އިރުއޮއްސުނު ގަޑިއަށް އާދައިގެ މަތިން އަމީރާ ފެންވަރަން ވަނެވެ. ހެދުންތައް ހަށިގަނޑާއި ވަކިކޮށްލާފައި ޝަވަރުދަށުގައި ހުއްޓުމާއެކު ހަށިގަނޑަށް ފިނިވާގޮތްވިއެވެ. ހީކަރުވައިގަތީ ގޮތެއް ބަލާފައެއްނޫނެވެ. މިހުރިހާއިރުވަންދެން އޭނަ ހުންމަޑުވެފައި ހުއްޓަސް ފެނާއި ހަމަޔަށް ވާސިލުވުމާއިއެކު ހުންގަދަކޮށްލީކަމަށް އަމީރާ ނިންމިއެވެ. އެވަރުންވެސް އަމީރާ ގަސްތުކުރީ ފެންވަރާލުމަށެވެ. ޝަވަރަށް ދޫކޮށްލުމުން ފެނުގެ ސައިލެއް އޭނަގެ ހަށިގަނޑުގައި ބޮސްދޭންފެށިގޮތަށް ތިރިއަށްދެމެން ފެށިއެވެ. ކުއްލިއަކަށް ހީވީ ކަންފަތްބުޑުގައި ވައިއަޑަކުން މީހަކު އެއްޗެކޭ ކިޔައިލިހެންނެވެ. އެބުނި އެއްޗެއް އަމީރާއަށް ދޭހައެއްނުވިއެވެ. މަރާލާފައޭ ދޫކުރާނީ ބުނިހެން ހީވިޔަސް އެއީ ހީވުމެއްކަމަށް އޭނަ ނިންމިއެވެ. ކަންފަތްކުށް ކުޅައީ ނޫންކަމެއް ނޭގެއެވެ. އަމީރާވެސް މިހާރު ބޭނުމީ އެއީ ރޫހާނީ ކަމަކަށްވުރެ ނަފްސާނީ ކަމަކަށްވުމަށެވެ. އޭނަގެ ސިނކުޑިއަށް ފެންނަގޮތްކަމަށް ވުމެވެ. ހުންގަދަވީމަވެސް އެގޮތަށް އަޑުއަޑު އިވިދާނެއެވެ. ރޫހާނީ ހަނގުރާމައަކާއި ކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތެވެ.
އަމީރާ އަވަސްއަވަހަށް ޝަވަރަށް ބާރުކޮށްލާފައި ތުވާލި ގައިގާ އޮޅާލައިގެން ދެލޯ ބޮޑުކޮށްފައި ވަށައިގެން ހޯދާބަލަންފެށިއެވެ. އެތާގައި ދިއްލާފައިވާ އޮރެންޖް ބޮކި އޭރު ކަނިޖަހާގޮތުން ކޮންމެފަހަރަކުވެސް އަނދާފާނެކަން ޔަގީނެވެ.
"ކާކު....." އަމީރާއަށް ބުނެވުނެވެ.
"ފިނޑިކަމުން ފިލާހުރެގެން ކަންތައް ކުރަން އެނގޭ އެއްޗެއް. ގަޓްހުރިއްޔާ ކުރިމައްޗަށް އަންނަންވީނު، ފެންނަންވީނު މޮޔަގަނޑު..............." އަމީރާ ރުޅިއަންނަގޮތްވެފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ. ޖަވާބެއްނުލިބުނެވެ. އެކަމަކު މީހަކު ޖެއްސުމަށް ހީލިހެން ހީވިއެވެ. މަޑުމަޑު ޝައިތާނީ ހުނުމެކެވެ. އަމީރާގެ ގައިގެ ހުރިހާ ލޯލިތައް ކޮޅަށްޖެހުނެވެ. ފާޚާނާގެ ދޮރު ބަންލާފައި ޖެހިއިރު އޭނަގެ ހިތް ރޫރޫއެޅިއެވެ. އަމީރާ ތުވާލި ނައްޓާލިއިރު ހަމުގައި ވައިރޯޅިއެއް ބީހިލިއެވެ. އެކަމަކު ދޮރުހުރީ ތަންޑުއަޅުވާފައެވެ. އަމީރާ އިތުރަށް ބިރުގަންނަގޮތްވެ ވަށައިގެން ހޯދާލުމަށްފަހު އަވަސްކަމާއިއެކު އެންމެ ކުރިން ފެނުނު ނިދާހެދުން ލިއެވެ. އެއާއެކު ކޮޓަރީގެ ބޮކި ނިވި ފުން އަނދިރިކަމެއްގެ ތެރެއަށް ކޮޓަރި ގެނބިއްޖެއެވެ.
