"ލީވް ހިމް އެލޯން މައިކަލް. ޒޯހަން ކަމެއްކޮށްގެނެއް ނޫން ބޭބީ މަރުވީ. ކުށްކުރި މީހަކީ އަހަރެން. ދެން އަހަންނަށް ރުޅި ބާލަންވީނު...." ހެނާ ގައިގާ ވަރުނެތަސް ކުޑަކޮށް ތެދުވެ ހެޑްބޯޑަށް ލެނގިލަމުން މައިކަލްއަށް ބަލަންއިނީ ރުޅިވެރި ނަޒަރަކުންނެވެ. ކޮންމެތާކުވެސް މައިކަލްއުޅެނީ ގުންޑާއެއްފަދައިން މީހުންގެ ގަޔަށް އަތްލާހިތުންނެވެ. އެއީ ހެނާ ވަރަށް ފޫހިވާ ސިފައެކެވެ. ރުޅިގަދަވެގެން މޮޔަވިޔަސް އެހެން މީހުންގެ ގަޔަށް އަތްފޯރުކުރެވިގެން ނުވާނެއެވެ. އަމިއްލަ ނަފުސް މައިތިރިކުރެވޭނީ ހަގީގީ ފިރިހެނުންނަށް ކަމުގައި ހެނާ ދެކެއެވެ.

"ހޫމް ދެން ކިހިނެއްވީޔޯ...." މައިކަލް ހުރީ ބުމަގޮށް ޖަހާލައިގެންނެވެ. މައިކަލްއާއި ޒޯހަންގެ ނަޒަރު އޭނައަށް ހުއްޓިފައިވުމުން ޖެހިލުންވާގޮތް ވި ނަމަވެސް ހެނާ ހިތްވަރު ހޯދިއެވެ. ފިޑިވެ ނުކެރުނު ދުވަހެއްވެސް އައެވެ. އެދުވަސްވަނީ ފާއިތުވެފައެވެ. މައިކަލްފަދަ މީހުނާއި ހަގުރާމަކުރެވެން އޭނައަށް މަޖުބޫރެވެ.

"އަހަރެން ބަލިވެގެން އެކަނި ހޮސްޕިޓަލަށް އައިސް އުޅެނިކޮށް ސިޑިމަތިން ވެއްޓިފާ ބަނޑަށް އަނިޔާވީ. ވަގުތުން ޑޮކްޓަރަށް ނުދައްކާ ގެއަށް ދިޔުމަކީ އަހަރެންގެ ކުށް. ސޯ ޕްލީޒް މިތަނުން ދޭ...." ހެނާ ކަރާއި ހަމަޔަށް ރަޖާ ދަމާލުމަށްފަހު ރަޖާ އަތުތެރޭގައި ބޮނޑިކޮށްލައިގެން އޮތްއިރު މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވާން ހުއްޓެވެ. މައިކަލް ސިހުރު ހަދާލައިގެން ދަރިފުޅު މަރާލީ ނޫންކަމެއްވެސް ނޭގެއެވެ. މައިކަލްވަނީ އެކުއްޖާ ދުނިޔެ އަޔަނުދޭނެކަމަށް ބުނެ އިންޒާރުކޮށްފައެވެ.

އަޑުގަދަވެގެން އަމީރާ އެތަނަށް ވަނެވެ. ހެނާ އެހާ ބަލިވެއުޅެނިކޮށް ކޫސަނި ޒުވާބު ނުކުރަން އަމީރާ ބުނެލީ ލާނެތް ހިންޏަކާއިއެކުގައެވެ. މައިކަލްއާއި ޒޯހަންވެސް ހެނާދެކެ ލޯބިވާކަން ޔަގީންވެ އޭނަ ކޮއްކޮއަށްޓަކާ އުފާކުރިއެވެ. ލޯބިވާ ދެ ފިރިހެނުން ލިބުމަކީ ކޮންމެ ކޮންމެ އަންހެންކުއްޖަކަށް މިންވަރުކުރައްވާނެ ނަސީބެއް ނޫނެވެ. ހެނާ އަބަދުވެސް އޭނައަކީ ރީތި ނޫންކުއްޖެއްކަމަށް ދެކެނީ މުޅިން ރަގަޅަކަށް ނޫނެވެ. މީހާގެ މިޒާޖާއި އުޅުމަކީވެސް މީހާގެ ރީތިކަމުގެ އެއް ބަޔެވެ.

