"މިރޭ ގަޓްހުރެގެން ދެ ފިރިހެނުން ކުޑަކޮށްލިގޮތަށް މިވެސް ޗެލެންޖަކަށް ބަލާފައި މިގެއަށް ވަންނަން ކެރޭނެ. މީހުން ކިޔާހާ އެއްޗަކަށް ބަލައިގެން ތިބިތާ ހުއްޓި ތިބެގެން ލައިފް އެންޖޯއީ އެއް ނުކުރެވޭނެ. އުފާވެރިކަން ހޯދޭނީވެސް މަސައްކަތްކޮށްގެން. ހެނާއަށް މިހާރުވާރަށްވުރެ އިތުރަށްވެސް ހިތާމައިގާ ދުވަސްތައް ހޭދަކުރެވިއްޖެ. ވީމަ ދެން އަހަންނަށް އިތުބާރުކޮށްފައި މިގެއަށް އަންނަން ކެރިބަލަ. ޕްލީޒް...." އާސާ ހެނާގެ އަތުގައި ހިފާ ކުޑަކޮށް ދަމައިލިއެވެ. ހެނާހުރީ ދެފިކުރު މަތީގައެވެ. އާސާ އިތުރަށް ތަފްސީލު ނުދީ އޭނަ ބުނާ ބަހަށް އިތުބާރުކޮށްފައި މިގެއަށް ވަދެގެން ދެން ދިމާވެދާނެ ނުރައްކަލެއްވެސް އެނގެނީއެއް ނޫނެވެ. ނަމަވެސް މިއަދުމިވަނީ އެތައް މަޖުބޫރީތަކެއް ދިމާވެފައެވެ.
"އޯކޭ....." ހެނާ އާސާއަށްވުރެ ކުރިންގޮސް ދޮރުގެ ތަޅުގައި ހިފާލުމާއިއެކު ދާދި ފަސޭހައިން ދޮރު ހުޅުވިއްޖެއެވެ. މީހަކު އެތެރޭގައި ހުރެފާ ހުޅުވާލަދިން ފަދައިންނެވެ. ކުޑަކޮށް ސިހިފައިހުރެފައިވެސް ލިބިފައިވާ ވަރުބަލިކަމުގެ ސަބަބުން ހެނާ އެތެރެއަށް ވަންއިރު މުޅިތާ އޮތީ މަޑު ރަތްއަލިކަމެކެވެ. ގޭތެރެއަށް ވެރިވެފައިވާ ފުން ހިމޭންކަމުގެ ސަބަބުން އެހެން ދުނިޔެއަކަށް އާދެވުނުފަދައެވެ. މަޑު ބޯ ދޫލަމަތީގައި ފައި އެޅުމުން ފިނީގެ އިހުސާސްކުރެވުނެވެ. އާސާ ހެނާއަށް ބުނެދިނީ ވަރަށް ކުޑަމިންވަރެކެވެ. އޭނައަކީވެސް މިއާއިލާގެ މެމްބަރެއްކަމެވެ. އެވަރުން ހެނާއަށް ފުދޭވަރުވިއެވެ. އެހާވަރުން އާސާ ފޮރުވާކަމެއް ކޮނުމުގެ ބޭނުމެއްވެސް ނެތްތާއެވެ. އާސާ ހެނާގެ އަތުގައި ހިފައިގެންގޮސް އޭނަގެ ކޮޓަރިއަށް ވެއްދުމަށްފަހު އެނދަށް ވެއްޓިގަތްގޮތަށް ހެނާ ނިދީގެ ފޮނި އާލަކަށް ދަތުރުކޮށްފިއެވެ. މުޅިރޭ އަރާމު ނިންޖެއްގައި އޮތުމުގެ ސަބަބުން ފަތިސްނަމާދަށް ހޭނުލެވުމުން ހެނާ ދެރަވިއެވެ. ތެދުވެފާ ބަލައިލިއިރުވެސް ކޮޓަރިތެރެއަށް ވަނީ އަނދިރިކަން ވެރިވެފައެވެ. ތެދުވެ ބޮކި ދިއްލައިލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމުން ފެނުނީ އަންހެންކުއްޖެއްގެ ހުވަފެނީ ކޮޓަރިއެކެވެ. ވައިލެޓާއި ފިޔާތޮށިކުލައިން ހުރިހާތަނެއްވާއިރު ފިލްމެއްގެ މަންޒަރަކާއި ތަފާތެއްނެތްހާ ފުރިހަމައެވެ. ނަމަވެސް ރީތިވާ މޭޒުމަތީގައިވާ ސާމާނުތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ސޫރަތައް ކުރަހާފައިހުރި ބުދުތަކާއި ކުދި ބެއާތައް ހުއްޓެވެ. ފާރުގައިވެސް "ގޮތިކް" ސޫރަތަކާއި އެކު އެކިވަރުގެ ބޮޑެތި ބެއާތައް އެނދުގަޔާއި ދޫލަމައްޗަށް އުކާލާފައެވެ.
