"އައުޗް. ޔޫ ހާޓް މައި ފީލިންގްސް. ނައު އެޕޮލޮޖައިސް....." އޭމޮން މަލާމާތުގެ ހުނުމަކާއެކު ބުނެލިއެވެ.
"އޭނަ އެއުޅެނީ އަހަރެން ރުޅިއަރުވާލަން. އައިމް ނޮޓް ފޯލިން ފޯ އިޓް......."އަމީރާ ހިތާހިތުން ކިޔާލާފައި އުޅުނީ ދުރަށް ހިނގައިގަންނާށެވެ.
"ބުނަން ވާހަކައެއް. ތީ މީހެއްގެ އަންބެއް. އެކަން ހަނދާން ނައްތާލާފައި އެހެން މީހަކާއި އެކު ވާން ހިތަށްވެސް ނާރުވާތި. ފިރިމީހާއަށް ވަފާތެރި ނުވެގެން ލިބޭނެ ސަޒާއެއްގެ ޒިންމާ މަ ނުނަގާނަން. އެނގިއްޖެ ދޯ މިބުނާ އެއްޗެއް. އިތުރު ފިރިހެނަކާއި ރައްޓެހިވާން ހިތަށް އެރިޔަސް އެކަމުގެ އަދު ދައްކަން ޖެހޭނީ ތި ބަލިކަށި ކުއްޖާ..ރިޕީޓްކޮށް މިވާހަކަ އަހަރެން ލައްވާ ބުނުވަން ނަހަދާ......." އޭމޮން އަމީރާގެ ކޮލުގައި ހިފާ ފިތައިގަތްގަތީނުން އެޅި ވޭނުގައި ލޮލުން ފެން އޮހިގަތެވެ. އެއާއެކު ހެޔަށްގޮތެއްވެގެން ވެއްޓެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ. ހޭލެވުނުއިރު އޭނަ އޮތީ ކޮޓަރީގެ އެނދުގައެވެ. ލައިގެން ހުރި ހެދުމާއިއެކު ރަތް ފިނިފެންމާވެސް އަތުގައި އޮތެވެ. ހެދުމުގައި އަދި ފައިގާވެސް ޗަކައިގެ އަސަރެއްނެތެވެ. އަމީރާ ރަގަޅަށް އޮޅިއްޖެއެވެ. ހަމަ ރަގަޅަށްވެސް މީހަކު އޭނަގެ ވިސްނުމާއި ކުޅެލަނީހެއްޔެވެ؟ ހަގީގަތެއްހެން ހީވާވަރަށް ޖިންނިއަކު އޭނަގެ ލޯމައްޗަށް ކަންތައްތައް ދައްކަނީހެއްޔެވެ؟ އޭމޮންއަކީ އޭނަގެ ޚިޔާލީ ފުރޭތަކަމުގައި ވެއްޖެއްޔާ ހާދަ ރަގަޅެވެ. ހުވަފެނުގައި ކޮންމެފަދަ މުސީބާތެއް ދިމާވިޔަސް އޭނައަށް އެންމެ ރަގަޅެވެ. ފޯނަށް ބަލައިލިއިރު ރަފައެލް މެސެޖެއް ފޮނުވާފައި އޮތެވެ. ވަރަށް އިންތިޒާރުކުރިކަމަށް ބުނުމުން އަމީރާ އެކަމާ މާފަށް އެދި ނިދުނީކަމުގައި ބުނެލާފައި ދެލޯ މަރާ ބާރުކޮށްލިއެވެ.
ބޮޑު ޗުއްޓީގައި ނަޝީދު ގަސްތުކުރީ ރޮޒާލިއާއާއި އާޒް ގޮވައިގެން ލަންކާއަށް ދާށެވެ. އަމީރާވެސް އެކުވެރިއެއްގެ ކައިވެންޏަކަށް ދާންވެގެން އެދަތުރުގައި ބައިވެރިވިއެވެ. ހެނާގެ ކައިރީގައި އާސާ ދުވަސްކޮޅަކަށް ހުންނަގޮތަށް ނިންމުމުން ރޮޒާލިއާވެސް ހިތްހަމަޖެހުނެވެ. ސަކީނާވެސް ބުނީ ހެނާގެ ހާލުބަލައިލާނެ ކަމުގައާއި އެގޭގައި ނިދަން ދާނެކަމުގައެވެ. ދިހަ ދުވަހުގެ ދަތުރަކަށްވުމުން ލޯ މަރާލާފައި ހުޅުވާހާ ހަލުވިކޮށް ދުވަސްތައް ހިނގައިދާނެއެވެ. ފުރިދުވަހުވެސް އާޒް ނުދާނަމޭ ކިޔާފައި ހަޅޭއްލަވާ ބިންމައްޗަށް ވެއްޓިގަނެގެން އަޑުގަދަކުރިއެވެ. އެއުމުރުގެ ކުއްޖެއް އެހެން އުޅޭކަށް ނުވެސް ގުޅެއެވެ. އާޒްގެ މިޒާޖުވަނީ އެއްކޮށް ބަދަލުވެފައެވެ.
ހެނާއާއި އާސާތިބީ ކޮޓެޖް ފާރު ކައިރީގައެވެ. ބާބެކިއު ހަދަންވެގެން ރޯކުރި އަލިފާންގަނޑު އަދިވެސް ނުނިވި އަނދައަނދާ ހުއްޓެވެ. ކުކުޅު ފިހެން އާސާ ކިތަންމެހާވެސް ކުޅަދާނައެވެ. ހެނާލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާ އޭނަ ކުކުޅާއި އަލުވިފިހެ ނިންމާލީ ފަރިތަކަމާއި އެކުގައެވެ.
"އަހަރެން ހުރީ ނިކްޒާދު އަހަރެންގެ ފަހަތުން ފާރަލަމުން އައި ވާހަކަ ހެނާ ކައިރީގައި ނުބުނަން. އޭނަ އަބަދުވެސް ފާޑަކަށް ބަލާ ވާހަކަ ބުނީމެއްނު ދޯ. ހިތަށް އެރީ އޭނައަށް ލަނޑެއްދޭން ކޮޓެޖަށޭ އަންނާނީ. ދެން ވިސްނާލާފައި މިފާރުމަތިން ފުންމައިލީ. އެމީހާ މޮޔަވެފައިހުރިވަރުން އަދި މަގޭ ފަހަތުން އައި. ސަލާމަތްވެވުނީ އެއޮތް ދަންވަރު ޒޯހަން ނުކުތުމުން. ނިކްޒާދު ވަރަށް ރަކިވި. ހެހެ. ބޮސް އުޅޭގެއަށް ވަގަކު ހެން ވަނީމަ އަދި ކުރިމައްޗަށް ވިއްޔާ ގޮސް ނުކުމެވުނީ. ނަސީބަކުން ޒޯހަންއަށް އަހަރެން ނުފެނުނު....." އާސާ އެއް ލޯ މަރައިލިއެވެ. އެއީ ހެނާ އުޅެއުޅެ ނުހުއްޓުވުނު އާދައެކެވެ. ނުހޭންވާ ދަނޑިވަޅުގައިވެސް އާސާ ހީގަނެފާނެއެވެ.
