އަމީރާ ރެސްޓޯރެންޓަށް ވަދެފައި ޖައްސައިލީ އެންމެކަނުގައި ހުރި މޭޒުގައެވެ. އޭނަ ކޮފީޑޭޓަށް އައި ޒުވާނާ ގަޑިއަށް ފަރުވާލެއް ނުބެހެއްޓުމުން އަމީރާ ދެރަވިއެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލައިލެވެނީ މާޔޫސްކަމާއިއެކުގައެވެ. ބައިގަޑިއެއްހާއިރު ވާންދެން އިންތިޒާރުކުރިތަނާ ލޫސިއާން ވަންތަން ފެނުނެވެ. އޭނަ ފެނުމާއިއެކު އެތާ ތިބި ކުދިބޮޑު އެންމެންގެ ސަމާލުކަން ހުއްޓުނަސް އޭނައަށް އެކަން އިހުސާސްކުރެވުނުކަމެއް ނޭގެއެވެ. ޖިންސްގެ ޖީބަށް އަތްޖަހާލައިގެން ހިނގާލާފައި އައިގޮތުން އަމީރާގެ ހިތް ތައުރީފުކުރިއެވެ. ކޮންފަދަ ސްމާޓްކަމެއް ހެއްޔެވެ؟

"އެމީއެއް ކަމަކު ތިހާ ވަރަށް ބަލަންޏާ އެސްފީނާ ޖެހިދާނެ......"ލޫސިއާން ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެލަމުން ސަމާސާ ގޮތަކަށް ބުނެލިއެވެ.

"އެންމެންވެސް އެބަ ބަލާ...." އަމީރާ ހީލަމުން ލޫސިއާންއާއި ދިމާލަށް ބަލަން އިނީ ވަރަށް ގަޔާވެފައި ޝައުގުވެރި ނަޒަރަކުންނެވެ. ދުވަހަކު އެގޮތަށް އޭނަ ފިރިހެނަކާއި ދިމާލަށް އެފަދަގޮތަކަށް ބަލައެއްނުލައެވެ. ވޭޓަރު އައުމުން ދެމީހުން ކޮފީއާއި އެހެން ތަކެއްޗަށް އޯޑަރުދީފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. ހުރިހާ މޭޒުތަކެއްގައިވާ ލޯތަކެއް އެދިމާލަށް ހުއްޓިފައިވެއެވެ.

"އެހެން އެކަކަށްވެސް އެހައްގެއް ނުދެން. އެކަމަކު އެމީ ހަމަ ބޭނުންވަރަކަށް ބަލަންވީ. އައިމް އޯލް ޔޯސް...." ލޫސިއާން ދަތްދޮޅީގައި ދެއަތް ވިއްދާލަމުން އެ ކަނޑީގެ މިޔަފަދަ ތޫނު ދެލޯ އަމީރާއަށް ހުއްޓާލުމުން އަމީރާގެ މޫނަށް ރަތްކުލަވެރިވާންފެށީ ބަލަބަލާހުއްޓައެވެ. ލޫސިއާންއަށް ލިބިފައިވާ ލޮލުގެ ތޫނުކަމާއެވެ. އަންހެންކުދިން މޮޔަކޮށްލާވަރުވެއެވެ.

"އަހަރެންގެ މީހަކަށް ވީކަމެއްނޭގޭ. އެހާވެސް މިސްޓީރިއަސް، ލެން މިތަނަށްވަން އިރުވެސް ހީވީ މިސްޓީރިއަސް ފާރެއް ލެން ވަށާލާފާއިހުރިހެން. އެހެންވެ އަދި މާ ޗާމިންވޭ. ހޫމް ދެން އަދި ބުނެފާނަން ވާހަކައެއް. ޔޫ ނޯ އެވްރީތިން އެބައުޓް މީ. ބަޓް އަހަންނަށް އަދި ނޭގޭ ލެންއަކީ ކާކުކަމެއް. ފެމިލީއަކީ ކޮބައިކަމެއް...." އަމީރާ ކުޑަކޮށް ހީލަމުން ބުނެލިއެވެ.

"ތިބުނީ ހަމަތެދެއް. ބައެއްކަންތައް އެނގުމަށްވުރެ ނޭގިއޮތިއްޔާ މާރަގަޅުކަން ނޭގޭ. އެމީވެސް ހިތުގައި ބާއްވައިގެން ތިއުޅޭކަމެއް އަހަންނަށް އަންގައިގެން އަހަރެން ޗޭންޖުވެދާނެތީ ދޯ ނުބުނަން އުޅޭނީ. އަހަރެންގެ ހަގީގަތް އެނގުމަށްފަހު އެމީވެސް ހަދާނެގޮތަކާއިމެދު ބިރުގަނޭ. އަހަންނާއިއެކު ކޮފީއަށްވެސް އަންނާނެކަމެއް ނޭގޭ. ސޯ އެންމެ ރަގަޅުވާނީ ބައެއްކަންތައް އެންމެ ގާތްމީހާއަށްވެސް ސިއްރުކުރުން......" ލޫސިއާން އަމީރާގެ މޫނުން ނަޒަރު ވަކިކޮށްލަމުން އެސްފިޔަތައް ތިރިކޮށްލިއެވެ. އަމީރާގެ ސިކުނޑީގެ ކަނަކުން އެވަގުތު އިންޒާރުކުރިއެވެ. ލޫސިއާންވެސް ސިއްރުކުރަނީ ކޮންމެވެސް އަނދިރި މާޒީއެކެވެ. އޭނަ ފަދައިން ކޮންމެވެސް ބޮޑު ސިއްރެއް ފޮރުވާފައިވަނީއެވެ. އަންހެންކުދިންނަކީ ކެތްތެރިކަން ކުޑަބަޔެކެވެ. ޚާއްސަކޮށް އޭނަގެ ނޫސްވެރިކަމުގެ ސަބަބުން ކަންތައްބަލާ ހޯދުމަށް ފުދޭވަރެއްގެ ޝައުގުވެރިކަމެއް ހުރެއެވެ. އެހެންވެ ލޫސިއާން ސިއްރު އެނގޭހިތުން ކެތްތެރިކަން ކޮޅުންލައިގެން ދާގޮތްވިއެވެ.

