"ކޮން ލޫސިއާންއަކަށް ގޮވާކަށްތަ؟ އެކަލޭގެއަކަށް ދެނެއް ނާދެވޭނެ. އަޔަސް ދުރުގައި ކުޅިބަލަން ހުންނަން ޖެހޭނީ. ރައްކާތެރިވާން މިހިރީ ތަވީދެއް އަޅާފައި. ވީއިރު އަނގަ މަޑުން ލައިގެން ހުރޭ. އޭނައަކަށްވުރެ އަހަރެންވެސް ހަޑިއެއްނުވާނެ. ދެރައެއްވެސް ނުވާނެ. ބާރުވެސް ހުންނާނެ........" ނަޝީދު ލަދެއްނުގަނެ އަމީރާ އެ އަކިރި ބިންގަނޑުމައްޗަށް ވައްޓާލާފައި ގައިމައްޗަށް ޖެހިގަތެވެ. އެބާރުގަދަ އަތުގެ ތެރެއިން ބަލިކަށި އަންހެންކުއްޖަކު ސަލާމަތްވާނީ ކިހިނެއްހެއްޔެވެ؟
"އަހަންނަށްވަނީ ހުރިހާކަމެއް އެނގިފައި. ނަބީލާގެ ޖިންނިދަރިއަކާއި އިނދެގެން މާ މޮޅެއްވާނެކަމަށް ހީކުރީ. އެންމެފަހުން ނުހުރެވިގެން ގެއަށް އައީ މަގޭ ގާތަށް އަނބުރާ އަންނަން ޖެހުނީ..........." ނަޝީދު ކީ އެއްޗެއް އަމީރާއަކަށް އެހާ ފަހުމެއް ނުވިއެވެ. އޭރުވެސް ސިކުނޑީގައިވަނީ އެންމެ ނަމެވެ. ލޫސިއާންއެވެ. ލޫސިއާން އޭނަ ސަލާމަތްކޮށްދޭން އަންނާނެއެވެ. ލޫސިއާން ދުނިޔޭގައި ހުރެއްޖެއްޔާ އޭނަ އަންނާނެއެވެ. ކޮންމެ ތާކު ހުއްޓަސް އޭނަގެ ހާލު ބަލައިލާނެއެވެ. ނަޝީދުގެ މުޑުދާރު ދެއަތުން އޭނަގެ ގަޔަށް އަތް ފޯރުކުރަމުން އެކުރެވުނު ނުބައި އިހުސާސްތައް ބަޔާންކުރުމަކީ އަމީރާއަށްވެސް ކުޅަދާނަކަމެއް ނޫނެވެ. ނަފުސް ނުސާފުވަމުން ދިޔަހެން ހީވިއެވެ. ނަމަވެސް ނަޝީދުގެ މުޑުދާރު ބޭނުން ހާސިލު ނުކުރެވެނީސް ކުއްލިއަކަށް ދާދި ކައިރިން ފެނުނު މޫނަކުން އަމީރާގެ ހުރިހާ ބިރަކާއި އުދާހެއް ފިލާ ލޫސިއާންގެ ނަމުން ގޮވައިލެވުނެވެ. ލޫސިއާންގެ ދެލޯ އޭރު އަނގުރު އަލިފާންކޮޅެއް ފަދައެވެ. ދެލޯ ދިއްލިގެން ދިޔުމާއިއެކު އޭނަ ނަޝީދުގެ ކަރުގައި އޮތް ފަށަށް ދަމައިގަތެވެ. އެއާއިއެކު ލޫސިއާންގެ އަތުން ދުން އަރާ ހަމަ ހުޅު ހިފާނެހެން ހީވެ އަމީރާއަށް ރޮއިގަނެވުނެވެ.
"ލެން......ކިހިނެއް ލެންއަށް ތިވަނީ......." އަމީރާ އޮތީ ނަޝީދުގެ ހަށިގަނޑުގެ ބުރަދަނުގެ ސަބަބުން ނުތެދުވެވިފައެވެ. ލޫސިއާން ތަވީދު ދުރަށް އެއްލައިލުމުންވެސް އެއަތް ހުރީ ފިހިފައި ކަހަލަ ގޮތަކަށެވެ. ލޫސިއާން ދެން އެނބުރިލާފައި ނަޝީދުގެ ކަރުގައި ހިފާ ވައިގެ ތެރެއަށް އުފުލައިލިގޮތަށް މާދުރަށް ނަގާ އެއްލައިލީ ކުޑަ ކުނިކޮޅެއްހެންނެވެ. އަމީރާ ފުންމައިގެން ތެދުވިގޮތަށް އޭނައަށްގޮސް ވަދެވުނީ ލޫސިއާންގެ ފުރަގަހަށެވެ. ނަޝީދު ޖެހުނު ގޮތަށް ނޭފަތުން ލޭއަންނަން ފެށިގޮތަށް ކުކުރަންފެށިއެވެ.