"އާސާ އަހަންތަ ވާހަކައެއް؟ މަންމަ ކޮބާތަ؟ " ކުއްލިއަކަށް ހެނާ އަހައިލި ސުވާލަކުން އާސާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އާސާ ޒާތީ ވާހަކަ ހިއްސާނުކުރާތީ ހެނާ ހުންނަނީ ނާހަންކަމަށެވެ. އެކަމަކު މިރޭ ދެނެގަންނަން ބޭނުންވީއެވެ.
"މޮޔައިންގެ ހޮސްޕިޓަލުގައި....." އާސާ ތެދުވެގެންގޮސް އަލިފާންގަނޑަށް ހިކި އިލާތައް އަޅަން ފެށުމުން ކުރިއަށްވުރެ އަލިގަދަވެއްޖެއެވެ. އާސާ އެވާހަކަދައްކަން ބޭނުންނުވާހެން ހީވުމުން އިތުރަށް އަހާކަށް ނުކެރުނެވެ. އާސާ އެހާވަރުން އާއިލާގެ ހަގީގަތް ފޮރުވަނީ ކީއްވެބާވައެވެ. މަންމަ މޮޔަވީ ކީއްވެހެއްޔެވެ؟ މަންމަވީ ކޮން ހޮސްޕިޓަލެއްގައި ހެއްޔެވެ؟ އާސާ މަންމަ ދެކެލަން ނުދަނީ ކީއްވެބާވައެވެ. އެތައް ސުވާލުތައް ސިކުނޑީގައި ފުނިޖެހުނެވެ.
"ވަރަށް ވަރުބަލިވެއްޖެ. ހެނާ ނިދަން ދަމާ. މިހާރު އެއްކަލަ ސަކީނާއްތަ ގުގުރިދަމަން ގޮނޑިއެއްގައި އިންނާނެ......." އާސާ ކުއްލިއަކަށް ހޭންފެށިއެވެ. ސަކީނާ ގޮނޑީގައި ނިދަން އިންނާތީ އެކަން އާސާއަށް ވަނީ މަޖާކަމަކަމަށެވެ. ތާއްޔާ ޖެހިޖެހި އެހެން އިންދާ އެއް ރޭ ބިންމަތީގައި ޖެހުމުން ހެނާ ވަރަށް ހާސްވިއެވެ. ނަސީބަކުން ސަކީނާ ޖެހުމާއިއެކު ތެދުވެ އިށީނެވެ. ދެކުދިން ގެއަށް ވަދެފާ ދޮރު ލައްޕައިލިތަނާހެން މުޅި ހިސާބަށް ގަދަ އައްޔެއް އެޅުނުހެން ހީވިއެވެ. ހެނާ ހީކުރީ ވިދަންފެށީކަމަށެވެ. އެކަމަކު ތަރިތައްވެސް ފެންނާންހުއްޓެވެ. އެކަން މާ ބޮޑުކަމަކަށް ނަހަދާ އޭނަ ކޮޓަރިއަށްވަދެ ނިދަން ތައްޔާރުވެގެން ފުނާއަޅަން ހުރީ ޑްރެސިންޓޭބަލްގެ ކުރިމަތީގައެވެ. ކުއްލިއަކަށް ލޯގަނޑުން އޭނަގެ ފަހަތުން ހިޔަންޏެއް ފެނުނެވެ. އޭރު އަތުން ފުނާވެސް ދޫވެއްޖެއެވެ. އެހިޔަނި އެއްފަރާތަކަށް ހިނގައިގަތްތަން ފެނިފާ ވަރަށް ބޮޑަށް ސިހި ތުރުތުރުއަޅާ ހާލުގައި ހެނާ އެނބުރުނެވެ. ހައިރާންވީ ކޮޓަރިތެރޭގައި އެއްވެސް ހިޔަންޏެއް ނެތީމައެވެ. އެވަގުތު އާސާވެސް ފާޚާނާއިން ނުކުތީ އިސްތަށިގަނޑު ހިއްކަމުންނެވެ.
"ހެނާ. ކިހިނެއްވެފަ ތިހިރީ؟ އިފުރީތެއް ފެނުނަސް މީހަކު ތިވަރެއްނުވާނެ..." އާސާ ހުރީ ހިނިއައިސްފައެވެ.
