އެލްސާވެސް އަމީރާއަށް މަރުހަބާކިޔެވެ. އެންމެން އުފާފާޅުކުރަމުން ދިޔައިރުވެސް ރަފައެލް ހިމޭނުން އިނދެ ކަމުންދާތަން ފެނިފާ ލޫސިއާން ސަމާސާކޮށްލާހިތްވިއެވެ.
"އައުޗް. ހިތަށް ތަދުވެއްޖެ. ދޮންބެ ކޮންގްރާވެސް ނުކީމަ އެނގިއްޖެ އެކަމާ ވަރަށް ނައްޓާފައިކަން އިނީ. އަހަންނަށް އެނގޭ ސަބަބު. އެއީ............... " ލޫސިއާން ކުޑަކޮށް ހީލަމުން ކިޔައިލިއެވެ. ރަފައެލްގެ މޫނުމަތިން ހިނދުކޮޅަކަށް ކަންބޮޑުވުމުގެ އަސަރު ފެނިގެންދިޔައިރު އަތްވެސް ކުޑަކޮށް މުށްކެވުނެވެ. ލޫސިއާން އެންމެންގެ ކުރިމަތީގައި އޭނަގެ ލޯބި ބޭޒާރުކޮށްލާނެކަމުގެ ބިރުހީވެ ހަތަރުއުދަރެސް ފެނުޖެހުނު ވަގުތެކެވެ. ހިފަހައްޓާލައިގެން އިން ނޭވާ ދޫކޮށްލެވި މީހާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީ ލޫސިއާން ދެން ބުނި ޖުމްލައިވިފައެވެ.
"ރަފައެލް ދީނީވެގެންގޮސް މިހާރު ގަބޫލެއްނުކުރޭ އިންސިންނާއި ޖިންނިންގެ ގުޅުން އެއްވެސް ގޮތަކަށް ހުއްދަވާނެކަމަކަށް. އަބަދުހެން މިސްކިތުން ފެންނަނީވެސް. ރަފައެލް ވަރަށް ޗޭންޖުވެއްޖެ..........."
"ރިއަލީ؟ އެހާވަރަށް ފާރަލާންފެށީތަ؟ އާލިފް ދިޔައީމަ ހީވަނީ ކޮއްކޮ ހަށިފާރަވެރިކަން ކުރަންފެށީހެން.....ހިޔަނިހެން ގާތުގައި އަބަދު އުޅޭކަން އެނގޭ. ޕްރައިވެސީއެއްވެސް ނުލިބޭނެ ޖިންނި ކޮއްކޮމެން އުޅެންޏާ......." ރަފައެލް ހީލަމުން ބުނެލީ އެލްސާގެ ޕަރީއެއްފަދަ ދިގު އިސްތަށިގަނޑާއި ކުޅެލަމުންނެވެ. އެއް ލޯވެސް މަރައިލިއެވެ. އެލްސާ ރަފައެލްގެ އަތުގައި އޮޅުލައިގަތުމުން އެކުއްޖާގެ ބާރު އިހުސާސްކުރެވި ރަފައެލްއަށް އޫއި ކިޔާނުލެވުނީ ކިރިޔާއެވެ. ނަމަވެސް އެކަން ދައްކާކަށް އޭނަ ބޭނުމެއްނުވިއެވެ.
