އަމީރާ އޮފީހަށް ދާން ތައްޔާރުވާންފެށިއެވެ. ލޯގަނޑުކައިރީގައި ހުއްޓިފައި ބަލައިލިއިރު ކަރުގައި ރަތްވެފައިވާ ދެތިން ތަނެއް ފެންނަން ހުއްޓެވެ. ރަފައެލްއަށް ފެނިއްޖެއްޔާ ހީކުރާނެގޮތެއްވެސް ނޭގެއެވެ.
"ހެނާ ނެތްތަ ބޭންޑްއެއިޑެއް..." އަމީރާ ރަތްވެފައިވާ ދެލޮލުގައި އަނދުން އަޅަންފެށިއެވެ.
ހެނާ އޭނަގެ އަލަމާރި ފަޅިކަމަށް ހީކޮށް އޮޅިގެން ހުޅުވައިލެވުނީ އަމީރާއަށް ވީ ފަޅިއެވެ.
"ވާއު..." ހެނާ ކިޔައިލިއެވެ.
"ކޯންޗެއްތަ؟ "އަމީރާ އަހާލިއެވެ.
"ޗޮކްލެޓްތައް ގިނަކަމުން......" ހެނާ އެހެން ބުނުމުން އަމީރާ ބަލައިލިއިރު ޗޮކްލެޓް ގިނަކަމުން ހައިރާންވާވަރުވިއެވެ. އެކިވައްތަރުގެ ޗޮކްލެޓެވެ. މައިކަލް މިގެއަށް އައީ ބާވައެވެ. ވެދާނެއެވެ. ރޭ ބާބެކިއު ނިންމާލާފައި އޭނައަށް ދޭން ހަދިޔާ ހިފައިގެން އައިސް ސަޕްރައިޒެއްދޭން އަލަމާރިއަށް ލީއެވެ. އަމީރާގެ ދޮންމޫނަށް ރަތްކުލައެރީ ރުޅިގަދަވެގެންނެވެ. ހުރިހާ އެއްޗެއް ހޫރާލަން ހިތަށް އެރިއެވެ. އޭނަގެ އަލަމާރި ހުޅުވަން މައިކަލްއަށް ހުއްދަދިން މީހެއްވެސް ނޭގެއެވެ. ފޫހިކަމާއިއެކު ޗޮކްލެޓްތައް ހޫރާލުމުން ހެނާ ދެލޯބޮޑުކޮށްލައިގެން ހުރެފައި ޗޮކްލެޓްތައް ބިންމަތިން ނަގަންފެށިއެވެ. އަމީރާއަށް މިފަހަކަށް އައިސް ވެގެން އުޅޭގޮތާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. އޭނަ ކިޔަވަންވީ ސައިކޮލޮޖީކަން ނޭގެއެވެ. މެޑިސިން ނަހަދާ އަމީރާފަދަ ކުދިންނަށް އެހީތެރިވެވޭނެ ގޮތެއް އެއޮތީ ފެންނާށެވެ. އެއާއިއެކު ނަފްސާނީ އަދި ރޫހާނީ ކަންތައްތަކާއި ދޭތެރޭގައިވާ ތުނި ފަށަލައާއިމެދުވެސް ވިސްނައިލާން ޖެހުނެވެ. އަމީރާއާއި ދިމާވެގެން ކޮންކަމެއްބާވައެވެ.
ހެނާއަށް ވަޒީފާ ލިބިފައިވުމާއިއެކު ކޮންމެގޮތެއް ހަދައިގެންވިޔަސް ފުރަތަމަ ދުވަހު އެތަނަށް ނުގޮސްފިއްޔާ އެހެން ކުއްޖަކަށް ފުރުސަތު ދިނުމަކީ ކައިރީގައި އޮތްކަމެކެވެ. ހެނާއަށް އެމެސެޖް ލިބުނީއްސުރެން އޭނަ ހެއްދެވިފަރާތަށް ހަމްދުކުރި އަދަދެއްވެސް ނޭގެއެވެ. ޝުކުރުގެ ސަޖިދައެއްކުރިއެވެ. އުމުރުދުވަހު ލިބުނު ފުރަތަމަ ކާމިޔާބެވެ. އެތައް ރީތި އަންހެންކުދިންނާއި ވާދަކޮށް އޭނައަށް ކުރި ލިބުމަކީ އާދައިގެ ކަމެއްނޫނެވެ. އެކަމާއި ހެނާ ވަރަށް އުފާކުރިއެވެ. ތައްޔާރުވެގެންގޮސް އޭނަ މަންމަ ކައިރީގައި އެވާހަކަދެއްކުމުން މަންމަ ހަޅޭއްލެވިއެވެ.