"ނަތިން....." ހެނާ ގުދުވެ ފުނާނެގިއެވެ. އާސާ ކައިރީ އެކަހަލަ ވާހަކައެއް ބުނާކަށް ނުކެރުނެވެ. ވަހުމަކަށްވެސް ވެދާނެއެވެ. އަބަދާއަބަދު ޖިންނިންގެ ވާހަކަތައް ދެކެވެންޏާ އަމީރާފަދައިން އޭނަގެ ލޯމައްޗަށްވެސް އެފަދަ ކަމެއް ސޫރަވީއެވެ. ނަމަވެސް ހެނާގެ ހިތަކުން ބިރުވެރިކަމެއް ނުފިލިއެވެ. ކިރިޔާ އަޑެއް އިވިލިޔަސް އޭނަ ސިއްސައިގެންގޮސް މޭގައި އަތްއަޅާލައެވެ. ފުންމައިގަނެއެވެ. ނޫނީ ހަޅޭއްލަވައިގަނެއެވެ. އާސާ ބާލީހުގައި ބައްދާލައިގެން އޮވެ އިރުއިރުކޮޅާ ހެނާ ކައިރިން ސުވާލުކުރެއެވެ. ވެގެން އުޅޭގޮތެއް އޮޅުން ފިލުވުން އޭނަ ހީކުރިހާ ފަސޭހަކަމަކަށްނުވިއެވެ. އާސާ ނިދަނީ ހުރިހާ ބޮކިތައް ނިވާލައިގެންނެވެ. އެއީވެސް އޭނަގެ ހިތުގައިވާ ބިރުވެރިކަން އިންތިހާއަށް އިތުރުކުރުވާ ފާޑުފާޑުގެ ވަހުމްތަކުގެ ތެރެއަށް ގެނބެން ޖެހުނު ސަބަބެކެވެ. އަދި ހޮޓަލާއިމެދުވެސް ހިތުގައިވާ ޝައްކުތައް އިތުރުވާންފެށީ އެރޭ ލިފްޓަށް އެރިފަހުންވީގޮތުންނެވެ. ލިފްޓަށްވަނުމާއި އެކުހެން ކަރަންޓުކެނޑުނެވެ. އޭނަގެ އަތުގެ މުލައްދަނޑީގައި ހިފިމީހާ އޭރު ލިފްޓްތެރޭގައި ހުރިތަނެއް އޭނަ ނުދެކެއެވެ. މައިކަލް ކަން އެނގުމުން ހެނާ ވަކިން ބޮޑަށް ބިރުގަތެވެ. މައިކަލް ހެނާ ކައިރިން މިގަޑީގައި ހޮޓަލުގައި ހެނާ އުޅެނީ ކީއްކުރަންހޭ އަހައިލިއެވެ. ހެނާ ބުނީ ވެރިޔާއަށް ރޭގަނޑު ކެއުން ގެނައީކަމަށެވެ. މައިކަލް އިންޒާރުގެ ގޮތަކަށް ބުނީ ހެނާ މީގެ ފަހުން މިތަނަށް ނައުމަށާއި ނޫނީ ހެނާގެ މަންމަ ކައިރީގައި މައްސަލަ ޖައްސާނެކަމުގައެވެ. ހެނާ ހުރީ ހައިރާންވެފައެވެ. މައިކަލް އެހާ ރުޅިއައީ ކީއްވެހެއްޔެވެ؟ އޭނަގެ ހިތުގައިވެސް ވީ އެ ސުވާލެވެ. މައިކަލް އެގަޑީގައި އެތާ އުޅުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟
އަމީރާ ނުވަރަ އެލިޔާއަށް ނުދާން ހުރީ އޭނަ ފޮރުވާފައިވާ މާޒީ އަލުން އިއާދަވެދާނެކަމުގެ ބިރުހީވެފައެވެ. ނަމަވެސް އެކުވެރިޔާގެ ކައިވެންޏަށްފަހު ހަނީމޫނަށް ދިޔަ ދަތުރުގައި އަމީރާމެންވެސް ބައިވެރިވާން ކުރި އާދޭހުގެ ސަބަބުން އެންމެފަހުން ޚިޔާލު ބަދަލުކޮށްލާފައި އެދަތުރުގައި ބައިވެރިވިއެވެ. ނަޝީދުއާއި ރޮޒާލިއާވެސް އެންމެފަހު ވަގުތުގައި ދަތުރުގެ ބައިވެރިންނަށްވިއެވެ. ދިޔަމަގުމަތީގައި ލޫސިއާންގެ ޚިޔާލުތައް ހިތަށް އުދަގޫކުރަންފެށީ މާވަރަކަށެވެ. ލޫސިއާން އަކީ އެންމެ ދުވަހަކަށް ހަޔާތަށް އައި މެހުމާނެއް ނަމަވެސް އޭނަ ދިޔައީ އަމީރާއަށް މީހަކު ނުދޭނެ ވަރުގެ ކެއްސެއް ދީފައެވެ. އަމީރާ އެންމެ ރެއަކަށްޓަކާ ވީ ލޯބީގެ ހަދިޔާއެއްގެ ގޮތުގައި ދިނީ އަމީރާ ހީނުކުރާފަދަ އަނިޔާއެކެވެ. އެވަރު މީހަކު ދުވަހެއްގެ ކޮޅުންވެސް އަންހެންކުއްޖަކާއި ދިމާނުވެއްޖެއްޔާ ރަގަޅެވެ.
އެމީހުން އުޅެން ހަމަޖެހިފައިވާ ގެއާއި ހަމަޔަށް ފޯރިއިރުވެސް ތިބީ ގަނޑުވާން ތައްޔާރުވެފައެވެ. ޓެމްޕެރޭޗާ ހުރީ ނުވަ ޑިގްރީ ސެލްސިއަސްގައެވެ. ތުނިތުނިކޮށް ވެހެމުންދިޔަ ވާރެއާއިއެކު ވައިރޯޅިތަކުގެ ހަމަލާތަކުން ބޯހެދުން ފުރާނާލާފައި ކަށިގަނޑު ތެރެއަށްވެސް ފިނިކަން ފޭދިގެންދެއެވެ. ރޭގަނޑުކަމުން އަދި ވަކިން ފިނިކަންގަދައެވެ. އެންމެން ހޫނު ކޮފީ ބޮއިގެން ރަޖާތަކުގެ ހިމާޔަތް ހޯދައިގެން ނިދީގެ ފޮނި އަރާމުގެ ތެރެއަށް ފީނައިގަތެވެ. އިރުރަގަޅަށް ނާރަނީސް އަމީރާ ކެމެރާ ހިފައިގެން ނުކުތީ އެރީތި މަންޒަރުތައް ފޮޓޯ ނަގާހިތުން ކެތްނުވެގެންނެވެ. ލައިގެން ހުރި މަޑުނޫކުލައިގެ ޓޮޕާއި ކަޅުޖިންސާއިއެކު ޖެކެޓެއް ގަޔަށް މަހާލުމަށްފަހު ނުކުތްއިރު ފެންނަނީ ފަރުބަދަތަކާއި ފެހިކަން ގަދަ ގަސްތަކެވެ. ފަރުބަދައިގާ ބޮސްދެމުންދާ ވިލާތަކާއިއެކު ދުންފިނި ފައިބާފައިވާއިރު ރީތިކަމުން އާޝޯޚުވާވަރުވިއެވެ. މި މާހައުލާއިއެކު ލޫސިއަންގެ ހަނދާންތައް ހިތުގައި އާވެގަތެވެ.
އޭނަ ދުވަހަކު ލޫސިއާންއަށް މާފެއްނުކުރާނެއެވެ. އެކަމަކު ހިތުން އެ ހަނދާންތައް ނެރެލުންވެސް ފަސޭހައެއް ނޫނެވެ. ލޫސިއާން ކުރި ކުށުގެ ސަޒާ ދެވޭކަށްވެސް ނެތެވެ. އަނބުރާ އޭނަގެ ހަޔާތަށް އައިސް މާފަށް އެދޭނެނަމަ އޭނަ ލޫސިއާން ހިތުގައި ޖައްސާ ދެރަކޮށްލާނެއެވެ. ފަރުބަދަމަތީގެ ރަށެއްކަމުން އެއްމަގުން މައްޗަށް އަރަންޏާ އަނެއް މަގު އޮންނަނީ ތިރިކޮށެވެ. ގެއާއި ތަންކޮޅެއް ދުރަށް ދެވުނުތަނާ ކޮންމެވެސް މީހަކު ޖޮގްކޮށްލާފައި އަންނަތަން ފެނުމުން އަމީރާގެ ފިޔަވަޅުތައް ގަނޑުވިއެވެ. އެހާ ދުރުންވެސް އޭނައަށް ލޫސިއާން އެނގިއްޖެއެވެ. އެއީ ހަމަ އޭނައެވެ. ހަމަ އެ ދިގު އިސްކޮޅާއި ބިޔަކަމެވެ. ފިނިގަދަވެގެން އެހެން މީހުން އަރާމު ތަންމަތީގައި ރަޖާގެ ހިޔާވަހިކަމުގައި ވާއިރު އޭނައަށް ފިންޏެއްވެސް ނުވޭހެއްޔެވެ؟ އަމީރާ ހާސްކަމާއިއެކު އައިކޮޅަށް އަނބުރާލައިފިއެވެ.
