ޒޯހަން ބަލިވެގެން އައިސީޔޫގައި އޮތުމަށްފަހު ޕްރައިވެޓްރޫމަކަށް ޝިފްޓްކުރާންދެން ހެނާ އުޅުނީ ނަމާދުކޮށްގެން ދުޢާކުރުމުގައެވެ. ޒޯހަންއަށް ޝިފާލެއްވުމަށް އޭނަ ރޮއިފާ ދުޢާކުރިއެވެ. ފިރިމީހާ ނޫން އެހެން މީހަކަށް އެހިތުން ޖާގައެއް އޮތަސް އެކަން ހަދާންނެތުމަށްވެސް އޭނަ ދެންނެވިއެވެ. އޭނަ ޒޯހަންގެ މަތިން ހަދާން ނައްތާލާ މައިކަލްއަށް އިޚުލާސްތެރިވާން ކުރާ މަސައްކަތް ދެނެވޮޑިގެންވަނީ މާތްﷲއެވެ. އެހެން ހުއްޓާ މައިކަލްއާއިއެކު ޒޯހަންގެ އާއިލާ އެގެއަށް އައެވެ. މައިކަލް ދައުވަތުދީގެން މެންދުރު ކެއުމަށެވެ. ހެނާ މޭޒުމަތި ތައްޔާރުކުރުމަށްފަހު ކުޑަކޮށް ރީތިވެލިއެވެ. އެއަށްފަހު ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުތުމާއިއެކު ފެނުނު ސޫރައަކުން ހަތަރެސްފައި ފިނިވާގޮތްވިއެވެ. ކުރިމަތީގައި ހުރީ އެމީހަކު ދެކޭހިތުން ލޮލު ފިޔަ ޖަހައި ނުލެވިގެން އުޅުނު މީހާއެވެ. ޒޯހަންއެވެ. އަތުގެ މުލައްދަނޑިއަށް ހިފާފައިވާ ޓީޝާޓަކާއި ޖިންސެއްގައި ހުރިއިރު ހާދަ ފުރިހަމައޭ ހިތަށް އެރިއެވެ. ހެނާ ތިމާއަކީ ކާކުކަން ހަނދާންވެފައި އަވަހަށް ޒޯހަންއާއި ހަމަޔަށް އައިސްފާ ހުއްޓިނުލާ ކުރިއަށް ހިނގައިގަތުމުން ޒޯހަން އެއަތުގައި ހިފާ މަޑުކުރުވިއެވެ.
"ހެނާ. ކިހިނެއްތަ؟ " ޒޯހަން އަހައިލިއެވެ.
"ލީވް މައި ހޭންޑް ޕްލީޒް..." އެއަތުގައި ޒޯހަން ހިފައިލުމުން ދެޖިސްމުގައި ކަރަންޓު ޖެހުނު ހެން ހީވިއެވެ. ޒޯހަންއަށް ކެތްނުކުރެވިގެން ކުރިއަށް ޖެހިލާފައި ހެނާ ގެނެސް މޭގައި ޖައްސައިލިއެވެ. ހެނާ އެއަތުގެ ތެރެއިން ނިކުންނާން ގަދަހެދިއިރު ބިރުންގޮސް މޫނަށް ހުދުކުލަ ވެރިވެފައި ހުއްޓެވެ.
"ޒޯހަން ދުރުގައި ހުރެބަލަ. އަހަންނަކީ މީހެއްގެ އަންބެކޭ....." ހެނާގެ ހިތް އޭރުވެސް ތެޅޭލެއް ބާރުކަމުން މޭފަޅާލަފާނެ ކަހަލައެވެ. އޭރު ދެމީހުންގެ ލޯތައްވަނީ ގުޅިފައެވެ. އެތޫނު ދެލޮލަށް ބަލައިލުމުން ގަދަހެދުން ހުއްޓި އިރުކޮޅެއްވާންދެން ބަލަން ހުރެވުނީއެވެ. ޖަޒުބާތުގައި ޖެހިގެންގޮސް ޒޯހަންއަށް ހެނާގެ ނިތްކުރީގައި ބޮސްދެވުނެވެ. އެ މަންޒަރު ދެކެން ހުރި މޫމިނާގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލި އިންތިހާދަރަޖައިގެ ރުޅިވެރިކަން ދެލޮލަށް ވެރިވެގެން ދިޔުމާއިއެކު އެއްފަރާތަކަށް ހިނގައިގެންފިއެވެ. މައިކަލް ކޮޓަރީގައި އުޅޭކަން އެނގުމުން އެތަނަށް ވަދެފާ މޫމިނާ ދޮރު ލައްޕާލާފައި ތަޅުލިތަން ފެނުމުން މައިކަލްވެސް ހައިރާންވިއެވެ. މަންމަގެ ބަލިކަށިކަމުން އެހާ އުދަގުލުން ހިނގޭއިރުވެސް އެހާލުގައި އެކަނިމާ އެކަނި އެހެރީ އޭނައާއި ހަމަޔަށް އައިސްފައެވެ. ވަރަށް ހިތްވަރުކޮށްލާފައެވެ. އެމޫނުވަނީ ދަލުން ފެންވެރިފައެވެ. މައިކަލް މަންމަ ތަނެއްގައި ބައިންދަން އުޅުމުންވެސް މޫމިނާ އިންކާރުކޮށްފައި ތުންފިތާލިއެވެ.