"މަންމާ....." އަމީރާ ހަޅޭއްލަވައިގަންނަން މަސައްކަތްކުރިއެވެ. ދުއްވައިގަންނަން އުޅުނުއިރު ދެފައި ރަބަރުގަނޑެކޭ އެއްގޮތެވެ. އަމިއްލަ ބާރެއް ހަރަކާތެއް ނުކުރެވި ހުއްޓާ ނުފެންނަ އަތަކުން އޭނަ ނަގާފައި އެނދުމައްޗަށް އެއްލާލީވެސް އެވަގުތުގައެވެ. ގައި މައްޗަށް ޖެހިގަތްގޮތަށް ކަށިތައް ފުނޑުފުނޑުވެ އޭނަގެ އަނގަވެސް އިރާލިހެން ހީވިއެވެ. ދިގުވަކިތައް ބުރަކަށްޓަށް ވަންނަން ފެށިއެވެ. ބަނޑަށްވެސް އިނގިލިތައް ކޮށްޕަނީއެވެ. އިސްތަށިތަކަށްވާންވެ ތަދުވާވަވަރުން މޮޔަވެދާނެއެވެ. އެހެން ޖެހިލާ ކޮންމެ ތަނަކުން ދިލަ ނަގާ ބުނަންނޭގޭފަދަ ވޭނެއް އަޅައެވެ. އެހާ ތަދުވެގެން ލޮލުން ފެންއައިއިރުވެސް ހަޅޭކެއްނުލެވުނެވެ. ނުފެންނަބާރަކުން އޭނަ ގައިދުކޮށްފާ އަނިޔާކުރާއިރު އެހެން މީހަކަށް ނުފެންނަނީހެއްޔެވެ؟
"އެމީ. އެމީ. ވަޓްސް ރޯންގް. ލޯ ހުޅުވަބަލަ.........." ހެނާ ކޮޓަރިއަށް ވަދެފާ އަމީރާ ތެޅޭވަރު ފެނިފާ ކަންބޮޑުވެގެން އައިސް އަތުގައި ހިފެހެއްޓިއެވެ. ފިޓްޖެހިކަމެއް ވަނީހެއްޔެވެ؟ އަތްލާފައި ހޫނުކަމުން އަތްވެސް ދަމައިގަނެވުނެވެ. ހުމުގެ އަސަރު ސިކުނޑިއަށް ކުރީކަން ޔަގީނެވެ. އޭނައަށް އާދެވުނީ ރަގަޅު ގަޑިއަށެވެ.
"ހުންގަދަކަމުން ފިހެނީނު........." ހެނާ އަމީރާގެ ގައިގާ ފެންފޮތިލާންފެށިއެވެ. އަމީރާގެ މޫނުގައި ހުރި ހުދުކުލަ ކެނޑި ފިޔާތޮށިކުލަ ވެރިވާންފެށިއެވެ. އަމީރާގެ ހުންމަޑުވާ އަތަށް އެޅުމުން ހެނާގެ ހިތްހަމަޖެހި ހާސްކަން ކެނޑިއްޖެއެވެ. މަންމައަށް ގޮވަން އުޅެފައި އެކަން ހުއްޓާލާފައި އޭނަ އުޅެގަތީ މަޣުރިބު ނަމާދުކުރާށެވެ.
ހެނާ ކާކޮޓަރިއާއި އަރާ ހަމަވިތަނާ އިވުނު ވާހަކައަކުން އަވަހަށް އެއްފަރާތަށް ޖެހިލިއެވެ. މިހާވަރުގެ ބޮޑު ސިއްރެއް ފޮރުވިފައި އޮތްކަމާއިމެދު ހައިރާންވުމުގެ އިތުރުން ހަމަޖެހުމުގެ ނޭވައެއްލެވި ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މިއިން ޒަމާނެއްގައި އެހާ އުފާވިކަމެއް ނޭގެއެވެ. އޭނަ ވަގެއްހެން ސިއްރުސިއްރުން އައިގޮތަށް ކޮޓަރިއަށްވަދެ ދޮރުލައްޕައިލީ އެހާ މަޑުންނެވެ. އަމީރާ ސުވާލުވެސް ކުރިއެވެ. ހެނާ ބުނީ އޭނަ ހީކުރީ އަމީރާ ނިދާފައި ކަމަށާއި ހޭލެވިދާނެތީ ސިއްރުން އުޅެނީކަމަށެވެ. އޭރު ވާރޭވެސް ބޯކޮށްލައިފިއެވެ. ވަޔާއިއެކު އަންނަ ބޯވާރޭގެ ތިކިތައް ވިއްސައިގެންގޮސް ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޖެހިލާތަން ފެނެއެވެ. ކިތަންމެ އިރެއްވިޔަސް ވާރޭ ވެހޭ މަންޒަރު ބަލަން ހެނާއަށް އިނދެވިދާނެއެވެ.
އެހެން އިނދެލާފައި ހެނާގެ ކަރުގައި އަޅާފައިއޮތް ރަންފަށުގައި އަތް ޖައްސައިލިއެވެ.
"މިނޫނީ ބައްޕަގެ ހަދިޔާއެއް އޮތީއެއްނޫން. ބައްޕަ އަހަރެމެންނާއި ދުރުން އުޅޭ ސަބަބެއްނޭގޭ. އެމީ ސްޓަބްންކަމުން ބައްޕަދިން އެއްޗެއް ގަބޫލުކުރާކަށްވެސް ބޭނުމެއްނުވި. އެމީ އެފަށްވެސް އަހަންނަށް ދިނީ. މިހާރު އަނެއްކާ ބައްޕަގެ ހަނދާންތައް އާވާން މިފެށީ ކީއްވެތަ؟ އެހެންކުދިން ބައްޕަމެންނާއިއެކު އުފާވެރިކޮށް އުޅޭއިރު އަހަރެމެންނަށް ބައްޕައެއްގެ ނަސީބުވެސް ނުލިބުނު. ދޮންމަންމައެއް ހުރިނަމަވެސް އެންމެ ރަގަޅޭ. ބައްޕަ އަހަރެމެން އެގެއަށްވެސް ގެންދަން ޖެހޭނެ....." ހެނާގެ ދެލޮލުން ކުޑަކޮށް ކަރުނައިގެ އަސަރު ފެނުނެވެ.
