ޒޯހަން ހެނާ ބިންމަތީގައި ބަހައްޓާފައި ދަތިތައް ނައްޓަދޭން އުޅުނެވެ. އޭރުވެސް ހިފަހައްޓައިގެން ހުރި ތަނުގައި އޮތް އެއްޗެއްގެ ފުރާނަ ދާހާ ބާރަށް މުށް ބާރުކޮށްލައިގެން ހުރެ ހެނާ ކުޑަކުއްޖެއްހެން ރޮނީއެވެ. ޒޯހަން އޯގާތެރިކަމާއިއެކު ޝޯލް ނައްޓާލުމަށްފަހު ހެނާގެ އަތްވެސް ވަކިކޮށްލިއެވެ. ހެނާ އެހާ ބިރުން އުޅުނީ ކޯންޗެއް ދެކެތޯ ބަލަންވެގެން އޭނަ ހެނާ ހިފަހައްޓައިގެން ހުރި ދިމާލުން ނިއުޅުވާލިއެވެ.
"ހެނާއަށް ނޭގުނަސް އިސްތަށިގަނޑުން ވޫލްކޮޅު ކައްސާލައިގެން ވެއްޓި ކޮނޑުމަތީގައި ޖެހުނީ ދޯ......" ޒޯހަން ވޫލްކޮޅާއިއެކު ޝޯލް ދިއްކޮށްލުމުން ލަދުން ހަލާކުވޭވޭހުރެ އޭގައި ހިފުމަށްފަހު ހެނާ އަނެއްފަރާތަށް އެނބުރުނެވެ. އެއްވެސް އެއްޗެކޭ ނުބުނެ ހިނގައިގަތްއިރު އެމޫނު ފެނުނު މީހަކަށް އޭނަ ރަކިވެ އަނގަ ހަދާލައިގެން ހުރިގޮތް ފެންނާނެއެވެ. މައިކަލް ބޯ ހޫރައިލިއެވެ. ޒޯހަން ހަގީގަތުގައި އެއީ ހެނާގެ ފިރިމީހާއެވެ. ގާނޫނީ އަދި ދީނީގޮތުން ބެލިޔަސް ހެނާގެ މައްޗަށް ހައްގު އޮތީވެސް ޒޯހަންއަށެވެ. އެކަމަކު އެކަމާއި އޭނައަށް އުދަގޫވާވަރާއިއެކު އެހެން ކަހަލަ އިހުސާސްތަކެއް ސިކުނޑިއަށް އެބަކުރުވައެވެ. ޒޯހަންއާއި ދޭތެރޭގައި ފުރަތަމަ ފަހަރަށް ހަސަދައިގެ ނަޒަރަކުން ދެކެވެންފެށިއެވެ. އޭނަ އެހާ ކައިރީގައި ހުއްޓާ އަދި ހެނާއަށް ހިފަން އެނގުނީވެސް ޒޯހަންގެ ގައިގައެވެ.
މައިކަލް ކުރީ ދުވަހު ފަންޑިތަ ހަދަން އުޅެފާވެސް ނިޔަތް ބަދަލުވީ ނުބައިކޮށް ޖެހިދާނެތީއެވެ. ޒޯހަންއަށް އަދި ހެނާއަށްވެސް އޭގެ ސަބަބުން ގެއްލުމެއްވާން ނޭދޭތީއެވެ. އަމިއްލަ މޮޅުކަމާއިމެދު ގެރެންޓީ އޮތަސް ގޯހެއް ހެދިދާނެއެވެ. އެއްވެސްކަމަކަށް ސަތޭކަ ޕަސެންޓެއް ނުދެވޭނެއެވެ. އޭނަ ބޭނުމީ ޒޯހަން އަމިއްލައަށް ވިސްނިގެން ދުރަށް ދާށެވެ.
މައިކަލް ފެންވަރަން ދިޔުމުގެ ކުރިން މަންމަގެ ކޮޓަރިއަށްގޮސް ހާލު ބަލައިލިއެވެ. ކުޑަކޮށް ބޮލުގައި ރިއްސާ ވާހަކަ ބުނުމުން މައިކަލް ކަންތައް ބޮޑުވިއެވެ. މަންމަ ޑޮކްޓަރަށް ދައްކަން ނިންމާފައި ފެންވަރާ ހަދާލައިގެން އައިއިރު ހެނާ މަންމައަށް ހެދުނުގެ ނާސްތާ ދީފިއެވެ. މަންމަ އިންނަނީ އެހާ ރަގަޅު ޅީ ދަރިއެއް ލިބުނީތީ ނިކަން އުފަލުންނެވެ. ކާކޮޓަރިއަށް ދިޔައިރު ހެނާ ހުރީ ކޮފީ ހަދާށެވެ.
"މޯނިން ހެނާ...." މައިކަލް ހެނާއަށް ވިސްނުންތެރި ނަޒަރަކުން ބަލައިލިއެވެ. ހެނާގެ އިސްކޮޅެއްލާފައި ހުއްޓަސް އަދިވެސް މާ ހިކީއެވެ. އެކަމަކު އެއީ މައްސަލައެއް ނޫނެވެ. އެ މަޑުމައިތިރިކަމާއި ލަދުރަކިކަން އޭނަގެ ހިތަށް އުދަގޫ އެބަކުރުވައެވެ. ޒޯހަން މި ތަސްވީރުން ދުރަށް ފޮނުވައިލަން އެހާ ބޭނުންވާ ސަބަބަކީ އެއީއެވެ.
"މޯނިން..." ހެނާ ކޮފީތަށި ގެނެސް މައިކަލް ކައިރީގައި ބެހެއްޓިއެވެ. އޭނަވެސް ސައިތަށްޓެއް ހަދާލައިގެން ގޮސް އިށީނެވެ. ދެމީހުން އެކީގައި ސައި ބުޔަސް ދޭތެރޭގައި މާ ގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ގިނައިން ވާހަކަދައްކާނީވެސް މައިކަލްއެވެ.
"މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކާލަން ދާން އެބަޖެހޭ. ހެނާ ދިޔައިމަ މަންމަ ހިތްހަމަޖެހޭނެ. ސައި ބޮއިގެން ތައްޔާރުވައްޗޭ......." މައިކަލް އެހެން ބުނެލާފައި ކުއްލިއަކަށް ކަމެއް ހަދާންވެގެން ކަހަލަ ގޮތަކަށް ސުވާލެއް ކުރުމުން ހެނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ކުޑަކޮށް ރަކިވިއެވެ.
"މި މަންތް ޑިލޭވެއްޖެ......" ހެނާ އިސްޖަހާލައިގެން އިނީ ލަދުވެތިކޮށެވެ.
