއެވެ. ގެއްލިގެން އުޅޭ އަންހެންކުދިންގެ ވަނަވަރު ނޫހުގައި ހާމަކުރުމަކީ އާއްމުކަމެކެވެ. ރެސްޓޯރެންޓުންވެސް ބުނީ އާސާ ނާންނަކަމުގައެވެ. އާސާ ސަލާމެއްވެސް ނުބުނެ ވަޒީފާއަށް ނައި ފުރަތަމަ ފަހަރެވެ. ނިދަން އެނދަށް އަރާފައި ހެނާއަށް އެންމެފަހުން ރޮވިއްޖެއެވެ.

"ޕްލީޒް އާސާ އާދޭ، ދެން ދުވަހަކު އެއްޗެކޭ ނުބުނާނަން، ހެޔޮ ކޮންމެކަމެއް ކުރިޔަސް، ތިހާ ރަގަޅު އެކުވެރި ކުއްޖެއް ދުވަހަކު ނުލިބޭނެ. ދުވަހަކު ކަމަކާއި މިގޮތަށް ގިލްޓީއެއްނުވޭ......" ހެނާއަށް އެރޭ އެންމެ ފަހަރަކުވެސް ލޮލު ފިޔަޖަހާލެވުނުކަމަކަށް ނުވިއެވެ. ދެވަނަދުވަސްވެސް ފާއިތުވެގެން ދިޔައީ އެހާ ހިތްދަތިގޮތަކަށެވެ. ހެނާއަށްވެސް ގެއިން ބޭރަށް ނުކުންނާނެހާ ހިތްވަރެއްވެސް ނުލިބުނެވެ. ސަކީނާ ޓީވީ ބަލަން ސޯފާގައި އިށީންގޮތަށް ދެލޯ ސްކްރީނުން ކައްސައެއްނުލައެވެ. ހެނާ ކޮޓަރިއަށް ވަދެފާ ފަޅުކަން އިހުސާސްވިއެވެ. އާސާ ދިޔައީ ކޮންތާކަށްހެއްޔެވެ؟ އޭނަ ދެން ވަކި ގުޅާނީ ކާކަށްބާވައެވެ. ޒޯހަންވެސް ބުނަނީ އާސާވީ ތަނެއް ނޭގޭކަމުގައެވެ. އެހެން ބުނިއިރު ޒޯހަން ހުރީ ކޮންމެވެސް ވަރަކަށް ރުންކުރުވެފައެވެ. ހެނާ ބިރުވެސް ގަތެވެ. ހަނދާންވީ ރާދްއާއި ކިޔާރާގެ މަތިންނެވެ. އާސާއަށް އެފަދަގޮތެއް ނުވުމަށް ދުޢާކުރެވުނެވެ. ކުށްވެރި އިހުސާސްތަކެއްގައި ގެނބެމުންދަނިކޮށް ކުއްލިއަކަށް މީހަކު އެނދުގައި އިށީންހެން ހީވެގެން ބަލައިލިއިރު އާސާއެވެ.

"އާސާ....." ހެނާ ފުންމައިގެން ތެދުވުނުގޮތަށް އާސާގެ އަތުގައި ބާރަކަށް ހިފަހައްޓާލަމުން އެތައް ސުވާލުތަކެއް އެއްފަހަރާ އޮއްސާލިއެވެ.

"މަންމަ މާ ބަލިވެގެން މަންމަކައިރީގައި ހުންނަން ޖެހުނީ....." އާސާ ހުރީ އުފާވެރި މޫޑެއްގައެވެ.

"އައިމް ސޮރީ އާސާ......" ހެނާ އެތައްފަހަރަކު މާފަށް އެދުމުން އާސާ ހޭންފެށިއެވެ. މާފަށް އެދުމާއި ޝުކުރުކުރުމަކީ އެކުވެރިންގެ ސިފައެއް ނޫންކަމުގައި ބުނެފާ އާސާ އެކަން ހަނދާނެއްނެތްކަމުގައި ބުނެލިއެވެ. އާސާ މާ ކުރިން މާފުކޮށްފިކަމަށާއި ހެނާއަކީ އެންމެ ގާތްއެކުވެރިޔާއަށް ވުމުން އެކަހަލަ ކަންތައްތަކުން ހިތް ނުބައިނުވާނެކަމުގެ ޔަގީންކަން ދިނެވެ. ހެނާ ހުރީ އިންތިހާއަށް އުފާވެފައެވެ. އާސާ އައުމުން ހުރިހާ ހިތާމަތަކެއްވެސް ހަނދާންނެތިއްޖެއެވެ.

