"ނޫނޭ. ރޭގަ އަހަރެން ދިޔައީއޭ އެ ރޫމަށް ސިގިރެޓްފޮށި ބަލާ. ދެން ހެނާ ނުނިދާކަން އެނގޭތީ އަތުގައި ހިފާލީމަ ބިރުން ހީވީ އެހެންކަމެއްހެން. ވަގުތުން އަދި ސަލާމަތްވާން ބުނެފި ޕީރިއެޑްވެގެންނޭ. އޭނައަކަށް ނޭގޭނެވިއްޔާ ޒެންކަން އޭނަކައިރިއަށް ވަންނަނީ. ލުކް ޒެން. އަހަންނަށް އެނގޭ މިކަން ކޮށްދެނީ މަޖުބޫރުވެގެންކަން. އެކަމަކު ޑީލްވާނީ ޑީލްއަށް. ހެނާ ޕްރެގްވީމަ ޒެން ފްރީވީ. މިމަންތުގައި އަދި ޓްރައިކޮށްދީ......." މައިކަލް އެހެން ބުނުމުން ޒޯހަން ބޯޖަހައިލީ އެހާ ބޭނުންވެފައި ހުރެގެނެއްނޫނެވެ. އަންހެންކުއްޖަކަށް އޮޅުވާލައިގެން އޭނަގެ ބޭނުން ކުރާކަން އެނގިއްޖެއްޔާ އެހިތަށްވާނެ ގޮތެއް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ހެނާ މޮޔަވެދާނެއެވެ.

"ހެނާއަށް އެނގޭ ދުވަހަކުން ކިހިނެއްވާނީ....." ޒޯހަންއަށް އަހައިލެވުނެވެ.

"ޝީ ޝުޑް ނެވަރ ފައިންޑް އައުޓް.." މައިކަލް އަކުރުތަކަށް ބާރުލާފައި ކިޔާލިއެވެ. އެހަގީގަތް ފަޅާއަރައިފިއްޔާ މުޅި ޕްލޭން ފަނިވީއެވެ. ހެނާއަށް އެނގިއްޖެއްޔާ މަންމަގެ ކަންފަތަށް އެވާހަކަ ފޯރާކަށް ގިނައިރެއް ނުވާނެއެވެ. އޭނަ ވިސްނަނީ އެކަނި މަންމައާއިމެދުގައެވެ.

"އައި ޑޯނޯ މައިކް. މިހާރު މިކަންތަކާއި ބޯގޮވަން ފަށައިފި. ވަކި އިންޓެންޝަންއެއްގައި މިގޮތަށް ނުދަންނަ އަންހެންކުއްޖެއްގެ ކައިރިއަށް ރޭގަނޑު ވަނުމަކީ ދެން ރިއަލް ފިރިހެނަކު ކުރާކަހަލަ ކަމެއްވެސް ނޫން. އަނެއްކޮޅުން ހެނާއާއި އަރައިރުންވެފައި އޭނައާއި ކައިރިވާން ކިހާ އުދަގޫވާނެ...." ޒޯހަން އިސްތަށިގަނޑުގައި އަތްހިންގާލިއެވެ. ހަގީގަތުގައިވެސް އޭނަގެ ބޮލުގައި ރިއްސަން ފަށައިފިއެވެ.

"ކަމޯން ޒޭން. ތީ ފިރިހެނެއް. ލޯބިނުވިޔަސް ޕްރޮސްޓިޓިއުންގެ ކައިރިއަށްވެސް އަހަރެމެން ޖައްސައިލަނީ އެންމެ ކަމަކު. ފޯ ޕްލެޝާ. ފާޑެއްގެ މަޖުބޫރީއެއްވެގެން ޒޭންއަށް މިކަމުގެ ތެރެއަށް ވަދެވުނީ. ސޯ އޭގެ ބެނެފިޓްސް ވެސް އެބައޮތެއްނު. ޒޭން ސެޓިސްފައިވެ ޑީލްވެސް ފުރިހަމަކޮށްދެވުނީ. ކޮބާ މައްސަލައަކީ؟ " އެހެން ބުނެވުމާއިއެކު މައިކަލް އަމިއްލަ ނަފުސްވެސް ކުށްވެރިކުރިއެވެ. ހެނާފަދަ މައުސޫމް އަންހެންކުއްޖަކީ ކަސްބީއަކާއި އެއްހަމައެއްގައި ވިސްނާކަށް އޭނަގެ ހިތްވެސް ނުރުހެއެވެ. ހެނާގެ މަޑުމައިތިރިކަމާއި ބަސްއަހާވަރު ފެންނަން ފެށުމުން އޭނަގެ ހިތުގައި އެކުއްޖާއަށްޓަކާ ކުލުނަކާއި ގަދަރެއްދެވިއްޖެއެވެ. އެވާހަކަ އޭނަ ޒޯހަންއާއި ހިއްސާކުރިއެވެ. ދެމީހުން އިރުގަނޑެއްވާންދެން ވާހަކަދައްކަން ތިބުމަށްފަހު މައިކަލް ނިދަން ވަނުމުންވެސް ޒޯހަން އިނީ އެތަނުން ނުތެދުވެވިފައެވެ.

