"މިސް އަމީރާ. ވާނުވާ ރަގަޅަށް ބަލާފައެއްނު ޚަބަރު ގެނެސްދޭންޖެހޭނީ. ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ތި ޚަބަރު ގެނެސްދިނީ........." ބޮސް ހުރީ ވަރަށް ނުރުހިފައެވެ.
"ކިހިނެއްވީތޯ ސަރ......." އަމީރާގެ ހިތް ތެޅިގަތީ ވަކިގޮތެއް ބަލާފައެއް ނޫނެވެ. ނިތްކުރީގައި ފިނިދަލެއް ހިއްލާލައިފިއެވެ. އެހާވަރަށް ތައުރީފުކޮށްފައި ބޮސް ރުޅިއަންނަންވީ އޭނައަށް ނުބައި އެއްޗެއް ލިޔެވިގެން ހެއްޔެވެ؟ ނޫނީ ޚަބަރު ގެނެސްދެވުނު ގޮތަކުން ހެއްޔެވެ؟ އަމީރާގެ ނަން ކިޔާލާގޮތް އެހެން މީހުނާއި ހާދަ ތަފާތެވެ. ބޮސްގެ އަޑުގައި ދަމައިގަންނަގޮތެއް ހުންނަނީހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް އަޑު ރީތި ފިރިހެކެނެވެ. ތިމާއަށް ތިމާ ފެނިފައި ހުންނަ ފާޑުޖަހައެވެ. އަމުރުވެރިކަމާއިއެކު އަޑުގައި ބޮޑާގޮތެއްވެސް ހުންނަނީއެވެ. އެންމެ ރުޅިއަންނަނީ މިސް އަމީރާއޭ ކިޔާފައި މުޚާތަބުކުރާތީއެވެ.
ބޮސް އިތުރު ތަފްސީލުދޭކަށް ނޫޅެ ފޯނު ކަނޑާލުމުން އަމީރާގެ މޫނުމަތީގައި ޖެހި އެތިފަހަރަކަށްވިއެވެ. ހިތަށް ލިބުނު ދަތިކަން ރުޅީގެ ސިފަ ޚިޔާރުކޮށް އެމޫނުމަތި ރަތްކޮށްލީ ދާދިއަވަހަށެވެ. އާއްމުކޮށް ދިވެހިންގެ ހުންނަ ހަމުގެ ކުލައިން ބްލަޝްވާ ބަޔެއް ނޫނެވެ. ދޮންކުދިންގެ މޫނަށްވެސް ރަތްކުލަ އެރުން އާއްމެއްނޫނެވެ. އޭނަގެ މޫނަށް ރަތްކުލަ އަރާފައި ކަޅީގައި އަޅިކުލަ ހުންނާތީ އޭނައާއި ދިމާލަށް މީހުން ހައިރާންކަމާއިއެކު ބަލާކަން އޭނަދަނެއެވެ. މިފަހަރުވެސް އެއްލި ކަޅިއަކުން ލޯގަނޑަށް ބަލައިލެވުނުއިރު މޫނު އެއްކޮށް ފިޔާތޮށިކުލަ އަރާފައިވާތަން އަމީރާއަށް ފެނުނެވެ.
"ފޮނި ފިރިހެނެއް، ދެން ކުށެއްކުރެވުނިއްޔާ ބުނީމައެއްނު ރަގަޅުކުރެވޭނީ، އެހެންނޫސްތަކަށްވުރެ ކުރިން އެކަހަލަ ޚަބަރެއް ގެނެސްދިނީމަވެސް ލިބުނު އިނާމަކީ މިއީ. ގޯސްކަމެއް ކުރެވުނަސް އަދި ބުނާކަށްވެސް ނޭގޭ، ހަމަ ބަވާލަންވީ. މިހާރު ކުރިމަތީގައި ހުރި ނަމަ އެ ފިރިހެނާގެ މޫނުމަތީގައި ޖަހާނަން. ހީކުރަނީ އަހަރެން ބިރުގަންނާނެކަމަށްތަ؟ ޓޯޓަލީ ރޯންގް. ތިގޮތަށް އަޅުވެތިކޮށްގެނެއް މި ޒަމާނުގައި ނުގެންގުޅެވޭނެ. ބުލީކުރިޔަކަ ނުދޭނަން. ރެސްޕެކްޓް ހޯދޭނީ އެހެންމީހުންނަށްވެސް ރެސްޕެކްޓްކޮށްގެން ކަން އެނގެން ޖެހޭނެ ސަރ އެއްކަމަކު..........." އަމީރާ ކުޑަދޮރުން ބޭރަށް ބަލައިލިއިރު ވާރޭ ތުނިކޮށް ވެހެންފަށައިފިއެވެ. ހެނާ ފާޚާނާއިން ނުކުމެ ނަމާދުކުރަން މުސައްލަނެގިއެވެ.
"މިގަޑީގައި ހެނާ ކޮން ނަމާދެއްތަ ތިކުރަނީ؟ " އަމީރާ އަހައިލިއެވެ.
"ޟުހާ ނަމާދު......" ހެނާ ތުވާލިކޮޅަކުން މޫނު ހިއްކައިލިއެވެ.
"ގުޑް ގާލް....." އަމީރާގެ ހިތްވެސް ތައުރީފުކުރިއެވެ. އޭނަ އެހެން ކަންތައްތަކާ މަޝްޣޫލުވެގެން އުޅޭއިރު ހެނާ ނަމާދުކުރުމުގައި ހާދަ ފަރުވާތެރިއެވެ. ސުންނަތް ނަމާދުތައްވެސް ކުރަނީއެވެ. އަމީރާ ހަނދާން ހުންނަން ފެށީއްސުރެން ހެނާ އެންމެ ނަމާދެއްވެސް ވައްޓާނުލައި ފަރުވާތެރިކަމާއިއެކު ކުރެއެވެ. ފަތިހަށް ކުޑަކޮށް ކަންނެތްވިޔަސް އިރުއެރުމުގެ ކުރިން ކޮންމެގޮތެއް ހަދާފައިވެސް ނަމާދު ކުރާނެއެވެ. ކިތަންމެ ގަދަޔަށް ހުމާއި އޮތަސް ވަރިހަމައެވެ.
