ލޫސިއާން އަމީރާގެ މޫނުގައި އެބޮޑު ދެއަތްތިލައިން ހިފެހެއްޓީ މަޑުމަޑުންނެވެ. ވަރަށް ލޯބިންނެވެ. އެހޫނު ނޭވާތައް އޭނަގެ މޫނަށް އެޅެންފެށިއެވެ. ދެން އަމީރާއަށް ފާހަގަކުރެވުނީ އޭނަގެ ދެފައި ބިންމަތީގައި ނުޖެހޭކަމެވެ. ލޫސިއާން އޭނަގެ ގައިގާ ހިފާ އުފުލީއެއްވެސް ނޫނެވެ. ނަމަވެސް އޭނައަށް މިހުރެވުނީ ވައިގެތެރޭގައެވެ. އަމީރާ ސިހިފައި ދެލޯ ހުޅުވައިލެވުމާއިއެކު ސީދާ ބަލައިލެވުނީ ލޫސިއާންގެ މޫނަށެވެ. އެއާއިއެކު އަމީރާގެ ކަރުތެރެއިން ބާރު ހަޅޭކެއްގެ އަޑު އިވިގެން ދިޔުމާއިއެކު އަނބުރައިގަނެގެން ލޫސިއާންގެ އަތުގެ ތެރެއަށް ދެމިއްޖެއެވެ.
ލޫސިއާން ދެރަވިއެވެ. އަމީރާ އެހާ ފިނިޑިވެދާނެކަމަކަށް އޭނަ ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ. އޭނަ އެ މާސްކްއެޅީ އަމީރާގެ ހިތްވަރު އިމްތިހާނުކުރުމަށެވެ. އެ އިމްތިހާނުން އަމީރާ ފެއިލްވެއްޖެއެވެ. ލޫސިއާން އަދިވެސް އިނީ މާސްކް ނުނައްޓައެވެ. ތަނުގައި ރަސްކަން ކުރަނީ ރަތް އައްޔެކެވެ.
ކޮޓަރީގައި ހުރި ކިންގްސައިޒް ބޮޑު އެނދުގައި އަމީރާ ބާއްވާފައި އޭނަ މޫނުގައި ފިނި ފެން ހާކަންފެށުމުން އަމީރާގެ މޫނުގައިވި ހުދުކަން ކެނޑި އެސްފިޔަތައް ތުރުތުރުލާންފެށިއެވެ. އޭނަ އޮތީ ހޭލާކަން ލޫސިއާންއަށް ޔަގީންވިއެވެ.
"އެމީ. ތީ ހަމަ އެހާ ފިނޑި ކުއްޖެއްތަ؟ އަހަރެން ހީކުރީ ވަރަށް ގަޓް ހުންނަ ކަމަށޭ....." ލޫސިއާން އަމީރާގެ އަތުގައި ފިރުމަމުން ދިޔައެވެ.
"އެހާ ބިރުވެރިދޯ. އަހަރެން ހީކުރީ ކޮންމެ ސިފައެއްގައި ހުއްޓަސް އެމީ ލޯބިވާވަރުން އެކަން މައްސަލައަކަށް ނުވާނެކަމަށް. އެމީ އަހަންނާއި އަނގައިން ނުބުނާނީތަ؟ ބީސްޓެއްހެން ހުރީމަ...." ލޫސިއާން ވާހަކަދައްކަމުން ދިޔައެވެ.
"އެހެނެއްނޫން.....އަހަރެން...." އަމީރާ އެއްޗެކޭ ބުނަން އުޅުނެވެ.
"ދެން ތި ލޯ ހުޅުވާފައި ބަލާލަބަލަ އެމީ. ދެން ފެއިންޓެއްނުވާނެ. ފަސްޓް ޓައިމްވީމަ އެހާ ބިރުގަތީ......" ލޫސިއާން ޔަގީންކަމާއިއެކު ބުނެލިގޮތުން އަމީރާގެ ހިތަށް ތަދުވިއެވެ. ކޮންމެ ސިފައެއްގައި ހުއްޓަސް އޭނަގެ ހިތް ބަދަލުވާނީއެއް ނޫނެވެ. ނަމަވެސް ބިއުޓީ އެންޑް ބީސްޓް ފިލްމުތަކުގައި އުޅޭ ބީސްޓްތައްވެސް ލޫސިއާންއަށްވުރެ އެތައް ބަޔެއް ރަގަޅެވެ. ރީއްޗެވެ. މިހާ ބިރުވެރި ސިފައެއް އަމީރާގެ މުޅި ހަޔާތުގައިވެސް ދެކެފައެއްނެތެވެ. އެހާވެސް ސިފަ ހުތުރުވެފައި އައިބެވެ. ބިރުވެރިކަމުގެ ހައްދެއްނެތެވެ. ލޫސިއާން ފަދަ ރީތި ފުރިހަމަ އިންސާނެއްގެ ގޮތުގައި ހުރެގެން އަންހެންކުދިންގެ ހިތްތަކާއި ކުޅޭއިރު ހަގީގީ ސިފަ ހުތުރުކަމުން މީހުން އަނބުރައިގަންނަ ވަރުވެއެވެ.