"ހެނާ......ފެންފޮދެއް..." އަމީރާއޮތީ ތެދުވާހިތް ނުވެފައެވެ.
ހެނާ އަލަމާރީގައި އޭނައަށް ވީ ފަޅީގެ ދޮރު ހުޅުވާލާފައި ފެންފުޅިން އަމީރާއަށް ފެންތަށްޓެއް އަޅާލަދިނެވެ. ހެނާ ފެންފުޅި ވަކިން ގެންގުޅޭކަން އެނގި ސުވާލުކުރުމުން ހެނާ ދޭ ޖަވާބުތަކުން އޭނަ ކޮންމެވެސް ކަމެއް ފޮރުވާކަން އަމީރާދަނެއެވެ. ނަމަވެސް އެހާވަރަށް ބާރުއަޅާކަށް ނޫޅެއެވެ. ހެނާ ކޮންމެކަމެއްގައި ސިއްރުވެރިކޮށް އުޅޭތީއެވެ. ސިއްރުކުރަން ނުޖެހޭކަމެއްވެސް އޭނަފޮރުވާނެއެވެ.
"އަދިވެސް މޫނުގައި ހުރި ރޭޝްތައް ރަގަޅުނުވޭދޯ..."އަމީރާގެ ރަތްކުލައަރާފައިވާ ތުންފަތަށް ބަލާލަމުން ހެނާ ސުވާލުކުރިއެވެ.
"ކައިލީ ޖެނާވެސް ޖޭވާނެ ދޯ މި ލިޕްސް ފެނިފަ. ލިޕް ފިލާ ޖަހައިގެން ބޮޑުކޮށްފަ މިހިރީ....." އަމީރާ ހީލިއެވެ. ހިތާހިތުން އެކަމާއި ބިރުން އުޅުނަސް ހެނާއަށް ސިއްރުކުރިއެވެ. ކިޔާދޭން ކެރޭނީ ކިހިނެއްހެއްޔެވެ؟ ނިދީގައި ނުވަތަ ހުވަފެނުގައި ނަމަވެސް އެއަންނަ މަޚުލޫގެއް އޭނައަށް ހެދީ ހިތުހުރިގޮތެވެ. އެމަޚުލޫގަކު އޭނަގެ ކިބައިން ބަދަލުހިފާ ސަބަބެއް ނޭގެއެވެ. އެންމެ އެކަށީގެންވާވަގުތު ހެނާ ނައިނަމަ އޭނަ މަރާލާފައި ނޫނީ ނުހުއްޓާނެއެވެ.
އެއީ ހަގީގަތެއްކަމަށް ވަންޏާ އޭނައާއި ލައިގެންފައި މިވަނީ ކޮންފަދަ ބޮޑު މުސީބާތެއްހެއްޔެވެ.
ނޫނެކެވެ. ހަގީގަތަކަށްނުވާނެއެވެ. އޭނަ ޖެހޭނީ ކެރިގެން ސިކުނޑީގައި އަށަގެންފައިވާ ބިރުވެރިކަމާއި ކުރިމަތިލާށެވެ. ބިރުގަނެގެން ފިނޑިވަންޏާ ސިކުނޑިތެރޭގައިވާ ބިރުވެރި އެއްޗެހިތައް އޭނަ ބަލިކޮށްލާނެއެވެ. މިހަގުރާމަ އޭނަ ކާމިޔާބުކުރާނެއެވެ. ބިރާއި ކުރިމަތިލައިގެން މޮޅުވުމުން ޝައިތާނާ ބަލިކަށިވާނެއެވެ. ހަގީގަތުގައި ޝައިތާނާވެސް ހަށިގަނޑަށް ބާރު ފޯރުވަނީ ބިރުފަދަ ކަންތައްތަކުގެ ސަބަބުން އީމާންކަން ބަލިކަށިވާ ވަގުތުގައެވެ. އަމީރާ އެނދުމަތީގައި ތެދުވެ އިށީދެއްޖެއެވެ. ލައިގެން ހުރި ތުނިތުނި ރަތްކުލައިގެ ނައިޓީގެ ސަބަބުން އެތެރެއިން ލައިގެން ހުރި އެއްޗެހި ފެންނާން ހުއްޓެވެ. ދޮން ކަނދުރާގެ އޮމާންކަމުން ބިއްލޫރިކޮޅެއްފަދައެވެ. އަމީރާ ގޮސް ހުއްޓުނީ ލޯގަނޑުކައިރީގައެވެ. މިރޭވެސް ގައިގެ އެތަން މިތަން ރަތްވެފައި އެބަހުއްޓެވެ.
"ޔޫ ނޯ ވަޓް ހެނާ...." އަމީރާ ބުނެލިއެވެ.
"ހޫމް...." ހެނާ ބަލައިލިއެވެ. ފަން އިސްތަށިގަނޑުން ހުޅިއެއް ޖަހާލިއިރު ހުޅި ބޮޑުކަމުން ހެނާގެ ހިތް ތައުރީފުކުރިއެވެ.
"އެދުވަހު ދަންޖެހިފައި ހުރީ ބުދެއްނޫން. އެއީ އަންހެންކުއްޖެއް......" އަމީރާ ހަގީގަތް ހާމަކުރިއެވެ.