އަމީރާ އެއްޗެކޭ ބުނަން އުޅެނިކޮށް ރަފައެލް ވަންތަން ފެނުމުން އަމީރާ ހާސްވިވަރުން ބޭނުންވީ އެތަނުން ދުވެ ފިލުމަށެވެ. މެނޫއިން މޫނު ފޮރުވަން އުޅުނުގޮތުން ލޫސިއާންވެސް އަމީރާ ފިލަނީ ކާކަށްތޯ ބަލަން އެނބުރުނެވެ. އަމީރާ މެނޫ މޫނުން ތިރިކޮށްލަންޖެހުނީ ރަފައެލް ސަލާމް ގޮވައިލިއަޑަށެވެ. ވަރަށް ރަކިވެފާ ބަލައިލިއިރު ރަފައެލްވެސް ގޮނޑި ދަމާލައިގެން އިށީނީ އެމީހުން ކައިރީގައެވެ. ހުއްދަނުދެނީސް ރަފައެލްއަށް އެފަދަ ހިތްވަރެއް ލިބުނީ ކިހިނެއްހެއްޔެވެ؟

"ލެން. ނުވެސް ބުނަމެއްނު އަހަރެންގެ ފަހަރިއަކަށް އެމީ ވާން އުޅޭވާހަކައެއް...." ރަފައެލްގެ ޖުމްލައިން އަމީރާއަށް ބަލައިލެވުނީ ލޫސިއާންއާއި ރަފައެލްގެ މޫނަށެވެ.

"އަދި ނުބުނެވިފައިނެތެއްނު. ޖަސްޓް ކޮފީއަށް އަންނަވަރަށް ކްލޯޒްމިވީ. ފަހަރިއަކަށް ވާ ހިސާބަށް ދިޔައީމަ ގެއަށްވެސް ގެންނާނެކަން ޔަގީން ދޯ އެމީ. އެމީ. މައި ބްރަދަރ ރަފައެލް. މިގައުމުގައިވެސް ނުހުންނާނެ މިހާ މޮޅު ސައިކޭޓްރިސްޓެއް...." ލޫސިއާން ރަކި ހިނިތުންވުމަކާއިއެކު އޭނަގެ ބޭބެ ތައާރަފުކޮށްދިންގޮތުން އަމީރާއަށް މަޖާވިނަމަވެސް ކުޑަވަރެއްގެ ޝޮކެއް ލިބުނެވެ. ކުރިންވެސް އެކަހަލަ ޝައްކެއް އޭނަވަނީ ކޮށްފައެވެ. ވީއިރު ލޫސިއާންގެ މަންމައަކީ މޮޔަނަބީލާކަމުގައި އޭނައަށް ހީކުރެވުނީ ހަމަ ރަގަޅަށެވެ. އެކަމަކު ލޫސިއާން އެހާ ހާސްވެފައި އިނީ ކީއްވެހެއްޔެވެ؟ ރަފައެލް އައުމާއިއެކުހެން އޭނަގެ މޫނުމަތީގައިވިހާ އުފާވެރިކަމެއް ގެއްލި އެދެލޮލުން ފެންނަނީ ކުށްވެރި އިހުސާސްތަކެވެ. ބޭބެއަށް ފަޅާ އެރުމުން ވީގޮތެއްބާވައެވެ. އަމީރާއަށް މާނަކުރެވުނީ އެކަހަލަ ގޮތެކެވެ. އަމީރާވެސް އިނީ އެހާ ކަންބޮޑުވެފައެވެ. އެއްފަރާތުގައި ވެރިމީހާއެވެ. އަނެއްފަރާތުގައި އެންމެ ލޯބިވާ އިންސާނާއެވެ. ރަފައެލްއާއި މެދުގައިވެސް ކޮންމެވެސް ކަހަލަ އިހުސާސްތަކެއް އެއް އިރެއްގައި ހިތުގައި އޮތެވެ. ނަމަވެސް ލޫސިއާން އަލުން ފެނި އޭނައާއިއެކުގައި ވަގުތު ހޭދަކުރަން ފެށުމުން ލޯތްބަކީ ކޯންޗެއްކަން އަމީރާއަށް ވިސްނިއްޖެއެވެ.

ތިންމީހުން ކޮފީ ބުއީ އެކީގައެވެ. އެކި އެކި ވާހަކަތައް ދެކެވުނެވެ. ގިނައިން ވާހަކަދެއްކީ ރަފައެލްއާއި ލޫސިއާންއެވެ. އަމީރާއިނީ ވަރަށް މައިތިރިވެފައެވެ . ލޫސިއާން އެހުމުންވެސް ބުނީ ކުޑަކޮށް ބޮލުގައި ރިއްސަނީ ކަމުގައްޔާއި ގެއަށް ދާން ބޭނުންކަމުގައެވެ. ލޫސިއާން އޭނަ ގެއާއި ހަމަޔަށް ލާން ދިޔައިރު އުޅުނީ ވަރަށް ދުރުންނެވެ. ވިއްސާރަކަމުން މަގުތައްވަނީ އެހެން ދުވަހަށްވުރެ އަނދިރިކޮށެވެ. އަނދިރީގެ ތެރެއިންވެސް ލޫސިއާން ބަލައިލާގޮތުން އަމީރާގެ ހިތްތެޅިގަންނަނީ ގޮތެއް ބަލާފައެއްނޫނެވެ. އެދެލޮލުގެ ވިދުންގަދަކަމާއި ރީތިކަމުން ކެތްނުވެގެން އެންމެފަހުން އަމީރާ އެއަތުގައި ހިފާލައިފިއިރު އޭމޮންގެ އިންޒާރެއްވެސް ހަނދާނެއްނުވިއެވެ. ލޫސިއާންއާއިއެކު ވަގުތުތައް ހޭދަކުރަމުންދާ ވަރަކަށް އޭނަގެ ހިތާއި ޖިސްމުވެސް އަމިއްލަ އިޚުތިޔާރުން ވީއްލިގެން ދާން ފަށަނީ އެހެން ކަމަކާއިމެދު ވިސްނައިލެވޭ ވަރަކަށް ނޫނެވެ.

"އެމީ. ނޯ ޓަޗިން........."ލޫސިއާން އެނާޒުކް އަތް ދުރުކޮށްލައިފިއެވެ.

"ސޮރީ...." އަމީރާ ރަކިވިއެވެ.