"ނޫން ނޫން. ލެންއަތުން އޭނަ މަރުވެދާނެ. ރުޅިމަޑުކުރޭ ޕްލީޒް......" އަމީރާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
"އިނަފް އަމީރާ އިނަފް. އޭނަގެ ދިފާޢުގައި އަދި ވާހަކަ ދައްކަން އެބައުޅޭ. އަހަރެން ނައިނަމަ އޭނަ ކުރަން އުޅުނުކަމެއް ނޭގޭތަ؟........." ލޫސިއާން އަމީރާވެސް ދުރަށް ޖައްސައިލާފައި ދެވަނަފަހަރަށްވެސް ނަޝީދުއާއި ދިމާލަށް ދިޔައީ ވިދާލި ވިދުވަރެއްފަދައިންނެވެ. ލޯ މަތިން ގެއްލިފައި ފެނުނުއިރު އެދެލޯވެސް ދިއްލުނެވެ. އަދި މަޑުމަޑުންގޮސް އޭމޮންގެ ސިފައަށް ބަދަލުވީތަން ފެނުނު ނަޝީދުވެސް ދެލޯ ބޮޑުކޮށްލިއިރު ދެލޮލުގައިވަނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ.
"ކަލޭ އަމީރާގެ ގައިގާ އަތްލީ ކީއްވެތަ؟ އޭނ ބުނެބަލަ. ކަލޭގެ ހައްގަކަށް ނުވާހިދު ޖެހޭތަ އަމީރާގެ ގައިގާ އިނގިލިކުރި ޖައްސާލަންވެސް. ކަލޭގެ ކަންތައްތަކާއި އަޅާނުލާ ނުފެންނަ ކަމަށް ހަދައިގެން ވަރަށް ގިނަ ދުވަހު ކެތްކުރެވިއްޖެ. އިންޒާރުދިނީމަވެސް ހިތަކަށް އެއްޗެއް ނޭރި. ބަލަ މަގޭ އަންހެނުންނޭ އެއީ. ލަދުކުޑަ މީހާ އަދި އެކުއްޖާގެ ބައްޕަގެ މަގާމުގައި ހުރެ ގަޔަށް އަރައިގަންނަން ތިއުޅުނީ؟ " ލޫސިއާންގެ ބަރު އަޑު އެތަނުގައި ގުގުމާލާފައިވެއެވެ. ވަށައިގެންވާ ހިސާބަށް ތޫފާނެއްއައިފަދަ ގޮތަކަށް ވައި ބާރުވެލިއެވެ. ލޫސިއާންގެ ދިގު އިސްތަށިގަނޑުވެސް ވަޔާ ވިހުރިގަތެވެ. އަމީރާއަށް ލޫސިއާންގެ ރުޅިވެރިކަން ފެނުމުން އެގޮތުގައި ހުރެ ނަޝީދުގެ ފުރާނަ ދުއްވާލަންވެސް ފަސްނުޖެހޭނެކަން އެނގިހުރެ ކައިރިވެލިއެވެ. ދުވަމުން ދުވަމުން އައިގޮތަށް ލޫސިއާންގެ އަތުގެ ވަރުގަދަ މުލައްދަނޑީގައި ހިފެހެއްޓިއެވެ.
"ލެން. ރިގެރްޓްކުރާވަރުގެ ކަމެއް ނުކޮށް ހިގާ. މިތަނުން ދުރަށް ހިނގާ. ޕްލީޒް ލެން ތިހާ ރުޅިގަދަވާކަށް ނުވާނެ. ހަމަޖެހިބަލަ ނިކަން. މާތް ﷲގެ އިރާދަފުޅުން އޭނަ ކުރަން އުޅުނު ކަމެއް ކާމިޔާބެއްނުވި........." އަމީރާ ކުރިއަށް ޖެހިލާފައި ލޫސިއާންގެ ގައިގާ ދެއަތުން ބައްދައިގަތެވެ.
ނަޝީދު ލިބުނު ދަނޑިވަޅު ބަލާލާފައި ތެދުވެގެން ހިނގައިގަންނަން އުޅުމުން އަނގަވަތަށް ޗަކަ ފެންގަޑުގެ ތެރެއަށް ވެއްޓުމުން ބިންމަތީގައި ދެމެމުން ފިރުކެމުން ދާން މަސައްކަތްކުރިއެވެ. ލޫސިއާން ނުބައިގޮތަކަށް ހީގަތްއިރު އެއަޑުގައިވަނީ އެހާ މީހަކު ބިރުން ހަލާކުވާފަދަ ގޮތެކެވެ. ޝައިތާނީ ހުނުމުގެ ސަބަބުން އަމީރާއަށް މިފަހަރު ބިރުވެރިކަމެއް އިހުސާސްނުކުރެވުނަސް ނަޝީދު ބިރުން ފިތްކަނޑައިގެންދާވަރުވިއެވެ. ލޫސިއާންއަކީ ޖިންނި ބައްޕައަކަށް ލިބިފައިވާ ދަރިއެއްކަން އެނގުނަސް އަދި މިގޮތަށް ސިފަ ބަދަލުކޮށް ނުބައި ނުލަފާކަމާއިއެކުގައި ބައްދަލުކުރާނެކަމަކަށް އޭނަ ހީކޮށްފައެއްވެސް ނެތެވެ. ނަފްސާނީ ޑޮކްޓަރަކަށްވުމުން އޭނަގެ އަގީދާ ބަލިކަށިވެ ޖިންނިން އުޅޭކަމަށް އިންކާރުކުރާ ހިސާބަށްވެސް ދިޔައެވެ. ކޮންމެ ކަމެއް އޭރު އޭނަ ގުޅުވަން އުޅުނީ ނަފްސާނީ ކަމަކާއިއެވެ. ހެލުސިނޭޝަންގެ ސަބަބުން މީހުންނަސް ނޫޅޭ އެއްޗެހި ފެނި ވާހަދައްކާ އަޑު އިވެނީކަމުގައި އޭނަ ޔަގީންކުރިއެވެ. ގަބޫލުކުރެވުނީ ލޮލަށްފެނުމުންނެވެ.