"ސްޓިލް އެބުދު އެންމެނަށް ފެންނަގޮތަށް އެލުވާފައި އެހެރީ........." ހެނާ ހައިރާންވިއެވެ. އަމީރާ މޮޔަވީހެއްޔެވެ؟ ހުންގަދަކަމުން ސިކުނޑިއަށް އެކަމުގެ އަސަރުކުރިގޮތަށް ސިކުނޑީގެ ބަޔެއް ހަލާކުވީ ނޫންބާވައެވެ. އެހެންނޫންނަމަ މިގޮތަށް އަމީރާ މޮޔަތާކުން ތާކުނުޖެހޭ ވާހަކަތަކެއް ނުދައްކާނެއެވެ. އެލާޖިކްވެގެން ގައިގާ ފިތްތައް ނެގީމަވެސް އަމީރާ ޔަގީންކުރީ މީހަކު ވަދެ މާރާމާރީ ހިންގީކަމަށެވެ. ހެނާގެ ހިތް އަމީރާއަށްޓަކާ ހަމްދަރުދީއިން ފުރުނެވެ.
"އާޒް ބުނި އެގާލްގެ އިސްތަށިގަނޑު ވަރަށް ދިގޭ. ސަކީނާއްތަގެ ނަވާވެސް ގެއްލިގެން އުޅޭތާ ދުވަސްކޮޅެއްވެއްޖެ. ހެނާއަށް އެނގޭތަ؟ ހިތަށް އަރަނީ މިރަށަށް އައުމަށްފަހު ވަރަށް ސިއްރުވެރިކަންތައް ތަކެއް ހިނގަމުން އެބަދެއޭ. ފުލުހުންނަށް އެކަން ނޭގޭތީ ދެރައީ. ކްލޫއެއްވެސް ދޭނީ ކިހިނެއްތަ؟ އެކުއްޖާ ވީތަނެއް އެނގެނީއެއްވެސް ނޫން. އެކަން ކުރި މީހަކު ވަރަށް މޮޅަށް ޕްލޭންކޮށްގެން އެހެން މީހުންގެ ލޮލުގައި އަނދުން އަޅުވާފައި ނަވާގެ ހަށިގަނޑު ކޮންމެވެސް ތާކު ވަޅުލީ. އައިމް ޑެޑް ޝުއަރ. ދަންޖެހިފައި ހުރި އަންހެންކުއްޖާ ފޮރުވާފައި ބުދެއް އެތާ އެލުވީ........" އަމީރާގެ ވާހަކަތައް ހެނާ ގަބޫލުކުރިކަމެއް ނުވަތަ ނޫންކަމެއްވެސް އަމީރާއަކަށް ނޭގުނެވެ. އަމީރާއަށް ޔަގީންވިކަމަކީ ކޮންމެވެސް ކަހަލަ ނުބަޔެއް އުޅޭކަމެވެ. އަދި މިވަގުތު އޭނަގެ ސިކުނޑިއަށް އެއްވެސް ރޫހާނީކަމެއްގެ ބާރު ފޯރާފައި ނެތްކަމެވެ. ވިސްނުން މުޅިން ސާފެވެ.
"ލުކް އެމީ. އެއީ ޕޮލިސް ކޭސްއެއް. އެކަމުގެ ތެރެއަށް ވަންނާކަށް ނުވާނެ......." ހެނާ އިތުރު އެއްޗެކޭ އަހަން އުޅެނިކޮށް ކޮޓެޖްގެ މަތީބައިގެ ކުޑަދޮރެއްގެ ކައިރިން ހިޔަންޏެއް ފެނުނުހެން ހީވެފައި ދެލޯ ކުޑަކޮށްފައި އޭނަ ބަލައިލިއެވެ. އެތާގައި ކޮންމެވެސް މީހަކު ކޮފީ ބޯން ހުއްޓިލައިގެން ހުރިއިރު ހީހީފައި ކޮންމެވެސް މީހަކާއި ވާހަކަދައްކާކަން އެނގުނެވެ. ކަންފަތުގައި ހެޑްސެޓްއަޅައިގެން ހުރެ ފޯނުގައި ކަމަށްވެދާނެއެވެ. އެމީހާ ފެނުނުގޮތުން ހުރީ އެކަނި ޖިންސްލައިގެންނެވެ. ހަށިގަނޑު ބިޔައެވެ. އެއީކާކުބާވައެވެ. މަތީބައިގާ ކުއްޔަށް މީހުން ތިބޭވާހަކަ އާސާވަނީ ބުނެފައެވެ. ސިހުރުހަދާފައި ހުރި ގެއެއްވިޔަސް އިންސާނުންނަށް ދިރިއުޅެވިދާނެއެވެ. އެކަމަކު އެގެއެއް ސިހުރުވެރިމީހާ ވާނީ ޖިންނިންނާއި ހަވާލުކޮށްފައިކަމުން އިންސާނުން ދިރިއުޅެންޏާ އެމީހުންނަށް އުދަގޫތަކާއި ތަފާތު ގޯނާތައް ކުރިމަތިވާނެއެވެ. ކޮންމެގޮތެއްވިޔަސް ދުވަސްތަކެއްކޮށްލާފައި އިންސާނެއް ފާޑުޖަހާ މީހަކު ފެނުމުން ހެނާ ޝައުގުވެރިވާގޮތްވިއެވެ. އުފާވިއެވެ. އޭގެ ކުރިން އެގެއިން ފެނުނީ ސިހުރުވެރިޔާ ނޫންކަމެއްވެސް އެނގެނީއެއް ނޫނެވެ.
