"ކީއްތިކުރަނީ؟ "ހެނާއަށް ބުނެލެވުނީ ބާރަކަށެވެ. ހީވީ ހަޅޭއްލަވައިގަތްހެނެވެ. ހެނާގެ ހަޅޭކާއިއެކު ނަޝީދު ސިހުނުނަމަވަސް ވަރަށް އަވަހަށް ނަފުސް ހަމަޔަކަށް އެޅުވިއެވެ.
"ޝްޝްޝް......" ނަޝީދު ތުންފަތުގައި އިނގިލިޖައްސަމުން އެންގީ ހިމޭންވުމަށެވެ.
"ހެނާ. ހަޅޭއްނުވަލާ މަޑުން އޮވޭ. އައިމް އެ ޑޮކްޓަރ. އަހަރެން މިއައީ އަމީރާ ކޮންމެރެއަކު ނިދީގައި ހިނގާތީ އެގްޒެމިން ކޮށްލަންވެގެންނޭ. ކޮންމެހެން އެމީއާއި ބެހޭކަށް ނޫނޭ. އަހަންނަށް އެނގުނޭ އޮތީ ނިދާކަމަށް ހެދިގެން ދެލޯ މަރާލައިގެންކަން. ބަލަ ނަފްސާނީ ޑޮކްޓަރަކަށްވެގެން މިހިރީ ކޮންމެވެސް ބޭނުމެއްގަޔޭ. ވަގު ހިޔަޅަކަށްވުރެވެސް ނުބައި މީހެއް ތީ. އަހަރެން ކުރާ ހުރިހާ ކަމެއް ހެނާއަކަށް އެކްސްޕްލެއިން ކޮށްދޭކަށްނުވެސް ޖެހޭނެ...." ނަޝީދު ތެދުވެގެން އައިސް ހެނާއާއި ދިމާލުން އެނދުގެ ފާލާކޮޅުގައި ހުއްޓުނުއިރު އެދެލޮލަށްވަނީ ކުޑަ ރަތްކަމެއްވެރިވެފައެވެ. ރުޅިގަދަވެގެންގޮސް ކަރުގެ ނާރުތައް ފުއްޕާލާފައިހުރިއިރުވެސް އަޑު އެއްވަރަކަށް ހިފަހައްޓާފައިވިއެވެ.
"ހެނާ ތިއީ އެމީއަށް ބޭޑް އިންފުލުއެންސެއް. އެމީވެސް އަދި ތިހާ ބޮޑު ފިޑިއަކަށްވެސް ހަދާނެހެން ހީވޭ. ސެލްފްކޮންފިޑެންސް އޮންނަ މީހެއް ނޫން އެމީއަށް ވާނަމޭ ހީކޮށްގެންތަ ތިހުންނަނީ. ކަލެއަކަށް އެކަމެއް ނުވެވޭނެ. މަގޭ ދަރިއަކަށް ނުވިޔަސް އަހަރެން މިކޮށްދޭ ކަންތައް ޝުކުރުވެރިކަމާއިއެކު ބަލައިގަންނާކަށްވެސް ނޭގުނެއްނު. މައިތިރިވެގެން ހުންނައްޗޭ. މިރޭގެ މިހާދިސާ އެއްވެސް ފަރާތަކަށް އެނގިއްޖެއްޔާ އައި ވިލް.........ކިލް ޔޫ..." ނަޝީދު ހެނާގެ މޫނުމަތީގައި އެއް އިނގިލި ހިންގާލަމުން ރުޅިވެރިކަމާއިއެކު ކިޔަމުންދާ އެއްޗެހިން ހެނާ އިނީ ހައިރާންވެ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ހެނާ ގަނޑުވެފައި އިންދާ ނަޝީދު އަނދިރީގެ ތެރެއިންގޮސް ފިޔަވަޅުތައް އޮބާލުމުން ހެނާ ހުރިގޮތަށް އެނދަށް ވެއްޓިގަތެވެ.
ދޮންބައްޕައަކީ ނަފްސާނީ ޑޮކްޓަރެކެވެ. އަމީރާގެ ފެންފުޅިއަށް ބޭސްއެޅީވެސް އަމީރާގެ ބަލީގެ ގޮތުންކަމަށް ވެދާނެއެވެ. ނަމަވެސް އޭނައަށް އެބޭސްތައް ބޮވުނުނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އަމީރާ ބޭސްނުކާނެކަން އެނގޭތީ އެފެންފުޅިއަށް ބޭސްއަޅައިގެން އޭނައަށް ގެއްލުމެއް ނުވާނެހެއްޔެވެ؟ ހެނާ ވިސްނިއެވެ. ނަޝީދުއަކީ އޭނައަށް ހެޔޮއެދޭމީހެއް ނޫނެވެ. އޭނައަށް އެބޭހުގެ އަސަރުކުރިޔަސް ނަޝީދުގެ ހިތަށް އެއްޗެކޭ ނާރާނެކަން ޔަގީނެވެ. ބޮޑު މުސާރައެއް ލިބޭއިރުވެސް ނަޝީދުގެ ކޮއްކޮމެން ކިޔައްވަން ހުރިހާ ޚަރަދެއްކޮށްފައި ދަރަނި އަދާކުރަމުންގޮސް ރައްކާކުރާނެ މާގިނަ ފައިސާތަކެއް ނުހުރެއެވެ. އެކަމަކު އުޅެނީ ފައިސާވެރިއެއްހެނެވެ. އަމިއްލަ އަށް އަގުބޮޑު އެއްޗެހި ބޭނުންކުރިޔަސް އާޒްގެ އާދައިގެ ކަމެއްވެސް ކޮށްދެވޭކަމަކަށް ނުވެއެވެ. މަސް ޓޭންކަކާއިހެދި އާޒް ވާވަރު އެންމެ ބޮޑަށް ދަންނަ އެކަކީ ހެނާއެވެ. ޑޮކްޓަރެއްގެ ހުރި އެންމެ ފިރިހެން ދަރިއަކާއިމެދު އަޅާލެވޭވަރު އެހެރީއެވެ. ވީއިރު ދޮންދަރިންނަށް ކޮށްދެވޭނީ ކޮންކަމެއްހެއްޔެވެ؟
އެރޭ ހެނދުނުވާންދެން ހެނާ ހޭލާއޮތްއިރު އެންމެފަހަރަކުވެސް އަމީރާ އޮތްތަނުން ގުޑާވެސްނުލިއެވެ. އެހެންރޭރޭ އެނދުގައި އެކިގޮތްގޮތަށް ތެޅިފޮޅި ހަމަނުޖެހުމެއްގައި އޮވެ އަދި ވާހަކަދައްކާ ކުއްޖާ އާއި އެރޭ އެފަދަ އެއްވެސް ކަމެއް ދިމަލެއްނުވިއެވެ. މިއިން ޒަމާނެއްގައި އަމިރާ އެހާ އަރާމުގައި ނިދާފައި އޮތްވާ ހެނާ ދެކެފައެއްނެތެވެ.
