ދެމީހުން ނަމާދުކުރުމަށްފަހު ޒިކުރު ތަސްބީހަ ކިޔަން ތިއްބާ ކުއްލިއަކަށް އާޒް ހަޅޭއްލަވައިގަތް އަޑަށް ދެމީހުންގެ ގައިގާވިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. އާޒްއަށް ކޯންޗެއް ފެނުނީހެއްޔެވެ؟ ނޫނީ ކޮންފަދަ ކަމަކާއި ލައިގަތީހެއްޔެވެ؟ މަންމައާއި ބައްޕަ ކޮބާބާވައެވެ. އަމީރާއާއި ހެނާ ދޮޅިވެސް ބޭލުމެއްނެތި އުދުހިލާފައި ކަހަލަ ގޮތަކަށް ދުވެފައި އައިއިރު ދެކުދިންނަށް ޔަގީންވީ ވަރަށް ބޮޑުކަމެއް ވެއްޖެކަމެވެ.
އޭރު ރޮޒާލިއާވެސް ނިދާ ހެދުމުގައި ހުރެ ބަދިގެއަށް ވަދެ އާޒްގެ ގައިގާ ހިފައިގަނެގެން ވީގޮތެއް ނޭގިގެން ސުވާލުކުރަމުން ދިޔައެވެ. އާޒްގެ ދެފައި ބިންމަތީގައި ހަރުނުލައެވެ. މަރުވަނީހެން ހީވާގޮތަކަށް ރޮއިރޮއި ހަޅޭއްލަވާފައި އުޅުނުއިރު އެ ބޮޑު ދެލޮލުގެ ފުރެންދެން ހުރީ ކަރުނައެވެ. އާޒް އިޝާރާތްކުރަނީ އަނގަޔާއި ދިމާލަށެވެ. އެންމެފަހުން އަމިއްލައަށްގޮސް ފްރިޖް ހުޅުވާލާފައި ފިނިފެންފުޅިއަކުން ފެންބޯންފެށިއެވެ.
"ބޭބީ ކިހިނެއްވީތަ؟ " އަމީރާ އާޒްގެ ފަންއިސްތަށިގަނޑާއި ކުޅެލަމުން ސުވާލުކުރިއެވެ. ހެނާ ދޮރުމަތީގައި ހުރެ ދޮޅި ބާލާފައި ފަށްޖަހަންފެށިއެވެ.
"މި ޖަގުން އަނގަޔަށް ކޮފީ އެޅީ..." އާޒް ބުނެލިއެވެ.
"މޮޔަގަނޑު. މީ ޖަގެއްނޫނޭ. ތަރުމޯޒުގައި ހުންނާނީ ކެކިކެކި ހުރި ހޫނުފެންކަން އެނގެންވާނެއްނު. ދިރުވާލިނަމަ ޔޫ ވިލްބީ ޑެޑް އޭ......." އަމީރާ ދެލޯ ބޮޑުކޮށްލަމުން އާޒްގެ ކަންފަތުގައި ހިފިއެވެ. ކޮފީހަދަންވެގެން ހޫނުކުރި ފެން އޭނައެޅީ އެ ތަރުމޯޒަށެވެ.
"ކޮފީ ބޯހިތުން މާ ފަތިހު ތެދުވެއުޅުނީ ހެނާ ދޯ. ހެނާ އަބަދުވެސް އެކަހަލަ ކޮންމެވެސް މޮޔަކަމެއްކުރާނީ، ދެން އެނގެންވާނެއްނު ކޮއްކޮ އަތުގައި ޖެހޭ ހިސާބުގައި މިހާ ނުރައްކާތެރި އެއްޗެއް ބަހައްޓަން ނުވާނެކަމާއި ހަރުގަނޑުގައި މި ތަރުމޯޒު ބަހައްޓަން........" ރޮޒާލިއާ ހިތްހަމަނުޖެހިފައި އަޑުލީ ހެނާއަށެވެ. ދުވަހަކު އޭނަ ކުށެއްނުކުރިޔަސް ނަންވާނީ އޭނައެވެ. އެހެންނޫނަސް ތަރުމޯޒަކީ ނުރައްކާތެރި އެއްޗެކޭ ބުނީ ކާކުހެއްޔެވެ؟ އެކަމެއް އޭނަ ނުދަނެއެވެ. އެހެން ބަލަންޏާ ކޮންމެ އެއްޗެއްވެސް އޭގެ ޒާތުގައި ނުރައްކާވާނެއެވެ.
"މަންމާ، އަހަންނޭ ކޮފީ ހެދީ، އާޒްވެސް ދެން ތުއްތު ކުއްޖެއް ނޫނޭ، ބޭރު ފިނިކޮށް ހުއްޓަސް އެތެރޭގައި ހުންނާނީ ހޫނުފެންކަން އެނގެންޖެހޭނެ. ސްޓުޕިޑް......" އަމީރާ ހެނާ ދިފާއުކޮށްފައި އާޒް ކުށްވެރިކުރިއެވެ. އޭރު ހެނާ އެތަނުން ގޮސް އަވަދިވެއްޖެއެވެ.