"މީހަކު ފެނިގެންތަ ތިހާ ފާޑަކަށް ހެނާ ބަލަނީ؟ " އަމީރާ ތުންފަތުގައި ތެޔޮކޮޅެއް ހާކާލަމުން އަހައިލިއެވެ.
"ވާރޭވެހޭތީ....." ހެނާ އަވަސްއަވަހަށް ފަރުދާތައް ދަމާލާފައި އައިސް އެނދުގައި އިށީދެއްޖެއެވެ.
"ނަމާދުކޮށްފިންތަ؟ " އަމީރާ ސުވާލުކުރިއެވެ.
"ތިހެންބުނީމަ ހަނދާންވީ. ބަންގިދޭއިރަށް ނަމާދުކުރަން ހުންނަނީ އެކަމަކު......" ހެނާ ޓީޝާޓުގެ އަތުކުރި އޮޅަންފެށީ ވުޟޫކޮށްލުމަށެވެ. ހިތަށް ފިނިކަންގެނެސްދީ އުފާވެރިކަން އެންމެ އިހުސާސްކުރެވޭ ވަގުތަކީ ނަމާދުކުރާއިރުގައެވެ.
"ޑެވިލް ވިސްޕަރިން ދޯ. ހެނާ ތީ ބަސްއަހާކުއްޖެއް. ނަމާދު ދޫނުކުރައްޗޭ. އަހަރެންވެސް ބަލިވެއޮތްއިރު ނަމާދުނުކުރެވުނީމަ ކަން ނޭގޭ ފާޑުފާޑު ހުވަފެންތަކާއި އެއްޗެހި ފެނުނީ...." އަމީރާ ނިދަން ތައްޔާރުވެލާފައިވެސް ގަސްތުކުރީ ނަމާދުކުރުމަށެވެ. ނަމާދުކޮށްގެން ގުރުއާން ކިޔަވަން ދެބެން ތިބީ އެކަކު އަނެކަކާއި ވާދައަށްކަހަލައެވެ. ނިދިގަދަވެގެން ގޮސް ލޯ ހުޅުވާނުލެވޭވަރުވުމުން ހެނާ އެނދުގައި އޮށޯތްގޮތަށް ނިދީގެ ފޮނި އާލަމަކަށް ދަތުރުކުރިއެވެ. އަމީރާ ޔަގީންކުރިއެވެ. ނަމާދުކުރަންޏާ ޝައިތާނާ ފާޑުފާޑަށް އުދަގޫކޮށް ގޮތްދައްކާކަށް ނޫޅޭނެއެވެ. އެހާވަރަށް ނިދިއައިއިރުވެސް ކޮފީތަށްޓަކަށް ފަހު ކޮފީތަށްޓެއް ބޮމުން ދިޔައީ ނިދިޔަނުދޭން ވެގެންނެވެ. ނޭގުނަސް އެމީހާ އަންނަނީ އޭނަ ދެބަދޭތެރޭގައި އޮތްވާކަމުގައި އެންމެން ކިޔަންޏާ އޭނަވެސް އެކަމާއި ވިސްނަން ޖެހޭނެއެވެ. ފަތިސްވާންދެން ކޮފީ ބޯން އިންއިރު އޭނަ ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއްކުރިއެވެ. އެއަށްފަހު ނަމާދުކޮށްލައިގެން ރަޖާގެ ދަށަށްވަނީ ހެނާއަށް ކުޑަ ނޯޓެއް ލިޔެލާފައެވެ.
ގަޑި އެލާމްއަޅަން ފެށުމާއެކު ހެނާ ގަދަކަމުން ދެލޯ ހުޅުވާލިއެވެ. ފިނިގަދަކަމުންނާއި ގަޑީގެ ގޮތުން ކަންނެތްކަން އިންތިހާއަށް ދިޔަސް ނަމާދަށް ނާރާ އޮންނަން ނުވާނެކަން ހިތަށް ވިސްނާދީގެން ބުރަހެލިވެފައިވާ ހަށިގަނޑު ތަންމަތިން ގަދަކަމުން ތެދުކުރުވިއެވެ. އަމީރާގެ ނޯޓްކޮޅު ކިޔާލާފައި ހެނާ ހީލިއެވެ. މިއަދު އޮފީހަށް ސަލާމެވެ. މެންދުރު ނަމާދުގަޑިއަށް ގޮވާށެވެ. އެންމެރަގަޅެވެ. އަމީރާ ނިދިޔަސް ނަމާދުގަޑިއަށް ސަމާލުކަންދޭން ފެށީއެވެ. އެއީ ހެޔޮ ފާލެކެވެ.