ހެނާ ނަޝީދުގެ ވާހަކަތައް ގަބޫލުކުރިއެވެ. ނަޝީދު އަމީރާއަށް ފަރުވާދޭންވެގެން ދިން ބޭހެއްކަމަށް ގަބޫލުކޮށް އެކަން ސިކުނޑިއަށް ވައްދާދިނެވެ.
ހެނާ ސްކޫލަށްދާން ތައްޔާރުވެގެން ކާކޮޓަރިއަށް ދިޔައިރު ދޮންބައްޕަ ފެނިފައި ބިރުން ހިތްތެޅިގަތެވެ. ނަޝީދު ބަލައިލީ އަދި ރުޅީގެ ނަޒަރަކުންނެވެ. އޭނައަށް އެފެނުނުކަމަކުން ދޮންބައްޕަ އޭނައާއި ޖައްސާލީބާވައޭ ހިތަށް އަރާފައި ހިތް ރޫރޫއެޅިއެވެ. މަންމަ ކިރުތަށި ބޮއިގެންދާށޭ ބުނީމަވެސް ފެނަށް ބޭސްއަޅާފައި ހުރެދާނެކަމުގެ ބިރަކުން ހެނާ ކިރުތަށިހަދާކަށް ނޫޅުނެވެ. މެންދުރުވެސް އޭނަ ކާނީ އަމިއްލައަށް ނޫޑުލިސް ޕެކެޓެއް ކައްކާލައިގެންނެވެ. ގޭގައި ތައްޔާރުކުރާ އެއްޗެހި ކެއުން ނަފްސާނީގޮތުން ބިރަކަށް ވެއްޖެއެވެ. ހެނާ ފްރިޖް ހުޅުވައިލިއިރު ނަސީބަކުން މައިލޯ ޕެކެޓެއް އޮތްތަން ފެނިފައި އެޕެކެޓް ދަމާލާފައި އޭނަ ނުކުމެ ހުރީ އާޒްގެ އިންތިޒާރުގައެވެ. ސްކޫލް ހުންނަނީ ފަސްވަރަކަށް މިނިޓުން ހިނގާލާފައި ދެވޭހާ ހިސާބުގައިކަމުން މަންމަ އެކުދިން ސްކޫލަށްގެންގޮސް ލާ ހަދާދެއެވެ. މަންމަ ނުދަންޏާ ހެނާ ޖެހެނީ އާޒްގެ އަތުގައި ހިފައިގެން ގެންގޮސްދޭށެވެ. އާޒް ސިޔާސަކަމުން މަގުގައި ގާކޮޅެއް އޮތަސް ފައިން ޖަހާ ބުރުއްސާލާނެއެވެ. އެހެންއުޅެނިކޮށް ޖިންނިއެއްގެ ބޮލުގައި ޖެހިއްޖެއްޔާ އަވަލާނެކަމަށްބުނެ މަންމަ ބިރުދެއްކިޔަސް އާޒްގެ ހިތަކަށް އެއްޗެކޭ ނާރައެވެ.
އެދުވަސްކޮޅު އާސާ ކިޔާ އަންހެންކުއްޖަކާއި ހެނާ އެކުވެރިވިއެވެ. އެކުއްޖާއަށް "ކޮޓެޖް"އާއި ބެހޭ މައުލޫމާތު ކޮންމެވެސް ވަރަކަށް އެނގެއެވެ. އޭނަ ބުނާގޮތުން ކޮޓެޖަކީ ކުރިން ބަޔަކު ސިހުރުހަދާފައިވާ ތަނެކެވެ. އެގޭގައި މީހުން ދިރިއުޅުނަސް އެމީހުންނަށް އެގެއިން ކަންތައް ފެންނާނެކަމާއިމެދު އާސާ ޝައްކެއްނުކުރެއެވެ. އާސާ ބުނިގޮތުން އެގޭގެ މަތީބައި އާއްމުކޮށް ހުންނަނީ ބީރައްޓެހިންނަށް ކުއްޔަށް ދޫކޮށްފައެވެ. ތިރީގައި އުޅެނީ ގޭގެ އަހުލުވެރިންނެވެ. އެމީހުންނަކީ މީހުންނާއި އެހާ އެކުވެރިކަން ބާއްވާ ބަޔެއްނޫނެވެ.