"އެމީ ގެއަށް ދޭ. އަހަރެން ބޭނުމެއްނޫން މިމަންޒަރު އެމީއަށް ފެންނާކަށް. އަޑުއިވޭތަ؟ ހަމަ މިހާރު ދޭ........" ލޫސިއާން އަމުރުވެރިގޮތަކަށް އަމީރާއާއިވެސް މުޚާތަބުކުރިއެވެ.
"ނޫން ލެން. އަހަރެން ފޮނުވާލާފައި ގޯސްކަމެއް ކުރަން ނޫޅޭ. ޕްލީޒް ދެން ހިނގާ މިހާރު ކުރެވުނު ވަރު ކުޑައެއް ނޫން.............."އަމީރާ ނަޝީދުދެކެ ކިތަންމެ ނަފްރަތުކުރިޔަސް އޭނައަށް ލޫސިއާން އަނިޔާކޮށް ފުރާނައަށް ނުރައްކާވާވަރު ކުރާކަށް އަމީރާ ނޭދެއެވެ. އެވެސް އޭނަގެ ސަބަބުންނެވެ. ކޮންމެގޮތެއްވިޔަސް އެއީ އާޒްގެވެސް ބައްޕައެވެ. ނަޝީދުނެތިއްޔާ އާޒް ނިކަމެތިވާނެއެވެ.
"އައިމް ސޮރީ ބޭބީ......" ލޫސިއާން އަމީރާއާއި ދިމާލަށް ލޯބީގެ ނަޒަރަކުން ބަލައިލުމަށްފަހު ނަޝީދު ބިންމަތިން ނަގާ އޭނަގެ ކޮންމެ އިނގިއްޔެއް ވަކިވަކިން އިދިފުށަށް ލަންބާ ބިންދަންފެށިއެވެ. ނަޝީދުގެ އަޑު މުޅި ފަޒާގައި އެއް އަޑަކަށް ގުގުމާފައިވިއިރު އެއަޑުގައި ވޭން އެކުލެވެއެވެ. ލޫސިއާންގެ ރަހުމެއްނެތްކަމާއި އަނިޔާވެރިކަން ފެނި ހިތް ރޫރޫއަޅަންފެށުމާއިއެކު ހިތަށް އިންތިހާ ދަރަޖައިގެ ބިރުވެރިކަން އިހުސާސްކުރެވުނެވެ، އޭނަ ލޫސިއާންއަށް އާދޭސްކުރަންފެށިއެވެ.
"ހެޔޮނުވާނެ. އަހަރެން ދޫކޮށްލާ. އަމީރާއާއި ދިމާލަށް ދެން ބަލާވެސް ނުލާނަން. ﷲއަށްޓަކާ ރަހުމްކުރޭ......" ނަޝީދުގެ އަޑުގައިވަނީ އާދޭހެވެ.