"ރިއަލީ؟ ވާއު، ޓެސްޓްކުރިންތަ؟ " މައިކަލް ސުވާލުކުރިއެވެ.
"ނޫން....." ހެނާ ބުނެލިއެވެ.
"ވީއިރު މިއަދު ދެން ހެނާ އަރާމުކޮށްލާ. އަހަރެން މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދާނީ. އަންނަމުން ކިޓެއް ގެނެސްދޭނަން. ޓެސްޓް ހަދާލާ. އޭރުން ޔަގީންވާނެއްނު ދޯ....." މައިކަލް ހިނިތުންވެލިއެވެ. މައިކަލްގެ މޫނުމަތިން ފެނުނީ އެހެން ދުވަހާއި ބަލާއިރު ތަފާތު ކުލަވަރެކެވެ. އެކަމަކު ހެނާ އިނީ ބިރުގެންފައެވެ. އެރޭގެ ހާދިސާ މައިކަލްއަށް ކިޔާދޭންވީ ބާވައެވެ. މައިކަލް އޭރުން ޒޯހަން ދެކެ ރުޅިއައިސްގެން ޖަހާވެސްފާނެއެވެ. އެކަމަކު ފިރިމީހާއަށް އޮޅުވާލުމަކީވެސް ބޮޑު ފާފައެކެވެ. ހަދާންވީ ކިހިނެއްހެއްޔެވެ؟ އޭނަ އެއްގޮތަކަށްވެސް ޓެސްޓް ޕޮޒިޓިވްވާކަށް ނޭދެއެވެ. ފިކުރާއި ޚިޔާލުތަކުގެ ކަނޑަކަށް ގެނބިފައި ހުއްޓާ މައިކަލް ގެއަށް އައީ ޕްރެގްނެންސީ ކިޓެއް ހިފައިގެންނެވެ. ޓެސްޓްކޮށްފައި ސްޓްރިޕް ކޮޅަށް ބަލލީ ތެޅި ތެޅި ވާ ހިތަކާއިއެކުގައެވެ. ކުލަ ގަދަކޮށް ދެރޮގު އިންތަން ފެނިފާ ހެނާގެ ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ.
"ނޫން ނޫން ނޫން. މިހެން ވެގެން ނުވާނެ....." ހެނާ އިރުކޮޅެއްވާންދެން ގާވެފައި ހުއްޓެވެ. ވިސްނެން ފެށުމުން ދެލޮލުން ކަރުނަ ފައިބަންފެށި ގޮތަށް ހަމަ ރޮވުނީއެވެ. މިހާ ޅައުމުރުގައި ދަރިއަކު ލިބުމަކީ އުއްމީދު ކުރިކަމެއް ނޫނެވެ. އޭނައަށް ދުވަހަކު އުފަލެއް ލިބުމެއްނުވަނީއެވެ. އެއްވެސް ކޮޅަކުން އަލިކަމެއް ނުފެނެއެވެ. އެކަމަކު ކޮންމެ ކަމަކަށްވެސް ސަބަބެއްވާނެއެވެ. ދަރިންނަކީވެސް މާތް ﷲ ދެއްވާ ނިއުމަތެކެވެ. އަމިއްލަ ދަރިފުޅުދެކެ މިހާރުއްސުރެ ލޯބިވެވިއްޖެއެވެ. ކުއްޖާގެ ބައްޕައަކީ ކޮންމެ މީހަކަށްވިޔަސް މަންމަވާނީ އޭނައަށެވެ. ނަމަވެސް ދެރަވަނީ އެހާ މާތް ގުޅުމެއް ކިލަބުވީތީއެވެ. ކައިވެންޏެއްކޮށްގެން ހުރެ އެހެން މީހެއްގެ ދަރިއަކު ވިހެއުމަކީ ކޮންފަދަ ފާފަވެރި އަމަލެއްހެއްޔެވެ؟ އޭނަގެ ގަމާރުކަންވެސް ބޮޑީއެވެ. އެރޭ ނިދާކަމަށް ހެދިގެން އޮތުމުން ނަސްލު އޮޅުވައިލަން މަގު ފަހިކުރެވުނީއެވެ. ދެންވާނީ ކިހިނެއްހެއްޔެވެ؟ ޒޯހަންގެ ދަރިއަކަށް ވެއްޖެއްޔާ ކިހާ ބޮޑު މައްސަލައަކަށްވާނެ ހެއްޔެވެ؟ ކިރިޔާ ޝައްކެއް ވިޔަސް ޑީއެންއޭ ޓެސްޓްވެސް ހަދައިގެން ކާކުގެ ދަރިއެއްކަން ބަލައިލެވޭ ޒަމާނެކެވެ.
"ސުބުހާނަﷲ. ދެން ހަދާނީ ކިހިނެއްތަ؟ އައި ޝުޑް ޓެލް މައިކަލް. ޒޯހަންއަށްވެސް އެނގެން ޖެހޭނެ. ނޫނީ ޒޯހަން ޖެހޭނީ މައިކަލް ކައިރިން މާފަށް އެދެން، އޭރުންވެސް މައިކަލް ހީކުރާނީ ކީކޭ؟ ބިރުންގޮސް ހިފައިގަނެވުނީވެސް ޒޯހަންގެ ގައިގާ. ފިރިޔަކު ހުއްޓާ އެހެން މީހެއްދެކެ ސިއްރުން ލޯބިވުމަކީ ކުށެއް. މިކަން ޖެހޭނީ ހުއްޓާލަން......" ހެނާ މޫނު ދޮވެލުމަށްފަހު ކޮޓަރިއަށް ނުކުތްތަނާ މައިކަލް ސުވާލުކުރިއެވެ. ލިބުނު ޖަވާބަކުން ލިބުނު އުފަލެއްގެ ބޮޑުކަމުން އައިގޮތަށް ހެނާ އުރާލާފައި ވަށައިގެން އެނބުރިލިގޮތުން އޭނަގެ އުފާވެރިކަން ހެނާއަށް އަންދާޒާކުރެވުނެވެ. މައިކަލް ހަގީގަތުގައި އުފާކުރީ އޭނަގެ އަމިއްލަ ނަފުސަށްޓަކައެއް ނޫނެވެ. ބަލި މަންމައަށްޓަކައެވެ. އިރުކޮޅެއްފަހުން ހެނާ ބިންމަތީގައި ބަހައްޓާފައި ކޯތާފަތުގައި ބޮސްދިނެވެ.
މޫމިނާއަށް އެޚަބަރު ލިބުމުން އެދެލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ. ވަގުތުން ބޮނޑިބަތުން ސަދަގާތްކުރަން މޫމިނާ ނިންމިއެވެ.