ހެނާ އޭލެވެލްއަށް ފައިސާ ހޯދަން އޭނަގެ މަންމަކައިރީގައި ބުނިފަހުން ދިގު އިންތިޒާރެއްކުރިއެވެ. ފައިސާދައްކާ މުއްދަތުޖެހެން ކައިރިވުމުން ދެތިންފަހަރު ހެނާ މަންމައަށް ހަނދާންކޮށްލަދިނެވެ. ރޮޒާލިއާ ނަޝީދު ކައިރީގައި އެވާހަކަބުނުމުން ނަޝީދު ބުނީ ހެނާ ނުކިޔަވާ ކަމަށާއި އަންނަ އަހަރު އޭލެވެލް ހަދަން މަޑުކުރުވުމަށެވެ. ގޭގައި ހުރެގެން އޮންލައިންކޮށްވެސް ކިޔެވިދާނެކަމުގައި އޭނަ ބުނުމުން ރޮޒާލިއާވެސް ފިރިމީހާއަށް ތާއީދުކުރީ އެއީ ހެނާއަށް ވީމައެވެ. އަމީރާގެ ކަންތައްތަކުގައި ބާރުއެޅިޔަސް ހެނާއާއި ޖެހޭއިރަށް ރޮޒާލިއާ ނަޝީދު ބުނާ ކޮންމެ އެއްޗެއް ގަބޫލުކުރާނެއެވެ. ނަޝީދުބުނީ އޭނަގެ ދަރަނިތައް ބޮޑުކަމުން މިވަގުތަށް އަތުގައި ފައިސާއެއް ނުވެސް ނެތީކަމުގައެވެ. ގޭގެ ހުރިހާ ބިލެއްދައްކަމުން ފަސްމީހުން އުޅޭ އާއިލާއަކަށް ޚަރަދުކުރުމަކީ ބޮޑުކަމެއްކަމުގައި ބުނެ ރޮޒާލިއާވެސް ހައްލާލައިފިއެވެ. އޭލެވެލްއަށް ފައިސާ ނުދެއްކޭނެ ކަމަށް މަންމަ ބުނުމުން ހެނާ ކޮޓަރިއަށް އައިގޮތަށް ފާރާއި ދިމާލަށް ބަލަން އިރުކޮޅަކު އިންއިރު ހިތާމައާއި މޮޅިވެރިކަމުގެ ތަސްވީރެއްފަދައެވެ. ކަންތައްވީ އޭނަ ހީކުރިގޮތަށެވެ. ޓިއުޝަން ނުދިންފަދައިން ފައިސާވެސް ނުދެއްކީއެވެ. އޭނަގެ ހުރިހާ ހުވަފެންތަކެއްވެސް ބިލާހަކަށްވެގެން ދިޔައީއެވެ.
ހެނާގެ ލޮލަކުން ކަރުނައެއް ނައެވެ. ނަމަވެސް އޭނަގެ ކަޅު ދެލޮލުގެ އެންމެ ފުންމިނުގައި ވަނީ ހިތާމައިގެ ފުންކަނޑެކެވެ. ދެލޯ ކަރުނައިގެ ކަނޑެއްގައި ފަތަފަތާވިޔަސް އަދި ހެނާގެ ކެތްތެރިކަން ގަދައެވެ.
ހެނދުނު ހެނާ ސްކޫލަށް ނުގޮސް އޮތުމުން އަމީރާ ތައްޔާރުވާން ހުރެފައި ސުވާލުކޮށްލިއެވެ. މިއަދު އަމީރާލައިގެން ހުރީ މަންމަ ފަހާދިން ފެހި އަދި ކަޅުކުލަ އެކުލެވޭ ހެދުމެކެވެ. ހަށިގަނޑުގެ ބައްޓަމަށް ހެދުން ފަހާފައިވާއިރު ވަނާތައް ރީތިކަމާއި ދެމިފައިވާ އިސްކޮޅުގެ ސަބަބުން ލޯތައް އޭނައަށް ހުއްޓޭނެކަން ގައިމެވެ. ލޮލުގައި އަނދުން އަޅަންފެށުމުން ލޮލުގެ ވިދުންގަދަވިއެވެ. ހެނާ ހިންދިރުވައިލިއެވެ. އަމީރާފަދައިން އޭނަ ރީތިވިނަމަ އޭނަދެކެ މަންމަ ލޯބިވާނެކަން ޔަގީނެވެ. އޭނަގެ ކުށަކީ ރީތިނުވިކަމެވެ. އަމީރާއަށް މަންމަ ހެދުން ފަހާދޭގޮތަށް އޭނައަށް ފަހާނުދޭންވީ ސަބަބެއް އެނޫނީ ނެތެވެ.
"ސްކޫލަށް ދިޔުން ހުއްޓާލައިފިން....." ހެނާ އޮތީ ބާލީހުގައި މޫނު ޖައްސާލައިގެންނެވެ.
"އެއީ ކީއްވެގެންނޯ. މީހަކު އެއްޗެކޭ ބުނީތަ....." އަމީރާ ހައިރާންވިނަމަވެސް އެކަމެއް ނުދެއްކިއެވެ. ހެނާ ބުނާނީ ކީކޭހެއްޔެވެ؟ ކުޑައިރުއްސުރެން އޭނަ ހުންނަލެއް މަޑުމައިތިރިކަމުން އެހެންކުދިންގެ ފަރާތުން ގޯނާތަކާއި ޖެއްސުންތައް ކުރިމަތިވާއިރުވެސް އޭނަ ފަހަރެއްގައިވެސް ޝަކުވާއެއްނުކުރެއެވެ. އެހުރިހާކަމެއް އޭނަ ހުންނަނީ ހިތުގައި ފޮރުވައިގެންނެވެ. އެހެން މީހެއްގެ ފަރާތުން ލޯތްބާއި އަޅާލުމަކަށް އޭނަ މިހާރު އުއްމީދުކުރުން ހުއްޓާލައިފިއެވެ.