ހެނާއަށް އެކަމުން އުދަގޫވިއެވެ. ނަމާދުކޮށް އަޅުކަންކުރާ ތަނެއްގައި މިފަދަ ސޫރަތަކާއި ބެއާތައް ހުރެގެނެއް ނުވާނެއެވެ. ނަމަވެސް އެހެން ތަނެއްގައިވެސް ނަމާދު ކުރެވިދާނެއެވެ. މިވަގުތު އާސާއާއި އެވާހަކަދައްކައިގެން އެކުއްޖާގެ ހިތް ގޯސްކޮށްލުން ރަގަޅެއްނުވާނެއެވެ. ހެނާ މޫނުބަލާ ލޯގަނޑުން އޭނަގެ ސޫރައަށް ބަލައިލިއިރު ދެލޯ ދުޅަވެ ރަތްއަރާފައިވެއެވެ. ކައިރިފަށްވަނީ ކަޅުވެފައި ކަމުގައި ފެނުނެވެ. ހަނދާނަށް އަންނަންފެށީ އޭނައާއިމެދު ކަންތައް ކުރެވުނު އިހާނެތި ގޮތެވެ. އެކަމާއިމެދު ވިސްނައިގެން ހިތަށް ބުރަ އުފުލުމުގެ ބަދަލުގައި ތަސައްލީއެއް ލިބޭނީ އެހެން ކަމެއްކޮށްގެންނެވެ. ވިސްނުމެއްގެ ތެރޭގައި ހުރެފާ އޭނަ ގޮށްޖެހިފައިވާ އިސްތަށިގަނޑުގައި ފުނާއަޅަންފެށިއެވެ.
"ގުޑް މޯނިން ބެސްޓީ.... މިހިރީ ބްރެކްފާސްޓް....." އާސާ ކުއްލިއަކަށް ދާދި ކައިރިން ވާހަކަދެއްކި އަޑު އިވުމުން ސިހުނުވަރުން ހެނާގެ އަތުން ބުރުސްދޫނުވީ ކިރިޔާއެވެ. އެއާއިއެކުވެސް ހިނިތުންވެލާފައި އެނބުރި ބަލާލިއިރު ތަބަކުގައި ހުރި އެއްޗެހި ފެނުމުން ކުޅުދިޔާވާގޮތްވިއެވެ. އޮރެންޖް ޖޫހާއިއެކު ފަތާއި އެހެން އެއްޗެހި އެއްކޮށްގެން އަޅާފައިވާ ބިސްގަނޑާއި ޓޯސްޓް އަދި ކޮށާފައިހުރި އެކި ވައްތަރުގެ މޭވާތަކެވެ.
"ވާއު ތެންކިއު ......." ހެނާ ބަނޑުހައިވެފައި ހުރިވަރުން އަވަހަށް އުޅެގަތީ ކެއުމަށެވެ. ދެކުދިން ވެގެން ކެއުމަށްފަހު އާސާ ބޭނުންވީ ހެނާ މޭކަޕްކޮށްދިނުމަށެވެ. އެއީ ހެނާ ނުރުހޭކަމަކަށްވިޔަސް އޭނައިނީ އާސާއަށް ދޫކޮށްގެންނެވެ. ފައުންޑޭޝަންތަކާއި ފާޑުފާޑުގެ ލިޕްސްޓިކް ނެއިލް ޕޮލިޝް އަދި އައިލައިނާފަދަ އެއްޗެހިތައް އަތުރާލާފައި ހުއްޓެވެ. ބިއުޓިޝަނެއްފަދައިން އާސާ ޖައްސައިލިގޮތަށް ހެނާ އޭނަ ހަދާ އެއްޗެއް ހަދަން މޫނާއި އަތްތިލަ ދޫކޮށްލައިގެން އިނެވެ. މޭކަޕުން ނިމިގެން ދައްކައިލިއިރު އެހެން އަންހެންކުއްޖެއް ފެނުނުހެން ހީވިއެވެ. އެހާ ތަފާތެވެ.
"ހޫމް އެއްކަލަ އިނޮސެންޓް ހެނާ އިޒް ގޯން.." އާސާ ހެނާގެ މޫނު ލޯގަނޑާއި ދިމާލަށް އަނބުރުވާލަމުން ބުނެލިއެވެ. ހެނާ ހޭންފެށިއެވެ. ތެދެކެވެ. ލޯގަނޑުން ފެންނަން ހުރީ އެހެން މީހެކެވެ. އޭނަގެ އަމިއްލަ ސިފަކަމުގައި ގަބޫލުކުރަންވެސް ދަތިވިއެވެ. އާސާއާއި ދިމާވުމާއިއެކު މިކަހަލަ ކޫސަނި ކަންތައް ކޮށްފައި އެއުމުރުގެ އެހެންކުދިން އުޅޭގޮތަށް އުޅެވޭއިރު މަންމައަކަށްވާން އުޅޭކަންވެސް އިރުގަނޑަކަށް ހަދާން ނައްތާލާފައި ހުރެވެއެވެ. ނަމަވެސް ދޭތެރެއަކުން އެހަނދާންވެ ބަނޑުގައި ފިރުމާލާއިރަށް ޒޯހަންގެ ޚިޔާލުތައްވެސް އޭނަ ވަށާލައެވެ. އެކަމުން ދުވަހަކު ސަލާމަތްވާނެ ހެއްޔެވެ؟
ހެނާ ފޮރުވައިގެން އެގޭގައި ގެންގުޅޭކަން ނުބުނެ ހުރެވުނީ އެންމެ ތިން ދުވަހަށެވެ. އޭރުވެސް މިހުރީޒްއާއި ލޫސިއާން އަށް އެލްސާ ކޮށްގެން އުޅޭކަންތައް އެނގިތިބެ ނުދެނެހުރިކަމަށް ހަދައިލީއެވެ. އާސާ ކޮންމެ އިރަކު ކާން ގެނެސްދީ ބޭނުންވާ ހުރިހާކަމެއް ފުރިހަމަކޮށްދީފައިވާތީ ހެނާ ހުރީ ވަރަށް އުފާވެފައެވެ. ތިންވަނައަށް ވީ ދުވަހު އާދައިގެ މަތިން ކުޑަދޮރުން ބޭރަށް ބަލައިލިތަނާ ފެނުނު މަންޒަރަކުން ހެނާގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. މައިކަލްއާއި އަމީރާ ވާހަކަދައްކަން އެއްތާކު ތިބުމަކީ ބޮޑު ބިރަކަށްވިއެވެ. މައިކަލް އޭނަ ހުރިކަން އެނގިގެން ހޯދަން އައީކަން ޔަގީނެވެ. ކުޑަދޮރު ލައްޕައިލަން ނޭގި ޝޮކެއްގައި ހުއްޓާ ކުއްލިއަކަށް މައިކަލް އެދިމާލަށް ބަލާލާފައި ހީލިއެވެ. ދެވަނަ ސިކުންތުކޮޅުގައި އޭނަ އައިސް ހުރީ ގާތުގައެވެ. ހެނާ ދޮރު ލައްޕައިލަން އުޅުމުން އެދޭތެރެއަށް އަތް ލައްވާފައި ދޮރު ލެއްޕިޔަކަ ނުދިނެވެ.