އެވަގުތު ރަފައެލްއަށް އަމީރާއަށް ބަލައިލެވުނު ވަގުތު ދެމީހުންގެ ހަތަރުކަޅިހަމަވިއެވެ. ރަފައެލް ހީވީ ވައްކަމެއްކުރަން އުޅެނިކޮށް ފަޅާއެރިހެންނެވެ. ވަގުތުން ދުރަށް ބަލައިލީ އުދަގޫވެފައި އިނދެއެވެ. ލޫސިއާން ބޭރުފުށުން ހީލަހީލާ ސަމާސާގޮތް ދައްކައިގެން އުޅުނަސް އޭނަގެ ހިތުގައިވެސް ހައިޖާނުގަނޑެއް ހިގާލާފައިވެއެވެ. އޭނަ ބޭނުންވާ ކޮންމެކަމެއް ހާސިލުކުރާ ފާޑުގެ މިޒާޖެއް ހުއްޓަސް ރަފައެލްގެ ހިތަށް އަސަރުކުރާނެ އަދި ދެރަވެދާނެފަދަ ކަމެއްކުރާކަށް ލޫސިއާންގެ ޒަމީރުވެސް ފަސްޖެހެއެވެ. އަމިއްލަ ބޭބެއަށްވީތީއެވެ. އެހިތުގައި ރަފައެލްއަށްޓަކާ އިންތިހާއަށް ލޯބިވާތީއެވެ. އެހެން އިންސާނަކު އެގޮތަށް އޭނަގެ އަންހެނުންނާއި ދިމާލަށް އެގޮތަށް ބަލައިލިޔަސް އެމީހެއްގެ ދެލޯ ކޮނެލާކަށްވެސް އޭނަ ފަހެއްނުޖެހޭނެއެވެ. ނަމަވެސް އެއްކޮޅުން އޭނަ އަންހެނުންދެކެ ލޯބިވާއިރު އަނެއްކޮޅުން ލޯބިވާ ބޭބެއެވެ.
މިހުރީޒްވެސް އިނީ ފާޑަކަށެވެ. ޚުދު އޭނަވެސް އިންނަނީ ލޫސިއާންއާއި ދޭތެރޭގައި ފިކުރުބޮޑުވެފައެވެ. ހަގުރާމައެއް ފެށުމުގެ ކޮޅުމަތި މިހާރުވެސް ފެންނަން ފަށައިފިއެވެ. އަމީރާގެ ބައްޕަ އާތިފު އެހެރީ އަމީރާ ލޫސިއާންގެ އަތްދަށުން ސަލާމަތްކުރަން ފައިވިއްދާފައެވެ. ކޮންމެހެން ދަރިއަކުދެކެ މާ ބޮޑަށް ލޯތްބާއި ކުލުނު އޮވެގެނެއް ނޫނެވެ. ހިތުގައިވާ ޒާތީ ހަސަދައެއް ފިލުވައިލަންވެގެން އޭނަ ކުރާހާ ކަންތައްތަކެވެ. ތިމާގެ ބާރާއި އާރުހުރިވަރު އެހެން މީހުންނަށް އަންގަން އަބަދުވެސް ބޭނުންވާ ކިބުރުވެރި ފިރިހެނަކީއެވެ. މިހުރީޒް އެކަމާއި ވިސްނިޔަސް އޭނައަށްވެސް ކުރެވޭނެ މާ ބޮޑުކަމެއްނެތެވެ. އެއަށްވުރެ އާތިފުވެސް ހުޝިޔާރެވެ. ހަށި ރައްކަލަށް އޭނަ ހުރީ ހުރިހާކަމެއް ފުރިހަމަކޮށް އަމިއްލަ ނަފުސަށް އިތުބާރު ހޯދައިގެންނެވެ. ޖިންނިއަކަށް ވައިއެޅެންވެސް ނުކެރޭނެއެވެ.