ޒޯހަން ވިސްނަނީ ހެނާއަށް އެނގުމަށްފަހު ދެން ކަންތައް ވެދާނެގޮތަކާއި މެދުގައެވެ. އޭނަ ހެނާދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވެއެވެ. އެކަމަކު ހެނާ އޭނަގެ ދަރިއަކަށް ބަނޑުބޮޑުވެއްޖެއްޔާ ކޮންމެގޮތަކުންވެސް އެދޭތެރޭގައި ނުސީދާ ގުޅުމެއް އޮންނާނެއެވެ. ދެމީހުންގެ ދަރިއަކު ހުރެއްޖެއްޔާ އެގުޅުން ދާއިމަށް އޮންނާނެއެވެ. އަދި އިންސާނުންނަށް ވަންހަނާވެފައި އޮތަސް އެކަން ސިއްރުނުކުރެވޭނެ ފަރާތެއްވެއެވެ. މައިކަލްގެ ރޭވުންތެރިކަން ފުދޭވަރަކަށް ރަގަޅެވެ. މައިކަލްގެ އެދުމުގެ މަތިން އޭނަވަނީ ހެނާއާއި ކައިވެނިކޮށްފައެވެ. އޭނަ ފާފައަކަށް އަރައިގަންނާކަށް ނުޖެހެއެވެ. އޭނަ ހެނާއާއި ގުޅުން ހިންގަނީ ހަލާލުގޮތުގައެވެ. ހެނާ އޭނައަށް ގާނޫނީގޮތުންނާއި ދީނީގޮތުންވަނީ ހުއްދަވެފައެވެ. ހެނާއަށް ލިބޭނީ ނަހަލާލު ދަރިއެއްވެސް ނޫނެވެ. ޑީލްއަކީ ހެނާ ބަނޑުބޮޑުވުމަށްފަހު ޒޯހަން ދުރަށް ދިޔުމެވެ. ހެނާއާއި އޮތްހާ ގުޅުމެއް އެހިސާބުން ޒޯހަން ޖެހޭނީ ކަނޑާލާށެވެ. އެއީ ޒޯހަންއަށް މައްސަލައެއް ނޫނެވެ. އެތައް އަހަރެންވާންދެން ރައްޓެހިވެގެން އުޅުމަށްފަހު ކައިވެނިކުރާ މީހުންވެސް ވަކިވާލެއް މަދެއްނޫނެވެ. ނަމަވެސް ތިމާގެ އަމިއްލަ ދަރިއަކު ކުރިމަތީގައި ހުންނައިރު އެކުއްޖާއަށްޓަކާ ހިތުގައި އިހުސާސްތަކެއްވެސް ވާނެއެވެ. އޭނައާއި ކިއާރާއަށް އެފަދަ ދުވަހެއް ނައިސްގެން އުޅެނިކޮށް ކިއާރާ އެވަނީ އަބަދަށްޓަކާ އޭނަގެ ދިރިއުޅުމާއި ވަކިވެގެންގޮސްފައެވެ. ޒޯހަންގެ ދެލޯ ފެންކަޅިވިއެވެ.