އަމީރާ އޮފީހަށްދާން ތެދުވުނުއިރު ބޮސް އޮތީ މެސެޖެއްކޮށްލާފައެވެ. މިއަދު ވިއްސާރަކަމުން އިންޓަވިއު ކެންސަލްވީ ވާހަކައެވެ. އަމީރާގެ ހިތަށް ކުޑަހަމަޖެހުމެއްލިބުނެވެ. މިއަދު އޭނަގެ މޫޑު އެންމެ ރަގަޅުދުވަހެއްވެސް ނޫނެވެ. ލާނެ އެހާ ރީތި ހެދުމެއް ގަނެފައެއްވެސް ނެތެވެ. ވީއިރު ލަސްވިކަމާއިމެދު ހިތާހިތުން ހަމްދުކުރެވުނެވެ. އޮފީހަށް ސަލާމްބުނަންވެސް ހިތަށް އެރިއެވެ. އެތަނަށް ދިޔަސް ފެންނާނީ ފޫހި މޫނެކެވެ. މައިކަލްއެވެ. މައިކަލް ރީތިވެގެން އެހެން އަންހެންކުދިން އުޅުނަސް އަމީރާއަށް އޭނަގެ މިޒާޖުހުރިގޮތުން ރީތިކަންވެސް ގެއްލުނީއެވެ. ނަމަވެސް އެންމެފަހު ވަގުތު އަމީރާ ކުޑަގޮތަކަށް ތައްޔާރުވެލައިގެން އޮފީހަށް ދިޔައެވެ. އިރުއިރުކޮޅާ ފޯނަށް ބަލައިލެވުނީ ބޮސްގެ ޚަބަރެއް ނުވެގެންނެވެ. އޭނަގެ ފޯނުކޯލަކީވެސް އިންތިޒާރުކުރެވޭ ހަޔާތުގެ އެއްބައިކަމުގައި ވެއްޖެއެވެ.
"އަމީރާ، މީޓިންއަށް އަންނާށޯ. އެންމެން އިންތިޒާރުގައި އެބަތިބި. އަހަރެން ހަދާންނެތިގެން އަމީރާ ކައިރީ ނުބުނެވުނީ. ސޮރީ އިނގޭ...." އީޝާ ދޮރުން ބޯދިއްކޮށްލާފައި ހިނިތުންވެލިއެވެ.
"ކޮންކަހަލަ މީޓިންއެއްތަ؟ "އަމީރާއިނީ ގޮނޑިން ތެދުވާހިތްނުވެފައެވެ. ބުނަންނޭގޭފަދަ އުދަގޫތަކެއްވަނީއެވެ. މޭނުބައިކުރާފަދަ ގޮތެއްވެސްވިއެވެ.
"މައިކްއަށް އެނގިލައްވާނީ. ޔަގީނުންވެސް އެންމެންގެ މެދުގައި ބަހައްޓާފައި އަމީރާގެ ގަޔަކަށް ނާރާނެ........." އީޝާ ހިނިގަނޑެއް ޖަހައިލިއެވެ.
"ދެން އީޝާ ވިސްނާގޮތް. މަ ނުބުނަމެއްނު މައިކަލް އަހަންނަށް ކަމެއްކޮށްފާނެއޭ...." އަމީރާ އަނގަޔަށް ގޮތެއް ހަދައިލިއެވެ.
"އޭނަދެކެ ބިރުން އުޅޭގޮތުން ހީވާ އެއްޗެއް ބުނެލީ. މައިކްއަކީ އެމީ ތިހީކުރާފަދަ ނުބައިމީހެއްނޫން..ކައިންޑްހާޓެޑް މީހެއް. އަމީރާ ޕްރޮޓެކްޓްކުރާކަހަލަ ގޮތެއް ވަރަށް ހުރޭ. ކިހާ ސްވީޓް.." އީޝާ ބުނެލިއެވެ.
"ޗީ. އަހަރެން ނޫޅެން މީހަލު ލައްވާ ޕްރޮޓެކްޓްކުރުވަން..." އަމީރާ ފިޔާތޮށިކުލަ އަރާތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ. ހުރިހާވެސް ކަމަކީ މައިކަލް އޭނައާއިހެދި އުޅެނީކަމާއިމެދު ކުރެވޭ ޝައްކެވެ. ތިމާގެ ވިޔަސް އޭނަ އުޅޭގޮތުން ހީވަނީ އަމިއްލަ ހައްގެއްހެންނެވެ. ބޭބެއެއްވެސް މިހެން ނޫޅޭނެއެވެ. އެހާވެސް ވެރިވެފައެވެ. އަމިއްލަ އެދުމެއްނެތި ވެދުމެއް ނުކުރާނެއޭ ބުނާ އުސޫލުން އެހާ ހެޔޮއެދިގެން ކަންތައްކޮށްދޭން އުޅޭނީ ކޮންމެވެސް ކަމެއް ހިތުގައި އަޅައިގެންފާ އޮތީމައެވެ.
ކޮންފެރެންސްރޫމަށް ވަނުމާއިއެކު ނޭފަތުގައި ޖެހުނީ ލުއިމީރުވަހެކެވެ. މުޅި އޮފީސްތެރޭގައިވެސް ހިފާލާފައި އޮންނަނީ މީރުވަހެކެވެ. އެއާފްރެޝްނާ ނުޖެހިޔަސް އެންމެން އެވާހަކަދައްކާ ހަދައެވެ. އޭސީގެ ފިނިކަމާއިއެކު މޭޒުމަތީގައި ބަހައްޓާފައިވާ މަލުގެ ގުލްދަސްތާ އަމީރާގެ ލޮލުގައި އަޅައިގަތެވެ. އެމާތަކުގެ މީރުވަސްހެއްޔެވެ؟ ނޫނީ ކޮންމެވެސް މީހަކު ބޭނުންކުރާ ސެންޓެއްގެ ވަސްބާވައެވެ. ކޮންމެގޮތެއްވިޔަސް އަމީރާގެ ސިކުނޑިއަށް ލިބިފައި ހުރި ލޮޑުކަން ފިލާ ތާޒާވާގޮތްވިއެވެ. ޗެއާމަންގެ ގޮނޑީގައި އިނީ މައިކަލްއެވެ. ހުސްގޮނޑިއެއް ހުރީ މައިކަލްއާއި ކައިރީގައެވެ. އެތާ އިށީންނަންވުމުން އަމީރާ އުދަގޫވެފައި ހުއްޓަސް މަޖުބޫރުވިއެވެ.