"ނޫނޭ......" އަމީރާ ކައިރީ ހަގީގަތް ފާޅުކޮށްފިއްޔާ އަމީރާ ހިތްހަމަނުޖެހިގެންގޮސް ދޮންބައްޕައާއި ޒުވާބުކުރާކަށްވެސް ފަހެއްނުޖެހޭނެއެވެ. އަމީރާ ފިޔަވާ އޭނައަށް ކިރިޔާވެސް ހެޔޮއެދޭމީހެއް ދިފާއުގައި ވާހަކަދައްކާނެ އެހެން ފުރާނައެއް މިކައުނަކު ނެތެވެ.
"ދެން...." އަމީރާ އަތުގައި ކްރީމް ލާންފެށިއެވެ. އެއަޅިދެލޮލުން ބަލައިލީ ތުހުމަތުކުރާ ކަހަލަގޮތަކަށެވެ.
"އޯލެވެލްގައި ރަގަޅު ނަތީޖާއެއް ހޯދުނަސް އަހަންނަށް މިހާރު ނުކިޔެވޭކަން އެމީއަށްވެސް އެނގޭނެ. އެންމެފަހުން ހެދި ޓެސްޓްތަކުންވެސް ކިރިޔާ ފާސްވީ. އެހެންވެ ހިތަށް އެރީ އެމީފަދައިން ޖޮބެއް ހޯދާނީއޭ. އޭރުން ފަހުން ކިޔަވާ ހިތްވި ދުވަހަކުން ކިޔަވާނީ....." ހެނާ ހީލީ ހިތަށް ކޮށްފައިވާ އަސަރު ވަންހަނާކުރަންވެގެންނެވެ.
"ހެނާ. މޮޔަވާހަކަ ނުދައްކާ. ލޯނު ނަގައިގެން ރަޝިއާ ޗައިނާ ތަންތަނަށް ކިތަންމެ ކުދިންނެއް މެޑިސިން ހަދަން އެދަނީ. އޭލެވެލް ނިންމާލީމަ އޮޕޯޗިނިޓީ ވަރަށް އޮންނާނެ. ހުރިހާ ޑްރީމްސްތަކަށް ކިހިނެއް ހަދަން ތިއުޅެނީ. އައި ނޯ ހެނާ ޑޮކްޓަރަކަށް ވާން ބޭނުންވާވަރާއި ކިޔަވަން ކުރި މަސައްކަތް......" އަމީރާ ދެލޯ ކުޑަކޮށްލިއެވެ.
"އެނގޭތަ. އައި ސްޓޮޕްޑް ޑްރީމިން..." ހެނާއަށް ބުނެވުނެވެ.
"ވަޓް؟ " އަމީރާ ސިހޭގޮތްވިއެވެ.
"ޑްރީމްކުރުމަށްވުރެ ރިއެލިޓީގައި އުޅެން މާ ފަސޭހަ. ފިއުޗަރގައިވާނެ ގޮތް އެއްވެސް މީހަކަށް ނޭގޭ، މިސިކުންތުގައިވެސް މަރުވެދާނެ. އެހާވެސް މަރު ކައިރީގައިވަނީ. އެހެންވެ މިއަދުން މިއަދަށް ދިރިއުޅެން ޑިސައިޑްކުރީ، އެމީ އަހަރެންގެ ކަންތަކާ ނުވިސްނާ. އަހަރެން ހަމަ މުޅިން އޯކޭ. އެކަމާ ރިގްރެޓެއްވެސް ނުކުރާނަން. ނުކިޔެވޭނެތީ ނުކިޔަވާނަމޭ ބުނެ އޭލެވެލް މިހުއްޓާލީ، ދެން އެމީ ކިތަންމެވަރަށް މަންމަމެންނާއި ވާހަކަދެއްކިޔަސް އަހަރެންގެ ޑިޒިޝަން ބަދަލެއްކުރާކަށް ނޫޅެން. ތަންކޮޅެއް ކުޑައިރު ޑޮކްޓަރަކަށްވާ ހިތްވީ، މިހާރު އެނގޭ އެއީ ކުރެވޭވަރުގެ ކަމެއް ނޫންކަމާއި ހޮސްޕިޓަލަށްވަނީމަ ދެރަވާވަރު. އަހަރެންކަހަލަ އިމޯޝަނަލް މީހުންނަކަށް ބަލިމީހުންނަށް ފަރުވާ ނުދެވޭނެ...." ހެނާ އޮޅުވާލަން ވެގެން ވާހަކަދެއްކިއެވެ. ހަގީގީ ހުރިހާ އިހުސާސްތަކެއް ހިތުގެ އެންމެ ފުންމިނުގައި ވަޅުލައިފިއެވެ. ކުޑައިރުއްސުރެން އޭނަގެ މަންމައާއި ދޮންބައްޕަ އަދި އެކީގައި އުޅުނު އެންމެން އޭނަ ނިކަމެތިކޮށްފައިވާ ވަރާއި ދެރަކޮށްލިވަރުން މިއަދު ދެން ދިރިއުޅުމާއިމެދު އިތުރު އުއްމީދެއް އޭނަ ނުކުރެއެވެ. މޮޅުވަނީ ފައިސާ ހޯދަނީ ދުނިޔޭގައި އުފަލުގައި އުޅުމަށެވެ. އޭނަ ޑޮކްޓަރަކަށްވިޔަސް ފައިސާވެރިޔަކަށްވިޔަސް ލޯބި ނުހޯދޭނެއެވެ. ލޯތްބަކީ އޭނައަށްޓަކާ ހިލޭ އެއްޗެކެވެ. ބަނޑުއަޅާ މައިމީހާގެ ހިތުގައި އޭނައަށްޓަކާ ކުލުނު ނެތްއިރު އެހެން ފަރާތަކުން ލޯތްބަށް އުއްމީދުކުރުމަކީ މޮޔަކަމެކެވެ. އަމީރާ ތަފާތުގޮތްގޮތަށް ވާހަކަދައްކައިގެން ހެނާ ސްކޫލަށް ފޮނުވަން ބާރުއެޅީ އޭނައަށް ހަގީގަތް އޮޅުން ފިލާފައިނުވާތީއެވެ. އެހެންނޫންނަމަ އަމީރާ އެގެއިން ނުކުމެގެން ދިޔައީހެވެ.