ރޭގަނޑު ކާންވެގެން މައިކަލް ހެނާ ގޮވައިގެން ކާކޮޓަރިއަށްވަންއިރު ކުޑަދޮރުތަކުން ފެންނަނީ ވާރޭވެހޭ ހިތްގައިމު މަންޒަރެވެ. މައިކަލް ހެނާގެ މޫނަށް ބަލައިލަމުން ހިނިތުންވެލަމުން ހާދަ ރޮމެންޓިކް ރެއެކޭ ބުނެލިގޮތަށް އެމޫނަށް ބަލަން އިނީ ކަޅިވެސް ޖަހާނުލައެވެ. ހެނާ އިނީ ކަންބޮޑުވެ ހަތަރެސްފައިފިނިވާ ގޮތްވެފައެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ނުކައި އެތަނުން ދާންވެސް އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް މައިކަލް އެކަން ވިސްނިގެން އެއްގޮތަކަށްވެސް ދިޔަކަނުދިނެވެ. މައިކަލް ކައި ނިމެންދެން އިންނާންޖެހުނެވެ. ކޮޓަރިއަށް ވަދެފާ އުއްބައްތިއެއް ދިއްލައިލުމަށްފަހު މައިކަލް ހެނާގެ އަތުގައި ހިފާ ގާތަށް ދަމައިލަމުން ބަލައިލީ އިޝްގީ ނަޒަރަކުންނެވެ. ހެނާ ބޭނުންނުވިޔަސް މިރޭވެސް މައިކަލް އުފާކޮށްދޭންޖެހުނެވެ. މައިކަލްގެ އަންބެއްގެ ގޮތުގައި ހުރުމުން އެވާޖިބު އަދާކުރުމަކީ އޭނަ ކޮންމެހެންވެސް ކުރަންޖެހޭނެކަމެއް ކަމުގައި ހިތަށް ވިސްނާދިނަސް ހިތް ގަބޫލުނުކުރަނީ ކީއްވެހެއްޔެވެ؟
މައިކަލް ފެންވަރަން ފާޚާނާއަށް ވަނުމުން ހެނާ އެކޮޓަރީގެ އަލަމާރިއާއި ވައްގަނޑުތައް ހޭވީ މިފަދަ ފުރުސަތެއް ދުވަހަކު ދެން ލިބޭނެކަމެއް ނޭގޭތީއެވެ. ކައިވެނީގެ ސެޓްފިކެޓް ފެނުމުން ހެނާގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. އިރުކޮޅެއްވާންދެން ޔަގީންނުވެފައި ބަލަން ހުރެވުނެވެ. އޭނަގެ ފިރިމީހާއަކީ މައިކަލް ނޫންކަމާއި އެއީ ޒޯހަންކަން އެނގުމުން އޭނައަށް ލިބުނު ޝޮކާއިއެކު ބުއްދިވެސް ލުހިގެން ދިޔަހެން ހީވިއެވެ. ގާވެފައިވާ ބުދެއްހެން ހުއްޓާ ލޮލުގައި އޭނަގެ ފޯނު އަޅައިގަތުމުން އަތްދިއްކޮށްލެވުނެވެ. މައިކަލް އޭނަގެ ފޯނުވެސް ފޮރުވައިގެން ގެންގުޅެނީ އެހެންވެއެވެ. މިހުރިހާދުވަހު އެދެމީހުންވެގެން އޭނަގެ ދިރިއުޅުމާއި ކުޅެލީއެވެ. ނަމަވެސް އޭނައަށް މިކަން އެނގުމަށްފަހު ޒޯހަންއަށް ފޮރުވައިގެން ހުންނާކަށް ބޭނުމެއްނުވިއެވެ. އޭނަ ތުރުތުރުލާ އިނގިލިތަކުން ޒޯހަންއަށް މެސެޖެއްކުރިއެވެ. ކޮންމެހެންވެސް އޭނަ ޒޯހަންކައިރީ ބުނެލަން ޖެހޭ ވާހަކައެއް އޮތްކަމަށާއި މައިކަލް އޭނަގެ ފޯނުވެސް ފޮރުވައިގެން އުޅޭކަމަށްބުނެ ވީ އެންމެ އަވަހަކަށް ބައްދަލުކުރަން އެދުނެވެ. ހެނާ ސިޓިންރޫމަށް ނުކުމެ ދޮރުފަތުގެ ތަންޑުތައް ނައްޓާލިގޮތަށް ސޯފާއަށް އަރާ އިށީންއިރު ހިތް ނެގިނެގިފައި ޖެހެއެވެ. އޭނަ ކުރީމޮޔަކަމެއް ބާވައެވެ. ޒޯހަންއާއި މައިކަލްއަކީ އެކުވެރިކަމުގެ މިސާލެއްފަދައިން އުޅޭ ދެމީހުންނެވެ. އެދެމީހުންވެގެން އޭނައާއި ދެކޮޅަށް ކަމެއް ރާވާއިރު ޒޯހަންއަށް އޭނަ އިތުބާރުކޮށްފައި ވާހަކަދެއްކުމުގެ މާނައެއް އޮތްހެނެއް ހިޔެއްނުވެއެވެ.