މައިކަލް ކޮޓަރިއަށް ވަދެ ތަޅުދަނޑި ފަތި ނަގާފައި ހައިރާންކަމާއިއެކު ދެތިން ފަހަރު ބަލައިލިއެވެ. އެންމެ މުހިއްމު ތަޅުދަނޑި މަދެވެ. ކޮޓަރީގެ ޑަބަލް ތަޅުދަނޑި ނެގީ ކާކުހެއްޔެވެ؟ ޒޯހަން ނޫން މީހަކު މިތަނަށް ވަންނަނީއެއް ނޫނެވެ. ވިސްނަ ވިސްނާވެސް އެ ތަޅުދަނޑި ފަތިން ތަޅުދަނޑި ވަކިކުރިމީހެއް އަދި ސަބަބެއް ނުވިސްނުނެވެ.
އަމީރާ މެލޭޝިއާއިން އައިގޮތަށް ދަތުރު ވަރުބަލިވެފައި ހުރުމުން ނިދާލަން ޖައްސައިލިއެވެ. ވަރަށް ގިނައިރުވާންދެން އަރާމުގައި ނިދާލަން އޮވެވުނެވެ. ހޭލެވުނީ އިރުއޮއްސުނުފަހުންނެވެ. ވަގުތު ފާއިތު ނުވަނީސް އޭނަ މަޣުރިބު ނަމާދުކޮށްލައިގެން ސިޓިން ރޫމަށް ނުކުތްތަނާހެން ލޫސިއާން މެސެޖެއްކުރިއެވެ.
"ބޭބީ މީޓްކޮށްލަން ނުކުމެބަލަ...." ލޫސިއާން އެދުނެވެ.
"ލެން. އައިމް ސޮރީ. މެރީކޮށްގެން ދެން ބައްދަލުކުރަން ބޭނުމީ، ނޫނީ އެރޭގޮތަށް މަގު އޮޅިދާނެ............" އަމީރާ މެސެޖްކޮށްލިއެވެ.
"އަހަރެން އެބަޖެހޭ މުހިއްމު ވާހަކައެއް ދައްކާލަން. ދޮރާށި ކައިރިއަށް އާދެބަލަ ފޮނި ކުއްޖާގަނޑާ..............." ލޫސިއާން އަނެއްކާ މެސެޖްކުރިއެވެ. ދޮރާށިކައިރިއަށް ގޮސްގެން ގެއްލުމެއް ނުވާނެއެވެ. އެއަށްވުރެ ދުރަށް ނުދާން އަޒުމް ކަނޑައަޅާފައި އަމީރާ ނުކުމެލީ މަންމަ ނަމާދަށް ހުރިކަން ޔަގީން ވުމުންނެވެ. މިރޭ ލޫސިއާން ހުރީ އޭނަގެ އަސްލު ސިފައިގައެވެ. އެދިގު އިސްކޮޅާއި ބިޔަކަމާއި ވިދާ ދެލޮލުގެ ސަބަބުން އޭނަ ފެންނަ ކޮންމެ މީހަކު ސިހޭނެއެވެ. އެކަމަކު މިރޭ އޭނަގެ މޫނުގައި ހުރީ ރަތުގެ ބަދަލުގައި ޓޭންކުލައެވެ. އެތައް ގުނަ ރީތިވެސް ވެއްޖެއެވެ. އަމީރާއަށް ވިސްނުނީ އެމޫނަށް އެރަތްކުލަ އަރަނީ އެގޭގައި ހުންނަ ތަފާތު އަލީގެ ސަބަބުންކަމެވެ. އެހެން ލާފައި ދާ އެއްވެސް މީހަކަށް ލޫސިއާން ފެނުނު ކަމަކަށްނުވެއެވެ. ދެމީހުން ވާހަކަދައްކަން އިރުކޮޅަކު ތިބެލާފައި އަމީރާ ދާންވެގެން އުޅުނެވެ. ކުރީ ދުވަހުވެސް މަންމަ ވަރަށް މައްސަލަޖެއްސިކަމަށް ބުނެ އަމީރާ ބަހަނާ ދެއްކިއެވެ.
"އެމީ. ތިހެން ފެނިލާފައި އަހަރެން ދިޔަދޭނެކަމަށް ހީކުރަންޏާ އެއީ ކުށްހީއެއް. ތެދަށް ބުނަންޏާ މި ހިތުގެ ދީވާނާކަން ހައްތަހާ ބޮޑުވަނީ. އަހަންނަށް އެމީ ތިކުރާވަރު ބަލާލަބަލަ. އަމިއްލަ ނަފުސް ކޮންޓްރޯލް ނުކުރެވޭ. އެމީ. އައި ނީޑް ޔޫ. ހިގާ އަހަރެންގެ ރޫމަށް، ވަރަށް ދުވަސްވެއްޖެ އަހަންނާއި ވަކިވެގެން އެމީ އުޅެތާ......." ލޫސިއާން އަމީރާގެ އަތުގައި ހިފާގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ.
"ލެން. ބުނީމެއްނު މެރީކޮށްގެންނޭ..ލިސެން ޓު މީ......" އަމީރާ އާދޭހުގެ ރާގެއްގައި ބުންޏެވެ.
"އަހަންނަށް މިތާގައި ހުރެގެން ވާހަކަ ދެއްކޭކަށް ނެތް. އެހާ ބޮޑު ސިއްރެއް ބުނާނީވެސް އެކަނިވެރި ތަނެއްގައި. އަހަރެންގެ ރޫމްގައި........." ލޫސިއާން އަމީރާގެނެސް މޭގައި ޖައްސާލާ ބާރުކޮށްގެން ހުރެފާ ދޫކޮށްލިއިރު ވަށައިގެން ފެނުނީ ރަތް އަލިކަމެވެ. އޭނައަށް ހުރެވުނީ ލޫސިއާންގެ ކޮޓަރީގައެވެ. އެތަނަށް އާދެވުނުގޮތެއްވެސް ނޭގުނެވެ. އަމީރާ ރުޅިމޫނު ހަދައިލިއެވެ. ލޫސިއާން ބާރުގެ ބޭނުންކޮށްގެން އޭނައަށް ހިތުހުރި ގޮތެއް އެބަހަދައެވެ. އޭނައަކީ ކުޅޭ ކުޅޭ އެއްޗެއްފަދައެވެ. އަމީރާ ބާރު ބާރަށްގޮސް ކޮޓަރީގެ ދޮރުގައި ތަޅަންފެށިއެވެ.
"ކުށެއްނެތް ތަންތަނަށް ހުރިހާ ރޯޅިއެއް. އަހަރެންގެ ގައިގާ ޖަހާ ބަލަ..." ފަހަތުންގޮސް އަމީރާގެ މެދު ހަށީގައި ހިފާ ގާތަށް ދަމާލަމުން ލޫސިއާން ހީލިއެވެ.
