ހެނާ ހޭލެވުނުއިރު އޭނަ އޮތީ މަޑު ތަންމައްޗެއްގައެވެ. އޭނަގެ އަތުގައި ހިފަހައްޓާލައިގެން އެނދުގައި ބޯ އަޅާލައިގެން ނިދާފައި އޮތް ޒޯހަންގެ މޫނަށް ބަލާލާފައި ހެނާ ހައިރާންވިއެވެ. އޭނަ މިއޮތީ ކޮންތާކު ހެއްޔެވެ؟ ޒޯހަން އޭނަގެ އަތުގައި ހިފައިގެން މިއިނީ ކީއްވެހެއްޔެވެ. އަބަދާއަބަދު އެގޮތަށް އޭނަގެ އަތުގައި ހިފާލައިގެން ޒޯހަން އިންނާނެނަމައެވެ. އެވަރުގަދަ އިސްތަށިގަނޑުގައި އަތް ބީހިލާހާ ކައިރީގައި އޮތްއިރު ބަރު ބަރު އެސްފިޔަތަކަށްވެސް ބެލުނެވެ. އެހާ ކަޅުކަންގަދަ ބުމައެކެވެ. ފުރަތަމަ ދުވަހުވެސް ލޮލުގައި އަޅައިގަތީ ބުމައެވެ.

ކުއްލިއަކަށް ދޮރުމައްޗަށް މައިކަލް އެރިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މައިކަލްގެ މޫނުގެ ކުލަވަރު ބަދަލު ފަހަތަށް ޖެހިލުމުން ހެނާއަށް ވިސްނުނީ އެންމެ އެއްޗެކެވެ. ޒޯހަންދެކެ މައިކަލް ރުޅިއަންނަނީ ޒޯހަންއަކީ ގާތިލަކަށްވީމައެވެ. އެނޫނީ ދެން ކޮން ސަބަބެއްހެއްޔެވެ. ހެނާ ޒޯހަންގެ އަތުތެރެއިން އަތް ދަމައިގަންނަން މަސައްކަތްކުރީ އަތް ވާޅުވެ އައްސިވާންފެށީމައެވެ. ޒޯހަން އަދިވެސް ބާރުކޮށްލުމުން ހެނާގެ އަތް ފުނޑުފުނޑުވެގެން ގޮސްދާނެހެން ހީވިއެވެ. ޒޯހަންގެ ބާރު އިހުސާސްކުރެވިފައި ހެނާއަށް ސިހުމެއް ލިބުނެވެ. ނިދީގައިވެސް ހާދަ ހަރުކަށިއެވެ. އަތަށް ތަދުވިވަރުން ދެލޯ ކަރުނުން ފުރުނެވެ.

"ކީއްވެ ތިރޮނީ. ތަނެއްގައި ރިއްސަނީތަ؟ " ޒޯހަން ކުއްލިއަކަށް އާ ފުރިލާފައި ހެނާއަށް ބަލައިލިއެވެ.

"އަތަށް ތަދުވީ. އަޅުގަނޑު މިތަނަށް ގެނައީ ކާކުތޯ...." ހެނާ ޖެހިލުންވިޔަސް ސުވާލުކޮށްލިއެވެ.

"ހެނާ ސިޑި ކައިރިއަށް ވެއްޓިފާ އޮތްވާ ފެނުނީ މަށަށް. ފުރަތަމަ ހީކުރީވެސް މަރުވެފައި އޮތީކަމަށް. ނަސީބަކުން މާބޮޑު އަނިޔާއެއްނުވި، އަތާއި ނިތްކުރީގައި ހުރި ޒަޚަމްފިޔަވާ އެހެން ގެއްލުމެއް ލިބިފާ ނެތްކަމަށް ޑޮކްޓަރު ބުނުއްވީ، ހެނާ ދެން ކުރު ޗުއްޓީއެއް ހަދާލާ........" ޒޯހަން ގަޑިއަށް ބަލާލަމުން ގޮނޑީގައި ހަމަޖެހިލަމުން ހެނާގެ މޫނަށް ބަލަން އިނީ ރަކިކުރާފަދަ ނަޒަރަކުންނެވެ. ހެނާގެ މޫނުން ދާހިއްލަންފެށިއެވެ. ކަންބޮޑުވެ ރަކިވެގެން ރަކި ހިންޏެއްވެސް ތުންފަތަށް ވެރިވެއްޖެއެވެ. ޒޯހަން ހޭންފެށިއެވެ. އޭނަ ފެނިފާ އަންހެންކުދިންނަށްވަނީ ހާދަ ވަރެކޭވެސް ބުނެލުމުން ހެނާ ހައިރާންވިއެވެ. ޒޯހަން ހާދަ ފޮންޏެވެ. ހެނާ ދުވަހަކުވެސް ފޮނި ބޮޑާމީހުންދެކެ ރުހޭގޮތެއް ނުވެއެވެ. އޭނައަށް ރަގަޅީ ހިތްތިރި މީހުންނެވެ. ޒޯހަންގެ އެހެރަ ނުބައި ސިފަތަކާއިއެކުވެސް ރުހެވެނީ ކީއްވެގެންހެއްޔޭ އަމިއްލަ ނަފުސާއި ސުވާލުކުރެވުނަސް ޖަވާބެއްނުލިބެއެވެ.

"އެބަ އަންނަން ކާއެއްޗެއް ހިފައިގެން. ހެނާގެ ފެމިލީ ނެތީމަ އެމީހުން އަންނަންދެން ހެނާ ބެލެހެއްޓުމަކީ މަގޭ ޒިންމާއެއްކަމުގައި ދެކެގެން މިކަންތައްކޮށްދެނީ އިނގޭ، ނުބައި ގޮތަކަށް ހީނުކުރައްޗޭ..." ޒޯހަން ދަމުން އެނބުރި ބަލާލާފައި އެއްލޯ މަރައިލުމުން އާސާގެ މަތިންވެސް ހަނދާންވިއެވެ. ނަމަވެސް ޒޯހަންގެ އެ ހަރަކާތުން ހިތް ފިނިވެ އަވަސްވެ ރަކިވެސްވިއެވެ. އޭނަ ހަމަ ރަގަޅަށްވެސް ފްލާޓްކުރަނީހެއްޔެވެ؟ ޒޯހަން ނުކުތްތަނާހެން އާސާ ދުވަމުން ދުވަމުން އައިގޮތަށް ހެނާގެ ކައިރިއަށް ތިރިވިއިރު ދެލޯ ބޮޑުކަމުން ފުންމާލަފާނެފަދައެވެ. ހެނާގެ އާއިލާއިންވެސް އެހާ ހާސްވާނެކަމެއް ނޭގެއެވެ. އެހާވެސް އާސާހުރީ ކަންތައްބޮޑުވެ ބިރުގެންފައެވެ. މައިކަލްވެސް އައެވެ. މައިކަލް ހުރީ ރުޅިމޫނު ދައްކާލައިގެންނެވެ. ކަމަކާ ވަރަށް ހިތްހަމަނުޖެހިފައި ކަހަލަ ގޮތަކަށެވެ. މައިކަލް އަބަދު ނުރުހުންވެފައި އެހުންނަނީ ކޮންކަމަކާ ކާކުދެކެހެއްޔެވެ؟ އޭނައަށް އެނގޭ އެއްޗަކީ މަންމަމެން މައިކަލްއާއި އަމީރާގެ ކައިވެނީގެ ކަންތައް ހަމަޖައްސަމުންދާ ކަމެވެ.

