"ވަޓް ދަ ހެލް އާރ ޔޫ ޑުއިން........ސްޓޮޕް އިޓް...." ރަފައެލް މައިކަލްއާއި ދިމާލަށް ހަޅޭއްލަވައިގަތެވެ. އޭރު ރަފައެލްގެ ހިތަށް ބިރުވެރިކަންވަދެ ނިތްކުރިން ދާހިއްލާލައިފިއެވެ. މައިކަލް އޭނަގެ ކޮއްކޮއަށް ކޮންމެފަދަ ބޮޑު ގެއްލުމެއްވެސް ދީފާނެއެވެ. އަންދާލާނަމޭވެސް ބުނެލީ ދިމާލަށެވެ. އެފަދަ ކަމެއްކޮށްފިއްޔާ އޭނަ މައިކަލްއަށް މާފުކުރާނީވެސް ކިހިނެއްހެއްޔެވެ؟
"ރަފޭލް ހާސްނުވޭ. ލޫސިއާން ދުނިޔެއާއި ވަކިވެގެން ހިނގައްޖެއްޔާ އެންމެ ފައިދާވާނެ މީހަކީވެސް ތީ. އަހަންނަށް އެނގޭ ރަފައެލްވެސް އަމީރާދެކެ ލޯބިވާކަން. އޭނަ ދިޔައީމަ އަމީރާވެސް ފްރީވީ......." މައިކަލް އޭރުވެސް ހުރީ ހަމަޖެހިލައިގެންނެވެ. އެދެލޮލުގައިވާ ޝުއޫރުތައް އެކަކަށްވެސް ތަރުޖަމާކުރެވޭނެ ހެނެއް ހިޔެއްނުވެއެވެ. ޖަޒުބާތުތައް ފޮރުވަން ކިތަންމެހާވެސް މޮޅެވެ.
"ސަން އޮފް އެ....... ކަލޭ ނުޖެހޭނެ އަހަރެންގެ ކަންތައްތަކުގައި ނިންމުން ނިންމާކަށް. ލޫސިއާން ނެތް ދުވަހަކުން އަމިރާ ހުންނާނީ އަބަދަށްޓަކާ އަހަރެންގެ ފަހަރިއަކަށް، އެކަން ދުވަހަކު ބަދަލެއްނުވާނެ. އެހެނޭ ކިޔާފައި ކަލޭ ނުޖެހޭ އަހަރެންގެ ކޮއްކޮއަށް ގޮތެއްހަދަން. ތިމާގެ މޮޅުކަން ދައްކަންވެގެން ޝައިތާނީ ބާރުތައް ހޯދައިގެން އުޅޭކަށް ލަދެއްނުގަނޭތަ؟ ހަމަ މިހާރު ތިކަންތައް ހުއްޓާލާ. ލޫސިއާންއަށް އެއްވެސް އަނިޔާއެއް ކޮށްފިއްޔާ އަހަރެން ކަލޭގެ ފުރާނަވެސް ދަމައިގަންނާނަން. އެކަން ހަދާން ކުރާތި......." ބިރާއި ރުޅިވެރިކަން ރަފައެލްގެ ތަބީއަތަށް ހީނުކުރާފަދަ ބަދަލެއް ގެނުވައިފިއެވެ.
"ހެހެ. ކާމް ޑައުން..." މައިކަލް އައިސް ރަފައެލްގެ ކޮނޑުގައި އަތްބޭއްވިއެވެ.
"އައި ސްވިއަރ އަހަރެން ރަފައެލްގެ ކޮއްކޮއަށް އެއްވެސް ގެއްލުމެއް ނުދެން. އަހަންނަށްވެސް ނޭގުނު އެކަން ހިނގައި ދިޔަގޮތެއް. ހަމަ ހައިރާންވި ކުއްލިއަކަށް އެ ބިރުވެރި ދެމީހުން ލޫސިއާންގެ ކައިރިން ފާޅުވެ އަހަރެންގެ ގައިގާ އަތްލިޔަނުދޭން އުޅުމުން. އެހެންވާންވީ ސަބަބެއް ނޭގުނު. އަހަރެން ގެންގުޅޭ ޖިންނިނަށްވުރެ މާ ވަރުގަދަ ދެޔޯއިންތަކެއް އެއައީ. އެއީ ކާކު ފޮނުވައިގެން ކީއްވެގެން އައި ބަޔެއްކަން ނޭގޭތީ ހަމަ ސުވާލު މާކެއްގައި މިހިރީ. ރަފައެލް ޓްރަސްޓްމީ. ލޫސިއާން ކޮންމެފަދަ ގޮތަކަށް އުޅުނަސް އަހަރެން ހަދާން ނައްތައެއް ނުލާނަން އެއީ ރަފައެލްގެ ކޮއްކޮކަން. ބިރުގަންނަވަން ކޮންމެ ފަދަ އިންޒާރެއް ދިނަސް ހިތަކަށް ނާރާ އަނިޔާއެއް ކުރަންވެސް. ސޯ ރިލެކްސް. ބަޓް ހޫ އާރ ދޭ. ލޫސިއާންއަށް އެމީހުން ހާޓްކޮށްފާނެ ބާ..." މައިކަލް ވިސްނުމެއްގެ ތެރޭގައި ހުރެފާ އިނގިލީގައި އޮތް އަނގޮޓިއާއި ދިމާލަށް ބެލިއެވެ. އެއަތުގައި އޮތް ދެ އަނގޮޓީގައިވެސް ތަފާތު ވައްތަރުގެ ކުރެހުންތައް ކުރަހާފައި ސޫރަތަކެއް ހުރިކަން ރަފައެލް ފާހަގަކުރިއެވެ.