"މިހާވަރުގެ ބޮޑުކަމެއްވެގެން އުޅޭއިރުވެސް ނަޝީދު ދެފައި ދަމަދަމާފައި ނިދަންވީ ދޯ އަދިވެސް......" ނަޝީދު އެނދުގައި އަރާމުކޮށް ނިދާފައި އޮތްވާ ފައިގާ ހިފާ ދަމައިގެންފާ ރޮޒާލިއާ ހަޅޭއްލަވައިގަތެވެ. އާޒް އެކުރިކަމަކުން ރޮޒާލިއާ ހުރީ ބިރުގެންފައެވެ. އާޒްފަދަ ސިޔާސަކުދިން ކޮށްފައި ނުކުރާނެކަމެއް ނޯންނާނެއެވެ. ހޫނުފެންވެސް ރައްކާތެރިކަމާއިއެކު ގެންގުޅެންޖެހޭނެ ކަން އޭނައަށް ދަސްވެއްޖެއެވެ.
"ކިހިނެއްވީތަ؟ އާޒް އެހެން ހުރެފައި ހަޅޭއްލަވައިގަތީމަ ބަލައިލާއިރު ދުވަހަކު ބޮޑުކަމެއްވެގެނެއް ނޫން. ދެން ކޮންމެ ފަހަރަކު އަހަރެންވީ ދުވެފައިގޮސް އޭނަ ޅަކުރަން. އެހެން ހަދައިގެންނޭ ސްޕޮއިލް ވެފައި ތިހިރީ....." ނަޝީދު އޮތީ ކަންނެތްވެގެން ލޯ ހުޅުވައިލާ ހިތްވެސްނުވެފައެވެ.
"އާޒް ކެކިކެކި ހުރި ފެން އަނަގޔަށް އަޅައިގެން އަނގަ ފިހިގެން މިއުޅެނީ......" ރޮޒާލިއާ ބުނެދިނެވެ.
"އައިސް ކިއުބް ކާންދީ...." ނަޝީދު ބާލީސް ކަންފަތްމަތީގައި އެޅިއެވެ. އިރުކޮޅަކުން އިވެންފެށީ މަޑުމަޑު ގުގުރީގެ އަޑެވެ.
"އެއްވެސް ޒިންމާއެއް ނަގާނެގޮތެއް ނެތް، އަހަރެންވީ ދެން އާޒް ގޮވައިގެން ހޮސްޕިޓަލަށް ގެންދާން......" ރޮޒާލިއާ ރުޅިއައިސްގެން މޫނު ބަނަކޮށްލައިގެން ހުރެ ބޭރަށް ނުކުމެ ބަލައިލިއިރު ނަސީބަކުން އާޒް އިނީ ގުޑިއެއް ހަދާށެވެ. ތަދުވެގެން ނޫނީ އުދަގޫތަކެއްވެގެނެއް އޭނަ ނޫޅެއެވެ. ހޮސްޕިޓަލަށް ގެންދިޔުމުގެ މާނައެއްނެތެވެ.
ރޮޒާލިއާ ކޮޓަރިއަށް ވަންގޮތަށް އެންމެ ކުރިންވެސް ކޮޓަރި ސާފުކުރިއެވެ. ނަޝީދު ގެންގުޅޭ ބޭސްތައް އާޒްއަށް ނުފެންނަ ހިސާބުގައި ފޮރުވިއެވެ. ތޫނު އެއްޗެއް ހުރިއްޔާ އޭނަ ރައްކާކުރިއެވެ. ބްލީޗްފުޅިއަށް ދާންދެން ކަބަޑްތަކަށް ލާފައި ތަޅުލިއެވެ. ގެއާއި ދާދި ކައިރީގައި އޮތް މޫދަކީވެސް ރޮޒާލިއާއަށް ބިރެކެވެ. އާޒްއަކީ މޫދާއި ހެދި ވަރެއްވެފައި ހުންނަ ކުއްޖެކެވެ. ސިއްރު ސިއްރުން މޫދަށް ގޮސްގެން އުޅެނިކޮށް ކަމެއް ދިމާވެދާނެކަމުގެ ބިރު ހިތުގައި ނުއުފެދެންވީ ކީއްވެހެއްޔެވެ؟ މޫދުގައި ގެއެއް އެޅުމަކީ އޭނަގެ ހުވަފެނެވެ. މިހާރުއްސުރެން އަމާޒު ހިފާފައިވަނީ މެރިން ބައިލޮޖިސްޓަކަށް ވުމަށެވެ. ބާތުޑޭ ދުވަހަށް މަސް ޓޭންކެއް ގަނެދޭން ކިޔާތާ މިވަނީ ތިން އަހަރެވެ. ނަޝީދުގެ ފަރުވާކުޑަކަމުން އެކަން ނުވެފައި އޮތުމަކީވެސް އެދެމަފިރިން އަރައިރުންވާ މައިގަނޑު އެއް ސަބަބެވެ.