ފާރުގައި ހުރި ގަޑިއަށް އިރުއިރުކޮޅާ ބަލައިލެވުނީ މާޔޫސްކަމާއިއެކުގައެވެ. ކެތްނުވެގެން ތެދުވެގެންގޮސް ކުޑަދޮރުގެ ފޮތިތައް ކަހާލާފައި ބޭރަށްބަލަންފެށިއެވެ. ފެންނަނީ އެތައް މިލިއަން ވާރޭގެ ތިކިތައް ހޮޅިބުރީގެ އަލީގައި ޖަވާހިރުފަދައިން ވިދަމުންދާތަނެވެ. ވާރޭ މިއިން އިރެއްގައިވެސް ހުއްޓާލާނެހެން ހިޔެއްނުވެއެވެ. ދޭތެރެއަކުން ވައިގެ ހަމަލާތަކަށް ކެތްނުކުރެވިގެން ގަސްތައްވެސް ހޫރިގަންނަތަން ފެނެއެވެ. އެންމެފަހުން ޒޯހަން ނާންނާނެކަން ޔަގީންކުރެވި ދެލޮލުގައި ކަރުނަ ހިނގާލައިފިއެވެ.
"ޒޯހަން އަންނާނެކަމަށް އުއްމީދުކުރެވުނީވެސް މޮޔަކަމުން. ރަގަޅަށް ވެއްޖެއްޔާ މިހާރު ޒޯހަން މައިކަލްއަށް ގުޅާފައި އެވާހަކަ ބުނެފައި ދެމީހުން ހީހީފައި މަލާމާތްކުރާނީކަން ނޭގޭ...." ހެނާ ސޯފާގައި ގުޅައަކަށް އޮށޯތްއިރު ފިނިކަމުގެ އުދަގޫތައް ބޮޑުވެއްޖެއެވެ. އޭސީގެ ރިމޯޓްވެސް ފެންނާން ނެތުމުން ކަންނެތްވެ އިތުރަށް ހޯދަން ތެދުވާކަށްވެސް ނޫޅުނެވެ. ދެލޯ މަރާލައިގެން އެހެންއޮތްވާ މައިކަލްގެ ފިޔަވަޅުގެ އަޑުއިވިފާ ގަތްބިރުން ދެލޯ މަރާތަގުޅިކޮށްލައިގެން ނިދާކަމަށް ހެދުނެވެ.
މައިކަލް ފެންވަރާލުމަށްފަހު ބޭރަށް ނުކުތީ ހެނާ ފެންނަން ނެތީމައެވެ. ފުރަތަމަ ހީކުރީވެސް އެއްޗެއް ކާލަންވެގެން ބަދިގެއަށްވަނީ ކަމުގައެވެ. އެތަން މިތަން ހޯދާފައި އައިއިރު އެންމެ ހީނުކުރާތަނުގައި އޮތުމުން ފާޑަކަށް ހައިރާންވިއެވެ. ހެނާ ސޯފާގައި އޮށޯވެގެން ކަކުލުގައި ދަތްދޮޅިޖައްސައިގެން އޮތްތަން ފެނިފާ ހިތްމަޑުވެ ރަތާއި ކަޅުގެ ކުއިލްޓްގެނެސް ހެނާގެ ތުނި ހަށިގަނޑު ފޮރުވާލަދިނީ އޯގާތެރިކަމާއި އެކުގައެވެ.
"ގުޑްނައިޓް ލިޓްލް ގާލް..." މައިކަލް ގުދުވެފާ ހެނާގެ ނިތްކުރީގައި ބޮސްދިނެވެ. އެވަގުތު ކުޑަދޮރުން މީހެއްގެ ހިޔަނި އެޅުނުހެން ހީވެގެން ބަލައިލާއިރަށް އެމީހަކު އައިސް ދޮރުހުޅުވާލައިފިއެވެ. ވާރޭ ކޯޓު ލައިގެން ދޮރުމަތީގައި ހުރި ޒޯހަން ފެނިފާ މައިކަލް ހައިރާންވިވަރަށްވުރެ ނުރުހުންވިވަރު ބޮޑުވިއެވެ. އެންމެގާތް އެކުވެރިޔާއެއް ކަމަކު ރޭގަނޑު އެގާރަޖެހިއިރު ދައުވަތަކާއިނުލާ އެގޮތަށް އައިސްވަނުމަކީ އެދެވޭކަމެއް ނޫނެވެ. ދޮރު ހުޅުވާފައި ހުރުމުންވެސް ހިތުގައި ސުވާލު އުފެދުނެވެ. ހެނާވެސް ސިޓިންރޫމްގައި އެގޮތަށް އޮންނަން ޖެހުނީ ކީއްވެބާވައެވެ.