"ކަލެއަށް ޗާންސްދިނިން. ކަލޭގެ ނުބައިކަން އެތައް އަންހެންކުދިންނެއްވަނީ ދެކެފާ. ކިތަންމެ މޮޔަ ބަލި އަންހެންކުދިންނަށް ބޭސްދީގެން އެކުދިންގެ މައިންބަފައިންގެ އިތުބާރުގެ ނާޖާއިޒުފައިދާ ނަގައިގެން އެކުދިންގެ އިއްފަތްތެރިކަމަށް އަރައިގަތް. އަދި ޑިޕްރެޝަންއަށް ބޭސްކުރުވި ކުއްޖަކު ރޭޕްކުރުމުން އޭނަ އެކަން ބޭޒާރުކޮށްލަން އުޅުނީމަ އެކުއްޖާގެ ގަޔަށް އިންޖެކްޝަނެއް ޖަހައިގެން މަރައިލީވެސް ކަލޭ. އޭރު ކަލޭގެ ހިތުގައި ރަހުމާއި ހަމްދަރުދީގެ ކަންފުޅެއްވިތަ؟ އެތައްކުދިންނެއްގެ އުފާ ހޯދައިގެންވެސް ކަލެއަށް އަހަރެންގެ މިލްކަކަށް އަރައިނުގަނެ ނުހުރެވުނު. އެކުއްޖާގެ ގައިގާ ކަލޭގެ އިނގިލިކުރި ބީހިލާކަށްވެސް މިހިތެއް ނޭދޭ. އެކަމުގެ ސަޒާ މިއަދު ކަލެއަށް ދޭނަން. ކަލޭގެ ފުރާނަވެސް ރޮއިގަންނަވަރުކުރާނަން. މިދުލުން އަމީރާއަށް ދިން އިންޒާރު ދެވަނަފަހަރަށް ދޭކަށް މި ދޫވެސް ނުބަހައްޓާނަން......." ލޫސިއާން ނަޝީދުގެ އަނގައިގެ ތެރެއަށް އެ ދިގުވަކިތައް ހުރި އިނގިލިތައް ކޮށްޕާލިގޮތަށް ނަޝީދުގެ ދޫ ދަމައިގަތްތަން ފެނި އަމީރާގެ ހެޔަށް ގޮތެއްވާން އުޅުނެވެ. އަނގަމަތީގައި އަތްއެޅިގޮތަށް ހަޅޭއްލަވައިގަންނަން އުޅުނީމަ ކަރުތެރެއިން އަޑުބޭރެއްވެސް ނުވިއެވެ. ލޫސިއާން މިހާ އަނިޔާވެރީހެއްޔެވެ؟ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނަހަދައްވަނީހެއްޔެވެ؟ އިންސާނެއްގެވެސް ދަރިއެކެވެ.
ނަޝީދުގެ އަނގައިން ލޭފައިބަމުން ދިޔައިރު އަތުގެ އިޝާރާތުންވެސް އޭނަ އާދޭސްކުރިއެވެ. ލޫސިއާންގެ ފައިބުޑަށް ވެއްޓި ނަޝީދު ރޯންފެށިއެވެ. އެއީ ނަޝީދު ފަދަ ބޮޑާ ފޮނިމީހެއްގެ ފަރާތުން ދެކެން އެއްވެސް މީހަކު އުއްމީދުކުރާނެ ޒާތުގެ މަންޒަރެއްނޫނެވެ. އެހާވެސް މިއަދު އޭނަ ނިކަމެތި ބަލިކަށިމީހަކަށްވެއްޖެއެވެ. އަހުވަ ދައްކާ އެތައް އަންހެންކުދިންނެއްގެ ދިރިއުޅުން ބަރުބާދުކުރިމީހާ މިއަދުވަނީ ލޫސިއާންގެ ފައި ބުޑުގައެވެ. ލޫސިއާން ހުރީ ނުބައި ޒާތަކަށް ހިނިއައިސްފައެވެ.
"މިހާރު ކަލެއަށް އެއްޗެއް ވިސްނިއްޖެތަ؟ ތިމާވަރުގެ މޮޅުމީހެއްކަމަށް ހެދިގެން ކިބުރުވެރިވީއިރު ހެއްދެވިފަރާތްމަތިން ހަނދާނެއްނުވި. މިއަދު އެނގޭނެ އަބަދަށްޓަކާ ބޮޑާކަން މަތީގައި ދުނިޔޭގައި ނުހުރެވޭނެކަން. ކަލެއަށް ދީނުގައިވެސް އޮތީ މަރުގެ ސަޒާ. ޖަލަށްލައިގެން އެތައް އަންހެންކުދިންނަކަށް ޖަސްޓިސްއެއް ނުލިބޭނެ. މިތަނުގައި އޮންނާނީ އެހުކުމް. ޖަލަށް ލުން. އެކަމަކު ވިކްޓިމްސްއިންނަކަށް އެކުދިންގެ ހައްގު ގެއްލޭނެ ކަލޭ ދުނިޔޭގައި ބަހައްޓައިފިއްޔާ. އަދި މަގޭ އަންހެނުންނާއި ދެވަނަ ފަހަރަށް ނުބެހޭނެކަމުގެ ޔަގީންކަމެއްވެސް މަށަކަށްނެތް. ވީއިރު އެކަމުގެ ސަޒާ މިއީ.........." ލޫސިއާން ނަޝީދު އަތުކޮޅަށް އުފުލާލިއިރު އޭނަ އަމީރާއާއި ދިމާލަށް އާދޭހުގެ ނަޒަރަކުން ބަލަން އޮވެ ދެއަތާއި ދެފައި ހޫރަމުން އެދުނީ ސަލާމަތްކޮށްދިނުމަށެވެ. އެފަދަ ފުރުސަތެއް ލޫސިއަން ނުދިނެވެ. އަމީރާއަށް ބަހެއް ބުނެލާނެ ފުރުސަތެއްވެސް ނުދީ އޭނަ ވައިގެ ތެރެއަށް ހޫރައިލިގޮތަށް ގަސްތަކަށްވުރެ މައްޗަށް އަރާފައި ތިރިވިގޮތަށް ބިންމަތީގައި ޖެހުމާއިއެކު އެހެން ލާފައި އައިކާރެއްވެސް އަރާހަމަވީއެވެ. އެކާރުގެ ފުރޮޅުތަކުގެ ދަށުގައިވެސް އެހަށިގަނޑު ބުރިވެގެން ހަށިގަނޑުގެ މަތީބައި ތަންކޮޅެއް ދުރުގައި ޖެހުނުއިރުވެސް އަދި ނަޝީދުގެ ހޭ ހުއްޓެވެ. ތިމާގެ ހަށިގަނޑު ދެބުރިވެ ހަޔާތުގެ އެންމެ ފަހުގެ ސިކުންތުތައްކަން އެނގުނުއިރު ނަޝީދުގެ ދެލޮލުން ކަރުނަ އައުމާއިއެކު ބިރުވެރިކަން ވަށައިލިއެވެ.