"މައިކަލް. މަންމަ ބުނަން މިއުޅޭ އެއްޗަކީ ރޮޒާލިއާއަކީ އޭނަގެ ދަރިންނެކޭ އެއްވެސް ތަފާތެއް ނެތްކަން މަންއަށް ޔަގީންވެއްޖެ. މަންމަގެ އަތުން ފިރިމީހާ ޖަހައިގަތީ އަމިއްލަ ކޮއްކޮ. އެކަމަކު މަންމަ މާފުދިނީ. ހަމަ އެގޮތަށް ހެނާވެސް އުޅުން އެހެރީ............." މޫމިނާގެ އަޑުވެސް ރޫރޫއަޅަން ފެށިއެވެ.
"މަންމާ. ކިހިނެއްވީތަ؟ " މައިކަލް ހާސްވިއެވެ. ޒޯހަން އާއި ހެނާ އެކީ ގައި ނިދާކަން މަންމައަށް އެނގުނީ ބާވައެވެ. އެހާވަރުން ފޮރުވައިގެން އުޅެނިކޮށް މަންމަގެ ކަންފަތަށް އެއަޑު ގޯސްކޮށް ގެނެސްދިނީ ކާކުހެއްޔެވެ؟ އޭނަ މަންމަގެ ހުވަފެންތައް ފުރިހަމަކޮށްދޭން އެހާވަރުން ކުރިކަމެއް ނުބައިކޮށް ދާތަން ދެކޭކަށް ބޭނުމެއްނޫނެވެ.
"މަންމައަށް ފެނުނީ ދެންމެ... ޒޯހަންއާއި ހެނާ ބައްދަބައްދާފައި އުޅުނީ. މަންމަ ހިޔެއްނުކުރަން ހެނާ އެހާ ގޮތްކުޑަވެދާނެ ކަމަކަށް. ހެނާ ހާދަ ނުލަފައޭ. ހެނާދެކެ މަންމަ ހާދަ ލޯތްބެއް ވިއޭ، މަންމަ ހީކުރީ އެއީ ވަރަށް ރަގަޅު ކުއްޖެއްކަމަށް. ދަރިފުޅަށް ވަފާތެރި ތެދުވެރި ކުއްޖެއްކަމުގައި ހުންނާނެކަމަށް. އެކަމަކު މަންމަ އެހާވަރުކޮށްގެން ދަރިފުޅަށް މިދެވުނީ ކޮންފަދަ ބޮޑު ލަނޑެއް. ދަރިފުޅާ....."
