ދެލޯ ހުޅުވައިލިއިރު އޭނައޮތީ ގަހެއްގެ ދަށުގައެވެ. ތުނި ނައިޓީއެއްފިޔަވާ ފިނިން ސަލާމަތްވާނެ އެއްޗެއް ގައިގާނެތެވެ. އަނދިރިކަމުން ޖެހިގެން ހުންނަމީހާވެސް ފެންނަވަރެއްނޫނެވެ. ނަމަވެސް އިރުކޮޅެއްފަހުން ދެލޯ ހޭނެން ފެށި ކޮންމެވެސް ވަރަކަށް ހެކަލާން ފެށިއެވެ. ތަންކޮޅެއް ދުރުގައި ސިގިރެޓްބޯން ހުރި އޭމޮން ފެނިފައި އަމީރާގެ ހިތަށް ބިރުވެރިގޮތެއްވެ ނާރުތަކުގެ ތެރޭގައި ފިނިރާޅެއް ދުވެލިއެވެ. އޭމޮން އޭނައާ އަވަލާ އޭނަ އަންނަހާތާކަށް ފަހަތުން އަންނަނީއެވެ. އެ ދިގު އިސްތަށިގަނޑު ވަޔާއި އުދުހެމުންދާއިރު ވާހަކަތަކުގައި ސިފަކުރާ ބިރުވެރި ވެމްޕަޔަރަކާ މާ ބޮޑުތަފާތެއްނެތެވެ.

އަމީރާ ތެދުވާންވެގެން އުޅުނުއިރު ދެފައިވެސް އޮތީ އައްސިވާގޮތްވެފައެވެ. ގަނޑުފެނުގެ އަސަރު އެކުލެވޭ ވައިރޯޅިތައް ހާމަ ހަށިގަނޑުގައި ޖެހިގަންނަނީ ރަހުމެއްނެތިއެވެ. ހުރިހާ ރުޅިއެއް އާދެވުނީ މިހިރަ ނުބައި ނުލަފާ ޒާލިމްދެކެއެވެ.

"ހުރިހާ އަނިޔާއެއް ނުކޮށް ކަލޭ އަހަރެން މަރާލަންވީނު...." އަމީރާ އަށް ވާހަކަދެއްކުނީ ވަރަށް އުދަގުލުން އަޅައަޅައިގެންފައެވެ.

"އާ މަރާލަންވެސް ކެރިދާނެ. ދޮންބައްޕަ އަރި ދަށުގައި ނިދާފައި އޮތީ އޭނަ މާ މާތް މީހަކަށްވެގެންތަ؟ އޭނަ އަތްލާތަން ބަލަން އަހަރެން ކެތްކޮށްގެން ހުންނާހެން ހީވޭތަ؟ އަހަރެންގެ ކެތްތެރިކަން އިމްތިހާނުކުރެވިއްޖެ ދެން. އިތުރަށް މަށާއި ޖަދަލެއްނުކުރެވޭނެ. ފިރިހެނަކާއި ގުޅުން ނުބާއްވާށޭ ބުނީމަ އަދި މިރޭ ހިލޭ ފިރިހެނަކާއި ގައިގޯޅިވެގެން ހުރީ . މިއޮތް ބޮޑު ދުނިޔެއިން އެނޫން މީހަކު ހަމަ ނުފެނުނީދޯ......... " އޭމޮން އަމީރާގެ އިސްތަށިގަނޑުގައި ހިފާ ބިންމަތިން ނަގަން އުޅުމުން އަމީރާ ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތް ނަމަވެސް އެއަޑު އޭމޮންގެ އަތުގެތެރޭގައި ހަފުސްވިއެވެ.

"ތަދުވެއޭ......"

"ތަދުވެސް ވާނެ ތިކަހަލަ މީހުންނަށް. އެމީހަކު ބޭނުންވާ އުސޫލުން އެމީހަކާއިމެދު ކަންތައް ކުރާނީ.."

"ކަލޭ ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ؟"

"އެނގޭނެއްނު. މިރޭ މީ އަހަރެމެންގެ ސުހާގުރާތު......."

"ވަޓް؟ ނޫން ނޫން ޕްލީޒް. ދޫކޮށްލާ. ބުނާގޮތަށް ހަދާނަމޭ....."

