"ތިއުޅެނީ އަހަރެން މަރާލަންތަ؟ " ޒޯހަން ސުވާލުކުރިއެވެ.
"މަރާލިޔަސް ފާފަވެރިއެއްނުވާނެ. ތިއީ އިންސާނެއްގެ ސިފައިގާ ހުރި ޝައިތާނެއް. ކޮންދުވަހެއް މިކަން ނުކުރެވިގެން އުޅޭތާ.........." ކުއްލިއަކަށް މައިކަލް ޒޯހަންގެ މޭގައި ވަޅި ޖައްސާލިއިރު ޒޯހަން ހުރީ ފާރަށް ލެނގިލައިގެންނެވެ. މޭގައި ޖައްސާފައިވާ ތުނޑުތޫނު ފިޔޮހިން ދަޅައަޅާތަން ފެނިފާ ޒޯހަންގެ މޫނުގައި ދާތިކިތައް ވިދަންފެށިއެވެ. ކިރިޔާ ހިރިލިޔަސް އެވަޅި މެޔަށް ހެރިދާނެއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީއިރު މައިކަލްގެ ލޮލުގައިވި ޝުޢޫރުތައް ތަރުޖަމާ ކުރުމުގައި ކާމިޔާބުވިއެވެ. ދެމީހުން އެއްފަހަރާ ހޭންފެށިގޮތަށް މައިކަލް ޒޯހަންގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ.
"ޒޭން ސާބަހޭ. ސީރިޔަސްކޮށް ހަމަ ބިރުންނޭ ހުރީ. ތިވަރުގެ މީހެއް ދޯ ތިމާގެ އަންހެނުންނާއި ކޮއްކޮ މަރާލައިގެން މުޅި ގައުމަށް މަޝހޫރުވެގެން ތިއުޅެނީ؟ އައިމް ޑެޑް ޝުއަރ ހަމަހޭގައި ހުރެގެނެއްނޫންކަން އެކަން ކުރީ. ނޫންތަ. ތިއީ އަހަރެން ނުދަންނަ ޒޯހަންއެއް ނޫން . ކޮއްކޮދެކެ ވާ ލޯބިވެސް ދެކެފައި މިހިރީ....... " މައިކަލް ދައްކަންފެށި ވާހަކަ އިވުމުން އުދަގޫ އިހުސާސްތައް ކުރެވި މޫނުގައިވާ އުފާވެރިކަން ގެއްލުނެވެ.
"ޒޭން، އަހަރެން ބޭނުން މިއަދު ޕެކްޓެއްހަދަން. ހަނދާން އެބަހުރިތަ ތަންކޮޅެއް ކުޑައިރުވެސް އަހަރެމެން މިކަހަލަކަމެއް ކުރިން. ޅައިރު ކުރާކަހަލަ މޮޔަކަމަކަށްވެސް ވެދާނެ އެކަމަކު ވަރަށް ބޮޑު ސިއްރެއް ޝެއަރާ ކޮށްލަން ބޭނުން. އަހަންނާއިމެދު ޝައްކުކޮށް ކަންތައް އެނގެން ބޭނުންވާކަންވެސް ދެނެހުރިން، އެސިއްރު ބުނުމުން ހިތަށް އަރާނެ އަހަރެން މިއީ ކޮންކަހަލަ އިންސާނެއްބާވައޭ. އެކަމަކު މިއަދު ޒޭން ކައިރީ ހިއްސާ މިކުރާ ވާހަކަ އެއްވެސް މީހަކަށް ނާންގައްޗޭ. ވަރަށް އިތުބާރުކޮށްފައި މިވާހަކަ ކިޔައި މިދެނީ.........." މައިކަލް އާއި ދެމީހުން ސިއްރުސިއްރުން ކުރި މަޝްވަރާތަކަށްފަހު ކޮންމެވެސް ކަމެއްކުރިއެވެ. އެއަށްފަހު އުނދޯލިގެއިން ނުކުމެގެން އައިއިރު ދެމީހުންވެސް ތިބީ ނިކަން ހަމަޖެހިލާފައެވެ. މައިކަލް ޒޯހަން ގެއަށް ލާފައި އައީ ބޯގަސްތައް ހެދިފައިވާ ވަލުމަގުންނެވެ. ވަލުތެރެއިން އޭނައާއި އެއްވަރަކަށް ގުންފައިޖަހަމުން ދިޔަ ބިޔަ ހިޔަނިތަކާއި އަލިގުޅަތައް އޭނައަށް ލޮލުގެ ހިމަކޮޅުން ފެނުނެވެ. އޭނައާއި ދިމާލަށް ރާސްލާފައި ފޮނުވާލާ ގާގަނޑާއި ގަހުގެ ގޮފިތައްވެސް އޭނަގެ ގައިގާ ލައްވައެއް ނުލިއެވެ. މައިކަލްގެ ދެލޮލުގެ ވިދުވަރުގަދަވިއެވެ. ދުރުގައި ތިބެގެން ޖެހޭނީ ވައްތަރު ޖައްސާށެވެ. އޭނަ އެންމެން ބަލިކޮށްލާނެއެވެ. އެމީހުންނަށް އޭނައަކަށް ގެއްލުމެއް ނުދެވޭނެއެވެ.
މައިކަލް ވާރޭކޯޓު ބޭލުމަށްފަހު އިސްތަށިގަނޑުގައިވާ ފެންތައް ފޮޅާލަމުން އޮފީހަށްވަން އިރު އަންހެންކުދިންތަކުގެ ސިއްރު ނަޒަރު އޭނައަށް ހުއްޓުނެވެ. އެކުދިން އޭނަދެކެ ޖެހިލުންވާކަން އެނގެނީ އެއަމަލުންނެވެ. މައިކަލް ހުންނަލެއް ސީރިޔަސްކަމުން އެއްވެސް އަންހެންކުއްޖަކަށް އިސްވެ އަނގައިން ބުނާކަށްވެސް ނުކެރެއެވެ. އިސްވެރިއަކަށްވެފައި އެހުންނަ މިޒާޖަކުންނެވެ. އެކުދިން އޭނައާއިހެދި އުޅޭކަން އެނގުނަސް އޭނަގެ އެއްވެސް ޝައުގެއް އެއިން އެކަކަށްވެސް ނެތެވެ. އެދުވަހު އޮފީސްކުއްޖެއްގެ އުފަންދުވަސް ފާހަގަކުރަންވެގެން ކޭކެއް ފަޅާފައި ސައިކޮޓަރީގައި ސައިދިނުން އޮތެވެ. މައިކަލްއަށް ދެވުނީ ތަންކޮޅެއް ލަހުންނެވެ. އޭރު ސައިކޮޓަރީގައި ހުރީ އަމީރާ އެކަނިއެވެ.