"ކީއްވެ ތިހާ ހާސްވެފައި ތިހިރީ؟ ސުއިސައިޑްކުރި ކުއްޖާއާއިމެދު މާބޮޑަށް ވިސްނާހެންހީވޭ......." ހެނާ މުސައްލަމަތީގައި އިށީދެ އިސްޓާކީނުލާން ފެށިއެވެ. އޭނަވެސް އިނީ އެކުއްޖެއްގެ މަރުގެ ޚަބަރު އިވުނީއްސުރެން ހިތަށް ނުބައި އަސަރުތަކެއް ކޮށްފައެވެ. އެކަމުގެ ތަފްސީލް އޮޅުން ފިލުވާހިތުން ކެތްމަދުވެފައެވެ. އެކުއްޖާވެސް އޭނަފަދަ އެކަނިވެރި ހިތާމަވެރި ކުއްޖެއްބާވައެވެ. ދުނިޔެއާއިމެދު ނާއުއްމީދުވާނީ އެކަނި އޭނަފަދަ އަންހެންކުދިންނެވެ. އަމީރާފަދަ ކުދިން އުޅެނީ ކޮންފަދަ އުފަލުގައިހެއްޔެވެ؟
"ނޫނޭ، ބޮސް ރުޅިއައީމަ މައްސަލައަކީ. ލޮލަށް ފެންނަ މީހެއްވެސް ނޫނޭ. އެކަމަކު ގުޅާފައި ބަވަން އެނގުނީ. އެބައަންނަން ބޭރަށް ގޮސްލާފައި....." އަމީރާ ވާހަކަދައްކަމުން ނުކުމެ ދޮރުލައްޕައިލިއެވެ. ވާރޭ ބޯކޮށްލިނަމަވެސް ކުޑަ ނަގައިގެން އޭނަ އަވަސް ފިޔަވަޅުތަކެއްގައި އެހިސާބަށް ދިޔައިރު އެތަނުން ބަޔެއްގެ ހިލަމެއް ނުވެއެވެ. އެކަމަކު ދަންޖެހިފައި ހުރި އަންހެންކުއްޖާ އެހުރިގޮތަށް ރުކުގައި އެލުވިފައި ހުރިތަން ފެނިފާ އަމީރާގެ ހިތަށް ނުބައިގޮތެއްވިއެވެ. ދުއްވައިގަންނަން އުޅެނިކޮށް ކޮންމެވެސް މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުނުހެން ހީވެގެން ބަލައިލިއިރު އޭނައާއި ދެބެންގެ ދެދަރި މައިކަލް ވާރޭ ކޯޓުލައިގެން އައިސް ހުއްޓެވެ. ބޮސް ފިޔަވާ އޮފީހުގައި އިސްވެރިއަކަށް ހުންނަ މީހަކީ މައިކަލްއެވެ.
"އެމީ. ދަންޖެހިފައި އެހެރީ އަންހެންކުއްޖެއް ނޫނޭ. މިބުނީ އިންސާނެއްވެސް ނޫނޭ އެއީ. ހަދާފައި ހުރި ބުދެއްފާޑުގެ އެއްޗެއް ދަން ޖައްސާފައި އެހެރީ. އެންމެންވެސް އޮޅޭގޮތްވި. އެވަހެއް ދުވީވެސް މަރުވެފައި އޮތް ބުޅަލެއް އޮތީމަ. ބުޅާ ނެގީމަ އެވަހެއްވެސް ނުދުވާ..............." މައިކަލް ކިޔައިދިނެވެ. އަމީރާ އެވަރުންވެސް ޔަގީންކުރަންވެގެން އެބުދު ކައިރިއަށްގޮސް ބަލައިލިއެވެ. ތެދެކެވެ. އެއީ ހަދާފައިހުރި އެއްޗެކެވެ. މީހަކާއި ވައްތަރުކޮށް ހަދަން ހާދަ މޮޅެވެ. ދުރުން ބަލާލާފައި އެއްވެސް މީހަކަށް އެކަމެއް ޔަގީނެއް ނުވާނެއެވެ. މިހާ ނުބައި ޖޯކެއް ޖަހައިލީ ކާކުބާވައެވެ. އެހާ އިންސާނަކާއި ވައްތަރަށް ބުދެއް ހެދުމުގެ ކުޅަދާނަކަން ލިބިފައިވާ މީހަކު ކޮށްލި ނުލަފާ ޖެއްސުމެކެވެ. ކެހި ލިބުނީ އޭނައަށެވެ. އަމީރާ ގަތްލަދުންގޮސް މަރުވާވަރުވިއެވެ. އެންމެންގެ ކުރިމަތީގައި އޭނަގެ އަގު ވެއްޓުނީއެވެ. ބޮސް އެހާ ރުޅިއައި ސަބަބަކީ އެއީއެވެ. ހަގީގަތާއި މުޅިން ޚިލާފު ދޮގު ޚަބަރެއް ގެނެސްދެވުނީއެވެ. ބަލައިނުލާ ލޮލަށް ފެނުނުކަމެއްގެ މައްޗަށް އެއްވެސް ޚަބަރެއް ފޯރުކޮށްދެވިގެން ނުވާނެއެވެ. އެނޫހުގެ އަގުވެސް ވެއްޓޭނީއެވެ. ބޮސް ހާދަ އަޕްޑޭޓޭވެސް އަމީރާގެ ހިތަށްއެރިއެވެ. ސުރުޚީކިޔާފައި އޭނައަށް ގުޅިއިރު މިނިޓެއްވެސް ނުވާނެއެވެ. އެއީ ދޮގު ޚަބަރެއްކަން އެނގުނުލެއްވެސް އަވަހޭ އޭނަގެ ހިތަށް އެރިއެވެ. އެމީހުންގެ އޮފީހުގައި ޖާސޫސެއް އުޅެނީހެއްޔެވެ؟ ވަގުތުން ވަގުތަށް ބޮސްއަށް ހުރިހާ އެއްޗެއް ކިޔާދޭނެ މީހަކު ނެތިއްޔާ އެހާ އަވަހަށް ހުރިހާ މައުލޫމާތެއް އެނގެންވީ ކީއްވެހެއްޔެވެ؟ ބޮސްވެސް ހުރިހާ ވަގުތެއްގައި ނޫސް ޗެކްކުރާކަށް ނީންނާނެއެވެ.