"ޒޯހަން ވަޓް އާ ޔޫ ޑުއިން ހިއަރ. މީ ދެން މީހުން ތަންތަނަށް އަންނަ ގަޑިއެއް ނޫނެއްނު........." މައިކަލް ގެ ވާހަކަ ހުރިގޮތުން ޒޯހަންއަށް މަރުހަބާ ނުކިޔާކަން އެނގުނެވެ. ޒޯހަން ހުރީ އެހާ ފަސޭހައިން ދޫކޮށްލާގޮތަކަށް ނޫނެވެ. އޭނައަށްވަނީ ހެނާގެ ފަރާތުން މެސެޖެއްލިބިފައެވެ. އެމެސެޖް ފެނުނުލެއް ތަންކޮޅެއް ލަސްވީއެވެ. ނަމަވެސް އެމެސެޖް ކިޔާލުމުން ހެނާ އޭނަގެ އެހީ ބޭނުންވެފައިވާ މިންވަރު ހާމަވިއެވެ. ނޭގެނީ އެއީ ކޮންކަމެއްކަމެވެ. މިގެއާއި ހަމަޔަށް ފޯރިއިރު ފެނުނު މަންޒަރަކުން އޭނަގެ ހިތްވަނީ މައިކަލްއާއިމެދު ޝަކުވާއިން ފުރިފައެވެ. އެތައް ދުވަހަކަށްފަހު ހެނާގެ ފަރާތުން ލިބުނު އިޝާރާތުން އޭނަގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އިތުރަށް ހެނާއާއި ދުރުގައި އުޅެންވެއްޖެއްޔާ އޭނަ މޮޔަވެދާނެއެވެ. ހެނާއަކީ އޭނަގެ އަންހެނުންނެވެ. މައިކަލްއަށް ކުރި އިތުބާރު މިރޭ ގެއްލިގެން ދިޔައީ ހިތަށް ނާރާފަދަ ގޮތަކަށެވެ.
"މައިކް. ވީ ނީޑް ޓު ޓޯކް...." ޒޯހަން ވާރޭ ކޯޓު ބޭލުމަށްފަހު އިސްތަށިގަނޑުން ފެންފޮޅައިލިއެވެ.
"ސޮރީ ޒޯހަން. ނުބައި ގަޑިއެއްގައި ތިއައީ. އަހަރެންގެ ބައްޕަ ކަމުގައިވިޔަސް ތިގޮތަށް ނިދާފައި ތިއްބާ އައުމުގެ ހުއްދަދޭހިތެއް މަށެއްނެތް. ޒޯހަން. ވާހަކަދައްކަންޏާ ދުވާލު ވަގުތި އޮތްވާ އޮފީހަށް އާދޭ. ނޫނީ އަހަރެންދާންވީތަ ހޮޓަލަށް؟ " މައިކަލް ހަށަން ބަދެލައިގެން ހުރިއިރު އެދެލޮލުން ފެންނަނީ ނުރުހުމުގެ ކުލަވަރެވެ. އޭނައަށް ޒޯހަންގެ މަގުސަދު އެނގިއްޖެއެވެ. އެދައްކަން އުޅޭ ވާހަކަ ހިތަށް އެރުމުންވެސް މައިކަލްގެ ހިތުގައި ހަސަދަވެރކަމުގެ އޮއިވަރެއް ހިނގާލައިފިއެވެ.