"ބޭބީ ދެން ތިހެން ލޯ މަރާ ތަގުޅިކޮށްލައިގެން ނޯވެ ހުޅުވާ. ބީ ސްޓްރޯންގް. ޕްލީޒް......" ލޫސިއާން އަމީރާގެ ކޮލުގައި އިނގިލިތަކުން ބީއްސާލިއެވެ. އަމީރާ ދެލޯ ހުޅުވާލީ އެހާވަރަށް ލޫސިއާން ލައްވާ އާދޭސްނުކުރުވަން ވެގެންނެވެ. ކިތަންމެ ބިރުވެރިޔަސް އޭނަވަނީ ވަކިނުވާނެކަމަށް ވައުދުވެފައެވެ. ވީއިރު އަދި އެހާ ފަސޭހައިން ލޫސިއާން ދޫކޮށްލާފައި ދެވޭކަށްވެސް ނެތެވެ. ނަމަވެސް ފެންނަ ކޮންމެ އިރަކު އަނބުރައިގެން ލޫސިއާން ހޭހަން ކުރަންވެއްޖެއްޔާ މާ މަޖަލެއްވެސް ނޫނެވެ. އަމީރާ މަޑުމަޑުން އެސްފިޔަތައް ދުރުކޮށްލާފައި ނަޒަރު ހުއްޓައިލީ ސީދާ ސީލިންއަށެވެ. ސީލިންވެސް ފެނުނީ ރަތްކުލައިގައެވެ. މުޅިތަނަށްވެސް ރަތްކުލައެއް ވެރިވެފައިވާކަން އެނގި ބިރުގަނެއްޖެއެވެ. ނޭފަތުގައި ޖެހުނީ ދުންދަނޑިވަހެވެ. ޖިންނި ކިއްލާއެއްގައި ހުންނަންވީ ހުރިހާ ވަހަކާއި ކުލައެއް އެބަހުއްޓެވެ. މިގެއަށް ވަނީއްސުރެ އޭނައަށް ނުބައި އިހުސާސްތަކެއް ކުރެވެއެވެ. ރަތް އައްޔާއި ކޮޓަރި ތެރެއިން ފެންނަން ހުރި ހިޔަނިތައްވެސް ފެންނަނީ ބިރުވެރިކޮށެވެ. އިހު ޒަމާނުގެ ރަސްކަލުންގެ ކޮޓަރިތައްފަދައިން ތަންކޮޅެއް ޝާހީކޮށް ހަދާފައިވާތަނެކެވެ. ޒަމާނީ އެއްވެސް ކުލައެއްނެތެވެ.
"ސީރިޔަސްކޮށް ހިތަކަށް ނާރާ އެހާ ބަލިކަށި ހިތެކޭ އެމީގެ ވަނީ. އެހެންވެ އަހަރެން ސަމާސާއެއްކޮށްލީ. އަހަރެން މިހިރީ ހެލޮވީން މާސްކެއް އަޅައިގެން. އެންމެ ގޮތިކް މާސްކް އަހަރެން ހޯދީ. ތެދަށް ބުނަންޏާ އަހަރެންގެ އަސްލު ސިފަވެސް އިންސާނަކާ ވައްތަރެއްނޫން. ކުލަވެސް ތަފާތު. މި މާސްކް ނަގާފައި ފެންނަންވީ ބާވައޭ ހިތަށް އަރަނީ. ދެވަނަފަހަރަށްވެސް އެމީ ފެއިންޓް ވެދާނެ....." ލޫސިއާން އެހެން ބުނުމާއިއެކު އަމީރާ ކުއްލިއަކަށް މޫނު އަނބުރާލާފައި ލޫސިއާންގެ މޫނަށް ނަޒަރު ހުއްޓާލައިފިއެވެ. މިފަހަރުވެސް ހިތަށް ބިރުވެރިކަން ވަނެވެ. މާސްކެއް ހެނެއް ހިޔެއްނުވެއެވެ. އެހާވެސް ހަގީގަތާއި ވައްތަރެވެ. ފިލްމުތަކުން މިކަހަލަ އެއްޗެހި ފެނުމުންވެސް އެހާ ބިރެއްނުގަނެއެވެ. އެކަމަކު މާސްކެއްކަން އެނގުމަކީ ހިތަށް ލިބުނު ތަސައްލީއެކެވެ.
"އަސްލު ހާދަ ބިރެއް ގަތޭ. ދެން ތީތި ނަގާބަލަ ޕްލީޒް. އަސްލު އަހަންނަށް ރަގަޅީ ހަމަ ލެންގެ ސިފައިގާ ފެނުނީމަ. ޕްލީޒް ޕްލީޒް......" އަމީރާ ކުޑަކޮށް ހީލަމުން ދުރަށް ބަލަންފެށިއެވެ. ދެވަނަފަހަރަށް އަނބުރައިގަންނާކަށް އަމީރާވެސް ނޭދެއެވެ. މާސްކު ނެގުމުން ދެންވެސް ފެންނާނީ ޖިންނިއެކެވެ. އޭނަ ބޭނުމީ އިންސާނެކެވެ. އިންސާނީ ސޫރައެވެ. ކުރީގެ ލޫސިއާންއެވެ. އިންސާނެއްގެ ސިފައިގާ ހުރުމުން މާ ހިތަށް ފަސޭހައެވެ.
"އެމީ. އޮޅުވާލުމެއްގެ ތެރޭގައެއް ނޫން ދެން ލޯބި ހޯދަން ބޭނުމީ، އަހަރެންގެ ސޫރަވެސް އެމީއަށް ފެންނަންވާނެ، އެކަމަށްވެސް ހޭނެންވާނެ. ވާހަކަތަކުން ވާހެން ކޮންމެ ފަހަރަކު ރީތިކަން ހުސްކޮށްލާފައިވާ އިންސާނެއްގެ ސިފައިގައެއް ނޫން އަހަރެމެން ތިބެނީ. ޖިންނިންގެ ގޮތުގައި ޖިންނިން ތިބޭނީ. އެހެން ބުނާއިރުވެސް ކަޒިންމެންގެ ތެރޭގައި އުޅޭ މީރާން އާއި ހަމްޒާދުމެން ވަރަށް ހެންޑްސަމްވާނެ. އެމީ ޖެހޭނީ ޖިންނިއެއްގެ ގޮތުގައި އަސްލު ސިފައިގާ އަހަރެން އެކްސެޕްޓްކުރަން.......ބޭބީ ބިރުނުގަންނައްޗޭ............" ލޫސިއާން އެދުނެވެ.
"އޯކޭ....." އަމީރާ ތުންފަތުގައި ދަތްއެޅިއެވެ. ލޫސިއާން މާސްކު ދަމައިގަތުމުން އޭނަގެ ރަތްކުލަ އަރާފައިވާ ދިގު އިސްތަށިގަނޑު ކޮނޑުމައްޗަށް ވިހުރުވިގެން ދިޔައެވެ. އަމީރާއަށް މޫނަށް ބަލައިލާކަށް ނުކެރުނެވެ. އެއްގޮތަކަށްވެސް ލޫސިއާންގެ ސިފަ ދެކޭކަށް ނުކެރޭނެއެވެ. ލޫސިއާންގެ ވާހަކަ ހުރިގޮތުން އޭނަގެ ސިފަތައް ރީތި ނޫންކަން ޔަގީނެވެ. އަމީރާ ކުއްލިއަކަށް އެނދުން ތެދުވެއްޖެއެވެ. އޭނަ ބޭނުމީ މިތަނުން ދާށެވެ. ނޫނީ ނޭވާ ހާސްވެގެން އޭނަ މަރުވެދާނެއެވެ. ލޫސިއާން ތެދުވުމުން އަމީރާއަށް ވިސްނުނީ އޭނަގެ އިސްކޮޅުން ދިގުވަރެވެ.