ޖެހިގެން އައި ދުވަހު އާޒް އަނގަޔަށް ތަދުވެގެން ރޯންފެށުމުން ޑޮކްޓަރަށް ދެއްކިއިރު މަތީ ތަލީގަޔާއި ދުލުގެ ތިރީގައި ތަންގަނޑެއް ދުޅަވެފައި އިނެވެ. ޑޮކްޓަރު ދިނީ ތަދުކަނޑުވާ ބޭހެކެވެ. އެއީ ދުޅަވެސް ތިރިކުރުމަށެވެ. އަދި އިންފެކްޝަނެއް ހެދުނު ކަމުގެ ނިޝާނެއް ނެތުމުން އެންޓިބައިޓިކް ފަށާވަރުނުވާކަމަށް ބުނެ ކުޅި އަދި ތެޔޮ އެއްޗެހި ނުދޭން ޑޮކްޓަރު އިރުޝާދުދިނެވެ. ރޮޒާލިއާ އެކަމާވެސް ރުޅިއައީ ނަޝީދުދެކެއެވެ. ނަޝީދު ފަރުވާކުޑަކަމުން ރޭވެސް ދަރިފުޅު ދައްކަން ނުގެންދިޔައީއެވެ. ބޮޑުވަރުނުވިކަން ނަސީބެއްތާއެވެ.
ނަޝީދުއަށް ލިބޭ އާމްދަނީއިން ބޮޑުބަޔެއް އޭނަ ހޭދަކުރަނީ އަމިއްލަ އުފަލަށެވެ. އޭނަގެ ކޮޓަރިއަށް ވަން މީހަކަށް ހީވާނީ ނަޝީދަކީ ފައިސާވެރިއެއްހެންނެވެ. ފްލެޓް ޓީވީއާއި އަގުބޮޑު ކޮމްޕިއުޓަރެއްގެ އިތުރުން ފަރުނީޗަރުވެސް އޭނަ ހުރީ ފިރިހެނުންނާއި ގުޅޭފަދަ ގޮތަކަށް ގަނެފައެވެ. އަތްހުސްކޮށްލައިގެންވެސް އޭނަ ކޮންމެގޮތެއް ހަދާފައިވެސް އެންމެފަހުގެ ފޯނު ގަންނާނެއެވެ. ނަޝީދު އަމިއްލަ ރަށަށް ބަދަލުވީއިރު އޭނައައީ ހުރިހާ އެއްޗެއް ހިފައިގެންނެވެ. ކޮޓަރި ޒީނަތްތެރިކުރުން އެކަނިއެއް ނޫނެވެ. އެއުމުރުގައިވެސް އަންހެންކުދިންގެ ސަމާލުކަން ހޯދަން އޭނަ އަމިއްލައަށް ރީތިވާން އެހާ ޚާއްސަކަމެއްދެއެވެ. ދަރަނިވެރިވެގެން ނޫނީ ލޯނުނަގައިގެންވެސް އޭނަ ރީތިކޮށް ހެދުން އަޅާ އަގުބޮޑު ސެންޓުޖަހައެވެ. ބައެއްފަހަރު މުއްސަދި އަންހެންކުއްޖަކާއި އިނދެވުނުނަމައޭ އޭނަ ހިތަށް އަރާފަހަރު މަދެއްނޫނެވެ. ރޮޒާލިއާ އޭނައާއި އިނީ ފަންޑިތަ ހަދައިގެންނޭވެސް އޭރު ބައެއް މީހުން ކިޔާ އުޅުނެވެ. އެހެންނޫންނަމަ ޅަދަރި މަޔަކާއި އޭނަ އިންނަންވީ ކީއްވެހެއްޔެވެ؟ ރޮޒާލިއާގެ އާއިލާ ތަންކޮޅެއް ގަދަރުވެރިވެފައި މީހުން އިހުތިރާމްކުރާ ބަޔަކަށްވިޔަސް އަދި އެހާވަރުން އޭނައާއި އިންނަން ޖެހޭކަމަކަށް މިހާރު ނަޝީދު ނުދެކެއެވެ.
ގޭތެރޭގައި އެވަރަށް ހަމަނުޖެހުން ހިންގާ ހަޅޭއްލެވިޔަސް އެގެއަށް އަވަށްޓެރިޔަކު ވަނުމާއިއެކު ނަޝީދު އަދި ރޮޒާލިއާވެސް ދައްކާނީ މުޅިން އެހެން ކުލައެކެވެ. ދެމީހުންނަކީ އެންމެ މާތް އިންސާނުންގެ ގޮތުގައި ނޫނީ އެހެން ބަޔަކަށް އެދެމަފިރިން ފެނިފައެއްނުވާނެއެވެ. ހަގީގީ ކުލަވަރުވަނީ މުޅިން ފޮރުވިފައެވެ.