މައިކަލް ޕްރައިވެޓް ރޫމްތަކުގެ ބޭރަށް ނުކުމެފާ ފިނިވެފައިވާ އަތްތިލަ ޖިންސްގެ ޖީބުގެ އެންމެ ފުނަށް ޖަހައިލިއެވެ. އޭނަ ހުރީ އިންތިހާއަށް މާޔޫސްވެފައެވެ. ހެނާވެސް ލޯބިވަނީ ޒޯހަންދެކެކަން ޔަގީންވުމުން ހިތަށް ވެފައިވާ ތަދު އިތުރުވުން ނޫންކަމެއްނުވިއެވެ. ހެނާ ގަދަކަމުން މިލްކުކޮށްގެން ހިތަށް ލިބޭނީ ކޮން ހިތްހަޖެހުމެއްތޯ ހިތާހިތުން ސުވާލުކުރެވުނެވެ. ނަމަވެސް އަދި ތިން މަސް އެބައޮތެވެ. ހެނާ ވިހެއުމަށްފަހުވެސް ޒޯހަންއާއި ކައިވެނިކުރެވޭނީ ތިންމަސް ފަހުންނެވެ. އެ ތިންމަސް ދުވަހު އޭނަވެސް ހެނާ މިލްކުކުރަން މަސައްކަތްކުރާނެއެވެ. ނޫނީ އޭނަގެ ދިރިއުޅުން ފުރިހަމައެއްނުވާނެއެވެ.

"ކޮޓެޖް" ގެ ތެރެއަށް ވެރިވެފައިވާ ރަތްއަލި މަޑުވެ ގަދަވާތަން ބަލަން އިރުކޮޅަކު ހުރެފާ އަމީރާ ކުޑަދޮރު ހުޅުވައިލިއެވެ. ލޫސިއާން ނެތުމުން އޭނަ ހުރީ ކޮންމެވެސް ވަރަކަށް އެކަނިވެރިވެފައެވެ. ކިތަންމެ ވަރަކަށް ރޫހާނީ ކަންތައް ތަކަށް ހޭނިފައި ހުއްޓަސް ބައެއްފަހަރު ކުއްލިއަކަށް އިވިލާ އަޑުތަކާއި ސިއްރު ބުނުންތަކުން އޭނަ ސިހޭވަގުތު އާދެއެވެ. އެހެން ހުއްޓާ ކުއްލިއަކަށް ކުޑަކުއްޖަކު ހިނިގަނޑެއް ޖަހައިލަމުން މަންމާއޭ ކިޔާފައި ގޮވައިލިއަޑަށް ގައިން ހީބިހި ނެގުމާއިއެކު ފަހަތަށް ބަލައިލެވުނުއިރު އެނދުމަތީގައި ފުންމަ ފުންމާހުރީ ކުޑަ ކުޑަކުއްޖެކެވެ. އެކުއްޖާގެ ދެލޮލުގެ ރަތްކަމުން އަލިފާންކޮޅެއްފަދައެވެ. އަމީރާގެ މޭގަނޑު ނެގިނެގިފައި ޖެހެން ފެށިއެވެ.

"ތީ ކާކު؟ "އަމީރާ ބިރުގެންފިއެވެ.

"މަންމައަށް ނޭގުނުތަ؟ މީ މަންމަގެ ދަރިފުޅު...." އެކުއްޖާގެ ޝައިތާނީ ހުނުން ކޮޓަރިތެރޭގައި ގުގުމާލީ ނާމާންކޮށެވެ. އިސްތަށިގަނޑު ހާވާލައިގެން ހުރެ ޒޮމްބީއެއްހެން ކާލި އަޅަމުން އަމީރާއާއި ދިމާލަށް އަންނަން ފެށުމާއިއެކު އޭނަ އަނބުރައިގެން ވެއްޓިއްޖެއެވެ. ހޭލެވުނީ ލޫސިއާން މޫނުގައި ފެންލާން އިންދައެވެ. ފިނިފެންފޮތީގެ ސަބަބުން ލިބުނު އަރާމާއިއެކު ދެލޯ ބޮޑުކޮށްލަމުން ވަށައިގެން ހޯދާލުމާއެކު އަމީރާ ލޫސިއާންގެ ކަދުރާގައި އޮޅުލައިގެންފިއެވެ.

