ހެނާ އެންމެ މަތީ ހަރުފަތުގައި ފައިއެޅުނުތަނާހެން ހެޔަށް ގޮތެއްވިއެވެ. އެވަގުތުވެސް ދަރިފުޅަށް ކަމެއްވެދާނެތީ ބިރުގެންފާ ސަލާމަތަށް އަތްދިއްކޮށްލެވުނީ ރެއިލިންގައި ހިފާށެވެ. ނަމަވެސް ރެއިލިންގައި އަތް ޖެހިފާވެސް އޭނައަށް ބުރަދަން ބެލެންސެއް ނުކުރެވުނެވެ. ފަތްތަރުމަތީގައި ފުރޮޅެމުން ފުރޮޅެމުން އައިގޮތަށް އެންމެ ތިރީގައި ޖެހުމާއިއެކު އެހިސާބުގައި އެމަންޒަރު ދެކެން ތިބި މީހުނަށްވެސް ލިބުނީ ޝޮކެކެވެ. ކަންބޮޑުވެ ހާސްކަމާއިއެކު އެންމެނަށް ދުއްވައިގަނެވުނީ އެހީވުމަށެވެ. ހެނާއާއި ދިމާލަށް ގުދުވެ އޭނަގެ ގައިގާ އަތްލުމުގެ ކުރިން ކުއްލިއަކަށް ދެލޯ ހުޅުވާލާފައި ތެދުވުނުތަން ފެނިފާ އެންމެނަށްވެސް ހަމަޖެހުމުގެ ނޭވާ ދޫކޮށްލެވުނެވެ. ލިބުނު ސިހުމާއި ހާސްކަން ވަރަށް އަވަހަށް ލަދުވެތިކަމުގެ ސިފަ ޚިޔާރުކުރީ ވަށައިގެން އެއްވި މީހުންގަނޑު ފެނިފައެވެ. އެންމެންގެ ބެލުމުގައިވީ ހަމްދަރުދީއެވެ. ކަމެއްވިތޯ އޭ ކިޔައިގެން ސުވާލުވެސް ކުރަންފެށިއެވެ. ހެނާގެ ސިކުނޑިއަށާއި މުޅި ޖިސްމަށް ލޮޅުން އަރާފައި ހުރި ނަމަވެސް އޭނަ ލަދުވެތިކަމާއިއެކު އެންމެނަށް ޔަގީންކޮށްދިނީ އޭނަ މުޅިން ރަގަޅުކަމުގައެވެ.
އެންމެންގެ ކުރިމައްޗަށް އެގޮތަށް ވެއްޓުމުން ގަތްލަދެއްގެ ބޮޑުކަމުން ހެނާ ކުރަންއައި ކަންތައްވެސް ހަދާންނެތި އޭނަ އަވަސްވެގަތީ ގެއާއި ދިޔުމަށެވެ. ޕޯޓިކޯއަށް ނުކުތްތަނާ ހުއްޓުނު ކާރަކަށް އަރައިގެން ދާންވީ ތަން ބުނިއިރުވެސް ހެނާގެ ހިތް އަވަސްވެ މުޅި ހަށިގަނޑު ގަނޑުފެންކޮޅެއް ހެންވެއްޖެއެވެ. މޫނުގައިވެސް ވިދަނީ ދާތިކިތަކެވެ.
