އަމީރާގެ އެޖުމްލައާއިއެކު އެތަނުގައި ހިމޭންކަން ފުންވެގެން ދިޔައެވެ. ޚުދު މައިކަލްވެސް އިނީ ފާޑެއްގެ ޝޮކެއްގައެވެ. އަމީރާ ކުރި ޝައްކަކުން މައިކަލް ރުޅިއަންނަ ގޮތްވެސްވިއެވެ. ހަގީގަތަކީވެސް މަންމަ މައިކަލްގެ ބައްޕަ ކަމަށްބުނާ މީހާއާއި ބެހޭގޮތުން ރަށުގެ އެންމެން ޝައްކުކުރާކަމެވެ. ސިއްރުސިއްރުން ކިޔާއުޅެނީވެސް މައިކަލްއަކީ އެހެން މީހެއްގެ ދަރިއެއްކަމުގައެވެ. އެކަމުން މައިކަލްގެ ހިތަށް ކުރި ބާރަކުން ރުޅިއަންނަގޮތްވެސްވީއެވެ. އަމީރާ މިހާރު ހަދަން އެއުޅެނީ ހެނާއަކީ މައިކަލްގެ ކޮއްކޮއެއް ކަމުގައެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. އޭނަ އެހެން ވިޔަކަނުދޭނެއެވެ. ނަމަވެސް މައިކަލްގެ ހިތުގައިވެސް ޝައްކުގެ އޮއިވަރެއް ހިނގައިގެންފިއެވެ. މަންމަ އަބަދުވެސް އޭނަގެ ގާތުގައި ސިއްރެއް ބުނަން ބޭނުންވެފައިވާކަން އެނގެއެވެ. އެސިއްރު މަންމަ އެދިޔައީ ކަށްވަޅަށް ހިފައިގެންނެވެ.
އެކަމަކު އެއީ އެކަށީގެންވާކަމެއް ނޫނެވެ. މަންމައަށް ހެނާއަކީ މައިކަލްގެ ކޮއްކޮކަން ޔަގީންވާނަމަ އެކައިވެނި ކުރިޔަކަ ނުދޭނެއެވެ. މަންމަވެސް އެހާ ބޮޑު ފާފައެއްކުރާކަށް ފުރުސަތެއް ނުދޭނެއެވެ. ނަމަވެސް މަންމަ ހާމަކުރަން އުޅުނީ ކޮންފަދަ ސިއްރެއްހެއްޔެވެ؟ މިވީހާތަނަށް އޭނަގެ އަސްލާއިމެދު ވިސްނާފައި ނުވާ މައިކަލް އޭނައަކީ ކާކުކަން ހޯދުމުގެ ޝައުގު ހިތުގައި އުފެދުނެވެ. އޭނަ ގެންގުޅޭ ޖިންނިންނަށް އެކަންތައް ނޭގެންވީ ސަބަބެއްވެސް ނެތެވެ. ކޮންމެވެސް ބާރުގަދަ ފަރާތަކުން އެކަން ފޮރުވަން މަޖުބޫރުކުރަނީބާވައެވެ.
"އިހަށް މިވާހަކަ ބާއްވާފައި އެހެން މައުލޫއަކަށްދާން ފެނޭ، އާފްޓައޯލް މައިކްވެސް އެހާ ބޭނުންވާހަކައެއް ހެން ހިޔެއްނުވޭ. ހެނާގެ ހާލު ކިހިނެއްތަ؟" ރަފައެލް މައިކަލްއަށް ބަލައިލަމުން ހީލިއެވެ.
"ޝީޒް ފައިން....." މައިކަލް ޖަވާބު ދިނެވެ.
"ހެނާއަށް ގުޅާ ގުޅާ ފޯނެއްވެސް ނުނަގާ. އިޓްސް ނޮޓް ސޯ ލައިކް ހެނާ. މައިކް ބުނެފަ އޮންނަނީތަ ފޯނު ނުނަގާށޭ. އެއްވެސް ތަނަކަށް ނުދާށޭ........" އަމީރާ މައިކަލް ކުށްވެރިކުރާފަދަ ރާގަކަށް ބުނެލިއެވެ.
