މިހުރީޒް ނަބީލާއާއި އެލްސާ ގޮވައިގެން އެމީހުންގެ ދުނިޔެއަށް ދަތުރުކުރުމުން ގޭތެރެއަށް ކޮންމެވެސް ވަރެއްގެ ފަޅުކަމެއް ލިބުނެވެ. ރަފައެލްއަށް އެއީ ރަނުގެ ފުރުސަތަކަށްވިއެވެ. އޭނަ ހުންނަނީ މަންމަގެ ޑައިރީ ލިޔާކަން އެނގޭތީ އެޑައިރީ ކިޔާ ހިތްވެފައެވެ. ކުރިން އެކަމަށް ޝައުގެއް ނެތަސް މަންމައާއި ޖިންނީގެ ދުނިޔެއާއި އޮތް ގުޅުމުގެ ސަބަބުން މަންމަގެ ހަޔާތުގެ ސަފުހާތައް ކޮންމެވެސް ވަރަކަށް ކިޔާލަން ބޭނުންވީއެވެ. އޭނަ ހާވަ ހާވާވެސް އެޑައިރީ އޮތްތަނެއް ނުފެނުނެވެ. މާޔޫސްކަމާއި އެކުގައި އެނބުރިލިތަނާ ބާލީސް ދަށުގައި އެއްޗެއް އޮތްހެން ހީވެގެން ބަލައިލިއިރު އެއީ މުށިކުލައިގެ ކުޑަ ފޮތެކެވެ. އެފޮތްވަނީ ދުވަސްވުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ކުލަ ބަދަލުވެފައެވެ. ލޫސިއާން ތަންކޮޅެއް ދުރުގައި ހީހީ ހުރިތަނެއް ރަފައެލްއަކަށް ނުފެނުނެވެ. ރަފައެލްއަށް އެޑައިރީ ހޯދަދިނީ ލޫސިއާންގެ ބާރުންނެވެ.

ރަފައެލް އޭނަގެ ކޮޓަރިއަށް ވަންގޮތަށް ކޮފީއެއް ހިފައިގެން އެނދުގައި އޮށޯވެލާފައި ނަބީލާގެ ޑައިރީ ހުޅުވައިލިއެވެ.

ކުރީކޮޅުގައި ހުރި ބައިތައް ދޫކޮށްލާފައި ރަފައެލް ފެށީ އޭނަގެ މަންމަ އާރިސްއާއި ބެހޭގޮތުން ލިޔެފާ ހުރި ހިސާބުން ފެށިގެންނެވެ. އެވެ. އޭނައަށް މަންމަގެ މާޒީއިން ކޮންމެވެސް ވަރެއް މާމަގެ ފަރާތުން އެނގިފައިވުމާއި އެކުގައެވެ.

އަހަރެންގެ ކޮޓަރި ތައްޔާރުކޮށްފައި ހުންނަނީ އަންހެންކުއްޖަކު އެންމެ ބޭނުންވާހާ ފުރިހަމަކޮށެވެ. މޭޒުމަތި ފުރާލާފައި ހުންނަނީ ތަފާތު ވައްތަރުގެ މީރުވަސްދުވާ އަތަރުތަކުންނެވެ. ރަނާއި ރިހީގެ ގަހަނާތަކުން ވައްގަނޑު ފުރެންފެށިއެވެ. އެހެން ކުދިންގެ އަތުގައި ނުހުންނަހާ ގިނަ ހެދުންތަކުން އަލަމާރި ފުރިފައިވެއެވެ. އަހަންނަށް ހެދުން ފަހައިދެނީ މަންމައެވެ. މަންމަ އަމިއްލަ އަތުން ހެދުން ފަހާދީފައި ކަސަބުން ބޯވަޅު ޖަރީކޮށްލަދެއެވެ. ރަނާއި ރިހިކުލައިން ކަސަބު އެޅި ރަތްހެދުމަކީ އަހަރެންގެ އެންމެ ހިތްގައިމު ހެދުމެވެ. އެހެދުން ލައިގެން މަގުމައްޗަށް ނުކުމެއްޖެއްޔާ އަންހެނުންގެ ނަޒަރުންވެސް ސަލާމަތް ނުވެވެއެވެ.

އާރިސް ރުކުގައި އޮތްވާ ފެނުނު ދުވަހުން ފެށިގެން ދުވާލު ފެންވެރުމުގެ އާދަ ހުއްޓައިފީމެވެ. އެފަހުން ފެންވަރަން ވަންނަނީ އިރުއޮއްސި އަނދިރިވެ މީހުން ވަކިނުވާ ވަރުވުމުންނެވެ. އެގަޑީގައި ފެންވަރަން ވަންނާތީ މަންމަ ވަރަށް ހަޅޭއްލަވާނެއެވެ. ވަލުތެރެ ނާމާންވާނެ ކަމުގައި ކިޔާދޭނެއެވެ. އަހަރެން އެކަހަލަ ކަންތައްތަކާ ބިރެއްނުގަންނަނީ ކީއްވެކަމެއް ނޭގެއެވެ. ނާހިދާ ބުނާގޮތުން އަހަރެންގެ ބައްޕައަކީވެސް ފަންޑިތަ ހަދަން މޮޅު މީހެކެވެ. މީހުން ބަލިވުމުން ބައްޕަ ކައިރިއަށް ތަށި ލިޔުއްވާށާއި ބޭސްކުރުވަންދެއެވެ. ހުން އައުމުން ކެލާ ގާނާފައި ކިޔަވަކިޔަވާފައި ކެލާ ގައިގާ ލުމުން ހުން ވިހެލާ ކަމުގައިވެއެވެ. ބައްޕަ މޮޅުމީހަކަށް ވީތީ އަހަރެން ފަޚުރުވެރިވެއެވެ. ބައްޕަ ދުން މުޖުމަރާ ބަހައްޓައިގެން ނޫނީ ދުންދަނޑި ޖަހައިގެން ކިޔަވަން އިންނަތަން ފެނި ސުވާލުކުރުމުން ބައްޕަ ބުނާނީ ގޯތިތެރެ އަމާން ކުރަން ކުރާ ކަންތައްކަމުގައެވެ. ވީއިރު ބިރުގަންނަންވީ ކޮންކަމަކާ ހެއްޔެވެ؟