"ހޭއި......." ލޫސިއަން ގޮވާލުމާއިއެކު އަމީރާގެ ފިޔަވަޅު މަޑުޖެހުނެވެ.
"ޕްލޭ ބޯއިއާއި އަނެއްކާވެސް މި ދިމާވީ. ހަމަ މި ލޮކޭޝަނުން........" އަމީރާގެ ހިތަށް އެރިއެއްޗެއް ލޫސިއާންއަކަށް ނޭގޭނެއެވެ.
"އަމީރާ....." ލޫސިއަން އަރާހަމަކޮށްފާ ގޮވާލީ އެ ފިރިހެންވަންތަ ހިނިތުންވުމާއިއެކުގައެވެ. އަމީރާ ގަނޑުފެންކޮޅެއްފަދަ އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލިއެވެ. އޭރު އޭނަގެ މޫނަށްވެރިވެފާ ވާ ޖަންބުކުލަގަދަވިއެވެ. ލޫސިއާން އޭނަގެ ނަން ހަނދާން އެބަހުއްޓެވެ. ލޫސިއަންއާއި ހަތަރުކަޅި ހަމަކޮށްލުންވެސް އަމީރާއަށް ވީ ވަރަށް އުދަގޫކަމަކަށެވެ. އެތައް އަހަރެއްފަހުން އޭނަގެ ކުރިމައްޗަށް އައުމަށްފަހުވެސް މާފަށް ނޭދޭނީ ހެއްޔެވެ؟ ނަން އެނގުނަސް އެރޭގެ މަތިން ހަނދާން ހުރިހެނެއްވެސް ހިޔެއްނުވެއެވެ. ލޫސިއަންގެ ކައިރީގައި އޭނައެކޭ އެހެން އަންހެންކުދިންނެކޭ ތަފާތެއް ނުހުންނަނީއެވެ. ކޮންމެ އަންހެންކުއްޖަކީ އޭނަ ކުޅޭ ކުޅޭ ބުދެކެވެ. ބޭނުންކޮށްފައި އެއްލައިލަނީއެވެ. ގުޑިއެއްފަދައިން ވަކި މިސްރާބެއްނެތް މީހެއްކަން ލޫސިއަންއަށް އިހުސާސެއް ނުކުރެވެއެވެ. އޭނަ ދެރަވަނީ ލޫސިއަންއަށް އިތުބާރުކުރެވުނީތީއެވެ. އެކޮޓަރީގައި ނިދަން އޮވެވުނީތީއެވެ. ހެދުނު ހޭލެވިގެން އަމީރާ ބަލައިލިއިރު ލޫސިއަން އޭނަގެ ހުރިހާ އެއްޗެއް ފޭރިގަތުމަށްފަހު އެތަނުން ދިޔައީ ވަދާއުގެ ސަލާމްވެސް ކޮށްލުމެއް ނެތިއެވެ.
ދެވަނަފަހަރަށް ލޫސިއާންއާއި ދިމާވެ އޭނަގެ ހަޔާތަށް ކުރިމަތިވާން އުޅޭ ތޫފާނުގެ ކުޑަވެސް ހިލަމެއްވިނަމަ އަމީރާ އެތަނުން ދުވެ ފިލީހެވެ. ނަމަވެސް ތަގުދީރުގައި ލިޔެވިފައިވަނީ އެދެމީހުން ދިމާވެ އަލުން އެއް މަންޒިލަކަށް ދަތުރު ފެށުމަށެވެ. އަމީރާ ލޫސިއާންއާއި ހަތަރުކަޅި ހަމަކޮށްލީ ހިނިތުންވެލަމުންނެވެ. އޭނަގެ ނިޔަތް ލޫސިއާން އަށް ހާމަކުރާކަށް ކޮންމެހެން ނުޖެހޭނެއެވެ. ނަމަވެސް އޭނައަށް މިއޮތީ ފުރުސަތެއް ލިބިފައެވެ. މިފުރުސަތުގެ ބޭނުން ނުކޮށްފިއްޔާ އޭނަ ހިތާމަކުރާނެކަން ގައިމެވެ. ލޫސިއާން ކެހިދިން ފަދައިން އޭނައަށްވެސް ކެހިދެވޭނެއެވެ. ލޫސިއާން ހީކުރަނީ އޭނައާއި ދޭތެރޭގައި ހިތަށް އެރިގޮތަށް ކަންތައްކޮށްފާ އަދި ހަމަޖެހިލައިގެން އުޅެވޭނެކަމަށް ހެއްޔެވެ؟
"މިރަށުގައި ކީއްތިކުރަނީ؟ "އަމީރާ އަހައިލިއެވެ.
"މަންމަ ވަރަށް ބަލިވެގެން....." ލޫސިއަންގެ ދެލޮލުން ކުޑަކޮށް ހިތާމައިގެ އަސަރު ފެނިލިއެވެ.
"ކިހިނެއްވީތަ؟ "އަމީރާ އޮޅުންފިލުވަން ބޭނުންވިއެވެ.
"މެންޓަލް........." ލޫސިއަން ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފާ ހުއްޓާލައިފިއެވެ.
"އެ ވާހަކައެއް ނޫނޭ. އަމީރާ ކޮންތާކު ތިއުޅެނީ؟ މިހާރު އަދި ކިރިޔާ ބޮޑުވެ އަންހެނަކަށްވީ. ކުރިން ފެނުނުއިރު ވަރަށް ބޭބީކޮށް އުޅުނީ. މެރީވެސް ކޮށްފިން ދޯ......" ލޫސިއާންގެ ހިނިތުންވުން އަމީރާގެ ހިތަށް ތަދުކުރުވިއެވެ. އޭނަގެ ހަޔާތުގެ ދާވަންޏަށް އަލިކަން ގެނެސްދޭނެ ހިނިތުންވުމެއްކަމުގައި އެއް އިރެއްގައި ހީކުރެވުނަސް އެއީ ބިލާހެކެވެ. އެއީ އޭނަގެ މިލްކެއްނޫނެވެ.
