"ޒޭން ބޭނުން ނޫންކަމެއް ކުރުވާކަށް އަހަރެންވެސް ބޭނުމެއްނޫން. މިއީ ހަމަ އެންމެ ފަހު ފަހަރު. އަހަންނަށްވެސް އެނގޭ މިކުރެވުނީ ރަގަޅުކަމެއް ނޫންކަން. އެކަންތައް ހުއްޓާލަން ޖެހޭ. އަބަދު ހެނާ އޮޅުމެއްގެ ތެރޭގައި ބަހައްޓާކަށް އަހަރެންވެސް ނޭދެން. އޭނައަށްވެސް އޭނަގެ ފިރިމީހާއަކީ ކާކުކަން އެނގެން ޖެހޭ. ޒޭން. އަހަރެން ބޭނުން ވާހަކައެއް ބުނެލަން........... " މައިކަލް ޒޯހަންގެ މޫނަށް ބަލައިލީ ސީރިޔަސް ނަޒަރަކުންނެވެ.

"ޒޭންގެ ދަރިއަކަށްވިޔަސް އަހަރެމެން ޖެހޭ މިކަންތައް މަންމަގެ ހައްގުގައި ވެސް ފޮރުވަން. އަހަރެން ހުރީ ޒޭންއަށްވެސް މަންމަގެ ބަލި ސިއްރުކޮށްގެން. އެންމެނާއި ގުޅުން ކަނޑާލާފައި އޭރުދިޔައީވެސް މަންމަގޮވައިގެން ބޭސްކުރުވަން. އިންޑިއާއަށް. މަންމަ އުޅުނު ވޭނާއި އުޅުނު ހިތްދަތި ހާލު ބަޔާންކޮށްދިނުމަކީ ފަސޭހަކަމެއްނޫން. އަދިވެސް ހިތުން ނުފިލާ. ކީމޯއާއި ރޭޑިއޭޝަން ދިނުމަށްފަހު މަންމަ އުޅުނު ހާލު ފެނިފައި ކިތަންމެ ދުވަހަކު ރޮވުނު. ނުނިދާ މަންމަގެ ގައިގާ ރޭގަނޑު ފިރުމާލަދޭން އިނީ ކިތައް ރޭކަމެއްވެސް ނޭގޭ. ބައްޕައެއްގެ އެއްވެސް އަޅާލުމެއް ލޯތްބެއްނެތި މަންމަ އަހަރެން ބަލާބޮޑުކުރިކަމުގެ ބަދަލު ދުވަހަކުވެސް ނުދެވޭނެކަން އަހަންނަށް އެނގޭ. މަންމައަށް ކިތަންމެ ގިނަ ޚިދުމަތްތަކެއް ކޮށްދެވުނަސް އޭގެ އަގު އަދާކޮށެއް ނުނިމޭނެ. އެހެންވެ ހިތަށް އެރީ މަންމަގެ ހުވަފެން ކޮންމެ ގޮތަކަށްވެސް ފުރިހަމަކޮށްދޭނީއޭ. މަންމަ ބޭނުންވީ ރޮޒާލިއާ ދައްތަގެ ދަރިއަކާއި އިންނަން. މާމަ ދަރިއަކު ހޯދަދޭން. އުމުރަކީ އެއްވެސް މީހަކަށް އެނގޭނެ އެއްޗެއްނޫން. ކެންސަރު އަލުން އިއާދަވެއްޖެނަމަ މަންމަގެ ހަށިގަނޑުގައި އިތުރަށް ހަގުރާމަ ކުރާނެ ވަރެއް ނުހުންނާނެ. ޑޮކްޓަރުވެސް ބުނެފައިވޭ އެކަހަލަ ގޮތެއްވެއްޖެއްޔާ ބިގިނިން އޮފް ދަ އެންޑްއޭ. ޒޭންފަދަ ވަފާތެރި އެކުވެރިއެއްގެ ކައިރިން އެހީއަށް އެދުނީވެސް އެހެންވެ. މަންމައަށް މާމަދަރިއަކު ހޯދަދޭން ކޮންމެހެން ޖެހުނުއިރު އަހަރެން މިވީ ނުކުޅެދޭ މީހަކަށް. ޑޮކްޓަރުގެ ފަރާތުން ދުވަހަކު ދަރިން ނުލިބޭނެކަން އެނގުމަށްފަހު އަހަރެންވެސް މަސައްކަތްކުރިން މީހަކު ދެކެ ލޯބިނުވާން. ދުރުގައި އުޅެން. އެކަމަކު މިހާރު ޒޭންވެސް އަހަރެންގެ ބޭނުން ފުރިހަމަކޮށްދީފި. ހެނާއަށްވެސް އެންމެ ދަރިއަކުން ފުދިދާނެ. އައި ހޭވް އޮންލީ ވަން ރިކުއެސްޓް. ހެނާ ޕްރެގްވާ ދުވަހަކުން ފެށިގެން ޒޭން ހެނާ ވަރިކޮށްދީ. އޭރުން އަހަންނާއި ހެނާއަށް ފެމިލީއެއްގެ ގޮތުގައި އަބަދަށް އުޅެވިދާނެ..........." މައިކަލްގެ ވާހަކަތައް އަހަން ޒޯހަން އަށް އިނދެވުނީ ގަބުވެފައިވާ މީހެއް ފަދައިންނެވެ. ވަރީގެ ނަން އިވުމުންވެސް ހިތަށް ލޮޅުމެއްއެރިއެވެ. ކައިކައި އިނދެފައި ކޮށި އަރާގޮތްވުމުން މައިކަލް ޒޯހަންގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަމުން ކިހިނެއްވީ ހެއްޔޭ އަހާވެސް ލިއެވެ.