"ހެނާ ވަޒީފާއަކަށް ދާން ސިޓީ ލާ މިހިސާބަށް އައިއިރުވެސް އަހަރެމެންގެ ފަރާތުން އަހައިލުމަކީވެސް ބޭނުންކަމަކަށް ނުވި. ކޮންވައްތަރަކަށް ތިއުޅެނީ؟ އަދި ހޮޓަލެއްގައި މަސައްކަތްކުރުމަކީ މާ ތާހިރުކަމެއްތަ؟ މާތް އަންހެންކުދިންނެއް ތިކަހަލަ ތަންތާ މަސައްކަތެއްނުކުރާނެ. ތިއީވެސް ރަގަޅަށްވިއްޔާ އެ ބަބުރު އަންހެންކުއްޖާ ދަސްކޮށްދިންކަމެއް. ހެނާ ތިއުޅެނީ އަހަރެމެން ބަދުނާމުކޮށް ލަދުގަންނަވަން. ޗީ ޗީ ވޭޓަރަކަށޯ ދެން. ލަދުން ބޯ ހަލާކު......" ރޮޒާލިއާގެ ފަރާތުން ކެލްޗަރު އަޑުއަހައަހާ އެކަމަށް ހެނާވަނީ ފަރިތަވެފައެވެ. މިއަދު ނަޝީދު ހިފީ ހެނާގެ ކޮޅަށެވެ. އެހާ ފެންވަރު ރަގަޅު ހޮޓަލެއްގެ ވޭޓަރަކަށް ހުރުމަކީ ޕާޓްޓައިމް ޖޮބަކަށް އެންމެ ރަގަޅުކަމެއް ކަމުގަޔާއި ހެނާ އަމިއްލައަށް ޚަރަދުކުރަން ފައިސާ ލިބުމަކީ ގޯހެއް ނޫންކަމުގައި ބުނެ ރޮޒާލިއާއަށް ވިސްނާދިނުމުން އޭނަ ހިމޭންވިއެވެ. ހެނާ ދެރަވީ މަންމަ އާސާއަށް ބަބުރުކުއްޖާ ކިޔާތީއެވެ.
ހެނާ ބީޗްމައުންޓް ހޮޓަލާއި އަރާހަމަވީއިރު މަގުގެ އަނެއްފަޅީގައި އާސާ ބަލަން ހުރެފައި ދުވަމުން އައިސް ހެނާގެ ގައިގާ އޮޅުލައިނުގަތީ ކިރިޔާއެވެ. އާސާހުރީ އާއްމުކޮށް އޭނައާއި ބައްދަލުކުރަން ދާއިރު ހުންނަގޮތަކަށް އިސްތަށިގަނޑު ހާވާލައިގެނެއް ނޫނެވެ. އިސްތަށިގަނޑު އޮމާންކޮށް ހުޅިއެއް ޖަހާފައި ޖެލްލުމުން ބުޅިކަން ކުޑަވެ ސްޓައިލިޝްގޮތެއް ހުއްޓެވެ. ލައިގެން ހުރީވެސް ޔުނިފޯމެއްކަހަލަ ހެދުމެކެވެ. އޮފީހަކަށްދާން ތައްޔާރުވެގެން ހުރި ކުއްޖަކާއި މިއަދު ވައްތަރެވެ. ރަސްމީކަމެއް ހުއްޓެވެ.
"ފިލައިގެން އުޅެނީ ކީއްވެ؟ ތިގޭދޮށުން މުގޯލި އެޅުނު އަދަދެއްވެސް ނޭގޭ. ކޮޓެޖްގެ ގަހަކުން ވަގަށް ބިން ޏަމްޏަމްވެސް ހިފައިގެންނޭ ދިޔައީ......" އާސާ ޝަކުވާކުރިއެވެ. އާސާގެ ވާހަކަތަކުން ހެނާ ހިނިއަންނަ ގޮތްވިއެވެ. އާސާފެނުމުން ހެނާގެ ހިތާމަކުޑަވެ ހޭން މަޖުބޫރުވެއެވެ. އެކަމަކު ކޮޓެޖާއި އާސާގެ މިއޮތީ ކޮންގުޅުމެއް ބާވައެވެ. ހެނާ ބުނީ އެގޮތަށް ވަގަށް އެއްޗެހި ގެނެސް ނުދިނުމަށެވެ. އާސާ ބުނީ އެގޭ އަހުލުވެރިންގެ ހުއްދަ އޮންނަކަމުގައެވެ. އެހެން ބުނުމުން ހެނާ ހަނދާންވީ ޒޯހަންގެ މަތިންނެވެ.
ރެސްޓޯރެންޓްތެރެ ޖާގަބޮޑުވެފައި ފިނިކަމުން ވަރަށް އަރާމެވެ. އެތަން ޑިޒައިންކޮށްފައިވާ ގޮތާއި މޭޒުތައް އަތުރާލާފައިވާގޮތް އެހާ ފުރިހަމައެވެ. ކަސްޓަމަރުންނަށް ޚިދުމަތް ކުރުމުގައި އަވަދިނެތި އުޅުނު އާސާ ފެނިފައި ހެނާ ހައިރާންވިއެވެ. ތަންކޮޅެއް މީހުން މަދުވެލި ވަގުތެއްގައި ހެނާ ގޮސް އާސާއާއި ޝަކުވާކުރިއެވެ.
"ނުވެސްބުނެ....." ހެނާ ތުންފިތައިލިއެވެ.
"މީ މާ މޮޅު ވަޒީފާއެއްތަ އިޝްތިހާރުކުރަން. ހެހެ. ނޫން ތެދަށް ބުނަންޏާ މިހާ ވަރުގެ މޮޅު ވަޒީފާއެއް ލިބުނީމަ މަ ވަރަށް ފޮނިވެފައި މިހިރީ. އެހެންވެގެންނޭ ޕިއްޒާކަހަލަ އެއްޗެހި މަގޭ ފްރެންޑަށް ގެންގޮސްދޭން ލިބެނީ. މަރުހަބާ ހެނާ. ވަރަށް އުފާވެއްޖެ ދެމީހުންނަށް ދެން އަބަދު އެކީގައި އުޅެވޭނެ. އެހެންވީމައޭ މަ ދަންވަރު މަގުމަތިން ފެންނަނީ. ބައެއްރޭ އެއްޗެހި ތަށި އެއްޗެހި ދޮވެ ނިންމާލާއިރު ހުންނަނީ ވަރަށް ލަސްވެފައި........"އާސާ އެންމެ ގާތްއެކުވެރިޔާ އާއިއެކު ވަޒީފާ އަދާކުރަން ޖެހުމުން ފޫހިފިލާނެއެވެ. ދޭތެރެއަކުން އަނގަތަޅާލެވޭނެއެވެ.