"އެމީ ލުކް އެޓް މީ....." އަމީރާގެ ދަތްދޮޅީގައި ހިފާފައި އިސްއުފުލުވާލާފައި އޭނައާއި ދިމާލަށް އަނބުރާލަމުން ލޫސިއާން ބުނެލިއެވެ. ދެންވެސް އަމީރާ ދެލޯ މަރާ ތަގުޅިކޮށްލީ އޭނައަށް ލޫސިއާން ފެނިފައި ވެދާނެ ގޮތަކާއިމެދު ބިރު ހީވެފައެވެ.
ޖެހިލުންވެފައި އިނދެ ލަސްލަހުން އެސްފިޔަތައް ދުރުކުރަމުންގޮސް އަމީރާގެ ދެލޯ ލޫސިއާންއަށް ހުއްޓުނެވެ. އިންސާނުންނާއި ބަލާއިރު ދިގު އިސްކޮޅަކާއި ބިޔަކަމެކެވެ. ހަތް ފޫޓާއި ކައިރިކުރާނެއެވެ. މޫނާއި ދެލޯ ވެމްޕަޔަރަކާއި ތަފާތެއްނެތެވެ. އޭނަގެ ސޫރަ ނާމާންކޮށް ފެންނަނީ ރަތްކުލައިގެ އިސްތަށިގަނޑާއި މޫނަށް ވެރިވެފައިވާ އަނގުރުކުލައެވެ. ދެލޮލުގެ ހުދުކަން ގަދަކަމާއިއެކު ކަޅުކަޅި ފެންނަނީ ދިއްލެމުންދާ ހުޅުކޮޅެއްފަދައިންނެވެ. އަނދުން އަޅާފައިވާހެން ހީވިއެވެ. އެސްފިޔަ ލަސްލަހުން ޖަހާލިގޮތުން އަމިރާގެ ގައިން ހީބިހި ހަލައިލިއެވެ. ރީތިކަމާއިއެކު ނުރައްކާތެރިކަމާއި ޝައިތާނީވަންތަކަން އޭނަގެ މޫނުން ފެނުނީ އާދަޔާ ޚިލާފު ބޮޑަށެވެ.
"އެދެލޮލަކީ އީވިލްގެ ޑެފިނިޝަންއޭ ބުންޏަސް ދޮގަކަށްނުވާނެ. އެކަމަކު މިހާ ފިރިހެންވަންތަގޮތް ހުރި މީހަކު ނުވެސް ދެކެން. ނުރައްކާތެރި ރީތިކަމެއް ދެއްވާފައިވަނީ......." އަމީރާގެ ހިތަށް އެރި އެއްޗެއް އެނގުނުކަން އެނގުނީ ލޫސިއާން ހީލިގޮތުންނެވެ. އަމީރާއަށް އެދެލޮލަށް ބަލައިލެވުނެވެ. އެއާއިއެކު ހިތުގެ ނިންމުމަކަށްވީ ލޫސިއާންއާއިއެކު އަބަދަށްޓަކާ އުޅުމެވެ. ޖިންނިއަކަށްވިޔަސް އޭނައަށް މިވަނީ ލޯބިވެވިފައެވެ. ލޫސިއާން އަމީރާ އުރާލައިގެން ގޮސް އެކޮޓަރީގެ ކުޑަދޮރާއި އަރާހަމަވުމާއިއެކު ހިތަށް ތަންޑުތައް ނެއްޓި ދޮރު ހުޅުވުމާއިއެކު މަލުގެ މީރުވަސް އެކުލެވޭ ވައިރޯޅިއެއް ނޭފަތުގައި ބީހިލިއެވެ. ކުޑަދޮރުކައިރީގައި ހެދިފައިވާ ހުދު ފިނިފެންމާ ގަސް ބޮނޑީގައި އެތައް ސަތޭކަ ފިނިފެންމާ ފޮޅިފައިވިއެވެ. ލޫސިއާން މަލެއް ބިނދެލާފައި އަމީރާގެ އަތަށް ދިނެވެ. ލޫސިއާން ކުޑަދޮރުގެ ދާރަމަތީގައި އިށީދެލަމުން އަމީރާ ފައިމަތީގައި ބޭންދިއެވެ. އަމީރާ އިނީ ގަޔާވެފައި އެމޫނަށް ބަލާށެވެ. އެ ދިއްލޭ އަނގުރުކޮޅެއް ފަދަ ރީތި ދެލޮލަށެވެ. ރަތްލޭކޮޅެއްފަދަ ތުންފަތަށެވެ. ހީލުމުން އެރަތްކުލައިގެ ތެރެއިން ހުދު ދަތްތައް ފާޅުވާއިރު ދަތްތައް ތޫނުކަމުން ސިފަވަނީ ވެމްޕަޔަރުންނާއެވެ. އެއިން ކޮންމެ ސިފައަކަށް އަމީރާގެ ހިތް ޖެހުނެވެ. މަޑުމަޑުންގޮސް އެ ސޫރައަށް އަމީރާ ހޭނިއްޖެއެވެ. އެތަފާތު ސިފަތަކާއިއެކުވެސް ލޯބިވެވިއްޖެއެވެ. "އީވިލް" ލޮލުގައި ޖާދޫއެއް އެކުލެވިފައިވާކަމުގައި ހިތް ގަބޫލުކުރިއެވެ.