ގެއަށްދިޔައިރުވެސް ހެނާ އަދި މުޅިން ހަމަޔަކަށް ނޭޅެއެވެ. އޭނަ ހުރީ ބިރުގެންފައެވެ. ކޮންމެވެސް މީހަކާއި އެވާހަކަ ހިއްސާކޮށް ހަދަންވީގޮތް އޮޅުންފިލުވައިލަން ބޭނުންވެފައެވެ. ގެއަށް އައިއިރު މަންމައާއި އާޒް ގެއަކު ނޫޅެއެވެ. ދިޔަތަނެއްވެސް އެނގެނީއެއްނޫނެވެ. ކަރަންޓު ނެތުމުން ހޫނުވާންފެށީ ވެސް މާ ވަރަކަށެވެ. ނުވީތާކަށް ފޯނު ޗާޖުއޮތީ ހުސްވެފައެވެ. ފްރިޖް ހުޅުވާލާފައި ކުރުބާފަނި ފެންފޮދެއް ބޯލުމުން ކޮންމެވެސް ވަރަކަށް ފިނިވެ ވަރުޖެހުނެވެ. ގިނަގިނައިން ދިޔާއެއްޗެހި ބޭނުންނުކުރަންޏާ ދަރިފުޅަށް ގެއްލުމެއްވެދާނެއެވެ. އޮށޯވެލައިގެން އޮތްއިރު ތަފާތު ޚިޔާލުތަކެއް ހިތަށް އުދަގޫކުރަމުން ދިޔައެވެ. ކުއްލިއަކަށް ބަނޑުގައި ވޭން އެޅިލެއް ގަދަކަމުން ތެދުވާންވެސް ނުކެރިފާ ބަނޑުގައި ހިފަހައްޓާލެވުނެވެ. ހަރުކަމުންގޮސް ދަގަނޑުގަނޑެއްފަދައެވެ. އެކަނިވެރިކަން އިހުސާސްކުރެވުނުލެއް ބޮޑުކަމުން ހިތުގައި ޖެހި ދެލޮލަށް ކަރުނަ ޖަމާވިއެވެ.
"ކިހިނެއްބާ މިވަނީ؟ ބޭބީވެސް މޫވްކުރަނީ ހާދަ ކުޑަކޮށޭ. ކަމެއްވީބާ؟ ނުވެސް އެނގޭ........" ހެނާ ނުތެދުވެވިގެން ބަނޑުގައި އަތްއަޅައިގެން އިނުމަށްފަހު ކުޑަކޮށް ލުއިވެލުމުން ތެދުވުނުތަނާހެން އެހެންކަމެއް ފާހަގަވުމުން ދެލޯ ބޮޑުވެ ކުރިއަށްވުރެ ބިރުވެރިކަން އޭނަގެ ވުޖޫދުވެސް ގަނޑުކޮށްފިއެވެ. ސިކުނޑީގެ ކޮންމެވެސް ކަނަކުން ވިސްނައިދިނީ ކަމެއް ވަރަށް ގޯސްވާކަމުގައެވެ. އަދި ތެދުވުމާއިއެކު ބޮލަށް އެނބުރުން އަރާ ލޮލުގެ ކުރިމަތިން ތިކިތަކެއް ފެންނާންފެށިއެވެ. ހެނާ އަށް ބޭ އިޚުތިޔާރުގައި ގޮސް ފޯނުޗާޖަށް ޖަހާފައި ގުޅައިލެވުނީ ޒޯހަން ފިޔަވާ އެހެން މީހަކަށް ނޫނެވެ. ކޯތާފަތްމަތިން ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތަކަކާއި އެކު އޭނައަށް ޒޯހަންއަށް ގޮވާލެވުނީ ވަރަށް ހާސްކަމާއިއެކުގައެވެ.
"ގޭގައި އެކަކުވެސް ނޫޅޭ. ވަރަށް އަވަހަށް އާދެވިދާނެތަ ޕްލީޒް. ސަމްތިން ...އިޒް ...ރޯންގް............." ހެނާއަށް އެހިސާބަށް ބުނެވުމާއިއެކު ދެވަނަފަހަރަށް ބަނޑާއިއެކު އުނަގަނޑަށް ވާންފެށި ތަދެއްގެ ބޮޑުކަމުން މޫނަށް އަނދިރިވާގޮތްވިއެވެ.
ހިތާހިތުން ދުޢާކުރެވުނީ ދަރިފުޅުގެ ސަލާމަތަށް އެދިއެވެ. އެހާ ބޮޑަށް ވޭން އެޅިއިރުވެސް ހެނާ އަށް ވިސްނުނީ ދަރިފުޅަށް ކަމެއްވެދާނެތީއެވެ.