މައިކަލް ދައްކަންފެށީ މިވޭތުވެދިޔަ އަހަރުތެރޭގައި އެނޫހަށް ލިބުނު ކުރިއެރުމުގެ ވާހަކައެވެ. ޓީވީ ޗެނެލެއް ހުޅުވުމަށްފަހު މިހާރު މުވައްޒަފުން ގިނަވެ އޮފީސް އިމާރާތް ބޮޑުކުރާ ވާހަކަވެސް ބުނެލިއެވެ. ހުރިހާ މުވައްޒަފުންނަށް އެކަމުގެ ޝުކުރު ހައްގުވާ ކަމަށާއި ބޮސްގެ ފަރާތުން އެންމެނަށް ޝުކުރުވެރިވިއެވެ. ނޫހަށް އަހަރު ފުރުން ފާހަގަކުރަން ރާވަންވީ ޕްރޮގްރާމާއި ބެހޭގޮތުން ދެން މައިކަލް ވާހަކަ ދެއްކިއެވެ.
"އަމީރާ. ކޮންކަހަލަ ކަމެއް ކުރަންވީ..................." މައިކަލް މުޚާތަބުކުރީ އެންމެ ކުރިންވެސް އަމީރާއާއެވެ. އެންމެން ގެ ތެރޭގައި އަމީރާ ލަދުގަންނަވާލަން ވެގެން ކުރިކަމެއްހެއްޔެވެ؟ އޭނައަކީ ކެރޭ އަންހެންކުއްޖެކެވެ. ސްޓޭޖަށް އަރާކަށްވެސް އޭނަ ފަހެއްނުޖެހޭނެއެވެ.
"އަޅުގަނޑުމެންގެ ބޮސްގެ ޚާއްސަ އިންޓަވިއު އެއް ގެނެސްދިނުން. އެންމެންވެސް ކިޔާ ބޮސް މިސްޓީރިއަސްކަމުން އޭނަގެ އެއްވެސް މައުލޫމާތެއް ނޭގެޔޯ. އޭރުން އެންމެންގެ ވިޝް ފުރިހަމަކުރެވުނީ..." އަމީރާގެ ދުލުން ބޮސް ގެ ނަން މިފަދަ ވަގުތެއްގައި ގެނައުމުން މައިކަލްގެ މޫނުމަތިން ނުރުހުނުކަން ފާޅުވިއެވެ. ނަމަވެސް ހީލާފައި ދެން ތިއަށްވުރެ ކްރިއޭޓިވް އައިޑިއާސްތައް ހުންނަންވާނެ ނޫންހެއްޔޭ ބުނެލީ އެކަން ފޮރުވަންވެގެންނޭ އަމީރާގެ ހިތަށް އެރިއެވެ. އަމީރާއިނީ ފާޑަކަށް ހިނިއައިސްފައެވެ. މައިކަލް ރުޅިއަރުވައިލެވުމުން އަޖައިބެއްފަދަ ހަމަޖެހުމެއް ހިތަށް ލިބުނެވެ. އޭނައާއި މައިކަލް އަޅައިގެންފާ ހުންނަކަން އެނގުނީއްސުރެ ފޫހިވާލެއް ހަމަބޮޑީއެވެ. ވީމަ އެފަދަ މީހަކު ރުޅިއަރުވައިލެވުނީތީ އުފާވެރިކަން ހިތަށް ލިބުނީއެވެ. މައިކަލް ބޮސްއާއި ހަސަދަވެރިވީކަމަށްވެސް ވެދާނެއެވެ. އޭރު އެހެން މުވައްޒަފުން ޚިޔާލުދެމުން ދިޔައެވެ. ޝޯއެއް ބޭއްވުން ނޫނީ އަތިރިމަތީގައި ބާބެކިއުހެދުން ފަދަ ޕްރޮގްރާމްތައް ހިމެނިއެވެ. އަމީރާއަށް އޭނަގެ އުފަންދުވަހާއިމެދު ވިސްނާލެވުނީ ދެނެވެ. އޭނައާއި އޮފީސް އެނިވާސަރީ އެއް ދުވަހަކަށްމިވީ އިއްތިފާގެކެވެ. ވީއިރު އޭނަގެ އުފަންދުވަސްވެސް އެރޭ ފާހަގަކުރެވޭނެތާއެވެ.
ބައްދަލުވުން ނިމުމުން އެންމެން ނިކުންނަންވެގެން ހިނގައިގަތެވެ. މާބްލް ތަޅުންމަތި ފިނިގަދަކަމުން ގަނޑުފެންގަނޑެއްފަދައިން ވާތީ އޭނައިނީ ބޫޓު ބާލައިގެން ފިނިކަމުން ފަޔަށް އަރާމު ހޯދާށެވެ. މިދުވަސްކޮޅު އަބަދު އޭނަ އުޅެނީ ހޫނުވާތީ އުދަގޫވެގެންނެވެ. އަމީރާ ބޫޓުލާންވެގެން ގުދުވެލިއެވެ.