"އަހަރެން ދާން ޖެހިއްޖެ. ސީ ޔޫ ލޭޓާ...." މައިކަލް ހީވީ އަވަސްއަރުވާލާފައި ހުރިހެންނެވެ. ރަފައެލްއަށް އެވީ ގޮތެއް ނޭގުނެވެ. ހަގީގަތުގައި މައިކަލްވެސް ހުރީ ލޫސިއާންގެ ކައިރިއަށް އެއައި ދިޔޯއިންނާއި ބެހޭ މައުލޫމާތު ހޯދަން ބޭނުންވެފައެވެ. އޭނަ ގެންގުޅޭ ޣުލާމު ޖިންނިން ލައްވާ އެ ސަބަބު އޮޅުން ފިލުވަން އޭނަ ބޭނުންވެގެން އެ ޖިންނިން ހާޒިރުކުރަން ބޭނުންވީއެވެ. ނަމަވެސް ކޮޓެޖްގައި އެފަދަ ކަމެއްކުރާކަށް އޭނަގެ ހިތެއްނޭދެއެވެ. މައިކަލް ހޯދުމުން އެނގުނީ އެކަން ކުރުވި މީހަކީ މިހުރީޒްކަމެވެ. މައިކަލް ހައިރާންވެ އަންތަރީސްވިއެވެ. ފަހުން ވިސްނުނެވެ. މިހުރީޒްވެސް އޭނަދެކެ ބިރުގަތީއެވެ. އޭނަގެ ބާރު އެނގޭތީ ލޫސިއާން އަށް ގެއްލުމެއް ކޮށްފާނެކަމުގެ ކުށްހީގައި ދަރިފުޅު ސަލާމަތްކުރަން އަވަހަށް ވަޒީރުން ފޮނުވީއެވެ. ލޫސިއާންއާއި މައިކަލްގެ ކުރިމަތިލުމެއް ހިނގައިފިއްޔާ ބަލިވާނީ ކާކުކަން މިހުރީޒަށް ޔަގީންވާނެވިއްޔާއެވެ. ޖިންނިންގެ އެންމެ ބާރުގަދަ ރަސްކަލުންވެސް އޭނަދެކެ އެބަ ސިހެއެވެ. މައިކަލްގެ ސިކުނޑިއަށް ޝައިތާނާ އެކަން ވައްދާދީ ލިބުނު ބޮޑާކަމުގައި ހޭންފެށިއެވެ.
ލޫސިއާން ގޭގެ ފަހަތު ފެންޑާއަށް ވަންއިރު މިހުރީޒް ތަފާތު ނަޒަރަކުން ބަލަން އިނދެލާފައި ހީލިއެވެ. ލޫސިއާން ކިތަންމެ ފޮރުވައިގެން ހުއްޓަސް އޭނަ ހިތްހަމަނުޖެހިފައިވާ މިންވަރު މިހުރީޒު ދެނެގަތެވެ. އެތަނަށް ވެރިވެފައިވާ ރަތްއައްޔާއިއެކު އުނދޯލިގޭގައި އެންމެން ތިބީ ވަރަށް އަރާމުކޮށެވެ. ވާރޭވެހުމުގެ ސަބަބުން ފިނިވާތީ ނަބީލާއިނީ ރަޖާގަނޑެއް ގައިގާ އަޅާ ފޮރުވިގެންނެވެ. އެލްސާ އުނދޯލީގެ ފަހަތު ފަޑިއަށް އަރާއިނދެ ސުޕާރީ ޕެކެޓްތަކެއް ކަނީ މެޓާ ފަދައިންނެވެ. އަދި އެލްސާ ނަބީލާގެ ބޯ މޮޑެދޭން އިންއިރު ލިބޭ އަރާމެއްގެ ބޮޑުކަމުން ނަބީލާ ދެލޯނުމަރަން ގަދަ ހަދާލައިގެން އިންނައިރުވެސް ލޯ މަރާލެވެއެވެ. ކިތަންމެ ގިނައިރެއްވިޔަސް އެލްސާގެ އަތް ވާޅުވާން ހިތަށްވެސް ނާރާނެއެވެ.