އެކަނިވެލާއިރަށް މައިކަލް ދަތްކުނޑިވިކައިގެންފާ އިންޒާރުދިނެވެ.

"ކިތައްފަހަރު ބުނާނީ؟ ހެނާ ޒޯހަންއާއި ވާހަކަދައްކައިގެން ނުވާނެ. އަޑުނީވެންޏާ ފިޔަވަޅު އަޅާނަން..." މައިކަލްގެ ދެލޮލުން ފެނުނު ސާބިތުކަމާއިއެކު ހެނާގެ މޫނަށް ނަޒަރު އަމާޒުވެފައި ވުމުން ކުޑަކުއްޖެއްހެން ހެނާ ކަޅިވެސް ޖަހާނުލައި ބަލަން އޮތްއިރު އެކުއްޖާ އޮތީ ބިރުގެންފައެވެ.

"ތިއުޅެނީ ބޮނޑިއެއް ބޯހިތުން، ހެނާއަކަށް އިހަށް ދުވަހު މިރަށުގައި ހިނގި ހާދިސާ ހަމަ ނޭގެނީތަ؟ އޭނައާއި މީޓްކޮށްގެން ނުވާނެ ދެން...." މައިކަލް ގެ ކަޅުދެލޮލުގެ ވިދުންގަދަކަމުގެ އިންތިހާއެވެ.

ހެނާ ލަސްލަހުން ބޯ ޖަހައިލިއެވެ. އޭނަ ނުކުމެގެން ދިޔުމުން ހެނާގެ ލޮލަށް ކަރުނަ ޖަމާވީ ކީއްވެކަމެއްނޭގުނެވެ. ހާދަ ނުލަފާމީހެކެވެ. ބޭބެއަކަށްވިޔަސް ހެނާގެ ހިތުގައި ޝަކުވާ އުފެދުނެވެ. މައިކަލް ފިޔަވަޅު އަޅަން ބުނީ އޭނައަކީ މައިކަލްގެ މުވައްޒަފެއް ހެއްޔެވެ؟ ހެނާ އެނދުގައި އޮވެފާ ކުއްލިއަކަށް ކަނދުރާގައި އަތްލީ ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށެވެ. ބައްޕަދިން ފަށް ނެތެވެ. ގެއްލުނީ ކޮންދުވަހަކު ހެއްޔެވެ؟ ތަންކޮޅެއް ކުރިން ދުވަހަކު އޭނަ އެފަށް ނަގައިގެން އުޅެފާ ނާޅާ ކޮންމެވެސް ތަނެއްގައި ބޭއްވުނީކަމަށް ވެދާނެއެވެ. އޭނަ އެހާ ފަރުވާކުޑަވީ ކީއްވެބާވައެވެ. މިއިން ޒަމާނެއްގައިވެސް ކަރުގައި އެފަށް އޮތް ހަނދާނެއްނުވެއެވެ. ފެންވަރާއިރު އަތްނުލެވުނީމަވެސް އޭނައަށް ނޭގުނު ގޮތާއިމެދު ހަމަ ހައިރާންވިއެވެ. އޭނައަށް ބައްޕަ އެފަށް ދީފައިވަނީ ޖިންނިންގެ ފަރާތުން ރައްކާތެރިކަންދޭން ކަމަށްވެސް ވެދާނެއެވެ. ބައްޕައަކީ ކޮންމެވެސް ކުށެއްގައި ބެދިގެން ޖަލަށް ލާފައި ހުންނަތާ އެތައް އަހަރެއްވެފައިވާ މީހެކެވެ. އެކަމުގެ ހަގީގަތް އަދި އަދަށް ދާންދެންވެސް ހެނާމެންނަކަށް އެނގިފައެއްނެތެވެ.

ހެނާ ކޮޓަރިއަށް ވަންގޮތަށް އެފަށް ނުފެނިގެން މުޅި ކޮޓަރި އެފުށްމިފުށަށް ޖެހިއެވެ. އެއްއަތްތިލަ ބެންޑޭޖްކޮށްފައި ހުރުމުން އުދަގޫވިނަމަވެސް އޭނަހުރީ އެ ފަށާއިމެދު ވިސްނުނު އެއްޗަކުން ހާސްވެފައެވެ. އަމީރާއަށް ދިން ފަށްވެސް ގެއްލުނީއެވެ. އެހެން ހުއްޓާ ކުއްލިއަކަށް ބޭރުން ކޮންމެވެސް މީހަކު ވާހަކަދައްކާއަޑު އިވިފާ ނުކުތްއިރު ފެނުނު މަންޒަރަކުން ދެލޯ ބޮޑުކޮށްގެން ހުރެވުނެވެ. ދޮންބައްޕަގެ ކޮޓަރީގައި ގެންގުޅޭ ފަތި ޓީވީހުރީ ސިޓިންރޫމްގައެވެ. އާސާ ސޯފާއަށް ދެފައި ލައިގެން ޕޮޕްކޯންކާން ހީހީއިނދެފައި ހެނާއަށްވެސް ދައުވަތުދިނެވެ.

"އާސާ. ވަޓް ހޭވް ޔޫ ޑަން. ކާކު ތި ޓީވީ ނެރެދިނީ؟ "ހެނާ ހުރީ ބިރުގެންފައެވެ. އާސާ ގެއަށް ގެނެވުނުކަމުގެ މޮޔަހީވިއެވެ. ދޮންބައްޕައާއި މަންމަވެސް ކުށްވެރިކުރާނީ އޭނައެވެ. މަންމަ ފަހަކަށް އައިސް އާސާއާއިމެދު އެހާވަރަށް ހަރުކަށިނުވަނީ ކީއްވެކަމެއް ނޭގެއެވެ. އާސާ ފެނުނަސް މަންމަ ރުޅިއެއްނާދެއެވެ. އާސާ އެގޭގައި ހުންނާނެ ވާހަކަ ބުނުމުންވެސް މަންމަ ދެކޮޅު ނަހަދާ ދިޔައީއެވެ. އެކަމަކު އާސާ މިއުޅެނީ ކޮންފަދަ މޮޔަކޮށްހެއްޔެވެ. އާއިލާތެރޭގައި އޮންނަ ގުޅުން އާސާގެ ކައިރީގައި ހާމަކުރާކަށް ހެނާ ނޭދެއެވެ.