"އެމީ. ވާހަކައެއް ދައްކާލަން ބޭނުން، އަހަރެމެން ދޭތެރޭގައި މިސްއަންޑަސްޓޭންޑިންއެއް އުޅޭތީ މިހެން މިބުނީ. އެމީ އަހަރެމެންގެ ގެއަށް ހަވީރު އައިސްދޭންވީނު، މަންމަ ވާހަކައެއް ދައްކަން ބޭނުމޯ.." މައިކަލްގެ ދެލޮލުން ފެނުނީ އޯގާތެރިކަމެވެ.
"އައި ހޭވް ސަމްތިން ޓު ޑޫ...." އަމީރާގެ ހިތް ނެގިނެގިފައި ޖެހެންފެށިއެވެ.
"މަންމައަކީ އެމީގެ ބޮޑުދައިތަކަން އެނގެއެއްނު ދޯ..." މައިކަލް އިތުރަށް ބުނެލިއެވެ.
"އެކަމަކު މަންމައާއި ތިބުނާ ދައްތަގެ އެއްވެސް ގުޅުމެއް ނޯންނަތާ އެތައް އަހަރެއްވެއްޖެ...." އަމީރާ ފާޅުކުރީ ހަގީގަތެކެވެ.
"އޭގެ ކޮންމެވެސް ބޮޑު ރީޒަނެއް އޮންނާނެ، ދުވަހަކު އެކަމާއި ވިސްނާލިންތަ؟ ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާލުމަކީ ބޮޑުފާފައެއް. އަލުން ދެމީހުން ގުޅުވަން މަސައްކަތްކުރަމާ........ "މައިކަލް ބުމަ އަރުވައިލިއެވެ.
"ސޮރީ. އައިމް ނޮޓް އިންޓެރެސްޓެޑް. އެއީ މަންމަ ވިސްނަން ޖެހޭކަމެއް....." އަމީރާ މަޑުކޮށްލުމެއްނެތި އެތަނުން ދާންހިނގައިގަތެވެ. އަމީރާ ވިސްނީ އެންމެ ނުބައިގޮތަށެވެ. ޔަގީނެވެ. މައިކަލް ބޭނުންވަނީ އޭނަ އަންބަކަށް ހަދާށެވެ. އެނޫންގޮތަކަށް އެދެއާއިލާ ގުޅޭނީ ކިހިނެއް ހެއްޔެވެ؟ މަންމަމެންނަކީ އޭނަ ހަނދާން ހުންނަން ފެށީއްސުރެން ދުޝްމަނުންނެވެ. ސަކީނާ އަދި މައިކަލްއަކީ މަންމަގެ ބޭބެއެއްގެ ދަރިއެކޭ ކިޔަސް ހަގީގަތަކީ އެއީއެއްނޫނެވެ. މައިކަލްއަކީ މަންމަގެ ދައްތަ މޫމިނާގެ ފިރިހެންދަރިއެކެވެ.
އެދުވަހު މައިކަލް އެގެއަށްގޮސް އަމީރާގެ މަންމައާއިއެކު ވަގުތުހޭދަކުރިއެވެ. ހެނާއާއި އާޒްއާއިވެސް ވާހަކަދައްކާ ގުޅުން އުފައްދަން މަސައްކަތްކުރާތަން ފެނިފައި އަމީރާ އައި ރުޅީގައި ކޮޓަރިން ބޭރަށްވެސް ނުނިކުމެ ކޮޓަރި ތަޅުލައިގެން އޮތީއެވެ. އޭނަ ނުކުތީ މައިކަލް އެގެއިން ދިޔަކަން ޔަގީންވީމައެވެ. ކޮންމެގޮތެއްވިޔަސް ހެނާއާއި އާޒް މައިކަލްއާއިމެދު ދެކުނީ ބޭބެއެއްގެ ގޮތުގައެވެ. މަންމަމެން ދުޝްމިނުންނަށްވިޔަސް ލޭގެ ގުޅުމެއް ނުކެނޑޭނެއެވެ. އެގުޅުން ދާއިމީވާނެއެވެ. އަމީރާއަށްވެސް އޭނަ މިގެއަށް އައުން މަނާ ކުރެވޭނެގޮތެއް ނެތެވެ. މައިކަލް މަސައްކަތްކުރަނީ އަލުން އެންމެން ގުޅުވާށެވެ. އެމަސައްކަތަކީ ފަސޭހަކަމެއް ނޫންކަން އެނގޭއިރުވެސްމެއެވެ.
ހަވީރަށް އަމީރާއާއި ހެނާ ފެންވަރާ ތައްޔާރުވެލީ ބާޒާރުކޮށްލަން ދާށެވެ. ދެކުދިންވެސް ލައިގެން ތިބީ ކަޅުޓީޝާޓާއި ނޫ ޖިންސް އަދި ކަޅު ފޮތި ބޫޓެކެވެ. ހެނާ ޝޯލް އަޅައިގެން ހުރުމުން ފިނީގެ އަސަރުކުޑަވީއިރު އަމީރާ ކޮޓަން ޖެކެޓެއްލީ މޫސުމާއި ގުޅޭގޮތުންނެވެ. ދެކުދިން ބޭރަށް ނުކުމެފައި އަމީރާގެ ޚިޔާލު ބަދަލުވިއެވެ. މަގަށް ނުކުތުމުން އާދައިގެމަތިން އެންމެންގެ ކަޅިތައް އަމާޒުވީ އަމީރާއަށެވެ. އަމީރާއާއިއެކު އުޅޭއިރު ހެނާއަށް އޭނައަކީ ކިހާ އާދައިގެ ކުއްޖެއްކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވެއެވެ. ދުރުހިލޭމީހުން އެކަނިއެއް ނޫނެވެ. އާއިލާވެސް މެއެވެ. އަދި އެންމެ ތަފާތުނުކުރާން ވާ މީހަކީ މަންމަ ކަމުގައިވިޔަސް މަންމަވެސް އަމީރާދެކެ ވަނީ ވަކި ޚާއްސަ ލޯތްބެކެވެ.