"ހެޕީ ރެއިނީ ޑޭ...." އަމީރާ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ދެއަތްތިލަ ޖައްސާލަން ބަލަން ހުރީ ބޯކޮށް ވާރޭވެހެމުންދާ މަންޒަރަށެވެ. ވާރޭގެ ބޯކަމުން މޫދުވެސް ނިވާއަޅާލާފައިވެއެވެ. ވާރޭވެހޭތަން ބަލަން ކިތަންމެ ގިނައިރުވިޔަސް ފޫހިކަމެއްނެތި އޭނައަށް ހުރެވިދާނެއެވެ. ޑިސެމްބަރުގެ ފިނި ވާރެ މުޅިރަށަށް ވެއްސަމުން ދާއިރު ބާރަށް ވައިޖެހެމުންދާތީ މޫސުމް އިތުރަށް ހިތްގައިމުކަމަށް އަމީރާ ދެކުނެވެ.
މައިކަލް ކޮފީ މަގު ހިފައިގެން އައިސް ހުއްޓުނީ އަމީރާއާއި ދާދި ކައިރީގައެވެ.
"ކޮންކަމަކާ ތިވިސްނަނީ؟ އެއްޗެކޭ ބުނަން ބޭނުންވީދޯ. އެހެންނޫންނަމަ ތިހާ ރީތިކޮށް ވާހަކަދައްކާނެހެން ހިޔެއްނުވޭ........."މައިކަލް ކައިރިވެލީމަ ސެންޓުވަސް ދުވަންފެށިއެވެ.
"ހޫމް. ބުނަން ބޭނުންވާ ވާހަކައެއް އެބައޮތް. މަންމަ ކުރީ ދުވަހު ބުނި އަހަރެން ނޫނީ ހެނާ ކުރެން އެކަކު މައިކަލްއާއި އިންނާށޯ ޖެހެނީ. މިހާތަނަށްވެސް މިވާހަކަ ސިއްރުކޮށްފައި ބާއްވަން މަޖުބޫރުވީ، އެކަމަކު މިއަދު ބުނެފާނަން. އައިމް މެރީޑް. އެހެންވެ މައިކަލްއަށް ނޫނެކޭ ބުނީ..........." އަމީރާ ކޮންމެވެސް ވަރަކަށް ހަގީގަތް ހާމަކުރަން ނިންމިއެވެ.
"ރިއަލީ؟ ކާކުކަން ބުނެދީފާނަން؟ "މައިކަލް ބުމަ އަރުވައިލަމުން ދޮރަށް ލެނގިލައިގެން ހުއްޓުނެވެ.
"އޭނަގެ ނަން ބުނެގެން އަދި އެނގޭނެހެން ހިޔެއްނުވޭ. އެ ފެމިލީ ދިރިއުޅެނީ ލަންކާގައި. ނަމަކީ ލޫސިއަން....." އަމީރާގެ ޖުމްލައިން މައިކަލްގެ ތުންފަތްމައްޗަށް ވެރިވި މަލާމާތުގެ ހިނިތުންވުންވެސް ވަގުތުން ފިލާދިޔައެވެ. އަމީރާ އޭނައަށް ދޮގުހަދަންވެސް ފެށީއެވެ. ނަމަވެސް އޭނަ ކެތްތެރިކަން އިސްކުރިއެވެ.
"ހޫމް. ތިވާހަކަ ބުނުމުގެ މާނައަކީ ކޮބާ؟ "މައިކަލް ފިނިގޮތަކަށް ބުނެލިއެވެ.
"ހިތަށް އަރާފާނެއްނު އަހަރެން އެއްބަސްނުވީއޭ. މައިކަލް ރުޅިއަރުވާލުމުން ލިބޭނެ ފައިދާއަށްވުރެ ޔަގީނުންވެސް ލިބޭނެ ގެއްލުން ބޮޑުވާނެ. މިއައީ ވަރަށް ބޮޑުކަމަކު އެދެން. އައި ބިލީވް ހެނާ ވެއްޓިފައިވާ ވަޅުގަނޑުން މިވަގުތު ސަލާމަތްކޮށްދެވެން އޮތީ އެކަނި މައިކަލްއަށް ކަން. އެހެންވީމަ ސިއްރުތައްވެސް އެބަޖެހޭ ހިއްސާކޮށްލަން. ހެނާ އަށް ޒޯހަންއޭ ކިޔާ ނުލަފާ ފިރިހެނާ ޕްރޮޕޯސްކުރީ. ހެނާވަނީ ޒޯހަންދެކެ ލޯބިވާކަމަށް އެއްބަސްވެފައި. ކޮއްކޮއަށް ވީތީ ހެނާއަށް އެހާ ބޮޑު ދެރައެއްލިބޭތަން ބަލާކަށް ކެތެއްވެސް ނުކުރެވޭނެ. މިވީހާތަނަށް ފުލުހުންނަށްވެސް އަހަރެންވަނީ ޒޯހަންގެ ހަގީގަތް ރަގަޅަށް ކިޔާނުދީ. މައިކަލްއަށް އެނގޭތަ؟ ރާދްއާއި ކިޔާރާ ރޭޕްކޮށްފައި މަރައިލިމީހަކީ ޒޯހަން ދިޔަވާ ދެވަނަމީހެއްނޫން. މީހަކު ބުނީއެއްނޫން. އަހަރެންގެ ލޮލުން އެމަންޒަރުދެކުނީ. އެހެންވެ ދުނިޔެއިން އެހެން ކޮންމެ މީހެއްދެކެ ހެނާ ލޯބިވިނަމަވެސް އެކްސެޕްޓްކުރެވުނީސް. ނަމަވެސް އެ ޝައިތާނާގެ ހިޔަނިވެސް ހެނާގެ ހަޔާތަށް އެޅޭކަށް ބޭނުމެއްނޫން....." އަމީރާ އިރުއިރުކޮޅާ ހުއްޓަހުއްޓާފައި ވާހަކަދެއްކިއިރު އަޑުގައި މޮޅިވެރިކަމެއް އެކުލެވެއެވެ. ވަރަށް ދެރަވެފައިހުރި ވައްތަރު މޫނުމަތީގައި ޖަހައެވެ.