އަމީރާ އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. ގެއަށް ވަންގޮތަށް ލެޕް ހުޅުވާލާފައި އަވަހަށް ބަލައިލިއެވެ. ކޮންމެވެސް މީހަކު އެ ޚަބަރު ނޫހުން ނަގައިފިއެވެ. އަމީރާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. އެކަންކުރީ ބޮސް ފިޔަވާ ދެވަނަމީހެއް ނޫންކަން އަމީރާ ދެނެގަތެވެ. ދެން އޭނަ ހުޅުވައިލީ ރާއްޖޭގެ އެންމެ މަޝްހޫރު ނޫސްކަމަށްވާ "އެއްވަނަ" ނޫހެވެ. ހަގީގަތުގައިވެސް އެނަން ހައްގެވެ. ނޫހުގެ ފެންވަރު ރަގަޅުކަމާއި ޑިޒައިން އަދި ގެނެސްދީފައި ހުންނަގޮތާއިމެދުވެސް އަމީރާ ކުޑަކޮށް ހަސަދަވެރިވާގޮތްވިއެވެ. ލިޔުންތައް ހުންނަގޮތުން ކިޔާލަން އެހާ ފަސޭހައެވެ. ކޮމެންޓް ބައިވެސް އެއްވަނަދެވޭހާ ވެއެވެ. ކުލައަށްވެސް ސާބަހެވެ. އެނޫސް ވައްޓާލާފައި އޭނަގެ ނޫސް ކުރިއެރުވުމަށްޓަކާ ކުރަން ޖެހުނު ކޮންމެ ކަމެއް އަދި ވާން ޖެހުނު ކޮންމެ ގުރުބާނީއެއްވާނެއެވެ. އެކަނި ހުރި ފުރާނައަކަށް ހުރިހާ ޒިންމާއެއް ނުނެގޭނެއެވެ. ނަމަވެސް ހުރިހާ އެންމެން އުޅެފިއްޔާ ކާމިޔާބު ނުވާންވީ ސަބަބެއްނެތެވެ. ބޮސްގެ ހިންގުމުގެ ގާބިލުކަން ކުޑައެއްނޫނެވެ. މިހާރު ތައްޔާރުވަމުން އެދަނީ ޓީވީޗެނެލްއެއްވެސް ހުޅުވުމަށެވެ. އޭނަގެ ސިކުނޑީގައިވާހާ އެއްޗެއް އެނގިގެން އޭނަގެ ހުވަފެންތައް ފުރިހަމަކޮށްދޭން ބޮސް މަސައްކަތްކުރާހެން ހީވިއެވެ. ދެރައީ ބޮސްގެ ވަނަވަރު އަދިވެސް ސިއްރުވެފައިވާތީއެވެ.
ވިއްސާރަކޮށް އޮވެފައިވެސް މިއަދު އަވިދިއްލާލާފައި އޮތްއިރު ހޫނުގަދަކަމުން ފިހޭވަރުވެއެވެ. އުޑުމަތީގައި ވިލާ ރޮއްޖެއްހާ މިންވަރުވެސް ނެތެވެ. ރޮޒާލިއާ އަންނައުނާއި އެއްޗެހި ދޮވެލުމަށްފަހު ހިއްކަން އަޅުވަންވެގެން ވަށިގަނޑު ހިފައިގެން ބޭރަށް ނުކުތްއިރު ފެނުނު މަންޒަރަކުން ހިތްނުހުއްޓުނީ ކިރިޔާއެވެ. ގޭގެ އެއްފަރާތުގައި ހުންނަ އަނބުގަހުގައި އެލުވާފައި ހުރި އުނދޯލީގައި އާޒް އިނެވެ. ހެއްލަމުންދާލެއް ބާރުކަމުން އާޒް ވެއްޓިއްޖެއްޔާ އެކުއްޖާއަށް ވާނެގޮތް ދެނެވޮޑިގެންވަނީ ހެއްދެވިފަރާތެވެ. އާޒް މަޖާވެފައި ގަދަޔަށް ހެމުން ކޮންމެވެސް އެއްޗެކޭ ކިޔާލިއެވެ.
"އާޒް......." ރޮޒާލިއާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.