މައިކަލްއަށް ވިސްނުނެވެ. ޒޯހަންއަށް އެއީ އެހާ ފަސޭހަކަމެއްނޫނެވެ. ޒޯހަންވެސް ހެނާއާއި ގަޔާވާންފެށީއެވެ. އެހެންވާންވީ ކީއްވެހެއްޔެވެ؟ ޒޯހަންގެ އަންހެނުން ކިޔާރާއާއި އަޅާ ކިޔާލާވަރުގެ ކުއްޖެއްނޫނެވެ. ނަމަވެސް މިހެންވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟

އަނެއްކޮޅުން ހެނާ އޮތީ އެނދުން ތެދުވާހިތް ނުވެފައެވެ. ރޮއިރޮއި ދެލޯ ފާރުވާގޮތްވެއްޖެއެވެ. ކަންތައްވެފައިވާ ގޮތުން ޒޯހަންގެ ކުރިމައްޗަށް ދާކަށް ހެނާއަކަށް ނުކެރޭނެއެވެ. އޭނަ ލަދުން މަރުވެދާނެއެވެ. މޮޔަވެސް ވެދާނެއެވެ. ޒޯހަންއާއިއެކު އެރޭ އުޅެވުނުލެއް ގާތްކަމުން ހިތުން ފިލައިގެންދާނެ ގޮތެއްވެސް ނުވިއެވެ. މަންމަމެން އޭނައާއި ބައްދަލުނުކޮށް މިގެއިން ދިޔައީ ކީއްވެބާވައޭވެސް ހިތަށް އެރިއެވެ. ފިކުރުގެ ކަނޑެއްގައި އޮތްއިރު ދެން ވާނެ ގޮތަކާއިމެދު ޚިޔާލުކުރެވުނެވެ.

މައިކަލް އޭނަގެ ޚާއްސަ ކޮޓަރިއަށްވަދެ ދޮރު ލައްޕާލައިފިއެވެ. އެދެމީހުން ދުރުކުރުވަން އޭނަ މަސައްކަތެއް ކޮށްލަންވީ ހެއްޔެވެ؟ ކަމެއްކޮށްފިއްޔާ އެއްލި ދުނިދަނޑިފަދައިން ސީދާވާނެކަން އޭނައަށް އެނގެއެވެ. މިފަންޑިތަ ނަހަދާވާކަށް ވެސް ނެތެވެ. މަސްލަހަތަށް އެންމެ ރަގަޅުގޮތަކީވެސް އެއީއެވެ. ހެނާ ލިބެން ޖެހޭނީ އޭނައަށެވެ. ޒޯހަންގެ މުސްތަގުބަލް އެއޮތީ ކުރިޔަށެވެ. ބޭނުން އަންހެންކުއްޖަކާއި ކައިވެނިކޮށްގެން ބާރަ ދަރިންވެސް ހޯދިދާނެއެވެ. އެފަދަ ލާއިގުކަމެއް ލިބިފައިނެތީ އޭނައަށެވެ. ވީއިރު ޒޯހަން ޖެހޭނީ މިހިސާބުން ފެށިގެން އެމީހުންގެ ދިރިއުޅުމާއި ދުރަށް ދާށެވެ. މައިކަލްގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.

އަމީރާއަށް އިބްރާހިމްބެ ދިން ކުޑަ ފެންފުޅި ދަބަހަށްލާ ފޮރުވައިގެން އޭނަ ހުރީ ރަގަޅު ވަގުތަކަށް ބަލަބަލައެވެ. އިބްރާހިމްބެ ބުނާގޮތުން ވިއްޔާ އަމީރާއާއި އަޅައިގެން އުޅޭ ޖިންނީގެ ގަޔަށް އެފެންފުޅި އޮއްސާލުމުން ޖެހުނުތަނެއް ފިހޭނެއެވެ. އެމާކް ހަރުލާފައި އަބަދަށްޓަކާ ހުންނާނެއެވެ. ވީއިރު އެކަން ފަރުވާތެރިކަމާއި ކެތްތެރިކަމާއިއެކު ކުރަން އަމީރާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. އޭނަ ރަފައެލްއާއި ލޫސިއާންވެސް ޓެސްޓްކޮށްލަން ނިންމިއެވެ. ލޯބިވެރިޔާއާއިމެދު އެފަދަ ގޮތަކަށް ޝައްކުކުރުމަކީ އޭނަ ރުހޭކަމެއްވެސް ނޫނެވެ. ނަމަވެސް އެނޫންގޮތެއް މިއަދު އެބައޮތްހެއްޔެވެ؟ ދެމީހުން ފޮޓޯއަށް ނޭރިފަހުން އޭނަގެ ހިތުގެ ހަމަނުޖެހުން ގެއްލުވާލައިފިއެވެ. ލޫސިއާންގެ އަތަށް ފެންފޮދެއް އެޅުމަކީ ފަސޭހަކަމަކަށްވިޔަސް އޭނަ އަބަދު އަތްދިގު ޓީޝާޓްލައިގެން ހުންނާތީ މާކްހުރިކަން ދެނެގަނެވޭނެ ގޮތެއްނުވިއެވެ.

މިދުވަސްކޮޅު ކޮންމެކަމެއްގައި އޭނައަށް ނަސީބު އެހީވަމުންދާކަމުގައި އަމީރާއަށް ހީކުރެވުނެވެ. ރަފައެލްއާއިއެކު އޮފީހުގެ މަސައްކަތެއްގައި އިނދެލާފައި އޭނަ ލޮލުގައި ރިއްސާކަމުގެ ބަހަނާދައްކާފައި ދަބަހުން ކުޑަ ބޭސްފުޅިއެއް ނެގިއެވެ. ލޮލަށް ބޭސްއަޅަންވެގެންނޭ ބުނުމުން ރަފައެލް އިސްއުފުލާފައި ބަލައިލިއެވެ.

"އަހަރެންގެ އެހީއެއް ބޭނުންތަ؟ " ރަފައެލް ސުވާލުކުރިއެވެ.

"ޕްލީޒް.....ވަން ޑްރޮޕް....." އަމީރާ އެފުޅި ހިފައިގެން އައިސް ރަފައެލް އާއި އަރާހަމަވީއިރަށް އަތް ތުރުތުރުލައިގެންފާ އެފުޅި ބަންޑުންވީ ރަފައެލްގެ އަތުކުރިއަށެވެ. އަމީރާގެ ހިތް ނަށައިލިއެވެ. ގިނަފަހަރު އަތުކުރި އޮޅާލައިގެން ހުރުމުން ރަފައެލްގެ އަތް ފިހިއްޖެއްޔާ އެކަން ފޮރުވޭނެ އެއްވެސް ގޮތެއްނެތެވެ.

"އޯ މައި ގޯޑް ކީއްތިކުރީ؟ "ރަފައެލް ގުދުވެ އެބޭސްފުޅި ނެގިއިރު އަޑީގައި ކޮންމެވެސް ވަރަކަށް ހުއްޓެވެ.