"މައިކް. އަހަރެން ބޭނުން ހެނާއާއި ބައްދަލުކުރަން. މިހެން ނުބުނަން ވަރަށް ކެތްކޮށްފިން. އެކަމަކު ނައު އިޓްސް ދަ ޓައިމް........" ޒޯހަން ސީދާ މައުޟޫއަށް ދިޔައެވެ. ކުއްލިއަކަށް ޒޯހަން ނުވިސްނާ ހުއްޓާ އެއައި ބާރުމިނުގައި ޒޯހަންގެ މޭގައި އަތްއަޅާ ކޮށްޕަމުންގޮސް ދޮރުން ބޭރަށްލާފައި މައިކަލް ދޮރުބަންލާފައި ޖެހިއިރު ވާރޭވެސް ހުއްޓާލައިފިއެވެ. ވައި ހިނދިއްޖެއެވެ. ހެނާއަށްވެސް ކެތްނުކުރެވިގެންގޮސް ކުޑަދޮރު ކުޑަކޮށް ހުޅުވާލައިގެން ބަލައިލެވުނުއިރު ފެންޑާގައި މައިކަލްއާއި ޒޯހަން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީ ދެ ދުޝްމަނުންފަދައިން ރުޅިވެރިކަމާއިއެކުގައެވެ.
"ހެނާއަކާއި ބައްދަލެއް ނުވެވޭނެ ޒޯހަން. ކީކޭ ހިތަށް އަރައިގެން ތިއުޅެނީ؟ އިޓް ވޯޒް އެ ޑީލް، ނުޖެހޭ ދޯ އެކަން ސީރިޔަސްކޮށްނަގާކަށް. އަހަރެން ބުނީމަ ޒޯހަން ހެނާއާއި ކައިވެނިކުރީ. އަހަންނަށް ކަމެއްކޮށްދޭންވެގެން. އެހެނޭ ކިޔާފައި ދެން ނުވޭ އޭނަ ފަހަތުން ނުނެއްޓިގެން އުޅޭކަށް....."މައިކަލްގެ އަޑުގައި ހަރުކަށިކަމެއްވިއެވެ. މުށްކެވިފައިވާ އަތްތިލަ ޖީބަށް ޖަހައިލަމުން ބަލަން ހުރީ ނުރައްކާތެރި ނަޒަރަކުންނެވެ. ޒޯހަންއަށް ކުއްލި ސިހުމެއްލިބުނެވެ. މައިކަލްގެ ވާހަކަ މިގޮތަށް ހުރެދާނެކަމަކަށް އޭނަ ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ.
"ޑޭމިޓް މައިކަލް. ޝީޒް މައި ވައިފް........" ޒޯހަން ފުންނޭވަޔެއް ދޫކޮށްލިއެވެ.
"ކާކު އެކަން ދެނެހުރީ؟ މުޅި ދުނިޔެވެސް އެކަން ގަބޫލުކޮށްފައިވަނީ އެހެންގޮތަކަށް. ވީއިރު ތިކަންތައް ހަދާން ނައްތާލާފައި ދުރަށް ދިޔައްޔާ ދެން އެންމެ ރަގަޅުވާނީ......" މައިކަލް މަލާމާތުގެ ފާޑަކަށްހީލިއެވެ.
"ހެއްދެވިފަރާތް ދެނެވޮޑިގެންވޭ. މައިކް ވަޓް ދަ ހެލް އިޒް ރޯންގް ވިދް ޔޫ؟ " ޒޯހަންވެސް ރުޅިއަންނަގޮތްވެފައި ތަންކޮޅެއް ބާރަށް އެހެން ބުނެލާފައި ފާރަށް ގޮށްމުށުގެ އެތިފަހަރެއްބޭލިއެވެ. މައިކަލްގެ މޫނުމަތީގައި ޖެހުމުގެ ބަދަލުގައި ހަމަލާއެރީ ފާރަށެވެ. އޭނަހުރީ އެހާވެސް ބޮޑަށް މައިކަލްއާއި ނުރުހިފައެވެ.