ނަޝީދުމެން ކުޑައިރުއްސުރެން ރަށުން ބޭރުގައި އުޅުނަސް އޭނަގެ މައިންބަފައިގެން ފަރާތުން ލިބުނު ގޯތީގައި ގެއެއް އަޅައިގެން އޭނަ ބަދަލުވީ ވަޒީފާވެސް މިރަށުން ހަމަޖެހޭފަދަ ގޮތެއް ވުމުންނެވެ. އަމިއްލަ ރަށުގައި އަނބިދަރިން ބައިތިއްބާފައި ދޭތެރެއަކުން އޭނައަށް ބުރުޖަހައި ލެވިދާނެއެވެ. ނަޝީދު އައިގޮތަށް ވަޒީފާގެ ކަންތަކުގައި އަވަދިނެތި އުޅެން ފެށުމުން ރޭގަނޑު ނޫނީ ގެއަށް ވަދެލާނެ ފުރުސަތެއް ނުލިބެއެވެ. އާޒް އާއި ހެނާ ސްކޫލަށް ވެއްދުމުގެ ކަންތަކާއި އުޅެންޖެހުނީވެސް ރޮޒާލިއާއެވެ. ހަފްތާއެއްހާ ދުވަސްތެރޭގައި ކުދިން ސްކޫލަށްދާން ފަށާ އަމީރާއަށްވެސް އޮންލައިން ނޫހަކުން ވަޒީފާ ހަމަޖެހުނެވެ. އަމީރާ އުފާވިވަރުން ބިންމަތީގައި ފައި ހަރުނުލައެވެ. އެންމެ މަޝްހޫރު ތަނަކަށްނުވިޔަސް ބޮޑު މުސާރައެއް ނުލިބުނަސް އޭނައަށް އެންމެ ރަގަޅެވެ. އަމިއްލަފައި މައްޗަށް ތެދުވުމުގެ ފުރަތަމަ ފިޔަވަޅެވެ. ނަސީބަކުން އޮފީސް ހުންނަނީ ދެތިން މިނިޓުން ހިނގާލާފައި ދެވޭހާ ކައިރީގައި އެއް މަގެއްގައެވެ. އެއީވެސް އަމީރާގެ ނަސީބެކެވެ. ބޮސް އެހާ ކޫލްއެވެ. އޮފީހަށް އަދި ނަޔަސް އޭނަ އާ މުވައްޒަފަކަށްވުމުން އޭނައަށް ގުޅައިގެން ވާހަކަދެއްކިއެވެ. ދެބުރި އިމާރާތުގެ މަތީގައި އޭނައަށް ލިބުނު ޑެސްކްގައި އިންނައިރު ނިކަން ރީތިކޮށް މޫދު ފެންނާން އޮތުމުން ހިތަށް ލިބުނު އުފާވެރިކަން ދުލުން ބަޔާންކުރަން ނުކުޅަދާނައެވެ. ގުދުރަތީ ރީތި މަންޒަރުތަކަކީ އަމީރާގެ ހިތުގެ އުފަލެވެ. ހިތްގައިމު އޮފީހެއްގައި ރަގަޅު ބަޔަކާއިއެކު މަސައްކަތްކުރަން ލިބުނީއެވެ.
ނަޝީދުގެ ގެ ހުންނަނީ އެންމެ ހިތްގައިމު ސަރަހައްދެއްގައެވެ. ފެހިކަންގަދަ ވިނަތަކާއި ރުއްގަސްތަކުން މުޅި ހިސާބު ޒީނަތްތެރިވެފައިވާއިރު މަގުތައް ހަދާފައިވާލެއް ޗާލެވެ. ބޯގަސްތައް ގިނަކަމުން އިހުސާސްކުރެވެނީ ޖަންގައްޔެއްގައި ދިރއުޅެވޭ ހެންނެވެ. ގެއާއި އިންވެގެން ހުންނަނީ ފިހާރައަކާއި ރެސްޓޯރެންޓެއްގެ އިތުރުން އޮފީސްތަކެވެ. އެގޭގައި ދެކޮޓަރިއާއިއެކު ސިޓިންރޫމްއާއި ކުޑަބަދިގެއެއްވެސް ހަދާފައި ހުރުމުން އުޅެން އެހާ ފަސޭހައެވެ.
އަމީރާ ފާޚާނާއިން ނިކުތްގޮތަށް އަތްދިގު ހެދުމެއްލައިގެން ރީތިވެލިއެވެ. ރަތްކުލައިގެ ހެދުމާއި އޭނަގެ ހަމުގެ ކުލަ ކިތަންމެހާވެސް ގުޅެއެވެ. ކުޑަދޮރު ހުޅުވާލިއިރު ފިނިކަން ގަދަކަމުން ކޮންމެވެސް ވަރަކަށް ރޫރޫއަޅާގޮތްވިއެވެ. އަށެއް ޖަހަމުން ދިޔައިރުވެސް އިރު ދައްކައެއްނުލިއެވެ. އެއަށްވުރެ ވިލާތައް ބޯވެފައި ދެލިކުލައިގެ ސާލެއް ފަދައިން ދުރުދުރަށް ދާންދެން ފެތުރިފައިވިއެވެ. ވިލާތަކާއި ވާދަކޮށް ކުރި ހޯދުމަކީ އިރަށްވެސް ނުކުޅަދާނަ ކަމަކަށް ވެފައި ވިއެވެ. މިފަދަ ހިތްފަސޭހަ ދުވަހެއްގައި އަމީރާގެ ހިތުގައިވަނީ ކޮޓެޖާއި ދިމާލަށް މޫދަށް އެރިލުމަށެވެ. އެކަމަކު މަންމަ އޮތީ އެހިސާބަށް އެރެން މަނާކޮށްފައެވެ. ގޭގެ ފަހަތުގައި އެހެރަ ގެއާއި ކައިރި ނުވާން އަމުރުކުރީ ކީއްވެހެއްޔެވެ؟ އޭގެ ސިއްރަކީ ކޮބާހެއްޔެވެ؟ ހިނގާލަން ދިޔަސް އެންމެ ރަގަޅުކަމުގައި މަންމަވަނީ ބުނެފައެވެ. މޫދަށް ނޭރެންވީ ކީއްވެހެއްޔެވެ؟ އެސުވާލުތައް އޮތީ އަމީރާގެ ހިތުގައެވެ.
އަމީރާ ކޮޓެޖާއި ދިމާލަށް ވިސްނުންތެރިކަމާއެކު ބަލާލައިފިއެވެ. ފާރެއްފަދައިން އެގޭގެ ތިރިބައި މުޅިން ނިވާއަޅާފައިވަނީ އެކިގޮތްގޮތަށް ހެދިފައިވާ ބޯ ގަސްތަކާއި ދިގު ވިނަތަކުންނެވެ. ނަމަވެސް މަތީބައިގެ ކުޑަދޮރުތައް ކޮންމެވެސް ވަރަކަށް ހާމަޔަށް ހުއްޓެވެ. އެކަމަކު ފަރުދާ ދަމާފައިވާތީ އެތެރެ ފެންނަވަރެއް ނުވެއެވެ.
"މިގޭގައި އުޅެނީ ކޮންބަޔެއްތަ؟ މަންމަ އެވަރަށް ނުދާށޭ އެބުނީ ކީއްވެތަ؟ ހައްތަހާ ކިއުރިއަސްވަނީ؟ ސްޕެޝަލީ ޖާނަލިސްޓުންގެ މައިންޑް ވޯކްކުރާނީ މިހެންކަން ނޭގޭ، ޚަބަރެއް އޮތިއްޔާ އެކަމެއް ބަލައިލަން އިންޓެރެސްޓް ހުންނާނެ. އެގެ ފެނުނު ވަގުތުން ފެށިގެން އެގެއާއިމެދު ހިތުގައި މިހާވަރެއްގެ ޝައުގެއް އުފެދެންވީ ސަބަބެއް އަހަންނަކަށްވެސް ބުނާކަށް ނޭގޭ. ހީވަނީ ހުވަފެނުންވެސް އަހަންނަށް މިހާރު ފެންނަނީ މިގެހެން. ލައިކް އެ ހޯންޓެޑް ހައުސް. މިގޭގައި އެއްވެސް ބަޔަކު އުޅޭބާ. އުޅެންޏާ މީހަކު ނުފެންނަނީ ކީއްވެތަ. ކޮންމެގޮތެއް ވިޔަސް އެގޭގައި ބަޔަކު އުޅެންޏާ އެއީ އަހަރެމެންގެ ނެއިބާސް އިން. އަވަށްޓެރިންނާއި ގުޅުން އާލާކުރަންވެސް ޖެހޭނެ. ހާލު ބަލައިލަންވެސް ޖެހޭނެ. މަންމަ ކައިރިން އެގެއަށް ނުދާންވީ ކީއްވެހެއްޔޭ ބުނީމަ އިތުރު ސުވާލުނުކުރާށޭ ބުނެފައި ރުޅިއަންނަންވީ ކީއްވެކަމެއްވެސް ނޭގުނު......" އަމީރާ ދެލޯ ހިމަކޮށްލައިގެން ހުރެ ވިސްނަމުން ދިޔައެވެ. ފެހިކަންގަދަ ތާޒާ ސަރަހައްދަކަށްވެފައި ވައި ތާޒާވާނެހެން ހީވިޔަސް ވައިގާ ހިފާފައި ހުރި ނުބައި ވަހަކުން އަމީރާ ހުރީ އުދަގޫވެފައެވެ.
ޖެހިލި ވައިރޯޅިއަކާއިއެކު ކުއްލިއަކަށް އެ ވަސް ގަދަވުމުން އަމީރާ އަވަސްއަވަހަށް ދޮރު ލައްޕާލާފައި އޯކަށް ދަމަންފެށިއެވެ.