ގިފިލީގައި މާގަސްތައް ގިނަކަމުން އެހިސާބު އޮންނަނީ އަދި ވަކިން އަނިދިރިކަން ގަދަވެފައެވެ. ޗަންޕާޕޫލް ކަށިމާ ހުސްނުހީނާ ގުލޭނޫރަން ޗާންދަނީފަދަ މާލެމެލާމެލީގެ ވާދަވެރިކަމެއް ފެތުރި ރޭގަނޑު ހިފާލާފައިވާ މީރުވަހަކުން އެތަނުން ނުކުންނަހިތެއް ނުވެ މާތަކަށް ބަލަން ހުރެވެއެވެ. އެރޭވެސް ފެންވަރަންވަދެ ތުވާލި ރޯނުގައި އަޅުވާފައި ހެދުން ބޭލުމަށްފަހު ފިނި ފިނި ފެންދާނިތައް ބޮލަށްއަޅަން ފެށީމެވެ. ހޫނުކަމުން ހަށިގަނޑަށް ލިބިފައިވާ އުދާސްތަކާއި ލޮޑުކަން ފިލާ ތާޒާވާންފެށިއެވެ. ދާނިވެސް ލުއިކަމުން ފަތްކޮޅެއްފަދައެވެ. ހީވަނީ ނުފެންނަ އަތަކުން ފެންދާނި ނަގާފައި ބޮލަށް އަޅާދެމުން ދާހެންނެވެ. ފެންވަރާ ނިމިގެން ތުވާލިން ގައި ހިއްކަން ހުއްޓާ ހަށިގަނޑުގައި ވައިރޯޅިއެއް ބީހިލިހެން ހީވިއެވެ. ވައި ހިނދިފައިވާއިރު އެހާ ރީތިކޮށް އެފަދަ އިހުސާސެއްވާންވީ ސަބަބެއް ނޭގުނެވެ.

ކޮޓަރިއަށް ވަދެފާ ރަތްކުލައިގެ ލިބާސްލުމަށްފަހު ބޮލުގައި ފުނާ އަޅާ ހުޅިއެއް ޖެހުމަށްފަހު ދިޔައީ ކަށިމަލެއް ބިންނާށެވެ. އަތުގައި ހުރި ފުޅި ބައްތިން އަލި ކުރަމުން ކުރިއަށް ފިޔަވަޅު އެޅީމެވެ. ބައްތި ނިވުނީ މީހަކު ފުމެލުމުން ވާ ކަހަލަ ގޮތަކަށެވެ. ވައިގެ އަސަރު މޫނަށްވެސް ކުރިއެވެ.

"ކާކުބާ. ނުފެންނަ މީހެއް އުޅެނީތަ؟ އެހެނޭ ކިޔާފައި އެހާ ބިރެއްވެސް ނުގަނޭ. މިފަހުން އަބަދު ހީވޭ ނުފެންނަ ސާވެންޓެއް ހުރިހާ ކަމެއްގައި ޚިދުމަތްކޮށްދޭން ކައިރީގައި ހުންނަހެން. އެމީހަކު ނުފެންނަނީ ކީއްވެބާ............." އަހަންނަށް ކިޔާލެވުނެވެ. ހަނދުގެ އަލިކަން ގަސްދޮށަށް އިރުކޮޅަކަށް އެޅުނަސް ބޮޑު ވިލާގަނޑަށް ހަނދަށް ހުރަސް އަޅާ އެއަލިކޮޅުވެސް ނައްތާލައިފިއެވެ. އެވަގުތު އަހަރެން ބިންނަން އުޅުނު ކަށިމާ އަތަށް ލަވާދިނީވެސް އަޖައިބުވާފަދަ ގޮތަކަށެވެ. އަޖައިބެކެވެ. ކުރާ ކޮންމެ ކަމެއް އެހެން މީހަކު ފަސޭހަކޮށްދޭން ގާތުގައި ހުންނަ ފަދަ އިހުސާސެއް ކުރެވެނީއެވެ. ކަށިމާ ހުޅިތެރޭގައި ޖެހުމަށްފަހު ދާން އުޅެނިކޮށް ގަސްތަކުގެ ފުރަގަހުން މީހަކު ގޮވައިލިހެން ހީވިއެވެ.

"ނަބީލާ......" ދެވަނަ ފަހަރު ކިތަންމެ ރީތިކޮށްވެސް އެ އަޑު ކަންފަތަށް އިވުނެވެ. އަހަރެންގެ ނަމުން ގޮވުމުން ބަލައިލިއިރު ގަސްތަކުގެ ތެރެއިން ނުކުމެގެން އައީ ރަތްކުލައިގެ ހެދުމަކާއި ފޭއްޔެއް އަނދެލައިގެން ހުރިއިރު ޖިންނި ރަސްދަރިކަލެއް ފަދަ ޒުވާނެކެވެ. އެމީހާ ކައިރިވަމުން އައި ވަރަކަށް ހައިރާންކަމާއިއެކު އަހަންނަށް ހުރެވުނީ ބަލާށެވެ. މިފަދަ ރީތި އިންސާނުންވެސް ދުނިޔޭގައި އުޅޭބާވައެވެ. އާރިސް ވަރުގެ މީހެއްވެސް މިރަށަކުން ނުދެކެމެވެ. ނަމަވެސް މިމީހާގެ ކައިރީގައި އާރިސް އެއްވެސް އެއްޗަކަށް ނުވެއެވެ. ހިތް އަވަސްވެ މުޅި ހަށިގަނޑު ފިނިވެއްޖެއެވެ. ކައިރިފަށަށް އައުމުން އެއީ ކާކުކަން އަހަންނަށް އެނގުނެވެ. ކުޑައިރުއްސުރެން އަހަންނާއިއެކު ކުޅެން އުޅޭ މިހުރީޒުއެވެ. އެ ވަރުގަދަ ބުމައާއި އަޖައިބެއްފަދަ ދިގު އެސްފިޔަތައް ނޯޅޭނެއެވެ. އަހަންނާއި މިހުރީޒްގެ ކައިވެނިވަނީ ހަމަޖެހިފައިކަން މިހުރީޒްދަނެއެވެ. އުމުރުން ސޯޅައަހަރު ފުރޭ ރޭ އަހަރެން މިހުރީޒްގެ މީހަކަށް ހަދާނެކަމަށް އޭނަވަނީ ބުނެފައެވެ. ޒަމާންގަނޑަކަށް ވަކިން އުޅުމަށްފަހު ބައްދަލުވީއިރު ހީވެސް ނުކުރާފަދަ ރީތި މީހަކަށްވެފައެވެ.