"އެއްޗެއް ކާލަބަލަ. ދަރިފުޅަށް ކިހިނެއްވެފަ ތިހިރީ؟ މީހަކާއި ހިފައިގެން ބަލިވީތަ؟ " މިހުރީޒްގެ ސުވާލުން ލޫސިއާން ސިހޭގޮތްވެފާ ބަލައިލިއެވެ.
"އަނެއްހެން މާ ބޮޑުކަމެއްނުވޭ..." ލޫސިއާން އިށީދެލާފައި ކުޑަމޭޒުމަތީގައި ހުރި ތަފާތު ވައްތަރުގެ ތަބައްތަކުގެ މަތި ހިއްލާލިއެވެ.
"ބައްޕައަށް އެނގޭ މައިކަލްއާއި ދެމީހުން ވަރަށް ހޫނުވިކަން. އެވާހަކައޭ ބައްޕަ މިދައްކަނީ؟ މައިކަލްއާއި ކުރިމަތިލެވޭނެ ބާރެއް ދަރިފުޅުމެންނަކަށް ލިބިފައެއްނުވޭ....." މިހުރީޒް ވިސްނާދޭ ރާގަކަށް ބުނެލިއެވެ.
"ވީއިރު ރަފައެލްއަށް އޭނަ މިގެއަށް ނުވައްދަން ބައްޕަ އަންގަވާ...." ލޫސިއާން ނުރުހިފާ ރަފައެލްއާއި ދިމާލަށްވެސް ނަޒަރު ހިންގައިލިއެވެ. ރަފައެލް އިސްޖަހާލައިގެން ފޯނާއި ކުޅެކުޅެއިން އިރު އިތުރު އެއްޗެއް ނުބުނެއެވެ. ލޫސިއާން އެބުނަނީ ދޮގެއްނޫނެވެ. މައިކަލް އެގެއަށް އަންނަންފެށީ އޭނަގެ އެކުވެރިކަމުގައެވެ.
"މައިކަލް ކޮންމެތާކަށް އަޔަސް ދަރިފުޅުމެންނަކަށް ގެއްލުމެއްނުވާނެ. އޭނައާއި ދުރުން އުޅުނީމަ އެވީ. އޭނައަށް ލިބިފައިވާ ބާރު އެނގޭއިރު ކައިރިވަންޏާ އަލިފާނާއި ކުޅުން ކަހަލަ ކަމަކަށްވާނީ. މަންމަވެސް މައިކަލް މިގެއަށް ވަނުން މަނާކުރާނެހެން ހިޔެއްނުވޭ. އެއީ އެންމެނަށް ބޮޑު ބިރެއް. ނުރައްކަލެއް............." މިހުރީޒް ކުޑަކޮށް ހީލައިފިއެވެ.
"ބްލެކް މެޖިޝަނެއް. ސިހުރުވެރިޔެއް. އަޅުގަނޑުވެސް އޭނަ ފެނުނީމަ ބިރުގަނޭ....." އެލްސާވެސް ބުނެލިއެވެ.
" އެހާ ނުރައްކާތެރި މީހެއް ވެއްޖެއްޔާ މިގެއަށް އައުމުގެ ހުއްދަދެވިގެންވެސް ނުވާނެ ބައްޕާ. އެހާ ވަރުގަދަ މީހަކާއި އެންމެންވެގެން ކުރިމަތިލާ އޭނަގެ ދުވަސް ދުއްވާލަންވީ. މިހާރު ބައްޕަ އޭނަ ދުޝްމަނަކަށްވުރެ އެކުވެރިއެއްގެ ގޮތުގައި ގެންގުޅޭތަން މިފެންނަނީ. އަޅުގަނޑަކަށް ގަބޫލުކުރެވޭވަރުގެ ކަމެއްނޫން. އޮޅުކޮށްގެން ގެންގުޅޭ މިނިކާވަގެކޭ ތަފާތެއް ނެތް މީހެއް އެއީ. ފުންމައިގަންނާނެ އިރެއް ހަމަ ނޭގޭނެ......" ލޫސިއާން އިނީ ކާހިތް ކެނޑިފައެވެ.
"ރަފައެލްގެ ކައިރިން އަހާބަލަ އެއީ ކާކުހެއްޔޭ. ރަފައެލްއަށް ރަގަޅަށް އެކަން އެނގޭ ދޯ. ރަފައެލްއާއި ލޭގެ ގޮތުން މައިކަލް ގުޅިފައިވާތީ ރަފައެލްވެސް ބޭނުމެއްނުވާނެ މައިކަލްއަށް ގެއްލުމެއްވާކަށް..." މިހުރީޒް ރަފައެލްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ލޫސިއާންއާއި އެލްސާއަށްވެސް އެ ޚަބަރުން ޝޮކެއް ލިބިފައި ސުވާލުގެ ނަޒަރަކުން ބަލަން ތިއްބެވެ.