އޭރު އެތައް ބަޔަކު އެހިސާބަށް އެއްވެއްޖެއެވެ. ބައެއްމީހުން އަނބުރައިގަންނަގޮތްވިއެވެ. މިރަށުން މިހާ ނުރައްކާތެރި ހިތްކުދިކުދިވާފަދަ އެކްސިޑެންޓެއް ހިނގިތަން މިފެނުނީ ހަޔާތުގައި ފުރަތަމަ ފަހަރަށެވެ. މޮޅު ޑޮކްޓަރެއްގެ ނިމުން އައިގޮތުން އެންމެނަށް އަސަރުވެސް ކުރިއެވެ. ނަޝީދުގެ އުނަގަނޑުން މަތީގެ ބައި ކާރަށްއަރުވައިގެން އެމީހުން އަވަސްވެގަތީ އަވަސް ފަރުވާއެއް ހޯދުމަށެވެ.
އަމީރާ އޭރުވެސް ހުރީ މޫނުގައި އަތްއެޅިގޮތަށް އަތް ނުނަގަން ހުވާކޮށްގެންނެވެ. އޭނަގެ ލޫސިއާން މިވީ ހާދަ ރަހުމެއްނެތް މީހަކަށެވެ. ހާދަ އަނިޔާވެރިއެވެ. މާޒީގައި ކޮށްފައިވާ އެފަދަ ކުށްތައް މަދެއްނޫނެވެ. އޭނަގެ ލޮލުގެ ކުރިމަތީގައި ދެވަނަ ފަހަރަށް ލޫސިއާން މިކޮށްލީ މާފުދެވޭވަރުގެ ކުށެއްނޫނެވެ. ޒޯހަންގެ އަންހެނުންނާއި ކޮއްކޮ ރޭޕްކުރީވެސް އޭނަގެ ކުރިމަތީގައެވެ. އެދުވަހު ޒޯހަންގެ ސިފައިގައެވެ. ދެމީހުން ވަކިވާން ޖެހުނީވެސް އެ ހާދިސާގެ ސަބަބުންނެވެ. އެހާދިސާ ހަނދާންނައްތައިލިތަނާ އަނެއްކާވެސް ލޫސިއާން އޭނަގެ ޖިސްމުގައި ބޮޑަށްވަނީ ޖިންނިންގެ ސިފަތައްކަން އަންގައިދީފިއެވެ.
"ބޭބީ. އައިމް ސޮރީ ޔޫ ހޭވް ޓު ސީ ދިސް..." އަމީރާ ފާރަށް ލެނގިލައިގެން ހުއްޓާ މަޑުމަޑުން ދެއަތް ނައްޓުވަމުން ލޫސިއާން ބުނެލީ ހިތާމަވެރި ރާގަކަށެވެ.
"ޔޫ އާ ނޮޓް. ކިހާވަރަކަށް އާދޭސްކުރިން. ކިހާވަރަކަށް ބުނިން މީހަކު ނުމަރާށޭ. އެހެންނޫނަސް ލޫސިއާންއާއި ވާހަކަދައްކާކަށް ދެން ބޭނުމެއްވެސް ނޫން. މިތަނުން ދޭ. އަހަރެންގެހިތް ހަލާކުކުރުން ނޫންކަމެއް ކުރާކަށް ނޭގޭ. އިތުރަށް ކޮންކަމެއް އަހަރެންގެ ފަރާތުން ބޭނުންވަނީ. އަހަރެން މަރުވިޔަސް ލޫސިއާން އަންނާކަށްވެސް ނުޖެހޭނެ. ކީއްކުރަން މިއަދު އައީ. މިހުރިހާ ދުވަހު ހުރިތަނަކަށް ދާންވީނު. އަހަރެން ކައިރިއަށް އަންނާނެކަމެއްނެތް......"އަމީރާގެ އަޑުގައިވަނީ އެކަނި ރުޅިވެރިކަމެއް ނޫނެވެ. ރުޅިއާއިއެކު ލޯބީގެ އަސަރުތަކާއި ޝަކުވާއެވެ.