"ބުނާގޮތަށް ދެން ހަދާނެކަމެއް ނެތް. ތަންކޮޅެއް ލަސްވެއްޖެ. މިރެއަށް އިންތިޒާރުކުރާތާ ކޮންދުވަހެއް، އަމިއްލަ ނަފުސަށްވެސް ވައުދުވިން ދުރުން އުޅޭނެކަމަށް. އެކަމަކު ފިޔަފަޅާ އުދުހެންފެށީމަ އެހެންގޮތެއް ނެތް. މަގޭ މިލްކެއް. އެހެންމީހުންނަށް އަމީރާ ރުހުންދޭއިރު ހިތަށް އެއްޗެއް ނޭރިއެއްނު. އެހެން މީހުން އަތްލިޔަސް ވަރިހަމަ. ހުއްދަނެތީ ހަލާލު ފިރިމީހާއަށް. ނާސިއެކޭ ހުރީ ކޮންތަފާތެއް. ވީއިރު އަހަރެން މަޑުން ހުރުމުގެ މާނައެއްނެތް، ޕަބްލިކް ޕްރޮޕަޓީއެއްކަން ސާބިތުކޮށްދޭމީހަކަށް މިއީ މާ ބޮޑުކަމަށް ނުވާނެ. ކޮންމެހެން އެކްޓްކުރުމުގެ މާނައެއްނެތް. އަމީރާ ވަރަށް ބޭނުންވެގެން އުޅޭކަމެއް މިއީ، ސިކްރެޓްލީ އެންޖޯއި ކުރާނެ ހަމަ. އިނޮސެންޓްވެގެން އުޅުނަސް ޔޫ ވޯންޓް ދިސް. ޔޫ ނީޑް މީ............." އޭމޮންގެ ޝައިތާނީ ހުނުން އަމީރާގެ ކަންފަތަށް ހޮނުގުގުރީގެ އަޑުފަދައިން އިވުނެވެ. އަތުގައިވާ ސިގިރެޓް އެއްފަރާތަކަށް އެއްލާލާފައި އޭނަ އަމީރާއާއި ދިމާލަށް އައީ މިނިކާވަގެއް ޝިކާރައަކާއި ދިމާލަށް އައިހެންނެވެ. އޭނަ ކައިރިވެލުމުން އަލިފާނުގެ ހޫނުކަން އިހުސާސްކުރެވި ފިނިކަންކެނޑުނަސް އަމީރާއަށް ލިބުނު ހިތްހަމަޖެހުމެއްނެތެވެ. އޭމޮންގެ ވަކިތަކުގެ ދަށުން ސަލާމަތްވާން ހަގުރާމަކުރާވަރަށްވުރެ އޭނަ މާ ބަލިކަށިއެވެ. ނަމަވެސް އަމީރާ އެހާ ފަސޭހައިން ހަތިޔާރު ބަހައްޓާ އޭނަގެ ހަށިގަނޑު ހެޔޮހިތުން މި ފުރޭތައާއި ހަވާލެއްނުކުރާނެއެވެ. ފަހު ނޭވަޔާއި ހަމަޔަށް އޭނަގެ އިއްޒަތް ސަލާމަތްކުރަން މަސައްކަތްކުރާނެއެވެ. އޭނަ އޭމޮންގެ އިސްތަށިގަނޑު އަތަށް އޮޅާލައިގެން ދަމައިގަނެގެން ގައިގާ ވިކާހެދިއެވެ. އޭމޮން އެއިން ކަމަކަށް ފަރުވާލެއްނެތެވެ. އޭނަގެ ރަހުމެއްނެތް އަނިޔާތަކުގެ ތެރޭގައި ހަފުސްވެގެން ގޮސް ސަލާމަތްވާންއެދި ހަޅޭއްލަވާ ލަވާ ކަރުން ހަންގޮސް އަޑު ސަކަރާތްވިއެވެ. ދެލޮލުން ހިފެހެއްޓުމެއްނެތި އޮހެމުންދިޔަ ކަރުނަތައްވެސް ގަނޑުވަމުން ދިޔައިރު އޭމޮންގެ ހިތަށް ރަހުމްގެ ކުނޑިފަށެއްނަމަވެސް ވަންނާނެކަމަށް އަމީރާ ހީކުރިއެވެ. އޭނަގެ އާދޭސްތަކަށް އެ ޝައިތާނާ ދިނީ ބީރުކަންފަތެކެވެ. އޭމޮންގެ ހަށިގަނޑުގެ ހޫނުކަމުން އެޅި ވޭންތަކުން މުޅިހަށިގަނޑު ފިއްސާލާ އެތަން މިތާ ފޮޅުލީފަދަ ގޮތެއްވިއެވެ. އެވަރުން ނުފުދިގެން އެ ނާޒުކް ކަނދުރާގައި ބެލްޓް އޮޅައިގަތްގަތީނުން އަމީރާގެ ނޭވާ އުފުރި މަރުނުވީ ހަމަކިރިޔާއެވެ. ދޫބޭރުވެ ދެލޯ ފުންމާލަފާނެހެން ހީވެ މަރަށް ތެޅުނުތަން ބެލުމުން އޭމޮން އުފާވީހެން ހީވިއެވެ. އޭނަ ހިތްހަމަޖެހުން ހޯދަނީ އެގޮތަށް އަނިޔާވެރިވެގެންނެވެ. އެންމެ ފަހު ވަގުތު އޭމޮން ބެލްޓް ނައްޓާލާފައި އަމީރާ މަރުވުމުން ސަލާމަތްކޮށްދިނެވެ. މަރުގެ ރަހަ ކަރުބުޑުގައި ލައްވާފައެވެ. ކޮށިއަރާ ކެއްސައިގަތްއިރު ދެލޮލުން ފެންއަންނަމުން ދިޔައެވެ. އެހުރިހާ ވޭނަކަށްވުރެ މަރުވުން މާ ރަގަޅޭ ހިތަށް އެރިއިރު އެ ނަސީބެއްވެސް ނުލިބުނެވެ.

ފިނިވާން ފެށުމުން އަމީރާ ކުޑަކޮށް ބޯހިއްލާލާފައި ބަލައިލިއިރު އޭމޮންގެ ހިލަމެއްނުވިއެވެ. ހަރަކާތް ކެނޑިފައިވާ ދެފައިގެ އެހީގައި ވަރަށް މަސައްކަތުން ތެދުވުމުން އަރިއަޅާނުލީ ކިރިޔާއެވެ. އަމިއްލަ ނިކަމެތިކަމާއި ޖެހިފައިވާ ހާލާއިމެދު ވިސްނުމުން އަޑުވީއްލާ ރޮއިގަނެވުނެވެ. ކިތަންމެ ހިތްވަރުގަދަވިޔަސް ހަޔާތް ބަރުބާދުވެ ޝައިތާނެއްގެ ކުޅޭ ކުޅޭ އެއްޗަކަށް ތިމާގެ ހަށިގަނޑުވެފައިވާކަން އެނގުމުން ބަލިކަށިނުވާނީ ކޮން އަންހެންކުއްޖެއް ބާވައެވެ. މިހާ ބޮޑު ވޭނެއް ހިތްދަތިކަމެއް އަންހެންކުއްޖަކަށް ބަރުދާސްތު ކުރާކަށް ނުޖެހޭނެކަން ގައިމެވެ. ގެއާއި ހަމަޔަށް ދިޔުމަށް ވަރަށް ތަކުލީފު އުފުލަންޖެހުނެވެ. ހިތާއި ޖިސްމުގައި އެފަދަ ވޭނެއް އަޅާއިރު އެންމެ ފިޔަވަޅެއް ކުރިއަށް އެޅުންވެސް ވީ ބުރައަކަށެވެ. ފަޔެކޭ ތިމަރަގަނޑެކޭ އެއްވަރެވެ. އެހާ ބަރެވެ. ފާޚާނާއަށްވަދެ ހޫނު ފެންއިސްކުރަށް ދޫކޮށްލިގޮތަށް އޭމޮންގެ ހުރިހާ އަސަރެއް ގައިން ފިލުވާލަން އޭނަ ބޭނުންވިއެވެ. އެތައްފަހަރު ސައިބޯނިލައިގެން ދޮވުމުންވެސް އަމީރާގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. ނަފްރަތުގެ އަލިފާން އޭނަގެ ސިކުނޑީގައި ރޯވެގަތީ ދުވަހަކު ނުނިވޭނެހާ ގަދަޔަށެވެ. އެ ދިން އަނިޔާއިން ނަފްރަތުގެ ތަތްގަނޑު އަބަދަށްޓަކާ ހިތުގައި ޖެހެވުނީއެވެ.

ފެންވަރާލުމަށްފަހު ތުވާލިން ފެން ހިއްކަން ފެށުމާއިއެކު އަދި ފިނިވެގަތްވަރުން ނިޔަފަތިތަކަށް ނޫކުލަ އެރިއެވެ. ތެޅިފޮޅިގެން ޖިންސަކާއި ސްވެޓަރއެއްލުމަށްފަހު ޖެކެޓް ގަޔަށް މަހާލައިގެން ރަޖާގެ ދަށަށް ވަނުމުންވެސް ރޫރޫއަޅަމުން ދިޔައީ ގޮތެއް ބަލާފައެއްނޫނެވެ. ކުއްލިއަކަށް މީހެއްގެ އަތް އޭނަގެ ވަށައިލެވުނުހެން ހީވެގެން ބަލައިލާފައި އަމީރާ ވަކިން ފޫހިވިއެވެ. އޭނަގެ ދޮންބައްޕަ ނަޝީދު ނިދީގައި އޮވެ ކުރި ހަރަކާތެއްހެއްޔެވެ؟ ނޫނީ ހަމަ ގަސްތުގައި މިފަރާތަށް އައީހެއްޔެވެ؟ އެނދުގެ އަނެއްކޮޅުގައި އޮތް މީހަކު މިފަޅިއަށް އަންނާކަށް ނުވެސްޖެހެއެވެ. އެއްވެސް މީހެއްގެ ފަރާތުން ސަލާމަތްކަން ނުލިބޭނީހެއްޔެވެ؟ އަމީރާ އެއަތް ފޮޅުވައިލުމަށްފަހު ބާރުބާރަށް ކޮޓަރިން ނުކުތުމާއިއެކު އަނެއްކާ ދެލޯ ފުރިގެން އައީ ހޫނު ކަރުނައިންނެވެ. އޭރުވެސް އަދި ފަތިސްވާކަށް ނޫޅެއެވެ. ކާކޮޓަރިއަށްވަދެ މޭޒުގައި ބޯ ޖައްސައިލިތަނުން އަދި ނަޝީދު ފަހަތުން އައެވެ.