"މިހުރީޒް މިހާރުތަ އަންނަން އެނގުނީ؟ ކޮން ދުވަހެއް ނުފެންނަތާ. ހާދަ ދެރަވިއޭ، އަބަދު އެކީގައި އުޅެފާ އެގޮތަށް ވަދާއުގެ ސަލާމް ކޮށްލުމެއްނެތި ފިލައިގެން ދިޔައީ. ބޭނުމެއްނޫން ވާހަކަދައްކަން...." ނަބީލާ ތުން އޫކޮށްލަމުން އަނެއް ފަރާތަށް އެނބުރުނެވެ.

"އަހަންނަށްވެސް މަޖުބޫރީއެއްވެދާނެއްނު. މިހާރު އަހަރެންގެ ކައިރިއަށް ނަބީ ގެންނަ ދުވަސްޖެހެނީ އެހެންވެ ތައްޔާރުވާށޭ ބުނަން މިއައީ......" މިހުރީޒު ހީލުމުން އަލިވިއެވެ.

"ކޮންތާކަށް ގެންދާނީ؟ " އަހަރެން ދެލޯ ބޮޑުކޮށްލީމެވެ. މިހުރީޒު މިކިޔާ އެއްޗެއް އެހާ ދޭހައެއްނުވިއެވެ.

"އަހަރެމެންގެ ރަށަށް. ނަބީއަށް ހަގީގަތަށް ކިޔައިދީފާނަން. ނަބީ އަހަންނާއިމެދު ޖެހިލުންވެ ބިރުނުގަންނާތި. އަހަންނަކީ ނަބީގެ އެކުވެރިއެއް ފަދައިން އުޅުނަސް ނަބީމެންގެ ނަސްލުން އައިސްފައިވާ މީހެއްނޫން. ޖިންނި ދަރިކޮޅުގެ މީހެއް. މަންމަ އަހަރެމެންގެ ކައިވެނި ހަމަޖެއްސި ސާއަތުން ފެށިގެން އަހަންނަށް ނަބީދެކެ ލޯބިވެވިއްޖެ. ވަރަށް ބޮޑަށް ލޯބިވެވިއްޖެ. ދުވަހަކު މިހިތް އެހެން މީހަކަށް ނޭދޭވަރަށް ނަބީއަށް ބޭނުންވާން ފަށައިފި. ނަބީ ބޮޑުވާނެ ދުވަހަކަށް ބަލަ ބަލާ މިހުންނަނީ. އިންތިޒާރުގެގަޑިތައް ގުނާތާ ކޮން ދުވަހެއް؟ ނަބީއަށް ސޯޅައަހަރު ފުރޭ ރެއަކު އަހަރެންގެ އަންބަކަށްވާނެ ކަމަށް މަންމަވަނީ ބުނެފައި. އެހެންވެ އެ ވާހަކަ ބުނަން މިއައީ. ނޫނެކޭ ނުބުނައްޗޭ. އަހަރެންގެ ހިތާއި ފުރާނަވެސް މިވަގުތު ނަބީއަށް ހިބަކޮށްދީފިން....." މިހުރީޒު ވާހަކަދެއްކީ މަޑުމައިތިރިކަމާއި އޯގާތެރިކަން އެކުލެވޭ ރާގެއްގައެވެ.

"ޖިންނިއެކޭ؟ " އަހަންނަށް ފަހަތަށް ޖެހިލެވުނެވެ. ސާފުތެޔޮ އަޅާފައިވާ ބައްތިވެސް އަތުން ދޫވިގޮތަށް ތަޅުމުގައި ޖެހިފައި ކުދިކުދިވާނެކަމަށް ހީކުރީމެވެ. ނަމަވެސް ބައްތި ސީދަލަށް ޖެހުނީ އެއްވެސް އަޑަކާއިނުލައެވެ. ނުތެޅި ހުރި ގޮތަށް ހުރީއެވެ. މިހުރީޒުގެ ޖާދުލެކެވެ. މިހާރު އަހަންނަށް އެނގިއްޖެއެވެ. ނުފެނިހުރެގެން އަހަންނަށް އެހީތެރިވާ މީހަކީ ކުޑައިރުގެ އެކުވެރިޔާ މިހުރީޒެވެ. އޭނަގެ ހަނދާންތައް މިހާރުވެސް ކޮޓަރީގައި ހުންނާނެއެވެ. ދީފައިވާ ބޮލިތަކާއި ކުލަކުލައިގެ މާބްލްއިން ފެށިގެން ކުދި ކުދި ބުދުތަކާއި މާތަކަށް ދާންދެން ކޮޓަރީގެ އަލަމާރީގައި ބެހެއްޓީމެވެ. މިހުރީޒު ގެއްލުމުން އެކަމާއި ދެރަވެ ރޯންވެސް ރުއީމެވެ. ވަލުތެރެއަށްވަދެ އޭނަ ހޯދަން ކުރި މަސައްކަތް އިންސާނަކަށް ނޭގޭނެއެވެ. އޭނަ ދިޔައީ ހުރިހާ އުފާތަކެއް ފޭރިގެންނެވެ. ދެމީހުން ކުޑައިރު ތަފާތު ވައްތަރުގެ ކުޅިވަރުތައްވެސް ކުޅުނީމެވެ. އޮށްވަޅު ތިންހަމަ އަދި މާބްލްއިން ކުޅޭ ކުޅިވަރުތައް ބައްތި އަދި ހަނދުވަރުގެ އަލީގައިވެސް ކުޅުނީމެވެ. ދޮންދޫނި ވޭރަން ހުލި ފަދަ ކުދި އުދުހޭ އެއްޗެހި ހިފަން ގަސްތަކުގެ ތެރޭގައި ދުވެ ދުވެ އުޅުނީމެވެ. އެހުރިހާ ހަނދާންތަކެއް ހެދުނީ ޖިންނިއަކާއިއެކުގައި ހެއްޔެވެ؟ ނޫނެކެވެ. މިހުރީޒް ސަމާސާކުރަނީއެވެ. އެއީ ދޮގެކެވެ.