ދެ ލޯބިވެރިން ވާހަކަދައްކަން އިރުކޮޅަކު ތިބެލާފައި ބޭރަށް ނުކުތީ ޚައްދާމަކު އައިސް ކާން ގޮވުމުންނެވެ. ލޫސިއާންއާއިއެކު ގޮސް ކާކޮޓަރިއަށް ވަދެފާ އަމީރާ ކުޑަކޮށް ލަދުގަންނަގޮތްވިއެވެ. ރަތްއައްޔަށް ގެނބިފައިވާ ކާކޮޓަރީގައި އެންމެންހެން ތިބީ އޭނަގެ އިންތިޒާރުގައެވެ. ލޫސިއާންގެ ބައްޕަ މިހުރީޒްގެ ރަތް އިސްތަށިގަނޑާއި ބިޔަކަމުން ލޫސިއާންއާއި ވައްތަރެވެ. އެހާ ވަރުގަދަ ޝަޚުސިއްޔަތެކެވެ. މަންމަ ނަބީލާވެސް އެހާ ނަލައެވެ. އިސްތަށިގަނޑުން ހުޅިއެއް ޖަހާލާފައި އެއްވެސް މޭކަޕެއްނެތި އިންއިރުވެސް ރީތިކަމުގެ ލާމަސީލު މިސާލެކެވެ. ރަފައެލް އިނީ އިސްޖަހާލައިގެންނެވެ. ލޫސިއާން އެންމެނަށް އަމީރާ ތައާރަފުކޮށް ދިނުމަށްފަހު ކާން އިށީނުމުން ނަބީލާ ވާހަކަދެއްކިއިރު އަމީރާއަށް ވަރަށް ތައުރީފުކުރިއެވެ. ލޫސިއާންއަށް ދެރަގޮތެއް ނަހަދަން އެދުނެވެ. އެދެކުދިންގެ ގުޅުމާއި ނަބީލާ ވަރަށް ގަބޫލުކަމަށްވެސް ބުނެލިއެވެ. މިހުރީޒްވެސް އަމީރާއާއި ވާހަކަދެއްކިއެވެ. އެއްވެސް ނުރުހުންތެރިކަމެއް ނުގަބޫލުކަމެއް ނުދެއްކިއެވެ. އަމީރާވެސް ޖެހިލުންކަން ކެނޑި ހިނިތުންވެލާފައި ވާހަކަދައްކަން ފެށިއެވެ. އިރުއިރުކޮޅާ އަމީރާއަށް ބެލުނީ އޭނަގެ ތަފާތު ލޯބިވެރިޔާގެ މޫނަށެވެ. ލޫސިއާންގެ ސަމާސާ ވާހަކަތަކުން އެންމެން ހެއްވާލައެވެ. އެއީ އަދި އަމީރާއަށް ނުފެނިވާ ބަޔެކެވެ.
ކައި ނިމެން އުޅެނިކޮށް ބޯ ވާރޭގެ ތިކިތައް ފުރާޅަށް ހަމަލާދިނީ ކަށިވެލިތަކެއް ފަދައިންނެވެ.
"މަންމަގެ ލޫސިއާން. މިހާ ވިއްސާރަ އިރު ދެން އަމީރާއަކަށް ގެއަކަށް ނުދެވޭނެ. އެ ރޫމްގައި އަމީރާއަށް އޮވެވިދާނެއްނު......." ނަބީލާ އެހާ ހަމަޖެހިލައިގެން ހުރެ އެފަދަ ވާހަކައެއް ބުނިކަމަށްޓަކާ ނަބީލާއާއި ދޭތެރޭ އަމީރާ ދެކުނުގޮތް ތަފާތުވިއެވެ. އޭނަ ހީކުރީ ވާރޭ ވެހުނަސް ގެއަށް ލާދޭން އަމުރުކުރާނެ ކަމުގައެވެ. ހުޅަގުގެ ތަހުޒީބަށް ގޮސް ހުސްވެފައިވާ ބަޔަކީކަމަށް ވެދާނެއެވެ. ދީނީކަންފުޅެއްވެސް ނަހައްދަވައެވެ.
ލޫސިއާންގެ ނިތްކުރީގައި ބޮސްދިނުމަށްފަހު ނަބީލާ އަމީރާ ގެނެސް މޭގައި ޖައްސައިލަމުން ސިއްރުން ކަންފަތް ކައިރީގައި ބުނި ވާހަކައަކުން އަމީރާ ދިޔައީ ސިހިގެންނެވެ. ލަދުންގޮސް މޫނަށް ރަތްކުލަވެރިވިއެވެ. "އަވަހަށް ދަރިއަކުވެސް ހޯދާ" މާތްކަލާކޯއެވެ. އެއީ މައިދައިތަމެން ޅީދަރިންނާއި ދައްކާ ޒާތުގެ ވާހަކައެއް ނޫނެވެ. ނަބީލާ އެހެރީ މޮޔަވެފައިހެއްޔެވެ؟ އެކަހަލަ ވާހަކަތައް ދައްކަންވާނެ ހެއްޔެވެ؟ އަމީރާގެ ހިތުގައި ރުޅިވެރިކަމުގެ ރާޅުބާންޏެއް ޖަހައިލިނަމަވެސް އެއީ މޮޔަ ނަބީލާކަން ހަނދާންވެފައި ހިނިތުންވެލިއެވެ. ނަބީލާ މޮޔަކަމުން ދެއްކި ވާހަކައެއްކަން ޔަގީނެވެ.
ލޫސިއާންވެސް އަމީރާ ގެއަށް ގެންދާކަށް ނޫޅުނެވެ. ކޮޓަރިއަށް ގެންގޮސްފާ އޭނަގެ ޓީޝާޓެއް ދީފައި ހެދުން ބަދަލުކޮށްލަން އެދުނެވެ. ފާޚާނާއަށް ވަދެފައި ހެދުން ބަދަލުކޮށްގެން އައުމުން ލޫސިއާން ހީލިއެވެ. އެޓީޝާޓު އަމީރާގެ ގައިގާ ލައްވާވެސް ނުލައެވެ.
"ތިހާވަރަށް ނުބަލާ ޕްލީޒް.." އަމީރާ ލަދުން އޮޅެމުންގޮސް ލޫސިއާންގެ މޭމަތީގައި ޖެހިއެވެ.
"ދެން އަހަންނަށް ނުފެންނަ ކުއްޖެއްނަމަތާ. ބޭނުންވަރަކަށް ބަލާފައި މިހިރީ..." ލޫސިއާން ލާނެތް ހިނިތުންވުމަކާއިއެކު ބުނެލިއެވެ.
"ތިބުނީ ކީކޭ؟ "އަމީރާ ލޯ ހުރަސްކުރިއެވެ.