"ކިހިނެއްވީތަ މަންމާ....." އާޒް ކުއްލިއަކަށް އުނދޯލި މަޑުކޮށްލުމެއްނެތި ފުންމާލީވެސް އެހާ ފަރިތަކޮށެވެ. އެވަރުންވެސް އެކުއްޖާއަށް ހާނީއެއްކައެއް ނުވިއެވެ. އިސްތަށިގަނޑު ފޮޅާލާފައި ހެމުން އޭނަ ދެންވެސް ކޮންމެވެސް އެއްޗެކޭ ބުނެލާފައި ހީލުމުން އަދި ރޮޒާލިއާ ވަކިން ބިރުގަތެވެ. އާޒް އެކަނި ހުރެ ވާހަކަދައްކަން ފެށީ ކޮންއިރަކުން ހެއްޔެވެ؟ ރޮޒާލިއާ ދެން ބަލައިލިއިރު ގަހުގެ ފުރަގަހުން ދެތިން ފިރިހެންކުދިން ނުކުތްތަން ފެނިފައި ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ނަމަވެސް އާޒް ގަންނަ ސަކަރާތަކާއިހެދި އޭނަ އަބަދުވެސް ހުންނަން ޖެހެނީ ނިކަން ފަރުވާވެގެންނެނެވެ. ކޮންމެފަދަ އަނިޔާއެއްވެސް އާޒް ހޯދައިގެންފާނެއެވެ. އާޒް އުނދޯލިން ފުންމާލާފައި ދެން ގެއަށް ވަންގޮތަށް ބޯޅައެއް ހިފައިގެން ނުކުމެ އެކުދިންނާއިއެކު ހުސްތަނުގައި ކުޅެންފެށިއެވެ.
އަމީރާ ހުރީ ހައިރާންވެފައެވެ. އޭނަ ކާކޮޓަރީގައި ހުރިއިރު ކިތަންމެހާވެސް ރީއްޗަށް އާޒް އުޅުނުލެއް ތަފާތުކަން ފާހަގަކުރެވުނެވެ. މަންމަ އައީ މާފަހުންނެވެ. އާޒް އުނދޯލި ހެއްލިއިރު ހީވީ ނުފެންނަ ފަރާތަކާއިއެކު ކުޅެމުންދާ ހެންނެވެ. އޭނަ ހީލާފައި ވާހަކަދެއްކީ ފިރިހެންކުދިންނަކާއި ނޫނެވެ. އެފިރިހެންކުދިން ގުޑިހަދަން ގަސްކައިރީގައި މަޑުކޮށްލައިގެން ތިއްބަސް އާޒް ކުޅުނީ ނުފެންނަ މަޚުލޫގަކާއިއެކުގައެވެ.
"އިމޭޖިނެރީ ފްރެންޑެއް ގެންގުޅެނީ ކަން ޔަގީނޭ. ނޫނީ އާޒްގެވެސް ނަފްސާނީ މައްސަލައެއް ހުރީބާ. މިރަށަށް އައިފަހުން އާޒް އެހާ ސްޓްރޭންޖްކޮށް އުޅެން އެފެށީ. ދިމާވާ ކަންތައްވެސް ދެރައެއް ނޫނޭ. އާޒް ހޫނުފެން ބުއީވެސް އެހެން މީހެއްގެ ބާރުގައި ކަމަށްވާނީ. ދެން ދަންޖެހިފައި ހުރި ބުދު ހުރި ތަނަށް އާޒް ދާންވީ ކީއްވެތަ. އެހެން މީހަކަށް ނުފެންނަނީސް އާޒްއަށް އެބުދު ފެނި އަދި އަހަރެން ގޮވައިގެން އެތަނަށް ދިޔުމަށްފަހު ނޫނީ އެހެން ބަޔަކަށް އެބުދު ނުފެނުނީމަވެސް އަޖައިބެއް. އަނެއްކާ އާޒް އުނދޯލި ހެއްލީ ކާކާއި އެކުތަ. އެހާ ބާރަށް ހެއްލާކަށް އާޒްއަކަށް ނުކެރޭނެ. އަދި ހީވީ އެހެން މީހަކު ހުރެގެން ހެއްލާދިނީހެން. އާޒް އެހާ މަޖާވެފައި އެހާ ހީނހެދީ ކޮންމެވެސް ކަމެއް ވީމައެއްނު. އޭނަ ފައިވެސް ޖައްސާނުލާ. ރޫހާނީ ކަންތައްވާ ކަމަށް ގަބޫލުކުރާއިރު އެފަދަ ހާދިސާއެއްވެސް ހިނގައިފާނެ. އަހަރެންވެސް މީ އެގޮތަށް ނުފެންނަނީސް ކަންތައް ގަބޫލުކުރާ މީހެއްވެސް ނޫން. ދިސް އިޒް ސޯ ސްޓްރޭންޖް. ހޯޕް އިތުރަށް ގޯސްނުވާނެކަމަށް. އިރާދަކުރެއްވިއްޔާ ކޮންމެ ގޮތެއް ހަދާފައިވެސް ފެމިލީ ޕްރޮޓެކްޓް ކުރަން ކުރެވުނުހާ ކަމެއް ކުރާނަން........................." އަމީރާ ކޮފީތަށި ބޯން ކުޑަދޮރު ކައިރީގައި އިނދެ އާޒްގެ ހަރަކާތްތަކަށް ބެލިއެވެ.
ހެނާ ފައިގައިވާ އިސްތަށިތައް ރޭޒަރުގެ އެހީގައި ބޭލުމަށްފަހު ކްރީމްކޮޅެއް ހާކާލުމުން އޮމާންކަން އިހުސާސްކުރެވުނެވެ. ވަގުތީ އުފަލެކެވެ. ދެތިންދުވަސްވާއިރަށް އިސްތަށިތައް ވަރުގަދަކަމާއިއެކު ފަޅަންފަށާނެއެވެ. ހެނާ އެކިގޮތްގޮތަށް ކަސްރަތުކުރިއެވެ. ހަށިގަނޑުގެ މަސްތައް ވަރުގަދަކުރުމަށާއި ލަންބާލަން ފަސޭހަވާނީ އޭރުންނެވެ. އިސްކޮޅުން ދިގުވާނީވެސް މިދުވަސްކޮޅު ސްޓްރެޗް ހެދިވަރަކުންނެވެ. އޭނަ މިކުރާކަންތައް އަމީރާއަށް އެނގޭކަށްވެސް އޭނަ ބޭނުމެއްނޫނެވެ.