"ލެން. ހެޔޮނުވާނެ. މިގޮތަށް މަޖުބޫރުނުކުރޭ....." އަމީރާ އާދޭސްކުރިއެވެ.
"އެމީ ބިރުން ތިއުޅެނީ ފާފައެއްކުރެވިދާނެތީތަ؟ ނޫން އެހެން ހީނުކުރޭ، މިރޭ ހުރިހާ ކަމެއްކުރާނީ ދެމަފިރިންގެ ގޮތުގައި ތިބެ. މެރިޖް ސެޓްފިކެޓްވެސް ދައްކާނަން..." ލޫސިއާން ބާރަކަށް ބައްދާލަމުން ކަދުރާގައި ބޮސްދޭންފެށިއެވެ. ގޭތެރޭގެ ކޮންމެވެސް ދިމާލަކުން އަންނަ އިޝްގީ ލަވަ ހީވަނީ އެދެމީހުންނަށް ޚާއްސަކޮށްގެން ކިޔާހެންނެވެ.
"ދިސް އިޒް ނޮޓް ލަވް. މިއަށް ކިޔަނީ ލަސްޓް. ދީވާނާވުން. މޮޔަވުން. ލޯބިވާނަމަ އެންމެ ކަމެއް ނޫން ބޭނުންވާނީ. ތިއުޅޭ ވައްތަރުން ހީވަނީ ލޫސިއާން އެންމެ ކަމަކަށްޓަކާ މޮޔަވެގެން އުޅޭހެން....ލެޓް މީ ގޯ..." އަމީރާ ހަޅޭއްލަވައިގަތެވެ. ލޫސިއާންއަށް އެކަން ވީ މަޖަލަކަށެވެ. ލޫސިއާން އަމީރާ އުފުލާލާފައި އެނދުގައި ބޭއްވުމުން މޫނުގައި ބާލީސް އަޅައިގެން ރޯންފެށިއެވެ. ލޫސިއާން ދެކެ ލޯބިވިޔަސް ލޫސިއާންއަކީ އިންސާނެއް ނޫންކަމާއި ޖިންނީންގެ ހުންނަ މިޒާޖާއި ރުޅިގަދަކަން ހުންނާނެކަމަށް ގަބޫލުކުރަންވެސް ޖެހެއެވެ. ލޫސިއާން ކައިރީގައި އިށީދެ އަމީރާގެ މޫނުގައިވާ ބާލީސް ދަމައިގަތެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް ގެނެސް އޭނަގެ އުނގުގައި ބޯ އަޅުވައިލިއެވެ. އަމީރާ ދެންވެސް މޫނު ފޮރުވަންވެގެން އެނބުރުނުގޮތަށް ލޫސިއާންގެ ބަނޑުގައި މޫނު ޖެހުނެވެ. ޓީޝާޓު ތެމެމުން ދިޔައީ އަމީރާގެ ކަރުނައިންނެވެ.
"ބޭބީއެހާ ރީތިކޮށް ބުނެދޭން އުޅުނީމަވެސް ކަމަކާއި ނުލައި ދެން ރޮނީޔޯ؟ އަހަރެން އެއްވެސް ކަމެއް ނުވެސް ކުރަމެއްނު. ތިހާވަރުން ކިހިނެއް އެވަރުގެ ޚަބަރެއްދެވޭނީ، އެކަމަކުވެސް ދެން އެމީއަށްވެސް ހަމަ މުހިއްމުވާނެ އެކަންތައް އެނގުން. އެނގޭތަ؟ އަހަންނާއި އެމީ ކުޑައިރުވަނީ ކައިވެނި ކުރުވާފައި. އޭރު މަންމައާއި ރޮޒާލިއާވެސް ވަރަށް އެކުވެރިވާނެ. ދެމީހުން ބޮޑުވީމަ އަލުން ކައިވެނި ކުރުވިޔަސް މަންމަމެން ވަނީ ފާޑަކަށް އެކަން ކުރުވާފައި. ރޮޒާލިއާ ދުވަހަކު އެވާހަކަ ނުބުނޭތަ؟ އެހާވަރުން ކުރި ވައުދެއް ވިއްޔާ ފުރިހަމަވެސް ކުރަންޖެހޭނެ ދޯ....." ލޫސިއާން އަމީރާގެ އިސްތަށިގަނޑާއި ކުޅެމުން ދިޔައެވެ. ބޮލާއި ކުޅެންފެށުމުން އަރާމުވެސްވިއެވެ.
އެކަމަކު ލޫސިއާން އެދެއްކި ވާހަކައަކުން ރުއިން ހުއްޓާލާފައި ރަގަޅަށް ސަމާލުވެލިއެވެ.
އެޖުމްލަތައް އޭނަ އެހެން ތާކުންވެސް އަޑުއެހިއެވެ.
އޭމޮން...އޭމޮންގެ މަތިން ހަނދާންވެފައި ހިތުގައި ފިނި ރާޅެއް ދުވެލިއެވެ. ނަމަވެސް އޭނަ ލޫސިއާންގެ މޫނަށް ބަލައިލަމުން ތެދުވާން އުޅުމުން ލޫސިއާންވެސް އެކަމަށް އެހީތެރިވެދިނެވެ. ޓިޝޫއިން ރީތިކޮށް މޫނު ފޮހެލަދީފައި ދެން ނުރޯން އެދުނެވެ.
"އެމީ ބުނެބަލަ. މިސާލަކަށް އަހަރެންގެ މާޒީގައި ކުށެއްކޮށްފައިވާނަމަ މާފުކޮށްދޭނަންތަ؟ "ލޫސިއާން އަހައިލިއެވެ.
"ބުނީމައެއްނު އެނގޭނީ. ލެން މިހާރުވެސް ތިއުޅެނީ ފާފަކުރަން. އަންހެންކުއްޖަކާއި ފިރިހެނަކު އެކަނި ބަންދުވެގެން ތިބުމަކީވެސް ފާފައެއް. ވަސްވާސްދޭނެ ފުރުސަތަކަށް އަބަދު ބަލަބަލާ ހުންނަ އެއްޗެއް ވޭ. ފާފަ ކުރަން ތިބެ މަރުވެދާނެތީ އަހަރެން ބިރުގަނޭ..........." އަމީރާ ފުންނޭވައެއް ދޫކޮށްލިއެވެ.