"އެކުވެރި ފިރިހެންކުއްޖެއް. ކީއްވެ ތިހާ ހާސްވެފައި ތިހިރީ؟ އެކޮޓަރިއަށް ވަނުމަށްވުރެ މާ ރަގަޅެއްނު މިތާ ޓީވީހުރީމަ. ސަކީނާއްތަވެސް ފޫހިފިލާނެ. އެހެންނޫނީ ތާއްޔާ ޖެހިޖެހި އިންނާނީ އަނގަ ހުޅުވާލައިގެން. ކުރީރޭވެސް މަ ކުރަތްޕެއް ފެނިގެން ފަހާގަތްއިރު ސަކީނާއްތަ ގުގުރިދަމަން އަނގަ ހުޅުވައިލި ވަގުތާއި ދިމާވީ. އެސޮރު ޖެޓެއްހެންގޮސް ސަކީނާއްތަގެ އަނގަޔަށް ވަނީ. ކުރަފިގަނޑު ހަފާ ކާނުލީވެސް ކިރިޔާ. އެހެންވެ ހިތަށް އެރީ ސަކީނާއްތައަށްވެސް ހެޔޮ ކަމެއްކޮށްދޭނީއޭ. ނުނިދާ އިންނާނެއްނު. އެވެސް ނައިޓްމެއާ އެއްދޯ، ނިދީގައި ކުރައްޕެއް ކާލާނީޔޯ........" އާސާގެ މޮޔަ ވާހަކައިންވެސް ހެނާ ހިންޏެއް ނައެވެ. އޭނަ ހުރީ އެއަށްވުރެ ކަންބޮޑުވެފައެވެ.

"ހެނާ. އަނގަޔަށް މެއްސެއް ވަދެފާނެ. އަނގަ ލައްޕާލަ ޕްލީޒް...." އާސާ ހޭންފެށިއެވެ.

"ޝަޓަޕް. އަހަރެން ހިންޏެއް ނާދޭ. މީހަކު ސީރިޔަސްވާ އިރެއްގައިވެސް މި އާސާއަށް އެނގޭނީ ހޭން. މަޖައެއް ނޫނޭ..." ހެނާ ބާރުބާރަށްގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލައިފިއެވެ. އެނދަށް ވެއްޓިގަތްގޮތަށް އޭނަ ސީލިންއަށް ބަލަން އޮތްއިރު ކިރިޔާ އަޑެއް އިވިލިޔަސް ހަތަރެސްފައިގާ ވާ ލޯލިތައް ކޮޅަށް ޖެހިލައެވެ. އެކަމަކު ހެނާ އޮތީ ބިރުނުގަންނަކަމަށް ހެދިގެން ނިތްކުރީގައި އަތް ބާއްވާލައިގެންނެވެ. ފަންކާއަށް ބަލަން އޮތްވާ ފަންކާ ކުއްލިއަކަށް ނިވުމުން ހެނާ ގަތީ އަމަށަކު ބިރެއްނޫނެވެ. ތޫލި ހަޅޭކަކާއިއެކު އުދުހިލާފައި ކަހަލަގޮތަކަށްގޮސް އާސާގެ ގައިގާ ހިފައިގަތްއިރު ހެނާގެ ހިތް ހީވަނީ ފުންމާލަފާނެހެންނެވެ. އާސާ ސުވާލުކޮށްކޮށް ހެނާއަށް ޖަވާބެއް ދެވޭވަރުވީ ވެސް އިރުކޮޅަކުންނެވެ. ދެންވެސް އާސާ އެހާ ސީރިޔަސްކޮށް ނުނެގިއެވެ. ބުނީ އެ ވާނީ ކޮޓެޖްގައި އުޅޭ ޒޯހަންގެ އަމަލެއްކަމުގައެވެ. ޒޯހަންއަކީ ޒުވާން ސިހުރުވެރިޔެއް ކަމަށާއި އޭނަ ގެންގުޅޭ އައުވާނުން ހެނާވެސް ބިރުގަންނަވަނީ ކަމަށާއި އެކަންތައްތަކާ އަޅާނުލާން އާސާ ބުނެލީ ވަރަށް ހަމަޖެހިލާފައެވެ. އާސާބުނީ ޖިންނިންދެކެ ބިރުން އުޅެންޏާ މާ އުދަގޫކުރާނެ ކަމުގައެވެ. ބިރުނުގަންނަ މީހުންނާއި އެއްޗެހިވެސް އަޅާނުލާނެކަމުގައެވެ.

"އަހަރެން ބިރުގަތްކަމަށް ހެދުނީ. އަމުދަކުން ފަންކާ ނިވުނީ ކަރަންޓު ތަންކޮޅެއް މަދުވީމަކަން ޔަގީނޭ.." ހެނާ އަދި ތެދުވެފައި އެހެން ބުނީ އެގޭގައި އެއުޅޭ "މީހުންނަށް" އޭނަ ބިރުނުގަންނަކަން ސާބިތުކޮށްދޭން ވެގެންނެވެ. އެކަމަކު ދެން އޭނަ އެރޭ ހަތަރުދަމު އުޅުނީ އާސާގެ ފަހަތުގައި ހިޔަންޏެއްހެންނެވެ. އާސާއެކަން ފާހަގަކުރެވި ވަރަށް ދިމާކުރިއެވެ. ހެނާ ރަގަޅުވާނީ ވީހާވެސް ބިރުވެރި ފިލްމުބަލާ އެކަންތައްތަކަށް ހާނުވައިގެން ކަމުގައި އާސާ ބުނެލިގޮތުން ހީވަނީ ތަޖުރިބާކާރެއްހެންނެވެ.