"ކީއްކުރަން މިތަނަށް ތިއައީ؟ " ހެނާ ދެލޯ ބޮޑުކޮށްލައިގެން ހުރެ އަހައިލިއެވެ.
"ގެއަށް ގެންދަން......." މައިކަލް ހުރީ ފިސާރި ހަމަޖެހިލާފައެވެ.
"ހެނާ މިގޭގައި؟" އަނބުރާލާފައި ދާން އުޅުނު އަމީރާވެސް ދުވެލާފައި ކަހަލަ ގޮތަކަށް އައިއިރު ދެލޮލުން ހައިރާންކަން ފާޅުވާން ހުއްޓެވެ. ހެނާ މިގެއަށް އައިކަން އޭނައަށް ނޭގުނީ ކީއްވެހެއްޔެވެ؟ އެލްސާގެ ކޮޓަރީގައި ހެނާ ހުންނަންވީ ކީއްކުރަންހެއްޔެވެ؟
"އާސާ އަހަރެން ގޮވައިގެން މިގެއަށް އައީ. މިހުރިހާ ދުވަހު އާސާއަކީ ކޮންގެއެއްގެ ކޮންކުއްޖެއްކަން ނޭގިފައި ހުރީ. އެންމެފަހުން މައިކަލްއާއި ޒޯހަންގެ ހަގީގަތް އެނގުނީމަ އެރޭ ގެއިން ނުކުމެގެން އަންނަނިކޮށް އާސާއާއި ދިމާވީ އަހަރެންގެ ނަސީބު އެހންނޫންނަމަ ވަންނާނެ ހިޔާވައްސެއްވެސް ނުލިބޭނެ. މިހާރު އެމީ ކައިރީ ކީކޭ ކިޔާފައި މި ފިރިހެނާ މިއުޅެނީ؟ ރީތިކޮށް ވާހަކަދައްކައިގެން މީހުން އޮޅުވާލަން ވަރަށް ކުޅަދާނަވާނެ....." ހެނާ ރުޅިގަދަވެފައި ހުރިވަރުން މައިކަލްއާއި ދިމާލަށް ލޯ އަޅާލާފައި ބުނެލިއެވެ.
"މައިކަލް ކިހިނެއްވަނީ؟ ވީގޮތް ކިޔާދީބަލަ......." އަމީރާ އެނގެން ބޭނުންވާފަދަ ގޮތަކަށް މައިކަލްގެ މޫނަށް ނަޒަރު ހުއްޓައިލިއިރު ހެނާގެ މިޒާޖު ބަދަލުވެފައިވާވަރުން ސިހޭގޮތްވިއެވެ. ކުރިން ހެނާއަކީ ބަސްމަދު މަޑުމައިތިރިކުއްޖެކެވެ. އެގޮތަށް ލޯ އަޅަން ދަސްވީ ކޮންތާކުންހެއްޔެވެ؟ އޭނަގެ ސިފަތައް ހެނާ ވާރުތަކުރީ ބާވައެވެ. ހެނާ މިހާ ރުޅިގަދަ އަންހެންކުއްޖަކަށް ވީ ކޮން އިރަކުންހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ހެނާގެ ހުރިހާ ރުޅިއެއް މައިކަލްއަށް އަމާޒުވެފައިވާ ސަބަބު އަމީރާއަށްވެސް އެނގި އެކަމަށް ތާއީދުކުރެވުނެވެ. ހެނާގެ މަގާމުގައި އޭނަ ހުއްޓަސް ވާނީ އެގޮތެވެ.
"ހެނާއަށް ހަގީގަތް އެނގުނީ. ސޯ ޑައިޖެސްޓް ކުރުން ފަސޭހަކަމަކަށް ނުވާނެ........" މައިކަލް އޭރުވެސް ހުރީ ދޮރުގައި އަތްވިއްދާލައިގެން ފަރުވާކުޑަގޮތަކަށް ބަލާށެވެ.