"އެމީއަށް އެނގޭތަ؟ އަހަރެން އިންސާނެއްގެ ސިފަ ޖެހިގެން ކުރިން ހުރީ. އެއީ އެމީއަށް ލޯބިވެވުނު ލޫސިއާން ހުރިގޮތަކީ. މިހާރު އެމީއަށް ތިފެންނަނީ އަސްލު މަގޭ ސިފަ. އެކަމަކު އަހަރެން އެހެން ސިފައެއްގައި ހުރިއްޔާވެސް އެމީ އަށް ލޯބިވެވޭނެއްނު............" ލޫސިއާން ހީލިއެވެ.
"ލެން. އަހަންނަކަށް ހިޔެއްނުވޭ ދެމީހުންގެ ކައިވެނި ސައްހަވާނެހެނެއް. ދީނީ އިލްމުވެރިޔެއްގެ ކައިރިން އަހާފައި ލެންއާއި މެރީކުރިޔަސް ކުރާނީ. އިފް ޔޫ ލަވް މީ އަހަންނަށް އެއްބާރުލުން ދީ ޕްލީޒް.........." އަމީރާގެ ހިތަށްވެސް އަސަރުކުރިއެވެ. ލޯބިވެވުމަށްފަހު ކޮންމެ ސިފައެއްގައިވިޔަސް އެހެން ފަރާތަކަށް ހިތް ލެނބުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. އެހެން މީހަކާއި އިންނާކަށް އޭނަގެ ހިތަކު ނެތެވެ. ލޫސިއާން ނުލިބިއްޖެއްޔާ އުމުރު ހުސްވާންދެންވެސް ހުސްހަށިބަޔަށް އޭނަ ހުރެދާނެއެވެ. ނަމަވެސް ފާފައެއް ކުރާކަށް އޭނަ ބޭނުމެއްނޫނެވެ. އިންސާނަކާއި ޖިންނިއެއްގެ ނަސްލުން އުފެދޭ ޒުވާނަކާއިއެކު ދިރިއުޅުމެއް ފެށުމުން ނަސްލު އޮޅުވައިލެވެނީކަމުގައި އޭނަގެ ހިތް ބުނަނީއެވެ. އޭނައަކީ ވިސްނޭ ކުއްޖަކަށްވާ ހިދު އެހާ ފަސޭހައިން ކައިވެނިކުރާކަށް ނުކެރޭނެއެވެ. އޭނަގެ މައިންބަފައިންނަށްވެސް އެނގެންޖެހޭނެއެވެ.
ލޫސިއާންގެ އާއިލާއަކީ ދީނީކަންތައްތަކަށް ދުވަހަކުވެސް އެހާ ފަރުވާ ބެހެއްޓި ބަޔެއްނޫނެވެ. މަންމަ ނަބީލާއާއި ބައްޕަގެ ފަރާތުން ދީނީ އެއްވެސް ކަމެއް ދަސްވެފައެއްނެތެވެ. އެކަހަލަ ކަންތައްތަކަށް އޭނަގެ އެއްވެސް ސަމާލުކަމެއްނުހުރެއެވެ. ވީއިރު ލޯބީގެ ހުރަހަކަށް ދީން ވެއްދުމުން ހިތްހަމައެއް ނުޖެހުނެވެ. އަމީރާދެކެ ކިތަންމެ ލޯބިވިޔަސް އޭނަ ބުނާގޮތަށް ހެދެންވެސް ވާނެއެވެ. ލޯތްބަކީ އެކަކު އަނެކަކަށް ދޫދިނުމެވެ. އޭނަ އެހާ ބޭނުންވާއިރު އަމީރާ ދުރަށްދާން އުޅޭކަމުގައިވާނަމަ އޭނަގެ ކެތްތެރިކަން ކޮޅުންލައިގެން ހިގައިދާނެއެވެ. އޭނަ ބުނީ މިހާރު ދަރިއެއްވެސް ހޯދަން ބޭނުންކަމުގައެވެ.
"ލެން މޮޔަނުވޭ. އަހަރެމެންނަކީ މުސްލިމުން. ތިގޮތަކަށް މީހުންނާއި ނީދެ ނަހަލާލަށް ދަރިން ނުހޯދޭނެ...." އަމީރާ އުޅުނީ އެތަނުން ދާށެވެ. ލޫސިއާން އަމީރާ ދޮރުގައި ހިފާ ތަޅުހުޅުވަން އުޅުނުއިރުވެސް އަޅައެއްނުލާ ހިމޭނުން އިނެވެ. އަމީރާ އުޅެއުޅެ ދޮރު ނުހުޅުވުމުން ދެރަވެފައި ހުރެ ލޫސިއާންއަށް ބަލައިލިއެވެ.
"ޑޯންޓް ޑޫ ދިސް ޓު މީ......" އަމީރާ ވާހަކަދެއްކީ ރީތިކޮށެވެ.
"އަހަރެން އިންސާނަކަށް ނުވުމަކީ އަހަރެންގެ ކުށްތަ؟ ތިބުނާ ދީނީ އިލްމުވެރިން ނީދެވޭނެޔޭ ބުނިއްޔާ އެމީ އަހަންނާއި ވަކިވާނީތަ؟ " ލޫސިއާން އިންތަނުން ތެދުވާންވެސް ބޭނުންނުވިއެވެ. އޭނަގެ މޫޑުވަނީ މުޅިން އޮފްވެފައެވެ.
"އެހެނެކޭ ނުބުނަމެއްނު. އެކަމަކު ލެންގެ މަންމަ އެކުރީ ކުށެއް. އެކުރި ކުށުގެ ސަޒާ އެހެންމީހުންނަށް މިއަދު މިލިބެނީ........." އަމީރާ ވިސްނައިދޭ ރާގަކަށް ބުނެލިއެވެ. ލޯބިވިޔަސް ޖިންނިންނާއިއެކު އުޅެވިދާނެކަމަކަށް އޭނަގެ ހިތް ނުބުނަނީއެވެ.
"އެމީ. ޔޫ އާ ސޯ ރޯންގް. ބައްޕަވެސް މަންމަ މޮޔަކޮށްލީ. އެވެސް ލޯބިވެވުނީމަ އެހެން ފަރާތަކަށް މަންމަ ލިބެން ނޭދޭތީ. އަހަންނަށްވެސް އަހަރެންގެ ބާރުގެ ބޭނުންކުރަން މަޖުބޫރުނުކުރޭ އެމީ. ރުހުނަސް ނުރުހުނަސް އަހަރެން އެމީ ހޯދާނަން. އިންސި އަދި ޖިންނި އަންހެނަކުދެކެވެސް މިވީހާތަނަށް ލޯބިނުވެވި އަމީރާ މި ހަޔާތަށް އައީ ކޮންމެވެސް ސަބަބަކާއިހެދި. އެމީ. ތި ދޮރުން ބޭރަށް ނުނިކުމެވޭނެ. އާދޭ...." ލޫސިއާން އަމުރުކުރިއެވެ.