"މައިކަލް ޕްލީޒް. ހެނާއާއި މެރީކުރޭ، ބޭނުންވިޔަސް ބޭނުން ނުވިޔަސް ޒޯހަންގެ ނުބައިކަމުން ސަލާމަތްކޮށްދޭން. އެޓްލީސްޓް ފެމިލީވީމަ ޔޫ ކެން ހެލްޕް ހާ......" އަމީރާ އާދޭހުގެ ރާގަކަށް އެންމެފަހު ޖުމްލަ ބުނެލުމުން މައިކަލް ހީލިއެވެ.
"ދެން ތީ ސުވާލު އުފެދޭކަމެއްވެސް ނޫނެއްނު. އަމީރާ އެހުމުގެ މާ ކުރިން އަހަރެން ހެނާއާއި އިންނަން އަހާފައި އޮތީ. ދެން ތިކިޔައިދިނީ ނު ޒޯހަންގެ ވާހަކަ، އަހަރެމެންގެ ނޫހުގައި ޖަހަންވީ ދޯ ބްރޭކިން ނިއުސްގެ ގޮތުގައި....." މައިކަލް އެއްބުމަ އަރުވައިލަމުން ބުނެލިގޮތުން އަމީރާގެ ހިތަށް ނުބައިގޮތެއްވިއެވެ. އޭނަ މައިކަލްއަށް އިތުބާރުކޮށްފައި އެފަދަ ވާހަކައެއް ބުނަންވީ ކީއްވެހެއްޔެވެ. އެވާހަކަ އޭނަގެ ފަރާތުން ބޭޒާރުވުމުން ޒޯހަން އޭނަގެ އާއިލާގެ ވަސް ދުނިޔެއިން ފޮހެލާކަށްވެސް ފަހެއް ނުޖެހޭނެއެވެ. ޒޯހަންގެ ގައިން ހެކި ފެނުމުންވެސް އޭނަ ދޫކޮށްލާފައި އެހެރީ އާއިލާގެ ނުފޫޒާއި ބާރުގެ ސަބަބުންނެވެ. ވީއިރު އަދި އަންހެންކުއްޖެއްގެ ހެކިބަހަށް އެކުށްވެރިޔާ ޖަލަށްލާނީ ކާކުހެއްޔެވެ؟ މަސްލަހަތަށްޓަކާ އެވާހަކަ ފޮރުވަން މިވަގުތު އެބަޖެހެއެވެ.
"ނޫން. ނޫން ނޫން ޕްލީޒް އިހަށް އެވާހަކަ ސިއްރުކޮށްދީ...." އަމީރާއަށް މައިކަލްގެ އަތުގައި ހިފާލެވުނެވެ. މައިކަލް އަތްދުރުކޮށްލީ އިންޒާރުގެ ނަޒަރަކުން ބަލައިލަމުންނެވެ. މިއަދަށްފަހު އޭނައަކީ ޅިޔަނުގެ ގޮތުގައި ދެކުމަށް އެދެލޯ ބުނާކަހަލައެވެ. އޭނަގެ އަތުގައި އަމީރާ އަތްލުމުގެ ހުއްދައެއްވެސް ނެތެވެ. މައިކަލް ހެދިގޮތުން އަމީރާ ކުޑަކޮށް ރަކިވެސްވިކަން އެނގުމުން މައިކަލް ހިނިއަންނަ ގޮތްވިއެވެ.
"އަމީރާ، ހާސްވާނެކަމެއްނެތް. ހެނާއަށް ދެރަގޮތެއްނުވާނެ. އަހަންނަށް ހުރިހާކަމެއް އެނގިގެންހުރެ ހެނާއަށްޓަކާ ކޮށްދޭ އިހުސާންތެރިކަމެއް މިއީ. ހެނާވެސް ފަހުން ޝުކުރު އަދާކުރާނެ......" މައިކަލް ޔަގީންކަންދިނެވެ.
މައިކަލްއަށް އޭނަގެ ދުޝްމިނުން ވަކިކުރަން އެނގެއެވެ. އަމީރާއާއި އަޅައިގަނެގެން ގަދަކަމުން ކައިވެނިކޮށްގެން އުޅެނީ ކޮން ޖިންނިއަކާއިކަން މައިކަލްއަށް ރަގަޅަށް އެނގެއެވެ. ސަބަބުވެސް އޭނަވަނީ ހޯދާފައެވެ. ޒޯހަން އޭނަގެ އަންހެނުންނާއި ކޮއްކޮ މަރައިލީ އަމިއްލަ ބާރުގައެއް ނޫނެވެ. އޭނަގެ ހަށިގަނޑު ތެރެއަށް ޖިންނިވަދެ އޭނަ ލައްވާ އެގޯސް ހެއްދީއެވެ. އެކަމެއް ރަށު މީހުންނަކަށް އަދި ޒޯހަންއަށްވެސް ވަނީ ނޭގި އެވަނީ އަނދިރިކަމެއްގެ ތެރޭގައެވެ. ޒޯހަން އެހާދިސާ ހިގިގޮތް ހޯދަން މަސައްކަތް ކުރަމުންދާތީ އެކަމަށް މައިކަލްވަނީ ފުރުސަތު ދީފައެވެ. ޒޯހަން ކުޅެން އެއުޅެނީ އަލިފާނާއެވެ. އެކަމަކު އޭނަ ޒޯހަންއަށް ނުރައްކަލެއް ދިމާވިޔަ ނުދީ ދިފާޢުކޮށްދޭނެއެވެ. މައިކަލްވަނީ ކުޅިގަނޑެއް އަތުރާލާފައެވެ. މިގޭމުން ކާމިޔާބުވާން އޭނަ އަތުކުރިއޮޅާލާފއިވަނީ ދުވަހަކު ކަމަކަށް ނޭދޭހާ ބޮޑަށެވެ. އެދުވަހަށްޓަކާ އެންމެން އިންތިޒާރުކުރަން ޖެހޭނެއެވެ.
އިރުއޮއްސި ރަތްވިލާލަމުން ދިޔައެވެ. އުޑުމަތީގައި ރަތް އަނގުރު އަލިފާން އަންދަމުންދާހެން ހީވާހާ ރަތެވެ. ގޮނޑުދޮށަށް ވެއްޓިފައިވާ ރުއްގަނޑެއްގެމަތީގައި ރަފައެލްއާއި އަމީރާ އިށީދެލައިގެން ތިބިއިރު ދެމީހުންގެ މޫނަށް ވެރިވެފައިވާ މަޑު ރަތްކުލައިގެ ސަބަބުން އަސަރުގަދަގޮތަކަށް ފެނެއެވެ. އަމީރާގެ އިސްތަށިގަނޑު ބާގަންޑީކުލައިން ޑައިކޮށްލާފައި ވުމާއިއެކު ރަތްވިލާގެ ހިޔަނި އެޅުމުން އެ އިސްތަށިގަނޑުވެސް ހައިރާންވާހާ ފުރިހަމައެވެ. އަމީރާ އިސްޖަހާލައިގެން އިންއިރު ރަފައެލްގެ ތޫނު ދެލޯ އޭނައަށް ހުއްޓިފައިވާކަން އިހުސާސްވިއެވެ.