"ޑޭމިޓް. އަމީރާއަށް ހާދަ އަންޑަސްޓޭންޑް ނުވެޔޭ ދޯ. ހެނާއަދި ކިރިޔާ އެޑްމިޓްކޮށްފާ އޮވެފާ އެދޫކޮށްލީ. އޭނައަކަށް އަދި ތަންތަނަށް ގޮހެއް ނޫޅެވޭނެ. ބޭނުންގޮތަކަށް ވިސްނާ. އައި ޑޯންޓް ކެއަރ އޯކޭ؟ " މައިކަލް ރުޅިގަދަވިތަން ފެނިފާ އެންމެނަށް ހައިރާންކަމެއް ލިބުނެވެ. އަދި މީހަކު ރުޅިއަންނަވަރުގެ ވާހަކައެއްވެސް އަމީރާ ބުނީއެއް ނޫނެވެ. އެކަމުން އެންމެނަށް ފާހަގަވީ މައިކަލް ކޮންމެވެސް ކަމެއް ފޮރުވާކަމެވެ. މައުޟޫ ބަދަލުކޮށްލުމުން އެތަނަށް ވެރިވެފައިވާ ނުތަނަވަސްކަން އިތުރުވުންނޫން ކަމެއް ނުވިއެވެ. އަމީރާވެސް އިނީ ފާޑަކަށް ރަކިވެފައެވެ. ކުއްލިއަކަށް ނަބީލާއަށް މައިކަލްގެ މޫނުމަތިން ފެންނަނީ ކާކުގެ ސޫރައެއްކަން ގާތްގަނޑަކަށް ޔަގީންވުމާއިއެކު ކުއްލިއަކަށް ތަށި އެއްފަރާތްކޮށްލާފައި އެތަނުން ދާން ހިނގައިގަތެވެ.
"މަންމާ..." ރަފައެލް ގޮވައިލިއެވެ.
"ކެއުން ކުރިއަށް ގެންދޭ. އަހަރެން ބޭނުމެއްނޫން ދެން މިތާ އެންމެ މިނިޓަކަށްވެސް އިންނަން..........." ނަބީލާ އެނބުރި ބަލައިވެސް ނުލާ ބާރަކަށް ހިނގާލާފައިގޮސް ނިވާވުމުން މައިކަލް އަދި ހޭންފެށިއެވެ.
"އަހަންނަށް ހީވަނީ ރަފައެލް މަންމަވެސް އަހަންނާއިމެދު ހިތްހަމަނުޖެހުނީހެން....." މައިކަލް ބުނެލިއެވެ.
"މަންމަ ކުޑަކޮށް މައްސަލަ ހުންނަކަން މިރަށު އެންމެނަށްވެސް އެނގެއެއްނު. އައިމް ސޮރީ މައިކް. މަންމަ ހަމަ އެހެން ހުރެލާފައިވެސް ކުއްލިއަކަށް ކަމަކާއި ނުލާ ރުޅިގަނޑު ހިލިދާނެ އެއީ ވަކި މައިކްވީމައެއްނޫން....." ރަފައެލް ބުނެދޭން މަސައްކަތްކުރުމުން މައިކަލް ހީލާފައި ބުނީ އޭނައަށް ވިސްނޭކަމަށާއި އެކަމާއި އެއްވެސް އެއްޗެއް ހިތުގައި ނެތްކަމުގައެވެ. އެދެމީހުން އެކަންތައްގަނޑު ރީތިކޮށް ހަމަޖެއްސުމުން އަމީރާއަކަށް ކެތެއްނުކުރެވުނެވެ.