"އައި ވިޝް އަމީރާގޮތަށް އަހަރެންގެ ހަންގަޑުވެސް ރީތިވާނެނަމަ. އެމީގެ ޗެސްޓް ކިހާ ރީތި. އަދި ޖިންސްލީމަ ބުޑުވެސް..... ޕަފެކްޓް. ކީއްވެ އެ ސިފަތައް އަހަންނަށް ނުލިބުނީ. ރީތި ހުރިހާ ޖީންއެއް އެމީއަށް އެކަނި ލިބުނީމަ ކިހާ ދެރަ. ރީތި މީހުންދެކެ އެންމެންވެސް ލޯބިވާނީ. އައިމް ސޯ ސިމްޕަލް ލުކިން................." ހެނާ ޝަވަރުދަށުގައި ހުރެ އިސްކުރަށް ދޫކޮށްލުމުން ހޫނު ފެންތައް އޭނަގެ ހަށިގަނޑުގައި ބޮސްދޭންފެށިއެވެ. ޝަވާޖެލްއާއި ޝޭމްޕޫގެ މީރުވަހުން ފާޚާނާތެރެ އެއްވަސްވެލިއެވެ. ފެންވަރަން ހުރެ ލަވަކިޔުމަކީ ހެނާގެ އާދައެކެވެ. ފެންވަރާ ތާޒާވެލުމަށްފަހު ހެދުންލައިގެން އައިސް ކުޑަދޮރު ކައިރީގައި ހުއްޓި ބޭރަށް ބަލައިލިއިރު ކޮޓެޖްއާއި ދިމާލުން ފުރަތަމަ ފަހަރަށް މީހެއްގެ ހިލަންވިއެވެ. ތިރިފާރު ކައިރީގައި ހުރީ މުސްކުޅި އަންހެނެކެވެ. އިސްތަށިގަނޑު މުޅިން ހުދުވެފައިވާއިރު އޭނަ ކޮޅަށް ހުރީ އަސާއެއްގެ އެހީގައެވެ. އެހާ ދުރުން ބަލައިލިއިރުވެސް އެމީހާގެ މޫނުމަތިން ހަރުކަށިކަމެއް ފެނުނުހެން ހީވިއެވެ. އިނގިރޭސި ފިލްމުތަކުގައި އުޅޭފަދަ ސިހުރުހަދާ މީހަކާއި ވައްތަރުކަމެއް ހުއްޓެވެ. އެއީ ނުރައްކާތެރި އަންހެނެކެވެ. އެ އަންހެނާއަކީ ކޮޓެޖްގެ ސިއްރުވެރިކަމުގެ ބަޔެކެވެ.
"ހެނާ. ހެނާ...." އަމީރާގެ އަޑު އިވިގެން ކުޑަދޮރުގެ ފަރުދާތައް ދަމާލިއެވެ. އަދި ދޮރުހުޅުވަން އަވަސްވެގަތެވެ.
"ޝްޝްޝް....." ހެނާއަށް ބުނެވުނެވެ.
"ކިހިނެއްވީތަ؟ " އަމީރާ ދެލޯ ބޮޑުކޮށްލިއެވެ.
"ނަތިން.........އެމީ މާ ބާރަށް ހަޅޭއްލަވާތީއެއްނު........" ހެނާ ބުނަން އުޅުނު ވާހަކަ އޭނަ އޮޅުވާލައިފިއެވެ. އެ އަންހެންމީހާ ފެނުނު ވާހަކަ ބުނެފިއްޔާ އަމީރާގޮސް ނޫހުގައި އެވާހަކަ ލިޔާކަށްވެސް ފަހެއްނުޖެހޭނެއެވެ. ކުރީ ދުވަހު އަންހެންކުއްޖަކު ދަންޖެހުނު ކަމަށް ބުނެ ހަގީގަތެއްނެތް ޚަބަރެއް ލިޔުމުން ޖެހުނު މައްސަލަ އަމީރާވަނީ އޭނައަށް ކިޔާދީފައެވެ. އަމީރާ ހިނިތުންވެލުމުން ފެނުނު ހުދުހުދު ދަތްތައް ހީވީ ވިދާލިވިދުވަރެއްހެނެވެ. ދެލޯވެސް ހިނިތުންވާފަދައެވެ. ކޮންފަދަ އުފާވެރި ހަމަޖެހޭ އަންހެންކުއްޖެއް ހެއްޔެވެ؟ ހެނާ ވިސްނައިލިއެވެ.