"މާފަށް އެދޭކަށް ނުޖެހޭ. އެމީ ތީ ކޮންކަހަލަ ކުއްޖެއްތަ؟ ބައެއްފަހަރު ބުނާނެ އަތްލައިގެން ނުވާނެއޭ. އެހެންމީހެއްގެ މިލްކެއްހެން ހީވާކަހަލަ ގޮތަކަށް އުޅުނީ. މިހާރު ހަމަ ސަޕްރައިޒްވެފަ މިހިރީ. އެމީގެ ހިތް ބަދަލުވާލެއް ހާދަ އަވަހޭ. ތިގޮތަށް ދައުވަތުދެންޏާ ކިހިނެއް ދުރުން އުޅޭނީ؟ މިރޭ މީޓްކޮށްލަން އައިއްޔާ އުދަގޫވާނެތަ..." ލޫސިއާން ހީލަމުން އެހެން ބުނާއިރަށް އަމީރާ އޭމޮންގެ މަތިން ހަދާންވިއެވެ. މިހާރު އޭމޮންގެ އުދަގުލެއް ނުޖެހޭތާ ދެތިންރޭވެއްޖެއެވެ. އޭނަ މަރުވީބާވައެވެ. އެކަހަލަ ޝައިތާނުންގެ ދުއްތުރާތައް ބޮޑުކަމުން ސިހުރުވެރިއަކު އަންދާލީކަމަށްވެސް ވެދާނެއެވެ. އިރާދަކުރެއްވިއްޔާ ނުބައި މަރަކުން މަރުވާނެއެވެ.

"މިރޭ؟ "އަމީރާ ވިސްނުމެއްގެ ތެރޭގައި ހުރެ ބުނެލިއެވެ.

"ބިރުގަންނަނީތަ؟ އަހަންނަށް އިތުބާރުކުރޭ. އެމީގެ ހުއްދަނެތި އަތްނުލާނަމޭ. ހަމަ ވާހަކަދައްކާލާހިތުން. މަގުމަތިން ފެނުނީމަ މީހުން ބަލާވަރުން ބޮލަށް އުދަގޫވޭ. އެހެންވެ ތިރޫމަށް ދާނަން އިނގޭ، ނޫނެކޭ ނުބުނައްޗޭ.... ޕްލީޒް.." ލޫސިއާންގެ ރީތި ދެލޮލަށް ބަލައިލުމާއިއެކު އަމީރާގެ ހިތަށް ވީގޮތެއް ބުނާކަށް ފަސޭހައެއްނޫނެވެ. ވަގުތުން ހިތް ވީއްލިގެންދިޔައެވެ. އާއެކޭ ބުނީ ވިސްނާލުމަކާއި ނުލައެވެ.

ކޮޓަރިއަށް ވަދެފާ އަމީރާ ފާޚާނާއަށްވަނީވެސް ދުޢާކިޔަވާފައެވެ. އޭރުން ޖިންނިންނަށް އޭނަވާނީ ވަންހަނާވެފައެވެ. ނިމިގެން އައުމަށްފަހު ކުޑަދޮރު ހުޅުވާލައިގެން ހުރެ ކޮޓެޖާއި ދިމާލަށް ބަލަން ފެށިއެވެ. ކޮޓެޖަށް ޒިޔާރަތްކޮށް ލޫސިއާންއާއި އެގޭގެ ހުރިހާ މައުލޫމާތެއް ހޯދާހިތްވާންފެށިއެވެ. ލޫސިއާންއާއި ރަފައެލްގެ މަންމަ ނަބީލާއާއި ބައްދަލުކޮށް ވާހަކަދައްކާލާ އިންޓަވިއުއެއް ނެގިއްޖެއްޔާވެސް ރަގަޅެވެ. އެކަހަލަ ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިފައި ހުރިއިރު ކޮޓަރީގެ ކަނުގައި ހުރި އޭމޮން އޭނަގެ ހުރިހާ ހަރަކާތެއް ދެކެން ހުރިކަމެއް ނޭގުނެވެ. އަމީރާ ޚިޔާލުކުރަން ހުރެފާ ބޮލަށް އުދަގޫވެގެން އައިގޮތަށް އެނދުކައިރިއަށް ކުޑަކަކޫމައްޗަށް ތިރިވެ ބާލީހުގައި މޫނުޖައްސާ ބާރުކޮށްލަމުން ހަޅޭއްލަވައިގަތެވެ. ހުރިހާ ރުޅިއަކާއި ފިކުރެއް ބޮލުން ނެރެ ހުސްކުރަން ބޭނުންވެފައިވާ ގޮތަކަށެވެ. ދެން ހަނދާންވީ މިރޭ ލޫސިއާން އަންނަން ބުނިކަމެވެ. އޭމޮންއަށް މިކޮޓަރިން ފެނިއްޖެއްޔާ ލޫސިއާން ނޮޅާލާކަށް ފަހެއް ނުޖެހޭނެއެވެ. އަމީރާ ހާސްވެފައި ލޫސިއާންއަށް ގުޅަން މަސައްކަތްކުރިއިރު ފޯނު އޮތީ ނިއްވާލާފައެވެ. އެހެން ހާސްވެފައި ހުއްޓާ ލޫސިއާން އައުމުން މަޖުބޫރުވީ ބައްދަލުކުރާށެވެ.

ލޫސިއާންއާއި އަމީރާ އެރޭ ވާހަކަދައްކަން ތިބީ އެގޭތެރޭގައި ހުންނަ ފުނަގަހުގެ ހިޔަލުގައެވެ. ހަނދުވަރުގެ އަލީގައި ދެމީހުން އަތުގުޅުވާލައިގެން ތިބެ އެކި ވާހަކަދައްކަމުން ދިޔައިރު އަމީރާގެ ނަފުސް ކިތަންމެ ފަހަރަކު އޮޔާލައިގެން ދިޔައެވެ. އެހެންނުވާނީ ކީއްވެހެއްޔެވެ؟ ލޫސިއާންގެ ދެލޮލަށް ބަލައިފިއްޔާ އަންހެންކުއްޖަކު މޮޔަކޮށްލާނެއެވެ. އެހާ ރީތި ދެލޯ އަމީރާ ދުވަހަކު ދެކެފައެއްނެތެވެ. ލޫސިއާންއަކީ ސީދާ ވާހަކައެއްގެ ތެރެއިން އެރިގެންއައި އޭނަގެ ޚިޔާލީ ހުރިހާ ސިފަތަކެއް އެކުލެވޭ ފުރިހަމަ ބައިވެރިޔާއެވެ. އޭމޮންއަށް އޭނަގެ ހަށިގަނޑުން ގަދަކަމުން އުފާ ހޯދެންޏާ ލޫސިއާންއަށް އެހައްގު ނޯންނާންވީ ކީއްވެހެއްޔެވެ. ނަމަވެސް އޭނަ އެފަދަ ފާފައަކަށް އަރައިނުގަންނާނެއެވެ. އޭނަގައިގާ ވަކި ލިމިޓެއްގެ ތެރޭގައި އަތްލިޔަސް އެންމެ ރަގަޅުކަމުގައި އަމީރާ ބުނީ ލޫސިއާން އުޅޭލެއް ދުރުކަމުންނެވެ.