"ކިހިނެއްވީތަ؟ " ހެނާ އޮތީ އާޗީ ކޮމިކެއް ހިފައިގެން އެނދުމަތީގައެވެ. އަމީރާ އަނގައިން ނުބުނެ ފާޚާނާއާއި ދިމާލަށް ދުއްވައިގަތެވެ. އަމީރާ މާ ގަދަޔަށް އޯކަށް ދަމާ އަޑުއިވިފައި ނުދެނެހުރިކަމަށް ހަދާލާފައި އޮންނަން ނުކެރުމުން ހެނާ ތެދުވެގެންގޮސް ދޮރުމަތީގައި ހުއްޓުނެވެ.
"ވަޓްސް ރޯންގް؟ އެމީ އޯކޭތަ؟ " ހެނާ އަހައިލިއެވެ.
"އޯކޭވާނީ ކިހިނެއްތަ؟ އެއޮތް ދުވި ވަހަކުން ނޭފަތް ހަލާކުވެއްޖެ....." އަމީރާ ޓިޝޫއަކުން އަނގަމަތީގައިވާ ފެން ހިއްކާލާފައި މިންޓް ޗުއިންގަމެއް އަނގަޔަށްލައިފިއެވެ. އެއަފްރެޝްނާ ފުޅިނެގިގޮތަށް ތަނެއްދޮރެއް ނުބަލާ އެކިދިމާލަށް ޖަހަން ފެށުމުން ހެނާ އަވަހަށް މޫނުގައި އަތްއެޅިއެވެ.
"ހެލްޕް. ހެލްޕް......" އާޒް ބިރުން ހަޅޭއްލަވަމުން ދުވަމުން އައިސް އެތަނަށް ވަނީވެސް އެވަގުތާއި ދިމާކޮށެވެ. އާޒްއަށް ލިބިފައިވާ ބޮޑުދެލޯ އެއަށްވުރެ ބޮޑުކޮށްލައިގެން ހުރިގޮތުން އޭނަ ހާސްވެފައިހުރިވަރު ފެންނަން ހުއްޓެވެ. އާޒް އަބަދުވެސް މާ ޑްރެމެޓިކްވެގެންނޭ ކިޔާފައި އަމީރާ ދިމާކުރާ ސަބަބަކީވެސް އާޒް ކޮންމެ ކަމެއް މާ ބޮޑުކޮށްލައިގެން އުޅޭތީއެވެ.
"މީހަކު ދަންޖެހިފަ އެބަހުރި ގަސްތެރޭ....." އާޒް އާގަނެގަނެފައި ކިޔައިލިއެވެ.
"ވަޓް؟ އާޒް ދެކުނިންތަ؟ " އަމީރާ އާޒްގެ ކުޑަ ދެކޮނޑުގައި ހިފާ ބާރުކޮށްލިއިރު އޭނަގެ ނޭވާވެސް އުފުރިއަރާގޮތްވީ ލިބުނު ބިރުވެރިކަމެއްގެ ސަބަބުންނެވެ.
"ފެނުނު. އެތަނާއި ކައިރިވީމަ ވަރަށް ނުބައިވަސް ދުވީ، އެއީ ގާލްއެއް. ވަރަށް ދިގު އިސްތަށިގަނޑެއް ލާފައި ހުރީ. އެގާލް ހުރީ ތިރި ރުކެއްގައި ދަންޖެހިފަ. އާޒް ލޮލުން ދެކުނީމޭ ދޮންތާ، ހިނގާ ދައްކާނަން....." އާޒް އަމީރާގެ އަތުގައި ހިފާ ދަމަންފެށިއެވެ. އަމީރާ ދިޔައީ ނޭފަތުގައި ޓިޝޫ ޖައްސާ ބާރުކޮށްލައިގެންނެވެ. ގެއިން ނުކުތުމާއިއެކު މާހައުލުގައި ހިފާފައިވާ ވަސް އިތުރަށް ގަދަވެ މޭބޮޑުވާވަރުވިއެވެ. އާޒްއަށް ނަފްސާނީގޮތުން އަސަރުނުކުރާނެ ހެއްޔެވެ؟ ހެނާ ފަހަތުން ދާން އުޅެފައިވެސް އޭނަގެ ދެފައި ރަބަރުކޮޅެއް ހެންވީ ގަނެފައިވާ ބިރެއްގެ ސަބަބުންނެވެ. އާޒްއަށްވެފައި ހުރިވަރު ފެނިފާ ހެނާގެ ޚިޔާލު ބަދަލުވިއެވެ. އަންހެންކުއްޖަކު ދަންޖެހިފައި ހުރި މަންޒަރު ފިލްމަކުން ފެނުނަސް އޭނަގެ ގައިން ހީބިހިނަގާއިރު ހާމަ ލޮލަށް ފެނުމުން ކުރާނެ އަސަރެއް އެނގެނީއެއް ނޫނެވެ. އޭނަގެ އެހާ ހިތްވަރެއް ނުހުންނާނެއެވެ. އެފަދަ މަންޒަރެއް ފެނުމަށްފަހު އޭނަގެ ލޮލަށް ނިންޖެއް ނާންނާނެކަން ޔަގީނެވެ.