"މައިކަލްއަކީ ނާޒިމްގެ ދަރިއެއް...." މިހުރީޒް މާނަވީ ހިނިތުންވުމަކާއިއެކު އެހެން ބުނެފައި ކަރުކެހިލިއެވެ. އެވާހަކަ ބުނުން އޭނައަށް އުދަގޫވީކަން ނޭގެއެވެ.
"އެކަމަކު ރަފައެލްއަކީ ބައްޕަގެ ދަރިއެއްނޫންތަ؟ " ލޫސިއާން ބުމަ ކައިރިކޮށްލިއެވެ.
"އާނ ދަރިފުޅާ. ރަފައެލްއަކީ ބައްޕަގެ ދަރިއެއްނޫން. މަންމަގެ ފުރަތަމަ ފިރިމީހާ ނާޒިމްގެ ދަރިއެއް. ފުރިހަމަ އިންސާނެއް. އެހެންވެ އޭނައަށް ދަރިފުޅުމެންނަށް ލިބިފައިވާފަދަ ބާރެއް ލިބިފައިނުވަނީ. ރަފައެލް ރައްކާތެރިކުރަންވެގެން ކުޑައިރުއްސުރެން ޖިންނިންނާއި ހަވާލުކުރަން ޖެހުނު ސަބަބަކީ އެއީ. އެކަމަކު ރަފައެލްދެކެ ހަމަ ދަރިއެއްފަދައިން ބައްޕަ ލޯބިވޭ. ލޫސިއާންމެންނަކާއި ތަފާތުކޮށްފައެއްވެސް ނުވާނެ. ދަރިފުޅުމެންގެ މަންމަދެކެ ވާ ލޯބި މަންމަގެ ދަރިންދެކެ ވަން. ރަފައެލްގެ ސަލާމަތަށްޓަކާ ކިތަންމެ ފަހަރު ފިޔަވަޅު އަޅާފައިވާނެ. އެކަން ރަފައެލްއަށްވެސް އޮންނާނީ އެނގިފައި. ދަރިފުޅުމެން ހީކުރަނީ ރަފައެލްއަށް ލިބިފައިވާ ބާރުގެ ބޭނުން ނުކޮށް އޭނަ އިންސާނެއްގެ ގޮތުގައި އުޅެން ބޭނުންވީހެން. އެހެނެއްނޫން. ރަފައެލްއަކީ ހަތަރުކަށިމަތި އިންސާނެއް. އިންސާނީ ދަރިފަސްކޮޅުން އައިސްފައި ހުރި ނަސީބު ރަގަޅު ޒުވާނެއް. ޖިންނިންގެ އާއިލާއަކާއިއެކު އުޅުނަސް މިވީހާތަނަށް އެކަން ނޭގި ރަފައެލް މިހިސާބަށް އައިސްފައި އެވަނީ.............." މިހުރީޒްގެ ވާހަކަތައް އަޑުއަހަން އެންމެން ތިބީ ހިރިވެސް ނުލައެވެ. ވަރަށް ރަގަޅަށް ކަނުލާ އަޑުއަހައިގެން އަދަބުވެރިކަމާއި އެކުގައެވެ.
"ދެން މިހާރު ރަފައެލްގެ މީހަކަށް މައިކަލް އެވީ. އަހަރެމެންނަށް މައިކަލްވެސް ދެރަގޮތެއް ނަހަދާނެ. ސިހުރުވެރިޔަކަށްވިޔަސް އޭނަ އާއި އަހަރެމެން ގުޅުވާދޭނެ މެދުވެރިއަކަށް ރަފައެލް މިހިރީ. ބައްޕަ ކުދިން ކައިރީ މައިކަލްއާއި އަޅާނުލާށޭ ބުނަނީ ކަމެއް ނުވެއެއްނޫނޭ. އޭރުން ދެފަރާތަށްވެސް ފައިދާ އޮތީ..." މިހުރީޒް ރަފައެލް ގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
"ވަޓް އެބައުޓް އާތިފް؟ އަމީރާމެންގެ ބައްޕަ އެހެރީ މިނިވަންވެގެން އައިސްފައެއްނު. އޭނަ މި އާއިލާއަށް ދެވަނަފަހަރަށް ގޯނާކުރާކަށް ނޫޅޭނެތަ؟ " ނަބީލާ އެހިއެވެ.
"އަހަރެމެންނަށް އޭނަ ހުއްޓުވިދާނެ...." މިހުރީޒް ޔަގީންކަމާއިއެކު ބުނެލިއެވެ.