ހެނދުނު އިރުއަރައިގެން އައިއިރު ހެނާ ވެސް ރީތިވެލައިގެން އާސާ އުޅޭގޮތެއް ބަލަން ބޭރަށް ނުކުތެވެ. މާ މީރުވަހެއް ދުވަންފެށުމުން އޭނަ ބަދިގެއާއި ދިމާލަށް ދިޔައިރު ކަމަކުދާކަށް ނެތެވެ. މަންމަ ތަޅުލާފައި ހުންނަ ކަބަޑްގެ ތަޅުދަނޑި ހޯދިގޮތެއްނޭގި އޭނަވަނީ އެ ހުޅުވާލައިގެން އޭގައި ހުރި ހުރިހާ އެއްޗެއް ނަގައިގެން ވަރަށް ކައްކާލާފައެވެ. ބްރައުނީޒް ހަދާލާފައި ހުރީ މަންމަ ރައްކާކޮށްގެން އުޅޭ ކޮކޯ ޕައުޑަރު ދަޅު ހުރިގޮތަށް ބޭނުންކޮށްގެންކަން ނޭގެއެވެ. ކިރުދަޅުވެސް ހުރީ ވަރަށް ބޮޑަށް މަދުވެފައެވެ. ކެޝޫ ނަޓްސް އަދި ހިކިމޭބިސްކަދުރުވެސް ކައި ހުސްކޮށްލައިފިއެވެ. ބިސްގަނޑު އަޅާ ކޮފީހަދާ ސެންޑްވިޗްވެސް ތައްޔާރުކޮށްލާފައި އާސާ ހުއްޓެވެ. ހެނާ ރުޅިއަންނަގޮތްވިއެވެ.

"އާސާ ދެން ކިހާ ދެރަކަމެއްތަ؟ އަހަރެންވެސް ތަޅުލާފައި ހުންނަތަން ތަނުން އެއްޗެހި ނުނަގަމެއްނު....." ހެނާ އެހުރިހާ ދަޅުތައް ގެންގޮސް އަލަމާރިއަށްލާން ފެށުމުން އާސާ ހުރީ ފާޑަކަށެވެ.

"ހެނާ އަންނަންވާއިރަށް ބްރޭކްފާސްޓް ހެދީ. ހެނާ އުފާކުރަންވެގެންނޭ މިކަންތައްކުރީ. ހީކުރީ............" އާސާ އިސްޖަހައިލިއެވެ.

"އަހަރެން ނޫޅެން ކާކަށް. އާސާގެ ގެއެއްވެސް ނޫނޭ މިއީ. ދެން ހުއްދަ ނުހޯދާ މިކަހަލަ ކަންތައް ނުކުރާތީ، މަންމަ ރުޅިއަންނާނީ އަހަރެންދެކެ. އާސާއަކަށް ނޭގޭނެ. އަހަރެން މިގެއަކުން ނުކަމޭ ތިކަހަލަ އެއްޗެއް. މަންމަ އާޒްއަށް ދޭން ގެނެއްސަ ހުންނަ ތަކެތި މިބައިގާ ހުންނަނީ. މިހާރު ހިތަށް އަރާ އާސާގެ ކައިރީގައި މިގެއަށް އަންނަން ނުބުނެވުނުނަމައޭ........" ހެނާގެ ވާހަކަތަކުން ދެރަވީކަން ނޭގެއެވެ. އާސާ ވަގުތުން އެތަނުން ނުކުމެގެން ދިޔައީ އިސްއޮބާލައިގެން ހުރެއެވެ. އެއީ އާސާގެ ފަރާތުން ދުވަހަކު ފެނުނު ފަރާތެއްނޫނެވެ. އަބަދު ހީހީ ހުންނަ އުފާވެރި ކުއްޖަކަށް އެހާ އަސަރުކޮށްފާނެކަމަކަށް ހެނާ ހިޔެއްނުކުރެއެވެ. ކޮންމެ އަންހެންކުއްޖެއްގެވެސް ހިތެއްވާނެއެވެ. އެ ނާޒުކް ގުނަވަނަށް ހާނިއްކައެއް ދީފިއްޔާ އެލަކުނު ފޮހެލުން ފަސޭހަނުވެވެސް ހިނގައިދާނެއެވެ. ހެނާގެ މޫނުގެ ކުލަވެސް އޮއްސުނެވެ. ހިމޭންކަމާއިއެކު އެދިމާލަށް ބަލަން ހުރެފާ ހިތަށް އަސަރުކޮށްގެން ނުކުމެގެން އައިއިރު އާސާއިނީ އަނބުގަހުގެ މޫގަނޑުމަތީގައި އިށީދެލައިގެން ރޮއިރޮއިއެވެ. ހެނާގެ ލޮލަށްވެސް ކަރުނައައެވެ. އެންމެ ގާތް އެކުވެރިޔާ އޭނަގެ ސަބަބުން ހާދަވަރަކަށް ހިތުގައި ޖެހިއްޖެއެވެ. އޭނަގެ އަމިއްލަ އެއްޗެއްގައި އަތްލިނަމަ އޭނަގެ އެއްވެސް ޝަކުވާއެއްނެތެވެ. ނަމަވެސް މަންމަމެންނާއި އޭނަގެ އޮންނަ ގުޅުން އޭނަވަނީ އާސާއަށް ސިއްރުކޮށްފައެވެ. އާސާއަށް އެކަން އެނގޭނެނަމަ އޭނަގެ އަމަލާއިމެދު ޝަކުވާއެއް ނުކުރާނެއެވެ.

"އަހަންނަށް މާފުކޮށްދީ......" ހެނާ އާސާގެ ކައިރިން މާފަށް އެދެން ބޭނުންވިއެވެ. ނަމަވެސް އެހިސާބަށް އޭނަ ފޯރުމުގެ ކުރިން އާސާ އެތަނުން ތެދުވެގެން ހިނގައިގަތެވެ. ހެނާ ބަލަން ހުއްޓާ ގޭޓުން ނުކުމެގެންގޮސް ނިވާވިއެވެ. އާސާ ހަމަޖެހުނީމަ އޭނަ އަންނާނެއެވެ. އާސާއަކީ އެހާ ހިތްނުބައި ކުރާނެ ކުއްޖެއް ނޫނެވެ. އޭނަ ކޮންމެ އެއްޗެކޭ ބުންޏަސް އޭނަގެ ހިތުގައި އާސާއަށްޓަކާ ވާ ލޯތްބާއި ގާތްކަން އާސާއަށް އިހުސާސްކުރެވޭނެއެވެ.