"އެކަމަކު ކޮންޓަމިނޭޓް ވެފައެއްނު ހުންނާނީ. ދެން ނުކެރޭނެ ބޭސް ބޭނުންކުރާކަށް...." އަމީރާ އެފުޅި އަތުލާން އުޅުނުއިރު ރަފައެލް އޭގެ ބޭރުގައިވާ ލޭބަލްކޮޅުވެސް ކިޔާލައިފިއެވެ. ކަންފަތަށް އަޅާ ބޭހެއް އަމީރާ ލޮލަށް އަޅަން އުޅުނީ ކީއްވެބާވައޭ ހިތަށް އަރާފައިވެސް ރަފައެލް އިތުރު ސުވާލެއްނުކޮށް އެފުޅީގައި އިނގިލިތަކުގެ ކޮޅުން ހިފަހައްޓައިގެން ހުރެފާ ވައްޓާލީ ޑަސްބިނަށެވެ. އަމީރާގެ މޫނަށް ކުޑަ ރަތްކަމެއްވެރިވިއެވެ. ރަފައެލްއަކީ ޑޮކްޓަރެއްކަމާއި މިހާރު ޝައްކުކުރާނެ ކަން އެނގިފައި ފިނިވާގޮތްވިއެވެ. އެތޫނު ދެލޮލުން ބަލަން ހުރިގޮތުން ހިތްވެސް އަވަސްވިއެވެ. ބައެއްފަހަރު އޭނައަށް ލޫސިއާންއާއި ރަފައެލްދެކެވެސް ލޯބިވެވެނީ ބާވައޭ އަމިއްލަ ހިތާއި ސުވާލުކުރެވެއެވެ. ފިރިހެނަކަށް ދެމީހަކު ދެކެ ލޯބިވެވިދާނެ ހެއްޔެވެ؟ ރަފައެލް އަޅާނުލާ މަސައްކަތްފެށުމުން އަމީރާވެސް ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިށީދެ ދެތިންފަހަރު ދިގުކޮށް ނޭވާލުމުން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ.

ޖެހިގެން އައިދުވަހު ރަފައެލްއާއި ދިމާނުވުމުން އަމީރާ މާޔޫސްވިއެވެ. ރަފައެލްގެ އަތަށް ވީގޮތެއް ބަލައިލުން މުހިއްމުވީވަރުން އޭނަ ކަމާއި ކަން ހުއްޓާލާފައި ރަފައެލްގެ ކްލިނިކަށް އެރޭ ޒިޔާރަތްކުރިއެވެ. އެހެންލާފައި ދަމުން ވަދެލީކަމުގައި ބުނެލިއެވެ. ރަފައެލްގެ އަތަށް ބަލައިލުމާއިއެކު ކުއްލިއަކަށް އަނގަމަތީގައި އަތް އަޅައިލަމުން ފަހަތަށް ޖެހިލިތަން ފެނިފާ ރަފައެލްވެސް ހުރީ ހައިރާންވެފައެވެ.

"ސަ.....ސަރ.....އަތަށް ކިހިނެއްވީތަ؟ "އަމީރާ އަށް އަހައިލެވުނީ ބިރުވެރިކަމުން ފުރިފައިވާ ގޮތަކަށެވެ.

"ހަމަޖެހިބަލަ. ބިރުގަންނާކަށް މާ ބޮޑުކަމެއް ނުވެއެއްނު. އަތް ބިދުނީ. ދެން މިބޭސްގަނޑު ނެއްޓޭނީ ހަތަރު ހަފްތާފަހުންނޭ ޑޮކްޓަރު ބުނީ. އެމީ ހައިރާންވާނެ އަތް ބިނދުނުގޮތް ބުނެފިއްޔާ. ގަބޫލެއްވެސް ނުކުރާނެ............." ރަފައެލް ބޭސްގަނޑު އަޅާފައިވާ އަތް ދައްކައިލިއިރު ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ. އޭނައަށް ހީކުރެވުނީ އެހެންގޮތަކަށެވެ. އޭނައަށް ކިރިޔާ އަނިޔާއެއްވުމުންވެސް އަމީރާއަށް ކެތްނުކުރެވުނީ ކަމުގައެވެ. އަމީރާވެސް އޭނަ ދެކެ ލޯބިވާންފެށީހެއްޔެވެ؟ އެކަމަކު އެއީ ކިހިނަކުން އެކަށީގެންވާކަމެއް ހެއްޔެވެ؟

އަމީރާގެ ނޭވާވެސް އެތެރެހަށީގައި ތާށިވާގޮތްވިއެވެ. މިކުޑަ ގޯޅިގަނޑުގައި ކްލިނިކެއް ހަދައިގެން މީހުން ވާވައްދާލައިގެން މިއިނީ ޖިންނިއެއްކަން ޔަގީންވެ ހިތްބިރުގަތީ މާ ވަރަކަށެވެ. ކްލިނިކްވެސް މިހިރީ ފަޅަށެވެ. މިހިސާބުގައިވެސް ދިރުމެއްނެތްހެން ހީވިއެވެ. ބާރު ވައިރޯޅިއަކާއިއެކު ދޮރުލެއްޕުމުން އަދި އަމީރާއަށް އަނބުރާލާފައި ދުއްވައިގަނެވުނީ ބާރަކަށެވެ. އޭރު ތުނިކޮށް ވާރޭވެސް ވެހެން ފަށައިފިއެވެ. ދުވަމުން ދުވަމުންގޮސް ގެއާއި އަރާ ހަމަވީއިރު އަމީރާގެ ނޭވާ އުފުރިއަރާގޮތްވިއެވެ. ފަހަތަށް ބަލައިލެވުނީ މީހެއްގެ ހިލަންވެފައެވެ. ތަންކޮޅެއް ދުރުގައި ގަސްތަކުގެ ތެރޭގައި ހުއްޓިލައިގެން ހުރި މީހާ ވައްތަރުވީ ރަފައެލްއާއެވެ. އެދެލޯ ރަތްކުލައިން ދިއްލުނުތަން ފެނުނެވެ. ރަފައެލް އެހެރީ އޭނަ އެގޮތަށް ފިލައިގެން އައީތީ ހާދަ ގަދަޔަށް ރުޅިއައިސްފައެވެ. ރީތި ފިރިހެނެއްގެ ސިފަޖެހިގެން އޭނައާއި އަވަލައިގެން އެއުޅެނީ އޭމޮންއެވެ. އެކަމަކު މިހާރު ކޮންމެވެސް ސަބަބަކާއިހެދި އޭމޮންގެ ސިފައިގާ ހުރެ އޭނަގެ ފަރާތުން އުފާ ހޯދާކަށް ނާދެއެވެ. އަމީރާ ދޮރު ލެއްޕުމަށްފަހު އަވަސްވެގަތީ ނަމާދުކޮށްގެން ބަގަރާ ސޫރަތް ކިޔެވުމަށެވެ. ކޮންމެ ރެއަކު ދެނަމާދު ދޭތެރޭގައި އޭނަ ބަގަރާ ސޫރަތް ޖަހަން ފެށުމުން ގޭތެރެ އަމާންވެފައިވާކަމުގެ އިހުސާސް ކުރެވެއެވެ. ގޭތެރެއިން އޭނަ ފޫހިވާ މޫނަކަށް ފެންނަނީ ނަޝީދުއެވެ. ނަޝީދު އޭނައަށް ބަލަނީ ދަހިވެތި ނަޒަރަކުންކަން މިހާރު ނޭގޭހާ އަމީރާ ކުޑައެއްނޫނެވެ. ވަގު ބުޅަލެއް މަސްގަނޑަކަށް ފާރަލާފަދައިން ނަޝީދު އޭނައަށް ކަޅިއަޅަ އަޅާހުންނަތަން ފެންނަ ކޮންމެފަހަރަކު އަމީރާ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. ލަދެއް ހަޔާތެއްނެތް ފިރިހެނެކޭ ހިތަށް އަރައެވެ. އާޒްގެ ބައްޕައަށްވީތީ އަމީރާ ހިތާމަކުރިއެވެ.