"އޭނަ ސިހުރު ހަދަން ހަވާލުކުރާ ޝައިތާނުންނާއި ގުޅޭ މީހުން އަހަރެމެންގެ އެބަތިބި. ދެން ބަލާނީ ކާކުތޯ މޮޅުވާނީ......" މިހުރީޒު ހުރީ ހިތްހަމަޖެހިފައެވެ. އާތިފުއަށް ދެން އޭނަގެ އާއިލާއާއި ކުޅެވިދާނެކަމަކަށް ހިތް ނުބުނަނީއެވެ. މިފަހަރު ކޮންމެވެސް އެކަކު އެކަމުގައި ނިމިގެންދާނެއެވެ. މިހުރީޒް ދެކޭގޮތުގައި އާތިފުގެ ބާރުތައްވަނީ ވަރަށް ބޮޑުތަން ކުޑަވެފައެވެ. އެއަށްވުރެ މިހުރީޒްމެންވަނީ މިފާއިތުވެދިޔަ ދުވަސްތަކުގައި އެމީހުންގެ ކޮޅު ވަރުގަދަކޮށްފައެވެ. ހަގުރާމައެއް ފެށިޔަސް އާތިފަށް ކުރިމަތިވާނީ ނާކާމިޔާބެވެ.
ޒޯހަން ފަންޑިތަވެރިޔާގެ ކުރިމަތީގައި ފައްސަތޭކަ ރުފިޔާގެ ނޫޓު ބޮނޑިއެއް ބޭއްވިއެވެ. ފަންޑިތަވެރިޔާގެ މޫނު އުޖާލާވެ ދެލޯ ދިއްލިއްޖެއެވެ. އަނގައިގެ ދެމިޔަކަނުން ސޮނިތިކިތައް ފާޅުވިއެވެ. އުމުރުދުވަހުގެ މަސައްކަތުންވެސް އަދި މިވީހާތަނަށް މިފަދަ ނިއުމަތެއް އޭނައަށް ލިބިފައެއްނުވެއެވެ. ޒޯހަން އޭނަގެ އާއިލާގެ ސަލާމަތަށް ތަވީދު ހަދައިދޭން އެދުމުން އެމީހާ އެކަންތައް ނިންމާލަން އަވަސްވީ ފައިސާގެ ދަހިވެތިކަމުގައެވެ. ކޮންމެގޮތެއްވިޔަސް އޭނައަކީ އެހިސާބަށް މަޝްހޫރު ފަންޑިތަވެރިއެއްކަމުން މިވަގުތު ޒޯހަންވަނީ އެފަދަ މީހެއްގެ މަދަދަށް ބޭނުންވެފައެވެ. އާއިލާގެ ސަލާމަތަށްފަހު އޭނަ ހެނާ ހޯދުމަށްޓަކާ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. މައިކަލް ހަދާހާގޮތަކަށް ހެދެން އޭނަ މައިތިރިވެގެނެއް ނުހުންނާނެއެވެ.
އިރުއޮއްސެމުންދިޔައިރު އަމީރާއާއި ހެނާއާއި ދެކުދިންގޮސް ކޮޓެޖްގެ ބަގީޗާއިން ފިނިފެންމާތައް ބިދެގެން ގެއަށްވަނެވެ. ގޭތެރެ އޮތީ ހިމޭންކޮށެވެ. އަމީރާ ހުރުމުން ހެނާވެސް ވަނީ ބިރުފިލާފައެވެ. ޖިންނިން ދިރިއުޅޭ ގެއެއްކަން އެނގޭތީ ކުޑަކޮށް ޖެހިލުންވިޔަސް މިގެއަކުން ނުރައްކަލެއް ކުރިމަތިވާނެހެން ހިޔެއްނުވެއެވެ. ހެނާވެސް ހުރީ އެކަމާ ހިތްހަމަޖެހިފައެވެ. އިންސާނުންނަށްވުރެ ޖިންނިންގެ ދުނިޔެވެސް މާ ރަގަޅެވެ. އޭނައަށް މިވީހާތަނަށް އެންމެ ހެޔޮއެދޭ މީހަކަށްވެފާވަނީވެސް ޖިންނި އަންހެންކުއްޖެއް ނޫންހެއްޔެވެ؟ ހެނާ ކޮޓަރިއަށް ވަދެފާ ވައިލެޓްކުލައިގެ ޓުކުރިއެއްގައި މާތައް އަތުރަން ހުއްޓާ ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވުނުހެން ހީވެގެން އެނބުރުންއިރު މީހެއްގެ އެހީއާއި ނުލާ ދޮރު ލެއްޕިއްޖެއެވެ. ހެނާގެ ކަރުތެރެއިން ހަޅޭކެއްގެ އަޑު ބޭރުވިއެވެ.
"ރިލެކްސް ހެނާ. އިޓްސް މީ އާސާ...." ކުއްލިއަކަށް ފަހަތުން އާސާގެ އަޑު އިވުމުން ހެނާ އެނބުރި ބަލައިލިއެވެ.