"ގަރުނެއް ވެއްޖެ ހެނާ ފެންވަރަން ވަންތާ. ހީކުރީ ފެއިންޓްވީކަމަށޭ........." އަމީރާ ހީލާފައި ބުނެލިއެވެ. އޭނަ ހެނާއާއި އާޒްއަށް އަޅާލައެވެ. އެންމެ ބޮޑުކުއްޖާއަށް ވުމުން ޒިންމާ ނަގާގޮތެއް އޭނަގެ ހުރެއެވެ. ހެނާ ޕީރިއެޑްވުމުން މާ ބަލިވެ އަނބުރައިގަންނަކަންވެސް އެނގެނީ އޭނައަށެވެ. ތަނެއްގައި ކިރިޔާ ރިއްސާލިޔަސް ވަރުދެރަކަމުން ހުންނަނީ ހުދުވެފައެވެ. ރަގަޅަށް ނުކާތީ އެއުމުރުގައި ބޮޑުވާން ޖެހޭވަރަކަށް އޭނަގެ ހަށިގަނޑު ބޮޑެއް ނޫނެވެ. އަދި މިގެއަށް ބަދަލުވިފަހުން ނޭގޭ ކަންތައްގަނޑެއް ހިނގާކަމުގެ ޝައްކުކުރެވި ކުރިއަށް ވުރެ ބޮޑަށް އަމީރާއަށް ކޮއްކޮމެނަށް އަޅާލެވެނީއެވެ. ހަށިފާރަވެރިއެއް ހެންނެވެ. ނަމަވެސް އާޒްކަހަލަ ސިޔާސަ ފިރިހެންކުއްޖަކާއި ހެނާ ފަދަ ސިއްރުވެރި އަންހެންކުއްޖަކު ހިފެހެއްޓުން އަމީރާއަށް ފަސޭހަކަމަކަށް ނުވާނެއެވެ.
ނަޝީދުއާއި ރޮޒާލިއާގެ ދިރިއުޅުމުގައި މައްސަލަތަކެއް ހުއްޓަސް ރޮޒާލިއާއަކީ އަވަށްޓެރިންނާއި ގުޅުން ބާއްވާ ރަގަޅު އަންހެނެކެވެ. މަސައްކަތްތެރި އަންހެނެކެވެ. ގަސްތައް އިންދަން ފޯރި ހުންނަވަރުން އެގެއަށް އައިތާ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ވައްތަރެއްގެ މާގަސްތައް އިންދާލައިފިއެވެ. ޚާއްސަކޮށް ފިނިފެންމަލުގެ ކުލަތަކުން ގޭގެ ދޮރުމަތި ޒީނަތްތެރިކޮށްލުމަކީ އޭނަގެ ހުވަފެނެކެވެ. ބައެއްފަހަރު އަމީރާއާއި ހެނާވެސް މަންމައާއި ބައިވެރިވެގެން ގަސްތައް އިންދާ ފެންދީހަދައެވެ. ރަތްކުލައިގެ ފިނިފެންމާގަސްތައް އާދަޔާ ޚިލާފު ހަލުވިކަމާއިއެކު ހެދެންފެށިއެވެ. ފަތްތަކުގެ ކުލަގަދަކަމުން އެސްފީނާޖެހޭ ވަރުވެގެން އެހެންދާ މީހުންވެސް އެވާހަކަދައްކައެވެ. ބަލައިލަން މަޑުކުރެއެވެ.
ހެނާއާއި އާޒްވީ ސްކޫލަށްގޮހެވެ. ރޮޒާލިއާ އެގަޑީގައިވެސް ހެދުމެއް ފެހުމުގެ މަސައްކަތުގައި އަވަދިނެތި އުޅޭތީ އަމީރާ ގަސްތުކުރީ ގަސްތަކަށް ފެންދީފައި އޮފީހަށް ދާށެވެ. ޚާއްސަކޮށް ރަތްފިނިފެންމާ ގަސްތަކަށް މާ ބޮޑު ސަމާލުކަމެއްދެވެއެވެ. ފެންހޮޅި ހިފައިގެން ނުކުތްތަނާ އަވަށްޓެރިއެއްކަމަށްވާ ސަކީނާ އެހެންލާފައި ދަމުން މަޑުކޮށްލިއެވެ. ކަސަބުން ޖަރީކުރި ހެދުމަކާއި ކަޑިކިއެއް ލައިގެން ހުރިއިރު ދިވެހިވަންތަކަމާއިއެކު އާސާރީގޮތެއް ހުއްޓެވެ. ސަކީނާއާއި އޭނަގެ ފިރިމީހާ އިސްމާއީލް އަތުގުޅުވާލައިގެން ހިނގާފައިދާތަން ފެނުމުން ހާދަ ލޯބިން އުޅޭ ބަޔެކޭ އަމީރާ ހިތަށް އަރައެވެ. އޭނަގެ މައިންބަފައިންވެސް އެފަދަ ގާތް ގުޅުމެއް އޮންނާނެނަމައެވެ. ލޯތްބާއި އަޅައިލުން ހުންނަން ޖެހޭ ގޮތަކީ އެއީއެވެ. އޭނަވެސް ބޭނުމީ އެފަދަ ފިރިޔެކެވެ.
"ކޮބާ މަންމަ؟ " ސަކީނާ ހުރީ ދުފާ އަނގަމަތި ރަތްކޮށްލައިގެންނެވެ.
"ހެދުމެއް ފަހަނީ....." އަމީރާ މަޑުމަޑުން ވާހަކަދައްކަމުން ގަޑިއަށް ބަލައިލިއެވެ.