އޭރުވެސް ލޫސިއާން ހުރީ އަމީރާގެ ދެއަތުގައި ހިފަހައްޓައިގެންނެވެ. ނަމަވެސް އޭމޮންގެ ސޫރައިގައެވެ. އެސޫރައިގާ ފެނުމުންވެސް އަމީރާގެ ހިތުގައި މިއަދު ރުޅިވެރިކަމެއްނުވިއެވެ. ކޮންމެ ސިފައެއްގައި ހުއްޓަސް އެއީ އޭނަގެ ލޫސިއާންއެވެ. ހިތުގެ ވެރިޔާއެވެ. އޭނަ އަބަދުވެސް ލޯބިވާ އަދި ލޯބިވާނެ މީހަކީ މިއީއެވެ.
ދެމީހުންގެ ހަތަރުކަޅިހަމަވިއެވެ. ލޫސިއާންގެ އަނގުރު އަލިފާންކުލައިގެ ދެލޮލާއި ދިގު އިސްތަށިގަނޑާއިއެކު ވެސް އެ މޫނުމަތިންވެސް ފެނުނީ ފިރިހެންވަންތަކަމެވެ. އާރާއި ބާރެވެ. އެވަރުގަދަ މުލައްދަނޑީގެ ބާރު މިއަދުވެސް އަމީރާގެ ކުރިމަތީގައި ހާމަވެފައިވެއެވެ.
"އަހަންނަށް އެނގޭ ބޭބީ ރުޅިއަންނާނެކަން. އެކަމަކު ހަގީގަތާއި ދުރަށް ދެވޭނީ ކިހިނެއްތަ؟ އަހަރެންވަނީ އެމީއަށް އޮޅުވާލައިގެން އެމީ ހާސިލުކޮށްފައި. އެކަމަކު މިގުޅުން ހުއްދައެއް ނުވާނެ. ހުއްދަކަމަކަށް ނުވެސް ހެދޭނެ. ޖިންނިންނާއި އިންސާނުންނަށް ގުޅިގެނެއް ނޫޅެވޭނެ ބޭބީ. އައިމް ސޮރީ އެހެންވެ ފޯނުކޯލަށް ޖަވާބު ނުދިނީ. މެސެޖްތަކަށް ރިޕްލައި ނުކުރީ. އެކަމަކު އަހަންނަށް އެމީގެ ހާލު ބަލައިނުލާ ދުރުގައި ނުހުރެވޭކަމީ އަހަރެންގެ ނުކުޅެދޭކަން. އަހަންނަށް ކެތެއްނުވާނެ އެހެން މީހަކު އެމީގެ ނުރުހުމުގައި އަތްލާތަން ދެކެން. އެހެންވެ ނަޝީދުގެ ނިމުންއެހާ ހިތިކޮށް އައީ. ބަޓް ހީ ޑިޒާވް ދެޓް ބޭބީ. އެކަމާއި ހިތާމަކުރާނެކަމެއް ނެތް. އަހަރެން ދެރަވީ އެމީއަށް އެމަންޒަރު ފެނުނީތީ. ހަގުރާމައިގާ އަދި ނެޗުރަލް ޑިޒާސްޓާސްތަކުގައިވެސް އެފަދަ ނުބައިކޮށް މީހުން ނެތިގެންގޮސްފައިވޭ. ކުށެއްނެތް މައުސޫމް ކުޑަކުދިންނާއި އަންހެންނާއި މުސްކުޅިވެސް . ސޯ އެކަހަލަ ނުލަފާ ޖައްބާރު ފިރިހެނެއްގެ ނިމުން އެހެން އައުމުން އަދި އަހަރެންގެ ބޭބީ އެހާ ހާސްވާކަށް ނުޖެހޭ. ލަވް ޔޫ.........." ލޫސިއާން އަމީރާގެ ނިތްކުރީގައި ބޮސްދިނެވެ.
"ނޯ......." އަމީރާ ކިޔައިލިއެވެ.
"ކީއްވެތަ؟ " ލޫސިއާން ކުޑަކޮށް ހީލިއެވެ.