"އެނގެއެއްނު...." ލޫސިއާން އިތުރު ތަފްސީލެއް ނުދިނަސް އަމީރާއަށް އެނގުނެވެ. ޖިންނިން ވީމަ އެމީހުންނަށް ފާޚާނާގައި ހުއްޓަސް ފެނިދާނެއެވެ. އެހެން ހިތަށް އަރާފައި އަމީރާ ލަދުގަންނަގޮތްވިއެވެ. އަމީރާ އެކަން ފޮރުވަން ހީގެންފާ ގޮސް އެނދުގައި އިށީދެއްޖެއެވެ. ލޫސިއާން ކައިރީގައި އިށީނުމުން އަމީރާ ހަދާންކޮށްދިނީ ކައިވެނީގެ ކުރިން އެއްވެސް ގުޅުމެއް ނުބާއްވަން ކުރި ވައުދެވެ. މޫނަށް އިސްތަށިގަނޑު ފައިބަން ފެށުމުން އުދަގޫވެގެން ލޫސިއާން ވޫލްކޮޅަކުން އައްސާލިއެވެ. އަމީރާ އިނީ ގަޔާވެލާފައި އެއިން ކޮންމެ ހަރަކާތެއް ދެކޭށެވެ. ލޫސިއާން އަމީރާގެ މޫނުގައި ފިރުމާލީ ނިކަން މަޑުންނެވެ.
"ބުނަން ވާހަކައެއް އެމީ، ކިތަންމެ ވައުދެއް ވިޔަސް ދެލޯބިވެރިންނަށް ދުރުން ނޫޅެވޭނެ. އަދި ސްޕެޝަލީ އެތަނުން އެކަކީ ޑެވިލްއަކަށް ވެއްޖެއްޔާ. އަހަރެންގެ ނާޒުކް ލޯބިވެރިޔާ ކަފަކޮޅެއްފަދަ މަޑު ހިތެއްވާއިރު އަހަރެންގެ ހާޓް ބްލެކް އޭޒް ކޯލް. އެންޑް އައި ލަވް ޓު ކޮންޓްރޯލް އަދަރސް. އަދި އަހަންނަށް މަޖާވެސް ވޭ އަދި ހިތްހަމަޖެހުންވެސް ލިބޭ ބައެއްފަހަރު އެމީ ރޮއްވާލެވުނީމަ. އަބަދަކު ނޫން އިނގޭ. އައި ކާންޓް ހެލްޕް އިޓް ދެޓް އައިމް ޑިފެރެންޓް. އަދި އިންސާނުން ގޮތަކަށް ނޫން އަހަރެން ވިސްނުން ހުންނަނީވެސް. އަހަންނަށް އެނގެނީ ދެން އަހަންނަށް އަމިއްލަ ނަފުސަށް ބާރެއް ނުފޯރާނެކަން. ކާންޓް ކޮންޓްރޯލް މައި ފީލިންސް ބޭބީ. ލެޓް މީ ލަވް ޔޫ އިރުއަރަންދެންވެސް. ހޭއި އެމީ. އަހަރެން ވާހަކަދައްކާއިރު ދުރު ބަލަންޏާ އުދަގޫވާކަމެއް ނޭގޭތަ.....ލުކް އެޓް މައި އައިސް...." ލޫސިއާން އަމުރުވެރިގޮތަކަށް ވާހަކަދެއްކިއެވެ.
"ވަޓް؟ " އަމީރާ ކުއްލިއަކަށް ހިތްހަމަނުޖެހިފާ ލޫސިއާންގެ އަތް ފޮޅުވާލަން އުޅުނެވެ.
"އެމީ ތީ މާ ބާރު ގަދަ ކުއްޖަކީތަ؟ ބާރަށް ހިފާލިޔަސް ކުނޑި ކުނޑިވެދާނެ. ތިގޮތަށް ގަދަދައްކަން ނޫޅޭ....." ލޫސިއާން އަމީރާ ގަޔާ ފިތާލަމުން ބުނެލިއެވެ.
"ތިއުޅެނީ އަހަރެން ބިރުގަންނަވަންތަ؟ ތިކަހަލަ ސަމާސާ ނުކުރޭ ލެން. އަހަރެން ގެއަށް ދާން ބޭނުން. ގެއަށް ދާން ބޭނުމީ މިހާރު....." އަމީރާ ތަންކޮޅެއް ބާރަށް ބުނެލިގޮތުން އެހެން މީހުންނަށްވެސް އިއްވަންއުޅުނުކަހަލައެވެ. އެވަގުތު ލޫސިއާންގެ ދެލޯ އަދި ވަކިން ގަދަޔަށް ދިއްލުނުހެން ހީވިއެވެ.
"ލުކް އެޓް މީ...." ލޫސިއާން ދެވަނަ ފަހަރަށްވެސް ބުނެލިއެވެ.
"ނޫން....." އަމީރާއަށް ރޮވޭގޮތްވިއެވެ.
"އައި ސެޑް ލުކް އިންޓު މައި އައިސް...." ލޫސިއާން ތަކުރާރުކުރީ އަމުރުވެރިކޮށް ތަންކޮޅެއް ހަރުކަށިކޮށެވެ.
"ޕްލީޒް ތިގޮތަށް ވާހަކަ ނުދައްކަބަލަ. އަހަރެން ލޫސިއާން ދެކެ ބިރުގަންނަން ފަށައިފި......" އަމީރާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.
"ބުނާގޮތަށް ހަދާނަމަ އަހަރެންވެސް ނުޖެހޭނެ އަމީރާއާއި މިގޮތަށް ވާހަކަދައްކަން. ދެންވެސް ބުނާގޮތަށް ހަދާ. އެއްފަހަރުބުނީމަ އިވެންވާނެ......." ލޫސިއާން ވާހަކަދެއްކީ ފޫހިވެފައިވާ ގޮތަކަށެވެ. އޭނަދެކެ ލޯބިވާ ލޫސިއާންއެއް ނޫނެވެ. ޖިންނިންގެ މިޒާޖު ބަދަލުވާލެއް އަވަހީއެވެ. ރުޅިވެސް ގަދައީއެވެ. އަމީރާ ނުބަލަން ހުރެފާވެސް އެލޮލަށް ބަލައިލީ ލޫސިއާން ރުޅިއައިކަން އެނގުމުން ބިރުގަންނަ ގޮތްވެފައެވެ. އޭނަގެ ދެލޮލުގައިވާ ކަރުނަތައް ފެނިފައި ލޫސިއާންއަށް އަސަރުކުރާނެކަމުގެ ޔަގީންކަމާއި އެކުގައެވެ. އެކަމަކު އެދެލޮލަށް ބެލުމާއިއެކު އަމީރާގެ ސިކުނޑި އަބުރާލައިފިއެވެ. އަމީރާ ބަލިކަށިވިއެވެ. ލޫސިއާންގެ އަޅެއް ފަދައިންވެ ނިމޭކަށް މާގިނައިރެއް ނުވިއެވެ. އެލޮލުގެ ސިހުރުގައި ޖެހި އަމީރާ އެ އަތުގެ ތެރެއަށް ވަންއިރު އެހެން އެއްވެސް ކަމެއް ހަދާނެއްނުވިއެވެ.