"ފައިނަލީ ދޯ. ހެހެ. އެންމެނަށްވުރެ ކުރިން އަހަންނަށް ތިހުރިހާކަމެއް ފަޅާއަރައިފި. ކޮންމެހެން ނެންސީ ޑްރޫއަކަށް އެކަނި ނޫން ކޭސްތައް ސޯލްވްވާނީ. ކިއުރިއަސްވިވަރުން މައިކް ޓޮއިލެޓަށްވަން ވަގުތު ބަލާފައި އަހަރެން އެތަނަށްވަދެ ރޫމް ހޭވީ......." އަމީރާ މަޖާވެގެން ހީހީފައި ހެނާއަށް އެވާހަކަ ކިޔާދިނުމުންވެސް ހެނާ ހިންޏެއް ނައެވެ. މައިކަލްގެ ތަޅުދަނޑި މަދުވީ ސަބަބު އޭރު ވިސްނަ ވިސްނާ ނޭގުނީ އެހެންވެކަން މައިކަލްއަށް އެނގުމުން ޚުދު އޭނައަށްވެސް އެކަން މަޖާކަމަކަށްވިއެވެ. އަމީރާގެ ކެރޭކަމާއި ކުޅަދާނަކަން އަދި ޝައުގުވެރިކަމުގެ ސަބަބުން ކޮންމެފަދަ ބިރަކާއި ކުރިމަތިލަފާނެ ކަހަލަ އަންހެންކުއްޖެއްކަން ވިސްނުނެވެ. ހެނާގެވެސް އެސިފަ ފޮރުވިފައި އެބަހުއްޓެވެ. ވަގުތު ޖެހުމުން އަމީރާގެ ސިފަތައް އޭނަވެސް ހޯދައިގެންފިއެވެ. އެއީ މައިކަލް ގަޔާވާ ސިފައެކެވެ. އޭނަފަދަ ބިރުކުޑަ ޖެހިލުންކުޑަ މީހަކާއިއެކު އުޅެން ހެނާވެސް އެހެރީ ތައްޔާރުވެފައެވެ. ފިޑިކަމާއި ޖެހިލުންވުން އެއްކޮށް ނެތިއްޖެއެވެ.
"ހެނާ މިހުރިހާ ދުވަހުވެސް ފިލައިގެން ކަމަށް ހީކުރިޔަސް އަހަންނަށް ފެނުނޭ އާސާއާވެސް. ޒޯހަން ފަހަތުން ދާން އުޅުނީމަވެސް ބުނިން އޭނައަށް ނުފެނޭ މީހުން އަހަންނަށް ފެންނަ ވާހަކަ. އެލްސާ އާސާގެ ސިފަ ޖެހިގެން ހެނާއާއި ރައްޓެހިވެގެން އުޅެއުޅެފާ ފަހުން އަހަރެންދެކެ ބިރުން އެގެއާއި ކައިރިނުވެ ހުރީ....." މައިކަލް ބުނެދިނެވެ.
"ވަޓް؟ " ހެނާ ދެލޯ ކުރިއަށްވުރެ ބޮޑުކޮށްލިއެވެ.
"އާން ހެނާ ޝީޒް އެ ގޯސްޓް. ހެނާމެން ކިޔާގޮތުން ވިއްޔަ ހަންޑި އަންހެންކުއްޖެއް. އާސާގެ އަސްލު ސިފައިގައެއްނޫން ހެނާއަށް ފެންނަނީ. އާސާ އައުމުން ބުނަންވީނު އަސްލު ސިފައިގާ ފެންނާށޭ. އާސާއަކީ ރަފައެލްއާއި ލޫސިއާންގެ ޖިންނި އަންހެންކޮއްކޮ......." މައިކަލްގެ ވާހަކަތަކުން ހެނާގެ މޫނު ހުދުވެ އަނބުރައިގެންފާނެހެން ހީވިއެވެ. އަމީރާއަށް އެހާވަރުގެ ޝޮކެއް ނުލިބުނެވެ. އޭނަވަނީ ޖިންނިންގެ ދުނިޔެއަށް ހޭނި އެދިރިއުޅުމުގެ ބައިވެރިޔަކަށްވެފައެވެ. ހެނާ ގެ ދެލޮލުގެ ކުރިމަތީގައި ފިލްމެއްގެ މަންޒަރުހެން ނިއުޅެންފެށީ އާސާއާއި ދިމާވި އެކި ދުވަސްތަކެވެ. ބިރެއްނެތި އެކުއްޖާ ދަންވަރު މަގުމަތީގައި އުޅޭގޮތެވެ. ކޮޓެޖާއި އޮތް ގުޅުމެވެ. އެރޭވެސް ކުއްލިއަކަށް ގަސްތަކުގެ ތެރެއިން ނިކުތްގޮތެވެ. އަތްތިލަ ހޫނުވެގެން އަބަދު ހުން އައިސްފަ ހެއްޔޭ ކިޔައިގެން އޭނަ ސުވާލުކުރާވަރެވެ. އާސާ ޖަހައިލާ ހިނިގަނޑެވެ. އާއިލާ ފޮރުވައިގެން އުޅުނު ގޮތެވެ.