"ލެން. އަހަންނަށް އޭނަ ފެނިއްޖެ. ކޮންފަދަ ބިރުވެރި ސޫރައެއްގައި ހުރީ. އަހަރެމެންގެ ދަރިފުޅު... ފެނުމުން އަނބުރައިގަތީ. އެކުއްޖާގެ ދެލޯ.......އޭމޮން ގޮތަށް. އުޅުނީ އަހަރެން މަރާލަން. އެއީ ހަމަ ޒޯމްބީއެއް. މަރުވެފައި ހުރީ....." އަމީރާއަށް ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނޭގެއެވެ.

"ލުކް އެމީ ބޭބީ. އެމީ ހުންގަދަވެގެން ބުރާންތި ވެފައި އޮތީމަ ލޮލަށް ފެނުނުހާ ކަންތައް އެއީ. އެމީ . އަހަރެމެންގެ ދަރިފުޅަކަށް އަދި ނުހިނގޭ. ކިހިނެއް ފުންމަ ފުންމާފައި އުޅޭނީ. އެމީ ވަރަށް ހުންގަދަވެފައި މިއޮތީ. ވާރެއާއި ތެމިގެން މާ ގިނައިރުވީމަ މިއުޅޭ ރޯގާގަނޑު ޖެހުނީކަމަށްވާނީ....." ލޫސިއާންގެ އުނގުގައި އަމީރާގެ ބޯ ބާއްވައިގެން އިންއިރު އެބޯ މޮޑެދެމުން ދިޔައީ އޯގާތެރިކަމާއިއެކުގައެވެ. އަމީރާގެ ދެލޮލުން ކަރުނައިގެ އަސަރު ފެނުނެވެ. ނޫނެކެވެ. ލޫސިއާން އޮޅުވައިލީއެވެ. އޭނަ ހުންއައީވެސް އެކުއްޖާ ފެނިފައިކަން ނޭގެއެވެ. ލޫސިއާން އޭނައަށް ކަމެއް ސިއްރުކުރަނީއެވެ. ހަގީގަތުގައި މިދުވަސްކޮޅު އޭނަގެ ސިކުނޑީގައި ދަރިފުޅު ނޫން އިތުރުކަމެއްނުވެއެވެ. އެކުއްޖާ ނުފެނި ގިނަދުވަސްވާ ވަރަކަށް ހިތަށް ލިބެމުންދާ ދަތިކަން ބޮޑުވެ "ޑިޕްރެޝަން"އާއި ހަމަޔަށް ހިނގައްޖެއެވެ. މޮޔަނުވިއްޔާ ވެދާނެއެވެ.

"ލެން. އެނގޭ ކޮންމެވެސް ކަމެއް ފޮރުވާކަން. ބުނެދީފާނަންތަ؟ ސިއްރުކުރުމަށްވުރެ މިހާރު އެނގުނީމަ ރަގަޅުވާނީ. ކޮބާތަ ބޭބީ؟ ލެން. އެއީ ޖިންނި ކުއްޖަކަށްވިޔަސް ދެކެން ބޭނުން. ޕްލީޒް. އައި ބެގް ޔޫ...." އަމީރާ އާދޭހުގެ ރާގަކަށްބުނެލިއެވެ.