"އެހާ މީރު ހެދިބިލެތްގަނޑު ގެނެސްދެނީވެސް މިތަނުންދޯ..." ހެނާ ހީގަތެވެ.
"މިތާ ކުދިންގެ ދީލަތިކަން، ވަގަކަށް ނުގެންދަމޭ...." އާސާވެސް އެއްލޯ މަރައިލިއެވެ.
ކޮންމެވެސް މީހަކު އެހީނުވާނަމަ އޭނަފަދަ އާދައިގެ ކުއްޖަކު މިހާ ފެންވަރު ރަގަޅު ރެސްޓޯރެންޓަކުން ވޭޓަރެއްގެ ޖާގަލިބިދާނެހެން ހިޔެއްނުވެއެވެ. އާސާއާއިމެދުގައިވެސް މިހާރު ހެނާގެ ހިތް ސާފެވެ. ބައެއްފަހަރު ހަގީގަތެއްނެތި މީހުންނަށް ފެންނަ ކަންތައްތަކަށް ބިނާކޮށް ވާހަކަދައްކާ މީހުން މަދެއް ނޫނެވެ. އާސާ ދަންވަރު މަގުމަތިން ފެނުމުން ހަށިވިއްކާ ކުއްޖަކަށް ހެދީއެވެ. ލޮލަށް ފެނިގެން ނޫނީ ދެން އޭނަ ގަބޫލެއް ނުކުރާނެއެވެ. ދަންވަރު އަރާމު ތަންމަތީގައި ނިދާފައި ތިބޭނީ ފައިސާވެރިންނެވެ. އާސާފަދަ އަންހެންކުދިން ބަނޑުފުރާނަ މުއްތިކުރަން ރެއާއި ދުވާލު ބުރަ މަސައްކަތްކުރަން ޖެހޭއިރު އެހެން މީހުންނަށް އެކަން އިހުސާސެއް ނުކުރެވޭނެއެވެ. އޭނައަށް ނިކަމެތިންއުޅޭ ހާލު އިހުސާސްކުރެވެނީ ޚުދު އޭނައަކީވެސް އެފަދަ އަންހެންކުއްޖަކަށް ވީމައެވެ. ނަޝީދުގެ ދޮންދަރިއަކަށްވީމަ ހުރިހާ މޮޅަކާއި އުފަލެއް ލިބޭނެކަމަށް މީހުނަށް ހީކުރެވިފައި އޮތަސް އެކުދިންނަށް ލިބޭ މާބޮޑު އެއްޗެއް ނެތެވެ. އެކަނި ނަމެވެ. ގިނަމީހުން ހީކުރާގޮތުން އަމީރާއާއި ހެނާއަކީ ނަޝީދުގެ ދަރިންނެވެ.
ހެނާ އޯޑަރު ނަގަން ދާންޖެހުނީ އާސާ އެނަން ކުރާ ޒޯހަން ފިޔަވާ ދެވަނަމީހެއް ގެ ކައިރިއަކަށް ނޫނެވެ. އޭނަ އާއި އިންޓަވިއުކުރީ ޒޯހަން ނޫންކަން އެނގުނީ ވެސް އަސްލު ޒޯހަން ފެނިފައެވެ. ގަދަފެހިކުލައިގެ ގަޔަށް ބާރު ޓީޝާޓަކާއި ޖިންސެއްލައިގެން އިންއިރު މޫނުމަތި ފެންނަނީ ވަރަށް ތާޒާކޮށެވެ. ކަޅުކުލަގަދަ ބުމަ ދުރުންވެސް ލޮލުގައި އަޅައިގަތެވެ. ސިއްރުވެރިކަމެއް އެބަހުއްޓެވެ. ފިރިހެންވައްތަރު ޖަހާ މީހެކެވެ. ހެނާ ހުރީ ލަދުން ހަލާކުވާވަރުވެފައެވެ. ވަޒީފާގެ ފުރަތަމަ ދުވަހުވެސް ވެރިޔާގެ ކުރިމައްޗަށެވެ.
"ކަޅު ކޮފީއެއް....." ޒޯހަން އާއި ހެނާ ހަތަރުކަޅި ހަމަވިއެވެ. ހެނާ ބޭނުންވީ އަވަހަށް އެތަނުން ސަލާމަތްވުމަށެވެ. އޭނަ ހިނގައިގަތްއިރުވެސް ހީވީ ހުރިހާ މޭޒުތަކެއްގައިވާ މީހުންގެ ލޯތައް އޭނައަށް ހުއްޓިފައިވާހެންނެވެ. ހާސްވުމުން ދާހިއްލުމަކީ އޭނަގެ އެންމެ ދެރަވާ އެއްކަންތަކެވެ. އަދި އެ ވެސް މޫނުންނެވެ. ނިތްކުރީގައި ދާތިކިތައް ބަރިއަކަށް އެތުރިފައިވާކަން އެނގުނަސް ފޮހެލާކަށް ނުކެރުނެވެ.