އަމީރާ ފަހަރަކު ހެދުމެއް ނަގާ ގައިގާ ޖެއްސިއެވެ. ލޫސިއާންގެ މަންމަމެންނާއި ބައްދަލުކުރަން ދާއިރު ވީހާވެސް ރީތިކޮށް ހެދުން އަޅައިގެން ހުންނަން އޭނަ ބޭނުމެވެ. އެންމެފަހުން އޭނައަށް ރީތިވީ ރަތްކުލައިގެ ލޭސްފޮތިން އަތް ފަހާފައިވާ ހެދުމެވެ. އެހާބޮޑު ގޮތެއް ހަދާފައި ނެތުމުން އަދި ވަކިން ރަގަޅެވެ. އަމީރާ ރީތިވާން ހުރިއިރު ދެލޮލުގައިވަނީ އުފާވެރި ވިދުވަރެކެވެ. އެންމެ އުފާވަނީ އޭނަ ނަމާދުކޮށް ގުރުއާން ކިޔަވަން ފެށުމުން "އޭމޮން"ގެ އުދަގޫތައް މުޅިން ހުއްޓުނީމައެވެ. ތައްޔާރުވެ ނިމުމަށްފަހު އޭނަ ލުއި މީރުވަހެއް ދުވާ ސެންޓުފުޅިއަކުން ހެދުމުގެ އެކިތަންތަނަށް ޖެހިއެވެ. ކޮޓަރި ތެރޭގައި ހިފާލީ ހިތްގައިމު ވަހެކެވެ. އަމީރާ ގަޑިއަށް ތައްޔާރުވެގެން ނުކުތްއިރު ލޫސިއާން އޭނަ ބަލާ އައިސްފާ ހުއްޓެވެ.

ލޫސިއާންއާއި ދެމީހުން ގޮނޑުދޮށުން ހިނގާލާފައި ދިޔައީ އަތާއި އަތް ގުޅުވާލައިގެންނެވެ. ކޮޓެޖާއި ދާދި ކައިރިއަށް އާދެވުނުފަހުން ކުއްލިއަކަށް ލޫސިއާން ހުއްޓިލާފައި އަމީރާގެ ދެއަތުގައި ހިފަހައްޓައިލިއެވެ. މޫނަށް ބަލައިލީ ކޮންމެވެސް އެއްޗެކޭ ބުނަން ބޭނުންވާފަދައަކުންނެވެ.

"ލެން....." އަމީރާއަށް ލޫސިއާންގެ ދެލޯ ދިއްލުނުހެން ހީވިއެވެ. އަމީރާގެ ހިތަށް ނުބައި ގޮތެއްވިއެވެ. އޭނައަށް ހީވި ގޮތެއްހެއްޔެވެ؟

"އެމީ. މަންމަމެންނާއި ބައްދަލުކުރުވުމުގެ ކުރިން ބޭނުން މިއަދު އެމީގެ ޝައްކުތައް ފިލުވަދޭން. އަހަންނަށް އެނގޭ އެމީ ތާއަބަދު އަހަރެމެންގެ އުޅުމާއިމެދު ޝައްކުކުރާކަމާއި ޖަވާބު ހޯދަން ބޭނުންވާ ސުވާލުތަކެއް ހުރިކަން. މިހަގީގަތް އެނގުމަށްފަހު އެމީ ވަކިވެގެން ހިނގައިދާނެތީ ބިރުގަނޭ. މިހުރިހާ ދުވަހު ސިއްރިކުރީ އެހެންވެ. އަހަންނަށްވަނީ އެމީދެކެ ވަރަށް ބޮޑަށް ލޯބިވެވިފައި. އެމީއާއި ނުލާ މިއަދު ދުނިޔެއަށް އެންމެ ނޭވާއެއްލުމަކީ ވެސް ކުރެވޭނެ ކަމެއްނޫން. ތިއީ އަހަރެންގެ ފުރާނައިގެ އެއްބައި ކަމުގައިވެފަ ވަނީ. އަހަރެންގެ ބާރާއި މޮޅުކަމުންވެސް މި ހިތާމައަކުން އަރައިގަނެވޭނެގޮތެއް ނުފެނުނު މިލޯބީގެ ނިމުން އަންނާނެގޮތް މިހާރުއްސުރެ އިހުސާސްކުރެވޭ. ކާމިޔާބު ނޫނީ އަހަރެންގެ މަރު. އެނޫންގޮތަކަށް އަހަންނާއި އެމީ ދުރު ނުކުރެވޭނެ. ބޭބީ ބުނެބަލަ. އަހަރެން މިއީ ކޮންމެފަދަ މީހަކަށްވިޔަސް އަހަންނާއިއެކު އުމުރަށް އުޅޭނަންތަ.."ލޫސިއާންގެ ވާހަކަތަކުން އަމީރާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ލޫސިއާން ނުބުނިކަމުގައިވިޔަސް އޭނައަށް ޔަގީންވިއެވެ. އަމީރާގެ ހިތުގައި ލުއްކިއެއް ޖެހިފަދަ އިހުސާސެއްވެސް ކުރެވުނެވެ. ކުއްލިއަކަށް އޭނަގެ ކުރިމަތީގައި ހުރި ލޫސިއާން ގެއްލުނީ ހަމަ ބަލަބަލާހުއްޓައެވެ. ބްލެކްމެޖިކް ހަދައިގެން ސްތެޗޫ އޮފް ލިބަޓީ ގެއްލުވައިލި ފަދައިންނެވެ. ލޫސިއާންގެ ވާހަކަތަކުން ޔަގީންކަން ލިބިފައިހުއްޓަސް ލޫސިއާންއަށް ލިބިފައިވާ ޖިންނި ބާރުތަކާއި ގަދަފަދަކަން ދައްކާލަން އެކުރިކަމަކުން ހިތް ބިރުގަނެ ފާޑަކަށް ހަޅޭއްލަވައިގެންފާ ދުއްވައިގަނެވުނެވެ. އެއާއިއެކު ގޮސް ވަދެވުނީ ލޫސިއާންގެ އަތުތެރެއަށެވެ. ލޫސިއާން އަމީރާ މޭގައި ޖައްސައިލީ ފުރިހަމަ ބާރާއިއެކުގައެވެ.