"އަހަރެންގެއެއް ނޫން މައްސަލަ އޮތީ. ޑީލްއެއް ހެދިއިރުވެސް ޒޯހަން މި ޕިކްޗާއިން ދުރަށްދާގޮތަށް އޮތީ. ހެނާވަރިކުރަން ޖެހޭނީ. އެނޫންގޮތަކުން މިމައްސަލަ ހައްލުވާކަށްނެތް. އެންޑް ވަން މޯރ ތިންގް. ނޭގިއޮތީމަ ބުނެދީފާނަން. ހެނާވެސް ހީކުރާގޮތުގައި އަހަންނަކީ އޭނަގެ ފިރިމީހާ. ހެނާގެ ވާޖިބު އަދާކުރުމުގައި އެކުއްޖާ ފަހެއްނުޖެހޭ. ވީއިރު ޒޯހަންއަށް އެންމެ ރަގަޅުވާނީ މާޒީ ހަނދާންނައްތާލާފައި އެހެން މަންޒިލެއް ހޯދިއްޔާ. އަހަރެން ނެތިން ހެނާ ދޫކޮށްލާކަށް. ޝީޒް މައިން........"މައިކަލްގެ ޖުމްލައިން ޒޯހަންގެ ލޭ ކެކިގެން ދިޔައީ ވަކިގޮތެއް ބަލާފައެއްނޫނެވެ. މޫނަށް އެތައް ކުލަތަކެއް ވެރިވެގެން ދިޔައީ މައިކަލް ގެ އެބުނުމުގައި ތެދު އެކުލެވޭކަން ޔަގީންވުމުންނެވެ. މިފިނިރޭގައި މައިކަލް ފެންވަރާލައިގެން އައުމަކީވެސް ހެއްކެކެވެ. ހެނާއަށް އޮޅުވާލައިގެން ހެނާގެ ފަރާތުން މައިކަލް އުފާހޯދަންފެށީއެވެ.
"ހެނާއަށް މިކަންތައް އެނގޭދުވަހަކުން މައިކަލްދެކެ ހޭޓްކުރާނެ. އެއީ ޕްރޮސްޓިޓިއުޓެއްނޫން މައިކަލް ތިގޮތަށް އެކުއްޖާ ޔޫޒްކުރާކަށް. އެޓްލީސްޓް ޑީލެއް ހަދައިގެންވިޔަސް އަހަރެން ހަލާލުގޮތުގައި ދޯ ހެނާއާއި ގާތްވީ. ބަޓް ޔޫ ޑޯންޓް ހޭވް އެނީ ރައިޓް މައިކަލް. އަހަރެން ހިތަކަށްވެސް ނާރާ މައިކަލް ތިހާ ކަޑަވާނެއޭ. ލޫޒާއެއްހެން ގޮސް އަންހެންކުއްޖެއްގެ ނިކަމެތިކަމުގެ ފައިދާނެގީ............." ޒޯހަން ދަތްކުނޑިވިކައިގަތެވެ.
"ވަޓްސް ޔޯ ޕްރޮބްލެމް ޒޯހަން. ދުނިޔެއިން އަންހެނުން ހުސްވީތަ؟ " މައިކަލް ގެ ރުޅިގަދަވިއެވެ.
"އަހަންނަށްވެސް ތި ސުވާލުކުރެވިދާނެ....." ޒޯހަން ބުނެލިއެވެ.
"އައި ލަވް ހެނާ......" ޒޯހަން ވިސްނާލާފައި ބުނެލި ޖުމްލައިން މައިކަލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ބުމަގޮށް ޖަހައިލެވިއްޖެއެވެ. ޒޯހަންގެ އެ އިއުތިރާފުން އޭނަގެ ހިތުގައި ބުނެދޭންނޭގޭފަދަ ޝުއޫރުތަކެއް ހިނގާ މީހާ ފިނިކޮށްލައިފިއެވެ.