"....މަ....މަންމައަށް...މާފު........." މޫމިނާ އެއްޗެކޭ ބުނަން އުޅުނެވެ. ކުއްލިއަކަށް މޫމިނާއަށް ގޮތެއްވާހެން ހީވެގެން މައިކަލް ދުވެފާގޮސް މަންމަގެ ގައިގާ ހިފަހައްޓާއިރަށް އޭނަ އަތުގެ ތެރެއަށް މޫމިނާ ދެމިއްޖެއެވެ. މައިކަލް ވަރަށް ހާސްވެފައި ޒޯހަންމެންނަށް ގޮވަން ފެށުމުން ޒޯހަންވެސް ދުވެފާއައެވެ. ވަގުތުނަގާ ނުލާ އެމްބިއުލެންސަށް ގުޅައިގެން މޫމިނާ ހޮސްޕިޓަލަށް ގެންދެވުނީ އިމަޖެންސީގައެވެ. މައިކަލް ހާސްވެފައި ހުރިވަރުން އަނގައިން ބުނާނެ ހިތްވަރެއްވެސް ނުލިބުނެވެ. އެންމެން އައިސީޔޫގެ ބޭރުގައި މަޑުކޮށްލައިގެން ތިބީ ބުނާނެ އެއްޗެއް ނޭގިފައެވެ. ޒޯހަންގެ ބައްޕަ ބުނަމުންދިޔައީ އޭނަގެ ޚަރަދުގައި ބޭރު ގައުމަކަށް ގެންގޮސްގެން ފަރުވާކުރުވުމަށެވެ. ޑޮކްޓަރުން ކުރަންޖެހޭ ޓެސްޓްތައް ކުރުމަށްފަހު ބުނީ މޫމިނާއަށް ހާޓްއެޓޭކެއް ޖެހުނީކަމުގައެވެ. ހާލު ނާޒުކްކަމުން އެގޮތަށް ބޭރަށް ގެންދިއުމުގެ ހުއްދަދެވެން ނެތްކަމުގައި ޑޮކްޓަރު ބުނެލިއެވެ. މައިކަލް ހުރީ މުޅިން މާޔޫސްވެފައެވެ. މޫނުގައި އަތްއެޅި ގޮތަށް ދެއަތް ނުނައްޓާއިންއިރު ހިތާހިތުން މަންމަގެ ސަލާމަތަށް އެދި އާދޭހާއިއެކު ދުޢާ ކުރެވުނެވެ.
މައިކަލް ކުޑައިރުއްސުރެން އުޅުނީ އެހެންނެވެ. ބޮޑުކަމެއްވުމުން ނޫނީ އޭނަ ހެއްދި ފަރާތްމަތިން ހަނދާނެއްނުކުރެއެވެ. އަވަށްޓެރިއަކު ނޫނީ ދަންނަ މީހަކު މަރުވެއްޖެއްޔާ އެދުވަސްކޮޅު ބިރުން ނަމާދުވެސް ކޮށްފާނެއެވެ. ޒުވާންވީ ވަރަކަށް ދުނިޔަވީ އުފާތަކުގައި ޣަރަގުވަމުން އައިސް "ވައިޓް މެޖިކް" ނޫނީ ފަންޑިތައާއި ހަމަޔަށް އާދެވުނުއިރު އޭނަވަނީ އެއްކޮށް މަގުން ކައްސާލާފައެވެ. ބާރުގެ ބޭނުން ކުރުމުން އެލިބޭ މޮޅުކަމާއި ފަޚުރަކުން އެކަންތައް ކުރަން ފޯރި ހިފާފައެވެ. ޖިންނީންގެ މާސްޓަރަކަށް ޒުވާން އުމުރުގައިވާން އޭނަ ހުރީ ބޭނުންވެފައެވެ.
މޫމިނާގެ ކުއްލި މަރުގެ ޚަބަރު ޑޮކްޓަރު ގެނެސްދިނުމުން މައިކަލް ހުރީ ގަނޑުވެފައެވެ. ލޮލުން ކަރުނައެއްވެސް ނާދެއެވެ. އޭނަ އުޅުނީ އެހެން މީހުންފަދައިން މަންމަގެ ފުރާނަނެތް މަސްގަނޑު ގެއަށް ގެންގޮސް ވަޅުލުމުގެ ކަންތަކުގައި އަވަދިނެތިއެވެ. އިރުކޮޅެއްގެ ތެރޭގައި ގެއަށް މީހުންވަދެ ފުރާލައިފިއެވެ. ރޮޒާލިއާވެސް އާޒް ގޮވައިގެން އައިއިރު ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެއެވެ. ރޮއިރޮއި ދެލޯ ރަތްކޮށްގެން ހުރެ މޫމިނާގެ މޫނުގައި ފިރުމަން ހުއްޓެވެ. އަމީރާވެސް ހުރީ ވަރަށް އަސަރުކޮށްފައެވެ. އޭނަގެ މޫނުމަތިން ފެންނަ ހިތާމަވެރި އަސަރުތައް އެއީ އެކަނި މޫމިނާގެ މަރާއި ގުޅިފައިވާ ކަމެއްހެން ހިޔެއްނުވެއެވެ. ދެލޮލުގެ ކައިރިފަށް ދުޅަވެ ކޯތާފަތްވަނީ ހިކިފައެވެ. އެއޮތް ރީތި އަންހެންކުއްޖާގެ މޫނުމަތި މިލާ ރީތިކަމަށް ހިތާމައިގެ ހިޔަނި އެޅިއްޖެއެވެ.