"ރޭގައި ގޭތެރެއިން މުޅިންވެސް ފެނުނީ ސްޕައިޑާ. ވަރަށް ބިރުގަނޭ. މިސާލަކަށް މީހަކު އަހާފާނެ ނައިޓްމެއަރއެއް ކިޔާދީބަލާށޯ. ބުނެވޭނީ ލިފްޓެއްގެތެރޭގައި ސްޕައިޑާއަކާއިއެކު ތާށިވެފައި ހުއްޓާ ކަރަންޓް ދިޔުން. އެއަށްވުރެ ބިރުވެރިވެދާނެ ސިޗުއޭޝަނެއް ޚިޔާލަކަށް މިވަގުތު ނާދޭ. އަދި މިދެތިން ރޭ ކަޅުބުޅާތައް ފެންނަން ފަށައިފި. ކަޅި އަޅައިގެން ގަޔަށް އަރާފާނެހެން ހީވާ ކަހަލަ ގޮތަކަށް ފެންނަނީ......" އަމީރާ ހިމަ ހޯލި އިނގިލިތައް މަޅާލާފައި ހުޅުވާލާގޮތުން އޭނަގެ ހާސްކަމާއި ނުތަނަވަސްކަން ހާމަވެއެވެ.
"ވަށައިގެން ގަސްތައް ހުރީމަ ދިރޭ އެއްޗެހި އުޅޭނެ..." ރަފައެލް ބުމަ އަރުވައިލިއެވެ. އޭނަ ދަތްދޮޅީގައި އަތްއަޅުވާލައިގެން އަމީރާއަށް ބަލަންއިން ގޮތުން އަމީރާގެ މޫނަށް ހޫނުވާންފެށިއެވެ.
"ނޫނޭ. ފެންނަހާ ތަނަކުން ހަމަ ފަހާ ދުއްވައިގަންނަނީ. ލައިކް ޓޮއިލެޓް ސީޓުމަތީގައި އިންދާ ގަޔާއި ދިމާލަށް ދުވެފައި އައީ. އެކްޓިން ވިއާޑް. ރިއަލް ސްޕައިޑާބާވައޭވެސް ހިތަށް އެރި. ދެން އެތަން މިތަނުން އެއެއްޗެހި ބައިވަރު ފެނުނު. އާޒް މަރަން ވެގެން ޓްރައިކުރީމަ އެއްފަހަރުވެސް އަތުނުޖެހި ފިލައިގެން ދިޔައީވެސް ވަކި މަންޒިލަކަށް ދާން ގަސްތުކޮށްގެން ފަދަ ގޮތަކަށް. އާއްމުކޮށް ސްޕައިޑާގެ ބިހޭވިއާ ހުންނަގޮތެއް ނޫންކަން ނޭގޭ. އާޒްއަކަށްވެސް ނޭގުނު ބިސްމި ކިޔާފައި އެތިފަހަރެއް ވިހެލާކަށް....." އަމީރާ ކިޔައިދިނެވެ.
"އައިމް ނޮޓް ސަޕްރައިޒްޑް....."ރަފައެލް މާނަވީ ގޮތަކަށް ހީލިއެވެ.
"އެއީ؟ "އަމީރާއަކަށް ނުވިސްނުނެވެ.
"އެކަނި އިންސާނުންނެއް ނޫނޭ ތިހާ ރީތި އަންހެންކުއްޖަކާ ހިތާވާނީ. ޖިންނިންނާއި ދިރޭއެއްޗެހިވެސް އެޓްރެކްޓްވާނެ. އެހެންވެ ހައިރާން ނުވާ ވާހަކަ މިބުނީ..." ރަފައެލް ނުސީދާކޮށް ތައުރީފުކުރިއެވެ. އަމީރާ ކިޔާނެ އެއްޗެއް ނޭގިއިންއިރު ފުން ހިމޭންކަމެއް ވެރިވެގެންދިޔައެވެ. އަމީރާ ރަކިގޮތަކަށް ހީލުންފިޔަވާ ދައްކާނެ ވާހަކައެއް ނުވިސްނުނީކަން ނޭގެއެވެ.
"އަމީރާގެ ހުރިހާ ސްޕައިޑާއަކާއި ގޯސްޓަކާއި ހުރިހާ އެއްޗެއް އަސްލުވަނީ ބޮލުތެރޭގައި. އިޓްސް ނޮޓް ރިއަލް. އިންސާނާގެ ސިކުނޑި ވަރަށް ކޮމްޕްލެކްސް. އެހާ ވަރުގަދަ މެޝިނެއް އަދި އިންސާނަކަށްވެސް އުފެއްދިފައެއްނެތް. ކޮމްޕިއުޓަރަށްވެސް ވާދައެއް ނުކުރެވޭނެ. މާ ބޮޑަށް ބިރު އިހުސާސްކުރެވުނީމަ ސިކުނޑިއަށް ދުވަހަކު ނެތް އެއްޗެއް ސިފަވެދާނެ. އަމީރާއަށް އުދަގޫކުރާ ހުރިހާ ކްރީޗާސްތަކެއްވެސް އުޅެނީ އެގޮތަށް ސިކުނޑީގައި. ނައްތާލަން ކުޑަ ހިތްވަރެއްކޮށްލަން ޖެހޭނީ. އަސްލު ސިކުނޑި އެގޮތަށް ޕްރޮގްރާމްވެފައިވަނީ މީހާ ނުރައްކާތަކުން ސަލާމަތްކޮށްދޭން. މިސާލަކަށް ކަޅުރޭގަނޑެއްގައި ގޭގައި އެކަނި ފިލްމެއް ބަލައިލަން އިނީޔޯ. ކުއްލިއަކަށް ދޮރު އަޑާއަށް ހުޅުވުމާއިއެކު ބިރުންގޮސް އެތައް ބަދަލެއް އެމީހާއަށް އަންނާނެ. ހިތް އަވަސްވެ ދާހިއްލާ ނޭވާހާސްވުންފަދަ ކަންތައްތައްވެސް ވާނެ. ފަޅި ސިކުންތުކޮޅެއްފަހުން އެނގުނީ އެއީ ވައިރޯޅިއަކުންކަން ދޮރު ހުޅުވުނީ. އެކަމަކު އޭގެ ކުރިން ސިކުނޑި މަސައްކަތް އެކުރީ ހަށިގަނޑު ނުރައްކަލަށް ވެއްޓޭހިދު ވާގޮތަށް ފައިޓް އޯ ފްލައިޓް މޯޑްގައި. އެހެންވެ އެފަދަ ވަގުތުގައި ބައެއްފަހަރު ހީނުކުރާފަދަ އުސްފާރެއްގެ މަތިންވެސް ފުންމައިލެވިދާނެ. ދެން އެވާހަކައެއް ނޫނޭ، އަހަރެމެންގެ ދީނުގައި އެކަން އޮންނަގޮތާއިމެދުވެސް ވިސްނަން ޖެހޭ. އަގީދާ ވަރުގަދަކުރުމުން ހެއްދެވިފަރާތާއި އޮތް ގުޅުން ރަގަޅުވެ އެހެން މަޚުލޫގަކަށް ތިމާއަށް ގެއްލުމެއް ނުދެވޭނެކަމަށް ގަބޫލުކުރާނެ، އަމީރާއަށް އެނގޭތަ؟ ހިންޏަކަށް ދައިގަނެވޭނީވެސް ހެއްދެވިފަރާތުގެ އިޒުނައާއިއެކު. ޓްރަސްޓްމީ އަމީރާ. އިޓްސް އޯލް އިން ޔޯ ހެޑް. ސައިކޭޓްރިސްޓެއްގެ ހައިސިއްޔަތުން ޔަގީންކަން މިދެނީ......" ރަފައެލްގެ ލޮލަށް ބެލުމާއިއެކު އެލޮލުން ފެނުނު ސާބިތުކަން އަމީރާއަށް ލިބުނު ހިތްވަރަކަށްވިއެވެ. ރަފައެލް ދެއްކި ވާހަކަތަކަށް އިތުބާރުކުރަން ބޭނުންވިއެވެ. ފައިދިގު މަކުނުތަކާއި ބުޅާ އަދި އޭމޮންއަކީ އޭނަގެ ސިކުނޑީގައިވާ ކަންތައްތައް ކަމުގައި ހިތަށް ވައްދަން އުޅުނެވެ. ނަމަވެސް ކާމިޔާބުވީ ސިކުންތުކޮޅަކަށެވެ. އޭނަގެ ދޮންބައްޕަގެ ވާހަކަތައް ހަދާންވިއެވެ. ދޮންބައްޕައާއި ރަފައެލްގެ ޚިޔާލު އެއްގޮތެވެ. ރަފައެލް ނަފްސާނީ ޑޮކްޓަރުންނަށް ވުމުން ޖިންނި ޝައިތާނުން އުޅޭކަމަށް ގަބޫލުނުކުރިޔަސް އޭނަވަނީ އެ ހިތި ތަޖުރިބާކޮށްފައެވެ. އޭމޮންއަކީ އޭނަގެ ޚިޔާލުގައިވާ އެއްޗެއް ނޫނެވެ. ހަގީގަތެވެ. އޭނަގެ ބިރުވެރި ހުވަފެނެވެ. އެއީ ކޮންމެވެސް ކަހަލަ ބަދަލެއް ހިފުމުގެ ނިޔަތުގައި އޭނަގެ ދިރިއުޅުމަށް ފުންމާލައިގެން އުޅޭ ސިހުރުހަދާ ޖިންނިއެކެވެ. ކިތަންމެ ގިނަ ބޭހެއް ކައި ސައިކޯތެރަޕީ ދިނަސް އޭމޮން ފައްސައެއް ނުލެވޭނެއެވެ.
ރަފައެލް އަމީރާއަށް ދަސްކޮށްދިނީ ފުންކޮށް ނޭވާ ލައި ހަށިގަނޑު މުޅިން ރިލެކްސްކޮށްލާނެ ގޮތްތަކެވެ. ރިލެކްސްކުރަން ޔޯގާ ހަދަންވީގޮތެވެ. އަމީރާ އެކަމާއި ގަޔާވެގެން ބުނިގޮތްގޮތް ހެދިޔަސް އޭނައަށް މިއީ ބޭކާރުކަމެއްކަން ވިސްނުނެވެ.
ގެއަށް އައިގޮތަށްވެސް އަމީރާއަށް އޮވެވުނީ ރަފައެލް ދެއްކި ވާހަކަތަކާއިމެދު ވިސްނުމުގައެވެ.
ރަފައެލް މިއަދު ލޯބީގެ ވާހަކައެއް ނުދެއްކިއެވެ. އޭނަ ސީރިޔަސް ނަފްސާނީ ޑޮކްޓަރަކަށް ބަދަލުވާންވީ ސަބަބެއް އެއްގޮތަކަށްވެސް އަމީރާއަކަށް ނުވިސްނުނެވެ. އެހިތުގައި އަމީރާއަށްޓަކާ ޚާއްސަކަނެއް ދެވިފައިވާކަމަށް އޭނައަށް ހީކުރެވުނީ އޮޅުމަކުން ބާވައެވެ. އެފަދަ ނަޒަރަކުން ރަފައެލް ދެކެންފެށިތަނާ އަމީރާ އޭނަގެ ބަލިމީހަކަށްވުމުން އެ ޚިޔާލު ދޫކޮށްލީހެއްޔެވެ؟ ރަފައެލް އޭނަދެކެ ފޫހިވީހެއްޔެވެ؟ ހުސްހަށިބައިކަމަށް ބުނެ އޭނަ ގާތުގައި އިއުތިރާފުވެފައިވާއިރު އެހެން އަންހެނަކު އޭނަގެ ހަޔާތުގައިވާނެ ކަމަކަށް އަމީރާގެ ހިތެއްނުބުނެއެވެ. އެކީ ޑޭޓަށްގޮސް ފިނިފެންމާ ދީ އުޅުމަށްފަހު ހަމަ ކުއްލިއަކަށް އޭނަގެ ޑޮކްޓަރެއްގެ ހައިސިއްޔަތުން ދެކެން ފެށުމުން އަމީރާއަށް ވަނީ ނުބައި އިހުސާސްތަކެއްކޮށްފައެވެ. އެހެންވާންވީ ސަބަބެއް ވިސްނަ ވިސްނާ އޭނައަކަށް ނޭގުނެވެ.