އަމީރާ އާޒްގެ އަތުގައި ހިފައިގެން އެގެއާއި ކޮޓެޖްއާއި ދޭތެރޭގައި އޮންނަ ހަނިމަގުން ކުރިއަށް ދިޔައިރު ހިތް އަވަސްވެފައިވިއެވެ. ދެފަރާތުގައި ބޯކޮށްހެދިފައިވާ ފުނަ ކިނބި މިދިލި އަދި ވެސް ބޮޑެތި ގަސްތަކެވެ. ވާރޭވެހުމުގެ ސަބަބުން ގަސްތަކުގެ ދަށުގައިވާ ފަތްތަކުގެ ދޫލަވެސް ތެމި ހިސާބުއޮތީ ޗަކަވެފައެވެ. ކުދިކުދި ޗަކަ ފެން ގަނޑުތަކުން ސަލާމަތްވާން މަސައްކަތް ކުރަމުންގޮސް އާޒް ގަސްތަކުގެ ތެރެއަށް ވަނެވެ. އެއާއިއެކު އޭނަ އިޝާރާތްކުރި ދިމާލަށް ބަލައިލުމާއިއެކު އަމީރާއަށް ހަޅޭއްލެވެންފެށިއެވެ. ތެދެކެވެ. އަންހެންކުއްޖާ އޮތީ އެތިރި ރުކުގައި އެލުވިފައެވެ. އިސްތަށިގަނޑާއި ލައިގެންހުރި ކުރުހެދުން ޗަކަވެފައިވާއިރު އެކުއްޖާގެ ކަރު އެލިފައިވާ ގޮތުން އެކުއްޖާ މަރުވެފައިވާކަން އަމީރާއަށް ޔަގީންވުމާއިއެކު އޭނަ އަނބުރައިގަންނަ ކަހަލަ ގޮތެއްވެސް ވިއެވެ. އެވަގުތު އެމަގުން ދިޔަ ދެތިން ފިރިހެނަކަށްވެސް އެމަންޒަރު ފެނި އެދިމާލަށް ދުއްވައިގަތެވެ.
އަމީރާއަށް އެންމެ މިނިޓަކަށްވެސް އެތާ ކެތެއް ނުކުރެވުނެވެ. އާޒް ނުދާން ބޮޑާހާކަނިކޮށް ދަމައިގެން ކަހަލަގޮތަކަށް ގެނެސް ގެއަށްވަންއިރު ހެނާ އިނީ އާދައިގެމަތިން "ބުކްވޯމް" ހެދިގެން ފޮތުގެ ތެރެއަށް ގެއްލިފައެވެ. ފޮތްބަލާ އައިނު އަޅައިގެންއިންއިރު މޫނުމަތިން ސީރިޔަސްކަމެއް ފެންނާން ހުއްޓެވެ. އަމީރާއާއި އާޒްއަށް ފެނުނު މަންޒަރުތައް ފޯރިއާއެކު ހެނާއަށް ކިޔައިދޭން ފެށިތަނާ މަންމަވެސް އައިސް އެހިސާބުން އަންހެންކުއްޖަކު ދަންޖެހިގެން އުޅޭ ވާހަކަ ކިޔައިފިއެވެ. ހުކުރުދުވަސް ކަމުގައި ވިޔަސް އޭނަ ވަގުތު ދުއްވާނުލާ އަވަސްވެގަތީ އެހެން ނޫސްތަކަށްވުރެ ކުރިން މި ޚަބަރު އެމީހުންގެ ނޫހުގައި ޝާއިއު ކުރުމަށެވެ. އޭނަގެ ބޮސްވެސް ހާދަ އުފާވާނެއެވެ. އަންހެންކުއްޖަކު ދަންޖެހިފައި ހުއްޓާ އެދިމާލުން ވަލުތެރެއިން ފެނިގެން އުޅޭކަމަށާއި ވަރަށް އަވަހަށް އިތުރު ތަފްސީލު ގެނެސްދޭނެ ކަމަށް ބުނެ ކުއްލި ޚަބަރެއްގެ ގޮތުގައި އޭނަ އެ ވާހަކަ ނޫހުގައި ޖެހިއެވެ. މިނިޓެއްގެ ތެރޭގައި ބޮސް ގުޅިއެވެ. ބޮސް އޭނައަށް ތައުރީފުކުރިއެވެ. އެހާ ތާޒާކޮށް ޚަބަރުގެނެސްދޭ ނޫސްވެރިޔަކު ލިބުނުކަމާއިމެދު އުފާކުރާކަމަށް ބޮސްބުނުމުން އަމީރާ ކުޑަކޮށް ފޮނިވާގޮތްވިއެވެ.