ކޮންމެ ދުވަހަކު ދުވާލު އަވިދީފައި ވާރޭ ވެހިގަންނަނީ ރޭގަނޑަށެވެ. ގޭގެ ފެންތާގީ ހުސްވާތީ ހެނާ އެކަމާއި ކަންބޮޑުވެގެން އުޅޭކަން އާސާ ދަނެއެވެ. މަންމަމެން އައުމުން ފެންބަލާ ދާން އޭނައަށް ޖެހިދާނެއެވެ. އެވާހަކަދެއްކި ދުވަހު ހެނާ ނަމާދުކޮށްގެން އާސާ ނުފެނިގެން ހޯދިއިރު އޮތީ ފުރާޅު ސާފުކުރަން ފުރާޅަށް އަރާފައެވެ. އެއޮތް ބޯ ވާރޭއާއި ތެމިގެން އޭނަ މަޖާކޮށްފައި އުޅުމަށްފަހު ގެއަށްވަދެ ހެނާއާއިއެކު ކާން އައީ ހިކި އެއްޗެހިލައިގެންނެވެ. ހޫނު ސަޔާއި ރޮށްޓާއި ފިހުނު މަސްކާން ތިބީ ވަރަށް ގަޔާވެލާފައެވެ.

"އެކަމަކު އާސާ ކުޅަދާނަ އިނގޭ..." ހެނާ ހަދާންވެގެން ބުނެލިއެވެ.

"ބުޅާ އަރައިގެން ބައްޔެއްޖެހޭ ވާހަކަ ހެނާ ބުނީމެއްނު. އެހެންވެ ސާފުކޮށްފެން ނަގައިދިނީ. މިހާރު ގައިމު ތާގީގައި ހުންނާނީ ސަތޭކަ ޕަސެންޓް ބުޅަލުގެ އަސަރުނެތް ފެން......" އާސާ ހީގަތެވެ.

"ހައު ސްވީޓް. ތެންކިއު...." ހެނާވެސް އެއްލޯ މަރައިލިއެވެ.

"ހުރިހާ އެއްޗެއް ތިހެން އުޅެލާފައި ދަސްކުރައްޗޭ، އަދި ޔަގީން ފެން ނަގަން ފުރާޅަށްވެސް އަރާނެކަން. ފާރުމަތިންވެސް އަރާނެކަން. އެކަމަކު ޓޮމްބޯއިއެއްހެން އުޅުން މާރަގަޅެއްވެސް ނޫނޭ......." އާސާ ކައިނިމިގެން ތަށިތައް ދޮންނަންފެށިއެވެ. ކޮންމެރެއަކު މޭޒުސާފުކޮށް ތަށިތައް ނެގުމުގެ ޒިންމާއާއި އޭނަ ހަވާލުވެއެވެ. ގެހުންނަނީ އަބަދު ސާފުކޮށް ދެއިރު މޮޕްޖަހާފައެވެ. ފާޚާނާވެސް އާސާ ސާފުކޮށް ނިމޭއިރު އެތާތެރޭގައި ކާން އިންނަން މީހަކު ޖެހިލުމެއްނުވާނެއެވެ. ގެވެހިކަމާއި މުރާލިކަމުގައި އެފަދަ ކުއްޖެއް ހެނާ ނުދެކެއެވެ. ހެނާގެ ހިތް އެކަމަށް ތައުރީފުކުރިއެވެ. އާސާފާދަ އަންހެންކުއްޖަކަށްވާން ހެނާވެސް ބޭނުންވާންފެށިއެވެ. އަދި ހެނާ ޑިއުޓީގައި ހުރެފާ އައި ދުވަހަކު ހީވީ އާގެއަކަށް ވަދެވުނުހެންނެވެ. އާސާ އޮފް ނަގައިގެން ހުރެފާ ކުރީ މާ ވަރުގަދަ މަސައްކަތެކެވެ. ގެވަނީ އެހެން ކުލައަކުން ދަވާދުލައި ދޮރުފޮތިތަކާއި އެއްޗެހިވެސް ބަދަލުކޮށްލާފައެވެ. ވަރަށް ހިތްގައިމެވެ. މަންމަ އައިސްފާ އެކަމާ އުފާވާނެކަން ޔަގީނެވެ.

އާސާ ޑިއުޓީއަށް ދިޔުމުން ހެނާ ގޭގައި އެކަނިވިއެވެ. އިރުއޮއްސުމުން އެކަނިވެރިކަމާއި ބިރުވެރިކަން އޭނަ ވަށާލައިފިއެވެ. ބަގަރާ ސޫރަތް ޓީވީ ޗެނެލްއަކުން ކިޔަވާތީ އެކަމުގެ ސަބަބުން ރައްކާތެރިކަމެއް ލިބިފާވިނަމަވެސް ކޮންމެވެސް ވަރަކަށް އޭނަ ބިރުގަނެއެވެ. ކޮޓަރީގެ ދޮރުތައް ތަޅުލައިގެން ފޯނު ގެލެރީ ބަލަން އޮވެފާ ހޫނުވެގެން ފެންވަރާލިއެވެ. އެއަށްފަހު ނަމާދުކޮށްގެން އެނދުގައި ޖައްސާލުމުން އޭނައަށް ނިދުނުއިރެއްވެސް ނޭގުނެވެ. ހޭލެވިގެން ގަޑި ބަލައިލިއިރު ނުވައެއްޖަހަނީއެވެ. އޭރު ސަކީނާ ސިލްސިލާއެއް ބަލަން ބޭރުގައިއިން އަޑުއިވެއެވެ. ހެނާ ފޯނު ހުޅުވައިލައިގެން ބަލަން އޮވެފާ ކުއްލިއަކަށް ހަޅޭއްލަވައިގަނެވޭ ގޮތްވިއެވެ. އޭނަގެ ފޯނުގައި ހުރީ އޭނަ ފެންވަރައިގެން ތުވާލި އޮޅާލައިގެން ހުއްޓާ އެކިގޮތްގޮތަށް އޮތްވާ ނަގާފައި ހުރި ފޮޓޯތަކެވެ. ނެގި ގަޑިއާއި ތާރީޚުވެސް މިއޮތީއެވެ. އޭނަ ފެންވަރަން ވަނީވެސް ފޮޓޯތައް ބަލަން އޮވެފައެވެ.