ރަފައެލް އޮތީ ނުނިދިފައެވެ. ބޯދަށަށް އަތްލައްވައިގެން ސީލިންއަށް ބަލަހައްޓައިގެން އޮތްއިރު ޖެހިގެން ހުރި ކޮޓަރީގައި ތިބެ ލޫސިއާންއާއި އަމީރާ ގަތްހާ ގަނޑެއް އޭނަގެ ކަންފަތަށް އިވުނެވެ. އެކަމުން ހިތަށް ދަތިކަމެއް ލިބުނީ ކީއްވެކަމެއް ނޭގުނެވެ. ހުރިހާ ހަގީގަތެއް އެނގުމަށްފަހުވެސް އަމީރާ އޭނަގެ ކޮއްކޮ ދެކެ ލޯބިވީއެވެ. އަދި ނާސި އަންހެންކުއްޖެއް ފަދައިން ލޫސިއާންގެ ތަންމަތި ފަޅުފިލުވައިދޭން އެއައީވެސް ބިރެއްނެތިއެވެ. އެކަންތައް ހުއްޓުވާނެ ބާރެއް އޭނައަކަށް ލިބިފައެއްނުވެއެވެ. ރަފައެލްގެ ރީތި ދެލޮލުގައި ކަރުނަތިކިތައް ވިދަންފެށިއެވެ. އޭނަ ކަރުނަ މިއޮއްސަނީ އަމީރާއަށްޓަކާ ކަން އެނގުމުން އަމިއްލަ ނަފުސަށް ލައުނަތް ދިނެވެ. އެހެން އަންހެންކުއްޖެއް ދެކެ ލޯބިވެވުނުނަމައެވެ. ލޫސިއާންގެ ލޯބިވެރިޔާއަށްޓަކާ އޭނަގެ ހިތުގައި ލޯބި އުފެދުނީ ކީއްވެހެއްޔެވެ؟ ފަތިސްނަމާދަށް ބަންގިދިންއިރުވެސް ލޫސިއާންމެން ތިބީ ނުނިދާކަން ރަފައެލްއަށް އެނގުނެވެ. އޭނަވެސް އެނދުގައި ހަމަޖެހުމެއް ނެތި ތެޅިފޮޅެމުންގޮސް އެންމެފަހުން ލޯ މަރައިލެވުނުއިރު އިރުއަރައިފިއެވެ.
އަމީރާ ހޭލެވުނީ އިރުގެ އަލި ދޯދިތައް އޭނަގެ ހަށިގަނޑުގައި ހުރަހަކާއި ނުލައި ބޮސްދީ ހަށިގަނޑަށް ހޫނުވާން ފެށުމުންނެވެ. ފުންމައިގެން ތެދުވެ ބަލައިލިއިރު ލޫސިއާން ފެންނާކަށް ނެތެވެ. ކައިރީގައި އޮތް ފޯނަށް ބަލައިލިއިރު އެތައް މިސްކޯލުތަކެއް ހުއްޓެވެ. މަންމައާއި މައިކަލްވެސް އެތައްފަހަރަކު ގުޅާފައި ހުއްޓެވެ. އޭރު ދިހަގަޑިބައިވަނީއެވެ. އޮފީހަށްވެސް ނުގޮސް އޭނަ މިއޮތީ ލޫސިއާންގެ ކޮޓަރީގައެވެ. ރޭގެ ހާދިސާތައް ހަދާންވެފައި ފާފަވެރިކަމުގެ އިހުސާސްތަކުގައި ބަދެވުނެވެ. ލޫސިއާން އޭނައަށް އޮޅުވައިލީއެވެ. ލޯބިވާނަމަ އެކަހަލަ ގޮތަކަށް އޭނަ ހައްލާލާނެހެއްޔެވެ؟ ގަބޫލުނުކުރިޔަސް ލޫސިއާންއަކީ އިންސާނެއްނޫނެވެ. ސިފަ ބަދަލުކުރުމާއި މީހުންނަށް އޮޅުވާލުންފަދަ އެތައް ބާރެއް ލިބިފައިވާއިރު މިގުޅުން ހުއްދަވާނެ ގޮތެއްވެސް އޭނައަކަށް ނުވިސްނެއެވެ. ދީނުގައި އެކަން އޮންނަނީ ކިހިނެއްހެއްޔެވެ؟ އިންސާނަކާއި ޖިންނިއަކަށް ލިބިފައިވާ ދަރިއަކާއި ކައިވެނިކުރުން ހުއްދަވާނެ ހެއްޔެވެ؟ އޭރުން ނަސްލުވެސް އޮޅުވައިލެވެނީއެވެ. ނަބީލާއަށް ލިބުނީވެސް ޖިންނި ސިފަތައް ހުރި ދަރިންނެވެ. ވީއިރު ކުޑަކޮށް ވިސްނާލިޔަސް އެކަން ހުއްދަނުވާނެކަން އެނގުނެވެ. އަމީރާ ހިތާހިތުން ރޮއިރޮއިހުރެ އޭނަގެ ހެދުން ލައިގެން އިސްތަށިގަނޑު އަތުން އޮމާންކޮށްލައިފިއެވެ.