"އެމީ. ކޮންކަމަކާ ރޮނީ، މޫނުވެސް ތިހިރީ ރަތްއަރާފައެއްނު. ބޮލުގައި ރިއްސަނީދޯ..." ނަޝީދު ފަހަތުގައި ހުއްޓިލާފައި އަމީރާގެ ބޮލުގައި މަސާޖްކުރަންފެށިއެވެ. ދޮންބައްޕައަށް ވުމުން ގަދަރުކުރެވި އިހުތިރާމްކުރަން އޭނައަށް މިވީހާދުވަހު މަޖުބޫރުވެފައިވިއެވެ. މަންމަގެ ހައްގުގައެވެ. ނަމަވެސް މިއަދު އަމީރާއަށް މި މަސާޖުގެ މާނަވެސް ނެގުނީ އޭގެ އެންމެ ނުބައިގޮތުގައެވެ. މިގޮތަށް އަތްލުމަކީ ދޮންބައްޕައަށް ވެސް ލިބިފައިވާ ހައްގެއްނޫނެވެ. އެއްވެސް މީހަކު އޭނަގެ ގައިގާ އިނގިލިކުރި ޖައްސާކަށްވެސް އޭނަގެ ހިތާއި ހަށިވެސް ނުރުހެއެވެ. އަމީރާ ކުއްލިއަކަށް ތެދުވުމުން ނަޝީދުއަށް ސިހުމެއް ލިބުނެވެ.

"ކަމެއްނުވޭ. އައިމް ފައިން...." އަމީރާ ކެތްތެރިވިއެވެ.

"އަހަންނަށް ހީވަނީ ރަގަޅު ނޫންހެން. އަމީރާ ނިދީގައި ހުރެ ހިނގަނީތަ؟ " ކުއްލިއަކަށް ނަޝީދު ފަހަތުން އައިގޮތަށް އަމީރާގެ މެދުހަށީގައި ބައްދައިގަތެވެ. އޭނަގެ ނިޔަތް ރަގަޅުކަމެއް ނޫންކަމެއް އަމިރާއަކަށް ނޭގުނެވެ. މޭމައްޗާއިއެކު ހިފަންވީ ސަބަބެއްވެސް ނުވިސްނުނެވެ. ނޫނީ އޮޅިގެން އަތްލެވުނީބާވައެވެ. އަމީރާ ނަޝީދުގެ އަތުގައި ހިފާ ނައްޓުވަން އުޅުމުގެ ތެރޭގައި އަމީރާވެސް ހައިރާންވީ ނަޝީދު ވިއްސައިގެންދިޔަ ބާރުމިނުގައި ފާރުގައި ޖެހި ބުރާންތި އެރިތަން ފެނިފައެވެ. ނުފެންނަ ބާރަކުން އޭނަ ފޮޅުވާލީ ފަދައިންނެވެ. ޖެހުނު ގޮތަކުން ތަދުވިވަރު އެނގުނީ މޫނުމައްޗަށް ވެރިވި ކުލަވަރާއިއެކު އަތުގައި ހިފަހައްޓައިގެން ހުރި ގޮތުންނެވެ. އަމީރާ ވިސްނާލުމުން އެއީ އޭމޮންގެ އަމަލެއްކަން އެނގުމުން އަދި ރުޅިވެރިކަން އިތުރުވެ ދަތްކުނޑި ވިކައިގަނެވުނެވެ. އޭނަގެ ސަލާމަތަށްވެސް މި ޝައިތާނާ ގާތްވާކަށް އޭނަގެ ހިތާއި ރޫހުވެސް ނޭދެއެވެ. އެތައް އިހުސާސްތަކުން އޭނަގެ ފުރާނަވެސް ރޮއިގަންނަވަރުވިއެވެ. ފިލަން ދުވާނެ ތަނެއް ނެތްކަން އެނގުމާއިއެކު ނުކުމެވުނީ ދޮރު ހުޅުވާލާފައި ބޭރަށެވެ. ތެތް ދުންފިނީގެ ސާލެއް ދުނިޔޭގައި އޮޅާލާފައިވާއިރު ގެތަކުގެ ކުޑަދޮރު ތަކުން ފާއްދާ އަލިތަކުން އަނދިރިކަން ކޮންމެވެސް ވަރަކަށް ނައްތާލާފައިވެއެވެ. އަމީރާ ހަށިފުރާ ނޭވާއެއް ލީއިރު އެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

ހެނދުނު އިރުއެރިއިރު ލޫސިއާން މެސެޖްކޮށްލާފައި އޮތެވެ. ހެނދުނުގެ ސަލާމްކުރަން ފޮނުވި އެ މެސެޖްކިޔާފައި އަމީރާގެ ހިތަށް އަސަރުކޮށް ދެލޯ ތެމޭގޮތްވިއެވެ. ހިތް އެންމެ އެދޭފަދަ ޒުވާނެއް ހަޔާތުގެ ދޮރުގައި ޓަކިދިންއިރު އޭނައަށް އިޖާބަދެވޭކަށް ނެތެވެ. އޭނަމިވަނީ ހުރިހާ ފަރާތަކުން ހިސާރަކުރެވިފައެވެ. ސަލާމުގެ ޖަވާބު ދީފިއްޔާ އޭމޮން ލޫސިއާންއަށް ހަދާލާނެގޮތެއްވެސް އެނގެނީއެއް ނޫނެވެ. އަމީރާ މަރާލިޔަސް ފަރުވާލެއްނެތެވެ. އެކަމަކު ލޫސިއާންއަށް އެހާ ދެރަގޮތެއްވާކަށް ބޭނުމެއްނޫނެވެ. ނަމަވެސް ލޫސިއާންއެކޭ އޭމޮންއެކޭ ހުރީ ކޮންތަފާތެއް ހެއްޔެވެ؟ އަނެއްކާ އޭމޮންއަކީ ލޫސިއާންއަށް ވެދާނެހެއްޔެވެ؟ އަމީރާގެ ހިތުގައި ބިރުވެރި ޝައްކުތަކެއް އުފެދެންފެށިއެވެ. ޖިންނިންނަކީ މަކަރުވެރި ބަޔެކެވެ. އިންސާނުންގެ ސިފައިގާ އެމީހުން މީހުންގެ ލޯތަކަށް ފެންނަކަން އެއީ ހަގީގަތެކެވެ. ލޫސިއާންގެ ސިއްރުވެރިކަމާއި އުޅޭ އެކަނިވެރިކަމާއިމެދު ވިސްނާލުމުން ހައްތަހާ ޝައްކުތައް އިތުރުވީއެވެ. ވަހުމާއި ޝައްކުތައް އެއްފަރާތްކޮށްލަން ހިތް ގަދަ އަޅާ މަސައްކަތްކޮށްގެން ކާމިޔާބުވިޔަސް އޭމޮންގެ އިންޒާރު ހަނދާން ވުމުން ލޫސިއާންއާއި ވާހަކަ ނުދައްކަން އަމީރާ ނިންމިއެވެ. އޭނަފަދަ ބަދުނަސީބު އަންހެންކުއްޖަކާއި ގުޅިގެން ލޫސިއާންއަށް ލަނޑެއް ލިބިދާނެއެވެ. އެފަދަ ކެއްސެއް އިންސާނަކަށް ދޭކަށް ނުވާނެއެވެ.