"ގޯޑް. މިއީ ކިހިނެއްވީ ކަމެއްކަމެއްވެސް ވިސްނުމަކަށް ނާދޭ. އަމިއްލައަށް ސެލްފީ ނެގުމަކީ ކުރާކަމެއް. އެކަމަކު މިއަދު ފެންވަރަން ހުރެ ސެލްފީއެއްވެސް ނުނަގާކަން ޔަގީން. ދެން ކާކުތަ؟ މިގޭގައި އެއްވެސް މީހަކު މިވަގުތު އުޅެނީއެއްނޫން..." ހެނާހުރިހާ ދޮރުތަކާއި ކުޑަދޮރުތައް ޗެކްކުރުމަށްފަހު ބިރުވެރިކަން އިތުރުވިއެވެ. އޭނަ އަވަހަށް ބޭރަށް ނުކުމެފާ އާސާއަށް ގުޅުމުން އާސާ ފޯނުނެގިއެވެ. ހެނާ އެވާހަކަ ކިޔާދޭން އުޅެފާވެސް އެކަމެއް ނުކުރެވުނެވެ. އޭނަ ކިޔާދޭނީ އާސާއާއި ދިމާވީމައެވެ. ފޯނުންދެއްކިޔަސް އާސާ ގަބޫލެއް ނުކުރާނެއެވެ. ނޫނެކެވެ. ދިމާވެގެން ބުންޏަސް އާސާ ހީކުރާނީ ހެނާ ގަސްތުގައި ފެންވަރަން ހުރެ ސެލްފީތައް ނެގީކަމުގައެވެ. އަމީރާގެ މަތިން ހަނދާންވިއެވެ. އަމީރާއަށް އެފަދަ ރޫހާނީ ކަންތައް ފެނިގެން ހެނާގެ ކައިރީ ދެއްކުމުން ހެނާވެސް އޭރު ކުރީ އިއުތިރާޒެވެ. އެކޮޓަރިއަށް މީހަކު ވަދެ ގޯނާކުރީ ކަމުގައިވެސް ބުންޏެވެ. އެދުވަސް ފަހުން އަމީރާ ހިމޭންވިއެވެ. އެދުވަހު އޭނަވެސް އަމީރާއާއި އެއްބައި ނުވީއެވެ. އަމީރާ ކިހާ ދެރަވާނެހެއްޔެވެ؟ މިއަދު އޭނައަށް ޖެހިފައިމިވަނީ އެ ހާލެވެ. އޭނަގެ ވާހަކަތައް ގަބޫލުކުރެވޭނީ އެކަނި އަމީރާއަށެވެ. އޭނަ ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫންކަމާއި މިކަމުގެ އަޑީގައި ސިއްރުތަކެއްވާކަމަށް އަމީރާ އަށް ވިސްނޭނެއެވެ.

އާޒްގެ އަޑު އިވުނުހެން ހީވެގެން ހެނާ ދޮރު ހުޅުވައިލިއިރު ފެނުނީ މަންމަމެން ފޮށިތައް ގެއަށް ވައްދާތަނެވެ. އާސާއާއިއެކު އުޅުނު މަޖާ ދުވަސްކޮޅު ނިމުމަކަށް އަޔަސް ހިތަށް ހަމަޖެހުމެއް ލިބުނެވެ. އާޒް ވަރަށް ފޮނި ކަނޑާފައި ހެނާއަށް ލަންކާގެ ވާހަކަ ކިޔައިދޭން ފެށިއިރު އަމީރާވެސް ކޮޓަރިއަށް ވަދެއްޖެއެވެ. އަމީރާގެ މޫނު މިލާފައިވާއިރު ދެލޮލުން އެއްވެސް ކަހަލަ އުފާވެރިކަމެއް މަޖާކަމެއް ނުފެނެއެވެ. ރަށަށްއައި ފަހުން އެންމެންގެ މިޒާޖު ހާދަ ބަދަލުވެއްޖެއެވެ.

"ޓްރިޕް ކިހިނެއްތަ؟ " ހެނާ ސުވާލުކޮށްލިއެވެ.