ފަސްމިނިޓްނުވަނީސް ޒޯހަން އެގެއަށްވަންއިރު ޒޯހަންގެ އިސްތަށިގަނޑުއޮތީ ފެންތިކި ތަޅައެވެ. އާދަޔާ ޚިލާފަށް ތާޒާކޮށް ދައްކައެވެ. ނޫ ޖިންސަކާއިއެކު ކަޅުކުލައިގެ ޓީޝާޓެއްގައި ފެނުނުލެއް ރީތިކަމުން ހެނާގެ ހިތް ތައުރީފުކުރިއެވެ. އޭނަ ފެންވަރަން ހުރެފާ ފޯނު ނަގާފައި އަވަހަށް ޖިންސާއި ޓީޝާޓުލައިގެން ދުއްވާފައި އައީ ވެދާނެ އެކްސިޑެންޓަކަށްވެސް ފަރުވާލެއްނެތިއެވެ. ހެނާ އެގޮތަށް ގުޅާނީ ކޮންމެވެސް އިމަޖެންސީ ހާލަތެއް ދިމާވެގެން ކަމަށް ހިތް ބުނީއެވެ. ހެނާއަށް އޭރުވެސް ހުއްޓާނުލާ ރޮވެމުންދިޔައެވެ.
"ހެނާ ބޭބީ....ކިހިނެއްވަނީ؟ " ޓައިލްސްމަތީގައި ހުރި ލޭތައް ފެނުމުން ބިރުވެރިކަމުގެ ރާޅުބާންޏެއް ޒޯހަންގެ ހިތުގައި ދުވެލިއެވެ.
"ބޭބީ މޫވްނުކުރޭ. ހޮސްޕިޓަލަށް.. ޕްލީޒް." ހެނާ ރޮމުން ރޮމުން ވާހަކަދެއްކިއެވެ. ޒޯހަން އަވަސްވެގަތީ ހެނާ ކާރަށް އެރުވުމަށެވެ. ހެނާ އުފުލައިލިގޮތަށް ދުވެފައިގޮސް ކާރުގެ ފަހަތު ސީޓުގައިބޭއްވި ގޮތަށް އޭނަ ކާރު ދުއްވައިލީ ބާރަށެވެ. އެކަމަކުވެސް ހެނާއަށް ކަމެއްވެދާނެތީ ފަރުވާތެރިކަމާއި އެކުގައެވެ. ކާރު ޕޯޓިކޯއަށް މަޑުކޮށްލުމާއިއެކު ސްޓްރެޗާއަކަށްވެސް ބެލުމެއްނެތި އަތްދަނޑިމަތީގައި ހެނާ އިމަޖެންސީއަށް ވައްދާއިރަށް އެތާ ތިބިހާ ނަރުހުންނާއި ޑޮކްޓަރުން އެއްވެ ސުވާލުކުރަންފެށިއެވެ. ހެނާގެ ބަނޑަށް ހަތްމަސްކަމާއި ލޭފައިބާކަން އެނގުމުން ނަރުހުން ވައިޓަލްސް ބަލައިލިއެވެ. ބޭބީގެ އެފް އެޗް އެސް ބެލިއިރު ތަންކޮޅެއް މަޑުން އިވުނަސް ނަރުސްކުއްޖާ ބުނީ ރަގަޅުކަމުގައެވެ. އެކަމަކު އެހާ އުދަގުލުން އަޑު ލިބުނުއިރުވެސް ކުރީފަހަރުތަކާއި ތަފާތުކަން ފާހަގަކުރެވި ހެނާ ތަކުރާރުކޮށް ސުވާލުކުރިއެވެ. އަންހެނުންގެ ޚާއްސަ ޑޮކްޓަރަށް ގުޅުމުން ބުނީ ސްކޭންހެދުމަށެވެ.