"ކެރޭނެތަ ބީޗަށް އެރިލަން؟ ހެނާ ފޮޓޯ ނަގާހިތްވެއެއްނު...." އަމީރާ ވަލުމަގުން ހިނގާފައިދަމުން ހުއްޓުނެވެ.
"މަންމަ ހުއްދަނުހޯދާތަ؟ " ހެނާ ކޮށްލީ ސުވާލެކެވެ. އޭނަވެސް ހުރީ ދާހިތުންނެވެ. ކޮޓެޖާއި ދިމާލުން ބީޗަށް އެރުމަކީ އޭނަ ކޮންމެދުވަހަކު ހެން ޚިޔާލުކޮށްއުޅޭ ކަމެކެވެ.
"މަންމައަށް ސިއްރުން މިވަރުކަމެއް ކޮށްލިޔަސް ފާފަވެރިއެއްނުވާނެ. ޔޫ ނޯ ވަޓް؟ ބަސްޓްވެއްޖެއްޔާ ބުނޭ ތިމަންނަ ގަދަކަމުން ގެންދިޔައީއޭ...." އަމީރާ ހެނާގެ އަތުގައި ހިފާފައި ދަމަމުން ކަހަލަގޮތަކަށް އުސްފަސްގަނޑާއި ދިމާލަށް ހިނގައިގަތެވެ. އެއީ ކޮޓެޖްގެ އެއްފަރާތުގައި އޮންނަ ހިސާބެވެ. އަމީރާ ދެއަތުން ގަސްތައް ދުރުކުރަމުން ދިގުވިނަތަކުގެ ތެރޭގައި ފައިއަޅަމުން ދިޔައީ ހެނާއަށް މަގުކޮށާދެމުންނެވެ. ހެނާ ގޮވައިގެން ތިރިއަށް ފޭބިއިރު ކޮޓެޖް ހުރީ ދިމާކުރިމަތީގައި ފެންނާށެވެ. އާސާރީ އަދި ޝާހީގޮތެއް ހުރި ގެއެކެވެ. ހަގީގަތުގައި މިފަދަ ރަށަކުން އެހާ ތަފާތު ގެއެއް ފެނިދާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. މުއްސަދި މަހުޖަނުންގެ ތަކުން ރަށުގެ ޒީނަތްތެރިކަން އިތުރުކުރުވާއިރު މިފަދަ ގެތައް އަޅާކަށް އެއްވެސް މީހަކު ޚިޔާލެއްނުކުރެއެވެ. ތިރިއަށް ފައިބަން ފަތްތަރުތަކެއް ހަދާފައިވާއިރު ކުލަކުލައިގެ މާގަސްތަކުން ބަރާވެފައިވާ ޕޮޓްތަކުން ގޭގެ ހިތްގައިމުކަން އިތުރުކުރުވައެވެ. ގޭގެ ކުޑަފެންޑާގައި ގޮނޑިތަކެއް ބަހައްޓާފައި މާގަސްތައް ހުރުމުން ވަރަށް ދިރުންހުއްޓެވެ. އަމީރާގެ ލޮލުގައި އަޅައިގަތީ ގޭގެ އެއްފަރާތުގައި ގަލުން ހަދާފައިވާ އަލިފާން އަންދާތަނެކެވެ. ރޭގަނޑު ބޭރުގައި އުޅޭއިރު ފިނިން ސަލާމަތްވާން ނޫނީ ބާބެކިއު ހަދާހިތްވާ އާއިލާއެއް އުޅޭކަމުގެ ހެއްކެކެވެ. އަމީރާ ނިކަން ފަރުވާވެ ބަލަންހުރިއިރު ހެނާހުރީ ކުޑަކޮށް ހާސްވެފައެވެ.
"މިގެ ފަޅަށް ބަހައްޓާފައި ގޭގެ އެންމެން ހިޖުރަކުރީކަން ނޭގޭ..." އަމީރާ އެދިމާލަށް ދާން ކުރިއަށްނެގި ފިޔަވަޅާއިއެކު ހެނާ އަމީރާގެ ޓީޝާޓުގައި ހިފާ ދަމައިގަތެވެ.
"ކޮންތާކަށް؟ "ހެނާ ސުވާލުކުރިއެވެ.
"ސީރިޔާއަށް..." އަމީރާ ހީގަތެވެ.
"ނޫނޭ. އެމީ ތިދަނީ ކޮންތާކަށް ހޭ. ތިގެއަށް ވަންނަންތަ؟ ތިއީ ރަގަޅުކަމެއްނޫނޭ....." ހެނާގެ ހިތްއަވަސްވެލިއެވެ.
"މިހާ ރީތިގެއެއްގައި ޖިންނިއެއް ދިރިނޫޅޭނެ. އުޅެންޏާ އައި ޝުޑް ޓޯކް ޓު ދެމް ، ނޫހުގައި ޖަހާލާނެ ހޮޓް ނިއުސްއެއް ނުލިބިފައޭ މިހިރީ. މީހުން ނޫޅެންޏާ ކާކުތަ މިގޭގައި އެހާ ރީތިކޮށް މާގަސްތައް އިންދަނީ؟ މަންމަމެން އެހާވަރުން އުޅޭއިރުވެސް މިހާ ރީތިކޮށް ގަސް ނެހެއްދޭ...." އަމީރާ ހުއްޓާނުލައި ކުރިއަށް ފިޔަވަޅު އަޅަމުންދިޔައެވެ.