"މިހާރު އަހަރެން ބޭނުމެއްނުވޭ އެކަން ތަކުރާރުކުރަން. މައިކް އެކުއްޖާއަށް ބޭސްދީ ނިންދަވާފައި އަހަރެން މިޖެހެނީ........ދިސް އިޒް ނޮޓް ފެއަރ. މިއީ ނޭގިނަމަވެސް އަންހެންކުއްޖަކަށް ދެވޭ ލަނޑެއް. އަނިޔާވެރިވެވެނީ. އެޓްލީސްޓް އެކުއްޖާއަށް އެނގެން ޖެހޭނެ މިވަނީ ކީއްކަން. ކައިވެނީގެ ފުރަތަމަރޭ ކަރަންޓް ކަނޑާލައިގެން އަނދިރިކޮށްލީމަ ހެނާއަކަށް ނޭގޭނެ އޭނައާއި އެކު ސްލީޕްކުރީ ކާކުކަން. މައިކްކަމަށް ހީކުރާނީ. އެކަމަކު ހަގީގަތަކީ ކައިވެނިކުރެވުނީވެސް އަހަންނާއި ކަމަށްވާތީ. މިއީ އެކަނި ހެނާއަކަށް ވެވޭ އަނިޔާއެއް ނޫން، ކިއާރާއަށްވެސް ވެވޭ ބޭވަފާއެއް. އެކަމަކު މިހުރިހާ ދުވަހު މައިކްއާއި އެއްބައިވެފާ އަހަރެންގެ ހިތަށް މިހާރު ވެގެން މިއުޅެނީ ކީއްތަ؟ މިރޭ ނިންޖެއްވެސް ނައި. އަދި ހިތަށް އަރަނީ ހެނާ އަހަރެންދެކެ ލޯބިވާއިރު އެހާ ދެރަކޮށް ހިތުގައި ޖައްސަންވާނެ ބާވައޭ. މިހެން އުޅެގެން އަހަންނަށްވެސް ދެރަގޮތެއްވެދާނެ. އެހާ ބަސްއަހާ ދީނީ ކޮށް އުޅޭ އަންހެންކުދިންނާއި ދޭތެރޭގައި ނުބައިކޮށް ހެދުމުން ބަދު ދުޢާނުކުރާނެ ކަމެއްވެސް ނޭގެއެއްނު. އައިމް އެ ގޯޑް ފިއަރިން ޕާސަން އެކަމަކު މިހާރު ނަމާދުވެސް ގަވައިދުން ނުކުރެވޭ. މިރޭވެސް މަޣުރިބާއި އިޝާވެސް ދޫކޮށްލެވުނީ. އެހެންވެކަން ނޭގޭ ކިއާރާއާއި ރާދްގެ މަރުގެ ތުހުމަތު ބޮލުގައި އެޅި ނުބައި ނަމެއް ލިބުނީ. ރަގަޅަށް އުޅޭ މީހެއްނަމަ އެހެން ދިމަލެއްނުވާނެ.........." ޒޯހަން ފުންނޭވައެއްލާފައި ތެދުވުނުތަނާ ގޭގެ ގޭޓާއި ދިމާލުން މީހަކު ހަރަކާތްކުރިހެން ހީވިއެވެ. މިދަންވަރު ވަގަކު ގެއަށް ވަންނާން ފާރަލަނީކަމަށް ވެދާނެއެވެ. އެހެރީ ގޭޓްވެސް ތަޅުނުލައެވެ. ޒޯހަން ގޭޓް ތަޅުލާންކަމަށް ހިނގައިގަތްތަނާ އެގޭގެ ކުރިމަތީގައި ފަޅަށް ހުރި ގެގަނޑެއްގެ ތެރެއަށް ދުވެފައިގޮސް އަންހެންކުއްޖަކު ވަންތަން ފެނުނެވެ. މިގަޑީގައި ފިލައިގެން އައިސް އެކަހަލަ އެކަނިވެރި ތަންތަނުގައި ބައްދަލުކޮށް އުޅޭނީ ލޯބިވެރިންނެވެ. މައިކަލްމެންގެ ގެއާއި ޖެހިގެން ދެފަރާތުގައި ހުންނަ ގެވެސް މިހާރު ހުންނަނީ ހުސްކޮށެވެ. އެހެންވުމުގެ ސަބަބުން ރޭގަނޑު އެހިސާބުވެސް ފެންނަނީ ނާމާންކޮށެވެ.

ޒޯހަން ބިރެއްނެތި އަނދިރި ގޯޅިގަނޑު ހުރަސްކޮށްލާފައިގޮސް އެގެގަނޑުގެ ތެރެއަށް ވަނެވެ. ފޯނުން އަލިކޮށްލާއިރަށް އެ އަންހެންކުއްޖާގޮސް ގަސްތަކުގެ ތެރެއަށް ވަދެ ގެއްލުނެވެ. ބިންގަނޑުގައި ކޭއްތިކޭއްތި އޮތް ދިގު އިސްތަށިގަނޑު ލޮލުގައި އަޅައިގަތުމުން ޒޯހަންގެ ފިޔަވަޅުތައް ގަނޑުވިއެވެ. އެއީ އާދައިގެ ކުއްޖެއް ނޫންކަން ގަބޫލުކުރެވުނީ އެހިސާބުންނެވެ.