"މާ ވަރަކަށް ތިވިސްނަނީ ކޯންޗެއްތަ؟ "ލޫސިއާންގެ މޭގައި ލައްވެގެން އިން އަމީރާގެ އިސްތަށިގަނޑާއި ކުޅެލަމުން ލޫސިއާން އަހާލައިފިއެވެ.

"ހިތަށް އަރަނީ އަހަރެމެން ވަކިވާން ޖެހިދާނެއޭ......" އަމީރާ ބުނެލިއެވެ.

"ޝްޝްޝް....ތިހެން ނުބުނޭ. އެފަދަ ދުވަހެއް އަތުވެއްޖެއްޔާ މިބިންމަތީގައި ހުންނާކަށްވެސް ބޭނުމެއްނޫން. ތެދަށް ބުނަންޏާ އަހަރެން ކުރިން އަމީރާދެކެ ލޯތްބެއްނުވަން. ކޮފީއަށް ދާންފެށިފަހުން ލޯބި ދަސްވީ، މިހާރު ހިތަށް އަރާ ކުރިން ނޭގުނީ ކީއްވެބާވައޭ........." ލޫސިއާންގެ ޖުމްލައިން އަމީރާ ހައިރާންވިއެވެ.

"އެކަމަކު ބުނި ފުރަތަމަ ދުވަހުން ފެށިގެން ލޯބިވެއޭ. އެހެން އަންހެންކުއްޖަކާއި ދިމާލަށް ބަލާވެސް ނުލަމޭ. ޕްލީޒް ބީ އޮނެސްޓް ލެން. ދޮގުހަދާ މީހުންދެކެ ވަރަށް ފޫހިވޭ........."އަމީރާ ތުންފިތާލުމުން ލޫސިއާން ހޭންފެށިއެވެ.

"ބައެއް ހާލަތްތަކުގައި ދޮގުހެދުމަކީ މައްސަލައެއްނޫން. އަހަންނަށްވެސްވަނީ އެކުށްކުރެވިފައި. އެކަމަކު ތެދަށް ބުނަންޏާ އެމީ ނޫން އަންހެނެއްގެ ގައިގާ އަހަރެން ބީހިފައެއްނުވާނެ. އަހަރެން ބޭނުން ކޮންމެ އަންހެނަކު ކައިރިއަށް އަންނާނެކަން ޔަގީންވާއިރުވެސް މިވީހާތަނަށް އެފަދަ ޚިޔާލެއްނުކުރަން. އެމީއަކީ އަހަރެންގެ އެކަނި މިލްކެއްކަމުގައިވާން ބޭނުމީ. އެކަމަކު އެމީ އަހަންނަށް ހުރިހާ ހަގީގަތެއް ކިޔާނުދެމެއްނު. އެއްވެސް މީހަކު މަޖުބޫރުކުރަނީތަ؟ ވަޓްއެބައުޓް ޔޯ ރިލޭޝަންޝިޕް ވިތް މައި ބްރަދަރ. އޭނަދެކެވެސް އެމީ ލޯބިވާންފެށީތަ؟ އަހަންނަށް ނޭގޭކަމެއް އޮތީތަ؟ ނޫނީ އެކަނި ޑޮކްޓަރ ޕޭޝަންޓް ރިލޭޝަންޝިޕްތަ؟ " ލޫސިއާން އެތައް ސުވާލެއް އެއްފަހަރާ ކުރިމަތިކުރުވިއެވެ.

"ރަފައެލްއަކީ ނަފްސާނީ ޑޮކްޓަރަކަށްވީމަ އޭނަގެ ކައިރިއަށް ދިޔައީ. އޭގެ ކުރިންވެސް އޮފީހުގެ ބޮސްއަށްވީމަ ވެރިމީހާކަމުގައި ދެކެވުނީ. ....."އަމީރާ ބުނެދިނެވެ.

"ނަފްސާނީ ކޮން މައްސަލައެއް ދިމާވެގެން ރަފައެލް ކައިރިއަށް ދިޔައީ؟ އަހަންނަށް ކިޔާދީ. ރަފައެލް ދެނެހުރި ވާހަކައެއް އަހަންނަށް ފޮރުވުމުގެ މާނައެއްނެތެއްނު..........."ލޫސިއާންގެ ދެލޮލުގައި އެހުންނަ ބާރެއްގެ ސަބަބުން އަމީރާގެ ހިތުގައިވާ އެއްޗެއް ފޮރުވާފައި ބޭއްވުމަކީ ފަސޭހަކަމެއްނޫނެވެ. ނުދައްކަން ހުއްޓާ އަމީރާއަށް ވާހަކަދެއްކުނީ އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ. ހިޕޮނޮޓައިސްކުރުންފަދަ ކޮންމެވެސް ކަމެއް ކުރީކަހަލައެވެ. އޭމޮންގެ ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު އެ އިންޒާރުތައް ހަދާންވެފައި އަމީރާ ކަންބޮޑުވާގޮތްވެ އިނގިލީގައި ދަތްއަޅައިގަތެވެ. އޭމޮން ރުޅިއައިސްގެން ހެނާމެންނަށް އަނިޔާކޮށްފާނެއެވެ. އަމީރާގެ ދެލޮލުން އަންނަ ކަރުނަތައް ފެނުމުން ލޫސިއާން އިނީ ދެރަވެފައި ބަލަހައްޓައިގެންނެވެ. މި އަންހެންކުއްޖާ އުފުލާ ވޭންތަކާއި ދެރަވާވަރު ލޫސިއާންއަށް އިހުސާސްކުރެވި ހިތަށް ކުރި އަސަރަކުން އެކުއްޖާ ގެނެސް މޭގައި ފޮރުވައިލެވުނެވެ.