ކޮޓެޖްތެރެއިން އެއްވެސް މީހަކާއި ދިމަލެއްނުވިކަމީ ނަސީބެކޭ ހިތަށް އެރިއެވެ. އެކަމަކު ދޮރުން ނުކުތްއިރު ފެންޑާގައި ހުރި ގޮނޑިއެއްގައި އިށީދެލައިގެން ކޮފީ ބޯން އިން ރަފައެލް ފެނުމުން އަމީރާ ކުޑަކޮށް ރަކިވިއެވެ.
"ގުޑްމޯނިން ޑޮކްޓަރ ރަފައެލް....." ކިޔާނެ އެއްޗެއް ނޭގުމުން އަމީރާ ބުނެލިއެވެ. ރަފައެލް ޖަވާބެއްވެސް ނުދީ އެތެރެއަށް ވަނުމުން އަމީރާ ހައިރާންވިއެވެ. ރަފައެލް އެހާ ރުޅިއައިސްފާ ހުރީ ކީއްވެބާވައެވެ.
ދުވަމުން ދުވަމުންގޮސް ގޭގެ ދޮރުގެ އެތެރޭގައި ފައި އެޅުނުކަމެވެ. އޭނަގެ މޫނަށް އެރި ހޫނު އެތިފަހަރެއްގެ ސަބަބުން ވިއްސައިގެން ނުދިޔައީ ހަމަކިރިޔާއެވެ. އޭނަގެ މަންމަ ރޮޒާލިއާގެ ދެލޮލުން އަލިފާން ކަނިބުރާލާހެން ހީވިއެވެ. ރުޅިގަދަވެގެންގޮސް އޭނަގެ މޫނު ހީވަނީ އަނގުރު އަލިފާންގަނޑެއް ހެންނެވެ.
"އަމީރާ ތިއުޅެނީ ކޮން ވައްތަރަކަށް؟ އަހަރެމެންގެ އަގު ވެއްޔާއި މޮޑެފައިކަން ޔަގީން މި ނުލަފާ ކުއްޖާ ހުއްޓާލާނީ. ހެނާއަށްވުރެ ވިސްނޭ ރަގަޅު މީހަކީ މިއީއޭ ހީކުރިން. އެހެނެއްނުވި. ރޭ ހަތަރުދަމު ނުނިދާ ހޭލާއިނީ ދިޔަތަނެއް ނޭގިގެން. ރަށްމެދަށް ވިހާފައި ނޫނީ ހުއްޓާނުލާނެ. މިހާރު ހިތަށް އަރާ މައިކަލްއާއި ދެވާފައި ފޮނުވާލެވުނުނަމައޭ. ހެނާވެސް ނޫޅޭ ތިވައްތަރަކަށް. ނުބައި ނުލަފާކަމެއް ދެއްވާފައި ހުރި ކުއްޖެއް. އޮފީހަށްވެސް ފަރުވާކުޑަކޮށްލީ، ދެން މިގެއިން ބޭރުގައި ފައި އަޅައިފިއްޔާ ދެފައި ބިންދާލާނަން......" ރޮޒާލިއާ އަމީރާ ކޮށްޕާލީ ކޮޓަރިއާއި ދިމާލަށެވެ.
އަމީރާ ކޮޓަރިއަށް ވަންގޮތަށް އެނދުގައި އިށީދެލައިގެން ވިސްނަން އިނީ މޮޅިވެރިގޮތަކަށެވެ. މަންމަ އެއްޗެހި ކިޔަސް އޭނަ ރުޅިއެއްވެސް ނައެވެ. މަންމަ އެދެއްކީ ދޮގު ވާހަކައެއްނޫނެވެ. އޭނަ ދެކެ މަންމަ ލޯބިވެ އެހާ ފޮނި އުއްމީދުތަކެއް ކުރާއިރު އޭނައަށް މިއުޅެވެނީ ރަގަޅަކަށް ނޫނެވެ. ފިރިހެނަކު ދެކެ ލޯބިވިޔަސް މަންމަމެންނަށް އަންގާ ނުލާ އެގެއަކަށް ދެވިގެންވެސް ނުވާނެއެވެ. ފިރިހެނެއްގެ ކޮޓަރިއާއި ހަމަޔަށްވެސް ވަދެވިގެން ނުވާނެއެވެ. ހިލޭ ދެމީހަކު އެކަހެރިވާއިރު ތިންވަނަ ފަރާތަކަށް ޝައިތާނާ އިންނާނެއޭ ބުނަނީ ދޮގެއްނޫންކަން ސާބިތުވެއްޖެއެވެ. އޭނަގެ އީމާންތެރިކަން ބަލިކަށިވެފައިވާވަރު ހާމަވެއްޖެއެވެ. އޭނަ ބަލިވެ އިނދެއްޖެއްޔާ އެދަރިފުޅު ވާނީ ނަހަލާލުކުއްޖަކަށެވެ. ފުރިހަމަ އިންސާނަކަށްވެސް ނުވާނެއެވެ. އެހެން ހިތަށް އެރުމުންވެސް އަމީރާގެ ހިތަށް އަސަރުތަކެއްކޮށްފިއެވެ.
އަމީރާ ފެންވަރާލިގޮތަށް ނަމާދުކުރިއެވެ. ތައުބާވިއެވެ. ދެން އެފަދަ ފާފައަކަށް ނާރަން އަޒުމް ކަނޑައެޅުމުން ކޮންމެވެސް ވަރެއްގެ ލުޔެއް ހިތަށް ލިބުނެވެ. ތައްޔާރުވެލައިގެން އޮފީހަށްދާން ނިންމިއެވެ. އޮފީހަށް ދިޔަތަނުން ލިބުނު ޚަބަރަކުން އަމީރާގެ ހިތަށް ލިބުނު އުފާވެރިކަން އެތައް ގުނަ އިތުރުވިއެވެ. ވޯކްޝޮޕެއްގައި މެލޭޝިއާއަށް ދެހަފްތާއަށް ދާނެ ފުރުސަތު ލިބުނީއެވެ. މިދަނޑިވަޅުގެ ބޭނުން އޭނަ ކޮންމެހެންވެސް ހިފާނެއެވެ. ލޫސިއާންއާއެކު މިރަށުގައި ހުންނަންވެއްޖެއްޔާ އިތުރު ފާފަތަކެއް ކުރެވޭނީއެވެ. މިއީ ރަގަޅު ބަހަނާއެކެވެ.