އިރުއޮއްސުމުން އަމީރާގެ ހިތް އަވަސްވާންފެށިއެވެ. އޭމޮންގެ ފަރާތުން ކުރިމަތިވެދާނެ ކަމަކަށް ބިރުގަންނަނީ ރޭގަނޑުވީމައެވެ. މިރޭ އޭނަ ނުވެސް ނިދާނެއެވެ. ހޭލާ ސިޓިންރޫމްގައި އިންނާނީއެވެ. ހުރިހާ ބޮކިތައް ދިއްލާލައިގެން ވާހަކަފޮތެއް ހިފައިގެން އިންދާ މަންމަމެން އެންމެން ނިދަން ވަދެއްޖެއެވެ. ކުއްލިއަކަށް ކަރަންޓު ކެނޑި އަނދިރީގެ ތެރެއަށް ގެ ގެނބިގެން ދިޔައިރު އޭމޮންގެ މުޑުދާރު ސިފަ އޭނައާއި ދާދި ކައިރިން ފެނުނެވެ. ދަތްތައް ދިގުކަމާއިއެކު ރީދޫގަނޑެއްހެން ހީވެއެވެ. މިއިން ދުވަހަކު އުނގުޅިކަމެއް ނޭގެއެވެ. ދުވި ވަހަކުން އަމީރާ އޯކަށް ދަމަން ފެށުމުން އަދި އޭމޮން ކައިރިއަށް އައީ ނުލަފާ ހިންޏެކެވެ.

"މޮޔަ އަންހެންކުއްޖާ. ހުރިހާ ރައްޔިތުން އެއްކޮށްލައިގެން އިނަސް އަހަރެން ބޭނުންގޮތަށް އެންމެން ނިންދަވާލާ ބޮކިތައް ނިވާލާނެ ބާރު އަހަރެންގެ އެބަހުރި. ތިހުރިހާ އިންސާނުންނަށްވެސް އަހަންނަކާއި ނުކުޅެވޭނެ. އަހަންނަށް އެނގޭ. ރޭވެސް ވަރަށް އެންޖޯއި ކުރީމެއްނު، ލިޔުންތެރިއަކަށްވީމަ އަދި ވަރަށް ފޮނި ކަނޑާލާފައި ލިޔެވޭނެ. ސުޕަނެޗުރަލް މީހަކާ އެއްކޮށް ނިދިވާހަކަވެސް ބުނެވިދާނެ. އެއީ ލިބުނު ކިހާ ބޮޑު ފަޚުރެއް. ޓްރަސްޓްމީ. އެފްބީގެ ސްޓޭޓަސްއެއް އަޕްކޮށްފިއްޔާ ހުރިހާ އަންހެނުން ހަސަދަވެރިވާނެ. ސޯ އިންސާނުންނާއި ޖިންނިންނާއިހުރި ފަރަގުވެސް އެނގިއްޖެ ދޯ. އިންސާނުންނަށް ނޭގޭނެ އެގޮތަށް އުފާކޮށްދޭކަށް. ކީކޭ ބުނަނީ؟ "އޭމޮން އަމީރާގެ މޫނުގައި ހިފާފައި ކުރިކަމަކުން އަމީރާގެ ހޮޑު އަނގަޔަށް އައިގޮތަށް އޭމޮންގެ މޫނަށް ދުއްވާލެވިއްޖެއެވެ.

"ހަހަ...." އޭމޮން ފަކުރުގަތްހެނެއްވެސް ހިޔެއްނުވެއެވެ. މޫނުމަތީގައި ހޮޑު ހުރުމުން އަދި ވަކިން ބޮޑަށް އަމީރާ ފަކުރުހީވިއެވެ. ފޮހޭކަށްވެސް ނޫޅުނެވެ.

އޭމޮންގެ ޖެއްސުމާއި ފޮނިކެނޑުމަށް ކެތްނުކުރެވިގެން އޭނަ ބޭނުންވީ އެއީ ދޮގެއްކަން އަންގާށެވެ. އޭމޮންއަށް އެނގެނީ އުފާކޮށްދޭކަށް ނޫނެވެ. އޭނަގެ ޖިސްމުވެސް ތުރުތުރުއަޅާވަރަށް ވޭނާއި މަރުގެ ރަހަ ދިނުމަށްފަހު އެއީ އޭމޮން އުފާވެރިކަން ސިފަކޮށްދޭގޮތް ވަންޏާ އެއީ އުފަލެވެ. މިހާރުވެސް މިއިނީ އެކަމުން އަރައިނުގަނެވިފައެވެ. އެހެން ބުނެފިއްޔާ އޭރުން މި މޮޔަ ޝައިތާނާ ދެން ކޮށްލާނެ ވަރެއް އެނގެނީއެއް ނޫނެވެ. ކޮންމެކަމެއް އޭނައަށް ފެންނާނީ އިދިކޮޅަށެވެ. މަޑުން އިނިއްޔާ ފަހަރެއްގައި އުދަގޫނުކޮށްފާނެއެވެ. އެއީ އަމީރާއަށް ވީ ކުށްހީއެކެވެ. އެ ހިމޭންކަން އޭމޮންގެ މޫނުމަތީގައި ޖެހި އެތިފަހަރެއްކަމުގައި ނޫނީ ނުވިއެވެ. ދެވަނަ ސިކުންތުކޮޅުގެ ތެރޭގައި އަމީރާއަށް ހުރެވުނީ ޝަވަރުދަށުގައެވެ. ގަނޑުފެންފަދަ ފެންތައް ހަށިގަނޑަށް ފައިބައިގަތުމާއި އެކުހެން ހޫނުކަން އޭނަ ވަށާލާ އިސާހިތަކު ގަނޑުފެނާއި އަލިފާން އެކުވެއްޖެއެވެ. ކިތަންމެ ވަރަށް ގަދަހެދިޔަސް ސަލާމަތްވާން ނުކުޅެދުނެވެ. މިފަހަރުވެސް އަމީރާއަށް ލިބުނު ވޭނުން އޭމޮން އުފާހޯދިއެވެ.