"އެމީ. ދެން އެމީހަކު އެމީގެ ގައިގާ އިނގިލިކުރި ޖައްސައިލިޔަސް އިނގިލި ބިންދާލާނަން. ޓްރަސްޓްމީ މިހާރު ހުރިހާ ވާހަކައެއް އެނގުމަށްފަހު އަހަރެން މިހިރީ އެމީގެ ބޮޑީގާޑެއްގެ ގޮތުގައިކަމަށް ބަލާ. އެކަކަށްވެސް އަތްލިޔަކަނުދޭނަން. އެމީއަކީ އެކަނި އަހަރެންގެ މިލްކެއް. އަހަރެންގެ ފުރާނަޔާ...." ލޫސިއާންގެ ވާހަކަތަކުން އަމީރާގެ ހިތަށް މާބޮޑު ޔަގީންކަމެއް ނުލިބުނެވެ.

"އެއީ އިންސާނެއް ނޫންކަން އެނގިހުރެ ތިހެން ބުނަނީޔޯ...." އަމީރާ ކަންބޮޑުވެފައި ވަށައިގެން ހޯދާލައިފިއެވެ.

"ޖިންނިންނަށްވުރެ އެމީވެސް މާ ބާރުގަދަވާނެ. ޑޯންޓް އަންޑައެސްޓިމޭޓް ޔޯސެލްފް. އަހަރެން ހުއްޓާ އެއްވެސް ފިރިހެނެއްގެ ހިޔަނި އެމީގެ ހަޔާތަކަށް އެޅުނަނުދޭނަން. ޖިންނިއަކަށްވިޔަސް ހެވޭ.." ލޫސިއާން ހިނިތުންވެލަމުން ވައުދުވިއެވެ. އަމީރާގެ ނިތުގައި ބޮސްދިނެވެ. މިފަހަކަށްއައިސް އެވަރުކޮށްލަން ލޫސިއަން ޖެހިލުމެއްނުވެއެވެ. އިރުއިރުކޮޅާ ނޭފަތްނޫނީ ކޮލުގައި ހިފާލުން ނޫނީ ނިތުގައި ބޮސްދިނުމުން އަމީރާއަށް އެކަން ވަނީ ވަރަށް ރޮމެންޓިކް ކަމަކަށެވެ.

އެރޭގެ ފަހުން ލޫސިއާންއާއި އަމީރާއާއި ދެމެދުގައިވާ ސިއްރުފަރުދާ އުފުލި ދެމީހުންގެ އެކުވެރިކަމާއި ލޯބި ވަރުގަދަވިއެވެ. ކޮންމެ ރެއަކު ދެމީހުން ފުނަގަސްކައިރިން ބައްދަލުކުރުން އާދަކުރިއެވެ. މަޑުމަޑުން ގާތްވެ ދެހިތް ހަލަބޮލިވާއިރުވެސް ލޫސިއާން އަމީރާގެ ފަރާތުން އުފަލެއް ހޯދާކަށް ނޫޅުނެވެ. އެކަމާއި އަމީރާ ހައިރާންވިއެވެ. އޭމޮންއާއި އަޅާކިޔުނެވެ. މިފަހަކަށްއައިސް ރަފައެލް ބުނާގޮތަށް ނަމާދުކޮށް ބަގަރާސޫރަތް ކިޔަވަންފެށިފަހުން އޭމޮން އައުން މުޅިން ހުއްޓުމުން އަމީރާ ހުންނަނީ ނިކަން ހިތްފަސޭހަވެފައެވެ. ދުވަހަކު ހިތަށް މިހާ ބޮޑު އުފަލެއް ލިބުނުކަމެއް ނޭގުނެވެ. އޭނަ ހުންނަނީ ރަފައެލްއަށް ޝުކުރުއަދާކުރާނެ ގޮތެއްވެސް ނޭގިފައެވެ.

ލޫސިއާންއާއި އަމީރާގެ ލޯބީގެ ގުޅުން ބަދަހިވަމުން ދިޔައިރު ދިރިއުޅުމުގެ ހުރިހާ އުއްމީދުތައް ނިވެނީކަމުގައި ހެނާއަށް އިހިސާސްކުރެވެން ފެށިއެވެ. އަމީރާ އުފަލުން ހިނިތުންވަމުން އަބަދު ހީހީ ހުންނައިރު ހެނާގެ ލޮލުން ކަރުނަ ނުހިކެއެވެ. ނަމާދުކޮށް ދުޢާކުރުންފިޔަވާ އެހެންކަމެއް ނުކުރެވެއެވެ. ރެސްޓޯރެންޓަށް ދިޔުންވެސް އޭނަ ހުއްޓާލައިފިއެވެ. އެހެން އުޅެމުން އޭނަ މައިކަލްއަށް މެސެޖްކޮށްފައި އާދޭސްކުރިއެވެ. ދުވަސްކޮޅަކަށް މަޑުކޮށްދިނުމަށް އެދުނެވެ. މައިކަލް ބުނީ މިހާރު ތާރީޚު ނިންމާފައިވާކަމަށާއި އެއްވެސް ބަދަލެއްނުގެނެވޭނެ ކަމުގައެވެ. އުމުރުން ސަތާރައަހަރުވާއިރު އަންހެންކުއްޖަކު ބޮޑުނުވެ ހުންނާނެކަމުގައި އޭނަ ގަބޫލުނުކުރާކަމުގައި ބުނެލިއެވެ. ހެނާ އެއިން ކޮންމެ މެސެޖެއް ބަލާލާއިރަށް ހިތް އޮއްސިގެންދާލެއް ވަކިން ބޮޑެވެ. އެހެން ހުއްޓާ ފުރާ ދުވަސްޖެހިއްޖެއެވެ. އެއްވެސް ފަރާތަކުން އެހީތެރިކަމުގެ އަތެއް ދިއްކޮށެއްނުލިއެވެ.