"އަމީރާ މީހަކާއި އިންނާކަށް ނުވޭތަ؟ އަމީރާ ދާ އޮފީހުގެ ވެރިޔަކީ އަމީރާގެ މަންމަގެ ބޭބެގެ ދަރިއަކަށްވެފައި އެސޮރުގެ މަންމައަކީ މިރަށު މީހުން ވަރަށް ގަދަރުކުރާ އާއިލާއެއްގެ މީހެން. އަމީރާގެ މަންމަ ކުރީ ދުވަހު އެކަހަލަ ވާހަކައެއް ދެއްކި. އަމީރާ މީހަކާއި ނީދެގެން މަންމަ ކަންބޮޑުވެގެން އުޅޭކަމަށާއި އެންމެ ހިތްހަމަޖެހޭނީ އެކަހަލަ ދުވަހެއްފެނިގެން ކަމަށް ބުނީމަ ދައްތަ މިވާހަކަ ދެއްކީ. އެކަހަލަ ކަމަކާއި އުޅެންވީނު............" ސަކީނާ ފެށި ވާހަކައަކުން އަމީރާ ހައިރާންވިއެވެ. އޭނަގެ މަންމަ ދުވަހަކު އޭނަ ކައިރީގައި ކައިވެންޏޭ ކިޔާފައި ޚިޔާލު ފާޅުކުރިމީހެއްވެސް ނޫނެވެ. އަމީރާ އިންނަން ބޭނުންވާފަދަ ޒުވާނެއް އަދި ފެނިފައެއްވެސް ނެތެވެ. ކައިވެނީގެ ވާހަކަދެއްކުމުން އަމީރާގެ ހިތަށް ބިރުވެރިކަމެއްވެސް ވަނެވެ. އެހާ އަވަހަށް ކައިވެނިކުރާކަށް އޭނަ ޚިޔާލެއްނުކުރެއެވެ.
"މީހަކު ނުވެގެންނޭ...." އަމީރާ ސަމާސާއަކަށް ހަދާފައި ބުނެލިއެވެ.
"ހޫމް. ވާނެ. ކެތްކޮށްލާ...." ސަކީނާ ހިނިގަނޑެއް ޖަހާލާފައި އަމީރާގެ ބުރަކަށީގައި ފިރުމައިލިއެވެ.
"ދައްތާ. އެހެރީނު ކޮޓެޖް ކިޔާ ގެއެއް. އެގޭގައި އެއްވެސް ބަޔަކު ދިރިއުޅޭތަ؟ " އަމީރާ ހުރީ އެވާހަކަ އަހާލާނެ މިފަދަ ފުރުސަތެއް ނުލިބިފައެވެ. ސަކީނާއަކީ އަނގަގަދަ މީހަކަށް ވުމުން ކިޔައިނުދޭންވީ ސަބަބެއްނެތެވެ. އޭނަގެ މަންމަ ކޮޓެޖާއި ބެހޭގޮތުން ވާހަކަދައްކަން މަނާކޮށްފައި އޮތަސް ސުވާލެއްކޮށްލުމަކީ އަދި ގޯހެއްނޫނެވެ. އެގެއާއި ބެހޭގޮތުން އާޓިކަލްއެއް ލިޔުމުގެ ޚިޔާލުވެސް ސިކުނޑިއަށް އުދަގޫކުރާތާ ދެތިން ދުވަހެއް ވަރުވެދާނެއެވެ. ސަކީނާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ އޭނަގެ ފޯނު ރިންގުވާންފެށުމުން ބަލައިލިއިރު ބޮސްއެވެ. ބޮސްއެދުނީ ތަންކޮޅެއް އަވަހަށް އޮފީހަށް އައުމަށެވެ. މިވަގުތު ކުރަން ޖެހޭ މަސައްކަތެއް އޮތްކަމަށް ބުނެފައި އޭނަ ކަނޑާލުމުން އަމީރާ ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ބޮސްގެ އަމުރުވެރި އަޑަށް ބޯލަނބަން މަޖުބޫރުކުރާ ސަބަބެއް އޭނައަކަށް ނޭގެއެވެ.
އަމީރާ ތައްޔާރުވާން ހުރިއިރު ސަކީނާ ދެއްކި ވާހަކަތަކާއިމެދު ކޮންމެވެސް ވަރަކަށް ވިސްނިއެވެ. މީހަކާއި އިންނަ އުމުރަށް އޭނަ ދިޔައީހެއްޔެވެ؟ މަންމަ އެހާވަރުން އޭނަ މީހަކާއި ކައިވެނިނުކޮށްގެން އެހެން މީހުންނާއި އެ ނުތަނަވަސްކަން ހިއްސާކުރަންފެށީއެވެ.
"މަންމާ، ކަމޯން، އައިމް ޖަސްޓް ޓްވެންޓީ. އަދި މިހެން ހުރެ މެއިޑަކަށްވާކަށް ގާތެއްވެސް ނުވޭ. އެހެންނޫނަސް މަގޭ ޑްރީމް ޕްރިންސްވީ ތަނެއްވެސް ނޭގޭ. މިވީހާތަނަށް އަދި އެގޮތަށް ފިރިހެނަކާއިމެދު ވިސްނާފައެއްވެސް ނެތް، ދެން ކިހިނެއް މީހަކު ހޯދާނީ...." އަމީރާ އަވަހަށް އިސްތަށިގަނޑު ބްރަޝްކޮށްލާފައި ލިޕްގޮލްސް ޖެއްސުމުން ފިޔާތޮށިކުލައިގެ ތުންފަތް ތެތްކޮށް ފެނުނެވެ. ކިތަންމެ އަވަސްވެގެން ދިޔަސް އޭނަގެ ލޮލުގައި އަނދުން ނާޅާ ދިޔުމަކީ އަމުދުން ނުވާނެކަމެކެވެ. އަޅިދެލޮލަށް ރީތިކަމެއް ގެނެސްދެނީ އަބަދުވެސް އަނދުން އަޅާލީމައެވެ. އަމީރާއަށް އެވަގުތު އިހުސާސްކުރެވުނީ މީހަކު ބަލަން ހުރިކަމެވެ. ކުއްލިއަކަށް ހާސްކަމާއިއެކު އެނބުރުނެވެ. އެވީ ކީއްހެއްޔެވެ؟ މީހަކު ފަހަތުގައި ހުރިހެން ހީވީ ކީއްވެހެއްޔެވެ؟ ދެން އޭނަވެސް ޝައްކުބަލިޖެހުނީއެވެ. އަމީރާ މޭޒުމަތީގައި ހުރި ދަބަސް ކޮނޑުގައި އަޅުވާލާފައި ފަރި ހިނގުމެއްގައި މަގާއި ހަމަޔަށް ނުކުތެވެ. ކޮންމެވެސް ވަރަކަށް އަވިދީފައި އޮތަސް ހިޔާދޭގަސްތަކުގެ ސަބަބުން އަވިން ސަލާމަތްވެގެން އޮފީހާއި ހަމަޔަށް ދެވުނެވެ.