"ހެނާ ބޭނުން ދުވަހަކަށް މިގޭގައި އުޅުނަސް އަހަރެންގެ ފަރުވާލެއްނެތް. އެކަމަކު އެންމެފަހުން އަންނާން ޖެހޭނީ މަގޭ ގާތަށްކަން ހަނދާންކުރަންވާނެ. ދުނިޔެއަށް އެނގިފައިވަނީ ހެނާއަކީ އަހަރެންގެ އަނބިމީހާގެ ގޮތުގައި. އެކަން އޮންނާނީވެސް އެގޮތަށް. ވީމަ މީގެފަހުން ޒޯހަންއާއި އަނގައިން ބުނަން އުޅުނަސް އަހަރެންނަށް މަޖުބޫރުވާނެ ކޮންމެވެސް ގޮތެއްހަދަން....އޯކޭ؟ " މައިކަލްގެ ރާގު ހުރީ އިންޒާރުދޭފަދަ ގޮތަކަށެވެ. އަމީރާއާއި ހެނާ އެކަމާއި ހިތްހަމަނުޖެހިގެން ޒުވާބުކުރަން ފެށުމުން މައިކަލް ތަނަކަށް ދާން ލަސްވަނީއޭ ކިޔާފައި އެގެއިން ނުކުމެގެން ދިޔަތަން ބަލަން ހުރެފާ ލޫސިއާން ފާޅުވުމުން ހެނާ ސިހޭގޮތްވިއެވެ. ޖިންނިންނާއިއެކު އޭނަގެ ދޮންތަ ކިތަންމެ ހަމަޖެހިލައިގެން އުޅުނަސް އޭނަގެ ހިތަށް ބިރުވެރިކަންވަދެއެވެ. ނަމަވެސް އޭނަ އާސާދެކެ އެއްގޮތަކަށްވެސް ރުޅިއެއްނައެވެ. ދުރަށް ދާކަށްވެސް ބޭނުމެއްނުވިއެވެ. އާސާގެ އަސްލު ސިފައަކީ ކޮބާބާވައޭވެސް ހިތަށް އެރިއެވެ. އޭނަ ހުރީ އާސާ ނުފެނިފައެވެ.
ރަފައެލް އޭނަގެ މަންމަގެ ޑައިރީ ކިޔާނިމުނުއިރު ހިތުގައިވި ހުރިހާ ސުވާލެއްގެ ޖަވާބު ލިބިއްޖެއެވެ. މަންމަ ރަފައެލް ވިހެއީ ވިޔަފާރިވެރިއެއްކަމަށްވާ ނާޒިމްއާއި ކައިވެނިކޮށްގެން އުޅެނިކޮށެވެ. އޭރުވެސް މަންމައާއި މިހުރީޒު ސިއްރުން ގުޅުން ބާއްވައެވެ. އެހެންވެ ކުރީކޮޅު މަންމަ ހީކޮށްފައިވަނީވެސް ރަފައެލްއަކީ މިހުރީޒުގެ ދަރިއެއްކަމަށެވެ. މިހުރީޒް ފަހުންވެސް ބައްޕަ ކިޔުއްވައިގެން އުޅޭއިރު ފަހަރެއްގައިވެސް އޭނައާއި އެހެން ދަރިން ތަފާތެއް ނުކުރެއެވެ. ލޫސިއާންއާއި އެލްސާއަށްވުރެވެސް އޭނަދެކެ ލޯބިވާހެން ހީވެއެވެ. އަހަރެންގެ ރަފައެލްއޭ ކިޔައިގެން ވާހަކަދައްކާގޮތުންވެސް އެހިތުގައިވާ ލޯތްބާއި ކުލުނު ހާމަވައެވެ. ކޮންމެގޮތެއްވިޔަސް މަންމަ ބުނެފައިވާ ގޮތުން މައިކަލްއަކީވެސް ރަފައެލްގެ ބައްޕަގެ ދަރިއެކެވެ. ވީއިރު އޭނަގެ ބައްޕަ ނާޒިމް މަންމައާއި ކައިވެނިކޮށްގެން އުޅެމުންވެސް ބޭވަފާތެރިވީއެވެ. ނަމަވެސް ކުށްވެރިއަކީ އެކަނި ބައްޕައެއް ނޫންތާއެވެ. މަންމަވެސް އެވަނީ ސިއްރުން ޖިންނި ލޯބިވެރިޔާއާއިއެކު އޭރުއްސުރެ ގުޅުން ބާއްވާފައެވެ. ދުނިޔެ ދަންނަ ގޮތުން ލޫސިއާންއާއި އެލްސާއަކީވެސް ނާޒިމްގެ ދަރިންނެވެ. ނާޒިމް ނަބީލާ ދޫކޮށްފައި ދިޔަކަން ދެނެހުރީ މަދުބަޔެކެވެ. މިހުރީޒް ނާޒިމްގެ ސިފައިގާ އެގޭގައި އެހެން މީހުންނަށް ފެނިގެން އުޅެ އެތައް އަހަރުތަކެއްވާންދެން އެރަށު މީހުންގެ ލޮލުގައި އަނދުން އެޅުވިއެވެ. އެހެންވެ ލިބުނު ދަރިންވެސް ރެޖިސްޓަރ ކުރެވުނީ ހަމަ ނާޒިމްގެ ދަރިންގެ ގޮތުގައެވެ. ނާޒިމްގެ ވިޔަފާރީގައި ޝާމިލުވެގެން ރަފައެލްއާއިއެކު ލޫސިއާން އުޅުނުއިރު މިއަދު ނާޒިމް އެވަނީ ދުނިޔެ ދޫކޮށް އެންމެނާއި ވަކިވެގެން ގޮސްފައެވެ.