"އާސާ. ތިގޮތަށް ބިރުގަންނަވަނީ ކީއްވެ؟ " ހެނާހަމަޖެހުމުގެ ނޭވާއެއްލިޔަސް ބުމަ ކައިރިކުރިއެވެ.
"އަހަރެން ހަގީގަތް ކިޔާނުދެނީސް އެނގުނީމަ ރުޅިއައިސްފަކަން އެނގޭ، އައިމް ސޮރީ. ހަގީގަތް ބުނާނެ ހިތްވަރު އޭރު ނުލިބުނީ. އައިމް ނޮޓް އެ ހިއުމަން. މުޅިން އެހެނެއްވެސް ނޫން. މަންމައަކީ ހަމަ ހެނާފަދަ އިންސާނެއް. ބައްޕައަކީ ޖިންނިއެއް. އާސާގެ ސިފައިގާ ގޮތިކް މޭކަޕްކޮށްގެން އުޅުނުއިރު މަޖާ ދުވަސްކޮޅެއް. މީހުންނަށް ހެލްޕްވެސްވަން. ސްޕެޝަލީ ހެނާ ކަހަލަ ރަގަޅުކުދިންނަށް ކަންތައްކޮށްދޭ ހިތްވޭ. ސްކޫލްގައިވެސް ބުލީކުރާކުއްޖެއް ހުރެއްޖެއްޔާ ހެލްޕްވިން....." އާސާ ހުރީ ޖެހި ބުދެއްހެންނެވެ.
"އާސާއަކީ ޖިންނިއެއްކަން ޔަގީންވާނީ ކިހިނެއް؟" ހެނާ އަހައިލިއެވެ.
"އޯކޭ. އަސްލު ސިފައިގާ ދެން ހެނާއަށް މިފެންނަނީ. އޭރަށް ގަބޫލުކުރާނެއްނު...." އާސާ ކުއްލިއަކަށް މަޑުމަޑުން ތަހުލީލުވަމުންގޮސް ހިޔަންޏަކަށްވީ ހެނާ ބަލަބަލާ ހުއްޓާ ކުރިމަތީގައެވެ. ހެނާ ހުރީ ކަޅިވެސް ޖަހާލަން ނޭގިފައެވެ. ކިތަންމެ ހިތްވަރުކޮށްގެން ހުއްޓަސް އޭނަ އެއޮތް ފިނިތަނުގައި ދާހިއްލާލައިފިއެވެ. ތަލިން ކުޅުހިކި ވިންދު އަވަސްވެއްޖެއެވެ. ކިތަންމެ ގާތް ކުއްޖަކަށްވިނަމަވެސް ޖިންނި އަންހެންކުއްޖެއްކަން އެނގުމުން ދެން ވާނީ ކިހިނެއްހެއްޔެވެ؟ ކިތަންމެ ބުންޏަސް ޖިންނިންނާއި ގުޅިގެން އިންސާނަކަށް އުޅުމަކީ އެހެން މީހަކަށް ގަބޫލުކުރެވޭނެ ކަމެއްވެސް ނޫނެވެ. އާސާ ކުރިމަތިން ގެއްލުނަސް އޭނަ ހޭންފެށިއެވެ. އެހިނިގަނޑުން ހެނާގެ މުޅިގައިގާ ވާ ހާ ލޯލިތައް ކޮޅަށް ޖެހުނެވެ. ހުނުމުގެ އަޑު އަންނަނީ އެކި ދިމާލުންނެވެ. އެއާއިއެކު ހެނާގެ އަތުގައި އޮތް މަލާއިވެސް ކުޅެލިއެވެ. އިސްތަށިގަނޑުގައިވާ ވޫލްކޮޅު ނައްޓާލައިފިއެވެ.
"އޯ މައިގޯޑް. އާސާ ޕްލީޒް އަހަރެން ބިރުގަނޭ ދެން ފެންނަންވީ...."ހެނާ ވަށައިގެން އެނބުރެމުން ކިޔާލިއެވެ.
އެއާއިއެކު ކުރިމަތިން ފެނުނީ ޕަރީއެއްފަދަ ދޮން ދޮން އަންހެންކުއްޖެކެވެ. ކޮންމެވެސް ތާކުން ދެކުނު ކުއްޖެކެވެ. އިސްތަށިގަނޑު އޮތީ ބިންމަތީގައި ހޭކިލާހާ ދިގުކޮށެވެ.
"ކުރިންވެސް ދެކެން.ތިއީ....ތިއީ އާޒްގެ ފްރެންޑް؟ " ހެނާއަށް ބުނެވުނެވެ.