މައިކަލްއާއި ޒޯހަންއާއިއެކުގައި ދިއްލީއަށް ދިޔުމަށްފަހު ޖެހިގެން އައި ދުވަހު އެކައިވެނި ކުރެވުނެވެ. ބޭނުންވާ ހުރިހާ އެއްޗެއް ތަންކޮޅެއްކުރިން އެކޮޅަށް ފޮނުވުމަށްފަހު މައިކަލްއޮތީ ހުރިހާކަމެއް އަވަސްކުރަން އެކުވެރިޔަކާއި ހަވާލުކޮށްފައެވެ. އެހެންނޫންނަމަ އެހާ ފަސޭހައިން ހަމަނުޖެހުނީސްކަން ޔަގީނެވެ. ގާޒީއާއި ހެކިވެރިންނާއިއެކު އޮތް ކުޑަ ރަސްމިއްޔާތެއް އެމީހުން ތިބިގޭގައި އޮތެވެ. މަޖުބޫރުވެފައިވާ ހާލުގައި ހެނާ ރަންކިޔާ ސޮއިވެސް ކުރިއެވެ. ބަދުނަސީބުކަން ސާލެއްފަދައިން އޭނަގެ ޖިސްމުގައި އޮޅައިލެވި ހަޔާތް އަނދިރިކަމުގެ ތެރެއަށް ގެނބުމުން އަމިއްލަ ނަފުސްދެކެވެސް ފޫހިވެއްޖެއެވެ. މިހާރު އޭނައަކީ ދުނިޔެއަށް ނޭވާލިޔަސް ދިރިނެތް މީހެއްފަދައެވެ.

ޖެނުއަރީމަހުގެ ކުރީކޮޅުކަމުން ދިއްލީގެ ފިނިހޫނުމިން އުޅެނީ ވަރަށް ދަށުގައެވެ. ހެނާ ޖެކެޓްލައިގެން ހުރިއިރުވެސް ފަޒާގެ ފިނިވައި ގަނޑުފެނުން ހަދާފައިވާ ސާލެއްފަދައިން އޭނަގެ ގައިގާ ބައްދާލާފައިވާހެން ހީވިއެވެ. ރޫރޫއަޅަމުންގޮސް ފުރާނަނުކުމެދާނެފަދަ އިހުސާސްތަކެވެ. މައިކަލް ހިފާފައިހުރި ގޭގައި ހީޓަރެއްހުރީ ނަމެއްގައެވެ. ގޭސްހީޓަރެއްކަމުން އޭގެ ކައިރިއަށްގޮސް އަތްދިއްކޮށްލައިގެން ކައިރީގައި އިނދެގެން ނޫނީ ހޫނުކަމެއް ލިބޭނީއެއްނޫނެވެ. މައިކަލްއާއި ޒޯހަން ސިޓިންރޫމްގައި ތިބުމުން އެފުރުސަތެއްވެސް ނުލިބުނެވެ. އެދެމީހުން ކޮފީބޯން ތިބެ ކޮންމެވެސް ސަކަރާތެއް ޖަހާފައި ހޭއަޑު ހެނާ ކޮޓަރީގައި އޮތްއިރުވެސް އިވެއެވެ. އޭނައަށް މަލާމާތްކޮށްފައި ހެނީކަމުގައި ހެނާ ނިންމިއެވެ. ކައިވެނީގެ ހެކިވެރިއަކަށް ޒޯހަން އައިކަން އެނގުމުން އޭނަގެ ހިތް މިވަނީ ހަލާކުވެފައެވެ. އަމިއްލަ ނަފުސްގެ އެއްވެސް އަގެއް ނެތެވެ. އޭނަގެ ލޯބި މިވަނީ ބަދުނާމުވެ ނިމިފައެވެ. އެނޫންގޮތަކަށް ހިތް ގަބޫލެއްނުކުރެއެވެ. ދެލޯމަރާލައިގެން ނިދާކަމަށް ހެދިގެން އޮތްވާ ގެއިން ކަރަންޓުކެނޑުނެވެ. ކުއްލިއަކަށް އެ އަނދިރީގެ ތެރެއިން މީހެއްގެ ފިޔަވަޅުގެ އަޑު ގާތްވަމުން އަންނަކަން އެނގި ހެނާގެ ހިތް ހުއްޓޭވަރުވިއެވެ. ދެލޯ މަރާތަގުޅިކޮށްލައިގެން އޮތްއިރު ނޭވާވެސް އެތެރެހަށީގައި ތާށިވެއްޖެއެވެ.

އެއީ މައިކަލްއެވެ. އޭނަގެ ފިރިމީހާއެވެ. ކޮންމެ ގޮތެއްވިޔަސް އޭނައަށް މިރޭ މަޖުބޫރުވީ ހިމޭންކަން ޚިޔާރުކުރުމަށެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ބާލީހަށްވަންއިރު އޭނަ އަނގައިން ޗުއްޕު ބުނެނުލާ ކެތްކުރިއެވެ. އެނޫން އެއްވެސް ގޮތެއްނެތްކަން އެނގިއެވެ. ނޫނެކޭ ބުންޏަސް ގަދަކަމުންވެސް އޭނަ ބޭނުންވާކަންތައް ހާސިލުކުރާނެކަން ހެނާއަށް ޔަގީންވިއެވެ. މައިކަލްގެ ހަށިގަނޑުގެ ހޫނުކަމުން ހީފިލާދިޔައިރު ހިތާއި ޖިސްމުގައި އެޅިވޭންވެސް ކުޑައެއްނޫނެވެ. އެއަތުގެ ފިރުމުންތަކަށް އޭނަ މަރުހަބާ ނުކިޔަސް މައިކަލް ބޭނުންވަރަކަށް އުފާތައްހާސިލުކުރިއެވެ. އެންމެފަހުން އެބާރުގަދަ އަތުގެތެރޭގައި އޭނަ ގައިދުކޮށްގެންއޮވެ ނިދާލުމުން ހެނާ އަތުގެތެރެއިން ނުކުންނަން މަސައްކަތްކުރިއެވެ. ނިދުނީ އެކަންކާމިޔާބުނުވެ އޮތްވައެވެ.