"އަހަރެމެން ގުޅުން ހުއްދަ ނޫންކަމަށް ދެކޭ މީހަކު ދެން ކައިރިވާނެކަމެއްނެތް. ލެޓް މީ ގޯ....." އަމީރާގެ ހިތް ހަލާކުވެގެން ދިޔުމާއިއެކު ބުނެލިއިރު ހިތްވެސް ރޮއިގަތެވެ. އޭނަގެ ހަޔާތަށް ލޫސިއާންއައީ ލޫސިއާންގެ ގޮތުގައެވެ. ރީތި ހަދާންތަކަކާއިއެކުގައެވެ. އެފަހުން އޭމޮންގެ ސިފައިގާވެސް އޭނަގެ ދިރިއުޅުމަށް އައިސް ބަދަލުހިފަން އުޅުނީވެސް ހަމަ އެ ލޯބިވާ ލޫސިއާންއެވެ. އޭނައަށް އެތައް އަނިޔާއެއްދީ އެތައް ގޯނާއެއްކޮށް ނަފްސާނީ ބަލިމީހަކަށް ހަދާ އަނިޔާވެރިވީވެސް ހަމަ އެކަކެވެ. އެހުރިހާ ލޯތްބާއި އަނިޔާއަކާއިއެކުވެސް އަމީރާ ލޫސިއާން ބަލައިގަތެވެ. އަބަދަށްޓަކާ ލޯބިވާނެ މީހަކީ ލޫސިއާންކަމުގައި އޭނަ ނިންމިއެވެ. ނަމަވެސް މިހިސާބަށް އައިއިރު އެގުޅުމާއިމެދު މިވަނީ ސުވާލު އުފެދިފައެވެ. އެންމެ ބޮޑު މައްސަލައަކީ ދީން މިކަމަށް ހުއްދަނުކުރާކަމެވެ. ހުއްދަކުރިޔަސް އަމީރާއަށް ލޫސިއާންފަދަ ރުޅިގަދަ ޖިންނި ޒުވާނަކާއިއެކު ހަޔާތުގެ ބާކީ އޮތް ބައި ހޭދަކުރެވިދާނެހެއްޔެވެ؟ ލޫސިއާންގެ ނަސްލުން އަންނާނީވެސް ޖިންނިކުދިންތަކެވެ. ލޫސިއާންގެ މިޒާޖު ހުންނާނެއެވެ. ވީއިރު އެފަދަ ކަމަކަށް އޭނަ ތައްޔާރުހެއްޔެވެ؟
"އަހަންނަކަށް ނޭގޭ އެމީ. އަހަރެންވެސް މޮޔަވެދާނެ. އެމީދެކެ ލޯބިވެވުނުކަމީ އަހަރެންގެ ނަސީބުދެރަކަން. ޔަގީނުންވެސް އެނގޭ އެއްޗަކީ އަހަރެންގެ ފުރާނަ ހުރެގެން އެހެންމީހެއްގެ ހައްގަކަށްވާތަން ދެކެން ކުޅަދާނައެއްނޫންކަން. އެއީ ރަފައެއްއަށްވިޔަސް ހެޔޮ...އެހެން އިންސާނަކަށް އެމީ ލިބުން އެދޭނަމަ އެމީހަކީ ރަފައެލް. އެކަމަކު އަހަންނަށް އެކަމަކަށްވެސް ކެތެއްނުކުރެވޭ. ވީއިރު އަހަރެން މަރުވުން ނޫންގޮތެއް އެބައޮތްތަ؟ " ލޫސިއާންގެ ވާހަކަތަކުން އަމީރާގެ ދެލޯ ކަރުނުން ފުރޭގޮތްވިއެވެ.
"ޑޯންޓް ކްރައި ބޭބީ......" ލޫސިއާން އިނގިލިތަކުން އަމީރާގެ ކަރުނަތައް ފޮހެލަދިނެވެ. އެދެލޮލުގައިވަނީ އަމީރާއަށްޓަކާ އެކަނި ލޯތްބެވެ. ލޯބިނޫން އިތުރު އެއްޗެއް އެލޮލަކު ނުވެއެވެ.
"ބުނެފީމެއްނު އަހަރެން މަރުވިޔަސް ލޫސިއާންއާއި ބެހޭކަމެއް ނޫނޭ......" އަމީރާ ތަންކޮޅެއް ބާރަށް ބުނެލުމުން ލޫސިއާން ހުރީ ހިތާމަވެރި ނަޒަރަކުން ބަލާށެވެ. އަމީރާ ލޫސިއާންގެ އަތް ދުރަށް ޖައްސާލާފައި އެތަނުން ދާން ހިނގައިގަތެވެ. ހިތަށް ކުރަމުންދާ އަސަރުތަކުން ހިތް ފަޅައިގެންދާވަރުވެއެވެ. އިންސާނަކަށް ނުވިޔަސް އެންމެ ރަގަޅެވެ. ޖިންނިއަކަށްވިޔަސް ގާތިލަށްވިޔަސް އޭނައަށް ލޯބިވެވެނީ ލޫސިއާންދެކެއެވެ. އެލޯބި ލިބެން ނެތްކަން އެނގުމުން ހިތަށް އެކުރާ ބާރު ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. އޭނަގެ ބަދު ނަސީބުކަމާއެވެ. ލޫސިއާންވެސް އަމީރާ ހުއްޓުވާކަށް ނޫޅުނެވެ. ދެރަވެފައި ބަލަން ހުރިއިރު ދެލޯ ފެންކަޅިވެއްޖެއެވެ.