އެންމެން ވޯޓާފޯލްއެއް ބަލަން ތައްޔާރުވީއިރު އަމީރާހުރީ ދާހިތް ނުވެވެފައެވެ. ތަބީއަތަށް ބޮޑު އިންގިލާބެއް އައިސްފައެވެ. އެދެލޮލުން ފެންނަނީ ވޭނާއި ހާސްކަމެވެ. ފިލާފައި ހުންނަ ކަރުނައެވެ. އަބަދު ބިރެއް ފެނިގެން އުޅޭކުއްޖެއް ހެންނެވެ. ނަޝީދުވެސް އަތުގައި ޕްލާސްޓަރުގަނޑެއް އަޅާލައިގެން ހުރިއިރު އަމީރާގެ މޫނަށް ވިސްނުންތެރިކަމާއިއެކު ބެލިއެވެ. މޫނާއި އަތް ހުދުކަމުން މީހަކު ލޭބޮއިފާ ހުންނަ ކުއްޖަކާއިވެސް ވައްތަރެވެ. އަމީރާއާއިއެކު އެހިނގި ހާދިސާގެ ސަބަބުން ނަޝީދުވެސް ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. އަމީރާވެސް ސްކިޒޮފްރީނިއާ ބަލިމީހަކަށްވަނީހެއްޔެވެ؟ ބައެއްފަހަރު އެފަދަ މީހުންނަށް ލިބިފައިވާ ގަދަފަދަ ބާރާއި ބަރުއަޑުން ވާހަކަދެއްކުމުން ޖިންނި އަވަލާފައިވާ ކަމަށް ބައެއް މީހުން ގަބޫލުކުރިޔަސް އޭނަ އެކަން ގަބޫލުކުރާކަށް ތައްޔާރެއްނޫނެވެ. އޭނަ ވިސްނަނީ އެކަނި ސައިންޓިފިކް ނަޒަރަކުންނެވެ. އިންސާނާގެ ސިކުނޑިއަށް ޖެހޭ ބަލިތައް ޖިންނިންނާއި ގުޅުވާކަށް އޭނަ އެއްގޮތަކަށްވެސް ނެތެވެ.

ވޯޓާފޯލްބަލަން ވަރަށް މައްޗަށް އަރަންޖެހުނެވެ. އަމީރާވެސް ހުރީ ގުބުހިލޭވަރުވެފައެވެ. ނަމަވެސް ވޯޓާފޯލް ފެނުމުން މޮޔަވާވަރުވިއެވެ. ފެންފައިބާ އަޑު ހިތްގައިމުއަޑު މިއުޒިކެއްފަދައިން ފަޒާ ގުގުމާލާފައިވާއިރު ފޮނުލާފައި ރުޅިވެރިކަމާއިއެކު ފައިބަމުންދާ ފެންއާރުން މާޒީގެ ހަނދާންތައް ސިކުނޑީގައި ކޮށްޓާލައިފިއެވެ. ކިތަންމެ ބަލައިލަން ރީތިވިޔަސް މިފަދަ ފެންއާރުތައް އިންސާނަކު ދިރުވާލުމުގައި ފަހެއްނުޖެހޭނެއެވެ. އޭނަ ކައްސާލައިގެން ވެއްޓި އޮޔާދަނިކޮށް ސަލާމަތްކޮށްދިނީ ލޫސިއާންއެވެ. ނަމަވެސް އެކަމުގެ އަގު ހޯދިއެވެ. އަމީރާ ހިލައެއްގެ މަތީގައި އިށީންގޮތަށް ފުން ވިސްނުމެއްގެ ތެރޭގައި އިންދާ ދާދި ގާތުގައި މީހަކު ހުރިހެން ހީވެގެން ތެދުވާން އުޅުނުއިރު ހިލަތަކުގެ މަތިން ނުފޮރުޅީ ހަމަކިރިޔާއެވެ. ލޫސިއާން ހުޝިޔާރުކަމާއިއެކު އޭނަގެ އަތުގެ މުލައްދަނޑީގައި ހިފިގޮތަށް އޭނަ ބެލެންސްވާން ލައްވެލުނީ ލުސިއާންގެ ފުޅާ މޭގައެވެ.

"ކެއާފުލް........ކޮންމެ ފަހަރަކު އެކްސިޑެންޓްވާއިރަށް އަހަރެން ނުހުރެދާނެ. އަމިއްލައަށް މަރުވާހިތުން އުޅޭ ކުއްޖެއްނަމަ އެހެން އޮޕްޝަނެއްވެސް ހޯދަދީފާނަން......" ލޫސިއާންގެ ކަންނެތް ހިނިތުންވުމުން ކޯފާތަށް އެޅުނު އަޑިކޮޅުން އަމީރާގެ މޭ ފޮތިކޮށްލައިފިއެވެ.

"ނޫޅެމޭ ފުންމާލާކަށް...." އަމީރާ ދުރަށް ޖެހިލާފައި ހިލައެއްގެ މަތީގައި އިށީދެއްޖެއެވެ. ދޮންފައިތިލަ ފެންގަނޑަށްލައިގެން އިންއިރު އިޝްތިހާރެއްފަދައެވެ. ލޫސިއާން ދުރުބަލަން އުޅުނަސް އެކަމަށް ނުކުޅެދުނެވެ. އަމީރާއާއި ދާދި ކައިރީގައި އިށީދެލައިގެން ތިބިއިރު ދެކޭ މީހުންނަށް ސިފަވާނީ ލޯބިވެރިންގެ ގޮތުގައެވެ. އެހާވެސް ގުޅޭ ޖޯޑެކެވެ. އަދި ލޫސިއާންގެ ކަތި ބެލުންތަކުން އެނޫން އެއްޗެއް ދޭހައެއްވެސްނުވެއެވެ. އަމީރާ ދެކޭގޮތުން ހަގީގަތް އެނގެނީ އޭނައަށެވެ. ލޫސިއާން ދަސްވެފައިވާ މީހަކީ އެކަނި އަމީރާއެވެ. މިއީ ލޯތްބެއްނޫނެވެ. އެދުންވެރިކަމެވެ. ލޫސިއާން އޭނަގެ ފަރާތުން ހޯދަން ބޭނުމީ އުފަލެވެ. އޭމޮން ފަދައިންނެވެ. މިހުރިހާ ފިރިހެނުން އޭނައާއި ދޭތެރޭ ނާސިއެއްގެ ގޮތުގައި ދެކެނީ ކީއްވެހެއްޔެވެ؟ އޭނަގެ ރީތިކަން ބިރަކަށް ނޫނީ ނުވެއެވެ.

"އަހަރެންގެވެސް ފެވަރިޓް ސްޕޮޓެއް މީ. އެހެންވެ އަންނަހިތްވީ. ހިޔެއްނުކުރަން އެމީ އާއި ދިމާވާނެކަމަކަށް. މުޅިންވެސް އިއްތިފާގުދޯ. ދެމީހުން އެއްތާކުން ބައްދަލުވާން ދެވަނަފަހަރަށްވެސް ތަގުދީރުގައި މިވަނީ........ހެހެ.." ލޫސިއާން ކައިރިވެލުމުން ދުވި ތާޒާވަހުން ސިކުނޑިއަށް ލިބުނު އަރާމު ބަޔާންކުރަން ދަތްޗެވެ. ލޫސިއާން ގައިން އަބަދުވެސް ދުވަނީ އެހާ މީރުވަހެކެވެ. ސެންޓު ނުޖެހިޔަސް ތަފާތެއް ނެތެވެ.