"ޔޫ އާ ފައިން. ޑޯންޓް ކްރައި..." ނަރުސްކުއްޖަކު ހީލަމުން ހެނާއަށް ހިތްވަރުދިނެވެ. އޭރުވެސް ޒޯހަން ހުރީ ހެނާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ތުންފަތުގައި ދަތްއަޅާލައިގެން ހުރިގޮތުން ދެރަވެފައިވާ މިންވަރު ހާމަކޮށްދިނެވެ. އެހާ އިމަޖެންސީވިއިރުވެސް އެތައް ކުދިންނެއްގެ ލޯތައް އޭނައަށް ހުއްޓިފާވެއެވެ. ސްކޭން ހަދަން އަދި ނުގެންދެވިގެން އުޅެނިކޮށް ހެނާގެ ހާލު މާދެރަވާންފެށިއެވެ. ހުއްޓުމެއް ނެތި އޮހެމުންދިޔަ ލޭތަކުން ވަރުބަލިވެ ދެލޯވެސް މެރޭހެން ހީވިއެވެ. ޒޯހަން ނަރުހުންނަށް ގޮވުމުން އެތަނުން އެއްކުއްޖަކު އައިގޮތަށް އެފްއެޗް އެސް ބަލާފައި ސިކްސްޓީއޭ ބުނުމުން ހުރިހާކުދިންނަށް ހާސްކަމެއް ލިބުނެވެ. ހެނާގެ މުޅި ހަށިގަނޑުގައިވެސް ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. އޭނަ ދަންނަގޮތުން ނޯމަލްވެއްޖެއްޔާ ހުންނާނީ ސަތޭކަ ތިރީހާއި ސަތޭކަ ސާޅީހުގައެވެ. އެކިގޮތްގޮތަށް ބާއްވައިގެންވެސް އަޑު ރަގަޅަށް ލިބޭގޮތެއްނުވިއެވެ. ނަރުހުން ހެނާ އޮކްސިޖަން މާސްކެއް އެޅުވިއެވެ. އަންހެނުންގެ ޑޮކްޓަރާއި ސްކޭން ޑޮކްޓަރާއި ދެމީހުން ތިބެގެންބަލާފައި ބުނީ މަސްވަކިވެފައިވާ ކަމުގައެވެ. ގާތްގަނޑަށް އަށްޑިހަ ޕަސެންޓްކަމަށް ލަފާކުރެވޭކަމަށެވެ. ޒޯހަން ހުރީ ޖެހި ސްތެޗޫއެއްހެން ކުރިމަތިން ނިއުޅެމުންދިޔަ މަންޒަރުތައް ބަލާށެވެ. ބިރުވެރި ފިލްމެއްގެ މަންޒަރަކަށް އެތާތެރެ ބަދަލުވެއްޖެއެވެ. ޑޮކްޓަރު އޯޑަރުދެމުން ދިޔައިރު އޭނައަށް ދަރިފުޅުގެ އިތުރުން ހެނާވެސް ގެއްލެނީ ބާވައޭ ހިތަށް އެރިއެވެ. ދުވަހަކުވެސް މިހާގިނަ ލެއެއް ފެނިފައެއްނުވެއެވެ. ނަރުހުން ސްޓްރެޗާ ދަމަމުން ތިއޭޓަރާއި ދިމާލަށް އަވަސްއަރުވާލާފައި ގެންދިޔަގޮތުން ކަމުގެ ބިރުވެރިކަން ހާމަވިއެވެ. މަސްވަކިވުމަކީ ކިހާ ބޮޑުކަމެއްކަން ރޭކާލާންފެށީ ދެނެވެ. ޒޯހަންގެ ހިތް ފަޅިފަޅިވަމުން ދިޔައެވެ.
އިރުކޮޅެއްނުވަނީސް ކޮންމެވެސް އެކަކު ޒޯހަންއަކީ ފިރިމީހާދޯއޭ ބުނެފާ ސޮއި އަތުލިއެވެ. އޭނަ ކިޔައިދިން އެއްޗެއް މާ ބޮޑަށް ފަހުމްވީކަމަކަށްވެސް ނުވިއެވެ. އެއަށްވުރެ ބޮޑަށް ޒޯހަން ހުރީ ހާސްކަމެއްގައި ބަދެވިފައެވެ.
ރަފައެލްއަށް އެޚަބަރު ލިބުމާއިއެކު އެ ޚަބަރު މައިކަލްގެ ކަންފަތާއި ހަމަޔަށް ފޯރާކަށް މާގިނަ އިރެއްނުނެގިއެވެ. މައިކަލްވެސް ދާދި ކުޑައިރުކޮޅެއްގެ ތެރޭގައި އެތަނަށް އައެވެ. ހެނާގެ މައިންބަފައިންނާއި އަމީރާއަދިވެސް އާއިލާގެ އެހެންމީހުންނާއި އެކުވެރިންވެސް އެއްވާންފެށިއެވެ. ހެނާގެ ގަޔަށް ގިނަ އަދަދަކަށް ލޭ އަޅަން ބޭނުންވާތީ އެކަމުގައި ޒޯހަންމެން އަވަދިނެތި އުޅުނުއިރު އެންމެންގެ މޫނުމަތިން ފެންނަނީ ފިކުރުބޮޑުވެފައިވާކަމުގެ ކުލަވަރެވެ. ޚުދު ރޮޒާލިއާވެސް ހުރީ ޝޮކެއްގައެވެ. އޭނަގެ ބަދުނަސީބު ދަރިފުޅަށް ކުއްލިއަކަށް މިވީ ކިހިނެއްބާވައޭ ހިތަށްއެރިއެވެ. އެދަރިފުޅާއިމެދު އެހާ ނިކަމެތިކޮށް ކަންތައްކުރެވުނު އިރުވެސް އެއްވެސް ޝަކުވާއެއްނުކުރެއެވެ. އޭނަ އަމިއްލަ ދަރިފުޅު އަޅެއްފަދައިން ގެންގުޅުނު ދުވަސްތައް ހަދާންވެ ލޮލުން ކަރުނައޮހިގެންފިއެވެ.