"ހަމަ ތެދެއް ނަބީ. އަހަރެންގެ އާއިލާ އާއި ބައްދަލުކުރަން ގެންދިޔައިމަ އިނގޭނީ..." މިހުރީޒް ބުނެލިއެވެ.

"ދެން ކީއްވެ އިންސިއެއްގެ ސިފައިގާ ތިހިރީ. ކޮބާ އުދުހެން ހުރި ދެފިޔަގަނޑު. ފިޔަގަނޑު ހުޅުވާފައި ދައްކަންވީނު. ނޫނީ ބޮލުގައި ދަޅެއް ފަޅާފައިވެސް ނެތެއްނު. ކިހިނެއް ތި ވާހަކަ ގަބޫލުކުރާނީ؟ " އަހަރެން ހިނިގަނޑެއް ޖަހައިލީމެވެ.

"ނަބީ ގަބޫލުނުކުރިޔަސް އެންމެ ރަގަޅޭ. އިންސާނެއްގެ ގޮތުގައި ވާން ބޭނުމީވެސް. ހިތަށް އަރާ އަހަރެން އިންސާނަކަށް ވިނަމައޭ........" މިހުރީޒް ހީލުމުން ސާފު ހުދު ދަތްތަކެއް ފެނުނެވެ.

"އަހަރެން ދެން ދަނީ. ލަސްވެއްޖެއްޔާ މަންމަ ސުވާލުކުރާނެ...." އަހަރެން ބައްތި ނަގަން ގުދުވީމެވެ.

"ނަބީ. މިރޭ ވަރަށް ރީތި. ރަތް ލިބާހެއްލައިގެން ކަށިމަލެއް ހުޅިއަށް ލާފައި އިނީމަ އަހަރެން މޮޔަކޮށްލައިފި. ހަމަ ވަރަށް ރީތި........." މިހުރީޒް ކުއްލިއަކަށް ކުރިމަތިން ގެއްލުމުން އަހަންނަށް ނުބައި ގޮތެއްވިއެވެ. ދެލޯ އުގުޅާލާފައި ވަށައިގެން ހޯދައިލިއިރުވެސް މިހުރީޒްގެ ހިލަމެއްނުވިއެވެ. ވީއިރު އޭނަ އެބުނީ ހަމަ ތެދެއްތާއެވެ. އެއީ އިންސާނެއްނޫނެވެ. ޖިންނިއެކެވެ. ބިރުނުގަތް ސަބަބެއް ނޭގުނެވެ. އިންސާނަކަށް ނުވިޔަސް ގެއްލުމެއް ނުދޭނެކަމުގެ ޔަގީންކަން އޮތީއެވެ. އޭނަ އެހެން ބުންޏަސް ސޯޅަ އަހަރު ފުރޭ ރޭ ކައިވެނި ކުރާކަށް ނާންނާނެއެވެ. އެވާހަކަ ގަބޫލެއް ނުކުރަމެވެ. އެތެރެއަށް ވަންގޮތަށް މަދިރިގެ ޖަހާފައި ހުރި އެނދަށް އަރައި އޮށޯތީމެވެ. އެތައް ކަންނޭލަކާއި ބާލީސްތައް އެނދުގެ ވަށައިގެން ޖަހާފައިވުމުން އެއިން ކަންނޭލެއްގައި ބައްދައިގަތީމެވެ. ތުނި ތުނި މަދިރިގޭތެރެއަށް ބައްތީގެ އަލިކަން ފޭދި ފަނޑު އައްޔެއްދީފައި އޮތެވެ.