"މިވަގުތު އަރާމުކޮށްލާ. އެމީއަށް ލުއިވެލީމަ ދަރިފުޅު ގެނެސްދޭނަން. މިއީ ވައުދެއް..." ލޫސިއާން ކުޑަކޮށް ހިނިތުންވެލަމުން ގުދުވެ އަމީރާގެ ނިތްކުރީގައި ބޮސްދިނެވެ. ލޫސިއާންގެ ހަށިގަނޑުގެ ހޫނުކަމުން ހީފިލާ އަރާމުވިއެވެ. އެރޭ ހުންގަދަވެގެން ބުރާންތިވީއިރު ހުރިހާ ވަގުތެއްގައި ލޫސިއާންއިނީ ހޭލައެވެ. ބައްތިތަކުގެ އަލީގައި ކޮޓަރީގައި ނަށާ ހިޔަނިތަކަށް ބަލަން އޮވެ ބައެއްފަހަރު އަމީރާ ހީހަދައެވެ. އެއިން ކޮންމެ ހިޔަންޏެއްވެސް އަމީރާއަށް ފެންނަނީ މީހެއްފަދައިންނެވެ. ދޭތެރެއަކުން ކުކުރާލަން އޮތްވާ އެންމެފަހުން މިހުރީޒް ގެނެސްދިނީ ގާނާފައި ހުރި ކެލާފަދަ އެއްޗަކާއި ބޯން ބޭހެކެވެ. ލޫސިއާން އަމީރާގެ ހެދުމުގެ ގޮށްތައް ނައްޓާފައި ހަށިގަނޑުގައި ކެލާ ހޭކިއެވެ. ކުޑަކޮށް ތެދުކޮށްލާފައި ބޭސް ބޯންދިނެވެ. ލޫސިއާން ބުނިގޮތުން އެމީހުންގެ ރަށުގައި ހަދާ ފަތްޕިލާވެލީގެ ބޭހުން ބަލިތަށް ފަސޭހަވުން އަވަސްވެފައި ނުގުޅޭ އަސަރުތައް ކުޑަވާނެއެވެ. އިރުކޮޅެއްގެ ތެރޭގައި އަމީރާގެ ހުން ވިހެލާ އެރީތި ދެލޯ ހުޅުވާލައިފިއެވެ.

މިހުރީޒްއާއި ނަބީލާ ކޮޓަރިތެރޭގައި ވާހަކަދައްކާން ތިބިއިރު އެންމެ ފާނޫޒެއް ދިއްލާލާފައިވިއެވެ. ކަސަބުން ޖަރީކޮށްފައިވާ ޝާހީ އެނދުގައި ދެމަފިރިން އޮށޯވެލައިގެން ތިބިއިރު މިހުރީޒް އޮތީ ފުން ވިސްނުމެއްގައެވެ.

"ލޫސިއާންއާއި އަމީރާ ވަކިކުރަން މައިކަލް މަސައްކަތް ފަށައިފި. އެންމެ ބިރުގަންނަނީ އަހަރެންގެ ލޫސިއަންއަށް ކަމެއްވެދާނެތީ. އަހަންނަށް ކެތެއްނުކުރެވޭނެ. އޭގެ ކުރިން އަހަރެންގެ އަތުން މައިކަލް މަރުވެދާނެ. އެކަމަކު. އަދި މައްސަލައަކީ އާތިފުވެސް އަމީރާއަށް ފަންޑިތަ ހަދާކަން..އޭނަ ޖަލުގައި ހުރެގެންވެސް އެކަން ކުރަމުން އައީ......................" މިހުރީޒް މަޑުމަޑުން ބުނެލިއެވެ.

"މީހުން މެރުމަކީ ހައްލެއްނޫން. އާތިފު ކީއްވެގެން އަމީރާއަށް ފަންޑިތަ ހަދަނީ؟ " ނަބީލާ ހައިރާންވިއެވެ.