ނުވަރަ އެލިޔާއަކީ ފަރުބަދަމަތީގެ އެންމެ ހިތްގައިމު އެއް ޓައުނުކަމުގައި ބުނެވިދާވަރުގެ ރީތިތަނެކެވެ. ލިޓްލް އިންގްލޭންޑްގެ ގޮތުގައި މަޝްހޫރުވެފައިވާ އެރަށުގެ ގެތައް ވެސް ހަދާފައިވަނީ އިނގިރޭސި ވިލެޖެއްފަދައިންނެވެ. އަދި އަބަދާއަބަދުހެން ބަހާރު ފަދަ މޫސުމެއް އަބަދު އައިސްފާ ވުމަކީ އެރަށުގެ ހިތްގައިމުކަން އިތުރުކުރުވާކަމެކެވެ. ނޭވާ ހިފަހައްޓާލާފަދަ ރީތި ވާދީތަކާއި ވަށައިގެން ފެންނަ ފަރުބަދަތައް ފެހިކަންގަދަ ސައިފަތް ދަނޑުތަކުގެ ސިލްސިލާ ފެންފައްވާރާތައް އަދި ގުދުގުދުލާފައިވާ މަގުތަށްވެސް އެހާ ފުރިހަމައެވެ. ގުދުރަތީ ރީތިކަމަށް ލޯބިކުރާ މީހުންނަށް އެންމެ ހިތްގައިމު އެއް މަންޒިލްކަމުގައިވާނެއެވެ. އަމީރާ ރަތްކުލައިގެ ޖެކެޓަކާއި ނޫޖިންސެއްލުމަށްފަހު އިސްތަށިގަނޑު މައްޗަށް އޮމާންކޮށްލިއެވެ. ތުންފަތުގައި ލިޕްބާމް ހާކައިލީ ފިނިން ތުންފަތް ސަލާމަތްކުރުމަށެވެ. ކަރުގައި ވާ ނިޝާންތައް ފޮރުވަން އޭނަ ސްކާފް އޮޅައިލިއެވެ. އޭނައަށް ސަޒާ މިލިބެނީ ކޮންކަމަކާ ހެއްޔެވެ؟ އުޅެވޭލެއް ގޯހީބާވައެވެ.

މޭކަޕެއްނެތި ސާދާކޮށް ހުރިއިރުވެސް އަމީރާ ފެންނަ ކޮންމެ މީހަކު ދެވަނަފަހަރަށް ބަލައިލަން މަޖުބޫރުވާފަދަ ގޮތެއް އެމޫނުގައިވެއެވެ. އެންމެން ރެސްޓޯރެންޓަށް ކާން ދިޔައިރުވެސް ދާހިތްނުވެފައި ހުރެފާ އަމީރާ ގޭޓު ކައިރިއަށް ނުކުތެވެ. ޖާމަން ޝެޕާޑްގެ އަޑުއިވިފާ އަމީރާ ސިހޭގޮތްވެފައި އެދިމާލަށް ބަލައިލިތަނާ ފެނުނީ ހިތް އުފާވާފަދަ މަންޒަރެކެވެ. ލޫސިއާން އެހެންލާފައި އައިތަނެވެ. ދުންފިނީގެ ތެރެއިން އޭނަ ފެންނަނީ ހާދަ ރީތިކޮށެވެ. ކަޅުކުލައިގެ ގަމީހަކާއި ޖިންސެއްގައި ފެންނައިރު މާތްގޮތެއް ހުރެފައި ޕްރިންސެއްފަދައެވެ. އަންހެންކުދިންގެ ހިތުގެ ވެރިޔާއެވެ. އެދެލޮލުން ކިތަންމެ އަންހެންކުދިންގެ ހިތާއި ކުޅެލާނެއެވެ. ހިތަށް އައި ހަމަލާއާއިއެކު އަމީރާއަށް ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ. އެކަމަކު އޭނަގެ މަޖުބޫރީހާލަތު ހަނދާންވުމާއިއެކު އަމީރާގެ ތުންފަތަށް ވެރިވި ފަނޑު ހިނިތުންވުން އެއްކޮށް ފިލާ ލޮލުން ކަރުނަ ހިލުނެވެ. ދުރަށް ބަލައިލެވުނެވެ. އެރީތި ކުއްޖާގެ މޮޅިވެރި މޫނު ފެންނަ ކޮންމެ މީހެއްގެ ހިތުގައި ސުވާލުތަކެއް އުފައްދާނެކަން ގައިމެވެ. ލޫސިއާންވެސް ތުންފަތުގައި ދަތްއަޅައިލީ އެމަންޒަރު ބަލަން ކުޅަދާނަ ނުވެގެން ކަހަލަ ގޮތަކަށެވެ.

"ހައި....." ލޫސިއާން ހުއްޓުނީ ދެތިން ފޫޓުދުރުގައެވެ.

"އެވަރަށް ބުނާއިރުވެސް ފަހަތުން އެބައާދޭ...." އަމީރާ ކުޑަކޮށް ލޯ އަޅައިލިއެވެ. ހިތަށް ތަދުވެސްވިއެވެ.

"މިމަގުން ހިނގުމުގެ ހުއްދައެއްވެސް ނެތްކަން އެނގިއްޖެ. އެކަމަކު ވީކަމެއް ބުނީމައެއްނު، އެބައެނގޭ ތިކުރަން އުޅޭކަމެއް ކުރަނީ އަމީރާގެ ރުހުމާއި ނުލާކަން.އެހެންވެކަން ނޭގޭ އުދަގޫމިކުރެވެނީ. ހިތުގެ އިޚުލާސްތެރިކަމާއިއެކު ނާންނާށޭ ބުނިއްޔާ އަހަންނަށްވެސް ފީލްވާނެ. ބޭބެއަކާއި ކައިވެނިކުރުވަން ބާރުއަޅާތީ ދެރަވެފައިތަ؟ އަހަންނާއިއެކު ފިލައިގެން އަންނަންވީނު. ހެލްޕްވެދީފާނަން...." ލޫސިއާން އަމީރާގެ ހިތުގެ އަޑު އިވުނީ ކިހިނެއްހެއްޔެވެ؟ އަދިވެސް ލޫސިއާންއަށް ނޭގުނީ އޭނައާއި ކުރިމަތިވެގެން އުޅޭ ހަގީގީ ބިރެވެ. އިފުރީތެއްގެ ދާން ފަޅުފިލުވައިލަން ގެންގުޅޭ ޖާރިޔާއެކޭ މިއަދު އޭނަގެ ތަފާތެއްނެތެވެ. ކައިވެނީގެ ނަމުގައި އެތައް ފަހަރު އޭނަ ލޫޓުވާލައިގެންވެސް އެމީހާގެ ހިތެއްނުފުރެއެވެ. އެރަންނަމާރި އޭނަ ގައިދުކޮށްގެން ހުރެ ކުރާ އަނިޔާ އެނގޭނެނަމަ ލޫސިއާންގެ ހިތްވެސް ކަރުނަ އަޅާނެއެވެ.