"ހުރިހާ މޭޒުތައް ފުލް، އާސާ ކިހާ ކޫލް، ކިހާ ހަމަޖެހޭ، އެހާ ފަރިތަކޮށް ތަބައް އެއްޗެއްހި އެގެންދަނީ. އަހަންނަށް ނުވާނެ މިކަމެއް....." ހެނާ ވިސްނުމެއްގައި ހުރެފާ އެހެން ކުއްޖަކު ތައްޔާރުކުރި ތަބައް ހިފައިގެން ޒޯހަން އިން މޭޒާއި ދިމާލަށް ހިނގައިގަތެވެ. އެހެން ކުއްޖެއްގެ ގައިގާކުޑަކޮށް ޖެހިލާއިރަށް ހެނާގެ އަތުން ތަބައް ދޫވިއެވެ. ތަށިމުށިމަތީގައި ތަށިތައްޖެހުނު އަޑާއިއެކު ބުރައިގެން ދިޔަ ކޮފީގެ ސަބަބުން އެންމެ ކައިރީގައި ހުރި މޭޒުގައި އިން އަންހެންކުއްޖާ އެއްޗެހި ކިޔައިގަތެވެ. މޭޒުތަކާއި ދިމާލުން ހުނުމުގެ އަޑުވެސް އިވުނެވެ. ހުރިހާ އެންމެން މަލާމާތްކޮށްފައި ހެނީކަމުގައި ހީވިއެވެ. އުމުރުދުވަހުވެސް ހެނާ މިހާ ބޮޑު ލަދެއްނުގަނެއެވެ. ލަދުގަތްވަރުން އަދި އޭނަ ހުރިތާގައި ގުޑާލަން ނުކެރިފައި ހުއްޓާ އާސާ ދަމުން އެހީވާން މަޑުކޮށްލަމުން އެވަރުކަމެއް ނޫނޭ ބުނުމުން ހެނާގެ ލޮލަށް ކަރުނަ އައެވެ. ކޮންމެކަމެއްގައި އޭނަ ގެ ނަސީބު މިހާ ދެރައީ ކީއްވެބާވައެވެ.
އެތެރެއަށްވަދެ ގަނޑުވެފައި އިންދާ އާސާ ހިތްހަމަޖައްސާދޭން ވާހަކަދެއްކިއެވެ.
"ނުވާނެ މިކަމެއް. މީހަކާއި ކުރިމަތިލާކަށް ނުކެރޭނެ. ވެރިޔާވެސް އިނެއްނު...." ހެނާގެ މޫނަށް އޭރުވެސް ވެރިވެފައި ހުރީ ޖަންބުކުލައެވެ.
"ޒޯހަންއަކީ ވެރިމީހާގެ ދަރިފުޅޭ ކިޔާއަޑު އިވެނީ، އޭނަ މިތާކު މަސައްކަތެއްނުކުރޭ. ނިކްޒާދު ދޯ އިންޓަވިއުކޮށް މީހުން ހޮވަން އިސްމީހަކަށް އެހުންނަނީ. ވީމަ އަދި ޒޯހަންއަށް ފެންނަ ހިސާބުގައި ކަމެއް ހިނގިޔަސް އޭނަ މައްސަލަ ޖައްސާނެހެން ހިޔެއްނުވޭ، ބީ ޕޮޒިޓިވް....." އާސާ އެއްލޯ މަރައިލިއެވެ.
"ވިލް ޓްރައި..." ހެނާ މަޑުމަޑުން ކިޔައިލިއެވެ.
"އެހެން ކިޔާފައި ގޮސް ޒޯހަންގެ އުނގަށް ހޫނު ކޮފީ ބަންޑުންކުރާނީއެއް ނޫން އިގޭ. އޭރުން މަ ނުބުންޏަސް ހެނާއަށް އެނގޭނެ ފިހޭނީ ކޯންޗެއްކަން. ނުލަފާކަމެއް ދެއްވާފައި ހުރ އަންހެންކުއްޖެއް ވިއްޔާ ގޮސް ހަމަ ޖެއްސުމަށްވެސް އެކަހަލަ ކަމެއްކޮށްފާނެ. މަ ފިއްސާލާ ހިތްވަނީ ބޮޑާ ކިބުރުވެރި ތިމާއަށް ތިމާ ފެނިފައި ހުރި ސޮރެއް........" އާސާގެ ޖުމްލައިން ހެނާ ރޮއިރޮއިހުރެވެސް ހެވިއްޖެއެވެ. އާސާގެ ސަބަބުން ހިތްވަރު ލިބި ހެނާ މަސައްކަތް އަލުން ފެށިއެވެ. ހެނާ އެންމެ ޖެހިލުންވާ ކަމަކަށް އޮތީ ހޮޓަލުގެ ރޫމްތަކަށް ސާވްކުރަން ދިޔުމަށެވެ. އެއިން ކޮޓަރިއެއްގައި ނުބައި މީހެއް ހުރެއްޖެއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ކޮޓަރިއަކަށް ވަންނަތަނުން ޕާޓޭއެއް ކަހަލަ މީހަކު ބެހުނަސް އެނގޭނެގޮތެއް ނޯންނާނެއެވެ. އާސާބުނީ އަދި މިވީހާތަނަކަށް އެޒާތުގެ ކަމެއް މި ހޮޓަލުގައި ހިނގާފައި ނުވާކަމުގައެވެ. ހެނާވެސް ހުރީ އާކަމެއް ތަޖުރިބާކޮށްލާހިތްވެފައެވެ. ޒޯހަން އެއިން ކޮޓަރިއެއްގައި އުޅޭނެނަމައެވެ. އޭނަ އެ ރޫމަށް ބްރޭކްފާސްޓް ހިފައިގެން ދާންޖެހިއްޖެނަމަ ވާނެ ގޮތާއިމެދު ޚިޔާލުކުރެވިފައި އަމިއްލަ ނަފުސަށް އަޑުލިއެވެ. ކުރިން ފިރިހެނުންނާއިމެދު ވިސްނި އަންހެންކުއްޖެއް ނޫނެވެ. ޒޯހަންގެ ނަން އިވުނުފަހުން އެނަން ޚާއްސަވެގެން އުޅޭ ސަބަބެއްވެސް އެނގެނީއެއްނޫނެވެ. އަދި ފެނުމަށްފަހު ހަނދާނަށް އަންނަނީ އެ ފިރިހެންވަންތަ މޫނެވެ.