"އައިމް ޓަޔަޑް. ނިދާލަން ބޭނުމީ...." އަމީރާ ބެކްޕެކް ތަޅުންމައްޗަށް އެއްލާލާފައި އެނދަށް ބަންޑުން ވެއްޓިގަތުމުން ހެނާ ކަންބޮޑުވެގެން އިތުރަށް އަހަން ބޭނުންވިއެވެ. ވެދާނެއެވެ. ދިގުދަތުރަކަށްފަހު މާ ބޮޑަށް ވަރުބަލިވީއެވެ. ނިދާފައި ތެދުވެ މީހާ ހަމަޔަކަށް އެޅުމުން އަމީރާ ހުރިހާ ވާހަކަތަކެއް ހިއްސާކުރާނެއެވެ. ހެނާ ބޭރަށް ނުކުތްއިރު މަންމަ އިނީ ގެއަށް ގެނެސްފައިވާ ބަދަލާއިމެދު ވަރަށް އުފާވެ ތައުރީފުކުރާށެވެ. ހެނާ ބުނީ އެއީ އާސާގެ ރަގަޅު ކަންކަމުގައެވެ. އާޒް އަޑުއަހަން ހުރެފައި ވަރަށް ހުތުރު އަންހެނެކޭ ބުނެލުމުން ހެނާ ކަޅިއަޅައިލިއެވެ. އެފަދަ ވަގުތެއްގައި މަންމަ އާޒްއާއި ދިމާލަށް އަޑުލާކަށް ނޫޅޭނެއެވެ. އެއީ މަންމަގެ ފަރާތުން އާޒް ދަސްކޮށްފައިވާ ނުބައި ސިފައެކެވެ. މީހުންނަށް ޣީބަ ބުނުމަކީ ބޮޑުހަރާމް ކަމެއްކަން މަންމަމެންނަކަށް ނޭގެނީބާވައެވެ. ނަޝީދު ހެނާއާއި ދިމާލަށް ނުބައިގޮތަކަށް ބަލައިލުމަށްފަހު ޓީވީ ބޭރަށް ގެނައި ކާކު ހުއްދަދީގެން ހެއްޔޭ ކިޔާފައި ސުވާލުކުރިއެވެ. އަދި އެދިޔަ ގޮތަށްގޮސް ޓީވީ ނިވާލާފައި ގުޅާފައި ހުރި ވާތައް ދަމަންފެށިއެވެ. ސަކީނާވެސް އިނީ ކަރު އެލުވާލައިގެންނެވެ.

"ފޫހިވާތީ ޓީވީ ބަލަންވެގެން އަމިއްލައަށް...." ހެނާ ޖަވާބުދިނެވެ.

"ކަލޭ މުނިފޫހިފިލުވާކަށް ގެނެސްފާ ހުރި ޓީވީއެއް ނޫނޭ އެއީ...." ނަޝީދު ވާހަކަދެއްކީ ހަރުކަށިކޮށެވެ.

ހެނާ ޚިޔާރުކުރީ ހިމޭންކަމެވެ. ބައްޕައެއްގެ މަގާމު ދެވިފައިވާ މީހަކާއި ޖަދަލުކުރުން ރަގަޅުކަމެއްގެ ގޮތުގައެއް ނުފެނުނެވެ. އަމިއްލައަށް ކުށްވެރިވެގެންވެސް އޭނަ އާސާ ސަލާމަތްކޮށްދީފިއެވެ. އެކަމާއި ފަޚުރުވެރިވުން ހައްގެވެ. އެހެން މީހުންގެ ދިފާއުގައި ތެދުވާނެ ހިތްވަރު އޭނައަށް މިއަދު ލިބިއްޖެއެވެ. އެވަގުތު ހެނާ ގަސްތުކުރީ މިފަދަ މީހުންގެ އަޅުވެތިކަމުން އަރައިގަނެ ގަދަރުހުރި މޮޅު އަންހެންކުއްޖަކަށް ކޮންމެވެސް ޒަމާނެއްގައި ވުމެވެ. އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވުނު ދުވަހަކުން އެހެން މީހުންނަށް ބަރޯސާނުވެ އަމިއްލައަށް ހުރިހާކަމެއްގެ އިޚުތިޔާރާއި ބާރު ލިބޭނެއެވެ.