"އެކަމަކު ތިގޮތަށް ލޫސިއާން އަހަންނާއި ވާހަކަދެއްކުން ރަގަޅެއްނޫން...." އަމީރާ ބުނެލިއެވެ.

"އެއީ ކީއްވެތަ؟ " ލޫސިއާން ބުމަ ކައިރިކޮށްލިގޮތުން ހައިރާންވިކަން އެނގުނެވެ.

"އަހަރެންވަނީ މީހަކާއި އިންނަން ހަމަޖެހިފައި...." އަމީރާ މަޑުމަޑުން ބުނެލިއިރު އަޑުން ހިތާމައިގެ އަސަރު ފައުޅުވިއެވެ.

"އޯ........" ލޫސިއާންއަށް އެކަމުން އުދަގޫވީކަން ނޭގެއެވެ.

"ސީރިއަސްކޮށް މިބުނީ. އަހަރެންގެ ދިރިއުޅުން ވަރަށް ކޮމްޕްލިކޭޓެޑް. އިތުރަށް ބުނެއެއް ނުދެވޭނެ. އެކަމަކު އަންޑަސްޓޭންޑްވާނެކަމަށް ހީކުރަނީ...." އަމީރާ ބުނެލިއެވެ.

"އެއީ ކީއްވެގެންނޯ. ވަރަށް ނުފޫޒުގަދަ މީހަކާއި އިންނަނީ؟ " ލޫސިއާން ސުވާލުކުރިއެވެ.

"ދެބެންގެ ދެދަރި ބޭބެއަކާއި....." އަމީރާ މައިކަލްގެ ވާހަކަ ބުނެލިއެވެ.

"ހޫމް....." ލޫސިއާން އިތުރަށް އެވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. އެ ޚަބަރު އިވުނުފަހުން އޭނަ އިންނަނީ ފާޑަކަށެވެ. ނޫނީ ގަސްތުގައި އެކްޓެއް ކޮށްލަނީހެއްޔެވެ؟ ދެރަވީކަމަށް ހެދުނީކަމަށް ވެދާނެއެވެ. މި ފިރިހެނުން އުޅޭ ފާޑެކެވެ. ލޫސިއާންގެ ފަރާތުން ބަދަލުހިފާ ދެރަކޮށްލަން ނިންމި ނިންމުންވެސް ކުރިއަށް ގެންދެވޭކަށްނެތެވެ. އެއަށްވުރެ އޭނަގެ ނިކަމެތިކަމާއި އަޅުވެތިކަން ބޮޑެވެ. ޖިންނިއަކާއި އިންސިއެއްގެ ދޭތެރޭގައި ތާށިވާންވެއްޖެއްޔާ އަދި އޭނަގެ ދިރިއުޅުން ގިޔާމަތަކަށްވާނެއެވެ. އޭމޮން ތަންކޮޅެއް ހެޔޮލަފާ މަޚުލޫގަކަށްވިނަމަ ކުޑަ ކުޑަ އުންމީދެއް އޮވެދާނެއެވެ. ނަމަވެސް ހިތެއްގެ ބަދަލުގައި ކަޅު ހިލަގަނޑެއް އޮތް ޝައިތާނެއްގެ ފަރާތުން ލިބޭނީ އަނިޔާއާއި ބިރުވެރިކަން ނޫން ކޯންޗެއްހެއްޔެވެ؟ މިއީ ފިލްމެއްނޫނެވެ. ހަގީގީ ދިރިއުޅުމެވެ.

ލޫސިއާން އުޅޭގޮތުން ކޮންމެ މީހަކަށްވެސް ހީކުރެވޭނީ އެހިތުގައި އަމީރާއަށް ލޯތްބެއް އޮވެގެން ކަމުގައެވެ. އަމީރާވެސް އެހެން ހީކުރާވަރުވިޔަސް ލޫސިއާންފަދަ ޕްލޭބޯއިއެއްގެ ފަރާތުން އެފަދަ ކަމަކަށް އުއްމީދުކޮށްގެން ނުވެސްވާނެއެވެ. އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ބޭނުންވާފަދަ ސިފަތަކެއް ހުރި ދެމީހުންނަށް ފެނުނީ ލޫސިއާންއާއި ރަފައެލްއެވެ. ރަފައެލްގެ ޝަޚުސިއްޔަތުގެ ސަބަބުން ކުރާ އަސަރަށްވުރެ ލޫސިއާންއާއިމެދު ލޯބިވެރިޔެއްގެ ހައިސިއްޔަތުން ދެކެން މާ ފަސޭހައެވެ. ރަފައެލް ފާޅުގައި ލޯބިދައްކާކަށް ނޫޅެއެވެ. ކޮންމެ ގޮތެއް ވިޔަސް އެދެމީހުންނާއި ދުރަށްދާން މިއަދު މަޖުބޫރެވެ.

ހެނާ ކިތަންމެވަރަކަށް ޒޯހަންގެ އެ އަނދިރި ފަރާތްދެކެ ނަފްރަތުކުރަން މަސައްކަތްކުރިޔަސް ޒޯހަންއަށްޓަކާ ހިތުގެ ކަނެއްގައި ޚާއްސަ މަގާމެއް ދެވިފައިވެއެވެ. މައިކަލް ދިން އިންޒާރުގެ ސަބަބުން ހޮޓަލަށްދާން ޖެހިލުންވެ ނިކްޒާދު ކައިރީގައި އެވާހަކަ ބުނަން އޭނަ އެކެބިންއަށް ދިޔައެވެ. ނިކްޒާދު ހުރީ ސަލާމުގައެވެ. ޒޯހަން ހުންނާނީ އޭނަދެކެ ވަރަށް ފޫހިވެފައިކަން ނޭގެއެވެ. ވެރިޔާގެ އަމުރަށް އޭނަ މިހިރީ ބޯނުލަނބާ ފިލައިގެންނެވެ. ވަޒީފާ ސަލާމަތްވާނެ ކަމެއްވެސް ނޭގެއެވެ. އަމީރާގެ މަތިން ހަނދާންވެ ވައިބާކޮށްފައި އަންނަންވެސް ބުނެވުނެވެ. ހިތުގައި ހުރިހާކަމެއް ފޮރުވައިގެން ނުހުރެ އަމީރާގެ ކައިރިން ލަފާއަކަށް އެދޭނީއެވެ. ރޫހާނީ ބިރުވެރިކަންވެސް އޭނަގެ ހަޔާތަށް ފޯރަން ފަށައިފިއެވެ. ނޫނީ ދޮންބައްޕަ ބުނާފަދައިން ނަފްސާނީ މައްސަލައެއް އެންމެންގެ އުޅެނީބާވައެވެ.