"ނޫނޭ. އަދި އެކަހަލަ މީހަކު ނުފެނޭ...." އަމީރާ ހީގަތެވެ. ލޫސިއާން ވަރުގެ މީހަކު މި ކައުނުގައިވެސް އުޅޭނެއެކޭ އޭނަ ނުބުނާނެއެވެ. މީހަކާއި އިނދެގެން ހުއްޓަސް އޭނަ ބޭނުންވާ އަންހެނަކު ވެއްޖެއްޔާ އެނދާއި ހަމަޔަށް ގެންދާނެ ޒާތުގެ ފިރިހެނެކެވެ. ހިތަށް އަރާހާ އެއްޗެހި ލޫސިއާންއަށް އަޑުއިވޭނެނަމައެވެ.
"ގުޑް، އަހަރެން މިހިރީއެއްނު ދޯ. ހިނގާ އަހަރެމެންގެ ގެއަށް ދާން. ގޭގައި އެއްވެސް މީހަކު މިގަޑީގައި ނޫޅޭނެ. ހޫނު ކޮފީއެއް ބޯލީމަ ހީފިލާނެ. ފިންޏަށް ބަލިކުއްޖެއްކަން އެނގޭއިރުވެސް މިގަޑީގައި އަދި ތިއުޅެނީ މަގަށް ނިކުމެ......" ލޫސިއާން އާއިއެކު އަމީރާ ހިނގައިގަތީ ޖެހިލުންވެފައި ހުރެއެވެ. މިފަހަރުވެސް ލަނޑެއް ނުދޭނެބާވައެވެ. ނޫނެކެވެ. އޭނަ ހުންނާނީ ވިސްނައިގެންނެވެ. މިހާރު އޭނައަކީ ކުރީގެ މޮޔަ ޅަ އަމީރާއެއްނޫނެވެ. ފިރިހެނުންގެ ފާޑު އޭނަވަނީ ދަސްކޮށްފައެވެ. އެމީހުންނަށް އިތުބާރުކުރުމުގައި ވަކި ހައްދެއް އޮންނަންވާނެއެވެ. އަދި ދުރުމިނެއް ބަހައްޓަން ޖެހޭނެއެވެ. ލޫސިއާންއާއިއެކު އެގެއާއި ހަމަޔަށް ދިޔައިރު ރަފައެލްގެ މަތިން ހަނދާންވެ މިކުރެވެނީ ރަގަޅުކަމެއްބާވައޭ ހިތަށް އެރިއެވެ. ރަފައެލްގެ ހިތުގައި އޭނައަށްޓަކާ ޚާއްސަކަމެއްވާކަން އެނގުނު ހިސާބުންފެށިގެން އޭނަ ހުންނަނީ ހަޔާތަށް އެހެންމީހަކު ނުގެންނަން ނިންމައިގެންނެވެ. އެކަމަކު ލޫސިއާން ފެނުމުން އޭނަގެ ހިތުގެ މިސްރާބު ބަދަލުވެއްޖެއެވެ.
ލޫސިއާން ދިރިއުޅޭގެވެސް ވަރަށް ހިތްގައިމެވެ. ބޯދޫލައަޅާފައިވާއިރު އަރާމު ސޯފާތަކާއި ކުޝަންތަކުގެ ތެރެއަށް ގެނބެން އަމީރާގެ ހިތްއެދުނެވެ. ދޫލަމަތީގައި ފައިޖައްސާލުމުންވެސް ފަޔަށް ފިނިވެގެން ހީކަރުވައިގަތީ ގޮތެއްބަލާފައެއް ނޫނެވެ. ލޫސިއާން އަމީރާއާއި ދިމާލަށް ބަލާލާފައި ހިނިތުންވެލީ އެކަން ވިސްނިގެންކަހަލަ ގޮތަކަށެވެ.
"މަންމަ ގޭގައި ނޫޅެނީތަ؟ " އަމީރާއަށް އަހާލެވުނެވެ.
"ކޮލޮމްބޯގައި....." ލޫސިއާން ދެން ސުވާލުކޮށްލީ ކޮފީއާއި ބެހޭގޮތުންނެވެ. އެހާވަރުން މަންމަގެ ވާހަކަ ލޫސިއާން ސިއްރުކުރަން އުޅެނީ ކީއްވެބާވައެވެ. މަންމަ ދޫކޮށްލާފައި ލޫސިއާން މިއެކަނިވެރި ތަނުގައި ދިރިއުޅުމުގެ މަގުސަދަކީ ކޮބާކަމެއްވެސް ނޭގުނެވެ. މި ސިއްރުވެރި އިންސާނާގެ ކައިރިން ކިތަންމެ ވަރަކަށް އެހިޔަސް ޖަވާބެއް ދޭނީއެއް ނޫނެވެ. އަމީރާވަނީ އެކަން ތަޖުރިބާކޮށްފައެވެ. ލޫސިއާން ކާކޮޓަރިއަށްވަދެފައި ދެތިން މިނިޓްތެރޭގައި އައީ ދުންއަރައަރާ ހުރި ކޮފީއާއި ސެންޑްވިޗް ހިފައިގެންނެވެ. ގޭގައި ނޯކަރަކު ހުންނަނީކަމުގައި އަމީރާ ޔަގީންކުރިއެވެ. ދެމީހުން ސޯފާގައި ކައިރީގައި އިށީންގޮތަށް ތިބީ ދެން ދައްކާނެ ވާހަކައެއްނޭގިފައެވެ.
"އަމީރާ ކޮން ދަތުރަކު؟ "ލޫސިއާން މާހައުލުގެ ހިމޭންކަން މުގުރައިލަމުން ކަތި ނަޒަރަކުން ބަލައިލިއެވެ. ލޫސިއާންގެ ބަލައިލުމުގައި ހުރީ ތަފާތު ގޮތެކެވެ.
"މަންމަމެންނާއިއެކު. އަދި އެކުވެރިއެއްގެ ހަނީމޫން ދަތުރުވެސް އޮތީމަ. ލޫސިއަން. ކެން އައި ހޭވް ޔޯ ނަމްބަރ؟ "އަމީރާ ފޯނު ނަގަމުން ސުވާލުކުރިއެވެ. އެދޮން އޮމާން އަތްތިލަވަނީ ފިނިކަމުން ވަކިން ބޮޑަށް ހުދުވެފައެވެ. ލޫސިއާންއަށް އޭނަގެ އެކުވެރިން ގޮވާއުޅެނީ ލެންގެ ނަމުންނެވެ. އެނަން ކިޔައިގެން މާ ގާތްވާކަށް އަމީރާ ނޭދެއެވެ. ލޫސިއާންގެ ފިރިހެންވަންތަކަމަށް ހިތް ތައުރީފުކުރިޔަސް މި ފިރިހެނާއަށް ހިތުން ޖާގަނުދޭން އަމީރާވަނީ އަޒުމް ކަނޑައަޅާފައެވެ. ލޫސިއާންހެދިގޮތަކަށް އޭނަ ލޫސިއާން ރޮއްވާލާނެއެވެ. އާދޭސްކުރުވާނެއެވެ. މާފަށް އެދި ވަރުބަލިވާއިރުވެސް އޭނަ ހުންނާނީ ގޮތުގައެވެ. ބަދަލުހިފުމަކީ އަމީރާގެ ކަށީގައި ހިފާފައިވާ އާދައަކަށް ނުވިޔަސް ލޫސިއާން އެހެން މީހުންނާއި އެހެން ގިންތިއެކެވެ.