"އެރަގަންޓްކަމުން ހަމަ. މައިކަލް ދެން މަންމަ އިންދާ އެގޮތަށް ރުޅިގަދަކުރީމަ ކިހާ ހަޑި. އެހެން މީހުންނަށް ރެސްޕެކްޓްކުރުމެއްވެސް ހަމަ ނެތް. ދިސް އިޒް ނޮޓް ޔޯ އޮފީސް. އަހަރެންގެ ގެ. މައިކް އެކަން ދަންނަން ޖެހޭނެ. އަދި އޮފީހުގައިވެސް ރަފައެލްއަށްވުރެ މާ މަތީ މީހެއްކަމަށް ހެދިގެން ބޮސީވެގެން އުޅެނީ. އިގޯވެސް ހިސާބަށްވުރެ ބޮޑީ. ހަމަ ރީތިކޮށްވެސް ބުނެވިދާނެ ދޯ........." އަމީރާވެސް ފާޑަކަށް ކަޅިއަޅަމުން ވާހަކަދެއްކިއެވެ.
"އަހަރެން އުޅެންވާގޮތާއި ވާހަކަދައްކަންވާގޮތް އަމީރާއަކަށް ނޭގޭނެ. ސޮރީ ސްވީޓްހާޓް. ރަފައެލް އެތާ ވެރިމީހާގެ ދަރިއަށްވިޔަސް އަހަރެން ދޯ އެތަން ހިންގަނީ؟ ރަފައެލް ވަދެލާކަން އެކަނި. މިއިނީ ކުރިމަތީގައި. ރަފައެލް އިންދާވެސް މިހެން ބުނަން ޖެހިލުމެއްނުވޭ. ދެން ކަނޑާލިޔަސް ހަގީގަތްވާނީ ހަގީގަތަށް. އަމީރާގެ ބޮޑު އަނގަ. ނަސީބެއް އަހަންނާއި އިންނަން ނުޖެހުނުކަން. އެހެންނޫންނަމަ އަހަރެން ހުންނާނީ ތި އަނގަ މައިތިރިކޮށްފަ..މިހާރު ހިތަށް އަރާ އަމީރާއާއި އިނދެވުނު ނަމައޭ.........." މައިކަލްގެ ވާހަކައިން އަމީރާ އަނގަ ހުޅުވުނެވެ.
"ހައު ޑެއަރ ޔޫ. މައިކަލް ލަދެއްވެސް ނުގަނޭތަ؟ " އަމީރާ ރުޅިއައިސްގެން ފަޅައިގެންދާ ވަރުވިއެވެ.
"ހެހެ........ކާމް ޑައުން އެމީ. އެޓްލީސްޓް ޝުކުރުކޮށްބަލަ އަހަންނާއި ނީދެވުނުކަން......" މައިކަލް އަދިވެސް ބޮޑަށް އަމީރާ ރުޅިއަރުވައިލާހިތްވިއެވެ. އަމީރާ މޭޒުމަތީގައިވާހާ އެއްޗެއްގައި އަތުން ޖަހާ ހޫރާލާފައި އެތަނުން ދާން ހިނގައިގަތުމުން ރަފައެލް އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. މިރޭގެ ޑިނަރ މިދިޔައީ އޭނަ ހީކުރިވަރަށްވުރެ ގޯސްކޮށެވެ. މައިކަލްގެ ތަބީއަތުވެސް އޭގެ އެންމެ ނުބައިވެފައިވާ ދަނޑިވަޅެކެވެ. އޭނަގެ މުވައްޒަފަކަށްވީ ހިނދުވެސް މައިކަލް ބޭނުން ކޮންމެ އެއްޗެއް ބުނުމުގެ ފުރުސަތުވެސް އޮތީ އެދޭތެރޭގައިވާ އެކުވެރިކަމުގެ މާތް ގުޅުމުންނެވެ. ފެށުނުއިރު އޮތް ޒާތީ ހަސަދައާއި ރުޅިވެރިކަން ފިލާ އެދޭތެރޭގައިވާ ގާތްކަން ބަދަހިވާކަށް މާ ގިނަ ދުވަސްތަކެއް ނުނެގިއެވެ.