ބާލީހުގައި ބައްދާލައިގެން އޮތްވާ ކުޑަދޮރު ބޭރުން މީހެއްގެ ފިޔަވަޅުގަ އަޑު އިވެންފެށިއެވެ. ފުރާޅުމަތީގައި ތޫނު އެއްޗެއް އަޅާފައި ދަމައިގަތީމަ އިވޭފަދަ އަޑެއް އިވި ދަތްތަކަށްވެސް ހީލިކެރުވިއެވެ. ރަޖާގަނޑުގައި ދެއަތުން ބާރަށް ހިފަހައްޓާލައިގެން ހިރިލާން ނުކެރި އޮތަސް އޭނަގެ ދެލޯ ދެފަރާތަށް ހިނގަމުން ދިޔައެވެ. މޭޒުމަތީގައި ހުރި ކުޑަ ޓެޑީބެއަރ ހަރަކާތްކުރިއެވެ. ކަރުދާސްގަނޑު ދެކޮޅަށް ކިރިލާފައި ވަޔާއިއެކު އުދުހިގަތެވެ. ކޮޓަރިތެރެއަށް ވައިގެ އެއްވެސް އަސަރެއް ނެތްއިރު އެހެން އެވަނީ ކޮންފަދަ ބާރަކުންކަން އެނގި އަމީރާ އޮތީ ނިކަން ބިރުގެންފައެވެ. ކުޑަދޮރުގައި އެތެރެއިން އަޅާފައިވާ ތަންޑުތައް ނެއްޓުނުއަޑު ކިޔެވެ. ޔަގީނެވެ. އޭމޮން އަންނަނީއެވެ. އޭމޮން އަންނަކަން ހިތަށް އެރުމުންވެސް ގައިގާ ވޭނެއް އަޅަންފެށިއެވެ. ކޮންމެފަހަރަކު އޭނަ މަރުވާވަރުކޮށްލަނީ އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތިއެވެ. ކުއްލިއަކަށް ކޮޓަރީގެ ބޮކިތައް ނިވާލާފައި އައިނައި ދިމާލެއް ނޭގި ފެނުނީ ގައި މައްޗަށް ވެއްޓިގަނެގެން އޭނަގެ ގައިގާވާ ހެދުންތައް އިރާލިތަނެވެ. ހުރިހާ ކަށިތައް ފުނޑުފުނޑުވެ މަސްތައް ވީދިގެންދާވަރުވުމުން އަމީރާ ކަރުބުޑުން ހަޅޭއްލަވަންފެށިއެވެ. އެއަޑު ވާރޭތެރެއަށް އޮބިގެން ދިޔައީއެވެ.
ފުދޭވަރަކަށް ވައިބާރެވެ. އުޑުމަތީގައި ވިލާތައް ބޯކަމުން ކޮންމެ އިރެއްގައިވެސް ވާރޭވެހެން ފެށާނެކަމުގެ ސިގްނަލްދެމުން ދިޔަނަމަވެސް މޫދަށް އެރިފައިވާ މީހުންތައް މަދެއްނޫނެވެ. ވެއްޓިފައިވާ ގަސްގަނޑެއްގެ މަތީގައި އަމީރާ އިނީ ކޮންމެހެން ވަކި މީހެއްގެ އިންތިޒާރުގައެއްނޫނެވެ. ހިތަށް ލިބިފައިވާ މާޔޫސްކަމުން ސަލާމަތްވާންވެގެން ހިގާލަން އައީއެވެ. ފަހަތުން މީހަކު ގޮވައިލިހެން ހީވުމާއިއެކު އަމީރާއަށް ބަލައިލެވުނެވެ. ގަބޫލުކުރަން ދަތިވިއެވެ. ދާދި ކައިރީގައި ހުރީ އޭނަގެ ހިތުގެ ވެރިޔާ ލޫސިއަންއެވެ. ޖިންސަކާއިއެކު ޓީޝާޓެއްލައިގެން ހުރިއިރު އިޝްތިހާރެއްފަދައެވެ. ކުޑަކޮށް ދިގުކޮށްލެވިފައިވާ އިސްތަށިގަނޑާއި ބިޔަކަން އަދި ތޫނު ދެލޮލުގެ ސަބަބުން ވެމްޕަޔަރަކާއި އެއްވެސް ތަފާތެއްނެތެވެ. ބާރުވައިރޯޅިތަކުގެ ސަބަބުން އިސްތަށިގަނޑު އެކިގޮތްގޮތަށް އުދުހެމުންދާއިރު ހާދަ ފިރިހެންވަންތައެވެ. އާއްމުކޮށް ދިވެހިންގެ ގައިގާ ނުހުންނަ ފަދަ ދިގު އިސްކޮޅާއި ބިޔަކަން އަދި އިސްތަށިގަނޑު ދިގުކޮށް އޮތުމުން ވައްތަރީ ބޭރު މޮޑެލްއަކާއެވެ. ލޫސިއާން ފެނުމުން ހިތަށް މިވާގޮތެކެވެ. އަމީރާގެ ހިތް ހުއްޓިފައި ވިންދުޖަހަންފެށީ ވަކިހަމައެއް ބަލާފައެއްނޫނެވެ.
"ވާއު، ގަބޫލެއްވެސް ނުކުރެވޭ. ހަމަ އެމީތަ؟ ނޫނީ އެސިފައިގާ އިން ޕަރީއެއްތަ؟ " އެއޮތް މީހުން ގިނައިރުވެސް މީހުން ކިޔާނެ އެއްޗަކަށް ބެލުމެއްނެތި ލޫސިއާން އިށީނީ އަމީރާ އިން ގަސްގަނޑުގެ މަތީގައެވެ.
"މިރަށުގައި ކީއްކުރަނީ؟ " އަމީރާ ހައިރާންވިއެވެ.
"މިރަށަށް އައުމުގެ ހުއްދަނެތީތަ؟ އެމީގެ ފަހަތުން އަވަލައިގެން އައި ޖިންނިއެއް މީ....." ލޫސިއާންގެ އެ ޖުމްލައިން އަމީރާގެ ދެލޯ ބޮޑުވެ ބަލަންއިނީ ހަމަ ބިރެއް ފެނިގެންކަހަލަ ގޮތަކަށެވެ. ލޫސިއާން ސަމާސާއަކަށް ހަދާފައިވެސް އެބުނީ ހަގީގަތެއްބާވައެވެ. އޭމޮންގެ ހުތުރު ސިފައާއި ހައްދު ފަހަނަޅާފައިވާ އަނިޔާވެރިކަންދެކެ ނަފްރަތުކުރާވަރުން ރީތި ސިފައެއްގައި އައިސް އޭނަގެ ލޯބި ހޯދަން އުޅެނީކަމަށް ވެދާނެއެވެ. އަމީރާއަށްވެފައި އިންގޮތެއް ފެނިފާ އޭނަ ސަމާސާއަކަށް ބުނި އެއްޗަކުން ނަމަވެސް އަމީރާއަށް ވަރަށް އަސަރުކޮށްފިކަން އެނގިގެން ލޫސިއާން އެކަމާ މާފަށް އެދުނެވެ.