ގޭތެރެއަށް ވެރިވެފައިވާ ހިމޭންކަން ފުނޑުފުނޑުކޮށްލީ ކޮންމެވެސް އެއްޗެއް ދަމާކަހަލަ އަޑެއް އިވިގެންނެވެ. އެނދުގައި ނޯވެވިގެން ނުކުމެގެން އައިސް ކުޑަދޮރު ހުޅުވާލާފައި ކުޑަކޮށް ބޭރަށް ބަލައިލީމެވެ. އެތައް ސަކޭތަ ޖޭމުތަކުން ބަރާވެފައިވާ ޖޭމުގަހަށް ހަނދުވަރުގެ އަލި އެޅިފައިވާއިރު ރަތް ޖޭމުތައް ކުދި ކުދި ޔާގޫތުތައް ފަދައިން ދަޅައަރާއިރު ސިފަކުރުން ދަތްޗެވެ. ވައިރޯޅިތަކާއިއެކު އެހިސާބުގައިވާ ގަހުގެ ގޮފިތައް ސިއްރުތައް ބުނަމުންދާހެން ހީވިއެވެ. ޖޭމުގަސް ކައިރީގައި އާރިސް އިނީ ދައިން ހަނޑޫ ފުޑާށެވެ. ހަރަކާތްތައް ނިކަން އަވަހެވެ. ފޮއި ދަށުގައި ހަނޑޫތައް ހިމުންކުރަމުން ދިޔައީ ފަރިތަކަމާއިއެކުގައެވެ. އާރިސްގެ އަތުގެ ވަރުގަދަ މުލައްދަނޑިއަށް ބަލަހައްޓައިގެން އަހަރެން އިނީ ޝައުގުވެރިވެފައެވެ. ހެނދުނު އިރުއަރާއިރަށް ނާސްތާ ތައްޔާރުކޮށް ހަދަން އާރިސް މިއިންނަނީ ރޭގަނޑުގެ އަރާމު ނިދި ނަގާލާފައެވެ. ހާދަ ރަގަޅު ޚައްދާމެކެވެ. ކުއްލިއަކަށް އެހެންޏާ ނުވާކަހަލަ އުދަގުލެއް ވާންފެށިއެވެ. ބަނޑުކޮޅަށް ވާންވެ ރިހުމެއް ހުއްޓެވެ. އަހަރެން ވަޅުކޮޓަރިއަށް ވަދެފާ ހަޅޭއްލަވައިގަނެވުނީ އަދި ދުވަހަކު ނުވާކަހަލަ ގޮތެއްވެ ނުފެންނަ އެއްޗެއް ފެނިފައި މޫނަށް އަނދިރިވާކަހަލަ ގޮތެއްވެގެންނެވެ. ހަޅޭއްލަވައިގަތް އަޑަށް މަންމަ ދުވަމުން ދުވަމުން އައެވެ.

"މަގޭ ދަރި....." މަންމަ އަހަރެންގެ ގައިގާ ހިފައިގަތެވެ.

"މަންމާ. ލޭ......" އަހަރެންގެ ހިތް ފުންމާލަފާނެހެން ހީވިއެވެ.

"ދަރިފުޅާ. މި ވާހަކަ މަންމައަށް ނުބުނެވި އޮތީ. ކޮންމެ އަންހެންކުއްޖަކަށްވެސް މި ދުވަސް އަންނާނެ. ދަރިފުޅުވެސް ދެން ބޮޑު މީހުންގެ ތެރޭގައި ހިމެނުނީ. ދެން އުޅެންވާނީ ވަރަށް ބަލައިގެން. ފޮރުވިގެން......" އިރުކޮޅެއްނުވަނީސް މަންމައައީ ކަފާފައި ހުރި ސާފު ފޮތިތަކެއް ހިފައިގެންނެވެ. މަންމަ ހަދަންވީގޮތް ބުނެދިނެވެ. އަހަރެން ހުރީ ވަރަށް ކަންބޮޑުވެފައެވެ. ކުރިން މިފަދަކަމެއް އަންހެންކުއްޖަކަށް ވާކަމެއް އެނގިފައެއްނެތެވެ. ނާހިދާމެން ތައުލީމުއް ދިޔާނާ ކިޔަވާފައި އެކަހަލަ ވާހަކަ ކޮންމެވެސް ވަރަކަށް ދައްކާއިރުވެސް އެކަމެއް ރޭކާނުލައެވެ. މިހާރު އެނގިއްޖެއެވެ. ބިރުވެސް ގަތެވެ. މަންމަ ފޮތެއްވެސް ގެނެސްދިނެވެ. ވަކި ގޮތަކަށް ފެންވަރާއިރު ކިޔަވަން ޖެހޭ ދުޢާތަކެއްވެސް ހުއްޓެވެ. މަންމަ ބުނީ ނިޔަފަތިވެސް ނުކެނޑުމަށެވެ. ބޮލުން އިސްތަށްޓެއްވެސް ވަކިކޮށްނުލުމަށެވެ. ފެންވަރަންދެން ހުންނަންޖެހޭނީ އެހުރިހާ ކަމަކާއި ދުރުވެގެންނެވެ.

ރަފައެލް އެހިސާބަށް ކިޔަވާފައި ހައިރާންވިއެވެ. އޭނަގެ މަންމަވެސް ހާދަ މައުސޫމެވެ. އޭރު އެއްވެސް ކަމެއް ނޭގެއެވެ. ޕީރިއެޑްވުންވެސް އެނެގީ ބިރުވެރިކަމެއްގެ ގޮތުގައެވެ. "ގަމާރު" ކަމޭ ޔަގީނުންވެސް ރަފައެލްގެ ހިތަކަށް ނޭރިއެވެ.

"މަންމަގެ ޑައިރީ ކިޔުން ރަގަޅުކަމެއްބާ. މީގައި މިހިރީ މަންމަގެ އެންމެ ޕާސަނަލް ވާހަކަތައް. މިކަހަލަ ވާހަކަތައް ފިރިހެންދަރިއަކު ކިޔުން ރީއްޗެއްވެސް ނުވާނެ. އެކަމަކުވެސް މަންމަގެ ލައިފްގައި ހިނގި ހާދިސާތައް އެނގެން ކޮންމެހެންވެސް ބޭނުން......" ރަފައެލް ދެޚިޔާލެއްގައި ހުރެފައި އަނެއްކާވެސް ޑައިރީއަށް ނަޒަރު ހިންގައިލިއެވެ. ކޮފީއިން އެތިފޮދެއް ބޯލިއެވެ. ރަފައެލް ޑައިރީ ކުރިއަށް ގެންދިޔައީ ޝައުގުވެރިކަމާއި އެކުގައެވެ.