"ހަގީގަތުގައި އަމީރާއަކީ އާތިފުގެ ދަރިއެއްނޫން. އެހެންވެ ރޮޒާލިއާގެ ބޮލަށް ވަދެގެން އޭނައަށް އޮޅުވާލައިގެން އަމީރާއަށް ކަންވެރިކަންކުރަން އޭނަ އެފެށީ. ރޮޒާލިއާއަށް އަދި އެކައްޗެއްވެސް ނޭގިފައި އެހެރީ. ތިމާގެ ނުބައިކަމާއި ބޭވަފާތެރިކަމުން ވީހާގޮތްކަމެއްވެސް ނޭގޭ. ރޮޒާލިއާވެސް ނުޖެހޭނެ މީހަކާއި އިނދެގެން ހުރެ އެކި މީހުންނާއި ގުޅުން ހިންގާކަށް. ރޮޒާލިއާއަކީ ރަގަޅުމީހެއްނޫން. އެހެންވެ ކުދިން ހަލާކުވެގެން އެދަނީ..." މިހުރީޒްގެ ވާހަކަތަކުން ނަބީލާ އެހާ ހައިރާނެއް ނުވިއެވެ. ކުރިންވެސް ނަބީލާވަނީ އަމީރާގެ ބައްޕައަކީ އާތިފުކަމާއިމެދު ޝައްކުކޮށްފައެވެ.

"އަދި އާތިފުގެ ނުބައިކަމަކީ އޭނަ އުޅެނީ ލޫސިއާން ބާރުގެ ދަށަށް ގެނެސްގެން ލޫސިއާން ލައްވާ އަމީރާ މަރާލަންވެގެން. އެކަމަކު މައިކަލްގެ އެ ފަންޑިތައަކުން ލޫސިއާންއަކަށް އަސަރެއް ނުކުރާނެ......." މިހުރީޒް ހިނިގަނޑެއް ޖަހައިލިއެވެ.

"މައިކަލްގެ ނުރައްކާތެރިކަމުގެ ވާހަކަ މިހުރީޒް ބުނާއަޑު އަބަދު އިވޭ. މިހާރު އެކޮޅުކޮޅުން ވާހަކަ ތިދިޔައީ؟ ޖިންނިން ތެދެއް ހަމަ ނުބުނާނީތަ؟ " ނަބީލާ ސަމާސާކޮށްލިއެވެ.

"މައިކަލްގެ ހަގީގަތް އެނގުނީމަ ނަބީއަށް ފަހުމުވާނީ އަހަރެން މިދައްކަނީ ކޮން ވާހަކައެއްކަން؟ " މިހުރީޒް މާނަވީގޮތަކަށް ހީލަމުން ނަބީލާގެ އިސްތަށިގަނޑުގައި ފިރުލާމަ ފިރުމާލާއޮތްއިރު އޭނަގެ ސިކުނޑީގައި އެތައް ކަންތައްތަކެއް އެނބުރެމުން ދިޔައެވެ.

"ލޫސިއަން އަމީރާއަށް ގެއްލުމެއް ނުދޭނެތަ؟ " ނަބީލާ ވިސްނާލުމަށްފަހު ހާސްކަމާއިއެކުގައި އަހާލައިފިއެވެ.