"ޔާ ﷲ. ޔާ ރަހުމާން. މިއަޅާގެ ދަރިފުޅަށް ދިގު އުމުރެއް ދެއްވާދޭ. އެދަރިފުޅަށް އެއްވެސް އުފަލެއްދެވުނީއެއް ވެސް ނޫން. ކޮންފަދަ ހިތްދަތިކޮށް ދުނިޔޭގައި އުޅުނީ. އެހާ ބުރަކޮށް މަސައްކަތްކުރީމަ ގެއްލުމެއްވީކަމަށް ވާނީ...." ރޮޒާލިއާ ރޮމުން ރޮމުން ދުޢާއަށް އަތްއުފުލިއެވެ. އެންމެން ނޭވާހިފަހައްޓާލައިގެން ހިމޭންކަމާއިއެކު ތިއޭޓަރުގެ ބޭރުގައި ތިއްބެވެ. ކޮންމެފަދަ ޚަބަރެއްވެސް ލިބިދާނެއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ވީނުވީއެއްވެސް ނޭގި ހެނާއަށް އެޖެހުނީ ކާކުގެ އެސްފީނާހެއްޔެވެ؟ އެހާ ގަދަކޮށް ހުރި ކުއްޖަކު އެހާ އަވަހަށް ބަލިވީ ކިހިނެއްހެއްޔެވެ؟ ރޮޒާލިއާގެ ވިސްނުން ހުރީ އެފަދަ ގޮތަކަށެވެ. ބަލިވާނީ މަރުވާނީ ކޮންއިރަކުކަމެއް އެކަކަށްވެސް ނޭގޭނެއެވެ. ދާއިމީ ގޮވައްޗަށް ފުރަންޖެހޭނެ އިރެއް އެއްވެސް މީހަކަށް ނޭގޭނެއެވެ. އަބަދު ދަތުރުހަދައިގެން ތިބޭނީ ނަސީބުވެރިންނެވެ.
އެންމެންގެ ދުޢާގެ ސަބަބުން ހެނާގެ ފުރާނަ ނުރައްކަލުން ބޭރުވިޔަސް ދަރިފުޅުގެ ހާލު ދިޔައީ ދަށަށެވެ. ނެގިއިރުވެސް ނޭވާނުލާ މަރުވެފައި އޮތްފަދައެވެ. ވަގުތުން ޖެހުނީ ވެންޓިލޭޓްކުރާށެވެ. މަސް ވަކިވުމުގެ ސަބަބުން ލޭގެ ޕްރެޝާދަށްވެ އަދި ދަރިފުޅުގެ ލޭގައިވި އޮކްސިޖަން މަދުވެ ސިކުނޑިއަށް ލޭލިބުން މަދުވީއެވެ. އެކަމުގެ ސަބަބުން ފިޓްޖެހި ސިކުނޑިއަށް ވަރަށް ބޮޑެތި ގެއްލުންވެ ޑޮކްޓަރުންވެސް އުއްމީދު ކަނޑާލާ ހިސާބަށްވެސް އެދަރިފުޅުގެ ހާލުދިޔައީއެވެ. ހެނާގެ ގަޔަށްވެސް ހަތަރު ފަސްވަރަކަށް ޕައިންޓްލޭ އަޅަންޖެހުނެވެ. އައިސީޔޫގައި ބާއްވާފައި އޮތުމުން ޒޯހަންވެސް ހުރީ ހެނާއާއި ވާހަކަދައްކާލާނެ ފުރުސަތެއްނުލިބިފައެވެ. ހެނާވެސް އޮތީ ދަރިފުޅަށްވީ ނުވީއެއެއް ނޭގިފައެވެ. ނަރުސްކުދިން ބުނަނީ ދަރިފުޅުއޮތީ އެންއައިސީޔޫގައި ކަމުގައެވެ. އެވަރުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. މަޑުމަޑުންގޮސް ހެނާގެ ހާލު ރަގަޅުވަމުން އައިއިރު ދަރިފުޅަށްވީގޮތް އޮޅުން ފިލުވަން ސުވާލުކުރުން ގިނަވިއެވެ. ދަރިފުޅު ދުވަސްނުފުރޭތީ އަދިވެސް ވެންޓިލޭޓްކޮށްފައިކަމުގައި ބުނުމުން ހެނާއަށް އެހާވަރަކަށް