ހެނާއަށް މާ ބޮޑުވަރުވިއެވެ. ދުވަސްކޮޅަކަށް ނަމަވެސް ބޮޑުދައިތަގެ ފަރާތުން ލިބިފައިވާ ލޯތްބާއި އޯގާތެރިކަން އޭނަގެ ހިތް ހަލާކުކޮށްލައިފިއެވެ. ބޮޑުދައިތަ ހާދަ ވަރަކަށް މާމަ ދަރިފުޅު ދެކޭ ހިތުން އުޅުނެވެ. އެދަރިފުޅު ފެނިވެސްނުލާ ވަކިވެގެން އެދިޔައީ އެންމެންގެ ހިތް ރޮއްވާފައެވެ. ހެނާ ބާލީހުގައި މޫނު ޖައްސާލައިގެން ރޮއިރޮއި އޮތްވާ ކޮންމެވެސް މީހަކު އޯގާތެރިކަމާއިއެކު އިސްތަށިގަނޑުގައި ފިރުމައިލިއެވެ.
"ހެނާ. ނުރޮއި ޕްލީޒް. ތިގޮތަށް ރުއިމުން އެކަނި ހެނާއަށް ނޫން އަސަރުކުރާނީ. ދަރިފުޅަށްވެސް......" ޒޯހަންގެ އޯގާތެރިކަމުން ފުރިފައިވާ އަޑު ކަންފަތަށް އިވުނީ މިއުޒިކެއްފަދައިންނެވެ. ހިތުގައިވެސް ފިރުމާލަދިންފަދައެވެ. ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބުނެވެ. ޒޯހަން އެގޮތަށް ވާހަކަދެއްކުމުން ހިތާމަވެސް ކުޑަވިއެވެ.
"އެއްޗެއް ކައިފިންތަ؟ " ޒޯހަން އަހައިލިއެވެ.
"އަދި ނުކަން...އެކަމަކު ޕްލީޒް މިތަނުން ދޭ......" ހެނާ ހަނދާންވީ ކުރީ ރެއަކު ޒޯހަން އޭނައަށް ދިން ލަނޑެވެ. އަދިވެސް އޭނައަށްމިވަނީ ދަރިފުޅުގެ ބައްޕަވެސް ކަށަވަރުނުވެއެވެ. އެހެން ހަދާންވުމާއިއެކު ހެނާގެ ހިތުގައިވާ ލޯބި ރުޅީގެ ސިފަ ޚިޔާރުކުރިއެވެ.
"ޒޯހަން ދާށޭ ބުނެފީމެއްނު. ކޮންމެހެން ދެއްކުންތެރިވެގެން ހެޔޮއެދޭ މީހަކަށްވާނެ ކަމެއްނެތް...." ހެނާ ތެދުވެގެން އެތަނުން ދާން ހިނގައިގަތްއިރު މުޅި ގައިގާ ގަނޑުފެނުގެ ރާޅުތައް ދަތުރުކުރިހެން ހީވިއެވެ. މައިކަލްއަސް ފެނިއްޖެއްޔާ ބޮޑު މައްސަލަގަނޑަކަށް ވެދާނެއެވެ. ބޮޑުދައިތަ މަރުވެގެން އުޅޭއިރުވެސް އޭނައާއި ޒޯހަން މަޖާކުރަން ލޯބީގެ ސަކަރާތްޖަހަން އެއްފަރާތްވެލީކަމުގައި ހީކުރާނެއެވެ. ޒޯހަންދެކެ ވާ ލޯބި އޭނަ ޖެހޭނީ ސިއްރުކޮށްފައި ބާއްވާށެވެ.
ބޭރަށް ނުކުންނާން ގޮސްފައިވެސް ކާކޮޓަރިއަށް ވަދެ އެއްޗެއް ކައިލެވުނީ ޒޯހަން އެދުނީތީއެވެ. އެލޯބީގެ ހައްގުގައެވެ.