ވާރޭގެ ބޯތިކިތައް އޮފީހުގެ ފުރާޅަށް ހަމަލާދޭ ބާރުއަޑު ކެބިންތެރޭ ގުގުމާލާފައިވެއެވެ. ކުޑަދޮރުތަކުގެ ބިއްލޫރިތައްވެސް ވަނީ ފުސްވެފައެވެ. އެންމެން އޮފީސް ނިންމާލާފައި ދާންފެށުމުންވެސް އަމީރާއިނީ އޭނަގެ މަސައްކަތްމުޅިން ނުނިމޭތީ ދާހިތްނުވެފައެވެ. އިރުކޮޅެއްވީއިރު ނިދިއަންނަ ގޮތްވުމުން ކުއްލިއަކަށް ކަމެއް ހަނދާންވެފައި ގޫގުލްކުރަން ފެށީ ޖިންނިން ނައްތާލާނެގޮތެކެވެ. ގެއްލިފާ އިންދާ ކުއްލިއަކަށް މީހަކުގެ ހިލަންވެހެން ހީވެގެން އިސްއުފުލާލާފައި ބެލުމާއިއެކު ފެނުނީ ރަފައެލް ކުރިމަތީގައި ހުރިތަކެވެ. ނޫކުލައިގެ ޖިންސަކާއިއެކު ކަޅުކުލައިގެ އަތްދިގު ގަމީހުގެ އަތުކުރި އޮޅާލާފައިވާއިރު ރީތިވަރަކަށް އިސްތަށި ފަޅާފައިވާ އަތްވަނީ ހާމައަށެވެ. ޓޭންވެފައިވާ މޫނުން ފެންނަން ހުރީ ހަރުކަމެވެ. އޭނަގެ އަތުގައި ހުރި ދެކޮފީތަށިން އެއްތަށި އަމީރާއަށް ދިއްކޮށްލުމުން އަމީރާ ރަކިވިއެވެ. ވެރިޔާ މިގޮތަށް އޭނައަށް ކޮފީ ގެނައުމަކީ އެދެވޭކަމެއް ނޫނެވެ.

"ކިހިނެއް ހާލު؟ "ރަފައެލް އަހައިލިއެވެ.

"އައިމް ފައިން..." އަމީރާ ލެޕް ލައްޕާލުމަށްފަހު ކޮފީގައި ރަހަބެލިއެވެ.

"އޮފީސް ތަޅުލާފައި އެންމެން ދާން އުޅުނުއިރު އެނގުނީ އަމީރާ އޮފީހުގައި އުޅޭކަން. ކުރީ ދުވަހު އަހަރެމެން ދެމީހުން ކޮފީއަކަށްދާން އުޅެފައި އެކަން ނުވެފައި މިއޮތީ. މިއަށްވުރެ ރަގަޅު ފުރުސަތެއް ނުލިބޭނެ. އެދުވަހު އަމީރާ ކިޔާދިން ވާހަކަތަކަށް ޖަވާބުދޭނަމޭ ބުނީމެއްނު ދޯ........" ރަފައެލް މޭޒުމަތީގައި ކުޑަގޮތަކަށް ޖައްސައިލިއެވެ. އޭރުވެސް ލޯ ހުއްޓިފާވަނީ އަމީރާގެ މޫނަށެވެ. އަމީރާ ބޯޖަހައިލިއެވެ. އޭނައާއި ރަފައެލް އެކަނި މި އޮފީހުގައި މިހާ ވިއްސާރައިގާ ތިބިކަން ހިތަށް އަރާފައި އަމީރާ އިނީ ހާސްވެފައެވެ. މިއީ ދީނީ ނަޒަރަކުން ބެލިޔަސް ރަގަޅުކަމެއްނޫނެވެ. އޭމޮންގެ ދުއްތުރާވެސް އެހާ ބޮޑުވާނެއެވެ. އެއާއިއެކު އޭނަގެ ހިތުގެ ވެރިޔާއާއި ދިމާވެ އެފަރާތަށް ހިތް ލެނބެން ފަށާފައިވަނީ އެހެން މީހެއްގެ ރީތިކަމަކުން ހިތަށް އަސަރުކުރާވަރަކަށް ވެސް ނޫނެވެ. ނަމަވެސް ރަފައެލްގެ ލޮލުގައި ހުންނަނީ އަންހެންކުދިން މަގުއޮޅުވާލާ ބާރެކެވެ. އެލޮލަށް ބަލައިފިއްޔާ މަގު އޮޅުވާލާނެއެވެ.

"އަމީރާ، ބުނީމެއްނު އަހަންނަކީ ބައްޕަގެ ވިޔަފާރީގެ ކަންތަކުގައި އުޅުނަސް އެހެން ޖޮބެއްގައި އުޅޭ މީހެކޭ، އަމީރާއަށް ސަޕްރައިޒެއް ލިބިދާނެ. ފަހަރެއްގައި. އަހަންނަކީ ސައިކޭޓްރިސްޓެއް..."ރަފައެލްގެ އެ ޖުމްލައިން އަމީރާގެ ދެލޯ ބޮޑުވިއެވެ.

"އާ ޔޫ އެ ޑޮކްޓަރ؟ "އަމީރާގެ ހިތުގައިވި ޝައުގުވެރިކަން އިތުރުވިއެވެ.