"އެމީ ޕްލީޒް ނުދޭ...." ހެނާގެ ގަނޑުފެންފޮދެއްފަދަ ފިނި އަތްތިލަ ޖިންސްގެ ޖީބަށް ޖަހައިލަމުން ވަށައިގެން ހޯދައިލިއިރު ލޮލުގައި ހާސްކަމެއްވިއެވެ. މުޅި ގޮނޑުދޮށް އޮތީ ފަޅަށެވެ. މިރަށު މީހުންނަށް ކޮޓެޖްގެ ހަގީގަތް އެނގޭތީ މިހިސާބަށް އެރެން ނުކެރެނީއެވެ. އޭނައަށްވަނީ އެގެއިން އަންހެނަކު ފެނިފައެވެ. މީހަކު ހަޅޭއްލެވި އަޑު އިވިފައެވެ. އެ ހަނދާންވިޔަސް ގައިން ހީބިހިނަގައެވެ. ފިނިފިނިވައިރޯޅިއެއް ޖެހިލުމާއިއެކު ހެނާގެ ޝޯލް އުދުހިގެން ނުދިޔައީ ކިރިޔާއެވެ. އަމީރާގެ އިސްތަށިގަނޑުވެސް ނިއުޅުވިގެން އެކިދިމާލަށް އުދުއްސައިގަތެވެ.
"ހެނާ. މިގަސްތަކުން މާބިނދެލައިގެން އަންނާނަމޭ. މީހަކު ނެތެއްނު......" އަމީރާ އޭރު ފަތްތަރުތަކާއި އަރާހަމަވެއްޖެއެވެ. ހެނާއަށް މަޖުބޫރުވެގެން ފަހަތުންގޮސް އަރާހަމަކުރިއެވެ. އަލިފާން އަންދާތަނުގައި ސިގްރެޓް ގުލުތަކާއި ކުދި ކުދި ޕެކެޓްތައް އެއްލާލާފައި ހުރިތަން ހެނާއަށް ފެނުނެވެ. މިގޭގައި ހުންނަ އަންހެންމީހާ ސިގްރެޓްވެސް ބޮނީހެއްޔެވެ؟ އަމީރާ އެތާހުރި ގަސްތައްފެނިފައި ހަމަ މޮޔަވާވަރުވިއެވެ. ސަންފްލާވަރ ޖޭސްމިން ޑޭޒީ އަދި އޯކިޑްފަދަ މާގަސްތަކުން މާބިނދެލާކަށް އޭނަ މާގިނައިރުތަކެއް ނުނެގިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ ދުވެލާފައި ތިރިއަށް ފޭބިއިރު ވައިގަދަވެ ވިއްސާރަވިލާތަކުން އުޑުމަތި ބައްދާލައިފިއެވެ.ވާރޭގެކުދި ތިކިތައް ހަމުގައި ބީހިލަންފެށީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އަމީރާ ވާރެއަށް މޫނު ދިއްކޮށްލައިގެން ހުރިއިރު އެ އޮމާން މޫނުފެންނަލެއް ކިތަންމެހާވެސް ޗާލެވެ. ވާރޭގެ ތެރޭގައި އުޅޭ ޕަރީއެއްފަދައިންނެވެ.
ހެނާ އާދޭސްކޮށްކޮށް އަމީރާ އެތަނުންދާކަށް ޚިޔާލެއްނުކުރިއެވެ. އިރުއޮއްސޭ މަންޒަރު ބަލާފައި ނޫނީ ނުދާނެކަމަށާއި އޭނައަށް އެކަނި ހުރެވިދާނެކަމަށް އަމީރާ ބުނެލިޔަސް އެކަނިދޫކޮށްލާފައި ދާން ކެރޭނީ ކިހިނެއްހެއްޔެވެ؟ ފިނިވެގެން ރޫރޫއަޅާ ހާލުގައިވެސް ހެނާ ހުންނަން ޖެހުނީއެވެ. ވާރޭވިލާތަކުގެ ސަބަބުން އިރުއޮއްސުނުއިރު އެހެން ދުވަހަށްވުރެ މާހިތްގައިމެވެ. އުޑު އަލިފާންގަނޑެއްހެން ފަޅައިގެންގޮސްދާނެހެން ހީވިއެވެ. ރަތާއި އޮރެންޖްކުލަގަދަވެ އުޑުމަތި ޖަރީކޮށްލިއިރު ގަލަމަކުން ބަޔާންނުކުރެވޭ ހާ ރީއްޗެވެ. ހެނާވެސް ކެމެރާގައި އެފޮޓޯތައް ރައްކާކުރިއެވެ. އިރުއޮއްސި އަނދިރިވުމުން ރީތިކަން ފިލާ މުޅި ހިސާބަށް ނާމާން އަނދިރިކަމެއް ވެރިވެގެން ދިޔައެވެ. އަމީރާގެ ހިތަށްވެސް ބިރުވެރިކަން ވަންނަގޮތްވިއެވެ. އެކަމަކު ކޮޓެޖްގެ ބޮކިތައް ދިއްލައިލުމުން އެގޭގައި ކޮންމެވެސް ބަޔަކު އުޅޭކަން ޔަގީންވެ އަމީރާ ހިނިތުންވެލިއެވެ. އޮރެންޖް އަލި ކުޑަދޮރުތަކުން ބޭރަށް ފާއްދާލާފައިވާތީ އެގޭގެ ރީތިކަން އިތުރުކުރުވިއެވެ. އޭނަ ދޮންވެލިގަނޑުމަތީގައި ބެހެއްޓި މާތައް ހިފައިގެން ހެނާ ގޮވައިގެން ހިނގައިގަތީ ކޮޓެޖްގެ އެފަރާތުން މައްޗަށް ފަސޭހައިން އެރެން އޮތީމަ އެދިމާލަށެވެ. ރޭގަނޑު އެމީހުން ފޭބި އުސްފަސްގަނޑުން މައްޗަށް އެރުން ފަސޭހައެއްނުވާނެއެވެ. ކޮޓެޖްގެ އަނެއްފަޅީގައި އޮތީ ގަސްތައް ކޮށާލާފައި ރީތިކޮށް މަގެއް ހަދާލާފައެވެ. އެއްފަރާތުގައި ކޮޓެޖްގެ ފާރުތައް ހުރިއިރު އަނެއްފަރާތުގައި އޮތީ ބޯގަސްތަކެވެ. އެފާރުމަތިން އަރާފައިވާ ރަތްފިނިފެންމާ ވިލާގައި އިން އެންމެ މަލެއް އަމީރާ ބިނދެލިއެވެ. އެމާ ފޮޅިފަ އިންލެއް ރީތިކަމުންނެވެ. ހެނާ އަމީރާގެ އަތުގައި ހިފާ ބާރުކޮށްލައިގެން ހިނގާލާފައި ދިޔައިރު ހިތްނެގިނެގިފައި ޖެހުނެވެ. އަމީރާގެ ބިރުކުޑަކަމާއި ޖެހިލުންކުޑަކަމުގެ ކުޑަ މިންވަރެއްވެސް އޭނައަކަށް ލިބިފައެއްނެތެވެ. ނޫސްވެރިންނަކީ ގަދަ ބަޔަކީއެވެ.