"ސޮރީ ބޭބީ، އައިމް ސޮރީ ސްވީޓްހާޓް. އަހަންނަށް އެނގޭ ބޭބީ ބިރުގަންނާނެކަން. އެކަމަކު މިއީ ރިއޭލިޓީއަކީ، މިއީ އެމީއަށް ލޯބިވެވުނު މީހަކީ. އިންސާނަކަށް ނުވީތީ އަހަރެން އެކަމާއި ހިތާމަކުރަނީ އެންމެ ސަބަބަކާއިހުރެ. އެ ރީޒަނަކީ ތިއީ. އެހެންނޫންނަމަ އަހަރެން ތަގުދީރަކާއި ޝަކުވާއެއް ނުކުރާނަން...." ލޫސިއާން އަމީރާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔައެވެ. އަމީރާ ހުރީ ގަނޑުވެފައެވެ. ގަބޫލު ނުކުރެވިފައެވެ. އެފަދަ ކަމަކަށް ޝައްކުވިޔަސް ހަގީގަތާއި ކުރިމަތިލާން ޖެހުމަކީ ފަސޭހަކަމެއްވެސް ނޫނެވެ.

"ފުރަތަމަ އެމީ ފެނުނީ ލަންކާގައި ހުއްޓާ ވޯޓަފޯލްއަށް ވެއްޓުނު ދުވަހު. އެއީ މަންމަ ބަލިވެގެން ލަންކާގައި ގޮސްހުރިއިރު. އިންސާނަކަށް އެތަނަށް ފުންމާލައިގެން އެމީ ސަލާމަތްކުރުމަކަށް ކުޅަދާނައެއްނޫނޭ ކިޔައިގެން އެންމެން ވާހަކަދެއްކިއެއްނު. އެމީ ސަލާމަތްކޮށްދިނީމަ އެތާ ތިބި އެންމެންގެ ނަޒަރުގައި ސުޕަ ހީރޯއަކަށްވި. އެދުވަސްކޮޅު އެކުވެރިންގެ ސިފައިގާ ފެނުނު އެންމެނަކީވެސް އިންސާނުންނެއްނޫން. ތެދަށް ބުނަންޏާ އޭރު އަހަރެން އެމީދެކެ ލޯތްބެއްނުވޭ. ނަމަވެސް އެޓްރެކްޓްވި. ވަރަށް ފަހުން ލޯބިވާންފެށުނީ. އަހަރެން ދުވަހަކުވެސް ގަބޫލުކުރިކަމެއް ނޫން ބައްޕައެކޭ އެއްފަދައިން އިންސާނެއްދެކެ ލޯބިވެދާނެއޭ. ބައްޕަ އިންޒާރުދިންއިރު ވަގުތު ފާއިތުވެއްޖެ. ބައްޕަ މިހާރުވެސް އެހާ ގަބޫލުކަމެއްނޫން އެމީއާއި އިންނަން. ރަފައެލްވެސް ދިމާ އިދިކޮޅު. އެމީގެ މައްސަލައިގާ އަހަރެމެން ދެމީހުން ބޮޑު ފައިޓަކަށްވެސް ދާން ޖެހުނު. އައި ރެސްޕެކްޓް ހިމް އެލޮޓް އެކަމަކު.........." ލޫސިއާން އެއްޗެކޭ ބުނަން އުޅެފާ ތުންފަތުގައި ދަތްއަޅައިލިއެވެ.

"ލެންގެ އެންމެ ބޭބެއެއްތަ ހުންނަނީ؟ " އަމީރާ އޭމޮން މަތިން ހަދާންވެފައި އަހައިލިއެވެ.

"ނޫން. އަހަންނަށްވުރެ ދޮށީ ދެބޭބެއިން ބައްޕަގެ ތިބޭ. އެއީ ފުރިހަމަ ޖިންނިންގެ ތެރޭގައިވާ ބަޔެއް.........." ލޫސިއާން ބުނެދިނެވެ.

"ފުރިހަމަ ޖިންނިންނޭ ތިބުނަނީ ކީއްވެތަ؟ " އަމީރާއަށް އަދިވެސް ލޫސިއާން ކަންތަކެއް ފޮރުވާކަން އެނގުނެވެ.

"މިބުނީ ބައްޕަ އެންމެ ކުރިން ކައިވެނިކުރީ އިންސާނުގެ ބަހުންނަމަ ޕަރީއަކާއި. ބައްޕައަކީ ޖިންނިންގެ ރަސްމަތިފުށުން އައިސްފާ ހުރި ޖިންނި ރަސްކަލެއް. އެކަމަކު ބޭބީއަށް އެނގެއެއްނު. މަންމައަކީ އިންސާނެއްކަމާއި މަންމަ މޮޔަވެގެން މިރަށު މީހުން މޮޔަ ނަބީލާއޭ ކިޔައިގެން އުޅުނުކަން. ހަގީގަތުގައި މަންމަގެ ލައިފަށް ބައްޕަ އައުމަށްފަހު މަންމަ ވަރަށް ބޮޑަށް ޖިންނި މޮޔަވި. އެކަމަކު ފަހުން އެންމެން ގަބޫލުކުރީ މަންމައަށް ސްކިޒޮފްރީނިއާ ޖެހިފައި ހުރިކަމަށް. މަންމަގެ ތިބީ ތިންދަރިން. އަހަންނާއި ރަފައެލް އަދި އަންހެންކޮއްކޮ . ކޮއްކޮ އުޅޭގޮތުން ލަނޑެއް ލިބިދާނެތީ ބައްޕައަށް އުދަގޫވެގެން މިހާރު ގެންގޮސް ބައްޕަމެންގެ ރަށުގައިވީ..............." ލޫސިއާން ކިޔައިދިނެވެ.