އަމީރާ ގެއަށްވަންގޮތަށް އެނދަށް އަރާ ރަޖާ ގަނޑުގައިގާ އޮޅާލައިގެން އޮތެވެ. އަދިވެސް ލޯމައްޗަށް ފެންނަނީ ނަޝީދު ވައިގެ ތެރެއިން ބާރަކަށް ވެއްޓިގެން އައިގޮތަށް ކާރުގެ ދަށުގައިވި މަންޒަރެވެ. އެމަންޒަރާއިއެކީ އޭމޮންގެ އެކި ހަރަކާތްތައް އޭނަގެ ލޮލުގެ ކުރިމަތިން ފެންނަމުންދިޔައެވެ. އެހާ ނުލަފާކޮށް ކަންތައްކުރިއިރުވެސް އޭނަގެ ހިތުގައި ފޫހިކަމެއްނުވިއެވެ. މާގިނައިރުތަކެއްނުވަނީސް ގޭތެރޭގައި މީހުން ހޭލަމޭލަވާންފެށިއެވެ. މަންމަމެންގެ ރުއިމުގެ އަޑުވެސް ދޭތެރެއަކުން އިވިލައެވެ. މަންމަ އޭނައަށް ގޮވަގޮވާވެސް އޭނައޮތީ ނުކުންނަ ހިތްނުވެފައެވެ. ނަޝީދުގެ މަރުވެފައިވާ ހަށިގަނޑު ގެއަށް ގެނައީކަން އަމީރާއަށް އެނގުނެވެ. އޭނަ އޮތްލެއް ފެނިފައިވެސް މަންމައަށް ހާދަ ވަރެއްވާނެއެވެ. އެއް ލޮލާއި ދޫވެސް ނެތުމުން އޮންނާނީ ވަކިން ބިރުވެރިގޮތަކަށެވެ. އޭނަގެ ދޮންބައްޕަގެ ނިމުން އެއައީ ހާދަ ހިތިކޮށެވެ. ހާދަ ބިރުވެރިކޮށެވެ. އަމިއްލައަށް މަރުވަނީކަން ޔަގީންވާހިދު އަދި ކުރެވޭނީ ކޮންކަހަލަ އިހުސާސްތަކެއް ހެއްޔެވެ؟
އޭނަ އަދިވެސް ބާރަށް ބާލީހުގައި ބޮނޑވެލައިގެން ދެލޯ މަރާ ފިތާލައިގެން އޮތެވެ.
"ލޫސިއާން. ކީއްވެ މިގޮތަށް ހެދީ؟ އަހަންނަށް މިހެން ހަދަން ހެޔޮވާނީ ކިހިނެއް؟ އަހަރެން މޮޔަވެދާނެ. ލޫސިއާންއަށް ކީއްވެ ނޭގުނީ؟ އަހަރެން ލޯބިވާވަރުވެސް އެނގޭނެ. އެކަމަކު ލޫސިއާން އަދިވެސް ބޭނުންވަނީ ނުލަފާކަން ދައްކަން. ދެރަކުރަން. ބިރުގަންނަވަން. އެހުރިހާކަމަކާއިއެކުވެސް އަހަންނަށް ކީއްވެ ލޯބިވަނީ؟ އެނގޭތީކަން ނޭގޭ ތި ނުލަފާކަން ދައްކަނީ. ކޮންމެފާޑަކަށް އުޅުނަސް ލޯބިވަންޏާ އިސްލާހެއްވެސް ނުވާނެ. ލޫސިއާން. ހާދަ ބޮޑަށޭ ލޯބިވެވެނީ. ޕްލީޒް ދޫކޮށްފައި ނުދޭ ކެތެއްނުވާނެ ދެން. ޖިންނިއަކަށްވިޔަސް ބޭނުމޭ......"
އަމީރާގެ ހިތަށް އެކަހަލަ ޚިޔާލުތައް އަރާއިރު ބައެއްފަހަރު އެހެން އެއްޗެއްވެސް ވިސްނާދޭން އުޅޭހެން ހީވެއެވެ. ލޫސިއާންދެކެ ލޯބިވިޔަސް އެގުޅުން ކުރިއަށް ގެންދެވެން ނެތްއިރު މިއީ އެންމެ ރަގަޅުގޮތްކަން ނޭގެއެވެ. އޭނަ ޖެހޭނީ ލޫސިއާންމަތިން ހަނދާން ނައްތާލާށެވެ. އެލޯބި ހިތުން ފުހެލާށެވެ.
ހެނާ އުނދޯލިގޭގައި އިންއިރު އެއްފަރާތުގައި އޮތް ފޯނަށް އެކިމީހުން ގުޅާތަން ފެނުނެވެ. ދެރަވެފައި އިންވަރުން ފޯނުނަގާހިތެއްވެސް ނުވިއެވެ. ސިކުނޑީގައިވަނީ ޒޯހަންއާއި މައިކަލްއެވެ. އެދެމީހުން އޭނަގެ ފަރާތުން ބޭނުންވެގެން އުޅޭކަމެއް ނޭގިގެން ސިކުނޑިވަނީ ހާސްކަމެއްގެތެރޭގައި ފިތިފައެވެ. ކުއްލިއަކަށް ކޮންމެވެސް މީހެއް ހިލަންވިހެން ހީވެފައި ޚިޔާލީ ދުނިޔެއިން ނުކުމެވި އެފަރާތަށް ބަލައިލެވިއްޖެއެވެ.