"ބޮސް އެބައުޅުއްވާތަ؟ " އަމީރާ ސިޑިން އަރައިގެން ދަމުން އަންހެންކުއްޖެއްގެ ކައިރިން އަހައިލިއެވެ. މައިކަލްއަށް އަމީރާ ފެނުމާއިއެކު އަމީރާގެ ފަހަތުން އައެވެ. މައިކަލް މާވަރަކުން އޭނައާއި ވާހަކަދައްކަން އުޅޭތީ އަމީރާ ފޫހިވެސްވެއެވެ. އޭނަ އެއްގޮތަކަށްވެސް ފިރިހެނުންނާއި ވާހަކަދައްކާކަށް ބޭނުމެއްނުވެއެވެ. އެކަމަކު ދެބެންގެ ދެދަރި ބޭބެއަކަށްވުމާއި އެކު އޮފީހުގެ ހެޑަށްވުމުން ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނުދައްކާ ވާކަށް ނޯވެއެވެ.
"އޭނަ ރަށަކު ނޫޅޭ. އަބަދުވެސް ފޯނުން އެންމެނާއި ވާހަކަދައްކަނީ. އަހަރެން ޖޮއިންކުރިތާވެސް މިވީ ސިކްސް މަންތްސް. އަދިވެސް އޭނަ ފެނިފައެއްނެތް. ވެރިޔަކަށް މިތާ މިހުންނަނީ އަހަރެން ދޯ . އެކަން ދެނެގެން އަމީރާ މިތާ މަސައްކަތްކުރަން ޖެހެނީ......" މައިކަލް އަމީރާއާއިއެކީގައި އޭނަ އިންނަ ޑެސްކާއި ހަމަޔަށް ދިޔައެވެ. އަމީރާ ގޮނޑީގައި އިށީދެފައި ބޭރަށް ބަލައިލިއިރު މޫދުގެ ހިތްގައިމު މަންޒަރު ނިކަން ރީއްޗަށް ފެނުނެވެ. ރާޅާއަޅަން ތިބި ޒުވާނުންތަކަށް އޭނަގެ ނަޒަރު އަމާޒުވިއެވެ. އެތަނުން އެކެއްގެ ހަށިގަނޑުގެ ރީތިކަން އެހާ ދުރުންވެސް ފާހަގަކުރެވުނެވެ.
"ހޫމް، ކޮން ކަހަލަ ބްރޭކިން ނިއުސް އެއްތަ މިއަދު އޮތީ......" މައިކަލް އަހައިލިގޮތަކުން އަމީރާ ރުޅިއަންނަގޮތްވިއެވެ. އޭނަ ކުރީދުވަހު އަންހެންކުއްޖާ ދަންޖެހުނު ވާހަކަ ލިޔުނުފަހުން އެންމެ ޖެއްސުންކޮށް ދިމާކުރާ މީހަކީވެސް މައިކަލްއެވެ. ހިތާހިތުން ރުޅިގަދަވެގެން ފަޅައިގެން ދާވަރުވިނަމަވެސް އަމީރާ ކެތްކުރަން މަސައްކަތްކުރިއެވެ. ތުންފަތުގައި ދަތްއަޅައިލިއެވެ.
"އައި ރިއަލީ ހޭޓް މެން........މި މީހުންނާއި ވާހަކަދައްކާހިތުން ނޫޅެން އެކަމަކު ފަހަތުން ނުފިލާ...." އަމީރާ ހިތާހިތުން އެއްޗެހި ކިޔަސް އޭނަގެ ދޮންމޫނުމަތިން ރުޅީގެ އެއްވެސް ކުލަވަރެއް ދައްކާކަށް ބޭނުމެއްނުވިއެވެ. އަމީރާ އެހެންގޮތެއް ނެތިގެން ބޮސްގެ ނަމްބަރަށް ޑައިލްކުރަންފެށިއެވެ.
"ސަރ، އަޅުގަނޑު މިއިނީ އޮފީހުގައި....." އަމީރާ ކުޑަކޮށް ހިނިތުންވެލިއެވެ.
"މިސް އަމީރާ. ކުރަންވީކަމަކީ ތަނެއްގެ އިސްވެރިއަކާ އިންޓަވިއުއެއް ކޮށްލަންވީ......" ބޮސްގެ ފުން އަޑުއިވުމުން އަމީރާގެ ހިތުގެ އެންމެ ހިމަ ނާރުގައިވެސް ބީހިލިއެވެ. ހާދަ އަސަރުގަދަ އަޑެކެވެ. އިންސާނަކަށް އެހާ ރީތި އަޑެއް ލިބިފައިވެދާނެކަމަށް ގަބޫލުކުރާކަށްވެސް ފަސޭހައެއްނުވިއެވެ. އަމީރާގެ ކަރުތެރެ ހިކުނެވެ. ތަލިން ކުޅު ހިކުނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭރު އަތްތިލަވެސް ގަނޑުފެންގަނޑަކޭ އެއްވަރެވެ. ކުޑަކޮށް ތެމޭގޮތްވިއެވެ. މައިކަލް ކުރިމަތީގައި ފާޑަކަށް ބަލަން ހުއްޓެވެ. ހިތްހަމަނުޖެހިފައިވާ ގޮތަކަށެވެ.