އަމީރާ ލޫސިއާންގެ މޭގައި ލައްވެލިއެވެ.

"ލެން. އަހަންނަށް ހެވޭ ލެން އިންސާނަކަށް ނުވިޔަސް. އަހަންނަށް އެނގޭކަމަކީ ލެންއާއިއެކު ދިރިއުޅުމެއް ފަށަން ބޭނުންވާކަން. ވަރަށް ބޮޑަށް ލޯބިވާކަން. ލެން ދުވަހަކުވެސް އަހަރެން ދޫކޮށްލާފައި ނުދައްޗޭ ޕްލީޒް. ހެޔޮ ފުރިހަމަ އިންސާނަކަށް ނުވިޔަސް. އަހަންނަށްވެސް ލޯބިވެވިއްޖެ. ވަރަށް ބޮޑަށް ލޯބިވޭ......" އަމީރާގެ ޖުމްލަތަކާއިއެކު ލޫސިއާން އަމީރާގެ ގައިގާ ވަރަށް ބާރަށް ބައްދައިލިއެވެ. ދެހިތް އެކީގައި ވިންދުޖަހަންފެށިއެވެ.

"ޕްރޮމިސްކުރޭ، ދުވަހަކު ވަކިނުވާނެކަމަށް، ދުވަހަކު ދޫކޮށްލާފައި ނުދާނެކަމަށް. ވައުދުވޭ......" ލޫސިއާން އެދުނެވެ.

އަމީރާ ހެއްދެވި ފަރާތް ހެކިކޮށް ވައުދުވުމުން ލޫސިއާންގެ ދެލޮލުގެ ވިދުވަރުގަދަވިއެވެ.

ލޫސިއާންގެ މަންމައަކީ އިންސާނަކަށްވުމުން އަމީރާއަށް ލޫސިއަން ގަބޫލުކުރަން ފަސޭހަވިއެވެ. އޭރު ހިތުގައިވަނީ އެހެން ސުވާލެކެވެ. އޭމޮންއަކީ ކާކުބާވައެވެ. ލޫސިއާންގެ ބޭބެއަކަށް ވެދާނެހެއްޔެވެ؟ ކައިވެނިކުރި ދުވަހު އޭމޮން އެކަހަލަ އެއްޗެހިތަކެއްވެސް ކިއެވެ. އަމީރާއަކީ ރާނީއެއްކަމުގައެވެ. އެންމެން އޭމޮންއަށް ގަދަރުކުރިވަރާއި އެރޭ ހަފްލާއޮތްލެއް ޝާހީކަން އޭނަ ހަނދާނަށްއައެވެ. ލޫސިއާންގެ ޖިންނި ދެބޭބެއިން ތިބިއިރު އެތަނުން އެކަކީ އޭމޮންކަމުގައި ވުމަކީ އެކަށީގެންވާކަމެކެވެ. އޭނަ އަމިއްލައަށް ޕްރިންސަކަށްވެގެން އުޅުނީ އެހެންވެއެވެ. ލޫސިއާންއަށްވެސް އެކަން އެނގިހުރެ އެވާހަކަ ދައްކަން ބޭނުންނުވަނީ ބާވައެވެ. ނޫނީ އޭމޮން ހުއްޓުވާނެ ބާރެއް ނެތީމަ ލޫސިއާން އެކަމާއި އަޅާނުލީހެއްޔެވެ؟ އޭނައަށް ނޭގުނީ ހިތަށް އެރިހާއެއްޗެއް ލޫސިއާންއަށް ކިޔައިދޭނެ ގަރީނެއް ހުރިކަމެވެ.

ކޮޓެޖްގެ ގޭގެ ފަހަތުގައި ވާ ކުޑަ ބަގީޗާވެސް ދުނިޔެމަތީގެ ކަމެއްހެނެއްވެސް ހިޔެއްނުވެއެވެ. އެހާ ހިތްގައިމެވެ. އެތަނުގައިވާ ފިޔާތޮށި އަދި ރަތް ފިނިފެންމާ ގަސްތަކުގައި ފޮޅިފައިވާ އެތައް ސަތޭކަ މަލުގެ މީރުވަސް ވަޔާއިއެކުވެ ޖައްވުގައި މަސްތުކަމެއް ހިފުވާލައިފިއެވެ. އިރުއޮއްސި ރަތްވިލާތައް ލަމުން ދިޔަގަޑީގައި ރަފައެލް އެދިމާލަށް ނުކުމެ މާތަކުގައި އަތްލިއިރުވެސް ހަނދާނަށް އައީ އަމީރާގެ ނާޒުކްކަމާއި ރީތިކަމެވެ. މިއިން މަލެކޭ އަމީރާއެކޭ ތަފާތެއްނެތެވެ. ކުއްލިއަކަށް ގަސްތަކުގެ ތެރެއިން ނިކުތީ ބުޅަލެކެވެ. ރީތިކަމާއި ބޮޑުކަމުން އާއްމުކޮށް ފެނިއުޅޭ ޒާތުގެ ބުޅަލެއް ނޫންކަން ޔަގީންވިއެވެ. ރަފައެލް ގުދުވެ އެ ބުޅަލުގައި އަތްލާން އުޅެނިކޮށް ކުރިމަތިން ލޫސިއާން ފެނުމުން ފަހަތަށް ޖެހިލެވުނެވެ.

"ލެން. ތިގޮތަށް ސަމާސާކުރުމަކީ އަހަރެން ރުހޭކަމެއްނޫން......." ރަފައެލް ސިހޭގޮތްވީ އެގޮތަށް ލޫސިއާން ފާޅުވީތީއެވެ.

"ތި ބުޅަލަކީ ހަމްޒާދު......" ލޫސިއާން ހީލާފައި އެހެން ބުނެލިތަނާ ކުރިމަތީގައި އޮތް ބުޅާ ހަމަ ކުއްލިއަކަށް އައިބުވެއްޖެއެވެ. ގަސްތަކުގެ ތެރެއިން ބަރުހުނުމެއްގެ އަޑު އިވުނެވެ. ރަފައެލް ދެއަތްތިލަ ޖިންސްގެ ޖީބަށް ޖަހައިލަމުން ފުންނޭވައެއްލިއެވެ. ޖިންނިންނާއި އިންސާނުން ގުޅިގެން އުޅޭތަން މިގޭތެރެއިން ފެނި ފަރިތަވާން ފެށިޔަސް އެކަމުގައި ހިއްސާވުމަކީ އޭނައަށް "ނޯމަލް" ކަމެއްނޫނެވެ. އެކަމަކު އެއީ ކުރިމަތިލާން ޖެހިފައިވާ ހަގީގަތެކެވެ. އޭނަގެ އަތް ބިދުނީވެސް ލޫސިއާންގެ ބާރުގަދަކަމުންނެވެ. އަމީރާއާއި ރައްޓެހިވެގެން އުޅުމުގެ ހުރި ގެއްލުންތަކާއި ފަހުން ދިމާވެދާނެ މައްސަލަތައް ކިޔައިދިނުމުން ލޫސިއާން ރުޅި ހަމައިން ނެއްޓީއެވެ. ލޫސިއާން ހުރީ ދުވަހަކު އަމީރާ ދޫކޮށްލާ ގޮތަކަށް ނޫނެވެ.