"އަހަރެން ވަރަށް މަސައްކަތްކުރަން. ހަގީގަތުގައި ލޫސިއާންގެ ހިތުގައި ފެށުނީއްސުރެން އަމީރާދެކެ ލޯތްބާއި ކުލުނު އޮވޭ. އެކަމަކު އާތިފުގެ ސަބަބުން އަމީރާއަށް ލޫސިއާންގެ ފަރާތުން އެހުރިހާ ގެއްލުންތަކެއް އެފޯރަނީ. ލޫސިއާން ބޭނުމެއްނުވޭ އެކަން އަންގާކަށް. އެހިތުގައި އެވަރަށްލޯބި ނުވާނަމަ މިހާރު އަމީރާ އޮތީހީ މިފަސްގަނޑުގެ ދަށުގައި ވަޅުލެވިފާ. އަހަރެންވެސް މި މަސައްކަތްކުރަނީ އާތިފުއަށް ކާމިޔާބު ވިޔަނުދޭނެ. ލޫސިއާން މެދުވެރިއަކަށް ހަދައިގެން މިހާރު އާތިފު މާ ފޯރިއާއިއެކު މަސައްކަތް އެކުރަނީ. ލޫސިއާންގެ ހިތް ބަދަލުވެދާނެތީ އަހަރެން ބިރުގަނޭ. އަހަރެމެންގެ ދަރިފުޅުވެސް އެހާ ވަރުގަދައެއްނުވާނެ. އެހާ ގަދަޔަށް ސިހުރު ހަދަންޏާ ދެމީހުންވެސް ދެމީހުންދެކެ ފޫހިވެ ރުޅިއަންނާނީ. އަނެއްކޮޅުން ސިހުރު ނޫނަސް އަހަރެމެންގެ ލޫސިއާންއަކީ އެހާ ރަގަޅަށް އުޅޭ ކުއްޖެއްވެސް ނޫންކަން ދެރައީ. އެހެންވެ އެހެން މީހުނަށް އޭނަގެ ސިކުނޑިއާއި ކުޅެލެވެނީ......" މިހުރީޒް ބޮލުގައި ދެއަތުން ހިފަހައްޓާލައިފިއެވެ. އިންސާނުންގެ ދުނިޔެއާއި ގުޅުނުކަމީ އެމީހުންގެ ބަދުނަސީބުބާވައެވެ. ހަގީގަތުގައިވެސް އިންސާނުންނާއި ޖިންނީން ގުޅިގެން މިގޮތަށް އުޅޭކަށް އިލާހީ ގާނޫނުވެސް ތަނެއްނުދެއެވެ. މިހުރިހާ ހިތްދަތިކަމާއި އުދަގޫތައް އުފުލަން މިޖެހުނީ ދެ ނަސްލެއް ގުޅުވަން މަސައްކަތްކުރެވުނީމައެވެ. ނަމަވެސް ދޫކޮށްލާފައި ދުރަށްދިޔުމަށް އޭނަ އަދި ލޫސިއާންއަށްވެސް ކެރިދާނެހެއްޔެވެ؟ އެފަދަ ގުރުބާނީއެއް ވެއްޖެއްޔާ ކިތައް ހިތްތައް ހަލާކުވާނެހެއްޔެވެ؟ އޭނައަށް ލޯބިވާ އަނބިމީހާ ދޫކޮށްލާފައި ދުރަށް ދެވޭނީ ކޮންފަދަ ގޮތަކުން ހެއްޔެވެ؟ އެއީ އޭނަގެ ހިތުގެ މަލިކާއެވެ.

ހެނާ ގެއަށް ފޮނުވުމުން ރޮޒާލިއާ ހީވީ އެހެންކަމެއްހެންނެވެ. ހެނާއަށް މީރުހެން ހީވާ އެއްޗެހި ކައްކައިގެން އިރުއިރުކޮޅާ ގެނެސްދިނެވެ. ބަނޑުގައި ހޫނުފެން ހަން އަޅާދީ ފެންވަރުވާދޭންވެސް ރޮޒާލިއާ ހުންނަނީ އަތުކުރި އޮޅާފައެވެ. މިވީހާތަނަށް ހެނާއަށް ދެވުނު އަނިޔާތަކަށްޓަކާ އޭނަވަނީ އަމިއްލަ ނަފުސް ކުށްވެރިކޮށް އެފަދަ ކުށެއްނުކުރަން ހިތަށް ތަކުރާރުކޮށް ވިސްނާދީފައެވެ. އޭނައަށް ހެނާ ނުގެއްލުނީ ހަމަ ކިރިޔާއެވެ. ވަގުތު އޮތްވާ ދެލޯ ހުޅުވުނީތީ އޭނަ އުފާކުރިއެވެ. އަމީރާ ކޮޓެޖަށް ދިޔަގޮތަށް ލޫސިއާންއަކާއިހެދި ގުރުބާންވާތީ ރޮޒާލިއާގެ ހިތްވަނީ އަމީރާއަށް ކޮންމެވެސް ވަރަކަށް ނުބައިވެފައެވެ. އެހެންނޫނަސް ސަކީނާ ކިޔާދޭ ބިރުވެރި ވާހަކަތަކުން އެގެއާއިމެދު ހިތުގައި ވާ ވަސްވާސްތައް އިތުރުވެ އެ ޖިންނި ދުނިޔެއިން އަމީރާ ސަލާމަތްކުރަން އޭނަވަނީ މައިކަލްގެ އެހީތެރިކަމަށް އެދިފައެވެ. އަމީރާ އެހާ ބަދަލުވީ ޖިންނީންގެ ސަބަބުންނެވެ. ޖިންނީންގެ ސަބަބުން ނަބީލާފަދައިން އަމީރާވެސް ދުނިޔެއިން މޮޔަވެދާނެއެވެ.