"މައިކް. ޖިންނި އަންހެންކުއްޖެއް މިހިސާބުގައި އެބައުޅޭ. އައިމް ފޮލޯވިން ހާ. ނިދަން ނޫޅެ އަވަހަށް އާދޭ...." ޒޯހަން އަވަސްގޮތަކަށް މެސެޖްކޮށްލާފައި އަދި އެކުއްޖާގެ ފަހަތުންގޮސް ގަސްތަކުގެ ތެރެއަށްވަނެވެ. މުޅިއެހިސާބަށް އަލިކޮށްލައިގެން ހޯދިއިރުވެސް އެއަންހެންކުއްޖާގެ ހިލަމެއްނުވިއެވެ. ޖިންނިން މިގޮތަށް ފެނިދާނެކަމުގައި ގަބޫލުނުކޮށް ކިއާރާމެންނަށް އެއްއިރެއްގައި އޭނަ ޖޯކުޖެހި ހަނދާނެއްވިއެވެ. ކިއާރާމެން ކިޔާއުޅޭ ފެއަރީޓޭލްތަކުގައިވާ ގޮތަށް މިޒަމާނުގައި އެފަދަ ކަންތައްތައް ލޮލަށް ނުފެންނާނެކަމުގައި ޔަގީންކޮށް ބުނިމީހާ މިހިރީ ހައިރާންވެ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ކިއާރާމެންގެ ކައިރީ އެއީ ތެދެއްކަން ހާމަކުރާނެ ފުރުސަތެއްވެސް ނުލިބުނީއެވެ. މައިކަލްގެ ޚަބަރެއްވެސް ނުވިއެވެ. އެހާ އަވަހަށް ނިދީހެއްޔެވެ؟ ނޫނީ އޭނައަށް އޮޅުވާލާފައި މައިކަލް ހެނާކައިރިއަށް ދަނީހެއްޔެވެ؟ ސިގިރެޓްފޮށި އެކޮޓަރީގައި ބާއްވާފައޭ ކިޔާފައި އަދި އެގޮތަށް ހެނާގެ އަތުގައި ހިފުމުގެ މާނައެއްވެސް ކޮންމެހެން ނެތްތާއެވެ. މައިކަލް ކޮންމެގޮތަށް އުޅުނަސް އޭނައަށް ހެވެވެ. އެކަމަކު މިކަހަލަ އެއްޗެހި މިރޭ ހިތަށް އަރަނީ ކީއްވެކަމެއް ނޭގުނެވެ. ހެނާއާއިމެދު ބޭ އިންސާފުން ކަންތައްކުރެވޭތީ އެގޮތަށް ވާން ނޭދެނީއެވެ. ހެނާ ކައިރިން ސީދަލަށް އަހަންވީއެވެ. މައިކަލް އޭނަ އާއި ގުޅުމެއް ބާއްވާހެއްޔޭ އަހާލަންވީއެވެ. ހެނާއަށް ވާނުވާ ނޭގޭނެއެވެ. ދުވާލު އަލީގައި މައިކަލްގޮސް އޭނައާއިއެކު އުޅުނަސް ހެނާ ނޫނެކޭވެސް ނުބުނާނެއެވެ. ހެނާއަށް ހީވެފައި އޮންނާނީ ފިރިމީހާއަކީ މައިކަލް ކަމުގައެވެ.

މައިކަލްވެސް ހެނާދެކެ ލޯބިވާން ފެށީ ނޫންކަމެއް ނޭގެއެވެ. އެހާވަރުން ހެނާ މޮޅުކޮށްފައި ގަދަރުކުރާ ވާހަކަވެސް މިރޭ ދެއްކީއެވެ. ބަނޑުބޮޑުވެއްޖެއްޔާ ޒޯހަން ދުރަށް ދާންޖެހޭނެކަންވެސް ހަނދާންކޮށްދީފިއެވެ. އެހެން ބުނީ ޒޯހަން ލައްވާ ގަދަކަމުން ކުރުވާކަމަކަށްވީމަ ޒޯހަންއަށް ރަގަޅަކަށްބާވައެވެ. ނޫނީ މައިކަލް އަމިއްލަ އެދުމެއް އޮތީހެއްޔެވެ؟

ޒޯހަން ހެނާގެ ޚިޔާލުތައް އެއްފަރާތްކޮށްލާފައި އެހެން ކަމަކާއިމެދު ވިސްނަން އުޅުނަސް އެކަން ކާމިޔާބެއްވެސް ނުވިއެވެ. ޝައްކުތަކާއި ވަހުމްގެ ސަބަބުން މައިކަލްއާއި ދޭތެރޭގައިވެސް ޔަގީންކަން ކުޑަވެއްޖެއެވެ. މައިކަލް ހެނާއަށް އެއްވެސް ސިފައެއްގައި ގޯނާކުރާކަށް އޭނަގެ ހިތެއްނޭދެއެވެ. ޚިޔާލީ ލޯގަނޑަށް ސިފަވަނީ ހެނާގެ ރީތި ހިތާމަވެރި ދެލޮލެވެ. އެދެލޮލުން އެތައް ޝަކުވާތަކާއި ވާހަކަތަކެއްވިއެވެ. ސާދާކޮށް ހުއްޓަސް ހެނާގެ ރަގަޅުކަމާއި މަޑުމައިތިރިކަމަކީ އޭނަގެ ރީތިކޮށްލާފައިވާ ދެސިފައެވެ.