ނަބީލާ ގޮސް ކޮޓަރިއަށްވަންގޮތަށް މަޚުމާޖެހި އަރާމު އެނދަށް ވެއްޓިގަތްއިރު ދެލޮލުން ރުޅިވެރިކަން ފާޅުވޭވޭހުއްޓެވެ. އޭނައަށް މިހާރު މައިކަލްގެ ބައްޕައަކީ ކާކުކަން ރަގަޅަށް ޔަގީންވެއްޖެއެވެ. މިހުރީޒުވެސް އެކަން އެނގިހުރެ އޭނައަށް ފޮރުވީ ކީއްވެހެއްޔެވެ؟ މިހުރީޒް މިރޭ ކެއުމުގައި ބައިވެރިނުވީވެސް މައިކަލްއާއި ކުރިމަތިނުލާންވެގެންނެވެ. މިގެއަށް އަންނާކަށްވެސް ނޫޅުނެވެ. ރުޅިގަދަވެގެންގޮސް ކެތްނުވާވަރުވުމުން ނަބީލާ އެނދުގައިވާހާ ބާލީސްތައް ބިމަށް ހޫރައިގަތެވެ. އެވަރުންވެސް ހިތަށްހަމަޖެހުމެއް ނުލިބިގެން ބާރަކަށް މިހުރީޒުގެ ނަމުން ގޮވާ ހަޅޭއްލަވަންފެށިއެވެ.
ކާންތިބެފާ މަންމަގެ އަޑު ގަދަވެގަތުމުން ރަފައެލް އަވަސްވެގަތީ އޭނަގެ މަންމައާއި ހަމަޔަށް ދިޔުމަށެވެ. މައިކަލް އައުމުން މަންމަގެ ނަފްސާނީ މައްސަލަ އަލުން އިއާދަވީ ކީއްވެބާވައެވެ. މަންމަ އެހާވަރަށް މައިކަލްއާއި ދިމާލަށް ބެލިގޮތުން ނުބަޔެއް އުޅޭކަން ރަފައެލް ދެނެގަތެވެ. ނޭގުނީ އެ ސަބަބެވެ. ރަފައެލް އޭނަގެ މަންމަ ގަދަކަމުން ގެނެސް މޭގައި ޖައްސާލަމުން އެކި ވާހަކަތައް ދައްކާ މަންމަ މަސަލަސް ކުރަން މަސައްކަތްކުރީ ކުޑަކުއްޖެއްހެންނެވެ. ވާހަކަދެއްކީ ކުޑަކުއްޖަކާއި ވާހަކަދައްކާނެހާ ލޯބިންނެވެ. އިރުކޮޅެއްގެ ތެރޭގައި ނަބީލާ މައިތިރިވެ ހަމަޔަކަށް އެޅުނެވެ. ނަމަވެސް ދެން ބުނެލި އެއްޗަކުން ރަފައެލްއަށް މަންމަގެ ސިކުނޑީގެ ރަގަޅުކަމާއިމެދު ޝައްކު އުފެދުނެވެ.
"ރަފައެލް. މައިކަލްއަކީ ދަރިފުޅުގެ ބޭބެއެއް ނޫނީ ކޮއްކޮއެއް. މަންމައަށް މިރޭ އެކަން ޔަގީންވެއްޖެ....." ނަބީލާ ދެލޯ ހިމަކޮށްލީ އާއްމުކޮށް ކަމަކާއި ހިތްހަމަނުޖެހުމުން ހަދާފަދަ ގޮތަކަށެވެ.
"ކީއްވެ މަންމަ ތިހެން ބުނީ؟ މައިކަލް ނުބުނެއެއްނު އެކަހަލަ ވާހަކައެއްވެސް..." ރަފައެލް ކުޑަކޮށް ނުތަނަވަސްވާގޮތްވިއެވެ.