ސަކީނާއާއި އާސާއާއިއެކު އެގޭގައި ހޭދަކުރަމުންދާ ދުވަސްކޮޅު ފުދޭވަރަކަށް މަޖާކަމުގައި ހެނާއަށް ފެނުނެވެ. ސަކީނާ ހަންޑި ވާހަކަތައް ކިޔާދޭން ވަރަށް މޮޅުވާނެއެވެ. ކޮންމެ ރެއަކު ކައިގެން އަންނަގޮތަށް ސަކީނާގެ ވަޒީފާއަކީ އެއީއެވެ. އާސާވެސް މަޑުމަޑުންގޮސް އެކަހަލަ ވާހަކަތައް ހަދަހަދައިގެން ކިޔާދޭއިރު މީހަކު ފޫހިފިލާނެއެވެ. ބިރުވެރި ފިލްމުތައް ބަލާ ވާހަކަތައް ކިޔާފައި ހުރިކަން އެނގެއެވެ. އާސާ ބުނިގޮތުން އޭނައަށް ނަންދޭން ޖެހުނީވެސް ވަރަށް އާދަޔާޚިލާފު ގޮތަކަށެވެ. އޭނަގެ މަންމަ ވިހޭތަނުން މަންމަގެ ގާތަށް އައީ ޖިންނިއެކެވެ. ދަރިފުޅަށް އާސާކިޔާ ނަން ނުދީފިއްޔާ ދަރިފުޅުގެ ވަސް ދުނިޔެއިން ފޮހެލާނެކަމުގައި ބުނެ ޖިންނި އިންޒާރު ދިންކަމުގައި އާސާ ބުނީ ހެމުންނެވެ. ހެނާ ދޮގެކޭ ބުނެފާ ދޫ ބޭރުކޮށްލުމުން އާސާ ހުނުން ހުއްޓާލާފައި ބުނީ ހަގީގަތެއްކަމުގައެވެ. ޖިންނި އަންހެންކުއްޖަކަށް އެނަން ކިޔާތީ އެނަން ކިޔުއްވަން ޖިންނި އެދުނީކަމުގައި އާސާ ބުނެލިއެވެ. ހެނާ ފެންވަރަންވެގެން އިސްތަށިގަނޑުގައި ތެޔޮހާކަނިކޮށް އާސާ ކޮޓަރިއަށް އައީ ކުޑަ ޓައްޕެއްކަހަލަ އެއްޗެއް ހިފައިގެންނެވެ. އޭގައިހުރީ ފަތުން ހަދާފައި ހުރި ބޭހެކެވެ. ހެނާ ސުވާލުކުރުމުން އާސާ ހިނިގަނޑެއް ޖަހައިލިއެވެ.

"މިއީ ބޮޑުދައިތައަކު ދިން ހާބަލް އެއްޗެއް. ހެނާވެސް ބޭނުންކުރަން ފެށީމަ އެނގޭނެ. ހަމަޖާދޫއެކޭ ބުނީ. މިހާރު ކުޑަކަމުން ފިރިހެންކުއްޖަކު ބަލައިވެސް ނުލާނެ. މި ބޭސް އިމްޕްލާންޓަށްވުރެ ހާސްބައި ރަގަޅުވާނެ...." އާސާދެއްކި ވާހަކައަކުން ހެނާގެ މޫނަށް އެތައް ކުލައެއް ވެރިވެގެން ދިޔުމާއިއެކު އަނގަޔަށް ގޮތެއްހަދާލިއެވެ.

"ނޫޅެމޭ ފިރިހެނުން ލައްވާ ބަލުވަން...."

"މޮޔަ ހެނާ ގަނޑު، އަދި ތިކަމާ ދެރަވާކަހަލަ ދުވަހެއް އައިސްދާނެ. ފިރިހެނަކުދެކެ ލޯބިވީމަ އެކަހަލަ ކަންތައް ވިސްނޭނީ. އަހަރެމެންގެ ބޮޑުދައިތަމެން އެކަހަލަ ތަޖުރިބާ ވަރަށް ހުރޭ، އާނ. ދެން ކޮން އަންހެންކުއްޖަކު ނޭދޭނީ އަމީރާގެ ބޮޑީ ލިބެން؟ ކިހާ ރީތި. ހެނާވެސް މިހާރު އަޑުކިޔާފައި އެބަދިގުވޭ އެކަމަކު ފިރިހެންކުއްޖެއްހެން މިބައި ހުރެގެން ނުވާނެ. އަހަރެން މިބޭސް ލައިދެންތަ. ބޮޑުދައިތަ ބުނި އެއް ހަފްތާތެރޭގައި އަސަރުކުރަން ފަށާނެޔޯ. ..." އާސާ ހެނާގެ މޭމަތީގައި މަޑުމަޑުން އަތުން ޖަހައިލުމުން ހެނާ ހަޅޭއްލަވައިގެންފާ ފަހަތަށް ޖެހުނެވެ. ބައެއްފަހަރު އާސާ އުޅޭލެއް މޮޔަކަމާއި ޖާހިލުކަމުން ހެނާއަށް އުދަގޫވާހިސާބަށް ދެއެވެ. ނޫނީ ގަސްތުގައި އާސާ އުޅޭ ވައްތަރެއްހެއްޔެވެ؟ އެބުނާ ހާބަލް ބޭހުގެ އަޖުމަ ބަލާ ހިތްވިޔަސް ހެނާ ހުރީ އެކަން ސިއްރުކޮށްލައިގެންނެވެ.

"ސްޓުޕިޑް. ދެން ދޭ މިތަނުން. ފެންވަރާ ގަޑި...." ހެނާ އާސާ ގަދަކަމުން ކޮޓަރިން ބޭރަށް ލާފައި ތަންޑުއެޅުވިއެވެ. ކުޑައެތިކޮޅެއް ނެގިޔަސް އާސާއަކަށް ރޭކާ ނުލާނެއެވެ. އާސާއަށް ސިއްރުން އޭނަވެސް މިއިން ބޭނުންކުރާނީއެވެ. އާސާ އެބުނާ ބޮޑުދައިތައަކީ ބޭސްވެރިކަމަށް މޮޅު މީހަކަށްވާތީ އޭނަ އެގޮތަށް ހެނާއަށް ތަފާތު ވައްތަރުގެ އެއްޗެހި ގެނެސްދީ ހެދިޔަސް ހެނާ ފަހަރެއްގައިވެސް ބޭނުމެއްނުކުރެއެވެ. އތުބާރުވެސް ނުކުރެވެނީއެވެ. ނަމަވެސް މިއީ މުހިއްމުވި އެއްޗެކެވެ. އަމީރާގެ ރީތި ހަށިގަނޑު ލިބިއްޖެއްޔާ ފަހަރެއްގައި ޒޯހަންވެސް އޭނައާއި ހެދި އުޅޭނެއެވެ.