ރޮޒާލިއާ މައިކަލްގެ ކައިރީގައި ސައިތަށްޓަކާއި ހެދިކާ ތަށި ބެހެއްޓިއެވެ. އޭރުވެސް މައިކަލްގެ އެއްއަތުގައި ހުރީ ރޯކޮށްފައިވާ ސިގިރެޓެކެވެ. ރޮޒާލިއާވެސް މިފަހަކަށްއައިސް ވަނީ ސުއްޓާ ބުއިމުގެ އާދަ ހިފާފައެވެ. އެކަން ދަސްވީ ސަކީނާއާއިއެކު އެގެއަށްގޮސް ގުޑުގުޑާ ބުއިމުގެ ތެރޭގައެވެ. ދޭތެރެއަކުން އެގެއަށްގޮސް ސަކީނާއާއިއެކު ގުޑުގުޑާ ބޮއި އަނގަ ތަޅާލުމަށްވުރެ ރޮޒާލިއާ ކުރާހިތްވާ އެހެންކަމެއްނެތެވެ. އެއީ މިފަހަކަށްއައިސް ކަށީގައި ހިފާލި ނުބައި އާދައެކެވެ.

"މައިކަލް. ކޮޓެޖް އެއްކޮށް ސާފުކޮށްލަން ޖެހޭނީ. އެގެއިން ހުރިހާ ރޫހާނީ ބާރުތައް ފައްސާލާފައި ގެ މިނިވަންވީމަ އަމީރާއަށް އެގެ ލިބިދާނެ. ސަކީނާ އިއްޔެ ބުނި އެއްޗަކުންވެސް ދައްތަ ހަމަ އަނބުރައިނުގަތީ ހަމަ ކިރިޔާ. އެގެއަށް ތިރިކުރާ އަލިގުޅަތައް ކުރިއަށްވުރެ ގިނަވެއްޖެޔޯ. އިސްމާއީލްބެޔަށްވެސް ފެނުނީޔޯ އެދިމާލުން އަންހެންކުއްޖަކު. އިސްތަށިގަނޑު ދިގުކޮށްލާފައި ދެލޯ ދިއްލާފައި ހުންނަ މީހަކުވެސް ހުންނަނީޔޯ. ސުބުހާނަﷲ. އަމީރާ އެ ލޫސިއާންއަކާއި ކައިވެނިކުރުމުގެ ހުއްދަ ދެވުނީ މޮޔަކަމުން. އެކުއްޖާ ދުނިޔެއިން މޮޔަވާނެ......" ރޮޒާލިއާ ކަޅު ސަޔެއް ހަދައިގެން ތިރި ގޮނޑިއެއްގައި އިށީދެލައިފިއެވެ. އޭރު އާޒް ގަސްތަކުގެ ތެރޭގައި ކުޅެން ހުރިތަން ފެނުނެވެ. މައިކަލްއަށް އާޒްއާއިއެކު އުޅުނު އަންހެންކުއްޖާވެސް ފެނުނެވެ. އެލްސާއާއި އާޒް ގެ އެކުވެރިކަން ބަދަހިވާގޮތުން އެދޭތެރޭގައި އަދި ލޯބި ނުއުފެދޭނެ ހެއްޔެވެ؟ މައިކަލް އިރުގަނޑެއްވާންދެން ބޭރަށް ބަލަހައްޓައިގެން އިނެވެ.

"ދައްތަ ހާސްނުވޭ. އެގެއިން އެކަންޏެއްނޫން. މުޅި މިރަށުންވެސް އެ އެއްޗެހި ފައްސާލާނަން...." މައިކަލް ބޮޑާރާގަކަށް ބުނެލައިފިއެވެ. މައިކަލްގެ އެހުންނަ ބޮޑާ މިޒާޖު ރޮޒާލިއާއަށް ކަމުދެއެވެ. އޭނަދެކޭގޮތުން ހަގީގީ ފިރިހެނުންނަކީ އެއީއެވެ. ބާރު ލިބިފައި ހުންނަން ޖެހޭނެއެވެ.