"އާނ. އަހަރެން އެންމެ ލޯބިވާ އެއް ފަރާތެއް ނަފްސާނީ ބަލީގެ ޝިކާރައަކަށްވުމުން މި ޕްރޮފެޝަން ޚިޔާރުކުރީ. މޮޔަ ނަބީލާގެ ގޮތުގައި މިރަށު މީހުން މަންމައަށް ނަން ދިނުމުން ވަރަށް ދެރަވި. އޭރުއްސުރެ އަޒުމަކަށްވީ ޑޮކްޓަރުކަން ކިޔަވަން. އެކަމަށްޓަކާ ދިމާވި ހުރިހާ ހުރަސްތައް ގިރާކުރުމަށްފަހު އެކަންތައް ހާސިލުކޮށްފައި މިވަނީ. އަމީރާއަށް އެހީވާން މިހާރު ހިތަށް އެރީ. ތިވެސް ބޮޑަށް ނަފްސާނީ މައްސަލައަކާއި ވައްތަރުވަނީ. މިސާލަކަށް ޖިންނިއަކު އަމީރާއަށް ގޯނާކޮށް ގައިގާ ވަކިއަޅާ އުދަގޫކޮށް ބެހެން މަސައްކަތްކުރެއޭ ދޯ. އެގޮތަށް އުޅެމުންގޮސް ގުޅުން ހިންގާ އެންމެފަހުން ދަރިއަކަށް ބަލިވެއިންކަމަށްވެސް ދައްކާނެ. އެކަމަކު ހަގީގަތުގައި އެއީ ޖިންނިންގެ ބާރުން ލޯ މައްޗަށް ދައްކާހާ ކަންތައް. ހެލުނިޝޭނަންސް. ރިއަލްކަމެއް ނޫން އެއީ. ބަނޑުބޮޑުހެން ހީވާއިރުވެސް ސްކޭންއަކުންވެސް ދަރިއަކު ނުފެންނާނެ. ކުއްލިއަކަށް ބަނޑުފުއްޕާފައި ދެން ދަރިން ލިބެނީޔޯ. އަމީރާ، އެއީ މުޅިންވެސް ޖިންނިން ލޮލަށް ދައްކާހާ ކަންތައް. އެކަމަކު އަމީރާއާއި ދިމާވެގެން އުޅެނީ ޖިންނިކަމެކޭ މަށެއް ނުބުނާނަން. ޓްރީޓްމެންޓް ނަގާލަނިކޮށް ރަގަޅުވާނެ. ކޮންމެދުވަހަކު އޮފީސް ނިމޭގަޑީގައި އަހަރެން ސައިކޯ ތެރަޕީ ދޭން އައިސްދާނަން...... " ރަފައެލް ދެއްކި ވާހަކަތަކުން އަމީރާގެ ހިތަށް ޔަގީންކަމެއް ލިއްބާދިނެވެ.

"އެކަމަކު އޭނަ ލަންކާއިންވެސް ދިމާވި. ހީ ރޭޕްޑް މީ..." އަމީރާގެ ދެލޯ ކަރުނުން ފުރުނެވެ.

"އެ ރޭ ކަންވީގޮތް ޑީޓެއިލްކޮށް ކިޔާދީފާނަންތަ؟" ރަފައެލް އެދުނެވެ.

އަމީރާ ތަފްސީލުކޮށް ކިޔާދިންއިންއިރު ދޭތެރެއިން ހުއްޓާލަން މަޖުބޫރުވިއެވެ. އޭނަ އެހެން މީހަކާއި ރައްޓެހިވިޔަސް އޭމޮންގެ ބިރު އެމީހަކަށް އޮންނާނެކަމަށްވެސް ބުނިއިރު އަމީރާ ހަނދާންކުރީ ލޫސިއަންގެ މަތިންނެވެ. ރަފައެލް އޯގާތެރިކަން އަމީރާއަށް ލިބުނު ހިތްވަރަކަށްވިއެވެ.

"އޯލްރައިޓް. އެކަމަކު އަހަންނަށް ހީވަނީ އެވެސް ލޮލަށް ދައްކުވާލި މަންޒަރެއްހެން. އަމީރާއަށް އިހުސާސްކުރެވޭނެއްނު އެފަހުންވެސް ހަށިގަނޑަށް ބަދަލެއްއައިއްޔާ. އަމިއްލައަށް ނޭގެންޏާ ދެން ގައިނީއަކަށް ދައްކާލާ، އައިމް ޝުއަރ އަދިވެސް އަމީރާ ވާނީ އަންޓަޗްޑް ކުއްޖަކަށް..." ރަފައެލްގެ ޖުމްލައިން އަމީރާގެ މޫނަށް ރަތުގެ ހުރިހާ ކުލައެއްވެރިވެ މޫނު އަނދަންފެށިއެވެ. ލަދުންގޮސް ކިޔާނެ އެއްޗެއްވެސް ނޭގުނެވެ. ނަފްސާނީ ޑޮކްޓަރުންގެ ވިސްނުން ހުންނާނީ އެފަދަގޮތަކަށެވެ.

"ސަރ ޖިންނިން އުޅޭކަމަކަށް ގަބޫލުނުކުރަނީތޯ....." އަމީރާ ރަކި ހިންޏަކާއިއެކު އަހައިލިއެވެ.