"ތިބުނީ ރަގަޅަށް. އޭރު ގޮސް އާޒްއާއިއެކު ވަރަށް ގިނައިން ކުޅެ އުޅެން. އަހަރެންގެ ނަމަކީ އެލްސާ. އެކަމަކު އެންމެން ލޯބިން ކިޔާއުޅޭ ނަމަކީވެސް އާސާ........" ރީތިކަމުން ފުރިފައިވާ ހީލުމަކާއިއެކު އެލްސާ ޖަވާބުދިނެވެ.
"އޯ ވާއު ޔޯ ހެއަރ...." ކޮންމެ އަންހެންކުއްޖަކު ލިބުމަށް އެދޭފަދަ އެރީތި އިސްތަށިގަނޑުން ނަޒަރު ވަކިކުރަން ނޭގިފައި ހުރެ ހެނާ މަޑުމަޑުން ކިޔާލައިފިއެވެ.
"އެސްފީނާ ޖެހިދާނެ އެހާ ބަލަންޏާ ހެނާގަނޑު. އެހެހެންވެ ގޮތިކް މޭކަޕްގައި އިންސާނުންނާއިއެކު އުޅުނީ. އެސްފީނާޖެހިދާނެތީ ބިރުން..." އެލްސާ ހިނިގަނޑުޖަހައިލިއެވެ.
"ކެން އައި ޓަޗް ޔޫ...." ހެނާ ހުރީ އަދިވެސް ފެންނަ މަންޒަރުތައް ގަބޫލުނުކުރެވިފައެވެ.
"ހެނާ ތިހާ ޝޮކްގައި ނުހުރެބަލަ. އަހަރެން މިއީ އެކަނި ޖިންނިއެއްގެ ދަރިއެއްނޫނޭ. އަހަރެމެންގެ ގައިގާ އަތްލެވޭނެ. އިންސާނެއްގެ ގޮތުގައި އުޅޭއިރު ވަކި ތަފާތެއްނުހުންނާނެ. އޮންލީ ތިންގް އިޒް ވަރަށް ހޫނުވާނެ ހެހެ. ތަނެއް ކެނޑުނީމަ ދުން އަރާ..........." އެލްސާ ހެނާގެ އަތުގައި ހިފާލަމުން ވާހަކަދެއްކިއެވެ. އެލްސާއާއި ވާހަކަދައްކަމުން ދިޔަވަރަކަށް ހެނާގެ ބިރު ފިލާ އެލްސާގެ އެސޫރައިގާވެސް އޭނަ އެކުވެރިކަން ގަބޫލުކުރިއެވެ. އެލްސާއަކީ ހަމަ އާސާއެވެ. އެމިޒާޖެވެ. އެ ސަމާސާ ގޮތްގަނޑެވެ. އެހާ އަޅާލާ ރަގަޅު އެކުވެރިއެކެވެ. އިންސާނަކަށް ކޮންމެހެން ވާކަށް ނުޖެހެއެވެ. ޖިންނިއަކަށްވިޔަސް އެހާ އަޅާލާ ލޯބިވަންޏާ އެހެން މީހަކަށް ބޭނުމެއްނުވާނެއެވެ. އެލްސާ ހެނާ ގޮވައިގެންގޮސް އޭނަގެ މަންމައާއި މާމައާއި ބައްދަލުކުރުވިއެވެ. ފަހުން ރަފައެލްއާއި ދިމާވެގެން ރަފައެލްއަށްވެސް ތައާރަފުކޮށްދިނެވެ. ލޫސިއާންއާއި އަމީރާ ކޮޓަރީގައި އުޅެނިކޮށް އެކޮޓަރީގައި ޓަކިދިނުމުން ނުކުތީ ލޫސިއާންއެވެ. އެރަތްއަލީގައި ދޮރުމަތީގައި ހުރިއިރު ތަފާތު ރީތިކަމެއް ފެންނާން ހުރެފާ އިންސާނެއް ނޫންކަން ބަލައިލި ކޮންމެ މީހަކަށް އެނގޭނެއެވެ. ކިރިޔާ ދޮރުގައި ބޯ ނުޖެހޭކަމެވެ.
"ހައި ލިޓްލް ސިސް. ފިޑި އިންސިކުއްޖަކާއި ރައްޓެހިވެގެން އުޅޭއިރު ތިކުއްޖާ ހާޓްއެޓޭކެއްވެސް ނުޖެހޭތަ؟ " ލޫސިއާން އެލްސާގެ ކޮލުގައި ހިފައިލިއެވެ.
"ޝީޒް މައި ބެސްޓްފްރެންޑް......." އެލްސާ ފޮނިގޮތަކަށް ހީލިއެވެ.
"ހައި ހެނާ.. ވެލްކަމް ޓު ދަ ޖިންނި ވޯލްޑް....." ލޫސިއާން އެއްލޯ މަރައިލިއެވެ.