ރޭގަނޑު ކޮޓެޖަށް ވަދެފައި އަމީރާއަށް ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނެވެ. ގޭތެރޭގައިވާ ފަނޑު އޮރެންޖް އަލިތަކުގެ ތެރޭގައި ނަށަނަށާހުރި ހިޔަނިތަކާއި ހިމޭންކަންވެސް ހާމަކޮށްދެނީ މިއީ އިންސާނީ ނޫން ތަނެއްކަމެވެ. ފާރުގައި ހަރުކޮށްފައިވާ ފޮޓޯތަކުގައިވާ އިހު ޒަމާނުގެ މީހުންތައްވެސް ހެވިފައި ތިބީ "ހަންޑި" ގޮތަކަށެވެ. ލޫސިއާންގެ އަތްވެސް މިރޭ ތަންކޮޅެއް ހޫނެވެ. އެއަތުގެ ތެރޭގައި އަމީރާގެ އަތް ގައިދުވެފައިވާއިރު ރައްކާތެރިކަމެއް ލިބުނަސް އަމީރާ ހުރީ ސިހިސިހިއެވެ.

"ބޭބީ. ފުރަތަމަ އަހަރެންގެ ކޮޓަރިއަށް ހިނގާ. މަންމަމެންނާއި ބައްދަލުކުރާނީ އޭގެ ފަހުން......" ލޫސިއާން އެ ފުޅާކޮރިޑޯއިން ދިޔައިރު އަމީރާއަށް ހީވީ ފަހަތުން ހުނުމެއްގެ އަޑުއިވުނުހެންނެވެ. ކަދުރާގައިވާހާ ކުދި ލޯލިތައް ކޮޅަށް ޖެހުމާއެކު އޭނައަށް ލޫސިއާންގެ ގައިގާ ހިފައިގަނެވުނެވެ. ވައިއަޑަކުން އެއީ ކާކުހެއްޔޭ އަހާލެވުނެވެ.

"ބިރުނުގަނޭ. މިގެއަށް އަންނަ ފެމިލީ މީހުންނާއި ޚައްދާމުން އެމީއަށް ނުފެންނަނީ. އެކަމަކު އެމީހުން އެމީއަށް ގެއްލުމެއްނުދޭނެ......." ލޫސިއާން ބުނެލީ ހީލުމަކާއިއެކުގައެވެ.

"ލެންއަށް އެމީހުން ފެނޭތަ؟ " އަމީރާ އަހާލިއެވެ.

"އޮފްކޯސް..." ލޫސިއާން އަމީރާގެ ނިތްކުރިއަށް ދޮނެއްދިނެވެ. އަމީރާ ބިރުން އުޅޭތީ އޭނަ ހުރީ ދެރަވެފައެވެ. ޖިންނީންގެ ދުނިޔެއަކަށް މި ނާޒުކް އަންހެންކުއްޖާ ހޭނެން ކިހާ ދުވަހެއް ނަގާނެބާވައެވެ. ނޫނީ މަންމަފަދައިން އަމީރާވެސް މޮޔަވާނީހެއްޔެވެ؟ މޮޔަކޮށްގެން ބައްޕަ ފަދައިން އޭނަވެސް އަމީރާ ގެންގުޅެންވީހެއްޔެވެ؟ ބައްޕަވެސް މަންމަދެކެ އިންތިހާއަށް ލޯބިވެއެވެ. ފަންޑިތައިގެ ބާރުންވެސް އެދެމީހުންވަނީ ކަނޑުވާނުލެވިފައެވެ. އޭނަގެވެސް ހުވަފެނަކީ އެއީއެވެ.

ލޫސިއާންގެ ކޮޓަރިއަށްވަދެފައި ދޮރު ލައްޕާލުމުން ބިރުވެރި ހޮހަޅައަކަށް ވަދެވުނުކަހަލަ އިހުސާސެއް ކުރެވުނެވެ. އެހާ އަނދިރިކަންގަދަވެފައި ބޫންއަޑެއް އިވެމުންދިޔައެވެ. ކާނިވަލަކަށް ދިޔަ ދުވަހެއްގައި ބިރުވެރި ހޮހަޅައަކަށްވަދެފާ އޭނަ ބިރުން ހިތްނުހުއްޓުނީ ކިރިޔާއެވެ. މިފަހަރު އެ ހަނދާންތައް އާވެގަތެވެ.

"ލެން ބޮކި ދިއްލަބަލަ....ހާދަހާ އަނދިރިއޭ......"

"އަނދިރިކޮށް އޮތަސް ރަގަޅުވާނެއޭ ބޭބީ. އަހަރެންގެ ރޫމްގައި އެއްވެސް އަލިކަމެއް ހުންނާކަށް ނޭދެން...." ލޫސިއާން މަޑުމަޑުން ބުނެލިއެވެ.

"އެއްވެސް ތަނެއް ނުފެނޭ......" އަމީރާ އަދިވެސް ބޮޑަށް ލޫސިއާންގެ ގައިގާ ތަތްވެލިއެވެ.

"އަހަންނަށް ވަރަށް ސާފުކޮށް ހުރިހާ ތަނެއްފެނޭ. އެންމެ ރަގަޅު. އިފް ޔޫ ވޯންޓް އުއްބައްތިއެއް އެބަގެންނަން. ނޫނީ އަދި އެހެންގޮތަކަށްވެސް އަލިކޮށްލަދީފާނަން. އެކަމަކު އެމީ ބުނަން ވާހަކައެއް. އެމީ ބޭނުންތަ އަހަރެންގެ އަސްލު ސިފައިގާ ފެންނަން......." ލޫސިއާންގެ ޖުލްމައިން އަމީރާގެ ހިތް ރޫރޫއެޅިއެވެ.