އެވަގުތު އަމީރާއަށް ޔަގީންވިއެވެ. އޭނަ ލޯބިވާ ލޫސިއާންއަކީ ހަގީގަތުގައި އޭނަ ހީކުރިފަދަ މާތް މީހެއްނޫނެވެ. އޭމޮންއެކޭ ލޫސިއާންގެ މާ ބޮޑު ތަފާތެއްނެތެވެ. ލޫސިއާންވެސް ބޭނުންވަނީ ގަދަކަމުން ލޯބި ހޯދާށެވެ.
"ލެން އައި ލަވް ޔޫ ޓޫ. މެރީ ނުކުރެވުނަސް އޭގެ މާނައަކީ އަހަރެން އެހެން މީހަކާއި އިންނާނީއެއް ނޫން. އަދި ލެން ދޫކޮށްލާފައި ދާ ވާހަކައެއްވެސް ނޫން. ޕްލީޒް ޓްރައި ޓު އަންޑަސްޓޭންޑް...." އަމީރާ ދޮރަށް ލެނގިލައިގެން ހުރިއިރު އޭނަގެ ދެލޮލުން މާޔޫސީކަން ފެނުނެވެ.
"އަހަންނަށް ލަވް ޑިފައިން ކުރެވެނީ އެކަނި ލޯބިވެޔޭ ކިޔައިގެން ވާހަކަދެއްކުމެއް ނޫން. ލޯބިވަންޏާ އެކީގައި ދިރިއުޅޭނީ. ލައިކް މަންމައާއި ބައްޕަހެން. އަހަންނާއި އެމީވެސް އުޅެންޖެހޭނީ އެގޮތަށް. މަންމަހެން އެމީވެސް ޖެހޭނީ އަހަންނާއިއެކު ދިރިއުޅެން އަންނަން. ހުރިހާ އެއްޗެއް ދޫކޮށްލާފައި.ވަފާތެރި ދީވާނާ ލޯތްބަކީ އެއީ. ގުރުބާންވާނީ އެގޮތަށް........."ލޫސިއާން އެ ތޫނު ދެލޮލުން ބަލައިލުމުން އަމީރާގެ ހިތް ތެޅިލިއެވެ.
"ލެންގެ މަންމަ ތިބުނާ ވަފާތެރި ލޯތްބަކީ އެކީގައި ސްލީޕްކުރުން. ނަހަލާލަށް ދަރިން ހޯދުން. އެވެސް ޖިންނިއަކާއެކީ. ސޮރީ ޓު ސޭ ދިސް. އެކަމަކު އައި ވޯންޓް ބީ ލައިކް ޔޯ މަދަރ ލެން. މޮޔަ އަމީރާގެ ގޮތުގައި ނަންވާކަށް ނޭދެން............." އަމީރާ އެހިސާބަށް ބުނާއިރަށް ލޫސިއާން ތެދުވުމާއިއެކު ހުރީ އޭނަގެ ކުރިމަތީގައެވެ. އަމީރާ ލުއިބުދެއްހެން އުފުލައިލިގޮތަށް އެތާހުރި މޭޒެއްގެ މަތީގައި ބޭންދިގޮތަށް ލޫސިއާން އަމީރާގެ ކޮލުގައި ހިފައިލިއެވެ. އޭރު އެ ނުރައްކާތެރި ދެލޯވަނީ އަމީރާއާއި އަމާޒުކުރެވިފައެވެ. އެލޮލުން ތީރުތަކެއް ހެރޭފަދަ އިހުސާސެއްވުމުން އަމީރާ އަވަހަށް ދެލޯ މަރައިލިއެވެ.
"އެމީ މޮޔަވެސް ކުރާނަން. ދަރިންވެސް ހޯދާނަން. ލޯބިވަންޏާ ޖިންނިންވެސް ބާރުގެ ބޭނުންކުރާނެ. ރީތިކޮށް ބުނީމަ އެމީ ގަބޫލެއްނުވީ. ދެން އަހަރެން މިއަދު ބުނެފާނަން ވާހަކައެއް. އަހަރެން މިވީހާތަނަށް އެމީ ކައިރީ ނުބުނެ ހުރީ ދެ ސިއްރު. މިވަގުތު އެމީއަށް އެނގިގެން ދާނެ ވަން ޑާކް ސިކްރެޓް އެބައުޓް މީ. އެމީ އެކަން ނޭގިގެން އުޅޭތާ އެތައް ދުވަހެއް. އެހެންނޫނަސް އަހަންނާއި އެމީ ތިގޮތަށް ވާހަކަދައްކާއިރު އެނގެންޖެހޭނެ އެމީގެ ބާރެއް ނެތްވަރު. އަހަރެން ކެތްކުރާވަރު. ޑޯންޓް އަންޑައެސްޓިމޭޓް މައި ޕަވަރ............." ލޫސިއާން ހޭންފެށުމުން ސިހިފައި އަމީރާ ދެލޯ ހުޅުވައިލިއެވެ. އެއާއިއެކު ބިރުންގޮސް ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. އަނދިރީގެ ތެރޭގައި އޭނައަށް އަބަދުވެސް ސިފަވިގޮތަށް އިސްތަށިގަނޑު ވައްޓާލައިގެން އެހާ ނުލަފާ ބެލުމަކުން ބަލަން ހުރީ އެ ހިލަހިތުގެ ވެރި އޭމޮން އެވެ. އޭނަގެ ޒުވާންކަން ލޫޓުވައިލި ޝައިތާނާއެވެ. ދެން ކުއްލިއަކަށް ބަލަބަލާ ހުއްޓާ މަޑުމަޑުންގޮސް އަސްލު ސިފައަށް ބަދަލުވިއެވެ. އަމީރާއިނީ އެސްފިޔަ ޖަހައިލަންވެސް ނޭގިފައެވެ. ބިރުވެރިކަމާއި ޝޮކް އަދި ހައިރާންކަމުގެ ކުލަވަރުތައް އެރީތި އަޅި ދެލޮލުގައި ހަރުލާފައި ހުއްޓެވެ. ނޭވާވެސް ނުލެވުނެވެ.
"އޫޕްސް ޑިޑް އައި ސްކެއާ ޔޫ......." ލޫސިއާން ބޯ އަރިކޮށްލަމުން އުފާވެރި ހިނިތުންވުމަކާއިއެކު އަމީރާގެ ތުންފަތުގައި އިނގިލި ހިންގައިލިއެވެ.