"މައިކަލްގެ ހުރީ ސީދާ ބައްޕަގެ ދެލޯ. އެއްވެސް ތަފާތެއް ނެތް. ހަމަ ބައްޕަގެ ދެލޯ އެއީ. ދަރިފުޅުގެ ލޮލާއިވެސް ތަފާތެއްނެތް. އެދިގު އެސްފިޔަތައް. މަންމައަށް މިރޭ އެކަން ޔަގީންވެއްޖެ. މައިކަލްގެ މިޒާޖުވެސް ހުރީ އެކަހަލަ ގޮތަކަށް. މަންމަ އެހާބޮޑަށް ރުޅިއައީ ކޮންމެހެން މައިކަލްދެކެއެއް ނޫން. ބައްޕަގެ ހުރި ބޭވަފާތެރިކަމާއި ތެދުވެރިކަމެއްނެތްކަން އެހާ ހާމަކަން ބޮޑުކޮށް ފެނުމުން. އެކަމަކު އޭރު އަބަދުވެސް މަންމަގެ ކުށް ދައްކާނީ. ތިމާ އުޅުނުގޮތެއް ނުފެނޭ. އެހެން ޝައްކުވެގެން ސުވާލުކުރީމަވެސް ވަރަށް އިނަސެންޓްވެގެން ހުރީ. އެދުވަސްކޮޅު މޫމިނާއާއި ރޮޒާލިއާވެސް ދަންނަން. ހޫމް ދަރިފުޅާ ރަފައެލް. ބަލާނެކަމެއްނެތް. ކޮންމެވެސް ދުވަހަކުން އަދި އެކަންތައް ފަޅާ އަރާނެ. މިއަދު ނޫނީ މާދަންނަމަވެސް އެކަންތައް ބޭޒާރުވާނެ. މައިކަލް ދުނިޔޭގައި އެހެރީ ދުނިޔެއަށް އޭނަގެ ބައްޕަ ފަޟީހަތްވާންވެގެން......." ނަބީލާގެ ވާހަކަތަކުން ރަފައެލް އިނީ ކުޑަކޮށް ހައިރާންވެފައެވެ. އެކަނި މީހެއްގެ ލޮލަށް ބަލައިގެން އެއީ ކާކުގެ ދަރިއެއްކަން މަންމަ ޔަގީންކުރުމުން އަދި ވަކިން ބޮޑަށް ހައިރާންވާނެ ނޫންހެއްޔެވެ؟ އެހެން މީހަކަށް ފާހަގަނުކުރެވުނު ކަމެއް މަންމަ ފާހަގަކޮށްފިއެވެ.
އަމީރާއާއި ހެނާގެ ބައްޕަ އާތިފު ރޮޒާލިއާއި އިންނަން އެހުމުން ރޮޒާލިއާ އިންތިހާއަށް ރުޅިގަދަވިއެވެ. އޭނަ ހުރީ ނަޝީދު ދުރަށް ދާންދެންހެއްޔެވެ؟ އާތިފު ސަލާމަތްވުމާއިއެކުހެން ނަޝީދު އެހާ ބިރުވެރިގޮތަކަށް މަރުވުމުން ރޮޒާލިއާގެ ހިތުގައި ޝައްކުތަކެއްވެސް އުފެދުނެވެ. މިއީ ގުދުރަތީ މަރެއްބާވައޭވެސް ހިތަށް އެރިއެވެ. އެހެންވެ ކެތްނުކުރެވިގެން ރޮޒާލިއާ އާތިފުއާއި ސުވާލުކުރިއެވެ.