"އައިމް ސޮރީ އެމީ. ހިތަށް ނާރާ އެކަހަލަ އެއްޗެއް ބުނެގެން ތިހާ ބިރުގެންފާނެއޭ. އެމީވެސް ޝައިތާނުންނާއި ޖިންނިންނަށް އީމާންވަނީ ހާދަވަރަކަށޭ......" ލޫސިއަން ކުޑަކޮށް ހީލިއެވެ.
"ގުރުއާން ގަބޫލުނުކުރަނީތަ؟ ގުރުއާނުގައި ޖިންނި ސޫރަތެއްވެސްވޭ...." އަމީރާ ހަށިފުރާނޭވައެއްލިއެވެ.
"ޖިންނިން އުޅޭކަމާއިމެދު ދެކޮޅުވީއެއްނޫން. އެކަމަކު އަހަރެމެންގެ ތެރޭގައި ވާކަމަށް ގަބޫލުނުކުރަނީ. އެމީ ތިހާ ބިރުގަންނަނީ އޭގެ މީހަކާއި ދިމާވީތަ؟ " ލޫސިއަން ސުވާލުކުރުމުން އަމީރާ ބޯޖަހައިލިއިރު އެދެލޮލުން ކަރުނައިގެ އަސަރުފާޅުވާން ހުއްޓެވެ.
"ދިމާވިޔޭ ބުންޏަސް ގަބޫލުކުރާނެ މީހެއްނެތް..." އަމީރާ ނޭފަތްދެމިއެވެ.
"އަހަރެމެންގެ ގޭގައިވެސް ޖިންނިން އުޅެޔޭ ކިޔާ، މަންމަވެސް މޮޔަވީ ޖިންނިއެއްގެ ސަބަބުންނޯ. ދެން އަހަރެން މަންމައާއިއެކު އުޅޭއިރު ދުވަހަކު އެކަހަލަ ކަމެއް ނުދެކެން..އެކަމަކު އެމީ ދޮގުހަދާ ކުއްޖަކާއި ވައްތަރެއްނޫން....." ލޫސިއާންގެ ވާހަކައިން އަމީރާ ހީކުރީ އޭނަ އެބުނީ ލަންކާގައި ދިރިއުޅޭގެ ކަމުގައެވެ.
"ފެމިލީ އެހެން މީހުންނަކަށްވެސް އެގެއިން ނުފެނޭތަ؟ " އަމީރާ އެހިއެވެ.
"ދޮންބެއާއި ކޮއްކޮ ލަންކާއަށް އަންނަނީ ޗުއްޓީހަދާލަން އެކަނި. މާމަ ކައިރީގައި ރަށުގައި ތިބީ. މިހާރު މަންމައަށް ކުޑަކޮށް ލުއިވުމުން މަންމަވެސް ގޮވައިގެން މިރަށަށް ބައްޕަ ދުރުވިއިރު ހިތަށް އެރީ ދެން އަންނަންވީއޭ. އެކޮޅުގައި ހުރުމުގެ މާނައެއްނެތް. މިކޮޅުގައި އުޅުނުއިރުވެސް އެއްވެސް މީހަކު ގެއިން ހަންޑިއަކު ފެނިގެން އުޅޭ ހަނދާނެއްނުވޭ..." ލޫސިއާންގެ މާނަވީ ހިނިތުންވުމުން އަމީރާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅު އާލާވިއެވެ. ނަމަވެސް އަހާލާކަށް ނުކެރުނެވެ. ބޭނުންވާ ޖަވާބު ނުލިބުނިއްޔާ ހިތުގައި ޖެހިދާނެއެވެ. މިކޮޅަށް ބަދަލުވާންވީ އޭނަ ހުރީމަހެއްޔެވެ؟
"އެންމެން އެކީގައި އުޅެން ފެށީމަ ދެން ވަރަށް ހެޕީވާނެދޯ...." އަމީރާއަށް ބުނެވުނެވެ.
"ހޫމް. ވަރަށް ދުވަސްކޮށްލާފައި ފެމިލީއަށް އަދި ކިރިޔާ އެކީގައިއުޅޭނެ ފުރުސަތު މިލިބުނީ......" ލޫސިއާން ބުނެލިއެވެ.
"ދޮންބެ ކީއްކުރަނީ؟ " އަމީރާ ހުރީ ލޫސިއާންގެ އާއިލާގެ ހުރިހާ މައުލޫމާތެއް އޮޅުންފިލުވާ ހިތުންނެވެ. ދޮންބެއަކީ ޑޮކްޓަރެއްކަމަށް ބުނުމުން އަމީރާ ސިހޭގޮތްވިއެވެ. ރަފައެލްއާއި ލޫސިއާންގެ މަންމައަކީވެސް ނަފްސާނީ ބަލިމީހުންނެވެ. ލޫސިއާންގެ ބޭބެއަކީ ޑޮކްޓަރެކެވެ. ރަފައެލްއާއި ލޫސިއާންގެ މޫނުމަތިން ވައްތަރުގޮތެއްހުރިހެންވެސް ހީވާންފެށިއެވެ. ލޮލުގައި އެހުންނަ ދަމާ ބާރު ދެމީހުންގެވެސް އެބަހުއްޓެވެ. ރަފައެލްއަކީ ދޮންބެއަށް ވެއްޖެއްޔާ ދެން ވާނީ ކިހިނެއްހެއްޔެވެ؟ ރަފައެލް އޭނަގެ ކޮއްކޮއާއި މޮޔައަކާއި ގުޅޭކަށް ގަބޫލެއްނުވާނެއެވެ. ރަފައެލް އޭނަ ލޭބަލްކޮށްފައިވާނީ ބަލިމީހެއްގެ ގޮތުގައެވެ.