ލޫސިއާން އޭނަގެ އައިފޯނު ނަގާފައި ހުޅުވާލަމުން އަމީރާގެ ނަމްބަރު ހޯދިއެވެ. އަމީރާ ބަލަން ހުއްޓާ ސޭވްކޮށްލަމުން އުފާވެއްޖެހެއްޔޭ އަހާލުމުން އަމީރާ ހިނިއަންނަގޮތްވިއެވެ. ލޫސިއާންގެ ފޮނިކަމާއެވެ. އެހެރީ ވަރަށް ހެއްދިފައެވެ. އަމީރާ އޭނައާއިހެދި މޮޔަވެގެން ފަހަތުން އަޅުވާލީކަމަށް ހީކުރާނެއެވެ.
"ހާދަހާ ފިންޏޭ ދޯ...." އަމީރާ ގަސްތުގައި ފަރިގޮތަކަށް ބަލައިލިއެވެ.
"ސޮރީ. މިގޭގައި ހީޓަރު ހަލާކުވެފައި ހުރީ. އެހެންނޫންނަމަ މިގެއަށް އަންނަ އަންހެންކުދިން ފިނިވެގެން އުޅޭކަށް ނުޖެހޭނެ. ދެން އަހަރެން މިއީ އަންހެންކުދިން ގެއަށް ގެންނަމީހެއްވެސް ނޫންވިއްޔަ.. ހެހެ...." ލޫސިއާން ކޮފީތަށިން ކޯވަރެއް ދަމާލަމުން އިނީ ދުރަށް ބަލަހައްޓައިގެންނެވެ. ހާދަ މާތްމީހަކަށްވާން މަސައްކަތް އެބަކުރެއެވެ. ނަމަވެސް އަމީރާ އެދުވަސްމަތިން ހަނދާނެއްނުނެތެއެވެ. ލޫސިއާން އެއިނީ ހިތުން މާޒީއަށް ފިލައިގެންނެވެ. އޭނަގެ ރަގަޅުކަން ދައްކައިގެން އަމީރާ ދެވަނަފަހަރަށްވެސް ހައްލާލަންވެގެންނެވެ.
ދެމީހުން ދެއްކީ އާދައިގެ ވާހަކަތަކެވެ. ބޮޑަށް އަނގަތެޅީ އަމީރާއެވެ. އަމީރާގެ އާއިލާ އަދި އޭނަގެ މަސައްކަތާއި ބެހޭގޮތުން އަމީރާ ވާހަކަދެއްކިއެވެ. ނަމަވެސް ރަފައެލްއާއި މައިކަލްފަދަ އޭނަގެ ހަޔާތަށް އައިސްފައިވާ ފިރިހެނުންގެ ނަން ނުގަންނަން އޭނަ ހުރީ ވައުދުވެގެންނެވެ. އަމީރާ އޭނަ ކުރާހިތްވާ ކަންތައްތަކާއި ހޮބީސްތަކުގެ ވާހަކަދެއްކިއިރު ވާހަކަ ލިޔާކަމަށް ބުނެލިއެވެ. އޭމޮން އަދި ކޮޓެޖްގެ ވާހަކަ ބުނަން މާ އަވަސްކަމުގައި އަމީރާ ނިންމިއެވެ. ލޫސިއާންފަދަ ގޮތްނޭގޭ މީހަކާއި އެހާ ޒާތީ ކަންތައްތައް ހިއްސާކޮށްގެން ބަދުނާމުވެސް ވެދާނެއެވެ.
އެރޭވެސް ދެމީހުން ކޮފީއަކަށް ބައްދަލުކުރަން ލޫސިއާން އެދުނެވެ. އޭނައުޅެނީ އެކަނިވެރިކޮށް ކަމަށާއި އަމީރާ އައިސްދީފިއްޔާ ރަގަޅުކަމުގައި ބުނެލުމުން އަމީރާ އެއީ ޑޭޓެކޭ ބުނެލާފައި މާނަވީ ބެލުމެއް ހަދިޔާކުރިއެވެ. ލޫސިއާންއާއި އަމީރާގެ ހަތަރުކަޅި ހަމަވިގޮތަށް އިރުކޮޅެއްވާންދެން ދުރު ބަލައިނުލެވިފާ ތިއްބެވެ.
އެރެއަށް އަމީރާ ތައްޔާރުވާން ހުއްޓާ އަމީރާ ދާންއުޅޭ ތަނަކާއި ބެހޭގޮތުން ރޮޒާލިއާ ސުވާލުކުރިއެވެ. އަމީރާ ބުނީ އެކުވެރިންނާއިއެކު ރޭގަނޑު ކެއުމަކަށް ކަމުގައެވެ. އެއީ މުޅިން ދޮގެއްނޫނެވެ. ލޫސިއާންވަނީ އެކުވެރިއެއްގެ މަގާމުގައެވެ. ނަމެއްގައި ނަމަވެސް ހެވެވެ. ވައިލެޓްކުލައިގެ ޓޮޕަކާއިއެކު ސްކިނީއެއް ލުމަށްފަހު އޭނަ ލުއިމޭކަޕެއް ކޮށްލުމުން ލޯގަނޑުން ފެންނަންހުރީ ޕަރީއެއްފަދަ ކުއްޖެކެވެ. އޭރުވެސް އޭނަ ހީކަރުވައިގެން ރޫރޫއަޅައެވެ. މިމާހައުލުން އެންމެ ކަމުނުދާކަމަކީ ފިނިގަދަކަމެވެ. ޖެކެޓް ގަޔަށް ހެޔޮވަރުކޮށްލާފައި ދަބަސްއަޅުވައިގެން ނުކުތްއިރު މަގުގެ ކޮޅުގައި އޭނަގެ އިންތިޒާރުގައި ލޫސިއާން ހުރިތަން ފެނުމުން އަމީރާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއްވެރިވިއެވެ. މުޅިމަގުގައި މާ މީރުވަހެއް ދުވާތީ ފުރަތަމަ އަމީރާ ހުރީ ވާނުވާ ނޭގިފައެވެ. ކައިރިވެލުމުން އެނގުނީ ލޫސިއާން ބޭނުންކޮށްފައިވަނީ ފިރިހެންވަހެއް އެކުލެވޭ ހިތްގައިމު ސެންޓެއްކަމެވެ. އެސެންޓުގެ ނަން އަހަން އުޅެފައިވެސް އަމީރާ ޚިޔާލުބަދަލުކޮށްލިއެވެ. ލޫސިއާން ކޮންމެ ސެންޓެއް ބޭނުންކުރިޔަސް އޭނައާއި ކޮންކަމެއްހެއްޔެވެ؟ ލޫސިއާންއަކީ އޭނަ ހިތްއެދޭ މީހާއެއްނޫނެވެ.