އެޚިޔާލު އައުމުންވެސް ހެނާ އެކަނިހުރެވެސް ރަކިވެގެން އަނގަޔަށް އަތްލިއެވެ. ޒޯހަން ވަނީ އޭނަ ލޯބިވާކަން އެނގޭ ވާހަކަ ބުނެފައެވެ. އިންނާނަމޭވެސް ބުނެފައެވެ. ޔަގީނެވެ. އެއީ ކޮށްލި ސަމާސާއެކެވެ. އޭނައާއި ދިމާކުރަންވެގެން ކިޔާލި އެއްޗެކެވެ. ސީރިޔަސް ކޮށް ނުނެގުނީވެސް އެހެންވެއެވެ. ޒޯހަންގެ ލޯ އަނދިރިއެއް ނޫނެވެ. ހުރީ ސަލާމަތުންނެވެ. ކިޔާރާފަދަ ރީތި ކިތަންމެ އަންހެންކުދިންނެއް އަދިވެސް ލިބިދާނެއެވެ. ވީއިރު އޭނަ ކަހަލަ އާދައިގެ ކުއްޖަކާއި ޒޯހަން ހުވަފެނެއްގައިވެސް ނީންނާނެއެވެ. ބޭސްހާކާލައިގެން އިރުކޮޅަކު ހުރުމަށްފަހު ފެންވަރާ ރީތިވެލައިގެން ނަމާދުކުރިއެވެ. ޔުނިފޯމް ލާންހުރިއިރުވެސް ޒޯހަންއާއިމެދު ވިސްނުނެވެ. އުމުރުދުވަހު ހިތް ކީ އެކަނި މީހަކީ ޒޯހަންއެވެ. އެނަން އަޑުއިވުނީއްސުރެ ހިތުގައި އާ ވިންދެއް ޖަހަންފެށިއެވެ. ޒޯހަންދެކޭހިތްވެއެވެ. އޭނަގެ އެނުބައި ކަމާއިއެކުގައިވެސް ހިތުން ޖާގައެއް ހޯދާފައިވެއެވެ. ނަމަވެސް ދުވަހަކުވެސް އޭނައާއި ޒޯހަން ގުޅުމަށް އޭނަ ފުރުސަތެއް ނުދޭނެއެވެ. އޭނަ އުޅޭނީ އަމިއްލަ ފެންވަރު ދެނެގަންނެވެ. އަދި އެހާ ފަސޭހައިން މީހުންނަށް އިތުބާރެއްވެސް ނުކުރާނެއެވެ.

ހެނާ ލޯގަނޑުން ބަލައިލިއިރު އާސާބުނިހެން މިހާރު ތަންކޮޅެއް ދިގުވެފައި ރޫފަ ރަގަޅުކަމަށް ދައްކައެވެ. އެކަމަކު އަމީރާއާއި ވާދަކުރެވިދާނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ.

ރެސްޓޯރެންޓަށް ވަންނައިރަށް މިރޭ ޖެހުނީ ހަވަނަ ފްލޯގައިވާ ރޫމަކަށް ޑިނަރ ގެންގޮސްދޭށެވެ. އާސާމެންވެސް އަވަދިނެތި އުޅޭތީ އެމަސައްކަތް އެހެން މީހަކާއި ހަވާލުކުރެވޭކަށްނެތެވެ. ލިފްޓާއިމެދު ހެނާގެ ހިތް ބިރުގަނެފައިވާ ވަރުން އޭނަ ގަސްތުކުރީ ބަލިވިޔަސް ސިޑިން އެރުމަށެވެ. ސިޑިބަރީގެ ބޮކިތައްވަނީ ނިވާލާފައިކަމުން އޮތީ އަނދިރިކޮށެވެ. އެކަމަކު ހެނާ އެހާ ބިރެއްނުގަނެ މައްޗަށް އަރަމުން ދިޔައެވެ. ވަކި ހިސާބަކުން ހެނާއަށް ހީވާންފެށީ މީހަކު އޭނަގެ ފަހަތުން އަންނަހެންނެވެ. ފިޔަވަޅުތައް ހުއްޓާލާއިރަށް އެމީހަކުވެސް ހުއްޓެނީއެވެ. ހިނގައިގަންނައިރަށް އިތުރު މީހެއްގެ ބަރު ފިޔަވަޅުތައް އިވެންފެށުމުން ބިރުވެރިކަން ހަތަރުފަރާތުން ހަނާ އަޅަންފެށިހެން ހީވިއެވެ. ހެނާ ފަޔަށް ބާރުލާފައި ދުއްވައިގަތެވެ. ފަހުން ވިސްނުނީ ދުވެ ބަލިވިޔަސް އެއްތަންކޮޅެއްގައި ދުވެވޭކަމެވެ. ހަތަރުވަނަ ފްލޯގެ ސިޑިން އަރައަރާ ކުރިއަކަށް ނުދެވުނެވެ. އަބަދުވެސް ދުވެވެނީ އެ ފްލޯގެ ސިޑިމަތީގައެވެ. މަގުއޮޅުވާލީއޭ ކިޔަނީ މިހެންވީމަކަމަށް ވެދާނެއެވެ. އޭނަ ވަރުބަލިވެ ހުއްޓުން އަރާފައި ދެފަރާތަށް ކަޅި އުކަން ހުރެވުނީ ސްތެޗޫއެއްހެންނެވެ. އެހެން އިރުކޮޅެއްވާންދެން ހުރެފާ ފޯނުނެގިއިރު އިނގިލިތައްވެސް ތުރުތުރުލައެވެ. އެވަގުތު މުޅި ހޮޓަލުގެ ކަރަންޓު ދިޔުމުން ހެނާގެ ހުރިހާ ހިތްވަރެއް ނެތިގެން ހިނގައްޖެއެވެ.

ހެނާ ހޭލެވުނުއިރު އޭނައޮތީ މަޑު ތަންމައްޗެއްގައެވެ. އޭނަގެ އަތުގައި ހިފަހައްޓާލައިގެން އެނދުގައި ބޯ އަޅާލައިގެން ނިދާފައި އޮތް ޒޯހަންގެ މޫނަށް ބަލާލާފައި ހެނާ ހައިރާންވިއެވެ. އޭނަ މިއޮތީ ކޮންތާކުހެއްޔެވެ؟ ޒޯހަން އޭނަގެ އަތުގައި ހިފައިގެން މިއިނީ ކީއްވެހެއްޔެވެ. އަބަދާއަބަދު އެގޮތަށް އޭނަގެ އަތުގައި ހިފާލައިގެން ޒޯހަން އިންނާނެނަމައެވެ. އެވަރުގަދަ އިސްތަށިގަނޑުގައި އަތް ބީހިލާހާ ކައިރީގައި އޮތްއިރު ބަރު ބަރު އެސްފިޔަތަކަށްވެސް ބެލުނެވެ. އެހާ ކަޅުކަންގަދަ ބުމައެކެވެ. ފުރަތަމަ ދުވަހުވެސް ލޮލުގައި އަޅައިގަތީ ބުމައެވެ. ހެނާ އޮތީ ހިރިލާންވެސް ނުކެރިފައި ޒޯހަންއަށް ބަލާށެވެ.

ކުއްލިއަކަށް ފެނުނީ މައިކަލް ދޮރުމައްޗަށް އެރިތަނެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މައިކަލްގެ މޫނުގެ ކުލަވަރު ބަދަލު ފަހަތަށް ޖެހިލުމުން ހެނާއަށް ވިސްނުނީ އެންމެ އެއްޗެކެވެ. ޒޯހަންދެކެ މައިކަލް ރުޅިއަންނަނީ ޒޯހަންއަކީ ގާތިލަކަށްވީމައެވެ. އެނޫނީ ދެން ކޮން ސަބަބެއްހެއްޔެވެ؟

ކޮމެންޓް 0