މޫމިނާގެ ޖަނާޒާގެ ކަންތައްތައް ނިމިގެން އައިގޮތަށް މައިކަލް އެންމެން ކައިރީ އެދުނީ ގެއަށް ދިޔުމަށެވެ. އޭނަ އެކަނިވެލާން ބޭނުންކަމުގައި ބުނެލިއެވެ. މައިކަލް އެހާ ހަމަޖެހިލައިގެން ހުރުމުން އެންމެނަށްވެސް ހައިރާންކަމެއް ލިބުނަސް އެކަމާއި އުފާވިއެވެ. މައިކަލް މަންމަދެކެ ވާ ލޯތްބަކީ މަޝްހޫރު ވާހަކައެކެވެ. ފިރިހެންދަރިއަކު މަންމައަށްޓަކާ ވާ ލޯބީގެ މަތިވެރި މިސާލެއްކަމުގައި އެންމެން ހީކުރެއެވެ. ނަމަވެސް އެހާ ލޯބިވާ މަންމަ ނިޔާވުމުން މައިކަލްގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ނައެވެ. ހިތް ހަރުކަމުންނެވެ. ނޫނީ ދެއްކުންތެރި ލޯތްބަކީއެވެ. ޒޯހަންވެސް އެކުވެރިޔާގެ ހިތްވަރަށް ތައުރީފުކުރިއެވެ. އޭނަ ދެކުނުގޮތުން އެއީ ހިތްވަރުގަދަކަމެވެ. ބޭރުފުށުން އެގޮތް ދައްކައިގެން ހުއްޓަސް މައިކަލްގެ ހިތް ރޯނެވަރު އެނގި ޒޯހަން ގެ ހިތް ހަމްދަރުދީއިން ފުރުނެވެ. އޭނަ ހިތްވަރުދީފައި ޒޯހަންއަށް މެސެޖްވެސް ކުރިއެވެ. އޭނަގެ އެފްބީގައިވެސް އަސަރުގަދަ ސްޓޭޓަސްއެއް ލިޔުނެވެ.
ޒޯހަން އެގޭގައި މަޑުކުރާން އުޅުމުން މައިކަލް ބުނީ އޭނަ ބޭނުމީ އެކަނިވެރިކަން ކަމުގައެވެ. ހެނާއާއި ބެހޭގޮތުން އެއްޗެކޭ ބުނަން އުޅެފާވެސް ޒޯހަން މައިކަލްއަށް އިތުބާރުކުރިއެވެ. މައިކަލް އޭނަ ހެނާއާއި ކައިވެނިކުރަން މަޖުބޫރުކުރީވެސް އޭނަގެ މަންމަގެ ހައްގުގައެވެ. މިއަދު މަންމަ ދުނިޔޭގައި ނެތުމުން އެކައިވެނީގެ ކަންތައް ފޮރުވައިގެން ތިބުމުގެ މާނައެއްވެސް ނެތެވެ. ނަމަވެސް މަންމަ މަރުވެގެން ހިތާމައިގާ ވާ ދުވަސްކޮޅު އެކަމާއިމެދު ގޮތެއް ނިންމަން ބުނާނެ ހިތްވަރެއް ޒޯހަންގެ ނެތެވެ. ނަމަވެސް އެގޭގައި ހެނާ ބަހައްޓާފައި އޭނަ ދިޔައީ އެހެން އިންސާނަކަށް ނުކުރާފަދަ އިތުބާރެއް އޭނަ މައިކަލްއަށް ކުރެއެވެ. މާޔޫސްވެފައިވާ ހިތަކާއިއެކު އޭނަވެސް ހޮޓެލަށް އެނބުރި ދިޔައީއެވެ.