ހެނދުނު ހޭލެވިގެން ހެނާ ބާލީހުން ބޯ ހިއްލައިލިއިރު މައިކަލް ލައިގެން ހުރި މަޑުނޫކުލައިގެ ޓީޝާޓު ބިންމައްޗަށް އެއްލާލާފައިއޮތެވެ. އޭނަގެ ގަޑިވެސް އޮތީ ސައިޑްޓޭބަލް މަތީގައެވެ. ރޭ ހިނގި ކަންތައްތައް ހަދާންވުމުން ހިތަށް އުދަގޫވިނަމަވެސް މިއަދު ލޮލަށް ކަރުނައެއްނައެވެ. ރޮއިގެން އެއްވެސް ކަމެއް ހާސިލެއްނުކުރެވޭނެއެވެ. އޭނަ ލޯބިވެރިޔާއަށްޓަކާ ރައްކާކުރިހާ އެއްޗެއް އެއްވެސް މާނައެއްނެތް ގޮތެއްގައި މައިކަލް ފޭރިގެންފިއެވެ. ކިރިޔާވެސް ރަގަޅުކަމަކަށްވީ މައިކަލްގެ އަތުތެރޭގައި ނިދާލެވުމުން ފިނީގެ އުދަގޫތަކުން ސަލާމަތްވެވުނީތީއެވެ ހެނާ ތެދުވިގޮތަށް ބިންމަތީގައި ފައި ޖައްސާލެވުމުން އަދި ފިނިވެގަތީ ވަކިގޮތެއް ބަލާފައެއްނޫނެވެ. ވިސްނާނުލާ އިސްކުރަށް ދޫކޮށްލުމުން ގަނޑުފެންފަދަ ފިނިފެން ހަމަލާދިންގޮތުން ހީވީ އެކިތަންތަނަށް ގަނޑުފެނުގެ ތީރުތައް ކޮށްޕާ ތޮރުފައިގަތްހެންނެވެ. ގައިގާވާހާ ހިމަ ލޯލިތައްވެސް ހުރީ ކޮޅަށެވެ. ނުކުމެ ކޮޓްންހެދުމެއްލައިގެން ދިގުޖެކެޓެއް ގަޔަށްމަހާލުމުން ހީފިލާގޮތްވިއެވެ. އޭނައަށް ކޮފީއާއި މަސާލާ ދޯސާ ގެނެސްދީފައި މައިކަލް ބުނީ އަވަހަށް ސައިބޮއިގެން އެމީހުންނާއިއެކު ބޭރަށް ދިޔުމަށެވެ. އެކަނިގޭގައި ހުންނަން ނުކެރުމުން އޭނަ މައިކަލްއާއި ޒޯހަންއާއި ބައިވެރިވިއެވެ. ދެމީހުންނާއިއެކު ކާރުގައި ދިޔައިރު އޭނަ އިންނަންޖެހުނީ މައިކަލް ކައިރީގައެވެ. ކާރަށް އަރާ ލޮޅުންތަކާއިއެކު މައިކަލްގެ ގައިގާ ހަށިގަނޑު ޖެހުމުން ހެނާވަނީ އަމަށަކު ފޫއްސެއްނޫނެވެ. ކުރުގެޅިލައިގެން އިންދާ އެންމެފަހުން މައިކަލް އޭނަގެ ކޮނޑުގައި އަތް ބާއްވައިލިއެވެ.

"މާ ބޮޑަށް ފިނިވަނީ ދޯ. ނުކައި ހުންނާތީއޭ ތިހާ ހިކީ؟ މީހަކު ހިތްހަމަޖައްސާލަދެވޭ ވަރަށްވުރެ މާ ހިކި. ހަގްވެސްކޮށެއްނުލެވޭ........" މައިކަލް އެއްލޯ މަރާލުމުން ޒޯހަން ކުޑަކޮށް ހީލަމުން އެވާހަކައަށް އަދި ތާއީދުކުރިއެވެ.

"އެހެން ކަމެއް ނުކުރިޔަސް މައިކް ތިކުއްޖާއަށް ތަންކޮޅެއް ގިނައިން ކާންދޭންވީއެއްނު......." ޒޯހަން ހީލިއެވެ.

ހެނާގެ ލޮލަށް ކަރުނަ ނައީ ހަމަ ކިރިޔާއެވެ. އޭނައަށް ސިއްރުސިއްރުން ލޯބިމިވެވެނީ ފިރިމީހާގެ އެންމެ ގާތް އެކުވެރިޔާދެކެއެވެ. ފިރިޔަކު ހުއްޓާ އެހެން މީހުންނާއިމެދު ވިސްނުން ހުއްދައެއްނުވާނެއެވެ. އިސްއުފުލާ ބެލުމަކީވެސް ރަގަޅު އަންހެންކުއްޖަކު ކޮށްގެން ވާނެކަމެއް ނޫނެވެ. މިވަރުގެ މަޖުބޫރީ އެއް އަންހެންކުއްޖަކާއި ކުރިމަތިލާކަށް ނުޖެހޭނެއެވެ. ތަންތަން ބަލަންގޮސްފާ އެދެމީހުންނާއިއެކު ސެލްފީ ނަގަން މަޖުބޫރުވެސްކުރިއެވެ. ހެނާއަށް އޮޅިގެން ނަމަވެސް ބެލުނީ ޒޯހަންއަށެވެ. އެގޮތަށް ވުމުން ހެނާ އަމިއްލަ ނަފުސަށް އަޑުލައެވެ.

ގެއަށްދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އެދެމީހުން ހެނާއެކަނި ކޮށްލާފައި ގެއިން ބޭރަށް ކާންދިޔައެވެ. އެނބުރި އައީ ކުކުޅުބިރިޔާނި ހިފައިގެންނެވެ. މައިކަލް ހެނާކައިރީ ކާން އަންނަން ބުނުމުން ހެނާ ބަނޑުހައިވެފައިވާ ވަރުން ކާކޮޓަރިއަށް ދިޔައެވެ. އޭރު ހޫނު ކޮފީވެސް ހަދާފައިހުއްޓެވެ. ހެނާ ކުޑަކޮށް ކާލައިގެން ކޮފީމަގުގައި ދެއަތްތިލަ ވަށައިލުމުން ފިނީގެ އުދަގޫތަކުން އިރުކޮޅަކަށް ނަމަވެސް ސަލާމަތްވެވުނެވެ. ނަމަވެސް ގަދަ ފިނި އެ ސައިތަށީގައިވާ ހޫނުކަން ދަމައިގަންނަން ނެގީ މަދު ސިކުންތުކޮޅެކެވެ. ކޮޓަރިއަށްވަން ގޮތަށް ހެނާ ޖެކެޓް ބާލަންވެސް ނޫޅެ އެނދުގައި އޮށޯތުމާއިއެކުހެން ފުން ނިންޖަކަށް ގެނބުނެވެ. ހޭލެވިގެން ލޯ ހުޅުވައިލިއިރު ފިނިގަދަކަމުންގޮސް އޭނަގެ ހަށިގަނޑު ގަނޑުފެން ގަނޑަކަށް ނުވެ އޮތީ ކިރިޔާއެވެ. ގައިމަތީ އަޅާފައިވާ ރަޖާ ކުޑަކޮށް ނެގިއިރު ގައިގާ އަންނައުނު ނެތުމުން ހާސްވުމާއިއެކު ތެދުވާން އުޅުނުތަނުން މައިކަލް ކޮޓަރިއަށްވަނެވެ.