އޮޅުމެއްނުފިލިއެވެ. ދަރިފުޅުގެ ހާލު ވަރަށް ސީރިޔަސްކަމާއި ނޭވާލަނީ އެކަނި ވެންޓިލޭޓަރުގެ އެހީގައިކަމެއް ހެނާއަކަށް ނޭގުނެވެ. އެކަން ދެނެތިބި އެއާއިލާގެ އެހެން އެންމެން ތިބީ އެކަމާއި ވަރަށް ދެރަވެ ހާސްވެފައެވެ. ހެނާއަށް އެކަން އެނގޭހިދު އެކުއްޖާއަށް ވެދާނެ ގޮތަކާއިމެދު އެންމެބޮޑަށް ވިސްނީ ޒޯހަންއެވެ. އެހެންނޫނަސް ޑޮކްޓަރުގެ ފަރާތުން ދަރިފުޅުގެ އެއްވެސް އުއްމީދެއްނެތް ކަން އެނގުމުން އޭނަ ކުޑަކުއްޖެއްފަދައިން ކަރުނަ އޮއްސިއެވެ. މައިކަލްވެސް ހުރީ ވަރަށް ދެރަވެފައެވެ. ހިތްވެސް ހަމަނުޖެހިފައެވެ. އެގޮތަށް އެންމެންގެ ތެރޭގައި ޒޯހަން ރުއިމުން އެހެން މީހުން ވިސްނަފާނެ ގޮތަކާއިމެދު ޒޯހަން ހަމަ ނުވިސްނަނީހެއްޔެވެ؟ އެންމެން ދެނެހުރިގޮތުން ބައްޕައަކީ އޭނައެވެ. ނަމަވެސް ރޮނީ ބައްޕަގެ އެންމެ ގާތް އެކުވެރިޔާއެވެ.
ހެނާ އައިސީޔޫއިން ބޭރަށް ނެރޭވަރުވުމުން އެންމެ ކުރިންވެސް އެދުނީ ދަރިފުޅު ދެކެލަން ގެންދިޔުމަށެވެ. އެތައް ހޮޅިތަކެއް ގުޅާފައިވާ އެތުއްތު މައުސޫމް މޫނު ފެނުމުން ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން އަތްދިއްކޮށްލެވުނީ ފިރުމާލުމަށެވެ. ނަމަވެސް އެ ނަސީބެއްވެސް ނުލިބުނެވެ. ހެނާއަށް ކެތްކުރެވޭނީ ކިހިނެއްހެއްޔެވެ؟ އެދަރިފުޅަށް އަނިޔާ ލިބެމުންދާތަން ފެނި އަމިއްލަ ނަފުސް ކުށްވެރިކަމުގެ ދާވަނީގައި ބަދެވިއްޖެއެވެ. އޭނަގެ ފަރުވާކުޑަކަމެވެ. ނުބެލުނުކަމެވެ. ލަސްކުރެވުނީއެވެ. އެހާ މަތިން ވެއްޓި ބަނޑުޖެހުމުން އޭނަ ޑޮކްޓަރަށް ނުދައްކާ ގެއަށް ގޮސްގެން ނުވާނެ ނޫންހެއްޔެވެ؟ ދަރިފުޅު ނުތޮޅެން ފެށުމުންވެސް ލަސްކުރެވުނީއެވެ. ކުށްވެރިޔަކީ އޭނައެވެ. ފަރުވާކުޑަކަމުގެ ދެވަނައެއް ނެތެވެ. ވަގުތު ފާއިތުވުމަށްފަހު އަނބުރާ އެ ވަގުތު ގެންނާކަށް މިއީ ފިލްމެއް ނޫނެވެ. ވާހަކައެއްވެސް ނޫނެވެ. އެޑިޓްކުރެވޭނެ އެއްވެސް ގޮތެއް އޮތީއެއް ނޫނެވެ. ދިރިއުޅުމުގައި ކުރެވޭ ކޮންމެ ކަމެއް އެހިސާބުން އޮންނާނީ ބަދަލުނުކުރެވިފައެވެ. ހެނާގެ ރުއިން ގިސްލުމަށް ބަދަލުވިއެވެ. ކޮޓަރިއަށް ގޮސްފާވެސް ހެނާއަކަށް ރުއިން ހުއްޓައެއް ނުލެވުނެވެ. ލޮލަށް ފެންނަނީ އެމައުސޫމް ތުއްތު ދަރިފުޅެވެ.