"އާ ނަޝީދު މަރުވީ ގުދުރަތީ މަރަކުން ނޫން. މީހަކު އޭނަ މަރައިލީ. އެކަމަކު އަހަންނެއްނޫން އެކަން ކުރީ. އަހަންނަށް އެކަން ވުމުގެ ކުރިން އެހެން މީހަކު އެމަސައްކަތް ފުރިހަމަކޮށްދީފި. އަހަންނަށްވަނީ ހުރިހާކަމެއް އޮޅުންފިލާފައި. ފާޑު ފާޑުގެ މީހުން ގެއަށް ވައްދައިގެން އުޅެންޏާ ވާންވީގޮތް އެވީ. އެކަމަކު އަހަރެން އެކަމާއި ހިތާމައެއް ނުކުރަން. އޭނައަށް ހައްގު ސަޒާއެލިބުނީ....." އާތިފުގެ ވާހަކައިން ރޮޒާލިއާގެ ހިތުގައި ވީ ސުވާލުތައް އިތުރުވިއެވެ. އަހާއަހާ ވީގޮތް ބުނާކަށް ނޫޅުނެވެ. އާތިފު ބުނީ އޭނަގެ ދަރިންނަށް ދިމާވެގެން އުޅޭ ކަންތައްތަކުން ސަލާމަތްކުރުމަކީ މިހާރު އޭނައަށް އެންމެ މުހިއްމު ކަންތައްކަމުގަޔާއި ކާމިޔާބު ވީއިރަކުން ރޮޒާލިއާއަށް ހާމަކުރާނެކަމުގައެވެ.
ރޮޒާލިއާ ގޭގައި އެކަނިވިއެވެ. އަމީރާވެސް ގިނައިން އުޅެނީ ކޮޓެޖުގައެވެ. ހެނާގެ މަތިން ގިނަފަހަރު އޭނަ ހަނދާނެއްވެސް ނުހުންނަނީއެވެ. އަމީރާއާއި އާޒްފިޔަވާ އަޅާލަންޖެހޭ އެހެންކުއްޖެއް ހުންނަކަމަކަށް ރޮޒާލިއާ ނުދެކެއެވެ. ހެނާ ނުފެނި އެހާ ދުވަސްވާއިރުވެސް އެގެއަށްވަދެނުލާތާ ގުޅާލާކަށްވެސް ހިތަކަށް ނޭރިއެވެ. ގިނަގިނައިން އާތިފުވެސް އެގެއަށް އައިސް ދަރިންގެ ޚަބަރު އޮޅުން ފިލުވާހަދައެވެ. އަމީރާއާއި ހެނާ އެގެއަށް ނުގެންނާތީ އެކަމާއި ރޮޒާލިއާއާއި ދިމާލަށް ވާހަކަދެއްކިއެވެ.
"މީހުންނާއި އިނދެގެން ދިޔައީމަ ދެން އަހަރެން ނުޖެހޭނެ ބަލާކަށް. އާތިފުވެސް އެއިން ގެއަކަށް ދިޔައްޔާ ވާނީ ކީއްތަ؟ އާތިފުއެއްނު ކޮޓެޖު ފަޅުކުރަން ފަންޑިތަހެދީ. ދެން ދެ އާއިލާ ދޭތެރޭގެ ދުޝްމަނުކަން އުފައްދާފައި އާތިފު އަށް އަދި ވާހަކަދައްކަން އަނގަ ހުޅުވާލަން ކެރޭތީ އަޖައިބު. ދެން އެހެރީ އަމިއްލަ ދޮންދަރި. މައިކަލްއާއި ހެނާ އިނދެގެން އެހެރީ. އެގެއަށް ނުވަންނަންވީ ދައްތަ ދުނިޔޭގައި ނެތީމަތަ؟" ރޮޒާލިއާ މޫނު ހަދާލައިގެން ހުރެވެސް ހެދިކާއާއި ސައި ގެނެސްދިނުމުން އާތިފު ފާޑަކަށް ހީލާފައި ކާންފެށިއެވެ.