އަމީރާ ބޭނުންވީ އެއަތުގައި ދަތްއަޅާށެވެ. ތަޅައިގަންނާށެވެ. މޫނު ނޮޅާލާށެވެ. އެދެލޯ އުތުވާލާށެވެ. އަޑުކޮޅަށް ހަޅޭއްލަވައިގަންނާށެވެ. މިއެނގުނު ހަގީގަތަކުން އޭނަގެ ހަމަބުއްދި ފިލައިގެން ނުދިޔައީ ކިރިޔާއެވެ. މޮޔަވާވަރުވިއެވެ. އޭމޮން އޭނައާއި ދޭތެރޭކަންތައް ކުރި އިހާނެތި ގޮތާއި އޭނަ ތަހައްމަލު ކުރި ވޭނާއި ކެކުޅުން އަދިވެސް ތާޒާކަންމަތީގައި ހިތުގައިވެއެވެ. އޭނަ ބިރުގަންނަވާ ކޮންމެ ރެއަކު ލޫޓުވަމުން ދިޔައީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތިއެވެ. އޭނަ މޮޔަނުވެ އަދި މަރުނުވެ ހުރީ ހިތްވަރުގަދަކަމުންނެވެ. ހެނާފަދަ ނިކަމެތި ކުއްޖަކަށްވި ނަމަ މިހާރު އޮންނާނީ ފަސްގަނޑުދަށުގައި އަބަދަށްޓަކާ ނިދާލާފައެވެ. ލޫސިއާންއާއި އޭމޮންއަކީ އެކެކެވެ. ދެނަމުގެ ވެރިޔެކެވެ. އެތަނުން އެކަކުދެކެ ވެވޭ ނަފްރަތުގެ ސަބަބުން އޭނަ ނެތި ފަނާވެގެން ދިޔުމަށް ދުޢާކުރެވޭއިރު ދެން ހުރި ސިފައަށްޓަކާ ހިތްވަނީ ލޯބިން ފުރިފައެވެ. މިހާރު މިއޮތީ އެކަކު ދެކެ ލޯތްބާއި ނަފްރަތުވާން ޖެހިފައެވެ. ވީއިރު އެއީ ކިހާ ދަތި އުދަގޫކަމަކަށް ވާނެހެއްޔެވެ؟
"ޑޯންޓް ޓަޗް މީ....." އަމީރާއަށް ހަޅޭއްލަވައިގަނެވުނެވެ.
"އެމީ ތިހާ ހަޑިކޮށް ނޫޅެބަލަ. ބަލަ އަހަރެން މިއީ ހަޒްބެންޑޭ. ދުރުމީހެއްނޫނޭ އަތްނުލާށޭ ބުނަން. ޖެހޭތަ ތިގޮތަށް ވާހަކަދައްކަން. ބޭނުންވަރަކަށް އަތްލާނަން. އެމީއަކަށް ނުހުއްޓުވޭނެ. އަހަރެންގެ އަންހެނުންގެ ގައިގާ އަތްލަނީ. ހިލޭމީހެއްގެ ގައިގައެއްނޫން. ހެކި ބޭނުންތަ..." ލޫސިއާން ދިޔަބާރުމިނުގައި ގޮސް އަލަމާރި ހުޅުވާލާފައި ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ގެނެސް ދެއްކީ އޭނައާއި ލޫސިއާންގެ ކައިވެނީގެ ސެޓްފިކެޓެވެ. އޭމޮންއަކާއި ކައިވެނިކުރިޔަސް އޭގައި އިނީ ލޫސިއާންގެ ނަމެވެ. ސަބަބަކީ އޭމޮންގެ ނަން ދީގެން އުޅުނަސް އޭނަގެ އަސްލު ނަމަކީ ލޫސިއާންކަމުގައި ވީތީއެވެ.
"ފެނޭތަ. މިއޮތީ ގާނޫނީ ގޮތުން އެމީ އަހަންނަށް ހިބަކޮށްދީފައި. މަގޭ މިލްކަކަށް ހަދާދީފައި. ތީ މަގޭ އަންހެނުން. މިހަށިގަނޑުގައި ފުރާނަ ހުރެގެނެއް ދޫނުކުރާނަން. ރަށު އެންމެނަށްވެސް މިހަގީގަތް އެނގެންވާނެ. އަމީރާ ކައިވެނިކޮށްގެން ހުންނަނީ ނަބީލާގެ ދަރިއަކާއިކަން އެނގެންޖެހޭނެ. އައިމް ގޯނަ ލެޓް އެވްރީ ވަން ނޯ އެބައުޓް ދިސް، އެމީ ދެން ހުންނާނީ މިގޭގައި ، މަގޭ ގާތުގައި. ޔޫ ބިލޯންގް ޓު މީ. ކޮޓެޖަކީ އެމީގެ ގެ. އެނގިއްޖެތަ؟ ނޫނީ އިތުރަށް ކިޔާދޭންވީތަ؟ " ލޫސިއާން އަމީރާގެ ނިތްކުރީގައި ބޮސްދިނެވެ. އަމީރާއިނީ އަދިވެސް ގާވެފައިވާ ބުދެއްހެން ލޫސިއާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ކމިހާ ބޮޑު ހަގީގަތެއް އެނގުމުން އޭނަވަނީ މޮޔަވާން ކައިރިވެފައެވެ. ކަނޑުވުމުން ކުރެވޭނެ ފަދަ އިހުސާސެއްވެސް ކުރެވުނެވެ. ވަށައިގެން ހޯދާލިއިރުވެސް ސަލާމަތުގެ އައްސޭރިއެއް ނުފެނުނެވެ.
ލޫސިއާން ބޭރަށް ނުކުމެގެން ދިޔައީ ފޯނު ކަންފަތުގައި ޖަހައިގެން ހުރެއެވެ. އެކަނިވުމުން ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެން ނުކުންނަންވެގެން އުޅެ އުޅެ އެއްވެސް ދޮރެއް ނުހުޅުވުނެވެ. ނުފެންނަ އަތްތަކުން ހުރިހާ ތަނަކަށް އަތްގަދަ ކޮށްލާފައިވާ ކަހަލައެވެ. ކުޑަދޮރުތަކުގެ ތަންޑުތައްވެސް ނެއްޓޭނެ ގޮތެއްނުވިއެވެ. އެންމެފަހުން ކެތްނުވެގެން މައިކަލްއަށް ގުޅަންވެގެން އުޅުނުތަނުން ފޯނުވެސް ނިވިއްޖެއެވެ.