"ލެން. ތީ.. ތީ އަސްލު ސިފަ....." އަމީރާ އަށް އާގަންނަވަރުން ވާހަކައެއް ނުދެއްކުނެވެ.

"އެމީ. އަހަރެން ސާފުކޮށް ހުރިހާ އެއްޗެއް މި ކިޔައިދެނީ. އަހަންނަކީ އިންސި މަންމައަކާއި ޖިންނި ބައްޕައަކަށް ލިބިފައިވާ މީހަކަށްވީއިރު އަހަންނަށް ބޮޑަށް ލިބިފައިވަނީ ޖިންނީންގެ ސިފަތައް. އިންސާނެއްގެ ސިފަ ޖެހިގެން އުޅެން މަޖުބޫރުވީ މަންމަމެންގެ ދުނިޔޭގައި އުޅެން ފަސޭހައީ އެގޮތަށް ކަމަށްވީމަ. އެމީ އަހަރެންގެ އަސްލު ސިފަ ފެނުމަށްފަހު ނޫނެކޭ ބުނާނަންތަ. އެމީ ބުނީމެއްނު އަބަދަށް ލޯބިވާނަމޭ. ބިއުޓީ އެންޑް ދަ ބީސްޓްގައިވެސް އެއޮތް ރީތި އަންހެންކުއްޖާއަށް ލޯބިވެވުނީ ބީސްޓެއްދެކެ. ވީއިރު އަހަރެންގެ ބޭބީވެސް ލޯބިވީ އަހަރެންގެ ސިފަދެކެ ކަމަށް ގަބޫލުކުރާ ހިތެއްނުވޭ. ސޯ ރެޑީތަ؟ " ލޫސިއާން އަމީރާގެ އަތަށް ފިތައިލިއެވެ.

"އަހަރެން ބުނީމަ އިނގޭ ލޯ ހުޅުވާލާނީ......." ލޫސިއާން ބުނެލައިފިއެވެ. ކަންފަތްދޮށުގައި ބުނެލިގޮތުން ކަންފަތަށް ހީލިކެރުވިއެވެ. ނިކަންލުއިކޮށް އެހޫނު ތުންފަތް އޭނަގެ ކަންފަތުގައި ބީހިލިއެވެ.

"ނައު. އޮޕެން ޔޯ އައިސް..........." ލޫސިއާންގެ ޖުމްލައާއިއެކުވެސް އަމީރާ ހުރީ އެސްފިޔަތައް ހުޅުވައިލަން ނުކެރިފައެވެ. ޔަގީނެވެ. ލޫސިއާން ހުންނާނީ ބީސްޓެއްފަދައިން ހުތުރުކޮށެވެ. ދެދަޅު ފަޅާފައެވެ. ނޫނީ ބޯށިއެއްހެން ދިގުކޮށް ހުންނަ ބޮލެއް ލާފައި ބިރުވެރި އެއްޗެއްހެން ކަން ނޭގެއެވެ. ބައެއް އަންހެންކުދިންނަށް ވާގޮތެކެވެ. ނިކަން ވަރަކަށް ޖިންނިން ދެކޭހިތްވާނެއެވެ. ޖިންނި ވާހަކަތައް ކިޔާފައި އޭގައި އުޅޭ ޝަޚުސިއްޔަތުތަކަށް ލޯބިކުރާނެއެވެ. އެކަމަކު އެފަދަ ޖިންނިއެއްގެ ކުރިމައްޗަށް އެރިއްޖެއްޔާ ފައިކޮޅުގައި ވާގިދޫވެ އޮންނާނީ ބިންމަތީގައެވެ. އެއް ޒަމާނެއްގައި އަމީރާވެސް އެކަހަލަ މޮޔަ ޚިޔާލީ ދުނިޔެއެއްގައި އުޅުނެވެ. ވެމްޕަޔަރެއް ނޫނީ ޖިންނިއަކާއި ރައްޓެހިވާނެ ނަސީބެއް ލިބޭނެނަމައޭ ހިތަށް އެރިއެވެ.

މިހާރު މިހިރީ އޭނަގެ ޅައިރު ގެ ޚިޔާލުތަކާއި ކުރެހުންތައް ހަގީގީ ސިފައަކަށްވެގެން ކުރިމަތީގައެވެ.

"އިޓްސް އޯލްރައިޓް ބޭބީ އެނގޭ ފުރަތަމަ ތިކަހަލަ ރިއެކްޝަނެއްކަން އަންނާނީ. އެކަމަކު ކިތައް ފަހަރު ބުނާނީ ގެއްލުމެއް ނުދޭނަމޭ އަނިޔާއެއް ނުކުރާނަމޭ، މިހުރިހާ ދުވަހު އެކީގައި އުޅުނުއިރު ކަމެއްކުރިންތަ؟ ބޭބީ ބިރުގަންނަވާކަށް ނޫނޭ ހަގީގަތް މިކިޔައިދިނީ. ލޯބިވަންޏާ ފޮރުވަން ނުޖެހޭނެތީ. އެމީ. ލުކް އިން ޓު މައި އައިސް އެންޑް ބުނެބަލަ ލޯބިވެޔޭ. އަހަރެންވެސް ލޯބި މިވާވަރަށް. ރިލެކްސް ބޭބީ.........." ލޫސިއާން އަމީރާގެ މޫނުގައި އެބޮޑު ދެއަތްތިލައިން ހިފެހެއްޓީ މަޑުމަޑުންނެވެ. ވަރަށް ލޯބިންނެވެ. އެހޫނު ނޭވާތައް އޭނަގެ މޫނަށް އެޅެންފެށިއެވެ. ދެން އަމީރާއަށް ފާހަގަކުރެވުނީ އޭނަގެ ދެފައި ބިންމަތީގައި ނުޖެހޭކަމެވެ. ލޫސިއާން އޭނަގެ ގައިގާ ހިފާ އުފުލީއެއްވެސް ނޫނެވެ. ނަމަވެސް އޭނައަށް މިހުރެވުނީ ވައިގެތެރޭގައެވެ. އަމީރާ ސިހިފައި ދެލޯ ހުޅުވައިލެވުމާއިއެކު ސީދާ ބަލައިލެވުނީ ލޫސިއާންގެ މޫނަށެވެ. އެއާއިއެކު އަމީރާގެ ކަރުތެރެއިން ބާރު ހަޅޭކެއްގެ އަޑު އިވިގެން ދިޔުމާއިއެކު އަނބުރައިގަނެގެން ލޫސިއާންގެ އަތުގެ ތެރެއަށް ދެމިއްޖެއެވެ.

ކޮމެންޓް 0