މޭގަނޑު އަނގަޔަށް އައިހާ ބިރުވެރި ހުވަފެނަކުން ހޭލެވުނުއިރު މަޑު ގޮދަޑީގެ ބަދަލުގައި އޭނައަށް އޮވެވުނީ ދޮންވެލީގެ ތަންމައްޗެއްގައެވެ. ރާޅުޖަހާ ހިސާބުގައި އޮތްއިރު އޭނަގެ ދަތްދޮޅިއަށް ދާންދެން ރޫރޫއަޅައެވެ. ހިތްވެސް ދެތިން ގުނަ އަވަހެވެ. ދެލޯ ބޮޑުކޮށް ހުޅުވާލާފައި އަތުގައިވާ ފޯނަށް ބަލައިލުމުން ހިތަށް ފިނި ފެން އެއްޗެއް އޮއްސައިލިހެން ހީވިއެވެ. މެންދަމުން އަލިވެ ދޭއްޖެހީ ކިރިޔާއެވެ. ވަށައިގެން ފެތުރިފައިވާ އަނދިރިކަމުގެ ތެރެއިން އިވެނީ އެކަނި ރާޅުތައް ބީއްސާލާއަޑެވެ. ހާސްކަމާއިއެކު ތެދުވާން އުޅެނިކޮށް ކުއްލިއަކަށް ފެނުނީ ލޫސިއާންއެވެ. އަނދިރީގެ ތެރެއިން ހިނގަމުން އައީ ބިންމަތީގައި ފައިނުޖައްސާ ދުރުދުރުގައި ފިޔަވަޅު އަޅަމުންނެވެ. އޭނަ ގެ އިސްތަށިގަނޑު ވަޔާއިއެކު ވިހުރެމުންދާއިރު ދެލޯ ފެންނަނީ ދެހުޅުކޮޅުގޮތުގައެވެ. ލައިގެން ހުރި ތުނި ގަމީހުގެ ގޮށްތައް ނައްޓާލާފައި ހުރުމުން ކަސްރަތީ ހަށިގަނޑު ހާމަޔަށް ހުއްޓެވެ. ލޫސިއާން ގާތްވެލާފައި ދޮންވެލިގަނޑުމައްޗަށް ތިރިވެލަމުން ދެލޯ ހަނިކޮށްލައިފިއެވެ.

"ލެން...." އަމީރާ ތެދުވާން އުޅުމުން ދެފައި ހަރަކާތެއްނުކުރިއެވެ.

"ލޫސިއާން. އަހަރެން ބިރުގަންނަވަންތަ ތިއުޅެނީ؟ " އަމީރާ ހިތްއަވަސްވެފައި އަދި މާ ބާރަކަށް ގޮވާލިއެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ އޭނައަށް މިރޭވެސް ނިދީގައި ހިނގާފައި މިހިސާބަށް އާދެވުނީހެއްޔެވެ؟ ފެނުނީ އެހާ ބިރުވެރި ހުވަފެނެކެވެ. އަދިވެސް މިހުވަފެނުން ހޭނުލެވެނީހެއްޔެވެ؟ ނޫނީ ލޫސިއާން ބުނާފަދައިން ހެލުސިނޭޝަންއެއް ބާވައެވެ. ޔަގީންވާކަމަކީ އޭނަގެ ކުރިމަތީގައި މިހާރު މިހިރީ އޭނަދެކެ ލޯބިވާ ލޫސިއާން ނޫންކަމެވެ. ލޫސިއާންގެ ދެލޮލުން ބީރައްޓެހިކަމާއިއެކު ފެނުނީ ނޭގޭފަދަ ޝުއޫރެކެވެ. އެއްވެސް ހަމްދަރުދީއެއްނެތް ބެލުމެކެވެ. މިނިކާވަގެއް ޝިކާރައަކަށްބަލާނީވެސް އެފަދަ ގޮތަކަށެވެ. ލޫސިއާން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކައިރިއަށް އަޅަމުން އައެވެ.

ކޮމެންޓް 0