އަމީރާ މޮޔަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާކަން ނަޝީދުގެ ފަރާތުން ހާމަވެ އޭނަގެ ވާހަކަ ރަށުތެރޭގައި ފެތުރެން ފެށުމުން ސަކީނާއާއި އަވަށްޓެރިން ރޮޒާލިއާއަށް ލަފާދިނީ ފަންޑިތަހެއްދުމަށެވެ. އެހާ ރީތި އަންހެންކުއްޖެއް ވިއްޔާ ޖިންނިއެއްގެ އެސްފީނާޖެހިކަމެއް ވެދާނެކަމުގައި ސަކީނާ ފަތުވާދިނެވެ. ނަޝީދު ބުނާހާ އެއްޗަކަށް އީމާންވެގެން ހުރި ރޮޒާލިއާވެސް އެވާހަކަތައް ގަބޫލުކުރަންފެށިއެވެ. ސިއްރުސިއްރުން ފަންޑިތަހަދާ މީހެއްގެ ކައިރިއަށް ދިޔުމުން އޭނަ ފާލުޖަހާފައި ދިން ޚަބަރަކުން ރޮޒާލިއާއަށް ހީވީ ކަންފަތްކައިރީ ބާރުގަދަ ބޮމެއް ގޮއްވާލިހެންނެވެ. ހީކުރިވަރަށްވުރެ މައްސަލަ ގޯހެވެ. އަމީރާއަށް ޖިންނިއެއްގެ އެސްފީނާޖެހުނީއެއް ނޫނެވެ. އަވަލީއެއްވެސް ނޫނެވެ. އެ ޖިންނި ހުރީ އަމީރާއާއި ކައިވެނިކޮށްގެންނެވެ. އަމީރާއިނީ މިހާރު އެޖިންނީގެ ދަރިއަކަށް ބަލިވެއެވެ. އާދައިގެ ޖިންނިއެއްނޫނެވެ. ރަސްމަތިފުށުން އައިސް ފައިވާ ބާރުގަދަ ރަސްކަލެއްގެ ދަރިއެކެވެ. އެހާ ފަސޭހައިން އަމީރާއާއި ދުރުކޮށްނުލެވޭނެ ކަމުގައިވެސް ފަންޑިތަހަދާދޭ މީހާ ބުނެލިއެވެ. ރޮޒާލިއާއަށް ލިބުނު ޚަބަރެއްގެ ނުބައިކަމުން ހަށިގަނޑުން ވާގިހުސްވެ ބިންމައްޗަށް ތިރިވެވުނެވެ. ހެނާއާއި އެޖިންނި އަޅައިގަތްނަމަވެސް ތަންކޮޅެއް ރަގަޅުވީހެވެ. އަމީރާއަކީ އޭނަގެ އުއްމީދެވެ. އެދަރިފުޅަށްޓަކާ އޭނަވަނީ ހާދަ ފޮނި ހުވަފެންތަކެއް ދެކެފައެވެ. މިހާރު މިވާންއުޅެނީ ކިހިނެއްހެއްޔެވެ؟

ރޮޒާލިއާގެ ކެތްތެރިކަންކޮޅުން ލައިގެން ދިޔުމާއިއެކު ލޮލުން އޮހިގަތް ކަރުނަތައް ދެކެފާ އިބްރާހިމްފުޅު ހަމްދަރުދީވެ ތަވީދެއްލިޔެދޭން އެއްބަސްވިއެވެ. އޭނަ އެޖިންނި އާއިލާއާއި ހަގުރާމަކުރަންވެއްޖެއްޔާ ފަނާވެދާނެ ކަމުގައިވެސް ބުނެލިއެވެ. އެކަމަކު ޖިންނި އަމީރާއާއި ގާތްވިޔަނުދޭން ތަވީދު ލިޔެދޭނެކަމަށް ބުނުމުން ރޮޒާލިއާ އާދޭސްކޮށްފައި ބުނީ އޭނަގެ ދަރިފުޅަށް އެހީވެދިނުމަށެވެ. އެ ޝައިތާނުގެ ކިބައިން ސަލާމަތްކޮށްދިނުމަށެވެ. ގައިގާވާހާ ރަންވިއްކާލާފައިވެސް އޭނަ އަމީރާ އެކަންތައްގަނޑުން ސަލާމަތްކޮށްދޭން ބޭނުމެވެ. ނަޝީދުގެ ބަހަށް ހެއްލިގެން ލޯބިވާ ދަރިފުޅު ނަގައިނުލެވުނީ ހަމަކިރިޔާއެވެ.

ރޮޒާލިއާ އޭނަގެ ދައްތަގެ ގެއަށްގޮސް ދައްތައާއި ހެނާއާއި ބައްދަލުކޮށްފައި އެވާހަކަ ކިޔައިދިނީ ރޮއިރޮއި އިނދެއެވެ. ތަވީދު ލިޔެފައި އަމީރާގެ ގައިގާ އަޅަންދެން އަމީރާގެ ސަލާމަތަށް އެމީހުން ވިސްނަން ޖެހޭނެއެވެ. ރޭގަނޑުވުމަށްފަހު އަމީރާ އެކަނި ނުކޮށް ކޮންމެވެސް އެކަކު އޭނަގެ ކައިރީގައި ޤުރުއާންޖަހައިގެން ކައިރީގައި އިންނަން ޖެހޭނެކަމަށް ރޮޒާލިއާ ވަނީ ބުނެފައެވެ. އިރުއޮއްސުމަށްފަހު ދިހައެއް ޖަހަންދެން އަމީރާގެ ކައިރީގައި ހެނާ މަޑުކޮށްލަން ރޮޒާލިއާ އެދުނެވެ. ހެނާވެސް ހުރީ ފިކުރުބޮޑުވެފައެވެ. އަމީރާއާއި ދިމާވެގެން މިއުޅޭކަންތައްތައް އޭނައަށްވެސް ވަނީ ކޮންމެވެސް ވަރަކަށް ކުރިމަތިވެފައެވެ. މައިކަލްމެންގެ ގެއަށް އައިފަހުން އެފަދަ އުދަގުލެއް ކުރިމަތިނުވެއެވެ. ހެނާ ހިތުގައިވާހާ އެއްޗެއް ހަދާންނައްތާލާފައި އެރޭ ހޮސްޕިޓަލަށް ދިޔައީ މައިކަލްގެ ހުއްދަ ހޯދައިގެންނެވެ. ފިރިމީހާގެ ހުއްދަނެތި ގެއިން ބޭރަށް އެއްވެސް ފިޔަވަޅެއް އަޅަންނުވާނެކަން ހެނާ ދަނެއެވެ. އެރޭ ހެނާއަށް އެތަނުން ރޫހާނީ އެއްވެސް ކަމެއް ނުފެނުނެވެ. ދިހައެއްޖަހާއިރަށް މަންމައައިސް ފޯނުން ބަގަރާ ސޫރަތް ޖަހައިގެން އެނދުގެ މަގަތުގައި އިށީދެއްޖެއެވެ.