އެރޭ ހެނާއަށް އަޑުއިވުނީ މަންމައާއި ދޮންބައްޕަ އަރައިރުންވާއަޑެވެ. އަމީރާ ހެޑްސެޓް އަޅައިގެން ފިލްމެއް ބަލަންއޮތްއިރު އަމީރާއަށްވާނުވާ ރޭކާނުލިޔަސް އޭނައަށް ކިތަންމެ ރީތިކޮށްވެސް ބޭރުންވާ އަރައިރުންގަނޑުގެ އަޑު އިވުނެވެ. އާޒްވެސް އޮތީ ނިދާފައިކަން ނޭގެއެވެ. ދެމީހުން އަރައިރުންވާ ސިޓިންރޫމަށް ނުކުތީ އާޒް ހޭލަފާނެތީއެވެ. ނަޝީދު ސަކީނާއޭ ކިޔައިގެންވެސް ކޮންމެވެސް އެއްޗެކޭ ބުނެލިހެން ހީވިއެވެ. ދެން އިވުނީ އެއްޗެއް ކޮށްޕާލި އަޑާއިއެކު މަންމަގެ ހަޅޭކުގެ އަޑެވެ. ނަޝީދު އޭނަގެ މަންމައަށް އަނިޔާކުރަނީކަން ޔަގީނެވެ. ހެނާއަށް އެފަދަ ވަގުތުގައި ލޯބިވާމީހުންގެ ދިފާއުގައި ދެވޭގޮތްވެއެވެ. ދުއްވައިގަތްގޮތަށް ބޭރަށް ނުކުމެވުނުއިރު މަންމަ ހުރީ ރޮއިރޮއިއެވެ.
"ދެން އެކައްޗެކޭވެސް ބުނެފިއްޔާ ނިމުނީ..." ނަޝީދު މަންމައާއި ދިމާލަށް އިނގިލިދިއްކޮށްފައި އިންޒާރުކުރިއިރު ހެނާއަށް ހުރެވުނީ އެމީހުންގެ ކައިރީގައެވެ. ހެނާ ފެނުމުން އަދި ރޮޒާލިއާ ހެނާގެ މޫނުމަތީގައި އެތިފަހަރެއްޖެހިއެވެ.
"މޮޔަވެގެންތަ ތިއުޅެނީ؟ ޖެހޭތަ ހުރިހާ ތަނަކަށް ބޯ ބާނަމުން ހިނގަން، ހަމަ މިހާރު ކޮޓަރިއަށް ދޭ....." ރޮޒާލިއާ ހަރުކަށިގޮތަކަށް ބުނެލިއެވެ. ހެނާއަށް އެއްގޮތަކަށްވެސް އޭނަ ކުށްވެރިވާންވީ ސަބަބެއް ނުވިސްނުނެވެ. ނަޝީދުވެސް ލޯ އަޅާލައިގެން ހުރިއިރު ދެލޯ ރަތްކަމުން އަނގުރުކޮޅެކޭ އެއްގޮތެވެ. އެ ލޮލުގައިވި ދިލަ އަލިފާނުން އޭނަ ފިއްސާލާނެހެން ހީވިއެވެ. ހެނާ ކޮޓަރިއާއި ދިމާލަށް ހިނގައިގަތީ މާޔޫސްވެފައިހުރެއެވެ. މަންމަދެކެ ވާ ލޯބި ހާމަކުރެވޭނެ ފުރުސަތެއްވެސް މަންމަ ދެނީއެއްނޫނެވެ. އެނގިއްޖެއެވެ. ދޮންބައްޕަ ކިތަންމެ އަނިޔާކުރިނަމަވެސް މަންމަ ދަރިންނަށްވުރެ އިސްކަންދެނީ ނަޝީދުއަށެވެ. އަމީރާއަށް ކިޔައިދޭންވެގެން ގޮވަން އުޅެފައިވެސް އެއީ ބޭކާރުކަމެއްކަން ހިތަށް ވިސްނުނެވެ. މަންމަ ރުޅިއަންނާނީ އޭނަދެކެއެވެ.