ގެއަށް ވަދެ ހިކިގެން އެނދުގައި ޖައްސައިލިތަނާހެން އަމީރާ ހުންގަދަވެގެން ރޫރޫއަޅާގޮތްވެ ރަޖާގަނޑުގެ ދަށަށްވަނެވެ.
"އެމީ ތިއޮތް ފިހެނީނު. މަންމަ ކައިރީ ބުނަންތަ؟ "ހެނާ އިނީ ހާސްވެފައެވެ.
"ނޫނޭ. ބޭސްކައިގެން މިއޮތީ. މަންމައާއި ނުލާ އާޒް ނުނިދާނެ. އައިމް އޯކޭ......" އަމީރާ އޮތީ ދެފައި ގެނެސް މޭގައި ޖައްސާލައިގެންނެވެ.
އޭނަ މަޑުމަޑުން ކުކުރާލާގޮތުން ބަލިވަރު ހާމަކޮށްދިނެވެ. ހެނާ ހާސްވިއެވެ. އަމީރާ މާތައް ބިނުމުން ވީ ކަމެއްހެއްޔެވެ؟ ޖިންނިއަކު އަވަލީހެއްޔެވެ؟ އާސާވެސް އެކަހަލަ ވާހަކައެއް ދެއްކިއެވެ. ޖިންނި އަވަލީމަ މީހުން ހުން އަންނަ ވާހަކައެވެ. އިރުއޮއްސޭގަޑީގައި ޖިންނިންތައް ބިމަށްފައިބާއިރު ތިނޯހެއްގެ ފަގަ ޖައްސާލާނެ ތަންކޮޅެއްވެސް ނުހުންނާނެކަމުގައި އާސާ ބުނާއިރު ހީވަނީ ތަޖުރިބާކުރެވިފައިވާ ހެންނެވެ. އާސާ އެންމެ ގިނައިން ދައްކާނީ ޖިންނި ވާހަކަތަކެވެ. އެކުއްޖާ ހުންނަނީވެސް ކުޑަކޮށް ގޮތިކްހެދިގެންނެވެ. ބުޅި ބުޅި އިސްތަށިގަނޑެއް ބޮލުގައި އޮންނައިރު ދެލޮލުގައި ގަދަޔަށް އަނދުން އަޅާފައި ކަޅު ލިޕްސްޓިކް ޖައްސައެވެ. އާސާބަލާ ހިތްވަނީވެސް ބިރުވެރި އެއްޗެއްސެވެ. އެހެން އުޅެނިކޮށް އޭނައާއިވެސް އަވަލާފާނެކަން ނޭގެއެވެ.
ހެނާއަށް ހޭލެވުނުއިރު ދަންވަރު އެކެއްޖެހީއެވެ. އަމީރާ އެނދުގައި ނެތްކަން އެނގިފައި މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ފާޚާނާގެ ބޮކި ނުދިއްލާހުރިކަން ދޮރުގެ ހިންމިތަކުން ބަލާފައިވެސް ހެނާ ދެނެގަތެވެ. ކޮޓަރީގެ ދޮރު އެހެރީ އަޑާއަށް ހުޅުވާފައެވެ. ހެނާ ހޭކަނޑާލާފައި ދުވަމުންގޮސް މަންމަމެން ކޮޓަރީގެ ދޮރުގައި ތަޅަންފެށިއެވެ.
"މަންމާ. މަންމާ ތެދުވެބަލަ......" ހެނާ ގޮވިއެވެ. މަންމަ ނިދިގަދަމީހަކަށް ވުމުން ހޭނުލެވުނަސް ނަޝީދު ވަރަށް ނިދިމަޑުވާނެއެވެ. ދޮރުހުޅުވީ އޭނައެވެ. ސޯޓުބުރިއެއްލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ ހޭވިފައެވެ،
"ދަންވަރު މީހުން ނިދާފައި ތިބޭއިރުވެސް ދޮރުގައި ތަޅައިގަންނަން ޖެހޭތަ؟ "ނަޝީދު ބުމަ ގޮށްޖަހައިލިއެވެ.
"އެމީ ކޮޓަރިއަކު ނެތް....." ހެނާ ބުނެލިއެވެ.