"މޭނުބައިކޮށް ބަނޑަށްތަދުވެ ވަރުބަލިވޭތަ....." އަމީރާ ބަނޑުބޮޑުކަމަށް ޔަގީންކޮށްގެން އިން ރޮޒާލިއާ ސުވާލުކުރިއެވެ. ޖިންނިއެއްގެ ދަރިއަކަށް ބަލިވެއިނުމުން ފަހަރެއްގައި ވާ އުދަގޫތައް ތަފާތުވެސް ވެދާނެއެވެ.

"ނުވޭ....." އަމީރާ ބޯ ހޫރައިލިއެވެ.

"ޤުރުއާން ޖެހީމަ ދަރިފުޅަށް އުދަގޫވެ އެއްވެސްކަމެއް ވަންޏާ ބުނައްޗޭ އިނގޭ....." ރޮޒާލިއާ އަމީރާގެ އަތުގައި ފިރުމަމުން ބުނެލިއެވެ.

"ޤުރުއާން ޖެހީމަ އުދަގޫވާނީ ގޯސް މީހުންނަށޭ މަންމާ. ކީއްވެ މަންމަ ތިހެން އެހީ. މީހަކު އެއްޗެކޭ ބުނީ ދޯ........... " އަމީރާ ހައިރާންވެގެން ގޮސް ތެދުވެ ހެޑްބޯޑަށް ލެނގިލައިގެން އިށީދެއްޖެއެވެ. ދުވާލު ތަންކޮޅެއް ގިނައިން ނިދުމުގެ ސަބަބުން އެ އަޅިދެލޮލުގައި ނިދީގެ އަސަރެއްނުވެއެވެ. ފެންނަނީ ތާޒާކޮށެވެ. އިސްތަށިގަނޑު އައްސާފައިވާއިރު މޫނުގެ ބައްޓަން ފުރިހަމަކަން ފެންނަން ހުއްޓެވެ. މިކުއްޖާފުޅަށް އެސްފީނާޖެހުނީ ކަޅީގައި މިހުންނަ ރީތިކުލައަކާއި ހަމުގެ އޮމާންކަމުންނެވެ. އެންމެންވެސް އަމީރާގެ ކަޅި ރީތިވެގެން އެވާހަކަދައްކައެވެ. ކުޑައިރުވެސް އެންމެން އޭނަ ކައިރިން އެކަން އޮޅުންފިލުވަން އުޅެއެވެ. އަމީރާގެ ބައްޕައަކީ ބޭރުމީހެއްކަމާއިމެދު ޝައްކުވެގެންއުޅެއެވެ.

ރޮޒާލިއާ އެވާހަކަ އޮއްބާލަން އުޅުނަސް ކޮންމެވެސް ކަމެއްވެއްޖެކަން އަމީރާއަށް ޔަގީންވިއެވެ. މަންމަފަދަ ޖިންނިންގެ ވާހަކަތައް ގަބޫލުނުކުރާ މީހަކު ކުއްލިއަކަށް ފޯނުން ޤުރުއާން ޖަހައިގެން އިންނާނީ ވާހަކައެއް އިވިފައެވެ. އަމީރާވެސް ކޮންނާކަށް ނޫޅުނެވެ. އޭނަ އެހީ އާޒްގެ ވާހަކައެވެ. އާޒް މިހާރު ހުންމަޑުވެ ހޮސްޕިޓަލުން ދޫކޮށްލާ ވަރުވެއްޖެއެވެ. މަންމަ ވާހަކަދައްކަން އިނދެފައި ކުއްލިއަކަށް ނިދިގަދަވެގެން ތާއްޔާޖެހެންފެށިއެވެ. އެއާއިއެކު މަންމަގެ ފޯނު ޗާޖުހުސްވެގެން ނިވުމާއިއެކު ބޮކިތައް ކަނިޖަހާފައި އަނދައިފިއެވެ. އަނދިރިކަން އެހިސާބަށް ވެރިވީ ހަމަ ކުއްލިއަކަށެވެ. މާހައުލަށްވެސް ހޫނުވެލިއެވެ. އަމީރާ ކަންބޮޑުވެގެން އަވަހަށް ލޫސިއާންއަށް ގުޅަންވެގެން ފޯނުނެގިތަނާ ކުއްލިއަކަށް ފެނުނީ އޭމޮން ކުރިމަތީގައި ހުއްޓައެވެ. އަމީރާ ސިހިފައި ކަކޫމޭގައި ޖައްސައިލިއިރު އޭނަގެ ހިތް ތުރުތުރުއަޅައިގެންފިއެވެ. މިޝައިތާނާ އޭނަގެ ފަހަތުން ހަމަ ނުފިލާނީހެއްޔެވެ؟