މާމަ ބުނާގޮތުން ވިއްޔާ އޭނަގެ ބައްޕައަކީ އަޚުލާގު ރަގަޅު ތެދުވެރިޔެއެކެވެ. އެހެން އަންހެނުންނާއި ގުޅުން ބާއްވާ ޒާތުގެ ފިރިހެނެއްނޫނެވެ. ނަމަވެސް މަންމަގެ ވާހަކައިން އޭނަގެ ހިތްވެސް ވަނީ ޝައްކުން ފުރިފައެވެ. މައިކަލް ފެނުމުން އޭނައަށް ބައްޕަގެ ފޮޓޯތަކާއި އަޅާ ކިޔާލެވެނީއެވެ. ތެދެކެވެ. ބައްޕައާއި ތަފާތެއްނެތް ފުން ދެލޯ މައިކަލްއަށް ލިބިފައިވެއެވެ. މައިކަލްއަށް ނޭގިނަމަވެސް އޭނަގެ އަމިއްލަ ބައްޕަގެ އޮފީހުގެ އިސް މަގާމެއްގައި ހުރެވުނުކަމީވެސް އިއްތިފާގެކެވެ. މައިކަލް އަމީރާއާއި ދިމާލަށްވަނީ ރަފައެލްއަށްވުރެވެސް އޭނަ އެތަނަށް ބާރުގަދަ ކަން އެގޭކަހަލަ ގޮތަކަށް ވާހަކަ ދައްކާފައެވެ. ހުރިހާކަމެއް ކޮށް އެތަން ހިންގާމީހަކީ އޭނަކަމަށް އެބުނީ ދޮގެއްވެސް ނޫނެވެ. މިކަންތައް މައިކަލްއަށް އެނގުމުން ހިތަށް އަރާނީ ކީކޭބާވައެވެ. ތިމާއަކީ ނަހަލާލު ގޮތުގައި ލިބިފައިވާ ކުއްޖެއްކަން އެނގިއްޖެއްޔާ އެހިތް ހަލާކުވެދާނެއެވެ. ނޫނެކެވެ. މައިކަލްއަކީ އެކަހަލަ ކަންތައް ވިސްނާނެ މީހެއްނޫނެވެ. ވަރަށް ވަރިހަމަކަން ބޮޑު ޒުވާނެކެވެ. ދެރަވާން ދަންނަ ހެނެއްވެސް ހިޔެއްނުވެއެވެ. ފާޅުގައި އެހާ ނުބައިކަން ބޮޑު ކަމެއް ކުރާންފެށި މީހަކު ޖެހިލުންވާނީ ކޮންކަމަކަށް ހެއްޔެވެ؟
"ސޯ ހީޒް ފެމިލީ ޓޫ. ވީއިރު އޭނަ އެކުރާ ނުބައި ކަންތައްތަކުން ގެއްލުމެއް ނުލިބެނީސް އެކަންތަކުން މައިކް ސަލާމަތްކުރުމަކީ އަހަންނަށް ވާޖިބެއް. އެހެންވެ ދޯ އޭނަ ފެނުމުން ލޫސިއާންގެ ގޮތުގައި ބެލެވެނީ. އެފަދަ ގާތް ގުޅުމެއް އޮތްކަން އިހުސާސްކުރެވި އެފަދަ ކުލުނެއް ހިތުގައި އޮތީ. މައިކްއަށްވެސް އެހެން ފީލްވޭ ބާ..." ތަފާތު ޚިޔާލުތަކުގައި ގެނބެމުން ދަނިކޮށް ރަފައެލްގެ ހިތުގެ ލޯގަނޑަށް އެރީ އަމީރާގެ ރީތި ސޫރައެވެ. ހިނިތުންވެލާގޮތެވެ. އެ ކެރޭ އަންހެންކުއްޖާ އޭނަގެ ހިތަށް ދޭތެރެއަކުން ގޯނާކުރާވަރުން އެހެން ކަމަކަށް މާގިނައިރުވަންދެން ގެއްލިފައި އިނދެވެނީއެއް ނޫނެވެ. ހިތަށް ވިސްނާދޭން މަސައްކަތްކޮށްކޮށް އޭނަ ވަރުބަލިވެއްޖެއެވެ. ނަމަވެސް ހަގީގަތަކީ އޭނަގެ ހިތުން އަމީރާގެ ލޯބި ފޮހެލަން ދަތިވިކަމެވެ. ލޫސިއާންއަކީ ކޮއްކޮ ކަމުގައިވިޔަސް އޭނައާއި އަމީރާ ގުޅިގެން އުޅުން ހުއްދަކަމަށް ހިތަށް ގަބޫލުނުކުރެވުނު ކަމެވެ. ނަމަވެސް އޭނަ ކެތްކުރާނެއެވެ. އެހެން މީހުންނަށް އެހަގީގަތް ފޮރުވަން އޭނަ ވީހާވެސް ވަރަކުން މަސައްކަތްކުރާނެއެވެ.
މައިކަލް ފެންޑާގައި އެކަނިމާ އެކަނިއިނެވެ. ސިގިރެޓަކަށްފަހު ސިގިރެޓެއް ހުލިކުރާން އިންއިރު އޭނަ ހައިރާންވީ މިހުރިހާ ދުވަހު އޭނަގެ ނަސްލު އޭނައަށްވެސް އޮޅިފައި އޮތުމުންނެވެ. އެ އެނގުނުކަމަކުން އޭނަފަދަ ހިތްވަރުގަދަ މީހާއަށްވެސް ބުނަންނޭގޭފަދަ ޝޮކެއް ލިބިއްޖެއެވެ. މަންމަ ބުނަން އެއުޅުނު ސިއްރުގެ އެއްބައި އެނގުނުއިރު އަނެއްބައި އެއޮތީ ފޮރުވިފައެވެ. އެކަން އޭނަ ޖެހޭނީ ހޯދާށެވެ. މައިކަލް އެތެރެއަށް ވަދެފައި ކުޑަކޮށް ތާޒާވެލައިގެން ނުކުތްއިރު އެފަން އިސްތަށިގަނޑު އޮތީ ކޮންމެވެސް ވަރަކަށް ތެތްކޮށެވެ. އޭނަ ކޮޓެޖަށް ދާން ނައްޓާލިއިރު ކުރިއަށްވުރެ ބޮޑަށް އޭނައާއި އެގެއާއި ދެމެދު ގުޅުމެއް އޮތްކަން އިހުސާސްކުރެވިފައިވެއެވެ.