ހެނާއޮތް ޕްރައިވެޓް ރޫމްގައި އެވަގުތު އިނީ އަމީރާއެކަނިއެވެ. އަމީރާ ހެނާއަށް ހިތްވަރުދިނުމުގެ ގޮތުން ވާހަކަދެއްކިއެވެ. އަމީރާގެ ފިރިހެންދަރިފުޅުވެސް ލޮލަށް ނުފެނުނުތާގައި އަދިވެސް އެކުއްޖާގެ ހާލު ރަގަޅުނުވާކަމުގައެވެ. އަމީރާއަށް ފެންނާނެ ދުވަހެއްވެސް ނޭގޭކަމުގައެވެ. ހެނާ ނުރޯން ހިތްވަރުކޮށްގެން އޮތަސް ރޮއިރޮއި ދެލޯ ދުޅަވެ ރަތްކަމެއް ވެރިވެފާ ހުއްޓެވެ. އަމީރާ ވަރަށް ކިޔައިގެން ކުޑަކޮށް ކެއިތަނާހެން ޒޯހަން އައެވެ. މާބޮނޑިއަކާއި ކާޑެއް ހިފައިގެން އައުމުން ހެނާގެ ތުންފަތަށް ކުޑަ ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. ޒޯހަން ފެނުމުން ހިތަށް ފިނިކަމެއް ލިބުނެވެ. ގަނޑުފެނުން ތެންމާލަދިންފަދައެވެ. ހޫނުކަން ގަދަ ދުވަހެއްގައި ސަހަރާއެއްގައި ހިގާފައި ދަނިކޮށް ހިޔާކޮޅެއްލިބުމުން ކުރެވޭފަދަ އިހުސާސެކެވެ. ޒޯހަން އަމީރާއަށް ހައި ޖަހާލުމުންވެސް އަމީރާ ހީލާފައި ދެކުދިން އެކަނިވާހަކަދައްކާލާށޭ ކިޔާފައި އަދި ބޭރަށް ނުކުމެލިއެވެ. ޒޯހަން ގޮނޑި ދަމާލައިގެން އިށީނެވެ.
"ހައި ހެނާ ކިހިނެއްތަ؟ "ޒޯހަން އަހައިލިއެވެ.
"ރަގަޅު....." ހެނާ ކުޑަކޮށް ރަކިވާގޮތްވިއެވެ. އެހާ ކައިރިން ޒޯހަން ބަލަން އިނުމުން ކުރެވުނީ އެހެން ކަހަލަ އިހުސާސްތަކެވެ. އެ ތޫނުދެލޮލުން އެގޮތަށް ބަލަން އިނުމުން ކޮންމެ އަންހެންކުއްޖަކަށްވެސް ވާނީ އެވަރުކަން ނޭގެއެވެ.
"ރަގަޅުކަމެއްނޭގޭ. އަދިވެސް އެވަރަށް އައިވީއާއި އެއްޗެހި އެބައަޅާ. ކޮންދުވަހަކުންނޯ ގެއަށް ފޮނުވަނީ....." ޒޯހަން ހެނާގެ އަތުގައި މަޑުމަޑުން ފިރުމައިލިއެވެ. އެއަތުގެ ބީހިލުމުން ދެޖިސްމަށް ކުރުވި އަސަރު މޫނުމަތިން ފާޅުވާން ހުއްޓެވެ.