ލޫސިއާންއަށް އެނގޭނެނަމައެވެ. އޭނަ ހަގުރާމަކުރަނީ އިންސާނަކާއި ނޫނެވެ. ލޫސިއަންއަށްވެސް އެފަރާތާއި ކުރިމަތިލުމާއި ކުޅަދާނައެއްނުވާނެއެވެ. ފަހަރެއްގައި ކާމިޔާބުވިޔަސް ކޮންމެވެސް އެކެއްގެ ފުރާނައަށް ނުރައްކާނުވެއެއް ނުދާނެއެވެ. އޭނަ މިކަމުގައި ނިމިގެން ދިޔަސް އެހެން ފަރާތަކަށް ގެއްލުމެއްވާކަށް އަމީރާނޭދެއެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުކަމުން ލޮލުގައި ބަރާވެގަތް ކަރުނަތައް ފޮރުވަން އަނެއް ފަރާތަށް އެނބުރުނަސް ލޫސިއާންއަށް ފެނުނެވެ. ލޫސިއާންގެ ލޮލުންވެސް ހައިރާންކަމުގެ އަސަރު ފެނިލިއެވެ.

"އެމީ....." ލޫސިއާން ކުރިއަށް ޖެހިލާފައި އަމީރާގެ އަތުގެ މުލައްދަނޑީގައި ހިފަމުން އޭނައާއި ދިމާލަށް އަނބުރުވާލައިފިއެވެ. އަމީރާ ރޮނީއެވެ. އެލޮލުން އޮހެމުންދިޔަ ކަރުނަތައް ފެނިފާ ލޫސިއާންގެ އިނގިލިތަކުން ކޯތާފަތް ފޮހެލަދިނެވެ.

"ގައިގާ އަތްނުލާތި...." އަމީރާ ލޫސިއާންގެ މޭގައި އަތްއަޅާ ކޮށްޕާލިގޮތަށް ދިޔަބާރުމިނުގައި ދޮރުލައްޕާލައިފިއެވެ. ފަހަތުންއައި ލޫސިއާން ދޮރުގައި ބޯ ޖައްސާލައިގެން ހުރިއިރު އެތެރޭގައި ހުރި އަމީރާގެ ރުއިމުގެ އަޑި ގޭތެރޭގައި ހަރުލާފައިވިއެވެ.

"ލެން......" ކުއްލިއަކަށް ދަންނަ އަންހެން އަޑެއް އިވުމުން ލޫސިއާން އެނބުރި ބަލައިލުމާއިއެކު ހިނިތުންވަމުން ކުޑަކޮށް ދުވެލާފައި އައިގޮތަށް އެ އަންހެންކުއްޖާ ގެނެސް މޭގައި ޖައްސާލައިފިއެވެ. އަމީރާ ދޮރުގައި ހުންނަ ލޯވަޅުން ބޭރަށް ބަލައިލިއިރު އެ މަންޒަރު ފެނިފާ އަދި ވަކިން ބޮޑަށް ހިތަށް އަސަރުކުރިއެވެ. ލޫސިއާން ހާދަ މަކަރުވެރިއެވެ. އެއްވެސް ވަފާތެރިކަމެއް ނެތެވެ. ހުރިހާ އަންހެނުންނާއިހެދި އުޅޭ ފިރިހެނެކެވެ. އުޅޭގޮތުން ހީވަނީ އަދި އަމީރާއަށް މާ ހެޔޮއެދިގެން އުޅޭހެންނެވެ. އެކަމަކު އެއީ އޮޅުވާލުމެވެ. ހުރިހާ ފިރިހެނުންދެކެ ފޫހިވެ އެކަކާއިވެސް އަނގައިން ނުބުނަން އެވަގުތު އަމީރާ އަޒުމް ކަނޑައެޅިއެވެ.

ލަންކާއިން ފުރާ ދުވަސްޖެހެންދެން އަމީރާ އުޅުނީ ފޯނު ނިއްވާލައިގެންނެވެ. ލޫސިއާން އޭނައާއި ބައްދަލުކުރަން އެގެއަށް އައުމުންވެސް ނިކުންނަން އޭނަ އިންކާރުކުރިއެވެ. ނުވަރަ އެލިޔާއިން އެނބުރި ކޮލޮމްބޯއަށް ދިޔައީ ރޭލުގައެވެ. ރޭލު ޗުކުޗުކުލައްވަމުން ދަނގަޑުތައް ހުރަސްކުރަމުންދިޔައިރު ފަޒާގައި އެއަޑު ހަރުލާފައިވެއެވެ.

އެއީ އާޒްއަށް ވަރަށް މަޖާވި ދަތުރެކެވެ. ދުވާލު ލަހުން ދުއްވިއިރު ފަރުބަދަތަކާއި ސައިފަތް ދަނޑުތަކާއި ވޯޓާފޯލްތަކުގެ ރީތިކަމުން ހިތަށް އުފާވެރިކަން ލިބުނެވެ. ރޭގަނޑުވުމަށްފަހު "ޖަމްޕިން ޓްރެކް" އިން ރޭލު ބާރަށް ދުއްވަންފެށުމުން މަޖާވިވަރުން އާޒްއާއި ބައިވެރިވެގެން އަމީރާވެސް ހީ ސަކަރާތްޖެހިއެވެ. ކޮންމެ ފަހަރަކު ރޭލު ފުންމަންފެށީމަ ދެކުދިން ހަޅޭއްލަވާހެދިއެވެ. ދޭތެރެއަކުން ރޭލު ހަލުވާ ވަރުން ނޫޑުލްސްތަށިތައްވެސް ބަންޑުން ނުވީކިރިޔާއެވެ. ދަތުރު ފަނިކޮށްލީ އޭމޮންއެވެ. އެންމެން ވަރުބަލިވެގެން ޖައްސާލިވަގުތު ކުއްލިއަކަށް ހުސް ގޮނޑީގައި އިށީންދެފައި އަމީރާގެ ކަންފަތްކައިރީގައި މަޑުމަޑުން އެއްޗެކޭ ބުނެލަމުން ހިނިގަނޑެއް ޖަހައިލިއެވެ. ޖެހިގެން ހުރި ޑިއްބާއޮތީ މުޅިން ހުހަށް ކަހަލަ ގޮތަކަށެވެ. އެބައިގާ ތިބި ދެމަފިރިން ތިބީ ގަދަ ނިދީގައެވެ. އަމީރާގެ އަތުގައި ހިފައިގެން އޭމޮން އެބަޔަށްގޮސް ހުސްގޮނޑިއެއްގައި ޖައްސާލިގޮތަށް އަމީރާ އުނގުގައި ބޭންދިއެވެ. އާދައިގެ މަތިން ދުވިވަހުން އަމީރާގެ މޭބޮޑުވިއެވެ. ސިގިރެޓްވަހަކީ އަމީރާ އެންމެ ފޫހިވާ އެއްވަހެވެ. އޭމޮން އެހާ ސިގިރެޓްބޮނީ ކީއްވެހެއްޔެވެ؟ ޗުއިންގަމްކަހަލަ އެއްޗެއް ހަފާނެނަމައެވެ. ސިގިރެޓްގެވަސް އަމީރާ ހޮޑުލަވަން ކޮންމެ ފަހަރަކު މަޖުބޫރުކުރުވައެވެ. ނޭވާކޮޅަށްދާންދެން އޭނަ އިނީ ނޭވާ ހިފަހައްޓައިގެންނެވެ.