ޝައުބާންމަހުގެ ނަވާވީސް ދުވަހު އަހަރެން މަންމަގެ ހުއްދަ ހޯދައިގެން ނާހިދާއާއިއެކު މޫދަށް އެރުނީމެވެ. ގެހުންނަނީ ފުއްޓަރު ފަރާތު ރާޅުޖަހާ ހިސާބުގައިކަމަށްވުމުން އެހިސާބުގައިވެސް މީހުން އެއްވެލާފައި އޮތެވެ. ބިޔަރާޅުތައް ގޮނޑުދޮށަށް ރުޅިވެރިކަމާއިއެކު މުގުރާލާ އަޑުން އިތުރު ޖޯޝަކާއި ފޯރިއެއްހިފިއެވެ. ނާހިދާއާއިއެކު ރާޅާ އަޅަންއޮތްއިރު ކިތަންމެ ފަހަރަކު ގެނބެން އުޅުނެވެ. ސަލާމަތްވާނެކަމުގެ ޔަގީންކަން އޮތުމުން ކަނޑުން ބޭރަށްވެސް ނުކުތީމެވެ. އަހަންނާއި ނާހިދާވެސް ގެންގުޅުނީ ކޮންމެވެސް މީހަކު ދިން ކެޔޮބަޑެކެވެ.

އެއީ މަޖާވި ދުވަހެކެވެ. ވަރުބަލިވާހާވަރަށް ފެތުމަށްފަހު މައްޗަށް އަރާ ނާހިދާއާއިއެކު ވެލިގަނޑުމަތީގައި ތިބެ އަނގަތެޅިއިރު އަހަންނަށް ދިމާވި ކަންތަކުގެ ވާހަކަ ކިޔައިދިނީމެވެ. ނާހިދާ ހަމަ އެދުރެއްފަދައެވެ. އޭނައަށް ނޭގޭ އެއްވެސް ކަމެއްނެތެވެ. ދުވަހަކު އަޑު ނާހާ ޒާތުގެ ވާހަކަތައް ކިޔައިދިނެވެ. ކުދިން ލިބޭގޮތުގެ ވާހަކަ ކިޔައިދިނެވެ. އަހަރެން ހީކުރަނީ ބޭކެނބިން މަންމަމެންގެ ބަނޑު ފަޅާލާފައި ކުދިންތައް ނެރެނީކަމުގައެވެ. ނާހިދާގެ ވާހަކަތައް އިވިފައި މިހުރީޒްއާއި އާރިސްދެކެވެސް ފޫހިވިއެވެ. ދުވަހަކު މީހަކާއި ނީންނަން ހިތާހިތުން ވައުދުވީމެވެ. ގެއިން އާރިސް ނެރެލާނެގޮތަކާއިމެދު ވެސް ވިސްނީމެވެ. ނާހިދާ ގެއަށް ވަނުމުން ވަލުތެރޭގައި އޮތް ހަނިމަގަކުން އަވަސް ފިޔަވަޅުތަކެއްގައި އައީ ގެއަށް ވަނުމަށެވެ. ދެފަރާތުގައި ތަރުތީބެއްނެތި ފަޅާފައިވާ ވިނަތައް ދިގުކަމުން މީހެއްގެ އިސްކޮޅުވެސް ހުންނާނެއެވެ. އެދިމާލުން ކަށިކެޔޮގަސްތަކެއް ފެނުމުން ކަށިމާ ބިންނަހިތްވިއެވެ. ކޮންމެ ފަހަރަކު މާ ބިންނަން އުޅޭއިރަށް އެ މާ އެހެން ދިމާލަކަށް ގޮސްދާނެއެވެ. އެވަރުންވެސް ދޫނުކޮށް މަސައްކަތްކުރަމުންގޮސް އަހަރެންގެ މޫނުމަތިން ދާ ހިއްލައިފިއެވެ.

ކުއްލިއަކަށް މިހުރީޒް ފައުޅުވިއެވެ. އޭނަ ވަރަށް ފަސޭހަކަމާއިއެކު މަލެއް ބިނދެލާފައި ދިއްކޮށްލިއެވެ.

"ބޭނުމެއްނޫން. ގަސްތުގައި އުދަގޫކުރީނު...." އަހަރެން މާ އެއްލާލާފައި ދުވަމުންގޮސް ގެއަށް ވަނީމެވެ. އަދިވަންއިރު އާރިސް ބައްތިތަކަށް ސާފުތެޔޮ އަޅަން އިނދެލާފައި އިސްއުފުލާލައިފިއެވެ. އެދެލޮލުގައި ހުންނަނީ ވަރަށް ސާފުކުލައެކެވެ. އޯގާތެރިކަން ފާޅުވާންހުރެއެވެ. އެކަމަކު ނާހިދާ ދެއްކި ވާހަކަތަކުގެ ސަބަބުން ފޫހިވެފައި ހުރިވަރުން ނެއްޓިވަރުން ދެލޯ އަޅައިލީމެވެ. ވެވޭނެނަމަ އެދެލޮލުން އަންދާލީމުހެވެ.

"މޮޔަވީތަ؟ ނުޖެހޭނެ ތިގޮތަށް ބަލާކަށް. މިބުނަނީނު މަށާއި ދިމާލަށް ނުބަލާށޭ......" އަހަރެން ބާރުބާރަށް ހަޅޭއްލަވައިގަތީމެވެ. އާރިސްއިނީ ބިރުން ފިތްކެނޑޭވަރުވެފައެވެ. އަހަރެން ބޮޑަށް ރުޅިއައީ މާފަށް ނޭދުމުންނެވެ. އެދިޔަ ބާރުމިނުގައި ބައްޕައިންތާކުން ހޯދައިގެން ބައްޕަގެ ގާތުގައި ދޮގުހަދަހަދާފައި އާރިސްގެ ވާހަކަ ކުޓުވީމެވެ. ކޮންމެގޮތެއް ހަދާފައިވެސް އާރިސް މިގެއިން ބޭރަށް ނެރެލަންޖެހެއެވެ. އަހަންނަށް ކަމުދަނީ އަންހެން ނޯކަރެކެވެ. ފިރިހެނެއް ނޫނެވެ.