އެގޯޅީގެ އަނދިރިކަމާއިހުރެ އެގޮތަށް އެންމެ ލޯބިވާ މީހާއާއިއެކު ހިނގުމަކީ ވަރަށް ރީތި ހަނދާނެއްކަން ގައިމެވެ. ރަފައެލް އަންނާނެނަމައެވެ. އަމީރާ ހިތަށް ވިސްނާދިނީ އޭނަގެ ލޯބިވެރިޔާއަކީ ރަފައެއްކަމެވެ. ދެމީހުންގެ ގުޅުމަށް އަދި ނަމެއް ދެވިފައި ނެތަސް ވަރަށް އަވަހަށް އެ ގުޅުމުގައި ލޯބީގެ ތަތްގަނޑު ޖެހޭނެއެވެ.
ދެމީހުން އެކީގައި ހިނގައިގަތްއިރު މަގުތަކުގެ އަޑިގުޑަންކަމާއިހެދި ބައެއްފަހަރު އެކަކު އަނެކަކުގެ ގައިގާ ބީހޭގޮތްވެއެވެ. އެފަދަ ކޮންމެ ވަގުތަކު އަމީރާގެ ހަށިގަނޑަށް ތަފާތު ގޮތްގޮތްވެއެވެ. އެފަދަ ގޮތެއް ލޫސިއާންއަށްވެސް ވާނެބާވައެވެ. އެ އިހުސާސްތަކުގެ ސަބަބުން އަމީރާގެ ހިތަށް އުދަގޫވިއެވެ. ރީތި ފިރިހެނަކު ފެންނައިރަށް މިގޮތަށް ހިތްކިޔަން ވެއްޖެއްޔާ ހަޔާތުގެ މަގުސަދު އޮންނާނީ ހާސިލުނުވެފައެވެ. ލޫސިއާން އޭނަ ލައިގެން ހުރި ޖެކެޓް ބާލާފައި އަދި އަމީރާ ލައްވާދިނެވެ. އެއިހުސާންތެރިކަމުން އަމީރާ ޝުކުރުވެރިވިއެވެ. ފިނިގަދަކަމުން އެންމެފަހުން ދެއަތްދެއަތާއި އުގުޅަންފެށުމުން ލޫސިއާންގެ ސަމާލުކަން ހުއްޓުނެވެ.
"އުރާލައިގެން ގެންދަންތަ؟ " ލޫސިއާން އަހާލިއެވެ.
"ހާދަ ލަހުން ތިވާހަކަ ބުނީ. މިއޮތީ ގެއަށް އާދެވިފައެއްނު...." އަމީރާ ހޭންފެށިއެވެ.
"ގޭތެރެ އަދި މާ ފިނިގަދަވާނެ. ދޫލައާއި ރަޖާއަށް ދާންދެން ފިނިހިފާފައި ހުންނަނީ. ތިހާ ނާޒުކް ކުއްޖެއް އުރާލައިގެން ގެންގުޅުން އަހަންނަށް ބޮޑުކަމަކަށް ނުވާނެ. ހަގްކޮށްލިޔަސް ބިންދައިގެން ހިނގައިދާނެހެން ހީވޭ......." ގޭގެ ދޮރުހުޅުވާލާފައި ލޫސިއާން ސަމާސާގޮތަކަށް ވާހަކަދެއްކުމުން އަދި އަމީރާގެ ހިތް އަވަސްވިއެވެ. ލޫސިއާންގެ "ޗާމިން" ކަމުން އަންހެންކުދިންގެ ހިތްތައް އޭނައަށް ލަންބުވާލިޔަސް އޭނަ ނުހެއްލޭނެއެވެ.
"އެހާ ބާރުގަދަ މީހެއްތަ؟ "އަމީރާ އަހައިލިއެވެ.
"އަދި އަހަރެން ދަސްނުވާތީ ތިހެން ބުނަނީ..." ލޫސިއަން ހީގަތެވެ. ލޫސިއަން އަމީރާ ގެންގޮސް އެތެރޭގެ ކޮޓަރިއެއްގެ ކައުޗްގައި ބޭންދިއެވެ. މަޑު ރަޖާއެއް ގެނެސް އަމީރާގެ ގައިގާ އަޅާލަދިނުމުން އަމީރާއިނީ ބިއްލޫރި ކުޑަދޮރުތަކުން ނުވަރައެލިޔާގެ ނޭވާ ހިފަހައްޓަން މަޖުބޫރުވާފަދަ ރީތި މަންޒަރުތަކާއި އަލިތަކަށް ބަލަހައްޓައިގެންނެވެ. ލޫސިއާން ހޫނުކޮށް ހުރި ކުކުޅު ބިރިޔާނީއާއި ޗޮކްލެޓް ބުއިމެއް ގެނެސް ދެމީހުން އެކީގައި އެތާ ތިބެ ކެއިއިރު ލޫސިއާން ވަރަށް ގިނަފަހަރު އަމީރާގެ މޫނަށް ބެލިއެވެ. އެއިން ކޮންމެ ފަހަރަކު އެ ޚަންޖަރުގެ މިޔަފަދަ ތޫނު ދެލޮލުން އޭނަގެ ހިތް ފޫއަޅުވައިލިއެވެ. ހިތަށް ލިބުނީ ކެއްސެކެވެ. މިރޭ އޭނައަށް ލޫސިއާން ދެކެ ލޯބިވެވިއްޖެއެވެ. އެކަން ގަބޫލުނުކުރާ ހާލުގައެވެ. ލޫސިއާން މިދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގާކަށް ނޫޅުނެވެ. ކައިގެން ވާހަކަދައްކާލަން ތިބެފާ ހިނގާލަން ދާން ނުކުތެވެ.