އޭމޮން އެނދުގައި އިށީނދެފައި އަމީރާގެ ދެފައި ނަގާ އުގަށްލަމުން އެފައިތިލައިގާ ފިރުމަންފެށިއެވެ. ހޫނު ކުރަކި އަތުގެ ބީހުމުން އަމީރާއަށް ކިތަންމެހާވެސް އުދަގޫވިއެވެ. ފައިދަމައިގެންފާ އެމޫނުމަތީގައި އަޅާވިހެލަން މަސައްކަތްކުރެވުނެވެ. ނަމަވެސް އޭމޮންއަކީ ބާރުގަދަ މީހެކެވެ. އޭނައަށް ގޮތްގޮތް ނެހެދޭނެއެވެ. މިރޭ އޭމޮން އިނީ މައިތިރިވެފައެވެ. އެއީ ކީއްވެކަމެއް އޭރަކު އަމީރާއަކަށް ނޭގުނެވެ.

"އަހަރެންގެ ވައިފް ބަލިވީމަ ކެއާ ކުރަން އެންމެ ކައިރީގައި ހުންނަން ޖެހޭނެ މީހަކީ އަހަރެންނެއް ނޫންތަ؟ " އޭމޮން ގެ ބަރުއަޑު އަމީރާއަށް އިވުނީ ހޮނުގުގުރީއެކޭ އެއްފަދައިންނެވެ. އަމީރާ ހިމޭނުން އިންނަން ފެށުމުން އޭމޮންގެ އަތް އެއަށްވުރެ މައްޗަށް ދިޔުމުން ކެތްނުކުރެވިގެން އަމީރާއަށް އެއަތުގައި ހިފާ ދުރުކޮށްލެވެން އުޅުނެވެ. މިފަދަ ޝައިތާނެއްގެ މުޑުދާރު އަތުން އޭނަގެ އެތަންމިތާ ބީހޭނީ އޭނަގެ ނަފުސްވެސް ތާހިރުނުވީމައެވެ. އޭނަ ތައުބާވެގެން ރަގަޅަށް އުޅެން ފަށައިފިއްޔާ މި އެއްޗެއްގެ ނުބައިކަމުން މިންޖުވެ ސަލާމަތްކަން ލިބިދާނެއެވެ.

"އަހަރެން ނޫޅެން ބަލިވެ.....އައިމް ފައިން. ޕްލީޒް..." އަމީރާއަށް ބާރަށް ބުނެވުނީ އައިގަދަ ފަދަ ރުޅިއަކުންނެވެ. އޭނަ އޭމޮންގެ ކިބައިން ސަލާމަތްވެ ލޫސިއާންއާއިއެކު ދިރިއުޅުމެއް ފަށަން ނިންމިތަނާ މިކަލޭގެ އެދެމީހުން ދޭތެރެއަށް ފުންމާލައިފިއެވެ.

"އަހަރެން މިހާވަރުން އައިކަމެއް އެނގޭތަ؟ އަހަރެންގެ މައިދައިތަ މިއަދު އެއައީ ފަންޑިތަހައްދަން މީހެއްގެ ކައިރިއަށް ގޮސްފައެއްނު. އެމީހާ އެބައުޅޭ ތަވީދެއްލިޔަން. އަމީރާ ބުނަން. އެތަވީދު އަޅައިގެން ނުވާނެ. އަހަންނަށް އަމިރާގެ ގަޔަށް އަތްނުލެވި ހިނގައިދާނެ. އެކަމަކު އަމީރާގެ މުޅި އާއިލާގެ އެންމެންނަށް ރައްކާތެރިކަން ނުދެވޭނެ. އެކަން ހަނދާންނައްތާ ނުލާތި. މިހާރު ހިތަށް އަރަނީ އަމީރާއާއި އަހަރެން އެބަޖެހެއޭ އަހަރެމެންގެ ލޯބީގެ ނިޝާނެއް ދުނިޔެއަށް ގެންނަން. ދަރިއެއް ހުރީމަ ގައިމު އަހަރެމެންގެ ގުޅުން އެއްވެސް މީހަކަށް ކަނޑުވައެއް ނުލެވޭނެ....."