މައިކަލް ކޮފީމަގެއް ހިފައިގެން ނުކުތީ ފެންޑާއަށެވެ. ކޮފީއާއި އެއްވަރަށް ސިގްރެޓް ބޮމުންގޮސް އަޅިކެނޑި ފުރިގެން ފައިބާންފެށިއެވެ. އެކި ޚިޔާލުތައް ސިކުނޑިއަށް އުދަގޫކުރަންފެށިއެވެ. އެކަނިވެރިކަން އޭނަ ވަށާލާ ފިއްތާންފެށި ފަދަ އިހުސާސެއް ކުރެވުނެވެ. މާޒީގެ އެކި ދުވަސްތައް ފިލްމެއްގެ ސްކްރީނެއްފަދައިން ލޮލަށް ފެންނަމުން ދިޔައެވެ. މަންމަ އަބަދަށްޓަކާ އޭނައާއި ވަކިވެގެން ދިޔައީކަން ގަބޫލުކުރެވިއްޖެއެވެ. މަންމަގެ ގޮވުމުގެ އަޑެއް ދުވަހަކު ދެން ނީވޭނެއެވެ. އޭނަގެ ކަރުނަތައް ފޮހެލަދީ ގައިގާ ފިރުމާލަދޭކަށް އޭނަގެ މަންމަ ދުވަހަކު ނާންނާނެއެވެ. މައިކަލްގެ ހިތް ކުދިކުދިވެ ކަރުނަތަކެއް ގެ ސިފައިގާ ލޮލުން އޮހެންފެށިއެވެ. ބިންމައްޗަށް ތިރިވިގޮތަށް މަންމަގެ ހައްގުގައި އޭނަ ކަރުނަ އެޅިއެވެ. އެތައް އިރެއްވާންދެން ރުއިމަށްފަހު ތެދުވެގެންގޮސް ދޮރު ލައްޕާލާފައި ވަންއިރުވެސް އޭނަ ހެނާގެ މަތިންވެސް ހަނދާނެއްނުވިއެވެ.
ކޮޓަރިއަށް ވަދެފާ އޭނަ ލައިގެން ހުރި އެއްޗެހި ބޭލުމަށްފަހު ޝަވަރުދަށުގައި ހުއްޓިލިގޮތަށް އެތައް އިރެއްވާންދެން ހުރިއިރު އެކި ގޮތްގޮތަށް ވިސްނަމުން ދިޔައެވެ. މަންމަގެ އެންމެ ފަހު ވަގުތު އޭނައާއި ދެއްކި ވާހަކަތައް ޚިޔާލަށް ގެނެސްގެން އެއިން ކޮންމެ ޖުމްލައަކާއިމެދު ވިސްނިއެވެ.
"ހުރިހާވެސް ކުށްވެރިއަކީ އެގޮތްކުޑަ އަންހެންކުއްޖާ. އަހަރެންގެ އެކުވެރިއެއްގެ ގޮތުގައި ހުރެގެންވެސް ޒޯހަންއާއި ހެނާ އަހަންނަށް ސިއްރުން ކުޅިގަނޑެއް ހިންގީ. ޒޯހަންވެސް އަހަންނަށް އޮޅުވާ މަކަރުހެދީ. ހެނާއަށް ޒޯހަންވަނީ ހުރިހާ އެއްޗެއް ކިޔާދީފައި. ދެމީހުން އަހަރެން މޮޔަ ހައްދާލީ. ހިތުން ނުފިލާވަރުގެ ލަނޑެއް އެދެމީހުންނަށް ދޭނަން. ބަލާނަން ކާކަށްތޯ ކުރި ލިބޭނީ. މަންމަ ވަކިވެގެން ދިޔައީ ފެނުނު މަންޒަރެއްގެ ބޮޑުކަމުން. އެވެސް އަދި ޒޯހަންގެ އާއިލާއަށް ސައިދޭންވެގެން ގެނެސްތިއްބާ. ކިހާ ގޮތްކުޑަމީހެއް. އެކަމުގެ ހިތި ސަޒާދޭނަން. ލާހިކެއް ނޫން ދެން ހެނާ ދިރިހުއްޓާ އޭނައަށް ފެންނާކަށް......." މައިކަލް ތުވާލިން އެ ކަސްރަތީ ހަށިގަނޑު ހިއްކާލުމަށްފަހު ނިދަންލާ ހަރުވާޅެއް ލިއެވެ. ކާކޮޓަރިއަށްވަދެ އަނެއްކާވެސް ކަޅު ކޮފީއެއް ތައްޔާރުކޮށްލުމަށްފަހު ކުޑަދޮރު ކައިރީގައި އަނދިރިކަމުގެ ތެރެއަށް ބަލަން ހުއްޓެވެ.