ޖެހިގެން އައި ދުވަހު ހެނާއަށް ސަކީނާގެ ފަރާތުން އެނގުނީ ދޮންބައްޕަގެ ބަލިމީހެއްގެ ގެޔަށް ރޭގަނޑު ޖައްސާ ވާހަކައެވެ. މަންމަ އާއި ދޮންބައްޕަ މައްސަލަޖެހެން ފެށީ ކީއްވެކަން ހެނާއަށް އެނގުނީ ސަކީނާ ދެއްކި ވާހަކަތަކުންނެވެ. ވަރަށް ތަފްސީލުކޮށް ކިޔައިދިނުމުން ހެނާ ގަބޫލުކުރިއެވެ. ދޮންބައްޕައަށްޓަކާ ހިތުގައި އޮތް ގަދަރު އިތުރަށް އުނިވިއެވެ.
ނަޝީދު ޑޮކްޓަރުންގެ އިންޗާޖަކަށް ވުމަށްފަހު އެންމެނާއި ދޭތެރޭ ކަންތައް ކުރަންފެށީ ވަރަށް ހަރުކަށިކޮށެވެ. އަޅުންލައްވާ މަސައްކަތްކުރުވާހެން ޑިއުޓީއަށްދާ ގޮތަށް މަސައްކަތްކުރަން ޖެއްސިއެވެ. ބްރޭކްގަޑިވެސް ކުޑަކުރަން ހުށަހެޅިއެވެ. އެކަމަކު އެކަންވާ ގޮތެއްނުވިއެވެ. ނަފްސާނީ އާ ޑޮކްޓަރެއް ގެނައުމުންވެސް ނަޝީދު ވީ އަމަށަކު ފޫއްސެއްނޫނެވެ. އޭނަގެ ކުރިމަގަށް އެޅުނު ހުރަހެއްކަމަށް އޭނަ ދެކުނެވެ. އަދި އެއަންނަ ޑޮކްޓަރާއި ބައްދަލުވުމާއިއެކު އޭނަގެ ޒުވާންކަމާއި ރީތިކަން ފެނިފާ ނަޝީދު ބިރުހީވިއެވެ. އޭނަގެ ކައިރިއަށް އަންނަ ހުރިހާ އަންހެންކުދިން އަނބުރާލާނެއެވެ. އޭނައަށް މިހާވަރުގެ ޗެލެންޖެއް އަދި ކުރިމަތިވެފައެއް ނުވެއެވެ. އެހެންވެ ތަބީއަތު ގޯސްވެ ރުޅިގަދަވާގޮތްވެ އަތުން ފައިން ގޯސްހެދޭ ހިސާބަށް ދިޔައެވެ. ހުރިހާ ރުޅިއެއް ބޭލެނީ ކުށެއްނެތް އަނބިމީހާއާއި ދަރިންނަށެވެ.
އަމީރާ ފިހާރައަށްވަދެ ހެދުންތައް ބަލަނިކޮށް މީހަކުގެ ހިލަންވިހެން ހީވެގެން ބަލައިލިއިރު ދާދި ކައިރީގައި ހުރީ އޭނަގެ ބޮސް ރަފައެލްއެވެ. ނުރަސްމީކޮށް ހުރިއިރުވެސް ހާދަ ރީއްޗެވެ. އަމީރާ ކުޑަކޮށް ފިނިވާގޮތްވިއެވެ.
"މި ނައިޓީ އަސްލުވެސް ވަރަށް ރީތި...." ރަތްކުލައިގެ ލޭސް ނައިޓީއަށް ބަލައިލަމުން ރަފައެލް ހީލިއެވެ.
"އަގުބޮޑުކަމުން...." އަމީރާ އެއްޗެކޭ ބުނަން އުޅުނެވެ.
"އަގާއިމެދު ނުވިސްނާ. އަހަރެން ހުރީ އަމީރާގެ ބާތުޑޭއަށް ރަގަޅު ހަދިޔާއެއްވެސް ނުދެވިފައި. މިއީ ހަދިޔާއެއްކަމަށް ބަލާ....." ރަފައެލް ވޮލެޓް ހުޅުވާފައި އެއްހާސް ރުފިޔާ ދިއްކޮށްލުމުން އަމީރާ ޖެހިލުންވާގޮތްވިއެވެ.
"ނޫން، ނޫން، ދެން އޯކޭވާނެ. ސަރ، އަޅުގަނޑު....." އަމީރާ އާގަނެގަނެފާ ކިޔާލައިފިއެވެ. އަމީރާ ދެކޮޅު ހަދަހަދާ ހުއްޓާ ރަފައެލް އެތަނުން ކުއްޖަކަށް ގޮވާލާފައި އެ ނައިޓީ ޕެކްކޮށްލަދޭން އެންގިއެވެ. ހުރިހާ އަންހެންކުދިންވެސް ތިބީ ރަފައެލް ވަނީއްސުރެން މޮޔަވެ ކަޅިވެސް ޖަހާނުލާ އޭނަގެ ކޮންމެ ހަރަކާތަކަށް ބަލާށެވެ. އެހާ ތުއިވޭވޭއެވެ. ޣުލާމުން ފަދައިން އޭނަ ބުނިކޮންމެ ކަމެއްކޮށްދޭން ތައްޔާރަށް ތިބިއެވެ. އެހާވެސް ޗާމިންއޭ އަމީރާގެ ހިތަށްވެސް އެރިއެވެ. އަމީރާ ހިތާހިތުން އުފާވިއެވެ. އެ ފަށުވި ނިދާހެދުން ލައިގެން ހުންނައިރު ހާދަ ރީތިވާނެއެވެ. ދެރައީ ދައްކަން ލޯބިވެރިޔަކުވެސް ނެތްކަމެވެ. ކުއްލިއަކަށް އޭމޮންގެ ގެ ޚިޔާލު އައުމާއިއެކު ޝޮކެއްލިބި މޫނުމަތީގައިވިހާ އުފާވެރިކަން ފަނޑުވެގެން ހިގައްޖެއެވެ.