އާސާވެސް އޭނަގެ ބައްޕައަކީ ނަފްސާނީ ޑޮކްޓަރަކަށްވީމަ އޭނަގެ ފަރާތުން އެއްޗެއް ލިބިދާނެކަމުގެ އުއްމީދުގައި އަންނަނީހެއްޔެވެ؟ އެހާވަރުން ކުދިކުދި ހަދިޔާތައް ގެނެސްދޭއިރު އޭނަގެ އަތުގައި އާސާއަށްޓަކާ ދޭނެ އެއްވެސް އެއްޗެއްނެތެވެ. އާސާ ކައިރީގައި ހަގީގަތް ކިޔާދޭންވީއެވެ. އޭނައަކީ ނަޝީދުގެ ދޮންދަރިއެއްކަމާއި އާއިލާގެ މީހުން އޭނަ ބާކީކޮށްލާފައިވާ މިންވަރު ބުނެދޭންވީއެވެ. އޭލެވެލް ނެހެދުނީވެސް ކިޔަވާހިތްނުވެގެން ނޫންކަމަށާއި ފައިސާ ނެތިގެން ކަމުގައި ބުނަންވީއެވެ. ނަމަވެސް އާއިލާ ބަދުނާމުކުރާކަށް ހެނާއަކަށް ނުކެރުނެވެ. އެހާ ގާތްކޮށް ވާހަކަދައްކާއިރުވެސް ދެމީހުންވެސް އެކަކު އަނެކަކުގެ އެއްވެސް ސިއްރެއް ހިއްސާނުކުރާތާގައި އާސާއަކީ ކޮންގެއެއްގެ ކުއްޖެއްކަންވެސް ހެނާއަށްވަނީ ނޭގިފައެވެ. އޭނައާއި އާސާގެ ތަފާތަކީ އާސާ އާދައިގެ ކުއްޖަކަށް ނުވާއިރުވެސް އުފާވެރިކަމެވެ. މަޖާކޮށް އުޅޭ އުޅުމެވެ. އާސާ ގްރޭޑް ފަހެއް ނިންމާލިގޮތަށް ނުކިޔަވާކަން އެނގުނީވެސް ދެކެވުނު ވާހަކައެއްގައެވެ.
އެދުވަހު ހަވީރު އާސާ ހެނާއާއި ބައްދަލުކޮށްފައި ޕިއްޒާ ފޮތްޗެއް ދިނެވެ. އަދި ދިއްކޮށްލީ އިޝްތިހާރެއް ޖަހާފައިވާ ގަނޑެކެވެ. ރެސްޓޯރެންޓަކަށް ވޭޓަރަކާއި ކޭޝިއަރަކު ބޭނުންވެގެން އިއުލާންކޮށްފައި އޮތީއެވެ. އާސާ ބުނީ ހެނާ ޕާޓްޓައިމް ޖޮބަކަށް ދާން އެންމެ ރަގަޅުތަން ކަމުގައެވެ. އެންމެ އެކަށީގެންވާ ވަގުތުގައި މި އިޝްތިހާރު ފެނުނުކަމަށްޓަކާ ހެނާ ޝުކުރުވެރިވިއެވެ. ނަމަވެސް އާއްމުކޮށް އަމިއްލަ ތަންތަނުން ވަޒީފާދޭނީ އެމީހުންގެ އާއިލާއަށާއި އެކުވެރިންނަށެވެ. ހެނާއަކަށް އެތަނުން ފުރުސަތު އޮތްހެން ހިޔެއްނުވެއެވެ. އާސާ ބުނީ ރެސްޓޯރެންޓަށް ޒޯހަން ކިޔާ ފިރިހެނަކު އަންނަކަމަށާއި ފިރިހެންވަންތަކަމުގެ މިސާލެއްކަމުގައެވެ. ޒޯހަން އަކީ ހީވާގޮތުން ހޮޓަލުގެ ބޮޑުމީހާގެ ދަރިފުޅުކަމުގައިވެސް ބުނެލިއެވެ. އަދި ހެނާ އުޅެފިއްޔާ ކާމިޔާބުވެދާނެކަމުގައި ބުނުމުން ހެނާއަށް މަޖާވިއެވެ.
"އޭރުން ބިއުޓީ އެންޑް ދަ ބީސްޓްކުޅެން ޖެހޭނީ. އާސާމެން ގެއާއި ކައިރިތަ؟ "ހެނާ ހުރީ މިތަނަށް ދާހިތުން ކެތްނުލަވާފައެވެ.
"މަގޭ ގެއަކީ އެއީ......" އާސާ ހިނިގަނޑެއްޖަހައިލިއެވެ.
"ތިބުނީ އާސާއަކީ އެފެމިލީ ކުއްޖެކޭތަ؟ "ހެނާ ހައިރާންވިވަރުން ދެލޯ ބޮޑުވިއެވެ.