ހެނާ އެގޮތަށް އޭނަ ދޫކޮށްލާފައި ދިޔުމުން ޒޯހަންގެ ހިތަށް ކެތްނުވެގެން އޭނަ ހެނާ ހޯދަން މުޅިރަށުތެރޭގައި އެތައްފަހަރު ދުއްވިއެވެ. އެކިގޮތްގޮތުން ހެނާގެ ޚަބަރު ބަލަން އުޅެއުޅެ އެކަން ނުވުމުން ކޮޓެޖަށްދާން ނިންމީ އުއްމީދާއިއެކުގައެވެ. އަމީރާ ދިރިއުޅެނީ ކޮޓެޖްގައިކަން ޒޯހަންއަށްވަނީ އެނގިފައެވެ. ހުރިހާ ވާހަކައެއް ކިޔާދިނުމުން އަމީރާގެ ހިތަށް ހަމްދަރުދީވަންނާނެ ކަމަށް ޒޯހަން ޔަގީންކުރިއެވެ. ދުވާލުގެ ހޫނުކަމުން ބިންގަނޑުންނާއި ފުރާޅުންވެސް އާވިއަރާހެން ހީވިއެވެ. ޒޯހަން އެގެއާއި ދިމާލަށް ހިނގައިގަތްއިރު އޭނަގެ ނިތްކުރީގައިވެސް ދާތިކިތައްވިދައެވެ. ދޮރުމަތިން އަމީރާ ފެނިފާ ޒޯހަން ސުވާލުކުރުމުން އަމީރާ ނުރުހިފައި ހުއްޓަސް ހެނާއަށް ގޮވިއެވެ. ރައްޓެއްސަކު ބައްދަލުކުރަން އައިސްފާ ހުރިކަމަށް ބުނެލިއެވެ.
"އެއީ ކާކުތަ؟ " ހެނާ ލޯ ކުޑަކޮށްލިއެވެ.
"ދެން ދޭބަލަ ހެނާ......" އަމީރާ ކޮޓަރިތެރެއަށް ދެމިގެންފިއެވެ.
"ޑޯންޓް ވޮރީ. އިންވިޒިބަލްވެގެން ގާތުގައި ހުންނާނަމޭ. މާ ކަންތައް ބޮޑުވާން ހެދިއްޔާ އެމީހަކަށް ލަނޑެއްދޭނަން....." އެއީ ކާކުކަން އެނގިހުރެވެސް އެލްސާ ބޭނުންވީ ހެނާގޮސް އެމީހަކާއި ބައްދަލުކުރާށެވެ. ހެނާ ލައިގެން ހުރި ޓީޝާޓުގެ މަތިން ޖިލްބާބުލުމަށްފަހު ބޮލުގައި ޝޯލް އޮޅާލައިގެން ނުކުތްއިރު ދޮރުމަތީގައި ޒޯހަން ހުރިތަން ފެނުމުން ހިތް ތެޅިގަތެވެ. ޒޯހަން އޭނައާއި ބައްދަލުކުރަން އަންނަންވީ ކީއްކުރަންހެއްޔެވެ؟ އަބުރާލާފައި ދާން އުޅެފައިވެސް ހެނާ ބޭނުންވީ ޒޯހަންއާއި ދިމާލަށް ރަގަޅަށް އެއްޗެހި ކިޔާލާށެވެ. ދެވަނަފަހަރަށް އެމޫނު ދެކެން ބޭނުންނުވާކަންވެސް އަންގާނީއެވެ. ޒޯހަން ދެވަނަފަހަރަށް އޭނަގެ ޒަޚަމްވެފައިވާ ހިތް ހަލާކުކުރުމަށް ފުރުސަތުދިނުމުގެ މާނައެއްވެސް ނެތެވެ. އެފަދަ މޮޔަކަމެއް އޭނަ ތަކުރާރެއްނުކުރާނެއެވެ. ނަމަވެސް ޒޯހަންގެ މޫނު ފެނުމުން އެހިތަށް ލިބުނު ހަމަޖެހުމާއި ހިތް ތެޅުނުވަރުން އެހިތުގައި ލައްވާފައިވާ ލޯބީގެ އިހުސާސްތަކުގެ މަތިވެރިކަން އަމިއްލައަށް ގަބޫލުކުރެވުނެވެ. ފެށުނީއްސުރެން އެހިތުގައި ދެވަނަ މީހެއްގެ ނަމެއްނުވެއެވެ.
"ކީއްކުރަން ތިއައީ؟ " ހެނާ އަޑަށް ބާރުލާފައި ބުނަން އުޅުނަސް އަޑުގެ ބަލިކަށިކަމުން ހިތާއި ދެކޮޅަށް އެހިކަހަލައެވެ.
"އަހަރެން މިއައީ ހެނާ ބަލާ......"ޒޯހަންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔުމާއިއެކު އޭނައަށް ހެނާގެ އަތުގައި ހިފާލެވިއްޖެއެވެ.