"ކުއްލިއަކަށް ކިހިނެއްތިވީ؟ ޖިންނިއެއް ފެނުނީތަ؟ " ރަފައެލް ސަމާސާގޮތަކަށް އަހާލައިފިއެވެ.
"ސަމްތިން ލައިކް ދެޓް ސަރ..." އަމީރާ އެހެން ބުނުމާއިއެކު ދުލުގައި ދައިގެންފިއެވެ.
އޭމޮން އޮތީ އެއްވެސް މީހަކަށް ނާންގަން އިންޒާރުކޮށްފައެވެ. ރަފައެލް އަމީރާއާއިއެކު ނުކުތީ ކޮތަޅުތައް ހިފައިގެންނެވެ. ރަފައެލް ހެދުންތައް ގަތީ އޭނަގެ ލޯބިވެރިޔާއަށް ދޭންބާވައެވެ. ނޫނީ ކޮއްކޮއަކަށް ކަމަށްވެސް ވެދާނެއެވެ. ނޭގޭ އުދަގޫތައް ހިތަށްވިއެވެ.
"އަމީރާގެ ސިކުނޑީގައި ކޮންމެވެސް ކަންތައްތަކެއް ހުންނަހެން ހީވޭ. ކޮންމެވެސް އިރަކުން އަހަންނަށް ކިޔާދޭނެކަމަށް އުއްމީދުކުރަން. އަބަދު ސިހިފައި ވަށައިގެން ހޯދާބަލާގޮތުން ކޮންމެވެސް މީހެއްދެކެ ބިރުން އުޅޭ. ކޮޓެޖްއާއި ބެހޭގޮތުން ދައްކާ ވާހަކަތައް އިވިފައި އޮތީތަ؟ " ރަފައެލް އަމީރާއާއިއެކު ހިނގައިގަންނަމުން ކިޔާލިއެވެ.
"ފާޑަކަށް، އެހެންވެ ރިޕޯޓެއްވެސް ލިޔަން އުޅުނީ...." ބޭރަށް ނުކުތުމާއިއެކު ފިނި ވައިރޯޅިތައް ހަމުގައި ބީހި ހީކަރުވާކަހަލަ ގޮތެއްވިއެވެ. އަމީރާ ދެއަތުން ހަށިގަނޑުގައި ބައްދާލިތަން ފެނުމުންވެސް ރަފައެލް ބަލާލާފައި އެކަމަކަށް އެއްޗެކޭ ނުބުނެ ލާނެތް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެންމެ ފަހަރަކުވެސް އަމީރާ އެއީ އޭނަގެ ވެރިޔާކަން ހަނދާން ނައްތައެއްނުލައެވެ. ގޯސްކޮށް ބަލައިލެވިދާނެތީވެސް އޭނަ ހުރީ ބިރުންނެވެ.
"މައިކަލްއާއި ވާހަކަދައްކަންވީނު...." ރަފައެލް ބުނެލިއެވެ.
"އައި ހޭޓް ހިމް. އޭނަ ފަހަތުން އުޅޭވަރުން އުދަގޫވޭ. ޕްރޮފެޝަނަލް މީހުންނާއި ނޫނީ ވާހަކަދައްކާ ހިތެއްނުވޭ......." އަމީރާ އަވަސްއަވަހަށް ބުނެލިގޮތުން ރަފައެލް ހީލިއެވެ.
"ހެހެ....." ރަފައެލް ގެ ހުނުމުން އަމީރާގެ ހިތަށް ގޮތެއްވިއެވެ. ދެން އެދޭތެރެއަށް ވެރިވީ ފުން ހިމޭންކަމެކެވެ. ދެމީހުންނަށް އިތުރަށް ދައްކަންވީ ވާހަކައެއް ނޭގުނީކަމަށް ވެދާނެއެވެ. ގެއާއި އަރާހަމަވެފައި ރަފައެލް ކޮތަޅުތައް ދިއްކޮށްލުމުން އަމީރާ ޝުކުރު އަދާކުރިއެވެ. ވަރަށް ލަދުވެސް ގަތެވެ. އެހާ ގިނައެއްޗެހި ދޭނީ ދީލަތި ވެރިއެކެވެ. ހާދަހާ ރަގަޅު މީހެކެވެ. އެހާ ހިތްތިރި ވެރިން އުޅޭބާވައޭ އަމީރާގެ ހިތަށް އެރިއެވެ. ކޮޓަރިއަށްވަންއިރު ހެނާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އަމީރާ ގަޑިއަށް ބަލައިލިއިރު ދިހައެއްޖެހީއެވެ. އަމީރާ ކިޔައިދިނީ އޮފީސް ބޮސްގެ ރަގަޅުކަމުގެ ވާހަކައެވެ. ވަރަށް ރީތި މީހެކޭވެސް ބުނެލިއެވެ. އަމީރާ ރަތްކުލައިގެ ނައިޓީލައިގެން ނުކުތުމުން ހެނާވެސް ތައުރީފުކުރިއެވެ. އެކަމަކު ހަށިގަނޑުގެ ބޮޑުބައިވަނީ ހާމައަށެވެ. އެހާ ތުނިއެވެ. އެކަހަލަ ހެދުމެއް ލައިގެން އަމީރާއަށް ފެންނާކަށްވެސް ހެނާއަކަށް ގައިމު ނުކެރޭނެއެވެ.