"ބުނަން ވާހަކައެއް. އަމީރާ. ލޫސިއާންއާއި ވާހަކަދައްކައިގެން އަހަރެންގެ އަތުން އެކުއްޖާ މަރުވާގޮތް ނަހަދައްޗޭ. މި ރޭލުގެ ފުރޮޅުތަކުގެ ތެރޭ ލާ ޗިސްކޮށްލާކަށްވެސް ފަހެއް ނުޖެހޭނަން. އެއީ ބޭނުންވާ ގޮތަކީ؟ "އޭމޮންގެ އެ ޖުމްލަ ޚިޔާލަށް ގެނައުމުން އަމީރާގެ ހިތުގައި ބިރުވެރިކަން ޖެހިގަތީ އެތައް ޓަނެއްގެ ބުރަދަނުގައެވެ. މީހަކު ހިތްޗިސްކޮށްލިޔަސް އެވަރެއްނުވާނެއެވެ. ލޫސިއާންގެ ގައިގާ މި ޝައިތާނާ އިނގިލިކުރި ޖައްސަންވެސް އޭނަގެ ހިތެއްނޭދެއެވެ. ލޫސިއާން ހިނގިމަގަކުންވެސް މި ކާފަރުކަލޭގެއަށް ހިނގޭނީއެއް ނޫނެވެ. އަދި ލޫސިއާންގެ ވާހަކަދެއްކުމުން އަމީރާ އައީ އަމަށަކު ރުޅިއެއްނޫނެވެ. އޭމޮން އެގޮތަށް މަރުވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ. ފެންފޮދެއްނުލިބި އޮތްވާ ޖަނަވާރެއްކާލާނެ ނަމައެވެ. ދިރިއޮތްވާ ވަޅުލެވޭނެނަމައެވެ. ޗިސްވާނެނަމައެވެ. ނަފްރަތުގެ ހުޅުގަނޑު އަމީރާ މޮޔަކޮށްލާވަރުވިއެވެ.

"އެފްބީ ސްޓޭޓަސް ލިޔަމެއްނު. ކިހާ ރޮމެންޓިކްވާނެ. ޖިންނި ހަޒްބެންޑާއިއެކު ރޭލެއްގެ ތެރޭގައިވެސް ވީ ޑިޑް އިޓް.........." އޭމޮން ނުލަފާ ހިނިގަނޑެއްޖަހައިލިއެވެ. އަމީރާ ދެލޯ މަރާ ބާރުކޮށްލީ އެ ހުތުރު ސޫރަ ނުދެކޭން ވެގެންނެވެ. ފޫހިކަމާއި މާޔޫސްކަމުގެ އިންތިހާއެވެ. މިފަދަ އަޒާބެއް އެހެން މީހަކަށް ދުނިޔެއިން ނުދެއްކެވިއްޔާ ރަގަޅެވެ. ހިމޭނުން ހުރިއްޔާ ކުރާ ގޯނާތައް އުދަގޫކަމުން ތަންކޮޅެއް ރީތިކޮށް ވާހަކަދައްކަން އަމީރާ ގަސްތުކުރިއެވެ. ބައެއްފަހަރު ދިރިހުންނަންވެގެން ހިތް ނޭދޭކަންތައް އިންސާނާއަށް މަޖުބޫރުވެދެއެވެ.

"ކީއްވެތަ އަހަންނަށް އުދަގޫކުރަނީ؟ ހެއްދެވިފަރާތްދެކެ ބިރުނުގަނޭތަ؟ "އަމީރާ ސުވާލުކުރިއެވެ.

"އަހަރެން އަސްލު ނުޖެހޭނެ އަމީރާގެ ސުވާލަށް ޖަވާބުދޭކަށް. ވީމަ ބޭކާރު ސުވާލުނުކުރިއްޔާ ރަގަޅީ. އެކަމަކުވެސް ދެރަވާނެ ދޯ އެހާ ތަތްބައްދައިގެން އިނދެފައި ކުރި ސުވާލު އިގްނޯކޮށްލީމަ. ދެން އެހާ ހިތް ތިއީ އަހަރެން ބޭނުންވާކަންތައް ކޮށްދޭން ގެނެއްސާ ހުރި މަގޭ އަންހެނުން. ބޭނުންވިރަކުން ބޭނުންކަމެއް ކޮށްދޭން ޖެހޭނީ. އަމީރާ ދެކޭގޮތް އަހަންނަށް މުހިއްމެއްނޫން. ފިރިންނަށް ކޮށްދޭންޖެހޭކަމެއް ކޮށްދިނުމަށް ފަސްޖެހޭކަށް ނުވެސް ޖެހޭ ދޯ. އަދި އެހެން ފިރިހެނުން ފަހަތުން ދުވާކަށް ލަދެއްވެސް ނުގަނެއެއްނު، އެހެން އުޅެލާފައި އެބައަހައެއްނު އުދަގޫކުރަނީ ކީއްވެހޯ. ބިރު ނުގަންނަނީހެއްޔޯ. ބަލަ މިއީ އުދަގޫކުރުންތަ؟ އެހެން ދެކެންޏާ އެއީ އަހަރެންގެ މައްސަލައެއްނޫން. ގާނޫނީގޮތުންނާއި ދީނީގޮތުން ހުއްދަކަމެއް ނޫނީ އަހަރެންވެސް ނުކުރަން. ހެއްދެވިފަރާތް ދެކެ ބިރުނުގަންނަހޭ އަހާއިރު މިއިނީ ހިލޭ އަންހެނެއްގެ ކައިރިއަށް ވަދެފައެއް ނޫނޭ........" އޭމޮންގެ އަނދިރިގަނޑެއްހެން ހީވާ މޫނު ކައިރިކޮށްލުމުން ދެލޯ ފެނުނީ ދެހުޅުކޮޅުގެ ސިފައިގައެވެ. އޭނަގެ ބާރުބޭނުންކޮށްގެން އެ ޑިއްބާ އަނދިރިކޮށްލިގޮތަށް އެތަނަށް ޓްރެއިން އެޓެންޑެންޓަކުވެސް ނުވަދެއެވެ.