ލޫސިއާން ފެނުމުން ވަރަށް އެހެން ކަހަލަ އަސަރުތަކެއް އެބަކުރުވައެވެ. އޭނަގެ ބައިވެރިޔެއްގެ މަގާމުގައި ހުންނަންވީ އޭމޮންއެއް ނޫނެވެ. ލޫސިއާންއެވެ. ނަމަވެސް ތަގުދީރު މިކުރީ ކޮންކަހަލަ ސަމާސާއެއްހެއްޔެވެ؟ އޭނަގެ ކައިވެނީގެ ތަންމަތިވެފައިވަނީ އަނގުރު އަލިފާންގަނޑަކަށެވެ. ކޮންމެރެއަކު އެތައްފަހަރު އޭނަ މަރުވެއެވެ. ވޭނަށް ކެތްނުކުރެވިގެން އަނބުރައިގަންނަ ގޮތްވެއެވެ. ކުޑަ ކުޑަ ހިތްހަމަޖެހުމެއް ވެސް މިވީހާތަނަށް އޭމޮންގެ ފަރާތުން ލިބިފައެއްނުވެއެވެ. ދުވަހަކު އެމީހާއަށް އާދޭސްނުކުރަން ހިތަށް ވައުދުވެފައިވީނަމަވެސް އެފަދަ ވަގުތުގައި އޭނަ ބަލިކަށިވެ ފައިގާ ހިފާ އާދޭސްކުރުވަން ޖައްސައެވެ. އިންސާނަކަށް ނުވީމަކަންނޭގެއެވެ. އެޖިންނީގެ ހިތްވެސް ވަނީ އަލިފާނުންނެވެ. އެއްވެސް ރަހުމެއް އިންސާނީވަންތަކަމެއް ލައްވާފައެއް ނުވަނީކަން ނޭގެއެވެ. މަލާމާތްކުރަން ހީގަނެފާ އަދި ޖެއްސުންތައް އިތުރުކުރާނީއެވެ.
ބޯކޮށް ވާރޭވެހިގަތުމުން އަމީރާގެ ލޮލުން އޮހެންފެށި ކަރުނަތައް ވާރެޔާއި އެކުވާން ފެށިއެވެ. ވާރޭތެރޭގައި ރުއިމުން އެހެން މީހުންނަށް ކަރުނަތައް ސިއްރުކުރެވޭކަމީ ނަސީބެކެވެ. ވާރޭވެހުނަސް މަޖާކުރަން ތިބިމީހުން ދާކަށް ނޫޅުނެވެ. ފިނިގަދަކަމުން ކަށިގަނޑު ތޮރުފާލާފައި ފިނި އެތެރެއަށް ފޭދިގެންދާފަދަ އިހުސާސްތަކެއް އަމީރާއަށް ކުރެވުނެވެ. ކައިރީގައި އެންމެ ލޯބިވާ އިންސާނާ އިނުމުން އެފަދަ ވަގުތެއްގައި އެންމެ ބޭނުންވާނީ ބައްދައިލުމަށެވެ. ދެމީހުން އެހާ ބޮޑަށް ބޭނުންވެ އެކަކު އަނެކަކަށް ބަލައިލާފައިވެސް އެކަމަށް ނުކުޅެދުނީ މީހުންގެ ތެރޭގައި ވުމުންނެވެ. އެފަދަ ވަގުތެއްގައި ކުރެވޭނެ އިހުސާސް އެންމެ ބޮޑަށް އެނގޭނީ އެކަން ތަޖުރިބާކުރެވުނު މީހަކަށެވެ.
އަމީރާ ހީކަރުވައިގެންގޮސް ދަތްދޮޅިއަށްދާންދެން ރޫރޫއަޅަންފެށުމުން އޭނަ ގަސްގަނޑު މަތިން ތެދުވެއްޖެއެވެ.
"އެމީ. ހަގްއެއްދެންތަ؟ " ލޫސިއާންއަށް ކެތްނުވެގެން އަހައިލިއެވެ.
"ނޯ........" އަމީރާއަށް ބާރަކަށް ކިޔާލެވުމުން ލޫސިއާން ހޭންފެށިއެވެ.
"ކީއްވެގެންނޯ. ފިނިވެގެންގޮސް މަރުނުވަނީސް ގަދަކަމުންވެސް އަހަރެން އެބަޖެހޭ ކަމެއްކޮށްލަން......" ލޫސިއާންގެ ލޭގެ ހިގުން ކުރިއަށްވުރެ އަވަސްވެގެން ދިޔުމާއިއެކު އަމީރާއަށް ބަލައިލީވެސް އެފަދަ ނަޒަރަކުންނެވެ. ލޫސިއާންގެ ޖުމްލައިން އަމީރާގެ ތުންފަތަށް ރަކި ހިންޏެއް ވެރިވިއެވެ.
"މީހުން އެތިބީ ބަލަން. މިތިބީ ޕަބްލިކް ޕްލޭސްއެއްގައޭ. ގޭ ކޮޓަރީގައެއްނޫން...." އަމީރާ އަމިއްލަ ނަފުސަށް ޔަގީންކަމެއް ނެތްކަހަލަ ގޮތަކަށް ބުނެލިއެވެ. އެވަގުތު އެހުރިހާ އިހުސާސްތަކަށް ގަނޑުފެން އަޅައިލީ އޭމޮންގެ ހަދާންވެފައެވެ. އެއާއިއެކު އޭނަ އެތަނުން ދާން ހިގައިގަތި އަމިއްލަ ނަފުސަށް ސަހަރޯވެރިވެ ރޮވޭ ހާލުގައެވެ. ދުވަހަކުވެސް ލޫސިއާންގެ ގާތްކަމާއި ލޯތްބެއް އޭނައަށް ނުލިބޭނެއެވެ. އެއީ ބިލާހެކެވެ. އެރީތިކަން މިލްކުކުރާނީ ކޮންމެވެސް އެހެން ނަސީބުގަދަ އަންހެންކުއްޖެކެވެ. ލޫސިއާން އަމީރާ ދާތަން ބަލަން އިރުކޮޅަކުން އިނދެލާފައި ފަހަތުން ދާންފެށީ މޫނަށް ފައިބަމުން ދިޔަ އިސްތަށިގަނޑު އަތުން ރީތިކޮށްލަމުންނެވެ. އޭރު އަންހެންކުދިންގެ ލޯތައް އެ ބީރައްޓެހި ޒުވާނާއަށް ހުއްޓިފައިވިއެވެ.
އަމީރާ މަގުކުރުކޮށްލަން ގަސްތަކުގެ ތެރެއަށް ވަދެގެން ދަމުން ހުއްޓިލީ ހިތަށް ތަދުވެގެން ކެތްނުވުމުންނެވެ. ކުރިއަށް އެންމެ ފިޔަވަޅެއް އަޅާނެ ހިތްވަރެއްވެސް ނެތީއެވެ. މިހާރު އުޅޭ ހާލަށްވުރެ މިވަގުތު މަރުވިޔަސް ހާސްބައި ރަގަޅެވެ. ގަހުގައި ބުރަކަށި ޖައްސާލިގޮތަށް ދެލޯ މަރާލުމާއެކު މޫނުގައި ދެއަތްއެޅިގޮތަށް ކުޑަކުއްޖެއްހެން އޭނަ ރޯންފެށިއެވެ.