"ގަބޫލުކުރަން. އެވެސް އުޅޭބަޔެއް. އަދި ޖިންނި އަވަލިޔަސް އަހަންނަށް ފަރުވާދެވޭނެކަމަށް ގަބޫލުކުރަން، އެޓްލީސްޓް ކައުންސެލިން ދެވޭނެއްނު ދޯ. ހޫމް ދެން ބުނެބަލަ. އޭނަ ކޮންކަމެއް ބޭނުންވެގެން އެއުޅެނީ؟ އޭނަ ކީއްވެގެންނޯ އަމީރާއާއި ބެހެންވީ؟ އޮޅިގެން އޮށެއް އެއްލީމަ ޖިންނިއެއްގެ ދަރިއެއްގެ ގައިގާ ޖެހި މަރުވީމަ ބަދަލުހިފަން ނުކުމެ އުޅެނީތަ؟ އަސްލު އެމީހުން ވަރަށް ސްޓުޕިޑްވާނެ. ކުޑަކުޑަ ކަމަކާއި ހެދިވެސް ރިވެންޖް ނަގަން އުޅެދާނެ......" ރަފައެލްގެ ވާހަކަތަކުން އަމީރާ ހިނިއައެވެ. އިރުއޮއްސޭގަޑި ކައިރިވާތީ އޭނަ ކަންބޮޑުވިއެވެ. އޭމޮންއަށް އޭނަ ހުރިހާ ވާހަކައެއް ރަފައެލްއާއި ހިއްސާކުރިކަން އެނގިއްޖެއްޔާ ދެން ވާނީ ކިހިނެއްހެއްޔެވެ؟

ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އަމީރާ ރަފައެލްއާއި އެކީ ކޮފީ ބޮއި ވާހަކަދައްކާލަން ފުދޭވަރަކަށް ގިނައިރުވާންދެން އިނެވެ. ރަފައެލް ވިސްނައިދިނީ ނަމާދުކޮށްގެން ސަލަވާތްކިޔަވާ ދުޢާކުރުމަށެވެ. ގިނަގިނައިން ރަގަޅުކަންތައް ކުރުމުން ޖިންނިންގެ އުދަގޫތައް ކުޑަވާނެކަމުގައެވެ. އަދި ކަންތައްތަކާއި ނުވިސްނާ ޕޮޒިޓިވްކޮށް ހުރުމަށް ބާރުއެޅިއެވެ. އަމީރާގެ ހިތަށް ބަޔާންނުކުރެވޭފަދަ ފިނިކަމެއްލިބި ހިތްހަމަޖެހިއްޖެއެވެ. ގެއަށް އައި މަގުމަތީގައި އަމީރާ ހަނދާންވީ ލޫސިއާންގެ މަންމަވެސް ބަލިވެގެން ލަންކާގެ މެންޓަލް ހޮސްޕިޓަލެއްގައި އޮތްވާހަކަ އޭނަ ބުނި ކަމެވެ. ރަފައެލްއާއި ލޫސިއާންގެ ގުޅުމެއްވެދާނެ ހެއްޔެވެ؟ ލޫސިއާންގެ މަންމަގެ ނަން އޭނައަށްވަނީ އަހާނުލެވިފައެވެ. ލޫސިއާންގެ މަންމައަކީވެސް އެމޮޔަ ނަބީލާއަށް ވެދާނެ ބާވައެވެ.

މޮޔަ ނަބީލާގެ ނަން އިވުމުން ސިކުނޑިއަށް ކޮންމެވެސް ކަހަލަ އުދަގުލެއްވިއެވެ. ކޮންމެވެސް ތަނަކުން އަޑުއަހާ ނަމެއްހެން ހީވިއެވެ. އެއީ ކާކުބާވައެވެ. ސިކުނޑިއަށް ބާރުލާން ފެށުމުން ބޮލުގައި ރިއްސައިލިއެވެ. އޭރު ރަފައެލް އިނީ އޭނަގެ މޫނަށް ބަލަހައްޓައިގެންނެވެ.

"މާ ބޮޑަށް ނުވިސްނާ. އައިޑިއާއެއް ދެންތަ؟ އޭމޮންއަކީ ޖިންނިއެއްކަން ޔަގީންކުރަން ހަދާނެގޮތެއް ބުނެފާނަން. އޭނައޮތީ ތްރެޓްކޮށްފައެއްނު އަމީރާ މީހަކާއި ރައްޓެހިވިޔަނުދޭން. ދެން އަހަރެންގެ ގާލްފްރެންޑަށް ވާންވީނު. އޭރުން ތިބުނާ އޭމޮން އަހަންނާއި ދިމާކުރަން އަންނާނެތާ. އަހަރެން މިހިރީ އެރިސްކް ނަގަން ތައްޔާރަށް. ޓްރަސްޓް މީ. ޖިންނިއަކަށް އަހަންނަށް އެއްވެސް ގެއްލުމެއް ނުދެވޭނެ. އެއަށްވުރެ ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްލައިގެން މިހިރީ. އެއްބަސްތަ؟ " ރަފައެލް ކުޑަކޮށް ހީލުމަށްފަހު ކޮފީ ޖޯޑު މޭޒުމަތީގައި ބަހައްޓާފައި ތެދުވެއްޖެއެވެ.