"ނޫން. ނޫން ކައިރިނުވާތި. ދުރުގައި ހުރޭ ނުލަފާ މީހާގަނޑު...." އަމީރާ ފައިން ވީއްލާލި އެތިފަހަރު ސީދާ އޭމޮންގެ މޫނަށް އެރިއެވެ. އޭނައަށް ކުޑަކޮށްވެސް އެނގުންވިހެނެއް ހިޔެއްނުވެއެވެ. އަމީރާ ހަޅޭއްލަވާ ގަދަހަދަނިކޮށް އޭމޮން މިރޭ އަދި ދުވަހަކު ނުކުރާވަރަށް ގޯނާކުރިއެވެ. އޭމޮން އެއްޗެއް ބޮއިގެން ހުއްޓަސް ވާނީ އެވަރެވެ. ސަލާމަތްވާން ރޮއި ގަދަހެދުމުގެ ސަބަބުން ވަރުބަލިވެގެންގޮސް އަނބުރައިގަންނަ ގޮތްވިއެވެ. އޭމޮން އަމީރާ ހޮސްޕިޓަލް ގައުން ލައްވާދީފައި ދަމުން މައާފަށް އެދުނެވެ. އަމީރާގެ ލޯބީގައި އޮޔާލީވަރުން އަނިޔާކުރެވުނީ ކަމުގައި ބުނެލިއެވެ. އަމީރާއަށް އެނގެއެވެ. އޭމޮންއަކީ އެހެންމީހުންނަށް އަނިޔާކޮށް ހިތްހަމަޖެހުން ހޯދާ ވައްތަރުގެ މީހެކެވެ. ލޯބީގެ ނަމުގައި އޭނަ ކާލީއޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. ހަށިގަނޑުގެ އެތަންމިތަން ރަތްވެ ލޭ އަރުވާލާފައިވިއެވެ. ހިފިތަނެއް ވިއްޔާވެސް ހުރީ ރަތްކޮށެވެ. އޭމޮން ނުކުތްތަނާހެން ރަފައެލް އައީތީ އަމީރާއަށް ސިހުމެއްލިބުނެވެ. އެތަން އަނދިރިކަމުން ރަފައެލް ފޯނުން އަލިކޮށްލުމުން މޫނު ފެނުނީ ވަރަށް ހިތްގައިމުކޮށެވެ. ރަފައެލްގެ މޫނުވެސް ހުރީ ދަލުން ފެންވެރިފައެވެ. އޭނަ ބުނީ އެހާ ދުރުން ދުވެފައި އައީކަމުގައެވެ. އެކަމަކު މިގަޑީގައި ރަފައެލް އަންނަންވީ ކީއްވެހެއްޔެވެ؟ އަމީރާއަށް ރަފައެލްގެ އަތުގައި ހިފާލެވުނީ ކީއްވެކަމެއް ނޭގުނެވެ. އޭމޮންއާއި އެއްވަރަށް ރަފައެލްގެ އަތް ކުރަކިވެފައި ހޫނެވެ. އަމީރާ އަތްދަމައިގަތްއިރު އޭނަގެ ދެލޮލުން ބިރުވެރިކަމެއް ފެނުނެވެ. ރަފައެލް އަކީ އޭމޮންހެއްޔެވެ؟ ޖިންނިއެއްވިއްޔާ ސިފަބަދަލުކުރުމަކީ އެއްވެސް ކަމެއްނޫނެވެ. ފޫހިކަމާއެކު އަމީރާ ރަފައެލްއަށް ބަލަން އިންއިރު ރަފައެލްގެ މޫނުމަތިން ފެނުނީ ހަމްދަރުދީގެ ކުލަވަރެވެ.

"އެކުވެރިޔަކާއިއެކު އުޅެލާފައި ގެއަށް ދަމުން ހިތަށް އެރީ އަމީރާގެ ހާލު ބަލައިލާނީއޭ. ހަޅޭއްލަވާ އަޑު އިވުމުން އައިސް ތަޅުގައި ހިފާލިއިރު ދޮރު ހުޅުވާފައި ހުރީ.. ކިހިނެއްވީ؟ އާރ ޔޫ އޯކޭ.........."

އަމީރާ ބަލަން އިނީ ޝައްކުގެ ނަޒަރަކުންނެވެ. ނަމަވެސް އޭނައަށް ޝައްކުވިކަމަށް ނެހެދެންވެގެން އަވަހަށް އިސްއޮބައިލިއެވެ.

"ބޮކި ނިވުނީމަ ކުޑަކޮށް ހާސްވީ. އަނެއްހެން މާ ބޮޑުކަމެއްވީއެއްނޫން. މަންމައަށްވެސް އެއޮތީ ނިދިފައި. ނޭގޭ އަބަދުވެސް މި ހޮސްޕިޓަލް ރޫމްގައި ބޮކިތައް އަނދާ........" އަމީރާ ބުނެލިއެވެ. ރަފައެލް ވަގުތުން ކަމާއިބެހޭ ފަރާތަށް އެވާހަކަ އެންގިއެވެ. ރޫމް ދިހައަކަށް ވަގުތުން ޓެކްނިޝަންއެއް ފޮނުވާދޭން އެދުނެވެ.

"އޯ މައި ގޯޑް...." ކުއްލިއަކަށް ރަފައެލް އަމީރާގެ މޫނަށް ބަލައިލުމަށްފަހު އެހެން ބުނުމުން ސިހިފާ އަމީރާ އިސްއުފުލާބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ރަފައެލް އެހެން ބުނީ ކީއްވެހެއްޔެވެ؟ އެހާ ހައިރާންވި ސަބަބަކީ ކޮބާހެއްޔެވެ؟

ކޮމެންޓް 0