ތަންކޮޅެއް ދުރުން ހުރަސްކޮށްލި ހިޔަނިތަކެއް މައިކަލްއަށް ފެނުމުން ދޮރު ލައްޕާލާފައި އޭނަގޮސް ހިފައިލީ ހެނާގެ ކޮޓަރީގެ ތަޅުގައެވެ. އެތެރެއަށްވަދެ ބަލައިލިއިރު ހެނާއޮތީ ބާލީހުގައި ބައްދާލައިގެން ނިދާލާފައެވެ. މައިކަލް ކައިރީގައި އިށީދެފާ ހެނާ އޭނައާއި ވީ ފަރާތަށް މޫނު އަނބުރާލައިފިއެވެ. ނިދަންއޮތްއިރުވެސް އެމޫނުމަތިން ފެންނަނީ މައުސޫމްކަމެވެ.
"ހެނާ.........." މައިކަލް ހެނާގެ އަތުގައި ހިފާ ތަޅުވައިގަތީ ހޭލައްވާށެވެ.
ހެނާ ކުއްލިއަކަށް ސިހިފައި ކަހަލަ ގޮތަކަށް ބަލައިލިއެވެ. ފަނޑު އަލިކަމުގެ ތެރެއިން މައިކަލްގެ ލޯ ވިދަނީ ނުރައްކާތެރިގޮތަކަށެވެ.
"މައިކަލް މި ދަންވަރު......ކުއްލިއަކަށް އައީމަ ބިރުވެސް ގަނެއްޖެ..." ހެނާ ކުޑަކޮށް އަޅައިގެންފާ ވާހަކަދެއްކިއެވެ. ކޮންމެވެސް ނޭގޭ ސަބަބަކާހުރެ އޭނަގެ ހިތްވަނީ މައިކަލްއާއިމެދު ނުތަނަވަސްވެފައެވެ. މައިކަލްއާއި ޒޯހަން ކޮންމެވެސް ކަހަލަ ކުޅިގަނޑެއް ކުޅެމުންދާކަން އޭނައަށް ވަނީ ވިސްނިފައެވެ. ޔަގީންނުވަނީ އެދެމީހުންވެގެން އެކުރަނީ ކޮންކަމެއް ކަމެވެ.
"އެނގެއެއް ނު އަހަރެން މިތަނަށް އަންނާނީ ކޮން ބޭނުމަކުކަން. އަހަރެން ނާންނަން ހެނާއަށް ގެއްލުމެއްދޭކަށް. އައިމް ޔޯ ހަޒްބެންޑް. ވީއިރު އަހަރެން ބޭނުން ގަޑިއެއްގައި މިތަނަށްވެސް ވަދެވޭނެ. ހެނާ މާ ގަދަޔަށް ނިދާފައި އޮތީމަ ހޭލައްވަން ޖެހުނީ.. އަބަދުވެސް މާ ވަރަކަށް ނިދާމީހެއް ނު ތިއީ........." މައިކަލް ކައިރީގައި އޮށޯވެލަމުން އަތްދިއްކޮށްލީ އޭނަގެ އަތުތެރެއަށް އަންނާށޭ ބުނާފަދަ ގޮތަކަށެވެ. ހެނާ ކިތަންމެހާވެސް ޖެހިލުންވިއެވެ. މައިކަލްއާއި މެދު ފިރިޔެއްގެ ހައިސިއްޔަތުން ނުދެކެވޭއިރު ކުއްލިއަކަށް އެގޮތަށް މައިކަލްގެ ހަރަކާތް ހުރުމުން ހެނާ ކަންބޮޑުވެފައި އަދި ދެލޯ ބޮޑުކޮށްލެވުނީއެވެ. ބޭއިޚުތިޔާރުގައެވެ. ހެނާގެ އެ ހަރަކާތުން މައިކަލްގެ މޫނުމަތީގައި އެތިފަހަރެއް ޖެހުމެކޭ އެއްވަރުވިއެވެ. ރޯމާ ދުވާލު އޭނަގެ މަންމަމެންގެ ކުރިމަތީގައި ޒޯހަންއާއިއެކު އެވައްތަރަށް އުޅެން ޖެހިލުމެއްނުވި އަންހެނެކެވެ. ރުޅިވެރިކަމާއިއެކު އޭނަގެ އަތުގެ ތެރެއަށް ދަމައިގަނެވުނީ ދަތްވިކައިލަމުންނެވެ. އެހަރުކަށިކަމާއި ރަހުމްކުޑަކަން އަދި ބާރު އިހުސާސްކުރެވިފައި ހެނާގެ ބަލިކަށި ހިތް ރޫރޫއަޅައިގަތެވެ.