"އޯ ގޯޑް. އީވިލް އޭމޮން އަހަރެން ކޮންޓްރޯލް ކުރަން ފަށައިފި. މިނޫން ގޮތެއް ނެތްބާ....." އަމީރާ ދޮރުގައި ތަޅަމުންގޮސް އަތަށް ތަދުވިއެވެ. އަމިއްލައަށް މަރުވާން ޚިޔާލުކޮށްފައި ފަންކާއަށް ބަލާލާފައި ހެއްދެވި ފަރާތްމަތިން ހަނދާންވެ އަމިއްލަ ނަފުސަށް ލައުނަތް ދިނެވެ. ނޫނެކެވެ. އޭމޮންއަށްވެސް އޭނަ އެހާ މާޔޫސްކޮށެއްނުލެވޭނެއެވެ. އޭނައަކީ ހިތްވަރުގަދަ އަންހެނެކެވެ. އޭނަ ޖެހޭނީ ލޫސިއާންއާއި ރީތިކޮށް ވާހަކަ ދައްކާށެވެ. ވިސްނާދޭށެވެ. މިގޮތަށް މަޖުބޫރުކޮށްގެން އޭނަ ލުސިއާންދެކެ ފޫހިވުން ނޫންކަމެއް ނުވާނެކަން އަންގާދޭށެވެ. ތެދުވެގެންގޮސް ކުޑަދޮރުގެ ތަންޑުތަކާއި ކުޅެންފެށިތަނާ ލޫސިއާން ދާދި ކައިރީގައި ހުރިހެން ހީވެފާ ބަލައިލިއެވެ. މިހުރިހާ އިރުވެސް އޭނަ ޖެއްސިހާ ވައްތަރެއް ބަލަން ހުރީތާއެވެ.
"ބޭބީ. ޑޯންޓް ވޮރީ. އެމީއަށް ގޯނާކުރި އުދަގޫކުރި ރޭޕްކުރި އޭމޮންއެއް ދެނެއް ނާންނާނެ. ހީޒް ގޯން. ކޮންމެ މީހަކީވެސް ބަދަލުވެދާނެ މީހެއް. އަހަންނަށް އޭރު އެހެން އުޅެވުނީ އެމީދެކެ އޭރު ލޯތްބެއްނުވާތީ. އެހެންވެ ރޮއްވާލެވުނީ. އޭރު އުފާވަނީ އެގޮތަށް ހާޓްކުރެވުނީމަ. އެކަމަކު އެމީއަށްޓަކާ އަހަރެން ޗޭންޖުވެސްވީ. އެހުރިހާ އަނިޔާއެއް ހަދާންނެތޭހާ ލޯބިދޭން އަހަރެން މިހިރީ. ތިގޮތަށް ނުރޮއި އަހަންނަށް ފުރުސަތުދީ. އެމީ ބުނީމެއްނު ދުވަހަކު ވަކިނުވާނަމޭ. ވައުދުވީމެއްނު. ޑޫ ޔޫ ރިމެމްބަރ....." ލޫސިއާން ހަދާންކޮށްދިނެވެ.
"ތިހާ ލޯބިވާނަމަ ކީއްވެ މަޖުބޫރުކުރަނީ؟ ކީއްވެ އެގޮތަށް އަމުރުކުރަނީ...." އަމީރާ މަޑުމައިތިރިކޮށް އަހައިލިއެވެ.
"އެމީ އައިމް ޓްރައިން ޓު ޗޭންޖް ދޯ. އެހާ ފަސޭހަކަމެއްނޫން ކުޑައިރުއްސުރެން ހަރުލާފައި ހުރި އާދަތަކެއް ދޫކޮށްލުމަކީ..............." ލޫސިއާން ފުން ނޭވައެއް ދޫކޮށްލިއެވެ. އަމީރާގެ ދެފަރާތުން އަތްގެންގޮސް ކުޑަދޮރުގައި އަތް ވިއްދާލައިގެން ހުރިއިރު އަމީރާގެ ހަށިގަނޑުވަނީ ލޫސިއާންއާއި ދޮރާއި ދޭތެރޭގައި ކޮންމެވެސް ވަރަކަށް ފިތިފައެވެ. އެގާތްކަމުން އަމީރާއަށް އުދަގޫވިއެވެ. އެވަރަށް ކަންބޮޑުވެސްވެއެވެ. ދުރަށް ދެވޭކަށްވެސް ނެތެވެ. ލޫސިއާން ހުރިތަނުން ގުޑުވާލުމަށްވުރެ ދަގަނޑު ތަބެއްވެސް ގުޑުވާލުން ފަސޭހަވާނެއެވެ. ކައިވެނީގެ ވާހަކައާއި ދަރިން ހޯދާ ވާހަކަ ދެއްކުމުން އަމީރާ ބިރުގަންނަނީއެވެ. އެއީ އަދި އެހާ އަވަހަށް ކުރެވޭނެ ކަމެއްނޫނެވެ.
"ލެން. އަހަރެން ބަޑުހައިވެއްޖެ. ކާނެ އެއްޗެއް ލިބިދާނެތަ؟ " އަމީރާ އެތަނުން ދާންވެގެން ބަހަނާއެއް ހޯދިއެވެ.
"އޮފްކޯސް ބޭބީ. އަވަހަށް ހިނގާ. އަތުން ލަވާފައި ކާންދޭނަން...." ލޫސިއާން އެހެން ބުނެފައި އެއްފަރާތަކަށް ޖެހިލިއެވެ. އަމީރާއަށް އޮޅިގެން އެދެލޮލަށް ބެލުނަސް ސިހޭގޮތްވެއެވެ. އަންހެންކުއްޖަކަށް ތިމާގެ ލޯބިވެރިޔާ ކަމުގައި ވިޔަސް "ޖިންނި" ސިފައިގައި ހުރުމުން ބަލައިގަތުން އެހާ ފަސޭހައެއްނުވާނެއެވެ. ކިތަންމެ ގިނައިން އެ ސޫރަ ފެނުނަސް ހޭނެން ދަތިވާނެއެވެ.
"ސޮރީ ބޭބީ. މިގޭގައި އުޅޭނީ މިސިފައިގާ. އެހެން މީހުންނަށް ފެންނަން ވެއްޖެ ހިނދެއްގައި އެމީ ތި ރުހޭ ސިފައިގާ ހުރެވޭނީ........." އަމީރާ އެއްޗެކޭ ނުބުނަނީސް ލޫސިއާން ބުނެލައިފިއެވެ. އޭރުވެސް އަމީރާ އިނީ ފާޑެއްގެ ޝޮކެއްގައެވެ. އޭނަގެ ދިރިއުޅުމާއި ކުޅެލި އޭމޮންކަން އެނގިހުރެ އޭނަ މިހާ މައިތިރިވެގެން ރީތިކޮށް އިންނަކަމީ އަޖައިބެކެވެ. މިހެން ވެގެން ނުވާނެއެވެ. އޭނަ ޖެހޭނީ އޭމޮންއާއި ދިމާލަށް ދުލަށް އައިހާ ހުތުރު އެއްޗެއް ގޮވާލާށެވެ.