ކުއްލިއަކަށް ލޫސިއާން އަމީރާގެ އަތުގައި ހިފަހައްޓައިލިއެވެ. އެބޮޑުދެއަތުގެ ތެރޭ އެ ނާޒުކް ގަނޑުފެންގަނޑެއްފަދަ އަތްތިލަ ލާފައި ފިތާލުމުން އަތް ދަމައިގަންނާކަށް އަމީރާއަކަށް ނުކެރުނެވެ. ލޫސިއާން ސާބިތުކޮށްދޭން މިއުޅެނީ ކޮންކަމެއްހެއްޔެވެ؟ އޭނަ މިއަދު ކޮންމެފަދަ އަމަލެއް ކުރިކަމުގައިވިޔަސް މާޒީ ގައި ޖެހުނު ލައްގަނޑު ނުފޮހެވޭނެއެވެ. ފިނިގަދަކަމުން އެހެން މީހެއްގެ ގާތްކަމާއި ހޫނުކަމަށް ބޭނުންވެފައިހުރި އަމީރާ ލޫސިއާންގެ އެ އަދާއާއި ދެކޮޅުހެދުމެއް ނެތި އޭނައަށް އަތްދީގެން ކުރިއަށް ދަނިކޮށް ގެއެއްގައި އޮތް ޖަމަން ޝެޕާޑެއްގެ ބާރުއަޑަށް އަމީރާ ލޫސިއާންގެ ގައިގާ ހިފައިގަނެގެން ކަދުރާގައި ބައްދައިގަތެވެ.
"ކާމް ޑައުން. އެއްވެސް ކަމެއްނުވާނެ. ޗޭނު ޖަހާފައި އެ ޑޯގް އޮންނަނީ. އެހާ ބިރުން އުޅޭ އެއްޗެއް ނޫނެއްނު........." ލޫސިއާން ގެ އަތުގެ ފުރިހަމަ ހިމާޔަތް އަމީރާއަށް ދިނެވެ. އެއާއިއެކު ދެމީހުންނަށް އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެނބެންފެށިގޮތަށް ކުރިން އިސްވީ ކާކުކަމެއް ނޭގެއެވެ. ދެމީހުންގެ މޫނު ކައިރިވީވަގުތު އަމީރާގެ އަތްތިލަވަނީ ލޫސިއާންގެ ފަންއިސްތަށިގަނޑާއި ލާމެހިފައެވެ. ފަސްވަރަކަށް މިނިޓްވީއިރު ދެމީހުންނަށް ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމެއް ރޭކާނުލިއެވެ. އެތައް ދުވަހެއްވާންދެން ހަނަފަސް ސަހަރާއެއްގައި އުޅެފައި ފިނިފެންފޮދެއް ލިބުމުން ކަރުހިއްކުން ފިލުވަމުން ދިޔަފަދައިންނެވެ. ލޯބީގެ ފޮނި އާރުގެ ތެރެއަށް ގެބުމަށްފަހު ބޯ ހިއްލައިލަން އެދޭނީ ކާކުހެއްޔެވެ؟ ދެމީހުންގެ ހިތުގެ ވިންދު ބާރުވެ ފަޅައިގެންގޮސްދާނެފަދައެވެ. އެއޮތް ގަދަ ފިނީގެ އިހުސާސްތައްވެސް ވަގުތީގޮތުން ކެނޑިއްޖެއެވެ. ހޭވެރިކަންވެ ވަށައިގެންވާ މާހައުލަށް ސަމާލުކަން ދެވުނީ ބާރު އަޑުފަށްގަނޑެއް އިވިފައެވެ. ކައިރީގައި ބޮމެއް ގޮއްވިފަދައިންނެވެ. އެއާއިއެކު ކޮންމެވެސް އެއްޗަކުން ލޫސިއާންގެ ގައިގާ ބާރަށް ޖެހުނެވެ. އަލިކަން ގަދަ ވަށް ފޮތްޗެއްފަދަ އެއްޗެއް ދާދި ކައިރިއަށް ވެއްޓިފާއޮތެވެ.
"ކާކުތަ ޖެހީ؟"އަމީރާ އޭރުވެސް ހުރީ ލޫސިއާންގެ ގައިގާ ހިފަހައްޓާލައިގެންނެވެ.
"ނޭގޭ...." ލޫސިއާންގެ ރަތްވެފައިވާ ތުންފަތުގައި ދަތްއަޅައިލަމުން ލޯ ހަނިކޮށްލާފައި ވަށައިގެންވާ އަނދިރިކަމަށް ބަލައިލީ ލޯ ހާނުވަން މަސައްކަތްކުރާ ފަދައަކުންނެވެ. ވަށައިގެންވަނީ ފުން ހިމޭންކަމެވެ.
"ވަރަށް ބިރުގަނޭ. ހިނގާ ދާން. ޕްލީޒް...." އަމީރާ އެދުނެވެ.
"ނަތިން ވިލް ހެޕެން...." ލޫސިއާން ބޭނުންވަނީ އަދިވެސް ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް އަމީރާއަށް "އޭމޮން" މަތިން ހަނދާންވުމާއިއެކު އެ އިންޒާރުގެ ޖުމްލަތައްވެސް ކަށިތަކެއްފަދައިން ހިތަށް ހެރެންފެށުނެވެ. ލޫސިއާންއަށް އޭނަގެ ސަބަބުން ގެއްލުމެއްވާކަށް އޭނަ ބޭނުމެއްނޫނެވެ. އެހެންވެ އެންމެފަހުން ލޫސިއާންއާއި ފާޑަކަށް ޒުވާބުކޮށް ރުޅިދައްކާލާފައި ގެއަށްއައިއިރު މަންމަމެން ތިބީ އަމީރާ ލަސްވެގެން އިންތިޒާރުގައެވެ. އަމީރާ ނިދަން އޮތީވެސް މަންމަމެން ކައިރީގައި އެކޮޓަރީގައެވެ. ނަޝީދު ބެލިގޮތުން އަމީރާ ފޫހިވެ އެކޮޓަރީގައި އޮންނަހިތް ނުވިޔަސް އެނޫންގޮތެއް މިރޭ ނެތެވެ. ބޯރަޖާތަކުގެ ދަށަށްވަންގޮތަށް އެންމެން ފޮނި އަރާމު ނިންޖެއްގައި ތިއްބާ އަމީރާ ހޭލެވުނީ ގައިގާ ވައިރޯޅިތައް ބީހޭކަހަލަ އިހުސާސްތަކެއްކުރެވިގެންނެވެ.
ދެލޯ ހުޅުވައިލިއިރު އޭނައޮތީ ގަހެއްގެ ދަށުގައެވެ. ތުނި ނައިޓީއެއްފިޔަވާ ފިނިން ސަލާމަތްވާނެ އެއްޗެއް ގައިގާނެތެވެ. އަނދިރިކަމުން ޖެހިގެން ހުންނަމީހާވެސް ފެންނަވަރެއްނޫނެވެ.