"ޕްރިޓީ....." ހެނާއަށް ބުނެވުނެވެ.
"އެކަމަކު ނޭކެޑްކޮށް ނިދުމެކޭ މިކަހަލަ ހެދުމެއް ލައިގެން އޮތުމަކީ ތަފާތެއްނެތް ދޯ...." އަމީރާ އޭމޮންގެ މަތިން ހަދާންވެފައި ގައި ހީބިހިނެގިއެވެ. އޭމޮންއަކީ ވަރުގަދަ މީހެކެވެ. އޭނަގެ މަތިން ހަނދާންނުވެ ދެން ހެދުމެއްލެވޭކަށްވެސް ނެތެވެ.
"މާމަ ބުނި ރަތްކުލައިގެ ހެދުން ލީމަ ޖިންނި އަވަލާނެޔޯ. ސޯ ނިދަން ރަތްކުލަ ލުން އެހާ ގުޑް އައިޑިއަ އެއްނޫން......" ހެނާ އޮތީ ފިނިވެގެން ރަޖާގައިގާ އޮޅާލައިގެންނެވެ.
"ޔޫ އާ ރައިޓް. ހެނާގޮތަށް ފޮރުވިގެން ނުނިދަންޏާ ކާފަރު އެއްޗެހިތައް ހައްތަހާ ހިތް ކާފަރުވާނީ. އެ ޑީމަންތައް ހިތް އުފާވާގޮތަށް މުސްލިމް ކުދިން އުޅޭކަށް ނުވާނެ. ހާދަ ފޫހިވެއޭ އެކަހަލަ އެއްޗެހި ދެކެ....." އަމީރާ ތުން އޫކޮށްގެން ހުރެ އެހެން ބުނީ އޭމޮން އަޑުއަހަން ހުރެއްޖެއްޔާ އޭނައަށް އިއްވާށެވެ. އަމީރާ ކޮތަޅުތައް ހާވަން ހުރެފައި ބަލައިލިއިރު ހެނާއޮތީ ގަދަނިދީގައެވެ. ކުއްލިއަކަށް ބޮކި ނިވުމާއިއެކު އޭނައަށް ކޮޓަރިތެރޭގައި އެހެން މަޚުލޫގެއް އުޅޭހެން ހީވިއެވެ. އެމީހެއްގެ ހޫނު ނޭވާތައް މޫނަށް ކަނދުރާއަށް އެޅުނެވެ. އަމީރާ ހަޅޭއްލަވައިގެންފާ އެނބުރުނުއިރު އޭމޮންގެ ރަތްދެލޯ އަނދިރީގެ ތެރޭން ފާޅުވާން ހުރީ ބިރުވެރިގޮތަކަށެވެ.
"އަހަރެންގެ ހިތް ސަކަރާތްވެގެން އޮބި ނޯވެވިގެން މިއައީ. ކަރުހިއްކުން ފިލުވާދޭން ކެރޭނެތަ..." އޭމޮންގެ ނާމާން ހުނުމުގެ އަޑު ކޮޓަރިތެރޭގައި ގުގުމާލިއެވެ.
"އައްޗީ. މުޑުދާރު މީހާގަނޑެއް........" އަމީރާއަށް ބުނެވުނެވެ.
"ފިރިމީހާއަށް ގަދަރުކުރަން ނޭގޭ އަންބެއް އެކަމަކު މަ ހާދަ ކެތްކުރަމޭ. އެއްވެސް ބާރެއްނެތް ކުޅޭ ކުޅޭ ބުދެއްހެން ގެންގުޅެލެވޭނެއިރު އަހަރެން މިހުންނަނީ އަދިވެސް ދުރުން، ގެއްލުމެއްވެދާނެތީ. ކަމެއްކުރަން ހިތަށް އަރާއިރަށް އަނބުރައިގަނޭ. އެހެންވެ ބިރު ކެނޑެންދެން މިހިރީ. ޚިޔާލަށް ގެނެވޭވަރަށްވުރެ އަހަރެން ބާރުގަދަވާނެ. އިންސާނުންނާއި އެކަށީގެންވާވަރަށްވުރެ ބާރުގަދަ ކަން ތި މޮޔަ އިންސިކުއްޖާއަށް ރަގަޅަށް އެނގޭނެ. ވީއިރު ތިފާޑަށް ވާހަކަ ތިދައްކަނީ އަހަރެން ލައްވާ މަޖުބޫރުން ކަމެއް ކުރުވަންތަ؟ އޭނ........" އެ ބޮޑު ބޮޑު އަތްތިލައިން އަމީރާގެ ދަތްދޮޅީގައި ހިފާލުމުން އަމީރާގެ ހިތް ރޫރޫއަޅައިގަތެވެ.
"އެހެން ކަމެއް ނޭގުނަސް ފޮނިކަނޑަން އެނގޭ......" އަމީރާ އެވަރުންވެސް ބިރުގަތްކަމަކަށް ނެހެދުނެވެ.