އެރޭ މީހަކު މާ ބާރަށް ރޯ އަޑު ކާކޮޓަރިތެރެއިން އިވެން ފެށުމުން އަހަރެން ސިއްރު ސިއްރުންގޮސް ކުޑަދޮރުގައިވާ ލޯވަޅަކުން އެތެރެއަށް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ބައްޕަގެ ފައިގާ ހިފައިގެން އޮވެ އާރިސް އާދޭސްކުރަނީއެވެ.

"އާދޭސްކޮށްފައި ބުނަން. އެފުޅިއަށް ނުލާ......" އާރިސްފަދަ ބޮޑު ފިރިހެނަކު ވޭނީ ގޮތަކަށް ރޯ އަޑު މުޅި ގޭގައި ހިފާލާފައި ވުމުން އަހަރެންވެސް ކަންބޮޑުވިއެވެ. އެބުނަނީ ކޮން ފުޅިއަކަށް ނުލާށޭ ހެއްޔެވެ؟

"ކަލޭ ކުރީ އާދައިގެ ކުށެއްނޫން. ކަލޭ މަރާނުލާ އެއްލާލަން އުޅޭކަމަށްޓަކާ ޝުކުރުކުރޭ. މަގޭ ހުރި އެންމެ އަންހެންދަރިފުޅު ގަޔަށް އަތްލި ދެއަތް ބުރިކޮށްލަން ބޭނުމީ. ތިޔަ ދެލޯ ކޮނެލާފައި އަދި އަތް ބުރިކޮށްލެވުނުނަމަ މަގޭ ހިތަށް ފަސޭހަވާނެ. މިއަދު ކަލޭގެ ރުއިމަކުން މިހިތަށް ކުޑަނަމަވެސް އަސަރެއްނުކުރާނެ. ކަލޭ އަބަދަށްޓަކާ މިތަނުން ދޭ........." ކުއްލިއަކަށް ބައްޕަ ތުންތަޅުވަމުން ކޮންމެވެސް އެއްޗެއް ކިޔަވަންފެށިއެވެ. އާރިސްގެ ރުއިމުގެ އަޑުގަދަވިއެވެ. ކޮންމެވެސް ބޮޑުކަމެއްވާން އުޅޭކަމުގައި ވިސްނި ކުއްލިއަކަށް އެތަނަށް ވަދެވުނުއިރު ބައްޕަ ކަބަޑްމަތީގައި ހުންނަ ކުލަކުލައިގެ ފުޅީގެ މަތި ހުޅުވާލައިފިއެވެ.

"ބައްޕާ....." އަހަރެން އެއްޗެކޭ ބުނަން އަނގަ ހުޅުވައިލީމެވެ. އާރިސް ނުކުރާކަމެއްގެ ސަޒާ ލިބެން އުޅޭކަން އެނގި ހިތަށް ނުބައިގޮތެއްވެ އާރިސްއަށް ބެލުނީވެސް ހަމްދަރުދީގެ ނަޒަރަކުންނެވެ. އެރީތި މޫނަށް ކުއްލިއަކަށް ބަދަލު އަންނާންފެށިއެވެ. ބަލަބަލާ ހުއްޓާ މީހާ ލޯމަތިން ފަނޑުވާން ފެށިގޮތަށް ހިޔަންޏަކަށް ބަދަލުވެ އެހިޔަނި ދުންކޮޅަކަށްވެއްޖެއެވެ. ދުންކޮޅު މަޑުމަޑުން ދަތުރުކުރަމުންގޮސް އެފުޅިއަށްވަދެ ދުމުގެ އަސަރު ކެނޑުމުން ބައްޕަ ފުޅީގެ މަތި ޖަހައިލިތަން ފެނުމާއިއެކު ހެޔަށް ގޮތެއްވިކަން އެނގުނެވެ.

ހޭލެވުނުއިރު މަންމަ އިނީ އަހަރެންގެ މޫނުގައި ފެންލާށެވެ.

" މަންމާ. އާރިސް......."އަހަންނަށް ރޮވިއްޖެއެވެ. މިހުރިހާ ދުވަހު މިގޭގެ ޚިދުމަތުގައި ވަފާތެރިކަމާއިއެކު އުޅުނު އާރިސްއަކީ ޖިންނިއެއްކަން އެނގުނީ ހަޔާތުގެ އެންމެ ފަހު ވަގުތުގައެވެ. އެއީ މިހުރީޒްއާއި ކިހާ ގުޅުމެއް ހުރި މީހެއްބާވައެވެ. އަހަންނަށް މިކުރެވުނީ ކޮންފަދަ ބޮޑު ނުބައިކަމެއްހެއްޔެވެ؟ އަހަންނަކީ ކުށްވެރިޔަކީމެވެ. ޖިންނިއަކަށްވިޔަސް އެހާ ރަގަޅު މީހެއްގެ ބޮލުގައި ދޮގު ތުހުމަތު އަޅުވައިގެން އެހާ ބޮޑު ސަޒާއެއް ދިނުމަކީ ކުށެކެވެ. ހިތަށް ވަރަށް އަސަރުކުރިއެވެ. އަހަންނަކީ ކޮންފަދަ ނުބައިމީހެއްހެއްޔެވެ؟ އެއްވެސް ރަހުމެއްނެތި ކުށެއްނެތް މީހަކަށް އެދެވުނީ ކޮންފަދަ ދެރައެއް ހެއްޔެވެ؟ އޭނައަކީ ނިކަމެތި މީހެކެވެ. ގެއެއްގެ ނޯކަރީކަން ކުރާނީ އެހެންވީމަ ނޫންހެއްޔެވެ؟ އެފަދަ ސަޒާއެއް އޭނައަކަށް ހައްގެއްނޫނެވެ. ހާދަ ދެރައެވެ. އަމިއްލަ ނަފުސަށް ލައުނަތް ދިނީމެވެ. އޭނަގެ ރުއިމުގެ އަޑު މިގޭގެ ހަތަރުފާރުން އެތެރޭގައި އަބަދު ހަރުލާފައި ހުންނާނެކަން ޔަގީނެވެ.