"އާން މައިކަލް. ޑީލެއް ހަދައިގެން އަހަރެން ހެނާއާއި އިނީ މައިކަލްގެ މަންމަގެ ބޭނުން ފުރިހަމަކޮށްދޭން. މައިކަލް ބޭނުންވިގޮތަށް ހެނާގެ ކޮފީއަށް ބޭސްއަޅާ ނިންދަވާފައި އަހަރެން ހެނާ ރޭޕްކުރަމުން ދިޔައީ އަހަރެންގެވެސް ހުރި ނުބައިކަމުން. އިންސާނިއްޔަތުގެ ކަންފުޅެއްހުރި މީހަކުވެސް ނުކުރާނެ ޒާތުގެ ކަމެއް އެއީ. އެހެންގޮސް އަހަންނަށް ހެނާދެކެ ލޯބިވެވުނީ. އެހެންވެ ރީތިކޮށް މިބުނަނީ އިތުރަށް މިކަން މައްސަލައަކަށް ނަހަދާ ހެނާ އަހަންނާއި ހަވާލުކުރާށޭ. އަހަރެންގެ އަމިއްލަ ހައްގަކަށް މިއެދެނީ. މައިކަލްގެ ދަރިއެއްނޫން ހެނާގެ ބަނޑުގައިވަނީ. އަހަރެންގެ ދަރިއެއް. ދުނިޔެއަށް އޮޅުވާލަން އުޅޭނެކަމެއްނެތް. ހަގީގަތް ހާމަކޮށް އެދަރިފުޅު ހަލާލުކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އަޔަދީ. މިކަންތައް ގަބޫލުކޮށްގެން މައިކަލްވެސް މޫވްއޮން ކުރިއްޔާ ދެން ރަގަޅީ. ވަގުތާއި ހާލަތުމިވަނީ ބަދަލުވެފައި. މައިކަލްގެ މަންމައެއް ނެތް..........." ޒޯހަން ރުޅިމައިތިރިކުރަމުން ތަންކޮޅެއް މަޑުން ވާހަކަދެއްކިއެވެ. އެއާއިއެކު މައިކަލްގެ އަތް ވައިގެ ތެރޭގައި ހަރަކާތްކޮށްލުމާއިއެކު ޒޯހަންގެ މޫނަށް ދިލަ އާތްވެއް އެރިއެވެ. މައިކަލްގެ އަތުގެ ހޫނުކަން އިހުސާސްކުރެވުމާއިއެކު ޒޯހަން ފަހަތަށް ޖެހެން އުޅެނިކޮށް ދެވަނަ އެތިފަހަރު ޒޯހަންގެ އަނގަމައްޗަށް އަމާޒުވެ ލޭއޮހިގަތެވެ. އެވަރުންވެސް ޒޯހަން އަތް އިސްކުރަން ނޫޅެ ކެތްތެރިވިއެވެ. އެމަންޒަރު ކުޑަދޮރުން ބަލަންހުރި ހެނާއަށް ފިނިވެ ހިތަށް އަސަރުކުރިޔަސް އެތައް ޖަޒުބާތުތަކުގެ ތެރޭގައި އޭނަ ބެހެމުންދިޔައެވެ. އެދެމީހުންގެ މަކަރުވެރިކަމާއި އޮޅުވާލިވަރު އެނގިފައި ހިތަށް ކުރި އަސަރުތައް ބަޔާންކޮށްދިނުމަކީ ފަސޭހަކަމެއްނޫނެވެ. ހިތްކުދިކުދިވެ އޮހޮރިގަތް ލޭތައް ކަރުނައިގެ ސިފައިގާ ދެލޮލުން އޮހިގަތެވެ. ޒޯހަންއަކީ އޭނަ ފެށުނީއްސުރެން އޭނަ ލޯބިވި ހިތުގެ ވެރިޔާއެވެ. ޒޯހަންވެސް އޭނައަށް އޮޅުވައިލީއެވެ. ކެހިދިނީއެވެ. ދެމީހުންވެގެން އޭނަ ބޭނުންކުރީއެވެ. ކައިވެނީގެ ފުރަތަމަރޭ އަނދިރީގައި ހިނގި ހާދިސާ އަދިވެސް އޭނަގެ ހިތުގައި ނުފިލާވެއެވެ. އެފަހުން ކޮންމެ ރެއަކު އެބުނާހެން އޭނަގެ ކައިރިއަށް އަންނަނީ ކާކުކަމެއް ކުރަނީ ކޮންކަމެއް ކަމެއްވެސް އޭނައަށް އެނގުނީއެއް ނޫނެވެ.