"އަދި ނޭގޭ. ގެއަށް ދާހިތެއްވެސް ނުވޭ..." ހެނާ ދުރަށް ބަލަންފެށިއެވެ.
"އެއީ ކީއްވެ؟ " ޒޯހަން ދެރަވިއެވެ.
"ގިލްޓީވާތީ...." ހެނާ ގަދަކަމުން ކަރުނަ ދިރުވައިލިއެވެ.
"ކޮންކަމަކާ؟ " ޒޯހަން ހައިރާންވިއެވެ.
"ދަރިފުޅު މަރުވީ. އިޓްސް އޯލް މައި ފޯލްޓް. ވަރަށް ދެރަވޭ. އެގޮތަށް ނެހެދުނުނަމަ....." ހެނާގެ ހިތުގައި ވޭންއަޅަމުން ދިޔަސް ޒޯހަންއަށް ހަގީގަތް ބަޔާންކޮށްދޭން ބޭނުންވިއެވެ.
"އެކަމާ ދެން ނުވިސްނާ. ނުރޮއި ޕްލީޒް ހެނާ. ބޭބީއަށް އެންމެ ރަގަޅުގޮތަށް ކަންނޭގެއެއް ނު އެވީ. ކޮންމެކަމެއްވެސް ދެނެވޮޑިގެންވާ ފަރާތުން އެދަރިފުޅު އެގެންދެވީ މާ އުފާވެރި ތަނަކަށް. ސީދާ ސުވަރުގެއަށް އެދިޔައީ. އެއީ ޔަގީންކަމެއް. އޮޅުވާލުމެއްގެ ތެރެއިން ނަސްލު އޮޅިގެން ދުނިޔެއަށް އަންނަން ބޭނުންނުވީ. އެހެންނޫންނަމަ ދަރިފުޅުގެ ނަމުގެ ފަހަތަށް އޮތީ މައިކަލްގެ ނަން....." ޒޯހަންގެ އެޖުމްލަ ތައް ނުނިމިގެން އުޅެނިކޮށް ވައިރޯޅިއެއްހެން ވަން މައިކަލް ޒޯހަންގެ ގަމީހުގެ ގިރުވާނުގައި ހިފާ ކޮޅަށް ނަގަމުން ހަޅޭއްލަވައިގަތެވެ.
"ކަލެއާއި ހެނާއާއި ދެމީހުންވެގެން ދަރިފުޅު މަރައިލީތަ؟ ރަގަޅަށް ބުނޭ. ކީއްކުރީތަ. ނަރުހަކު އެބަކިޔައޭ ކޮންމެވެސް ކަމެއްވީއޭ. ހެނާ ސިއްރުކުރަނީއޭ......" މައިކަލް ޒޯހަންގެ މޫނުމަތީގައި ޖެހިއެވެ.
"ލީވް ހިމް އެލޯން މައިކަލް. ޒޯހަން ކަމެއްކޮށްގެނެއްނޫން ބޭބީ މަރުވީ. ކުށްކުރި މީހަކީ އަހަރެން. ދެން އަހަންނަށް ރުޅި ބާލަންވީނު...." ހެނާ ގައިގާ ވަރުނެތަސް ކުޑަކޮށް ތެދުވެ ހެޑްބޯޑަށް ލެނގިލަމުން މައިކަލްއަށް ބަލަންއިނީ ރުޅިވެރި ނަޒަރަކުންނެވެ. ކޮންމެތާކުވެސް މައިކަލްއުޅެނީ ގުންޑާއެއްފަދައިން މީހުންގެ ގަޔަށް އަތްލާހިތުންނެވެ. އެއީ ހެނާ ވަރަށް ފޫހިވާ ސިފައެކެވެ. ރުޅިގަދަވެގެން މޮޔަވިޔަސް އެހެން މީހުންގެ ގަޔަށް އަތްފޯރުކުރެވިގެންނުވާނެއެވެ. އަމިއްލަ ނަފުސް މައިތިރިކުރެވޭނީ ހަގީގީ ފިރިހެނުންނަށް ކަމުގައި ހެނާ ދެކެއެވެ.
"ހޫމް ދެން ކިހިނެއްވީޔޯ...." މައިކަލް ހުރީ ބުމަގޮށް ޖަހާލައިގެންނެވެ.