"މައިކަލް އަހަރެންގެ ފޮތްތައް ބޭނުންކޮށްގެން އޭނައަށް އެނގެން ނުޖެހޭ އެއްޗެހި ދަސްކޮށްގެން ވިޔާނުދާ މަގު ޚިޔާރުކޮށްފި. އޭނަގެ ނުރައްކާތެރިކަން ހުރިހާ ކަމަކަށްވުރެ ބޮޑު. ރޮޒާލިއާއަށް ނޭގުނު ތިމާގެ ދަރިއަކު ސިހުރުވެރިޔަކާއި ދެވިއިރުވެސް........" އާތިފު އެންމެފަހުން ކޮންމެވެސް ވަރަކަށް ހަގީގަތްހާމަކުރިއެވެ. ރޮޒާލިއާ ބާރު ހިނިގަނޑެއް ޖަހާލާފައި މޭޒުގެ އަނެއްފަރާތުގައި އިށީދެ ސައިތަށި ތުނބުގައިޖެހިއެވެ.
"ހެނާގެ ބައްޕަކަހަލަ ފިރިއަކުވެސް ހޯދީނު. ދެން ކީކޭ ބުނާނީ؟ ތިމާއުޅުނުގޮތް ދޮންދަރިންނަށްވެސް ދަސްވާނީ......" ރޮޒާލިއާ އެކަމަކާއި އެއްވެސް ވަރަކަށް ދެރައެއްނުވެއެވެ. ސިހުރުވެރިއެކޭ ބުނުމުން އެއީ ކޮންފަދަ ނުބައި އަމަލެއްކަމާއި ތިމާގެ ދަރިފުޅު އެކަމުން ސަލާމަތްކުރާން އެއްވެސް ވަރަކަށް ނުވިސްނިތާގައި ރޮޒާލިއާ ދެކެނީ ހެނާއަކީ ނަސީބުވެރި އަންހެންކުއްޖެއްކަމުގައެވެ. މައިކަލްފަދަ ރީތި މީހަކު މިންވަރު ކުރެއްވުމުން ހެނާ އެކަމާއި އުފާކުރަންޖެހޭނެ ކަމުގައެވެ. އަނެއްކޮޅަކަށް އެއްގޮތަކަށްވެސް އޭނަގެ ވިސްނުން ހިންގާފައެއްނުވެއެވެ.
ދެމީހުން ނުރުހުމާއިއެކު އެކަކު އަނެކަކަށް އެއްޗެކި ކިޔާ އަރައިރުންވިޔަސް މަޑުމަޑުންގޮސް ދެމީހުން އެކީގައި ހޭދަކުރާ ވަގުތު އޮންނަނީ ގިނަވެފައެވެ. ނަޝީދު މަރުވިތާ ހަފްތާއެއް ނުވަނީސް އާތިފު އެގޭގައި ނިދަން އޮންނަ ހިސާބަށްވެސް ދިޔައެވެ. ރޮޒާލިއާ ބުނަނީ ދަރިންގެ ބައްޕައަށްވުމުން އޭނަ އިހުތިރާމްކުރަނީ ކަމުގައެވެ. އެގެއަށް އަޔަސް އަޅާނުލަނީ އެހެންވެކަމުގައެވެ.
ކޮޓެޖްގެ ރޭގަނޑުގެ ކެއުމުގައި އާއިލާ އެންމެންހެން ބައިވެރިވިއެވެ. މިހުރީޒްއާއި ނަބީލާ އަދި ރަފައެލް އާއި އެލްސާގެ އިތުރުން ލޫސިއާންގެ ދެމަފިރިންވެސް ހިމެނެއެވެ. އަމީރާ މިހާރުވަނީ ގާތްގަނޑަކަށް ޖިންނި ދިރިއުޅުމަށް ހޭނިފައެވެ. އެގޭތެރެއިން ފެންނަމުންދާ އެތައް ރޫހާނީ ކަންތައްތަކަކީ އޭނައަށް އާކަމެއް ނޫނެވެ. ނުފެންނަ އެތައް މަޚުލޫގުންނެއް އެހިސާބުގައި އުޅޭކަން އޭނަދަނެއެވެ. އެކަންތައްތަކުން މަޖާވެސް ވެއެވެ. އަމީރާގެ އެކަނި ވޭނަކީ ދަރިފުޅު ތޮޅޭއިރު ލިބޭ ވޭނާއި އެތެރެހަށި ހޫނުވާވަރެވެ. އަދި ބައެއްފަހަރު ކެތްނުވާވަރަށް ތަދުވެ ރޯންޖެހިފައިވާލެއް ގިނަވާންފެށިކަމެވެ. އެރޭ ލޫސިއާން އޭނަގެ މަންމަމެންނަށް އެ ޚަބަރު އިއްވުމުން ކާކޮޓަރިތެރެއަށް ހިމޭންކަމެއް ވެރިވިއެވެ.