ރަފައެލް ފަހަތުން އައިއިރު މައިކަލް ހުރީ ފާރުގައި ހުރި ނާޒިމްގެ ބޮޑު ތަސްވީރަކާއި ދިމާލަށް ބަލަހައްޓައިގެންނެވެ. މައިކަލް އެނބުރި ބަލައިލުމުން ރަފައެލް ހީލިނަމަވެސް މައިކަލްގެ މޫނުމަތިން އެއްވެސް ޝުއޫރެއް ފާޅެއްނުވެއެވެ.
"ތިއީ މައިކްގެ ބޮސް......." ރަފައެލް އެއް ބުމަ އަރުވައިލިއެވެ.
"އެހެންވެ ހިންދޫން ހަދާހެން ރެސްޕެކްޓްކުރަންވެގެން ކައިރިއަށް އައީނު. މިގެއަށް ދެން ގިނަގިނައިން އާދެވޭނެއްނު މަގޭ މިލްކެއްވިއްޔަ ރަފައެލްގެ ކޮއްކޮ ފޮރުވައިގެން ގެންގުޅެނީ..." މައިކަލް ޖިންސްގެ ޖީބަށް ދެއަތް ޖަހައިލުމުން ވަކިން ސްމާޓްކަމަށް ފެނުނެވެ. ރަފައެލް ސުވާލުކުރުމުން މައިކަލް ވެގެން އުޅޭގޮތް ކިޔާދިނެވެ. އެލްސާ ހެނާ ގޮވައިގެން އެގޭގައި ގެންގުޅޭކަމަށް ބުނުމުން ރަފައެލްވެސް ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ހެނާއާއިމެދު ހިނގައިގެން އުޅޭކަމެއް އޭނައަށް އެނގިފައި ނެތުމުން އެލްސާ އެކުރީ ކުށެއްކަމަށް އޭނަ ނިންމިއެވެ. އެލްސާ އެގޮތަށް މައިކަލްއަށް ލަނޑުދޭންވެގެން އުޅުމަކީވެސް އޭނަ ހިތްހަމަނުޖެހުނުކަމެކެވެ. ރަފައެލްއާއި މައިކަލްގެ ގުޅުމެއް އޮތްކަން ނޭގުނުއިރުވެސް މީހުން "ޕްރޮޓެކްޓް" ކުރުމަކީ ރަފައެލް ކުރާކަމެކެވެ. ވީއިރު އަދި އެއްބަފާކަން އެނގުމުން އެކަން ކިހާ ވަރުގަދަވާނެހެއްޔެވެ؟
ކުއްލިއަކަށް ދާދި ކައިރިން ހިޔަންޏެއް ފަދައިން ފެނިލުމާއިއެކު އޭމޮންގެ ސިފަޖެހުނެވެ. އިސްތަށިގަނޑު ދިގުކޮށްލާފައި އޮތްއިރު އެއްބައި މޫނަށް އެޅިފައިވެއެވެ. ބިންމަތީގައި ދެފައި ޖައްސާނުލާ ހުރިއިރު ވައިގެތެރޭގައި އުޅުމަކީ ކިހާ "ކޫލް" ކަމެއްކަން އެނގިހުރެ މައިކަލް ބަލަން ހުރީ ހަސަދައިގެ ނަޒަރުންނެވެ. އެފަދަ ބާރެއް ހޯދަން އަބަދުވެސް މައިކަލް ބޭނުންވާތީއެވެ. އިންސާނަކަށްވެހުރެ ޖިންނިން ކޮންޓްރޯލް ކުރެވޭތީވެސް މައިކަލް ހުންނަނީ ބޮޑާވެފައެވެ. އޭނަ ބޭނުމީ ދުނިޔެވެސް މުށުތެރޭގައި ލައިގެން ގެންގުޅެންކަހަލައެވެ.