އިރުކޮޅެއް ނުވަނީސް އަމީރާއާއިއެކު މަސައްކަތްކުރާ ފޮޓޯގްރާފަރަކާއި ކެމެރާމަނަކު އެހިސާބަށް އަންނަކަން އެނގުމުން އަމީރާވެސް ގަސްތުކުރީ އިތުރު ތަފްސީލު ހޯދަން ދާށެވެ.
"ބައެއްމީހުން ހިތަށް އަރާނެ ނޫސްވެރިކަމަކީ ފިރިހެނުން ކުރާކަހަލަ ކަމެކޭ. އެކަމަކު ކިހާ އިންޓެރެސްޓިން ކަމެއް ކަމާއި އެކްސައިޓްވާވަރު އެހެން މީހުނަށްވެސް އިނގޭނެނަމަ...." އަމީރާ ލެޕް ލައްޕައިލުމަށްފަހު ހިންދެމިލިއެވެ. މީހަކު އަދި ޚާއްސަކޮށް ޒުވާން އަންހެންކުއްޖަކު ދަންޖެހިގެން މަރުވުމަކީ ހިތާމަހުރި ދެރަވާވަރުގެ ޚަބަރެކެވެ. ނަމަވެސް ނޫސްވެރިން ތިބެންޖެހެނީ އަބަދާއަބަދު ޚަބަރަކަށް ބަލަބަލައެވެ. ނޫހުގައި ލިޔެލާނެ ތާޒާ ވާހަކައެއް ނުފެނިފައެވެ. އަމީރާގެ ނާރުތަކުގައި ކުޑަކުޑަ ފޯރިއެއް ހިފާލީތީ އޭނަ އަމިއްލަ ނަފުސަށް އަޑުލިއެވެ. އެވެސް ވާނީ ކޮންމެވެސް މީހެއްގެ އަންހެންދަރިއަކަށެވެ. ކޮއްކޮއަކަށެވެ. އެކުވެރިއަކަށެވެ. އެއީ ހެނާކަމުގައި ވެއްޖެއްޔާ މި ޚަބަރު ނޫހަށް ދޭނެ ހިތްވަރެއްވެސް އޭނަގެ ހުންނާނެ ހެއްޔެވެ؟ ނުހުންނާނެކަން ޔަގީނެވެ. އެކަމަކު މިއީ ދިރިއުޅުމެވެ. ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ވަގުތެއްގައި މިދުނިޔެއާއި އެންމެންވެސް ވަކިވާން ޖެހޭނެކަމަށް ގަބޫލުކުރަންވާނެއެވެ. މިފަދަ ހާދިސާއަކުން މަރުވެއްޖެއްޔާ ނޫސްތަކަށް އެޚަބަރު އަރާނެއެވެ.
އަމީރާ ބޭރަށް ނުކުންނާން އުޅެނިކޮށް ބޮސް ގުޅިއެވެ. އެބަރު އަޑު އިވުމުން އޭނަގެ ގައިން ހީބިހި ހަލުވައިލާ ސަބަބެއް ނޭގުނެވެ. ކަނދުރާގައިވާ ލޯލިތައް ކޮންމެފަހަރަކު ކޮޅަށް ޖެހިގެން ދާހާވެއެވެ. ބޮސްއާއި ބައްދަލުވާ އެކަނި ގޮތަކީ ފޯނުންނެވެ. ނަންވެސް އޭނައަކަށް އަދި އެނގިފައެއް ނެތެވެ.
"މިސް އަމީރާ. ވާނުވާ ރަގަޅަށް ބަލާފައެއްނު ޚަބަރު ގެނެސްދޭން ޖެހޭނީ. ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ތި ޚަބަރު ގެނެސްދިނީ........." ބޮސް ހުރީ ވަރަށް ނުރުހިފައެވެ. އަމީރާގެ ނަން ކިޔާލާގޮތް އެހެން މީހުނާއި ހާދަ ތަފާތެވެ. ބޮސްގެ އަޑުގައި ދަމައިގަންނަގޮތެއް ހުންނަނީ ހެއްޔެވެ؟ ކޮންމެގޮތެއް ވިޔަސް އަޑު ރީތި ފިރިހެކެނެވެ. ތިމާއަށް ތިމާ ފެނިފައި ހުންނަ ފާޑުޖަހައެވެ. އަމުރުވެރިކަމާއިއެކު އަޑުގައި ބޮޑާގޮތެއްވެސް ހުންނަނީއެވެ.
"ކިހިނެއްވީތޯ ސަރ......." އަމީރާގެ ހިތް ތެޅިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. ނިތްކުރީގައި ފިނިދަލެއް ހިއްލާލައިފިއެވެ. އެހާވަރަށް ތައުރީފުކޮށްފައި ބޮސް ރުޅިއަންނަންވީ އޭނައަށް ނުބައި އެއްޗެއް ލިޔެވިގެން ހެއްޔެވެ؟