"އޯކޭ...." އަމީރާ ވަގުތުން އެއްބަސްވިއެވެ. ރަފައެލްއަކީ ފަންޑިތަވެރިއެކޭ އަމީރާގެ ހިތަށް އެރިއެވެ. ނަފްސާނީ ޑޮކްޓަރަކަށްވެސް ފަންޑިތަ ހަދަން އެނގިދާނެއެވެ. ރަފައެލްގެ އާއިލާއަކީ އެފަދަ އާއިލާއަކުން އައިސްފައިވާ ޒުވާނެއް ކަމަށްވެސް ވެދާނެއެވެ.

"މިރޭ ޑިނަރއަކަށް ދާނީ ދޯ......."ރަފައެލް ގަޑިއާއި ތަން ބުނުމުން އަމީރާގެ ތުންފަތް މައްޗަށް ހުވަފެނީ ހިނިތުންވުމެއް ވެރިވިއެވެ. ލޫސިއާންއަށް ގެއްލުމެއްވެދާނެކަމުގެ ބިރުން އޭނަ އާއި ދުރުވިނަމަވެސް ނަމެއްގައި ރަފައެލް ލޯބިވެރިޔެއްގެ ގޮތުގައި ބެހެއްޓިދާނެއެވެ. އޭރުން އޭމޮން ނަރުގަނޑުގައިޖެހި އަލިފާންވެގެން ކުރާނެ މާބޮޑުކަމެއް ނޯންނާނެއެވެ. އެވަގުތު އަމީރާ އެއްގޮތަކަށްވެސް އާއިލާގެ މަތިންވެސް ހަނދާނެއްނުވިއެވެ. ވާރޭއޮހެން ފެށުމުގެ ކުރިން ގެއަށް ދާންވެގެން އަމީރާ އޭނަގެ އެއްޗެހިތައް ދަބަހަށް ލައިގެން ބޭރަށް ނުކުތެވެ. ފިނިވައިރޯޅިތައް ދިޔައީ ބާރުވަމުންނެވެ. ކޮންމެ އިރެއްގައިވެސް ވެހެން ފަށާފާނެއެވެ. ހޫނު ބަޖިޔާ ކާހިތްވެފައި ހުރިލެއް ބޮޑުކަމުން ފިހާރައަކަށް ވަދެލާފައި ބަޖިޔާ ގަނެގެން ގެއަށް އައިއިރު މަންމަމެންވެސް އުޅެނީ ކާކޮޓަރީގައެވެ. ނުދަންނަ އަންހެނަކު ހުރުމުން އޮޅުން ފިލުވައިލިއިރު އެއީ މައިކަލްގެ މަންމަ މޫމިނާއެވެ. އެންމެފަހުން މަންމައާއި މޫމިނާގެ ގުޅުން ބަދަހިވާންފެށީއެވެ.

މައިކަލް އޭނަގެ މަންމަ ގޮވައިގެން ދިޔައީ ރޭގަނޑު ކެއުމަށްފަހުގައެވެ. މޫމިނާ ދިޔުމުން އަމީރާ މޭޒުމަތިން ތަށިތައް ނަގަން ހުއްޓާ މަންމަ ދުފަމުން އައިސް ވަންއިރު ހުރީ މާވަރަކަށް ހިނިއައިސްފައެވެ.

"މައިކަލް ބޭނުންވަނީ ވީހާވެސް އަވަހަށް ކައިވެނިކުރަން. ދައްތަ ބޭނުން ދުނިޔޭގައި ހުއްޓާ މާމަ ކިޔާ ދަރިއެއް ލިބެން. މައިކަލް އޭނަގެ މަންމަދެކެ ވަރަށް ލޯބިވާނެ. މަންމައަށްޓަކާ ގުރުބާންވާ ފިރިހެން ދަރިން ވަރަށް ނުފެނޭ، އަދި އެގެވެސް ކިހާ ބޮޑު. ދައްތަބުނި މައިކަލްގެ ބޭންކް އެކައުންޓުގައި މިލިއަނުން ފައިސާހުރި ވާހަކަ. އަމީރާވެސް ތިހިރީ މީހަކާއި އިންނަވަރުވެފައި، މައިކަލް އެހާ ބޭނުންވާއިރު ދެން ކައިވެނި ވީހާވެސް އަވަސްކޮށްލަންވީ. މައިކަލް ބުނި އަމީރާ ނޫނީ ހެނާވެސް ރަގަޅުވާނެއޭ...................." ރޮޒާލިއާ ގޮނޑިއެއް ދަމާލައިގެން އިށީނެވެ.

ދޮރުފަތުގެ ނިވަލުގައި އެއަޑުއަހަން ހުރި ހެނާގެ ހިތް ހުއްޓުނުކަމުގެ އިހުސާސްކުރެވުނެވެ. އަމީރާ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ އަމީރާ ނޫނެކޭ ބުނެފިއްޔާ އޭނައަށް މަންމަ ކުރާނެ މަޖުބޫރީ ހިތަށް އަރާފައި ދެފައިގާ ކޮޅަށް ހުންނާނެ ހަކަތަނެތި ނުބައި ގޮތެއްވެއްޖެއެވެ.

ކޮމެންޓް 0