"މޯނިން ހެނާ......." މައިކަލް ހިނިތުންވެލިއެވެ.

"ރޭ ކީއްކުރީތަ...." ހެނާއަށް ރޮވޭގޮތްވިއެވެ.

"ވަޓް؟ "މައިކަލް ދެބުމަ ކައިރިކޮށްލިއިރު ހީވީ އޭނައަށް އެއްވެސް ކަމެއް ނޭގޭހެންނެވެ.

"ނިދަންއޮތްވާ ކީއްކުރަން........." ހެނާއަށް ވެވޭނެނަމަ މައިކަލްގެ މޫނުމަތީގައި ޖެހުނީހެވެ. މައިކަލް އިރުކޮޅެއްވާންދެން ފާޑަކަށް ބަލަން ހުރީ ހެނާ ކީ އެއްޗެއް މުޅިން ދޭހަނުވެގެން ކަހަލަ ގޮތަކަށެވެ. ސިކުންތުކޮޅެއްފަހުން ވިސްނިގެން މަލާމާތުގެ ފާޑަކަށް ހީލިއެވެ.

"ތިއީ މީހުން ކުރާ ކަހަލަ ސުވާލެއްވެސް ނޫނެއްނު. އަހަރެން ކޮންމެ ކަމެއްކުރިޔަސް ހުއްދަ ހޯދާކަށް ނުޖެހޭނެ. ޔޫ އާ މައި ވައިފް. އެހެންނުނަސް ހެނާ ނިދާލެއް ގަދަކަމުން ވާނީ ތިހެން. ރޭ ފިނިގަދަކަމުން އަހަރެންވެސް އަންހެނަކަށް ބޭނުންވާނެ ދޯ. ހެނާ އެހާ ގަދަޔަށް ނިދުމަކީ އަހަރެންގެ ބާރުގައިވާކަމެއް ނޫން. އަދި ހެނާ ނިދިޔަސް ނުނިދިޔަސް އަހަރެން ބޭނުންވާކަމެއް ނުކޮށްވެސް ނުހުރެވޭނެއްނު. އެނީވޭސް ސްލީޕިން ޑިސްއޯޑާއެއް ހުންނަނީތަ؟ އަބަދުވެސް ތިހާ ނިދިގަދަތަ؟ މީހަކު މަރާލިޔަސް ހޭނުލެވޭނެ ދޯ...." މައިކަލްގެ ވާހަކަ ހުރިގޮތުން ހެނާގެ ހިތަށް އަސަރުކުރިއިރު އެހާބޮޑަށް ލަދުވެސްގަތެވެ. ފުރަތަމަ ރޭ ކަރަންޓު ނެތުމުންނާއި އެކު އޭނައޮތީ ހަމަހޭގައެވެ. ދެރައީ މައިކަލް އޭނަ ނިދާފައިއޮތްވާ އެކަމުގެ ނާޖާއިޒު ފައިދާ ނެގުމުންނެވެ. މާތް ފިރިހެނަކު ކުރާނެކަހަލަ ކަމެއްވެސް ނޫނެވެ. މައިކަލް ހާދަ ހަޔާތްކުޑައެވެ. ނުބައި ނުލަފާ ފިރިހެނެކެވެ. އެކަމަކު ދެން ސަލާމަތްވާނީ ކިހިނެއްހެއްޔެވެ؟ އޭނަގެ ހަށިގަނޑު މައިކަލް ބޭނުންވަރަކަށް ބަލާނެކަން އެނގުމުން ލަދުންގޮސް އިތުރު ވާހަކައެއް ދައްކާނެ ހިތްވަރެއްވެސް ނުލިބުނެވެ. މިހާ ބޮޑު ލަދެއް އުމުރު ދުވަހުވެސް އޭނަ ނުގަނެއެވެ. ކައިވެނީގެ ފުރަތަމަރޭވެސް މިހާ ބޮޑު ލަދުވެތިކަމެއް ކުރިމަތިނުވެއެވެ. ދެންވެސް މައިކަލް ކަންތައްކުރާނެ ގޮތް އެނގެނީއެއްނޫނެވެ. ރުޅިއަށްވުރެވެސް ގަތް ލަދު ބޮޑުވުމުން މޫނާއިއެކު ރަޖާއަޅާ ފޮރުވިއިރު ލޮލުގައި ކަރުނަ ގިނަވެގެންފިއެވެ.

"އައި ހޭޓް ޔޫ...."ހެނާގެ ހިތުގެ ފުންމިނުގައި އެ ލަފުޒުތައް ތަކުރާރުކޮށް ގުގުމަންފެށިއެވެ. މައިކަލް ހެނާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްނެތި ގޮނޑީގައި އަޅުވާފައި އޮތް ޖެކެޓް ގަޔަށް މަހާލައިގެން ނުކުންނާން ހިނގައިގަތެވެ. އޭނަ އެކަނި ގޭގައި ބައިންދާފައި އެދެމީހުން ބޭރަށްދާން އުޅެނީކަން ޔަގީނެވެ. އޭނަވެސް ނުކުމެގެންދާނީއެވެ. މައިކަލް ނުކުތުމާއިއެކު ގައިގާ ބެޑްސީޓު އޮޅާލައިގެންގޮސް އޭނަ ދޮރު ތަޅުލައިގެން ފެންވަރަންވަނެވެ. ހޫނުފެނުން ފެންވަރާނިމުނުއިރުވެސް ހީކަރުވައިގަނެގެން ރޫރޫއަޅަން ފަށައިފިއެވެ. ސްވެޓަރު ހެދުމެއްލައިގެން ތަންކޮޅެއް ބޯ ޝޯލެއް އަޅާފައި ޖެކެޓްލިޔަސް ފިނިކަން ކެނޑޭގޮތެއްނުވިއެވެ. ނުވީތާކަށް އޭނަ ކިބިހި އަޅާ ނޭފަތުން ފައިބަންފެށިއެވެ. ބަލިވެސްވީއެވެ. ގޭގައި އެކަނި އިނުމަށްވުރެ ބޭރަށް ނުކުމެލިޔަސް އެކަނިފިލާނެއެވެ ސިޓިންރޫމަށް ނުކުމެފައި ހެނާގެ ފިޔަވަޅުތައް ގަނޑުވިއެވެ.

ކޮމެންޓް 0