"ދަރިފުޅާ. ބައްޕައަށް އެކަން އެނގޭ. ބައްޕަގެ ލޫސިއާން އެވާހަކަ ނުބުނަނީސް އެކަން އެނގޭކަމަށް ނަހަދަން މިހިރީ...." މިހުރީޒް މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ.
"ކޮންފަދަ އުފާވެރި ޚަބަރެއް. މާމަ ދަރިއެއް ލިބުމަކީ އެންމެ އުއްމީދުކުރާކަންތައް. ވަރަށް ކެތްކުރާން ޖެހޭނެ އިނގޭ. އެހެން ކުދިންނާއި ތަފާތުވާނެ ތަންކޮޅެއް ބާރުގަދަވާނެ...މަންމައަށް ލޫސިއާން މެން ލިބުނުއިރުވެސް ކެތްކުރިފަދައިން........." ނަބީލާ ތެދުވެގެން ގޮސް އަމީރާގެ ގައިގާ ބައްދާލާފައި ނިތްކުރިއަށް ދޮނެއްދިނެވެ. ރަފައެލްއިނީ ޝޮކެއްގައެވެ. ލޫސިއާންވެސް ބެލީ ރަފައެލްގެ މޫނުގެ ކުލަވަރަށެވެ. ރަފައެލް އަށް އެނޫން އަންހެންކުއްޖަކު ނުފެނުނީހެއްޔެވެ؟ އޭނައާއި ރަފައެލްއަށް އެކަކު ދެކެ ލޯބިވުމަކީ އިންސާފެއްވެސް ނޫނެވެ. ރަފައެލްއާއިމެދު ހަމްދަރުދީވެ ލޫސިއާން އިސްޖެހުނެވެ. ރަފައެލްގެ ހިތަށް ކުރާނެ އަސަރާއި ވާނެ ދެރަ އޭނައަށް ނޭގެނީއެއްނޫނެވެ. ހިތްއެދޭ ބައިވެރިޔާ ނުލިބުމަށްވުރެ ހިތުގައި އެހާ ވޭންއަޅާނެ އިތުރު ކަމެއް ނޯންނާނެއެވެ. ލޯބިވާ މީހާއާއިއެކު އުޅުމުގެ ޝަރަފު ލިބޭނީ ނަސީބުވެރިންނަށެވެ.
އެލްސާވެސް އަމީރާއަށް މަރުހަބާކިޔެވެ. އެންމެން އުފާފާޅުކުރަމުން ދިޔައިރުވެސް ރަފައެލް ހިމޭނުން އިނދެ ކަމުންދާތަން ފެނިފާ ލޫސިއާން ސަމާސާކޮށްލާހިތްވިއެވެ.
"އައުޗް. ހިތަށް ތަދުވެއްޖެ. ދޮންބެ ކޮންގްރާވެސް ނުކީމަ އެނގިއްޖެ އެކަމާ ވަރަށް ނައްޓާފައިކަން އިނީ. އަހަންނަށް އެނގޭ ސަބަބު. އެއީ............... " ލޫސިއާން ކުޑަކޮށް ހީލަމުން ކިޔައިލިއެވެ.