ޕީރިއަޑް ވާންޖެހޭ ދުވަހަށް ނުވުމުން ހެނާ ހުރީ ބިރުންނެވެ. އޭނަ ބަލިވެ އިނދެއްޖެއްޔާ ދަރިފުޅުގެ ބައްޕަކަމުގައިވާނީ ކާކުހެއްޔެވެ؟ ވިހާއިރު އެކުއްޖާ ޒޯހަންއާއި ވައްތަރުވެއްޖެއްޔާ މައިކަލް ހާދަ ރުޅިއެއް އަންނާނެއެވެ. އެހެން ހިތަށް އަރާފައި ހެނާގެ ހިތުގެ ހުރިހާ ހަމަޖެހުމެއް ނަގާލައިފިއެވެ. ކޮންމެ ގޮތެއްވިޔަސް އެރޭ ޒޯހަން އެކުރި އަމަލަށް އޭނަގެ ހިތް ރުހިގެނެއްވެސް ނުވާނެއެވެ. ޒޯހަންދެކެ ވާ ލޯބި އޭނަ ބޭނުންވަނީ ހިތުގެ އެންމެ ފުން މިނުގައި ވަޅުލާފައި ބާއްވާށެވެ. ތިނެއް ޖެހިއިރު ތެދުވެ ވުޟޫކޮށްލައިގެން ދަމު ނަމާދުކޮށްލުމަށްފަހު އޭނަ ދުޢާކުރަންއިނީ މިގަޑީގައި ކުރާ ދުޢާގެ އަސަރު އަވަހަށް ކުރާނެކަން އެނގޭތީއެވެ. ހިތަށް ލިބުނު ފިނިކަމާއިއެކު އޮށޯވެލުމަށްފަހު ޒިކުރުކުރަން ފެށުމާއިއެކު ނިދިއްޖެއެވެ. އެއީ ކޮންމެ ރެއަކު ހެނާގެ އާދައެވެ. ދަމު ނަމާދުކުރަން އާދަކުރިފަހުން އެގަޑިއަށް ހޭލެވެއެވެ. ނިދޭލެއްވެސް ފަސޭހަވެއެވެ. ދެން ހޭލަނީ ފަތިސްނަމާދުގެ ބަންގީގެ އަޑަށެވެ. އެއަށްފަހު ހެނާ ނަމާދުކޮށްގެން ދެން ބަދިގެއަށް ވަދެ ހެދުނު ނާސްތާ ތައްޔާރުކުރެއެވެ. އެދުވަހުވެސް އާދައިގެ މަތިން އެކަންތަކުން ނިމުމަށްފަހު ކުނިނަގަން މެދުގޯތީގައި އިލޮށިފަތި ހިފައިގެން އޮތެވެ. ދޮންފަތްތައް ގިނައިން ވެރިފައި ހުރުމުން ފުދޭވަރަކަށް މަސައްކަތް ބުރަވިއެވެ. އެއޮމާން މޫނުމަތިން ކޮންމެވެސް ވަރަކަށް ދާހިއްލާލައިފާވިއެވެ. މައިކަލް އާއި ޒޯހަން ހެމުން ދޮރާށިން ވަދެގެން އައި އަޑު އިވުމުން ހެނާގެ ހިތް އަވަސްވިއެވެ. އެދެމީހުން ހެދުން އަޅައިގެންތިބި ގޮތުންނާއި ތެމިގެން ތިބުމުން އެއައީ ޓްރެކަށް ފަތަންގޮސްފާ ކަން އެނގުނެވެ.
ކުއްލިއަކަށް ޝޯލްތެރެއިން އެއްޗެއް ކޮނޑުމައްޗަށް ފުންމާލިފަދަ އިހުސާސެއް ކުރެވުމާއިއެކު ތެޅިގަނެފާ އަތްލިއިރު އެތާގައި މަޑުމަޑު އެއްޗެއް އޮޅިގެން އޮތެވެ. ބާރުބާރަށް އެތަނުގައި ހިފަހައްޓައިގެން ދުއްވައިގަތްގޮތަށް އެންމެ ކައިރީގައި ހުރި ޒޯހަންގެ ގައިގާ ހިފައިގަނެވުނުއިރު ދެފައި ބިންމަތީގައި ހަރުނުލައެވެ. ހެނާ މައިކަލް ހުރީ ވަރަށް ހިތްހަމަނުޖެހިފައި ފާޑަކަށް ބަލަހައްޓައިގެންނެވެ. އެގޮތަށް ހެނާގޮސް ޒޯހަންގެ ގައިގާ ހިފައިގަތުން އެއީ އޭނައަށް ކިތަންމެހާވެސް އުދަގޫކުރި ކަމެކެވެ.
"ހެނާ...ކިހިނެއްވީތަ؟ " މައިކަލް ނުރުހިފާ ތަންކޮޅެއް ބާރަށް އަހައިލިއެވެ. އޭރުވެސް ހެނާ އޮތީ ޒޯހަންގެ ކަދުރާގައި އޮޅުލައިގެންނެވެ.
"ޝޯލް ތެރެ.....އަށް އެއްޗެއް. މިތާ......." ހެނާ ރޮމުން ކިޔައިލިއެވެ.
"ދައްކަބަލަ. ޝޯލް ނެގީމައެއްނު ދެން ކޯންޗެއްތޯ ބަލައިލެވޭނީވެސް. ލެޓް މީ ހެލްޕް...." ޒޯހަން ހެނާ ބިންމަތީގައި ބަހައްޓާފައި ދަތިތައް ނައްޓަދޭން އުޅުނެވެ. އޭރުވެސް ހިފަހައްޓައިގެން ހުރި ތަނުގައި އޮތް އެއްޗެއްގެ ފުރާނަ ދާހާ ބާރަށް މުށް ބާރުކޮށްލައިގެން ހުރެ ހެނާ ކުޑަކުއްޖެއްހެން ރޮނީއެވެ. ޒޯހަން އޯގާތެރިކަމާއިއެކު ޝޯލް ނައްޓާލުމަށްފަހު ހެނާގެ އަތްވެސް ވަކިކޮށްލިއެވެ. ހެނާ އެހާ ބިރުން އުޅުނީ ކޯންޗެއް ދެކެތޯ ބަލަންވެގެން އޭނަ ހެނާ ހިފަހައްޓައިގެން ހުރި ދިމާލުން ނިއުޅުވާލިއެވެ.