"މަންމަ އެހާ ނުރުހޭއިރު މިގެއަށް ވަންނަނީ ކީކޭ ހިތަށް އަރައިގެންތަ؟ ތިއުޅެނީ ބޮނޑިއެއް ބޯ ހިތުން. އޭރަށް ކަލެއަށް އެއްޗެއް ވިސްނޭނީ. ނޫނީ އަމީރާގެ ފަހަތުންތަ ތިއުޅެނީ އަދިވެސް؟ " ލޫސިއާންވެސް ބިރުކުޑަކޮށްލާފައި މައިކަލްގެ ކުރިމައްޗަށް އެރީ ފުރާނައާއިމެދުވެސް ފަރުވާލެއް ނުބަހައްޓައެވެ. މައިކަލްގެ އެހެރަ ފޮނިކަމާއި ބޮޑާކަމުން އެމީހުން ދިރިއުޅޭ ގެއަށްވަދެ ފުރައްސާރަކުރަން ފެށުން އެއީ ކުޑަކަމެއްހެއްޔެވެ؟
ބައްޕަވަނީ މައިކަލްއާއި ދިމާނުކުރަން އަންގާފައެވެ. މައިކަލް އެގެއަށް އަޔަސް ދުރުގައި ތިބެން އެ އާއިލާގެ އެންމެނަށް އަންގާފައެވެ. މިހުރީޒްގެ ނިންމުންތަކަށް އިހިތިރާމް ކުރުމަކީ އެންމެން ވާޖިބެއްގެ ގޮތުގައި ކުރާ ކަމަކަށްވިޔަސް އެ ބަހާއި ދެކޮޅުވީ ލޫސިއާންއަށް ކެތްނުކުރެވޭވަރު ވުމުންނެވެ. މައިކަލް އާއި ދެމީހުން ހަގުރާމައަކަށް ދާންޖެހުނަސް ހެޔޮކަމަށެވެ. ކޮންމެވެސް އެކަކު ނިމިގެން ދާނެ ނޫންހެއްޔެވެ؟
"ލޫސިއާން. އަހަރެން ނޫޅެން ޖަދަލުކުރާކަށް. ތިއީ ޖިންނިއަކަށް ލިބިފައިވާ ދަރިއެއް. ޖިންނިންގެ ސިފަ ހުރިއެއްކަމަކު އަދި އަހަންނަކަށްވުރެ ބާރުގަދައެއްނުވާނެ. ބާރެއް ލިބިފައިވާކަމަށް ހީކުރާނަމަ އެއީ ލޫސިއާންގެ މޮޔަކަން. އަހަރެންގެ ގާތުގައި އަތްފަޔެއްވެސް ހަލުވައެއް ނުލެވޭނެ. ފޮނިދައްކަން އިންސާނުންނަށް ނުކުރެވޭ ކަމެއް ތިކުރަނީ އަލިފާނުން ހެއްދެވިފައިވާތީ. އަހަންނަށް ލިބިފައިވާ ބާރެއް ލޫސިއާންގެ ވެސް ނުހުންނާނެ. ސޯ އެކަން ދެނެގެން މައިތިރިވެގެން ހުރޭ އަންދާނުލަނީސް. ބޭނުންނަމަ އަމީރާއާއި ވެސް އިންނަން އަހަންނަށް ކުޅަދާނަ. އަޅާނުލާ މަޑުން ހުރީތީ ޝުކުރުކުރޭ. އޯކޭ؟ " މައިކަލް ނުލަފާ ހީލުމަކާއިއެކު ކިޔާލައިފިއެވެ. އޭނަގެ ވާހަކަ ހުރިގޮތުން ރަފައެލް މާޔޫސްވިއެވެ. މައިކަލް މިހާ ފާޑެއްވެގެން އުޅެނީ ހަމަ ލިބިފައިވާ ކުޑަ ބާރަކުން ބާވައެވެ. ކުޑަކޮށްވެސް ހެއްދެވި ފަރާތްދެކެ ބިރުނުގަންނަނީހެއްޔެވެ؟ ޝައިތާނީ ބާރު ހޯދައިގެން ނަރަކައަށް ދާން ޖެހިލުމެއްނުވާނީ އަމިއްލަ ހަށިގަނޑު ދެކެ ކުޑަކޮށްވެސް ލޯބިނުވާތީތާއެވެ. ލޫސިއާން ދެލޯ އަޅާލައިގެން ހުރިއިރު އެދެލޯ އަނގުރު އަލިފާންފަދައެވެ. ލޫސިއާން ކުއްލިއަކަށް ވެމްޕަޔަރެއްފަދައިން ވައިގެ ތެރޭގައި ފުންމައިގެން މައިކަލްއާއި ދިމާލަށް އައިގޮތުން ރަފައެލްވެސް ސިހޭގޮތްވިއެވެ. ނަމަވެސް ލޫސިއާންއަކަށް މައިކަލްގެ ގައިގާ އިނގިލިކުރިވެސް ޖައްސާނުލެވުނެވެ. ކުއްލިއަކަށް ހީވީ ނުފެންނަ ބާރަކުން ލޫސިއާންގެ ގައިގާ ހިފާ ފަހަތަށް ދަމައިގަތްހެނެވެ. ލޫސިއާން އެހިފަހައްޓާފައިވާ ބަޔެއްގެ އަތްދަށުން ވީއްލިގަންނަން މަސައްކަތްކުރިޔަސް އެ މާރިދުންނާއި ބަލާއިރު ލޫސިއާން ކުޑަކުއްޖެކޭ އެއްވަރުވިއެވެ.
"ވަޓް ދަ ހެލް އާރ ޔޫ ޑުއިން........ސްޓޮޕް އިޓް...." ރަފައެލް މައިކަލްއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. އޭރު ރަފައެލްގެ ހިތަށް ބިރުވެރިކަންވަދެ ނިތްކުރިން ދާހިއްލާލައިފިއެވެ. މައިކަލް އޭނަގެ ކޮއްކޮއަށް ކޮންމެފަދަ ބޮޑު ގެއްލުމެއްވެސް ދީފާނެއެވެ. އަންދާލާނަމޭވެސް ބުނެލީ ދިމާލަށެވެ. އެފަދަ ކަމެއްކޮށްފިއްޔާ އޭނަ މައިކަލްއަށް މާފުކުރާނީވެސް ކިހިނެއްހެއްޔެވެ؟