ހިތާމަވެރި ސަފުހާތަކެއް ކިޔަންވުމުން ރަފައެލްއަށްވެސް އުދަގޫވެގެން ޑައިރީ ލައްޕާލަން މަޖުބޫރުވެއްޖެއެވެ. އެހެންނޫނަސް ދިވެހި ކިޔަން ރަފައެލް އެހާ ފަރިތައެއް ނޫނެވެ. އޭނަ ކޮށިކަމުން އެންމެ ސަފުހާއެއްވެސް ކިޔާލެވެނީ އެތައް ވަރުންނެވެ. އެންމެފަހުން ނިދިއަންނަގޮތްވެގެން އެނދުގައި ހަށިގަނޑު ދަމައިލިއިރުވެސް ޑައިރީ އެނދުމަތީގައި އޮތެވެ.

އަމީރާ ނަމާދުކޮށް ނިމެންދެން ލޫސިއާން އިނީ އެނދުގައި އިށީދެލައިގެންނެވެ. އަބަދާއަބަދު އަންހެނުން އެގޮތަށް ނަމާދުކޮށް ރަގަޅަށް އުޅޭތަން ފެނިފައި ލޫސިއާންގެ ހިތުގައިވެސް ދީނާއިމެދު ޝައުގު އުފެދުނެވެ. އަދި އަމީރާއަށްޓަކާ ހިތުގައިވާ ލޯބި ގަދަވިވަރަކަށް އޭނަ ގެއްލިދާނެކަމުގެ ބިރުވެސް ހީވާންފެށިއެވެ. ޖިންނިންގެ ދުނިޔެއާއި މުޅިން ގުޅުން ކަނޑާލާ އިންސާނުންގެ ތަނަކަށް "ކޮޓެޖް" ހަދަން އޭނަ އަޒުމް ކަނޑައެޅިއެވެ. ހިތުގައިވާ ޝުއޫރުތައް އޭނަ ހާމަކުރީ ރަފައެލް ކައިރީގައެވެ.

"އެއްވެސް ޖިންނިއަކަށް މިގެއަށް ނުވަދެވޭގޮތް ހަދަން ބޭނުމީ...." ލޫސިއާން ހުރީ ބެލްކަނީގެ ރެއިލިން މައްޗަށް ކޮޅަށް އަރާފައެވެ. އޭނަގެ ފައި ރެއިލިންގައި ޖެހެނީއެއްވެސް ނޫނެވެ.

"ލެން. ކިތަންމެ ބޭނުންވިޔަސް އެމީހެއްގެ އަސްލެއް ބަދަލެއްނުކުރެވޭނެ. އެހާވަރަށް ބުނީމަވެސް އަމީރާއާއި ކައިވެނިކުރީ. އެއީ ދީން ހުއްދަކުރާ ކަމެއްވެސް ނޭގޭ...." ރަފައެލް އިނީ ގޮނޑިއެއްގައި އިށީދެލައިގެންނެވެ. ދުންއަރަ އަރާހުރި ކޮފީތަށްޓެއް އަތުގައި ހުއްޓެވެ.

"ހުއްދަނުކުރާކަމަށް ޝޭޚަކު ބުނި. އެކަމަކު އަމީރާއަށް އޮޅުވާލައިގެން ކައިވެނިކުރީ ލޯބިވާތީ. އަދި އަހަރެން އެ ޝޭޚުންގެ ވާހަކަ ގަބޫލުކުރަން ބޭނުންނުވީމަ. އިންސާނެއްގެ ދަރިއަކަށް ވީހިދު އަހަންނަށްވެސް އެކަމަކަށް އެއްބަހެއް ނުވެވޭނެ......" ލޫސިއާން ރެއިލިންމަތީގައި އިށީދެލައިގެން އިންއިރު އެމޫނުމަތިން ފެންނަނީ ހިތާމައިގެ ކުލަވަރެވެ. ލޯބި އެއީ ކޯންޗެއްކަން އެހިތަށް އިހުސާސްކުރެވުމުން މިހާރު އަމީރާ ގެއްލެން ނޭދެނީއެވެ.

"ހުރިހާ ނުބައިކަމެއްގެ އަސްލަކީ ފާފަ. ސިހުރުހެދުން. ކާފަގެ ސަބަބުން ޖިންނިން އަހަރެމެންގެ ލައިފަށް އަންނަން ޖެހުނީ. ވިކްޓިމްއިންނަށް މިވީ އަހަރެމެން ދޯ...." ރަފައެލް ވިސްނަނީ އަދި އެހެން ކަމަކާއެވެ.

"އަހަރެން ދުވަހަކު އެމީ ދޫކޮށެއްނުލާނަން. ހަށިގަނޑުގައި ފުރާނަ ހުރިހާ ހިދަކު އެކަމެއްނުވާނެ....." ލޫސިއާން އެހެން ބުނިކަމުގައިވިޔަސް އޭނަ އެބަ ބިރުގަނެއެވެ. އަމީރާގެ ބައްޕަވެސް ވަނީ ޖަލުން މިނިވަންވެފައެވެ. އަމިއްލަ ރައްކާތެރިކަން އޭނަވަނީ ކަށވަރުކޮށްފައެވެ. ލޫސިއާންއަށްވެސް ބިރުބޮޑުވާނެއެވެ.

ޒޯހަން އައި ސީ ޔޫއިން ނެރުނުނަމަވެސް އޭނައަށް އަދިވެސް ވާހަކައެއް ނުދެއްކެއެވެ. ހީވަނީ މީހަކު ދުލުގައި ހިފަހައްޓައިގެން ހުންނަހެންނެވެ. ރަފައެލް ފެނުމުން ޒޯހަންގެ ދެލޮލުން ބިރުވެރިކަން ފާޅުވެ އޭނަ ވަގުތުން ލޯ މަރައިލަނީ އެސޫރަ ނުދެކެންވެގެންނެވެ.

ކޮމެންޓް 0