"މިހާރު އަހަރެން ބޭނުންވަނީ ދަރިއެއް ހޯދަން. އޭރުން އަމީރާއަށް ވިސްނޭނެ ފެމިލީ މުހިއްމުވަރު. އިސްވެރިޔާއަށް ތިމާވެސް ގަދަރުކުރަން ޖެހޭނެކަން. ނޫނީ ދަރިފުޅު ނުވާނެ އެއްވެސް އަދަބެއް އަޚުލާގެއް ހުރި މީހަކަށް......" އޭމޮން އަމީރާގެނެސް މޭގައިލާ ފިތާލަމުން މޫނުގައި ކޯތާފަތް ޖައްސާބާރުކޮށްލިއެވެ. އެދަގަނޑު އަތުގެ ތެރެއިން ގުޑާލެވޭކަށްވެސް ނޯވެއެވެ. އަމީރާއަށް އެހާ އުދަގޫވި އެހާ ބިރުވެރި ޖުމްލައެއް ހަޔާތުގައި އަދި އަހާފައެއްނުވެއެވެ. ދަރިއެއް ހޯދާވާހަކަ ބުނުމަކީ އަމީރާގެ އެންމެ ބިރުވެރި ހުވަފެނެވެ. އެހުވަފެން ތެދުވުމަށްވުރެ އަމިއްލައަށް މަރުވިޔަސް މާ ރަގަޅުވާނެއެވެ. ދެވަނަގޮތެއް ނެތެވެ. އޭނަ އަމިއްލައަށް މަރުވާނީއެވެ.

"އަހަރެމެންގެ ދަރިފުޅު ވަރަށް ރީތިވާނެހެން ހީވޭ، މަންމައާއި ވައްތަރުވާނީ...." އޭމޮންއިނީ ހީ ހީއެވެ.

"އޭރުންވެސް ވާނީ ތިކަހަލަ ދުންހުރި ދުންގަނޑަކަށްނު. މާރިދަކަށް. މުޑުދާރު މީހާގަނޑަކަށް ލިބޭނީވެސް ތިކަހަލަ އެއްޗެއް. ނުބައިގޮތަކަށް މަރާލާނަން..." އަމީރާ ރުޅިގަދަވެގެންގޮސް ކިޔޭނުކިޔޭއެއް ނޭގުނެވެ. އޭމޮންދެކެ ނަފްރަތުގެ މައްޗަށް ނަފްރަތުގެ ފާރު ބޯވެ ވަރުގަދަވަމުންގޮސް ދުވަހަކު ހަލާކުނުކުރެވޭނެ އެއްޗަކަށްވެއްޖެއެވެ. އޭމޮން ބާރަށް ހޭންފެށިއެވެ.

"ސީރިޔަސްލީތަ؟ ލެޓްސް ސީ. ދެމީހުންގެ ޑީއެންއޭ ވަރަށް ތަފާތުވާނެ. ދެން ލިބޭނެ ދަރިއަކުވާނީ މިކްސްޑް ބްރީޑަށް. އަމީރާގެ ލުކްސް ހުރެފަ އަހަރެންގެ ބާރު ހުރެއްޖެއްޔާ ހީ ކެން ރޫލް ދަ ވޯލްޑް. އަހަރެމެންގެ ދަރިފުޅު ދުނިޔޭގެ ވެރިކަން ކުރާތަން ދެކެން ބޭނުމެއްނުވޭތަ...." އޭމޮން އިނީ މަޖާވެފައެވެ. އަމީރާ ރުޅިއަރުވާލުމުން ހަގީގީ އުފަލެއްލިބެނީކަން ނޭގެއެވެ.

"ތިހާ މޮޅު މީހެއްވެއްޖެއްޔާ ދުނިޔޭގެ ވެރިކަން ނުކޮށް ތިހުންނަނީޔޯ...." އަމީރާ އިނީ އަނގަޔަށް ގޮތެއް ހަދާލައިގެންނެވެ.

"މިހާރުވެސް މިކުރަނީނު، ތިއީ ފަސްޓްލޭޑީ. ކިހާ ރީތި، ކިހާ ޝާހީ ގޮތެއްހުރި އަންހެންކުއްޖެއް. މަގޭ ރާނީ މަގޭ ޖޫލިއަޓް..ލައިލާ..އެންމެ ފަހަރަކު ހިތުން ރުހުމުން އަހަންނާއިއެކު ވެދާނަންތަ. އޭރުންނެއްނު ބަސްއަހާ ދަރިއެއްވެސް ލިބޭނީ..ގަދަކަމުން ކަންތައްކުރީމަ ރުޅިގަދަ ނުލަފާ ދަރިން ހޯދޭނީ. އަދި ސިއްރެއް ބުނަން. މަންމައަށް ލިބުނީ އެއްފަހަރާ ޓްރިޕްލެޓްސް..އެހެންވިމަ އަހަރެމެންނަށްވެސް އެ ފުރުސަތު އޮންނާނެ ދޯ. ހިތަށް އަރާ ބައްޕަވެސް ހާދަ ކުޅަދާނައޭ. އަހަރެން ބޭނުމީ ވީހާވެސް ގިނަ ދަރިން. ލައިކް ވޯލްޑް ރިކޯޑް ހަދަން ބޭނުމީ. އޭރުން ގިނީސް ފޮތަށް އަރާނެ ދޯ އަހަރެމެންގެ ނަން........." އޭމޮންގެ ނުލަފާ ހުނުމުން އަމީރާގެ ލޭކެކުނެވެ. ރުޅިއަރުވަ އަރުވާފައި އަދި އޭނަ އަމީރާގެ ފައިގާ ފިރުމަންފެށިއެވެ. އެފަދަ އެއްވެސް ބީހުމަކަށް އޭނަ މަރުހަބާނުކިޔަސް އޭމޮން ނުހުއްޓާނެކަން އެނގުނެވެ. ކަމަކަށް މީހަކު މާ ވަރަކަށް ދެވިހިފައިފިއްޔާ އެނޫންކަމެއް އޮންނާނެހެއްޔެވެ؟ އޭމޮންގެ ޑްރަގަކީ އަމީރާކަހަލައެވެ. އޭނަ ދެއްކި ވާހަކަތަކުން އަމީރާ މޭނުބައިކުރިއެވެ.

"އައްޗީޑި. އެނގޭތަ، ތިއީ އަހަރެން ދުނިޔޭން އެންމެ ނަފްރަތުކުރާ އިންސާނާ. އައި ހޭޓް ޔޫ، ނޫން ހޭޓްވާނީ ތަންކޮޅެއް ބަލިކަށި ލަފުޒަކަށް. އައި ޑިސްޕައިސް ޔޫ..... ޔޫ....." އަމީރާ އާއްމުކޮށް ބޭނުންނުކުރާ ބަހުރުވާއިއެކު އޭމޮންއަށް ދިން ނަމުން އޭމޮން ވަކިންއުފާވިއެވެ.

"ރިއަލީ؟ މްމްމް.......ހައު ސްވީޓް....." އޭމޮން މަޑުމަޑުން ބުނެލިއެވެ.

ކޮމެންޓް 0